ފުން އިހުސާސެކޭ 11
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަދިވެސް އަނާނީއަކާ ރީޝާ ވާހަކައެއް ނުދައްކައެވެ. ކޮލެޖުން ފެނުމުން ބީރައްޓެހި ގޮތަކަށް ހިނިތުންވެލާކަން އެކަންޏެވެ. އެވެސް މަދު ފަހަރަކުއެވެ. މިކަމާ އަނާނީ ކިތައްމެ ދެރަވިޔަސް، އަދިވެސް އިސްވެ ވާހަކަ ދައްކަން ޖެހުލުންވެއެވެ. އަރީން ބުނިހެން، ރީޝާއަށް އަމިއްލައަށް ވިސްނުނީމާ އައިސް ވާހަކަ ދައްކަން ފަށާނެ ކަމުގެ އުއްމީދުގައި ހުރީއެވެ. ނަމަވެސް އެހެން ވާ ތަނެއް އަދި ނުފެނެއެވެ. އަނެއްކޮޅުން އެދުވަހަށްފަހު އަރީންއަކާވެސް ދިމައެއް ނުވެއެވެ. ހަޤީޤަތުގައި އަރީންގެ ނަންބަރު އަދިވެސް އިނީ ބްލޮކު ކޮށްލިގޮތަށެވެ. ދެތިން ދުވަހަކު އޭނާ މެސެޖު ކުރިއެވެ. ކޮފީއަށް ދާން ކިޔާފައި އަނާނީގެ ޚަބަރެއް ނުވުމުންނެވެ. ނަމަވެސް އަނާނީ އެ މެސެޖުތަކަށް ރިޕްލައި ކުރުމަކީ މާ މުހިއްމު ކަމެއް ކަމުގައި ނުދެކުނެވެ. އޭގެ ބަދަލުގައި އޭނާއަށް އިންތިޒާރު ކުރެވެނީ ޔާނިއުގެ މެސެޖަކަށެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ޔާނިއުގެ ކުޑަނަމަވެސް ޚަބަރެއް ނުވެއެވެ. އަނާނީއަށް އުޅެވުނު ގޮތުން ޔާނިއު އޭނާދެކެ ފޫހިވީ ހެއްޔެވެ. ވީގޮތް ބަލާލަން ގުޅާލާކަށް ވެސް އަނާނީ އަކަށް ނުކެރެއެވެ. އޭނާ ހުރީ އެހާވެސް ލަދުގަނެފައެވެ.
އެއްދުވަހެއްގެ މެންދުރެވެ. ކައްކަންވެގެން އަނާނީ ބަދިގެއަށް ވަންނަން އުޅެނިކޮށް ލިއުޝާ އައިސްފައި ބުނީ އެމީހުން އެއުޅެނީ މެންދުރު ކެއުމަށް ތިމާގެ ބައެއްގެ ގެއަށް ދިއުމަށް ކަމަށެވެ. އެހެންކަމުން ހަމައެކަނި ލޫކަސް އަށާއި އަނާނީއަށް ވާވަރަށް ކެއްކުމަށް ބުނެފައި އެދެމަފިރިން އަޒްކާ ގޮވައިގެން ނުކުމެގެން ދިޔައެވެ. އަނާނީއަށް ކުޑަކޮށް ހިންދެމިލެވުނެވެ. އަދި ލޫކަސްވެސް ގޭގައި ނޫޅޭތީ، ކުޑައިރުކޮޅަކަށް އަރާމުކޮށްލަން ވެގެން އައިސް ސޯފާގައި ޖައްސައިލިއެވެ. ޓީވީ އަޅުވައިގެން އިނެއްކަމަކު އަނާނީއަށް ތާއްޔާ ޖެހެން ފެށުނީ، ރޭ ވަރަށް ދަންވަންދެން ހޭލާ ކިޔަވަން އިނުމުގެ ސަބަބުން ހަމަނިދި ނުލިބޭތީއެވެ. ޓެސްޓު ދުވަސްކޮޅަށް ވުމުން، އަނާނީ ބަލަނީ ވީހާވެސް ގިނައިރަށް ކިޔެވުމުގައި އުޅެވޭތޯއެވެ. އެހެންކަމުން މިދުވަސްކޮޅު ނިދެނީ ވަރަށް މަދު ގަޑިއިރަކަށެވެ.
ނިދިފައި އިން އަނާނީއަށް ކުއްލިއަކަށް ހޭޖެހުނީ މީހަކު ދޮރަށް ތަޅުދަނޑި ޖަހައި އަނބުރާލި އަޑަށެވެ. އަނާނީ ބަލައިލި އިރު އެތެރެއަށް ވަދެގެން އައީ ލޫކަސްއެވެ. ލޫކަސްގެ ފަހަތުން އިތުރު މީހަކު ވަންތަން ފެނިފައި އަނާނީއަށް ތަންކޮޅެއް ބޮޑަށް ލޯ ހުޅުވައި ބަލައިލެވުނެވެ. އެއީ އަންހެން ކުއްޖެކެވެ. ބަލާބެލުމަށް، އަނާނީއަށްވުރެ ދޮށީ ވާނީ ދެތިން އަހަރެވެ.
“ހެއި އަނާނީ! މީޓް މައި ގާލްފްރެންޑް ސާރާ. ސާރާ، މިއީ އިނގޭ އަނާނީ.” ލޫކަސް އެ އަންހެން ކުއްޖާއާއެކު އައިސް ސޯފާގައި އިށީންނަމުން، އަނާނީއަށް ތަޢާރަފް ކޮށްދިނެވެ.
“ހައި އަނާނީ!” ސާރާ އަނާނީއާ ދިމާއަށް ހަނާއަޅައިލިއެވެ. ހީވާގޮތުން ވަރަށް ހިތްހެޔޮ، މީހުންނާ ގުޅޭ ކަހަލަ ކުއްޖެކެވެ. މީގެ އިތުރުން، މޫނުގައި ކޮށްފައި ހުރި މޭކަޕާއި، ލައިގެން ހުރި ހެދުމުން ވަރަށް ޒަމާނީ، ސްޓައިލިޝް ކުއްޖެއްކަން ދައްކުވައިދެއެވެ. އަނާނީވެސް ހިނިތުންވެލާފައި ކުޑަކޮށް ހަނާއަޅައިލިއެވެ. އަދި އެއަށްފަހު، މެންދުރަށް ކައްކަން ކަމަށް ބުނެފައި އެތަނުން ތެދުވެ، ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. “ޔޯ މެއިޑް އިޒް ސޯ ޕްރިޓީ!” ވައި އަޑުން ސާރާ މިހެން ބުނެލީ ލޫކަސް ގާތުގައެވެ. ނަމަވެސް އިއްތިފާގުން، އެއަޑު އަނާނީއާ ހަމައަށް ވެސް ފޯރިއެވެ. އަނާނީއަށް އަޅަން އުޅުނު ފިޔަވަޅު މަޑުޖައްސައިލެވުނެވެ. އަދި ހައިރާންވެފައި ހުރެ ވިސްނައިލިއެވެ. ލޫކަސް ސާރާ ގާތު އަނާނީއޭ ކިޔައިގެން ކިޔާފައި މިހުރީ ކީކޭހެއްޔެވެ. އެގޭގައި ގެންގުޅޭ ކުއްޖެއްގެ ގޮތުގައި ހުއްޓަސް، އަނާނީ އަކީ “ނޯކަރެއް” ނޫނެވެ. ގޭގެ މަސައްކަތްތައް ކޮށް އުޅުނެއް ކަމަކު، އެކަހަލަ ދަރަޖައެއް އޭނާއަށް ދީގެން ވާނެހެއްޔެވެ. އަނާނީ ކުޑަކޮށް ހިތުގައި ޖެހުނެވެ. ނަމަވެސް ކަމަކަށް ނުހަދާ ގޮސް ބަދިގެއަށް ވަނެވެ. އޭނާ ވަކި އެއާ ދެކޮޅަށް ބުނާނީ ކީކޭ ހެއްޔެވެ. ލޫކަސްއަކީ ކޮންމެގޮތެއް ވިޔަސް އަނާނީއަށްވުރެ ބޮޑަށް އެގޭގައި ބާރު ހިންގޭނެ މީހެކެވެ. ގޭ ވެރިމީހާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.
