ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 51

- by - 1- November 5, 2013

ހިތްސުވާލުކުރެއެވެ. އިޔާނާއަށް އީމަންދެކެ ލޯބިވެވުނީހެއްޔެވެ؟ ހިތް މިސުވާލުކުރާ ކޮންމެ އިރަކު އިޔާނާގެ ހިތަށް ބިރުވެރިކަން ވަދެގެން ދެއެވެ. މިހެން ވެގެން ނުވާނެއެވެ. އޭނާއަކީ ޒާންގެ އަންހެނުންނެވެ. މިއިނީ ޒާންގެ ދަރިއަކަށް ބަލިވެއެވެ. އަނެއްކޮޅުން އީމަންއަކީ ޒާންގެ ގާތް އެކުވެރިޔާއެވެ. އަހަރެންނަށް ކުރެވޭ އެންމެ ކަމަކުން އެތަށް ބައެއްގެ ދިރިއުޅުން ވީރާނާވެގެން ހިނގައިދާނެއެވެ. މިއީ ގޯސްހިޔާލުތަކެކެވެ.
އެއްދުވަހެއްގެ ހަވީރެވެ. ހަވީރުގެ ހިތްގައިމު ވަގުތުގައި އިޔާނާ ބޭރަށް ނިކުތީ ފޫހިވާވަރުންނެވެ. ރީމްއާއި އީމަންވެސް ގޭގައެއް ނޫޅެއެވެ. ދެމީހުން ދިޔައީ ކޮންތަނަކަށްކަމެއް ނޭނގެއެވެ. ނަމަވެސް އަތު ގުޅުވާލައިގެން ދެމީހުން ނިކުމެގެން ދިޔަތަންފެނި ސިޓިން ރޫމުގެ ސޯފާގައި އިން އިޔާނާގެ ހިތުގައި ރިއްސަމުން ދިޔައީ އީމަންގެ މޫނުގައިވާ އުފާވެރި ހިނިތުންވުމެވެ. ރީމްގެ އުނަގަނޑުގައި ވަށާލެވިފައިވާ އެ އަތުން އިޔާނާގެ ނަޒަރު ވަކިނުވާފަދައެވެ. ހިތަށް ކަށިތަކެއް ހެރެމުންދިޔަފަދައެވެ.
މަގުމައްޗަށް ނިކުމެވުނު ނަމަވެސް ބޮލުތެރޭގައި ވަނީ ރީމްއާއި އީމަންގެ ހިޔާލުތަކެވެ. އިޔާނާ ކުރިއަށް ހިނގަންފެށީ އެ ހިޔާލުތަކުން ދުރު ވުމަށެވެ. އޭނާ އެކަމާ ވިސްނަން އެއްވެސް ވަރަކަށް ބޭނުމެއް ނޫނެވެ.
ޖާހަތު ޝިފާއާ އެކީގައި ބޭރަށް ނިކުތީ އަވިހޫނު ކަމުންނެވެ. ޝިފާގެ އެދުމުގެ މަތިން ލިންކްރޯޑް ގައި ސައިކަލް ދުއްވާލުމަށެވެ. ކޮންތަނަކުންކަމެއްވެސް ނޭނގެއެވެ. ޝިފާ އައީ ސައިކަލެއް ހޯދައިގެންނެވެ.
“ކޮންތަނަކުން ހޯދީ؟” ޖާހަތު ހިނިއައިސްފައި ހުރެ ސުވާލުކޮށްލިއެވެ.
“ކޮންމެ ތަނަކުން ވިޔަސް ވަރިހަމައެއްނު، އަހަރުމެންގެ މަޤްސަދު ފުރިހަމަ ވެއްޖެއްޔާ. އަވަހަށް އަރާ.” ޝިފާ ހިނިއައިސްފައި ހުރެ ބުނެލިއެވެ.
ދެމީހުން ސައިކަލުގައި ދުއްވާލިއެވެ.
“ތީ އަބަދުވެސް ހަމަ އިންނަ ގޮތްތަ؟ ހީވަނީ ފުން ވިސްނުމެއްގަ ހުންނަހެން.” ޖާހަތުއަށް ޝިފާބުނެލިއެވެ.
