
މައި ނޭމް އިޒް ޚާން (ތޭރަވަނަ ބައި)
ދިއްދޫއަކީ މިކަހަލަ އެތަކެއް ހިތި ހަނދާންތަކެއް ވަޅުލެވިފައިވާ ރަށެކެވެ. އަހަރެން އެރަށު ފަސްގަނޑުގައި ފައިޖެހުމާއެކު އެއިން ކޮންމެ ހަނދާނެއް އާވާނެކަން ޔަޤީނެވެ. އެހަނދާންތަކާ ގުޅުންހުރި އެތަކެއް ތަންތަނެއް ފެންނާނެއެވެ. އެމާޒީގެ މަންޒަރުތައް ލޯކުރިމައްޗަށް ސިފަވާނެއެވެ. އެހެންވިޔަސް އަހަރެންގެ ދުޢާއަކީ މާޒީގައި އަހަރެންގެ އިތުބާރު ވެއްޔާ މޮޑެލި އެކެއްގެ ސޫރަވެސް ނުދެއްކެވުމެވެ. އަހަރެން ދިއްދޫ ފަސްގަނޑުގައި ފައި ޖައްސާލީވެސް އެއުންމީދާއެކުއެވެ. ނަމަވެސް ތަޤުދީރުގައި އެއިން މީހަކާ ބައްދަލުވުމަށް ލިޔެވިފައިވާނަމަ އެކަން އެގޮތަށް ހިނގާނެކަން ކަށަވަރެވެ.
އަހަރެން ރަށަށް ފޭބި ގޮތަށް ފުރަތަމަވެސް ދިޔައީ ހޮސްޕިޓަލާ ދިމާއަށެވެ. އަވަހަށް ނަންބަރެއް ނަގައި ޑޮކްޓަރަށް ދައްކާލުމުގެ ބޭނުމުގައެވެ. މަންމަ ޑޮކްޓަރަށް ދައްކާ ހަދަންޖެހުނު ޓެސްޓްތައް ހަދައި އެކަމުން މުޅިން ސަލާމަތްވެވޭވަރުވީ މެންދުރުވާން ކައިރިވެފައި ވަނިކޮށެވެ.
“..ދަރިފުޅާ ހިނގާބަލަ ޝާކިރާމެން ގެޔަށް..” މަންމަ ހޮސްޕިޓަލުން ނުކުތްގޮތަށް ބޭނުންވީ ޝާންޓޭމެން ގެޔަށްދާށެވެ. އަހަރެން ހައިރާނެއް ނުވެއެވެ. މަންމަ އެގެޔަށް ދާން ބޭނުންވާނެކަން މާކުރިންވެސް އެނގެއެވެ. އެހެންކަމުން އަހަރެންހުރީ އެކަމަށް ރެޑީވެގެންނެވެ.
“..މަންމަ އެގެޔަށްލައިފަ އަޅުގަނޑު އެއްޗެހި ތަކެއް ގަނެލަންދާނީ.. އެންމެ ރަނގަޅު ދޯ..”
“..އެންމެ ރަނގަޅު..” މަންމަ ހިނިތުންވެލިއެވެ.
އަހަރެން ޝާންޓޭގެ ސޫރަވެސް ދެކޭކަށް ބޭނުމެއް ނޫނެވެ. އެކަހަލަ މީހަކަށް އިތުބާރުކޮށް ކައިރިކޮށްގެން ގެންގުޅެވުނީތީ މިއަދު އަހަރެން ދެރަވަމެވެ. ނޭގިނަމަވެސް އަހަރެންނަށްވަނީ އޭނާއާއެކު ގުޅުމެއް ހިންގިފައެވެ. ފާފައަކަށް އަރާގަނެވިފައެވެ. އެކަމާ އަހަރެން ލަދުގަނެއެވެ. ޝާންޓޭ ލޯބީގެ ނަޒަރުން ބެލީތީ ރުޅި އާދެއެވެ. އަހަރެން ދެކޭ ގޮތުގައި ޝާންޓޭއެކޭ އަހަރެން ބައްޕައެކޭ ހަމަހަމައެވެ. ދެމީހުންވެސް ހިނގީ އެއްމަގަކުންނެވެ. އަހަރެން ކުޑައިރު ތެޅެންޖެހުނު ހާލު އަދިވެސް ހިތުން ފޮހެވިގެން ނުދެއެވެ. އެހާލުގައި އުޅެންޖެހުނީވެސް އެކަހަލަ މީހެއްގެ ސަބަބުންނެވެ. އެކަހަލަ ފިރިހެން ކުޅިއެއްގެ ސަބަބުންނެވެ. އަހަރެން އެކަހަލަ މީހުންނަށް އަހަރެން ނަފުރަތު ކުރަމެވެ.
