ވާހަކަ އަޕްޑޭޓް ވާންޖެހޭ ދުވަހުގައި އަޕްޑޭޓް ނުކޮށްދެވުނީތީ ހުރިހައި ކިޔުންތެރިން ހިތްހަމަ ޖައްސާލުމަށްޓަކައި މިބައި އަވަހަށް އަޕްޑޭޓްކޮށްދިނީ!!
54 ވަނަ ބައިގައި “އަހަރެން” ގެ ނަމުގައި ކޮމެންޓްކޮށްފައިވާ ކުއްޖާއަށާއި ދެންވެސް ވާހަކަ އަޕްޑޭޓް ނުވެގެން ރުޅިން ތިބި ހުރިހާ ކުދިންނަށް މިބައި ހާއްސަކޮށްލަން/

“އަވަހަށް ތައްޔާރ……….” އީމަންގެ ޖުމުލަ ފުރިހަމަ ނުވަނީސް އިޔާނާ ފާހާނާއަށް ވަނެވެ. އިޔާނާގެ މި އަވަސް ހަރަކާތުން އީމަންއަށް ހައިރާންކަން ލިބުނެވެ.
އިޔާނާ ތައްޔާރުވެގެން ނިކުތް އިރު އީމަން އިނީ އެނދުގައެވެ. އިޔާނާ ފެނުމާއެކު އީމަން ތެދުވިއެވެ. ކަޅު ހެދުމަކާއެކީގައި އަޅައިގެން ހުރި އޮރެންޖް ކުލައިގެ ޝޯލްއިން އިޔާނާގެ ކޯތާފަތަށްވެސް އޮރެންޖް ކުލަ ގެނުވައިފައިވެއެވެ. ހަތަރުމަސްފުރެން ކައިރިވެފައިވާ ބަނޑު މާ ބޮނޑަކަށް ނޭނގެއެވެ.
އީމަންއަށް ރަނގަޅަށް އިޔާނާއަށް ބަލައިލެވުނެވެ.
އިޔާނާއަށް އުނދަގޫވާގޮތްވިއެވެ. ހިތްހަމަ ނުޖެހި ހުރެ އިސްޖަހާލިއެވެ. އީމަންއަށް އިޔާނާގެ މޫނުމަތިން ނުރުހުން ވުމުގެ އަސަރު ފާހަގަ ކުރެވުނެވެ.
“ޔާނު ކަމަކާ ހިތްހަމަ ނުޖެހިފަތަ؟” އީމަން ކަންބޮޑުވެފައި ސުވާލުކޮށްލިއެވެ.
އިޔާނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “އީމަން ހިތްހަމަ ޖެހޭތަ؟” އިޔާނާ ކުރި ސުވާލުން އީމަންއަށް ލިބުނީ ހައިރާންކަމެވެ. އޭނާ އެދައްކަނީ ކޮންވާހަކައެއްކަން ނުވިސްނުނީތީއެވެ. “ކީކޭ ތިބުނީ؟” އީމަންއަށް ސުވާލުކޮށްލެވުނެވެ.
“މިބުނި އެއްޗެއް ވިސްނެން އީމަން ބޭނުންތަ.” އިޔާނާ ހަށަން ބަނދެލަމުން ބުނެލިއެވެ. އީމަން އަށް ހުރެވުނީއެވެ.
“އަހަރެން އީމަންއަށް ވަރަށް އިޙްތިރާމްކުރިން. ޤަބޫލުކުރަން އަހަރެމެން ދެމީހުންގެ އަސްލިއްޔަތު އޮޅުވާލަން ޖެހުނީ މަޖުބޫރުންކަން. އެކަމަކު ދެން އެއަށްފަހުގަ ދެން ހިނގި ކަންތައްތަކަކީ ހިނގައިގެންވާނެ ކަންތައްތަކެއްނޫން. ހަޤީޤަތް އެމީހުންނަށް ނޭނގުނަސް އީމަންއަށް އެނގެއެއްނު. ދެން ކީއްވެ؟” އިޔާނާގެ ވާހަކަތަކުން އީމަން ދެރަވިއެވެ. އެއީ އެބީދައިން ވާހަކަ ދެއްކުމަކުންނެއް ނޫނެވެ. އިޔާނާއަށް އެއްވެސް އެއްޗެއް ހަނދާން ނުވާކަން އިހުސާސްވުމުންނެވެ. މި ހުރިހާއިރު މޫނުމަތީގައިވި ހިނިތުންވުން މުޅިން ގެއްލިގެން ދިޔައެވެ. އިޔާނާ އަށް އޭނާއެއީ ކާކު ކަން ހަނދާންވާނެބާއެވެ؟ އެހިތުގައި އީމަންއަށްޓަކައި އެއްވެސް އިހުސާސެއް ނެތީ ހެއްޔެވެ؟ ލޮލަށް ޖަމާވާންފެށި ކަރުނަތައް ހިފަހައްޓާލުމަށްޓަކައި އީމަން އިސްޖަހާލިއެވެ.
އިޔާނާގެ ވާހަކަތައް އަޑު އަހަން ހުރުމަށްފަހު އީމަން އިސްޖަހާލިތަން ފެނި އިޔާނާއަށް ދެލޯ ބޮޑުކޮށްލެވުނީ އެކަމުން އޭނާއަށް ދޭހަވި މާނައިގެ ސަބަބުންނެވެ.
“ތީގެ މާނައަކީ ކަންތައްވީ ހަމަ އަހަރެން ހީކުރި ގޮތަށޭ ދޯ. އަހަރެންގެ ހެދުން ބަދަލުކުރީ އީމަން ދޯ؟ އަހަރެންނާއެކީގަ އީމަން ރޭ ނިދިން ދޯ؟ ކީއްވެ؟” އިޔާނާއަށް ދެރަވެ ރޮވޭގޮތްވިއެވެ. އަދި ހާއްސަކޮށް އީމަން އެގޮތަށް އިސްޖަހާލައިގެން ހުރުމުން އީމަންއަށް ކުރެވުނީ ކުށެއްކަން ޚުދު އީމަންވެސް ޤަބޫލުކުރަނީ ކަމުގައި ވިސްނުނެވެ. “ކީއްވެ އީމަން ތިހެން ކަންތައްކުރީ. ތިއީ ޒާންގެ ރަޙްމަތްތެރިޔާއެއް ނޫންތަ؟ ރައްޓެހިންނަށް ހިޔާނާތްތެރިވާން ނުވާނެކަން ނޭނގެނީތަ؟” އިޔާނާ ރޮމުން ވާހަކަ ދައްކަންފެށުމުން އީމަން އިސް އުފުލާ ބަލައިލިއެވެ. އިޔާނާއަށް ވަރަށް ބޮޑު ކުށްހީއެއް ކުރެވިއްޖެ ކަމުގެ އިހުސާސްވުމާއެކީ އޮޅުންފިލުވައިދޭންފެށިއެވެ. “ނޫނޭ ޔާނު! ތި ހީކުރެވެނީ އަދި މުޅިން ރަނގަޅަކަށް ނޫން.”
“ކޮން ޔާނު އެއް. އަހަރެންނަށް ކިޔަނީ އިޔާނާ!” އިޔާނާ އަޑު ހަރުކޮށް ބުނެލިއެވެ. އީމަންއަށް ހުއްޓުން އަރާގޮތްވިއެވެ. އިޔާނާ ހަމަ ރަނގަޅަށްވެސް ރޯން ފެށީއެވެ. އީމަން ދައްކާ ވާހަކަ އަޑުއަހަންވެސް ބޭނުން ނުވާ ފަދައެވެ.
“އޯކޭ، އިޔާނާ. އަހަރެން މިދައްކާ ވާހަކަ އަޑު އަހާބަލަ. ތި ހީކުރާ ކަހަލަ އެއްވެސ……” އީމަންގެ ވާހަކަތައް އިޔާނާ ހުއްޓުވާލިއެވެ.
ދޮރުގައި ޓަކި ދިން އަޑާއިއެކީ ސުޒޭން އެތެރެއަށް ވަދެގެން އައެވެ.
“އީމަން! ފޯމުތައް ރެޑީވެފަ ހުރީ. ކައުންޓަރަށް ގޮސް ޕޭމަންޓް ދައްކާ ހުރިހާ ކަމެއް ފުރިހަމަ ކޮށްލަންވީނު،” ސުޒޭން އިޔާނާއަށް ބަލައިލާފައި އީމަންއަށް ނަޒަރުހުއްޓާލަމުން ބުނެލިއެވެ. އީމަން ބޯޖަހާލަމުން ނިކުންނަން ހިނގައިގަތެވެ.
ސުޒޭންއަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަން އެނގުނެވެ. އަވަސް އަވަހަށް އީމަންގެ ފަހަތުން ނިކުތެވެ. އީމަން ވީ ގޮތް ސުޒޭންއަށް އޮޅުން ފިލުވައިދިނެވެ. ސުޒޭން އޭނާ އިޔާނާއާއި ވާހަކަ ދައްކާނެކަމުގައި ބުނެ އެނބރި ކޮޓަރިއަށް ވަނެވެ.
އިޔާނާ އިނި އެނދުމަތީގައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތިކިތަށް އަތުގެ ނުފުށުން ފުހޭށެވެ.
“ވަރަށް ރުޅި އައިސްފަތަ ތިހުރީ.” ސުޒޭން އިޔާނާ ކައިރީގައި އިށީންނަމުން މަޑުމައިތިރި ރާގެއްގައި ބުނެލިއެވެ. އިޔާނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. “ފިރިމީހާ ދެކެ ތިވަރަށް ރުޅި އަންނާކަށް ނުވާނެ.”
“އެއީ އަހަރެންގެ ފިރިމިހާއެއް ނޫން.” އިޔާނާ ހިތްހަމަ ނުޖެހި ހުރެ ބުނެލިއެވެ.
“އަހަރެންނަށް އިނގޭ އިޔާނާ ތީ އީމަންގެ އަނބިމީހާކަން. ރޭގަ އީމަން އަހަރެންނަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނޭ ބުނީމެއްނު.” ސުޒޭން ބުނެލިއެވެ.
