ލޯބިން އަންނާށޭ ކަލާ…
(އަށްވަނަ ބައި)
އެއީ ރަށުގެ ހޭޅިފަށާ ދިމާލުން މީހުން އެންމެ ގޮސް ނޫޅޭ ހިސާބުކަމުން އެހސާބަށް ފެތުރިފައިވާ ފަނޑު އަލިކަމުގެ ތެރެއިން ޒާހިރު ފެނުމާއެކު ހެދުމުން ވެލި ފޮޅާލަމުން ކުއްލިއަކަށް އެޑްރިއެއްލާއަށް ތެދުވެ އިށީންދެލެވުނެވެ.
” މަ ބުނީ އޮށޯވެލަންހޭ؟! ތެދުވާށެކޭ ނުބުނަމެއްނު.. ވަރަށް ބިރުގަނެއްޖެ ދޯ؟” ގާތް ގޮތަކަށް ހެމުން ޒާހިރު އެޑްރިއެއްލާގެ ގާތުގައި އިށީންދެލިއެވެ. ނުބަލަން އުޅުނަސް އެހިނދު އޭނާ ސިއްރު ނަޒަރުތަކުގެ އަމާޒަކަށްވެފައިވަނީ ހުރަހެއްނެތި ތުނި ހެދުމުގެ ތެރެއިން ފާޅުވަމުންދިޔަ އެޑްރިއެއްލާގެ ވަނާތަކަށެވެ. ހާސިލް ކުރަން ބޭނުންވާ ކަންތައް ހާސިލް ނުވަނީސް އޭނާގެ ހިތްނިޔަތް ޚަރާބުވެ، އުއްމީދުގެ ކުރިމަތީ އިސްޖަހާލަން ޖެހިދާނެތީ ޒާހިރުގެ ހިތް ނުތަނަވަސްވިއެވެ. އެވަގުތު ބޭއިޚްތިޔާރުގައި އޭނާއަށް އެޑްރިއެއްލާއާ ތަންކޮޅެއް ދުރަށް ޖެހިލެވުނެވެ. އަދި އޭނާގެ ލޮލުގެ ނަޒަރު ސީދާ ކަނޑުންނަގަމުންއައި ފިނި ރޯޅިތަކާއެކު ބަނޑި ބަނޑި ލައްވަމުން ވެލިގަނޑުގައި ފެތުރިލާފައިދާ ރާޅުތަކާދިމާލަށް ހުއްޓާލިއެވެ. އެރޭ ދެގަޑިއިރެއްހާއިރު ހޭދަވި އިރު އެޑްރިއެއްލާއާ ބެހޭ ވަރަށްގިނަ ކަންކަން އޭނާ އޮޅުންފިލުވިއެވެ.
ދުނިޔެއިން ފާއިތުވަމުންދާ ކޮންމެ ދުވަހަކާއެކު ބައެއް ގުޅުންތައް ވީރާނާ ކަމުގައި ބަނދެވެމުންދާއިރު، އަނެއްބައި ގުޅުންތައް މިނެއްނެތިހެދި ފޯދެމުން ދިއުމަކީ ދުނިޔެ ދައްކާ ހަގީގަތެވެ. އެޑްރިއެއްލާގެ ހިތުން ޒާހިރުއަށް ޓަކައި ފައްކާވަމުންދިޔަ ލޯބީގައި ކުރި ޖަހައި ހެދިގަތީ އެ ކުރިތަށް ކޮށައި ވަކި ކުރުމަށް އެޑްރިއެއްލާއަށް ދުވަހެއްގެ ކޮޅުންވެސް ކުޅަދާނަ ނުވާނެ މިންވަރަށެވެ. އިޝްޤީ ލޯތްބަކީ ހިތް މޮޔަ ކުރުވާ، ސިކުނޑި ހަމައިން ނައްޓުވާލާފަދަ ބާރު ގަދަ އިހްސާސެކޭ އެބުނާ ބުނުމަކީ ކިހާ ބޮޑު ހަގީގަތެއް ހެއްޔެވެ؟ ޒާހިރުއާއެކު މަސައްކަތް ކުރަންފެށިތާ އަހަރެއްވީއިރު، އެޑްރިއެއްލާވަނީ އެ ލޯބީގައި ރަނގަަޅަށް ދިވާނާވެފައެވެ. ހިތް ދިވާނާވެފައި ވީނަމަވެސް ލޯބީގައި ބުއްދި ހަމައަށް ބެހެއްޓުމަކީ ކިހާ މުހިންމު ކަމެއްކަން އެޑްރިއެއްލާ ކުޑަކޮށްވެސް ވިސްނައެއް ނުލައެވެ. ލިބިފައިވާ ފުރުސަތުގެ ފޮނި މީރުކަން ޒާހިރު ލިބިގަންނަމުން ދިޔައީ ހައްދެއްނެތި އެވެ.
