ބަލި ދަރިފުޅު

- by - 0- June 26, 2017

” ކޮބާ އާދަނާ ޙާލު އަޙުވާލު ކިހިނެއްތަ؟ ” އިބްރާހީމްބެ އައިސް ހޮޅުއަށީގައި އިށީންނަމުން ބުންޏެވެ.
” ﷲ އިރާދަކުރެއްވީތީ މިވަގުތު ވަރަށް ރަނގަޅު. އިބްރާހީމްބެ ކިހިނެއްތަ؟ މާލޭގައި އުޅެލާފަ ރޯދައަށް ރަށަށް ޖައްސާލީދޯ؟” އާދަނު އަހާލިއެވެ.
” ރަނގަޅު! އާނ! މިފަހަރު ހިތަށްއެރީ ރޯދައަށް ރަށަށޭ އަންނާނީ. ރަށަށްވެސް އަންނަންވާނެއެއްނު. މިހާރު ފަނަރަވަރަކަށް އަހަރު ވެދާނެ ރަށަށް ނާންނަނީ. އާދަނު ވަރަށް ބަލިވި ވާހަކަ އަޑުއެހިން. އެކަންތައް ކިހިނެއްތަވީ؟ ގައިމު ނުލާހިކު ލޯބިން ގުޅިގެން އުޅުނު ދެމީހުން ތިއީ. ހައްވަވެސް ވަރަށް ރަނގަޅޭ އާދަނު ބުނަމެއްނު. ”
” އާނ! އެވާހަކަދޯ؟ އިބްރާހީމްބެމެން ރަށުގަނޫޅޭ މީހުންނަކަށް ނޭނގޭނެ. މިޖެހުނީ ވީގޮތް ކިޔައިދެންތާ. ” އާދަނު އިބްރާހީމްބެގެ ކޮނޑުގައި ޖަހާލަމުން ވާހަކަ ފެށިއެވެ.
އަހަރެންނާ ހައްވައަކީ އެކަކު އަނެކަކަށް ހިތާވެ ގުއިކައިގެންތިބި ދެ މީހުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއްގޭ ޖޯލިފަތިން، އަނެއްގޭ ހޮޅުއަށިން މި ‘ ޖޯޑު’ ނުފެންނަ ރެއެއް ވަރަށް މަދުވާނެއެވެ. ސާދަ ފަނަރަ ވިލޭރޭގެ ހަނދުވަރު ބަލަން ދޮންވެލި ތުނޑީގައި ނުތިބޭ ރެއެއް އޮޅިގެންވެސް ނުދާނެއެވެ. އުޑުގައި ފިޔަ ޖަހާ ތަރިތަކާއި ހަނދު މިހާރުވެސް އެކަމަށް ހެކި ދޭނެކަންނޭނގެއެވެ.
އަހަރެމެން ދެމީހުންނަކީ ދޮންހިޔަލައާއި އަލިފުޅު ފަދައިން ހިތާއި ފުރާނައިން ގުޅިފައިވާ ދެ ހަށިގަނޑެވެ. އަހަރެން ފެނިއްޖެ ތަނަކުން އޭނާވެސް ފެންނާނެކަން އެއީ ގައިމު ކަމެކެވެ. މިގޮތުގައި މާގިނަ ދުވަހެއްނުވެ މިކަމަށް ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ. ރަށުގައި ކާޅުގޮވާހެން އަހަރެމެންގެ ވާހަކަ ގޮވަންފެށުމުންނެވެ. ހައްވަގެ މައިންބަފައިންނަށް މިކަން ފަޅާއެރި ހިސާބުންނެވެ. ކޮންމެވެސް ދުވަހަކުން ފަޅާއަރާނެތާއެވެ. އަހަރެންގެ ހިތަށް އެރިއެވެ.
ކަންތައްވީ ހީކުރިގޮތާ މުޅިން ޚިލާފަށެވެ. ހައްވަގެ މައިންބަފައިން މިކަމާ ވަރަށް ނުގަބޫލެވެ. އެހެންކަމުން އެމީހުން ހައްވައަށް އެންގީ އަހަރެންނާ ގުޅުން ކެނޑުމަށެވެ. ނަމަވެސް ހައްވަ އެކަމާ އިދިކޮޅެވެ. އޭނާ ބޭނުންވީ އެމީހުންގެ ނުގަބޫލުގައި ކައިވެނި ކުރުމަށެވެ. ފަހުން އެކަން ރަނގަޅުވެދާނެކަމަށް ބުނަމުންނެވެ.
އޭގެ ހަފުތާއެއްހާދުވަސް ފަހުން ކައިވެނި ކުރެވިއްޖެއެވެ. ހައްވަގެ މައިންބަފައިންގެ ނުގަބޫލުގައެވެ. މައެއް ބަފައެއްވެސް ނެތްކަމަށެވެ. ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރަސްކޮށްފައެވެ.
ކައިވެނިކޮށްގެން އަހަރެމެން އުޅުނީ އަހަރެންގެ މަންމައާއި ބައްޕަގެ ކައިރީގައެވެ. އެދުވަހުން ފެށިގެން އޭނާގެ ޢާއިލާގެ މީހަކުވެސް އޭނާއާ ވާހަކައެއް ނުދައްކައެވެ. އެމީހުންގެ މޫނުމަތީގައި ކޮޅުފައިން ޖަހާފައި އަހަރެންނާ ކައިވެނި ކުރުމުންނެވެ.
ފުރަތަމަ ދުވަސްކޮޅު ހައްވަ ވަރަށް ރުޔެވެ. މަންމައާއި ބައްޕަ އަދި ކޮއްކޮމެން ހަނދާން ވާތީއެވެ. އަހަރެން ބުނީމެވެ. އެމީހުން ކަލޭ މަތިން ހަނދާން ނުކުރާއިރު ކަލޭ އެމީހުންމަތިން ހަނދާންކުރަން ޖެހޭ ހެއްޔެވެ؟ ދުވަސްކޮޅަކުން ހަމަޖެހިދާނެއެވެ. އަޅާނުލާށެވެ!