“ރޭގަ އީމަން އެހެން ބުނީ މިތަނުން ކޮޓަރި ހަމަ ޖެއްސުމަށްޓަކައި. އަހަރުމެން މިއީ ދެމަފިރިންނެއް ނޫން. އަހަރެން މިއީ އީމަންގެ ވަރަށް ގާތް ރަހްމަތްތެރިއެއްގެ އަންހެނުން. ސުޒޭން ނިކަން ބުނެބަލަ! ސުޒޭންގެ ރަހްމަތްތެރިއެއް މިގޮތަށް ކަންކުރަން ސުޒޭން ރުހޭނަންތަ؟ އީމަން ކަންތައް އެކުރީ ރަނގަޅަށްތަ؟ އޭނަ އެކުރި ކަމަކުން އޭނަގެ މައްޗަށް އޮތް އިތުބާރު ގެއްލިއްޖެ.” އިޔާނާ ހަޤީޤަތް ހާމަކުރަމުން ބުނެލިއެވެ.
“ޤަބޫލުކުރަން އިޔާނާ ތިދައްކަނީ ތެދު ވާހަކަ ތަކެއްކަން. ރައްޓެއްސެއްނަމަ ތިގޮތެއް ކަންތައް ކޮށްގެނެއް ނުވާނެ. އެކަމަކު ފިރިމީހާއަށް ހުއްދައެއްނު؟” ސުޒޭން ވާހަކަ ދައްކަމުން ދިޔައީ މަޑުމައިތިރި ކަމާއެކީ އެވެ.
“އަހަރެންނަކަށް ނޭނގެ ސުޒޭން ކައިރީ ރޭ އީމަން ދެއްކީ ކޮން ވާހަކަ ތަކެއް ކަމެއް. އެކަމަކު އެވާހަކަ ތަކެއްގަ އެއްވެސް ތެދު ހަޤީޤަތެއް ނެތްކަން އެނގެއެއްނު. އަހަރެންނަށް އީމަން އެނގޭތާ މާގިނަ ދުވަހެއް ނުވޭ. އަހަރެން އޭނައަށް ވަރަށް އިތުބާރުކުރިން. އެއީ ޒާންގެ ގާތް ރައްޓެއްސެއްކަމަށްވާތީވެސްމެ. އަދި ހަމަ އެހެންމެ އޭނާއަށްޓަކައި ހިތުގައި ހާއްސަ ޤަދަރެއް ދެވިފައިވާތީވެސްމެ. އެކަމަކު އަހަރެން ހިއެއް ނުކުރަން ދުވަހަކުވެސް އެއީ މިވަރަށް ދަށް ފެންވަރުގެ މީހެއްކަމަކަށް. ކޮން ހާލަތެއްގައި ކަންތައް ކުރަންވީ ކޮންގޮތަކަށް ކަމެއް އޭނައަކަށް ނޭނގެ. އެހެންވެ އޭނަގެ ދިރިއުޅުން ވެސް އެގޮތަށް އެއޮތީ.” އިޔާނާ އޭނާގެ ކޮޅު ދިފާއުކުރިއެވެ. ރުޅިއައިސްފައި ހުރުމުގެ ސަބަބުން ހިތަށް އެރިހާ އެއްޗެއް ގޮވަމުން ދިޔައެވެ.
އަނެއްކޮޅުން އީމަން ހުރީ އެދެމެދުގައި ދެކެވެމުން ދިޔަ ހުރިހާ ވާހަކަތަކެއް އަޑުއަހަން ދޮރުކައިރީގައި ނިވާ ވެގެންނެވެ. އިޔާނާގެ ދުލުން ނިކުތް ކޮންމެ ލަފްޒަކުން އޭނާގެ ހިތް ކަތިލަމުން ދިޔަ ފަދައެވެ. އޭނާގެ ދިރިއުޅުން މިވަރަށް ދޯދިޔާވީ ޔާނާ ދިޔުމުންކަން އޭނާއަށް ވިސްނޭނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ދިރިއުޅުމާއިގެން ކުރިއަށް ނުދެވިގެން މިއުޅެނީ ޔާނާދެކެ ވާ ލޯތްބެއްގެ ސަބަބުންކަން އެނގޭނެ ނަމައެވެ. ތަޤްދީރު އެދެމީހުން ވަކި ނުކުރި ނަމަ އީމަންއަށް ވުރެ ވަކި އުފާވެރި ދިރިއުޅުމެއް އުޅޭނެ މީހަކު މި ދުނިޔެ މަތީގައި ހުންނާނެ ހެއްޔެވެ؟ ލޮލަށް ކަރުނަ ގިނަވާން ފެށުމުން އީމަން އެތަނުން ބޭރަށް ދިޔައެވެ.
“އަހަރެންނަކަށް ނޭނގެ އިޔާނާ ތިދައްކަނީ ކޮންވާހަކަ ތަކެއް ކަމެއް. އެކަމަކު އަހަރެންނަށް އެނގޭ އެއްޗެއް ހިއްސާކޮށްލާނަން. އީމަންގެ ހަޤީޤަތް އިޔާނާއަށް އެނގުމުގެ ކުރިން އިޔާނާއަށް ޚުދު އަމިއްލަ ނަފްސާ ބެހޭ ވަރަށް ގިނަ ކަންތައްތައްވެސް އެނގެން ޖެހެއްއެއްނު. މިއީ ކޮންމެހެން އިޔާނާ ދެރަކޮށްލާކަށް ބުނާއެއްޗެއްނޫން. އެކަމަކު ހަޤީޤަތަކީ އިޔާނާއަށް އަމިއްލަ ނަފްސާ ބެހޭގޮތުންވެސް އެއްވެސް އެއްޗެއް ނޭނގޭކަން. އެނގެނީ ހަމައެކަނި މީހަކު ބުނެ ދިން އެއްޗެއްނު. ކިހިނެތް އެނގެނީ ޒާންއެއީ އިޔާނާގެ ފިރިމީހާކަން. އެބައޮތްތަ އެއްވެސް ހެއްކެއް؟” ސުޒޭން ވާހަކަ މަޑުޖައްސާލިއެވެ. އިޔާނާ ސުޒޭންއަށް ބަލައިލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެއެވެ.”ނެތެއްނު!” “އަހަރެން ބުނަން މިއުޅޭ އެއްޗަކީ އެންމެ ފުރަތަމަ ހަޤީޤަތް ހޯދުމަށް މަސައްކަތް ކުރާށޭ. އީމަން އަހަރެންކައިރީގަ ބުނި އިޔާނާ ތިއީ އީމަންގެ އަނބި މީހާއޭ. ދެން އިޔާނާ ތިޔަ ހީކުރާހާ ގޯސްމީހެއްނަމަ ކީއްވެ އީމަން އަމިއްލައަށް އިޔާނާގެ ހެދުން ބަދަލު ނުކުރީ. މިތަނުން އެއްވެސް މީހަކަށް އެކަމެއް ނޭނގޭނެ. އެހާ އަމިއްލަ އެދުން ބޮޑު މީހެއްނަމަ، އިޔާނާ ހަމަ ހޭގައި ނެތްއިރު އިޔާނާގެ ފައިދާ ނަގަންވީނު. އެކަމަކު އޭނާގެ އަނބިމީހާކަމަށް އޭނާ ޤަބޫލުކުރާ މީހާ އެކަން ޤަބޫލުނުކުރާކަމަށްޓަކައި އޭނަ އެދުނީ އަހަރެން އިޔާނާ ޗޭންޖުކޮށްދޭން.” ސުޒޭން ހަޤީޤަތް ހާމަކޮށްލިއެވެ. އިޔާނާއަށް ހައިރާންކަމާއެކީ ބަލައިލެވުނެވެ.
“އާނ! އީމަންއެއް ނޫން އިޔާނާ ޗޭންޖުކުރީ. އަހަރެން. ތިއީ އީމަންގެ ހަލާލު އަނބިމީހާކަމުގައި އޭނާ ޤަބޫލުކުރާއިރުވެސް އެންމެ ފަހަރަކުވެސް އިޔާނާ ނުރުހޭ ކަމެއް ނުކުރޭ. އެފަދަ މާތް މީހަކާ ދިމާއަށް އުފް އޭވެސް ބުނެލުމަކީ ރަނގަޅުކަމެއް ނޫން. އަހަރެން އަޑުއަހާ ގޮތުގަ މުސްލިމުން އެމީހުންގެ ފިރިންނަށް ސަޖިދަވެސް ޖަހާނެ، އެކަމަށް އަންގަވާފަ ވީނަމަ. އެކަމަކު އިޔާނާ އެންމެ ކުޑަމިނުން ޒާން އެއީ އިޔާނާގެ ފިރިމީހާތޯ ނުވަތަ އީމަންއެއީ އިޔާނާގެ ކާކުތޯވެސް ބަލައެއް ނުލަމެއްނު.” ސުޒޭން ފުންނޭވާއެއް ދޫކޮށްލިއެވެ. “އަހަރެން ތިމީހުންގެ ޕާޒަނަލް ލައިފްގެ ތެރެއަށް ވަންނަނީއެއްނޫން. އަދި ޤަބޫލުކުރަން އަހަރެންނަށް ތިމީހުންނާ ބައްދަލުވީތަން އަދި 24 ގަޑިއިރުވެސް ނުވާކަން. އެކަމަކު ތިމީހުންގެ ދިރިއުޅުމުގެ ވަރަށް ބޮޑު ބައެއް އަހަރެންނަށް އެނގިގެން ހިނގައްޖެ. އަދި ހާއްސަކޮށް އީމަން. އީމަން އެއީ ތެދުވެރިއެއް. އަހަރެންނަށް ހަމަ ޔަޤީން. ބުނަން މިއުޅެނީ އީމަންއާ ދޭތެރޭ ތި ދެކެނީ ރަނގަޅަކަށްނޫނޭ. އީމަންގެ އެއްވެސް ކުށެއް ނެތޭ.”
ސުޒޭން ބޭރަށް ހިނގައިގަތެވެ. އޭނާ އިޔާނާގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް މަޑެއް ނުކުރިއެވެ.
އިޔާނާއަށް ހުރިފިޔަވަޅުމަތީގައި ހުރެވުނީ އެވެ. ބުދެއްފަދައިންނެވެ.

