ވީމޭ އިންތިޒާރުގައި 30 ވަނަ ބައި (ފަހު ބައި)
އާޔަން އައިސް ފާތުއަށް ސަލާމް ގޮވާލިއެވެ. ފާތު ސަލާން ބަލައިގަތެވެ. އަދި އަރީނާއަށް ހެޔޮދުޢާ ކޮށްލިއެވެ.
އެވަގުތު އަނެއްކާވެސް ދޮރު ހުޅުވިގެން ދިޔައެވެ. އަނެއްކާވެސް އެންމެންގެ ސަމާލުކަން ދޮރާދިމާއަށް ދިޔައެވެ. ވަރަށް ހެވިފައި ހުރެ އަތޫފް ވަދެގެން އައިތަން ފެނުނެވެ. އާޔަންވެސް އަތޫފްއާއި ދިމާއަށް ބަލައިލަފައި އަނެއްފަރާތަށް އެނބުރުނީ ޖޫސްތައްޓެއް ނަގަންވެގެންނެވެ. އަތޫފްގެ ފަހަތުން ވަދެގެން އައި ނޫރާ ފެނުމުން އަރީނާއަށް ހަޅޭއްލަވައިގަނެވުނެވެ.
“ކާންޓް ބިލީވް ދިސް.” އަރީނާއަށް ބާރަކަށް ބުނެލެވުނެވެ. އެވަގުތު ޒީނާއާއި ލައިއަށްވެސް ނޫރާފެނިގެން އެދިމާއަށް އައެވެ. ނޫރާ ހުރީ ހަސްވެ ހަދާނެ ގޮތް ބޮޑުވެފައެވެ. އާޔަން ކައިރީ ހުރިމޫސަވެސް އެދިމާއަށް ދިޔައެވެ. އާޔަން އެދިމާއަށް އެނބުރުނު ވަގުތު އެންމެން ބޮނޑިވެފައި ވުމުން އާޔަންއަކަށް އެތާހުރި ނޫރާއެއް ނުފެނެއެވެ.
ނޫރާ ކިތަންމެ ހާސްވެފައި ހުއްޓަސް އެންމެން އެއްފަހަރާ ފެނުމުން އޭނަ ހުރީ ނިކަން އުފާ ވެފައެވެ. މިފަދަ ގޮތަކަށް ޒީނާއާއި ލައިއާއި ދިމާވާނެ ކަމެއް ނޫރާއަކަށް ނޭގެއެވެ. ނޫރާގައިގައި ބައްދާލައިގެން ހުރި އަރީނާގެ ލޮލުންވަނީ ކަރުނަ ނިރާލާފައެވެ. އެންމެން އެންމެނަށް ނޫރާއާއި ސަލާން ކުރަމުން ދެއެވެ. އެތަނަށް ފާތުވެސް އައިސް ނޫރާއާއި ސަލާން ކުރިއެވެ.
“އެހެންވީމަ ތަގްދީރުގައި ފާތުއަށް މިއަދު ނޫރާއާއި ދިމާވާން ހުރީމަތާ ފާތުއަށް މި އާދެވުނީ.” ފާތު އުފަލުން ބުނެލިއެވެ.
ނޫރާ ކައިރިން މީހުންތައް މަދުވެލިވަގުތު އާޔަންގެ ލޮލުގައި ނޫރައަޅައިގަތެވެ. އޭރުވެސް ނޫރާގައިގައި އަރީނާ އޮތީ ބައްދާލައިގެނެވެ. އާޔަންއަށް ގަބޫލު ނުކުރެވިފައި ބަލަން ހުރެވުނީއެވެ. ނޫރާގެ ބުރުސޫރައަށް ބަދަލުއައިސްފައެއް ނެތެވެ. ހަމައެރީތިކަމެވެ. އެލޫޅާފަތިކަމެވެ. ބޮޑު ދެލޮލުން އުފާވެރިކަމުގެ ވިދުވަރު ފާޅުވާން ހުއްޓެވެ.
“ނޫރާ؟ ކޮބާ ނޫރާގެ ދަރިފުޅު؟” ނޫރާ ކައިރީ ހުރި މޫސަ އަހާލިއެވެ. އަރީނާއަށް ހައިރާން ކަމެއް ލިބުނެވެ. އަތޫފްވެސް ނޫރާއަށް ބަލައިލިއެވެ.
” ނޫރާގެ ދަރިފުޅު މިހިރީނު ބޮޑުވެފަ.” ނޫރާ ގައިގައި ބައްދާލައިގެން ހުރި އަރީނާ އަދިވެސް ގަޔާ ކައިރި ކޮށްލަމުން ނޫރާ ބުނެލިއެވެ.
“ނޫރާގެ ނުހުރޭތަ ކުއްޖެއް…؟ މޫސައަށް ފެނުން ނުވައަހަރަށްދާ ފިރިހެން ކުއްޖެއް ގޮވައިގެން ނޫރާ އުޅުންތަން.” މޫސަ ބުންޏެވެ.
އޭރު މޫސަގެ ފަހަތަށް އާޔަން އައިސް ހުއްޓިގެން ހުއްޓެވެ. އެމީހުންގެ ވާހަކަ އަޑުއިވޭ ހިސާބުގައެވެ.
“އާން. ޒަކްވާން ދޯ. އެއީ ޒައުގެ ކޮއްކޮ. ތުއްތަގެ ދަރިއެއް. އޭރު މެލޭއިން އައިއިރު ތުއްތަ ބަނޑުބޮޑޭ.” ނޫރާ ބުންޏެވެ. “ސާބަސް މޫސައަށް. ނޫރާ އޭރު ޕްރެގްނަމަ ނޫރާ އާޔަންއާ ދުރަކަށް ނުދާނެނު.” މޫސަ ގައިގައި ޖަހާލަމުން ނޫރާ ބުންޏެވެ. ނޫރާ އާޔަންއޭ ބުނުމުން އަރީނާވެސް އާޔަން މަތިން ހަދާންވެގެން ނޫރާ ގައިން ދޫކޮށްލާފައި އާޔަން ކޮބަތޯ ހޯދާލިއެވެ.
އެވަގުތު މޫސަ އެއްފަރާތަކަށް ޖެހިލުމުން ނޫރާ ކުރިމަތީ އާޔަން ހުއްޓެވެ. ކުއްލި ގޮތަކަށް އެހާ ކައިރިން އާޔަން ފެނުމުން ނޫރާއަށް ހުރީ ހަދާނެ ގޮތެއް ނޭގިފައެވެ. ބަލަހައްޓައިގެން ހުރެވުނީއެވެ. އާޔަންގެ ހަށިގަނޑު ވަނީ ކުރިއަށްވުރެންވެސް ވަރުގަދަ ވެފައެވެ. ލައިގެން ހުރި ހުދު ގަމީހުން އެކަން އިނގެއެވެ. އޭގެ އިތުރުން މާބޮޑު ބަދަލެއް އައިސްފައިވާހެން ހިއެއް ނުވެއެވެ. އާޔަންއަށްވެސް ނޫރާއާއި ދިމާއަށް ބަލަން ހުރެވުނީއެވެ. ދެމީހުންގެ ލޮލުން ފައިބަންފެށީ ކުރަމުން ދިޔަ އިންތިޒާރުގެ ފޮނި ކަރުނަތަކެވެ. ދެމީހުންގެ ލޮލުން ކަރުނަ ފައިބަމުން ދިއަސް ތުންފަތަށްވަނީ ހިނިތުންވުމެއް ވެރި ކުރުވާފައެވެ.
އާޔަން ކުރިއަށް ޖެހިލާފައި އާޔަންގެ ޝަހާދަތް އިނގިލިން ނޫރާގެ ކަރުނަތައް ފޮހެލަދިނެވެ.
“އާޔަން.. ނޫރާއަށް މާފް….” އެވަގުތު ނޫރާގެ އަނގައިން ބޭރުވަމުންދިޔަ ބަސްތައް ހުއްޓުނީ އާޔަން ޝަހާދަތް އިނގިލިން ނޫރާ ތުންފަތުގައި ޖައްސާލުމުންނެވެ. އަދި އާޔަންގެ އަތުގެ ހިމާޔަތައް ނޫރާގެނެސް ނޫރާގަޔާލައި ފިއްތާލިއެވެ. އެންމެން ހަޅޭއްލަވައި އަތްތިލަބަޑި ޖަހަން ފެށިއެވެ. އަރީނާވެސް ކަރުނަތައް ފޮހެމުން އަތްތިލަބަޑި ޖަހަމުން ދިޔައެވެ. އަތޫފްއައިސް އަރީނާ ކައިރީ ހުއްޓިލަމުން އަރީނާގެ ކޮޑުގައި އަތް ބާއްވާލަމުން އަތޫފްއާ ކައިރިއަށް އަރީނާ ޖައްސާލިއެވެ.