އަލަތު ކައިވެނީގެ އުފާވެރި ދިރިއުޅުމަށް އާރޯކަމެއް އައީ ޢާއިލާއަށް މެންބަރުން އިތުރު ވުމުންނެވެ. އަހަރު ދެކޮޅު ވިހެއުމުން ކައިވެންޏަށް 3އަހަރު ވީއިރު 3ފިރިހެން ދަރިން ލިބިއްޖެއެވެ. އެއީ އަޙުމަދާއި މުޙަންމަދާއި އަދި ހާރޫނެވެ. ދެން އޭގެ ފަހުން އިތުރު ދަރިޔަކު ނުހޯދަން ނިންމައިގެން ތިއްބާ ހައްވަ ބޭނުންވީ އަނެއްކާވެސް ކުއްޖަކު ހޯދުމަށެވެ. އަންހެން ދަރިޔަކު ލިބޭތޯއެވެ. ނަމަވެސް އެއީ އަހަރެމެންގެ ބާރު ހިނގާ ކަމެއް ނޫނެވެ. މިފަހަރުވެސް ލިބުނީ ހަމަ ކެޔޮޅެކެވެ. އެއީ ހުސޭނެވެ.
ހުސޭނަކީ އަނެއް ތިން ކުދީންނާ ވަރަށް ތަފާތު ކުއްޖެކެވެ. އެންމެ ތުއްތު އިރުއްސުރެ އޭނާގެ ކަމަކީ ރުއިމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހަދާނެ ގޮތެއް ހުއްޓުވާނެ ގޮތެއް ނޭނގެއެވެ. އަބަދާއަބަދު ރޮނީއެވެ. އަންހެން ކުއްޖަކަށް ނުވުމާއި، އަބަދު ރުއިމުގެ ސަބަބުން އަހަރެން ހުސޭނު ދެކެ ފޫހިވާން ފަށައިފިއެވެ. ރޯ ރުއިމުން ބޮލަށް ނުކުޅާދަނަވާތީ ގެއިން ބޭރުގައި އުޅޭހިތްވާން ފަށައިފިއެވެ. ހައްވައާއި ދެބަސްވެ އަރާރުން ވެވިއްޖެއެވެ.
އެއްދުވަހަކު އަހަރެން ބޭރުން އައިއިރު ހުސޭނު ރޯއަޑު އިވެއެވެ. އެތައް އިރެއްވީއިރުވެސް ހުއްޓައެއް ނުއްޔެވެ. އެންމެ ފަހުން ހައްވައާ ދިމާލަށް އަހަރެން ބުނީމެވެ.
” މީހުންގެ ދަރިން ރޮއި . އެކަމަކު ތިވަރަށް ރޯ ކުއްޖެއް މަށެއް ނުދެކެން . ތިކަމަކާހެދި މިހާރު ހައްވައަށް ހަމަނިދި ނުލިބޭތާ މިތިބަ ކުދިންނާވެސް އަޅާނުލެވޭ! ހައްވަ ނުވިސްނަންތަ އެހެންގޮތެއް ވޭތޯ؟ ”
” ކޮންގޮތެއް؟ މިއީ ﷲ މިންވަރު ކުރެއްވިގޮތް. މިކަމަށް ކެތްތެރިވުން ނޫންގޮތެއް މަށަކަށް ނުފެނޭ. ” ހައްވަ ހުސޭނު ނަގާ ކޮނޑުމަތީގައި ބާއްވާ ބުރަކަށީގައި ފިރުމާލިއެވެ.
” އަޅެ ހައްވަ ނިކަން ވިސްނާލަބަލަ! އަހަރެމެންގެ ދިރިއުޅުން ބަދަލުވަމުން މިދާގޮތް. ”
” ކޮންމެގޮތެއްވޮޔަސް މަށަށް ހެޔޮ. މީ އަހަރެމެންގެ ދަރިއެއް ނޫންތަ؟ މިހިރީ މިކުއްޖާގެ ޙާލަތު. މިފަކީރަށް ގޮތެއް ހަދަން ހެޔޮ ނުވާނެ! އަންހެނަސް ފިރިހެނަސް ، ގަދަޔަސް ބައްޔަސް ، މިވެސް އަހަރެމެންގެ ދަރިއެއް! މިސޮރު މިވަރަށް މިރޮނީ ކޮންމެވެސް ކަމެއް ވާތީ ކަންނޭނގެ! ހިނގާބަލަ އަޅެ މާލެގޮސް ޑޮކްޓަރަށް ދައްކާލަން. ” ހައްވަ އާދޭސް ކުރިއެވެ.
” މަށަކަށް ނުދެވޭނެ! ކަލޭގޮސް ދައްކާފަ އާދޭ! މަ ހުންނާނަން މިސޮރުމެން ކައިރީގައި” އަހަރެން ބުނީމެވެ.
އޭގެ ދެތިންދުވަސް ފަހުން ބޮޑުދައިތަޔާއެކު ހައްވަ އެސޮރު ގޮވައިގެން މާލެ ދިޔައެވެ. އަދި ޑޮކްޓަރަށް ދެއްކުމުން އެނގުނީ އެސޮރަކީ ލޭ އަޅާ ކުއްޖެއްކަމެވެ. އަހަރެންގެ ފޫހިކަން އިތުރުވިއެވެ. ދެން އަދި އަމުދުން އޭނާގެ ކަންތައް ބޮޑުވާނެއެވެ. ކޮންމެ މަހަކު ލޭ އެޅުމަކީ ކިހާ ބޮޑުކަމެއް ހެއްޔެވެ؟ އަހަރެންގެ ހިތަށް އެރިއެވެ.
ރަށަށް އައުމާއެކު ހައްވަ އަހަރެންގެ ކިބައިން އެދުނީ އެދަރިފުޅަށް އެހީތެރިވެ ލޯބި ދިނުމަށެވެ. އެހެންކުދީންނަށްވުރެ ބޮޑަށް އަޅާލާ އޯގާތެރިވުމަށެވެ. އެ މައުސޫމު ދަރިފުޅުގެ ކުށެއް ނެތްކަން ހައްވަ އަހަރެންނަށް ވިސްނައިދެވޭތޯ ބެލިއެވެ. ކޮންމެ ފުރާނައަކަށްވެސް ﷲ ރިޒުޤު ދެއްވާނެކަމާއި ކޮންމެ އިންސާނަކުވެސް ބަލިވާނެކަމަށް ހައްވަ ނަސޭޙަތްދިނެވެ.
