“އެ ޒާންގެ ދުވަސް އަހަރެން ދުއްވާލާނަން..” ޞަފޫރާއަށް ބަލާލަމުން މައުވާން އެހެން ބުނެލީ ނުރައްކާތެރި ގޮތަކަށެވެ.
“މައުވާން ނިކަން ވިސްނާލަބަލަ.. ޞިފްރީން ޒާން ދެކެ ފުރާނަ ފަދައިން ލޯބިވޭ.. ޒާންއަށް ދެރަގޮތެއް ދިމާވެއްޖިއްޔާ ޞިފްރީން ފަކީރު ހިތުގައި ޖެހޭނެވަރު މައުވާންއަކަށް ނޭނގޭތަ؟” ޞަފޫރާ ނުރުހުމުގެ ރާގެއްގައި ބުނެލިއެވެ.
“ޞިފްރީންއަކީ އަހަރެންގެ ހައްޤެއް.. ޒާންއަށް ޞިފްރީންއާއެކީ އުޅުމުގެ ހައްޤެއް ނޯންނާނެ.. އެ ބަލިކަށި އިންސާނާ ފަހަތުން ޞިފްރީން އެދުވަނީ މޮޔަވެގެންތަ؟ ބަލަން ހުންނާތި! މި ފަހަރު މާމައަކަށްވެސް އަހަންނެއް ނުހުއްޓުވޭނެ.. ކުރިންވެސް އަހަރެން ޒާންއަށް ކަމެއް ނުކުރީ މާމަ އެކަމަށް ހުރަސް އެޅީމަ.. އެކަމަކު މިފަހަރު މާމައަށްވެސް އަހަންނެއް ނުހުއްޓުވޭނެ..” މައުވާން އެހެން ބުނެލުމަށްފަހު ދުންކޮޅަކަށް ބަދަލުވެގެން ދިޔައެވެ. ޞަފޫރާ ކަންބޮޑުވެފައި އިރުކޮޅެއް ވަންދެން ހުއްޓެވެ. އަބަދު މައުވާން ހުއްޓުވުމަކީވެސް އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. މައުވާން ފިޔަވަޅެއް އެޅުމުގެ ކުރިން އޭނާ ޒާންގެ ރައްކަލަށް ކަމެއް ކުރަން އެބަޖެހެއެވެ. އިންސާނުންދެކެ ކިތަންމެ ނަފުރަތު ކުރި ނަމަވެސް ޞަފޫރާ ޞިފްރީންއަށް ދެރަގޮތެއް ވާކަށް ނޭދެއެވެ. ޞިފްރީން ކުޑަކުޑައިރު އޭނާގެ މަންމަ ނިޔާވުމަށްފަހު އެ ތުއްތު ފުރާނަ ބަލާބޮޑުކުރީ ޞަފޫރާއެވެ.
** ** **
ފަތިހުގެ ހިތްގައިމު ވަގުތު މަގުތައް މަތިން މީހުން ފެންނަލެއް ވަރަށް މަދެވެ. ފަޒާގައި ތެތް ފިނިކަމެއް ހިފާލާފައިވީއިރު ޖެހެމުންދާ މަޑުމަޑު ވައިރޯޅިތަކުން ހިތްތަކަށް ހަމަޖެހުން ގެނުވައެވެ. މަގުމަތި ކުނިކަހަން އޮތް މަރިޔާގެ ހަރަކާތްތަކަށް ހުއްޓުން އެރީ ގޭގެ ދޮރާށި ހުޅުވާލާފައި ނިކުތް ޒާން ފެނިފައެވެ. މުށި ކުލައިގެ ގަމީސް ދަށަށް ޖަހާލާފައިވީއިރު އޭނާގެ ފިރިހެންވަންތަކަން އިންތިހާއެވެ. މަޑު ރާގެއް އަޅުވައިގެން ހުރެ އޭނާ ގޭގެ ބޭރުގައި ޕާކްކޮށްފައިވާ ބައިސްކަލަށް އަރައި ދުއްވާލިއެވެ. އޮފީހާ ދިމާއަށް މިސްރާބުޖެހިއިރު އެ މޫނުމަތިން މާރިޔާއަށް ފެނުނީ ކުރިން ދުވަހަކުވެސް ދެކިފައި ނުވާފަދަ އުފާވެރިކަމެކެވެ. އާދަޔާ ޚިލާފަށް އެ މޫނުމަތި އުޖާލާވެފައިވިއެވެ. އެތައް ދުވަހަކަށްފަހު މާރިޔާގެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ. އޭނާގެ ދަރިފުޅު ހާދަހާ ވޭނެއްގައި އުޅެފިއެވެ. އެ ދަރިފުޅުގެ ހިނިތުންވުމުގެ އަސްލަކީ ކޮބައިތޯ ބަލާހިތުން މާރިޔާ ކެތްމަދުވިއެވެ.