” ހައު އިޒް މައި ގިފްޓް؟” އަތޫފް އަރީނާ ކައިރީ އަހާލިއެވެ.
“ޕާރފެކްޓް.” އަރީނާ ހެވިލާފަ ހުރެ ބުނެލިއެވެ. ” ތެންކްޔޫ ސޯ މަޗް.” އަރީނާ އަތޫފްގެ އަތުގައި ކޯ ޖައްސާލަމުން ބުންޏެވެ.
ކޭކުފަޅަން އެންމެން އެތުރިލައިގެން ތިއްބެވެ. އަރީނާގެ ދެފަރާތުގައި ތިބީ ނޫރާއާއި އާޔަންއެވެ. އަރީނާ ހުރީ ނުހަނު އުފާވެލާފައެވެ. އަރީނާގެ އާއިލާ ހަމަވީމައެވެ. އަތޫފްގެ އާއިލާތިބީ ވާނުވާ ނޭގިފައެވެ. އެމީހުނައަށް ޕާރޓީ ތެރޭގަައި ވެގެން ދިޔަގޮތް އަތޫފް ކިޔއަިދިނީ މާފަހުންނެވެ. އެމީހުންވެސް މިހާރު ތިބީ ވަރަށް އުފާވެފައެވެ.
ކޭކު ފަޅާނިމިގެން ފޮޓޯނަގާ ހަދަމުން އެކަކު އަނެކަކަށް ގެންދިޔައެވެ. މުޅި މާހައުލަށް ވަނީ އުފާވެރިކަން އައިސްފައެވެ. ހުރިހާ ކުޑަކުދިންވެސް ކުޅެން އުޅެއެވެ. އަރީނާ އެންމެނާ ދިމާއަށް ވަކިވަކިން ބަލައިލިއެވެ. އަތޫފް އާއިލާއާއި އެކު ކޮންމެސް ވާހަކައެއްގައި މަޝްއޫލުވެގެން އިނެވެ. ޒީނާއާއި ފާތުއާ އެމީހުންގެ ދަރިންކޮޅާ އެއްކޮން ކޮންމެސް އެއްޗެއް ކުޅެމުން ދެއެވެ. މޫސައާއި ލައި އެމީހުންގެ ލޯބިލޯބި ދަރިފުޅު ރޯތީ މަސަލަސް ކުރަމުން ދެއެވެ. ނާއިފްވެސް ނާއިފްގެ އާއިލާއާއި އެކު ވާހަކައެއް ދައްކަން އިނެވެ. އާޔަންއާއި ނޫރާ އެކަކު އަނެކެއްގެ އަތުގައި ހިފާލައިގެން ބެލްކަނީގައި ވާހަކަ ދައްކަން ތިއްބެވެ. އަރީނާއަށް އެމަންޒަރު ފެނިގެން އަވަހަށް ފޯނު ނަގައިގެން އައިސް ފޮޓޯ ނަގަން ފެށިއެވެ. އާޔަންއަށް އަރީނާ ފޮޓޯނަގާކަން އިނގުމުން އަވަހަށް ނޫރާއާއި ކައިރި ވެލަމުން ހީލިއެވެ.
އަރީނާ ދެތިން ފޮޓޯ ނެގުމަށްފަހު އާޔަންއާއި ނޫރާއާއި ކައިރި ވެލިއެވެ. އަދި ވަރަށް ލޯބިން ދެމީހުނަށް ވަކިވަކިން ބަލައިލިއެވެ.
“ޑެޑީ. އައި އޭމް ސޯ ހެޕީ ޓުޑޭ. އަރީގެ އެންމެ އުފާވެރި ބާރތްޑޭ އަކީ މީ. އަރީއަށް ސިކްސްޓީން އަހަރު ފުރުން ދުވަސް. އަރީއަށް އަރީގެ ފެމިލީ ލިބުނީ.” އަރީނާއައިސް ދެމީހުންގައިގައި އެއްފަހަރާ ބައްދާލިއެވެ.
” މަންމާ. ނޫރާ މަންމާ. އަރީމެނާ އެއްކޮން މެލޭއަށް ދާނަންތަ؟” އަރީނާ ބައްދާލައިގެން އޮވެ ބުންޏެވެ.
“ކީކޭ؟ އަދި އެއްފަހަރު ބުނެބަލަ.” ނޫރާ ހުރީ ގަބޫލު ނުކުރެވިފައެވެ. އަރީނާ ނޫރާއަށް މަންމަ ކިޔާފާނެ ކަމަކަށް ނޫރާ ހިތަކަށްވެސް ނާރައެވެ.
“މަންމާއޭ މިބުނީ. ޑެޑީ، އަރީއަށް ނޫރާއާއި ދިމާއަށް މަންމަ ކިޔޭނެތަ؟” އާޔަންއާއި ދިމާއަށް ބަލައިލަމުން އަރީނާ އެހިއެވެ.
“ޑެޑީ އަކަށް ނޭގެ. އަރީ ކިޔަންޏާ ކިޔަންވީ. މީހުން ގަބޫލެއް ނުކުރާނެ އާޔަންގެ އާ ނޫރާގެ ތިހާބޮޑު ދަރިއެއް ހުންނާނެކަމަކަށް. ޑެޑީއެއް ލަދެއް ނުގަނެ. އެކަމަކު އަރީބުނާ އެއްޗެއް މީހުން ގަބޫލެއްވެސް ނުކުރާނެ.” އާޔަން ލާނެތް ގޮތަކަށް ހެވިފަ ހުރެ ބުނެލިއެވެ.
“އަރީއަށް އިނގެޔޭ. އެކަމުވެސް ތީ އަރީގެ ޑެޑީނު. އަދި ތީ އަރީގެ މަންމައެއްނު.” އަރީނާ ތުން އޫ ކޮށްލަމުން ޅަވެލާފައި ބުނެލިއެވެ. މިފަހަރު އަރީނާ ކައިރިއަށްގެނެސް ބޮނޑިކޮށްލީ ނޫރާއެވެ.
“އާން އަރީ. މީ އަރީގެ މަންމަ.” ނޫރާ އަސަރުން ފުރިފައިވާ ރާގެއްގައި ބުނެލިއެވެ. އޭރު ނޫރާގެ ލޮލުން ކަރުނަ ފޭދިފައި ވާއިރުވެސް ހިތަށްވަނީ ބުނަންވެސް ނޭގޭފަދަ އުފާވެރިކަމެއް އައިސްފައެވެ.
ޕާރޓީ ނިމިގެން މަޑުމަޑުން މީހުންތައް ހުސްވާން ފަށައިފިއެވެ. އަތޫފްވެސް އަތޫފްގެ އާއިލާއާއި އެކު ނިކުންނަމުން އަރީނާ ކައިރީ ގުޅާނެކަމަށް ބުނެލިއެވެ.
ފާތު މާކުރިން ހިގައްޖެއެވެ. ލައިއާއި މޫސަވެސް އެމީހުންގެ ދަރިފުޅު ރޯވަރުން ނުތިބެވިގެން މާ އަވަހަކަށް ގޮސްފިއެވެ. ޒީނާއާއި ނާއިފްވެސް ދިޔައީ އާޔަންއާއި ނޫރާއަށް މުބާރިކުބާދީ އަދާކޮށްފައެވެ. ދެންތިބި މީހުންގޮސް މިހާރު އަރީނާއާއި ނޫރާއާއި އާޔަން އެކަނި ވެއްޖެއެވެ.
“ޑެޑީ އަރީވެސް ނިދަން މިދަނީ. މިހާރު އެއޮށް ބާރަޖަހަނީ. ވަރަށް ވަރުބަލި ވެއްޖެ. ގުޑްނައިޓް ނޫރާ މަންމާ. ގުޑްނައިޓް ޑެޑީ” އަރީނާ ކޮޓަރިއަށް ދާން ހިގައި ގަންނަމުން ބުންޏެވެ. ހަގީގަތުގައި އަރީނާ ބޭނުންވަނީ އާޔަންއާއި ނޫރާއަށް ވަގުތުކޮޅެއް ދިނުމަށެވެ. އަރީނާ ކޮޓަރިއަށް ވަދެ ގައިމުވެސް އަތޫފް ގުޅަންދެން އޮންނާނެއެވެ.
އަރީ ކޮޓަރިއަށް ވަންތަނާހެން ނޫރާއަށް ޒައު ގުޅަންފެށިއެވެ. ނޫރާ ތެދުވެގެން ބެލްކަންޏަށްގޮސް ފޯނަށް ޖަވާބު ދިނެވެ. އެހާ ލަސްވީއިރުވެސް ނޫރާ ގެއަށް ނާންނާތީ ޒައު ގުޅީ ނައިމާވެސް ބުނެގެންނެވެ.
