ފުން އިހުސާސެކޭ 13
ލޫކަސް އަނާނީއާ ދިމާއަށް ފިޔަވަޅު އަޅަންފެށުމުން އަނާނީއަށް ކުއްލިއަކަށް ތެދުވެވުނެވެ. އަދި އެވީ ވަގުތުކޮޅު އެނދާ ކައިރިވެފައި، އަވަސްއަވަހަށް އެތާ އޮތް ފޯނު ދަމައިގަތެވެ. ލޫކަސް ކަރުބުޑުން ފާޑެއްގެ އެއްޗެހި ތަކެއް ކިޔަމުންދިޔައެވެ. ނަސީބަކުން އޭނާ ހަމަގައި ނެތުމުން އަނާނީއަށް ސަލާމަތްވާން ފަސޭހަވާނެއެވެ. ސަބަބަކީ މިހާރުވެސް އޭނާގެ ހަރަކާތްތައް ހުރިގޮތް ނުލާހިކު ލަހެވެ. އަނާނީ އެތާނގައި އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން، އޭނާ ފޯނު ނެގި ގޮތަށް އަވަސްއަވަހަށް އެންމެ އަވަހަށް ގުޅެން އޮތް ނަންބަރަށް ގުޅައިލިއެވެ.
އަނާނީ ގުޅި އިރު އީވާ އޮތީ ނިދާފައެވެ. ނަމަވެސް އޭނާއަކީ ނިދި މަޑު މީހަކަށް ވުމުން، ދެފަހަރަކު ވައިބްރޭޓު ވާން ފެށުމުން ހޭލެވިގެން ފޯނު ނެގިއެވެ. “ހަލޯ؟” އީވާގެ އަޑުގައި ވަނީ ކަންނެތްކަމެވެ.
“ޕްލީޒް އަހަރެން މިތަނުން ގެންދެބަ.” އަނާނީ ވަރަށް އާދޭހާއެކު އެދުނެވެ. އެ އަޑު ޖެހުމުން އީވާ ކޮޅަށްޖެހުނެވެ. އަދި ވެގެން އުޅޭގޮތް އޮޅުންފިލުވަން މަސައްކަތްކުރިއެވެ. ނަމަވެސް އަނާނީ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާ ބަލާ އައުމަށެވެ. ވެގެން އުޅޭގޮތް އޮޅުން ނުފިލުމުން އީވާ ކުޑަކޮށް ހިތްހަމަނުޖެހުނަސް، އަނާނީއަށް މިވަގުތު އެހީ ބޭނުންވެފައި ވާކަން އެނގުމުން، އެހީނުވެ ދޫކޮށްލާކަށް އޭނާ ބޭނުމެއްނުވިއެވެ.
އީވާ އެގެއާ ހަމައަށް އަރާފައި ގުޅަން ފެށުމުން، އަނާނީ ލޫކަސް ކައިރިން ރެކިގަނެފައި، ނުކުތެވެ. ތިރިއަށް ފައިބައިގެން ބަލައިލި އިރު އީވާ އިނީ އެތާ ސައިކަލުގައި މަޑުކޮށްލައިގެނެވެ. އަނާނީ އެއްޗެކޭ ނުބުނެ ފަހަތަށް އެރިއެވެ. އަދި ހަމަޖެހިލަން މަސައްކަތް ކުރިއެވެ.
“ދެން ބުނެބަ ވީ ގޮތެއް” އީވާ ހުރީ އެނގެން ބޭނުންވެފައެވެ.
“ލޫކަސް.. ހަމަޔަކު ނޫން ހުރީ. ގަދަކަމުން އަހަރެންގެ ކޮޓަރިއަށް ވަދެގެން..” އަނާނީ ކުރުކޮށް ކިޔައިދިނެވެ. އެވަގުތު އީވާގެ ހިތުގައި ސުވާލު އުފެދުނެވެ. ގައިމު އޭނާ އެގެއަށް ދިޔަ އިރު އެބުނާ ލޫކަސްއެއް ފެނުނީ ވަރަށް ހިތްހެޔޮ މީހެއްގެ ސިފައިގައެވެ. ޔަގީނެވެ. އެ ލޫކަސް ސިއްރުން އަނާނީއަށް ގޯނާ ކުރަނީއެވެ. އަދި އެވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނުމަށް އިންޒާރު ކޮށްފައި އޮތީއެވެ. އަނާނީއަށް ދިމާވެގެން އުޅޭ ކަމަކީ އެއީ އެވެ. އަދި އެކަން ކިޔައިނުދޭން އެއުޅެނީ ވެސް އެހެންވެގެންނެވެ. އެހެން މީހުންގެ ކުރިމަތީގައި މާ ރަނގަޅު މީހަކަށްވެގެން ލޫކަސް އުޅެނީ އެމީހުންގެ ލޯތަކަށް އޮޅުވާލާށެވެ. މިގޮތަށް ވިސްނުމުން، އަނާނީއާ މެދު ވަރަށް ބޮޑަށް ހަމްދަރުދީ ވެވުނެވެ. ޚުދު އީވާއަކީ ވެސް ފުރާވަރުގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވި ކުއްޖެކެވެ. ފަހުން އޭނާގެ ދިރިއުޅުން ބަދަލު ވެގެން ދިޔަ ސަބަބަކީވެސް އެޔެވެ. މަގުމައްޗަށް ގިނަވެ، “ޕާޓޭން”ނާ ގުޅިގެން އުޅެވުނީ އަމިއްލަ ހަޔާތް މަތިން ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. ގޭގައި ގިނަވަގުތު އިންނަން ބޭނުން ނުވުމުން ޚިޔާރު ކުރެވުނީ އެކަހަލަ ކޫސަނި ދިރިއުޅުމެކެވެ. ސަބަބަކީ، އޭނާއަށް ޖިންސީ ގޯނާ ލިބެމުން ދިޔައީ އަމިއްލަ ގޭގެ ހަތަރު ފާރުން އެތެރެއިން ކަމަށް ވުމުންނެވެ. އެއީ އޭރު އޭނާ އެންމެ ނަފްރަތުކުރި ތަނެވެ. އެތައް ފަހަރަކު ގެއިން ފިލައިގެން ވެސް އީވާ ދިޔައެވެ. ނަމަވެސް ގޭ އެކަކު ވެސް އޭނާގެ ވާހަކަ ޤަބޫލެއް ނުކުރިއެވެ. އެންމެންގެ ލޯތަކަށް އޮޅުވާލަން އޭނާގެ ބޮޑުބޭބެ މާ ކުޅަދާނައެވެ. އެންމެ ފަހުން އީވާއަށް އިތުރަށް ކެތްނުކުރެވިގެން، 18 އަހަރު ފުރުމާއެކު ރައްޓެއްސެއްގެ ގެއަށް ބަދަލުވީއެވެ. އެއީ މަގުމަތިން ލިބުނު ރައްޓެއްސެކެވެ. ޔާނިއު މެނާ ދިމާވީ ވެސް އެދުވަސްވަރެވެ. އާއިލާ މީހުންނަށް ވުރެ އެ ރައްޓެހިން ވެސް އީވާއަށް މާ ރަނގަޅެވެ. ފަހުން ނައިޓް ކްލާސް އަކަށް ވަދެގެން އީވާ ކިޔެވިއެވެ. އަދި މިއަދު އޭނާއަކީ ވަޒީފާއެއްގައި އުޅެމުން، ރައްޓެއްސަކާ ދެމީހުން އެއްބައި ވެގެން އެޕާޓުމެންޓެއް ކުއްޔަށް ހިފައިގެން އުޅޭ ހަރުދަނާ ޒުވާނެކެވެ. ކޮންމެ ކަމެއް ދިމާވިޔަސް، އެކަމަކާ ކުރިމަތި ލާނެ ހިތްވަރު އޭނާގެ މިއަދު އެބަހުއްޓެވެ.