” ކޮން އިރަކުން ދެންު އަހަންނާ މެރީ ކުރާނީ….؟! އަހަރެމެންގެ މި ގުޅުމަށް އަހަރު ވާން ދެން މާގިނަދުވަހެއްނެތެއްނު…. އަހަރެން ބޭނުން ޒާހިރުގެ މައިންބަފައިންނާ ބައްދަލުކޮށްލަން..” އަބަދުވެސް ދެމީހުން ބައްދަލުކުރާ ހޭޅިފަށުގައި ޒާހީރުގެ ގާތުގައި ޖެހި ފިތިގެން އޮށޯވެ އޮވެ އެޑްރިއެއްލާ އެހެންބުނެލީ ހިތުގައި ކުރެހެމުން ދިޔަ މުސްތަގުބަލުގެ ޗާޓުގައި ހަގީގީ ކުލަ ޖެއްސުމުގެ ނިޔަތުގައެވެ.
” އެޑްރިއެއްލާއަށް އެނގެއެއްނު އަހަންނަކީ މުސްލިމެއްކަން… އަހަރެން ކިހިނެތް އެޑްރިއެއްލާއާ ކައިވެނި ކުރާނީ؟!” ޒާހިރުގެ ހިތުގައި އެޑްރިއެއްލާއާ ކައިވެނި ކުރުމުގެ އެއްވެސް ގަސްދެއްނެތެވެ.
” ޒާހިރުއާ ބައްދަލުވުމުގެ ކުރިންވެސް އަހަރެން އިސްލާމް ދީން ދަސްކުރަން ބޭނުންވި… އަހަރެން ބޭނުން އިސްލާމް ވާން!” އެ ލޯތްބަށްޓަކައި އީމާން ބަދަލުކުރަންވެސް އެޑްރިއެއްލާ ތައްޔާރެވެ. މުޅިއަކުން އެހެންނެއްވެސް ނޫނެވެ. ދިވެހިންދެކެ އޭނާވާ ލޯތްބާއި ދިވެހި ސަގާފަތްތެކެ އޭނާ ވާލޯބީގެ ތެރެއިން އިސްލާމް ދީނާމެދު އޭނާގެ ހިތުގައި ޝައުގުވެރިކަން އުފެދިފައިވާތާ ކިތައްމެ ދުވަހެކެވެެ. އެކަން ފަސްވެފައިވަނީ މިތަނުގަ އުޅެގެން އެކަމުގައި އޭނާއަށް އެހީވެދޭނެ ރަނގަޅު މީހަކު ލިބިފައި ނުވާތީއެވެ. އެރޭގެ ބައްދަލުވުން ނިމިގެން ދިޔައީ ޒާހިރުގެ ފަރާތުން ކައިވެނީގެ ވައުދެއްވެސް އަދި އިޝާރާތެއްވެސް ދިނުމެއްނެތިއެވެ. އެޑްރިއެއްލާ ދެރަވިއެވެ. ޒާހިރުއާ އޭނާ ދައްކަން ބޭނުންވެ ނުދެއްކިފައިވާ މުހިންމު ވާހަކައެއް އޭނާގެ ދުލާ ހަމައަށް ނުގެނެވުނީ އެހެންވެއެވެ.