“ދާނަން އިރުކޮޅަކުން. ޒައުމެން ނިދާ އިނގޭ.” ނޫރާ އެހެން ބުނި އިރު އާޔަން ހުރީ ނޫރާގެ ފަހަތުން ދާދި ކައިރީއެވެ.
“ބުނޭ މިދަނީއޭ މިހާރު.” އާޔަން މަޑުމަޑުން ނޫރާގެ ކަންފަތްކައިރިއަށް ގުދުވެލަމުން ބުނެލިއެވެ.
ނޫރާ އެހެންބުނެފަ ފޯނު ކަނޑާލަމުން އާޔަންއާއި ދިމާއަށް އެނބުރުނެވެ. އޭރު އާޔަން ހުރީ ނޫރާއާއި ނުހަނު ކައިރީގައެވެ.
“ހިނގާ. ނޫރާގެ އެއްޗިހި ބަލާދާން. ދެން ނޫރާ ދުރަށްދިއަކަ ނުދޭނަން. ނޫރާ ޖެހޭނީ އާޔަންގެ ކުރިމަތީ އަބަދުވެސް ހުންނަން.” އާޔަން ނޫރާއާއި ގާތްވެލަމުން ބުންޏެވެ. އަދި ނޫރާގެނެސް އާޔަންގެ ބާރުގަދަ އަތުތެރެއަށްލާ ފޮރުވާލިއެވެ. އާޔަންގެ ލޮލުން އަނެއްކާވެސް ކަރުނަ ނިރާލިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އާޔަން ކިހާދުވަހަކު ކެތް ކޮށްފިހެއްޔެވެ. ކިހާ ދުވަހަކު އިންތިޒާރު ކުރެވިއްޖެހެއްޔެވެ. ދެން އާޔަންއެއް ނޫރާ ދިޔަކަ ނުދޭނެއެވެ.
އާޔަންއާއި ނޫރާ ގޮސް ދޮރުގައި ބެލް ޖެހުމުން ދޮރުހުޅުވީ ނައީމާއެވެ. ނައީމާއަށް އާޔަން ފެނުމުން އުފަލުން އާޔަން ގައިގައި ބައްދާލިއެވެ. އަދި އަތޫފް ނައީމާއަށް ހުރިހާ ވާހަކައެއް ކިޔައިދީފައި ވާކަމަށް ބުނެލިއެވެ. އެންމެން އައިސް ސޯފާގައި އިށީންދެ ވާހަކަދައްކަން ތިއްބެވެ. ނައީމާގެ ކަމަކަށް އޮތީ ޒޫނާއާއި އިސްމާޙްގެ ވާހަކަ އެހުމެވެ. އެހާ ދަންވިއިރުވެސް އެކަކު ކައިރިއަށްވެސް ނިދިއައިސްފައިވާ ހެނެއް ހިއެއްނުވެއެވެ.
“ޒޫތައާއި ބައްދަލުކޮށްލަން މެލޭޝިއާއަށް ދާން ފެންނަނީ. މިދުވަސްކޮޅު ދެވޭނީވެސް. އެއީ މިހާރު ބޮޑު ޗުއްޓީއެއްގައި އައިސްވިއްޔަ މިތިބެނީ.” ނައީމާ ބުންޏެވެ.
“ތުއްތާ. އެއްކޮން ދެން މެލޭއަށް ބަދަލުވާންވީނު. ޒައުއަށްވެސް މާރަގަޅުވާނެ.” އާޔަން އިންދެފަ ބުންޏެވެ.
“ތުއްތަވެސް ބޭނުމީ އަސްލު މެލޭޝިއާއަށް ދާން. އެކަމަކު ނޫރާއާ ހެދި ނުދެވިގެން މިހުރިހާދުވަހު މިއުޅުނީ. ނޫރާ ބޭނުމެއްނުވި މެލޭޝިއާއަށް ދާކަށް. ” ނައީމާ އިނދެފަ ބުންޏެވެ.
“މިހާރު ނޫރާ އެއްބަސްވާނެނު. މިފަހަރު އާޔަންމެން ދާއިރު ދާންވީނު. އޭރުން މަންމައަށް ވަރަށްބޮޑު ސަރޕްރައިސްއެއް ލިބޭނެ.” އާޔަން ބުންޏެވެ.
“އާން ތީ ރަގަޅު ކަމެއް. މާދަމާ ޝަކީބްއާ ތިވާހަކަ ދައްކާނަން.” ނައީމާވެސް އާޔަންއާއި އެއްބައިވެލިއެވެ.
ނޫރާ ކޮޓަރިއަށްވަންއިރު ބަންކް އެނދުގެ މަތީ އެނދުގައި ޒަކްވާން ނިދާފައި އޮތްއިރު އެއްފައި ބޭރަށް އެލިފައި އޮތެވެ. ނޫރާ ޒަކްވާންގެ ފައި ރަގަޅުކޮށްލާފައި ތިރީއެނދަށް ބަލައިލިއެވެ. ޒައު އޮތީ ލެޕްޓޮޕް އެނދުގައި ބާއްވައިގެން އޭގެކައިރީ ނިދާފައެވެ. ނޫރާ ލެޕްޓޮޕްނަގާ ކައިރީގައި ހުރި މޭޒުމަތީ ބޭންދިއެވެ. ނޫރާވެސް ނިދަނީ އެކޮޓަރީގައި ބިންމަތީ ގޮދަޑިއެއް އަޅައިގެންނެވެ. ނޫރާ އަލަމާރި ހުޅުވާލުމަށްފަހު ނޫރާގެ ދެތިން ހެދުމާއި ރީތިވާ ސާމާނާ އެހެންބައެއް ތަކެތި ދަބަހަކަށް އަޅާލިއެވެ. އެކުދިންނަށް ހޭލެވިދަނެތީ ނޫރާ އުޅުނީ ވަރަށްވެސް މަޑުންނެވެ.
އާޔަންއާއި ނޫރާ ގެއަށް އައިއިރު ދޭއްޖަހާ ބޮޑުވެއްޖެއެވެ. އާޔަން ނޫރާކޮޓަރިއަށް ވައްދާފައި ގޭގެ ހުރިހާ ދޮރެއް ލައްޕާލުމަށްފަހު ގޭތެރެއަށް ރަގަޅަށް ބަލައިލިއެވެ. ގޭތެރެވަނީ ވަރަށްވެސް ހަޑިވެފައެވެ. މާދަމާ މޫސަމެންގޭ ލަތާ ގެނެސްގެން ގޭތެރެ ސާފުކުރަން ހިތުގައި ބާއްވައިގެން އާޔަން ކޮޓަރިއަށްވަންއިރު ނޫރާ ފާހާނާއިން ނިކުތީ ފެންވަރައިގެން ތުވާލި ގައިގައި އޮޅައިލައިގެންނެވެ. އާޔަންއަށް ނޫރާ ފެނުމުން ބަލަން ހުރެވުނީއެވެ. އެހާދުވަސް ފަހުން އާޔަންއަށް ނޫރާ އެފަދަ ގޮތަކަށް ފެނުމުން އާޔަންގެ ހިތުގެ ވިންދު އަވަސް ވެގެން ދިޔައެވެ. ހިއްސުތަށް ކޮޅަށްޖެހުނެވެ. އާޔަން ބަލަން ހުރިގޮތުން ނޫރާ ލަދުގަތެވެ. ނޫރާގެ މޭތެޅެނީ އޮބިނޯންނަވަރަށެވެ. ނޫރާ އެއްޗިހި އަޅައިގެން ގެނައި ދަބަސް އެދުމަތީ އޮތުމުން އޭގެން ނިދާހެދުން ނެގުމަށް ނޫރާ އަވަސްވެގަތެވެ. އާޔަން ދާދި އަވަހަށް ނޫރާ ކައިރިއަށް އައިސް ނޫރާގެ ހާމަވެފައިވާ ކޮނޑުގައި އާޔަންގެ އަތް ބީއްސާލިއެވެ. އެވަގުތު ނޫރާގެ މުޅިގަޔަށް ކަރަންޓްގެ ބާންޏެއް އެންމެހިމަނާރާހަމައަށް ދިޔައެވެ. ނޫރާއަށް ލޯމަރާލެވުނީ އާޔަންގެ ތުންފައް ނޫރާގެ ކަނދުރާގައި ބީހެން ފެށުމުންނެވެ. ހިދުކޮޅެއްތެރޭ ނޫރާގެ ގައިގައި އޮޅާލާފައިވާ ތުވާލި އާޔަންގެ އަތުން ނައްޓާލުމުން ތުވާލިވެސް ބިންމައްޗަށް ވެއްޓިގެން ދިޔައެވެ. އާޔަން ލައިގެން ހުރި ގަމީސްވެސް ބޭލިގެން ދިޔައީ މަދު މިނިޓު ކޮޅެއްގެ ތެރޭގައެވެ. ދެމީހުން މަސްތުގެ އޮއިވަރެއްގައި ޖެހި މުޅި ކޮޓަރިތެރެއަށް ޒަލްޒަލާއެއް އައިސްގެން ދިޔައެވެ. ފޮނިފޮނި މީރުކަމެއް ދެމީހުންގެ ހަށިގަނޑަށް ލިބެމުން ދިޔައީ އެހާދުވަހު ކުރި ދިގު އިންތިޒާރަކަށް ފަހުއެވެ.