ކާރު ތެރޭގައި އީމަންއާ އިޔާނާ ތިބިއިރު ދެމީހުންގެ ދެމެދުގައި އެއްވެސް ވާހަކަ ތަކެއް ނުދެއްކެއެވެ. އީމަން އެއްޗެކޭ ނުބުނި ނަމަވެސް އޭނާގެ ހިތް ރޮމުން ދިޔައެވެ. އިޔާނާކައިރިން އާދޭސްކުރަމުން ދިޔައެވެ. ހަޤީޤީ ދުނިޔެއަށް އެނބުރި އައުމަށް އެދިއެވެ. އަލުން އޭނާގެ ދިރިއުޅުން އުޖާލާ ކޮށްދިނުމަށް އެދިއެވެ.
އެއްޗެކޭ ނުބުނެ ހުރީ ރޮވިދާނެހެން ހީވާތީއެވެ.
އިޔާނާއަށް އިނދެވުނީ ހިޔާލީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. ސުޒޭން ދެއްކި ވާހަކަ ތަކުގެ މާނަ ވަރަށް ފުނެވެ. އޭގެ ކޮންމެ ލަފްޒެއްގެ ފަހަތުގައިވެސް އިޔާނާއަށް އިޝާރާތްކުރާ އެތަށް ކަމެއް ވާފަދައެވެ.
އަދި ހަމަ އެހެންމެ އީމަންއާ ދިމާއަށް ބުނެވުނު ބަސްތަކަށް އީމަންގެ ކިބައިން މަޢާފަށް އެދެން ބޭނުންވެފައި އިންނަމަވެސް އީމަންގެ އެ ހަމަ ހިމޭންކަންފެނި ފަސްޖެހެވެނީއެވެ.
ގޭގެ ގޭޓުންވަދެ ކާރު ޕާކުކޮށްލުމާއެކު އިޔާނާ ބޭރަށް ނިކުތެވެ. އަދި އަވަސް އަވަހަށް ހިނގާފައި ގޮސް ގޭތެރަށް ވަނެވެ. އީމަން އިޔާނާގެ ފަހަތުގައި ހުރިއެވެ. އިޔާނާއަށް ބަލަހައްޓައިގެންނެވެ. އެހިތުގައި އަޅަމުންދާ ވޭން އެންމެ ފަހަރަކުނަމަވެސް ޔާނާއަށް އިހުސާސްކުރެވޭނެނަމައެވެ.