ޖެހިގެންއައި ދުވަހު ޒާހިރު އޮފީހަށް ހާޒިރުނުވާތީ، ޒާހިރުއަށް ވީގޮތް އެޑްރިއެއްލާ އޮޅުންފިލުވިއެވެ. ޒާހިރު ރިޒޯޓުން ކެނޑިގެން މާލެދާން އުޅޭ ވާހަކަ އިވުމުން އެޑްރިއެއްލާގެ ހިތް ނުތަނަވަސްވިއެވެ. ވަގުތުން ކުރަން އިން މަސައްކަތް ހުއްޓާލުމަށްފަހު ޒާހިރުގެ ކޮޓަރިއަށް އެޑްރިއެއްލާ ދިޔައެވެ. އެވަގުތު އެކޮޓަރީގައި އުޅޭ އަނެއް ދެ ފިރިހެން ކުދިން މަސައްކަތުގައި އުޅޭތީ ކޮޓަރީގައި އުޅެނީ ޒާހިރު އެކަންޏެވެ. އެނދުމަތީގައި ޕެކްކޮށްނިމިފައިވާ ދަބަސް ހުރިތަން ފެނުމުން އޭނާއަށް އިވުނީ ތެދެއްކަން އެޑްރިއެއްލާއަށް އެނގުނެވެ.
“ދަނީތ؟!… ދެން ނާނާނަންތަ؟!” ހިފެހެއްޓުމެއްނެތި ހޯސްލާފައި އެޑްރިއެއްލާގެ ލޮލުން ދެމިގަތް ކަރުނަތަށް އޭނާގެ ދޮން ކޯތާފަތް ތެތްމަމުން ދިޔައެވެ.
” އާން…” އެޑްރިއެއްލާއަށް ބަލައިވެސް ނުލައި ޒާހިރު ބުނެލިއެވެ.
“އެނގޭތަ އަހަރެން ޕްރެގްނެންޓްކަން؟!” ގޮތް ހުސްވެ، އާދޭސް ކުރާ ރާގެއްގައި އެހެން ބުނެލުމާއެކު ޒާހިރު ދިޔައީ ސިއްސައިގެންނެވެ.
” ކާކުގެ ދަރިއަކަށް؟!!!” ދެނެހުރިކަމަށްވެސް ހަދައިނުލައި ރަހުމްކުޑަކަމާއި ހިތް ހަރުކަމާއެކު އެޑްރިއެއްލާ އާ ދިޟާއަށް ބަލައިވެސް ނުލައި ޒާހިރު އެހެން ބުނެލުމާއެކު އެޑްރިއެއްލާ ގެ ފައިން ވާގި ދޫވިހެން އޭނައަށް ހީވިއެވެ. މުޅި ހަށިގަނޑު ފިނިވެ ހިތް އަވަސްވެލިއެވެ. ޒާހިރުގެ ފަރާތުން އެފެނުނު ލޯތްބާއި އަޅާލުމަކީ އަވާމެންދުރެއްކަން އޭނާއަށް ރޭކާލީވެސް އަދި ކިރިޔާއެވެ.