މެންދުރު ޒާޔާ ސްކޫލަށް ލާފައި އައިސް މާރިޔާ އުޅުނީ ޒާން އަންނަން ވާއިރަށް ކާން ހަދާށެވެ. އޮފީހުން އަންނައިރު ޒާން ހުންނާނީ ބަނޑުހައިވެފައިކަން އޭނާއަށް އެނގެއެވެ. އަތްމަތި އަވަސްކޮށްލާފައި ތަށިތައް އަތުރަމުންދިޔަ ވަގުތު އޭނާ ސިހުނީ ޒާން މަންމާއޭ ކިޔައި ވަރަށް ބާރަށް ގޮވާލުމުންނެވެ. ބޮޑު ކަމެއްވީއޭ ހިތައި މާރިޔާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ގޭގެ ގޯތިތެރެއަށް ނިކުތެވެ. އެއާއެކު ހައިރާންވެފައި އޭނާއަށް ބަލަން ހުރެވުނީއެވެ. ޒާންގެ އަތުގައި ހިފައިގެން އެހުރި އަންހެންކުއްޖާގެ ކިބައިގައިވާ ރީތިކަން ފެނި މާރިޔާއަށްވެސް ހިތާހިތުން ތަޢުރީފުކޮށްލެވުނެވެ. ކަކުލާ ހަމައަށް އަރާ މަޑުފެހި ކުލައިގެ ހެދުމެއް ލާފައިވީއިރު ތިރިން ލާފައި ވަނީ ކަޅު ސްކިނީއެކެވެ. ބޮލާއި ކަރު ނިވާކޮށްލެވިފައިވަނީ އަޅިކުލައިގެ ޝޯލްއަކުންނެވެ.
“މަންމާ.. މީ ޞިފްރީން..” ޒާން މާރިޔާއަށް ޞިފްރީން ތަޢާރަފުކޮށްދިނެވެ. މާރިޔާ ގާތު ދައްކަންވީ ވާހަކަތައް ކުރީރޭ އެދެމީހުންވެގެން ވަނީ ރާވާ ނިންމާފައެވެ. ޞިފްރީންގެ ހެދުން އެޅުމުގެ ވައްޓަފާޅި ބަދަލުކޮށް ބުރުގާ އެޅުވީ އެ ދިގު އިސްތަށިގަނޑު ފޮރުވުމުގެ ބޭނުމުގައެވެ. މީހަކަށް ޝައްކެއް ނުވާނެހެން ޒާން ވަނީ ހުރިހާ ކަމެއްވެސް ނިންމާފައެވެ.
“އެހެންތަ؟ ކޮން ގެއެއްގެ ކުއްޖެއްތަ މީ؟” މާރިޔާ ޝަޢުޤުވެރިކަމާއެކު އަހާލިއެވެ.
“މަންމާ.. ޞިފްރީން އެއީ މާލޭ ކުއްޖެއް.. އާއިލާއެއް ނެތް ނިކަމެތި ކުއްޖެއް.. މަންމާ.. އަހަރެން ބޭނުން ވީހާވެސް އަވަހަކަށް ޞިފްރީންއާ އިންނަން..” ޒާން ބުނެލިއެވެ. މާރިޔާ ވިސްނުންތެރިކަމާއެކު ބޯ ޖަހާލިއެވެ.
“ދަރިފުޅު ރުހޭ ކަމެއް ވެއްޖިއްޔާ މަންމަގެ މައްސަލައެއް ނެތް.. އެކަމަކު ޞިފްރީން ކޮންތާކު ހުންނަނީ މިރަށުގަ؟” މާރިޔާ އަހާލިއެވެ. ކުރިންވެސް މާރިޔާގެ އެ ސުވާލު އަމާޒުވާނެކަން ޒާންއަށް އެނގެއެވެ.