” ކޮންމެހެން މަށަކަށް ތަޤުރީރު ދޭނެކަމެއްނެތް. މަމިބުނީ މަށަކަށް ލޭއަލާކުއްޖަކު ނުބެލޭނެޔޭ. ދެން އިތުރަށް މަށަކަށް މި ވޭނުގައި ކަލެއާއެކު ކެތެއް ނުވާނެ. މަށަށް ފެނޭ ލޭއަޅާކުދިން ގެންގުޅޭގޮތް. އަބަދު ލޭއަޅަން މާލެދާން ޖެހޭ. މަށަކީ ފަގީރެއް ކިހިނެއް އެވަރުން މަ އުޅޭނީ؟ ކަލޭގެ މައިންބަފައިންގެ އެއްވެސް އެހީއެއް އޮތީއެއް ނޫން! ” އަހަރެން ތަކުރާރުކޮށް ބުނީމެވެ.
ހައްވަ ވަރަށް އާދޭސްކޮށް ރުއި ނަމަވެސް އަހަރެން އޭނާގެ ވާހަކަތަކަށް ދިނީ ބީރު ކަންފަތެކެވެ. އޭގެފަހުން ހައްވަގެ ސަމާލުކަން އެސޮރަށް އިތުރު ކުރިއެވެ. ހަމައެފަދައިން އަހަރެންގެ ފޫހިކަންވެސް ވީ އިތުރެވެ.
” ވަރަށް ގިނަދުވަހު ކެތްކޮށްފިން. އެކަމަކު ދެން އަހަރެން ބުނާގޮތް ނަހަދާނަމަ ކަލެއާއެކު އުޅޭކަށް ބޭނުމެއްނޫން! އެއްގޮތަކީ އަހަރެންނާއެކު އުޅުން. އަނެއްގޮތަކީ ވަކިވުން ”
” ހެޔޮނުވާނެ ތިހެން ހަދާކަށް. މިކުއްޖާ ދެކެ ހާދަ ފޫއްސެކޭ ތިވަނީ. ކީއްވެތަ އެހެން ތިހަދަނީ؟ މިވެސް ހަމަ އަހަރެމެންގެ ލޭ ނޫންތަ؟ އަހަރެން ކަލެޔާ އިނީ ވަކިވާކަށް ނޫން. މުޅި އުމުރަށް އެކުގައި އުޅެން. ނިކަން ވިސްނާލަބަލަ! އޭރުން ދެން ތިބި ކުދީންނަށްވާނީ ކިހިނެއް؟ އަހަރެން …މައިންބަފައިން ..ދޫކޮށްލާފައި … ” ހައްވަ އަހަރެންގެ ފައިގައި ހިފާ، ރޮއި އާދޭސް ކުރިއެވެ.
” ދެން ވަރިހަމަ. މިހާރު މީ އެދުވަހެއްނޫން. އޭރު ހީކުރިގޮތަކަށް ނޫން މިހާރު ކަންތައް މިވީ. ކަލޭގެ މައިންބަފައިންވެސް އަދިވެސް އެތިބީ އެގޮތުގަ. އެއްވެސް ބަދަލެއް ނައި. އަހަރެން މިހާރު ބޭނުންވަނީ އެހެން ދިރިއުޅުމެއް ފަށަން.”
” ނޫން! ނޫން! ތިހެން ނުބުނޭ! އަހަރެން ދާނީ ކޮންތާކަށް؟ ޢާއިލާގެ އެއްވެސް މީހަކު ނެތް. މަންމައާ ބައްޕަ ދުނިޔޭގައި ތިއްބަސް އެއީ ނެތް ފަދަ ބައެއް . އެމީހުން ދޫކޮށް އަހަރެން ކަލޭގެ ޙަޔާތަށް އައީ ވަރަށް އިތުބާރުކޮށްފައި. ބޮލަށް ވައްޓާލި ލިބާހާއެކު ފެށުނު ޙަޔާތުގެ ދަތުރުގެ މިހިސާބުން އަހަރެން ކަނޑަށް އެއްލާނުލާ! އާދޭސްކޮށްފަ މިބުނީ! އިންސާނަކަށް ވީތީ ރަޙުމުކުރޭ! މި ދަރިފުޅަށްޓަކައިވެސް އަހަރެން އުޅެން ބޭނުން. މަށަށް ވަރިހަމަ ދެވަނަ ކައިވެންޏެއް ކުރިއަސް. އަހަރެން ވަކިވާކަށް ބޭނުމެއް ނޫން! ” ހައްވަގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ.
” ތިވާހަކަ އަޑުއަހާކަށް މިއަދަކު ބޭނުމެއް ނޫން! އަހަރެން ބޭނުންވަނީ މިހާރަށްވުރެ އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް. އެކަން ވާން އެބައޮތް. ހައްވަ ބޭނުމަސް ދެއަންބަށް އިންނާކަށް އޭނައެއް ބޭނުމެއް ނޫން! މިއަދު އަހަރެން ހިތާމަކުރަން ހައްވަގެ މައިންބަފައިންގެ ނުގަބޫލުގައި ހައްވައާ އިނދެވުނީތީ. އެކަމަކު މިއަދު މަށަށް މަޖުބޫރު ހައްވާ! މިއަދުން ފެށިގެން ހައްވަ އަކީ އަހަރެންގެ އަންބެއްނޫން! ހައްވަ ބޭނުންނަމަ ބޮޑުދައިތަގޭގައި އުޅެވިދާނެ. ”
” އަ….ހަ….ރެ….ން….. ދާ….ނެ…. ބޮޑުދައިތަގެޔެއް….. އަދި ….އެހެން …ގެޔެއްވެސް …. ނެތް. އަހަރެންގެ އަނެއް ތިންދަރިންވެސް އަހަންނާއެކު ގެންދަން އަހަރެން ބޭނުން. ނިކަގަހެއް ދަށުގައި ނޫނީ ފަން ޖިފުޓިއެއްގައި އޮންނަން ޖެހުނަސް އަހަރެންގެ ދަރިން އުކައެއް ނުލާނަން! ” ހައްވަގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް އެރީތި ކޯތާފަތް ތެތްމަމުން ދިޔައެވެ.
