Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (5)

Liaa Level 710 Stories500 Comments100 Comments100 Stories1K Comments100 Login
September 1, 2017 7 Mins Read
22 Comments

“ޕްލީސް އަޝްފާން. އަހަރެން ދާންވެއްޖޭ..” ޔުމްނާ ގަދަކަމުން ކަހަލަ ގޮތަކަށް އަޝްފާންގެ އަތް ފޮޅުވާލަމުން ދުއްވައިގަތެވެ. އެވަގުތު ވިހުރިގެން ދިޔަ އޭނާގެ އިސްތަށިގަނޑުން ބައެއް އަޝްފާންގެ މޫނުމަތީގައި ބީހިލިއެވެ. އޭރު އަޝްފާންގެ ދެލޮލުން ރޮނގަކަށް ކަރުނަ ފައިބައިފައި ހުއްޓެވެ. އެއްއަތުގައި ޔުމްނާ އޭނާއާ ހަވާލުކުރި ފޮތް އޮތެވެ.

ފުރަން ތައްޔާރުވެފައި އޮތް ލޯންޗަށް އަރާފައިވެސް ޔުމްނާއަށް ބެލެމުން ދިޔައީ ބަނދަރު ކައިރީގައި ހުރި އަޝްފާނަށެވެ. އަޝްފާން ދެރަވެފައިވާތަން ފެނުމުން އެހިތަށް ތަދުވަމުން ދިޔަ ނަމަވެސް ކެތްކޮށްލައިގެން އިނީއެވެ. ކުއްލިއަކަށް އޭނާއަށް ތެޅިގަނެވުނީ ފަރީދު އައިސް އޭނާއާ ޖެހި ފިތިގެން އިށީނުމުންނެވެ. ކިތަންމެ އުނދަގޫވިޔަސް އޭނާ އެއްޗެކޭ ނުބުނީ މިހާރު އޭނާއަށް އެހައްޤު ނެތްކަން އެނގޭތީއެވެ. ކޮންމެގޮތެއް ވިޔަސް ފަރީދަކީ މިހާރު އޭނާގެ ހަލާލު ފިރިމީހާއެވެ.

ޔުމްނާއަށް ދެބުމަ ގޮށްޖަހާލެވުނީ ލޯންޗު ނައްޓާލި ވަގުތު ބަނދަރުމަތީގައި އެއްމިޔަކުން ހިނިތުންވެގެން ހުރި ރާމިޒު ފެނުމުންނެވެ. އޭނާއަށް ދެއަތް މުއްކަވާލެވުނީވެސް އިޚްތިޔާރުން ބޭރުގައެވެ. އެއީ ކޮންފަދަ ނުބައި ބައްޕައެއް ހެއްޔެވެ؟ އަމިއްލަ ދަރިފުޅުގެ ޢިއްފަތްތެރިކަން ފޭރިގަތުމަށްފަހު މިހާރު އެދަރިފުޅު ނުވެސް ދަންނަ، އެހާ އުމުރުން ދޮށީ މީހަކަށް ވިއްކާލާނީ އެ ބައްޕަގެ ހިތުގައި އެއްވެސް ރަހުމެއް ނެތީމައެވެ. ހިތަށް ކިތަންމެ އަސަރުކުރި ނަމަވެސް މިއީ އޭނާއަށް ހުރި ގޮތް ކަމުގައި ހިތަށް އަރުވާލަމުން ޔުމްނާ ހިތްހަމަޖައްސާލަން މަސައްކަތްކުރިއެވެ.

ދަތުރަށް ފުރީއްސުރެ ފަރީދުގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް ޔުމްނާގެ ހަށިގަނޑުން ވަކި ނުވެއެވެ. އޭނާގެ އެ ބެލުމުގައި އެކުލެވިގެންވަނީ ދަހިވެތިކަމެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން ބާރު ސްޕީޑުގައި ލޯންޗު ދުއްވަމުން ދިޔައިރު ޖެހެމުން ދިޔަ ބާރު ވައިރޯޅިތަކުގެ ސަބަބުން ޔުމްނާގެ ދިގު އިސްތަށިގަނޑު އެގޮތް މިގޮތަށް ހޫރެމުން ދިޔައެވެ. އެވަގުތު އިސްތަށިގަނޑު އައްސައިގެން އާދެވުނުނަމައޭ ޔުމްނާގެ ހިތަށް އެތަށް ފަހަރަކު އެރިއެވެ.

** **

ހުޅުލޭ ފެރީތެރޭގައި އިން އާރިކްގެ ނަޒަރު ހުއްޓިފައި ވަނީ އަތުގައި އޮތް ސްމާޓް ފޯނަށެވެ. ދެކަންފަތަށް ހެޑްސެޓު ޖަހާލާފައި ވީއިރު ވަށައިގެންވާ މާހައުލަށް އޭނާ ފަރުވާލެއް ނުބެހެއްޓިއެވެ. ފެރީތެރޭގައި އޭނާއަށް ނަޒަރު ހުއްޓައިގެން ނެތް އަންހެންކުއްޖަކު ވަރަށް ވެސް މަދެވެ. ލައިގެން ހުރި ގަދަ ނޫކުލައިގެ ގަމީހުގެ އަތް އުޅަނބޮއްޓަށްވުރެ ތަންކޮޅެއް މައްޗަށް އޮޅާފައި ވުމުގެ ސަބަބުން އެ ބާރުގަދަ މުލައްދަނޑި އޮތީ ހާމައަށެވެ. ގަމީހުގެ މޭމަތިން ތިން ގޮށް ނައްޓާފައި ހުރުމުގެ ސަބަބުން އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އެ އަސަރުގަދަ ދެލޯ ފޮރުވާލާފައިވަނީ ރޭބަން އަވި އައިނަކުންނެވެ.