“ކުލީގޭގައި ހުންނަނީ..” ޒާން ބުނެލިއެވެ. ރޭގައި އޭނާ ވަނީ އެގޭގެ ކޮޓަރިއެއް ކުއްޔަށް ހިފާފައެވެ. އެވެސް މާރިޔާއަށް ޝައްކުވެދާނެތީއެވެ.
“އެހެންތަ؟ ކޮންއިރަކު ޞިފްރީން މިރަށަށް އައީ؟” މާރިޔާ އަހާލިއެވެ.
“ރޭގައި..” ޞިފްރީން ލަދުން ހުރެ ބުނެލިއެވެ. އޭނާ ކަންތައްކުރަމުން ދިޔައީ ޒާންގެ އިރުޝާދާ އެއްގޮތަށެވެ.
މާރިޔާ ޞިފްރީންއަށް މެންދުރުގެ ކެއުމުގައި ބައިވެރިވުމަށް ދަޢުވަތުދިނެވެ. ތިން މީހުން ކެއުމަށް އިންސާފުކުރަމުން ދިޔައިރު އިރުއިރުކޮޅާ މާރިޔާގެ ސުވާލުތައް ޞިފްރީންއަށް އަމާޒުވަމުން ދިޔައެވެ. ހާސްކަމެއްނެތި ޞިފްރީން އެ ހުރިހާ ސުވާލަކަށް ޖަވާބުދެމުން ދިޔައީ ޒާންގެ އިރުޝާދާ އެއްގޮތަށެވެ. ޒާންއާއެކީ އުޅުމަށް ކޮންމެ ފަދަކަމެއް ކުރަންވެސް އޭނާ ހުރީ ތައްޔާރަށެވެ. އިންސާނުންގެ ތެރޭގައި އުޅުމަކީ އުނދަގޫ ކަމަކަށް ވީ ނަމަވެސް އެއީ އޭނާ ޒާންއަށްޓަކާ ވާ ޤުރުބާނީއެކެވެ.
އޭގެ ހަފްތާއެއް ފަހުން ޒާންއާ ޞިފްރީންގެ ކައިވެނި ކުޑަ ގޮތަކަށް ކުރެވިގެން ދިޔައެވެ. އޭރު ޞިފްރީންއާ މާރިޔާ އަދި ޒާޔާގެ މެދުގައިވެސް ގާތް ގުޅުމެއް އުފެދިފައިވިއެވެ. ކައިވެނީގެ ހަފްލާއަށް ދަޢުވަތު ދިނީ ހަމައެކަނި ގާތްތިމާގެ މީހުންނާއި ޒާން މަސައްކަތްކުރާ އޮފީހުގެ މީހުންނަށެވެ. އެ ހުރިހާ އެންމެންވެސް ހަފްލާއަށް އައިސް ޞިފްރީންއަށް ބަލާލަނީ ހައިރާންކަމާއެކުގައެވެ. ލުއި މޭކަޕެއް ކޮށްފައިވީއިރު ޞިފްރީން ކުރިއަށްވުރެވެސް ރީތިކަމަށް ދައްކައެވެ. ބައެއް މީހުން އައިސް ޒާންގެ ކޮނޑުގައި ޖަހާލުމަށްފަހު ތީ ކޮންތާކުން ހޯދި ޖަވާހިރެއްހޭ އަހާލައެވެ. ޒާން ހަމައެކަނި ހިނިތުންވުމަކުން ފުއްދާލަނީއެވެ. ޞިފްރީންގެ ހަޤީޤަތް އެހެން އެއްވެސް މީހަކަށް އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ހަފްލާގެ ކަންތައް ކުރުމުގައި އިސްވެ މާރިޔާ އުޅުނުއިރު އެހިތް ވަނީ އުފަލުން ފުރިފައެވެ. ހުރި ހަމައެކަނި ފިރިހެންދަރީގެ ކައިވެނި ވީ އެންމެ ފުރިހަމަ ގޮތުގައި ކުރަން އޭނާ ބޭނުންވިއެވެ.
