ޖާހަތުމެން ގޮސްވަނީ ކާކޮޓަރިއަށެވެ. ސައިބުއިމާއިގެން މަޝްއޫލުވެފައި އިން ޔާނާ ފެނި އާއިޒުއާއި ޖާހަތުގެ ފިޔަވަޅުތައް ގަނޑުވިކަހަލައެވެ. “ޔާނު!!؟؟” ހައިރާންވެފައި ޖާހަތަށް ބުނެލެވުނެވެ.
ޔާނާއަށް އަޑުއިވި އެދިމާއަށް ބަލައިލެވުނެވެ.
“މިއަކީ ޒާންގެ އަންހެނުން. އިޔާނާ.” މަރީނާއަށް ޖާހަތުގެ އަޑު އިވުނު ނަމަވެސް ކުރިއަށް ޖެހި ޔާނާ ތަޢާރަފްކޮށްދިނެވެ.
ޔާނާ ހިނިތުންވެލިއެވެ. ޖާހަތު މޭޒުކައިރީގައި މަޑުކޮށްލިއެވެ. އާއިޒުވެސް އިނީ ޔާނާގެ މޫނަށް ބަލާށެވެ. ޖާހަތު ފަރުވާތެރިކަމާއެކު ޔާނާގެ މޫނަށް ބަލައިލިއެވެ. ޔާނާއާ ވައްތަރުގޮތެއް ހުއްޓަސް ތަފާތުތަކެއްވެސް އެބަހުއްޓެވެ. ކުއްލިއަކަށް ދުރުން ފެނުމުން ޔާނާއާ ވައްތަރުވީކަމުގައި ވެދާނެއެވެ. ޔަޤީންކަމާއެކު އެއީ ޔާނާއޭ ނުވަތަ ނޫނެކޭ ބުނެދޭކަށް ނޭނގެއެވެ. އާއިޒުއަށްވެސް ހުރެވެނީ މިޝައްކުމަތީގައެވެ.
“ދަރިފުޅާ އިޔާނާ. މިއީ ޒާންގެ ވަރަށް ގާތް ދެރަހްމަތްތެރިން.” މަރީނާ ޔާނާއަށް ޖާހަތުމެން ތަޢާރަފްކޮށްދިނެވެ.
ޖާހަތުއާއި އާއިޒަށް ތިބެވުނީ އެސްފިޔަ ޖަހާލަންވެސް ނޭނގިފައެވެ.
***************

“”ބާބޫ. އަހަރެން ބުނީމެއްނު ދެން އަހަރެންނަށް ނުގުޅާށޭ. ޕްލީޒް. މިމައްސަލަ ހިފަހައްޓާލަދީބަލަ.” ފޯއްމުލަކުގެ ހިތްގައިމު ބީޗް ސަރަހައްދުގައި ޒާން ފޯނުން ވާހަކަ ދައްކަމުންދިޔައިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ފޯއްމުލަކުގައި ކުރިއަށް ގެންދާ ބިޒްނަސްގެ މަސައްކަތެއްގައި ސްޓާފުންނާއެކީ ބީޗަށް އައިސް އެހިތްގައިމުކަމުގައި އިންދާ ބާބޫ ގުޅުމުން ޒާންގެ މޫޑު މުޅިންހެން އޮފްވިއެވެ.
“ސާރ. އެކަމަކު އަހަރެންނަށް މަޖުބޫރުވެއްޖެ މިހާރު. ހުރިހާ ލިޔެކިޔުމެއްވަނީ އަހަރެންގެ ބެލުމުގެ ދަށުގަ. މިހާރު އިންސްޕެކްޓަރއަށްވެސް ޝައްކު ވެއްޖެ.” ބާބޫ އޭނާގެ މަޖުބޫރީ ކިޔައިދޭން މަސައްކަތްކުރަމުންދިޔަ ނަމަވެސް ޒާންވެސް ދިޔައީ އޭނާގެ ހާލަތު ވިސްނައި ދެމުންނެވެ.
ބާބޫ ފޯނު ބެއްވީ އެއްވެސް ކޮޅެއް ނުފެނުމުންނެވެ.
“ބާބޫ؟” ފަހަތުން ހަރްވިންދްގެ އަޑު އިވުނެވެ. ބާބޫއަށް ސިހުންލިބި ފަހަތަށް އެނބުރެވުނެވެ. ހަރްވިންދްގެ މޫނުމަތިން އޭނާއަށް ހުރިހާ ވާހަކަތަކެއް އަޑު އިވިއްޖެ ކަން ހާމަވާން ހުއްޓެވެ. ބާބޫއަށް ހިންދިރުވާލެވުނެވެ.
**************

“އެކަމަކު ހާދަ ވައްތަރޭ ޔާނު އާ؟ އަހަރެންގެ ހިތްބުނަނީ އެއީ ޔާނުއޭ.” ޖާހަތު ވާހަކަ ދައްކަމުން ދިޔައީ އާއިޒުއާއެވެ. ދެމީހުންތިބީ ސިޓިންރޫމުގައެވެ. ރޭގަނޑުގެ ކެއުމަށްފަހު ސައުދިއްޔާއާއި ޝަކީބު ބޭރަށް ދިޔުމުން އާއިޒުއާ ޖާހަތު ސިޓިން ރޫމުގައި ތިބީ ޔާނާގެ ވާހަކަ ދައްކާށެވެ.
“ވެދާނެ. އެކަމަކު އީމަން ދޮގެއް ނަހަދާނެއްނު. އަހަރެންވެސް މިހުރީ ވާނުވާ ނޭނގިފަ.” އާއިޒުވެސް ކަންބޮޑުވުން ފާޅުކޮށްލިއެވެ.
“އެއީ ޔާނު ކަމުގަ ވަންޏާ ހާމިޒާއްތަ ކޮބާ؟” ޖާހަތު އޭނާގެ ސިކުނޑީގައި އުފެދެމުން ދިޔަ ސުވާލުތައް ބޭރުކުރަމުން ދިޔައެވެ. “އާއިޒު. އަހަރެންގެ ހިތް ބުނަނީ ކޮންމެވެސް ގޯހެއް އެބަ އުޅެޔޭ.”
“ވެދާނެ. އެކަމަކު އީމަން ބުންޏެއްނު ޔާނާ ދިޔައީ ޝޮޕިންއަށޭ. އަހަރެންނަށް ހިއެއްނުވޭ އީމަން ދޮގެއް ހަދާފާނެހެނެއް.” އާއިޒު ޔަޤީންނުކުރެވޭ ރާގެއްގައި ބުނެލިއެވެ.
“އާއިޒު. އެއީ އީމަން ބުނިގޮތެއްނު. ކިހިނެތް އެނގެނީ އެއީ ތެދެއް ކަމެއް. ހަޤީޤަތަކީ ޔާނުއާ ބައްދަލުނުވާކަން…. އެހެންނޫނަސް ނިކަން ވިސްނާލަބަލަ، މިހާ ގިނަ ދުވަސްވާއިރު ޔާނު އަހަރެންގެ ހަބަރެއް ބަލާ ނުލާ ހުންނާނެތަ؟ އަހަރެންނަށް ނުގުޅަ ހުންނާނެތަ؟ ހަމަ ޔަޤީން، ޔާނުއަށް ކޮންމެވެސް ގޮތެއް ވެއްޖެ.” ޖާހަތު ކަންބޮޑުވުން ފާޅުކުރިއެވެ.
އާއިޒު އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އިތުރު އެއްޗެކޭ ނުބުނެއެވެ. ސަބަބަކީ އޭނާގެ ހިތްވެސް ހަމަ އެ ލަފްޒުތައް ބުނަމުން ދިޔުމެވެ.