މާލޭ ޓާމިނަލްއަށް ފެރީ ކައިރިކުރުމާއެކު މީހުންގަނޑުގެ ތެރެއިން އާރިކް ފައިބަން ހިނގައިގަތެވެ. ކޮނޑުގައި އަޅުވާފައިވާ ދަބަސް ހެޔޮވަރުކޮށްލަމުން އޭނާ ޖެޓީއަށް ފައިބައި ދެކޮޅު ހޯދާލިއެވެ. އެއަށްފަހު ފޯނުން މީހަކާ ގުޅާލިއެވެ. އޭރުވެސް އެތަނުގައި ތިބި ބައެއް އަންހެންކުދިން ދިޔައީ އާރިކްގެ ފޮޓޯވެސް ނަގަމުންނެވެ.

“އޭ ކޮބާތަ ކަލޭ؟ ބިޒީތަ؟” އެކޮޅުން ފޯނު ނެގުމާއެކު އާރިކް ވާހަކަދެއްކިއެވެ.

“ހަމަ ދެންމެ މި ޑިއުޓީ ނިމުނީ. ކިހިނެއްވީ؟” އެކޮޅުން މުނީރު ވާހަކަދެއްކި އަޑު އިވިގެން ދިޔައެވެ.

“އޭ ޖައްސާލަބަލަ ޖެޓީ ދޮށަށް މަ ބަލާ.” އާރިކް އެހެން ބުނެލުމާއެކު މުނީރު އެކަމާ އެއްބަސްވިއެވެ. ފޯނު ޖީބަށް ލުމަށްފަހު އާރިކް މަޑުމަޑުން ޖެޓީމަތީގައި ހިނގަން ފެށިއެވެ. އެއް ޖީބަށް އަތްޖަހާލައިގެން އޭނާ ހިނގަމުން ދިޔައިރު ބޭރުގެ މޮޑެލްއަކަށް ދޫނުކުރެއެވެ. އެ ހިނގުމުގައި އެހާވެސް ފިރިހެންވަންތަކަން އެކުލެވިފައި ވިއެވެ.

އާރިކް ހިނގަމުން ދަނިކޮށް ޖެޓީދޮށަށް ކައިރިކުރި ލޯންޗަކުން ފޭބި އަންހެން ކުއްޖެއް އެލޮލުގައި އަޅައިގަތެވެ. އޭނާއަށް އެކުއްޖާ ފެނުނީ ފުރަގަހުން ނަމަވެސް އޭނާގެ ޝަޢުޤުވެރިކަން ދަމައިގަތީ އެ ކުއްޖާގެ ދިގު އިސްތަށިގަނޑެވެ. އެވަގުތު ރާއްޖޭގައިވެސް ހަމަ އެހާ ދިގު އިސްތަށިގަނޑުގެ ވެރިން އުޅޭބާވައޭ އެ ހިތަށް އެރިއެވެ. ކައިވަތެއްހާ ތަން ދިގުވާއިރަށް އެ އިސްތަށިގަނޑު ބިންމަތީގައި ކޭއްތޭނެކަން ޔަޤީނެވެ. އެވަގުތު އޭނާއަށް އެ އަންހެންކުއްޖާއާ ދިމާއަށް ފާޑަކަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ލާންޗުން ފޭބި ޔުމްނާގެ ކަޅި އެކި ކޮޅުކޮޅަށް ދައުރުވަމުން ދިޔައެވެ. އެ ބީރައްޓެހި މާހައުލުން އިވެމުން ދިޔަ އަޑުތަކުގެ ސަބަބުން އޭނާގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. ދުއްވާ އެއްޗެހިގެ އިންޖީނުގެ އަޑާއި ބަރުގޮނުތަކުގެ އަޑު ފަޒާގައި ހިފާލާފައިވިއެވެ. އޭނާއަށް މާލެ މި އާދެވުނީ އަލަށް ކަމުން އޭނާއަށް އެކި ދިމަދިމާ ހޯދެނީއެވެ. ކުއްލިއަކަށް އެނބުރެލި ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ސީދާ އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ޒުވާނެކެވެ. އެ ޒުވާނާ ހުރި ގޮތުން ޔުމްނާގެ އަތްފައި ފިނިވާން ފެށިއެވެ. ކޮނޑުގައި އަޅުވާފައިވާ ދަބަހުގައި ބާރަކަށް ހިފަހައްޓާލަމުން އޭނާ އެ ޒުވާނާއަށް ފުރަގަސް ދިނެވެ.