* * * * * * * * * * * * *
“މަންމީ. މަންމީ!” ޒައު ހެދުނު ހޭލައިގެން ނައީމާއަށް ގޮވަމުން ބަދިގެއަށް ވަނެވެ. ނައީމާ އޭރު ސައިތައްޔާރު ކުރަން ބަދިގޭގައި އަވަދިނެތި އުޅެއެވެ.
“މަންމީ. ނޫއްތަ ކޮބާ؟ ޒައު ރޭގަ ދަންވަރު ތެދުވިއިރުވެސް ނޫއްތައެއްނެތް. ނޫއްތަ ރޭގަ ގައިމުވެސް ކޮޓަރިއަށް ވަދެފަ ހުރީ. ޒައުގެ ލެޕްޓޮޕް އެނދުން ނަގާފަ އޮތީ. ނޫއްތަ ކޮންތާކަށްތަ ދިޔައީ؟” ޒައު ހުރީ ކަންބޮޑުވެފައެވެ. އަމިއްލަ ދައްތައަކު ފަދައިން ޒައު ނޫރާދެކެ ނުހަނު ލޯބިވެއެވެ.
“ނޫއްތަ ދިއައީ އާޔަންބެ މެންގެއަށް. ދެން ނޫއްތަ އުޅޭނީ އެގޭގަ.” ނައީމާ ތަށިތަކުގައި މަތިޖަހާލަމުން ބުނެލިއެވެ.
ޒައު ހުރީ ގަބޫލު ނުކުރެވިފައެވެ. ނޫރާ ކުއްލިއަކަށް އާޔަން ކައިރިއަށް ދިޔަކަން އިނގުމުން ޒައުއަށް ހައިރާންކަމެއް ލިބުނެވެ. އާޔަންގެ ވާހަކަ ނުދައްކާތާވެސް އެތައް އަހަރެއް ވެއްޖެވިއްޔާއެވެ. ޒައު އާޔަންގެ ވާހަކަ ދެއްކުމުންވެސް ނޫރާ ރުޅި އާދެއެވެ. އެހެންކަމުން ޒައު މިހުރިހާދުވަހު ހީކޮށްގެން ހުރީ އާޔަންއާއި އެއްކޮން ވަކިވެގެން ނޫރާ އުޅެނީ ކަމުގައެވެ.
“މަންމީ…. އެކަމު ނޫއްތަ އަދިވެސް އާޔަންބެއާ މެރިޑްތަ؟” ޒައު ހައިރާންވެ ހުރެ އަހާލިއެވެ. ނައީމާ ބޯޖަހާލިއެވެ.
“އެކަމަކު ދެން ކީއްވެ އާޔަންބެއާ އެހާދުރުން ނޫއްތަ އެ އުޅުނީ؟ މަންމީ ޕްލީސް ޒައުއަށް ކިޔައިދީބަލަ.” ޒައު ކުސްތަޅާލަމުން ބުނެލިއެވެ.
ނައީމާ އެންމެފަހުން ޒައުއަށް އާޔަންއާއި ނޫރާ ދުރުގައުޅެން ފެށިގޮތް ކިޔައިދީފިއެވެ. ޒައުގެ ހިތުން ނޫރާ ވަރަށް ކުއްވެރި ކުރިއެވެ.
“ނޫއްތަ އަސްލު ނުޖެހޭނެ އާޔަންބެއާ ދުރަށް ދާކަށް. ނޫއްތައެއީ ކިހިނެއްވެފަ ހުންނަމީހެއްތަ؟ އާޔަންބެ ގައިމު ނުލާހިކު ރަގަޅު. ދެން ކީއްވެތަ އެދިޔައީކީ.” ޒައު ވާހަކަ ދައްކަމުން ދިޔައިރު ނޫރާދެކެ ރުޅިއަންނަމުން ދިޔައެވެ.
“މަންމި އަކަށް ނޭގެ. ދެން މިހާރު އެ ގުޅުނީނު. އަތޫފްއެއްނު ނޫއްތަ އެގެންދިޔައީ.” ނައީމާ ބުންޏެވެ.
“އާތު އާ އާޔަންބެއާ ކޮން ގުޅުމެއް އޮތީތަ؟” ޒައު އަހާލިއެވެ.
“އާތު މިހާރު އުޅެނީ އާޔަންބެގެ ދަރިފުޅާ ރައްޓެހިވެގެން. އަރީނާއާ… ޒައުއަށް އިނގޭތަ އަރީ؟” ނައީމާ އަހާލިއެވެ. ޒައު ބޯ ހޫރާލިއެވެ. އަރީނާގެ މަތިން ޒައު ހަދާނެއް ނެތެވެ. އެކަމަކު އާތު އާޔަންބޭގެ ކުއްޖަކާ ރައްޓެހިވެގެން އުޅޭވާހަކަ ބުނުމުން ހިތަށް އަސަރުތަކެއް ކުރިއެވެ. ނަމަވެސް އުފާވެސް ކުރިއެވެ. ޒައުއަށްވެސް އާތޫފްއަކީ ރަގަޅު ކުއްޖެއްކަން އިނގެއެވެ. ނަމަވެސް ޒައު ކުޑަކޮންވެސް އަތޫފްދެކެ ލޯތްބެއް ނުވެއެވެ. ޒައު އުފާކުރީ އަތޫފް ކަހަލަ ނިކަމެތި ކުއްޖަކަށް މުއްސަންދި އާއިލާއަކުން ކުއްޖެއް ލިބުނީތީއެވެ.
ނޫރާއާއި އާޔަން ހަމަޖެހިލައިގެން ހެދުނުގެ ނާޝްތާ ކުރަމުން ގެންދިޔައީ ވޭތިވެދިޔަ ދުވަސްތަކުގެ ވާހަކަ ދެމީހުން ދެމީހުނަށް ދައްކަމުންނެވެ. އޭރު ލަތާ ގޭތެރެ ސާފުކޮށްހެދުމުގައި އަވަދިނެތި އުޅެއެވެ. އަރީނާ ރީތިވެލައިގެން އައިސް ކާގެއަށް ވަންއިރުވެސް އާޔަންއާއި ނޫރާ އެކަކު އަނެކަކު އަމިއްލައަށް ކުއްވެރިކޮށް ވާހަކަ ދައްކަމުން ދެއެވެ.
“ޑެޑީ… ޑެޑީ…” އަރީނާ އަރީނާ އައިސް ގޮނޑީގައި އިށީނެވެ. “ޑެޑީ މާމަ ކައިރީ ބުނީތަ ނޫރާ މަންމަގެ ވާހަކަ؟” އާޔަންއަށް ބަލައިލަމުން އަރީނާ އަހާލިއެވެ.
“ނޫނޭ އަދި ޑެޑީއެއް ނުބުނަން. މާމަ އުފާކޮށްލަން ސަރޕްރައިސްއެއް ދޭންކަމަށް ނުބުނެ މި ހުންނަނީ.” އާޔަން ބުނެލިއެވެ. އަރީނާ ބޯޖަހާލީ އާޔަން ބުނި އެއްޗަކާ އެއްބަސްވުމަށެވެ.
“އަރީވެސް ނުބުނާނަން. މާމައަށް ކުއްލިއަކަށް ނޫރާމަންމަ ފެނުނީމަ ވަރަށް އުފާވާނެ.” އަރީނާ ބުނެލިއެވެ.
ޖެހިގެން އައިމަހު އަތޫފްގެ އުފަންދުވަސް އައިސްފިއެވެ. އަރީނާ އަތޫފްއަށް ހަދިޔާއަކަށްދިނީ އެންމެ ފަހުގެ އެޕަލް އައިފޯނެކެވެ. އަތޫފްއަށް އެހާ އަގުބޮޑު ހަދިޔާއެއް ލިބުމުން އަތޫފް އެންމެކުރިން އުޅުނީ ގަބޫލު ނުކުރަން ވެގެންނެވެ. އެކަމު އާޔަންއާއި ނޫރާވެސް ކަޔައިގެން އެންމެފަހުން ގަބޫލުކުރީއެވެ. އަތޫފްގެ އާއިލާއަށް އަތޫފްއަށް އައި ފޯނެއް ލިބުނުވާހަކަ ބުނުމުން އެންމެންވެސް އެފޯނު ބަލަން ބޭނުންވިއެވެ. އަތޫފް ގޭގަ އުޅެންޏާ އަތޫފްގެ ފޯނު އޮންނަނީ ކޮންމެސް މީހެއް އަތުގައެވެ. އަލްޔާ އަތުލައެވެ. އަލީފް އަތުލައެވެ. އެމީހުނަށް އެވީ ވަރަށްވެސް އާ އެއްޗަކަށެވެ. އަތޫފް އެވާހަކަ އަރީނާ ކައިރީ ބުނުމުން އަރީނާ ކައިރިއަށް ހިނިވެސް އައެވެ.
