މިއަދުވީ ވަރަށް ވަރުބަލި ދުވަހަކަށެވެ. އެހެންކަމުން ސާރާ އެއްޗެހި ބަދަލުކޮށްގެން ނުވައެއް ޖަހާކަށްހާއިރު ނިދަން އޮށޯތީ ސްކޫލުގެ ސުވާލުމުބާރާތައް ނަގަންވެފައިހުރި ސުވާލުތައް ފަތިހުނަގަން ހިތައްއަރުވައިގެންނެވެ. ނަމަވެސް ނިދުމުގެ ކުރިން ސައިޓްގެ އަޕްޑޭޓް ތައް ބަލާލަން އޮންލައިން ވީއިރު ބަރަކާއާއި، ދީނާއާއި، އަދި ޔަމީނާވެސް ތިބީ އޮންލައިންގައެވެ. ވީ އުފަލުން އަވަހަށް އަންވާރު ޓީމުގެ ވައިބަރ ގްރޫޕުން ވާހަކަ ދައްކަން ފެށިއެވެ. ފުރަތަމަ ދީނުގެ ރިވެތި ސަލާމުން ސަލާމް ގޮވާލުމަށްފަހު އެކަކު އަނެކަކުގެ ހާލުއަހްވާލު އޮޅުންފިލުވާލާފައި އިތުރު ވާހަކައާއިގެން ކުރިއަށް ދިއައެވެ.
ސާރާ: ނެއްތަ ދީނީ ސުވާލާއި ޖަވާބު ހުރި ބޮޑު ފޮތެއް އެއްވެސް ކުއްޖަކު އަތުގައި؟
ބަރަކާ: ހަމައެކަނި ސުވާލާއި ޖަވާބުހުރި ފޮތެއް ނެތް. މައުލޫމާތުހުރި ބައިވަރު ފޮތް އެބަހުރި.
އެއާއެކު ދެންތިބި ކުދިންވެސް ބަރަކާއާއި އެއްބަސް ވެލިއެވެ.
ދީނާ: ރޯދަމަހަށް ހާއްސަކޮށްގެން ސައިޓްގަ ހާއްސަކަމެއް ނެތްތަ ރާވާފައި؟
ބަރަކާ: ރަނގަޅުކަމެއްގެ ޚިޔާލެއް ދީބާ. ކޮންމެކުއްޖަކު ނަމަވެސް.
ޔަމީނާ: ތިކަމާ ވިސްނާލާނަން. ބަރަކާ މިހާރު ވަރަށް ދުވަސްވެއްޖެއްނު އެންމެން އެއްކޮށް ބައްދަލު ނުވާތާ. ނެއްތަ މީޓިން އެއް؟
ބަރަކާ: މީޓިން އެއް ބޭއްވިދާނެ. ހިނގާ އެއްދުވަހުން ރޯދަވީއްލަންދަމާ. އެންމެން އެއްކޮށް. އެކަމަކު ދީނާ ދުރުގަ ހުރީމަދޯ؟
ދީނާ: ދީނާގެ މައްސަލައެއް ނެތް. ތި ތިންކުދިން އެންޖޯއި ކޮށްލާ.
ސާރާ: ހިނގާ ޓީމް އަންވާރުގެ ފަރާތުން ކޮންމެސް ކުއްޖަކަށް ނުވަތަ ބަޔަކަށް ރޯދަވީއްލުމެއް ދެވޭތޯ ބަލަން. ރޯދަވީއްލުން ހަމަޖައްސާނީ ޓީމާއި އެކު.
އެއާއެކު ހުރިހާ އެންމެންވެސް އެ ޚިޔާލަށް ތައުރީފުކޮށް އެގޮތައް ކަންތައްކުރުމަށް ނިންމިއެވެ. އަދި އެންމެންވެސް ތިބީ އެ ޙާއްސަ ރޯދަވީއްލުމުގެ އިންތިޒާރުގައެވެ. ދީނާ ރަށުގައި ހުރުމުން ދީނާއަށް ރޯދަވީއްލުމުގައި ބައިވެރި ނުވެވުނުނަމަވެސް އެކަމަށްދާނެ ޚަރަދުގައި ބައިވެރިވާނެކަމުގައި ބުންޏެވެ.
އެވަގުތު ޔަމީނާ ވަކިން ބަރަކާއާއި ވައިބަރ އިން މެސެޖް ކޮށް އޭނާ ކައިވެންޏަށް އާއެކޭ ބުނިވާހަކަ ހިއްސާ ކުރިއެވެ. ބަރަކާ ޔަމީނާއަށް ހެޔޮދުޢާ ކޮށްދީ މަރުހަބާކީ ވަރަށް އުފަލުން ހުރެއެެވެ. ޔަމީނާ އަދި ހުރިހާ އެންމެން ކައިރީ އެ ވާހަކަ ނުބުނީ ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހުނީމާ އެ ވާހަކަ ދައްކަން ވެގެންނެވެ.