އާރިކް ސިހުނީ ސައިކަލުގައި އައި މުނީރު ބާރަކަށް ބަރުގޮނު އަޅާލުމުންނެވެ. މުނީރު ފެނުމާއެކު މަޑު ހިނގުމެއްގައި އޭނާ ގޮސް މުނީރު ގާތުގައި ހުއްޓުނެވެ.

“ކޮބާ ހިނގާދާން!” ސައިކަލުގެ ހުންގާނުގައި ހިފަހައްޓައިގެން ހުރެ މުނީރު ވާހަކަދެއްކިއެވެ. މުނީރަކީ ގައިގެ ކުލަ އަލި މީހެކެވެ. ލައިގެން ހުރި ފުލުސް ޔުނީފޯމު މުނީރުގެ ވަރުގަދަ ހަށިގަނޑާ ނުހަނު ގުޅެއެވެ. އޭނާގެ ބޯ ތުނިކޮށް ކޮށާފައި ވީއިރު ތުނބުޅި މަތިމަސްވެސް ތުނިކޮށްލާފައި ވިއެވެ.

“އޭ މުނީރު. ބަލާބަލަ އެހެރަ ކުއްޖެއްގެ އިސްތަށިގަނޑަށް. ރެޕަންޒެލް އަށް ދޫނުކުރޭ..” އާރިކް އަވިއައިނު ނަގަމުން ލޮލުގެ އިޝާރާތުން މުނީރަށް ޔުމްނާ ދައްކާލިއެވެ. މުނީރުވެސް ޔުމްނާއަށް ބަލާލީ ޝަޢުޤުވެރި ނަޒަރަކުންނެވެ.

“ތެދެކޭ ދޯ.. ފޭކު އިސްތައްޓެއް ނޫންތަ އަނެއްކާ އެއީ؟” މުނީރު އެހެން އަހާލުމުން އާރިކް ޖަހާލީ ހިނިގަނޑެކެވެ.

“މި ޒަމާނުގެ އަންހެންކުދިން ވަރަށް ކަންނެތްވާނެ. އެހާ އިސްތަށިގަނޑު ދިގުކޮށްގެން އެމީހުންނަކަށް ނޫޅެވޭނެ.” މުނީރު ވިސްނުންތެރިކަމާއެކު ބުނެލިއެވެ. އާރިކްވެސް މުނީރު އެބުނި އެއްޗަކަށް އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ.

“އެކަމަކު އެ ކުއްޖާ ނުޖަހަ މާ ފެޝަން ވައްތަރެއް. ހީވަނީ ރާއްޖެތެރޭގެ ސާދާ ކުއްޖެއްހެން އެއީ.” މުނީރުގެ ފަހަތަށް އަރަމުން އާރިކް ވާހަކަދެއްކިއެވެ. އެވަގުތު މުނީރު ސައިކަލު ދުއްވާލިއެވެ. ދަމުން އޭނާ ޔުމްނާގެ ސޫރަ ރަނގަޅަށް އެ ސިކުނޑިއަށް ސްކޭންކޮށްލިއެވެ.

“ކޮބާ ހިނގާ ދާން.” ފަރީދުގެ އަޑަށް ޔުމްނާ ސިހިފައި އެނބުރެލިއެވެ. އޭރު ފަރީދު ހުއްޓިގެން ހުރީ އޭނާއާ ދާދި ގާތުގައެވެ. ފަރީދު ގެންގުޅޭ ޕްރައިވެޓު ކާރު ދުއްވާ މީހާ އޭރު ކާރަށް ފޮށިތައް އަރުވަނީއެވެ. ފަރީދުގެ އިޝާރާތައް ޔުމްނާ ގޮސް ކާރަށް އަރައި ހަމަޖެހެލިއެވެ. ކާރު ދުއްވާލުމާއެކު ޔުމްނާއަށް ދެއަތް ދެއަތާ މޮޑެން ފެށުނެވެ. އޭނާގެ ހަޔާތުގައި ދެން ކަންތައްވެގެން ދާނީ ކިހިނެއްބާވައޭ އެ ހިތަށް އަރަމުން ދިޔައެވެ.

