ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 68
“ޖާހަތު ތެދުވެބަލަ. ރުއިން ހުއްޓާލަބަލަ.” ޔާނާ އޯގާތެރިކަމާއެކު ބުނެލިއެވެ. އަދި އެއަށްފަހު ޖާހަތު ތެދުކުރަން އަތް ދިއްކޮށްލިއެވެ.
ޖާހަތު މޫނު ފުހެލުމަށްފަހު އަމިއްލައަށް ތެދުވުނެވެ. “އަހަރެންނަކަށް ނޭނގެ، ޔާނު ތިހެން ކަންތައް ތިކުރަނީ ކީއްވެކަމެއް. އެކަމަކު ޔާނުގެ ހަނދާނަށް ކޮންމެވެސް އެއްޗެއް އަންނަން ވާނެއެއްނު. އީމަން މަތިންވެސް ހަނދާން ނައްތާލީތަ؟ އެކަމަކު އެއީ ޔާނު ދެލޯ ނޭދި އެދުނު މީހާއެއްނު. އެއީ ޔާނުގެ އީމް އެއްނު.” ޖާހަތު ކުރީ ޝަކުވާއެވެ. ނަމަވެސް ޔާނާއަށް ޖާހަތުގެ ދުލުން އީމްގެ ނަން އިވުނު ހިނދު ގަނޑުވިފަދައެވެ. ހިތުގައި އެތަށް ޝަޢޫރުތަކެއް ދައުރުވާންފެށިއެވެ.
“ޖާހަތު. އަހަރެންނަށް އިހުސާސްކުރެވޭ ޖާހަތުއަށް ކުރާނެ އަސަރު. އެކަމަކު ހަމަ ތެދެއް މިބުނަނީ. އަހަރެންނަކަށް ނޭނގެ ތިއިން އެއްވެސް ކަމެއް. އަހަރެންނަށް އެނގެނީ އަހަރެން މިއީ ޒާންގެ އަންހެނުންކަން.” ޔާނާ ހިތްވަރުކޮށްފައި ބުނެލިއެވެ. އޭނާގެ ހިތުގައި ކިތަންމެ ވާހަކަ ތަކެއް ހުރި ނަމަވެސް އެ ހިއްސާއެއް ނުކުރެވޭނެއެވެ. ޖާހަތު އެދައްކަމުންދަނީ ތެދުކަން އޭނާގެ ހިތް ބުނަމުންދިޔައެވެ. އަދި ހަމަ އެހެންމެ އެތައް ކަންތައްތަކެއް ދިމާވަމުން އެބަދެޔެއެވެ. ނަމަވެސް އެއީ ތެދެއް ނަމަ ދެން އޭނާއަށް އެނބުރި ދެވިދާނެހެއްޔެވެ؟
“އެހެންތަ؟ ދެން ޔާނުއަށް ނޭނގޭއިރުތަ ދުރުދުރުން އުޅެގެން ހާމިޒާއްތަގެ ހަބަރު ބަލަން އުޅުނީ؟” ޖާހަތު ޔާނާއާ ހަތަރުކަޅި ކަމަކޮށްލަމުން ސުވާލުކޮށްލިއެވެ. ޔާނާއަށް ސިހުން ލިބުނެވެ. އަދި އަވަސްއަވަހަށް އިސްޖަހައިލިއެވެ. ޔާނާގެ އަމަލުން ޖާހަތު ކުރީ ރަނގަޅު ސުވާލެއްކަން ދޭހަވިއެވެ.
“ޖާހަތު. އަހަރެންނަށް ޔަޤީންކަމާއެކީ ބުނެދޭކަށް ނޭނގޭ. އެކަމަކު ހަޤީޤަތަކީ ހިތުގައި ޝައްކުތަކެއް ވާކަން. އެދުވަހު އާއިޒުއާ ޖާހަތު ސިޓިންރޫމުގައި ތިބެގެން ދެއްކި ވާހަކަ އަހަރެން އަޑުއެހިން. ޔާނާގެ ގެއަށް ދާން އުޅޭކަން އެނގުމުން ހިތަށް އެރީ ދާން. އަހަރެންވެސް ތިސުވާލުގެ ޖަވާބު ހޯދަން ބޭނުންވެގެން. އެކަމަކު.. އެކަމަކު އަހަރެންނަށް އިތުރު އެއްވެސް ހަނދާނެއް ނުވި.” ޔާނާ ފެންކަޅިވިއެވެ. ޔާނާއަށް ރޮވުނުތަން ފެނި ޖާހަތު ހަމަ ޖެހެލުމަށް މަސައްކަތް ކުރިއެވެ.
“މިކޮޓަރީގަ ދެކުދިން ކީއްކުރަނީ؟” ކޮޓަރިއަށް ވަދެގެން އައި މަރީނާ ސުވާލުކޮށްލިއެވެ.
ޔާނާއާ ޖާހަތު ސިހުނެވެ. ޔާނާ ސިއްރުސިއްރުން މޫނު ރަނގަޅުކޮށްލަމުން ހިނިތުންވެލިއެވެ.
“މަރީނާއްތަ ، ހާދަ އަވަހަކަށް؟” ޖާހަތަށް ސުވާލުކޮށްލެވުނެވެ.
“އާނ. އެމީހުން އެބަ އާދެޔޯ މިކޮޅަށް. އެހެންވެ އަހަރަން އައީ.” މަރީނާ ބުނެލިއެވެ.
“އާނ. އަދި މިހުރީ ހަނދާން ނެތިފައޭ.” ޖާހަތު ކުއްލިއަކަށް ކަމެއް ހަނދާންވުމުން ބުނެލިއެވެ. “މިއަންނަ ހޯމަވިލޭރޭގައި އަހަރެންގެ ކައިވެނި. އެހެންވެ މިވަގުތުން ފެށިގެން ދަޢުވަތު ދިނީ.”
“އެހެންތަ؟ ޕާރޓީއެއްތަ ބައްވަނީ؟” މަރީނާ ސުވާލުކޮށްލިއެވެ.
“ނޫނޭ. ހަމަ އެކަނި ފެމިލީ މީހުނާއެކީ ފޮޓޯ ސެޝަނެއް. އެއަށްފަހުގަ ކުޑަކުޑަ ކެއުމެއް.” ޖާހަތު އުފާވެރި ހިނިތުންވުމަކާއެކީ ބުނެލިއެވެ.
ޔާނާވެސް ގަދަ ކަމުން ހިނިތުންވެލިއެވެ.
“މަންމާ، އަހަރެން ބޭނުމީ އަރާމުކޮށްލަން. ވަރަށް ގަދައަށް އެބަ ބޮލުގަ ރިއްސާ.” ޖާހަތު ދިޔުމުން ޔާނާ މަރީނާއަށް ބުނެލިއެވެ.
“ދަރިފުޅު އެހެންވީއިރު އަރާމުކޮށްލާ. މަންމަ އެބަ އަންނަން ޖޫސްތަށްޓެއް ހިފައިގެން.” މަރީނާ އޯގާތެރިކަމާއެކު ބުނެލިއެވެ.
ޔާނާ ގޮސް އެނދުގައި އޮށޯވެލިއެވެ. އެނދުގެ އެއްފަރާތުގައި އޮވެގެން ތަންމަތީގެ އަނެއްފަރާތަށް ބަލައިލިއެވެ. އެހިނދު އިވެމުންދިޔައީ ހުނުމުގެ އަޑެވެ. އެއީ އީމަންއާ ޔާނާގެ ސަކަރާތުގެ އަޑުކަން ގައިމެވެ. އެ އެނދުގައި ތިބެގެން ދެމީހުން ހޭދަކޮށްފައިވާ ލޯބީގެ ވަގުތުތަކެވެ. ޔާނާގެ ލޮލުން ހޯސްލާފައި ކަރުނަ ތިކިތައް ފައިބަން ފެށިއެވެ.
މެންދުރުވާން ކައިރިވަނީއެވެ. މަރީނާ ގެސްޓްހައުސްއަށް އައީ ޔާނާގެ ހެދުމެއް ބަލައެވެ. ހެނދުނު ނިދުނު ގޮތަށް އަދިވެސް ނުހޭލާތީ ތެދުވަންވާއިރަށް ހެދުމެއް ގެންގޮސްދީފައި އޮތުމުން ފެންވަރާލެވޭނެކަމުގައި ވިސްނައެވެ. ކޮޓަރިއަށްވަދެ ފޮށި ހުޅުވާލައި ހެދުމެއް ނެގިއެވެ.
