Skip to content
އެސްފިޔަ

އަންވާރު (ސީސަން 01) ދިހަވަނަ ޕާޓް

މިއަދު އިރުއެރީންސުރެ ޔަމީނާ ހުންނަނީ ހިތްއަވަސްވެފައެވެ. ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެއް ހިތުގައި ހިނގާއިރު، މޫނުމަތިން ރަކި ހިނިތުންވުމެއް ފެނެއެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ހިތުގައި ނަވާލުގެ ޚިޔާލުތައް ރަސްކަންކުރަމުން އެ ދަނީ ވަކި އިރެއް ބަލާފަކާ ނޫނެވެ. ނަމަވެސް އޭނާ މަސައްކަތްކުރަމުން އެދަނީ މޫނުމަތިން އެއިން އެއްވެސް ކަމެއް އެހެން މީހަކަށް ފާހަގަވިޔަނުދީ ވޭތޯއެވެ.

ނާދިރާއަށް އޭނާގެ އެންމެ ހަގު ދަރިފުޅުގެ މޫނުމަތީގައި އެވާ އުފާވެރިކަން ފާހަގަކުރެވުނު ނަމަވެސް ޔަމީނާ އިތުރަށް ލަދު ނުގަންނުވަން ނޭނގޭ ކަމަށް ހަދާފައި ހުރީއެވެ. ނާދިރާޔާއެކު ބަދިގެތެރޭގައި މެންދުރު ކެޔުމާއެކު ހަވީރު ސަޔައްވެސް އެއްޗެހި ތައްޔާރު ކުރަން އުޅުނުއިރު ޔަމީނާއަށް އުޅެވޭ ގޮތުން ނާދިރާ ވަރަށް ހިނި އާދެއެވެ. ނަމަވެސް ޔަމީނާ އަބަދު އެ ޚިޔާލުތަކަށް ގެއްލިފައި ހުރެވޭތީ އޭނާއަކަށް އެކަން ފާހަގަވާ ގޮތެއް ނުވެއެވެ.

މެންދުރު ނަމާދުކޮށްގެން ރަޝީދު ގެއަށް އައީ ލޫތުވެސް ގޮވައިގެންނެވެ. ލޫތަކީ ރަޝީދުގެ ފުރަތަމަ ކައިވެންޏައް ލިބިފައިވާ ދަރިއެކެވެ. އޭނާ އުޅެނީ އޭނާގެ މަންމަ ގާތުގައެވެ. ރަޝީދު ލޫތުއާއި ވަކިން އުޅުނު ނަމަވެސް ބައްޕަގެ ލޯބި ފުރިހަމަ ގޮތުގައި ދިނުމަށްކުރި މަސައްކަތުން ލޫތުއާއި ގާތްގުޅުމެއް އުފެދިފައިވެއެވެ.

މެންދުރުގެ ކެއުމަށް އިންސާފުކުރަން އެންމެންތިބި ވަގުތު ރަޝީދު ޔަމީނާއާއި ސުވާލުކޮށްލިއެވެ. ދަރިފުޅު ދެން މިހާރު ވަކިގޮތެއް ނިންމައިފިންތަ؟ ކައިވެންޏާއި ދޭތެރޭ. ދަރިފުޅު ކޮންމެޖަވާބެއް ދިނަސް ބައްޕަމެންގެ އެއްވެސް މައްސަލައެއްނެތް. މީ ދަރިފުޅުގެ ދިރިއުޅުން ވިއްޔަ. ވީމާ ދަރިފުޅު އިންނާނި މީހެއް އެނގޭނީ ދަރިފުޅަށް. ރަޝީދު އެހެން އެހުމާއެކު އެންމެންގެ ނަޒަރު ހުއްޓުނީ ޔަމީނާއަށެވެ. ޔަމީނާއަށް އެކަން ފާހަގަވުމުން ލަދުރަކި ހިނިތުންވުމަކާއެކު އިސްތަށަށް ޖަހާލެވުނީ ސީދާ ސީދަލަށް އާއެކޭ ބުނަން ނުކެރިގެންނެވެ. އެންމެންނަށް އެކަން ވިސްނި އެންމެންވެސް ހިނިއައިހިނދު ލޫތު ބޭނުންވީ ޔަމީނާ ލައްވާ ހަމަ އާއެކޭ ބުނުވާށެވެ.