……………….
ސާރާ ފަތިހު ހޭލައިގެން ނަމާދަށްފަހު އޮތް ކުޑަ ވަގުތުކޮޅުގައި ދެތިން ފޮތް ހާވާލާފައި އޭގެން ވިއްސަކަށް ސުވާލާއި ޖަވާބު ނޯޓް ކޮށްލައިގެން ސްކޫލަށް ދެވުނީ ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށެވެ. ސްކޫލުގެ ވަގުތުގައި މިއަދު އޭނާއަށް ދެތިން ދަރިވަރަކާއި ވާހަކަދައްކަން ޖެހުނީ ކިލާސް ތެރޭގައި ޓީޗަރަށް އުނދަގޫވާވަރަށް ސަކަރާތްޖަހާ އެހެން ކުދިންނަށްވެސް އުނދަގޫކުރާ ވަރުންނެވެ. އޭގެ ތެރޭގައި އަންހެންކުއްޖަކު ހިމެނޭއިރު އެދަރިވަރާއިމެދު އެންމެންގެވެސް ޝަކުވާއަކީ އަބަދު ކިލާސް ތެރޭގައި މޭކަޕް ކުރުމާއި، މޭކަޕް ސާމާނު ގެންގުޅުމެވެ. ދެތިން ފަހަރަކު އެހެން ޓީޗަރުންވެސް ވަކިން އެ ދަރިވަރަށް ނަސޭހަތް ދީ އެއީ ސްކޫލް ތެރޭގައި މަނާކަމެއްކަން ވިސްނައިދެވޭތޯ މަސައްކަތްކުރިނަމަވެސް އެ ކުއްޖާގެ އެކަންކަމަށް މާބޮޑު ބަދަލެއް އައިކަމަކަށް ނުވިއެވެ. އެހެންކަމުން ސާރާ އެ ދަރިވަރަށް ހާއްސަ ސެޝަނެއް ކުރިއަށް ގެންދިޔައެވެ. އަދި ސްކޫލް ނިންމާލާފައި މިއަދުވެސް ސާރާ ދިޔައީ ބީޗައް، ކުރީ ދުވަހު ދިމާވި ދައްތައާއި ބައްދަލުވޭތޯއެވެ.
ނަސީބަކުން މިއަދުވެސް އެ ދައްތަ އިނެވެ. ނަމަވެސް މިއަދުއިނީ އެތާ އެއްފަރާތުގައި އިން ގޮނޑީގައި އިށީނދެގެންނެވެ. ދުރުހިސާބަކުން ބާރު ހިނގުމެއްގައި އައުމުން ވެފައިހުރި ވަރުބަލިކަމުން ސާރާ އަށް އެދައްތަ ކައިރީ އިށީންނަމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެއާއެކު އެ ދައްތަ ހައިރާންވެފައި ބަލާލީ މި ނުދަންނަ ކުއްޖާ އަނެއްކާ މިއަދުވެސް އެ ތަނަށް އައިސް އެ ދައްތަކައިރީ އިށީނީމައެވެ. މިއީ ކޮންކުއްޖެއްބާއެވެ! އަނެއްކާ މިއަދުވެސް މި ކުއްޖާމިއައީ ކީއްވެބާއެވެ! ހަމަ އަހަރެންގެ ހާލާމެދު ފިކުރުކުރެވޭތީ ބާވައެވެ! އެހެންނަމަވެސް އެ ހިނދުކޮޅުގައި އެވާނީ މިތާ ކައިރީގައި އުޅޭ ކުއްޖެއްކަމަށޭ ހިތައްއަރުވާލިއެވެ. މިއަދުވެސް އަހަރެން މިތާ އިންތަން ފެނިގެން އައީކަމަށް ވެދާނެއެވެ.
ސާރާ އިށީންނަމުން ފުޅާ ހިނިތުންވުމެއް އެ ދައްތަ އަށް ރައްދު ކޮށްލިއެވެ. އެއާއެކު އިށީނދެ ހަމަ ޖެހިލާފައި ދައްތަ ކިހިނެއްތޯ އަހާލިއެވެ. އޭގެ ބަދަލުގައި އެ ދައްތަވެސް ދޫކޮށްލީ ހިނިތުންވުމެކެވެ. އަވިނިވާލާފައި އޮތްއިރު ކުޑަކޮށް އުޑުމަތި ބަނަ ދުވަހެކެވެ. ދެތިން އާއިލާއެއް ދަރިންކޮޅު ގޮވައިގެން މޫދައް އެރެން އުޅުނެވެ. އެ ދައްތަ އެދިމާއަށް ނަޒަރު ހުއްޓިފައި އިނީ ވިސްނުމެއްގެ ތެރޭގައެވެ. ތަންކޮޅެއް ރާޅުބޮޑު ދުވަހެއްކަމުން ކުޑަކުދިންތައް ރާޅުން ސަލާމަތްކުރުމަށް އެކުދިންގެ އާއިލާގެ ބޮޑެތި މީހުންތައް ކައިރީގައި ތިއްބެވެ. ސާރާ އަށް އެ މަންޒަރުފެނުމުން އޭނާގެ ހިތާމަވެރި މާޒީ ހިނދުކޮޅެއްގެ ތެރޭގައި އެ ހިތުގައި ކުރެހެލިއެވެ. މިފަހަރުވެސް އޭނާ އެމާޒީން ނެރުނީ އެ ދައްތަގެ އަޑެވެ.
