ތިޝާ ވާހަކަ ދައްކަންވެގެން އަނގަ އަށް ކުޑަހަރަކާތެއް ގެނަ އެވެ. ނަމަވެސް ދޫ ހަރަކާތެއް ނުކުރި އެވެ. ކުރިއަށް ފިޔަވަޅެއް އަޅަން އުޅުނެވެ. ނަމަވެސް ހުއްޓުނީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގުނެވެ. ހަަމަ އެވަގެތު އެ މީހާގެ ފޯނު ރިންގުވާން ފެށި އެވެ. ފޯނު ނެގުމަށްފަހު “ގިވް މީ އަ ސެކަންޑް” އޭ ބުނެލި އެވެ. އަދި އިސްޖަހާލަމުން ތިޝާއަށް ބަލާލުމެއްނެތި ބޭސް ކޮަތަޅު އެނދުމަތީގައި ބަހައްޓާފައި ބާރަށް ހިނގަމުން ގޮސް އެތަނުން ނިކުތެވެ. ގަބުވެފައި ހުރި ތިޝާއަށް ހޭވެރިކަމެއްވީ އެނދުމަތީގައި އޮތް ކުޑަކުޑަ އާމިލް ރޯން ފެށުމުންނެވެ.
ގަދަ ނިދީގައި އޮތް ބައްރާ އަށް ހޭލެވުނީ ގޭގެ ބޮޑުދޮރުގައި ވަރަށް ބާރަށް މީހަކު ޓަކި ޖަހާ އަޑަށެވެ. ތެދުވެ މޭގައި ދެއަތް އަޅާލާފައި ހިންދިރުވާލެވުނީ ގަނެފައި ހުރި ބިރެއްގެ ސަބަބުންނެވެ. ބައްރާ އެނދުން ތެދުވެގެން ގޮސް ކޮޓަރީ ދޮރު ހުޅުވާލީ ކުރިއަށްވުރެވެސް ބާރަށް ޓަކިޖަހާ އަޑު އިވެން ފެށީމަ އެވެ.
“ކަ….ކަ…ކާކު” ތުރުތުރު އަޅާއަޑަކުން ވަރަށް އުނދަގުލުން ބައްރާއަށް ބުނެވުނެވެ.
“މަންމާ ހުޅުވަބަލަ” ދޮރުގެ އަނެއް ފަރާތުން އައި އަޑަކުން ބައްރާއަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ތުންފަތް މައްޗަށް ވެރިވި ހިނިތުންވުމާއެކު ބާރަށް ގޮސް ދޮރުހުޅުވަން އުޅުނެވެ. ނަމަވެސް ހިތަށް އެރި އެއްޗަކުން ހުއްޓެވުނެވެ.
ހަންޑިއަކަށް ވެއްޖިޔާ ދެން ހަދާނީ ކިހިނެއްބާއޭ ބައްރާގެ ހިތަށް އެރިއެވެ. ހަމައެއާއެކު އެއީ އަކްޝަމޭވެސް ހިތަށް އަރަމުން ދިޔަ އެވެ. ތެޅިތެޅި އޮތް ހިތަކާއެކު ކިޔުނުހާ ހެޔޮ އެއްޗެއް ކިޔަމުން ބައްރާ ދޮރު ހުޅުވާލި އެވެ. އަދި ދެލޯ މަރާ ތަގުޅި ކޮށްލެވުނީ ބޭއިޙްތިޔާރުގަ އެވެ.
“މަންމާ ލޯ ހުޅުވާބަލަ” ބައްރާގެ ދެ އަތުގައި ހިފާލަމުން އަކްޝަމް ބުނެލި އެވެ. އެއާއެކު ތެޅިގެންފައި ބައްރާ ދެލޯ ހުޅުވާލި އެވެ. ކުރިމަތީގައި ހުރި ދެލޮލުގެ ކޮއި ފަދަ ދަރިފުޅު ފެނުމުން ބައްރާގެ ލޮލުން ކަރުނަ ނިރާލި އެވެ.