ޖާހަތު ކޮޓަރިއަށްވަދެ ފެންވަރާލައިގެން ނިކުމެ އެނދުގައި އޮށޯވެލިއެވެ. ޝާމް ބައްދަލުކުރަން ދާން އެދިފައި އޮތުމުން ގެއިން ނިކުންނަން ބުނާނީ ކީކޭ ހެއްޔެވެ؟ ދެން ކޮންމެ ގޮތެއްވިނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ޝާމްއާ ގިނަގިނައިން ބައްދަލުކުރަން ޖެހޭނެއެވެ. ޝިފާއަށް ސިއްރުން އެކަން ކުރާނީ ކިހިނެތް ހެއްޔެވެ؟
ދޮރުގައި ޓަކި ދިންއަޑު އިވުނީ އެވަގުތުއެވެ. ހިތަށް އެރިއެވެ. ހުމާމު ބާވައެވެ. އާންމުކޮށް ހެދުނުގަޑީގައި ހުމާމު ޖާހަތުއާ ބައްދަލުކުރަން އާދެއެވެ. ޝިފާއާ ބައްދަލުކޮށްލަންކަމަށް ބުނަމުންނެވެ. ދެމީހުން ބައްދަލުކުރާއިރު ޝިފާ އަބަދުވެސް ހުރެއެވެ. އެއީ އެގޭ އަންހެން މީހާ ހިތްހަމަ ނުޖެހިދާނެތީއެވެ.
ކައިރީގައި އޮތް ބުރުގާ ބޮލުގައި އަޅާލުމަށްފަހު ގޮސް ދޮރު ހުޅުވިއެވެ. އެއީ ޝިފާއެވެ. ހުމާމެއް ނެތެވެ.
ޝިފާ ތައްޔާރުވެލައިގެން ހުރިތަން ފެނި ޖާހަތު ހައިރާންވިއެވެ.
“ހާދަ ރީތިވެގެން. ތަނަކަށް ދާންތަ ތިއުޅެނީ؟” ޖާހަތު ސުވާލުކޮށްލިއެވެ.
“އާނ!…… އަހަރެން ކޯހަށް ހޮވިއްޖެ. މިއަދުން ފެށިގެން ކްލާސްތަކަށް ޖޮއިންކުރަން ބުނެފަ އޮތީ. އެހެންވެ މިދަނީ ދާން” ޝިފާ ހިނިތުންވެލަމުން ބުނެލިއެވެ.
“ރީތިތަ؟” ޝިފާ އަމިއްލަ ނަފްސަށް އިޝާރާތްކޮށްލަމުން ޖާހަތުއަށް ސުވާލުކޮށްލިއެވެ. އަދި ކުޑަކޮށް ދެފަރާތަށް އެނބުރެލިއެވެ.
ޖާހަތު އާނއެކޭ ބުނެލިއެވެ.
“އެހެންދޯ. އެހެންވީމަ މިއަދުން މިއަދަށްވެސް ކާމިޔާބު ވެދާނަ.” ޝިފާ ކޮނޑުގައި އޮތް ދަބަހުގެ ފަށް ހެޔޮވަރުކޮށްލަމުން މަޖާވެފައި ބުނެލިއެވެ. ޖާހަތު ހިނިތުންވެލިއެވެ. ޝިފާ ދާން ހިނގައިގަތެވެ.
އެއްބުރިއަކަށް ގޮސްފައި އެނބުރި ބަލައިލީ ކަމެއް ހަނދާންވުމުންނެވެ. “އޭތް!! މިއަދު ހުމާމަކަށް ނާދެވޭނެ މިހެންވީމަ. ދެން ހީވަނީ މީޓް ކުރެވޭނީ ހުކުރު ދުވަހު ހެން ދޯ؟ ސޮރީ އިނގޭ.” ޝިފާ ދެރަވެލާފައި ބުނެލިއެވެ.
“އެއީ މައްސަލަ އެއް ނޫން.” ޖާހަތުއަށް ލިބުނު އުފާވެރިކަން ސިއްރުކުރަމުން ބުނެލިއެވެ. ޝިފާ ހިނގައިގަތެވެ.
ހަމަ ޖެހުމުގެ ނޭވާއެއް ލުމަށްފަހު ޖާހަތު ދޮރު ލެއްޕިއެވެ. އޭނާގެ ބަންދުވެފައިވާ މަގު ހުޅުވުނީއެވެ. އަމާންކަމާއެކީއެވެ.
ދެން އޮތީ މެންދުރަށް އިންތިޒާރުކުރުމެވެ.