އެދުވަހަށްފަހު ސާރާ ވަރަށް ގިނައިން އެގެއަށް އައިސް އުޅެއެވެ. އަނާނީއާ ވާހަކަ ދެއްކިޔަސް، ކޮންމެވެސް ދުރު ގޮތެއް ބަހައްޓާކަން ފާހަގަވެއެވެ. ނަމަވެސް މިކަމާ އަނާނީ އަޅައެއް ނުލައެވެ. އޭނާއާ ވާހަކަ ދައްކައިފި ނަމަ ރައްދުގައި އަނގައިންވެސް ބުނެއެވެ. ކޮންމެއަކަސް، އެންމެފަހުން ލޫކަސްއަށް ވިސްނި، ރަނގަޅު ގޮތެއް މެދުވެރިވުމުން އަނާނީ އެކަމާ އުފާކުރެއެވެ. މިހާރު ލޫކަސްގެ ފަރާތުން އެއްވެސް ކަހަލަ އުނދަގުލެއް ނުފޯރާނެކަން އަނާނީއަށް ޔަޤީންކުރެވިއްޖެއެވެ. އެހެންކަމުން އޭނާ އިތުރަށް ލޫކަސްއަށް ހިތްބުރަ ކުރާކަށް ބޭނުމެއް ނުވެއެވެ. ލޫކަސް ވާހަކަ ދައްކައިފި ނަމަ އަނާނީ ވެސް ވާހަކަ ދައްކައެވެ.
ސްކޫލު ކުދިންގެ މިޑްޓާމް ބްރޭކް ދުވަސްވަރެވެ. މި ޗުއްޓީގައި ފައިސަލްގެ ދެމަފިރިން އަޒްކާ ގޮވައިގެން ޤައުމުން ބޭރަށް، ލަންކާއަށް ފުރިއެވެ. ދަމުން ގޭ ހަވާލު ކޮށްފައި ދިޔައީ ލޫކަސްއަށާއި އަނާނީއަށެވެ. ގޭގައި ލޫކަސްއާ އެއްކޮށް އެކަނި އުޅެން ޖެހުނަސް، އަނާނީގެ ހިތުގައި ބިރުވެރި ކަމެއް ނެތެވެ. ސަބަބަކީ، ލޫކަސްގެ އުޅުން މިހާރު އިސްލާޙުވެފައި ވުމުންނެވެ. ނަސީބަކުން، ލިއުޝާމެން ނެތުމުން ގޭގައި ކުރަން ޖެހޭ މަސައްކަތް ވެސް ލުއި ވިއެވެ. ކޮންމެދުވަހަކު ހެނދުނު މާ އަވަހަށް ހޭލާކަށް ނުޖެހެއެވެ. ކިޔެވުމުގައި ބޭނުން ވަގުތަކު އުޅެންވީއެވެ.
އަނާނީއަކީ ކޮންމެދުވަހަކު ވެސް އޭނާގެ މަންމައަށް ގުޅާ ކުއްޖެކެވެ. ކިތައްމެ އަވަދިނެތި އުޅޭ ދުވަހަކު ވިޔަސް، ކޮންމެވެސް އެއްވަގުތެއް އެކަމަށް ހުސްކުރެއެވެ. ނަމަވެސް މަންމަގެ ފޯނު ނިވާލާފައި އޮންނަތާ ދެދުވަސް ވުމުން، އެކަމާ އަނާނީ ކަންބޮޑުވާން ފެށިއެވެ. އެހެންޏާ މަންމަ ހުންނާނީ އަނާނީ ނުގުޅައިގެނެވެ. އަނާނީގެ ޚަބަރެއް ނުވަނީސް ނުވެސް ކެވޭ ކަމުގައި މަންމަ ބުނެއެވެ.
އަނާނީ އެތައް ފަހަރަކު ގުޅުމުން އޭނާގެ ދޮންބެވެސް ފޯނެއް ނުނަގައެވެ. ފަހަރި އަކީ ފޯނު ގެންގުޅޭ މީހެއް ނޫނެވެ. ވެގެން އުޅޭ ގޮތަކާމެދު ވިސްނާ ވިސްނާ އަނާނީ މޮޔަވާވަރު ވިއެވެ. މިހެން ހުއްޓާ އެއްރޭ ދަންވަރު އަނާނީއަށް ކޯލެއް އައެވެ. އެވަގުތު އަނާނީ ހުރީ، ކިޔަވައިގެން އައިސް، ނިދަން ދިޔުމުގެ ކުރިން ތަށިތައް ދޮވެލައި ބަދިގެތެރެ ހަމައަކަށް އަޅުވާށެވެ. ނުދަންނަ ނަންބަރަކަސް، ފޯނު ނެގުމަށް އަނާނީގެ ހަވަނަ ހިއްސު އަމުރު ކޮށްލި ކަހަލައެވެ. އަނާނީ ފޯނު ނެގިއެވެ. އެއާއެކު ލިބުނު ޚަބަރަކުން އޭނާގެ ހިތް ހީވީ ހިނދުކޮޅަކަށް ހުއްޓުނު ހެނެވެ. ފައި ދަށުން ބިންގަނޑު ދެމިގަތް ފަދައެވެ. އަނާނީ އަނބުރައިގަނެގެން ވެއްޓެން ދަނިކޮށް، އިއްތިފާގުން އެތަނަށް އާދެވުނު ލޫކަސްއަށް މިމަންޒަރު ފެނި، ވަރަށް ހަލުވިކަމާއެކު އަނާނީ ހިފެހެއްޓިއެވެ. އޭރު އަނާނީގެ ހަބަރު ހުސްވެއްޖެއެވެ. ލޫކަސް ދެތިން ފަހަރަކު އަނާނީގެ މޫނުމަތީގައި މަޑުމަޑުން ޖެހިއެވެ. ނަމަވެސް އަނާނީގެ މެރިފައިވާ ދެލޯ ނުހުޅުވެއެވެ. ލޫކަސް ހާސްވާން ފެށިއެވެ. އެވަގުތު އަނާނީގެ އެއްއަތުގައި އޮތް ފޯނު ދޫވެގެން ބިންމަތީގައި ޖެހުނެވެ.