އަހަންނަށް ހީވަނީ ޔަމީ ބޭނުމެއް ނޫން ހެން އެ ނަވާލުއަކާ ކައިވެނި ކުރާކަށް. އަދި މާއަވަސް ޔަމީ މީހަކާ އިންނަން. ދޯ ޔަމީ؟ ޔަމީނާ ހާސްވެފައި އަވަސް އަވަހަށް ލޫތުގެ ވާހަކަ އެއްކޮށް ނުނިމެނީހެން، ލޫތުއަށް ލޯ އަޅާލައިފައި ޕިސް އޭކިޔާ ޗޮކެއް ކަނޑާލީ އެއީ ދޮގެކޭ ބުނުމުގެ ބޭނުމުގައެވެ. އެއާއެކު އެންމެންގެ ހިނި ފަޅައިންދިޔައީ ޔަމީނާ އަށް ވީގޮތް ފެނިފައެވެ. ލޫތުގެ ހިނުމުގެ އަޑު އަދި ވަކިން ގަދައެވެ. އެއާއެކު ޔަމީނާގެ ލަދުރަކިކަން ކުުރިއަށްވުރެ އެތައްގުނައެއް އިތުރުވެ އަވަހަށް އިސްދަށަށް ޖަހާލައިގެން އިނީ ލަދުން ބުނާނެ އެއްޗެއް ނޭނގިގެންނެވެ.

އެންމެން ކައިނިމުމުން ތަށިތައް ނެގުމުގައި ނާދިރާ އުޅުން އިރު ރަޝީދު ކޮޓަރިއަށްވަނީ އަރާމު ކޮށްލާ ނިދާލާށެވެ. ލޫތު ސޯފާގައި އިސްދަށައްޖަހައިގެން މާ މަޑުމޮޅިވެފަ އިންތަން ނާދިރާއަށް ފެނުމުން ޔަމީނާއަށް ސިއްރު ސިއްރުން އެމަންޒަރު ދައްކާލީ ވީ ކީއްތޯ ބަލާށޭ ބުނާފަދައަކުންނެވެ. އެހެންކަމުން ޔަމީނާ ގޮސް ލޫތުއާއި ޖެހިގެން އިން ސޯފާގައި އިށީނދެ ސޯފާމަތީގައި އޮތް ބާލިހުން ލޫތުގެ ބޮލުގައި ޖެހީ ކާމޭޒްމަތީގައި ލޫތުއޭނާ އަށްދިން ލަނޑުގެ ބަދަލު ހިފުމުގެ ގޮތުންނާއި، ލޫތުގެ އެ މަޑުމައިތިރިކަން ކަނޑުވާލުމުގެ ބޭނުމުގައެވެ. ނަމަވެސް ލޫތު އޭގެ ބަދަލުގައި އިތުރު އެއްވެސް އުނދަގުލެއް ޔަމީނާއަށް ނުކޮށް ފޯނުނަގާ ފޯނާއި ކުޅެންފެށިގޮތުން ކަމެއް ގޯސްހެން ޔަމީނާއަށް ހީވެގެން ލޫތުގައިގައި ކޮށްޓާލާފައި ނިއް އަރުވާލީ ކިހިނެއްވީހޭ އަހާގޮތަށެވެ.

ދެންމަށާ ތޮޅޭނެކަމެއް ނެތެއްނު. މީހަކާ އިނީމަ ބޮޑުވީތާ. ދެން ނަވާލުއާ ތޮޅެން ދަސްކުރޭ. ލޫތުއެހެން ބުނިއިރު މޫނުމަތިން ފެނުނު މަޑުމައިތިރިކަމުން ޔަމީނާއަށް ވީގޮތް ނަގައިގަނެވުނެވެ. އެހެންކަމުން ހިނިއައިސް އަނެއްކާވެސް ބާލިސް ނަގާ ލޫތުގެ ބޮލުގައި ޖެހިއެވެ. ދެން އިތުރަކަށް ލޫތުއަކަށްވެސް މަޑަކުން ނީނދެވުނެވެ. އަނެއް ސޯފާގައި އޮތް ބާލިސް ނަގާ ޔަމީނާގެ ބޮލުގައި ޖެހިއެވެ. އެގޮތައް ދެމީހުން އެކަކު އަނެކަކާ ސަކަރާތް ޖަހަޖަހާފައި ސޯފާއަށް ވެއްޓިގަނެވުނީ ވަރުބަލި ވެގެންންނެވެ. އެއާއެކު ލޫތު ބުންޏެވެ. އަސްލުވެސް ޔަމީ މަތިން ވަރަށް މިސްވާނެ. އަންނައްޗޭ މިގެއަށް ތިހެން ރުޅިއަރުވަން. ޔަމީނާވެސް ހެމުން ބޯޖަހާލީ ޔަޤީންތާއޭ ބުނާފަދައަކުންނެވެ.