“މިހެދުމާ ގުޅޭނީ ރަތްކުލައިގެ ބުރުގައެއް.” މަރީނާ ރަތްކުލައިގެ މަލެއްހުރި ކަޅުހެދުމަށް ބަލައިލަމުން ބުނެލިއެވެ. އެއަށްފަހު ބުރުގާތައް ބަލަންފެށިއެވެ. ވަރަށްއަޑިން ރަތްކުލައިގެ ބުރުގައެއް ފެނުމުން އެ ދަމައިގަތެވެ. ބުރުގާ އަތަށް އައުމާއެކީ ހައިރާންވެ ދެލޯ ބޮޑުކޮށްލެވުނެވެ.
ކޮޓަރިއަށް ވަދެގެން އައި ޒާންއަށް އޭނާގެ މަންމަ ފެނުނެވެ.
“މަންމާ.” ޒާން އެނާގެ މަންމައަށް ގޮވާލިއެވެ.
މަރީނާ އެނބުރުނެވެ. އަދި ޒާންއަށް ބަލައިލިއެވެ.
“ވަރަށް މުހިންމު ފައިލެއް ބާއްވާފަ ދެވުނީމަ ނަގަން މިއައީ.” ޒާން މަރީނާއަށް ބުނެލިއެވެ. އަދި ކޮޓަރިތެރެއަށް ވަދެގެން ކުރިއަށް ހިނގައިގަތެވެ.
މަރީނާ ޒާންގެ ކުރިމައްޗަށް އެރިއެވެ.
“މީ ކޯއްޗެއް؟؟” އަތުގައި އޮތް ރަތްކުލައިގެ ސްކާފް ޒާންއަށް ދައްކާލަމުން މަރީނާ ސުވާލުކޮށްލިއެވެ. އަޑުގައި ރުންކުރުގޮތެއް ހުއްޓެވެ.
“ބުރުގައެއްނު ތިއީ؟؟؟” ހައިރާންވެފައި ޒާން ބުނެލިއެވެ. މަރީނާގެ އެސުވާލުގެ މާނައަކީ ކޮބައިކަން ނުވިސްނުމުންނެވެ.
“މަންމައަށްވެސް އެނގޭ މިއީ ބުރުގައެއްކަން. އެކަމަކު ސުވާލަކީ މި ބުރުގާ އިޔާނާގެ ފޮށީގައި އޮންނަންވީ ކީއްވެހޭ؟” މަރީނާ ހިތްހަމަ ނުޖެހި ހުރެ ސުވާލުކޮށްލިއެވެ. ޒާންއަށް ބުނާނެއެއްޗެއް ނޭނގި ހައިރާންވެފައި ބަލަން އިނދެވުނެވެ.
“ތިބުރުގާ އިޔާނާ އަތުގަ އޮތުން އެއީ މައްސަލައަކީތަ؟” ޒާން ހައިރާންކަންވެރިވެފައިވާ ރާގެއްގައި ބުނެލިއެވެ.
“އާނ. މައްސަލައެއް. އެއީ ވަރަށް ބޮޑު މައްސަލައެއް. މަންމަ އެންމެ ފުރަތަމަ ދުވަހުވެސް ސުވާލުކުރިން ދަރިފުޅު މަންމައަށް ކަމެއް ސިއްރުކުރޭތޯ، އެކަމަކު ބުނީ ނޫނެކޭ. ނޫނެކޭ ބުންޏަސް މަންމައަށް ދަރިފުޅުގެ އަމަލުތައް ހުރިގޮތުން ކޮންމެ ދުވަހަކު ޝައްކު އުފެދޭ އެތައްކަމެއް ކުރިމަތިވި.” މަރީނާ ކަންބޮޑުވެފައި ވާހަކަ ދައްކަންފެށިއެވެ. ޒާން އިނީ ވާނުވާ ނޭނގިފައެވެ.
“މަންމަ ކީކޭތަ ތިކިޔަނީ؟ ތި ބުރުގާ އޮތީމަ ކިހިނެތްވީތަ؟ އަނެއްކާ އަހަރެން ކޮންކަމެއްތަ އޮޅުވާލަން ކުރީ؟” ޒާން ސުވާލުކުރިއެވެ.
“މައްސަލައަކީ މި ސްކާފް އޮންނަން ޖެހޭ މީހާ ނޫން އެހެން މީހެއް އަތުގަ އޮތުން…. މި ސްކާފަކީ އީމަންގެ އަންހެނުންއަތުގަ އޮންނަންޖެހޭ އެއްޗެއް. އެއީ ޔާނާ ގޮވައިގެން އީމަން މިގެއަށް އައި ރޭގަ ޔާނާގެ ބޯނިވާކުރަން ވެގެން ދިނީ މިސްކާފް. އެއީ އީމަންގެ ދިގު އިންތިޒާރަށްފަހު ޔާނާ ފެނުނު ރޭ.އަހަރެންނަށް އެނގުނު ގޮތް ތެދުނަމަ އެރޭ އީމަންއަށް ޔާނާ ފެނުނީ ހުޅުމާލެއިން. ވަރަށް ނިކަމެތި ހާލުގަ ވަނިކޮށް. ޔާނާ އީމަންއާ ބައްދަލުވިކަން އެއީ ޔާނާގެ ސަލާމަތް. އެހެންނޫންނަމަ….. އީމަންއާ ދިމާވެ މާގިނައިރުތަކެއް ނުވެ ޔާނާގެ ހަބަރު ހުސްވެގެން ވެއްޓުނު. އީމަން ޔާނާ ގޮވައިގެން އައީ ހ.ލައިޓްހައުސްއަށް. އެރެއަކީ އަހަރެންވެސް ފުރަން އޮތްރޭކަމުން އީމަންއާ ދިމާނުވި. ޔާނާ އަޅައިގެން ހުރި ބުރުގާ ނެތުމުން، ކާރުން ފޭބުމުގެ ކުރިން އީމަން އެދުނީ ބުރުގައެއް ގެނެސްދޭން. މި ސްކާފަކީ އެރޭ އީމަންއަތަށް މިގޭގައި ގެންގުޅޭ މީހާ ގެންގޮސްދިން ސްކާފް. މިއީ މަންމަ އަމިއްލަ އަތުން ޑިޒައިން ކޮށްފަ އޮތް ސްކާފެއް އެހެންވީމަ މިއެނގުނީ….. ދަރިފުޅު ތެދަށް ބުނެބަލަ، މިގޭގަ އެއުޅެނީ އީމަންގެ އަންހެނުން ދޯ؟” މަރީނާ ސުވާލުކުރިއެވެ. ޒާންއަށް ދޭންވީ ޖަވާބެއް ނެނގުނެވެ.
އޭނާގެ ސިއްރު ބޭޒާރުވެއްޖެއެވެ. ދެން ފޮރުވަން ކުރާނެ އިތުރު މަސައްކަތެއް ނެތެވެ. ޒާން އިސްޖަހާލިއެވެ.
ޒާންގެ ހަރަކާތުން މަރީނާއަށް ހުރިހާކަމެއް ދޭހަވިކަހަލައެވެ. އައި ރުޅީގައި ޒާންގެ މޫނުގައި އަތުން ޖެހިއެވެ.
“ތިއީތަ މަންމަ ދިން ތަރުބިއްޔަތަކީ؟” މަރީނާ ރުޅި އައިސްފައި ހަޅޭއްލަވައިގަތެވެ.
“މަންމާ! އަހަރެންނަށް މަޢާފުކުރޭ. މިއީ ނޭގުމުގައި ވީ ކަމެއް.” ޒާން ކުޑަކުއްޖެއްހެން ބުނެލިއެވެ.
“ނޭނގުމުގައި ތިކަހަލަ ކަންތައް ވޭތަ؟ މަންމަ ޤަބޫލެއް ނުކުރާނަން.” މަރީނާ ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ.
“މަންމާ ހަމަ ހަޤީޤަތުގައިވެސް އަހަރެންނަށް ކުރިޔަކުން ނޭނގެ އެއީ އީމަންގެ އަންހެނުން ކަމެއް. އެނގުނު ނަމަ ވަގުތުން އީމަންއަށް ހަބަރު ދޭނަން. އެކަމަކު އެކަން އަހަރެންނަށްވެސް އެނގުނީ މިފަހުން. ހަމަ ހަޤީޤަތުގައިވެސް ވަރަށް ދެރަވި.” ޒާން ދެރަވެފައި ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.
“ދެން ކީއްވެ އީމަންއަށް އެކަން ނޭންގީ؟ ކީއްވެ އީމަންއާ ޔާނާ ހަވާލުނުކުރީ؟” މަރީނާ ސުވާލުކުރިއެވެ.
ޒާން އެއްޗެކޭ ނުބުންޏެވެ. މަރީނާ ސުވާލުތަކުރާރުކޮށްލިއެވެ.
