
ހަތިޔާރު (ފަސްވަނަބައިގެ 1) [ޝެނިން]
ޝެނިން
އަހަރެންގެ ކޮލަށް ދޮނެއް ދިން ކަމުގެ އެއްވެސް އިޙްސާސެއް ނުކުރެވެއެވެ. ހަމަ ގަމާރެއްހެން ކޮލުގައި އަތް އަޅައިން ހުރެވުނީއެވެ. އޭނާގެ ތުންފަތުގެ އަލިފާން ހޫނު ކަމާއި ހެދިއެއް ނޫނެވެ. މިރޭ އިރަމް އާއި އެކު ހުރިއިރު ފެނުން ކުއްޖައާއި ހެދިއެވެ. އެއްކަލަ ކުއްޖައެވެ. ސްކޫލުން ފެނުނު ކުއްޖައެވެ.
ފުރަތަމަ ކުރެވުނީ މީހަކު ފަހަތުން އަންނަ ކަމުގެ އިޙްސާސެވެ. ނަމަވެސް ކުރިމަތިން އެކުއްޖާ ފެނުމާއި އެކު ގަނޑުވީއެވެ. އަހަރެންނަށް އޭނާ ބަލަން ހުރީ އެހެން ކަހަލަ ގޮތަކަށެވެ. އަހަރެން ފެނުމުން އޭނާވެސް ހައިރާން ވީ ކަހަލައެވެ. ފަހަރުގައި އަހަރެންނަށް އޭނާ ފެންނާތީއެވެ. އަހަރެންނަކަށް ނޭނގެއެވެ. އެހެން ނޫނަސް މި ހުރިހާ އެއްޗެއްސަކީ އަހަރެންނަށް ފެންނަ ގޮތެއް ނޫން ހެއްޔެވެ؟
ދުވަހަކުވެސް މިހެނެއް ނުވެއެވެ. އަހަރެންނަށް ދުވަހަކުވެސް އެއްފަހަރަށް ވުރެ ގިނައިންނެއް އެކަކެއް ނުފެނެއެވެ. ނަމަވެސް މިހާރު އެ އަންހެން ކުއްޖާ އަހަރެންނަށް އެ ފެންނަނީ މާ ގިނައިންނެވެ. ހަނދާން ކުރަންވީ އެންމެ ކަމެކެވެ. އެއީ، ހުރިހާ ކަމަކީވެސް އަހަރެންގެ ސިކުނޑީގެ ވަހުމެއް ކަމެވެ. ނަމަވެސް އަހަރެންގެ ޤަބޫލު ކުރުމުގެވެސް ބުރަދަން ގެއްލޭހެން ހީވަނީ ވަރަށް ބޮޑަށެވެ.
ނަމަވެސް ހާސްވާންވީ އަހަރެން އެކަމާއެއް ނޫނެއް ނޫން ހެއްޔެވެ؟ މާދަމާ އިރަމް ކައިރީ ހަދާނެ ދޮގަކާއި މެދަކުއެއް ނޫން ހެއްޔެވެ؟ މީހަކާ ގުޅެވެން ނޯންނަނީ މިހެންވެއެވެ. މީހަކާއި މިވަރުން އެއްވެސް ކަހަލަ ގުޅުމެއް ބާއްވާނި ކިހިނެއް ހެއްޔެވެ؟ މިހާ އުނދަގުލީ ކީއްވެ ހެއްޔެވެ؟
އަހަރެން ގެއަށް ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަނީމެވެ. ދަބަސް ހޫރާލީމެވެ. ފިލްމު ތަކުގައި ހަދާހެން ބޭނުންވީ ޑްރެސިން ޓޭބަލްގައި ހުރި އެއްޗެހިތައްވެސް އުކާލާށެވެ. ނަމަވެސް ވަގުތުން ހުއްޓާލެވުނީ މޭޒުމަތީ ބަހައްޓާފައި ބޭސްތަށް ފެނިގެންނެވެ. އަހަރެން ބޭނުމީ އެވެސް އުކާލާށެވެ. ނަމަވެސް އަހަރެންނަށް ހެދުނީ އެޔެއް ނޫނެވެ.