އީމަންއަށް ސުޒޭންގެ ފަރާތުން އިވިގެން ދިޔަ ވާހަކަތަކުން ޒާންގެ އަންހެނުންނަކީ އެހެން މީހެއްކަން ޔަޤީންކުރެވުނެވެ. އަދި މިކަމުގައި ކޮންމެވެސް ގޯހެއް އުޅޭކަމުގެ ޝައްކު ކުރެވުނެވެ. މިހިސާބުން ފެށިގެން އީމަންގެ މަސައްކަތަކަށްވީ މިކަމުގެ އަޑި ހޯދުމެވެ. މިކަމަށްޓަކައި ސުޒޭންގެ އެހީ ހޯދިއެވެ.
ހަމަ އެހެންމެ ޖާހަތުއާ އާއިޒުގެ މަސައްކަތަކަށްވެސް ވީ ޔާނާގެ ހަޤީޤަތްހޯދުމެވެ. އަދި ޒާންގެ އަނބިމީހާ ކަމުގައި ބުނާ އިޔާނާއަކީ ޔާނާތޯ ޔަޤީންކުރުމެވެ.
ޝައްކު ޔަޤީނަށް ބަދަލުކުރުމުގެ މިސިލްސިލާއަށް އިތުރުބޮޅެއް އަމުނާލީ މަރީނާއެވެ. ޒާންގެ އަމަލުތައް ހުރިގޮތުންނާއި ކުރީގެ އިޔާނާއާއި މިހާރުގެ އިޔާނާގެ ހުރި ހާސްތަފާތުގެ ސަބަބުން ހިތުގައި އުފެދެމުން ދިޔަ ޝައްކު ހައްތާވީ ބޮޑެވެ. އަދި ހަމަ އެހެންމެ ކުރީ ރޭގައި ޒާން ފޯނުން ދެއްކި ވާހަކަތައް އަޑުއިވިފައިވުމުން މިކަމުގައި ގޯހެއް އުޅޭކަމުގެ ބިރުވަނީ ހީވެފައެވެ.
ދުވަސްތައް މަޑުމަޑުން ފާއިތުވާން ފަށައިފިއެވެ. އެންމެންވެސް މަސައްކަތްކުރަމުން ދިޔައީ އެމީހެއްގެ އަމާޒަށް ވާސިލުވެވޭތޯއެވެ.
ޒާންވެސް އޭނާގެ މަސައްކަތް އެއްކޮށް ނިމުމުން މާލެއައެވެ
.9މަސްފުރިފައިވާ ބަނޑަކާއެކީ ޔާނާ އިނީ ގެސްޓްހައުސްގެ ކޮޓަރީގައި އިން ސޯފާގައި ޓީވީ ބަލާށެވެ.
“ޒާން.” ޒާން ފެނުމުން ޔާނާ ހިނިތުންވެލަމުން ތެދުވަން އުޅުނު ނަމަވެސް ބުރަހެލިކަމުން އެކަން ކާމިޔާބެއް ނުކުރެވުނެވެ. ޒާންވެސް އަވަސްއަވަހަށް އައިސް ޔާނާގެ އަތުގައި ހިފަހައްޓާލީ ނުތެދުވާށޭ ބުނަމުންނެވެ. ޔާނާ ހަމަޖެހިލިއެވެ. ލައިގެން އިން ފިޔާތޮށިކުލައިގެ އަތްދިގު ޓީޝާޓާއި ކަޅުކުލައިގެ ގެސްޓު މުންޑުފޮތީގެ ހަރުވާލުގައި ޔާނާގެ ބަނޑު ފުރިހަމައަށް ހާމަވާން ހުއްޓެވެ. އަޅައިގެން ހުރި ކަޅުކުލައިގެ ބުރުގާ ގޮށެއް ޖަހާލުމަށްފަހު ދޫކޮށްލެވިފައި އޮތްއިރު ބުރުގާގެ ކަންވަނީ ބަނޑުމަތީގައެވެ.
“އަހަރެންގެ ދަރިފުޅާ ބައްދަލުވާންވީ ދުވަސް ވަރަށް ގާތްވެއްޖެ ދޯ؟” ޒާން ޔާނާގެ ބަނޑަށް ބަލައިލަމުން ހިނިތުންވެފައި ބުނެލިއެވެ. ޔާނާވެސް ލަދުރަކި ހިނިތުންވުމަކާއެކީ ބަނޑުގައި ފިރުމާލިއެވެ.
“ކޮބާ މަންމަ؟” ޒާން ދެކޮޅު ހޯދާލަމުން ސުވާލުކުރިއެވެ.
“މަންމަވީ ލައިޓްހައުސްގަ. މިހާރު އަންނަން އުޅޭނީ.” ޔާނާ ބުނެލިއެވެ.
“އަދިވެސް މަންމަ އެގެއަށް ގޮސް މަސައްކަތްކޮށްދެނީތަ؟” ޒާން ކަޅުކުލައިގެ ފަޓްލޫނާއެކީ ލައިގެން ހުރި ހުދުގަމީހާ ގުޅޭ ކަޅުކުލައިގެ ޓައީ ދޫކޮށްލަމުން އެނދުގައި އިށީނދެލިއެވެ.
“ނޫނޭ. އެގެއަކު ނޫޅޭ އެއްވެސް ބައެއް. މަންމަ އެގެއަށް ގޮސް ކައްކައިގެން މިކޮޅަށް އަންނަނީ. ބައެއް ދުވަސްދުވަހު އަހަރެންވެސްދަން އެކޮޅަށް ކާން. ކަސްރަތުވެސް ލިބޭވިއްޔާ.” ޔާނާ ހަށިގަނޑަށް ބަލައިލަމުން ބުނެލިއެވެ. 9މަހުގެ ބަނޑާއެކީ ޔާނާ ފެންނަނީ ވަރަށް ލޯބިކޮށެވެ. ކުރިން ހުރި ހިކިކަން ފިލައި ހަށިގަނޑުގައި މަސްޖަހާލާފައިވުމުން މީހާގެ ދޮންކަން އިތުރުވެ ކޯތާފަތަށްވެސް ވަނީ ޖަންބުކުލަ އަރާފައެވެ.
“ދަރިފުޅާ.” އެތެރެއަށް ވަދެގެން އައި މަރީނާ ޒާންއަށް ލޯބިން ގޮވާލިއެވެ. ހިފައިގެން އިން ކޮތަޅު ޔާނާގެ ކުރިމަތީގައި ހުރި ކުޑަ މޭޒުގައި ބަހައްޓަމުން ޒާންއަށް ރަނގަޅަށް ބަލައިލިއެވެ.
“އިޔާނާ ވިހަންވެފަ އެއިނީ. މިކޮޅުގަތަ ވިހަނީ؟ ނޫނީ އެކޮޅަށްތަ ދަނީ؟” މަރީނާ ސުވާލުކޮށްލިއެވެ.
ޒާން ވިސްނާލިއެވެ. އެކޮޅަށް ގޮވައިގެން ދިޔުން ބުއްދިވެރިއެއް ނޫނެވެ. މިހާރުވެސް އެ ތަހްގީގުކުރިއަށް އެބަދެއެވެ. ޒާން ގައުމުގައި ނޫޅުމުގެ ސަބަބުން އިތުރަށް ތަހްގީގު ލަސްވަމުންދާކަމަށްޓަކައިވެސް ޒާން ހުރީ ޝުކުރުކޮށްގެނެވެ. ޒާންގެ ހަމަހިމޭންކަން މަރީނާ އިނީ ނިކަން ރަނގަޅަށް ބަލައިގެންނެވެ. ޓީވީން ދައްކަމުން ދިޔަ ޝޯއަށް ގެއްލިފައި އިން ޔާނާއަށް މިއިން އެއްވެސް ކަމެއް ނޭނގެއެވެ.
“ދަރިފުޅާ އިޔާނާ. ކާންވީއޭ ދެން.” މަރީނާ ޔާނާއަށް ގޮވައިލަމުން ބުންޏެވެ. އަދި ތަށްޓައް އެއްޗެހި އަޅައިދޭން ފެށިއެވެ. މަރީނާގެ އަޑަށް ހިޔާލަށްގެއްލިފައި އިން ޒާންއަށް ސިހުންލިބުނެވެ. އަދި ބޭރު ބެލްކަންޏަށް ދާން ހިނގައިގަތެވެ.
“ޒާންވެސް އާދޭ ކާން.” މަރީނާ ޒާންއަށް ބަލައިލަމުން ބުނެލިއެވެ.
“އަދި ފަހުން ކާނީ.” ޒާން ފަހަތަށް އެނބުރި ބަލާވެސް ނުލާ ބުނެލިއެވެ.
މަރީނާ ޔާނާއަށް ކާންއަޅައިދިނުމަށްފަހު ޒާން ކައިރިއަށް، ބެލްކަންޏަށް ނިކުތެވެ.
“ކުރީދުވަހު ޖާހަތު ދެއްކި އޭނާގެ އެކުވެރި ޔާނާގެ ފޮޓޯތަކެއް. ހާދަހާ އިޔާނާއާ ވައްތަރޭ.” މަރީނާ ޒާންކައިރީގައި ހުއްޓެމުން ބުނެލިއެވެ.
ޒާންއަށް ހިންދިރުވައިލެވުނެވެ. އަދި ހިތާހިތާ ބުނެލެވުނެވެ. “އިންނާ ލިﷲ. އަހަރެންގެ ހިތުގައިމިވާ ބިރު މިއީ ހަޤީޤަތަކަށް ނުވާންދޭ. މިއަންހެންކުއްޖާއަކީ އީމަންގެ ގެއްލުނު އަނބިމީހާ ކަމުގައި ވާނަމަ ބޮޑު ތޫފާނެއް އައިސްދާނެ. އަހަރެންނަށް އެކިކޮޅުކޮޅުން އިޝާރާތްލިބެނީ ހަމަ އެއްގޮތަކަށް. ބާބޫ ބުނިގޮތުންނަމަ މިސިން ރިޕޯރޓް ފައިލްކުރީވެސް އީމަން. އެހެންވެއްޖެ ނަމަ މިހުރިހާކަމެއް އެބަ ގާތްކުރޭ. އެކަމަކު….. އެކަމަކު މިއަންހެންކުއްޖާ އީމަން ކައިރީގަ އުޅެފައެއްނު އެއައީ. އީމަންއަށް އެއީ އޭނާގެ ޔާނާކަން އެނގުނުނަމަ…. އަނެއްކާ ނޫންބާ؟”
“ޒާން؟” ހިޔާލުތަކަށް ގެއްލިފައި އިން ޒާން ކޮނޑުގައި އަތް ބާއްވާލަމުން މަރީނާ ގޮވާލިއެވެ. ޒާންއަށް ސިހުން ލިބި ބަލައިލެވުނެވެ.
“ދަރިފުޅު މަންމައަށް އެއްވެސް ކަމެއް އެބަ ސިއްރުކުރަންތަ؟” މަރީނާ އޯގާތެރިކަމާއެކު ސުވާލުކޮށްލިއެވެ.
“ނޫން. ކޮން.. ކޮންކަމެއް އަހަރެން ސިއްރުކުރާނީ.” ޒާން އުދަނގުލުން ޖަވާބުދިނެވެ.
މަރީނާ އިތުރަށް ސުވާލެއް ނުކުރިއެވެ. ނަމަވެސް މަރީނާއަށްވެސް މިކަމުގައި ޝައްކުތަކެއް ވެއްޖެކަން ޒާންއަށް އެނގިގެން ދިޔައެވެ. އޭނާ އިތުރަށް ކަނބޮޑުވާންފެށިއެވެ. ދެން ކަންތައް ކުރަންވީ ކިހިނެއް ހެއްޔެވެ؟ ޒާން އޭނާގެ ލިބެންއުޅޭ ދަރިފުޅާ ވަކިވާކަށް ބޭނުމެއް ނޫނެވެ. ކޮންމެ ފަދަ ހާލެއްގަވެސް އެފުރާނަ ބޭނުމެވެ.

އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. ޖާހަތުއާއި އާއިޒު ތިބީ ހ.ލައިޓްހައުސްގައެވެ. މެންދުރުގެ ކެއުމަށް މަރީނާ ދައުވަތު ދިނުމުން ކައިނިމިގެން ދެމީހުން ސިޓިންރޫމުގައި މަޑުކޮށްލައިގެން ތިބީ ވާރޭ ވެހެމުން ދާތީއެވެ. މަރީނާ ބަދިގޭގައި އުޅެމުން ދިޔައެވެ.
ވާރޭ ތުނިކޮށްލިއެވެ. “ހިނގާ ދާން. ފުރަތަމަ ދާނީ ޔާނުމެންގެ ގެއަށް ދޯ؟” ޖާހަތު ތެދުވަމުން އާއިޒަށް ބުނެލިއެވެ. އާއިޒު އާނއެކޭ ބުނެލިއެވެ.
“ދަނީތަ؟” ފަހަތުން ޔާނާ ބުނެލި އަޑު އިވުނެވެ. ދޮރާ އަރާ ހަމަވެފައި ތިބި ޖާހަތުއާއި އާއިޒަށް ބަލައިލެވުނެވެ. ކުޑަކޮށް ހައިރާންވެސް ވިއެވެ. އެއީ އެގެއަށް އައިސް އުޅޭ އިރުވެސް ޔާނާ އެމީހުންނާ އިސްވެ އެގޮތަށް ވާހަކަ ދައްކާފައި ނުވުމުންނެވެ. އަދި ހަމަ އެހެންމެ މިފަހުން ޔާނާ އުޅެމުންއައީ ވަރަށް ދުރުކޮށެވެ.
“އާނ. މިދަނީ ޔާނު ގެ ގެއަށް ގޮސްލަން ކަމަށް.” ޖާހަތު ހިނިތުންވެލަމުން ބުނެލިއެވެ.
“އެއީ ޖާހަތުގެ ބެސްޓް ފްރެންޑް ދޯ؟” ޔާނާ ސުވާލުކޮށްލިއެވެ. ލައިގެން ހުރި ކަޅުކުލައިގެ ހެދުމާއެކީ އަޅައިގެން ހުރީ ފެހިކުލައިގެ ބުރުގާއެކެވެ. ޔާނާގެ ދޮން މޫނު ވިދަމުން ދާކަހަލައެވެ.
“އާނ. އެކަމަކު އިޔާނާއަށް ކިހިނެތް އެނގުނީ؟” ޖާހަތު ކުޑަކޮށް ހައިރާންވެފައި ސުވާލުކޮށްލިއެވެ.
“މަންމަ ބުނީ.” ޔާނާ ހިނިތުންވެލަމުން ބުނެލިއެވެ. “އަހަރެންވެސް ދަންތަ؟ ވަރަށް ފޫހިވާތީ މިއުޅެނީ.” ޔާނާ އެދުނެވެ.
ޖާހަތު އާއިޒަށް ބަލައިލާފައި އާނއެކޭ ބުނެލިއެވެ.
ތިން މީހުން އެއްކޮށް ނިކުތެވެ. ކާރެއް މަޑުކުރުމަށްފަހު ކާރަކަށްއަރައިގެން އެގެއަށް ދިޔައެވެ.
“ހާދަ ދުވަހެއް ވެއްޖޭ މިގެއަށް ނާދެވޭތާ.” ޔާނާގެ ގޭ ދޮރާށި ހުޅުވާލަމުން ޖާހަތު ބުނެލިއެވެ. އެންމެން އެތެރަށް ވަނެވެ. ޖާހަތު ދެން ދިޔައީ ގޭ އެތެރަށް ވަންނަ ދޮރާ ދިމާއަށެވެ. ގޮސް ތަޅުދަނޑިން ތަޅު ހިއްލައިލިއެވެ. އެންމެ ފަހަތުގައި ހުރި ޔާނާ ވަށައި ހޯދަނީއެވެ. އެކިތަންތަން ބަލަނީއެވެ.
ގޭތެރޭ ދޮރުހުޅުވާލުމަށްފަހު ޖާހަތު އެތެރެއަށް ވަނެވެ. “މަންމަ މިހުރީ މުޅި ގޭ އޮފް އަރުވާލާފަ. ހީނުވޭ މީހުން ނޫޅޭ ގެއެއް ހެނެއްވެސް.” ޖާހަތު ގޭތެރޭގެ ތަރުތީބުކަމާއި ސާފުތާހިރުކަންފެނި ސައުދިއްޔާއަށް ތަޢުރީފުކުރިއެވެ.
“މަންމައޭ. ކޮބާ މިގޭ މަންމަ؟” ޔާނާ ސުވާލުކޮށްލިއެވެ.
އާއިޒުއާ ޖާހަތު ފަހަތަށް އެނބުރި ޔާނާއަށް ބަލައިލިއެވެ. “ނޫނޭ. މިގޭ މަންމައެއް ނޫން. މިދައްކަނީ އަހަރެންގެ މަންމަ، މިބުނީ އާއިޒުގެ މަންމަ ވާހަކަ.” ޖާހަތު ތަފްސީލުކޮށްދިނެވެ. ޔާނާ ކުޑަކޮށް ހިނިތުންވެލަމުން ކުރިއަށް ހިނގައިގަތެވެ. އެކިތަންތަން ހޯދަމުންނެވެ. ޔާނާގެ އަމަލުތައް ހުރިގޮތުން އާއިޒާއި ޖާހަތަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ
“އޭރުން މިގޭ މަންމަ ކޮބާ؟” ޔާނާ ސުވާލުކޮށްލިއެވެ. އަދި މަޑުމަޑުން ހިގަމުން ގޮސް ޓީވީ ރެކްކައިރީގައި ހުއްޓުނެވެ.
“މިގޭ މަންމަ ވީ ޔާނުއާ އެކީ މެލޭޝިޔާގަ.” ޖާހަތު ބުނެލިއެވެ. ޖާހަތު ދެން މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ. އާއިޒުވެސް ޖާހަތުގެ ފަހަތުން ހިނގައިގަތެވެ.
“މިއަދަކީ ބައްޕަ މަރުވިތަން 2އަހަރު ފުރޭ ދުވަސް.” ޔާނާގެ ޖުމުލައިން ޖާހަތުގެ ފިޔަވަޅުތައް ހުއްޓުނެވެ. އާއިޒުވެސް ހައިރާންކަމާއެކީ ފަހަތަށް އެނބުރި ބަލައިލިއެވެ.
ރެކްކައިރީގައި އިން ޔާނާ އަތުގައިވާ ފޮޓޯ ފްރޭމަށް ބަލައިގެން ހުއްތެވެ. އަދި އިސްއުފުލާ ޖާހަތުއަށް ބަލައިލިއިރު އެދެމީހުންގެ މޫނުމަތިން ހައިރާންކަން ފެންނަން ހުއްޓެވެ.
އަތުގައިވާ ފްރޭމްގެ ފަހަތުގައި ލިޔެފައިވާ ތާރީހް ޔާނާ ޖާހަތުމެންނަށް ދައްކާލިއެވެ. “މިބުނީ ޔާނާގެ ބައްޕަ ވާހަކަ.”
ޖާހަތު އެތެރެއަށް ހިފަހައްޓާލައިގެން ހުރި ފުންނޭވާ ބޭރަށް ދޫކޮށްލިއެވެ. އަދި އާއިޒަށް ބަލައިލުމަށްފަހު ގޮސް ކޮޓަރީ ދޮރު ހުޅުވާލިއެވެ.
ޖާހަތު ކޮޓަރިތަޅުލުމަށްފަހު އެނބުރި ހިނގައިގަތެވެ. ޔާނާ އަދިވެސް އިނީ ފޮޓޯ ފްރޭމަށް ބަލަހައްޓައިގެންނެވެ.
“ހިނގާ ދަމާ.” އާއިޒު ޔާނާއަށް ބުނެލިއެވެ.
ޔާނާ ހިނިތުންވެލަމުން ފްރޭމް ބެހެއްޓުމަށްފަހު ހިނގައިގަތެވެ.
“ޖާހަތު ނުވެސް ގުޅަންތަ ޔާނާމެންނަށް؟” މަގަށް ނިކުމެފައި ޔާނާ ސުވާލުކޮށްލިއެވެ.
“ކުރިން ދުވަހު ގުޅިން އީމަންއަށް. އެކަމަކު ޔާނުއާ ވާހަކަ ދެއްކޭ ގޮތެއް ނުވި.” ޖާހަތު ބުނެލިއެވެ.
“ދެން ޔާނާގެ މަންމަޔޯ؟ ޔާނާގެ މަންމަގެ ހަބަރެއްވެސް ނުވޭ؟” ޔާނާ އަނެއްކާ ސުވާލުކޮށްލިއެވެ.
ޖާހަތާއި އާއިޒުއަށް އިރުއިރުކޮޅާ އެކަކު އަނެކަކުގެ މޫނަށް ބަލައިލެވެއެވެ. އެކަކުގެ ހިތަށް އަރާ އެއްޗެއް އަނެކަކުގެ ހިތަށްވެސް އަރާތޯ ބެލުމަށެވެ.
“އާނ. އަދި ނުވޭ.” ޖާހަތު ވަރަށް ކުރުކޮށް ޖަވާބުދިނެވެ.
“އިޔާނާ ހިނގާ އަހަރެންގެ މަންމައާ ބައްދަލުކޮށްލަން. ދެވޭނެތަ؟” އާއިޒު މަޢުޟޫ ބަދަލުކޮށްލިއެވެ. ޔާނާ އާނއެކޭ ބުނަމުން ބޯ ޖަހާލިއެވެ.
“މައްސަލައެއް ނެތް. ހިނގާ. އެހެންނޫނަސް ޒާން ނެތީމަ ވަރަށް ފޫހި.” ޔާނާ ބުނެލިއެވެ.
“އިޔާނާ އާ ޒާން މެރީ ކުރީ ކޮން އިރަކު؟” ޖާހަތު ސުވާލުކޮށްލިއެވެ. އޭނާގެ ހިތުގައިވަނީ ހަޤީޤަތް ދެނެގަތުމުގެ ނިޔަތެވެ.
“މެރީ ކުރީ……!؟!؟” ޔާނާ ވިސްނާލިއެވެ. ނަމަވެސް އޭނާއަށް އެސުވާލުގެ ޖަވާބު ދެވޭނީ ކިހިނެތް ހެއްޔެވެ؟ އެސުވާލުގެ ޖަވާބު ޚުދު އޭނާއަށްވެސް ނޭނގޭ ވިއްޔާއެވެ.
“ކުރީގެ އެއްވެސް ހަނދާނެއް ނެތް. އެކްސިޑެންޓަށް ފަހުގަ ކުރީގެ އެއްވެސް ކަމެއް ހަނދާނެއް ނެތް.” ޔާނާ ހިނިތުންވެލަމުން ބުނެލިއެވެ.
“އެކަމަކު އޮންނާނެއެއްނު ކައިވެނީގެ ކާޑު. އޭގަ އިންނާނެއެއްނު ތާރީޚް.؟” ޖާހަތު ބުނެލިއެވެ.
“އާނ. ތިބުނީ ރަނގަޅަށް. އެކަމަކު އެހާ މުހިންމު ނުވީމަ ނުބަލަން.” ޔާނާ ހިނިތުންވެލަމުން ބުނެލިއެވެ. ޖާހަތު އިތުރު ސުވާލެއް ނުކުރެއެވެ. ނަމަވެސް އާއިޒުއާ ދެމީހުން އެކަކު އަނެކަކުގެ ހަމަ ހިމޭނަކްމުގައި އެތައް ވާހަކަ ތަކެއް ދައްކަމުން ދިޔައެވެ.