“..މަންމަ ދެން ދޭ..” އަހަރެން ޝާންޓޭމެން ގެޔާ މާދުރުނޫން ހިސާބަކަށް މަޑުކޮށްލީމެވެ. “..އަދި އަޅުގަނޑު އެބަޖެހޭ ކައުންސިލް އިދާރާއަށްވެސް ވަދެލަން.. ވަގުތެއް ވެއްޖެޔާ ބަލާނަން މަންމަ ބަލާ އާދެވޭތޯ.. ނާދެވެންޏާވެސް ގުޅާނަން..”
“..ދަރިފުޅު ނަޔަސް ރަނގަޅުވާނެ.. މަންމަ ފެރީ ފުރާގަޑިއަށް ބަނދަރަށް ނުކުންނާނަން.. މާދުރެއްވެސް ނޫނެއްނުން..” މަންމަ ހިނގައި ގަތެވެ.
އަހަރެން ބޮޑުމަގުމަތިން ހިނގަމުން ދިޔައީ ކައުންސިލް އިދާރާއާ ދިމާއަށެވެ. އަހަރެން ހަމަޖެހިފައި ހުއްޓެއްކަމަކު މިއަދު މީ ރީމްގެ ހަނދާންތައް އާވާ ދުވަހެކެވެ. އެހަނދާންތައް އުނދަގޫކުރާ ދުވަހެކެވެ. އޭނާއާ ގުޅުންހުރި އެތަކެއް މަންޒަރުތަކެއް މި މަގުމަތިންވެސް ފެންނަމުން އެބަދެޔެވެ. އޭނާއާ އެކީ އުފަލުގައި އުޅުނު 01 އަހަރު ދުވަސް އެއީ ދުވަހަކުވެސް ހިތުން ފޮހެވިގެން ނުދާނޭ ދުވަސްތަކެކެވެ. އަހަރެންގެ އުމުރުން މިވީ 23 އަހަރުތެރޭގައި އުފަލުގައި އުޅެވުނީ އެ 01 އަހަރު ދުވަހު ތެރޭގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރީމްވަނީ އެ ލިބުނު އުފާވެރިކަންވެސް ފޭރިގަނެފައެވެ. އޭގެފަހުން އެފަދަ އުފާވެރިކަމެއް އަދި މިވަނީ ނުލިބިފައެވެ. ކުރިޔަށް އޮތްތާގައި ލިބޭނެ ހެނެއްވެސް ހިޔެއް ނުވެއެވެ.
އަހަރެން ރީމްގެ ހިޔާލުގައި ހިނގަމުން ދަނިކޮށް ސިހިގެންދިޔައީ ބަރުގޮނު އަޅާލިއަޑަށެވެ. މަގުގެ އަނެއް ފަރާތަށް ބަލާލިއިރު ސައިކަލެއް މަތީ މީހަކު އިނެވެ. އެމީހާ ހިނިތުންވެލިއެވެ. ސައިކަލު ދުއްވާލައިފައި އައިސް މަޑުކޮށްލިއެވެ. އަހަރެންނަށް އެމީހަކު ދަންނަ މީހަކާ ވައްތަރުވިއެވެ.
“..ޚާން.. ކޮބާ ކޮންހާލެއް..” އެމީހާ ސަލާންކޮށްލަން އަތްދިކޮށްލިއެވެ. އަހަރެންނަށް ކާކުކަމެއް ނޭގުނެވެ.
“..ނޭގުންތަ؟ މީ ޒާލްއޭ..” އެމީހާ ބުނެލަދިނެވެ.