އަނާނީއަށް ދެލޯ ހުޅުވައިލެވުނު އިރު، ފެންނަން ހުރީ އެނބުރެމުން ދިޔަ ފަންކާއެވެ. ބޮލުގައި ހިފަހައްޓާލައިގެން އަނާނީ ތެދުވެ، އެ އެނދުމަތީގައި އިށީނެވެ. އެއީ އޭނާގެ ކޮޓަރިއެއް ނޫންކަން އެބަ އެނގެއެވެ. މީގެ އިރުކޮޅެއް ކުރިން އިވުނު އަޑު، ކަންފަތުގައި ކުއްލިއަކަށް ގުގުމައިގަތެވެ. އަނާނީއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. “މަންމާ! މަންމާ!!! ނޫން! އެހެންނެއް ނުވާނެ! އެއީ ހުވަފެނެއް!”
ލޫކަސް އިނީ ދުރުގައި ފޯނާ ކުޅޭށެވެ. އަނާނީ ހަޅޭއްލަވަން ފެށުމުން އޭނާ ދިޔައީ ސިއްސައިގެނެވެ. އަދި އަވަސްއަވަހަށް އަނާނީއާ ކައިރިއަށް ޖެހިލާފައި، ވެގެން އުޅޭގޮތް އޮޅުން ފިލުވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އަނާނީ އެކޭ، ދުނިޔެއިން މޮޔަވެފައި ހުރި މީހެކޭ ތަފާތެއް ނެތެވެ. އެތާ އިނދެގެން ތެޅިފޮޅެނީއެވެ. ލޫކަސްއަށް ވެސް ހިފަހައްޓައެއް ނުލެވެއެވެ. އެންމެފަހުން އަނާނީގެ އަޑު މަޑު ވެގެން ދިޔައިރު، އެ ރީތި ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަންފެށިއެވެ. އެވަގުތު ލޫކަސް އަނާނީގެ ދެކޮނޑުގައި ދެއަތުން ހިފަހައްޓާލަމުން، ސީދާ އަނާނީގެ މޫނަށް ބަލަމުން އަހައިލިއެވެ. “ޕްލީޒް، ތި ވެގެން އުޅޭ ގޮތެއް ކިޔައިދީބަ؟”
“ލޫކަސް.. މަގޭ.. ފޯނު.. ކޮ..ކޮބާ؟” ވަރަށް އުނދަގުލުން އަނާނީ އަހައިލީ، މުޅިން އެހެން ސުވާލެކެވެ. ލޫކަސް އަވަސްއަވަހަށް ސައިޑް ޓޭބަލް މަތީ އޮތް އަނާނީގެ ފޯނު ނަގައި ދިއްކޮށްލިއެވެ. އަނާނީ ތުރުތުރު އަޅާހާލު، އެ ފޯނުގައި ހިފިއެވެ. އަދި ފޯނު ހުޅުވައި، ނަންބަރު ތަކަކަށް ފިތަމުން ދިޔަ އިރު ވެސް އަތް ތުރުތުރުއަޅައެވެ. ފޯނު ކަންފަތުގައި ޖައްސައިލެވުނީ ވެސް ވަރަށް އުނދަގުލުންނެވެ. “ދޮންބޭ. ބުނޭ އެއީ ސަމާސާއެކޭ! މަންމައަކަށް އެހެންނެއް ނުވާނެ. ޕްލީޒް ބުނޭ އެއީ ދޮގެކޭ! ބުނޭ!”
“ނޫން، ނާނި. މިއީ ހިތްވަރުގަދަ ކުރަންވީ ވަގުތު. އެއްވެސް މީހަކު އެކަހަލަ ސަމާސާއެއް ނުކުރާނެ. ދެން އޮތް ހަމައެކަނި ގޮތަކީ މަންމައަށް ދުޢާކުރުން..” މިހިސާބަށް ބުނި އިރު އަނާނީގެ ދޮންބެގެ އަޑު ކުރެހިގެން ދިޔައެވެ.
އިތުރަށް އެއްޗެއް ބުނާނެ ހިތްވަރެއް އަނާނީގެ ނެތެވެ. އަތަށް ކެތްނުވެގެން ފޯނުވެސް ދޫވިއެވެ. އޭނާގެ ހިތުގައި އެތައް ޝަކުވާއެއް އުފެދިގެން ދިޔައެވެ. މަންމަގެ ހާލު އެހިސާބަށް ދިޔައިރުވެސް އޭނާއަށް އަންގާނުލީ ކީއްވެހެއްޔެވެ. ވަގުތު ފާއިތު ނުވަނީސް މަންމަ މާލެއަށް ގެނެސްގެން އިތުރު ފަރުވާ ދެވުން ނަމަ، މިހެން ނުވީސް ކަންނޭނގެއެވެ. ނަމަވެސް މިހާރު ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. މަރާ ހަނގުރާމަ ކުރަމުންދާ މަންމައަށް އެއްވެސް އުއްމީދެއް ނެތްކަމުގައި ޑޮކްޓަރުން ބުނެފިއެވެ. އަދި، ދަތުރުކުރެވޭ ވަރަށް ވުރެއްވެސް ހާލު ދެރަވެފައި ވުމުން، މާލެ ފޮނުވަންވެސް އެމީހުން ހުއްދައެއް ނުދޭ ކަމުގައި ދޮންބެ ބުންޏެވެ. މިހާރުވެސް ދުނިޔޭގައި އޮތީ ވެންޓިލޭޓަރެއްގެ އެހީގައެވެ. މަންމަގެ ނޭވާހިއްލުމުގެ ބަލި މިހާ ބޮޑުވަރު ވެދާނެ ކަމަށް އަނާނީ ދުވަހަކުވެސް ހިއެއް ނުކުރެއެވެ. ނަމަވެސް ދެތިން ދުވަސް ކުރިން ޖެހުނު ނޭވާހިއްލުމުގެ އެޓޭކަކުން، ހޮސްޕިޓަލުގައި އެޑުމިޓު ކުރީއެވެ. އޭގެފަހުން ހޭނާރާ ކަމުގައި ދޮންބެ ބުންޏެވެ.
އަނާނީގެ ކުރިމަތީގައި އިން ލޫކަސް އަދިވެސް އިނީ ވާނުވާ ނޭނގިފައެވެ. ނަމަވެސް އަނާނީ ގިސްލަގިސްލާފައި ރޮމުންދާ މަންޒަރު ފެނިފައި އޭނާއަށް އަސަރުކޮށްފިއެވެ. “ތި ވެގެން އުޅޭގޮތެއް ބުނީމަ ދޯ އިނގޭނީވެސް. އޭރުން އެހީއެއް ވާންވެސް އިނގޭނީ..”