އިޔާނާ ހެނދުނުގެ ނާސްތާއަށްފަހު އެނދުގައި އޮށޯވެލިއެވެ. ބޭރަށް ނިކުންނަން ބޭނުން ނުވުމުން އޭނާ ނާސްތާ ކުރީ ކޮޓަރީގައެވެ.
ރީމް ކޮޓަރިން ނިކުމެގެން އައިސް ސިޓިންރޫމު ބަލައިލިއެވެ. ހީވަނީ މީހަކު ހޯދަނީ ހެނެވެ. ސިޓިން ރޫމުގައި އެއްވެސް މީހެއް ނެތެވެ. އެހެންކަމުން މިސްރާބު ޖެހީ އިޔާނާ ކޮޓަރިއާ ދިމާއަށެވެ. ރޭއްސުރެ ރީމްއަށް ހަމަ ޖެހުމުގެ އެންމެ ނޭވާއެއްވެސް ލެވިފައި ނުވާ ފަދައެވެ. އީމަންގެ ހަބަރެއްވޭތޯ އޭނާ ގުޅަން ކުރި ހުރިހާ މަސައްކަތެއް ވީ ނާކާމިޔާބެވެ. އަނެއްކޮޅުން އިޔާނާއާއި އީމަން ތިބި ތަނެއް ނޭނގުމުން ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ދެމީހުން އެއްކޮށް ތިބީ ކަމުގައި ހިތަށް އަރާ އަރާ ކޮންމެ ފަހަރަކު ހިތް ބިރުގަނެއެވެ. ހިތަށް ފާޑުފާޑުގެ ހިޔާލުތައް ވަދެގެން ދެއެވެ. މުޅި ރޭ ފާއިތުވެގެން ދިޔައީ ރީމް މިފަދަ އުނދަގޫތަކެއްގެ ތެރޭގައި އުޅެނިކޮށެވެ.