“ދަރިފުޅު އައީތަ” އަކްޝަމްގެ މޫނުގައި ދެއަތުން ހިފާލަމުން ބައްރާ ބުންޏެވެ.
“ނެތެއްނު ސަލާމަތެއް މަންމާ.. އަހަރެން ނައިސްގެންވެސް ރޮނީ… އައިމަވެސް ހުރެގެން ތިރޮނީ” ބައްރާގެ ލޮލުން އައިސްފައި ހުރި ކަރުނަތައް ފޮހެލަމުން އަކްޝަމް ބުނެލި އެެވެ.
“މިހާ ދަން ގަޑިއެއްގަތަ ދަރިފުޅަށް އަންނަން އެނގުނީ” ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ގަޑިއަށް ބަލާލަމުން ބައްރާ ބުންޏެވެ.
“ކިޔައިދޭނަމޭ… އިހަށް މަންމަ މިތާ އިށީނދެބަލަ” ކައިރީގައި ހުރި ސޯފާގައި ބައްރާ ބައިންދަމުން އަކްޝަމް ބުންޏެވެ.
“ލޯރެން ވެސް އަދި ބޭރުގަ އެހުރީ.. އެބަ އަންނަން” މިހެން ބުނެ އަކްޝަމް ދޮރާ ދިމާއަށް ހިނގައިގަތެެވެ.
“ކީކޭ ދަރިފުޅާ.. ދަރިފުޅު ލޮރީއެއްވެސް ގެނައިންތަ” ހައިރާންވެފައި ބައްރާ އަހާލި އެވެ.
“ލޮރީއެއް ނޫނޭ މަންމާ.. ލޯރެން..” އަކްޝަމް ހެމުން ހެމުން ގެއިން ނިކުތެވެ. އަދި މިނެޓެއްވެސް ނުވަނީސް އެނބުރި އައިސްވަނީ ދޮންދޮން ބައްޓެއް ކަހަލަ ކުއްޖެއް ގޮވައިގެންނެވެ.
ބައްރާއަށް އިންތަނުން ތެދުވެ ދެލޯ ބޮޑުކޮށްލެވުނީ އަކްޝަމްގެ އަތުގައި ހިފާލައިގެން ހުރި އަންހެން ކުއްޖާ ފެނުމުންނެވެ. ފިޔާތޮށި ކުލައިގެ ޓީޝާޓެއް ލާފައި ހުރިއިރު ދަށުން ހުރީ ކަޅުކުލައިގެ ސްކިނީއެއް ލާފަ އެވެ. ދަންވަރުގެ ފިިނިން ސަލާމަތް ވުމަށްޓާކައި ކަރުގައި ޝޯލްއެއް އޮޅާލާފައި އޮތެވެ. އަންހެން ކުއްޖާގެ ފުރިހަމަ އިސްކޮޅަށް ބައްރާ ނަޒަރު ހިންގާލި އެވެ. ދިގުހެން ހީވަނީ އަރާފައި ހުރި ހައިހީލްސްގެ ސަބަބުން ކަން ބައްރާއަށް އެނގުނެވެ.
“ހާއި…” އެއް އަތް އުފުލާލާފައި ލޯރެން ބައްރާއަށް ބުނެލި އެވެ. އެވަގުތު އަކްޝަމް ލޯރެން އަށް ދެލޯ ބޮޑުކޮށްލުމުން ލޯރެން އަންގަޔަށް ގޮތެއް ހަދާލާފައި ސޮރީއޭ ބުނެ ކުރިއަށް ޖެހިލާ ހުއްޓުނީ ބައްރާގެ ކުރިމަތީގަ އެވެ. އަދި ހިނިތުންވެލަމުން ސަލާމަށް އަތްދިއްކޮށްލި އެވެ. ބައްރާގެ ތުންފަތް މައްޗައް ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވާ ލޯރެންއާ ސަލާމްކޮށްލި އެވެ.