“ނުވިސްނާ މީހެއް އުޅޭތަ؟ ތިހެންބުނީމަ ހީވަނީ ޝިފާ އެއްވެސް ކަމަކާ ނުވިސްނާހެން.” ޖާހަތުވެސް ކޮށްލީ ސުވާލެކެވެ. ހަޤީޤަތުގައި އޭނާ ޝިފާއާ ހިއްސާކުރަން ބޭނުންނުވަނީއެވެ. ހުމާމުގެ ހަޤީޤަތް އެނގުނު ދުވަހުންފެށިގެން ކަންތައް ކުރަންވީގޮތް އޭނާ އަންނަނީ ރާވަމުންނެވެ. ހުމާމުގެ ކިބައިން ބަދަލުހިފާނެ ގޮތެކެވެ. މިތަނުން ސަލާމަތްވާނެ ގޮތެކެވެ.
“އޭތް! ހިނގާބަލަ ހުމާމުގެ ގޭ ދައްކާލަން.” ޖާހަތު އެދުނެވެ.
“މައްސަލައެއް ނެތް! އެކަމަކު ހުމާމު ފެނުނަސް އެކަން އަންގައިގެން ނުވާނެ. މިހާރު އޭނަ ގިނަވަގުތު އުޅެނީ އޭނަގެ ބައްޕައާ އެކީގައެއްނު. އޭނަގެ އެންމެ ބޮޑު މަޤްސަދަކީ މިހާރު ބައްޕަގެ ރުހުން ހޯދުން.” ޖާހަތުއަށް ޝިފާ ކިޔާދެމުންދިޔައެވެ.
“ފެންނަކަމަކަށް ނުހެދޭނަން. އެކަމަކު ސިއްރުން ފްލައިން ކިސްއެއް ފޮނުވާލާނަން އިނގޭ. އެވަރު އޯކޭއެއްނު؟” ޖާހަތު ބުނެލިއެވެ. ޖާހަތު ދައްކަމުން ދިޔަ ކޮންމެ ވާހަކައެއްގެ ފަހަތުގައި އަޑިކޮނުމުގެ މަޤްސަދު އޮތްނަމަވެސް ޝިފާ އެހުރިހާ ކަމެއް ދެކެނީ ވަރަށް ސީރިއަސްކޮށެވެ. އެއީ ޝިފާގެ ނަޒަރުގައި ޖާހަތުއަކީ ހުމާމުގެ ވާންއުޅޭ އަނބިމީހާކަމުގައިވާތީއެވެ.
“ނޫނޭ. ތިކަހަލަ ކަމެއް ނުކުރާތި. އޭނަގެ ބައްޕަ ވަރަށް ލޯ ތޫނުވާނެ. ތިކަހަލަ ކުޑަކަމަކުންވެސް ޖާހަތުގެ އަގު ވެއްޓިދާނެ. އެއީ އުސޫލުތަކުގައި ވަރަށް ހަރުކަށި މީހެއް. އަހަރުމެންނަށް ވަރަށް އާދައިގެ ކަމެއްވެސް އެމީހުން ނަގާނީ ވަރަށް ބޮޑުކޮށް. ރަނގަޅުކަމަކީ އެންމެނަށްވެސް ހަމަހަމަވާނެ. ހުމާމު އެވަރަކުން އޭނަގެ ހަރުދަނާކަން ޘާބިތުކޮށްދޭން އެއުޅެނީ އެހެންވެގެން. ވިޔާނުދާކޮށް އުޅެއުޅެ ހުއްޓަ އެއްވެސް މީހެއްގެ ކުއްޖެއް ހުމާމާ އިންނާކަށް އެއްބަހެއްނުވާނެ. ކޮންމެގޮތެއްވިޔަސް އެމީހުންގެ ރުހުން ނުހޯދައި އުޅޭވޭކަށްވެސް ނެތެއްނު. އެހެންވެ އެނބުރި އެއައީ. މޮޔަކަމުން މާލެއިން ގަނެދިން ގެވެސް ވިއްކާލައިފިވިއްޔަ. އެހެންނޫންނަމަ ތިދެމީހުން މިހަރު އުޅޭނީ މާލޭގަ.” ޝިފާ ވާހަކަ ދައްކަމުން ދިޔައެވެ. ޖާހަތު ދިޔައީ ޝިފާގެ ކޮންމެ ލަފްޒެއްކަނުލައި އަޑުއަހަމުންނެވެ.
“މިހުރީ އެގެއަކީ.” ބޮޑު ދޮރާއްޓެއްލާފައި ހުރި ގެއަކަށް އިޝާރާތްކޮށްލަމުން ޝިފާ ޖާހަތުއަށް ބުނެލިއެވެ. ޖާހަތު ފުން ނަޒަރަކުން ބަލައިލިއެވެ.
“ހިނގާ ވަދެލަން.” ޖާހަތު އެދުނެވެ.
