ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 56
ޖާހަތުއާ ޝިފާ ތިބީ ކާމޭޒުކައިރީގައި މެންދުރުގެ ކެއުމަށް އިންސާފުކުރާށެވެ. ހޫނުކަންމަތީގައި ހުރި ގަރުދިޔަ ބޯތަށްޓާއި ބަތްކަހަނބުގެ އިތުރުން މޭޒު މަތި ފަޅުފިލުވާ ދީފައިވަނީ މަހުގެ މެޔާއި ބޮލާއި އަދި ބަނޑުސާމާނުން ފުރިފައިވާ މަސްލޯގަނޑާއި ކުޑަ ބޯތަށީގައި ހުރި ތޮޅިމިރުހާއި ލުބޯފަޅިތަކާއި ފިޔާއަރިތަކުންނެވެ. ޝިފާގެ މަންމަ ތަށްޓަކަށް އަޅައިގެން ގެނެސް ބެހެއްޓި ކާށި ފޮތިތަކުން ކެއުމަށް އިތުރު ފުރިހަމަ ކަމެއް ގެނުވިފަދައެވެ. ދެމީހުންވެސް ކެއުމާއިގެން މަޝްއޫލުވެގެން ތިއްބައި ކުއްލިއަކަށް ޖާހަތުގެ ހިޔާލަށް އައީ އޭނާއާ ޝާމްގެ ރޭވުންގަނޑެވެ. ޕްލޭނަށް އަމަލީ ސިފަ ގެނައުން މިވަގުތުން ވަގުތަށްވެސް ވަރަށް މުހިންމެވެ. ޖާހަތު ބަތް ތަށްޓަށް ބަލައިލިއެވެ. އެހާ މީރުކެއުންގަނޑެއް ދޫކޮށްލަން ހިތެއް ނޭދުނެވެ. މާލޭގައި އުޅުމުގެ ސަބަބުން އަދި މިފެންވަރުގެ ދިވެހި ކެއުމެއް ޖާހަތުއަށް ކާލާނެ ފުރުސަތެއް ނުލިބޭތީއެވެ. ފުރަތަމަ މީރުކޮށް ކާލާނީއޭ ބުނެ އަނެއްކާވެސް ކުރިއަސް ގެންދިއައެވެ.
ޝިފާ ކައި ނިންމާލުމަށްފަހު ފެންތަށި ނެގީ އެވަގުތުއެވެ.
“ނިމުނީތަ؟” ޖާހަތު ސުވާލުކޮށްލިއެވެ. މަހުބޮލުގެ ލޯ ނަގަމުންނެވެ.
“އާން! އަދި އެބަޖެހެޔޭ ދާން. މިއައީ ބްރޭކަށް ލިބުނު 1ގަޑީރުގެ ވަގުތަށޭ. ދެން އާދެވޭނީ އިރުއޮއްސޭއިރު.” ޝިފާ ފެންތަށި ބޯލަމުން ބުނެލިއެވެ. އަދި އެއަށްފަހު ތެދުވެގެންގޮސް ސިންކުކައިރީގައި ހުއްޓުނީ ތަށި ދޮންނާށެވެ.
ޖާހަތުއަށް ހުއްޓުންއެރިއެވެ. އޭނާގެ މަސައްކަތް ހަވީރަށް މަޑު ޖައްސާލެވޭކަށް ނެތެވެ. އޭގެ ކުރިން މަސައްކަތް ފަށަން އެބަޖެހެއެވެ.
ކާއެއްޗެހި ތަށްޓަށް ބަލަހައްޓައިގެން ހިޔާލެއްގެ ތެރެއަށް ގެއްލިފައި އިން ޖާހަތު ކުއްލިއަކަށް އޯކަށް ދެމިގަތެވެ. އަނގަ މަތީގައި އަތް އަޅައިގެން ބަދިގެއިން ބޭރަށް ދުއްވައިގަތެވެ. މިސްރާބު ހުރީ ކޮޓަރިއަށެވެ.
ތަށި ދޮންނަން ހުރި ޝިފާއަށް ލިބުނީ ހައިރާންކަމެވެ. އަވަސް އަވަހަށް ޖާހަތުގެ ފަހަތުން ދިޔައެވެ. ފާހާނާ ތެރޭގައި ޖާހަތު އޯކަށް ދެމޭއަޑު އިވެމުން ދިޔައެވެ.
ދެން އިވުނީ ފާހާނާ ފްލެޝްކޮށްލީ އަޑެވެ.
“ޖާހަތޫ!!…. ކިހިނެތްވީ؟ ރަނގަޅުތަ؟” ޝިފާ ފާހާނާގެ ދޮރުގައި ޓަކި ޖަހަމުން ބާރަށް ބުނެލިއެވެ.
ޖާހަތު މޫނު ދޮވެލައިގެން ބޭރަށް ނިކުތެވެ. ޝިފާ ކިހިނެތްވީތޯ ސުވާލުކުރިއެވެ. ޖާހަތު ވަރުބަލިވަނީ ކަމުގައި ބުނެ އެނދުގައި އޮށޯވެލިއެވެ. ޝިފާ ބޭނުންވީ ޖާހަތު ޑޮކްޓަރަށް ދެއްކުމަށެވެ. ނަމަވެސް އަރާމުކޮށްލުމުން ރަނގަޅުވެދާނެކަމުގައި ބުނެ އިންކާރުކުރިއެވެ. ޝިފާ ކޮޓަރީގެ ބޮކި އަނދިރިކޮށްލުމަށްފަހު ބޭރަށް ނިކުތީއެވެ. ޖާހަތުގެ ތަބީޢަތް ގޮސްވުމުން އޭނާ ކަންބޮޑުވިއެވެ.