“އެ ދަރިފުޅަށްޓަކައި.” ޒާން ބުނެލިއެވެ. “މަންމާ. އަހަރެން ބޭނުމީ އެ ދަރިފުޅު. އަހަރެންގެ ފުރަތަމަ ދަރިފުޅުވެސް އަހަރެންނާ ވަކިވީ އެދަރިފުޅު އަންނަން މަދު ދުވަސްކޮޅަކަށް ވެފަ ވަނިކޮށް. އަހަރެން ބޭނުމެއްނޫން މިދަރިފުޅާ ވަކިވާކަށް. އެއީ އަހަރެންގެ ފުރާނަ. އެއީ އަހަރެންގެ ދަރިފުޅު. މަންމާ ޔާނާ ވިހެއުމުން އަހަރެން ޚުދު ޔާނާ އީމަންއާ ހަވާލުކުރާނަން.” ޒާން ޔަޤީންކަން ދިނެވެ. މަރީނާ ހިތްހަމައެއް ނުޖެހުނެވެ. އެކަމަކު ޒާންގެ އާދޭސްތަކަށްވެސް ބީރުކަންފަތެއް ދޭކަށް ނުކެރުނެވެ. މަރީނާ ވަގުތުން ވަގުތަށް ފިޔަވަޅެއް ނޭޅިކަމުގައި ވިޔަސް ދެން ކަންތައް ކުރަންވީގޮތް ވިސްނަމުން ދިޔައެވެ. ޒާންފަދައިން އޭނާ އީމަން ދެކެވެސް އަމިއްލަ ދަރިއެއް ފަދައިން ލޯބިވެއެވެ. އީމަންގެ ހައްޤު ނިގުޅައިގަނެގެން ޒާންއަށް އުފާވެރިކަން ހޯދައިދޭކަށް އޭނާ ބޭނުމެއް ނޫނެވެ.
ހޯމަ ވިލޭރެއެވެ. މިރެއަކީ ޖާހަތުގެ ހަޔާތުގައި އަންނަ އެންމެ އުފާވެރިވެއެވެ. ޖާހަތު ކޮޓަރީގައި ހުރެ ތައްޔާރުވަމުންދަނީއެވެ. ފޮޓޯ ނެގުމާއި އާއިލީ ހަފްލާ އޮތީ ޖެހިގެން އޮތް ރޭގައި ކަމުން މިރެއަށް ތައްޔާރުވެލީ އާދައިގެ ހެދުމެއްގައެވެ. ނަމަވެސް ވަރަށް ފުރިހަމައަށެވެ. މަޑުފެހިކުލައިގެ ދޫގަމީހަކާއި ހުދުކުލައިގެ ސްކިނީއެއްގައި ޖާހަތު ތައްޔާރުވާންފެށިއެވެ.
ދޮރުގައި ޓަކި ދިން އަޑު އިވިގެން ޖާހަތުގޮސް ދޮރު ހުޅުވާލިއެވެ. ހައިރާންކަން ލިބިގެން ދިޔައެވެ.
“ޔާނު؟؟” ޖާހަތު އަށް ބުނެލެވުނެވެ. ޗޮކްލެޓްކުލައިގެ ހެދުމަކާއި އެއާ ގުޅޭ ޝޯލްއެއް އަޅާލައިގެން ޔާނާ ދޮރުކުރިމަތީގައި އިނީ ހިނިތުންވެލައިގެންނެވެ.
“އެތެރެއަށް ވަންނަން ނުބުނާނަންތަ؟” ޔާނާ ހިނިތުންވެލަމުން ސުވާލުކޮށްލިއެވެ.
ޖާހަތު ދޮރުގެ އެއްކައިރިއަށް ޖެހިލަމުން ޔާނާ ވަންނަން ތަން ދެއްކިއެވެ. ޔާނާ ކޮޓަރިތެރެއަށް ވަނެވެ.
“ޔާނާ…. އޯ ސޮރީ.. އިޔާނާ މިގަޑީގަ ކިއްކުރަނީ؟” ޖާހަތު ބުނެލިއެވެ.
“އަހަރެންގެ މައްސަލައެއް ނެތް ޖާތު އަހަރެންނަށް ޔާނާގެ ނަމުން މުހާތަބު ކުރިއަސް. އަހަރެން ހިތްހަމަ ޖެހޭ.” ޔާނާ ޖާހަތުއަށް ބަލައިލަމުން ބުނެލިއެވެ.
ނަމަވެސް ޖާހަތުގެ މޫނުމަތީގައި ހިނިތުންވުމެއް ނެތެވެ. ޑްރެސިން ޓޭބަލް ކައިރިއަށް ހިނގައިގަންނަމުން ވާހަކަ ދައްކަންފެށިއެވެ. “އަހަރެން ނޫޅެން އިޔާނާ ހިތްހަމަ ޖައްސައިދޭކަށް.”
“އެއީ ކީއްވެ؟” ޔާނާ ޖާހަތުގެ ފުރަގަހުގައި ހުއްޓުނެވެ.
“ކިއްވެހޭ؟ ނޭނގެ އަހަރެންނަކަށް. އެކަމަކު ތިއީ އަހަރެންގެ ޔާނު ނަމައެއްނު އަހަރެން ޔާނާގެ ނަމުން މުޚާތަބުކުރާނީ.” ޖާހަތު މޫނު ހަދާލަމުން ބުނެލިއެވެ. އަދި ކައިރީގައި އޮތް ފެހިކުލައިގެ އެކި ޝޭޑްތައް ހުރި ޝޯލް ނަގަމުން ބޮލުގައި އަޅަންފެށިއެވެ.
ނަމަވެސް ރުޅިގަދަވެފައި ހުރުމުގެ ސަބަބުން ކަމުގައިވެސް ވެދާނެއެވެ. އެޝޯލް ރަނގަޅަކަށް ނޭޅުނެވެ. ޖާހަތު ރުންކުރުވެފައިވާތަން ފެނި ޔާނާ މަޑުމަޑުން ޖާހަތުގެ އަތުން ޝޯލް ހޯދިއެވެ. އަދި ޖާހަތުގެ ދެކޮނޑުގައި ހިފައި ގޮނޑީގައި ބޭންދިއެވެ.
“މިއީ އެތަށް ޒަމާނުއްސުރެ އަހަރެން ކުރަމުން އައި އިންތިޒާރެއް. ޖާތުގެ ކައިވެންޏަށް އަހަރެންގެ އަމިއްލަ ދެއަތުން ތައްޔާރުކޮށްދިނުން.” ޔާނާ ޝޯލް ރޫޅާލަމުން މަޑުމަޑުން ބުނެލިއެވެ. ޖާހަތު ޔާނާގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއްނުދީ ލޯ އަޅާލި ނަމަވެސް އެބުނި އެއްޗެއް ވިސްނިގެން ދިޔުމާއެކު ލޯބޮޑުކޮށްލެވުނެވެ.
“ކީކޭ.” ޖާހަތު ކޮޅަށް ތެދުވެވުމާއެކު ސުވާލުކޮށްލިއެވެ.
ކަރުނައިން ފުރިގެންވާ ލޮލަކުން ޔާނާ އިސްއުފުލައި ޖާހަތުއަށް ބަލައިލިއެވެ. އަދި ބާރަށް ރޮއެ ގަނެވުމާއެކު ޖާހަތުގެ ގައިގައި އޮޅުލައިގަނެވުނެވެ. ޖާހަތުއަށް ފުރަތަމަ ހައިރާންކަން ލިބުނުނަމަވެސް ދެވަނަ ސިކުންތުގައި ޔާނާގެ ހަށިގަނޑުގައި ދެއަތް ވަށާލުމާއެކު ރޮއެގަނެވުނެވެ.
“އަހަރެންނަށް އޭރުވެސް އެނގުނު ތިއީ އަހަރެންގެ ޔާނުކަން. އެހެން އެންމެންނަށް ޔާނު އޮޅުނަސް އަހަރެންނަށް ޔާނު ނޯޅޭނެ. އަހަރެންގެ ހިތް އަބަދުވެސް ބުނޭ ތިއީ ޔާނުއޭ.” ޖާހަތު ގިސްލަމުން ވާހަކަ ދެއްކިއެވެ.
ޔާނާއަށް ވާހަކަ ދެއްކޭ ވަރެއް ނުވިއެވެ. އެއަށްވުރެ ބޮޑުކޮށް ދިޔައީ ރޮވެމުންނެވެ. ޖާހަތު ޔާނާ ގެ މޫނަށް ބަލައިލިއެވެ.
“މިހުރިހާ ކަމެއްވީ ކިހިނެތް؟” ޖާހަތު ސުވާލުކޮށްލިއެވެ.
“ނޭނގެ ޖާތު. ހަޤީޤަތަކީ އަހަރެންގެ މިއަދުވެސް މާބޮޑު ހަނދާނެއް ނެތްކަން. ކަންތައްވީ ކިހިނެތް ކަމެއް އަދިވެސް ނޭނގޭ. ކުރެވެނީ އިހުސާސްތަކެއް.” ޔާނާ ކަރުނައިގެ ތެރެއިން އޭނާގެ ހާލަތު ބަޔާންކޮށްދިނުމަށް މަސައްކަތްކުރަމުންދިޔައެވެ. “ޖާތު ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެންނަށް ދެކެފަރިތަ ވައްތަރު ޖެހި. އަހަރެންގެ ހިތާ ގުޅިފައިވާ މީހެއްކަން.”