ކާރު ގޮސް ހުއްޓާލީ ރީތިކޮށް ފަރުމާކޮށްފައިވާ ސިލްވާރ ކުލައިގެ ބޮޑު ގޭޓެއް ކައިރިއަށެވެ. ފަރީދުގެ ފަހަތުން ޔުމްނާ ކާރުން ފައިބައި އެ ގޭޓަށް ނަޒަރު ހުއްޓާލިއެވެ. އޭރު އެތެރޭގައި ހުރި ދޮރުވާނު ގޭޓުގައި އަޅުވާފައިވާ ބޮޑު ތަންޑު ނައްޓުވައި ގޭޓު ހުޅުވަނީއެވެ. ފަރީދު އެތެރެއަށް ވަންނަން ފެށުމުން އެމީހާ އަދަބުވެރިކަމާއެކު ބޯ ތިރިކޮށްލިއެވެ. ޔުމްނާގެ އަތުގައި ހިފައިގެން ފަރީދު އެ ބޮޑު ގަނޑުވަރެއްފަދަ ގެއަށް ވަނުމާއެކު ޔުމްނާ އާޝޯޚުވެފައި ހުރެ އެކި ކޮޅުކޮޅު ހޯދަމުން ދިޔައެވެ. ހަނިމަގަކުން ލާފައި ފަރީދުގެ ފަހަތުން އޭނާ ހިނގަމުން ދިޔައިރު އެ މުޅި ގޯތިތެރޭގައި ކާޕެޓު ވިނަ ހައްދާފައިވިއެވެ. އޯކިޑް، ފިނިފެންމާ އަދި ލިލީ ފަދަ މާގަސްތައް މުޅި ގޯތިތެރޭގައި ހައްދާފައިވިއެވެ. މުޅި ފަޒާތެރެ އެއްވަސްކޮށްލާފައިވަނީ އެ ގަސްތަކުގައި ފޮޅިފައިވާ މާތަކުގެ ހިތްގައިމު، ލުއި މީރުވަހުންނެވެ. ގޯތިތެރޭގެ އެއްފަރާތެއްގައި ފެންއަރުވާ ވަޑާމެއް ހުރިއިރު އެއާ ޖެހިގެން ހުރީ ބޮޑު، ތަނަވަސް ސުވިމިންގް ޕޫލެކެވެ. ރާއްޖޭގައިވެސް މިހާ ރީތި ގޭގެ ހުރޭބާވައޭ އެވަގުތު ޔުމްނާގެ ހިތަށް އެރިއެވެ. އެ ހިތްގައިމު މަންޒަރުތަކަށް ދުވަހަކުވެސް ބަލާ ފޫހި ނުވާނެކަން ޔަޤީނެވެ.

ތަނަވަސް، ބޮޑު ގެއަށް ވަދެވުމާއެކު ފަރީދު އެ ގޭގައި ގެންގުޅޭ ނޯކަރުންތަކަށް މެންދުރުގެ ކެއުން ތައްޔާރުކުރަން އަމުރުކޮށްލިއެވެ. އެއަށްފަހު އޭނާ ޔުމްނާ ގޮވައިގެން މިސްރާބުޖެހީ ކޮޓަރިތައް ހުންނަ ދިމާއަށެވެ.

“މީ ޔުމްނާގެ ކޮޓަރި. ފެންވަރައި ތާޒާވެލައިގެން ކާން ނިކުމޭ އިނގޭ.” ފަރީދު ހިތްހެޔޮ ހިނިތުންވުމަކާއެކު އެހެން ބުނެލީ ކޮޓަރިއެއްގެ ދޮރު ހުޅުވައި ޔުމްނާއަށް އެތެރެ ދައްކާލަމުންނެވެ. ޔުމްނާ އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ފަރީދު އަނެއްކާވެސް ވާހަކަދެއްކިއެވެ.

“މިއީ ޔުމްނާގެ ވެސް ގެ ކަމަށް ހީކޮށްލައިގެން އުޅުނީމަ ހުންނާނީ ރަނގަޅަށް. ތިހާ ބީރައްޓެހިކޮށް ނޫޅެއްޗޭ.” ފަރީދު އެހެން ބުނުމުން ޔުމްނާ މަޑުމަޑުން ކޮޓަރިތެރެއަށް ވަނުމަށްފަހު ދޮރު ލައްޕާލިއެވެ. ފަރީދުވެސް އެތަނުގައި ހުންނަން ނުހަދާ އޭނާގެ އަމިއްލަ ކޮޓަރިއަށް ދިޔައީ ފެންވަރާ ހަދާލުމަށެވެ.

އެ ބޮޑު ކޮޓަރި ތެރެއަށް ޔުމްނާ ބަލާލީ ފަރުވާތެރިކަމާއެކީގައެވެ. ސާފު، ތަރުތީބު ކޮޓަރިއެކެވެ. ބަލާލި ކޮންމެ ދިމާއަކުން އޭނާއަށް ފެނުނީ އަޅި އާއި ކަޅުކުލައެކެވެ. ކިންގް ސައިޒު އެނދަކާއި، އެއާ ގުޅޭ ޑްރެސިންގް ޓޭބަލްއެއްގެ އިތުރުން ބޮޑު އަލަމާރިއެއް ހުއްޓެވެ. ޔުމްނާ މަޑު ހިނގުމެއްގައި ގޮސް ކޮނޑުގައި އަޅުވާފައިވާ ދަބަސް އެނދުގައި ބާއްވާލުމަށްފަހު އިށީންދެލިއެވެ. މަޑު މަޑު އެނދެކެވެ. ލޯންޗު މަތީގައި އެތައް ފަހަރަކު ހޮޑުލެވުމުގެ ސަބަބުން ވެފައިވާ ވަރުބައްޔާއެކު އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ. އެވަގުތު އޭނާ ބޭނުންވީ ނިދާލަން ނަމަވެސް ފަރީދު ފެންވަރައިގެން ކާން އަންނާށޭ ބުނި ހަނދާންވުމުން އޭނާ ލުއްކެތް ޖަހާފައި ތެދުވިއެވެ. ދަބަހުން އޭނާގެ ތުވާއްޔާއި ލާނެ ހެދުމެއް ހިފައިގެން އޭނާ މިސްރާބުޖެހީ ފާޚާނާއާ ދިމާއަށެވެ.