ބަހަކުން ބަހެއްނެތި ހައްވަ ގޮސް ދަރިންގެ އަންނައުނު ކޮތަޅަކަށް އެޅިއެވެ. އަދި ނިދާފައި އޮތް ހުސޭނު ނަގާ ކޮނޑުމަތީގައި ބޭއްވިއެވެ. އެވަގުތު ހުސޭނު ހޭލައިގެން ރޯން ފަށައިފިއެވެ. ހައްވަ ކެތްތެރިކަމާއެކު ގޮސް އޭނާގެ ދެން ތިބި ތިންކުދިން ކޮބައިތޯ ބެލިއެވެ. އެކުދީން ތިބީ ކުޅޭށެވެ. ހައްވަ އެކުދީންނަށް ހަނާއަޅާލުމާއެކު އެކުދީން އައެވެ. އެކުދިންނަށް މަންމަ ރޯތަން ފެނުމާއެކު ރޮވިއްޖެއެވެ.
” މަންމާ! މަންމާ! ކިހިނެއްވީ؟ ކޮއްކޮ މާބޮޑަށް ބަލިވީތަ؟ ” އެންމެ ދޮށީ އަޙުމަދު އައިސް ހައްވަގެ ހެދުމުގެ ފަސްބައިގައި އެލިގަތެވެ.
” ކޮއްކޮ ރަނގަޅު! މަންމަ މިއުޅެނީ ކޮއްކޮ ރަނގަޅުވޭތޯ އެހެން ގެޔަކަށްދާން! ދަރިފުޅުމެންވެސް ހިނގާދާން! ” ހައްވަ އަޙުމަދުގެ ބޮލުގައި ފިރުމާލިއެވެ.
” މިގޭގައި ކޮއްކޮ އަބަދު ބަލިވަނީދޯ މަންމާ! ” ދެވަނައަށް ހުރި މުޙަންމަދު ބުންޏެވެ.
” ހިނގާ މަންމާ ދާން! ކޮބާ ބައްޕަ؟ ” އަޙުމަދު އަހަރެން ހޯދަން ދުއްވައިގަތެވެ.
” ބައްޕަ ބަހައްޓާ ގެ ބަލަން! ” ހައްވަ ބޭނުންވީ އެކުދީންނަށް މިކަން ސިއްރު ކުރާށެވެ.
” ކޮންގެޔަކަށްތަ ކޮއްކޮމެން ދަނީ؟ ” ކުޑަކުޑަ ހާރޫނު އެހިއެވެ.
” ކޮންމެވެސް ގެޔަކަށް؟ ” ހައްވަ ގަދަކަމުން ހިނިތުންވެލިއެވެ.
” އާ ގެޔަކަށް ދޯ މަންމާ! ” އަޙުމަދު ބުންޏެވެ.
” އިހަށް ހިނގާ އެހެރަ ގަސްދޮށުގަ ފިނިކޮށްލަން ތިބެމާ ދޯ؟ ”
ހައްވަ އެކުދީން ގޮވައިގެން ދިޔައީ ގޭ ކައިރި އަތިރިމަތީ ނިކަގަސް ދޮށުގައި ހުރި ހޮޅުއަށްޓަށެވެ. އަހަރެން ހުރީ ތަންކޮޅެއް ދުރުގައި އޭނާގެ ޢަމަލުތައް ބަލާށެވެ.
އަހަރެން އެހެން ހެދުމުން ހައްވަ ވަރަށް ދެރަވިއެވެ. ދެފައިގައި ހިފާ އާދޭސް ކުރިއެވެ. އޭނާގެ މައެއް ބަފައެއް ނެތްކަމަށް އަހަރެންނާ ކައިވެނި ކޮށް، ވީ ޤުރުބާނީގެ އަގަކީ މިއީތޯ ސުވާލު ކުރިއެވެ. އިރާދަކުރެއްވިއްޔާ ތިކަމުގެ ހިތި އަދި ފެންނާނެޔޭ އެދުވަހު ހައްވަ ބުނި ހަނދާން މިހާރުވެސް އަހަރެން އެބަހުއްޓެވެ.
ހައްވަ ހޮޅުއަށީގައި އިންދާ ބޮޑުދައިތަ އައިސް އެގެޔަށް ދިއުމަށް އެދުނެވެ. ނަމަވެސް ހައްވަ އެތަނަކުން ނުދިޔައެވެ. އެންމެ ފަހުން އެކުދީން ގޮވައިގެން ހައްވަ އެރޭ ނިދީވެސް އެތަނުގައެވެ.
އޭގެ އަނެއްދުވަހު މުޅި ރަށުގައި ދެއްކީ އެވާހަކައެވެ. އަހަރެން ދެނަހުރިކަމަށްވެސް ނުހަދާ އަނެއްދުވަހު ފުރައިގެން ދިޔައީ މާލެއެވެ.
އޭގެ ފަހުން އަހަރެން އެހެން ކައިވެންޏެއް ކުރީމެވެ. މާލޭގައި ގެދޮރު ހުރި މުއްސަނދި ކުއްޖަކާއެވެ. ކުލަވަރު ދޮން ، ރީތި، ފެޝަން އަންހެނެކެވެ. އަހަރެންނަށް ވަރަށް ކަމުދާ ، ޒުވާން ، ޅަ ކުއްޖެކެވެ.