“އޯހް. ދެން ކީއްވެ އެ ގޭގަ ތި އުޅެނީ؟ އަނާނީ ބޭނުމިއްޔާ އަހަރުން ގޭގަ ވެސް ބަހައްޓަދީފާނަން” އީވާ ބުންޏެވެ.
“އެއީ މަންމަ އެ ގޭގެ ބެހެއްޓީމަ. ބޮޑުދައިތަ ކައިރީ.” އަނާނީ ޖަވާބު ދިނެވެ.
އީވާ އެމީހުން ގޮސް އުޅޭ އެއްކަލަ ގޯޅިގަނޑު ކުރިމަތީ ސައިކަލު ޕާކުކޮށްލާފައި، ފޯނު ނަގައި ޔާނިއުއަށް ގުޅަން ފެށިއެވެ. ކަން ދިމާކުރި ގޮތުން ޔާނިއުމެން އެވަގުތު ހޭލާ އެތާ އުޅެއެވެ. އެހެންކަމުން އަނާނީ ގޮވައިގެން އީވާ ވަނީ އެތަނަށެވެ. ފުޓުބޯޅަ މެޗެއްގެ އަވައިގައި ޖެހިފައި އިން ޔާނިއުއަށް އަނާނީ ފެނުމާއެކު ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އަދި ސުވާލު އުފެދިފައި އިނދެ އީވާގެ މޫނަށް ބަލައިލިއެވެ. އެއާއެކު އީވާގެ އިޝާރާތަށް ޔާނިއު ތެދުވެގެން އައިސް އެދެމީހުން ތަންކޮޅެއް ދުރަށް ޖެހިލީ އަނާނީ ކައިރީ އެތާ އިން ގޮނޑީގައި އިށީނުމަށް ބުނެފައެވެ.
އީވާ ޔާނިއުއަށް ވެގެން އުޅޭގޮތް ކިޔައިދިނުމުން ޔާނިއު ބޭނުންވީ އަނާނީއާ ވަކިން ވާހަކަ ދައްކާލާށެވެ. އެހެންކަމުން، އަނާނީއަށް ގޮވައި ގެނެސް މަތީ ކޮޓަރިއަށް ވެއްދިއެވެ. އަނާނީ ހުރީ ލަދުން އިސްޖަހާލައިގެނެވެ. ހިތުގެ ހިނގުން ވެސް ބާރުވިއެވެ.
“ކީއްވެ އެރޭ ކިޔައިނުދިނީ ލޫކަސްގެ ވާހަކަ؟ މަށަށް އޭރުވެސް އިނގުނޭ އޭނަގެ ކަމެއް ކަން. އަނާނީ ދެން މީގެ ފަހުން އެކަމާ ވިސްނާނެ ކަމެއް ނެތް. މާދަމާގެ ފަހުން ލޫކަސްގެ އުނދަގުލެއް ނުފޯރާނެ. އަހަރެން މި ދެނީ އެކަމުގެ ޔަގީންކަން. އޯކޭ؟” ޔާނިއު ވާހަކަ ދެއްކީ ވީހާވެސް މަޑުމައިތިރިކޮށެވެ. އަދި އަނާނީއަށް އުނދަގޫވާހެން ހީވުމުން ހަތަރުކަޅި ވެސް ހަމަނުކޮށެވެ.
“އެކަމަކު ކިހިނެއް..” ލޫކަސް އެބުނި އެއްޗެއް އަނާނީ އެނގެން ބޭނުންވިއެވެ.
“އެކަމާ އަނާނީ އަޅާލާ އެއްޗެއް ނޫން. އޭނަ މައިތިރި ވަނިކޮށް އެ ނިމުނީނު؟” ޔާނިއު ބުންޏެވެ.
“ބަޓް..” ޔާނިއު ކުރަން އެއުޅެނީ ކީއްކަން ނޭނގުމުން އަނާނީ ކުޑަކޮށް ހާސްވިއެވެ. އަނެއްކާ އޭނާ ގޮސް ލޫކަސްއަށް ގެއްލުމެއް ނުދޭނެ ހެއްޔެވެ. އެހެން ވާކަށް އަނާނީ ބޭނުމެއް ނޫނެވެ. ނަމަވެސް ޔާނިއު އަނާނީގެ ޖުމްލަ މެދުކަނޑާލާފައި ބުނީ އަނާނީއަށް އެހެން ކަމެއް ދިމާވެގެން އުޅެންޏާ އެކަމެއް ވެސް ކިޔައިދިނުމަށެވެ. އެއާއެކު އަނާނީ އިރުކޮޅަކު ހިމޭންވެލާފައި ބުނީ މީގެ ދެދުވަސް ކުރިން މަންމަ ނިޔާވި ވާހަކައެވެ. އަދި އޭނާ އަބަދުމެ ވިސްނަނީ އެކަމާ ކަމުގައެވެ. މަންމަ މަތިން އިންތިހާއަށް ހަނދާންވާ ކަން ހާމަކޮށްލި އިރު އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ. ޔާނިއު އިނީ ދެރަވި ވަރުން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަދި ލޫކަސްދެކެ ކުރިއަށްވުރެ ބޮޑަށް ރުޅިއާދެވި، އަތް މުއްކަވައިލެވުނެވެ. އެއީ އަޅެ ކޮންކަހަލަ އިންސާނެއްހެއްޔެވެ. ހިތުގައި ރަހުމެއްވެސް ނެތީހެއްޔެވެ. އަމިއްލަ އެދުމާއިގެން ފޯވެފައިވާ ވަހުޝީ ފިރިހެނެކެވެ.
އެރޭ އިރުކޮޅަކު ޔާނިއުއާ ވާހަކަ ދައްކައިލެވުމުން އަނާނީގެ ސިކުނޑި ލުއިވެގެން ދިޔައެވެ. އަދި އަނާނީ ގެއަށް ލައިދޭން ޔާނިއު އައުމުން އެކަމާ އުފާވިއެވެ. އަނާނީ އުޅޭ ކޮޓަރިއާ ހަމައަށް ޔާނިއު އެރޭ އައެވެ. ލޫކަސްގެ އުނދަގުލެއް އަނާނީއަށް ފޯރަފާނެތީއެވެ. ނަސީބަކުން އޭރު ލޫކަސްގެ ހިލަމެއް ނުވިއެވެ. އަނާނީ ކޮޓަރި އަލިކޮށް ރަނގަޅަށް ތަންތަން ބަލައިލީ، ފިލާ ނަމަވެސް ލޫކަސް ހުރެދާނެތީއެވެ. ނަމަވެސް އެކަހަލަ ކަމެއް ނުފެނުމުން އަނާނީއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ޔާނިއު ދަމުން ކޮޓަރި ތަޅުލައިގެން އޮތުމަށް އިރުޝާދުދީފައި، ގުޑްނައިޓު އޭ ބުނެލިއެވެ. އޭނާ ލޯމަތިން ގެއްލުމާ އެކުހެން، އަނާނީއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ. ޔާނިއުއަށް އޮންނަ އިހުސާސްތައް ހިތުގެ ކަނެއްގައި ވިކައިލި ކަހަލައެވެ. އެއީ ދުވަހަކުވެސް ފިލައިދާނެފަދަ އިހުސާސެއް ހެނެއް ހިއެއްނުވެއެވެ. މިރޭ ވެސް ފެނިގެން އެދިޔައީ ޔާނިއުގެ ރަނގަޅުކަމެވެ. އޭނާ އަނާނީއަށް އަޅާލާވަރެވެ. ޔާނިއު ހާސިލް ކުރުމަށް އަނާނީގެ އުއްމީދު އާވެގެން ދިޔައެވެ.