ހަފްލާގެ ކަންތައް ނިންމާލުމަށްފަހު ޒާންމެންނަށް ކޮޓަރިއާ ހަމައަށް ދެވޭވަރުވީ ބާރަވެސް ޖެހިފަހުންނެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ޒާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެތަން ޒީނަތްތެރިކޮށްފައިވާލެއް ފުރިހަމަކަމުންނެވެ. އެނދުމަތީގައި ރަތް ފިނިފެންމާ ފިޔަތައް ހިތެއްގެ ބައްޓަމަށް އަތުރާފައިވީއިރު މުށިތައް މަތީގައިވެސް އޭގެ ފިޔަތައް އަތުރާފައިވިއެވެ. ޞިފްރީންގެ އަތުގައި ހިފައިގެން ޒާން އެ ފިޔަތައް މަތިން ލާފައި ކޮޓަރިއަށް ވަދެގެން ދިޔައެވެ. އޭސީގެ ފިނިކަން މުޅި ކޮޓަރީގައި ހިފާލާފައިވީއިރު ލުއިލުއި މީރުވަހެއް ދުވަމުން ދިޔައެވެ.
އެނދާ ހަމައަށް ގޮސްފައި ޒާން އެނދުމައްޗަށް ވެއްޓިގަތީ ވަރުބަލިވެފައި ވުމުންނެވެ. ޞިފްރީންވެސް މަޑުމަޑުން އޭނާގެ މަގަތުގައި އޮށޯވެލިއެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ.
“ރީން ގެ އާއިލާ ކޮބާތަ؟ އެނގޭނެތަ އަހަރެމެން މެރީ ކުރިކަން؟” ކުއްލިއަކަށް ޒާން އަހާލިއެވެ. އެއާއެކު ޞިފްރީންގެ ރީތި މޫނު މިލައިގެން ދިޔައެވެ.
“އަހަރެންގެ މަންމައާ ބައްޕަވީ ނިޔާވެފަ.. ހިތަށް އަރާ އެމީހުން ތިބިނަމައޭ..” ޞިފްރީން މަޑުމަޑުން ބުނެލިއެވެ. އެއާއެކު ޒާން ޞިފްރީންގެ ތުނި ހަށިގަނޑުގައި ވަރަށް ލޯބިން ބައްދާލިއެވެ.
“ރީން ދެރަނުވައްޗޭ.. އިރާދަކުރެއްވިއްޔާ އަހަރެން ރީންއަށް ދުނިޔޭގެ ހުރިހާ އުފަލެއް ދޭނަން..” ޒާން އެހެން ބުނެލިލެއް ލޯބިކަމުން ޞިފްރީންގެ މޫނުން އަނެއްކާވެސް ހިނިތުންވުމެއް ފެނިގެން ދިޔައެވެ.
“އަހަރެންގެ މަންމަ ނިޔާވީ އިންސާނެއްގެ ސަބަބުން.. އެމީހުން ފަންޑިތަ ހެދީ.. މިހާރު އާއިލާގައި ތިބީ މާމައާ ބޮޑުދައިތަ، ދެން ބޮޑުދައިތަގެ ހުންނާނެ ފިރިހެން ދަރިއެއް..” ޞިފްރީން ކިޔައިދިނެވެ. “އެމީހުންނަށް އެނގޭނެ އަހަރެމެންގެ ކައިވެނި ކުރެވުނުކަން.. އެކަމަކު މާމަ ހުންނަނީ އަދިވެސް ކަންބޮޑުވެފަ މަންމައަށް ވީފަދަ ގޮތެއް އަހަންނަށް ވެދާނެތީ.. އިންސާނުންގެ ތެރޭގައި މިގޮތަށް އުޅުމަކީ އަހަރެމެންނަށް ރައްކާތެރި ކަމެއް ނޫން.. އެކަމަކުވެސް އަހަރެން މިއުޅެނީ ޒާން ދެކެ ލޯބިވާތީ..”
ޒާން މަޑުމަޑުން ޞިފްރީންގެ ދޮން ނިއްކުރިއަށް ދޮނެއް ދިނެވެ. އެ ދެލޮލުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ލޯތްބެވެ.