” ކަލޭގެ ދަރިއަކަށް… ނޭނގޭތަ އެކަމެއް؟!” ގަދަ އަޑުން ރޮއެގަންނަމުން އެޑްރިއެއްލާ ހަޅޭއްލަވައިގަތެވެ. ޒާހިރު އަޅައިވެސް ނުލައި ގޮސް ވަނީ ފާޚާނާއަށެވެ. ލިބުނު ކެހީގެ ސަބަބުން ގަނޑުވެފައި ހުރި އެޑްރިއެއްލާއަށް އަޑުންއަޑުނަގައި ރޮއުން ނޫންކަމެއް ނުކުރެވުނެވެ. ފިރިހެނުންގެ މަކަރުވެރިކަމާމެދު އެހާވަރަށް ހުށިޔާރުވެގެން އުޅުނު އެޑްރިއެއްލާ މި ނުބައި ނުލަފާ މަކަރުވެރިޔާގެ މަކަރުގެ ދަށުވީ ކިހިނެތް ހެއްޔެވެ؟ ކޮޓަރީގެ ކަނެއްގައި އިން ކުޑަ މޭޒުމަތީ އިން ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. އެޑްރިއެއްލާގޮސް ފޯނުނެގިއެވެ.
“ޒާހިރު ކޮބާ؟!” އެކޮޅުން ވާހަކަ ދެއްކީ އަންހެނެކެވެ.
“ތީ ކާކު؟!” ތުރުތުރުއަޅާ އަޑަކުން އެޑްރިއެއްލާ އެހިއެވެ.
“މީ ޒާހިރުގެ އަންހެނުން……” ހިނދުކޮޅަކަށް ކަންފަތް ބީރުވި ކަހަލަ އިހުސާސަކާއެކު ބޭއިޚްތިޔާރުގައި އެޑޤރިއެއްލާއަށް ފޯނު ކަނޑާލެވުނެވެ. ޒާހިރު ފާޚާނާއިން ނުކުތީ އެވަގުތުއެވެ.
” މީހަކާވެސް އިނދެގެން އުޅޭ މީހެއްދޯ ތިއީ..؟!” އެޑްރިއެއްލާ ރުޅިވެރިކަމާއެކު އެހެން ބުނެލަމުން ގޮސް ޒާހިރުގެ މޫނުމަށްޗަށް އޭނާގެ އަތުގެ ހޫނުހަމަލާއެއް ރައްދުކުރިއެވެ. ޒާހިރުގެ އަނިޔާވެރިކަން އެޑްރިއެއްލާއަށް ތަޖުރިބާ ކުރެވުނީ އެވަގުތުއެވެ. ކޮޓަރިތެރެއަށް ކޮއްޕާލައި އެޑްރިއެއްލާ ވައްޓާލިލެއް ބާރުކަމުން މޫނު މައްޗަށް އަނދިރިވިއެވެ.
ހޭވެރިކަން ވީއިރު ޒާހިރު އަބަދަށްޓަކައި އޭނާއަށް ގެއްލިއްޖެއެވެ. އޭނާގެ ހުރިހާ އެއްޗެއް ހިފައިގެންނެވެ. އަމިއްލަ ނަފްސުގެ އަގާއި ލޯތްބަށް އެޑްރިއެއްލާ ކުރި ގަދަރުވެސް ނެތިކޮށްލާފައެވެ.