އެއަށްފަހު ސޯފާ ގޮނޑީގެ އެއްސައިޑަށް އަތުން އިޝާރާތް ކޮށްލުމުން މަޑު ފިޔަވަޅުތަކެއްގައި ލޯރެން ގޮސް އިށީނެވެ. ބައްރާ ލޯރެން ކައިރީގައި ހާލު ކިހިނެއްތޯ ސުވާލުކުރި އެވެ. ލޯރެން ވަރަށް އުނދަގުލުން ލަސްލަހުން ރަނގަޅޭ ބުނި ގޮތުން އަކްޝަމް އަށް އިނީ ހެވިފަ އެވެ. ބައްރާ ދެން އަހާލީ އާއިލާ މީހުން ކޮބައިތޯ އެވެ. ލޯރެން އަކްޝަމް އަށް ބަލާލީ ބައްރާ ބުނީ ކީކޭކަން ނޭނގުމުންނެވެ. އެހެންކަމުން ލޯރެންގެ ބަދަލުގައި ޖަވާބުދިނީ އަކްޝަމެވެ. ލޯރެން އަކީ މަންމައެއް ބައްޕައެއް ނެތް ޔަތީމު ކުއްޖެއް ކަމާއި ބަލާބޮޑުކުރީ މަންމަ ފަރާތު ބޮޑުބޭބެ ކަން ބުނެދިނެވެ. އަދި މީގެ އަހަރެއް ކުރިން ރާއްޖެއަށް ބަދަލުވީ އެކޮޅުގައި އުޅޭހިތް ނުވާތީ ކަމުގައި ބުންޏެެވެ.
އަކްޝަމް ކިޔައިދިން ވާހަކަތަކުން ލޯރެންއާ މެދު ބައްރާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ނަމަވެސް އެކަން ދައްކަން ބޭނުން ނުވީ ލޯރެންއާ އަކްޝަމްގެ ގުޅުމަކީ ބައްރާ އެހާ ހިތްހަމަޖެހޭ ގުޅުމަކަށް ނުވާތީ އެވެ.
“ދަރިފުޅުމެންގެ ފްލައިޓް އިނީ މިހާ ދަންގަޑިއެއްގަތަ؟” ބައްރާ ސުވާލުކޮށްލި އެވެ.
އަކްޝަމް ބައްރާއަށް ކަންތައްވީ ގޮތް ކިޔައިދޭން ފެށިއެވެ. އަކްޝަމް އެރަށައް އައީ އެރޭ އިރާކޮޅުގެ ވަގުތެއްގައި ކަމާއި އައީ ބައްރާއަށް ސަޕްރައިޒެއް ދޭންވެގެން ކަމުގައި ބުންޏެވެ. އަދި އައި މަގުމަތީގައި އަކްޝަމްމެން ތިބި ކާރުގައި ޖެހި ކުޑަކުއްޖެއް އެކްސިޑެންޓްވުމުން އެކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ ވާހަކަ އެވެ. އަދި ލަސްވީ އެކުއްޖާގެ ބެލެނިވެރިއެއް އަންނަންދެން އެތަނުގައި މަޑުކުރަންޖެހުމުން ކަމުގައިވެސް ބުންޏެވެ. ހޮސްޕިޓަލްގެ ވާހަކަ ދެއްކުމުން ހަނދާނަށް އައި އެއްޗަކުން އަކްޝަމް ހަމަހިމޭންވި އެވެ. ފަން އިސްތަށިގަނޑުގައި އަތްފުނާއަޅާލުމަށްފަހު ސޯފާ ގޮނޑީގައި ލެގިލި އެވެ. އަކްޝަމް ވަރުބަލިވީ ކަމަށް ހީކޮށް ސޯފާގައި ނިދާލުމަށް ބައްރާ ބުންޏެވެ.