** **

ރާމިޒު އައިސް ކޮޓަރީގެ ދޮރު ހުޅުވައިގަތް ވަގުތު އެނދުގައި އޮތް އާބިދާ އެދިމާ ބަލާލިއެވެ. އެތެރެއަށް ވަދެގެން އައި ރާމިޒުގެ މޫނުމަތީގައިވާ ނުލަފާ ހިނިތުންވުން ފެނި އާބިދާއަށް ދެއަތް މުއްކަވާލެވުނެވެ.

“ކޮބާ މަގޭ ދަރި؟” އާބިދާ އެހެން އަހާލީ މަޑުމަޑުން ނަމަވެސް އެއަޑުގައި ހިތްހަމަނުޖެހުން އެކުލެވިފައިވިއެވެ. ރާމިޒު އައިސް އާބިދާގެ މަގަތުގައި އިށީނެވެ. އޭރުވެސް އެ މޫނުމަތީގައިވި ހިނިތުންވުން ނުފިލައެވެ.

“މާލެއަށް ފޮނުވާލައިފިން. އާބިދާއަށް އެނގޭތަ؟ އަހަރެމެން މުއްސަނދިވީ! މުއްސަނދިވީ! ދެން އަހަރެމެންނަށް އެއްވެސް އިތުރު ކަމަކާ ވިސްނާކަށް ނުޖެހޭނެ.” ރާމިޒު ހެމުން ހެމުން އެހެން ބުނެލިއިރު އަމިއްލަ ދަރި މި ވައްޓާލެވުނީ ކިހާ ފުން ވަޅުގަނޑަކަށް ކަން ވެސް އިހުސާސް ނުކުރެވޭ ކަހަލައެވެ.

“ކަލޭގެ ހިތުގަ އެކުއްޖާއާމެދު ހަމަ އެއްވެސް ރަހުމެއް ނެތީބާއޭ އަހަރެންގެ ހިތަށްއަރާ..” އާބިދާ މަޑުމަޑުން އެހެން ބުނެލިއިރު އެ ދެލޮލުން ރޮނގަކަށް ކަރުނަ ފައިބަމުން ދިޔައެވެ. އަމިއްލަ ދަރިފުޅަށް ދިމާވި މުސީބާތުން ސަލާމަތްކޮށްދޭން އޭނާއަށް އެއްވެސް ކަމެއްނުކުރެވުނީތީ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ޔުމްނާ އުޅޭ ހާލު ނޭނގޭހާ ހިނދަކު އެ ކަރުތެރެއިން ކާއެތިކޮޅެއްވެސް ދިރޭނެހެނެއް ހިޔެއް ނުވެއެވެ. ގިސްލެވެން ފެށުމުން އާބިދާ އަނގަމަތީގައި އަތްއަޅާލިއެވެ.

** **

ފެންވަރައި ހަދައިގެން ޔުމްނާ ޑްރެސިންގް ޓޭބަލް ކުރިމަތީގައި ހުއްޓިގެން ހުރީ ފުނާއަޅާށެވެ. ގިނައިރު ދޫކޮށްލާފައި ވުމުގެ ސަބަބުން އެދިގު އިސްތަށިގަނޑުގައި ކޮންމެވެސްވަރަކަށް ގޮށް ޖެހިފައި ހުއްޓެވެ. ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލުމުން އޭނާ ގޮސް ދޮރު ހުޅުވާލިއެވެ. އޭރު ކުރިމަތީގައި އެ ގޭގައި ގެންގުޅޭ މަސައްކަތު މީހަކު ހުއްޓެވެ.

“ކާން ދުރުވަންވީ ނޫންތޯ؟” އެ އަންހެންމީހާ އެހެން ބުނުމާއެކު ޔުމްނާ މި ދަނީއޭ ބުނެލިއެވެ. ހަރަކާތްތައް އަވަސްކޮށްލަމުން އޭނާ އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއެއް ޖަހާލަމުން އެ އަންހެން މީހާއާ އެކީ ކާގެއަށް މިސްރާބުޖެހިއެވެ.

ކާގޭގެ ބަލާލި ކޮންމެ ދިމާއަކުން ޔުމްނާއަށް ފެނިގެން ދިޔައީ މުއްސަނދިކަމެވެ. ބިސްބުރެއްގެ ބައްޓަމަށްވާ ބިއްލޫރި ބޮޑު މޭޒުގެ ވަށައިގެން ގޮނޑި ޖަހާލެވިފައިވިއެވެ. މަތީގައި ހަރުކޮށްފައިވާ ޗާންދަލިއާގެ ސަބަބުން އެމާހައުލު އިތުރަށް ޝާހީކަމަށް ދައްކައެވެ. ޔުމްނާ ދިޔައިރު ފަރީދު ކާމޭޒު ދޮށުގައި ޔުމްނާގެ އިންތިޒާރުގައި އިނެވެ. ޔުމްނާ އައިސް ފަރީދުގެ ކުރިމަތީގައިވާ ގޮނޑީގައި އިށީންދެ، ކާމޭޒު މައްޗަށް ބަލާލިއެވެ. ތިޔާގި މޭޒުމައްޗެކެވެ. އެތަނުގައި ނެތް ބާވަތެއް މަދެވެ. ޖެހިލުންވެ އިނދެ ޔުމްނާ ކާންފެށީ ފަރީދުވެސް ކާން ފެށުމުންނެވެ. ކާން އިންއިރު ފަރީދު ދޭތެރެ ދޭތެރެއިން ޔުމްނާއާ ސުވާލެއް ކޮށްލައެވެ. އެ ސުވާލަށް ސީދާ ޖަވާބުދިނުން ފިޔަވައި އިތުރު ވާހަކައެއް ޔުމްނާ ނުދައްކައެވެ.