ކައިވެނިކޮށްގެން އުޅޭތާ ފަސް އަހަރު ވީއިރުވެސް އަހަރެމެންނަށް ދަރިއަކު ނުލިބުނެވެ. ތަފާތު ވައްތަރުގެ ބޭސްތައް ހެއްދީމެވެ. ވަރަށް ގިނަ ޑޮކްޓަރުންނަށް ދެއްކީމެވެ. މައްސަލައަކީ އަހަރެންގެ މައްސަލައެއްކަމަށް ޑޮކްޓަރުން ތަކުރާރުކޮށް ބުންޏެވެ. މިކަން ވީ އޭނާ އަހަންނަށް އަލްވަދާޢު ކިޔަން ޖެހުނު ސަބަބު ކަމުގައެވެ. އަހަންނަށް އިޙުސާސް ކުރެވުނީ މިއީ އަހަރެންގެ ދަރިންނަށް އިޙުމާލު ވުމުގެ ސަބަބުން ލިބުނު ޢިބްރަތެއް ކަމުގައެވެ.
އޭގެ ދެތިންމަސް ފަހުން އޭނާ ބޭނުންވީ މިނިވަން ވާށެވެ! އެކަން އަހަރެން ނުކުރުމުން އޭނާ އަމިއްލައަށް އެކަންވެސް ނިންމާލިއެވެ. އަހަރެންގެ ހަތަރު އުދަރެސް ފެނުޖެހުނެވެ. ހޭވެރިކަންވީ ދެނެވެ. ވަފާތެރިކަމާއި ބޭވަފާތެރިކަން އެނގިއްޖެއެވެ. ދުނިޔެއަކީ ކެހިވެރިތަނެއްކަން ވިސްނިއްޖެއެވެ. އެކަކަށް ކެހި ދީފައި އަނެކަކަށް އަބަދު އުފަލަކު ނޫޅެވޭނެއޭ މުސްކުޅިން އެބުނަނީ މިހެންވެކަން މޭރުން ވެއްޖެއެވެ.
ވިސްނާ ވިސްނާ ބޯގޮވައިފިއެވެ. އެންމެފަހުން އަލުން އެނބުރި ރަށަށް އައީ ނުކުޅެދޭ ބަލި މީހެއްގެ ގޮތުގައެވެ. ރަށަށް އައުމާއެކު ހައްވައާއި ދަރީންގެ މަތިން ހަނދާންވިއެވެ. އަދި އެކުދީން ބަލައި ފޮނުވީމެވެ. ނަމަވެސް އެތަނުން އެއްކުއްޖަކުވެސް އަހަރެން ފެންނަ ހިސާބަށްވެސް ނައެވެ.
އޭރު އެކުދީން ތިބީ ބޮޑެތިވެ އަމިއްލަ ފައިމައްޗަށް ތެދުވެއެވެ. އަމިއްލަ ކުންފުނިތައް ހަދާ، ވިޔަފާރިތައް ފުޅާކޮށް، މުޅި ރާއްޖެއަށް މަޝްހޫރު މުއްސަނދިންނަށް ވެފައެވެ. ނަމަވެސް އަހަރެންނަށް ލޯލާރިއެއްގެ މިންވަރުވެސް އެކުދީން ނުދިނެވެ. އެންމެ ކުޑަމިނުން ޙާލުވެސް ބަލައެއް ނުއްޔެވެ. މިއީ ކަންވާނެ ގޮތެވެ. ހައްވަ އެކުދީން ގެންދިޔަ ފަހުން އަހަރެން އެކުދީންނަށް އެއްވެސް ޚަރަދެއް ނުކުރަމެވެ. އަޅައެއް ނުލަމެވެ. ޙާލުވެސް ބަލައެއް ނުލަމެވެ. އެކަން އެކުދީންނަށްވެސް އެނގޭނެ ނޫންހެއްޔެވެ؟ އަނެއްކާ ޙުސޭނަށްވީ ކިހިނެއްބާއެވެ؟
އަހަރެން އޮތީ ބަލި އެނދުގައެވެ. އަތެއް ފަޔެއްގެ ޙަރަކާތެއް ނެތިފައެވެ. އެކަނިވެފައެވެ. އެންމެ ބޭނުންވިދުވަހު އެންމެން އަހަރެން ދޫކޮށްފައި ހިނގައްޖެއެވެ. ޢާއިލާގައި ހުރި ހަމައެކަނި ތިމާގެ މީހެއްކަމުގައިވާ ކަތްދަ ދައިތަގެ މަދަދާއި އޯގާތެރިކަމުން ދޭ ކާއެތިކޮޅުން ބަނޑުހައިހޫނުކަން ފިލުވާލައިގެން އޮތުން ފިޔަވާ އެހެން ގޮތެއް ނެތެވެ. ގައިން ތާހިރުވެލެވެނީވެސް ކަތްދަ ދައިތަގެ ފިރިމީހާ ތުއްތުބޭގެ އެހީގައެވެ.
ހައްވަ އަދިވެސް އަހަރެންނަށް އިންތިޒާރު ކުރާނެއެވެ. އެއީ ފިރިއަކަށް ލިބޭނޭ އެންމެ އަގުބޮޑު ޖަވާހިރެވެ. އެއީ އޯގާތެރިކަމާއި ކެތްތެރިކަމުގެ ނަމޫނާ އަންބެކެވެ.
އެހެން އެއްވެސް ގޮތެއް ނެތުމުން ލަދަކާހުރެ ތަދެއް ނުފިލާނެޔޭ ހީވާ ޙާލު، ހައްވަ ގެނެސްދިނުމަށް ކަތްދަ ދައިތަގެ ކިބައިން އަހަރެން އެދުނީމެވެ.