“ދެން ކީއްވެ އީމަން ފާހަގަ ނުކުރެވެންވީ؟ އެއީ ޔާނުގެ ފުރާނަފަދައިން ލޯބިވާ ފިރިމީހާއެއްނު؟” ޖާހަތު ސުވާލުކުރިއެވެ.
ޔާނާ ގިސްލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. “ކިހިނެތް އެނގެނީ އަހަރެން އީމް ފާހަގަ ނުކުރާ ކަމެއް. އެނަން އިވުނު ދުވަހުވެސް އެނގުނު އަހަރެންނާ ގުޅުމެއް ވާކަން. އެއަށްފަހުގަ ފެނުނީ. އޭރުވެސް ޔަޤީންކަމާއެކު ބުނާކަށް ނޭނގެ. އަހަރެންގެ ސިކުނޑީގައި އީމަންގެ ހަނދާންތައް ނެތްކަމުގައިވިނަމަވެސް އަހަރެންގެ ހިތުގައި އީމަންއަށްޓަކާވި އެއްވެސް އިހުސާސެއް މަރެއް ނުވޭ. ހަނދާނެއް ނުނެތޭ. އީމަން ފެންނަ ކޮންމެ ވަގުތަކު އެހިތް ދިޔައީ އޭގެ ވާޖިބު އަދާކުރަމުން. އެކަމަކު ޖާތު ނިކަން ވިސްނާލަބަލަ. އަހަރެން ކުރިމަތީގައި ހިލޭ ފިރިހިނެއްގެ ގޮތުގައި ހުރި މީހަކަށް އަހަރެންގެ ހިތް އެދި ގޮވަމުން ދިޔުމުން އަހަރެންނަށް ކެރޭނެތަ އެ ގޮވުންތަކަށް އިޖާބަ ދޭން؟ އަހަރެންގެ ތަރުބިއްޔަތުގައި ނެތް އެ ސިފައެއް.” ޔާނާ ރޮމުން ބުނެލިއެވެ. ” އަހަރެންނަށް ނިދީ ތެރޭގައި އީމް އަށް ގޮވޭ. އެކަމަކު އީމް އަކީ އީމަންކަން މިވިސްނުނީ އަދި ކިރިޔާ. އަހަރެން އަހަރެންގެ ސިކުނޑިއާ ކޮންމެ ދުވަހަކު ހަނގުރާމަކުރަމުން މިދަނީ ހިތްވަރެއް ހުރެގެނެއް ނޫން. ސިކުނޑިއަށް ކުރާ ބާރު އިހުސާސްކުރެވެނީ ހަމައެކަނި އަހަރެންނަށް.” ޔާނާ ކޯތާފަތްމަތިން ކަރުނަތިކިތައް ފުހެމުން ދިޔައެވެ.
ޖާހަތުއަށް ޔާނާގެ ހާލަތު އިހުސާސްކުރެވުނެވެ. އިންސާނެއްގެ ހިތުގެ ގޮވުމާ ސިކުނޑީގެ ވިސްނުން ދެގޮތަކަށް މަސައްކަތްކުރާނަމަ ބޮލަށް ކޮންފަދަ ބާރެއް ކުރާނެ ހެއްޔެވެ؟ އެހެންވެއްޖެނަމަ ސިކނުޑިއަށް އަރާމެއް ނުލިބޭ ތާނގައި ހިތަށްވެސް ހަމަ ޖެހުމެއް ނުލިބޭނެއެވެ.
ޖާހަތު ޔާނާގެ ކޯތާފަތުގައި އަތުން ފިރުމާލިއެވެ. “ޔާނުއަށް ޔަޤީންނުވިނަމަވެސް މިހާރު އަހަރެންނަށް ޔަޤީންކުރެވިއްޖެ. ތިއީ ހަމަ އަހަރެންގެ ޔާނު. އަހަރެންގެ ޔާނު ވަރަށް ހިތްވަރުގަދަވާނެ.” ޖާހާތު ކަރުނައިގެ ތެރެއިން ހިނިތުންވެލަމުން ޔާނާއަށް ބަލައިލީ ހިތްވަރު ދިނުމުގެ ޝުއޫރުތަކަކާއެކުއެވެ. ޔާނާ އުފަލުން ޖާހަތުގެ ގައިގައި އޮޅުލައިގަތެވެ.
“އެހެހެމް.” ފަހަތުގައި ހުރި އާއިޒު ކަރު ކެހިލުމުން ދެމީހުންވެސް ބަލައިލިއެވެ. ގަދަނޫކުލައިގެ ގަމީހާއި އެއްކޮށް ކަޅު ޖިންސުގައި ހުރިއިރު އީމަން ވަރަށް ރީއްޗެވެ. އާދައިގެ އިސްތަށިގަނޑު ޖެލްގެ އެހީގައި މައްޗަށް ނަގާލެވިފައިވާއިރު ޝޭވްކޮށްގެން ހުރުމުން މޫނުމަތިން ތާޒާކަން ފެންނަމުންދިޔައެވެ. އަތްދިގު ގަމީހުގެ އަތްކުރިވަނީ އުޅަނބޮށްޓާހަމައަށް އޮޅާލެވިފައެވެ. “ދެރަހްމަތްތެރިންގެ ބައްދަލުވުން ނިމިއްޖެނަމަ އަހަރެންގެ އަންބަކަށް ވުމަށް ދެން ތައްޔާރުވެބަލަ.” އާއިޒު އަށް ހުރިހާ ވާހަކަ ތަކެއް އަޑުއިވުނެވެ.
ޔާނާއާއި ޖާހަތު އެކަކު އަނެކަކަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. ޔާނާ ޖާހަތުގެ އަތުގައި ހިފައި ގޮނޑީގައި ބޭންދިއެވެ. އަދި ޖާހަތުގެ ޝޯލް އަޅުވައިދިނެވެ. އާއިޒު ކެތްތެރިކަމެއް ނެތި ޖާހަތުއަށް ބަލުމުންދިޔައެވެ.
“އައްދެ. ތިވަރަށް ނުބަލާ. އެސްފީނާ ޖެހިދާނެ.” ޔާނާ އާއިޒުއާ ދިމާކޮށްލިއެވެ. އާއިޒު ލަދުރަކި ހިނިތުންވުމަކާއެކީ އިސްޖަހާލިއެވެ.
އާއިޒުގެ ލަދުވެތިކަން ފެނި ޔާނާ ހިނިއައެވެ.
“ހާދަ ލަދުރަކި ކުއްޖެއް އަހަރެންގެ ޖާތު މިހޯދީ. ތިވަރުން ކިހިނެތް ކަމެއްވެސް ވާނީ.” ޔާނާ ލާނެތް ރާގުގައި ބުނެލިއެވެ. ޖާހަތު ތިރީ ތުންފަދުގައި ދަތް އަޅާލައިގެން އިނދެ ޔާނާއަށް ލޯއަޅާލީ ލަދުގަންނަ ގޮތްވުމުންނެވެ.
“މާތްކަލާކޯ. އަހަރެންގެ ޖާހަތުވެސް ހަމަ ދަނބު ވެއްޖެ. ހެހެހެހެ. މިރޭ ދެމީހުން ތިބޭނީ އެނދުގެ ދަފަރާތުގައި އަނގަޔަށް ޝަހާދަތް އިނގިލި ލައިގެން އިނގޭ.” ޖާހަތުއާއި އާއިޒުގެ ލަދުގަނެފައިވާތަން ފެނި ޔާނާ ދިމާކޮށްލިއެވެ.
ޖާހަތު ތައްޔާރުވެ ނިމިއްޖެއެވެ. ފުރިހަމަ މޭކަޕްގައި ޖާހަތުގެ މޫނަށް ދިހުންކުލަ އަރަމުން ދިޔައެވެ.
“މާޝާﷲ. ﷲގެ ކުޅަދުންވަންތަކަން އަހަރެންގެ ކުރިމަތީގަ ފެންނަމުން މިދަނީ.” އާއިޒު ޖާހަތަށް ބަލަން ހުރެ ބުނެލިއެވެ. ދިހުންކުލަ އަރާ ދޮންމޫނަށް ފުރިހަމަ ކަން ގެނުވައިދީފައިވަނީ ކަޅުކުލަ ގަދަ ދިގު އެސްފިޔަތަކާ ލޮލުގައި އަޅާފައިވާ ކަޅުކުލައިގެ އައިލައިނުންނެވެ. ހިތިފަތުބުމައިގެ ފުރިހަމަކަން އައިބްރޯއިން ގެނުވައިދީފައިވާއިރު މަޑުފިޔާތޮށިކުލަ ތުންފަތުގައި ވިދާ ބަބުޅަމުން ދިޔައެވެ.