ރީމް އިނީ ޑޮކްޓަރުކޮޓަރީގައެވެ. ޓެސްޓްތަކުގެ ނަތީޖާ ލިބުމުން ޑޮކްޓަރަށް ދެއްކުމަށެވެ. ޑޮކްޓަރު ފުންވިސްނުމެއްގައި ރިޕޯރޓްތަކަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ.
“އަދިވެސް އިންފެކްޝަންހުރީތޯ؟” ރީމް ސުވާލުކުރިއެވެ.
ޑޮކްޓަރު ފުންނޭވާއެއް ދޫކޮށްލަމުން ނޫނެކޭ ބުނެލިއެވެ.
“އިންފެކްޝަނެއް ނެތް. އެކަމަކު….” ޑޮކްޓަރު މަޑުމަޑުން ބުނެލިއެވެ.
“އެކަމަކު ކިހިނެތްވީ؟” ރީމް ކަންބޮޑުވުމާއެކީ ސުވާލުކޮށްލިއެވެ.
“ރީމް! ޔޫ އާރ ޕްރެގްނެންޓް.” ޑޮކްޓަރު ހިނިތުންވެލަމުން ބުނެލިއެވެ. އަދި މަރުހަބާ ކިޔެވެ.
ރީމްއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ކަންފަތަށް އިވުނު ބަސްތައް ގަބޫލުކުރަން ދަތިވުމުންނެވެ. “ވަޓް؟” ރީމްއަށް މަޑުމަޑުން ބުނެލެވުނެވެ.
ޑޮކްޓަރު ރީމްއަށް އިތުރަށް ތަފްސީލުކޮށްދިނެވެ. އޭނާގެ ބަނޑަށް މިއީ 5ހަފްތާއެވެ. އެއްމަހާ އެއް ހަފްތާއެވެ.
ޑޮކްޓަރުގެ ކޮޓަރިން ރީމްބޭރަށް އައިތަން ފެނި އިޔާނާ ގޮނޑިން ތެދުވެގެން ގޮސް ރީމްކައިރިން ރިޕޯރޓްގަ އޮތް އެއްޗެއް އޮޅުން ފިލުވިއެވެ.
ބަދަލުގައި އޭނާ ހަމައެކަނި ބުނީ އިންފެކްޝަން ނެތްކަމުގައެވެ. އަދި ގެއަށް ދާން އެދި ކުރިއަށް ހިނގައިގަތެވެ.
ރީމްގެ ތަބީޢަތް ބަދަލުވެފައިވާކަން އިޔާނާއަށް ފާހަގަކުރެވުނު ނަމަވެސް ރީމްގެ ފަރާތުން ލިބެމުން ދިޔަ ފަނޑު އަޅާލުމުގެ ސަބަބުން އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ. އަދި އޭގެ އިތުރުން ކުރިން ދައްކަން ތިބި ވާހަކަވެސް ފުރިހަމަ އެއް ނުކުރެވުނެވެ. ހިތް ސުވާލުކުރަމުން ދިޔައެވެ. ދެން ކަންތައް ކުރަންވީ ކިހިނެތް ހެއްޔެވެ؟ އަހަރެންގެ އަސްލު ހޯދަން ރީމް އެހީވެދޭނެ ހެއްޔެވެ؟ ރީމްގެ ވާހަކަތައް އީމަންއާ ހިއްސާކުރަންވީ ބާއެވެ. ނުވަތަ ޒާން ކައިރިން އޮޅުންފިލުވަންވީ ހެއްޔެވެ؟ އަނެއްކޮޅުން ރީމްއަށް މިކުއްލި ބަދަލު މިއައީ ކިއްވެ ހެއްޔެވެ؟
ގެއަށް އާދެވުމާއެކީ ރީމް ދިޔައީ ކޮޓަރިއަށެވެ. އޭނާގެ ހަރަކާތްތައް ވަނީ މަޑު ޖެހިފައެވެ. ފުން ވިސްނުމެއްގައި ހުރިކަހަލައެވެ. ކޮޓަރިއަށްވަދެ އެނދުމައްޗަށް ވެއްޓި ގަނެވުނެވެ. އެހެންއޮއްވާ މަޑުމަޑުންގޮސް ނިދުނީއެވެ.
ރީމްއަށް ހޭލެވުނީ ޝަކީލާ ގޮވުމުންނެވެ.
“ދަރިފުޅާ! ހާދަ ވަރަކަށް ގޮވައިފީމޭ. ކިހިނެތްވީ؟ ބަލީތަ؟” ޝަކީލާ ރީމްގެ ބޮލުގައި ފިރުމާލަމުން ސުވާލުކޮށްލިއެވެ.
ރީމް ކަމެއްނުވާކަމުގައި ބުންޏެވެ.
ރީމް ފެންވަރާލައިގެން ބޭރަށް ނިކުމެ މިސްރާބުޖެހީ އީމަންގެ ކޮޓަރިއާ ދިމާއަށެވެ. އީމަންއިނީ ސޯފާގައެވެ. އަތުގައި ކަރުދާސްތަކެއް ހުއްޓެވެ. އެއަށް ނަޒަރު ހުއްޓާލައިގެން ފުންވިސްނުމެއްގައެވެ.
“މާން!” ރީމް އީމަންއަށް ގޮވާލިއެވެ.
އީމަން އެދިމާއަށް ބަލައިލިއެވެ. އަދި ފަނޑު ހިނިތުންވުމަކާއެކީ ރީމްއަށް އައުމަށް އެދުނެވެ. ރީމް އީމަން ކައރީގައި ސޯފާގައި އިށީންނިއެވެ. ކަރުދާސްތަކަށް ބަލައިލަމުން މިއީ ކޮންކަރުދާސްތަކެއްތޯ ސުވާލުކުރިއެވެ.