” ކޮއްކޯ! އެމަންޖެ އަންނާނެތަ؟ ކޮއްކޮ އެމަންޖެއަށް ހެދީ ކިހިނެއް. ވަރިކޮށްފަ ފޮނުވާލިފަހުން އެމަންޖެ އުޅުނީ ހާދަ ހާލެއްގައޭ. މައިންބަފައިން ކައިރިޔަށް ދިޔައިމަވެސް އެއްޗެހިފަށެއް ކީ. އެމަންޖެ އެންމެ ފަހުން އެރޭ ނިދީވެސް ގަސްދޮށު ހޮޅުއަށީގަ. ދައިތަ އެކަން އެނގިގެން ދިޔައިމަވެސް އެމަންޖެ މިގެޔަކަށް ނައި. އޭގެ އަނެއްދުވަހު އެކަން އެނގިގެން އެމަންޖެ ބޮޑުދައިތަ ގެންދިޔައީ. އޭރުއްސުރެ އެގޭގަ އެމަންޖެ އުޅުނީ. އެސޮރުވެސް ލޭ ނުލިބިގެން ލޭ ނޭޅިގެން ކިތައްފަހަރު ކޮއްކޮ ކައިރިއަށް އޭނަ މީހުންފޮނުވި. ކޮއްކޮގައިގަ އެކުއްޖާއަށް ބޭނުންވާ ލޭ ހުރެ އެކުއްޖާއަށް ލޭ ނުދިނީ. އެފަހަރު އެކުއްޖާ ކިރިޔާ މަރުނުވީ. މިރަށުން ގެންދިޔައިރު މަރުވެފަޔޭވެސް ބައެއްމީހުން ކީ. އެހާވަރުވި. ތިހާ ހިތްހަރު މީހަކު މަގޭ ޢާއިލާގަވެސް ނެތް. ” ކަތްދަ ދައިތަ ދެލޯ ފޮހެލިއެވެ.
” އާނ! ދައިތާ! ތިބުނީ ތެދެއް! އޭރު އަހަރެންނަށް އެހެން ހެދުނީ އަހަރެންގެ ގޯސްކަމުން. ހައްވަ އަހަރެންނަށް ވަރަކަށް ނަސޭޙަތްވެސް ދިން. އެކަމަކު ހަމަ ……” އަހަރެންނަށް ކުރި އަސަރުން ބަސް ހުއްޓުނެވެ.
” އަހަރެން ހިނގައިދާނަން ހައްވަ ކައިރިއަށް . އެކަމަކު ނޭނގެ އަންނާނެކަމެއްވެސް. ” ދައިތަ ބޭރަށް ނިކުތުމަށް ހިނގައިގަތެވެ.
ޙަޤީގަތުގައިވެސް އަހަރެން ހާދަ ގޯހެވެ. ހުސޭނު ފަކީރު ދުނިޔޭގައި ހުރިކަންވެސް ނަސީބެއްނުންހެއްޔެވެ. އަހަރެން ހިތަށް އެރިއެވެ.
އަހަރެންނަށް އޮތީ ނިދިފައެވެ. ދައިތަ ގޮވާލި އަޑަށް ލޯ ހުޅުވާލެވުނެވެ. އެވަގުތު އެފެނުނީ ހުވަފެނެއް ކަމުގައި ހީކުރެވުނެވެ. ދެލޯ ރަނގަޅަށް އުނގުޅާލާފައި އަނެއްކާވެސް ބަލާލީމެވެ. ނޫނެކެވެ. އެއީ ހުވަފެނެއް ނޫނެވެ. ހަމަ ޙަޤީޤަތެކެވެ.
” ހައްވާ! ހައްވަ ތިއައީ އަހަރެން ބަލަން މިގޭގަ ހުންނަންދޯ؟ ” ވީ އުފަލެއްގެ ބޮޑުކަމުން އަހަރެންނަށް ބުނެވުނެވެ.
” އަހަރެން މިގޭގަ ހުއްޓާ ފޮނުވާލީނު؟ ދެން ކީއްކުރަންތަ އަންނަންވީ؟ ”
” ނޫން! ހައްވަ ދެން ނުދާތި! ތިއީ މަގޭ ދޮންހިޔަލައެއްނު. ދޮންހިޔަލައާ ނުލާ އަލިފުޅު ކިހިނެއް އުޅޭނީ؟ ” އަހަރެން ބޭނުންވީ ހައްވަގެ މޫނުމަތިން ހިނިތުންވުން ދެކިލުމަށެވެ.
” އަލިފުޅާ ނުލާވެސް މި އުޅުނީނު! އަލިފުޅުވެސް އެހެން ދޮންހިޔަލައެއް ހޯދައިގެން އުޅުނީއެއްނު. ދޯ ކަތްދަ ދައިތާ؟ ” ސަމާސާ ގޮތަކަށް ހައްވަ މިހެން ބުނުމުން އަހަރެންގެ ހިތަށް ފިނިކަމެއް އިހުސާސް ކުރެވުނެވެ.
” ހައްވާ! މިހާރު ކޮބައިތަ އެސޮރު؟ އަހަރެން ފެންނަ ހިސާބަށް އެސޮރު ގެނެސްދީބަލަ! ” ހައްވަ ކައިރިއަށް ޖެހިލުމުން އަހަރެން ބުނީމެވެ.
” ކީއްކުރަން އެސޮރު ހޯދަނީ؟ އެއީ އާދަނު އެންމެ ރުޅިއަރާ އަދި އެސޮރާހެދި އުނދަގޫވެގެން އަހަރެންވެސް އެއްލާލަން ޖެހުނު ބަލިދަރިއެއްނު. ” ހައްވަ އަނެއް ފަރާތަށް އެނބުރިލިއެވެ.
” ނޫނޭ! ހައްވާ! ތިހެން ނުބުނޭ! އަހަންނަށް މާފުކުރޭ! އޭރު އަހަރެން އެހެންބުނީ ނުވިސްނޭތީ، މިހާރު ވިސްނިއްޖެ! ދެން އެހެނެއް ނުހަދާނަން ހައްވާ! އެސޮރު ގެނެސްދީ! ” އަހަރެން ހައްވަގެ އަތުގައި ހިފާ ރޮއި އާދޭސް ކުރީމެވެ.
އެސޮރު އެބަހުރި ! ދަރިފުޅާ! ބައްޕަ އެބަގޮވާ! އައިސްބަލަ މިކޮޅަށް! ” ހައްވަ ބޭރަށް އިޝާރާތެއް ކޮށްލިއެވެ.
” ބައްޕާ! ބައްޕަ ކިހިނެއްތަ؟ ” ހުސޭނު އައިސް އަހަރެންގެ އަތުގައި އޮޅުލައިގަތެވެ. އަދި ރޯންފެށިއެވެ.