ކޮންމެދުވަހަކު ކޮށްކޮ މިތާ ކީއްކުރަނީ؟ މިހިސާބުގައި އުޅޭ ކުއްޖެއްތަ؟ އެ ދައްތަ ކޮށްލީ ސުވާލެވެ. ސާރާ އަށް ހިނިތުންވެލެވުނީ އެދައްތަގެ އަމިއްލަ ހިތާމަތަކުން ކޮންމެވެސް ވަރަކަށް ނިކުމެވިއްޖެޔޭ ހިތައްއެރުމުންނެވެ. އެއާއެކު ސާރާ ދަބަސް ހާވާލާފައި ދެފޮތެއް ނަގާ އެ ދައްތަ އަށް ދިއްކޮށްލަމުން ބުންޏެވެ. މިއަދު މިހާވަރަކުން މިއައީ މި ދޭން ވެގެން. ދައްތަ ތިހެން މާފޫހިވެފަ އަބަދު އެކަނި އިނުމަށްވުރެ ރަނގަޅުވާނެ ފޮތް ކިޔަން އިނިއްޔާ. އޭރުން ނޭނގޭ އެތައް ބައިވަރު ކަންތައްތަކެއް ދަސްވާނެ. އަދި ޚިޔާލުތަކުންވެސް ދުރުކޮށްދޭނެ.
ސާރާ އެދައްތަ އަށް ދިނީ ޟުހާ ސޫރަތުގެ ތަފްސީރު ހިމެނޭ ފޮތަކާއި، ބައެއް ޒިކުރުތަކާއި އޭގެން ކުރަނިވި އަސަރުތަކުގެ ވާހަކަ ބަޔާންކޮށްފައިވާ ފޮތެކެވެ. އަހަރެން އުޅެނީ ގަލޮޅުގަ. އެހާ ދުރެއްނޫން. ދައްތަ އުޅެނީ މިހިސާބުގަތަ؟ ސާރާ އެދައްތަގެ ސުވާލަށް ޖަވާބު ދީފައި އެ ދައްތަ އާއި ސުވާލު ކޮށްލިއެވެ. އެދައްތަ އުޅެނީ އެހިސާބުގައި ކަމަށް ބުންޏެވެ. އެފަދަ އެކި ކަހަލަ ވާހަކަ ސާރާއާއި އެ ދައްތައާއި ދެމެދު ދެކެވި ދެމީހުންވެސް ދެމީހުންގެ ނަން އަހާ ގާތް ދެރަހުމަތްތެރިން ފަދައިން ވާހަކަދެކެވެން ފެށިއެވެ.
………………..
ދީނާއޮތީ ނިދާފައެވެ. އެހެންއޮށްވާ ކުއްލިއަކަށް އޭނާގެ ބޮލަށް ގޮތެއްވާންފެށިއެވެ. ހީވަނީ މުޅި ބޯ އައްސިވަނީހެންނެވެ. އެ އައްސި ގަނޑު މުޅި ހަށިގަނޑަށް ފެތުރެން ފެށިއެވެ. އެއާއެކު މަޑުމަޑުން އެ ފެތުރެމުންދިޔަ ހިސާބުތަށް ވާވާންފެށިއެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެނީއެވެ. ތެދުވަންކިތަމެ ބޭނުންވިޔަސް ގައިގެ އެއްވެސް ތަނެއް ގުޑާވެސް ނުލައެވެ. މަންމައަށް ގޮވަން އަޑުނިކުމޭތޯ ކިތަމެވަރަކަށް މަސައްކަތް ކުރެވިއްޖެއެވެ. އެކަމަކު ދޫވެސް ހަރަކާތެއް ނުކުރިއެވެ. އަދިވެސް އެ އައްސިގަނޑުގެ އިހްސާސްކުރެވޭއިރު އެ އައްސިކަން ގަދަވާހެން ހީވިއެވެ.