ކައިނިމުމާއެކު ފަރީދު ފައިބައިގެން ދިޔައެވެ. ޔުމްނާ މަޑުކޮށްލީ މޭޒުމަތިން ތަށިތައް ނަގަމުން ދިޔަ ނޯކަރު މީހާއާ ކުޑަކޮށް ވާހަކަދައްކާލުމުގެ ނިޔަތުގައެވެ. އެގޭތެރޭގައި ކަން ހިނގާގޮތް ދެނެގަންނަން އޭނާ ބޭނުންވިއެވެ.

“ކުޑަ މެޑަމް ދުރުވޭ އަރާމުކޮށްލަން. އަހަރެން ތަށިތައް ދޮވެލަފާނަން.” ޔުމްނާ ބައެއް ތަށި ނެގުމުން މަސައްކަތު މީހާ އެހެން ބުނެލީ އޭނާގެ އަތުން އެއެއްޗެހި އަތުލަމުންނެވެ. ޔުމްނާ އެމީހާއަށް ރަނގަޅަށް ބަލާލިއެވެ. އެއީ ތިރީހުގެ އަހަރުތައް ގުނަމުންދާ ދިވެހި އަންހެނެކެވެ. ކަޅު ދިގު ހެދުމެއް ލާފައި ހުރިއިރު އަޅާފައި ވަނީ ގޭގައި އަޅާ ކަހަލަ ކުޑަ ބުރުގަލެކެވެ. އޭނާ ޔުމްނާއާ އެހާ އަދަބުވެރިކޮށް ވާހަކަ ދެއްކުމުން ޔުމްނާ ލަދުގަތެވެ.

“އަހަންނާ ތިހާ އަދަބުވެރިކޮށް ދެން ވާހަކަ ނުދައްކައްޗޭ..” ޔުމްނާ އިސްޖަހާލަމުން ބުނެލިއެވެ.

“ކިތައް އަހަރު؟” އެމީހާ ތަށިތައް ގެންގޮސް ސިންކަށް އަޅާލަމުން އަހާލިއެވެ. ޔުމްނާ ގޮސް އެމީހާއާ ދާދި ގާތުގައި ހުއްޓެލިއެވެ.

“އަށާރަ.” މަޑުމަޑުން ޔުމްނާ ބުނެލިއެވެ. އެވަގުތު އެ އަންހެންމީހާގެ މޫނުމަތިން ހައިރާންކަމުގެ ކުލަވަރު ފެނިގެން ދިޔައެވެ.

“ޅަކުއްޖަކާއޭ އިންނަނީ ކިޔަސް ހިޔެއް ނުކުރަން ތިހާ އުމުރުން ހަގު ކުއްޖަކާ ކަމަށް ފަރީދު އިންނާނީކީ.” އެ އަންހެންމީހާ އެހެން ބުނެލުމުން ޔުމްނާ އިތުރަށް ލަދުގަތެވެ.

“އަހަންނަށް ކިޔަނީ އާލިމާ. މިގޭގައި އަހަރެން މަސައްކަތްކުރާތާ މިވީ މިހާރު 18 ވަރަކަށް އަހަރު. އަހަރެން ނުބުނާނަން ފަރީދަކީ ގޯސް މީހެކޭ. ގޭގައި ގެންގުޅޭ މަސައްކަތު މީހުންނާ ދިމާއަށް ވެސް އެމީހުން ހިތުގައި ޖެހޭނެ ވަރުގެ އެއްޗެއް ފަރީދު ދުވަހަކުވެސް ނުބުނޭ. އެކަމަކު އަހަރެން ހިތަށް އަރާ ފަރީދުގެ ދަރިންނަށްވުރެވެސް ކުޑަ ކުއްޖަކާ އިނީ ކީއްވެބާއޭ.” އާލިމާ ވާހަކަދެއްކީ ހިތްހެޔޮކަމާ މަޑުމައިތިރިކަމާއެކުގައެވެ.

“ފަރީދު ކުރިން އިން މީހާ ކޮބާ؟” ޔުމްނާ އަހާލިއެވެ. ފަރީދާ އިނދެގެން އުޅުނު ނަމަވެސް އޭނާއަށް ފަރީދާ ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގެއެވެ.