“ނުވެވޭނެ އެހީއެއް! މައި މަދަރ އިޒް ފައިޓިންގ ފޯ ހާރ ލައިފް! ދެއާ އިޒް ނަތިންގ ޔޫ ކެން ޑޫ އެބައުޓް އިޓް!” އަނާނީގެ ޖަޒުބާތުތައް އުތުރުއަރާފައި ހުރިވަރުން، ލޫކަސްގެ މޭމަތީގައި ތަޅައިގަނެވުނެވެ. ލޫކަސް ވަރަށް އޯގާތެރިކަމާއެކު އެ ދެ އަތުގައި ހިފެހެއްޓިއެވެ. އެއާއެކު އަނާނީއަށް، އެ މޭމަތީގައި ބޮނޑިވެގަނެވުނެވެ. އެއީ ކޮންމެ މީހަކަށްވިޔަސް ހެޔޮ ކަމަށެވެ. އޭނާ ހުރީ އެއަށްވުރެ ބޮޑަށް މީހެއްގެ އަޅާލުމަށް ބޭނުންވެފައެވެ.
އަނާނީއަށް ނިދާކަށް ނޫޅުނެވެ. ލޫކަސްގެ މޭމަތީގައި މޫނު ފޮރުވާލިގޮތަށް ގާ ވެފައި އިނީއެވެ. ލޫކަސް ކިތައްމެ ވަރަކަށް ނިދަން ބުނުމުން ވެސް ރުއިން ނޫންކަމެއް އަނާނީ ނުކުރެއެވެ. އެހެންކަމުން، ލޫކަސް އެންމެފަހުން އަނާނީ ރޯން ދޫކޮށްލީ، ރުއިމަކީ ސިއްޙަތަށް ރަނގަޅު ކަމަކަށް ވުމުންނެވެ. ދެރަވާ ވަގުތު ނުރޮއެ، އިޙުސާސްތައް އެތެރެއަށް ހިންދާލައިގެން އިނުމަކީ ގެއްލުން ހުރި ކަމެކެވެ. ހަމައެއާއެކު، އަނާނީ ދުރުކުރާކަށް ވެސް ލޫކަސް ނޫޅުނެވެ. އެގޮތަށް އެތައް އިރަކު ތިއްބައި، ކުއްލިއަކަށް އެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަން މީހަކުން، ލޫކަސްއަށް ލިބުނީ ސިހުމެކެވެ.
“ވަޓް ދަ…” ދޮރު ހުޅުވާލި ގޮތަށް ސާރާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. އަދި އިރުކޮޅަކު ހުއްޓުން އަރާފައި ހުރެ، އެތެރެއަށް ވަން ގޮތަށް އަނާނީގެ ހެދުމަށް ދަމާ ލޫކަސްއާ ދުރުކުރަން މަސައްކަތް ކުރިއެވެ. އޭރު އޭނާ ހުރީ ފެނުނު މަންޒަރުން ރުޅިއައިސްގެން ގޮސް ފަޅައިގެން ދާ ވަރުވެފައެވެ. ލޫކަސް ސާރާއަށް ހުރަސްއަޅަން އުޅުމުން ލޫކަސްގެ އަތްވެސް ފޮޅާލިއެވެ. “މިހިރަ ގޮތްކުޑަ އަންހެނާ! މިއީ ދޯ ކަލޭމެން މިގޭގަ އެކަނި ތިބެގެން ގަންނަ ގަނޑު! ފިރިހެނުންނާ ހެދި މޮޔަވެފަ ހުއްޓަސް ބޮޑުވަރު! މަގޭ ބިޓު ނޫން މީހެއް ނުވީތަ؟” ސާރާ އަނާނީގެ މޫނުމަތީގައި ތަޅައިގަތެވެ. އަދި އެއަށްފަހު، ދަމާފައި އެކޮޓަރިން ނެރުނެވެ. ދެން ދިމާކޮށްލީ ލޫކަސްއާއެވެ. “ލޫކަސް، މަށެއް ހިޔެއް ނުކުރަން ތިހެން އުޅެފާނެ ކަމަކަށް! ޔޫ އާ ސޯ ޗީޕް! ގޭގަ ގެންގުޅޭ ކުއްޖާއާ އެކީ… ޗީ! އަހަރެން އަދި މި އައީ ލޫކްގެ ބާރތުޑޭ ވީމަ ސަޕްރައިޒެއް ދޭން. ނަސީބެއް މަގޭ އަތަށް ޑަބަލް ކީ އެއް ދީފަ އޮތްކަން. މިކަންތައްގަނޑު ފެންނަން ވީމަ ތާ އެއީ! އައި އޭމް ޑިސްގަސްޓެޑް!” ލޫކަސް ވާހަކަ ދައްކާނެ ފުރުސަތެއް ވެސް ސާރާ ނުދިނެވެ.
އަނާނީ އެހުރި ތަނުގައި ހުރީ ހިރިލާންވެސް ނޭނގިފައެވެ. އޭރުވެސް ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. އަމިއްލަ ޙާލަތާއި ނިކަމެތިކަން ހިތަށް ވެރިވުމުން، ދުނިޔެ މަތިން ފޫހިވިއެވެ. އޭނާ އަކީ ވަރަށް ބަދުނަސީބު ކުއްޖެއްކަން އިރުއިރުކޮޅާ އަމިއްލަ ސިކުނޑި ހަނދާންކޮށްދެއެވެ. އަބަދުވެސް ދިމާވަނީ އެންމެ ދެރަގޮތެވެ. ހެޔޮއެދޭ މީހަކު ގާތުގައި ހުރީކީ ނޫނެވެ. ރީޝާވެސް އޭނާދެކެ މިހާރު ނަފްރަތު ކުރެއެވެ. އަމިއްލަ ބޮޑުދައިތަގެ ކައިރީގައި އުޅުނަސް، އެމީހުންވެސް އޭނާ ދެކެނީ ނޯކަރެއްގެ ގޮތުގައެވެ. މީގެއިތުރަށް އޭނާއަށް ދިމާވެފައި ހުރި ހުރިހާ ދެރަ ކަމެއް އެއްފަހަރާ ހަނދާންވާން ފެށުމުން، ގިސްލެވޭގޮތް ވިއެވެ. އެހެން މީހުންނެކޭ އެއްގޮތަށް އުފަލުގައި އުޅެން އޭނާއަށް ޙައްޤުނުވަނީ ހެއްޔެވެ.