****
“ޒާން. އަހަރުމެން މެރީ ކުރީ ކޮންތާރީހެއްގަ؟” ޔާނާ ސުވާލުކުރީ ޒާންއާއެވެ. ދެމީހުންވެސް ނިދަން އެނދުގައި އޮށޯވެލިއެވެ.
“ކުއްލިއަކަށް ކީއްކުރަން ތާރީޚް ތި ހޯދަނީ؟” ޒާން ސުވާލުކޮށްލިއެވެ.
“އެއީ ދެން ހަމަ…. ވަކި ކަމެއް ވެގެންނެއް ނޫން.” ޔާނާ ބުނެލިއެވެ. ޔާނާ ލައިގެން އޮތީ ހުދުކުލައިގެ އާދައިގެ ޓީޝާޓެކެވެ. އެހެން ރޭރެއާ ޚިލާފަށް މިރޭ ޔާނާ ބުރުގާވެސް ނާޅައެވެ. ބަނޑުބޮޑުވުމުގެ ސަބަބުން ބޮލުގައި އޮތް އިސްތަށިގަނޑުގެ ކަޅުކަން އިތުރުވެފައި ވަރުގަދަ ކަމަށް ދައްކައެވެ.
“މިރޭ ކީއްވެ ބުރުގާ ނާޅާ ތިއޮތީ؟” ޒާން ޔާނާއަށް ބަލައިލަމުން ބުނެލިއެވެ.
“ހޫނުވާ ވަރުން. އެހެން ނޫނަސް އަހަރެންނާ ޒާން އެއްނު މިތިބީ. ފިރިމީހާ ކުރިމަތީގަ ބުރުގާ ނެގުން ހުއްދައެއްނު.” ޔާނާ ހަމަ ޖެހިލަމުން ބުނެލިއެވެ. ޒާން އެއްޗެކޭ ނުބުންޏެވެ. ޔާނާ އޮށޯވެލައިގެން އޮތްއިރު ޒާން އިނީ ހެޑްބޯޑުގައި ލެގިލައިގެންނެވެ. ކަޅުކުލައިގެ ދޫ ޓީޝާޓާއި ނޫކުލައިގެ ފިރިހެން ހަރުވާޅުގައި ޒާން ހީވަނީ އިތުރަށް ބިޔަވެފައި ބޮޑު ހެނެވެ. ނަމަވެސް މޫނުމަތިން ފެންނަނީ ވަރަށް ޒުވާންކޮށެވެ.
ޔާނާގެ ބަނޑުގައި އޮތް ދަރިފުޅު ތޮޅެން ފެށިއެވެ. ޔާނާއަށް އަތް އެޅުނެވެ. އެ އިހުސާސް ލިބިގަތުމަށްޓަކައެވެ.
“ޒާންގެ ބޭބީ…” ޔާނާ ޒާންގެ އަތްތިލަ ގެނެސް ބަނޑުގައި ޖައްސާލަމުން ބުނެލިއެވެ.
ޔާނާގެ ބަނޑުގައިވާ ދަރިފުޅު ތޮޅެމުންދާ ކަމުގެ އިހުސާސްކުރެވުނު ހިނދު ޒާންއަށް ހިނިތުންވެލެވުނެވެ. އަދި ޔާނާއާ އިތުރަށް ކައިރިއަށް ޖެހި ބަނޑުގައި ކަންފަތް ޖައްސާލިއެވެ.
“ބައްޕިގެ ބޭބީ. އަވަހަށް ދެން އާދޭ ބައްޕަ ކައިރިއަށް. ހާދަ އިންތިޒާރެއް އެބަ ކުރަމޭ.” ޒާން ޔާނާގެ ބަނޑުގައި ކަންފަތް ޖައްސައިގެން އޮވެ ދަރިފުޅާ ވާހަކަ ދައްކަމުން ދިޔައެވެ. ޔާނާ ޒާންގެ ބޮލުގެ އިސްތަށިތަކުގައި އަތުގެ އިނިގިލަތައް ހިންގާލިއެވެ.
ދަރިފުޅުގެ ހަރަކާތްތައް އިހުސާސްކުރެވި ޒާން ވީ އުފަލުން ޔާނާއާ ކައިރިވެލައި ނިތްކުރީގައި ބޮސްދިނެވެ.
އެކަކު އަނެކަކުގެ ނޭވާ އިހުސާސްވާހާ ކައިރީގައި ތިބެވުނު ހިނދު ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އެދެމެދަށް ހަމަ ހިމޭނަކަން ވެރިވެގެން ދިޔައެވެ.
ޔާނާ ޒާންގެ ކަނދުރާގައި އިނގިލިތަކުން ބީހިލިއެވެ. ޒާންއަށް ބޭއިޚްތިޔާރުގައި ކުރިއަށް ގުދުވެވުނެވެ. ޔާނާގެ ދޮންކަނދުރާގައި ބޮސްދެވުނެވެ. ޔާނާއަށް ލޯ މަރާލެވުނެވެ.
“އީމް.” ހަށިގަނޑަށް ލިބެވެން ފެށި އަރާމެއްގެ ސަބަބުން ޔާނާގެ ދުލުން ކިޔާލެވުނެވެ. އެހިނދު ސިހުން ލިބި ލޯ ހުޅުވާލެވުނެވެ. އެލަފްޒު އަޑު އިވި ޒާންއަށްވެސް ސިހުންލިބިގެން ދިޔައެވެ. އަދި އަވަސް އަވަހަށް ދުރަށް ޖެހެވުނެވެ.
ޔާނާ ތެދުވެ އެނދުގައި އިށީންނިއެވެ. ޒާންއަށް ކުރިމަތިލައިގެންނެވެ. އެދެލޮލުގައި ކަރުނަ ޖަމާވަމުން ދިޔައެވެ.
“ޒާން! މިވަނީ ކިހިނެތް؟” ޔާނާ ވާހަކަ ދައްކަން ފެށިއެވެ. “އަހަރެންނަށް ބޭއިޚްތިޔާރުގައި އެނަން ކިޔެނީ ކިއްވެ؟”
“ކޮން ނަމެއް؟” ޒާން ހާސްވެފައި ބުނެލިއެވެ.
“އެއީ ކޮން އީމް އެއްތަ؟” ޔާނާ ސުވާލުކުރިއެވެ.
“އީމް އޭ؟ އަހަރެންނަކަށް ނޭނގެ.”ޒާން ކޮޅަށް ތެދުވިއެވެ. ޒާންގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައެވެ. މޫނުގައި އަތް ކާއްތާލެވުނެވެ.
“ޒާން އަހަރެންނަށް ހަޤީޤަތް ކިޔައިދީބަލަ. އަހަރެންގެ ހަނދާންނެތިފައިވި ދިރިއުޅުން އެނގެން އަހަރެން ބޭނުން. “އީމް” އަކީ ކާކުތަ؟ އަހަރެންނަށް އޭނަގެ ނަން ކިޔެނީ ކިއްވެ؟ ނިދީ ތެރޭގައި އެނަމުން ގޮވެނީ ކީއްވެ؟” ޔާނާ އޭނާގެ ހިތުގައި ވާ ސުވާލުތައް ބޭރުކުރަން ފެށިއެވެ. އެ ސުވާލުތަކުގެ ޖަވާބު ދެވޭނީ ހަމަ އެކަނި ޒާންއަށް ކަން އެނގޭތީއެވެ.
“އިޔާނާ. ތިއީ މުޅިން ބޭކާރު ވާހަކަ ތަކެއް. މާޒީ ހަނދާންކޮށްގެން ކުރާނެ އެއްވެސް ފައިދާއެއް ނެތް. އެއީ ކުރިން އިޔާނާގެ ހަޔާތަށް އައިސްފައިވާ ނަމެއް. މިހާރު އެކަން ނިމިގެން ހިނގައްޖެ. އެހެންވީމަ އެކަމާ ނުވިސްނާ.” ޒާން އަވަސްއަވަހަށް ބުނެލިއެވެ. އަދި ޔާނާ އެނދުގައި ބޭއްވުމަށްފަހު ރަޖާ އަޅައިދިނެވެ.
ޔާނާ ގަދަކަމުން ލޯ މެރިއެވެ. ނަމަވެސް ހިތުގައި ސުވާލުތައް ދިޔައީ ފުނި ޖެހެމުންނެވެ.
ޒާން އަށް ފިކުރު ކުރެވެން ފެށިއެވެ. ހިތް ބުނަން ފެށިއެވެ. މިއީ ހަމަ އީމަންގެ އަންހެނުން ޔާނާ އެވެ. އެހެންވެއްޖެނަމަ އަހަރެންނަށް މިކުރެވުނީ ކޮންފަދަ ނުބައި ކަމެއް ހެއްޔެވެ؟ މިކަމުން ސަލާމަތް ވެވޭނެ މަގެއްވެސް ނެތެވެ. ދަރިއެއްގެ ލޯބި ހާސިލްކުރުމުގެ ބޭނުމުގައި އެންމެ ގާތް އެކުވެރިޔާގެ ކަރަށް ފައިން އެރުނު އިރުވެސް ނޭނގުނެވެ.
ލޯމަރާލައިގެން އޮތް ޔާނާ ދިޔައީ ވިސްނަމުންނެވެ. އޭނާގެ ހިޔާލަށް އެކި ކަންތައް މަޑުމަޑުން އަންނަމުން ދެއެވެ.
ހ.ލައިޓްހައުސްއަށް ދެވޭ ކޮންމެ ފަހަރަކު އޭނާއަށް ތަފާތު އެކިއެކި ހަނދާންތައް ވެއެވެ. އެގޭގައި އޭނާ އުޅެފައިވާ ކަހަލަ އިހުސާސެއް ކުރެވެއެވެ. ވަށައިގެންވާ ތަކެއްޗާއި ތަންތަން ބީރަށްޓެހިކަމުގެ އިހުސާސެއް ނުކުރެވެއެވެ.