އިޔާނާގެ ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު ރީމް އެތެރެއަށް ވަނެވެ. އިޔާނާ އޮތީ އެނދުގައި އޮށޯވެލައިގެން ފުން ވިސްނުމެއްގައެވެ. ރީމް ހުރިކަން އެނގުމާއެކު އިޔާނާ ތެދުވިއެވެ.
“އިޔާނާ! ހެޔޮ ހާލުގަ އެބަހުރިން ދޯ!! އަހަރެން ކަންބޮޑުވެގެން ހަމަ ހަދާނެ އެއް ގޮތެއްވެސް ނުވިސްނުނު. ކޮންތާކުގަތަ ރޭގަ ހުރީ؟” ރީމް ވާހަކަ ދައްކަންފެށިއެވެ. ރީމް ބޭނުންވީ އޭނާގެ ހިތުގައި އުފެދިފައިވާ ޝައްކު ފިލުވުމަށެވެ.
“ރޭގަ ވިއްސާރަވެގެން މިކޮޅަށް ނާދެވުނީ. އޯރފަނޭޖްއެއްގަ މަޑުކުރީ އީމަންއާ އެކީ.” އިޔާނާގެ ޖުމުލައިން ރީމްގެ މެޔަށް ހޫނު ފެން އެއްޗެއް ޖެހި ފަދައެވެ.
“ދެމީހުން..؟ އެހެންތަ؟” ރީމް ދެން ކުރަންވީ ސުވާލަކާ މެދު ވިސްނާލިއެވެ. “އެހެންތަނެއްވީމަ ރޭ ނުވެސް ނިދުނު ދޯ؟”
“ނޫނޭ. ރޭ ވަރަށް ފިންޏެއްނު. އަނެއްކޮޅުން އެތަނުގައި ކޮޓަރިތައް އެހާ ފިންޏެއްވެސް ނޫން.” އިޔާނާއަށް ދައްކަންވި ވާހަކަ ނޭނގުނެވެ. ރޭގައި ކަންތައްވީ ގޮތް ހިތަށް އެރުމުންނެވެ. އޭނާ އީމަންއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުންނެވެ.
“ކޮބާ އީމަން؟” އީމަންގެ ކިބައިން މަޢާފަށް އެދެން ބޭނުން ވުމުން އިޔާނާއަށް ސުވާލުކޮށްލެވުނެވެ.
އަނެއްކޮލުން ރީމްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. “ނިދި ވާހަކަ ދެއްކުމާއެކީ ކީއްވެ ކުއްލިއަކަށް އީމަންވީ ތަނެއް ތި ބެލީ؟” ރީމްއަށް ސުވާލުކޮށްލެވުނެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ އެއް ވާހަކައެކެވެ. އެދެމީހުންގެ މެދުގައި ކޮންމެވެސް ކަމެއް ހިނގީއެވެ. އެހެންނޫންނަމަ ނިދުމުގެ ވާހަކަ ދައްކާއިރަށް ކުއްލިއަކަށް އީމަން މަތިން ހަނދާންވާންވީ ކީއްވެ ހެއްޔެވެ؟ ހިތުގައި ރުޅިވެރިކަމެއް އުފެދުނު ނަމަވެސް އަދިވެސް ޝައްކުތައް ފިލައިގެނެއް ނުދެއެވެ.
ރީމް ކުރި ސުވާލުން އިޔާނާއަށް އުނދަގޫވިއެވެ. އެހެންކަމުން ބުނާނެ އެއްޗެއް ނޭނގުނެވެ.
“ތިއެއްނޫނޭ!! އަހަރެން މިއައީ ކަމަކު؟” ރީމް މަޢުޟޫ ބަދަލުކޮށްލިއެވެ.
“ކޮންކަމަކު؟ އަވަހަށް ބުނޭ!” އިޔާނާ ހިނިތުންވެލަމުން ބުނެލިއެވެ.
“އެބަޖެހޭ ލޭގެ ޓެސްޓެއް ހައްދަން. ހުން ގަދަވި ވަރުން ލޭގެ އިންފެކްޝަންވެސް ހެދިފަ ހުރީމަ ބުނި ރަނގަޅުވެގެން ޔަޤީންކޮށްލަން ޓެސްޓްކޮށްލައްޗޭ.” ރީމް ބުނެލިއެވެ. ހަޤީޤަތުގައި އޭނާގެ މަޤްސަދަކަށްވީ އިޔާނާއާ އެކީ ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. އޭނާ ޚުދު އިޔާނާގެ ފަތިފުށް ބަލަން ބޭނުމެވެ. އަބަދުގެ އަބަދަށް ޝައްކެއްގައި ހުންނަން ޖެހިއްޖެ ނަމަ މޮޔަ ވެދާނެއެވެ. ޝައްކު ފިލުވައި މިކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސަން އޭނާ ބޭނުމެވެ.
“އާނ! ހިނގާ!……. ދީ ފަސް މިނެޓް. މިތައްޔާރުވެލަނީ.” އިޔާނާ ލުއި ހިނިތުންވުމަކާއެކީ ބުނެލިއެވެ.