“އަހަރެންގެ ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު ރީންއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން.. ވަރަށް ލޯބިވޭ..” ޒާން ލޯތްބާއެކު ބުނެލިއެވެ. އަދި ޞިފްރީންގެ ބޮލުގައި އޮޅާފައިވި ޝޯލްގެ ދަތިތައް ފަރިތަކަމާއެކު ނައްޓާލިއެވެ. ހުޅިޖަހާފައިވާ އެ ބޮޑު އިސްތަށިގަނޑު ނިއުޅާލުމާއެކު މުޅި އެނދުމަތީގައި ފެތުރިގެން ދިޔައެވެ. ޒާން އެ އިސްތަށިގަނޑުގައި މޫނު ޖައްސާލިއެވެ. ދުނިޔޭގެ ހުރިހާ އުފަލެއް ލިބިއްޖެ ކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން ދިޔައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ޒާންގެ ހަޔާތައް ބަހާރު މޫސުން ގެނުވަމުންނެވެ. ޞިފްރީންގެ މުރާލިކަން ފެނި މާރިޔާވެސް ހުންނަނީ ވަރަށް އުފަލުންނެވެ.
** ** **
ރޭގަނޑުގެ ވަގުތު ޒާންގެ އާއިލާ ކެއުމަށް އިންސާފުކުރަމުން ދިޔައިރު ތަފާތު ވާހަކަތައް ދެކެވެމުން ދިޔައެވެ. ކުޑަކުޑަ ޒާޔާ ވެސް އެވާހަކަތަކުގައި ބައިވެރިވަނީ އެންމެންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނުވަމުންނެވެ.
“ދަރިފުޅުމެން ނޫޅެންތަ މަންމައަށް މާމަދަރިއެއް ހޯދައިދޭކަށް؟” މާރިޔާގެ އެ ސުވާލާއެކު ޒާންއާއި ޞިފްރީން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. އެ ދެމީހުން ނިންމާފައި އޮތީ ކުދިން ނުހޯދުމަށެވެ. ދެ ނަސްލުގެ ދެމެދުގައި ކުދިން ހޯދައިފިނަމަ ފަހުން ވާނެ ގޮތެއް ނޭނގޭތީ ޖެހިލުންވަނީއެވެ.
“މަންމަ ތި ބުނީ ޒާއްކޮއަށް ކޮއްކޮއެއް ގެންނަ ވާހަކަ ދޯ؟” ޒާޔާ އެހެން ބުނުމުން ހުރިހާ އެންމެން އެއްފަހަރާ ހީލިއެވެ.
“އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދޯ ރީން؟” ޒާން އެހެން ބުނުމުން ޞިފްރީންވެސް ބޯ ޖަހާލިއެވެ.
ކައިނިމިގެން ޒާން މިސްރާބުޖެހީ ކޮޓަރިއާ ދިމާއަށެވެ. މާރިޔާއާއެކު ތަށިތައް ނަގަން ޞިފްރީން މަޑުކުރީއެވެ. ތަށިތައް ދޮވެ ނިންމުމަށްފަހު އޭނާ މަޑު ހިނގުމެއްގައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ނަމަވެސް ޒާން އެނދުގައި ނެތުމުން އޭނާއަށް ކުޑަ ހައިރާންކަމެއް ލިބިގެން ދިޔައެވެ. ދެން އޭނާ ގޮސް ހިފާލީ ފާހާނާގެ ތަޅުގައެވެ. ފަސޭހަކަމާއެކު އެ ދޮރު ހުޅުވިގެން ދިޔައެވެ. ފާހާނާ ތެރެއިންވެސް ޒާންގެ ހިލަމެއް ނުވުމުން ޞިފްރީން ކަންބޮޑުވިއެވެ.
** ** **
ފަނިފަކުސާފަކުސީގެ އަޑުތައް ޒާންގެ ކަންފަތުގައި ގުގުމާލާފައިވިއެވެ. އުނގަދޫ ގޮތަކަށް ދެލޯ ހުޅުވާލަމުން އޭނާ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. އޭރު އެ ބޮލުގެ ފުއްކިބައަށް ތަދެއްވެސް އަރާފައިވިއެވެ. ޒާންއަށް އޮވެވުނީ ގަސްބޯ ވަލުގެ ތެރޭގައެވެ. ރޭގަނޑުގެ އެވަގުތު އެ ޖަންގަލި ތެރެ ފެންނަމުން ދިޔައީ ނާމާން ގޮތަކަށެވެ. އުނދަގުލާއެކު ޒާން ކޮޅަށް ތެދުވިއެވެ. އޭރު ބިންމަތީގައިވާ ކުދި ގޮފިކޮޅުތައް އޭނާގެ އަތަށް ހެރުމުގެ ސަބަބުން ލޭއައިސް، ލޭތައް ހިކިފައިވިއެވެ.