ޖެހިގެން އައި ދުވަހެވެ. އަނާނީ ކޮލެޖުން އައިސް އެ ވަރުބަލިކަން މަތީ ހުރެ އައިސްއަލަމާރީގެ ދޮރު ހުޅުވައިލީ ކަރުހިއްކައިފައި ހުރުމާއެކުއެވެ. ފެންފުޅިއެއް ނަގަން އަތް ދަމާލި ވަގުތު ކޮނޑުގައި އޮތް ދަބަސް ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އެ ނަގަން ވެގެން އަނާނީ އަރިއަކަށް އެނބުރި، ގުދުވެލި ވަގުތު މީހެއްގެ ފައިކޮޅު ފެނުމުން، ސިހުނެވެ. ދަބަސް ވެއްޓިފައި އޮތީ އެމީހެއްގެ ފައިބުޑަށެވެ. އެއާއެކު މަޑުމަޑުން ތެދުވަމުން، ފައިން ފެށިގެން ބޮލާ ހަމައަށް ނަޒަރު ހިންގައިލީ އެއީ ކާކުތޯ ބެލުމަށެވެ. މޫނު ފެނުމާއެކުހެން އަނާނީއަށް ފަހަތަށް ދެފިޔަވަޅު އަޅައިލެވުނީ ޖެހުލުންވިވަރުންނެވެ. އެހިނދު އައިސްއަލަމާރީގެ ދޮރުގައި އަނާނީ އަޅައިގަނެ، އަރިއަޅާލަން އުޅުމުން، ލޫކަސް އަނާނީގެ އަތުގައި ހިފައި ކުރިއަށް ދަމައި އެކަމުން ސަލާމަތްކޮށްދިނެވެ. ނަމަވެސް އަނާނީ އެއަށްވުރެ ބާރަށް އަތް ދަމައިގަތެވެ. ލޫކަސް އެހާ ގާތުގައި ހުރުމުން އަނާނީ ހަޤީގަތުގައި ވެސް ބިރުގަތެވެ.
“އަނާނީ. ހީނުކުރައްޗޭ ތިހެން ކަންމަތީގަ އުޅޭ ޕާޓޭން ފޮނުވައިގެން އަހަންނަށް ބިރުދެއްކޭނެ ކަމަށް. މަށެއް ނުގަނޭ ބިރެއް. މަގޭ ވެސް އެކަހަލަ ރައްޓެހިން ތިބޭނެ. އަސްލު އަހަރެން އަނާނީއާ ދޭތެރޭ ކިހާ ރަނގަޅަށް މި ކަންތައް ކުރަނީ. ކުރިން ވީ ކަމެއް ވީ. އެކަމަށް އަހަރެން މާފަށް ވެސް އެދެފިން ދޯ. ދެން މިހާރު އެކަމުގެ ބަދަލު ހިފަން ތިއުޅެނީ ކީއްވެ؟ އަނާނީ ހަނދާން ނައްތާނުލައްޗޭ، އަނާނީގެ އެންމެ ހިތްދަތި ދުވަސްތަކުގަ އަނާނީގެ ކައިރީގަ އެހީވެދޭން ހުރި މީހަކީ ހަމަ މި ލޫކަސް. ދެން މިހާރު ކޮބާތަ އަނާނީގެ ބޭނުމަކީ؟” ލޫކަސްގެ ރާގުގައި ކޮންމެވެސް ވަރެއްގެ ރުޅިވެރިކަން ހުއްޓެވެ. ނަމަވެސް ވެގެން އުޅޭގޮތް އޮޅުންފިލަން އަނާނީއަށް ވަގުތުކޮޅެއް ނެގިއެވެ.
“ދެން ރޭގަ އެއީ ކޮންކަމެއް؟” އަނާނީ އަށް ވެސް ރުޅި އާދެވުނެވެ. ލޫކަސް މިހާރު އެއުޅެނީ ރޭގައި އެއްވެސް ކަމެއް ނުވާ ކަމަށް ހަދާށެވެ. ހާދަހާ މަކަރުވެރި ފިރިހެނެކެވެ.
“ރޭގައޭ؟ އައި ޑޯންޓް ރިމެމްބަރ އެނީތިންގް ދެޓް ހެޕަންޑް ލާސްޓް ނައިޓް! އޮފީސް ބައެއް ބޭއްވި ޕާޓީއަކަށް ދިޔައިން. އޭގެ ފަހުން ވީ ހުރިހާ ކަމެއް މައިންޑުން ޑިލީޓްވެފަ ހުރީ.” ލޫކަސް ބޯކަހައިލީ، އެއްޗެއް ހަނދާންކުރާ ގޮތަށެވެ.
“އާން. ނުވާނެ ހަނދާނެއް. ހަމަހޭގަވެސް ނޫން ވިއްޔަ ހުރީ. އެކަމަކު އަހަންނަކަށް ފަސޭހައެއް ނޫން ރޭގަނޑު ލޫކަސް އެވައްތަރަށް އުޅެފަ ދުވާލު ވީމަ އެއްވެސް ކަމެއް ނުވާކަމަށް ހެދިގެން ލޫކަސްއާ މަޖާކޮށް ވާހަކަ ދައްކާކަށް. ލުކް، އައި ތިންކް އިޓް ވޯޒް ބެޓާ ވެން ވީ ޑިޑިންޓް ސްޕީކް ޓު އީޗްއަދާ. ދެން ލޫކަސް އަހަންނަށް ކޮށްދިން ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. އެކަމުގެ އަގު އަހަރެން އަދާ ކޮށްދޭނަން ކޮންމެވެސް ދުވަހަކުން.” މިހެން ބުނެފައި، އިތުރަށް މަޑުވެސް ނުކޮށް އަނާނީ ގޮސް ވަނީ ކޮޓަރިއަށެވެ. އޭރު ލޫކަސް އެ ހުރިގޮތަށް ބަލަހައްޓައިގެން ހުއްޓެވެ.
އެދުވަހަށްފަހު އަނާނީ އުޅެންފެށީ ލޫކަސްއާ ދުރުންނެވެ. ނަސީބަކުން އޭނާގެ އުނދަގުލެއް ވެސް އަނާނީއަކަށް ނުފޯރައެވެ. ޔާނިއުމެން ގޮސް ދިން އިންޒާރުން ބިރުގަތީ ކަމަށް ވެދާނެއެވެ. ކޮންމެއަކަސް އަނާނީއަށް މިހާރު ހިތްހަމަޖެހިލައިގެން ގޭގައި އުޅެވެއެވެ. މައްސަލައަކަށް ވަނީ ކޮލެޖަށް ދިއުމުންނެވެ. އެތާނގައި އެކަކުވެސް އަނާނީއަކާ އަނގައިންނެއް ނުބުނެއެވެ.