“ޔާރައްބީ! މަށަކަށް ނުކެރޭނެ. ހުމާމުގެ ބައްޕަ ފެނުނަސް މަ ތުރުތުރު އަޅަންފަށާ. އެހެންނޫނަސް ކީކޭ ކިޔާފަ ވަންނާނީ؟” ޝިފާ އަތުންފައިން ނޫނެކޭ ބުނެލިފަދައެވެ. ޖާހަތުގާތަށް ހިނި އަންނަގޮތްވިއެވެ. ޝިފާގެ އުޅުމާ އޭނާގެ އުޅުމާ އުޑާބިމާހައި ތަފާތުވިޔަސް އެއީ ރަނގަޅު ރައްޓެއްސެކެވެ.
“އޭތް ކޮންތަނަކަށް ތި ދަނީ. މަށަކަށް ނުކެރޭނެ އިނގޭ ވަންނާކަށް. ޖާހަތު ތިހާ ކެރެންޏާ ވަދެފަ ބަފައިބެއާ ވާހަކަ ދައްކާފަ އާދޭ.” ސައިކަލުން ފައިބައިގެން ގޭޓާ ދިމާއަށް ހިނގައިގަތް ޖާހަތުއަށް އިޝާރާތްކޮށްލަމުން ޝިފާ ބުނެލިއެވެ.
ސައިކަލު ހުރީ އެގޭ މަގުގެ އަނެއްފަޅީގައިކަމުން ޖާހަތު މަގުހުރަސްކޮށްލާފައި ގޮސް ގޭޓު ކައިރީގައި މަޑުކޮށްލިއެވެ.
ސިހިގެންދިޔައީ ގޭޓު ކައިރީގައި ހުރިގާޑު ކުއްލިއަކަށް ފެނުމުންނެވެ. ޖާހަތު އަވަސްއަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. އަދި ގޮށްޖަހާލެވިފައިވާ ބުރުގާގެ ގޮށް މޮހެލުމަށްފަހު މޫނު މަތީގައި އަޅަމުން ކުރިއަށް ހިނގައިގަތެވެ. “ސަކީނާ! މިއީ އެގެއެއް ނޫނޭ. އޮޅުނީ!” ޖާހަތު ޝިފާއާ ދިމާއަށް ހިނގައިގަންނަމުން ބާރަށް ގޮވާލިއެވެ. ޝިފާއަށް ވިސްނުމާއެކު އައި ހިނިގަނޑު އެތެރެއަށް ހިންދާލިއެވެ.
ޖާހަތު މަގުހުރަސްކުރަން ހިނގައިގަތެވެ. އެވަގުތު މަގުން ދުއްވާފައި އައި ސައިކަލުން ސަލާމަތްވެވުނީ ހަމަ ކިރިޔާއެވެ. މޭގަ އަތް އަޅައިގެން ޖާހަތު އަށް އެއަވިގަނޑުގަ ހުރެވުނީ ސައިކަލަށް ބަލަހައްޓައިގެންނެވެ. ކަޅުކުލައިގެ ބުރުގާގެ ކަނުން މުޅި ބޯ ނިވާކޮށްގެން އެގޮތަށް މަގުމެދުގައި ހުއްޓިހުރިތަން ފެނި ޝިފާއަށް ވީ މަޖާކަމަކަށެވެ. “އޭ އަދި މަރެއްނުވެޔޭ! ތިއަވިގަނޑުން އާދެބަލަ.”
ޖާހަތު ހަލުވި ފިޔަވަޅުތަކެއްގައި އައިސް ޝިފާއާ އަރާ ހަމަކުރިއެވެ. އަދި ބުރުގާ ރަނގަޅުކޮށްލިއެވެ. ޖާހަތުގެ ނަޒަރު ހުއްޓިފައިވަނީ ދެންމެ ދިޔަ ސައިކަލަށެވެ.
“ކީއްވެ މާވަރަކަށް އެ ސައިކަލަށް ބަލަނީ؟” ޝިފާ ސުވާލުކޮށްލިއެވެ. “ދަންނަ މީހެއްތަ އެއީ؟”
“ނޫނޭ. ހިނގާ ދަމާ ދޯ!” ޖާހަތު ސައިކަލުގައި އިށީނނުމުން ޝިފާ ދުއްވާލިއެވެ
ޖާހަތުއަށް ފަސް އެނބުރިވެސް އެސައިކަލާ ދިމާއަށް ބެލެނީއެވެ. ޝިފާއަށް ނޭނގިނަމަވެސް ކުރެވުނީ ރަނގަޅު ސުވާލެކެވެ. އެ ސައިކަލުގެ ފަހަތުގައި އިނީ ދަންނަ މީހެއްހެން ޖާހަތުއަށް ހީވަނީއެވެ. ހިތްބުނަނީއެވެ. އެއީ އާއިޒުއެވެ.