“ރީން!” ޒާންއަށް އެވަގުތު ގޮވާލެވުނީ ޞިފްރީންއަށެވެ. އޭނާއަށް މިތަނަށް އާދެވުނީ ކިހިނެއްކަމެއް ޚުދު އޭނާއަށްވެސް ނޭނގުނެވެ.
“ޞިފްރީންއެއް ނާންނާނެ..” ޒާން ސިހިގެން ދިޔައީ ބަރުއަޑަކުން މީހަކު އެހެން ބުނެލުމުންނެވެ. އެއަޑު އައި ދިމާއަށް ނަޒަރު ހިންގާލިހިނދު ކުރިމަތީގައިވާ ގަހުގެ ފަލަ ގޮތްޕެއްގައި އިން ޒުވާނާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ކޮނޑާހަމައަށް އަރާ ފަން އިސްތަށިގަނޑު ވަޔާއެކު ހޫރެމުން ދިޔައިރު އެމޫނުމަތިން ޒާންއަށް ފެނުނީ ނަފުރަތާއި ރުޅިވެރިކަމެވެ. އެއްފައި ތިރިއަށް އެލުވާލާފައި ވީއިރު އެއްއަތުގައި އޮތް ވަޅިއެއް ފާޑު އެއްޗަކުން އަނެއް އަތުގައި އޮތް ލަކުޑި ބުރި ތޫނުކުރަމުން ދިޔައެވެ.
“ތީ ކާކު؟” ޖެހިލުންވެފައިވީ ނަމަވެސް އެކަން ނުދައްކާވޭތޯ ބަލަމުން ޒާން އަހާލިއެވެ. އެއާއެކު އެ ޒުވާނާގެ ދެލޯ ރަންކުލައިން ދިއްލިގެން ދިޔައެވެ. އެއީ އިންސާނެއް ނޫންކަން އެނގުނު ހިނދު ޒާންއަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ.
މައުވާން ގަހުން ފުންމާލައި ޒާންއާ ކުރިމަތިލިއެވެ. އޭނާގެ ނަޒަރު ޒާންގެ ބޮލުން ފެށިގެން ފަޔަށް ދައުރުކުރަމުން ދިޔައެވެ.
“ބައްޕަގެ ލޯބި ނުލިބި އެހާ ގިނަ ދުވަސްވީއިރުވެސް އަހަރެން ކަލޭ ދެކެ ރުޅިއެއް ނާދެ.. އެކަމަކު ޞިފްރީން ޖަހައިގަތީމަ އަހަރެން ވަރަށް ރުޅިއައިސްފި އިނގޭ.. ޞިފްރީންއަކީ އަހަރެންގެ ހައްގެއް.. ހަމައެކަނި އަހަރެންގެ.. ކަލޭ އަހަރެންގެ ހުރިހާ އުފާތައް ތި ފޭރިގަންނަނީ ކީއްވެތަ؟ އެންމެ ފުރަތަމަ ބައްޕަގެ ލޯބި.. އެއަށްފަހު ޞިފްރީންގެ ލޯބި..” މައުވާން ކިޔަމުން ދިޔަ އެއްޗެއް ދޭހަނުވާ ހާލު ޒާން ދެލޯ ހަނިކޮށްލިއެވެ.