……………………

ދީނާ ސާދިޔާއާއެކު ބަދިގޭގެ މަސައްކަތުގައި އެހީތެރިވުމަށް އުޅެފައި، ބަންގި ގޮވުމުން ދެމީހުން އެރީ ނަމާދަށެވެ. ސާދިޔާގެ ފަހަތުގައި ދީނާ ނަމާދުކުރަމުން ދިޔައިރު، އޭނާގެ ދެފައި ތުރުތުރު އަޅަމުން ދިޔައީ ކޮޅަށް ހުންނާނެ ބާރުވެސް ފައިގައި ނެތް ފަދައަކުންނެވެ. އަދި އެހެންމެ ވާތު ކޮނޑުހުޅުން ފެށިގެން މުޅިއަތުގައި ރިހުން ހިފާފާ ވާއިރު ހީވަނީ އެއަތްވެސް ކޮނޑުހުޅުން ވަކިވެދާނެ ހެންނެވެ. ހިތްވަރު ކޮށްފައި ކަމެއް ނުވެޔޭ ހިތައްއަރުވަން މަސައްކަތް ކުރަމުންދިޔަނަމަވެސް އެ ދެލޮލުން ކަރުނަ ފައިބަންފެށީ ހަށިގަނޑުގައި އެއަޅާވޭނުގެ ގަދަކަމުންނެވެ. އެވަގުތު ދީނާޔަށް އޭނާ ކިޔަމުންދިޔަ ސޫރަތްތަކުން ވިސްނުން ގެއްލި ހިތާހިތުން ﷲގެ ކިބަފުޅަށް ދުޢާ ކުރެވެމުން ދިޔައީ އެވޭނުން އޭނާ ސަލާމަތްކޮށްދިނުމަށް އެދިއެވެ.

އެއީ މިހާރަކަށް އައިސް އަބަދުވެސް ދީނާ އުޅެން ޖެހޭ ގޮތެވެ. ނަމާދުކުރާ ހިނދުގައްޔާއި، ޤުރުއާން ކިޔަވާ ވަގުތުތަކުގައި އެ ރިހުންތައް ގަދަވާނެއެވެ. އެކި ދުވަހު އެކި ވަރަށް ވޭން އަޅާއިރު ބައެއްދުވަސް ދުވަހު ކަމެއް ނުކުރެވިގެން އެތައް އިރެއްވަންދެން އޮށޯވެ އޮންނަން ޖެހެއެވެ. ތަންތަނުގައި ރިއްސާއިރު އަތްއަޅައިގެން ކިޔުމަށް އޮންނަ ދުޢާ ކިޔުމުން ފަސްވަރަކަށް މިނެޓަށް ރިހުން ކެނޑިގޮސް އަނެއްކާވެސް ރިއްސަން ފަށައެވެ. ނަމަވެސް އޭނާ ކެތްތެރިވެވޭތޯ ބަލަމުން އެދަނީ ވީހާވެސް އަވަހަކަށް އެކަމުން މިންޖުވެވޭތޯ ދުޢާ ކުރަމުންނެވެ.

…………………

ދައްތަ ކުޑަކުޑަ ހިނދުކޮޅަކަށް ނަމަވެސް ﷲ ގެ މަޤާމާއި، އެކަލާނގެ މަތިވެރިކަން ހަނދާން ނެތިގެން ދިޔަ ފަދައިން ދައްތަގެ ދަރީންނަށްވެސް ދައްތަގެ މަޤާމާއި، ދައްތައަށް އަދާ ކުރަންޖެހޭ ވާޖިބުތައް ހަނދާން ނެތުން އެއީ ވެދާނެކަމެއްކަމަށް ދައްތަ ޤަބޫލު ކުރަންތަ؟ ސާރާ މިފަހަރު ސުވާލުކުރީ ސީދާ އެ ދައްތަގެ ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ. ސާރާ އެ ދެއްކި ވާހަކަތައް އެ ދައްތައަށް ރަނގަޅަށް ނަގައިގަނެ ވިއްޖެތޯ ބަލަންބޭނުންވާ ފަދައެވެ. އެ ދައްތަ އާއެކޭ ބުނުމަށް ބޯ ޖަހާލި އިރު މިހާރު އެ މޫނުމަތީގައިވާ ހިތާމައިގެ އަސަރު ނެތިގޮސްފައިވެއެވެ. ނަމަވެސް އެކަންކަމާ ފިކުރު ކުރަމުންދާހެން ހީވެއެވެ.