“ދެން އާއިޒު. ރަކި ނުކޮށްބަލަ. ލަދުގަނެޔޭ.” އާއިޒު އެސްފިޔަ ޖަހާނުލާ ބަލަން ހުރުމުން ޖާހަތު ލަދުންގޮސް ބުނެލިއެވެ. އަދި ޔާނާގެ ފަހަތަށް ވަދެ ނިވާވެލިއެވެ.
ޔާނާ އެއްކަރިއަށް ޖެހިލުމަށްފަހު ޖާހަތުގެ އަތްތިލައިގައި ހިފައިގެން ކުރިއަށް ގޮސް އާއިޒު ކައިރީގައި ހުއްޓުނެވެ. އަދި އާއިޒުގެ އަތުތެރެއަށް އެއަތްތިލަ ލިއެވެ.
“މިހަވާލުކުރީ އަހަރެންގެ ހަޔާތުގައިވާ އެންމެ އަގުބޮޑު ޖަވާހިރު. އަހަރެންނަށް ޔަޤީން މި ޖަވާހިރު އެންމެ އެކަށީގެންވަނީ އާއިޒު އާ.” ޔާނާ ބުނެލިއެވެ. އާއިޒުގެ މޫނު މައްޗަށް ސީރިއަސްކަން ވެރިވިއެވެ. އާއިޒު ސީރިއަސްވެލިތަން ފެނި ޖާހަތު ސުވާލުއުފެދުނެވެ.
“ޔާނު،. އަހަރެން ބޭނުން މެރީ ކުރުމުގެ ކުރިން ހަޤީޤަތް ކިޔައިދޭން. ޔާނުގެ ހުރިހާ ހަނދާނެއް ވާނަމަ ފަހަރެއްގަ ޖާތު އަހަރެންނާ ކައިވެނި ކުރަން ނުރުހުމަކީ އެކަށީގެންވާކަމެއް.” އާއިޒު ދައްކަންފެށި ވާހަކަ ޖާހަތަށް ވިސްނުނެވެ.
ޔާނާ ފުންނޭވާއެއް ލުމަށްފަހު އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “އާނ. އަހަރެންނަށް އާއިޒު ފެނުމުން އެނގުނު ތިއީވެސް އަހަރެން ދަންނަ މީހެއް ކަން. ވެދާނެ އަހަރެން ކުރިން އާއިޒުއަށް ނަފްރަތުކުރަނީކަމަށްވެސް. އެކަމަކު މިއަދު ހަޤީޤަތަކީ ޖާތު އޭނާގެ ހަޔާތުގެ ބައިވެރިއަކަށް އާއިޒު ހޮވާފައިވާކަން. ވީކަމެއްވީ. އަހަރެން ޖާހަތުގެ ހޮވުމަށް ފުރިހަމައަށް އިތުބާރުކުރަން. ޖާތު އާއިޒު ސިލެކްޓް ކުރާނީ އާއިޒު ހަމަ ‘ބެސްޓް’ ވީމަ. އެހެންވީމަ މިކަމުގެ އެއްވެސް މައްސަލައެއް އޮތްކަމަކަށް ނުދެކެން.” ޔާނާ ބުނެލިއެވެ. އާއިޒު އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ޖާހަތު އުފަލުން ޔާނާގެ ގައިގައި ބައްދާލިއެވެ.
“އަދިވެސް ޖާތު ނުނިމޭތަ؟” ކޮޓަރިއަށް ވަންނަމުން ސައުދިއްޔާ ބުނެލިއެވެ. “ހިނގާ އަވަހަށް. ޤާޒީން އައިސް އެބަތިބި.” ސައުދިއްޔާ ބުނެލިއެވެ.
ކުޑަވިނަމަވެސް، އުފާވެރިކަމުން ފުރިފައިވި ހަފްލާއެއްގައި ޖާހަތުއާއި އާއިޒުގެ ކައިވެނި ކުރެވިގެން ދިޔައެވެ. ހުރިހާ އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ކައިވެންޏަށްފަހު ޤާޒީންނަށާއި ސައުދިއްޔާމެންގެ ހާއްސަ މެހްމާނުންކޮޅަކަށް ކެއުން ތައްޔާރުކުރެވުނެވެ.
ޔާނާ ސިޓިންރޫމުގެ ސޯފާގައި އިށީނދެލައިގެން އިންއިރު ޖާހަތުއާއި އާއިޒު ކައިރީގައި ތިއްބެވެ. ޖާހަތު އެންމެ ސިކުންތަކަށްވެސް ޔާނާއާ ދުރަކަށް ނުދެއެވެ.
“މިއީ އަހަރެންނަށް ވަރަށް ނަސީބުވެރި ރެއެއް. އަހަރެމެންގެ ކައިވެނި ކުރެވިގެން ދިޔައިރު އަނެއްކޮޅުން އަހަރެންނަށް ޔާނުވެސް ލިބިއްޖެ.” ޖާހަތު އުފާވެރިކަމާއެކު ބުނެލިއެވެ. އެންމެންގެ މޫނުމަތީގައި ވަނީ ހިނިތުންވުމެވެ.
“ދަރިފުޅުމެންވެސް ދާންވީނު ޔާނާ ގޮވައިގެން ކާން.” ސައުދިއްޔާ އައިސް މަޑުކޮށްލަމުން ބުނެލިއެވެ.
“ޒާން އަންނަންދެން މިއިނީ. ބުނި އިރުކޮޅަކުން އާދެވޭނޭ.” ޔާނާ ހިނިތުންވެލަމުން ބުނެލިއެވެ. ޒާންގެ ނަން އިވުމުން ޖާހަތުގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވެގެން ދިޔައެވެ.
” މިހާރު ޔާނުއަށް ހުރިހާ ކަމެއް ޔަޤީންވެއްޖެއެއްނު. ދެން އެހެންވީމަ ޔާނު އީމްއަށް ގުޅާބަލަ. ހުރިހާ ވާހަކަ ތަކެއް ކިޔައިދީބަލަ. ކީއްވެ ކިޔައިނުދޭން ތިއުޅެނީ؟ ” ސައުދިއްޔާ ދިޔުމުން ޖާހަތު ސުވާލުކޮށްލިއެވެ.
ޔާނާ ޖާހަތުގެ އަތް ތިލަ ނަގައި އޭނާގެ ބަނޑުގައި ޖައްސާލިއެވެ. “ހަމަ އެކަނި މިދަރިފުޅަށްޓަކައި.”
ޖާހަތުގެ މޫނުމައްޗަށް ހައިރާންކަން ވެރިވެގެން ދިޔައެވެ.
“އަހަރެންގެ ހަޔާތަށް ވީ ގޮތެއް ވެ ނިމިއްޖެ. އެކަމަކު މިދަރިފުޅުގެ ކޮންކުށެއް އޮތީ؟” ޔާނާ ބުނެލިއެވެ.
ޖާހަތުއަށް ހުރެވުނީ ދެން ބުނާނެ އެއްޗެއް ނޭނގިފައެވެ. “އެކަމަކު…” ޖާހަތުއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
“ޔާނު، ތިއީ ޒާންގެ ކުއްޖެއްތަ؟” ޖާހަތު ބިރުންހުރެ ސުވާލުކޮށްލިއެވެ. އެއީ ޒާންގެ ކުއްޖެއްނަމަ ދެން ހަދަންވީގޮތެއް ޚުދު ޖާހަތުއަށްވެސް ނުވިސްނޭތީއެވެ.
ނަމަވެސް ޔާނާ އާނއެކޭ ބުނެ ބޯ ޖަހައިލުމުން ޖާހަތުގެ ލޯ ދިޔައީ ބޮޑުވެގެންނެވެ. ފެންކަޅިވިއެވެ.
ޔާނާވެސް ފެންކަޅިވެފައި ހުރެ ޖާހަތުއަށް ބަލައިލިއެވެ.
“ޖާތު، މައި ލައިފް އިޒް ފިނިޝްޑް.” ޔާނާއަށް ރޮވުނެވެ. ޖާހަތު ޔާނާގެނެސް ކައިރިކޮށްލިއެވެ. “ޒާން ދިސް އިޒް ނޮޓް ގުޑް.” ޖާހަތު ދެފަރާތަށް ބޯ ހޫރުވާލަމުން ބުނެލިއެވެ.