އަނެއްދުވަހަށް އިރުއެރުމާއެކު ޒާން ތައްޔާރުވެލައިގެން ދިޔައީއެވެ. މިއަދުވެސް މުޅި ދުވަހު އޭނާ އުޅެންޖެހޭނީ ރަށުން ބޭރުގައެވެ. ޔާނާއަށް ހޭލެވުނު އިރު ޒާން ހިނގައްޖެއެވެ. އެނދުން ތެދުވެ އިށީނދެލަމުން އިސްތަށިގަނޑުގައި އަތުގެ އިނގިލިތަކުން ފުނާއަޅާލިއެވެ. ރޭގައި ހިނގާ ދިޔަ ކަންތައްތައް ހަނދާނަށް އައެވެ. ‘އެއީ ކޮން އީމް އެއް ހެއްޔެވެ؟’ ހިތް އަނެއްކާވެސް މިސުވާލުކޮށްލިއެވެ. ކުރިން ރެއެއްގައިވެސް ޔާނާއަށް ހޭލެވުނީ ނިދީތެރޭގައި ‘އީމް’ގެ ނަން ގޮވެމުންނެވެ.
ފުންނޭވާއެއްލަމުން ކޮޅަށް ތެދުވެ ބެލްކަނީގެ ފޮތިގަނޑު ކަހާލިއެވެ. އިރުގެ އަލިން ދުނިޔެ ޖަރީވަމުންދިޔައިރު މާލޭގެ މަގުތަކުގެ ހަލަބޮލިކަންވެސް ދިޔައީ އިތުރުވަމުންނެވެ. ޔާނާ މަޑުމަޑުން ބަނޑުގައި އަތް ފިރުމާލިއެވެ. ބޭރުން ފެންނަ މަންޒަރުތަކަށް ގެއްލިފައި ޔާނާއަށް ހުރެވުނީ ކިހާއިރަކުކަމެއްވެސް ނޭނގެއެވެ. ހަމަ ދުނިޔެއަށް އާދެވުނީ ބަނޑުހައިކަމުގެ އިހުސާސްކުރެވެން ފެށުމުންނެވެ. އުނަގަނޑުން ތިރިއަށް އައިސްފައިވާ ފަން އިސްތަށިގަނޑު ނަގައި ގޮށެއް ޖަހާލަމުން ވަނީ ފާހާނާއަށެވެ. ޔާނާ ފާހާނާގައި ހުއްޓާ މަރީނާ އައެވެ. ޔާނާ ބަލައެވެ.