“..އޯ މައި ގޯޑް..” އަހަރެންނަށް އެއީ ޒާލްކަން ޤަބޫލްކުރަންވެސް އުނދަގުލެވެ. ކުރީގައި ހިކިކޮށް ހުރި މީހަކު މިހާރު އެހުރީ އޭރުގެ ހަތަރު ގުނައަށް ފަލަވެފައެވެ.
“..އަސްލުވެސް ނޭގިފަ މިހުރީ.. މަ ހަމަ ބަރާބަރޭ..” އަހަރެން ސަލާންކޮށްލީމެވެ.
“..އެހެންވެދާނެ..” ޒާލް ހިނިތުންވެލިއެވެ. “..ކޮބާ ކޮންދަތުރެއް.. ރަށުގަތަ އުޅެނީ.. ކިޔަވާނިމުންފަހުން ލޮލަށްވެސް ފެނިނުލާ ވިއްޔާ ކިހިނެއް އެނގޭނީވެސް.. ޚާންއަކަށް ނާދޭނުން މާ ބޮޑުބަދަލެއް..”
“..ރަށު ކައުންސިލުން ޖޮބް ލިބުނީމަ މިކޮޅަށް ޗޭންޖްވީ މިއަހަރު ކުރީކޮޅު.. އެހެންވީމަ ނުފެންނާނެނުން.. މިހުރިހާ ދުވަހު އުޅުނީ މާލޭ ކޮޅުގަ.. މިހާރު މިއުޅެނީ ހޮސްޕިޓަލަށް އައިސްގެން..”
“..ކޮންތާކަށް ތިދަނީ.. ވަގުތު އެބައޮތްތަ؟..ހިނގާބަލަ އަނގަތަޅާލަން ކޮފީއަކަށް އަރަން..” ޒާލް ބުނެލިއެވެ. “..އަރާ ފަހަތަށް..”
“…އޯކޭ ހިނގާ…” އަހަރެން ޒާލްގެ ސައިކަލު ފަހަތަށް އަރާ ހަމަޖެހިލީމެވެ. “..އިހަށް ހިނގާބަލަ ކައުންސިލަށް އެތަނުން އެބަޖެހޭ އެއްޗެހިތަކެއް ނަގަން..”
އަހަރުމެން ދެމީހުން އެދުވަހު ކޮފީގައި ތިބެގެން އެތަކެއް ވާހަކަތަކެއް ދެއްކީމެވެ. ދިރިއުޅުމުގެ ވާހަކަތަކާއި ސުކޫލް ދައުރުގެ ވާހަކަތަކެވެ. އެކީ ކިޔަވަން އުޅުން ކުދިންކޮޅުގެ ވާހަކަތަކެވެ. އެހެން ވާހަކަ ދެއްކުމުގެ ތެރޭގައި ޝާންޓޭގެ ވާހަކަވެސް ދެކެވެން ފެށުނެވެ.
“..ޝާންޓޭއާ ގުޅުން އޮވޭތަ މިހާރުވެސް..” ޒާލް ސުވާލްކޮށްލިއެވެ. “..މިބުނީ އޭނަގެ އެއްވެސް ހަބަރެއް ވޭހޭ..”
އަހަރެން އެއްވެސް ޖަވާބެއް ނުދީ ކުޑަ އިރުކޮޅަކު މަޑުކޮށްލީމެވެ. ޝާންޓޭގެ ވާހަކަ ދައްކަން ބޭނުންނުވި ކަމުގައިވިޔަސް އޭނަގެ ވާހަކަތަކައިގެން ކުރިޔަށް ދިޔައީމެވެ.
“..ނޫން.. ކިޔަވާ ނިމުންފަހުން އެއްވެސް ހަބަރެއް ނުވެ.. އޭނަ އެބައުޅޭތަ ރަށުގަ..” އަހަރެން ބޭނުންވީ އޭނާ ރަށުގައި އުޅޭތޯ ބަލާލާށެވެ. ނޫޅޭނަމަ ޝާކިރާއްތަ މެންގެޔަށްވެސް ދެވިދާނެތާއެވެ.
“..ނޫން.. ނޫޅޭ.. ޚާންއަކަށް ނޭގޭދޯ އެހެންވީމާ އެއްކަމެއްވެސް..” ކޮފީތަށި ތުނބުގައި ޖައްސާލަމުން ޒާލް ބުނެލިއެވެ.