“ނޫން މަންމާ އަހަރެން ނިދާނީ އަހަރެންގެ ކޮޓަރީގައި” އަކްޝަމް އިންތަނުން ތެދުވަމުން ބުނެލި އެވެ.
“އެކަމަކު ދަރިފުޅާ އެކޮޓަރީގައި ވަރަށް ހިރަފުސް ގިނަވާނެ.. އެ ކޮޓަރި ސާފުނުކުރާތާ ދަރިފުޅު ދިޔަހާ ދުވަހެއް ވެދާނެ. ދަރިފުޅު އެކޮޓަރިއަށް ވަންނަން މަނާކޮށްފައި އޮތީމަ މަންމަވެސް އެވަރަކުން ވަންނަން ނޫޅުނީ” ބައްރާ ކުޑަކޮށް ހިތަހަމަނުޖެހިފައި ބުންޏެވެ.
“އިޓްސް އޯކޭ މަންމާ. އަހަރެން ނިދާނީ އަހަރެންގެ ކޮޓަރީގައި. ނިދޭ ވަރަށް ސާފު ކޮށްލާފައި މާދަން ތެދުވެ ރީތިކޮށް ސާފު ކޮށްލާނީ.” އަކްޝަމް މިހެން ބުނުމަށްފަހު ވޮލެޓުން ތަޅުދަނޑި ނަގައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
އަކްޝަމްގެ ފަހަތުން ލޯރެން ދާންއުޅުމުން ބައްރާ ލޯރެން ހުއްޓުވި އެވެ. އަދި ބައްރާއާއި އެއްކޮށް އޭނާގެ ކޮޓަރިއަށް އައުމަށް ބުންޏެވެ. ލޯރެން ހިތާ ދެކޮޅަށް ނަމަވެސް ބައްރާއާއި އެއްކޮށް ގޮސް ބައްރާގެ ކޮޓަރިއަށް ވަނެވެ.
**********************************
ކައުންޓަރުގައި ދެއަތް ވިއްދާލައިގެން އިން ތިޝާ އިނީ ވިސްނުމަކަށް ގެއްލިފަ އެވެ. ތިޝާގެ ބޮލު ތެރޭގައި އެނބުރެމުން ދަނީ މީގެ ކުޑައިރުކޮޅެއް ކުރިން ހިނގާދިޔަ ކަންތަކެވެ.
މިރޭ ތިޝާއާ ބައްދަލު އެވީ ދުވަހަކުވެސް ބައްދަލުވާނެ ކަމަށް ތިޝާ އުއްމީދު ކޮށްގެން ހުރި މީހެއް ނޫނެވެ. އެތަކެއް ދުވަހެއް ފަހުން ކުއްލިއަކަށް އެގޮތަށް ފެނުމުން ތިޝާއަށް ވާގޮތް ބަޔާން ކޮށްދޭކަށް ނޭނގެ އެވެ. އަކްމަލްގެ ނަން ކިޔާލެވުމާއެކު ތިޝާއަށް ދެލޯމަރާ ބާރުކޮށްލެވުނެވެ. ތެދުވެ ދެކޮޅަށް ހިނގަން ފެށުނީ ހާސްވެފަުރި ވަރުންނެވެ.
” ތިޝާ ކޮންކަމަކާ މާހާސްވެފައި” ވަރޑް އަށް ވަދެގެން އައި ޖަނާއަށް ތިޝާ ފެނި އަހާލި އެވެ.
“ކުޑަކޮށް ބޮލުގަ ރިއްސަނީ” ތިޝާ ބޮލުގައި އަތް ޖަހާލަމުން ބުންޏެވެ.
“ހިނގާ ކެންޓީނަށް ގޮސް ކޮންމެސް އެއްޗެއް ކާލަން. އޭރަށް ރަނގަޅު ވެދާނެ” ތިޝާ ބަނޑުހައިވެފައި ހުރިވަރު އިހްސާސް ކޮށްލެވުނީ ޖަނާ މިހެން ބުނުމުންނެވެ.