އެޑްރިއެއްލާ މާބަނޑުވި ހަބަރު އެންމެންނަށް އެނގުމުގެ ކުރިން ބަނޑުގައިވާ ދަރިފުޅު ވައްޓާލުމަށް އެކުގައި މަސައްކަތްކުރި ރައްޓެހިން އޭނައަށް ނަސޭހަތްތެރިވިއެވެ. އެ ނަސޭހަތްތަކަށް އޭނާ ބީރުކަންފަތެއްދިނީ އޭނާ ކުރި ކުށުގެ އެއްވެސް ހިއްސާއެއްނެތް އެ ތުއްތު މައުސޫމް ފުރާނައަށް އެކުށުގެ އަދަބު ދޭން ބޭނުން ނުވީތީއެވެ. ބަލްޚާ މިދުނިޔެއަށް ނޭވާލި ފުރަތަމަ ދުވަހު، އަތްމަތީގައި އެތުއްތު މައުސޫމް ކުއްޖާ ބާއްވާލައިގެން އޮވެ އެޑްރިއެއްލާ އެތައް އިރެއް ވަންދެން ރުޔެވެ. އެކުއްޖާ ފުޅުގެ ނަސީބާ ދޭތެރޭ ހިތާމަކުރަމުންނެވެ. ރާއްޖެ ދޫކޮށް އެޑްރިއެއްލާ ބަލްޚާ ގޮވައިގެން ފްރާންސްއަށް ބަދަލުވީ ބަލްޚާގެ އުމުރުން ހަ އަހަރުވެސް ވީފަހުންނެވެ. އެއިރު އެޑްރިއެއްލާއަކީ އިސްލާމް ދީނުގެ ހިދާޔަތު ލިބިފައިވާ މުސްލިމެކެވެ. އޭނާ އިޚްތިޔާރު ކުރި ތެދު މަގުގެ ސަބަބުން މަގުގެއްލި ޣާފިލުކަމުގައިވި އިސްލާމްދީނާ ބީރައްޓެހި އެޑްރިއެއްލާގެ މައިން ބަފައިން އެހާހިސާބުން އެޑްރިއެއްލާ ބާކީކޮށްލިއެވެ. އެވަރުންވެސް ދިރިއުޅުމާމެދު އުއްމީދުކަނޑައި ނުލައި އޭނާ ދިރިހުރީ ކުޑަކުޑަ ބަލްޚާއަށް ޓަކައެވެ. އޭނާ ބަލްޚާއަށް އިސްލާމް ދީން ދަސްކޮށްދިނެވެ. ބަލްޚާގެ މާދަރީބަހުގެ ގޮތުގައި ދިވެހިބަސް ހެދުމަށްޓަކައި، އޭނާގެ އަމިއްލަ ބަހާ ބީރައްޓެހިވިއެވެ. ތެދެކެވެ. މާތްﷲ އިންސާނާއަށް މުސީބާތްތަކާއި ދެރަތައް މިންވަރުކުރައްވަނީ އިންސާނާ އިމްތިހާނުކުރުމަށްޓަކައެވެ. ދިރިއުޅުމުގެ އިމްތިޙާނުގައި ފެއިލްނުވެ މުސީބާތްތަކަށް ކެތްކުރަން އާދަވެއްޖެ މީހާގެ ހުރިހާ ހިތާމައެއް މާތްﷲ ޤިޔާމަތް ދުވަހުން ފުއްސަވާނެކަމުގައި ބުނާ ބުނުން އެޑްރިއެއްލާ ގަބޫލުކުރިއެވެ. ދިރިއުޅުމުގައި ކުރިމަތިވި ދެވަނަ އިމްތިހާނާވެސް އޭނާ ކުރިމަތިލީ ﷲ ގެ މިންވަރު ފުޅަށް ރުހެމުންނެވެ. ހަމައެކަނި ދެރަވީ އެއިމްތިހާނާއެކު އޭރު ޢުމުރުން އެންމެ ދިހަ އަހަރުގެ ބަލްޚާއަށް ވާނެގޮތް ހިތަށް އަރާފައެވެ. އެޑްރިއެއްލާއަށް ރަހިމުގެ ކެންސަރު ޖެހިފައިވާކަން އޭނާއަށް އެނގުނީ އެ ނުރައްކާތެރި ބަލީގެ ވަރަށް ނާޒުކު ހިސާބަކުންނެވެ. ދެން