“ފަރީދުގެ ދޮށީ އަނބި ވީ މެލޭއަށް ގޮސް. މިޔަދު އަންނާނެހެން ހީވޭ.” އާލިމާ އެހެން ބުނުމުން ޔުމްނާއަށް ކުޑަވަރެއްގެ ޝޮކެއް ލިބިގެން ދިޔައެވެ. ފަރީދު އޭނާއާ އިނީ ދެއަންބަށް ހެއްޔެވެ؟

“ކިހިނެއްވީ؟ އެކޮޔަށް އަނެއްކާ ނޭނގެނީތަ ފަރީދު އެކޮޔާ އިނީ ދެއަންބަށް ކަމެއްވެސް؟” ޔުމްނާގެ މޫނަށް އަރައިފައިބަމުން ދިޔަ ކުލަވަރު ފެނުމުން އާލިމާ ސުވާލުކޮށްލިއެވެ. އެއާއެކު ޔުމްނާ މަޑުމަޑުން ބޯ ޖަހާލިއެވެ. އެ މޫނުމަތިން ފެންނަން ހުރީ ނުތަނަވަސްކަމުގެ އިންތިހާއެވެ. އެކަން އެނގިގެން ކަންނޭނގެއެވެ. އާލިމާ ޔުމްނާގެ އަތުގައި ހިފައިގެން ގޮސް ގޮނޑިއެއްގައި ބޭންދިއެވެ. އަދި އެއާ ޖެހިގެން ހުރި ގޮނޑީގައި އޭނާ އިށީނެވެ.

“ހާސްނުވޭ އެކޮއި. ފަރީދު ތިކުއްޖާއަށް ދެރަގޮތެއް ނުހަދާނެ އިރާދަކުރެއްވިއްޔާ. އެނގޭތަ؟ މީގެ 18 އަހަރު ކުރިން އަހަރެންމީ އަޅާލާނެ އެއްވެސް މީހަކު ނެތް ނިކަމެއްޗެއް. މައެއް ބަފައެއް ނެތް. ތިމާގެ މީހަކުވެސް ނެތް. އަހަރެން ކުޑަކުދިންގެ ހިޔާއަށް ލާން އުޅެނިކޮށް ފަރީދު އަހަރެން މިގެއަށް ގެނައީ. އޭރު އަހަރެންގެ އުމުރުން އެންމެ 17 އަހަރު. އޭރުއްސުރެ އަހަރެން މިގޭގަ މަސައްކަތްކުރަނީ. އަބަދުވެސް އަހަރެން ފަރީދުއަށް ވަފާތެރި ވެވޭތޯ ބަލާނަން. އޭނަ އަހަންނަށް އަޅާނުލިނަމަ އަހަންނަކަށް ނޭނގެ އަހަރެން އުޅެންޖެހޭނީ ކޮންފަދަ ހާލެއްގަ ކަމެއްވެސް.” އާލިމާ އަސަރާއެކު ކިޔައިދިނެވެ. އޭނާގެ ވާހަކަތަކުން އޭނާ ފަރީދުއަށް ކުރާ ޤަދަރު ޔުމްނާއަށް އެނގިގެން ދިޔައެވެ.

“އެކަމަކު އަހަންނަކަށް ނޭނގެ ނަސްރީން މެޑަމް ތި ކުއްޖާއާ ދޭތެރޭ ދެކޭނީ ކިހިނެއްކަމެއް. އަޑުއެހިން ބޮޑު މެޑަމް ވަރަށް ނުގަބޫލު ވާހަކަ ތި ކައިވެންޏަށް.” އާލިމާ ބޮޑު މެޑަމް އޭ ކިޔައި އެ މުޚާތަބުކުރީ ފަރީދުގެ ދޮށީ އަންބަށްކަން ޔުމްނާއަށް އެނގިގެން ދިޔައެވެ. އެވަގުތު އެހިތަށް ފާޑެއްގެ ބިރުވެރިކަމެއް ވަދެގެން ދިޔައެވެ.

ކުއްލިއަކަށް ގޭގެ މައިދޮރު ހުޅުވިގެން ދިޔަ އަޑާއެކު ދެން އިވެންފެށީ އަންހެނެއް ހިތްހަމަނުޖެހުމުގެ ރާގަކަށް ވާހަކަދައްކާ އަޑެވެ. އާލިމާ އަވަސް އަވަހަށް އެދިމާއަށް ހިނގައިގަތީ ނަސްރީން އައީކަން އެނގުމުންނެވެ. ޔުމްނާ ވެސް އާލިމާގެ ފަހަތުން ގޮސް ކާގެ ދޮރުމަތީގައި ހުއްޓެލިއެވެ.

ގޭތެރެއަށް ވަދެގެން އައި އަންހެންމީހާ ފެނުމުން ޔުމްނާއަށް އެއީ ފަރީދުގެ ދޮށީ އަނބިކަން ގާތްގަނޑަކަށް ޔަޤީންކުރެވުނެވެ. އެއީ ވެސް ރީތި މީހެކެވެ. އެ ދޮން މޫނުމަތިން ރުލުގެ އަސަރު ކޮންމެވެސް ވަރަކަށް ފާޅުވާން ހުރި ނަމަވެސް އެ ހަށިގަނޑުން އަދިވެސް ފެންނަނީ ޒުވާންކަމެވެ. ލައިފައި ހުރި ކަކުލާ ހަމައަށް އަރާ ހެދުމުގެ މޭމަތި އެސްތަކަކުން ޖަރީކޮށްފައިވާ ގޮތުން އެ ހެދުން ވަރަށް ޝާހީ ކަމަށް ދައްކައެވެ. ކޮނޑާ ހަމައަށް އަރާ އިސްތަށިގަނޑު އެކި ދިމަދިމާއިން ހައިލައިޓުކޮށްލާފައި ވެއެވެ.