ނަސީބަކުން އޭނާގެ ހިތް މަސައްކަތްކުރެއެވެ. އެހިތައް އެތައް ބިރުވެރިކަމެއް އިހްސާސްވަމުން ދިޔަ ވަގުތު ﷲ މަތިން ހަނދާންވިއެވެ. އެހެންކަމުން އަވަހަށް ދުޢާ ކޮށްލެވުނީ އެކަމުން ސަލާމަތްކުރެއްވުމަށް އެދިއެވެ. އެއާއެކު ކުރުސި ކިޔަވަން ފެށިއެވެ. ހިތުން ކިޔަވަމުން ދިޔައީ ހުއްޓުމެއްނެތި އެއްފަހަރު ނިމުމުން އަނެއްކާވެސް ފަށައިގެންނެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ހާސްކަމުން ކިޔެނީ ނިކަން އަވަސްއަވަހަށެވެ. ﷲގެ އިރާދަފުޅުން ކުރުސީގެ އަސަރުކުރަން ފެށީ ހީވެސް ނުކުރާ ފަދައިންނެވެ. މަޑުމަޑުން އެއަށްސިކަން އެކި ގުނަވަންތަކުން ކެނޑެމުން ދިޔައެވެ.
އެންމެ ފުރަތަމަ ހަރަކާތް ކުރެވުނީ ދުލެވެ. އެއާއެކު ދެން ކިޔަވަމުން ގެންދިޔައީ ދުލުންނެވެ. ދެން މަޑުމަޑުން އޭގެ އަސަރު އެއްކޮށް ކެނޑިގެން ގޮސްފިއެވެ. އޭނާ އަށް ކުއްލިއަކަށް ތެދުވެވުނީ ބަނދެފައި އޮތްމީހަކު ސަލާމަތްވުމުން ތެދުވެވޭ ފަދައަކުންނެވެ. މުޅި މީހާ ދާހިއްލާފައި ވާއިރު ދެއަތާއި ބޮލުގައި އަތްކާއްތާލެވުނީ ކުޑަ ތަދެއް އިހްސާސްވާތީއެވެ.
ދީނާ ދެއަތުގައި ރިއްސާވަރުން ކިޔަވާފައިހުރި ކަޅުދިރިތެޔޮ ހާކައިގެން އެނދުގައި އޮށޯވެގެން އޮށްވާ ނިދުނީ ކޮންއިރަކު ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ފަހަރެއްގައި ނިދާއިރުކިޔާ ދުޢާ ނުކިޔާނިދީމާ ވީގޮތް ކަންނޭނގެއޭ އޭނާގެ ހިތައް އެރިއެވެ. ސަބަބަކީ މީގެ ކުރިން އަދި މިހެން ނުވާތިއެވެ.
……………..
ނަވާލު މިއަދު ޔަމީނާމެންގެއަށް އައީ އޭނާގެ ބައްޕަ ގޮވައިގެން ރަޝީދުއާ ވާހަކަދައްކާ ކައިވެނީގެ ކަންތައްތައް ނިންމަންށެވެ. ދެފަރާތުން ވާހަކަދެއްކުމަށްފަހު ނިންމީ ކޯޓުގައި ކައިވެނި ކުރުމަށްފަހު ގޭގައި ކުޑަ ސަޔެއް ބާއްވާނީ ކަމަށެވެ. ސަބަބަކީ ޔަމީނާވެސް އަދި ނަވާލުވެސް ބޮޑު ޕާޓީ އެއް ބާއްވަން ބޭނުންނުވުމެވެ. އެހެންކަމުން މާދަން ފޯމުފުރުމުގެ މަސައްކަތާއި ނަވާލު އުޅޭނަންކަމަށްބުންޏެވެ.
……………
ބަރަކާ ނުކައި އިނީ އާޔަންގެ އިންތިޒާރުގައެވެ. ދެއެއްޖަހާއިރު އޮފިސް ނިމޭމީހެއް މިހާރު އެއޮށް ތިނެއްޖަހާ ބޮޑުވީއެވެ. ގުޅުމުން ފޯނެއްވެސް ނުނަގައެވެ. އަތިއްޔާ ލެޕްޓޮޕް ކައިރީ ކާޓޫން ބަލަން އިންއިރު ބަރަކާއަށް އިރިއިރުކޮޅާ ބެލެނީ ގަޑިއަށެވެ. އެއާއެކު ފޯނު ރިންގުވާތީ ބަލާލިއިރު ގުޅަނީ އާޔަންގެ ރައްޓެއްސެކެވެ. އެވަގުތުކޮޅުގައި ސިކުނޑީގައި ކޮންމެވެސް ކަމެއްވެއްޖެކަމަށްބުނެ އިންޒާރެއް ހިނގާލިއެވެ. އަވަސްއަވަހަށް ފޯނުނެގީ އާޔަންގެ ޚަބަރެއް ވޭތޯއެވެ. ނަމަވެސް ވާފިރު އެދިން ޚަބަރަކުން އަތުގައި އޮތް ފޯނު ދޫނުވީ ކިރިޔާއެވެ. މިދަނީއޭބުނެ ފޯނު ބާއްވާފައި މޫނުބުރުގާ އަޅައިގެން އަތިއްޔާ ގޮވައިގެން ނިކުތީ ހޮސްޕިޓަލަށްދާށެވެ.