“މިއީ އެކްސިޑެންޓްގެ ތަހުޤީޤު ރިޕޯރޓްގެ ކޮޕީއެއް.” އީމަން ބުނެލިއެވެ. އީމަންއާ އިޔާނާގެ އެކްސިޑެންޓްގެ ވާހަކަ ރީމް މިހާރުވަނީ ހަނދާންވެސް ނައްތާލާފައެވެ. ކުއްލިއަކަށް އެކަން ކުރިމައްޗަށް އައުމުން އަނބުރައިގަންނަގޮތްނުވީ ކިރިޔާއެވެ. ރީމްއަށް ހިންދިރުވާލެވުނެވެ.
“އެ ކީއްކުރަން؟” ރީމް ފިނިވެފައި ހުރެ ސުވާލުކޮށްލިއެވެ.
“އަހަރެން މިއުޅެނީ މި މައްސަލައާއިގެން ކޯޓަށްދާން.” އީމަން ރީމްގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.
ރީމްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހާސްވީވަރުން ދެން ބުނަންވީ ކީކޭކަމެއް ނުވިސްނުނެވެ.
“އެކީއްވެ؟” އެއްޗެކޭ ނުބުނެ އިނުމަށްފަހު ރީމް ބުނެލިއެވެ.
“އެކީއްވެހޭ؟ ރީމް ނިކަން ވިސްނާލަބަލަ. އަހަރެމެން އެކްސިޑެންޓްވީ އެމީހުން ދިން އޮފާއެއްގަ އެމީހުންގެ ބެލުމުގެ ދަށުގަ ތިއްބާ. އެކަމަކު އެކްސިޑެންޓް ވުމުން އެމީހުންގެ ފަރާތުން ލިބުނު އެއްވެސްކަހަލަ އެއްބާރުލުމެއްނެތް. މިކަމުގެ ފުރިހަމަ ޒިންމާ އެމީހުން ނަގަންޖެހޭނެ. މި އެކްސިޑެންޓްގެ ޒިންމާއާއި ޒިންމާއިން ފިލަން އުޅުނުކަމުގެ ދައުވާ އަހަރެން އެމީހުންގެ މައްޗަށް ކުރާނަން. މިކަމުގެ ކޮޅު ހޯދުމަށްފަހުގަ ނުނީ އަހަރެން ނޭވާވެސް ނުލާނަން ދެން.”
“އެކަމަކު ކޮން ހެއްކެތް އޮތީ އެމީހުން އެރޭ އޮފާރ އެއް ދިންކަމުގެ؟ އަހަރުމެން އަތުގަ އެމީހުންނާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތެއްނު؟” ރީމް ތެދުވަމުން ބުނެލިއެވެ. އޭނާ ބޭނުމީ އީމަން ހުއްޓުވާށެވެ. އެހެންނޫންނަމަ ހުރިހާ ކަމެއް ވަރަށް އަވަހަށް ފަޅާއަރާނެކަން ޔަޤީނެވެ.
“ހެކި އެބަހުއްޓެއްނު.” އީމަންއަށް ބަލައިލަމުން ބުނެލިއެވެ. ރީމް ސުވާލުންފުރިގެންވާ ނަޒަރަކުން ބަލާލިއެވެ. “ހެއްކަކީ ޚުދު ރީމް އެއްނު.” އީމަން އޭނާގެ ޖުމުލަ ފުރިހަމަ ކޮށްލިއެވެ. ރީމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
އީމަން ރީމްއާ ގާތްވެލަމުން ވާހަކަ ދައްކަން ފެށިއެވެ. “ރީމް ހަނދާންވޭތަ؟ އެރޭ އެމީހުން އެ އޮފާރ ހަވާލުކުރީ ރީމްއަކާނު؟ ރީމް ޚުދު އައިސް އަހަރުމެން އަތަށް އެދިނީވެސް. ހަނދާންވެއްޖެތަ؟” އީމަން ރީމްއަށް ހަނދާންކޮށްދެމުން ދިޔައެވެ. ރީމްއަށް އެކަންތައް ހަނދާންނުވާންވީ ކިއްވެގެން ހެއްޔެވެ؟ އެރޭ ކަންތައް ވީ ގޮތް ރީމްގެ ލޯމަތިން މިހާރުވެސް ސިފަވަމުން ދަނީއެވެ.
އެރޭ އީމަންއާ ޔާނާއަށް ހޮޓެލުން ދިންކަމުގައި ބުނެ ހަނީމޫން ނައިޓް އޮފާރގެ ކާޑު އެމީހުނަށް ދިނީ ރީމްއެވެ.
“އާނ ހަދާން އެބަހުރި.” ރީމް މަޑުމަޑުން ބުނެލިއެވެ.
އީމަން ހަމަ ޖެހުމުގެ ނޭވާއެއްލިއެވެ.
“ސާރ!” ކޮޓަރީގެ ދޮރުކައިރިއަށް ނޯކަރަކު އައިސް އަދަބުވެރިކަމާއެކު ގޮވާލިއެވެ. އީމަންއާ ރީމް އެދިމާއަށް ބަލައިލިއެވެ.”ބައްދަލުކޮށްލަން އިންސްޕެކްޓަރ ހަރްވިންދު އެބަހުންނެވި.”
އީމަން މިއަންނަނީ ކަމުގައި ބުނެލިއެވެ.
“އެއީ ކާކު؟” ރީމް ސުވާލުކުރިއެވެ.
“އެއީ މިކޭސް ބަލަން ހަވާލުވެފައި ހުރިމީހާ. އަހަރެން އޭނައާ ބައްދަލުކޮށްލަން އެދިފަ ހުރީމަ އެއައީ.” އީމަން ބުނެލިއެވެ. އަދި ކަރުދާސްތައް ފައިލަށް ލުމަށްފަހު ފައިލް ހިފައިގެން ތިރިއަށް ހިނގައިގަތެވެ.