ބޭސްތަށް ކީމެވެ. ރޭގަނޑު ކާން ބޭހެއް އިނެވެ. ވަގުތުން ދެ ގުޅަ ނެގީމެވެ. ފެން ތަށްޓަކާއި އެކު ދިރުވާލީއެވެ. އަހަރެންގެ ފެނުންތަކަށް ކުޑަ ހައްލެއް ލިބުނަސްވެސް އެންމެ ރަނގަޅެވެ. އޭރުން، ފަހަރެއްގައި އޭރުން އަހަރެންނަށް އާދައިގެ ޙަޔާތެއް ލިބިދާނެއެވެ.
*************************************************
ހަފްތާއެކެވެ. ހަފްތާއެއް ވެއްޖެއެވެ. އެއްވެސް ވަރަކަށް އަހަރެންނަކަށް މީހެއް ނުފެންނަތާ ހަފްތާއެއް ވެއްޖެއެވެ. ބޭސްތަށް ހަމަ ރަނގަޅަށްވެސް މަސައްކަތް ކުރަނީއެވެ. އަހަރެންވެސް ބޭސްތަށް ބޭނުން ކުރުން ހުއްޓައެއް ނުލަމެވެ.
އަހަރެންނަށް ފުރަތަމަ ފަހަރަށް އަހަރެންގެ ބަލި ޖެހުން ފަހުން ރަނގަޅު ގޮތެއް ވެދާނެ ކަމުގެ އުންމީދު ކުރެވެން ފެށުނެވެ. އަހަރެންނަށްވެސް އުފާވެރި ހަޔާތެއް ލިބިދާނެ ކަމުގެ އުންމީދު ކުރެވެން ފެށުނެވެ. ނަމަވެސް އެރޭގެ ބޮން ވައްޓާލި ފަހުން އިރަމް އަހަރެންނަކާއި އަދި ވާހަކައެއް ނުދައްކައެވެ. ވާހަކަ ދެއްކުމުގެ އިތުރުން ބަލާވެސް ނުލައެވެ. އަހަރެން އަހަންވެސް އުޅެފީމެވެ. ނަމަވެސް އެއައްވުރެ ފިނޑިއެވެ.
އަހަރެންނަށް އަނެއްކާ ކަމެއް ގޯސްކޮށް ކުރެވުނީ ބާއެވެ. ޔަޤީނެވެ. އެރޭ އަހަރެން އުޅުން ގޮތުން އަހަރެން ދެކެ އޭނާވެސް ބިރު ގަންނަނީއެވެ. އިރަމް އަހަރެންނާއި ވާހަކަ ދައްކަން އަހަރެން ބޭނުންވެއެވެ. ނަމަވެސް އެހެން އަހަރެންނަކަށް އިރަމް ކައިރިއަކު ބުނާކަށް ނުކެރެއެވެ. މައްސަލައަކީ އެއީއެވެ.
އިރަމް އަހަރެންނާއި ހަތަރުކަޅި ހަމަ ކުރަން ބޭނުން ނުވާ އިރު އެޕާރޓްމެންޓް ބިލްޑިންގ އިން ދިމާވި އަހަރެންނަށް ބެލުމަށް ހުއްދަ ބޭނުން ނުވާ ކަހަލައެވެ. އެއްބައި ފަހަރު އުނދަގޫވެސް ވެއެވެ. އިރަމްގެ މަޤްޞަދު ނޭނގޭއިރު އެ ޒުވާނާގެ އޮތީ އެންމެ މަޤްޞަދެވެ. އެއީ ހަމަ ގައިމުވެސް އެކުވެރި ކަމެއް ނޫނެވެ.
އަމިއްލައަށް ހެމުން ސްކޫލަށް ވަދެވުން ކަންވެސް އެނގުނީ މީހަކު ގައިގައި ޖެހުމުންނެވެ. ކުރިން ފަހަރު ހެން މިފަހަރަކު ފޮތްތަކެއް ވިއްސައިގެނެއް ނުދެއެވެ. ނަސީބެކެވެ. “ސޮ….” މަޢާފުވެސް ކަރުތެރޭ އަޅައިގަތީ ކުރިމަތީ ހުރި މީހާ ފެނިފައެވެ. އިރަމްއެވެ.