އެވަގުތު ސާރާގެ އަތްދަބަސް ތެރޭގައި އޮތް ފޯނުން އަސުރުނަމާދުގެ ބަންގި ގޮވަން ފެށިއެވެ. ސާރާއަށް ތެޅިގަނެވުނީ އަދި އެއިނީ މެންދުރު ނަމާދުވެސް ނުކޮށްކަން ހަނދާންވުމުންނެވެ. ވާހަކަތަކުގައި ވަގުތުދިޔަގޮތްވެސް ނޭނގެއެވެ. އަދި ނަމާދުމަތިން ހަނދާން ނުވުމުން އެ ހިތުގައި ރިއްސާލިއެވެ. ގެއަށްދާން ކޮޅަށްތެދުވުމާއެކު ހަނދާންވީ އަދިވެސް އެ ދައްތައާއި ދައްކަން ބޭނުންވާ ވާހަކަތައް ނުނިމޭކަމެވެ. ނަމަވެސް ދެން އިތުރަށް މަޑުކުރެވެން ނެތުމުން ސާރާ އެ ދައްތައަށް ހިނިތުންވުމެއް ރައްދުކުރަމުން ބުންޏެވެ. ދައްތާ! ވަރަށް އުފާވެއްޖެ ދައްތަގެ ވާހަކަތައް އަހަންނަށް ކިޔައިދިނީމަ. އުންމީދުކުރަން އަހަރެންގެ ވާހަކަތަކުން ދައްތަގެ ވޭންތަކަށް ލުޔެއް ލިބުނުކަމަށް. ދެންދަނީ އިނގޭ. އެއާއެކު އަވަސް ހިނގުމެއްގައި އޭނާ ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ. އެއާއެކު އެ ދައްތަވެސް އިތުރަށް ދެން އެތާގައި އިންނަން ނުހަދާ ތެދުވީ ގެއަށް ދިޔުމަށެވެ.

…………….

އަސުރު ނަމާދު ކޮށްގެން ރަޝީދު ގެޔައް އައިސް ވަނީ ނަވާލު ގޮވައިގެންނެވެ. އޭރު ޔަމީނާވެސް މޫނު ބުރުގާ އަޅައިގެން ސިޓިންރޫމަށް ނިކުންނަނީއެވެ. އެވަގުތު ނަވާލު ފެނުމުން ޔަމީނާގެ ހިތުގައި ހިނގާލި އިހްސާސެއް މުޅި ހަށިގަނޑުތެރޭގައި ދުވެލުމާއެކު، ހިތްއަވަސްވެ، ދެކޯތާފަތް ރަތްވެގެންދިޔައެވެ. އެހެންކަމުން އަވަސް ހިނގުމެއްގައި އިސްދަށައް ޖަހާލައިގެން ބަދިގެ ފަރާތައް ދިޔައީ ނަވާލުއަށް ނުފެންނަ ހިސާބަށް ދިޔުމަށެވެ. ބަދިގެތެރެއަށް ވަދެވުމާއެކު، ފުންނޭވާއެއް ދޫކޮށްލަމުން މޫނުފޮތިކޮޅު ނަގާ ބޮލުން ފަހަތައް މަޑުމަޑުން އެތްލާލާފައި، މޭގާ އަތްއަޅާލެވުނީ އެ މޭތެރޭ އޮތް ހިތް ނެގިނެގިފައި ޖެހޭލެއް ބާރު ކަމުންނެވެ.

އެވަގުތު ނާދިރާވެސް އައިސް ބަދިގެއަށް ވަނީ ސަޔައް ތައްޔާރުކުރި ތަކެތި މޭޒުމައްޗައް ގެންދިޔުމަށެވެ. އަދި ޔަމީނާ ފެނުމުން ދަރިފުޅާ ދެތަށީ ސައި ގިރައިގެން ގެންގޮސްދޭށޭ ބުނީ ގަސްތުގައި ޔަމީނާ ލައްވައި ނަވާލުއަށް ސައިގެންދުވަންވެގެންނެވެ. ޔަމީނާ އަށް ނޫނެކޭ ނުބުނެވި އުޅެނިކޮށް ނާދިރާ ހެދިކާތައް ތައްޓަކަށް އަޅައިގެން ނިކުންނަނީއެވެ. އެހެންކަމުން ޔަމީނާ ގޮސް ސައިގިރަން ފެށިއެވެ. ނާދިރާ ހެދިކާތައް ހިފައިގެން ދިޔަމީހާ އެނބުރި ބަދިގެއަށް ނައުމުން ސައިގެންދަން ޖެހުނީ އެންމެފަހުން ހަމަ ޔަމީނާއަށެވެ.