އެހެން ގޮތަކަށް ބުނާނަމަ، ކޮލެޖުގައި އަނާނީ ހުންނަނީ ބާކީވެފައެވެ. މިކަމާ އަނާނީ ހުންނަނީ އިންތިހާއަށް ދެރަވެފައެވެ. އެހެނަސް އޭނާގެ މިޒާޖު ހުންނަ ގޮތުން އަމިއްލައަށް އިސްވެ އެއްވެސް މީހަކާ ވާހަކަ ދައްކަން ޖެހިލުންވެއެވެ. އަދި އެންމެ ކުޑަމިނުން ވެގެން އުޅޭގޮތެއްވެސް އަހާލާކަށް ނުކެރެއެވެ. ނަމަވެސް، ބައެއް މީސްމީހުން އަނާނީގެ ނަން ލައިގެން ދައްކާ ވާހަކަތައް އިވުމުން، ހައިރާންކަން ލިބި، އެމީހުން އެވާހަކަތައް އެގޮތަށް އެ ދައްކަނީ ކީއްވެތޯ ބަލައިލަން ވަރަށް ބޭނުންވެއެވެ. އަބަދުވެސް އިވެނީ އަނާނީ އަކީ “ބަޑި” ކުއްޖެކޭ ކިޔާއަޑެވެ. މިހާރު އެގޮތަށް ކިޔަނީ ހަމައެކަނި ޒުހާމެނެއް ނޫނެވެ. ކޮލެޖުގެ އެންމެން ކަހަލަ ގޮތަކަށް އަނާނީގެ ނަމާ ގުޅުވައިގެން އެކަހަލަ އެެއްޗެހި ކިޔާ އަޑު އިވެއެވެ. އެމީހުން ބުނާގޮތުން ނަމަ އަނާނީއަކީ “ފިރިހެނުންނާ މާ ދޯޅު” ކުއްޖެކެވެ. އެކަހަލަ ހަޤީޤަތެއްނެތް، ހަޑި ވާހަކައެއް އެންމެންގެ ތެރޭގައި ވައިގައި ހިފިގޮތެއް އަނާނީއަކަށް ނުވިސްނެއެވެ. ކޮންމެއަކަސް ކަންތައްތައް އެހެންވަމުން ގޮސް، އެންމެފަހުން އަނާނީއަށް ކެތްނުކުރެވޭ ދަރަޖައަށް ދިޔައެވެ. އެއީ އަނާނީއޭ ކިޔައިގެން އައު ވާހަކައެއް ކޮލެޖުގައި ފެތުރެން ފެށުމުންނެވެ. އެއްދުވަހަކު އަނާނީ ކްލާހުގައި އިންދައި ފަހަތުން ކޮންމެވެސް މީހަކު ނޯޓު ކޮޅެއް އެއްލިއެވެ. އަނާނީ އޭތި ނިއުޅައި ބަލައިލި އިރު އޭގައި އޮތީ “ރެއަކަށް ކިހާ ވަރެއް ޗާޖުކުރަން”ހޭ އެވެ. އެކަން މާބޮޑު ކަމަކަށް ނުހަދަން ހުއްޓައި އެދުވަހު އެއްކޮށް ކޮލެޖުގައި ދައްކާ އަޑު އިވުނީ އަނާނީ “ހަށިވިއްކާ” ވާހަކައެވެ. އެދުވަހު އަނާނީ ހިތުގައި ޖެހުނު ވަރުން އެންމެންގެ ކުރިމަތީގައި ރޮވުނެވެ. ގެއަށް އައީވެސް ރޮމުންނެވެ. އަދި އެ ހަފްތާ އެއްކޮށް ކޮލެޖަށް ނުގޮސްވެސް ހުއްޓެވެ. ބަލިކަމަށްބުނެ ބަހަނާ ދައްކައިގެނެވެ.
ހަމަ އެ ހަފްތާގެ ހުކުރުދުވަހު ޔާނިއު ގުޅިއެވެ. އަނާނީގެ ހާލު ބަލައިލަން ކަމަށް ބުނުމުން އަނާނީ ރަނގަޅޭ ބުނަން އުޅެފައި ވެސް، ޔާނިއުއަށް ދޮގެއް ހަދާކަށް ނުކެރުނެވެ. އެހެންކަމުން އަނާނީ ބުނެލީ ހުރިހާ ކަމެއް ރަނގަޅު ނޫން ކަމުގައެވެ. ވަގުތުން ޔާނިއު އެދުނީ ދިމާވާށެވެ. ނަމަވެސް އަނާނީ މީހުންގެ ތެރެއަށް ނުކުންނަން ބޭނުން ނުވާ ކަމަށް ބުނުމުން، ޔާނިއު އެންމެފަހުން ދަޢުވަތު ދިނީ ޔާނިއުގެ ގެއަށް އައުމަށެވެ. އެގޭގައި އެއްވެސް މީހަކު ނޫޅޭނެ ކަމުގެ ޔަޤީންކަން ދިން އިރު، އަނާނީއާ ބައްދަލުކުރަން ބޭނުންވެފައި ހުރިވަރު ހާމަވިއެވެ. އެހެންކަމުން އަނާނީއަށް ވެސް ދެކޮޅު ހަދާކަށް ނުކެރުނުވެ. އެރޭގެ 9ށް ގަޑި ކިޔާފައި، ޔާނިއު ފޯނު ބޭއްވިއެވެ.
އެރޭ 8:45 ވެފައި ހުއްޓާ އަނާނީ ތައްޔާރުވެލައިގެން ކޮޓަރިން ނުކުތެވެ. އޭރު ލިއުޝާ ސޯފާގައި ޓީވީ ބަލަން އިނެވެ. އަދި އަނާނީ ފެނިފައި އަހައިލިއެވެ. “ތިއޮއް ބަލިކޮށް އުޅޭއިރު ކޮންތާކަށް ދާން؟”
“ރައްޓެހި ކުއްޖެއް ކިޔާވަރުން ޑޮކްޓަރަށް ދައްކައިލަން…” އަނާނީއަށް ދޮގު ހަދަން މަޖުބޫރުވިއެވެ.
“އެކަމަކު ކުރިން ދުވަހު ފައިސަލް ބުނީމަވެސް ބުނީ ނުދާނަމޭ.” ލިއުޝާ އަނގައަށް ފާޑެއްގެ ގޮތެއް ހަދައިލިއެވެ. އިތުރަށް ބުނަންވީ އެއްޗެއް ނޭނގުމުން، އަނާނީ ނުކުންނަން ހިނގައިގަތެވެ. އޭރު ލިއުޝާ ކަޅި ޖަހައިނުލައި، އަނާނީ ނުކުންނަންދެން ލޯ އަޅާލައިގެން އިނެވެ.
ތިރިއަށް ފައިބަނިކޮށް ލޫކަސްއާ މުޑިއެރީ، އެވަގުތަކީ ލޫކަސް ސިޑިން މައްޗަށް އަރަމުން އައި ވަގުތަށް ވުމުންނެވެ. ފަރުވާކުޑަ ގޮތަކަށް ލޫކަސް ބުނެލީ ތަންކޮޅެއް ބަލާލައިގެން އުޅުމަށެވެ. ނަމަވެސް އަނާނީ އަޅާވެސް ނުލައި، ފައިބައިގެން ދިޔައެވެ. އަދި އެންމެ ތިރީގައި ހުއްޓުނު އިރު، ޔާނިއުގެ ޖީއެން ސައިކަލު ފެންނަން ހުއްޓެވެ. ޔާނިއު ފެނުމާއެކު އަނާނީއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނީ މާ ފާޅުކަންބޮޑު ގޮތަކަށެވެ. އަސްލު ޔާނިއު ފެނުމުން، ހިތަށް ލިބުނު އުފާވެރި ކަމަކުންނެވެ. އެ ހިތްގައިމު މޫނު ފެންނަ ކޮންމެ ހިނދަކު، ހިތާމަތަށް ވެސް ހިނދުކޮޅަކަށް ފިލައިގޮސް، ލޮލަށާއި ހިތަށް ފިނިކަން ލިބިގެންދނީ އަޖައިބެއްފަދަ ގޮތަކަށެވެ.
“ލޫކަސް ފެނުނޭ ދެންމެ. މިއޮއްތާ ސައިކަލު ޕާކުކުރި އިރު އޭނައަށް ވެސް އަހަރެން ފެނިގެން ވަރަށް ފާޑަކަށް ދެލޯ އަޅާލާފަ ދިޔައީ.” އަނާނީ ފަހަތަށް އެރުމުން، ސަމާސާ ގޮތަކަށް ޔާނިއު ބުނެލިއެވެ.
“ވަޓް ހެޑް ޔޫ ޑަން ޓު ހިމް؟ މިހާރު ވަރަށް ޖެއްސުންކުޑަ”. އަނާނީއަށް ވެސް ހެވުނެވެ.