އިޔާނާ ހިނގަމުން ދަނިކޮށް ރޯޑްޝޯ އެއް ހުށައަޅަމުންދިޔަ ހިސާބަކަށް އާދެވުނެވެ. ލޯބީގެ އެތަށް ހާދިސާތަކެއް ދައްކުވައިދެމުންދިޔަ އެޝޯއަށް އިޔާނާގެ ސަމާލުކަން ހުއްޓުނު ހިނދު މަޑުމަޑުން އެދިމާއަށް ދެވުނެވެ. މީހުންގަނޑު ވަށާލާފައި ތިބިއިރު މުޅި ތަނުގައިވަނީ ހަމަ ހިމޭންކަމެވެ. އެންމެންނަށްވެސް ތިބެވުނީ ޝޯ ތެރެއަށް ވަދެ ގެއްލިފައެވެ.
ދެލޯބިވެރިން އެއްކޮށް އުފަލުގައި އުޅެމުންދެއެވެ. އެމީހުންގެ އުފާވެރިކަމުގެ ދުނިޔެއަށް ތޫފާނެއްގެ ސިފައިގައި މީހެއް އާދެއެވެ. އަދި ދެމީހުންވަކިކޮށްލުމަށްފަހު އަންހެންކުއްޖާ ގޮވައިގެންދަނީއެވެ. އެކަކު އަނެކަކާ ވަކިވުމުން ހިތާމައިގެ ދުވަސްތަކެއް ވޭތުކުރަމުންދިޔައިރު އަންހެންކުއްޖާ ހޯދުމަށް ފިރިހެންކުއްޖާ ތަފާތު މަސައްކަތްތައްކޮށް ނާކާމިޔާބުވެއެވެ. ނުބައި ފިރހެންމީހާގެ ކިބައިން ސަލާމަތްވުމަށް ކުރަމުން ދިޔަ މަސައްކަތުން އެއަންހެންކުއްޖާއަށް އެއްދުވަހަކު މަގުމައްޗަށް ނިކުމެވުނެވެ. އެފިރިހެންމީހާ އަށް ފިލަން ދުވަމުން ދިޔައެވެ. ވިއްސާރަވެ އަނދިރިވިއެވެ. އަންހެންކުއްޖާ ވަރުބަލިވުމުން ފިލަންވެގެން ފަޅު ގެއަކަށް ވަދެއެވެ. އަދި ހިލަތަކެއްގެ ފަހަތަށްވަދެ ފިލާ ހުއްޓާ އެ ނުލަފާ ފިރިހެންމީހާ އެގެއަށް ވަދެއެވެ. އަނދިރިވެފައިވާ މާހައުލުން އެއަންހެންކުއްޖާއަށް ފެންނަމުން ދިޔައީ އެ ފިރިހެންމީހާގެ ހިޔަންޏެވެ. ބިރުވެރިކަމުން ފުރިގެންވާ ހިތަކާއިއެކީ އެއަންހެންކުއްޖާ ސަލާމަތްކޮށްދެއްވުމަށްއެދި އެއްކައުވަންތަ ކަލާނގެ ހަޟްރަތުގައި ދުޢާކުރަމުންދެއެވެ.