ޔަމީނާ ދެ ސައިޖޯޑު ކުޑަ ތަބަކަކަށް ލައިގެން ބަދިގެއިން ނިކުތްއިރު މުޅި މީހާ ފިނިވެ، ހިތްތެޅޭލެއް ބާރުކަމުން ތަބަށްވެސް ދޫވެދާނެހެން ހީވެއެވެ. ނަމަވެސް މަޑުހިނގުމެއްގައި ގޮސް މޭޒުމަތީގައި ތަށިތައް ބެހެއްޓުމުން ރަޝީދު ނަވާލުއާއެކު އައިސް ސައިބޯން ފެށިއެވެ. ނަވާލުގެ ހާލަކީވެސް އެއީއެވެ. ލިބޭނީ ކޮންޖަވާބެއް ބާއޭ ސިކުޑީގައި އެނބުރެމުންދާވަރުން އެހެންކަމަކަށް ސަމާލުކަން ދެވޭވަރެއް ނޫނެވެ. އަދި ޔަމީނާ ފެންނަ ހިނދުކޮޅުގައި އެކުރެވޭ އިހްސާސަކުން ނުބަލަން އިސްދަށަށް ޖެހިނަމަވެސް އެ ދެލޯ އޭނާ ހޯދާކަހަލައެވެ.

ރަޝީދުއާއި ނަވާލު ސައިބޯން ތިބިއިރި އަނެއްފަރާތުގައި ނާދިރާވެސް އިނީ އެމީހުންނާއި ވާހަކަ ދެއްކުމުގައެވެ. ޔަމީނާ އެނބުރި ބަދިގެއަށްވަދެ ފިލާ ހުރިނަމަވެސް ރަޝީދުމެން ދައްކާ ވާހަކަ އަޑުއިވޭތޯ ކަންފަތްދީގެންހުރިއިރު، ބޭނުންވީ ރަޝީދު އެވާހަކަ ބުނާގޮތް އަޑުއެހުމެވެ. ޔަމީނާގެ ޖަވާބު ބުނުމުގެ ކުރިން އަހަރެން ޔަޤީންކޮށްލަން ބޭނުން އަދިވެސް ނަވާލުގެ ވިސްނުން ބަދަލުނުވޭތޯ. މިބުނީ އަދިވެސް ހަމަ ޔަމީނާއާއި ކައިވެނިކުރަން ބޭނުންހޭ؟ ރަޝީދު އެހެން އެހީ ރޭގައި ކުރިއަށްދިޔަ ލޫތުގެ ޕްލޭނަށްފަހު ކަމެއް ބަދަލުވެފައި އޮވެދާނެޔޭ ހިތައްއެރުމުންނެވެ. ރަޝީދު އެހެން އެއެހީ ކީއްވެބާއޭ ހިތައް އަރައިގެން އިނދެ ނަވާލު ލައްބައޭ ބުނީ ބޯ ޖަހާލަމުންނެވެ.

އަހަރެމެން މާފައް އެދެން މިކަމުގައި ތަންކޮޅެއް ގިނަދުވަސް ވީތީ. އެކަމަކު މީ އަވަސް އަރުވާލައިގެން ނިންމަންޖެހޭ ނިންމުމެއް ނޫންވީމަ ޔަމީނާއަށް އެކަށީގެންވާ ވަރުގެ ވަގުތުދޭން ބޭނުންވީ. ރަޝީދު ވާހަކަ ދައްކަމުން ދިޔައީ ހެދިކާބުރިއެއް އަތައް ނަގައިގެން ނަވާލުއާއި ދިމާއަށް ބަލަހައްޓައިގެން އިނދެއެވެ. އެއީ މައްސަލައެއްނޫން. ތިބޭފުޅުންނަށް ފެންނަ އެންމެ ރަނގަޅުގޮތެއް ހަމަ ރަނގަޅުވާނެ. ނަވާލު ހިތްއަވަސްވެފައި ވީނަމަވެސް މަޑުމަޑުން ވާހަކަ ދެއްކޭތޯ ބެލިއެވެ. ނަވާލުފަދައިން ޔަމީނާވެސް ބޭނުމޯ ކައިވެނިކުރަން. ނަވާލުއާއި ކައިވެނި ކުރަން އޭނަގެ އެއްވެސް އިއުތިރާޛެއް ނެތްކަމަށްވަނީ. ނަވާލުއަށް ހިނިތުންވުމަކާއެކު ބަލަހައްޓައިގެން އިން ރަޝީދު އެހެން ބުނުމުން ނަވާލުގެ ހިތައް އެލިބުނު ފިނިކަމެއް ބުނެދޭންވެސް ނޭނގެއެވެ. ހީވީ ހޫނުފެނާއި ކައިރިކޮށްފައިވާ ހިތަކަށް ކުރެވެމުންދިޔަ އާވީގެ އިހްސާސް ކުއްލިއަކަށް މަޑުހިތްގައިމު ފިނިކަމަކަށް ބަދަލުވިހެންނެވެ. އަދި އެޔާއެކު ހީވީ ބޮޑުބަރެއް ބޮލުގައި އަޅުވައިގެން އިނދެ އެއިން މިންޖުވީހެންނެވެ. އަމިއްލަ އިޚްތިޔާރަކާއި ނުލާ ފުންނޭވާއެއް ދޫކޮށްލެވުނީ މިއޮށް ހުރިހާއިރު އެނޭވާ ހިފަހައްޓައިގެން އިންފަދައަކުންނެވެ.