ދުނިޔޭގެ މިދަތުރުގައި މާގިނަ ދުވަހެއް ނެތްކަން އެނގުމުން އެޑްރިއެއްލާގެ ހަޔާތުގެ ހުރިހާ ސިއްރުތަކެއް ބަލްޚާގެ ސިކުނޑިއަށް ފަހުމްވާނޭ މިންވަރަށް އޭނާ ބުނެދިނެވެ. ޢުމުރުން އެންމެ 13 އަހަރުގައި މަންމަ ވަކި ވުމުގެ ހިތާމަޔާއެކު ޒާހިރު އުޅޭތަން ހޯދައިގެން ބަލްޚާ މާލެ ބަދަލުވީ ޒާހިރުއަށް އެތަށް އާދޭސްތަކެއްކުރުމަށްފަހުގައެވެ. ދުލުން ނުބުންޏަސް ކުރެވުނު ކަންކަމާއި ހެދުނު ގޯސްތައް ކޮންމެވެސް މިންވަރަކަށް އޭނާއަށް ގަބޫލު ކުރެވިފައިވާތީީ ކަންނޭނގެއެވެ. އެޑްރިއެއްލާގެ ދަރިއެއްކަން އެނގުމުން އެގޭގައި ގެންގުޅޭ ބަސަންތީގެ ގާތް ކުއްޖެއްކަމުގައި ބުނެ އެގެއިން “ނޯކަރެއް” ގެ ވަޒީފާ ޒާހިރު ބަލްޚާއަށް ދިނީ ސީމާއަށް އޭނާގެ ހަގީގަތް ބޭޒާރުނުކުރަން ވަޢުދު ކުރުވާފައެވެ. ބަލްޚާއަށް ސުކޫލަށް ދެވޭ ގޮތްވީ ސީމާގެ އޯގާތެރިކަމުންނެވެ. ބަސަންތީއަށް އޭނާ ކުރާ އިހްތިރާމްގެ ސަބަބުންނެވެ.
********
“ބަލްޚާ! ބަލްޚާ… އޭތް ކިހިނެތް ތިވަނީ؟!…” ކުރިމަތީގައި އިނދެ ބަލްޚާގެ ގައިގައި ހިފައި ޖައިޝް، ބަލްޚާ ތަޅުވައިގަތެވެ. އެއިރު ބަލްޚާވަނީ ހަމަ ރަނގަޅަށްވެސް ގިސްޖެހިފައެވެ،
“ސޮޜީ އަހަންނަށް ކުރެވުނީ ކުރަން ނުވާ ސުވާލެއް ދޯ؟!” ފުރަތަމަ ފަހަރަށް ބަލްޚާ ރޯތަން ފެނުމުން ޖައިޝްގެ ހިތަށް ތަދުވިއެވެ. އެވަގުތު ބަލްޚާ އޭނާގެ މެޔާލާ ބޮނޑިކޮށްލަން އޭނާ ބޭނުންވިއެވެ. އެހެންނަމަވެސް އޭނާގެ އިހްސާސއްތަކުގެ މައްޗަށް އޭނާ ގަދަވެލިއެވެ.
“ނޫން… އިޓްސް އޯކޭ… އަހަރެންގެ މަންމަ އަހަރެންގެ ޢުމުރުން 13 އަހަރުގައި ނިޔާވެއްޖެ… ބައްޕަވެސް މަންމަގެ ބަނޑަށް އަހަރެން ދޫކޮށްލުމަށްފަހު….. ” އަނެއްކާވެސް ބަލްޚާއަށް ގިސްލެވެންފެށުނެވެ. އޭނާގެ ހިތަށް މިވަގުތު ކޮށްފައިވާ ފުން އަސަރު ދެނެ ގަނެވުމުން ބޭއިޚްތިޔާރުގައި ބަލްޚާގެ ކައިރީގައި އިށީނދެ ބަލްޚާގެނެސް ޖައިޝްގެ މޭމަތީގައި ލައްކޮށްލެވުނެވެ. ދޮރު ހުޅުވުނުއަޑު އިވުނީ އެވަގުތުއެވެ. ތެޅިގަންނަމުން ޖައިޝް ކުރިން އިން ގޮނޑީގައި އިށީންދެލިއެވެ. ކޮޓަރިން ނުކުމެގެންއައި ޠައްޔިބުގެ ފަސްފަހަތުން އިނާޒާވެސް އައިސް ސޯފާގައި އިށީންދެލިއެވެ.