ބަރަކާ އުޅޭލެއް އަވަސްކަމުން ހީވަނީ ދުއްވައިގަންނަން ބޭނުންވެފައި ހުރިހެންނެވެ. ވާނީވެސް އެހެންތާއެވެ. ވާފިރު ބުނީ އާޔަން އޮފީސް މަސައްކަތެއްގައި އުޅެނިކޮށް ދަގަނޑުބުރިއެއް ފައިމަށްޗައް ވެއްޓިގެން ހޮސްޕިޓަލަށް ގެންގޮސްގެން އުޅޭވާހަކައެވެ. ބަރަކާގެ ހިތުގެވިންދު އަވަސްވެފައިވާއިރު އެ ހިތް ނެގިނެގިފައި ޖެހެމުންދަނީވެސް މަޑަކުންނޫނެވެ. މަންމަގެ މޫނުމަތިން ހާސްކަން ފާޅުވާން ހުރުމުންނާއި މަންމަ އަވަސްއަރުވާލައިގެން އުޅޭ ގޮތްފެނި އެ ކުޑަކުޑަ އަތިއްޔާއަށްވެސް ކަމެއް ގޯސްކޮށް އުޅެނީހެން ހީވެއެވެ. އަދި ދެފަހަރަކު ބަރަކާއާއި ސުވާލުވެސް ކޮށްފިއެވެ. ކާރަށް އަރައިގެން ދިޔަވަގުތު މިދަނީ ކޮންތާކަށްތޯއެވެ؟ ބައްޕަ ގެއަށްނާންނަނީސް މިދަނީ ކީއްވެހެއްޔޭއެވެ؟ ނަމަވެސް އަތިއްޔާގެ ސުވާލުތަކަށް ޖަވާބުދޭނީ ކިހިނެއްހެއްޔެވެ؟ އޭނާގެ ހިތާއި ސިކުނޑި މަސައްކަތް ނުކުރާކަހަލައެވެ. އާޔަން ފެނި ހުރިހާކަމެއް ރަނގަޅޭ ބުނީމަނޫނީ އެ ދޫވެސް ހަރަކާތް ނުކުރާނެކަހަލައެވެ. އަތިއްޔާ އުރާލައިގެން ބާރު ހިނގުމެއްގައި އައި.ޖީ.އެމް.އެޗަށް ވަން ބަރަކާގެ މިސްރާބުހުރީ އެމަޖެންސީ ރޫމާއި ދިމާއަށެވެ.
އެހިސާބަށް ދެވުންއިރު ވާފިރު ބަރަކާގެ އިންތިޒާރުގައި ދޮރުމަތީގައި ހުއްޓެވެ. އަތިއްޔާ ވާފިރުއާއި ހަވާލުކޮށްފައި ކާޑުހިފައިގެން ބަރަކާ ވަނީ އެތެރެއަށެވެ. އޭރު އަތިއްޔާ ވާފިރުކައިރީ ނުހުންނަން ބޮޑާ ހާކައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ފިކުރު ކުރުމެއްނެތި ބަރަކާ އެތެރެއަށްވަދެގެން ދިޔައެވެ. އެހިނދު އެތައި ކަނަކަށް ވާގޮތައް އިން އެނދެއްގައި އާޔަން އޮތްއިރު ވާތުފައިގެ ކަކުލުންތިރީގައި އެއްކޮށް ޕްލާސްޓަރު އޮޅާފައި އޮތެވެ. އާޔަންގެ ލޯ ބަރަކާގެ މޫނަށް ހުއްޓިފައިވާ ހިނދު އެ ދެލޮލުން ކަންބޮޑުވުމާއި ހިތާމަ ފާޅުވޭވޭ ހުއްޓެވެ.
ބަރަކާ ގޮސް އާޔަން ކައިރިއަށް ހުއްޓުނު ވަގުތުވީ ޑޮކްޓަރަކާއި ނަރުސް ކުއްޖެއްވެސް އައިސް އެ އެނދު ކައިރިއަށް ހުއްޓުން ވަގުތަށެވެ. ނަރުސް ކުއްޖާއަތުގައި ހެދި ޓެސްޓުތަކުގެ ނަތީޖާއާއި އެކްސްރޭ އޮތެވެ. ޑޮކްޓަރު އެތަކެތި ރަނގަޅަށް ބެއްލެވުމަށްފަހު ބުނީ އާޔަންގެ ކަށިމަތީގެ ކަށިގަނޑުގައި ކުޑަރެނދެއްލާފައި ހުރިކަމަށެވެ. އެހެންކަމުން އާޔަންއަށް ހިނގޭނީ އަދި ދުވަސްކޮޅެއް ފަހުންކަމަށާއި، ބޭހާއި ފިޒިއޮތެރަޕީ ސެޝަންތަކެއް މަހެއް ވަންދެން ނަގާފައި ދެން ޓެސްޓުތައް ދައްކާގޮތުން އިތުރު ފަރުވާއެއްދޭން އެނގޭނީ ކަމަށެވެ. އަދި ގިނައިން ރެސްޓު ނެގުމަށާއި އިތުރަށް ހިނގަން އުޅެ، ފަޔަށް އިތުރު ޕްރެޝަރ ކުރަނީނަމަ އިތުރަށް ގޯސްވެދާނެކަމަށެވެ.