“ރީމްވެސް އަންނަންވީނު؟” އީމަން ދޮރާ އަރާހަމަވެފައި ފަހަތަށް އެނބުރިލަމުން ރީމްއަށް ބުނެލިއެވެ. ރީމްއަށް ހަދަންވީ ގޮތެއް ނޭނގުނެވެ. ނޫނީ އޭނާ ދައްކާނެ ބަހަނާއެއް ނޭނގުނީއެވެ. އޭނާ އެތަނަށް ދާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ދައްކާނެ ބަހަނާއެއް ނެތުމުން ރީމްއަށް ޖެހުނީ ދާށެވެ. އަނެއްކޮޅުން އޭނާ އީމަންގެ ރުހުންވެސް ހޯދަން ބޭނުމެވެ.
“ހެލޯ އިންސްޕެކްޓަރ ހަރްވިންދް!” އީމަން ސޯފާގައި އިން ހަރްވިންދަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ.
ފުލުހުންގެ ޔުނިފޯރމުގައި ހުރި ހަރްވިންދްވެސް ތެދުވެ އީމަންއަށް ބަލައިލަމުން ޖަވާބުދާރީވިއެވެ.
“ދިސް އިޒް މައި ވައިފް، ރީމް.” އީމަން ރީމް ތަޢާރަފްކޮށްދިނެވެ.
ހަރްވިންދް ރީމްއަށް ބަލައިލުމަށްފަހު ‘ހެލޯ’ ބުނެލިއެވެ. ހަރްވިންދަށް ރީމް ކޮންމެވެސް ތަނަކުން ފެނުނު ހަނދާނެއްވާކަހަލައެވެ.
“ކުރިން ދިމާވިތަ؟” ހަރްވިންދު ސުވާލުކޮށްލިއެވެ.
ރީމް ހިންދިރުވާލިއެވެ. ހަރްވިންދަށް އޭނާ ފެނިފައިވާނީ އެކްސިޑެންޓް ސައިޓުންނެވެ. ރީމް ދެފަރާތަށް ބޯ ހޫރުވާލީ ނޫނެކޭ ބުނަމުންނެވެ.
“އެހެންތަ! އަހަރެން ކޮންމެވެސް ތަނަކުން ދުށް ހަނދާންވޭ. އެނީވޭޒް! ސޮރީ. ފުލުސް އޮފިސަރަކަށް ވީމާ ހަމަ ޝައްކު ކުރެވެނީ.” ހަރްވިންދު ސަމާސާ ރާގަކަށް ބުނެލަމުން ހިނިތުންވެލިއެވެ. އީމަންވެސް ހިނިތުންވެލަމުން ހަރްވިންދަށް އިށީނުމަށް އިޝާރާތްކޮށްލިއެވެ.
އީމަންގެ އިޝާރާތަށް ރީމް ދިޔައީ މެންދުރުގެ ކެއުމުގެ ކަންތައްތައް ހަމަ ޖެއްސުމަށެވެ.
“ދެން އޭނައަށް ކާންވެސް ދިނީމަތަ ވަނީ؟” ރީމް ބަދިގެއަށް ވަންނަމުން އަމިއްލަ ނަފްސަށް ބުނެލިއެވެ.
“ކާކަށް ކާންދޭތީތަ ތިއުޅެނީ؟” އައިސްކްރީމް ތަށްޓެއް ކާން ފުރިޖްކައިރީގައި ހުރި ޝަކީލާއަށް ރީމް ދެއްކި ވާހަކަ އިވުމުން ސުވާލުކޮށްލިއެވެ.
“މަންމަ! މަންމަ ކީއްކުރަނީ.” ޝަކީލާ ކުއްލިއަކަށް ފެނުމުން ރީމް ކުޑަކޮށް ސިހުނެވެ. “ސާބަސް މަންމާ! މިހާރުވެސް ބަލާބަލަ މީހާއަށް ތިވާ ގޮތެއް. އެވަރުންވެސް އައިސް ކްރީމް ކަނީ.” ރީމް މޫނު ހަދާލަމުން ބުނެލިއެވެ.
“ދަރިފުޅާ! ލިބޭތާ ލިބިގަންނަން ޖެހޭނެ. އެހެންނޫނަސް މީރު އެއްޗެހި ކާހިތްނުވާ މީހެއް އުޅޭތަ؟” ޝަކީލާ ބޮޑު އައިސްކުރީމް ސަމުސަލެއް އަނގަޔަށް ލަމުން ވާހަކަ ދެއްކިއެވެ. “ތިއެއް ނޫނޭ…” މޭޒުމަތީގައި ތަށި ބަހައްޓަމުން ޝަކީލާ ވާހަކައެއް ދައްކަންފެށިއެވެ. ރީމް އެކަމަށް ސަމާލުކަން ދިނެވެ.”ކާކު ކާކަށް ކާންދޭންތަ އުޅެނީ؟”
“މާން އެބައިން އިސްޕެކްޓަރާ ބައްދަލުކުރަން. އޭނައަށް ކާންދޭން.” ރީމް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
“ދެން ކޮބާ ތީގެ މައްސަލައަކީ. އީމަންގެ އެހެން ރަށްޓެހިންވެސް އަދި އެގޮތަށް އަންނަ ކިތަންމެ ބަޔަކަށް ކާންދެއެއްނު. ދެން؟” މޭޒުމަތީގައި ހުރި ޓިޝޫ ފޮށިން ޓިޝޫއެއްނަގައި ތުން ފުހެމުން ޝަކީލާ ސުވާލުކޮށްލިއެވެ.
“މައްސަލައަކީ މާން ކުރަން އެއުޅޭ ކަންތައް. މާން އުޅެނީ އެކްސިޑެންޓްގެ މައްސަލަ ކޯޓަށް ހުށައަޅަން. އެ އިންސްޕެކްޓަރަކީ އެ އެކްސިޑެންޓް ތަހްޤީޤުކުރަމުން ދާ މީހާ.” ރީމް ބުނެލިއެވެ.