ފެންނަމުންދިޔަ ކޮންމެ މަންޒަރަކުން އިޔާނާގެ ސިކުނޑިއަށް ދިޔައީ ބާރު ކުރަމުންނެވެ. އެއަންހެންކުއްޖާގެ ހާލަތާއިމެދު ކަންބޮޑުވެވެނީއެވެ. އެކުއްޖާ އެހުރި ހާލަތު އިހުސާސްކުރެވެނީ ކީއްވެހެއްޔެވެ؟ އެފަދަ ކަމެއް ޚުދު އިހުސާސްކޮށްފައިވާފަދައެވެ. އެލޯބިވާ ފިރިހެންކުއްޖާ އައިސް އަންހެންކުއްޖާ ސަލާމަތްކުރާ މަންޒަރު މާކުރިން އިޔާނާއަށް ސިފަކުރެވެން ފެށިއެވެ. ނިކަމެތިހާލުގައިވާ އަންހެންކުއްޖާގެ ލޯބިވެރިޔާ އާ ބައްދަލުވެ ދެމީހުން ބައްދަލުވި މަންޒަރު ސިފަވާންފެށިއެވެ. އެއަންހެންކުއްޖާ ދުވެފައި ގޮސް ފިރިހެންކުއްޖާގެ ގައިގައި އޮޅުލައިގަންނަ މަންޒަރެވެ. ލިބިފައިވާ ނުތަނަވަސްކަމުގެ ބޮޑުކަމުން އަންހެންކުއްޖާ މަޑުމަޑުން ފިރިހެންކުއްޖާގެ އަތުމައްޗަށް ދެމިގެންދާތަނެވެ.
ނަމަވެސް ޝޯއިން ދައްކުވައިދިނީ މުޅިން ތަފާތު މަންޒަރެކެވެ. އެނުލަފާ ފިރިހެންމީހާ އައިސް އެއަންހެންކުއްޖާ މަރާލާ މަންޒަރެވެ. އެފިރިހެންކުއްޖާއަށް ކެތްނުކުރެވިގެން އަމިއްލައަށް މަރުވާ މަންޒަރެވެ. ޝޯ ނިމުމާއެކީ އެންމެންގެ އަތްތިލަބަޑިން މުޅި ޖައްވު ގުގުމާލުމާލިއެވެ.
އިޔާނާގެ ސިކުނޑި ހައްތާ އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވަދެގެން ދިޔަ ކަހަލައެވެ. އޭނާއަށް މި ސިފަވަނީ ކޮންމަންޒަރެއް ހެއްޔެވެ؟ ނިކަމެތި ހާލުގައިވާ އަންހެންކުއްޖެއް ސަލާމަތްވާ މަންޒަރު މިފެންނަނީ ކީއްވެ ހެއްޔެވެ؟ އިޔާނާއަށް ސިފަވާއިރު އެފިރިހެން ކުއްޖާ އަންހެން ކުއްޖާއަށް ގޮވަމުން ދެއެވެ. ‘ޔާނާ’ގެ ނަމުންނެވެ. ކީއްވެ ހެއްޔެވެ؟ އިޔާނާއަށް ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. ކޮންމެވެސް ގުޅުމެއް އެބަ އޮތްކަނq ޔަޤީނެވެ. މިއީ އަހަރެންނަށް ފެނުނު ހުވަފެނަކީ ބާއެވެ.
ނޭވާ ހާސްވާން ފެށުމާއެކީ އިޔާނާ އަވަސްއަވަހަށް ގެއާ ދިމާއަށް ހިނގައިގަތެވެ. ވައިގަދަވެ މުޅި ޖައްވު އަނދިރިވާންފެށީ އެވަގުތުއެވެ.