އާޔަންގެ މޫނުމަތިން ކަންބޮނޑުވުން ފާޅުވުމުން ބަރަކާ އޭނާއަށް ހިތްވަރު ދެމުން ގެންދިޔައެވެ. ކަންބޮޑުވާނެތާއެވެ. ބޮޑު ފިރިހެނަކު ނުހިނގާ މަހެއްވަންދެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ އޮފީހުން އެއްމަސް ދުވަހުގެ ޗުއްޓީއެއް ނެގިދާނެއެވެ. ނަމަވެސް ދެންވެސް ވާގޮތެއް އެނގޭނީ އޭގެފަހުން ހަދާ ޓެސްޓުތަކުން ވިއްޔާއެވެ. ނަމަވެސް ދެންވެސް އޭނާއަށް ނުހިނގިއްޖެނަމަ އޭނާގެ އެ ކުޑަކުޑަ އާއިލާގެ ޚަރަދުތައް ބަލަހައްޓާނީ ކާކު ހެއްޔެވެ؟ އަދި ބަރަކާވެސް ވިހަން ތައްޔާރުވަމުން ދާއިރު އެކަމަށްވެސް އެތައް ޚަރަދެއް ދާނެ ވިއްޔާއެވެ. ބަރަކާ ނަސޭހަތްދެމުން ގެންދިޔައީ ފަހުންވެދާނެ ގޮތަކާމެދު މިހާރު ފިކުރު ނުކުރުމަށެވެ. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެކަމަށެވެ. ނަމަވެސް ބަރަކާވެސް ހިތުގައިވެސް ރިއްސަމުން އެދަނީ އާޔަން ނުހިނގާ އުޅެން ޖޖެހޭނެ ހާލާއި މެދުގައެވެ.
……………..
މިއަދުގެ އަންވާރުސައިޓްގައި ހިމަނާލާފައިވަނީ
ނަމާދު ކުރަން އާދަކުރާނީ ކިހިނެއް؟
އަހަރެމެން އެންމެންނަށްވެސް އެނގޭނޭ ފަދައިން އީމާން ތެރިކަމަކީ އަބަދު އެއް ލެވެލްއެއްގައި ހުންނާނެ އެއްޗެއްނޫނެވެ. އީމާންތެރިކަން ގަދަވާ ދުވަސްކޮޅުކޮޅާއި އީމާންތެރިކަން ދައްވާ ދުވަސްތައް އާދެއެވެ. މީ އެންމެންނަށްވެސް ވާގޮތެކެވެ. ނަމަވެސް މައްސަލައަކީ ގިނަ މީހުންގެ އީމާންތެރިކަން ގަދަވުމަށްވުރެ ގިނައިން ދަށްވުމެވެ. އެކަމުގެ ސަބަބުން މަޑުމަޑުން ދީނާއި ދުރަށްދެވި، ނަމާދުވެސް އެޅެންފެށޭތަން އަންނަނީއެވެ.
ބައެއް މީހުންނަށް ހީވާގޮތުގައި ދީނުގެ އެހެންކަންތައްތައް ބަރާބަރަށް ނުކުރެވޭނަމަ ނަމާދުކުރުމުގެ ބޭނުމެއް ނެތެވެ. ދީން ހަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަނެވޭނަމަ ނަމާދު ކޮށްގެންވާނެ ފައިދާއެއްނެތެވެ. މިސާލަކަށް މިޔުސިކަށް ދެވިހިފައިފާވުން، ބުރުގާ ނޭޅުން، ޒިނޭ ކުރެވުން، ގެއްލިދިޔަ ރޯދަތައް ނުހިފުން ފަދަ ކަންތައްތައް ކުރެވޭނަމަ ނަމާދުކުރުމުގެ ބޭނުމެއްނެތްކަމަށް ހީވެއެވެ. ނުވަތަ ދީނުގައި އަންގާވާފައިވާ އެންމެ ފުރިހަމަގޮތައް ނޫޅެވޭނެ ކަމުގައި ވަނީނަމަ ނަމާދުކުރުމުގެ ބޭނުމެއްނެތޭ ހީކުރެވޭފަހަރު އާދެއެވެ.