“ކޮބާ،، ބަލްޚާ ތިއައީދޯ؟! މިއީ އަމިއްލަ ގެ ކަމުގައި ދެކިގެން އުޅޭ އިނގޭ! އެއްވެސް ކަމެއް ބޭނުމިއްޔާ މިގޭ ކޮންމެ މީހެއްކައިރީ ބުންޏާސް އެކަން ވާނެ!” ހިތްހެޔޮ ޠައްޔިބު އޯގާތެރިކަމާއެކު އެހެން ބުނެލުމުން ބަލްޚާ ހިނިތުންވެލިއެވެ. މޫނިކުނިކޮށްލައިގެން އިނީ އިނާޒާއެވެ. ބަލްޚާގެ ވިސްނުންތޫނު ސިކުނޑިން އެކަން ދެނެގަތްލެއް އަވަހެވެ.
” ކިހާ ދުވަހެއްވާނެ މިގޭގަ؟!” ކެތްތެރިކަން ކުޑަވެފައި އިނދެ އިނާޒާ އެހެން އަހާލުމުން ނުރުހުމުގެ ނަޒަރަކުން ޠާއްޔިބު އިނާޒާއަށް ބަލައި ލިއެވެ.
“ބަލްޚާ ބޭނުން ދުވަހެއް ވަންދެން މިގޭގަ ހުރެވޭނެ!” ޠާއްޔިބު އެހެން ބުނެލުމަށްފަހު ކާކޮޓަރިއަށްވަނެވެ. އަދި ސައިބޯން އައުމަށް ބަލްޚާއާއެކު އެންމެނަށް ދައުވަތު ދިނެވެ.
ޖައިޝްގެ ގެއަށް ބަލްޚާ ބަދަލުވިތާ ދެތިން އަހަރު ފާއިތުވީއެވެ. ބަލްޚާގެ ހިތުަގއި ޖައިޝްއާމެދު އުފެދިފައިވާ ލޯބި ސިއްރުކޮށް ޖައިޝްއާ ދުރު ދުރުން އުޅުމަށް އޭނާއަށް ވަނީ މަޖުބޫރުވެފައެވެ.އިނާޒާގެ ނުރުހުމާއި ހިޝާންއަށް އޭނާވި ވަޢުދުގެ ސަބަބުންނެވެ. ހިޝާން މީގެ ހަތަރު ވަރަކަށް އަހަރުކުރިން ދިން ލޯބީގެ ދަޢުވަތު ގައި ދެމިހުރެ، ހިޝަން ކިޔަވައި ނިމިގެން އަންނަންދެން އޭނާގެ އިންތިޒާރުގައި ހުރުމަށް ބަލްޚާގެ ކލިބައިން އޭނާ އެދުިފައި ވާތީއެވެ. ހަގީގަތުގައި ޒާހިރުގެ ގޭގައި އުޅުމަށްވުރެ މިގޭގެ ދިރިއުޅުން އޭނާއަށް ވެފައިވަނީ މާބޮޑު ވޭނަކަށެވެ. ހުރުިހާ ކަމެއް މަޑުމަޑުން ބަދަލުވެފައި ވާތީއެވެ..
(ނުނިމޭ)
7 Comments
Comments are closed.
Wooooowww v.nice dear.???.n Adrealla ge bai rangalhu message akaa ekee genesdheefai in goi v.kamudhey ..
Masha allah v rythi v hiygaimu ??? when nxt prt avaskollachchey nalkhaa ah dhera eh viyanudhechchey hishaan annandhenviyas jaishmengeyga balkhaa ah hurevumuge goiy hadhaadhybala raustry v rythi kyp it up?❤❤???????
Ray akee vara talented liyuntheriehkan engey mibai kiyaaleemaves. Vv reethi. Adrella he msg vara obi. This is my first comment for this story. BT hurihaa baeh ves kiyan. Ly rau.
Rau*
Reethi n intresting vaahakaeh
Vaahaka reethi ekmves maakury 😀
Reethi vaahakae