“ނުކުރަން މާ ބޮޑު ކަމެއް. ދެތިން ފްރެންޑުން ގޮވައިގެން ގޮސް އޭނަ އުޅޭ އޮފީސް ހޯދައިގެން، އެތަނުން ނުކުމެގެން އައި ގަޑީ ކުޑަ އިންޒާރެއް ދިނީ. އަނާނީއާ ދުރުގަ އުޅޭށޭ ބުނީ. ނޫނީ މާ ރަނގަޅެއް ނުވާނޭ. އޭނަ ހުރި ފާޑަކަށް ބަސްހުއްޓިފަ.” ޔާނިއު ސައިކަލު ދުއްވަމުން ދިޔައީ ވީހާވެސް މީހުން މަދުހެން ހީވާ ގޯޅި ތަކުންނެވެ. އެއީ އަނާނީ މީހުންގެ ތެރެއަށް ނުކުމެ އުޅެން ބޭނުންނުވާ ކަމަށް ބުނެފައި އޮތުމުން، އެކަން ބޮލުގައި ބައިންދައިގެނެވެ.
އަނާނީ އަނެއްކާވެސް ހޭންފެށިއެވެ. އަދި ލޫކަސް އެދުވަހު ދެއްކި ވާހަކަ ޔާނިއުއަށް ކިޔައިދިނެވެ. މަންޒިލާ ހަމައަށް ދެވެންދެން އެދެމީހުން ދެއްކީ ލޫކަސްގެ ވާހަކައެވެ.
ޔާނިއު އުޅޭ އެޕާޓުމަންޓަށް ވަން އިރު އަނާނީ ހުރީ ހައިރާންވެފައެވެ. އެހާ ތަނަވަސް، ރީތި އެޕާޓުމަންޓުތައް އޭނާއަށް މީގެ ކުރިން ފެނިފައި ވަނީ ހަމައެކަނި ފޮޓޯ ތަކުންނެވެ. އެތަނުގެ ރީތި ކަމަށް އަނާނީ ތަޢުރީފުކޮށްލިއެވެ. އަދި، ސިޓިންގ ރޫމުގެ އެކި ތަންތާގައި ހަރުކޮށްފައި ހުރި ރީތި ކުރެހުންތަކަށް ބަލަމުން، އެއީ ޔާނިއު ކުރަހާފަހޭ އަހައިލިއެވެ. އެއާއެކު ޔާނިއު ހީނލާފައި އާނއެކޭ ބުނެލިއެވެ. “އައި ލަވް ޕެއިންޓިންގ” އޭނާ އިތުރުކޮށްލިއެވެ.
“ވާއު…” އަނާނީގެ އަނގަހުޅުވުނެވެ. އަދި ހިތާހިތުން ވެސް ޔާނިއުއަށް ތަޢުރީފުކޮށްލެވުނެވެ. ޔާނިއު ލުއި ހިނިތުންވުމެއް ދީފައި ބުނީ ކައުޗްގައި އިށީނުމަށެވެ. ކޮފީއެއް ހަދާލައިގެން މި އަންނަނީ ކަމަށް ބުނެފައި ޔާނިއު ހިނގައިގަތީ ބަދިގެފަރާތަށެވެ. އޭރުވެސް އަނާނީގެ ނަޒަރު އެގޭގެ އެކިއެކި ދިމަދިމާއަށް ހިނގަމުން ދިޔައެވެ. އަނާނީގެ ހިތުގައި ސުވާލު އުފެދުނީ، ޔާނިއު މިހާ ތަނަވަސް ތަނެއްގައި އުޅެނީ ކިހިނެއް، ކާކުގެ ޚަރަދަކުން ކަމާމެދުއެވެ. ޔާނިއުއާ ބެހޭ އެއްވެސް އެއްޗެއް އޭނާ ކިޔައިދީފައި ނެތުމުން، އޭނާ އުޅެނީ ކޮން ވަޒިފާއެއްގެ ކަމެއްވެސް ނޭނގެއެވެ. ޔަޤީނުންވިއްޔާ ޔާނިއުގެ މައިންބަފައިން މުއްސަނދީއެވެ. ޔާނިއުއާ ބެހޭގޮތުން ގިނަ އެއްޗެހި މިރޭ އޮޅުންފިލުވުމަށް އަނާނީގެ ހިތުގައި އަޒުމް ކަނޑައެޅިއެވެ. އޭނާ ޔާނިއު އެނގެން ބޭނުމެވެ.
ޔާނިއު ދިޔަތާ އިރުކޮޅެއް ފަހުން، އެގޭގެ ދޮރު ހުޅުވާލާފައި، މެދު އުމުރުގެ، އެހެނަސް ހަށިގަނޑުން ވަރަށް ލޫޅާފަތި، ޒުވާން ފާޑު ޖަހާ، އަންހެނަކު ވަނެވެ. ވަން ގޮތަށް އެމީހާ ހުއްޓި ހުރެ އަނާނީއާ ދިމާއަށް ދެލޯ ހަނިކޮށް ބަލަން ފެށިއެވެ. އަނާނީގެ ނުތަނަވަސްވެ ހުރެ އެމީހާގެ މޫނަށް އެއްފަހަރު ބަލާލާފައި، އިސްޖަހައިލިއެވެ. އޭރު އޭނާގެ ހިތުގެ ތެޅުން ހުރީ އަވަސްވެފައެވެ.
“މަމް! ތި އައީތަ؟ ޔާން ހީކުރީ މިރޭ މަންމަ ހުޅުމާލެ ދިޔައީ މާދަން އަންނަ ގޮތަށް ކަމަށް..” އަނާނީގެ ނަސީބު ރަނގަޅު ކަމުން ހަމަ އެވަގުތު ޔާނިއު ވެސް ބަދިގެއިން ނުކުމެގެން އައެވެ. އޭނާގެ ދެ އަތުގައި ދެ ކޮފީތަށި ހުއްޓެވެ. ޔާނިއު އޭނާގެ މަންމައާ ވާހަކަ ދެއްކި އިރު އަމިއްލަ މީހާއަށް “ޔާން”އޭ ކިޔާފައި މުޚާތަބު ކުރިއިރު، އެކަން އަނާނީއަށް ވީ ވަރަށް “ލޯބި” ކަމަކަށެވެ. އެވަގުތު އޭނާއަށް ބޭއިޚްތިޔާރުގައި ހީނލެވުނީވެސް އެހެންވެގެންނެވެ.
“މި އައީކީ ނޫން. މި އައީ ކޭޝް ކާޑު ގޭގަ ބާއްވާފަ ދެވުނީމަ އޭތި ބަލާ. ހުޅުމާލެ ނުދަނީސް ހަނދާންވިކަން ނަސީބު.” ޔާނިއުގެ މަންމަ ކުރިއަށް ހިނގައިގަންނަމުން ޖަވާބު ދިނެވެ. ދެން ގޮސް ވަނީ ތަންކޮޅެއް އެތެރޭގައި ހުރި ކޮޓަރިއަށެވެ.
“ޔާނިއު.. ޔާނިއުގެ މަންމަ އެހުރީ އަހަރެން ފެނިފަ ހިތްހަމަ ނުޖެހިފަ ކަންނޭނގެ.” ޔާނިއު ކޮފީތަށިތައް ހިފައިގެން އައިސް އަނާނީ ކައިރީ އިށީނުމުން، އަނާނީ ވައިއަޑުން ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ ހާސްކަމެވެ. އެއާއެކު ޔާނިއު ހޭންފެށުމުން އަނާނީ ވަކިން ރަކިވާ ގޮތް ވިއެވެ.
“ކީއްވެ ތިހެން ތިބުނީ؟” ހުނުން ހުއްޓާލާފައި ޔާނިއު އަހައިލިއެވެ.
“އެއީ ޔާނިއުގެ މަންމަ ބަލާލި ގޮތަކުން..” އަނާނީ މަޑުމަޑުން ބުނެލިއެވެ.