އީމަންއިނީ ފްލައިޓްގައެވެ. ރާއްޖެއަށް އައުމަށްޓަކައެވެ. ދަންވަރުގެ ވަގުތުކަމުން ދެން އޭނާއަށް މާލެ ދެވޭނީ އަނެއްދުވަހު ހެނދުނުއެވެ. ސިކުނޑީގައި ވަނީ އެތަށް ބައިވަރު ސުވާލުތަކެކެވެ. އެންމެ ކައިރީގައި އުޅުނު މީހުން އޮޅުވާލާފައިވުމުން އީމަންއަށްވަނީ ފުން އަސަރުތަކެއް ކޮށްފައެވެ.
ހިޔާލަށް އައީ އިންސްޕެކްޓަރު ހަރްވިންދުގެ ބަސްތަކެވެ. “އީމަން. މިއޮތީ ތަހުޤީޤު ރިޕޯރޓް.” އެދުވަހު ތަހްޤީޤު ރިޕޯރޓް ދިއްކޮށްލަމުން ހަރްވިންދު ބުނެލިއެވެ. އީމަންއެއަށް ބަލައިލިއެވެ. ހަރްވިންދުވެސް ވާހަކަ ދައްކަން ފެށިއެވެ. “ތި ރިޕޯރޓުން އެނގޭ ގޮތުގަ އެ އެކްސިޑެންއަކީ ގަސްތުގައި ރާވައިގެން ކުރެވިފައިވާ އެކްސިޑެންޓެއް. އައި އެމް ސޮރީ ޓު އިންފޯރމް ޔޫ ދިސް ބަޓް……” ހަރްވިންދު ފުންނޭވާއެއްލިއެވެ. “އީމަންއަށް ހަމަ ހީކުރެވުނީ ރަނގަޅަށް. މި އެކްސިޑެންޓްގެ އަޑީގައި ހުރީ އީމަންގެ ވައިފް ރީމް.” ހަރްވިންދު ޖުމުލަ ފުރިހަމަ ކޮށްލިއެވެ. އީމަންގެ މޫނުމަތިން ހައިރާންކަމުގެ އިތުރަށް ފުން ހިތާމައެއް ފެންނަމުން ދިޔައެވެ. ރީމް އޭނާގެ އަމިއްލަ އުފަލަށްޓަކައި އެވަރަށް ދަށަށް ވެއްޓިގެން ދިޔައީތީއެވެ. ހަރްވިންދު ވާހަކަ ކުރިއަށް ގެންދިޔައެވެ. “ދެން މިއޮތީ މިސިން ރިޕޯރޓްގެ ނަތީޖާ. މީގެން އެނގޭ ގޮތުގަ، އެކްސިޑެންޓްވީ ދުވަހުގެ ފަހު ދުވަހުގައި މާރްތާ ހޮސްޕިޓަލުގައި ދިވެހި އަންހެން ކުއްޖެއް އެޑްމިޓްކުރެވިފައިވޭ. އީމަން، ބަޔާނުގައި ބުނެފައިވާ ގޮތަށް އެތަނުގައި އެޑްމިޓްކުރެވުނު އަންހެންކުއްޖާވެސް ލައިގެން ހުރީ ކަޅާއި ރަތުގެ ހެދުމެއް. އަދި އިސްކޮޅާ ކުލަވެސް ހަމަ އީމަން ސިފަކޮށްދިން ގޮތާ ދިމާވޭ. އެކަމަކު ހޮސްޕިޓަލުން އެކުއްޖާގެ ބަލަދުވެރިޔަކު ނެތުމުން ފަރުވާ ކުރިއަށް ގެންދިޔުމަށް ދެކޮޅު ހެދި. އެއީ އެކުއްޖާއަށް ލިބިފައިވާ ޒަހަމްތަކުގެ ސަބަބުން ސާޖަރީއެއްވެސް ކުރަންޖެހިފައި ވުމުން. އެތަށް މަސައްކަތަކަށްފަހު އެކުއްޖާއާ ހަވާލުވީ ޒާން ކިޔާ ދިވެއްސެއް. އެއަންހެންކުއްޖާގެ ހާލަތު ނާޒުކު ކަމުން ފުރިހަމަ ފަރުވާ ލިބިގަންނަން ތިންމަސް ނެގި. ތިން މަސްފަހުން އެކުއްޖާ ފޮނުވާލެވުނު އިރު މުޅިން ރަނގަޅު. އެކަމަކު ޑޮކްޓަރުންގެ ބަޔާނުގައި ބުނެފައިވާ ގޮތުން ސިކުނޑިއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް ހަނދާނަށްވަނީ އަސަރުކޮށްފައި. ފަހުން ހަނދާން އާ ވުމަކީވެސް އެކަށީގެންވާކަމެއްކަމަށް ލިޔެފައި އޮތް.” ހަރްވިންދު ހުރިހާ ތަފްސީލެއް އީމަންއަށް ދިނެވެ. އީމަންގެ ސިކުނޑިގައި ހުރިހާ ހިޔާލުތަކެއް އެނބުރެމުންދަނީއެވެ. ހަރްވިންދުގެ ވާހަކައާއި ހުރިހާ ކަމެއް އެބަ ދިމާވެއެވެ. އެހެންކަމުން އިޔާނާއަކީ ޔާނާކަން ހަމަ ޔަޤީނެވެ.
“ޔާނު ތިންމަސްދުވަސް ވަންދެން ހޮސްޕިޓަލުގައި އޮތީ ކީއްވެ؟ އެއީ ވަރަށް ބޮޑު ސާޖަރީއަކީތަ؟” އީމަން ސުވާލުކުރިއެވެ.
“އެކްސިޑެންޓްގައި ބޮލަށް ވަރަސް ބޮޑު ޒަހަމްތަކެއް ލިބުނު. އޭގެ އިތުރުން މޫނުގެ އެތަންމިތަނުގައިވެސް ބޮޑެތި ޒަހަމް ތަކެއް ހުރި. ކޮންމެވެސް ވަރެއްގެ ސިކުނޑީގެ އޮޕަރޭޝަނެއްވެސް ކޮށްފައިވާކަމަށް ބެލެވެނީ. ދެން ތިން މަސްވަންދެން ބާއްވަން ޖެހުނީ، ކޮމްޕްލީޓް ބެޑްރެސްޓް ނަގަން ގައިނީ މަޖުބޫރުކުރުމުން. އެކުއްޖާ އޭރު އިނީ ބަލިވެ. ބަނޑަށް ކިރިޔާ 3 ހަފްތާ.” ހަރްވިންދުގެ ޖުމުލައިން އީމަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“އޭނ؟ އެކްސިޑެންޓް ވީއިރުވެސް ޔާނާ އިނީ ބަލިވެތަ؟” އީމަން ޔަޤީންކޮށްލިއެވެ.
“ރިޕޯރޓްގައި އޮތީ މިހެން.” ހަރްވިންދު ބުނެލިއެވެ.
އީމަން ދެއަތުން މޫނުގައި ފިރުމާލަމުން ﷲއަށް ހަމްދު ކުރިއެވެ. “އަހަރެންނަށް މިއަށްވުރެ ބޮޑު އުފަލެއް ދުވަހަކުވެސް ނުލިބޭނެ. ޔާނު ބަލިވެ އިނީ އަހަރެންނަށް.” އީމަންއަށް އުފަލުން ގޮސް ރޮވުނެވެ.
“މިހާރު މި އިންތިޒާރުކުރަނީ ޒާން އެނބުރި މިކޮޅަށް އަންނަންދެން. އަހަރުމެންގެ ހުއްދަނެތި ޒާންއާ ހަވާލުވެފައި ހުރި ކުއްޖާ ގޮވައިގެން ގައުމުން ބޭރަށް ދިޔުން ވަނީ މަނާ ކުރެވިފަ. އެކަމުގެ ހައްޤު އަދަބު ޒާން އަށް ދޭނަން.” ހަރްވިންދު ބުނެލިއެވެ.
“އިންސްޕެކްޓަރ. އަހަރެން ޤަބޫލުކުރަން ފުލުހުން އެމީހުންގެ ވާޖިބު އަދާކުރަން ޖެހޭނެކަމަށް. އެކަމަކު އަހަރެން ޚުދު ތި ކަމުގައި ޒާންއާ ވާހަކަ ދައްކާނަން. އަހަރެންނަށް ޔަޤީން ޒާން މިހެން ކަން ކުރާނީ ކޮންމެވެސް މަޖުބޫރީއެއް އޮތީމަ. ދެން ރީމްގެ މައްސަލަ. ރީމް މިކަމުގައި ކުށްވެރިވިޔަސް އޭނާއަށް ވީ އެންމެ ލުއި އަދަބެއް ދިނުމަށް އެދެން. ” އީމަން އެދުނެވެ. ހަރްވިންދު އެއްބަސްވިއެވެ.