“ދަރިފުޅާ. މަންމަ އެބަޖެހޭ ހުޅުމާލެއަށް ދާން. މަންމަގެ ގާތް ރައްޓެއްސަކު އެބަހުރި އައިސް. އެހެންވެ ބައްދަލުކޮށްލަން. ދަރިފުޅު އެކަނި އިންނަން ޖެހޭތީ މަންމަ ޖާހަތު ކައިރީގަ ބުނެފިން އައިސް ދޭށޭ.” މަރީނާ ޔާނާގާތު ބުނެލިއެވެ. ޔާނާ ސައިބުއިން ކުރިއަށްގެންދިޔައެވެ. ހ.ލައިޓްހައުސްގައެވެ.
ސައިބޮއެ ނިމުނު ތަނާހެން އާއިޒުއާ ޖާހަތުއައެވެ.
“އަނހަ. އާއިޒުވެސް އެބަހުރިން ދޯ؟ ދައްތަ ހީކުރީ އޮފީހުގަ ކަމަށްވާނީ.” މަރީނާ އާއިޒު ފެނުމުން ބުނެލިއެވެ.
“އޮފީހަށް ދާންވެގެން މިދަނީ. ޖާހަތު މިގެއަށް ލާފަ ދާންވެގެންކަމަށް.” ނޫކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނުގައި ބެގީކޮށްގެން އިން އާއިޒު ބުނެލިއެވެ.
‘ދެމީހުން ހާދަ ގުޅުވާލައިގެން ތިއުޅެނީ.” ނޫކުލައިގެ ގަމީހަކާ ކަޅުކުލައިގެ ޖިންސެއްލައިގެން ހުރި ޖާހަތުއަށް އިޔާނާ ބުނެލިއެވެ.
ޖާހަތު ހިނިތުންވެލަމުންގޮސް މޭޒުކައިރީގައި އިށިނެވެ.
އާއިޒު ބޭރަށް ހިނގައިގަތެވެ. މަރީނާވެސް ދާންވެގެން ބޭރަށް ނިކުތެވެ.
“ދެން މިއަދު ކޮންކަމެއް ކުރާނީ؟” ޔާނާ ފޫހިވެފައި ސުވާލުކޮށްލީ ޖާހަތުއާއެވެ.
“އައްދެ. ހާދަ އަވަހަކަށް ފޫހިކޮށްލީ. އަހަރެން މިއައީ ވަރަށް ޕްލޭންކޮށްގެން.” ޖާހަތު ޔާނާއަށް ބުނެލިއެވެ.
“އެއީ ކޮންކަމެއް؟” ޔާނާ ސުވާލުކޮށްލިއެވެ.
“މިއޮތީނު؟” ޖާހަތު އަތުގައިއޮތް ލެޕްޓޮޕްދައްކާލަމުން ވާހަކަ ދައްކަންފެށިއެވެ. އަދި މޭޒު މަތީގައި ބަހައްޓަމުން ހުޅުވާލިއެވެ. ” އަހަރެންގެ ލައިފްގެ ފޮޓޯތައް.”
ޖާހަތު ފޮޓޯތައް ދައްކަންފެށިއެވެ. ސްކޫލް ދުވަސްވަރުގެ ފޮޓޯތަކުން ފެށިގެންނެވެ. އީމަންއާ ޔާނާގެ ފޮޓޯތަކުގެ އިތުރުން ހާމިޒާއާއި ނޫހުގެ ފޮޓޯތައްވެސް ހިމެނެއެވެ. ޔާނާ ފަހަރަކު ފޮޓޯއެއް ބަލަމުން ދިޔައެވެ. ޖާހަތު ބަލަމުން ދިޔައީ ޔާނާގެ މޫނަށެވެ. ސަމާލުކަމާއެކީއެވެ.
ކުރީގެ ފޮޓޯތަކެއް ޖާހަތުވަނީ އޭނާގެ ފޯނަށްވެސް އަޅާފައެވެ. އެހެންކަމުން އެފޮޓޯތައް ދެއްކުމުގެ ކުރިން ޗެކްކުރަން ފެށިއެވެ.
“މިއިނީ އެއްކަލަ ފަންނަގަނޑު ދޯ!!” ފޮޓޯތަކަށް ގެއްލިފައި އިން ޔާނާ ކުއްލިއަކަށް ހީގަނެފައި ބުނެލިއެވެ. ޖާހަތު ހައިރާންކަމާއެކީ ޔާނާއަށް ބަލައިލިއެވެ. ޔާނާ ހުނުން ހުއްޓާލިއެވެ. އެމޫނުމަތިން ސީރިއަސްކަން ފެންނަން ފެށިއެވެ.
“އެއްކަލަ ފަންނައޭ؟ ކިހިނެތް އިޔާނާއަށް ފަންނަ އެނގެނީ؟” ޖާހަތު ހައިރާންކަމާއެކު ސުވާލުކުރިއެވެ.
ޔާނާގެ އަނގަ ބެދުނެވެ. އެ ކުއްޖާ ފެނުމާއެކީ ޔާނާއަށް އެހެން ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް ޖާހަތުއަށް އެކަން ވިސްނައިދޭނީ ކިހިނެތް ހެއްޔެވެ؟
“ނޭނގެ. އަހަރެންނަށް ހަމަ އެހެން ބުނެވުނީ؟” ޔާނާ ބުނެލިއެވެ.
“މީހުންނަށް ބޭއިޚްތިޔާރުގައިވެސް ބުނެވޭނީ އެމީހެއްގެ ވިސްނުމުގައި އޮތް ވާހަކައެއް. އެހެންވީމަ އަހަރެންގެ ހިތް ހަމަ ބުނަނީ ރަނގަޅަށް. ތިއީ ހަމަ ޔާނު. ކީއްވެގެންތަ އެހެންމީހެއްކަމުގައި ވެގެން ތިއުޅެނީ؟” ޖާހަތު ކޮޅަށް ތެދުވެ ދެއަތުން ހަށަން ބަނދެލަމުން ބުނެލިއެވެ. ރާގުގައި ހުރީ ހިތްހަމަ ނުޖެހޭ ގޮތެކެވެ.
ޔާނާ ޖާހަތުގެ މޫނަށް ބަލަން އިނދެ މަޑުމަޑުން ތެދުވިއެވެ.
“ޖާހަތު. ހަމަ އަސްލުވެސް. އަހަރެންނަކަށް ނޭނގެ އެހެން އެބުނެވުނީ ކީއްވެ ކަމެއް؟” ޖާހަތު ހިތްހަމަ ނުޖެހި ހުރިތަން ފެނި ޔާނާ ޔަޤީންކޮށްދޭން މަސައްކަތްކުރިއެވެ.