އެހެންކަމުން ދެކޮޅުހެދުމެއް ނެތި ތިޝާ ޖަނާގެ ފަހަތުން ކެންޓީނަށް ދާން ހިނގައިގަތެވެ.
**********************************
އަކްޝަމް ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. ކަނުއަންދިރިކަން ވެރިވެފައިވާ ކޮޓަރިއަށް އަލިކަމެއްވީ އަކްޝަމް ލައިޓްތައް ޖައްސާލުމުންނެވެ. އެންމެ ފުރަތަމަވެސް އަކްޝަމްއަށް ކަޅި ހިންގާލެވުނީ ކޮޓަރީގެ ފާރުތަކަށެވެ. ފާރުގައި ހިއްޕާފައިވާ ފޮޓޯތަކަށެވެ. އަކްޝަމް އަވަސް ހަރަކާތަކާއެކު ފޮޓޯތަކުގައިވާ ހިރަފުސްތައް އަތުން ސާފުކުރަމުން ގެންދިޔަ އެވެ. އޭގެތެރެއިން ފޮޓޮއެއް ކައިރިއަށް އަކްޝަމަށް ހުއްޓެވުނެވެ. އަދި ވަރަށް ފުންކޮށް އެފޮޓޯގައިވާ އަންހެން ކުއްޖާއަށް ބަލާލި އެވެ. ފަން އިސްތަށިގަނޑެއްގެ ވެރި މި އަންހެން ކުއްޖާގެ ތުންފަތްމަތީގައި ވަނީ އަޖައިބެއް ކަހަލަ ހިނިތުންވުމެކެވެ. އެހިނިތުންވުން ފެނި އަކްޝަމަށްވެސް ހީލެވުނެވެ. އެވަގުތު އަނގައިން ބޭރުވީ ހަމައެންމެ ނަމެކެެވެ. “ތިޝާ” މި ނަން ކިޔާލެވުމާއެކު އަކްޝަމަށް ދެލޯ މަރާލެވުނެވެ. އަދި އެ ފޮޓޯގައި ތިޝާ އަށް އެހާ ބޮޑަށް ހެވިފައިން ސަބަބު ހިޔާލު ކޮށްލެވުނެވެ.
ރާޅުގަނޑު ސަރަހައްދުން ތިޝާ އާއި އަކްޝަމް ހިނގާފައި ދިޔައިރު އެކި އެކި ވާހަކަ ދައްކަމުން ގެންދިޔަ އެވެ. އަކްޝަމް އަތުގައި އޮތް ކެމެރާއިން ތަފާތު އެކި ފޮޓޯތައް ނަގަމުން ގެންދިޔައިރު ތިޝާ ކަނޑުން ނަގަމުންދާ ރާޅުތަކުގެ ރީތި ވާހަކަ ދައްކަނީ އެވެ. އާޓިފިޝަލް ބީޗަށް ވަދެވުނު ތަނުން ތިޝާ ވަރުބަލިވެގެން އެތާ ހުރި ހިލަ ގޮނޑިއެއްގެ މަތީގައި އިށީނެވެ. ތިޝާ ވަރުބަލިވީކަން އެނގުމުން އަކްޝަމް ފެންފުޅިއެއް ގަނެގެން އައިސް ތިޝާ އަށް ދިއްކޮށްލި އެވެ. އަދި ތިޝާ ކައިރީގައި އިށީނދެލި އެވެ. ތިޝާ ފެންބޮމުން ދިޔައިރު އަކްޝަމް އިނިީ އެހެން ދިމާއަކަށް ކަޅި ހުއްޓާލައިގެންނެވެ.