ދުނިޔެމަތިން ފޫހިވެފައި ހުރިލެއް ބޮޑުކަމުން، ކޮންމެފަދަ ގޮތެއް ވިޔަސް ހެޔޮކަމަށް، އަނާނީ ނުކުތީ މަގުމައްޗަށެވެ. އޭރު އޭނާއަށް ރަނގަޅު ވިސްނުމެއް ނާދެއެވެ. ސިކުނޑި މަސައްތަކަތް ކުރުން ހުއްޓިފައިވާ ކަހަލައެވެ. ދެވޭ ނުދެވޭ ތަނެއްވެސް ނޭނގޭ ޙާލު، ބޭރުމަގަށް ނުކުމެވުނެވެ. ވަކިހިސާބަކުން، މެރީބްރައުން ކުރިމަތީގައި ހުރި ސައިކަލުތަކެއްގައި އިށީނދެގެން ތިބި ޒުވާން ފިރިހެނުންތަކަކަށް އަނާނީ ފެނިގެން، ތުމުންފުމެ ގޮވަން ފެށިއެވެ. ނަމަވެސް، ވަށައިގެން ހިނގާ އެއްވެސް ކަމެއް އަނާނީއަށް އެނގޭހެނެއް ހިއެއް ނުވެއެވެ. އެންމެފަހުން، އެމީހުންނަށް ނުތިބެވިގެން ކައިރިއަށް އައިސް އަނާނީ ވަށައިލައިފިއެވެ. އޭގެން އެކަކު އަނާނީގެ އިސްތަށިގަނޑަށް ދަމައި ހެދި އިރުވެސް އަނާނީ ހުރިގޮތަށް ހުރީއެވެ. އަނާނީގެ ހާވާލެވިފައި ހުރި އިސްތަށިގަނޑާއި، މޫނުމަތި ހުރިގޮތުން އެމީހުންނަށް ހީވީ އަނާނީ ހުރީ ހަމަޔަކު ނޫންހެނެވެ. އަދި، އަނާނީ އެމީހުންގެ ކިބައިން ސަލާމަތްވާންވެގެން އެއްވެސް ކަމެއް ނުކުރުމުން، އެމީހުން އެކަކު އަނެކަކަށް އިޝާރާތުން އެންގީ “ފުރުސަތުގެ ބޭނުން ހިފުމަށް ހިނގާށޭ” އެވެ. އެތަނަށް އެހެން ބަޔަކު ނާންނަނީސް އަނާނީ ގޮވައިގެން އެމީހުން ބޭނުންވީ ދާށެވެ. ނަމަވެސް އަނާނީގެ ނަސީބު ވަރަށް ރަނގަޅެވެ. އެވަގުތު އެހެންލާފައި ސައިކަލުގައި ދަމުން އަންހެން ކުއްޖަކަށް މިތަން ފެނިގެން އައިސް ސައިކަލު ކައިރިކޮށްލިއެވެ. އެއާއެކު އެންމެން އަނާނީއާ ދުރަށް ޖެހިލުމުން، އެކުއްޖާ އެންމެންނަށް ވަކިވަކިން ބަލައިލިއެވެ.
“އޭ ބައްޔެއްނު، އަޝްފާގް! ކައެ މެން ތަ؟ އަދިވެސް ތި އުޅުން ދޫކޮށްލާކަށް ނުވޭތަ؟” އެކުއްޖާ ހިތްހަމަނުޖެހިފައި މިހެން ބުނެލީ، އޭނާ ދަންނަ ބަޔަކަށް ވުމުންނެވެ. “މިރޭ ކޮންތާކުން ގެނައި ކުއްޖެއް މިއީ؟ ބަލާބަލަ އެކުއްޖާ ހުރިގޮތް!” އޭނާ ޗޮކެއްކަނޑައިލިއެވެ. އަދި އަނާނީއަށް ބަލަން ހުރެފައި ބުނެލިއެވެ. “އަރާ ސައިކަށް، ތިހެން ހުންނާކަށް ނުވާނެ، ކޮންމެފަދަ ކަމެއްވެސް ވެދާނެ!” އަންހެން ކުއްޖަކަސް، ވަރަށް ކެރޭ ކުއްޖެއްހެން ހީވެއެވެ. އޭނާ އަނާނީ ހުރިގޮތުން ހަމްދަރުދީވެވުނެވެ. އެވަގުތު އަނާނީއަށް އެތާ ވަމުން ދިޔަ ހުރިހާ ކަމެއް ރަނގަޅަށް ފަހުމް ވާން ފެށިއެވެ.
“އީވާއާ ހެދި ނެތެންނު އަހަރުންނަށް ކަމެއް ވާކަށް ވެސް؟ ތި ދެން ހީވަނީ މާ ރަނގަޅަށް އުޅޭ މީހެއްހެން. ދަންވަރު ތިހެން ތި އަންނަނީ ކޮންތާކުންކަން ވެސް އެބަ އިނގެޔޭ. މާ ރަނގަޅު މީހަކަށް ވާން އުޅެއެންނު އަދި އެބަ! ބަ* އެކޭ ދެން!” އެތާ ތިބި މީހުން ރުޅިއައިސްގެން، ހަޑިހުތުރު އެއްޗެހި ގޮވަމުން ދުރަށް ދާން ފެށިއެވެ. އެއާއެކު އަނާނީ އެ އަންހެންކުއްޖާގެ ސައިކަލު ފަހަތަށް އެރިއެވެ.
“ކޮންކުއްޖެއްތަ ތީ؟ މިއޮއްފަދަ ދަންވަރު ބޭރުގަ ތިއުޅެނީ، ގެއެއް ވެސް ނެތީތަ؟” އަނާނީއާ ސުވާލުކޮށްލިއެވެ. ނަމަވެސް އަނާނީ ޖަވާބެއް ނުދީ އިނުމުން، އަނާނީއަށް ކަމެއް ދިމާވެގެން އުޅޭކަން ނަގައިގަނެވުނެވެ. އެހެންކަމުން ބުނެލިއެވެ. “ލައިފް ސަކް ވެފަ ދޯ! ހިނގާ މަށާ އެއްކޮށް. ކުޑަކޮށް މައިންޑް ފްރީ ކޮށްލަން.”
އަނާނީ އިނީ އެކުއްޖާ ގެންދާ ތަނަކަށް ދާށެވެ. އަނގައިން އެންމެ ލަފްޒެއްވެސް ނުބުނެއެވެ. އެއީ ނުދަންނަ ކުއްޖަކަސް، އަނާނީއަށް ހެވެވެ. އެންމެކުޑަމިނުން ނަމެއް ވެސް ނޭނގެއެވެ. ހަމައެކަނި އިނގޭ އެއްޗަކީ، ޒުވާން އުމުރުގެ ކުއްޖެއްކަމެވެ. އަދި އަނާނީ އެއޮއްބޮޑު މުސީބާތުން ސަލާމަތްކޮށްދިނުމުން، ދެރަ ގޮތެއް ނުހަދާނެކަން އެނގެއެވެ.
ސައިކަލު ހުއްޓާފައި، އޭނާ އަނާނީ ގޮވައިގެން ވަންނަން ފެށި ގޯޅިއަކީ އަނާނީ ވަރަށް ދަންނަ ގޯޅިއެކެވެ. އިތުރަށް ވިސްނައިލުމުން، އެއީ ކިހިނެއް ދަންނަ ގޯޅިއެއްކަން ހަނދާންވިއެވެ. ޔާނިއު އަނާނީ ގޮވައިގެން އައި ގޯޅިއަކީ މިއެވެ. އަދި އެކުއްޖާ ޓަކި ޖެހި ދޮރަކީ ވެސް ހަމަ ޔާނިއުއާއެކު އެރޭ ވަން ތަނެވެ. އަނާނީ ހައިރާންވިއެވެ. މިއީ ފިރިހެނުންތަކެއް ތިބޭ ތަނެއް ނޫންހެއްޔެވެ. މިތަނަށް އަންހެނުން ވެސް ވަދެ އުޅޭ ހެއްޔެވެ.