ހިޔާލީ ދުނިޔެއިން ނިކުމެވުނުއިރު އީމަންގެ މޫނުގައިވަނީ ހިނިތުންވުމެވެ. ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އީމަން ފޯނު ނެގިއެވެ. އަދި އޭގައިވާ ޔާނާގެ ފޮޓޯގައި އަތް ކާއްތާލިއެވެ. “ޔާނު އައި އޭމް ކަމިން.” އީމަން ބުނެލިއެވެ.
ޖާހަތު އިނީ އެނދުގައެވެ. ކުރު ސޯޓު ބުރިއަކާއި އަތްކުރު ޓީޝާޓްކޮޅެއްގައެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. “ކައިވެނީގެ ފުރަތަމަ ރޭ. ކަންތައް ކުރަންވީ ކިހިނެތް؟” ހާސްވެފައި ހުރެ ޖާހަތު އަމިއްލަ ނަފްސާ ސުވާލުކުރިއެވެ. އޭނާ އާއިޒު ‘އިމްޕްރެސް’ ކުރަން ބޭނުމެވެ. ނަމަވެސް ކިހިނެތްކަމެއް ނޭނގެއެވެ.
“ޔާނުއަށް ގުޅަންވީ ކަންނޭނގެ.” ޖާހަތު ބުނެލަމުން ފޯނުނެގިއެވެ. ނަމަވެސް އަނބުރާ ފޯނު ބޭއްވިއެވެ. “ޔާނުއަށް ގުޅައިގެން ކީކޭ ބުނާނީ. މިރޭ ކުރަންވީ ކޮންކަމެއް ހެއްޔޭތަ؟ ޔާނު އަހަރެންނަށް މަލާމާތްކުރުން ނޫންކަމެއް ނުކުރާނެ ކަން ޔަޤީން.” ޖާހަތު ތުން ދަމާލިއެވެ. “ބޭރު ޑްރާމާތައް ކިހާ ސަޅި. ހިންދީ ކުދިންނަށް އެނގޭނެ އެމީހުންގެ ފިރިން އަންނައިރު ތިބެންވާގޮތް. އެނދު މެދަށް އަރައި އިށިނދެލައިގެން. އެއްވެސް ފިކުރެއް ނެތި.” ޖާހަތު އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ.
“ދެން ޖާތުވެސް އަރާ އިށީނދެބަލަ.” ފާހާނާއިން ނިކުތް އާއިޒު ބުނެލިއެވެ
ޖާހަތު ސިހި އެދިމާއަށް ބަލައިލިއެވެ. “އަހަރެމެންގެ މިއީ ފުރަތަމަ ކައިވެނީގެ ރެއެއް ނޫނެއްނު. މިއީ ދެވަނަ ކައިވެނީގެ ފުރަތަމަ ރޭ. ދެން މިރޭ ކީއްވެ މާ ކަންބޮޑުވެގެން ތިއުޅެނީ.” ހަމައެކަނި ހުދު ސޯޓު ބުރިއެއްގައި ހުރި އާއިޒު އައިސް ޖާހަތުއާ އަރާ ހަމަކުރިއެވެ. އާއިޒުގެ އެކަސްރަތީ ރީތި ހަށިގަނޑު ފެނި ޖާހަތުއަށް ބޭ އިޚްތިޔާރުގައި އިސްޖަހާލެވުނެވެ. ނަމަވެސް އޭނާގެ ހިތްބޭނުންވީ އާއިޒުއަށް ބެލުމަށެވެ. ފިރިހެންވަންތަ ކަމުން ފުރިގެންވާ އެ ބިޔަ ހަށިގަނޑުގައި އަތް ބީއްސާލުމަށެވެ.
އާއިޒު އަނެއްކާ ސުވާލު ތަކުރާރުކޮށްލިއެވެ. ޖާހަތުއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ބަދަލުގައި ބުނެލެވުނީ ‘ކީކޭ’ ހެއްޔެވެ؟
“ކުރީގެ ކައިވެނީގެ ރެއާ މިރެއާ ވަކިތަފާތުވާންވީ ކީއްވެ ހެއްޔޭ؟” އާއިޒު ސުވާލުކޮށްލަމުން ލާނެތްފާޑަކަށް ބުނެލިއެވެ. ޖާހަތު ލަދުން އިސްޖަހާލިއެވެ. “އަހަރެން ހީކުރީ އެފަހަރު ފެނުނު ކަހަލަ މަންޒަރެއް މިފަހަރުވެސް ފެނިގެންދާނެކަމަށް.”
“ކޮންކަހަލަ މަންޒަރެއް؟” ޖާހަތު ހައިރާންވެފައި ސުވާލުކޮށްލިއެވެ.
“އެރޭ އަހަރެން ފާހާނާއިން ނިކުތްއިރު ޖާތު އުޅުނީ ހަރުވާޅުގެ އެއްފަޔަށް ފައި ކޮއްޕައިގެން އަނެއްފައި ނުލެވިގެން.” ޖާހަތުއާ ދިމާއަށް ބަލަން ހުރެ އާއިޒު ބުނެލިއެވެ. “އަހަރެން ފެނުމުން ހާދަހާ ބާރަކަށް އެފަޔަށް ފައި ކޮއްޕާލިއޭ.” އާއިޒު ބާރުބާރަށް ހީގަތެވެ. އެހަނދާންވުމުންނެވެ. ޖާހަތުއަށްވެސް ހެވުނެވެ. އަދި އާއިޒު އަތުގައި ވިކައި ގަތެވެ.
“ވަރަށް މަޖާ ދޯ؟ އަހަރެން މިތާނގަ އިނދެ މި ފިކުރުކުރަނީ އަހަރެންގެ ފިރިމީހާ ހިތްހަމަ ޖައްސައިދޭން ކުރާނެ ކަމަކާ ބެހޭ ގޮތުން. އެކަމަކު އާއިޒު އަދިވެސް ތިއުޅެނީ އަހަރެންނަށް ޖޯކު ޖެހޭތޯ.” ހެމުންދިޔަ އާއިޒުއާށް ޖާހަތު މޫނު ހަދައިލަމުން ބުނެލިއެވެ.
“އޯކޭ. އޯކޭ” އާއިޒު ހުނުން ކޮންޓްރޯލްކުރިއެވެ. އިތުރަށް ހެވެން ފެށުމުންވެސް ދެތުންފަތް ފިއްތާލިއެވެ.
އަދި ޖާހަތުއަށް ބަލައިލުމަށްފަހު އަނެއްކާ ހީގަތެވެ.
“މިހާރު ކިހިނެތްވީ؟” ޖާހަތު ހައިރާންވެފައި ބުނެލިއެވެ.
“ކަމެއް ނުވޭ. ޖާހަތު ޖާހަތުގެ ފިރިމީހާ ‘އިމްޕްރެސް’ ކުރަން އުޅޭއިރު ބަލާބަލަ މީހާއަށް ވެފަ ހުރިގޮތް. އެކަމާ ވިސްނައި ފިކުރު ބޮޑު ކޮށްލީނުން މުޅި މީހާގެ ނިތްކުރިން ދާފަޅައި ފްރެޝްކަން ގެއްލިފަ.” އާއިޒު ޖާހަތުގެ ނިތްކުރީގައި އަތް ޖައްސާލަމުން ބުނެލިއެވެ.
“އަހަރެން އައީ ވަރަށް ރީއްޗަށް ފެންވަރާލައިގެނޭ. އެކަމަކު ހޫނު ވާވަރުން…” ޖާހަތު ބުނެލިއެވެ.
“އަހަރެން ތިކަމަކާ ނުވިސްނަން އެކަމަކު ބަލާބަލަ. ކިހާ ފްރެޝް. އަނެއްކާ ކިހާ ސެކްސީ.” އާއިޒު އަމިއްލާ ހަށިގަނޑަށް ތަޢުރީފުކޮށްލަމުން ފޮނިގޮތެއް ހަދާލިއެވެ.
ޖާހަތު ބާރަށް ހީގަތެވެ. އާއިޒުގެ ވާހަކަތަކުންނާއި ހަރަކާތްތަކުންނެވެ. ޖާހަތު ހޭންފެށުމުން އާއިޒަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ޖާހަތު އެގޮތަށް އުފާވެފައި ހީ ތަނެއް އޭނާ ދުވަހަކުވެސް ނުދެކެއެވެ. އަދި ހަމަ އެހެންމެ ބުރުގާ ނާޅައި ހުރިއިރު އެތުނި ތުނި ހަށިގަނޑުގެ ނާޒުކު ކަން އާއިޒަށް ހާމަވަމުން ދިޔައެވެ. ކޮންމެ ހަރަކާތަކަށް ނަށަމުންދިޔަ އޮފްކަޅުކުލައިން ވިދާ ދިގު ރާޅުބާނި އިސްތަށިގަނޑުން ޖާހަތުގެ ރީތިކަން އިތުރަށް ހާމަކޮށްދެމުންދިޔައެވެ. އަންނާރުއޮށްތަކެއްފަދަ ކުދި ދަތްތަކުން ޖާހަތުގެ މޫނަށް އިތުރަށް ރީތިކަން ގެނުވައިދެއެވެ.