ދެތިންދުވަސް ފަހުން އަތޫފް އާއި އެކު ސޯފާގައި ފިލްމެއްއަޅުވައިގެން އަރީނާ އިން އިރު އާޔަން ނޫރާއާއި ދައްކަމުން ދިޔައީ އޮފީހުގެ ވާހަކައެވެ. އެވަގުތު ކޮންމެސް މީހަކު ދޮރުގެ ރަގަބީލު ޖެހިއަޑު އިވުނެވެ. ނޫރާ ތެދުވެގެން ގޮސް ދޮރު ހުޅުވިއިރު ދޮރުމަތީ ތިބީ ނައީމާއާއި ޒައުއާއި ޒަކްވާންއެވެ. ނޫރާއަށް ހައިރާންކަމެއް ލިބުނީ ކުއްލިގޮތަކަށް އަންގާވެސް ނުލާ އެމީހުން އައިމައެވެ.
އެންމެން އެތެރެއަށްވަން ވަގުތު ޒައުއަށް ބަލައިލެވުނީ އަރީނާއާއި އަތޫފް އިށީދެގެން ތިބި ސޯފާއާއި ދިމާއަށެވެ. އަތޫފްގެ އަތްވަނީ އަރީނާގެ ބޯދަށުންގެންގޮސް ސޯފާގެ މަތީ ބާއްވާލާފައެވެ. ޒައުއަށް އެމަންޒަރުފެނި ހަސަދަވެރިކަމެއް ހިތަށްވަދެގެން ދިޔައެވެ. ނަމަވެސް އަމިއްލަ ހިތަށް ބާރުފޯރުވަމުން އާތު އެއީ ޒައު ލޯބިވާ ކުއްޖެއްނޫންކަން ހިތާހިތުން ކިޔަމުން ޒައު ގެންދިޔައެވެ. ޒައު ފެނުމުން އަތޫފްއަށްވެސް ލިބުނީ ހައިރާން ކަމެކެވެ. ނަމަވެސް އިތުރު ހަރަކާތެއް ކޮށްނުލާ ހަމަ އިންގޮތަށް އިނީއެވެ.
އަރީނާ ތެދުވީ އާޔަންގެ ބޮލުގެ އިށާރާތުން ތެދުވަން އަންގާލުމުންނެވެ. ނައީމާމެންނާ ސަލާން ކުރަންވީ ކަންވެސް އަރީނާއަށް އިނގުނީ އާޔަން އަރީނާއަށް ލޮލުން އަންގާލުމުންނެވެ. އަރީނާގޮސް ނައީމާމެންނާ ސަލާން ކޮށްލިއެވެ. ޒައުއާ ސަލާން ކުރަން އަތްދިއްކޮށްލުމުން ޒައުއަށް އާތުއާއި ދިމާއަށް ބަލައިލެވުނެވެ.
“އަރީ. އަރީއަށް އިނގޭނެ ކަންނޭގެ ޒައު މިހާރު. ޒައު….” ޒައު ދައްކަންފެށި ވާހަކަ ނުނިމެނީސް އަރީނާ ވާހަކަ ދައްކަންފެށިއެވެ.
“ޒައު އިންގޭނެނު. ޒައުއާ އަރީއާ ކުޑައިރު ނަގާފަ ހުރި ބައިވަރު ފޮޓޯ އެބަހުރި ވިއްޔަ. އަނެއްކާ ނޫއްތަގެ އަލްބަމްގަ ހުރީ ޒައުގެ ފޮޓޯ ގިނައިން. އަނެއްކާ ޑެޑީވެސް އެބަހުރި ޒައުއާ އެއްކޮން ނުލާހިކު ގިނައިން ފޮޓޯ ނަގާފަ. އެހެންވީމަ މާރިއްޗަށްވެސް ޒައު އިންގޭނެނު. ދެން އާތުވެސް ޒައުގެ ވާހަކަބުނިވިއްޔަ.” އަރީނާ އަތޫފްއަށް ބަލައިލަމުން ބުންޏެވެ. ޒައުއަށްވެސް އަތޫފްއާ ދިމާއަށް ބަލައިލެވުނެވެ.
ޒައު ހުރީ އަރީނާގެ ހިތްހެޔޮކަމާމެދު އަޖައިބުވެފައެވެ. އަތޫފްއާ ރައްޓެހިވިކަން އިނގިހުރެވެސް ޒައުއާ ދޭތެރޭ އެހާ ހިތްހެޔޮކޮން ވާހަކަދެއްކުމުން ޒައުއަށް ހުރީ ބުނާނެއެއްޗެއްވެސް ނޭގިފައެވެ. ރަގަޅުތާއެވެ. އަތޫފްއަށް އެންމެފަހުން އެލިބުނީ ޒައުއަށް ވުރެން މާރަގަޅު ކުއްޖެއްވިއްޔާއެވެ. ޒައުގެ ހިތަށް އެރިއެވެ.
ނައީމާ އައީ އާޔަންކައިރީ މެލޭޝިއާއަށް ބަދަލުވާ ވާހަކަ ބުނާށެވެ. އަދި އެކަމަށް ތައްޔާރުވަމުންދާ ވާހަކަ ބުންޏެވެ. އާޔަން އެކަމަށް ވަރަށް ތަރުހީބުވެސް ދިނެވެ.
* * * * * * * * * * * * *
ދުވަހަކީ އެންމެން މެލޭޝިއާއަށް ފުރަން ހަމަޖެހިފައިވާ ދުވަހެވެ. މޫސައާއި ނާއިފް ވެސް އެމީހުން ފުރުވަން އެއަރޕޯރޓަށް ދިޔައެވެ. އަދި އަތޫފްވެސް އެއަރޕޯރޓަށް ގޮސް ހުއްޓެވެ. އެކަކު އަނެކަކާ ސަލާމް ކުރަމުން ގެންދެއެވެ.
“އަރީ އައިވިލް ވެއިޓް ފޮރ ޔޫ.” އަތޫފް އަރީނާއާ ސަލާން ކޮށްލަމުން ބުންޏެވެ. އަރީނާ އަތޫފްގެ އަތުން ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. ދެން އަތޫފް ފެންނާނީ ކޮންދުވަހަކުން ކަމެއްވެސް ނޭގެއެވެ. އަރީނާގެ ލޮލުން ކަރުނަ ނިރާލިއެވެ.
“އަރީ. މިޒަމާނުގަ ކިތަންމެ ދުރުގަ ހުއްޓަސް ކައިރީގަނު ތިބެވޭނީ. ވީ ކެން ޔޫސް ފޭސްބުކް، ވައިބަރ، ވަޓްސްއަޕް، ވީޗެޓް، ސްކައިޕް. ދެން އެހާ ދެރަނުވެބަލަ.” އަތޫފް އަރީނާ ހިތްހަމަ ޖައްސާލުމަށް ބުންޏެވެ.
“އާތު ފްރީ ވާއިރަށް އަބަދު ގުޅާތި. ވައިބަރ އިންވެސް ގުޅާތި.” އަރީނާ ލޯފޮހެލަމުން ބުންޏެވެ. އަތޫފް އަރީނާގެ ކޮލުގައި ހިފާލިއެވެ.
މެލޭޝިއާއަށް ދެވުނުއިރު ހެދުނުވެއްޖެއެވެ. އެކަކަށްވެސް ނާންގަ އަންނާތީ އެކަކުވެސް ބަލައެއް ނާދެއެވެ. އެހެންކަމުން ގެއަށް ދާން ޖެހުނީ އެއަރޕޯރޓުން ވޭންއެއް ހިފައިގެނެވެ.
އާޔަންމެން އެންމެ ކުރިން ދިޔައީ ނޫރާގެ ގެއަށެވެ. ޝިންބީ ހުރީ ވަރަށް އުފާވެފައެވެ. އާޔަން ވަނީ ޝިންބީއަށް ގުޅާފަ ސައި ތައްޔާރުކުރަން ބުނެފައެވެ. ނޫރާ ފެނުމުން ޝިންބީ ހުރީވަރަށް އުފާވެފައެވެ. އެތަކެއްފަހަރު ނޫރާއާ ސަލާން ކޮށްލިއެވެ.
އެގެއަށް އަރީނާއަށްވެސް އާދެވުނު ފުރަތަމަ ދުވަސްކަމުން އަރީނާއަށްވެސް ލިބުނީ އުފާވެރި ކަމެކެވެ. އަރީނާއަށްވެސް އެގެ ވަރަށް ރީތިވިއެވެ.