“ކޮންތާކަށް މާވަރަކަށް ތި ބަލަނީ އަކްމަލް” ތިޝާ ފުޅީގެ މަތިޖަހާލަމުން ބުންޏެވެ.
“މި ބަލަނީ އެހެރަ އަންހެން ކުއްޖާއަށް. ރީތިކަމެއް ލިބިފައި އެބަހުރި” ތިޝާމެންނާ ތަންކޮޅެއް ދުރުގައި ވާހަކަ ދައްކަން ތިބި ކުދިންތަކުގެ ތެރެއިން އެންމެ ދޮންކޮށް ހުރި ކުއްޖާ ދައްކާލަމުން އަކްޝަމް ބުންޏެވެ.
“ތިހެން އަދި ރީއްޗޭ ބުންޔަސް ކަމަކު ނުދާނެ. އަކްމަލްއަކީ ގަޓު ހުރި މީހެއް ވިއްޔާ ކައިރިއަށް ގޮއްސަ ބުނެބާ” ތިޝާ ބުނެލި އެެވެ.
“ތިޝާ އަށް ހީވަނީތަ އަހަންނަށް ނުކެރޭނެޔޭ.. ހިނގާ އަހަންނާ އެކު” އަކްޝަމް ތިޝާގެ އަތުގައި ހިފައިގެން އެމީހުންނާ ދިމާއަށް ހިނގައިގަތެވެ.
ދައްކާ ވާހަކަ އަޑުއިވޭފަށުގައި ތިޝާ ބެހެއްޓުމަށްފަހު އަކްޝަމް އެކުދިންނާ ކައިރިވެލި އެވެ. އަދި ދޮންކޮށް ހުރި ކުއްޖާއަށް ފުންކޮށް ބަލާލި އެވެ.
އެ އަންހެން ކުއްޖާ އަކްޝަމަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
“މަންޖެ ހާދަ ރީއްޗޭ.. ތިހާ ރީތި ކުއްޖެއް ދުވަހަކުވެސް ނުދެކެން” އަކްޝަމް ބުނެލި އެވެ.
އަކްޝަމްގެ ޖެހިލުން ކުޑަ ކަމުން ތިޝާ ހުރީ ހައިރާންވެގެން އަންތަރީސް ވާވަރު ވެފައެވެ.
އެ އަންހެން ކުއްޖާ އަކްޝަމް އަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. އަކްޝަމް ސިއްސައިގެން ދިޔައީ އަކްޝަމްގެ މޫނަށް އެރި ހޫނު އެތިފަހަރަކުންނެވެ.
“ކަލޭ ލަދެއް ނުގަނޭތަ އަހަރެން ދަރިން ކުރިމަތީ ތިކަހަލަ ވަހަކަ ދައްކަން. ގޮސް ކަލޭ އުމުރުގެ މީހުންނާ ތިގޮތަށް ވާހަކަ ދައްކަބަލަ.” އަންހެން މީހާ އަކްޝަމާ ދިމާއަށް މިހެން ބުނުމަށްފަހު އޭނާގެ ދަރިން ގޮވައިގެން އެހެން ދިމާއަކަށް ހިނގައިގަތެވެ.
ތިޝާ އަނގަމަތީ އަތް އަޅައިގެން ހުރެ އަކްޝަމް ކައިރިއަށް ޖެހިލި އެވެ. އޭރު އަކްޝަމް ވީތަދުން ކޮލުގައި ހިފަހައްޓާލައިގެން ހުއްޓެވެ. ނުހޭން މަސައްކަތް ކުރަމުން ތިޝާ ތުންފަތުގައި ދަތް އަޅާލި އެވެ.
“އެހާ ހޮޓް މަންމަމެންވެސް ތިބޭތަ” އަކްޝަމްގެ މި ޖުމްލައިން ތިޝާ ހިފަހައްޓައިގެން ހުރި ހިިނިގަނޑު ފަޅައިގެން ދިޔަ އެވެ.