އިރަމްވެސް މުޅި ގައިން ކުލަ ދިޔަ ކަހަލައެވެ. ވަގުތުން އެނބުރި ހިނގައި ގަންނަން އުޅުނެވެ. ނަމަވެސް މަޑު ކުރިއެވެ. އަހަރެންގެ އަތް ފެނުނީ ދެނެވެ. އޭނާގެ އަތުގައި ހިފަހައްޓައިގެންނެވެ. އަހަރެން ވަގުތުން އަތް ނެގީމެވެ. ނަމަވެސް ނަސީބަކުން އިރަމް ނުއެއް ދެއެވެ. ނަމަވެސް އަހަރެންނަކަށް ބަލައެއް ނުލައެވެ.
“ޝެނިން އަށް ކަމެއް ގޯސްކޮށް ކުރެވުނީ ދޯ. އިނގޭ އެރޭ އުޅުނު ގޮތުން އަހަރެންނާއި ވާހަކަ ދައްކަން ބޭނުން ނުވަނީކަން.” އަހަރެން ބުނީމެވެ. އަހަރެން ކަންބޮޑު އިރަމް ދޭނެ ޖަވާބަކަށެވެ. ނަމަވެސް ޖަވާބެއް ނައެވެ. އެހެން ކަމުން ދޮގު ހަދަން ވީއެވެ. “ޝެނިންގެ މާ….” “ސޮރީ. ޝެނިންގެ މައްސަލައެއް ނެއް. އަހަރެންގެ މައްސަލައެއް.” އިރަމް އަހަރެންނަށް ބުނެ ނުނިމެނީހެން ބުންޏެވެ.
ހަމަ އެއާއި އެކު އިރަމް އިތުރު ޖަވާބެއް ދޭން ނުހަދާ ގޮއްސިއެވެ. އިރަމް އަށް ކިހިނެއް ވީ ބާއެވެ. އަހަރެން ކަމުގައި ނޫނޭ ބުންޏަސް މިހާ އުނދަގޫ ކަމެއް މިވަނީ ކީއްވެ ހެއްޔެވެ؟ އިރަމް އާއި ވާހަކަ ދެއްކެވުމުން އަހަރެން ހީކުރީ ވާނީ ފަސޭހަ ކަމަށެވެ. ނަމަވެސް ކުރާ އުނދަގޫ ވާން ފެށީ ހައްތާ ބޮޑެވެ.
އަހަރެންގެ އަތް ވަގުތުން އަހަރެންގެ މޭ މައްޗަށް ދިޔައީ އެތަނަށް ހޫނުވާހެން ހީވެގެންނެވެ. މަންމަ އަހަރެންނަށް ދިން ފަށުގެ ފޫކު އަހަރެންގެ ހަމުގައި ޖެހިފައި އިން ތަނެވެ. ހޫނު އިތުރުވާން ފެއްޓެވެ. އެންމެ ފަހުން އަހަރެން އަތުގައި ހުރި ބާރެއް ލުމަށް ފަހުގައި ފަށް ކަރުން ދަމައި ގަތީމެވެ. ދުރައް އެއްލާލުމަށްފަހު އަހަރެން އެއަށް ބަލަން ހުރީއެވެ.
މޭމަތީ ފަށް އިން ތަން އިނީ ފިހިފައެވެ. ފަށުގެ ފޫކު އިން ބައްޓަމަށެވެ. ފަށް އޮތް ތަނަށް އަހަރެން ދިޔައީމެވެ. ތިރިވުމަށްފަހު އަހަރެން ފަށުގައި އަތްލީމެވެ. ނަމަވެސް މިހާރު ހޫނެއް ނޫނެވެ. ނަމަވެސް ވަގުތުން ބިރުގަތީ ފަށުގެ ކުލަ ބަދަލު ވެފައި އޮތީމައެވެ. ނޫނީ އަވީގެ ގޮތުން ބަދަލު ވެފައި އޮތީ ކަންނޭނގެއެވެ. ނޫނީ އެންމެ ފުރަތަމަ ވެސް އޮތީ މިކުލައިގައި ބާވެއެވެ. ހަމަ ގައިމުވެސް އަހަރެން ހަނދާން އެބަހުއްޓެވެ. ކުރިން އޮތީ ކަޅު ކުލައިގައެވެ. ނަމަވެސް މިހާރު އޮތީ ގަދަ ދަނބު ކުލައެއްގައެވެ. ބިރުން ނަމަވެސް އަހަރެން ފަށް ނެގުމަށްފަހު ދަބަހަށް ލީމެވެ. އެއަށްފަހު ކްލާހަށް ދިޔައީމެވެ.