އެކަމަކު ހަޤީޤަތުގައި އެއީ ވަރަށް ބޮޑު ގޯހެކެވެ. އެގޮތައް ތިބާއަށް އަށް އެވިސްނައިދެނީ ޝައިޠޯނާއެވެ. ނަމާދަކީ ދީނުގެ ދެވަނަ ތަނބެވެ. ތަޢުހީދަށްފަހު (ﷲ ނޫން އެހެން އިލާހަކު ނުވާކަމަށް ހެކިވުމަށްފަހު) މުސްލިމުން އަދާކުރަންޖެހޭ ވާޖިބަކީ ނަމާދެވެ. އިމާރާތެއް އޭގެޒާތުގައި ވަރުގަދަވަނީ އޭގެ ތަނބުތަކުން ކަމަށްވާއިރު، ނަމާދުވާނީ ތިބާ ދީނުގެމަތީގައި ސާބިތުކޮށްދޭ އެންމެ ބޮޑު ބާރަކަށެވެ. އަދި ނުބައި ކަންތައްތަކުން ދުރުކޮށްދޭ އެންމެ ބޮޑު ބާރަކަށްވާނީވެސް ނަމާދެވެ. އެހެންކަމުން އަލުން ނަމާދު ކުރަން ފަށާށެވެ. ނަމާދު ޤާއިމްކުރެވެން ފެށުމުން ﷲގެ އިރާދަފުޅާއެކު އެހެން ފާފަތަކުންވެސް ދުރުވެވިދާނެއެވެ.
ނަމާދު ޤާއިމްކުރަން އުނދަގޫވަނީނަމަ ތިބާ ނަމާދުން ދުރުކޮށްދެނީ ކޮންކަމެއްތޯ ވިސްނާ އެކަމަކުން ދުރުވާށެވެ. އިޚްލާސްތެރިކަމާއެކު ތައުބާވެ، ﷲގެ ހަޟްރަތުގައި ދުޢާކޮށް ތިބާއަށް ނަމާދު ޤާއިމްކުރުމުގާ އެހީތެރިވުމަށް އެދޭށެވެ. ﷲގެ ސިފަފުޅުތައް ދެނެގަންނާށެވެ. ގިނަގިނައިން ﷲ މަތިން ހަނދާންކޮށް ޒިކުރުކުރުމުގައި ދެމިހުރެވޭތޯ ބަލާށެވެ. ޤުރުޢާން އޭގެ މާނައާއެކު ކިޔައި، ﷲ ގެ ބަސްފުޅުތައް ދަސްކުރާށެވެ. އަދި އެ ބަސްފުޅުތަކުގައި، ﷲ އަންގަވާފައިވާ ގޮތައް އަމަލުތައް ބެހެއްޓޭތޯ މަސައްކަތްކުރާށެވެ. ތިބާ ދުނިޔެއަށް އައި މަޤްސަދާއި އާޚިރަތްދުވަހުގައި ކަންތައްތައް ވާނެ ގޮތްތައް އުނގެނޭށެވެ.
ހަޤީޤަތުގައި އަހަރެމެންނަށް އެންމެ ބޮޑަށް ނަމާދާއި ދުރަށްދެވޭ އެއްސަބަބަކީ ހަމަގޮސް ނަމާދަށް އަރާފައި ކިޔަންޖެހޭ އެއްޗެހިކިޔާފައި ނިންމާލެވޭތީއެވެ. ނަމަވެސް ނަމާދުގައި ތިބާ ﷲ އާއި މުޚާތަބު ކުރަނީކަން ހިތުގައި ބާއްވާ، އެ މުޚާތަބު ކުރެވޭ ބަސްތަކުގެ މާނަ ތިބާއަށް އެނގެނީނަމަ، ތިބާއާއި ﷲ އާއިމެދު ގާތްކަމެއް އިހްސާސް ކުރެވޭނެއެވެ. އަދި އެ ގާތްކަން ތިބާ ﷲ އާއި އިތުރަށް ގާތްކޮށް ފާފަކުރުމަށް ބިރުވެތި ކުރުވައެވެ. ވީމާ ގިނަގިނައިން އިޚްލާސްތެރިކަމާއެކު ނަމާދުކޮށް ދުޢާ ކުރާށޭ ބުނެވޭ އެއްސަބަބީ އެއީއެވެ.
ގިނަގިނައިން ތައުބާވެ އިސްތިޣްފާރުކުރުމަކީވެސް އީމާންތެރިކަން އިތުރުވާނެކަމެކެވެ. އަދި އަހަރެމެންގެ ކުދި ފާފަތައް ފޮހިވެގެން ދާނެކަމެކެވެ. އަދި ނަމާދު ވަގުތު ޖެހުމުން ލަސްނުކޮށް އަވަހަށް އެންމެފުރަތަމަ ކަމެއްކަމުގައި ނަމާދު ހެދުމަކީވެސް ނަމާދު އެޅުމުން ދުރުކޮށްދޭނެ ކަމެކެވެ. އެންމެފަހުން ކުރާކަމެއްކަމަށް އެކަން ނުހަދާށެެވެ.