“ހްމްމް. އެއީ ހިތްހަމަނުޖެހިގެނެއް ނޫން. އެ ވާހަކަ ކިޔައިދޭނަން. އިހައް މި ކޮފީތަށި ބޮވޭތޯ ބަލާބަ ހިހޫ ނުވަނީސް.” ޔާނިއު އަނާނީގެ އަތަށް ކޮފީތަށި ދީފައި، ޓީވީގެ ރިމޯޓު ނަގައި ކުޅެލިއެވެ. އެވަގުތު ޓީވީން އަންނަމުން ދިޔަ ފުޓުބޯޅަ މެޗަކާ ބެހޭގޮތުން އޭނާ ވާހަކަ ދައްކަން ފެށި އިރު، އަނާނީގެ ސަމާލުކަމެއް އެކަމަކަށް ނެތެވެ. އަނާނީ އިރުއިރު ކޮޅާ ޔާނިއުގެ މަންމަ ވަން ކޮޓަރިއާ ދިމާއަށް ބަލަމުން ދިޔައީ ނުތަނަވަސްވެފައި އިނދެއެވެ. އެންމެފަހުން ޔާނިއުއަށް މިކަން ފާހަަގަކުރެވިގެން ބުންޏެވެ. “އައި ސީ ދެޓް ޔޫ އާ ނޮޓް ސޯ ކޮމްފޮޓަބަލް ހިއާރ. މްމް ލެޓްސް ގޯ ޓު މައި ރޫމް؟ ވީ ކެން ޓޯކް އިން ޕީސް ދެއާ.”
“ރޫމަށޭ؟ ނޯ. ނުކެރޭނެ. އޭރުން ޔާނިއުގެ މަންމަ ހީކުރާނީ އެހެން އެއްޗެކޭ.” އަނާނީ އަދިވެސް ހުރީ ޔާނިއުގެ މަންމަ ބަލާލި ގޮތުން އެކަމާ ފިކުރުބޮޑު ވެފައެވެ.
“އޯކޭ އޯކޭ. އެހެން ވިއްޔާ ޓެރަސްއަށް ދާނަން؟”
އަނާނީ ކިޔަމަންތެރިކަމާއެކު ބޯޖަހައިލިއެވެ. އެއަށްފަހު ޔާނިއުގެ ފަހަތުން ހިނގައިގަތެވެ. ދެމީހުން އެއްކޮށް ގޮސް ޓެރަސްއަށް އެރި އިރު އަނާނީ ހުރީ ފިނިވެފައެވެ. މާޙައުލުގައި ހިފާފައި ހުރި ތެތްފިނި ކަމާއެކު، ބޯމަތިން ފެންނަން ހުރި ބޯ ވިލާ ތަކުން ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސައިލަފާނެހެނެވެ. އެހެނަސް އަނާނީއަށް އެ މާޙައުލު ކިތަންމެހައި ވެސް ހިތްގައިމެވެ. ޓެރަސް ފަރުމާ ކޮށްފައި ހުރި ގޮތުން އެކި ވައްތަރު ވައްތަރުގެ ގަސްތައް ވެސް ހައްދާފައި އެއްކަނެއްގައި ހުުއްޓެވެ. އަނާނީ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޓެރަސްގެ ފާރު ކައިރިީ ހުއްޓިލާފައި، މަގުމައްޗަށް ބަލައިލިއެވެ. 10 ވަނަ ބުރި ކަމުން، މާލޭގެ އެހެން އިމާރަތްތައް ފެންނަލެއް ވަރަށް ރީއްޗެވެ. އިރުކޮޅެއްފަހުން ޔާނިއުވެސް އައިސް އަރާ ހަމަކުރިއެވެ.
“އިނގޭތަ މަންމަ އެގޮތަށް ބެލީ ކީއްވެކަން؟” ޔާނިއުގެ ސުވާލާއެކު އަނާނީ އިސްއުފުލައި ބަލައިލިއެވެ. އެއާއެކު ޔާނިއު ކިޔައިދިނެވެ. “އެއީ ހައިރާންވެފަ ހުރީމަ. އަހަރެން ދުވަހަކުވެސް އަންހެން ކުއްޖެއް ގެއަކަށް ނުގެންނަން. މަންމައަށް ނުފެންނަ މަންޒަރެއް ފެނުނީމަ އެގޮތަށް އެ ބެލީ. ކޮންމެހެން އެކަމާ ހިތްހަމަނުޖެހިގެނެއް ނޫން.”
ޔާނިއު ބުނި އެއްޗަކުން އަނާނީވެސް ހައިރާންވިއެވެ. އޭނާ ދުވަހަކުވެސް އަންހެން ކުއްޖެއް ގެއަށް ނުގެންނަމޭ އެބުނީ ކީއްވެހެއްޔެވެ. އެއީ ހަގީގަތެއް ނަމަ، އޭގެ ސަބަބަކީ ކޮބައިހެއްޔެވެ. އަދި އެހެން ކުދިން ނުގެންނަ އިރު ވަކި އަނާނީ އެ ގެނައީ ކީއްވެ ހެއްޔެވެ. އަނާނީ އަކީ ވެސް އަންހެން ކުއްޖެއް ނޫންހެއްޔެވެ.
“އެއީ ކީއްވެ؟” އެނގެން ބޭނުންވެފައި ހުރިވަރުން އެ ސުވާލު ނުކޮށް އަނާނީ އަކަށް ނުހުރެވުނެވެ.
“ކަމެއް ވެގެނެއް ނޫން. އައި ޖަސްޓް ނެވާ ހެޑް ދަ ނީޑް ޓު ޑޫ ދެޓް. ކޮންމެހެން ގެއަށް ނުގެނަޔަސް ވާނެ އެއްނު!” ޔާނިއު ހެމުން ބުންޏެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ވަރަށް ސީރިއަސްވެލާފައި ސުވާލުކުރިއެވެ، “އަނާނީ ކީއްވެ ބުނީ ހުރިހާ ކަމެއް ރަނގަޅެއް ނޫނޭ؟ ކޮންކަމެއް ގޯހީ؟ އަނެއްކާވެސް އެ ލޫކަސްގެ އުނދަގޫ ފެށުނީތަ؟”
“ނޫން…” ވެގެން އުޅޭގޮތް ކިޔައިދޭނެ ގޮތެއް އަނާނީ އަކަށް ނޭނގުނެވެ. ކިޔައިދެންޏާ ވާހަކަ ފަށަން ޖެހޭނީ ޒުހާއާ ހިސާބުންނެވެ. ޒުހާ އަކީ ޔާނިއުގެ ކަޒިންއެވެ.
“ދެން؟”
“ވެލް، ގޭގަ ހުރިހާ ކަމެއް ވެސް އޯކޭ. ލޫކަސްވެސް އުނދަގުލެއް ނުކުރޭ. އެކަމަކު ކޮލެޖް ގަ…” އަނާނީ ފެށިއެވެ. ނަމަވެސް ވަކި ހިސާބަކުން ހުއްޓައިލީ، ކިޔައިދޭނެ ގޮތެއް ނުވިސްނުމުންނެވެ.
“ކޮލެޖުގަ މީހަކު ޖެއްސުން ކުރަނީތަ؟” ޔާނިއު އެއް ބުމަ ހިއްލައިލިއެވެ. އެ ސީރިއަސް ނަޒަރުން އަނާނީއަށް ބަލައިލިގޮތުން އަނާނީގެ ހިތުގެ ތެޅުން ބާރުވިއެވެ. އެހެންކަމުން އަނާނީ އަވަސް އަވަހަށް އެހެން ދިމާއަކަށް ބަލަންފެށިއެވެ. އޭރުވެސް ޔާނިއު ހުރީ އޭނާއާ ދިމާއަށް ބަލަހައްޓައިގެނެވެ.
“ނޫން. އެކަމަކު އެކަކުވެސް ވާހަކައެއް ނުދައްކާ. ނޭނގެ ކީއްވެ ކަމެއްވެސް.” ވީހާވެސް މަތިމަތިން އަނާނީ ކިޔައިދިނެވެ.