އެވަގުތު އަކްޝަމް ތިޝާ އަށް ބަލާލި އެވެ. ކަޅިޖަހާވެސް ނުލާ ތިޝާ އަށް ބަލަމުން ގެންދިޔައިރު ހިތާހިތުން ތިޝާގެ ރީތިކަމަށް ތައުރީފްކުރި އެވެ. ކެމެރާގައި އެހިނިތުންވުން ރައްކާކޮށްލީ ތިޝާ އަށް ވެސް އެނގުމަކާއި ނުލަ އެވެ.
އަކްޝަމް ދެލޯ ހުޅުވާލުމަށްފަހު އަދިވެސް އެއްފަހަރު އެފޮޓޯގައިވާ ތިޝާގެ ހިނިތުންވުމަށް ބަލާލި އެވެ. އަދި އެފޮޓޯގައި ތުންފަތް ޖައްސާލުމަށްފަހު ކޮޓރިން ނިކުމެވެން ހުންނަ ބަގީޗާއަށް ނިކުމެލީ ލިބިފައިވާ ހާސްކަން ފިލުވާލުމަށްޓަކަ އެވެ
ޑިއުޓީ ނިންމާފައި ތިޝާ ގެއަށް ދާން ނިކުތީ ހެނދުނު 8:30 ވާން ކައިރިވެފައި ވަނިކޮށެވެ. މަގުމަތިން ހިނގާފައި އައިރުވެސް ތިޝާ ވިސްނަމުން ދިޔައީ ރޭގައި ހިނގި ކަންތަކާއި މެދުގަ އެވެ. އަކްމަލް މިރަށުގައި އުޅެންޏާ ގައިމުންވެސް ފެންނާނެއޭ ތިޝާގެ ހިތަށް އަރަމުން ދިޔަ އެވެ. އަދި އެގޮތަށް ވިސްނި ވަރަކަށް ތިޝާގެ ހިތް ނުތަނަވަސްވަމުން ދިޔަ އެވެ. ގެއާ އަރާހަމަވުމުން ތިޝާ ދޮރުދައި ޓަކިޖަހާލީ ބައްރާ ހޭލާ އުޅޭނެކަން ޔަގީންވާތީ އެވެ. ލަހެއްނުވެ ދޮރު ހުޅުވާލި ބައްރާގެ ތުންފަތްމަތީގައި ހުރި ހިނިތުންވުން ފެނިފައި ތިޝާ ކުޑަކޮށް ހައިރާންވި އެވެ.
” ދައްތަ ކޮންކަމަކާ މާހެވިފައި” އެތެރެއަށް ވަންނަމުން ތިޝާ ސުވާލު ކޮށްލި އެވެ.
“ފަހުން ބުނާނަން. ތިޝާ ދޭބާ ފެންވަރައިގެން ސައިބޯން އަންނަން. އެބައޮތް ސަޕްރައިޒެއް” ބައްރާ މިހެން ބުނެ މަޑު ނުކޮށް ބަދިގެއާ ދިމާއަށް ދިޔަ އެވެ.
ތިޝާ ތެމިފައި އޮތް އިސްތަށިގަނޑުގައި އަތް ފުނާ އަޅަމުން ބަދިގެއާ ދިމާއަށް ދިޔަ އެވެ. ތިޝާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކާމޭޒު ކައިރީގައި ފުރަގަސްދީގެން އިން ފިިރިހެނަކު ފެނިފަ އެވެ. ކުރިއަށް ދާން ނުކެރިފަ ހުރީ ކާކުކަން ނޭނގޭތީ އެވެ. އެވަގުތު ރިހަ ބޯތަށި ހިފައިގެން ބަދިގެއިން ނިކުތް ބައްރާއަށް މިމަންޒަރު ފެނުނެވެ.