އެންމެން ސައިބޮއެ ތައްޔާރު ވެލައިގެން ދެކާރުގައި މިސްރާބުޖެހީ ޒޫނާމެން އުޅޭ ގެއަށް ދާށެވެ. ޒަކްވާންއާއި ޒައުއާ އަރީނާއާ ނޫރާ އެރީ އެއްކާރަށެވެ. ނޫރާ ކާރު ދުއްވަން އިންއިރު ޒަކްވާން އިނީ ކުރީގައެވެ. ޒައުއާއި އަރީނާ ތިބީ ފަހަތުގައެވެ. އަރީނާގެ ވާހަކަތަކުން ޒައުއަށް ވާހަކަ ދައްކަން ލިބެނީ މަދު ފުރުސަތެކެވެ. ދެމީހުންގެ ގުޅުން ދުވަހުން ދުވަހަށް އައީ ބަދަހިވަމުންނެވެ. އަރީނާގެ ހިތްހެޔޮކަމުން ޒައުއަށް އެފަދަ އެކުވަރިއަކު ލިބުނީތީ ޒައު އިނީ ވަރަށް އުފާވެފައެވެ. ދެވަނަ ނޫއްތައޭ ޒައުގެ ހިތަށް އަރަމުން ދެއެވެ. ނަމަވެސް ނޫއްތައަށްވުރެ ތަންކޮޅެއް އަނގަ ގަދައީއެވެ. އެހެން ހުރިހާކަމެއް އެހުންނަނީ ނޫއްތައާ އެއްގޮތަށެވެ.
ދެކާރަށްވެސް އާދުވުނީ ދާދި އެއްކޮނެވެ. މިންހޯއަށް ނޫރާގެ ކާރު ފެނުމުން އުފަލުން ހެވިފަ ހުރެ ދުވަމުން ކާރު ކައިރިއަށް އައެވެ. މިންހޯއަށް ނޫރާ ފެނުމުން ބޯ ގުދުކޮށްކޮށްފައި އެތައް ފަހަރަކު ސަލާން ކުރިއެވެ. މިންހޯއަށް ނޫރާ ފެނުމުން ވީވަރު އެހެރީއެވެ. ދެންތިބި މީހުނަށް ނޫރާ ފެނުމުން ވާނީ ކިހިނެއް ހެއްޔެވެ.
އާޔަންގޮސް ބެލް ޖެހުމުން ދޮރު ހުޅުވީ ޝައްމޫއެވެ. ޝައްމޫއަށް ނޫރާފެނުމުން އުޅުނީ ހަޅޭއްލަވައި ގަންނާށެވެ. ނަމަވެސް އާޔަންގެ ހުށިޔާރުކަމުން ޝައްމޫގެ އަނގަމަތީ އަތްއެޅިއެވެ. އަދި މަޑުން ހުރުމަށް ބުންޏެވެ. އެންމެން އެތެރެއަށް ވަންއިރު އެގޭ އެންމެން ތިބީ ހެދުނުގެ ނާޝްތާ ކުރަން މޭޒުކައިރީއެވެ. ހަނާއާއި ޒޫނާ ތިބީ ބޮޑުވާހަކައެއްގައެވެ. ކައިރީގައި ފުރޮޅުލީ ގޮނދިއެއްގައި އަމީނާވެސް އިނެވެ. އިސްމާޙް އިނީ ނޫސް ހިފައިގެން ކިޔާށެވެ. ސައިތަށި ބޯލަމުން ނޫހުގެ ގަނޑުއެއްލަމުން އިސްމާޙް ދެއެވެ.
އާޔަން އާއި ނޫރާއާއި އެންމެން ކުއްލިއަކަށް އައިސް ވަނުމުން ޒޫނާއަށް ތެދުވެވުނެވެ. ޒޫނާ ތެދުވިތަން ފެނުމުން އިސްމާޙްވެސް ދޮރާދިމާއަށް ބަލައިލިއެވެ. އިސްމާޙްއަށްވެސް ހައިރާންކަމެއް ލިބިގެން ދިޔައެވެ. އެފަދަގޮތަކަށް ކުއްލިއަކަށް ނޫރާ ފެނުމުން އެންމެންގެ ހިތަށް ވަނީ އުފާވެރިކަން ވެރިވެފައެވެ. ޒޫނާއަށް ރޮވެންފެށިއެވެ. ނޫރާއާއި އެއްކޮން ނައީމާ އައުމުން އަދި އިތުރަށް ޒޫނާ އުފާވިއެވެ. ޒޫނާއައިސް ނޫރާގައިގަ އޮޅުލައޮޅުލާފައި ރޮމުން ގެންދިޔައެވެ. އަމީނާވެސް އިނީ ނުހަނު އުފާވެފައެވެ. މުސްކުޅިވެފައިވާ މޫނުމަތިން އުޖާލާކަން ފެންނަން ހުއްޓެވެ.
ނޫރާގޮސް އަމީނާ ގައިގައި ބައްދާލިއެވެ. އަމީނާވެސް ނުހަނު ލޯބިން ހެޔޮދުޢާ ކުރިއެވެ. އަދި ދެން ދުވަހަކުވެސް އެއާއިލާއާ ދުރަށް ނުދިއުމަށް ނަސޭހަތްތެރި ވިއެވެ.
އިސްމާޙްވެސް ނޫރާގެ ބޮލުގައި ނުހަނު ލޯބިން ފިރުމާލިއެވެ. އަދި ނޫރާއަކީ އަބަދުވެސް އިސްމާޙްގެ ދަރިއެއްކަމަށް ބުނަމުން ނޫރާގެ ނިތްކުރިއަށް ބޮސްދިނެވެ. ހަނާވެސް އައިސް ނޫރާއާއި ސަލާން ކޮށްލީ ނުހަނު އުފަލުން އުރެއެވެ. މުޅި ގެއަށްވަނީ އުފާވެރިކަން ވެރިވެފައެވެ.
ޖެހިގެން އައިދުވަހު ނޫރާ އައުމުގެ މުސާސަބަތުގައި ވަރުގަދަ ހަފްލާއެއް އެގޭގައި ބޭއްވިއެވެ. އިސްމާޙްގެ ކޮރެއާގައި ދިރިއުޅޭ ހުރިހާތިމާގެ މީހުނާ އިސްމާޙްގެ ހުރިހާ މުއައްޒަފުންނާއި ހުރިހާ ގެއަކު ގެންގުޅޭ މީހުނަށްދަންދެން އެ ހަފްލާގައި ބައިވެރި ވިއެވެ. އެހަފަލާގައި ޝައްމޫ އާއި ނައްމޫގެ ކައިވެނިވެސް އިއުލާން ކުރެވިގެން ދިޔައެވެ. އަދި އެ ހަފްލާގައި ޝައްމޫއާއި ނައްމޫއަށް ވަކިން ދެގެވެސް އިސްމާޙް ހަދިޔާކުރިއެވެ. މުޅިގޭތެރެއަށްވަނީ އުފާވެރިކަން ގެނުވާފައެވެ. އެންމެންގެ ހުނުމާއި މަޖާނެގުމުގައި މާހައުލުވަނީ ގުގުމާލާފައެވެ.
ދެންއައީ އުފާވެރި ދުވަސްކޮޅެކެވެ. ޒައުއާއި އަރީއަށް އެއް ޔުނިވާރސިޓީއަކަށް ވަދެވުމުން ދެމީހުން ތިބީ ނުހަނު އުފާވެފައެވެ. ދެމީހުންގެ ރައްޓެހިކަން މިހާރުވަނީ ވަކިނުވާ ހިސާބަށް ގޮސްފައެވެ. އެކަކު އަނެކަކަށް އެކިކަހަލަ ސިއްރުތައްވެސް ހިއްސާކުރެއެވެ. ކޮންމެ ދުވަހަކު އަތޫފް ގުޅުމުން ޒައުވެސް އަތޫފްއާއި ވާހަކަދައްކަނީ ގާތް އެކުވެރިއެއްގެ ގޮތުގައެވެ. ޒައުއާއި އަތޫފްއާއި ދެމެދު މިހާރުއޮތީ ހަމައެކަނި ގާތްއެކުވެރި ކަމެކެވެ. އަތޫފްއާއި އަރީގެ ގުޅުންވެސް ބަދަހިވަމުން ދިޔައެވެ. އަތޫފްވެސް ކޮލެޖްނިމި ވަޒީފާއަށް ދާންފެށިއެވެ. ހުސްވަގުތު ތަކުގައި އާޔަންމެން ހުޅުވައިގެން އުޅޭ ފަންޑަށްވެސް އެހީތެރިވާން ދެއެވެ.