“ޔާނުއަށް ހަމަ ނޭނގެނީތަ؟ ނޫނީ ނޭނގޭ ކަމުގަ ހެދިގެން އުޅެނީތަ؟” ޖާހަތު ބުނެލިއެވެ. ޔާނާއަށް ދެން ބުނަންވީ އެއްޗެއް ނުވިސްނުނެވެ.
“އެންމެ ރަނގަޅު. އާދެބަލަ އަހަރެންނާއެކީ.” ޖާހަތު ޔާނާއާ ކައިރިވެލަމުން ޔާނާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ސިޑި ގިރާކޮށްފައި މައްޗަށް އަރައި ކޮރިޑޯއިންލާފައި ކުރިއަށް ދިޔައެވެ.
“ޖާހަތު ކޮންތަނަކަށްތަ އަހަރެން ތި ގެންދަނީ؟” ޔާނާ ކަންބޮޑުވެފައި ސުވާލުކުރަމުންދިޔައެވެ. ނަމަވެސް ޖާހަތު އެއަޑެއް ނޭހިއެވެ. ދެފަރާތުގައިވާ ކޮޓަރިތަކުން އެންމެ ފަހަތުގައިވާ ކޮޓަރިއެއްގެ ކުރިމައްޗަށް ހުއްޓި އަތުގައި އޮތް ތަޅުދަނޑިފަތިން އެކޮޓަރި ހުޅުވާލިއެވެ. އަދި ޔާނާގެ އަތުގައި ހިފައި އެތެރެއަށް ވެއްދިއެވެ.
ކޮޓަރިތެރޭގައިވަނީ އަނދިރިކަމެވެ. ޖާހަތު ކޮޓަރީގެ ބޮކި ދިއްލާލިއެވެ. މުޅި ކޮޓަރި ހުދު ބަކިތަކުގެ އެހީގައި އަލިވެގެންދިޔައެވެ. ޔާނާއަށް ހައިރާންކަމާއެކު ވަށާ ބަލައިލެވުނެވެ. މުޅި ކޮޓަރީގައި ވަނީ ޔާނާގެ ފޮޓޯއެވެ. ކުޑަ ދައުރުއްސުރެން ފެށިގެން ސްކޫލްގެ ދައުރު ނިމި ޔާނާއާއި އީމަންގެ ކައިވެނީގެ ފޮޓޯއަށް ދާންދެނެވެ. ކޮޓަރީގެ ހަތަރުފަރާތުން ފެންނަނީ ހަމައެކަނީ ޔާނާއެވެ. ޔާނާގެ ފޮޓޯތަކެވެ. އީމަންއާ ޔާނާގެ ކައިވެނީގެ ރޭގެ ފޮޓޯތައްވެސް މެއެވެ.
“ދެން ބުނޭ، މިއީވެސް ދަންނަ މީހެއްނޫނޭ. މިތަނުގައި ނެތޭ އަހަރެން ދަންނަ މީހެއް. މި ފޮޓޯތައް ކީއްކުރަން؟ މިތަނަކީވެސް ދަންނަ ތަނެއް ނޫނޭ.” ޖާހަތު ހަރުއަޑުން ބުނެލިއެވެ. ޔާނާ ދިޔައީ ހަތަރުފަރާތް ހައިރާންކަމާއެކު ބަލަމުންނެވެ. ޖާހަތު ޔާނާގެ އަތުގައި ހިފައިގެން އެއްފަރާތެއްގައި ހަރުކުރެވިފައި ހުރި ބޮޑު ލޯގަނޑު ކުރިމަތީގައި މަޑުކޮށްލިއެވެ.
“ރަނގަޅަށް ބަލާބަލަ. ކުރިމަތިން ފެންނަމުން ދާ ސޫރައަށް ނިކަން ރަނގަޅަށް ބަލާބަލަ. އެއަށްފަހު ވަށައިގެން ފެންނަމުންދާ ތަސްވީރަށް ބަލާބަލަ…… ހީވޭތަ ވައްތަރުހެން. އެބަ ހީވޭތަ ދަންނަ މީހެއްހެން.” ޖާހަތު ބުނެލިއެވެ. ޔާނާ އިނީ އަނގަހުޅުވިފައެވެ. އޭނާ އެއްޗެކޭ ބުނަން އުޅުނަސް ޖާހަތުގެ އަވަސް ހަރަކާތްތަކުން އެއްވެސް ކަމެއް ވާވަރެއް ނުވެއެވެ.
“ހަނދާނެއް ނެތް ދޯ؟… އޭރުން އަދި އާދޭ.” ޖާހަތު ޔާނާގެ އަތުގައި ހިފައިގެން ކޮޓަރިން ބޭރަށް ނިކުތެވެ. އަދި އެއަށްފަހު މިސްރާބު ޖެހީ އީމަންގެ ކޮޓަރިއަށެވެ.
“މިކޮޓަރިއަށް ނިކަން ރަނގަޅަށް ބަލާލަބަލަ. ހީވޭތަ ގުޅުމެއްވާހެން. މިތަނުގައި އުޅުނުހެން ހީވޭތަ؟ އެފޮޓޯގަނޑުން ފެންނަމުން ދާ ފިރިހެންމީހާ އެއީ ދަންނަ މީހެއް ހެން ހީވޭތަ؟” ޖާހަތު ޔާނާއަށް އީމަންގެ ކޮޓަރި ދައްކާލަމުން ސުވާލުކުރިއެވެ. ސިކުންތަކަށް ވުރެ ސިކުންތެއް އޭނާގެ ހަރަކާތްތައްދިޔައީ އަވަސްވެ އަޑު ބާރުވަމުންނެވެ. ހަޤީޤަތަކީ ޖާހަތުގެ ކެތްތެރިކަން ކޮޅުން ލައިގެން ދާންފެށުމެވެ. އޭނާގެ ހިތް އެތަށް ގޮތަކުން އެއީ ޔާނާކަން ޘާބިތުކޮށްދެމުން ދިޔަ ނަމަވެސް ޔާނާ އެކަން ޤަބޫލުނުކުރުމުން ވަނީ ކެތްމަދުވެފައެވެ.
“ނޫނީ ބަލާބަލަ އަހަރެންނަށް. ޔާނު ދަންނަ މީހެއްތަ އަހަރެން މިއީ. ނޫނީ އަހަރެންވެސް ހަނދާން ނެތުނީތަ؟ މިއީ ޔާނުގެ ޖާތުއޭ. ނިކަން ހަނދާންކޮށްބަލަ. ހެޔޮނުވާނެ.” އެންމެފަހުން ޖާހަތުއަށް ރޮވުނެވެ. ދެން އިތުރަށް ދައްކާނެ ވާހަކައެއް ނުވިސްނުނީއެވެ. ގައިގައި ކޮޅަށް ހުންނާނެ ވަރުނެތުމުން ރޮމުން ބިންމަތީގައި އިށީނދެލިއެވެ.
ޖާހަތުގެ ހާލަތު ފެނި ޔާނާ ފެންކަޅިވިއެވެ.