” ދަރިފުޅާ! މިއީ ވަރަށް ގޯސް ބައްޕައެއް. ބައްޕަ …” އަހަރެންގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ހުސޭނުގެ ދެއަތުން ފޮހެން ފެށިއެވެ.
” ބައްޕާ! ދެރަ ނުވޭ! ވީކަމެއް ވެދިޔައީ . މަށަކަށް ބައްޕައެއްވެސް މަންމައެއްވެސް ގޯހެއް ނޫން! އަހަރެންގެ ހިތުގައި ބައްޕަޔާމެދު އެއްވެސް ހިތްބުރަކަމެއް ނެތް. ދެން އެވާހަކަ ނުދައްކާ! އަހަރެން މިހުރީ އިރާދަކުރެއްވިއްޔާ ރަނގަޅުވެފައި. ބައްޕަ ނުބުނެގެން އަންނަން ނުކެރިފަ މިހުންނަނީ. ވަރަށް ބޭނުންވޭ އަންނަން. ކިތަންމެ ދުވަހަކު މިގޭ ދޮރުމަތިން ބުރުޖަހަން . ބައްޕަ ދެކިލުމުގެ އުންމީދުގަ. އެކަމަކުވެސް ނުކެރެނީ ވަންނަން. ” ހުސޭނު އޭނާގެ އަތުގައިވާ ޓިޝޫއަކުން އަހަރެންގެ ދެލޯ ފޮހެލައިދިނެވެ.
” ހައްވާ! މިސޮރަށް މިހާރުވެސް ލޭ އަޅަން ޖެހޭތަ؟ ”
” ނޫން! މިހާރު އެހެރީ އޭނާގެ ބޭބެއިންގެ އެހީގައި ބޯންމެރޯ ހަދާފަ. އިރާދަކުރެއްވިއްޔާ ދެން ލޭ އަޅާކަށް ނުޖެހޭނެ ދޯ ދަރިފުޅާ! ” ހައްވަ ހުސޭނު ގެނެސް ގަޔާ ކައިރިކޮށްލިއެވެ.
” ހައްވާ! އަހަރެން ބޭނުންވަނީ ތިޔަ ދެމައިންނަށް މި ގެ ފަތްލިޔެފަ ދޭން. އަހަރެންގެ ސަބަބުން ގެއްލުނު އުފާވެރި ދިރިއުޅުން އަނބުރާ ހޯދައިދޭން އަހަރެން ވަރަށް ބޭނުން. ”
” ބައްޕާ! ބޭނުމީ ގެދޮރާ މުދަލެއް ނޫން. ކިތަންމެ ގިނަ މުދަލާ ގެދޮރު ހުއްޓަސް އުފާވެރި ދިރިއުޅުމެއް ނުލިބިދާނެ! އަހަރެން ބޭނުންވަނީ މަންމަޔާ ބައްޕަ އަދި ބޭބެމެންނާވެސް އެކު މި ގޭގައި އުފަލުގައި އުޅެން. ގެދޮރާ މުދަލަށްވުރެ އުފާވެރި ޢާއިލާއެއް މާ މުހިންމު. ޢާއިލާގެ އެންމެންގެ އަޅާލުމާ ލޯބި އެންމެންނަށްވެސް ލިބެނީ އޭރުން ދޯ މަންމާ! ” ހައްވަގެ އަތް ގެނެސް އަހަރެންގެ އަތް މަތީގައި ބާއްވާލަމުން ޙުސޭނު ބުންޏެވެ. ހައްވަވެސް އެކަމަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި ހުސޭނުގެ ކޮނޑުގައި ފިރުމާލިއެވެ.
އޭގެ ފަހުން އަހަރެން އަލުން ހައްވައާ ކައިވެނި ކުރީމެވެ. އަދި ހައްވައާއި ދަރިންގެ އެހީތެރިކަމާއެކު ފަރުވާ ލިބިގެން އުފަލުގައި ދުވަސްތައް ވޭތުކުރީމެވެ. އޭނާގެ މައިންބަފައިންވެސް އޭރު ތިބީ ހިތްހަމަޖެހިފައެވެ. ރުޅިކަން ފިލާ އެކުވެރިވެފައެވެ.
އަހަރެމެން އެކުގައި އުޅެން ފެށުމުން ދުރުގައި ތިބި ތިން ދަރިންވެސް އަހަރެންނަށް އެހީވާން ފެށިއެވެ. އެކުދީން ބުނާގޮތުން އެމީހުން ބޭނުންވީ އަހަރެންނަށް ވިސްނައިދިނުމަށެވެ. އެހެންމީހުންގެ ހިތުގައި ޖެއްސުމުން އަޅާވޭނާއި ހިތްދަތިކަން އަހަންނަށް މިހާރު އިހުސާސް ކުރެވިއްޖެއެވެ. އަންހެން ދަރިއެއްވިޔަސް ،ފިރިހެން ދަރިއެއްވިޔަސް އަދި ލޭއަޅާ ކުއްޖެއް ވިޔަސް ދަރިއެއް ވާނީ ދަރިއަކަށޭ ހައްވަ ބުނިބަސް ޤަބޫލު ކުރެވިއްޖެއެވެ. ހައްވަ ބުނި ފަދައިން މިހާރު އަހަރެން މިވަނީ ދުނިޔޭގައި ހިތި ތަޖުރިބާއެއް ކޮށް އެއިން ޢިބުރަތް ލިބިގަނެފައެވެ. ދަރިފުޅަށްވުރެ އަހަރެންގެ ބަލިކަން ބޮޑުވެފައެވެ. މުސްކުޅިން ބުނާ ފަދައިން އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނަކަން ޔަޤީންކޮށްފައެވެ.