ފަސްމަސް ފާއިތުވެގެން ދިޔަފަހުން ނޫރާ ބަލިވާން ފެށިއެވެ. ނޫރާގެ ގައިގައި ވަރު ނުހުންނަނީއެވެ. ނޫރާ ބޭނުންވަނީ އަބަދު އޮށޯވެގެން އޮންނާށެވެ. އެއީ ނޫރާ އުޅޭގޮތެއް ނޫންކަމުން ނޫރާއަށް ކޮންމެސް ކަމެއް ވާހެން އާޔަންއަށް އިހުސާސް ކުރެވިގެން ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރ ލަފާދިނީ އެތައްބައިވަރު ޓެސްޓުތަކެއް ހެދުމަށެވެ.
ޓެސްޓުތަކުގެ ނަތީޖާ ލިބިގެން ދިއުމުން އާއިލާއަށް ލިބިގެންދިއައީ އުފަލުގެ މައްޗަށް އުފާވެރިކަމެވެ. ނޫރާބަލިވެ އިނީއެވެ. ނޫރާގެ ލޭމަދުވެފައިވަނީ ބަލިވެ އިނުމުގެ ސަބަބުންނެވެ. އެހެން ކަމުން ގިނައިން ރަގަޅު ކާނާ ކެއުމަށް ޑޮކްޓަރ އަންގާފައި ވެއެވެ. ބޭބީ ރަގަޅަށް އަށަގަނެފައި ވޭތޯ ބެލުމަށް ސްކޭން ހެދުމުންް އަދި މާއުފާވެރި ހަބަރެއް ލިބިގެން ދިޔައެވެ. ނޫރާގެ ބަނޑުގައިވަނީ އެއްމާބަޑު ދެކުދިން ކަމެވެ. އާޔަންއަށް ލިބިގެން ދިޔަ އުފާވެރިކަން ވަރަށްވެސް ބޮޑެވެ. އެދުވަހު އާޔަން ސަދަގާތް ކުރަމުންދިޔައީ އާޔަންއާ ދިމާވާ އެންމެނަށެވެ. ކުދައެއް ބޮޑެއް މުއްސަންޖެއް ފަގީރެއް ނުބަލައެވެ. އާޔަންއަށް ދުވަހަކު ނުލިބޭ އުފާ އެއްފަހަރާ އެދުވަހު ލިބިގެން ދިޔައެވެ.
އިސްމާޙްވެސް އަނެއްކާ ބޭނުންވީ އާއިލާ މީހުންގެނެސް އެއުފަލުގައި ބައިވެރި ކުރާށެވެ. އަނެްކާވެސް ހަފްލާއެއް ބޭއްވިގެން ދިޔައެވެ. މިހާރު އާއިލާއަށް މިވަނީ ނިމުމެއްނެތް އުފާވެރިކަން އައިސްފައެވެ.
އާޔަންއާއި ޒޫނާ ނޫރާއަށް ވަރަށް އަޅާލައެވެ. ނޫރާއަށް ރަގަޅު ކާނާއާއި ލޯބި ފުރިހަމައަށް ލިބެއެވެ. ނައީމާވެސް އަމިއްލަ ދަރިއަކަށް ހިދުމަތްކޮށްދޭ ފަދައިން ނޫރާއަށް ހިދުމަތްކޮށްދޭން އުޅެއެވެ. އެންމެ ބޮޑަށް ލިބިގެން ދަނީ އާޔަންގެ ލޯތްބެވެ. އާޔަން ގިނަވަގުތު ހޭދަކުރަމުން ދިޔައީވެސް ނޫރާއާއި އެކުއެވެ. އަރީނާވެސް ހުންނަނީ ނުހަނު އުފަލުންނެވެ. އަރީނާ ދައްތައަކަށް ވާތީވެ އަބަދު ހެވިލާފައި އަރީނާ ހުރެއެވެ. ދޭތެރެއަކުން އައިސް ނޫރާގެ ބަނޑުގައި އަތްޖައްސާލާ ކޮއްކޮއާ ވާހަކަވެސް ދައްކާލައެވެ.
ނޫރާ ދުވަސް ފުރާ އެއްމާބަނޑު ދެ ފިރިހެންކުދިން ވިހެއީ އާޔަންގެ އުފަންދުވަހުއެވެ. ދެކުދިންގެ ހާލާއި ނޫރާގެ ހާލުވެސް މާތްﷲ އިރާދަކުރެއްވީތީ ރަގަޅެވެ. އާޔަން އެދުވަހު އުފަލުން އެހޮސްޕިޓަލުގެ ހުރިހާ ސްޓާފުންނަށްވެސް ފައިސާ ބެހިއެވެ. މާތްﷲއަށް ޝުކުރު އަދާކުރުމުގައި އާޔަން ހޭދަކުރި ވަގުތުތައްވެސް މަދެއްނޫނެވެ. އަމީނާއަށް މުނިމާމަކިޔާ ފިރިހެންކުދިން ލިބުމުން އަމީނާވެސް އިނީ ނުހަނު އުފަލުންނެވެ. އަމީނާ އެންމެ ލޯބިވާ މަމަދަރިފުޅަށް ފިރިހެންކުދިން ދެއްވާތޯ އަމީނާ އަބަދުވެސް ދުޢާ ކުރެއެވެ.
* * * * * * * * * * * * *
ފަސް އަހަރު ފަހެވެ. މޫސައާއި ލައިއާއި މެލޭޝިއާއަށް އަންނަ ހަބަރު ލިބިގެން އެއަރޕޯރޓްގައި މަޑުކޮށްލައިގެން އާޔަންހުއްޓެވެ. އާޔަންއަށް ލައިއާއި މޫސަ އަދި އެމީހުންގެ ދަރިފުޅު ނަބާ ފެނުމުން އެދިމާއަށް ހިގައިގަތެވެ. އެމީހުންގެ ފަހަތުން އައި އަތޫފް ފެނުމުން ހައިރާން ކަމެއް ލިބިފައި ބަލަން ހުއްޓެވެ.
“އާޔަން. އާތު ކިޔާވަރުން އާތުވެސް ގޮވައިގެން މިއައީ.” މޫސަ ބުންޏެވެ.
އަތޫފް އައިސް އާޔަންއާއި ސަލާން ކޮށްލިއެވެ. މިހާރު ޒުވާން ފިރިހެންވަންތަ ވައްތަރު ޖަހާލާފައިވާ ފަތި ހަށިގަނޑެއްގެ ވެރި އަތޫފް ހީވަނީ ރީތިކަމުން މޮޑެލްއެއް ހެނެވެ. ތުނި ތުނބުޅިއެއް ބަހަށްޓާފައިވާއިރު ފެންނަލެއް ވަރަށްވެސް ރީއްޗެވެ.
“އަރީ ބައްޕާ.” އާޔަން ފެނުމުން އާޔަންއާއި ސަލާން ކޮށްލަމުން އަތޫފް ވާހަކަދައްކަން ފެށިއެވެ. “އާތު މިއައީ އަރީ އާ މެރީކުރަން ހުއްދަ ހޯދަންވެގެން. އާތުއަކީ މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ މީހެއް. މިހާރު އާތުގެ ދޮންބެވެސް މީހަކަ އިނދެފި. ކޮއްކޮއަށްވެސް ވަޒީފާލިބި ކޮއްކޮވެސް އުޅެނީ ވަރަށް އަވަހަށް މެރީ ކުރަންވެގެން. ދެން އާތު ބަލަން ޖެހޭ މަންމައެއް އެކަނި ހުރީ. އާތު ބޭނުންވަނީ އަރީ ބޭނުންވާގޮތެއް ހަދަން. އަރީ މާލޭގަ އުޅެން ބޭނުމިއްޔާ އަރީ ގޮވައިގެން މާލެދާން. އަރީ މެލޭޝިޔާގައި އުޅެން ބޭނުމިއްޔާ މަންމަ ގޮވައިގެން މެލޭޝިއާއަށް އަންނަން…..” އަތޫފް އެއްނޭވައިން ހުރިހާވާހަކައެއް ދައްކާނިންމާލަން އުޅެނިކޮން އާޔަން އަތޫފްގެ ވާހަކަ މެދުކަނޑާލިއެވެ.
“އަތޫ. ކަމް ޓު މެލޭޝިޔާ. އާތު ކަހަލަ ކިޔައިވައިގެން ހުރި އާއިލާކުއްޖެއް ބޭނުންވެފަ މިހާރު އޮތީ. ފެމިލީ ބިޒްނަސްގަ ވަރަށް ފަސޭހަވާނެ އާތު މިކޮޅަށް އައިސްފިނަމަ. މިހާރު އާތުއަށް ތިލިބޭ އާމްދަނީއަށްވުރެ މާގިނައިންވެސް އޭރުން ލިބޭނެ.” އާޔަން ބުންޏެވެ. އަތޫފްއަށް ހީވީ ހުރިހާ އުފަލެއް އެއްފަހަރާ ލިބިގެން ދިޔަހެނެވެ.