“ތިޝާ ކިހިނެއްވެފަ ތިހުރީ” ބައްރާ މިހެން ބުނެލި އަޑަށް މޭޒު ކައިރީ ފޯނާ ކުޅެންއިން އަކްޝަމް ސިއްސައިގެން ގޮސް ބައްރާއަށް ބަލާލި އެވެ. އަދި އަވަސް އަވަހަށް ބައްރާގެ ނަޒަރު ހުއްޓިފައިވާ ދިމާއަށް ބަލާލި އެވެ. ފެނުނު މަންޒަރުން އަކްޝަމް ދެލޯ ބޮޑުވި އެވެ. އިންތަނުން ތެދުވެވުނީ ބޭއިހްތިޔާރުގަ އެވެ. ތިޝާ އަށްވެސް ވީ ހަމަ އެވަރެވެ.
“ތިޝާ ދައްތަ ބުނީމެއްނު ސަޕްރައިޒެއްގެ ވާހަކަ. މީ ސަޕްރައިޒަކީ. ދައްތަގެ އަކްޝަމް މިހުރީ އައިސް” ބައްރާގެ މި ޖުމްލައިން ތިޝާ އިތުރަށް ހާސް ކުރިވި އެެވެ. އަކްޝަމް ހެއްޔެވެ. ނޫނީ އަކްމަލް ހެއްޔެވެ. އެހެންނޫނީ ބައްރާއަށް ލިބިފައިވަނީ އެއްމާބަނޑު ދެކުދިން ހެއްޔެވެ. އެކަަމަކު އެކަހަލަ އެއްވެސް ވާހަކައެއް ބައްރާ ތިޝާ ކައިރިއަކު ބުނެފައެއް ނުވެއެވެ.
އަކްޝަމް ވެސް ހުރީ ވާނުވާ ނޭނގިފަ އެވެ. އެހެންނަމަވެސް ތިޝާއާ ދިމާއަށް ބަލަމުން ދިޔައީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ.
ނިދާ ހެދުމާ އެއްކޮށް ބަދިގެއާ ދިމާއަށް އައި ލޯރެން އަށް އަކްޝަމް ހުރިގޮތްފެނި އަށް ނުބައި ގޮތެއްވި އެވެ. މަޑުމަޑުން ކުރިއަށްޖެހި ތިޝާއަށް ބަލާލީ ފޫހި ގޮތަކަށެވެ. އަދި އަކްޝަމް ގައިގައި ބައްދާލަމުން ‘ގުޑް މޯނިން’އޭ ބުނެލި އެވެ. މިމަަންޒަރު ފެނި ބައްރާ ލަދުން އިސްޖަހާލި އެވެ.
ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފަހަތަށް އަޅަމުން ފަހަތަށް އެނބުރި ދުވަމުންގޮސް ތިޝާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި އެވެ. މިކަންވީ ބައްރާ ވަރަށް ހައިރާން ކުރުވަނިވި ކަމަކަށެވެ. އަކްޝަމަށް ހޭވެރިކަމެއްވީ ދެނެވެ. ލޯރެން ގަޔާ ދުރުކޮށްލެވުނީ ކުއްލިއަކަށެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.



wow… Vv reethi ماشا الله
V salhi
V salhi.. v v salhi.. maa sha allah.. ??
Woh v salhi maasha allah
Wooooowww..v.nice dear??????v.bodah waiting 4 next ?
??”thats all”
Wow.. varah reethi
❤❤
V salhi
Wow amazing keep it up
Ohh wow masha allah v rythi??? aksham thishaa ah olhuvaalaigen dhw e ulheny akumal ey kiyaigen alhey thishaa ah ehennuhadhaa hagygaiy kiyaadhyfa thishaa aa aksham gulhuvah chey when nxt prt v waitin n avaskollachchey gud nyt luv u???❤❤??????
varah reethi
konirakun tha next part up kohdheynee?
masha Allah v reethi..waiting….
Mi vaahaka kurin kee handhaaneh vey
V salhi… Knirakun next part upvaany????