“އީވާ؟ މިއީ ކޮން ކުއްޖެއް؟” ދޮރު ހުޅުވި މީހާ އަހައިލިއެވެ. އީވާ ޖަވާބެއް ނުދީ އެތެރެއަށް ވަންނަމުން، އަނާނީއަށް ވެސް ވަންނަން އިޝާރާތްކޮށްލިއެވެ. އަނާނީ މަޑުމަޑުން ފިޔަވަޅު އަޅައިލިއެވެ. އަދި އެތެރެއަށް ވަދެވުމުން ރަނގަޅަށް ބަލައިލިއެވެ. ތިބީ އެންމެ ތިން މީހުންނެވެ. އެކަކު އޮތީ ތަޅުންގަނޑު މަތީގައި ބާލީހެއް ބާއްވައިގެން ނިދާފައެވެ. އަނެއް ދެމީހުން ކަރުދާސް ކޮޅެއްގައި އެއްޗެއް އޮޅަން ތިއްބެވެ. ދޮރު ހުޅުވީ އޭގެން މީހެކެވެ. މިއީ ކުރިން ފަހަރުވެސް ތިބި މީހުންގެ ތެރެއިން ބައެއް ކަންނޭނގެއެވެ. އަނާނީ މާބޮޑަކަށް އެމީހުންގެ ސޫރަ ހަނދާނެއް ނެތެވެ. ނަމަވެސް މިތާކު ޔާނިއުއެއް ނެތެވެ.
އީވާ އަނާނީ ގޮވައިގެން އެތާ ހުރި ކުޑަވަރެއްގެ ސޯފާއެއްގައި ބޭންދިއެވެ. އަދި އެއަށްފަހު އަހައިލިއެވެ. “އަސްލު ކީއްވެ ދަންވަރު ނުކުމެ ތިއުޅެނީ؟ ގޭ މީހުންނާ މައްސަލަ ޖެހިގެންތަ؟” އަނާނީ ނޫނެކޭ ބުނެލީ ބޮލުގެ އިޝާރާތުންނެވެ. އޭރު އެތާ ތިބި ދެމީހުން އަނާނީއަށް ބަލަހައްޓައިގެން ތިބީ، އެއްޗެއް ހަނދާންކުރާ ފަދައިންނެވެ.
“އޭ! ތީ ޔާންޓެ އެއްރޭ ގެނައި ކުއްޖެއް ދޯ މިތަނަށް؟” އެތަނުން އެކަކު އަހައިލިއެވެ. އަނާނީ އެއްޗެކޭ ނުބުނެ ދުރަށް ބަލަހައްޓައިގެން އިނެވެ. އެމީހުންނަށް އަނާނީ ވަކި ކުރަން އެނގިއްޖެއެވެ.
“އެ ތެދެއް؟ ޔާން ދަންނަނީ ކިހިނެއް؟” އީވާ ހައިރާންވެފައި އަހައިލިއެވެ. ނަމަވެސް އަނާނީގެ ފަރާތުން ޖަވާބެއް ނުލިބުމުން، ދުރަށް ޖެހިލާފައި، އެތާ އިން އެކަކު ކައިރީ ސިއްރުން ވާހަކައެއް ދައްކާލާފައި، ސިޑިން މައްޗަށް އެރިއެވެ. އަދި މަތީގައި ހުރި ކޮޓަރީގައި ޓަކި ޖަހައިލުމުން، އިރުކޮޅެއް ކޮށްލާފައި ދޮރު ހުޅުވީ ޔާނިއުއެވެ. އަނާނީ އިނީ އެހެން ދިމާއެއްގައި ކަމުން، އެތަނެއް އޭނާއަކަށް ނުފެނެއެވެ. އީވާ ޔާނިއު ކައިރީ ސިއްރުން އެއްޗެކޭ ބުނެލިއެވެ. ޔާނިއު ގަމީހުގެ ގޮށްތައް އަޅުވަމުން، އީވާ ކައިރީ ވަންނަން ބުންޏެވެ. އަދި އެއަށްފަހު، އެތެރޭގައި އިން އަންހެން ކުއްޖާ އަތަށް ބިންމަތީގައި އޮތް ހެދުމެއް ނަގައި ދިއްކޮށްލުމުން، އެކުއްޖާ އަވަސްއަވަހަށް އެ ލައިގެން ކޮޓަރިން ނުކުންނަން ދިޔައެވެ. އެއާއެކު ޔާނިއު “އެބަ ދަމޭ، ތިރީގައި މަޑުކޮށްލާށޭ” ބުނެލިއެވެ.
“މަށަށް މިރޭ މަގުމަތިން ފެނުން އަންހެން ކުއްޖެއް އިންނާނެ ގެނެއްސަ..” އީވާ ބުނަން ފެށިއެވެ.
“ދެން އޯކޭއޭ ބުނީމެއްނު! މައީޝާ ގެނައީއޭ އެންމެފަހުން!” ޔާނިއު ދެންމެ ނުކުތް ކުއްޖާއަށް އިޝާރާތްކޮށްލިއެވެ.
“ނޫނެކޭ، އަޑުއަހާބަލަ! އެކަމުގަ ނެގައި ކުއްޖެއް ނޫނޭ. އެއްކަލަ އަޝްފާގުމެން މަގުމަތިން ބެހެނިކޮށް ފެނިގެން މަ ގޮސް ހުއްޓުވީ. ވަރަށް ލައިފް ސަކް ވެފަހުރި ކުއްޖެއްހެން ހީވަނީ. އެހެންވެ އަސްލު މިތަނަށް ގެނައީ. ޕިލް އެއް ދެނިކޮށް އޯކޭ ވެދާނެ ކަމަށް. އެކަމު ޔަރޫމެން އެބަ ކިޔާ ޔާންގެ ފްރެންޑެކޭ. ނަމެއް މަށެއް ނާހަން އަދި. ވާހަކައެއް ނުދައްކާ އޭނަ. ޔާން ގޮސް ބަލާލަބަ ދަންނަންތޯ!” އީވާ ކިޔައިދިނެވެ. ޔާނިއު ވިސްނައިލިއެވެ. އަދި ތިރިއަށް ހިނގާށޭ ކިޔާފައި ނުކުމެގެން ދިޔައެވެ. ފަހަތުން އީވާ ނުކުތެވެ.
އިރުކޮޅެއް ކުރިން ތިރިއަށް ފޭބި އަންހެންކުއްޖާ، ސުވާލު އުފެދިފައި ހުރި ނަޒަރަކުން އަނާނީއަށް ބަލަން ހުރީ ބޭރަށް ނުކުންނަ ދޮރު ކައިރީ މަޑުކޮށްލައިގެނެވެ. އަދި އެތާ ތިބި ދެމީހުންނަށް ލޮލުން އިޝާރާތްކޮށްލަމުން، މިއީ ކާކުހޭ އަހައިލިއެވެ. އެދެމީހުން ޖަހައިލީ ހިނިގަނޑެކެވެ. އަނާނީ އިނީ އެހެން ދިމާއަކަށް ގެއްލިފައި، ކޮންމެވެސް ޚިޔާލެއްގައެވެ. އެހެން އިންދައި ޔާނިއުއާއި އީވާ ފައިބައިގެން އައެވެ. ނަމަވެސް އަނާނީއަށް މިކަން ރޭކާނުލީ، މާބޮޑަށް ޚިޔާލުތަކުގެ ތެރެއަށް ވަދެފައި އިނުމުންނެވެ.