އަހަރެމެންގެ ހިތުގައި ﷲއަށްޓަކައި ލޯބި އަށަގަންނާނީ ވާޖިބު ނަމާދުތައް ގަވާއިދުން ކުރެވިގެންނެވެ. އަހަރެމެންގެ ހަށިގަނޑު ސާފުކޮށް ބެހެއްޓުމަށް ކޮންމެދުވަހަކު ފެންވަރާ، ރަނގަޅު ގޮތްގޮތައް ސާފުތާހިރު ވާފަދައިން، އަހަރެމެންގެ ނަފްސު ޠޯހިރު ކުރެވޭނީ ނަމާދު ޤާއިމްކޮށް، އަމަލުތައް އިސްލާހް ކޮށްގެންނެވެ. ﷲ އަހަރެމެންނަށް ދެއްވާފައިވާ އެންމެބޮޑު އެއް ނިއުމަތަކީ ހިދާޔަތު ދެއްވުމާއި، ތައުބާވުމުގެ ފުރުސަތެވެ. ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ އެކަމަކާއިމެދު ސުވާލުކުރެވޭނެ ކަމަކީ ނަމާދެވެ. މާދަމާވެސް މަރުވެދާނެކަން އަބަދު ހިތުގައި ހަނދާންކޮށް އަމަލުތައް އިސްލާހު ކުރެވޭތޯ މަސައްކަތްކުރާށެވެ.
” ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗައް ފާފައިން އިސްރާފް ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން ﷲ އީ އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަހީމްވަންތަ ރަސްކަލާނގެއެވެ.” (39:53)
……………..
އައްސަލާމް އަލައިކުމް! މިއީ އަންވާރު ސީސަން އެކެއްގެ އެންމެ ފަހު ބަޔެވެ. ދެވަނަ ސީސަންއަކާއިއެކު ރޯދަމަހުގެ ފަހުން ބައްދަލުވާނެކަމަށް އުންމީދު ކުރަމެވެ. އިންޝާ ﷲ. އަދި މި ސީސަން އަށް ތި ދެއްވި ލޯތްބާއި، ތަރުހީބަށް ފަށްފަށުން ޝުކުރުވެރިވަމެވެ. ޖަޒާކަށްﷲ ޚައިރް. J
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.




Alhey nimunytha?? Dhen roadha mahu nugenesdheynan tha? V kiyaahiy vey adhivx. Ibrathun furifavaa liyumeh mee. Alhugandah vx mi liyumun v bodethi naseyhaiy thakeh libi ulhumah vx badhalu geneevihje. V inthizaaru kurevey mi vaahaka ah. Plz adhi genesdhyba
Alhamdhulillah. V ufaavehjje mygen Yallu ah naseyhaithakeh libunythy. Ummeedhu kuran thiyagenai heyo badhaluga dhemi hunnaanekamah. Roadhamahu bxy kamun nugeneveythy mi medhu kandaaly. Ekam roadhamas nimunyma In Shah Allah season 2 aaeku fashaanan. Ummeedhu kuran inthizaaru kuraane kamah. Jazaak Allah Khair
Masha Allah…. well, I have something to ask… i always try to find the meaning of the things we say in our prayer… but still I didn’t find a book or a site which I can find them…. so, if you know, plz let me know a book or a site which has dhivehi meanings of them….. waiting for the next season of this story…..
Booshop thakun ves libeyne. Islamic knowledge grup ga ahaalius libeyne. Deeny ski site takun libeyne maana. V dera vejje maana nufenuney bunyma vx .
Thanks Faiha… actually serious koh nulibunyma mi ahaaly….. eh goth akah ves meehaku Maana nufenu nyma dera vaane kamakah noon… Hama hageegathuga ves nufenuny ma…. anyways thanks….
Innaane Mohamed Jameel liyuhvaafaivaa fotheh “Namaadhugaa kiyaathakethyge maana” kiyaa. V kuryge fotheh aee. Alhe bookshop thah balaalabaa. Hyvany libeynehen. Jazaak Allah Khair.
Well, thanks faathii and Faiha… I found a book… aslu mi rashun ehaafasey hain liben nuhure and I don’t even go out alone….. but after I read the story I thought that even though I don’t go out alone I will do it to find this and finally I found it… thanks for your help…. faathii kuruvaahaka mubaaraathah vaahaka eh liyan v nun… I think vrh support libeyne….
Glad to know that u found it. Alhamdhulillah. Hehe.. In Shah Allah. Balaanan liyeveytho. Thanx.
Bookshop ga hurey. Aharen beynun baeh suvaalutha kohlan . Pasanal. Kihineh hadhaanee. Aharenge dhiriuhlumuge baeh kankamaa behey gothun
Dheeneegothun ekan kamuga onna gothaa behey gothunnama enme rangalhah javaabu libeyny scholar/dheenee ilmu ungenigen thibi beyfulhakaa suvaalu kurumun.
Shukuran
Ma athuga ebaoi efoi,ekam kihineh dho thi kolhah dhahkaay
Libijje… ekam dheyn beynumiyya aadhey eydafuttah??