“..ކޮންކަމެއްތަ؟..” އަހަރެންނަށް ވަގުތުން އެހުނެވެ.
“..ޝާންޓޭ އެއީ ކުޅީގެ މީހެއްނުން..” އަހަރެން ބަސް ހުއްޓުނެވެ. އެއީ އަހަރެންނަށް އެނގޭ ކަމެކެވެ. ޝާންޓޭގެ އެ އަނދިރި ފަރާތް މީގެ އަހަރުތަކެއް ކުރިން އަހަރެންނަށް ވަނީ އެނގިފައެވެ. އެކަން ޒާލްއަށް އެނގުނީ ކިހިނެއްބާއެވެ؟
“..ކިޔަވާ ނިމުންތާ ދުވަސްކޮޅެއްފަހުން ކުލާހުގަ އުޅުނެއްނުން ފާތިކް އޭނައާ އެކު ކުޅެން އޮއްވާ ބަސްޓްވީ..”
“..ވަޓް ފާތިކްވެސްތަ؟..” އަހަރެންނަށް ކޮންމެސް ވަރެއްގެ ހައިރާންކަމެއް ލިބުނެވެ. އެވަގުތު އަހަރެން ހިތަށްއެރިއެވެ. ފާތިކްއާ ފަހުން ގުޅާލައިގެން މިއުޅުނީ މިކުޅި ކުޅެންތާއެވެ.
“..ކޮބާ މިހާރު ޖަލުގަތަ؟..”
“..ނޫން ޖަލަކުނޫން ވީ..” ޒާލް އިތުރަށް އޮޅުންފިލުވައި ދިނެވެ. “..ޝާންޓޭމެން ގޭ ކޮންމެވެސް މީހަކަށް ބަސްޓްވީ.. ރަށުތެރޭ ވަރަށް އަޑު ހަރުކޮށް ދެކެވުނު އެވާހަކަތައް.. ބަސްޓްވީމަ މިރަށުން ނައްޓާލައިގެން ދިޔައީ އައްޑޫއަށް އެކޮޅުން ކަންނޭގެ އޭލެވެލް ކިޔެވީވެސް.. މިރަށުން ދިޔަ ފަހަކުން މިރަށަކަށް ނާދޭ.. މިހާރު އުޅެނީ ޔޫރަޕް ކޮންމެސް ޤަޢުމެއްގަ.. ރަށުތެރޭ ކިޔާ އަޑުއިވޭ އެތަނުން ފިރިހެނަކާ ހިތާވެގެން އެމީހާއާ އިނދެގެން އުޅޭ ވާހަކަވެސް..”
އަހަރެންނަށް ޒާލްދެއްކި ހުރިހާ ވާހަކަތަކެއް ޤަބޫލްކުރެވުނެވެ. ޝާންޓޭ އެއީ ފިރިހެނުންނާ ލޯބީގެ ގޮތުން ގުޅެން ބޭނުންވާ މީހެއްކަން މާކުރިންވަނީ އެނގިފައެވެ. އެދުވަހު ޝާންޓޭ އާ ގުޅުން ކަނޑާލެވުންކަން އެއީ އަހަރެންގެ ނަސީބެވެ. އޭނާ އަހަރެން ވައްޓާލަން އުޅުން ވަޅުގަނޑަށް ނުވެއްޓި ސަލާމަތް ވީތީ މާތްﷲ ޙަމްދުކުރަމެވެ. އަހަރެންނަށް ދާންވީ ތެދު މަގު ދެއްކެވި ކަމަށްޓަކައި އެކަލާންގެއަށް ޝުކުރުވެރިވަމެވެ.
ޝާންޓޭ ރަށުގައި ނެތްކަން އެނގުމުން އަހަރެން އެގެޔަށް ދާން ބޭނުންވިއެވެ. ޝާކިރާއްތަ އާއި ޝައިނާ އެގޭ ކުދިންކޮޅާ ބައްދަލުކޮށްލުމުގެ ބޭނުމުގައެވެ. އެހެންކަމުން ޒާލްކައިރީ ބުނެގެން އެގެޔަށް ދިޔައީމެވެ.