“ދެން؟” ޝަކީލާއަށް އެކަމުން މައްސަލައެއް ނުފެނުނެވެ.
“ދެން ކީއްކުރަން ކުރާ ކަމެއްތަ އެއީ؟ ޔާނާ އަނބުރާ މިދުނިޔެއަށް އަންނާނެ ނަމަ އެންމެ ރަނގަޅެއްނު؟” ރީމް ރުންކުރުވެފައި ބުނެލިއެވެ.
ޝަކީލާ މޭޒުގައި ލެނގިލަމުން ވިސްނާލާފައި ބުނެލިއެވެ. “އެއްގޮތުން ރަނގަޅު. އެ މައްސަލަ ތަޙްޤީޤުކުރީމަ އީމަންއަށް ޔަޤީންކުރެވޭނެ އެއްނު އެ ޔާނާ މަރުވެއްޖެކަން. ދެން އެހިސާބުން އޭނައަށް މަޖުބޫރުވާނެ ރީމް އޭނަގެ ދިރިއުޅުމަށް ގެންދަން.”
“ދެން ކޮންމެހެން މިވަރުވީމަތަ އެކަން މާންއަށް ޤަބޫލުކުރެވެނީ. ވަގުތާއެކީ ހުރިހާ ކަމެއް ހަމަ ޖެހިގެންދާނެ. މަޑުމަޑުންގޮސް މާންއަށްވެސް ވިސްނިދާނެ. ޔާނާއާ ވަކިން އުޅެން އާދަވެވިދާނެ.” ރީމް ފުރިޖުން ފެންފުޅިއެއް ނަގަމުން ބުނެލިއެވެ.
ޝަކީލާއަށް ރީމްގެ ވާހަކަތަކާ އެއްބަހެއް ނުވެވުނެވެ. ކުރިއަށް ޖެހިލާ ރީމްގެ ކޮނޑުގައި އަތުން ފިރުމާލިއެވެ. “ދަރިފުޅާ! އެކަން އެގޮތަށްވެސް ކުރެވޭނީ އެކަހަލަ ގޮތަކަށް މަގު ފަހި ވެގެނެއްނު. އެހިޔާލުތަކާ ދުރުވެވޭ މާހައުލެއްގައި އުޅެވިގެނެއްނު.” ޝަކީލާ ދައްކާ ވާހަކަތައް މާ ރަނގަޅަށް އޮޅުން ނުފިލުމުން ރީމް ހައިރާންކަމާއެކީ ބަލައިލިއެވެ. “އެއުޅޭ އިޔާނާއެއް މިގޭގައި ހުރިހާ ހިނދަކު ހިއެއް ނުވޭ ތިކަން ކާމިޔާބުވާނެހެން. އީމަން އެހުންނަނީ އަބަދު އޭނަގެ ބޯކޮޅު ބަލަބަލާ. އަނެއްކާ މިހާރު ހީވޭ އޭނަވެސް އީމަންއާ މާ ގާތްވެލައިގެން އުޅޭހެން.” ޝަކީލާގެ ވާހަކަތަކުން ރީމްގެ ހިތަށް ނުތަނަވަސްކަން ވެރިވަމުންދިޔައެވެ. “އޭނަ ބައެއްފަހަރު އުޅޭގޮތުން މަންމައަށްވެސް ޝައްކުކުރެވޭ ފަހަރު އާދޭ. ދަރިފުޅަށް ނުވޭތަ މިހެން؟” ޝަކީލާ މަޑުމަޑުން ސުވާލުކޮށްލިއެވެ.
ރީމް ރުޅިއައިސްރަތްވި ފަދައެވެ. “ނުވޭ ތިހެނެއް. އެނގޭތަ ކީއްވެގެންކަން؟ އަހަރެން ހަމަ ހޭގަ ހުރީމަ. އަހަރެން ހީނުކުރަން މަންމަ ތިހެން ވިސްނަފާނެކަމަކަށް. ޔާނާ މަރުވެއްޖެއޭ ކިތަށްފަހަރު ބުނާނީ. އެންމެންނަށް ކިހިނެތްވެފަތަ މިތިބެނީ؟” ރީމް ބޭރަށް ނިކުމެގެން ދިޔައެވެ.
“އަޖައިބެއްކަހަލަ ކުއްޖެއް. އަޅެ އަހަރެންނަށް ގޯސް އެއްޗެއް ބުނެވިއްޖެތަ؟” ހައިރާންކަން ލިބިފައިހުރި ޝަކީލާ ދޮރާދިމާއަށް ބަލައިގެން ހުރެ ބުނެލިއެވެ.
ހުމަޔޫން އާއިޒު އުޅޭ ގެ ކައިރިއަށް މަޑުކޮށްލައި އާއިޒަށް ގުޅިއެވެ. މާގިނައިރުތަކެއްނުވެ އާއިޒު ބޭރަށް ނިކުތެވެ.
“ކޮބާ؟ އެއްވެސް ހަބަރެއް ވިތަ؟” އާއިޒު ހުމަޔޫން ކުރެން ސުވާލުކޮށްލިއެވެ.
ހުމަޔޫން ނޫނެކޭ ބުނެލިއެވެ. އާއިޒު ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. ނާއުންމީދުން ފުރިގެންވާފަދަ ގޮތަކަށެވެ.
“އަހަރެންނަށް ފެންނަނީ ކޮންމެވެސް ބައެއްގެ އެހީ ހޯދަން!” ހުމަޔޫން ހިޔާލު ހުށައެޅިއެވެ.
“ބައެއްގެއޭ ބުނާއިރު ހީވަނީ ވަރަށް ގިނަ ބައެއް ތިބީހެން އަހަރުމެންނަށް އެހީވާން.” އާއިޒު ބުނެލިއެވެ.