އިރަމް އެހަދާ ގޮތަކުން އަހަރެންނަށް ކްލާހުގައި އިންނަންވެސް އުނދަގުލެވެ. ނަސީބަކުން ކްލާހަށް ވަތް އިރު އިރަމް އާއި ޖެހިގެން އިން ގޮނޑި އިނީ ހުސްކޮށެވެ. އަހަރެންގެ ސިކުނޑު ޚިޔާލު ބަދަލު ކުރުމުގެ ކުރިން ވީހާވެސް އަވަހަށް އަހަރެން ބޭނުންވާ ގޮތް ހަދަންވީއެވެ. އިރަމް އާއި ޖެހިގެން އިން ގޮނޑިގައި އަހަރެން އިށީނީއެވެ.
ނަސީބުގެ ދެރަ ކަމުން މުދައްރިސްވެސް ކްލާހަށް ވަނީ އެވަގުތު ބަލާފައެވެ. ދެން ވާހަކައެއްވެސް ނުދެއްކޭނެއެވެ. އެހެން ކަމުން އަހަރެން ނެގީ ދަބަހުން ބޭނުން ނުކުރާ ކުޑަ ފޮތެކެވެ. ރަނގަޅުތަ؟ އަހަރެން ލިޔުނީމެވެ. އެއަށްފަހު ފޮތް އިރަމް އާއި ކައިރި ކުރީމެވެ. އިރުކޮޅަކު ބަލަން އިނދެފައި އޭނާ ލިޔުނެވެ. ކޭ. އައީ ކުރު ޖަވާބެވެ.
ހުރިހާ ކަމެއްވެސް “ކޭ” އީ އާ ސްމައިލް ވެލާ! ހިނިތުންވެލާފައި އިން މޫނުގަނޑެއް ކުރުހާލަމުން އަހަރެން ލިޔުނީމެވެ. ފޮތް ދިއްކޮށްލީމެވެ. އެރެއަށްފަހު ފުރަތަމަ ފަހަރަށް އިރަމް ހިނިތުންވެލިއެވެ. މަޑުމަޑުން ހޭންވެސް ފެއްޓެވެ. ނަމަވެސް އެ ހިނިތުން އަދި ލޮލާއި ހިސާބަކަށް ނުދެއެވެ. ނަމަވެސް މިއީ ފެށުމެކެވެ.
“އެޙެމް!” ކައިރިން މީހަކު ކަރު ކެހިލުމުން އަހަރެން ބަލާލީމެވެ. ހުޒާމްސާރ، އަހަރެމެންގެ ކްލާސްޓީޗަރ އަހަރެމެން ކައިރީ ހުއްޓިގެން ހުއްޓެވެ. “ސާރ އަށް ފެންނަނީ ދެކުދިން ނުކުންނަން.” ރީތިކޮށް މުދައްރިސް އަހަރެމެން ކައިރީ ބުންޏެވެ. އާންމުކޮށް ހުޒާމް އަކީ އެންމެ ރަނގަޅު މީހާއެވެ. ނަމަވެސް އޭނާގެ ކޮންމެވެސް ކަމެއް މިޔަދު ގޯހެވެ. އަހަރެން ހައްތަހާ ދަގަނޑު ދޮން ކުރާކަށް ބޭނުމެއް ނޫނެވެ.
އަވަހަށް ދަބަހަށް އެއްޗެހި އެޅުމަށްފަހު ދެމީހުން ކްލާހުން ނުކުތީއެވެ. ނަމަވެސް އިރަމްގެ މިސްރާބު ހުރީ ކެންޓީނާއި ދިމާލަކަށް ނޫނެވެ. ބޭރަށެވެ. “އަދި ތިން ގަޑި އެބައިނެއް ނުން. ކޮން ތާކަށް ތި ދަނީ؟” އަހަރެން އެހީމެވެ. “ނެއް މިޔަދު މަޑު ކުރާ ހިތެއް. ގެއަށް މިދަނީ.” އެއާއި އެކު އިރަމް ހިނގައިގަތީއެވެ. އަހަރެންވެސް އެކަނި މަޑު ކުރާކަށް ބޭނުމެއް ނޫނެވެ. އިރަމް އާއި އެއްވަރު ކުރީއެވެ. “އެހެންވިއްޔާ ޝެނިން ވެސް ދާނީ ގެއަށް.” އަހަރެންވެސް ދެރަ ނުވާން ބުނީމެވެ.