“ކޮބާ އިޔާނާ؟” ގެއަށް ވަދެވުމާއެކީގައި އީމަން ބެލީ އިޔާނާގެ ހަބަރެވެ. ސިޑިން މައްޗަށް އަރައިގެން ގޮސްގޮސްހުރި ރީމްއަށް ހުއްޓި ބަލައިލެވުނެވެ. އީމަންގެ މިޒާޖަށް އައިސްފައިވާ ކުއްލި ބަދަލު ފާހަގަކުރަން އޭނާ ވަރަށް މަސައްކަތްކޮށްފިއެވެ. ނަމަވެސް އަދިވެސް ވާނުވާ އެނގޭ ވަރެއް ނުވެއެވެ. ކުރެވެނީ ޝައްކެކެވެ؟
“ނޭނގެ! ނެތްތަ ކޮޓަރީގަ؟” ޝަކީލާ ޖަވާބުދިންއިރު ނަޒަރުވަނީ ޓީވީއަށް ހުއްޓިފައެވެ. ޝަކީލާގެ ހައެއްކަ ރައްޓެހިންނާއެކީ ސައިބޮމުން ޓީވީ ބެލުމުގައި މަޝްޢޫލުވެގެން ތިބިއިރު އެންމެން ތިބީ ވަރަށް މަޖާވެފައެވެ.
އީމަން އިޔާނާގެ ކޮޓަރި ބެލިއެވެ. ނަމަވެސް ކޮޓަރީގައި ނެތުމުން އަވަސްއަވަހަށް އަނެއްކާވެސް އައީ ސިޓިން ރޫމަށެވެ.
“އަނެއްކާ ބޭރަށް ދިޔައީބާ؟” އީމަންއަށް ބުނެލެވުނެވެ. އީމަން އިޔާނާގެ ފޯނަށް ގުޅާލިއެވެ. ނަމަވެސް ރިންގުވާންފެށި އަޑު އިވުނީ ސޯފާމަތިންނެވެ. އިޔާނާ ދިޔައީ ފޯނުބާއްވާފައެވެ.
“ވެދާނެ!….. ދަރިފުޅުމެން ބޭރަށް ދިޔައިރު ސިޓިން ރޫމުގައި އިނީ. ބޭރު ދޮރާ ދިމާއަށް ގޮސްގޮސް ހުއްޓާވެސް ފެނުނު. އެކަމަކު ނިކުތް ތަނެއް ނުދެކެން.” ޝަކީލާ ބުނެލިއެވެ.
“މަންމަ ކީއްވެ އިޔާނާ ނުހުއްޓުވީ؟ މިރޭ މޫސުންގޯސްވާނެ ކަމުގެ އިންޒާރު ޓީވީތަކުން އެވަރަށް ގޮވާއިރުވެސް…..” އީމަން ހިތްހަމަ ނުޖެހުނެވެ.
“ކިހިނެތްތަ މަންމައަށް އިނގޭނީ އޭނަ ބޭރަށް ހިނގައިދާނެކަމެއް. އެހެންނޫނަސް ޓީވީ ބަލަން ވިއްޔަ އިނީ.” ޝަކީލާ ނަފްސު ދިފާޢުކުރިއެވެ. ނަމަވެސް ހަޤީޤަތަކީ އިޔާނާ ނިކުމެގެން ދިޔަތަން ޚުދު ޝަކީލާއަށް ފެނުނު ކަމެވެ. ނަމަވެސް އޭނާ ހުއްޓުވަން ބޭނުން ނުވީއެވެ.
އިޔާނާގެ ފޯނު ރިންގްވާން ފެށި އަޑު އިވުނެވެ. އީމަން ބަލާލިއިރު ގުޅަމުން ދިޔާއީ ޒާންއެވެ. އީމަން ހާސްވާގޮތްވިއެވެ. ޒާންއަށް ދޭނެ ޖަވާބެއް ނޭނގުނީތީއެވެ. ޒާންވެސް ގުޅާނީ މިރޭ މޫސުންގޯސްވާން އުޅޭ ކަމުގެ ހަބަރު ލިބުމުންކަން ޔަޤީނެވެ.