ގޭގެ ބޭރުގައި ހުރި ތިރިފާރުބުރީގައި އިށީނދެލަމުން އާއިޒު ބުނެލިއެވެ. މެންދުރުގެ ހޫނުގަދަ ވަގުތުކަމުން އާއިޒު ލޮލުގައި އަވިއައިނު އަޅާލިއެވެ. ލައިގެންހުރި ކަޅުކުލައިގެ ބެނިއަމްއާއި ހުދުކުލައިގެ ސޯޓުބުރީގައި އާއިޒު ފެންނަލެއް ވަރަށް ހިތްގައިމެވެ.
ހުމަޔޫން ސައިކަލުގެ ހަރު ޖައްސާލަމުން ރަނގަޅަށް ހަމަ ޖެހިލިއެވެ.
“އަހަރުމެންނަށް އެހީވާކަށް ނުން. އެކަމަކު ހުމާމު ހޯދޭނީ ދެބަޔަކަށް. އެއްބަޔަކީ ޕޮލިހުން. އަނެއްބަޔަކީ ހުމާމު އުޅޭގޮތަށް އުޅޭ މީހުން. ޕާޓޭން.” ހުމަޔޫންގެ ވާހަކަ އާއިޒު ޝައުގުވެރިކަމާއެކު އަޑު އަހަމުން ދިޔައެވެ. “ޕާޓޭންނޭ މިބުނި ސަބަބަކީ ލަނޑަޔާ ވާނީ ލަނޑަޔާކަމުގައިވާތީ. ހުމާމާ ބެހޭ މަޢުލޫމާތު ހޯދަން ދާންޖެހޭނީ ހުމާމު ކަހަލަ މީހުން ކައިރިއަށް.” ހުމަޔޫން ދެއްކި ވާހަކަތަކަށް އާއިޒުއަށް ބޯޖަހާލެވުނެވެ.
“ދެން ތިބުނި ލަނޑާތައް ހޯދާނީ ކޮންތަނަކަށް؟” އާއިޒު ސުވާލުކޮށްލިއެވެ.
ހުމަޔޫން ސައިކަލުގެ ހަރު ނައްޓާލުމަށްފަހު ސައިކަލު ދުއްވާލަން ތައްޔާރުވެލިއެވެ. “އަރާ!”
ވަގުތުކޮޅެއްގެ ދުއްވުމަކަށްފަހު ހުމަޔޫން ސައިކަލުމަޑުކޮށްލީ މަގުގެ އެއްފަރާތުގައި ތިބި ބައެއް ކައިރިއަށެވެ. ބަލާބެލުމަށް ‘ޕާޓޭން’ގެ ދަރަޖަ ދެވުން ހަމަ އެކަށީގެންވެއެވެ.
ހުމާމު އެތަނުން މީހަކަށް އިޝާރާތްކޮށްލުމުން އެމީހާ އައެވެ. ހުމަޔޫން ހުމާމާ ބެހޭ މަޢުލޫމާތު އޮޅުން ފިލުވިއެވެ.
ހުމަޔޫންގެ ޕްލޭން ވަރަށް އަވަހަށް އޭގެ ކޮޅުމަތި ދައްކާލިއެވެ. ހުމާމާ ބެހޭ ހުރިހާ މަޢުލުމާތެއްހެން އެމީހުންނަށް ލިބިގެން ދިޔައެވެ. ހުމާމު އެއީ އައްޑުއަތޮޅުގެ މަޝްހޫރު ވިޔަފާރިވެރިޔާ ޝިޔާމްގެ ދަރިއެއްކަން އެނގުމުން ހުމަޔޫންއަށް ހުރެވުނީ އަނގަހުޅުވުނު ގޮތަށް ލައްޕަން ނޭނގިފައެވެ.
“ބަލަ އެއީ ބޮޑެތި މީހުންނޭ. އެމީހުންނަށް މުހިންމުވާނީ އެމީހުންގެ ޤަދަރާ އިއްޒަތް. ދަރިވެންވެސް އަންނާނީ އެއަށްފަހު. އެއީ ހުމާމު ދަންނަ މަދުބަޔަކަށް އެނގޭ ބޮޑު ސިއްރެއް.” ހުމަޔޫންއަށް ލިބުނު ހައިރާންކަން ފެނި އެފިރިހެން މިހާ ބުނެލިއެވެ. އެއަށްފަހުގައި އެމީހާ އެދުނީ އޭނާ ކޮށްދިންކަމުގެ އަގަށެވެ. އާއިޒު ޖީބުން ފައްސަތޭކަ ރުފިޔާ ނަގާފައި ދިނެވެ.
“އެހެންވީމަ ޖާހަތުއާ ހަމައަށް ދިޔުން ވަރަށް އުނދަގޫ ވާނެ.” އާއިޒު ވާހަކަ ދެއްކީ ހުމަޔޫންއާއެވެ.
“އާ! ޝިޔާމްމެންގެ ގޭ ދޮރާށިން ބޯ ދިއްކޮށްލުމަކީވެސް އަހަރުމެންކަހަލަ އާދައިގެ މީހުންނަށް ފަރުބަދައެއް ކެނޑުން ވަރު ކަމަކަށް ވާނެ. ވަރުގަދަ ސެކިއުރިޓީ. އަދި އެހާމެ ބޮޑު ގެއެއް.އަހަރެންނަކަށް ނޭނގޭ ދެންކަންތައްކުރަންވީ ކިހިނެތްކަމެއް.” ހުމަޔޫން މާޔޫސްވާގޮތްވިއެވެ. ރެސްޓޯރެންޓެއްގެ މޭޒުކައިރީގައި ދެމީހުން މެންދުރުގެ ކެއުމަށް އިންތިޒާރުކޮށްގެން ތިބެ ކުރަމުންދިޔަ މަޝްވަރާތަކަށް އަލިމަގެއް ނުފެނުމުން ހުމަޔޫން ކަރުއެލުވާލިއެވެ.