“އެހެންތަ؟ ވެގެން އުޅޭ ގޮތެއް އަހަރެން ބަލައިދެން ތަ؟ އުޅޭނެ މަގޭ ކަޒިންއެއް ތިތާ، އޭނަ…” ޔާނިއުއަށް އެހިސާބަށް ބުނެވުނު ތަނާ އަނާނީއަށް ވަރަށް ބާރަށް “ނޫން” އޭ ބުނެލެވުނެވެ. ޔާނިއު ޒުހާ ކައިރީ އަހައިފިއްޔާ އަދި މާ ގޯސް ވާނެއެވެ. “އެއީ ކީއްވެ؟” ހައިރާންވެފައި ޔާނިއު އަހައިލިއެވެ.
“އެއީ.. ދެން ބަހައްޓާ. އެއީ މާ ބޮޑު ކަމެއް ވެސް ނޫން. އަހަރެން އަމިއްލައަށް އަހާފާނަން ކްލާސް ކުއްޖެއް ކައިރީ” އަނާނީ ގަދަކަމުން ހިނިތުންްވެލިއެވެ. އެއާއެކު ކުއްލިއަކަށް ވާރޭ ކަނިކަނި ޖަހަން ފެށުމުން، އަނާނީއަށް މައްޗަށް ބަލައިލެވުނެވެ. “އިޓްސް ރެއިނިންގ..” މިފަހަރު އޭނާގެ ތުންފަތުގައި ކުޅެލީ ހަޤީޤީ ހިނިތުންވުމެކެވެ.
“އޯ ޑޭމް. ހިނގާ އަވަހަށް ދާން މިތަނުން ބޯކޮށް ނުލަނީސް!” ޔާނިއު އަނާނީގެ އަތުގެ ކުޑަހުޅުގައި މަޑުމަޑުން ހިފައި ދަމައިލިއެވެ. ނަމަވެސް އަނާނީ ހުރި ފިޔަވަޅު މަތިން ގުޑައި ނުލިއެވެ. އެންމެފަހުން ޔާނިއު އަނާނީގެ އަތުން ދޫކޮށްލުމާއިއެކުހެން ވިއްސާރަ ބޯކޮށްލިއެވެ. އަނާނީ ނާންނާނެކަން އިނގޭތީ ޔާނިއު ދުވެފައި ގޮސް އަމިއްލައަށް ހިޔާ ހޯދިއެވެ. އޭރު އަނާނީ ދެއަތް ފުޅާކޮށްލާފައި ހިނިއައިސް ހުއްޓެވެ. އެވަރުގެ އުފާވެރި ކަމެއް އޭނާއަށް ފެނިފައި ނެތްކަހަލައެވެ. ދުރުގައި، ފުރާޅުގެ ހިޔަލުގައި ހުރި ޔާނިއު ހުރީ އެ މަންޒަރު ބަލާށެވެ. އޭނާއަށްވެސް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އެ މަންޒަރު ބަލަން އެވަގުތު އެހެން މީހަކު ހުރި ނަމަވެސް ވާނީ އެހެންނެވެ. އަނާނީ ހީވަނީ ކުޑަކުއްޖެއް ވާރެޔާ ތެމެން ނުކުމެ އުޅޭހެނެވެ. “ކަމް ހިއާ، ޑަމްބް ގާރލް! ޔޫ މައިޓް ގެޓް ސިކް!” އަނާނީއަށް އަޑު އިވޭނެހާ ބާރަށް ޔާނިއު ގޮވައިލި އިރު އޭނާ އަދިވެސް ހުރީ ހިނިއައިހެވެ.
“ނޯ، ޔޫ ކަމް ހިއާ! ވަރަށް މަޖާ! ބަލިވެދާނެ ކަމަށް ބިރުން ތިހެން ހުންނާނީ ފިނޑިން. އާދެބަ! ޕްލީޒް!” އަނާނީވެސް ހަމަ އެހާ ބާރަށް ގޮވައިލިއެވެ. އެއާއެކު ޔާނިއު ނޫނެކޭ ބުނި ނަމަވެސް އަނާނީ ކުރުނުކޮށް އާދޭސް ކުރަން ފެށިއެވެ.
“ފައިން. އެކަމަކު އަހަރެން ބަލިވެއްޖިއްޔާ އަނާނީ ޖެހޭނެ ބޭސްކޮށްދޭން!” ސަމާސާ ރާގަކަށް މިހެން ބުނެފައި، އޭނާއަކީ ވާރޭގައި ޖެހިއްޖެ ނަމަ، އޭގެ އަނެއް ދުވަހު ނުވެސް ތެދުވެވޭހާ ބަލިކޮށް އުޅެން ޖެހޭނެ މީހެއްކަން އެނގި ހުރެވެސް އަނާނީ ދެރަކޮށްލަން ބޭނުންނުވާތީ، އެންމެފަހުން ހިޔަލުން ނުކުތެވެ. އެވަގުތު އަނާނީ އުފަލުން ހަޅޭއްލަވައިގަތެވެ. އަދި، އެންމެފަހުން ޔާނިއު ވާރެއާ ތެންމާލެވުނީ ދޯ އޭ ކިޔައި ސަމާސާ ކުރަންފެށިއެވެ.
ޔާނިއު އައިސް އަނާނީއާ ބައިވެރިވެ، ވާރޭގެ ތިކިތަކުން ހަށިގަނޑު ތެންމަމުން ދިޔައެވެ. ވެހެމުންދިޔަ ވާރޭގެ ބޯކަމުން، ހުއްޓައިލާނެ އިރެއްވެސް އަންދާޒާ ކޮށްލާކަށް ނޭނގެއެވެ. ދެމީހުން ދެ ކުޑަކުދިން ފަދައިން އެކަކު އަނެކަކާ ސަކަރާތް ޖަހަމުން ދިޔައެވެ. އެހެނަސް، އަނާނީގެ ހިނިތުންވުން ކުއްލިއަކަށް ފަނޑުވެގެން ދިޔައީ، ލޯ ތަރަތަރަ ޖަހައިގެން ދާ ވަރަށް ވިދައިލި ވިދުވަރުންނެވެ. ގާތުގައި ހުރި ޔާނިއުގެ އަތުގައި ވަރަށް ބާރަށް ހިފައިލެވުނު އިރު، ދެލޯ މަރައި ތަގުޅިކޮށްލެވިއްޖެއެވެ. ޖެހިގެން އައި ސިކުންތުގައި ކަންފަތް ބަންވާހާ ބާރަށް ގުގުރައިލިއެވެ. އެއާއެކު އަނާނީއަށް ޔާނިއުގެ ގައިގައި ބާރަކަށް ބައްދައިލެވުނެވެ. އެގޮތަށް އިރުކޮޅަކު އެއްވެސް އިތުރު ހަރާކަތެއް ނުކޮށް ހުރެފައި، އިތުރަށް އަޑެއް ނީވުމުން، އަނާނީ މަޑުމަޑުން ޔާނިއުގެ މޭމަތިން އަމިއްލަ ބޯ އުފުލައިލިއެވެ. އަދި އެވަގުތު ބަލައިލެވުނީ ޔާނިއުގެ މޫނަށެވެ. އޭނާ ހީކުރީ އޭނައަށް މި ކުރެވުނު ކަމަކުން ޔާނިއު ހުންނާނީ ހިތްހަމަނުޖެހިފައި ކަމަށެވެ. ނަމަވެސް ޔާނިއުގެ މޫނުމަތިން އެކަހަލަ އަސަރެއް ފެންނަން ނެތް އިރު، އޭނާވެސް އަނާނީގެ މޫނަށް ބަލައިލިއެވެ. އަދި ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔުމާއެކު، އަނާނީ ހީބިހިނަގައިގެން ދިޔައެވެ. ހީވީ ކަރަންޓުގައި ޖެހުނު ހެނެވެ. އެއާއެކު އޭނާއަށް ދެން ކުރެވުނީ، މިއިން ދުވަހަކުވެސް ވެދާނެ ކަމަށް ވިސްނައިގެން ހުރި ކަމެއް ނޫނެވެ. އެއީ އަނާނީ ގަސްދުގައި ކުރި ކަމެއް ކަމެއް، ނުވަތަ ޖަޒުބާތުގައި ޖެހުނު ވަރުން ބޭއިޚްތިޔާރުގައި ކުރެވުނު ކަމެއް ކަމެއް ބުނެދޭކަށް ނޭނގެއެވެ. ޔާނިއު ދުރުވާން ބޭނުންވިޔަސް، އެވަގުތު އެއީ މާ ފަސޭހަ ކަމަކަށް ނުވިއެވެ. ނަމަވެސް މިނިޓެއް ފާއިތުވެގެން ދިޔަ ފަހުން، ޔާނިއު އެންމެ ފަހުން އަމިއްލަ ނަފްސު ކޮންޓްރޯލުގެ ދަށަށް ގެނައެއެވެ. އަދި އަނާނީއަށް ތަދު ނުވާނޭހެން، އޭނާއާ ދުރަށް ކޮއްޕައިލިއެވެ.