އާއިޒުއަށް ހިތާހިތާ ކިޔާލެވުނެވެ.’ސުބުޙާނަﷲ. އަންހެނާގެ ރީތިކަން ފިރިމީހާއަށް މެނުވީ ނުދައްކަން އަންގަވާފަވާ ސަބަބު އަހަރެންނަށް އިހުސާސްކުރެވިއްޖެއެވެ. ޖާޙަތު ހެދުން އަޅާފައި ހުންނަގޮތުން ކިތަންމެ ރީއްޗަސް އެއީ ޖާހަތުގެ ހަޤީޤީ ރީތިކަމާ އަޅާ ބަލާފައި އެއްވެސް އެއްޗެއް ނޫންތާއެވެ. ޖާޙަތު ބޭނުންނަމަ އޭނާގެ ރީތިކަން މުޅި އެންމެންނަށް ދެއްކިޖެކަން ކަށަވަރެވެ. އެކަމަކު އެހުރިހާ ރީތިކަމެއް އަހަރެންނަށްޓަކައި ރައްކާތެރިކޮށްފިތާއެވެ.”
އާއިޒު ޖާހަތުއާ ކައިރިވެލަމުން ލޯބިން ޖާހަތުގެ ކޯތާފަތުގައި ބީހިލިއެވެ. “ޖާތު ޔޫ އާ ރިއަލީ ވެރީ ބިއުޓިފުލް.” އާއިޒު ލޯބިން ފުރިގެންވާ ރާގެއްގައި ބުނެލިއެވެ. “އަހަރެންގެ ހަޔާތުގައި ވަރަށް ގިނަ އަންހެންކުދިން ދެކެފިން. އެކަމަކު ތިޔަފަދަ ރީތިކަމެއް ލިބިފައިވި ކުއްޖެއް ތިގޮތަށް ފޮރުވިގެން އުޅުނުތަނެއް ދުވަހަކުވެސް ނުދެކެން” އާއިޒު އޭނާގެ ހިތުގެ އަޑު ޖާހަތުއަށް ހާމަކޮށްދެމުން ދިޔައެވެ. ޖާހަތުއަށް ސީރިއަސް ވެވުނެވެ. އޭނާ ހުރީ އާއިޒުއާ ކަޅިހަމަކޮށްގެނެވެ. އޭނާއަށް އާއިޒުގެ މި އަދާ ވަރަށް ކަމުދިޔައެވެ.
“އަހަރެން ޖާހަތު ލިބުމުން ވަރަށް އުފާވި. އެކަމަކު ޖާހަތުގެ ތިޔަ ސިފަ ފެނި ވަކިން އުފާވެއްޖެ. ތިޔަ ރީތިކަން އަހަރެންނަށްޓަކާ ފޮރުވައިގެން އުޅުނީތީ.” އާއިޒު ތިރީ ތުންފަތުގައި ދަތްއަޅާލިއެވެ. ޖާހަތު އާއިޒުއާ އެއްފިޔަވަޅު ގާތަށް ޖެހިލިއެވެ. “ޖާތު ކަންބޮޑުތިވަނީ އަހަރެން ‘އިމްޕްރެސް’ ކުރާނެ ގޮތަކާމެދުއެއްނު. އައި އެމް ރިއަލީ އިމްޕްރެސްޑް. ޖާހަތު ކަހަލަ އަންބެއް ލިބުނު ކަމަށްޓަކާ ފަހުރުވެރިވަން. ކައިވެނީގެ ފުރަތަމަ ރޭގައި ފިރިމީހާއަށްޓަކައި އަންހެނާގެ ރީތިކަމާއި ޒީނަތްތެރިކަން ފިޔަވައި ދެވޭނެ އަގުބޮޑު އެއްވެސް ހަދިޔާއެއް ނެތް.” އާއިޒުގެ ތަޢުރީފުގެ ބަސްތަކުން ޖާހަތުގެ ހިތްފުރިގެން ބަންޑުން ވިއެވެ. ދެލޮލަށް ކަރުނަ ޖަމާވުމާއެކު ރޮވުނެވެ. ޖާހަތު އާއިޒުގެ ހަށިގަނޑުގައި ދެއަތުން ވަށާލަމުން މޭގައި ބޯއަޅާލިއެވެ. އެހިނދު އާއިޒުވެސް ޖާހަތުގެ ހަށިގަނޑު އޭނާގެ ދައަތުން ވަށާލައި މެޔާލާ ބޮނޑިކޮށްލިއެވެ. ޖާހަތުއަށް ކުރެވުނީ ހިމާޔަތުން ފުރިގެން ދިޔަ ކަމުގެ އިހުސާސެކެވެ. އޭނާގެ ހަޔާތުގައި މިފަދަ ރައްކާތެރިކަމުގެ އިހުސާސެއް ކުރެވިފައެއް ނުވެއެވެ. ދެލޯ މަރާލެވުމާއެކު ލޮލުގައި ޖަމާވެފައި ތިބި ކަރުނަ ތިކިތައް އެސްފިޔަތަކުގެ ދޭތެރެއިން ފުރޭނިގެން ކޯތާފަތްމަތީގައި ދުވެލިއެވެ.
“ތެންކްސް އާއިޒު. އަހަރެންގެ މުޅި އުމުރު ދުވަހު އެދެމުން އައި ރައްކާތެރިކަމާއި ހިމާޔަތް މި ފެނުނީ އާއިޒުގެ އަތުތެރެއިން. މިރޭ އަހަރެންނަށް ފަހުރުވެރިކަމާއެކު އަމިއްލަ ނަފްސަށް ބަލައިލެވިއްޖެ. ދުނިޔެއަށް ގިނަވެ އެންމެން ކުޅޭކުޅޭ ބުދެއްފަދައިން އަހަރެން ގެންގުޅުނު އިރު އަހަރެންގެ ހިތްވެސް އެދި ގޮވަމުން ދިޔައީ މިފަދަ ހިމާޔަތަކާ ރައްކާތެރިކަމަކަށް. އަހަރެންގެ މުޅި އުމުރު އާއިޒު އާ އެކީ ވޭތުކޮށްލަން ބޭނުން. މިދުނިޔޭގަވެސް. އަދި އާޙިރަތުގަވެސް ބޭނުމީ އާއިޒުއާ އެކީގައިވާން.” ޖާހަތު އޭނާގެ ހިތުގެ އެދުން ހާމަ ކުރިއެވެ. އާއިޒު އޭނާގެ ބާރުގަދަ ދެއަތް މައްޗަށް ޖާހަތު އުފުލާލުމަށްފަހު އެނދުގައި ބޭއްވިއެވެ. އެއަށްފަހުގައި ދެން ހޭދަވެގެން ދިޔަ ވަގުތުތަކަކީ އެކަކު އަނެކަކުގެ ލޯތްބާއި އޯގާތެރިކަމުގައި ހޭދަވެގެން ދިޔަ ވަގުތުތަކެކެވެ. އުފާވެރިކަމާއި އަރާމުންފުރިގެންވާ ދުނިޔެއަކަށް ދެ ހިތް ގެނބިގެން ދިޔައެވެ.
ޒާން އަށް މާލެ އާދެވުނީ ފަތިހުގެ ވަގުތުގައެވެ. ވެފައި ހުރި ވަރުބަލިކަމެއްގެ ސަބަބުން ކޮޓަރިއަށް ދާން މިސްރާބު ޖެހިއެވެ.
“ޒާން.” ފަހަތުން އީމަންގެ އަޑު އިވުނެވެ. ޒާން އެނބުރި ބަލައިލިއެވެ. ގެސްޓްހައުސްގެ ވެއިޓިން އޭރިއާގައި އީމަން އިށިނދެލައިގެން އިނެވެ. ޒާންއަށް ހައިރާންކަން ލިބުނު ނަމަވެސް އީމަން ހިނިތުންވެލަމުން ތެދުވެގެން އައެވެ.
9 Comments!
Comments are closed.
nashaa dhn othee last episode tha
Mi partves varah reethi
Waiting for the next part 🙂
Big help, big help. And suiealrtpve news of course.
naash, anehbai avah upkohdeythi ingey
thanks thanks
Nashaa mibaives varah reethi, dhen othee fahu ai dhoa? haadha kiyaa hithun kiyaalevey vaahakaeh mee 🙂 all Thebes Nashaa, aneh bai inthizzauga avahah upload kohdhehch
Whoever wrote this, you know how to make a good arcielt.
70 hamakuriyaa salhi vane
yess… eman to the rescue.. reethi mibae vx.., vaahaka nimenii ey dhw nasha
v salhi ing kyp it up