“އެހެންވީމަ މިބުނި ގޮތަށް ކަންތައް ކުރިއަށް ގެންދޭ.” ޝާމް ވާހަކަ ދެއްކީ ކުރިމަތީގައި އިން ޖާހަތާއެވެ. ރެސްޓޯރެންޓްގެ އެކަހެރި ހިސާބެއްގައި ދެމީހުން ބައްދަލުކޮށް ދެމީހުންވެސް ދެމީހުންގެ މަޤްސަދު ހާސިލްކުރަން ބޭނުން ކުރާނެ އެއް ޕްލޭން ރާވާލިއެވެ.
“މައްސަލައެއްނެތް. އެކަމަކު ސުވާލެއްކޮށްލަންތަ؟” ޖާހަތު ހަމަ ޖެހިލާފައު ހުރެ ބުނެލިއެވެ. ޝާމް ޖާހަތަށް ބަލައިލިއެވެ.
“ހުމާމާ އަހަރެންނާ ދުރުވުމުން ޝާމްއަށް ކުރާނީ ކޮން ފައިދާއެއް؟” ޖާހަތު އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުކުރިއެވެ.
ޝާމް ދެފަރާތަށް ބޯ ހޫރާލިއެވެ. ޖާހަތުއަށް ނުވިސްނޭތީކަހަލައެވެ.
“މީގަ މުހިންމީ އަހަރެންނަށް ލިބޭ މޮޅެއް ނޫނެއްނު. ޖާހަތު ބޭނުމީ ސަލާމަތް ވުމެއްނު. އަހަރެން މިބުނި ގޮތަށް ކަންތައްކޮށްގެން ޖާހަތުއަށް ވާނީ ފައިދާ. ދެން އޮތީ އަހަރެންގެ ވާހަކަ. އެވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ!!” ޝާމް ބުނެލިއެވެ. ޝާމްގެ ހުރި ބޮޑާކަމެއްގެ ސަބަބުން އޭނާއާ އެކީ އެއްވެސް ކަމެއް ކުރާ ހިތެއް ޖާހަތު ނުވިއެވެ. ނަމަވެސް އަމިއްލަ ފައިދާއަށްޓަކައި އެއްބަސްވެގެން އިނީއެވެ.
ޝާމް ދެން ޖާހަތުއަތަށް ދިއްކޮށްލީ ރުފިޔާ ބޮނޑިއެކެވެ. ބަލާބެލުމަށް އޭގައި ތިބީ ހުސް ފައްސަތޭކައިގެ ނޫޓެވެ.
“ތި ކީއްކުރާ އެއްޗެއް؟” ޖާހަތު ހައިރާންކަމާއެކީ ސުވާލުކޮށްލިއެވެ.
“އަހަރެން އެއްވެސް މީހެއްގެ އިހުސާންތެރިކަމެއް ނުހޯދަން.” ޝާމް ބޮޑާވެލާފައި ބުނެލިއެވެ. އޭނާ އެދިނީ ޖާހަތުއަށް އަގެވެ. އެކޮށްދޭ ކަންތަކުގެއެވެ.
“އަހަރެންވެސް މީހުން އަތުން އިހުސާންތެރިކަން ހޯދައެއް ނޫޅެން.” ޖާހަތު ރުޅި އަންނަ ގޮތްވިއެވެ. “ބުނަން ޝާމް! ހީ ނުކުރައްޗޭ އަހަރެން މިއުޅެނީ ގޮތް ހުސްވެގެންނޭ. އަދި ހަމަ އެހެންމެ އަހަރެން ލައްވާ ބޭނުންހާ އެއްޗެއް ހަދާލެވިދާނޭ. އެހެންވީމަ އެންމެ ރަނގަޅުވާނީ ތި ހުރި ހިސާބުގަ ހުރުން. އެހެންނޫންނަމަ އެކަން ވަރަށް ހިތި ވެދާނެ. އަހަރެން ފިލަން ބޭނުން ނަމަ ފިލައިގެން ދިޔަތާ މިހާރު ކޮން ދުވަހެއް. ހުމާމު އޭނަގެ ބައްޕަގެ ރުހުން ހޯދަން ކުރާ މަސައްކަތުގައި މިހާރު އެއުޅެނީ އޭނަގެ ބައްޕަގެ ލޮލުކުރިމަތީ 24ގަޑިއިރު އުޅެންޖެހިފަ. އަހަރެން ކަމެއްކޮށްނުލާ މިގޮތަށް ހުރުމުން އޭނަ ހުންނާނީ ވަރަށް ހައިރާންވެފަ. އަހަރެން މިހުރިހާ ކަމެއް މިކުރަނީ އެންމެ ބޭނުމަކަށްޓަކައި. ހަމަ އެކަނި ބަދަލު ހިފުމަށްޓަކައި. އެހެންވީމަ އޮޅުމަކުންވެސް ހީ ނުކުރާތި އަހަރެން ގޮތްހުސްވެއްޖެއޭ. ” ޖާހަތު ރުޅިވެރިކަމާއެކު އިންޒާރު ދިނުމުން ޝާމްގެ ލޭ ކެކިގަތެވެ. އޭނާއާ އެގޮތަށް މީހަކު ވާހަކަ ދައްކައިފިނަމަ އެމީހަކަށް އެކަމުގެ ހިތި ރަހަ ލައްވާ ނުލަނީސް ހިތެއް ނުފުރެއެވެ. ރުޅި އައިސްގެ ކުރިއަށް ޖެހިލާފަވެސް ނަފްސު ކޮންޓްރޯލް ކޮށްލީ މަޖުބޫރުންނެވެ. ކޮންމެ ގޮތެއް ވިޔަސް މިއަދު އޭނާ ޖާހަތުގެ އެހީ އެބަ ބޭނުންވެއެވެ.
ބައްދަލުވުން ނިމުނީ ކަމުގައި ބުނެ ޖާހަތު ތެދުވެގެން ދިޔައެވެ. ޝާމް އިނީ އެވެ. ގުޑިވެސް ނުލައެވެ. ޖާހަތުއަކީ ކެރޭ ކުއްޖެއްކަން އޭނާ އަށް އެނގިއްޖެއެވެ.