އަތޫފް އާއި މޫސަމެން ގޮވައިގެން އާޔަން ގެއަށްއައިއިރު ނޫރާ ހުރީ ބޭރުގައެވެ. އަތޫފްއަށް އެގެ ފެނުމުން އާށޯހްވެފައި ބަލަން ހުރެވުނެވެ. އެފަދަ މުއްސަނދި ކަމެއް ހަޔާތުގައިވެސް އަތޫފް ދެކިފައެއް ނުވެއެވެ.
އޭރު އަރީނާއާއި ޒައުވީ ބޭރަށްގޮހެވެ. ދެމީހުންވެސް މިހާރުވަނީ ކިޔަވާ ނިމިފައެެވެ. އަރީނާވަނީ ސައިކޮލޮޖީ އިން ޑިގްރީ ނަގާފައެވެ. އަރީނާއަކީ މިހާރު ހާއްސަ ފަރުވާ ބޭނުންވާ ކުޑަކުދިންގެ ހޮސްޕިޓަލުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ މުއައްޒަފެކެވެ.
ޒައު ޑިގްރީ ނަގާފައިވަނީ އާރޓް އެންޑް ގްރެފިކްއިން ނެވެ. ޒައު ވަޒީފާ އަދާކުރަމުން ދަނީ މެލޭޝިޔާގެ އެންމެބޮޑު ގްރެފިކް ޑިޒައިންކުރާ ކުންފުނީގައެވެ. އަރީނާއާއި ޒައު މިއަދު ބޭރަށް ދިޔައީ އާދިއްތަ ދުވަސްކަމުން ދެމީހުނަށްވެސް އެދުވަސް ބަންދުވީމައެވެ.
އާޔަންގެ ދެބެން ކަމުގައިވާ ވާއިލްއާއި ވާއިޒްއަށް މިހާރު ފަސްއަހަރު ފުރެންވަނީ ގާތްވެފައެވެ. ދެބެންދެކެ އާޔަން ނުހަނު ލޯބިވެއެވެ. އާޔަންއާއި ވައްތަރުކަމަށް އެންމެންވެސް ބުނަނީ އެކުދިންގެ ލޯ އެކަންޏެވެ. އެހެން ހުރިހާ ސިފައަކީވެސް ނޫރާގެ ފަރާތުން އައިސްފައިވާ ސިފަތަކެކެވެ. ދެކުދިންވެސް އެހާ ވައްތަރުވެފައި އުޅުންވެސް ހުންނަނީ އެއްގޮތަކަށެވެ. އެކުދިންނާއެކު އަތޫފް ވަގުތުހޭދަކުރަމުންދިޔައީ ނުހަނު ޝައުގުވެރިކަމާއެކުއެވެ. އަރީ އާއި ޒައު ގެއަށް އައިއިރު ހަވީރު ވެއްޖެއެވެ. ދެމީހުންވެސް ތިބީ ވަރަށް ވަރުބަލިވެފައެވެ. ދެމީހުން އައިގޮތަށްއައިސް ސޯފާ މައްޗަށް ވެއްޓިގަތެވެ.
“ދޮންތިގެ ވާއިލް… ދޮންތިގެ ވާއިޒް އަވަހަށް ދޮންތިއަށް ހަގެއްދޭން އާދޭ.” އަރީނާ އަޑުގެ ކޮޅަށް ގޮވާލިއެވެ. އަބަދުވެސް އަރިނާ ގެއަށް އައިސްފިއްޔާ އެކުދިން އެއްކޮއްގެން އަރީނާ އުޅެއެވެ. އެކުދިންދެކެ އަރީނާ ނުހަނު ލޯބިވެއެވެ.
“އާތު ހަގެއް ދިނަސް އޯކޭތަ؟” އަރީނާގެ ކުރިމައްޗަށް އަންނަމުން އަތޫފް އެހެން ބުނެލިއެވެ. އަރީނާއަށް ފުންމައިގެން ތެދުވެވުނީ ލިބުނު ހައިރާން ކަމަކުންނެވެ. އަރީނާ ވީ އުފަލުން އެތާތިބި މީހުނަށްވެސް ބަލައިލުމެއްނެތި ފުންމައިގެން އަތޫފްގެ އުރަށް އެރިއެވެ. އަތޫފްގެ ހުށިޔާރުކަމުން އަރީނާ ހިފަހައްޓާލީ ކުޑަކުއްޖަކު އުރާލާ ފަދައިންނެވެ.
“އައި މިސްޑް ޔޫ ސޯ މަޗް.” އަރީނާގެ ލޮލުން ކަރުނަ ނިރާލިއެވެ. ޒައުވެސް ސޯފާއިން ތެދުވެ އެމަންޒަރު ބަލަން ހެވިފައި ހުއްޓެވެ.
“ދެން އިތުރަށް ވެއިޓް ކުރާނެކަމެއްނެތް. މިއައީ ހަމައެކަނި އަރީއަށް ޓަކާ. މިފަހަރު އަރީ އާތުގެ މީހަކަށް އެއްކޮން ހަދާފަ ނޫނީ ދުލެއްނުކުރާނަން.” އާތުވެސް ވެފައި ހުރި އުފަލުން ބުނެލިއެވެ.
“އެކަމު އަދި އެހަށް ދޫކޮށްލާ. އަދި އާތުގެ މީހަކަށް ނުވޭނު.” އާޔަން އެތަނަށް އައިސް އެހެން ބުނިއަޑަށް އަރީނާއާއި އަތޫފް އަވަހަށް ދުރަށް ޖެހިލިއެވެ. ދެމީހުންނަށް އެތާތިބި މީހުނަށް ނަޒަރު ހިންގާލެވުނެވެ. ޒައު ހެވިފައި އެމީހުނަށް ބަލަން ހުއްޓެވެ. އާޔަން ކައިރީ ނޫރާވެސް ހެވިފައި ހުއްޓެވެ. މޫސައާއި ލައިއާއި ނައީމާވެސް އެތާ ހެވިފައި ތިއްބެވެ. އެންމެންގެ މޫނަށް ބަލައިލަމުން ލަދުގަނެފައި އަރީއާއި އަތޫފް ތިއްބެވެ.
“ދިގުދެމިގެން ދާ އިންތިޒާރުގެ ނިމުން އައުމުން އުފާވާނެވަރު މަންމައާ ޑެޑީއަށްވެސް އިނގޭނެއެވެ. މިއަދުމީ އަރީ ކުރަމުން ދިޔަ އިންތިޒާރުތަކަށް ނިމުން އައި ދުވަސް.” އަރީނާ އެންމެނާ ދިމާއަށް ބަލައިލަމުން ރަކި ނުވާން ވެގެން ބުނެލިއެވެ.
* * * * * * * * * * * * * * * * * * * * * * * * * * * * * *
އަޅުގަނޑުގެ ފުރަތަމަ ވާހަކައަށް ތި ދެއްވި ތަރުހީބަށް ހުރިހާ ކިއުން ތެރިންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. އަޅުގަނޑުގެ ދެވަނަ ވާހަކަ “ހާދަހާވޭ ކުރާހިތް ސަމާސާ” މިހާރު ނުކުންނަމުން ދާނީ ދިވެހި ވާހަކަ ސައިޓުން ކަމަށް ދަންނަވާލަމެވެ. އަޅުގަނޑުގެ ފުރަތަމަ ވާހަކައަށް ލިބިގެން ދިޔަ ތަރުހީބަށް ވުރެން ބޮޑު ތަރުހީބެއް އެވާހަކައަށް ލިބޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ!
11 Comments
Comments are closed.
ވަރަށް ރީތި ވާހަކައެއް. ތިގޮތުގަ ކުރިއަށްދިއުމަށް މަސައްކަތްކުރާތި.
kon dhivehi vaahaka site eh tha????????????????mi vaahakaige photo are nimun nugurey….pls misuvaluge javabu liwaaba………mi varah rythi vahakaeh…mivaahakaige fahubai lasvy kyvetha?mivaahaka aadhey tho haadha intizaarehga vymey.p.,
ވަރަށް ރީތި ވާހަކައެއް!
habeys!!!!!:D
thnkxxx mihaa reethi vaahaka eh genesdhinyma……
perrrrrrrrrrrrrfecccttt! loved this v much ! <3 <3 <3
Enaash v loabyge vaahaka thah kiyan v ginain bt mee hurihaa taste eh huri mihaq furihama vaahaka eh kiyaalevunu faharu v v v habeys story
This story is amazzzinnnngggggg?????? I loved it
Mi Story vrh reethi… Vrh touching… Adhi kiriya mi Story mi kiyaaliii.. Story ge vaahakathah hama hithah araafa hunnaniii hama… Vrh vrh vrh vrh reethi.. ??????
????you can do this ??
vv reethi
Mi story vv reethi… Kurin fenunyma heekury reecheh nuvaanea.. Ekam kiyaalyma mienguny vv reethi story eh kan…v touching..