ސޯފާގައި އިނީ ކާކުތޯ ބަލާނުލައި، ޔާނިއު ފުރަތަމަ ވެސް ދޮރުކައިރީ ހުރި އަންހެން ކުއްޖާއާ ދިމާއަށް ދިޔައެވެ. އަދި ޖީބުން ވޮލެޓު ނަގައި، 500 ރުފިޔާގެ ނޫޓެއް ދިއްކޮށްލުމުން، އެކުއްޖާ އަނާނީއާ ދިމާއަށް އަދި އެއްފަހަރު ލޯއަޅާލާފައި ނުކުމެގެން ދިޔައެވެ. ޔާނިއު އެނބުރުނުތަނާ، ސޯފާގައި އިން އަނާނީ ލޮލުގައި އަޅައިގަތެވެ. އޭނާއަށް ލިބުނީ ސިހުމެކެވެ. އީވާ އެބުނި ކުއްޖާއަކީ އަނާނީއަށް ވާނެ ކަމަށް އޭނާ ކުޑަކޮށް ވެސް ހިތަށް އަރާފައެއް ނުވެއެވެ. އެހެންކަމުން، ދެލޯ އުނގުޅައި ބަލައިލީ، އޭނާއަށް މިފެންނަނީ ރަނގަޅަށްތޯ ޔަގީންކުރާށެވެ.
“އަނާނީ؟” ޔާނިއު އަނާނީއާ ކައިރިއަށް ޖެހިލާފައި، ގަބޫލުކުރަން ދަތިވެފައި ހުރި ރާގެއްގައި ބުނެލިއެވެ. އޭރު އީވާއާ އަނެއް ދެމީހުން ދުރުގައި ނިކަން ޝައުގުވެރިކަމާއެކު ވާނުވާ ބަލަން ތިއްބެވެ.
ކުރިމައްޗަށް އައިސް މީހަކު ހުއްޓުމުން، އަނާނީއަށް ޚިޔާލުތަކުން ބޭރުވެވުނެވެ. އަދި އިސްއުފުލައި، ބަލައިލި ވަގުތު ޔާނިއުގެ މޫނު ފެނުމުން، އަނާނީއަށް ތެދުވެވުނެވެ.
“ކިހިނެއްވެފަ ތިހުރީ؟” ޔާނިއު ހުރީ ސުވާލުމާކެއްގައެވެ. އަނާނީގެ ފެންކަޅިވެފައި ހުރި ދެލޯ ފެނުމުން، ކޮންމެވެސް ބޮޑުކަމެއް ހިނގައިފި ކަން އެނގުނެވެ. ނަމަވެސް އަނގައިން ބަހެއް ނުބުނެ، އެ ދެލޮލުން ޔާނިއުއަށް ބަލަން ހުރުމުން، އުނދަގޫވާން ފެށުމުން ޔާނިއު ބުންޏެވެ. “އާދެބަ މައްޗަށް. ތި ވެގެން އުޅޭ ގޮތެއް ކިޔައިދޭން.”
ޔާނިއު އަނާނީގެ އަތުގައި ހިފައި، ސިޑިއާ ދިމާއަށް ދިޔައެވެ. އަދި މަޑުމަޑުން ސިޑިން މައްޗަށް އަރަންފެށިއެވެ. އަނާނީ އެއްވެސް ދެކޮޅުހެދުމެއް ނެތި، ޔާނިއުއާ އެއްވަރަށް އެރިއެވެ. އަދި ކޮޓަރިއަށް ވަނެވެ. އެއާއެކު ޔާނިއު ދޮރު ލައްޕާލާފައި އިށީނުމަށް ބުންޏެވެ.
“ހަމަޖެހިލާފަ ކިޔައިދީބަ. ތިގޭ އުޅޭ ސޮރު ކަމެއް ކުރީދޯ” ޔާނިއުވެސް އަނާނީ ކައިރީ އިށީންނަމުން، އޭނާއަށް ހީވިގޮތަށް ބުނެލިއެވެ. ނަމަވެސް އަނާނީ ދެކޮޅަށް ބޯހޫރުވާލިއެވެ. އެއާއެކު އޭނާއަށް ރޮވެން ފެށުނެވެ. މިތަން ފެނިފައި، ޔާނިއުގެ ހިތަށް އަސަރު ކުރަން ފެށީ ކީއްވެކަމެއް ނޭނގެއެވެ. އޭނާ ބަލަން ނީނދެ، އަނާނީ ގެނެސް މޭގައި ޖައްސައިލިއެވެ. އެވަގުތު ޔާނިއުގެ ގައިން ދުވަން ފެށި މީރު ވަހަކުން އަނާނީއަށް ހީވީ ހިނދުކޮޅަކަށް ހިތާމަތަކުން ލުޔެއް ލިބުނުހެނެވެ. އެތެރެއަށް ފުންނޭވާއެއް ދަމައިލެވުނެވެ. މިއީ މިވަގުތު އޭނާ އެންމެން ހުންނަން ބޭނުންވި ތަނެވެ. ޔާނިއުގެ އަތުތެރެއެވެ. ތަޤްދީރުން އެކަން ހާސިލްވެއްޖެއެވެ.
“ހުރިހާ ކަމެއް ގޯސްކޮށް ދަނީ. އެއްވެސް ކަމެއް ރަނގަޅެއް ނޫން. ބޭނުންވަނީ މިކަންތައް ތަކުން ލުޔެއް ހޯދަން. ހެލްޕް މީ..” ރުއިމުގެ ތެރެއިން އަނާނީ ބުނެލި އަޑު އިވުނެވެ.
“ކީއް ކޮށްދޭން ވީ؟” ޔާނިއު އަހައިލިއެވެ.
“ކޮންމެ ކަމެއް ކުރިޔަސް ހެޔޮ. ޔާން ބޭނުން ކަމެއް ކުރޭ. އަހަރެން މިހުރީ ރުހިގެން.” އަނާނީއަށް ބުނެވުނެވެ. އެވަގުތު ޔާނިއުއަށް އަނާނީ ދުރުކޮށްލެވުނެވެ.
“ކީކޭ ތި ކިޔަނީ؟” އަނާނީ ބުނި އެތީގެ މާނަ ނެގުނު ގޮތަކުން ޔާނިއު ހައިރާންވެފައި އަހައިލިއެވެ.
“ޕްލީޒް..” އަނާނީ ޔާނިއުއާ ކައިރިއަށް ޖެހިލާފައި، ޔާނިއުގެ ގަމީހުގެ ގޮށްތައް ނައްޓަން އުޅުނެވެ. ޔާނިއު ވަގުތުން އެކަން ހުއްޓުވިއެވެ. އަދި އަވަސްއަވަހަށް އެތަނުން ތެދުވިއެވެ.