“ދެން އެހެން ވިއްޔާ ބުނެފާނަންތަ އިރަމް އަށް ވީ ދޮތެއް.” އިރަމް އިތުރު ބަހަނާއެއް ދެއްކުމުގެ ކުރިން އަހަރެން ފެށީމެވެ. އަހަރެން އެހީމެވެ. ހަޤީގަތް ހަމަ ބަލަން ބޭނުން ވީއެވެ. “އިރަމްގެ ކޮއްކޮ މަރުވީ” އައީ އިރަމްގެ ކުރު ޖަވާބެވެ. އަހަރެން ގަނޑުވީމެވެ. އިރަމް އަށް އަހަރެން ބަލާލީމެވެ. އިރަމް މޫނު މަތިން ހަމަ އެކައްޗެއްވެސް އެނގޭކަށް ނެތެވެ. އަހަރެން އޭނާ ގައިގައި އޮޅުލައިގަތީމެވެ. އިރަމް ފުން ނޭވާއެއް ލީ ކަމުގެ އިޙްސާސް ކުރެވުނެވެ. ދެން އޭނާވެސް ފެށީ ރޯށެވެ. އަހަރެންގެ ހިތް ފަޅައިގެން ދިޔައީ އިރަމްގެ ރުއިމުގެ އަޑުއިވިފައެވެ.
“ސޮރީ. ހޭ. ހުއްޓާލަ.!” އަހަރެން މަޑުމަޑުން އިރަމްގެ ކަންފަތް ކައިރީ ތަކުރާރު ކުރަމުން ދިޔައީމެވެ. އިރަމް ރުއިމަކުން އޭނާގެ ފިރިހެން ވަންތަކަމެއް ކުޑައެއް ނުވާނެއެވެ. އެއްވެސް މީހެއްގެ ކުޑައެއް ނުވާނެއެވެ. ބުނެދެނީ އެމީހެއްގެވެސް ހިތެއް އޮތް ކަމެވެ. އިތުރުން އެމީހަކު ތިމާއަށް ވަރަށް އިތުބާރު ކުރާ ކަމެވެ. އަހަރެންނަށް އިރަމް އިތުބާރު ކުރޭ! އަހަރެންގެ އެތެރެން މީހަކު ވާހަކަ ދައްކާ ކަހަލައެވެ.
“ދެމީހުން ދިމާވާ ފަހަރަކު ކޮންމެވެސް އެކަކު ރޮއޭ ދޯ!” އަހަރެން ބުނެލީމެވެ. އިރަމް ހިނިގަނޑެއް ޖަހާލިއެވެ. ނަސީބެކެވެ. “ކީއްވެތަ ޝެނިން އެރޭ ރުއީ؟” އިރަމް އެހިއެވެ. އަހަރެންނަށް އެރީ ކޮށްޓެވެ. ޖަވާބެއް އެބައޮތެވެ. ނަމަވެސް ދޮގެކެވެ. އެހެންވެއެވެ. ނަމަވެސް ދޮގު ހަދައިން ނޫނީ އިރަމް އެއް އަހަރެން ކައިރިއަކު ނުހުންނާނެއެވެ. “ޝެނިންގެ ބުޅާ މަރުވީ.” އަހަރެން ހެދީ ދޮގެވެ. އަދި މިވަރަކުން ފުލެއް ނުބެދޭނެއެވެ. “އެގަޑީ ޓެކްޓްގައި އިނީ އެހެން. އެހެންވެ.” އަހަރެން އިތުރު ކޮށްލީމެވެ. ބަނޑުން ކޮންމެވެސް އެއްޗެއް ދަމައިގަތް ކަހަލައެވެ. ދޮގު ހަދަން ބޭނުމެއް ނޫނެވެ.