“..ތޭންކްސް ބުރޯ.. ދެން ނޭގެ ދިމާވާނެކަމެއް މިއަދަކު.. މިކޮޅަށް އާދެވިއްޖެޔާ ގުޅާނަން.. އޯކޭ..” އަހަރެން ޒާލްއަށް ޝުކުރުއަދާ ކުރުމަށްފަހު ގެޔާ ދިމާއަށް ހިނގައިގަތީމެވެ.
އަހަރެން ހިތުގައި އެއްވެސް ނުތަނަވަސްކަމެއް ރުޅިވެރިކަމެއް ހާސްވުމެއްވެސް ނެތެވެ. އަހަރެން ހުރީ ޝާންޓޭ ރަށުގައި ނެތްކަން އެނގުމުން ހަމަޖެހިފައެވެ. ގޭ އިންފާރު ތެރެއަށް ވަދެވުމާއެކު މަންމަ ވާހަކަ ދައްކާ އަޑުއިވުނެވެ. އެހެންކަމުން ސަލާމް ގޮވައިނުލައި ގޮސް ދޮރު މައްޗަށް އެރީމެވެ. ހިނިތުންވެލަމުން ސިޓިންގ ރޫމް ތެރެއަށް ނަޒަރު ހިންގާލީމެވެ. އެޔާއެކު އަހަރެންގެ މެޔަށް ފިނިފެން އެއްޗެއް އޮއްސާލި ކަހަލަ އިޙްސާސެއް ކުރެވިގެން ދިޔައެވެ. ވަގުތުން މީހާ ގަނޑުވެ ހިނިތުންވުން ފިލާ ހިގައްޖެއެވެ. އެތެރެއަށް ލީ ނޭވާ ބޭރަށް ލާންވެސް ހަނދާން ނެތުންކަހަލައެވެ. އަހަރެން ވަށައިގެންވާ މަންޒަރުތައްވެސް ހުއްޓުން ކަހަލައެވެ. މިފެންނަނީ ހަމަ އޭނާ ހެއްޔެވެ؟ ޤަބޫލްކުރަންވެސް އުނދަގުލެވެ. އެހެނަސް އެއީ ހަމަ އޭނާއެވެ. އަހަރެންނަކަށް އެސޫރައެއް ނޯޅޭނެއެވެ. ސިޓިންގ ރޫމް ސޯފާގައި އިށީދެލައިގެން އެއިނީ ރީމް ނޫން ދެވަނަ ދެމީހެއް ނޫނެވެ. އަހަރެންގެ ހިތުގެ ހިނގުން މަޑުމަޑުން ލަސްވަމުން ދިޔަކަހަލަ އިޙްސާސެއް ކުރެވެމުން ދިޔައެވެ. (ނުނިމޭ)
ފަހުބައިގެ ތެރެއިން:-
“..ކަލޭގެ ހަޤީޤަތް އެންމެނަށްވެސް އިނގޭ.. ދިއްދޫގެ މުޅި ރައްޔިތުންނަށްވެސް އިނގޭ.. މަށަށްވެސް އިނގޭ.. ކަލޭ ފިރިހެނުންނާ ގުޅުންތައް ހިންގަމުން ދުވިކަން އެންމެނަށްވެސް އިނގޭ.. އިތުރަށް ބުނެދޭންޖެހޭވަރުގެ ހަޤީޤަތެއް ނެތް..”
“..ތީ ހުސްދޮގު..” ރީމް އަޑަށް ބާރުލަމުން ބުނެލިއެވެ.
“..އެއީ ހަމަ ތެދު..” އަހަރެން އެޔަށްވުރެ ބާރަށް ބުނީމެވެ. “..ކަލެޔަށް ލިބުނުދަރި އެއީ އެކަމުގެ ހެތްކެއް..”
7 Comments!
Comments are closed.
Avahah upkohdheebala plxxxxxx
wednesday or thursday ga up kohdheynan.. in shaa allah
hmm good boy.. love u nishan.. <3
hey boys deke boys lobivanytha?????????//ppppppppppppp
nice avaha ehen vaahaka eh fatavaaaaaaaaa
thankx… new story eh liyan visnamun midhanee..
Best story ever.. Hama kiyaalaa hithunn enekkaa vx mikiyaali..ehaa dhuhah fahu???