“އާ ޔޫ އޯކޭ؟” އަނާނީ ހުރީ ހަމަހޭގައި ނޫންކަމަށް ޔާނިއުއަށް ހީވިއެވެ.
“ކިހިނެއްވީ؟ އެހެން އަންހެން ކުދިންނާއެކު ޔާނިއު ކުރާ ކަމަކީ އެއެއްނު. ކޮބާ އަހަންނާ އެހެން ކުދިންނާ ހުރި ތަފާތަކީ؟” އަނާނީގެ ވާހަކަ ހުރިގޮތުން ހީވަނީ މުޅިން އެހެން މީހެއްހެނެވެ. އޭނާ މިހެން ބުނީ ޝަކުވާކުރާ ފަދަގޮތަކަށެވެ. އޭރު އޭނާގެ ރުއިން ހުރީ ހުއްޓިފައެވެ. ޔާނިއު އެއްޗެކޭ ނުބުނެ ބަލަހައްޓައިގެން ހުރުމުން އަނާނީ ވަރަށް ބާރަށް އެ ސުވާލު ތަކުރާރުކޮށްލި އިރު ހީވީ، މޮޔަވެފައި ހުރި އަންހެން ކުއްޖެއްހެނެވެ. މޫނުމަތިން ފެންނަން ހުރީ ރުޅިވެރިކަމެވެ. މިއީ މީގެ އިރުކޮޅެއް ކުރިން ފެންނަން ހުރި އަނާނީހެން ހީވެސް ނުވެއެވެ.
“ބިކޯސް ޔޫ އާ އެ ވާރޖިން އެންޑް އައި ޑޯންޓް ޑޫ ވާރޖިންސް!” މިހެން ބުނެލާފައި ޔާނިއު ނުކުމެގެން ދިޔައެވެ. އިތުރު ވާހަކައެއް ދައްކަން އޭނާ ބޭނުންނުވާ ކަހަލައެވެ. މޫނުމަތިން ފެންނަން ހުރީވެސް ހިތްހަމަނުޖެހުމުގެ ކުލަވަރެވެ.
ބާރު ފިޔަވަޅު ތަކެއްގައި ޔާނިއު ތިރިއަށް ފޭބިއެވެ. އަދި އީވާއަށް އަމުރު ކޮށްލީ އަނާނީ ގޮވައިގެން ގެއަށް ލާން ދިޔުމަށެވެ. ޔާނިއުގެ މޫނުމަތީގެ ކުލަވަރު ފެނިފައި އީވާ ވެސް އިތުރު ސުވާލެއް ނުކޮށް އަވަސްއަވަހަށް އަނާނީ ގޮވައިގެން އައެވެ. އަދި އެތަނުން ނުކުންނަމުން އަނާނީ ޔާނިއުއަށް ބަލަން ހުރި ގޮތް ފެނިފައި އީވާގެ ހިތުގައި އިތުރު ސުވާލުތަކެއް ފުނިޖެހުނެވެ. މަތީގައި ހިނގައިދިޔައީ ކޮންކަމެއްބާއެވެ.
އަނާނީ ފޫހިގޮތަކަށް އީވާގެ ފަހަތަށް އަރާފައި، އީވާ އެހުމުން އޭނާގެ ގެ ހުންނަ ތަން ކިޔައިދިނެވެ. އީވާ އިތުރު ވާހަކައެއް ނުދައްކާ ސީދާ އަނާނީ ގެއާ ހަމައަށް ގެންގޮސްދިނެވެ. އަނާނީ ފޭބުމުން އިތުރަށް ނުވެސް ބަލާލާ، ސައިކަލުގައި ދިޔައެވެ.
“ހާދަ ނައްޓާފައޭ؟” ޔާނިއު އެތާ ޖައްސައިލުމުން، ޔަރުހަމް އަހައިލިއެވެ.
“ނައްޓާނެ ދޯ، މަ އެންމެ ހީ ނުކުރި ކުއްޖާ އެހެން އުޅުނީމަ!” އެތާ ހުރި ފުޅިއެއްގައި ހުރި އެއްޗެއް ބިއްލޫރި ތަށްޓަކަށް އަޅަމުން ޔާނިއު ބުންޏެވެ.
“ކިހިނެއް އުޅުނީތަ؟” ޔަރުހަމް އިތުރަށް އަހައިލިއެވެ.
“ގަޔަށް އަރަން!” އެއްނޭވާއިން އޭތި ބޯލާފައި ޔާނިއު ބުނެލިއެވެ.
(ނުުނިމޭ)
21 Comments!
Comments are closed.
Kon irakum next part? V nice mi part ves. Ekam heevany kuruhen
OMG.. Fabulous.. I have been dying to read this..
When next part? Mi week ga adhi one part plx
Varah reethi story eh v interesting .alhe keehvetha up nukohdhee ehaaginadhuvas thikuree dhen avahah up kohdheythi. Kiyaahithun hureveneekeenoon.
Ebunaahen haadha lahun thi up kuranee,thankolheh avahah up kohdheebala,v v kiyaa hithun miulhenee,v nice mi part ves,keep it up dear,next part soon plx
Anany bad vany thr?? mi part vxx vvv nice.. Avax kohlache next part
Dhen Alhe mi vahaka kiyaa hiyvany avahah upkodhybaaaa.. Ehn noony up kurane ireh bunelaba
Aishasha gelluny thr aharemenah!! 🙁
When’s next part??
Avahah upkohba Plz Plz Plz upkohba miadhu
Miharu 11 days vy enme fahun upkuritha.. Vvvv impatient vefa mihury.. R u sick?? Plz reply
plxxxxxx reply
Dhen Alhe koba thrr??? nuvanna kieh kuran tha miha hisabah vx upkurany aharemen kiya hih kuruvan… Seriously I am very much disappointed.. Shain vahaka vx mi vahaka vx mashah hyvany mi ossuny hen dhen
Mi vahaka vxx huttuny tha.. Mi mashah v reethi vahaka eh aishasha ramadan fahun up kuranan dhw.. Plxxxxxxxxxxcxxxxxx
aslu alhugandu ge lap halaaku vefa inyma aneh part nuliyevi Gina dhuvas vee, phonun liyan Varah undhagoo.. Dhen ehen huhtaa roadha mas mi aee. Mi vaahaka aky roadha mahaa Nugulhey vaahaka akah veema madu jahsaaly.. it’s an 18+ story.. but roadhaige fahun kuriyah gendhaanan in shaa allah. Sorry guys 🙁
Thnkolheh kurin thihen bunelinama… Anyways itsok roadhaige fahun vx genesdhenna ok..
Mihaare roadha mas ves dhiyai.. Ha roadha ves dhiyai.. Upload kuranenna miadhu miharu upkohfys.. Eha gina dhuvas va iru gaimun plot vx rey vey ne..
Alhe avahah up kohdhyba mi story.?? Varah reethi mi story ..
EID mubarik.. Avahah next part fennane kamah ummeedh kuran
Aishasha… Alhe avax kohlaba. We are waiting ey
Alhe aishasha please.. Upkohba lap nuhedhenna vx bunelaba