ޙަޔާތުގައި ވޭނީ ދުވަސްތަކެއް ހޭދަކުރުމަށްފަހު މިއަދު މިވަނީ އަހަރެންގެ އުފާވެރި ދިރިއުޅުން އަނބުރާ އަހަންނަށް ލިބިފައެވެ. އަދި އޭރު ނުހަނު ރުޅިއަރާ، ނަފުރަތު ކުރި، ބަލި ދަރިފުޅުގެ ފަރާތުން މިހާރު ލިބޭ އެހީތެރިކަމާއި މަދަދަށްޓަކައި އަހަރެން އޭނައަށް ނިޙާޔަތަށް ޝުކުރުވެރިވަމެވެ. އޭނާއަކީ ހައްވަ ކަހަލަ ކެތްތެރި ، އޯގާތެރި ކިޔަމަންތެރި ދަރިއެކެވެ. އޭނާއަކީ އަހަރެން ދެކެ އެންމެ ލޯބިވާ ދަރިފުޅެވެ. އަދިހަމަ އެހެންމެ މިހާރު އެއީ އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ‘ރަންދަރި’ އެވެ.
” މިއަދުގެ ރޯދަކުރުކުރުން މިހާހިސާބުން ނިމުނީ. މިހާރު އިރުއޮއްސި ބަންގި ގޮވަން އުޅެނީ. ހިނގާ މިސްކިތަށް ދާން. ”
އާދަނު އޭނާގެ ޙަޔާތުގެ ދަތުރުގެ ކަންތައްތައް ހިނގާދިޔަގޮތް އޭނާގެ ރައްޓެހި އިބްރާހީމްބެއަށް ކިޔައިދިނުމަށްފަހު ހޮޅުއަށިން ތެދުވެ މިސްކިތާ ދިމާއަށް ހިނގައިގަތެވެ.
” އާނ! ހިނގާ ދޯ ދަމާ! ހައްވައަކީ ހާދަ ރަނގަޅު މީހެކޭ ދޯ އާދަނާ؟ ” އިބްރާހީމްބެވެސް ހިނގައިގަތެވެ.
” އާނ! އެއީ ހަމަ އެއްވަނަ. އަދި ހުސޭނަކީވެސް ހަމަ ހައްވަ ކަހަލަ އޯގާތެރި ރަނގަޅު ކުއްޖެއް. ހައްވަ އެކުދީން ތަރުބިއްޔަތުކޮށްފައިވަނީ މަޔަކު ދަރިން ތަރުބިއްޔަތު ކުރާނެ އެންމެ ފުރުހަމަޔަށް . އެހާވެސް އެކުދީން މިހާރު ރަނގަޅު. އެއީ އަހަރެންގެ ހުރިހާވެސް އުފަލަކީ. އަނބިދަރިންނަކީ ﷲ އަހަރެމެންނަށް ދެއްވާ ކޮންފަދަ އަގުހުރި ނިޢުމަތެއް ދޯ އިބްރާހީމްބޭ؟”
” އާނ! އާދަނަށް ތިކަން ވިސްނުނުކަން ތިއީ ވަރަށް ރަނގަޅު ކަމެއް. އެހެންނޫންނަމަ މިއަދު އާދަނު އޮންނާނީ ކޮން ޙާލެއްގަ ކަމެއްވެސް ނޭނގެ! އަދި ހުސޭނު ފަކީރަށް ވާނެގޮތެއްވެސް ނޭނގެ. ލޭއަޅާކުދީންނަކަސް އެކުދީންވެސް ދުނިޔެއަށް އުފަންވުމުން އަހަރެމެން ޖެހޭނެ ދޯ ދިރިތިބުމަށް ބޭނުންވާ ކަންތައްތައް ކޮށްދެން. އެ ޒަމާނަކީ ތެލެސީމިއާ ޓެސްޓްކުރެވޭ ޒަމާނެއްނޫން. އެހެންނަމަތާ ޓެސްޓްކޮށްގެން އިނދެވޭނީވެސް . މިހާރު ލޭއަލާކުދީންނަށްވެސް ރަނގަޅުގޮތް ފެންނަން އެބަހުރި . އެހެންވީމާ އަޅާނުލާ ދޫކޮށްލާކަށް މަރު ހެޔޮނުވާނެ. ” އާދަނުގެ ކޮނޑަށް އަތްއެއްލަމުން އިބްރާހީމްބެ ބުންޏެވެ.
” އާނ! އެކަން އެހެރީ ފެންނާކަށްނު. އެދުވަހު ހައްވަ އެހާވަރުން އަޅާނުލީނަމަ އެސޮރަކަށް އެހެނެއް ނޫޅެވުނީސް ދޯ؟ ”
“އެހެންވެޔޭ މީހުންބުނަނީ ދަރިން ތަފާތު ކުރާކަށް ނުވާނެޔޭ! ދުނިޔޭގަ ކަންތައް ވާނެ ގޮތެއް ނޭނގޭނެޔޭ! ދެން ރަނގަޅުތާ. މިހާރު ހުރިހާ ކުދީންވެސް ބައްޕައަށްވެސް އަޅާލާ ނުލާހިކު ރަނގަޅުވިއްޔާދޯ؟ ”
” އާނ! ”
” ބުނަން . ދެންވެސް އެކަހަލަ މޮޔަކަމެއް ނުކުރާތި! ބޮލުގެ ބޭނުން ރަނގަޅަށް ހިފާތި! ” އިބްރާހީމްބެ އާދަނުގެ ބޮލުގައި އަތް ހާކާލިއެވެ.
” ހޫމް. އިރާދަކުރެއްވިއްޔާ ދެން އެކަހަލަ ‘ޅައެއްޗެއް’ ނާޅާނަން! ”
އާދަނާއި އިބްރާހީމްބެއަށް މިސްކިތާހަމައަށް ދެވުނުތަނާ ބަންގި ގޮވައިފިއެވެ.

0

You may also like...

12 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Dheenee kuruvaahaka mubaarathuge gavaaidhuthakah nufethey.. Dheenee vaahaka ehves noon me. Vaahaka reethi.. Ekm mubaaraathah laan kamakunudhey

    ⚠Report!
  2. dheenee kankamuge thereyga dharinnah hamahamavumai , anbidharinnah alhaluma, minvarah eemanvuma mikankan nuhimeneyba?

    ⚠Report!

Leave a Reply

Your email address will not be published.