“ކިހިނެތްވާނީ ކުރިން ބުނި އުސޫލުން ކަންތައް ކުރިއްޔާ؟” އާއިޒު ހަމަޖެހިލާފައި ބުނެލިއެވެ.
“ތިބުނީ؟” ހުމަޔޫން އޮޅުންފިލުވަން ބޭނުންވިއެވެ.
“ލަނޑަޔާވާނީ ލަނޑަޔާ. ބޮޑުން ގުޅޭނީ ބޮޑުންނާ. މިއުސޫލަށް ބަލާއިރު އަހަރުމެންނަކަށް ނެތް ޝިޔާމާ ހަމައަށް ދެވޭކަށް. އެހެންވީމަ ދެން އަހަރުމެން ހޯދަންވީ ޝިޔާމާ ހަމައަށް ދެވޭނެ މީހެއް. ނުވަތަ ގެންގޮސްދޭނެ މީހެއް. ނޫންތަ؟” އާއިޒު ތަފްސީލުކޮށްދިނެވެ.
“ހަމަ ރަނގަޅަށް ތިބުނީ. އެހެންވީމަ ދެން ހޯދަންވީ އެކަހަލަ މިހެއް. ޖެހޭނީ ވިސްނާލަން.” ހުމަޔުން އާއިޒަށް ތާޢީދުކޮށް ބުނެލިއެވެ.
” ދަންނަ މިހެއް ނެތްތަ؟ ތިމާގެ މިހެއް ނަމަވެސް؟” އާއިޒު ވިސްނުމަށް މަގުކޮށައިދިނެވެ.
“އާނ އެބައޮތް ގޮތެއް.” ހުމާމު ކުއްލިއަކަށް ބުނެލިއެވެ. “މަރީނާއްތަގެ ޒާން އެބައުޅޭ އައިސް. އޭނަ ކޮށްދޭތޯ ބަލަންވީ؟” ހުމަޔޫންބުނެލިއެވެ.
ދެމީހުންގެ ދެމެދުގައި ދެން މަޝްވަރާ ފެށުނީ ޒާންއާ ބައްދަލުކުރަން ހަދާނެގޮތެކެވެ. ހުމަޔޫންގެ ކުޑައިރުގެ ރައްޓެއްސެއްކަމުން މިހާރުގެ ގޮތެއް ޔަޤީންކޮށް ބުނާކަށް ނޭނގުނެވެ. އެހެންކަމުން ދެމީހުން ނިންމީ އެގެއަށް ގޮސް ބައްދަލުކުރުމަށެވެ.
އީމަންއާއި ހަރްވިންދު ކެއުމާއިގެން ކުރިއަށް ދިޔައެވެ.
“ކޮބާ ރިމް؟” އީމަން ރީމް ފެންނަށން ނެތުމުން ޝަކީލާކުރެން އެއްސެވެ.
“ރީމް އެބަ އާދޭ!” ޝަކީލާ އަވަސްއަވަހަށް ބުނެލިއެވެ.
ހަޤީޤަތުގައި ރީމް ރުލިއައިސްގެން ނިކުމެގެން ދިޔަ ގޮތަށް ވަނީ ކޮޓަރިއަށެވެ. އެއަށްފަހު ނުވެސް ނިކުތެވެ. ހުރިހާކަމެއް ހަމަ ޖެއްސީ ޝަކީލާއެވެ.
ޝަކީލާ ރީމް ބަލާ ދިޔައެވެ.
“އީމަން އެބަ ހޯދާ ރީމް. ދެންވެސް ހިނގާބަލަ ދާން.” ޝަކީލާ ރީމްގެ ކޮޓަރިއަށްވަދެ އެނދުގައި ބަންޑުން އޮތް ރީމްއަށް ބުނެލިއެވެ.
“އަހަރެން ނޫޅެން އެތަނަށް ދާކަށް. ވަރަސް ފޫހިވޭ.” ރީމް ފޫހި ރާގެއްގައި ބުނެލިއެވެ.
“އޭރުން ތިހެން އޮވޭ. ޕސް ސް. އެކަމަކު ރީމްއަށް ހާދަ ނުވިސްނެޔޭ. ރީމްއަށް މި ދަނޑިވަޅުގަ އެންމެ މުހިންމީ އީމަންގެ ރުހުން ހޯދުން. އަމިއްލަ އެދުން އިސްކުރުމެއްނޫން. ތިހެން އުޅެނިކޮށް ދެން އެ އިޔާނާ އެތަނަށް ނިކުމެއްޖެނަމަ ނިމުނީ. މެހްމާންދާރީ އަދާކުރަމުންގޮސް އީމަންއަށް އެއީ އޭނާގެ އަންހެނުންނޭ ބުނަން މަޖުބޫރުވާވަރު ކުރާނެ.” ޝަކީލާގެ ޖުމުލަތައް އަޑު އިވި ރީމް އަވަސް އަވަހަށް ތެދުވިއެވެ.
ކާމޭޒުކައިރިއަށް އާދެވުނު އިރު އީމަންއާ އިންސްޕެކްޓަރ ހަރްވިންދް ތެދުވަނީއެވެ.
ރީމްއައިސް ހުއްޓުނީ އީމަން ކައިރީގައެވެ. އީމަން ލަސްވީ ކޮންކަމެއްކުރީތޯ ސުވާލުކުރިއެވެ. ރީމް ބަހަނާއެއް ދައްކާލިއެވެ.
އިންސްޕެކްޓަރ ހަރްވިންދް ރީމްއަށް ވަރަށް ރަނގަޅަށް ބަލައިލިއެވެ. އޭނާއަށް މިއަންހެން ކުއްޖާ ފެނުނީ ކޮންތަނަކުންބާއެވެ؟
“އެކްސިޑެންޓް ސީންއިން ދޯ އެދުވަހު ދިމާވީ؟” ހަރްވިންދްގެ ހަނދާނަށް އައުމާއެކީ ބުނެލިއެވެ.