“ކަލެއަށް ހަމަ ނޭނގޭތަ އަހަރެން މިކިޔާ އެއްޗެއް! އަހަރެންމީ ލަތީފްއާ މައުރީންގެ ދަރި، މައުވާން!! ކަލޭތީ އަހަރެންގެ އެއްބަފާ ބޭބެ!” މައުވާން ބާރަކަށް ހަޅޭއްލަވައިގަތެވެ. އެއާއެކު ބާރު ވައިރޯޅިތަކެއް އައިސް އެދެމީހުން ވަށާލިއެވެ. ގަސްތައްވެސް ހީވަނީ މުލުން ލުހެލަފާނެހެންނެވެ. މައުވާން ދެންމެ ބުނެލި އެއްޗަކުން ޒާންއަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. މައުވާން އަކީ ހަމަ އޭނާގެ ބައްޕަގެ ދަރިފުޅު ހެއްޔެވެ؟
“ކަލެއަށް ބައްޕަގެ ލޯބި ލިބުނެއްނު؟ އެހެންވީމަ ރީން ދޫކޮށްލާ!” މައުވާން ނުރައްކާތެރި ގޮތަކަށް ބުނެލިއެވެ. ޒާން އަވަސް ނޭވާތަކެއް ލަމުން މައުވާންއާ ދިމާ ބަލާލިއެވެ. އެއްޗެއް ވިސްނާ ފަދައިން އޭނާގެ ދެލޮލުގެ ކަޅި އެކި ކޮޅުކޮޅަށް ހަރަކާތްކުރަމުން ގެންދިޔައެވެ. އޭނާގެ އެއްބަފާ ކޮއްކޮއަށްޓަކާ އޭނާގެ ލޯބި ދޫކޮށްލަންވީ ހެއްޔެވެ؟
“ނުވާނެ ތިކަމެއް! އަހަރެން ދިރިހުރިހާ ހިނދަކު ރީން ދޫކޮށެއް ނުލާނަން!” ޒާން ސާބިތުކަމާއެކު ބުނެލިއެވެ. އެއާއެކު މައުވާން މަޑު ހިނިގަނޑެއް ޖަހާލިއެވެ.
“ދިރިހުރިހާ ހިނދަކު އެއްނު ދޯ.. ހީވޭތަ އަހަރެން ކަލޭ ދިރިހުއްޓަ ދޭނެހެން؟” މައުވާން ނުރައްކާތެރިގޮތަކަށް ބުނެލިއެވެ. އަދި އޭނާގެ އަތުގައި އޮތް ތުނޑުޖަހާފައިވާ ލަކުޑިބުރި ޒާންގެ މެއަށް އަމާޒުކޮށްލިއެވެ. ގައިގައި ހުރި ބާރެއްލާފައި އޭނާ އެ ލަކުޑިބުރި ޒާންއާ ދިމާއަށް އެއްލިއެވެ. ޒާން ދެލޯ މަރާލީ އޭނާގެ އަޖަލު އައިސް ޖެހުނީކަން އެނގުމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.







Hey guys… hope u liked this part too… ☺
Loves?
Wawawawaaaa????
Thanks yaanaa ?
Waiting for the next part ?
Thanks Juvey?
Nice. When is next part?
Thanks dear.. asap up kollaanan.. ☺
Ohh wow stry v habeys masha allh?? ekam zaan ah dheragothennuhadhachchey reen noony eynage maama ah aadheveyne nama dhw v hyvey reen maama annaanehen n mauvaan ge mom ah mikan engi e dhebeinge rulhi gandu filuvaala dheveyne nama dhw konfadha?? stry v touching thanks liaa nxt prt kon irakun waiting n ly???❤❤??????????????
Thanks khajja ?
Lets see dhw wat happens… ☺
Reethi❤❤ waiting for the next part
Shukuru sama ❤
salhi? …….maama aisfa eyna salaamaiyy kuraane dhww Liaa???
Shukuru xim ??
Varah salhi hama mi part???❤
Thanks scarlet?❤
How many parts r there in this story
Neynge ehen bunaakah☺
wowww.. awsome, it’s a amazing episode..
gud luck… this is a unique storyyy, i luv it so soooo muchh..
keep up the hard work…
Thank u dear ☺
Haadha reehchey mi part ves.. zaan ah gotheh vaanehen hiyeh nuvey.. heevany mauvan ge mamma hen annaany zaan salaamaiykuran
Thanks Adha ?
wow ❣❣❣
Beautiful ingey…… liaa vareh nethey hama?? waiting 4 the nxt prt ingey. .
Do not end this story.. varah dhuvahah fahu mihaa interesting salhi story eh mi site ga mi inee.. v furihama.. so.. u thinking about the date liaa??
Thanks Jay.. mmm.. date aa medhu eba visnan ingeyy ? hehe
Nice story
wow ♡ liaa . zaan ah dhera gotheh nuhadhah chey alhe shifryn ais zaan salaameh kuraaane nam …. waiting next … keep it up .liaa . love it♡