“ޑިޑް ޔޫ ޖަސްޓް ކިސް މީ……” ޔާނިއު ވަރަށް އުނދަގުލުން ބުނެލިއެވެ. ވެދިޔަ ކަންތައް ރޭކައިލީ އަދިކިރިޔާ ކަހަލައެވެ.
އަނާނީ އަނެއްކާވެސް ޔާނިއުއާ ކައިރިއަށް އަންނަންފެށިއެވެ. “ކިހިނެއްވީ؟ މަނާ ކަމެއްތަ މި ކުރެވުނީ؟ ޑިޑް ޔޫ ނޮޓް ލައިކް އިޓް؟” އަނާނީގެ ރާގު ހުރީ ބަދަލުވެފައެވެ. އަދި ޔާނިއުގެ ގައިގައި އަތްލާން ފެށުމުން، ޔާނިއު އެ އަތް ދުރުކޮށްލިއެވެ. އެއާއެކު އަނާނީ ބުނެލިއެވެ. “ޔާނިއު ޕްލީޒް. ކީއްވެތަ ވަކި އަހަރެން ވީމަ ކައިރި ނުވާން ތިއުޅެނީ؟؟ ދެޓް މޭކްސް މީ ފީލް ވޯސް އަބައުޓް މައިސެލްފް. ޑޯންޓް ޑޫ ދެޓް ޓު މީ..” ވާރޭ ތުނިކޮށްލާފައި އޮތް ނަމަވެސް، އަނާނީ ހުރީ ހީކަރުވައިގަނެގެން ގޮސް ތުރުތުރު އަޅާވަރުގައެވެ.
“އަނާނީ، އަނާނީ މަށަށް ތިހެން ނުހަދަފާނަންތަ ފުރަތަމަ؟ އައި އޭމް ޓްރައިންގ މައި ބެސްޓް ނޮޓް ޓު ޑޫ ސަމްތިންގ ސްޓުޕިޑް ވިތު ޔޫ. އެކަމަކު އަނާނީގެ އަމަލުތައް ތިހެން ހުންނަންޏާ އަހަންނަކަށް ވެސް ފަސޭހައެއް ނޫނޭ! ޔޫ އާ ޓެމްޕްޓިންގ މީ ސޯ ބޭޑް، އިޓްސް ސޯ ހާރޑް ފޯ މީ! އަހަރެން ބޭނުމެއް ނޫން އަހަންނާ ހެދި އަނާނީ ފަހުން ރިގްރެޓް ކުރުވާކަށް.” ޔާނިއު އަތް މުއްކަވާލާފައި ހުރެވެސް، ކެތްތެރިކަމާއެކު އަނާނީއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
“ތިހެން ހެދީމަ ރިގްރެޓް ކުރަން ޖެހޭވަރު މާ ބޮޑޭ!” އަނާނީ ހަޅޭއްލަވައިގަތެވެ. “ޔޫ ނޯ ވަޓް، މާދަން އެއީ އަހަރެންގެ އުފަންދުވަސް. އައި އޭމް ޓާރނިންގ 18. ޔާނިއު އަހަންނަކަށް އުފަންދުވަހުގެ ގިފްޓެއް ނުދޭނަންތަ؟”
“ކޯއްޗެއްތަ އަނާނީ ބޭނުންވެގެން ތިއުޅެނީ؟” ޔާނިއު ދަތްކުނޑި ވިކާލާފައި ހުރެ ސުވާލު ކޮށްލިއެވެ.
“ހަމަ.. ނޭނގިގެން..ތަ ތި އަހަނީ؟” ދަތްދޮޅި ތުރުތުރު އަޅާވަރުން އަނާނީއަށް ވާހަކަ ދައްކަންވެސް ވެސް އުނދަގޫވިއެވެ.
“މައްސަލައެއް ނެތް! އަނާނީ ބޭނުންވަނީ އެ ގޮތް ކަމަށް ވަންޏާ، އާދޭ!” ޔާނިއު އިތުރު ވިސްނުމަކަށް ނުގޮސް، އަނާނީގެ އަތުގައި ހިފައިގެން، ދަމަމުން ކަހަލަ ގޮތަކަށް އެތަނުން ނެރުނެވެ. އަދި، އެ ބާރުމިނުގައި ސިޑިން ތިރިއަށް ވެސް ގެންދިޔައެވެ. ނުވަ ވަނަ ފްލޯގެ އޭނާ އުޅޭ އެޕާޓުމަންޓު ކައިރީ ހުއްޓި ހުރެފައި، ފަހަތު ޖީބުން ނެގި ތަޅުދަނޑިފަތިން އެތަނުގެ ދޮރު ހުޅުވިއެވެ. އޭރުވެސް އޭނާ ހުރީ އަނާނީގެ އަތުގައި ހިފަހައްޓައިގެނެވެ. އެތެރެއަށް ވަން ގޮތަށް ދޮރު ބަން ކިޔާފައި ޖެހިއެވެ. އަދި އެއަށްފަހު ތަޅުލުމަށްފަހު، އޭނާގެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ.
ކޮޓަރިންވެސް އެތެރެއަށް ވަދެފައި، އެ ދޮރު ވެސް ތަޅުލިއެވެ. އަނާނީ ހުރީ ފާޑަކަށް ބަސްހުއްޓިފައެވެ. “މިހާރު ކިހިނެއްވެފަ ތިހުރީ؟ އަހަރެން މިއުޅެނީ އަނާނީ ބޭނުންވާ ކަންތައް ކޮށްދޭކަށްނު” ޔާނިއު އަނާނީގެ އަތުން ދޫކޮށްލިއެވެ. އަދި ލައިގެން ހުރި ގަމީހުގެ ގޮށްތައް ހަލުވިކަމާއެކު ނައްޓަންފެށިއެވެ. ހަމައެއާއެކު އެ ގަމީސް ހަށިގަނޑުން ވަކިކޮށް އެއްލައިލިއެވެ.
(ނުނިމޭ)
7 Comments
Comments are closed.
Wow!! Speech less…v intizaaru kurevijje mi story ah..keyvve mihaa digu break eh negee…mi story v reethi…dhen kiyalavaru vaany kihaadhuvahakun tha?
After long one year?
Oh my god!!!! I am so happy right now.. Adhi nuves kiyan.. Hithah ery furathama commment kohlaany ey.. Thank u soooo much.. Goodluck.. V avahah aneh bai vx upkohdhehche 🙂
Ye ye up vy v nice good luck diear. Nixt part avahah upkohdhehche
Ye ye up vy v nice good luck diear. Nixt part avahah upkohdhehche
Haadha gina dhuvas vy.. Ekm this part hama vvvv obi.. :-):-) dhen kon dhuvahakun upkirany.. Can’t wait..
Wait this part have already been updated ennun? Fahun up kuri part ga kanneyge anaany Lukas a merry ves kuran ulhe ennun???