އެމަންޒަރު ބަލަންތިބި ރަޝީދާއާއި ނާދިރާއަށް އެކަކު އަނެކަކަށް ބަލާލާފައި ހިނިއައެވެ. އަދި ބަދިގެތެރޭގައި ހުރި ޔަމީނާ ލަދުން މޫނުގައި އަތްއަޅާލެވުނީ ނަވާލު އޭނާއާއި ދިމާއަށް ބަލަހައްޓައިގެން ހުރިކަހަލަ އިހްސާސެއް ކުރެވުމުން ކަންނޭގެއެވެ. ދެން އެހެންވީމަ ކޮންއިރަކަށް ކައިވެނީގެ ކަންތައްތައް ހަމަޖައްސަންވީ؟ ކުރިއަށްއޮތީވެސް ރޯދަމަސް. އަދި ނަވާލުގެ އާއިލާމީހުންނާއި މިކަމުގައި ވާހަކަ ދެއްކުމަށް ބައްދަލުވާނީ ކޮންއިރަކުންބާ؟ ރަޝީދު ކުރީ މުޅިންވެސް އެނގެން ބޭނުންވާ ސުވާލުތަކެވެ. އަޅުގަނޑު މަންމަމެން ކައިރިން އަހާލާފައި އަންގާލާނަން. އަޅުގަނޑު ބޭނުންވަނީ އިތުރަށް ލަސްނުކޮށް ވީހާވެސް އަވަހަކަށް ކައިވެނީގެ ކަންތައްތަކާއި އުޅެން. ތިބޭފުޅުންގެ މައްސަލައެއް ނެތްނަމަ. ނަވާލު އެހެން ބުނީ އެއާއިލާ މީހުންގެ ޚިޔާލު މިކަމުގައި ތަފާތުވެދާނެޔޭ ހީކޮށެވެ. ރަޝީދު އެންމެ ރަނގަޅޭ ބުނެލީ ބޯޖަހާލަމުންނެވެ.

…………………….

އަންވާރު ސައިޓްގެ މިއަދުގެ އަޕްޑޭޓްސް

މިއުޒިކާއި ދުރައްދިއުމަށް އެހީއެއް

އަބަދުވެސް ކޮންމެ މުސްލިމަކުވެސް ހަރާމް ކަންތައްތަކުން ދުރުވެ ހުރުމަށް އެމީހަކަށް ވީވަރަކުން މަސައްކަތް ކުރަންޖެހޭނެއެވެ. ކޮންމެ މީހަކީވެސް ފާފަ ކުރެވޭނެ މީހެކެވެ. ނަމަވެސް ބުއްދިވެރިއަކީ، އަދި ނަސީބުވެރިއަކީވެސް އަވަސް އަވަހަށް ތައުބާވާ މީހާއެވެ. ކުރެވިފައިވާ ފާފަތައް ފުއްސެވުމަށް ﷲގެ ހަޟުރަތުގައި ގިނަގިނައިން ދަންނަވާށެވެ. މިއަދު އަޅުގަނޑު ހިމަނާލަން މި ގަސްތުކުރަނީ މިއުޒިކާއި ދުރުވުމަށް ކުރެވިދާނެ ކަންތައްތަކެއްގެ ވާހަކައެވެ.

  1. އެކަމަށް ނިޔަތްގަނެ ގަދަ އަޒުމެއް ކަނޑައެޅުން.

ކޮންމެ މަސައްކަތެއްވެސް ކާމިޔާބުވާނީ ވަރުގަދަ އަޒުމަކާއެކު އެކަމަށް މަސައްކަތް ކުރުމުންނެވެ. ވީމާ ތިބާ މިޔުޒިކާއި ދުރުވާން ބޭނުންނަމަ އެންމެ ފުރަތަމަ ތިބާ އެކަމަށް އިންތިހާއަށް ބޭނުންވާކަން އަމިއްލަ ސިކުނޑިއަށް ވިސްނައިދީ ވަރުގަދަ އަޒުމަކާއެކު ފަށާށެވެ. ފުރަތަމަ ފަށާދުވަސްކޮޅު މިކަންކުރުންމީ ވަރަށް އުނދަގޫ ކަމަކޭ ތިބާ ހިތައް އަރަމުން ދާނެއެވެ. އެކަމަކު އަބަދުވެސް ހަނދާންކުރަންވީ ﷲ ތިބާޔާއެކު އަބަދުވެސް ވާކަމެވެ. ﷲ އަށްޓަކާ ކަމެއް ކުރާނަމަ ތިބާ ހީވެސް ނުކުރާ ގޮތްގޮތައް އެކަމަކަށް އެކަލާނގެ ތިބާއަށް މަގުފަހިކޮށްދެއްވާނެއެވެ. އަދި ތިބާ އެކަމުން ދުރައްދާން ތިއުޅޭ ސަބަބު އަބަދުވެސް ހިތުގައި ބާއްވާށެވެ.