ރީމްގެ މެޔަށް ދިޔައީ ހޫނު ވެގެންނެވެ. ޖެހިލުންވެ ހުރެ ބޯ ޖަހާލިއެވެ.
އިމަންއަށް ލިބުނީ ހައިރާންކަމެވެ. އެއީ ރީމް އެވާހަކަ ނުބުނެ އޮތީމައެވެ.
“އެހެންވީމަ ހޮސްޕިޓަލުން އިންފޯމް ކުރުމުގެ ކުރިން ރީމްއަށް އެކަން އެނގިފަ ދޯ އޮތީ؟” އީމަން ސުވާލުކޮށްލިއެވެ. ރީމް ގޮތް ހުސްވާން ފެށިއެވެ.
“ވެދާނެ. ހަމަ އެހެން ވެދާނެ. ވައިފް އެއްނު. އެމީހުންނަށް ފިލައިގެން އަހަރުމެންނަށް މަރުވިޔަކުވެސް ނުދޭނެ.” އިންސްޕެކްޓަރ ކޮށްލީ ސަމާސާއެކެވެ. އީމަން ހީލިއެވެ. ނަމަވެސް ސުވާލުގެ ޖަވާބަކީ ކޮބައިބާއޭ ހިތްބުނެލިއެވެ.
ހަރްވިންދް ސަމާސާކޮށްލީ ރީމްގެ ނަސީބުގަދަ ކަމުންކަމުގައި ވެދާނެއެވެ. އެހެންނޫންނަމަ އެތެރެއަށް ހިފަހައްޓާލައިގެން ހުރި ނޭވާ ބޭރުނުކުރެވި ރީމް މަރުވެއްޖައީހެވެ.
އީމަން ހަރްވިންދާއެކީ ދޮރާށި ކައިރިއަށް ދިޔައެވެ. “އިތުރު އެއްޗެއް ސާފުކުރަން ވެއްޖެ ނަމަ ގުޅާލާނަން.” ހަރްވިންދު ދަމުން ބުނެލިއެވެ. އީމަން އިންސްޕެކްޓަރަށް ޝުކުރު އަދާކުރިއެވެ. އަދި ވީ އެންމެ އަވަހަކަށް މައްސަލައިގެ ރިޕޯރޓެއް އެކުލަވައިލަ ދިނުމަށް އެދުނެވެ.
އިންސްޕެކްޓަރ ހަރްވިންދު ޕޮލިސް ކާރަށް އެރިއެވެ. ހަރްވިންދުގެ އިންތިޒާރުގައި އޭނާގެ އެސިސްޓެންޓް ބާބޫ އިނެވެ.
“ބާބޫ. ހަނދާންވޭތަ އެދުވަހު އެކްސިޑެންޓް ސީން އިން އީމަންގެ ވައިފްއާ ދިމާވިކަން؟” ހަރްވިންދު ފުންވިސްނުމެއްގައި އިނދެ ސުވާލުކޮށްލިއެވެ.
“ލައްބަ ސާރ. އެދުވަހު އީމަންގެ ވައިފް އެތަނުގައި ހުރި.” ބާބޫ ޖަވާބުދިނެވެ. ހަރްވިންދުގެ ހަމަހިމޭންކަމުން ބާބޫއަށް ކޮންމެވެސް ކަމެއް އެބައުޅޭކަން ފާހަގަ ވިއެވެ.
“އީމަންގެ ބަޔާނުގައި ބުނަނީ ކީކޭ؟ އަހަރުމެންގެ ތަހުޤީޤަށް އެއްވެސް ކުރިއެރުމެއް ލިބޭނެކަހަލަ ކަމެއް އެބައޮތްތަ؟” ހަރްވިންދު އޮޅުންފިލުވާލިއެވެ.
“ލައްބަ ސާރ. ވަރަށް ކުޑަކުޑަކަމެއް. އެކަމަކު ވަރަށް ބޮޑު ހެއްކަކަށް ބެލިދާނެ. އީމަންގެ ރިޕޯރޓުގައި އެބަ ބުނޭ، އެކްސިޑެންޓްވީއިރު އޭނާއާ އޭނާގެ އަނބިމީހާ ޔާނާ ކާރުގައި ތިބިކަމަށް. އެކަމަކު އެދުވަހު ރީމް ބުނެފައިމިވަނީ ކާރުގައި އިނީ އޭނާގެ ފިރިމީހާ، އީމަން އެކަނިކަމަށް.” ބާބޫ ތަފްސީލުކޮށްދިނެވެ.
7 Comments!
Comments are closed.
v ufaavejje avahah up koh dhinyma kndhuvahakun aney part..haadha reechey mi story.aney pert avaskohdheythi plxxx
Vvvvvvvvvvvvv reeeethi.avahah anehbai upkohdheebala plx plxx
I’m impressed by your writing. Are you a professional or just very knowledgeable?
Nashaa mibaives varah reethi 🙂 mihaaru hama mijehenee neyvaa hifaataalan dhoa. Nashaa varah molhu ingey 🙂 alhey Reem bandubodee Eman ah tha? haadha baivaru suvaalu thakeh hithuthereyga ufedhije ey 🙂 avahah anehbai upload kohdhechey ingey
kuirn part ga othy iyaana bandah 4 months vaan kairivefa oh vahaka..
ibrahimge commentga e bunaa echcheh alhugandah saafeh nuvi. Mi baigai evanee reem ge bandah vee dhuvas. reemge bandah mihaaru v 1month +1week
did i answer your question or am i on the wrong track? readers am i right
ނަޝާ ތޭންކްސް މިބައިވެސް ވަރަށް ރީތި އަނެއްބައި އވަހަށް އޕްކޮށް ދެއްޗޭއިނގޭ
ޝުކުރިއްޔާ