“ދައްކަބަލަ ފޯނު.” އަހަރެން ބުނީމެވެ. މައުލޫ ބަދަލު ކުރީމެވެ. އިތުރު ސުވާލު ތަކެއް ނުކޮށް އިރަމް އޭނާގެ ފޯނު ނެގިއެވެ. އަހަރެންނާއި ހަވާލު ކުރުމުން އަހަންގެ ނަމްބަރަށް ގުޅީމެވެ. އެއަށްފަހު ފޯނު ދިނީމެވެ. “ސޯ، އެއްވެސް ކަމެއް ވިޔަސް ޝެނިން ކައިރީ ބުނެވޭނީ.” އަހަރެން ބޮޑުވެލާފައި ބުނީމެވެ. “އެކީއްވެ؟” އިރަމް އެހިއެވެ. “އެހާ ސުވާލު ނުކޮށް ބުނާ ގޮތަކަށް ކަންތައް ކޮށްފާނަންތަ؟” އަހަރެންވެސް ދެރައެއް ނުވާނެއެވެ. “ލައްބަ މަންމާ!” އިރަމް ހެމުން ބުންޏެވެ.
ކޮންމެއަކަސް އަހަރެންގެ ގެއާއި ދިމާލަށް އާދެވުން އިރު އިރަމްވެސް ހުރީ ހިނިތުން ވެލައިންނެވެ. އަހަރެންނަށް އެވަރު ރަނގަޅެވެ. “ބާއި.” އަހަރެން ބުނެފައި އަވަހަށް ގެއަށް ވަނީމެވެ. ނަސީބެކެވެ. މިޔަދު އެޒުވާނާއެއް ފެންނަ ހިސާބަކު ނެތެވެ. މިހާރު އޭނާ މިފެންނަނީ މާގިނައިންނެވެ.
ގެއަށް ވަނީ މަންމަމެން މީހަކަށް ނޭނގޭނެ ކަމަށް ބަލާފައެވެ. އަވަހަށް އަހަރެން ފެންވަރާލީމެވެ. އަހަރެން ފެންވަރަން ލަހީ ކަންނޭނގެއެވެ. ފެންވަރައިގެން ނިކުތް އިރު އިރަމްގެ މެސެޖެއް އިނެވެ. ކަނީ… ޝެނިން ބުނީމެއްނުން ކަމެއް ވީމަ ގުޅާށޭ. އަހަރެން އަމިއްލައަށް ހެވެނީއެވެ. ޖެއްސުން ކުރަން އޭނާއަށްވެސް އެނގެއެވެ.
“އޭ……….!” އަހަރެން ހުރިތަނަށް ގަނޑުވީ ކަންފަތް ކައިރިން މީހަކު ވައި އަޑަކުން ގޮވާލުމުންނެވެ. އަހަރެން މިހުރީ ބަލަންވެސް ނުކެރިފައެވެ. ނަމަވެސް މަޑުމަޑުން އެނބުރުނީމެވެ. ނަމަވެސް އެކަކުވެސް ފެންނާކަށް ނެތެވެ. ހަމަ އެހެންޏާވެސް ހުރި އެއްޗެއްސެވެ. ދޮރުފޮއްޗެވެ. މޭޒެވެ. ގޮނޑިއެވެ. ނަމަވެސް ވައިގެ ތެރެއިން އެފެންނަން ފެށީއެވެ. އެއީ އެވައްތަރު ނުސާފު ކަމެވެ. ޓީވީގައި ޗެނަލް ނުސާފު ކޮށް ހުންނައިރު ހުންނަ ނުސާފު ކަމެވެ. ފަނޑު ފަނޑު ކޮށް ހުރި ސޫރަ މަޑުމަޑުން ކުލަ ގަދަވާން ފެއްޓެވެ. ނަމަވެސް އަދިވެސް ގައިން އެތެރެ ފެނެއެވެ. އަހަރެން މިހުރީ ރޯންވެސް ނޭނގިފައެވެ. ކުރިމަތީ އެހުރީ އިރަމްގެ ނަކަލެކެވެ. ތަފާތަކީ އެއީ އަންހެން ކުއްޖެއް ކަމެއެވެ. ހަމަ އައިބެއް ނެއްފަދަ ރީއްޗެވެ. ދޮން މޫނެވެ. ބުޅި އިސްތަށިގަނޑެކެވެ. ހެޔޮވަރު އިސްކޮޅެކެވެ. އޭނާ ވާހަކަ ދެއްކީ ދެނެވެ. ފަނޑެވެ. “އަހަރެން… ގެ.. ބޭބެއަށް ބަލާތި….”
(ނުނިމޭ)
2 Comments
Comments are closed.
Awesome. . 😀
Varah varah varah bodah thank you GuDuMeena