އީމަން ފޯނު ސައިލެންޓަށްލިއެވެ. ދެންއަވަސް އަވަހަށް ބޭރަށް މިސްރާބުޖެހިއެވެ.
“މާން!” ރީމް ގޮވާލިއަޑު އިވުމާއެކީ ދޮރާ އަރާހަމަވެފައި ހުރި އީމަން އެނބުރި ބަލައިލިއެވެ. “ކޮންތަނަކަށް؟ މިހާ މޫސުން ގޯސްވެފަ އޮއްވަ؟”
“އިޔާނާ ގެއަކު ނެތް. ދިޔަ ތަނެއްވެސް ނޭނގެ.” އީމަން އަވަސްއަވަހަށް ބުނެލިއެވެ.
“އެކަމަކު މިހާ މޫސުން ގޯސްވެފަ އޮއްވާ މާން ދާކަށް ނުވާނެއެއްނު. ބަލާބަލަ ވައިގަދަކަން.” ރީމް ބޭރަށް އިޝާރާތްކޮށްލަމުން ދެކޮޅުހެދިއެވެ.
“ދެން އަހަރެން ގޭގަތަ ހުންނަންވީ؟ ރީމްއަށް ހިއެއްނުވޭތަ އަހަރުމެން އިޔާނާ ހޯދަން ޖެހޭނެކަމެއް؟” އީމަން ރީމްއަށް ވިސްނައިދިނެވެ.
“އެއީ ކުޑަކުއްޖެއް ނޫނޭ މާން. މިހާރު އޭނަވެސް އުޅޭނީ އެދިޔަ ތަނަކުން އަންނަން ކަންނޭނގެއެއްނު. އެހެންވީމަ މަޑުކޮށްލަ ބަލަ.” ރީމް ބޭނުންވީ އީމަން މަޑުކުރުވާށެވެ.
“ރީމް! ތިޔެއްވެސް އެނގޭނީ މަގަށް ނިކުމެލީމައެއްނު. އިޔާނާ ދިޔަތަނެއްވެސް އެނގެނީއެއްނޫން. އަނެއްކާ ގެއަށް އަންނަން އިނގޭނެ ކަމެއްވެސް ނޭނގޭ. މި ވިއްސާރައިގެ ހަބަރެއް ނޭނގި މާދުރަށް ހިނގައްޖެއްޔާޔޯ؟” އީމަން ކަންބޮޑުވުން ފާޅުކުރިއެވެ.
“އިޔާނާ! އިޔާނާ! އިޔާނާ! ހުސް އިޔާނާގެ ވާހަކަ. ތިވަރަށް އިޔާނާއާ މެދު ކަންބޮޑު ތިވަނީ ކީއްވެތަ؟ ބުނެފީމެއްނު އެއީ ޅަކުއްޖެއް ނޫނޭ! ދިޔަ ގޮތަކަށް އަންނަންވެސް އެނގެން ޖެހޭނެއްނު.” ރީމް ހިތްހަމަ ނުޖެހި ބާރަށް ބުނެލިއެވެ.
ރީމްގެ ވާހަކަތަކުން އީމަންގެ ނިތްކުރިއަށް ރޫއަރައިގެން ދިޔައެވެ.
“ރީމްއަށް ނޭނގޭތަ އަހަރެން ކަންބޮޑުވަނީ ކިއްވެގެންކަން؟ ބަލަ އެއީ ޒާންގެ އަންހެނުންނޭ. ޒާން ދިޔައީ އަހަރެންނާ އޭނަ ހަވާލުކޮށްފައޭ. އެހެންވީމަ މިއަދު އޭނަ ހުރީ އަހަރެންގެ ބެލުމުގެ ދަށުގަ. އެހެންވެގެން ކަންބޮޑުވަނީ.” އީމަން ބުނެލިއެވެ.