  1. ތިބާގެ ނަފްސަށް ތެދުވެރިވާށޭވެ. ހަޤީޤަތުގައިވެސް މިޔުސިކް ތިބާގެ ހިތައް ގެނެސްދެނީ ހަމަޖެހުން ހެއްޔެވެ؟ ތިބާއަށް ﷲ ހަރާމް ކުރައްވާފައިވާ ކަމެއް ކުރެވޭ ކަމުގެ އިހްސާސެއް ނުކުރެވޭ ހެއްޔެވެ؟ ﷲގެ ނުރުއްސެވުމުން ސަލާމަތްވުމަށްވުރެ، މިޔުސިކުން ލިބޭ ވަގުތީ އުފާ މާ މުހިންމު ހެއްޔެވެ؟ ފަސްމިނެޓްގެ އެކުރު ލަވަ ސުވަރުގޭގެ ދާއިމީ ނިއުމަތައްވުރެ އުފާފެރިކަން ގެނެސްދެނީ ހެއްޔެވެ؟ ތިބާ މިޔުސިކަށް މަސްތުވެފައިވަނިކޮށް ތިބާ މަރާ ކުރިމަތިލާން ޖެހިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ (ޔާ ﷲ! އަޅަމެން މިފަދަ ނުބައިގޮތަކަށް މަރުވުމުން ސަލާމަތް ކޮށްދެއްވާނދޭވެ!) ތިބާ ނަރަކައިގެ އަލިފާނަށް އެއްލާލެވޭ ސަބަބެއްކަމުގައިި އެ މިޔުސިކް ވެދާނެކަމަށް ޤަބޫލެއް ނުކުރެވޭ ހެއްޔެވެ؟ ތިބާ މަރާއި ކުރިމަތިލާންޖެހޭ ހިނދު ޝަހާދަތްކިޔުމަށް، ތިބާއަށް ހުރަސްއަޅަނީ ތި ލަވަތަކުގެ ޅެންބައިތުތައް ކަމަށްވެދާނެކަމާމެދު ވިސްނާލިން ހެއްޔެވެ؟ އެ މިޔުސިކުތަކާއި އޭގައިއެވާ ލަވަތަކުގެ ހަޑިބަސްތަކުގެ ސަބަބުން ތިބާޔަށް އިތުރު ފާފަތަކަކަށް އަރައިނުގަނެވޭ ހެއްޔެވެ؟ އެތަކެތި ތިބާ ﷲ އާއި އެކަލާނގެ ދީނާއި ދުރަށް ނުގެންދޭ ހެއްޔެވެ؟ މިޔުސިކް ތިބާގެ އާޙިރަތައްވުރެ މުހިންމު ހެއްޔެވެ؟ މިސުވާލުތަކުގެ ޖަވާބު އަބަދުވެސް ހިތުގައި ބާއްވާށެވެ. މިއީ ތިބާގެ އަޒުމް ވަރުގަދަކުރުމަށް އިތުރު ހިއްވަރަކަށް ހަދާށެވެ.
  2. މިޔުސިކް ހިމެނޭ ހުރިހާ ކަމަކާއި އެއްޗަކާއި ދުރަށްދާށެވެ. ތިބާގެ ފޯނު، އައިޕެޑް، އައިޕޮޑް، ލެޕްޓޮޕް، ކޮމްޕިޔުޓަރ ފަދަ ބޭނުންކުރާ ހުރިހާ އެއްޗެއްގައި އަޅާފައި ހުރި ހުރިހާ ލަވަތަކާއި، މިޔުސިކް ހިމެނޭ އެނޫންވެސް އެއްޗެހި ޑިލިޓް ކޮށްލާށެވެ. އާނއެކެވެ. އެއްކޮށް ޑިލިޓް ކޮށްލާށެވެ. ތިބާގެ އަޒުމް މަތިން ހަނދާންކުރާށެވެ. ﷲ މަތިން ހަނދާންކޮށް އެކަލާނގެ އަށް ބިރުވެތިވާށެވެ.
  3. އަދި މިތަކެތީގެ ބަދަލުގައި ގިނަގިނައިން ޤުރުއާން އަޑުއަހާށެވެ. ޤުރުއާނާއި ދީނީ ދަރުސް ފަދަ ތަކެތިން ތިބާ ލަވައަޑުއެހުމަށް ބޭނުންކުރި ވަސީލަތްތައް ފުރާލާށެވެ.
  4. ނަމާދުތައް އޭގެ ވަގުތުގައި ކުރުމަށް އިސްކަންދޭށެވެ. ނަމާދަކީ ނުބައިކަންތައްތަކުން މީހާ ދުރުކޮށްދޭ ކަމެކެވެ. އެއާއެކު ދުޢާ ކުރުން ގިނަކުރާށެވެ.