ޓެސްޓް ހަދަން ލޭ ދިނުމަށްފަހު ރީމް ބޭރަށް ނިކުމެގެން އައިސް އިޔާނާ ކައިރީގައި އިށީންނިއެވެ. ހޮސްޕިޓަލްގެ ބޮޑު ކޮރިޑޯރގައި ދެމީހުން ފިޔަވައި އިތުރު ބައެއް ނެތެވެ. ދޭތެރެއަކުން ހުރަސްކޮށްލާ ނަރުހެއް ނުވަތަ ވޯރޑް ބޯއީ އެއް ނޫނިއްޔާ ނުފެނެއެވެ.
“އާނ ކޮންވާހަކައެކޭ؟” ރީމް އިޔާނާގެ ކައިރީގައި އިށީންނަމުން ބުނެލިއެވެ. ކާރުގައި ތިބިއިރު އިޔާނާ ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެގެން އުޅޭ ވާހަކަ ރީމްކައިރީގައި ބުނުމުން ރީމް ސުވާލުކުރިއެވެ.
“އަހަރެންނަށް އީމަންގެ ވައިފްއާ ބެހޭ ގޮތުން އިތުރަށް ކިޔައިދީބަލަ.” އިޔާނާ ކުރި ސުވާލުން ރީމްގެ މޫނު މަތި ބަނަވެގެން ދިޔައެވެ.
“އޭނަގެ ކޮންވާހަކައެއް؟” ރީމް ސުވާލުކޮށްލިއެވެ.
“އޭނަ އަށް ކިހިނެތްތަވީ؟ މަރުވީތަ؟ ނޫނީ އެކްސިޑެންޓްގަ ގެއްލުނީތަ؟” އިޔާނާ ސުވާލުކުރިއެވެ.
“ކިހިނެތްވީ ކުއްލިއަކަށް ތިވާހަކަ ތި ދައްކަނީ؟” ރީމް ހައިރާންކަމާއެކީ ބުނެލިއެވެ.
“ރީމް! ރުޅި ނާންނައްޗޭ!! އަހަރެންނަށް ބައެއް ފަހަރު ވަރަށް އެހެންކަހަލަ އިހުސާސްތަކެއް ކުރެވޭ އެބަ.” އިޔާނާ އޭނާގެ ހިތުގައިވި ނުތަނަވަސްކަން ފިލުވަން ބޭނުން ވުމުން ބުނެލިއެވެ. ހެނދުނު ރީމްއައިސް އޯގާތެރިކަމާއެކީ ވާހަކަ ދެއްކުމުން އިޔާނާ އެވާހަކަތައް ރީމްއާ ހިއްސާކުރަން ބޭނުންވީއެވެ.
“ކޮންކަހަލަ އިހުސާސްތަކެއް؟” ރީމް ދިޔައީ ހައްތާ ސީރިއަސްވަމުންނެވެ. އިޔާނާ އޭނާއަށް ވާގޮތްކިޔައިދިނެވެ. އަދި ލޯ މައްޗަށް ފެންނަ މަންޒަރުތަކާއި ކުރެވޭ އިހުސާސްތައް ކިޔައިދިނެވެ.ނަމަވެސް އެއިހުސާސްތަކަކީ އީމަންއަށްޓަކައި ކުރެވޭ އިހުސާސްތަކެއްކަމެއް ނުބުނެއެވެ.
އިޔާނާގެ ވާހަކަތަކުން ރީމްގެ ހިތުގައިވި ޝައްކު ޔަޤީނަށް ބަދަލުވިކަހަލައެވެ. ފައިދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލައެވެ. ހިންދިރުވާލެވުނީ ދެން ކަންތައް ކުރަންވީ ކިހިނެތްކަމެއް ނޭނގުނީމައެވެ.
“…. އީމަންއާ މެދު ކަންތައްވެފައިވާ ދެރަގޮތް މާ ބޮނޑަށް ހަނދާންކުރެވޭތީކަންނޭނގެ، އެއްބައިފަހަރު ހީވޭ އެ އެކްސިޑެންޓްވީ އަހަރެންހެންވެސް.” އިޔާނާ އޭނާގެ ވާހަކަތައް ނިންމާލަމުން ޖާހަތުގެ މޫނަށް ބަލައިލިއެވެ. އެމޫނުމަތީގެ ކުލަ ބަދަލުވެފައިވާކަން ފާހަގަކުރެވުނެވެ. އިޔާނާ ކަންބޮޑުވިއެވެ.
“ރީމް! އަހަރެން މިދެއްކި ވާހަކަތައް ގޯސްކޮށް ނުނަގައްޗޭ. އަހަރެންނަށް ހީވަނީ ސައިކޭޓްރިސްޓެއްގެ އެހީ އަހަރެންނަށް ބޭނުންހެން.” އިޔާނާ ރީމް ހިތްހަމަ ނުޖެހިދާނެތީ ބުނެލިއެވެ.
“ނޫނޭ! ތިކަހަލަ އެއްވެސް ކަމެއްވީކީ އެއްނޫން. ހަޤީޤަތުގައި އަހަރެން ޔާނާ ދެކެ ވަރަށް ލޯބިވޭ. އޭނާގެ އުނިކަން ވަރަށް ބޮޑަށް އިހުސާސްކުރެވޭ. ހިތަށް އަރާ އޭނަ އެނބުރި އަންނާނެ ނަމައޭ.” ރީމް ފުންނޭވާއެއް ލަމުން އިޔާނާއަށް ބަލައިލާފައި ވާހަކަ ދައްކަން ފެށިއެވެ. އަދި އިޔާނާއަސ އޯގާތެރިކަމާއެކު ބަލާލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. “އަހަރެންވެސް ހަޤީޤަތަށް ވާހަކައެއް ބުނަންތަ؟ އަހަރެންނަށް ވެސް ބައެއްފަހަރު ހީވޭ ތިއީ ޔާނާހެން. ނިކަން ވިސްނާލަބަލަ! ޔާނާވެސް ގެއްލުނީ އެކްސިޑެންޓެއްގަ. އަނެއްކޮޅުން އިޔާނާއަށް އެކްސިޑެންޓްގެ ކުރީގެ އެއްވެސް ހަނދާނެއް ނެތް……ހުރިހާކަމެއް ވަރަށް ދިމާވޭ ދޯ؟” ރީމް އިޔާނާގެ ކޮނޑުގައި އެއް އަތުން ހިފަހައްޓާލަމުން ދެއްކި ވާހަކަތަކުން އިޔާނާއަށް ލޯ ބޮޑުކޮށްލެވުނެވެ. ބުނާނީ ކީކޭ ހެއްޔެވެ؟

61

15 Comments

 1. hh

  November 14, 2013 at 8:11 pm

  thanks

 2. niha

  November 14, 2013 at 9:40 pm

  Nashaa varah bodah shukuriyya, dhebaives haadha reechey 🙂 alhey mioh ulhey Reem anehkaa Yaanu ah gotheh hadhaa faane ey haadha thihah araey. 🙁 Eman ah Yaanu libeynee kiyaa hisaabakuntha? mioh vaagotheh dhoa ekamu, hathahaaves Reem ah kaamiyaabu vaagothah hen heevanee:(. Mihaa avahah dhebai kiyaalan libuneema varah ufaavejje heekuran anehbaives maa gina dhuvas nuve kiyaalan libeyne kamah. Varah reethi vaahakaeh mee, varah inthizaaru kuran mivaahakayah. Nashaa ge sifakurumaai .Hushahalhaagoi varah kamudhEY.

 3. nashaa

  November 14, 2013 at 9:56 pm

  thanx hh n Niha. Thanx for ur comment Niha. I really loved to read it and enjoyed all rhe way through it. Thanx 4 the support.

 4. Lovely girl

  November 14, 2013 at 9:59 pm

  Vvvv reethi.avahah anehbai upkohdhehchey plx.vvv kiyaa hihvey mi vahaka

 5. hazu

  November 14, 2013 at 10:39 pm

  thankxxx
  varah happy avaha 2 part up kuryma
  😀

 6. hh

  November 14, 2013 at 10:48 pm

  nice keep it up

 7. simbe

  November 15, 2013 at 2:38 am

  Reem liyanvaa thanthanuga jaahath ge jan othumun vlarah odve
  Y.ekam v reethi inge

 8. shaffko

  November 15, 2013 at 2:43 am

  varah reethi

 9. nashaa

  November 15, 2013 at 5:08 am

  thankyou all, for the lovely comments! 🙂

 10. mirah

  November 15, 2013 at 10:40 am

  avaha anebai upload kodhybala….ehaa las nuko plz plz…….i want read this beautiful story………

 11. hhhhhhhhhhhhh

  November 15, 2013 at 10:42 am

  nice story

 12. Naz

  November 15, 2013 at 7:20 pm

  Thanks nasha. Haadha rangallhey.v v reethi 2baives

 13. aisha

  November 16, 2013 at 5:09 pm

  very nice 😀

 14. Valesita

  February 4, 2014 at 11:38 am

  We need more intsihgs like this in this thread.

 15. ammmday

  August 19, 2015 at 7:35 am

  V salhi.. V furihama haadhisaa thakeh.. Eh haadhisaa an eh haadhisaayaa gulhivai dhinunves v furihama. V v reeethi

Comments are closed.