ލޮލުގައިވާ އަވިއައިނު ނެގިއިރު ނަސްރީންގެ ކަޅި ހުއްޓިފައިވީ ސީދާ ޔުމްނާގެ މޫނަށެވެ. އެ ދެލޮލުން ފާޅުވަމުން ދިޔަ ނަފުރަތުން ޔުމްނާ ފިއްސާލަފާނެހެން އޭނާއަށް ހީވަމުން ދިޔައެވެ. ލިބިފައިވާ ނުތަވަސްކަމާއެކު ޔުމްނާއަށް ދެއަތް ދެއަތާ މޮޑެން ފެށުނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Liaa

Level 710 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ތި ލޯތްބަށްޓަކައި (3)

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އެކާވީސްވަނަ ބައި)

Next
September 1, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އެކާވީސްވަނަ ބައި)

Previews
September 1, 2017

ތި ލޯތްބަށްޓަކައި (3)

22 Comments!

  1. Liaa says:
    September 1, 2017 at 1:43 pm

    Hey Guys!
    Eid Mubaarak! <3 🙂
    Kohcheh tha hurihaa kudhin keiy mendhuru? 😀 hahha

  2. §ama? says:
    September 1, 2017 at 1:49 pm

    V reethi

    1. Liaa says:
      September 1, 2017 at 3:06 pm

      Thank u Sama 🙂

  3. Shaina says:
    September 1, 2017 at 1:54 pm

    Wow ? vrh reethii mi part ves. Next part avas kohdhehchey.. liaa aadhey kaan.. ?? nd eid mubaarak too

    1. Liaa says:
      September 1, 2017 at 3:06 pm

      Thank u dear.. 🙂
      Haha.. Okay Liaa midhanii thi geyah kaan

  4. ummuaan says:
    September 1, 2017 at 2:21 pm

    nice.?? eid mubarik

    1. Liaa says:
      September 1, 2017 at 3:07 pm

      Thank u dear.. 🙂

  5. Raiya says:
    September 1, 2017 at 2:38 pm

    Fried rice,butter chicken.. as a desert chocolate moose or mouse( idk the spellin?) and fruit salad. Liaa aadhey kaan.. and the story is nice.
    Eid mubarak❤

    1. Liaa says:
      September 1, 2017 at 3:08 pm

      Thank u Raiya 🙂
      Yum yum.. Liaa ge kulhu dhiyaa vey eba mihaar! Alhe Liaa gendhebala thi geyah kaan.. hehe <3

  6. Any says:
    September 1, 2017 at 3:15 pm

    Eid Mubarak v reethi

  7. Raiya says:
    September 1, 2017 at 3:48 pm

    Liaa aadhebala dhww… huvafenuga!????? eyrun raiya liaa ah kaandheynan v meeru koh !!!!! Lmao????

  8. Hafeez says:
    September 1, 2017 at 3:58 pm

    Varah Reethi Mi part vess waiting for next. Avahah up kohdhechchey. Eid Mubarak

  9. mal-mal says:
    September 1, 2017 at 5:12 pm

    varah reethi mi part ves. alhe Yum ah dhera gotheh nahadhahchey!! when is the next update???

  10. mal-mal says:
    September 1, 2017 at 6:43 pm

    mi geyga kaey bakari mas. Liaa beynuntha?? ???
    Eid mubarik!!

  11. khajja says:
    September 1, 2017 at 7:10 pm

    Ohhh wow masha allah stry v rythi v furihama ?? whn nxt prt avaskolladhechchey n eid mubaarak??❤❤??

  12. dytto says:
    September 1, 2017 at 8:17 pm

    Vv reeethi nxt prt ves avas kuracheyyy….
    Nd eid mubaarak to alll of u

  13. Anm says:
    September 1, 2017 at 8:46 pm

    V salhi

  14. Azu says:
    September 1, 2017 at 10:24 pm

    Maa fahun viyya vaahaka mi kiyunee…kaan invite ves nukurevunu dho…sorry lia…hehe
    Vaahaka vvv reethi…Eid mubarak

  15. zail says:
    September 2, 2017 at 12:55 am

    vv reethi

  16. A.S.Cain says:
    September 2, 2017 at 2:06 am

    nice story. Eid Mubarak. 🙂

  17. click a shot ? says:
    September 2, 2017 at 11:40 am

    Varah salhi mi part ves..waiting for the next part..take care..love you?

  18. Nadheema says:
    September 2, 2017 at 1:36 pm

    Alhugandu ke we banbukeyo bai!
    Liaa ke we koacheh Tha? Hehehe: )
    Loving story ??

Comments are closed.


All Right Reserved!