މިއަދުގެ(މިޒަމާނުގެ) ލަވަތަކަކީ އޯޑިޔޯ ޕޮނޮގްރަފީ ކަމާމެދު ޝައްކެއްނެތެވެ. އަދި މިތަކެތި އަޑުއެހުމުން، އެއަހާމީހާއަށް އިތުރު ފާފަތަކަށް އަރައިގަނުމަށް މަގުފަހިކޮށްދެއެވެ.

ޤުރުއާނަކީ އެއަޑުއަހާ މީހާގެ ހިތައް ހަމަޖެހުން ގެނެސްދީ ހިތާއި ސިކުނޑި މަޑުމައިތިރި ކޮށްދޭ އެއްޗެެކެވެ. އަދި މި ނޫނަސް ޤުރުއާނުގެ އެތައް އަޖައިބުތަކެއް ވާކަމީ ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރަންޖެހޭނެ ކަންކަމެވެ. ﷲ ހަރާމް ކުރެއްވިކަމެއްގައި އެއްވެސް ފައިދާއެއް ނޯންނާނެކަމީވެސް ޝައްކެއްނެތި ޤަބޫލުކުރަންޖެހޭ ކަމެކެވެ.

ޤުރުއާނާއި ލަވަޔަކީ އެއްފަހަރާ މީހެއްގެ ހިތުގައި ރައްކާކުރެވޭނެ ދޭއްޗެއް ނޫނެވެ. ދޭތިންކުރެ ކޮންމެވެސް އެކައްޗެއް އަނެކަތި، އެމީހާގެ ހިތުން ބޭރުކޮށްލާނެއެވެ.

މިޔުސިކަކީ އެޑިކްޝަނެއްނަމަވެސް ގަދަ ހިތްވަރަކާއި އަޒުމަކާއެކު އަދި ﷲގެ އިރާދަފުޅާއެކު ތިބާއަށް މިކަން ވާނެއެވެ. ގަދަޔަށް މަސައްކަތްކޮށްލާށެވެ.

” ﷲއަށް ތަޤުވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެއެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒުޤު ދެއްވާނެއެވެ. އަދި ﷲ އަށް ވަކީލުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ.” (65:2،3)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. subaa

    v reethi story eh. we need more stories of this kind, to refresh our emaan and as a reminder.. readers ah bunelan othy mi ramadan mahu mi story in ibraiy libigane kurevifaivaa faafathakah thaubaave adhi music adu ehun fadha haram kandhakun dhuruvumah gadha alhaa masakkai kuraashey. i know its not easy to let go of an addiction but all you need is a bit of courage and action to achieve your goals, so people why wait, today is the first day of ramadan for the people in maldives, so start from today to let go of the bad habits, be it listening to music, watching sinful videos, smoking. pray to Allah to give you strength to stay away from sinful deeds and try your best.

    1. Faathii
      subaa

      Jazaak Allah Khair

  2. jasmine

    mi story thah viber share kureveyne nama dhw…facebook ah ekani share kureveny dhw….vvv reethi n iburaihtheri mi part ves…

    1. Faathii
      jasmine

      Esfiyaige fb page in waahakaige link copy kolleveynehen hyvany. If so vibergaves through e link u can share. Jazaak Allah Khair.

  3. Shahoo

    Maasha allah v furihama. Faathii ah thikamuga dhemi hurumuge heyo thaufeeq dhevvaashi. Aamen? luv u

    1. Faathii
      Shahoo

      Jazaak Allah Khair.
      luv u too for the sake of Allah. 🙂

  4. Chum handi

    masha allah… whn nxt prt…. and ramazan mubaaric…

    1. Faathii
      Chum handi

      Jazaak Allah Khair. nxt prt adhi neyge. Ramazan dhaani v bxy koh. Bt will try ti upload soon. In Shah Allah. Ramazan mubarik. 🙂

  5. Afu

    Taubaa vaairu kiyan vaki dhua eh indhey tha..

    1. Faathii
      Afu

      Thauba vumah kiyan vaki dhua eh innakameh engifaeh neh.

  6. شفا

    Jazaakihlaah khaeran

    1. Faathii
      شفا

      Wa iyak

Comments are closed.