31

4 Comments

  1. Niha

    December 1, 2013 at 1:18 am

    Wow haadha reechey, mibaives.Jaahathu haadha masaikaitheh eba kurey dhoa Yaanu handhaan veythoa  
    Varah furihama ingey Nashaa, anehkaa yaanu vihaa baby heevaaanee Eman hen dhoa :p eyrun dhen Zaan keeh baa kuraanee, falhaa araane eh nun

    Anehbaige inthizaaruga, keep up the good work dear

  2. Shaama

    December 1, 2013 at 9:15 am

    yaanu kihinehba hadhaani dhn?? v reethi mibae vx

  3. azu

    December 1, 2013 at 2:04 pm

    miivaahaka mee varah reethi vaahakaeh….feshuneehsure hurihaa baehves kiyan…
    kehtherikameh nethi inthixaaru kurevey mivaahaka upload vaane irakah..
    comment koh nulevenee

  4. aisha

    December 1, 2013 at 3:59 pm

    🙂 v v v v reethi mibai vesss
    D: and btw thanxxxx to nashaa mibai dhigu koh genes dhiny thy
    and nashaa dhen ethanun jaathu ah hageegai ingeyne tha
    jaathu ah e ee yaanu kan ingeynetha
    dhen heevany enmen e ee yaanu kan engeynee kanneyge dhw nashaa
    dhen zaan ah eynage iyaana libeyne tha fahun
    dhen yaana ge hadhaan thah annaany kon irakun tha
    dhen reem ah libuny kaaku ge dhariehtha
    nashaa kon irakun aneh bai up koh ladheynee
    aneh bai avahah up kohladhehchey
    nashaa konme faharaku ves hiyy thalhu vaa laafa viyya ninmaalany
    dhen vaane goi kiyaa hithun indhaa nimuny
    this is the best story i have ever red
    🙂 keep it up and good luck with this story
    😉

Comments are closed.