“އެހެންވެއްޖެނަމަ ޒާން ގުޅީމަ ކީއްވެ ނުބުނީ އޭނަ ހިނގައްޖޭ. އެހެންނޫނަސް މާން އިޔާނާއާ ދޭތެރޭ ތިގޮތަށް ކަންތައް ކުރަނީ ކޮންމެހެން އެއީ ޒާންގެ އަންހެނުންނަށް ވީތީއެއްނޫން.” ރީމް ރުޅިވެރިކަމާއެކީ ބުނެލިއެވެ.
އީމަންއާ ރީމްގެ ދެމެދުގައި ހިނގަމުންދިޔަ ޒުވާބު ހޫނުވާހެން ހީވުމާއެކީ ޝަކީލާއަށް ތެދުވެވުނެވެ. އަދި ހަމައެހެންމެ ޝަކީލާގެ ރައްޓެހިންތައްވެސް ތިބީ ވާނުވާ ނޭނގިފައެވެ.
އެންމެންގެ ނަޒަރު އީމަންމެނަށް ހުއްޓިފައިވާންތަން ފެނި އީމަން ހިތްހަމަ ނުޖެހުނެވެ. އަދި ހާއްސަކޮށް އެންމެންގެ ކުރިމަތީގައި ރީމް މިފަދަ ބޭއަދަބީކޮށް ވާހަކަ ދެއްކުމުން އީމަންގެ ރުޅި ދިޔައީ ހައްތާ ކޮންޓްރޯލުން ނެއްޓެމުންނެވެ.
އިތުރު މަންޒަރެއް ދައްކަން ބޭނުން ނުވުމުން އީމަން ބޭރަށް ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ރީމް އީމަން ހުއްޓުވިއެވެ.
“ބުނެބަލަ! ޖަވާބުދީބަލަ. ތިވަރަށް އޭނަޔާ އަޅާލަނީ އެއީ ހަމަ ޒާންގެ އަންހެނުންނަށް ވީމަތަ؟” ރީމް ސުވާލު ތަކުރާރު ކުރިއެވެ.
“އާނ!” އީމަން ނަފްސު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން މަޑުމަޑުން ޖަވާބުދިނެވެ.
“ދޮގު! ހުސް ދޮގު! މާން އޭނަޔާ ދޭތެރޭ ދެކެނީ މުޅިން ތަފާތު ނަޒަރަކުން.” ރީމް އަޑަށް ބާރުލާފައި ބުނެލިއެވެ.

ޙިޖުރީ އާ އަހަރުގެ ހެޔޮ އެދުމާ ތަޙުނިޔާ ހުރިހާ ވާހަކަ ކިޔުންތެރިންނަށް އަރިސްކުރަން

1

You may also like...

3 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
 1. މިބައިވެސް ވަރަށް ރީތި. އަނެއްބައި ވަރަށް އަވަށް އަޕްލޯޑް ކުރަށްޗޭ.

  ޝުކުރިއްޔާ ނަޝާ.

  ⚠Report!
 2. ތަންކޮޅެއް އަވަހަށް އަޕް ކޮށްދެއްޗޭ… ވ ރީތި މި ޕާޓް ވެސް….

  ⚠Report!
 3. 52ވަނަ ބައި އަޕްލޯކޮށްފިން. އެކަމަކު ފުރަތަމަ ސަަފްހާއަކުން ނުފެނޭ. ސާޗްކުރީމަ މިފެންނަނީ.

  އެޑްމީންންންން؟؟؟ ހެލްޕް؟

  ⚠Report!

Leave a Reply

Your email address will not be published.