ވީމޭ އިންތިޒާރުގައި 27 ވަނަ ބައި
އަރީނާއަށް މެސެޖެއް އައުމުން އަރީނާ ފޯނުނަގާ ބަލައިލިއެވެ. އެއީ އަތޫފްގެ މެސެޖެކެވެ. އަރީނާ އަވަހަށް ކާގެއިން ނިކުމެގެން ދިޔައީ ތައްޔާރުވާށެވެ.
އަރީނާ މީގެކުރިން އަދި ދުވަހަކުވެސް ވިލިގިއްޔަކަށް ނުދެއެވެ. އެހެންކަމުން އަރީނާ ހުރީ އާތަނަކަށް ދެވެން އުޅޭތީ ވަރަށް އުފާވެފައެވެ.
“ޑެޑީއަށް އާތު ފެނޭތަ؟” އަރީނާ އާޔަންއާއި އެއްކޮން ސައިކަލުގައި އައިސް ފެރީ ޓާރމިނަލްއަށް ހުއްޓުމުން އަތޫފް ކޮބައިތޯ ބަލައިލިއެވެ.
” އަރީ! އަރީ!” އަތޫފް ނުފެނިގެން އަތޫފްއަށް ގުޅަން ފޯނުނެގިތަނާ އަތޫފް ގޮވާލިއެވެ. އަރީނާ ފަހަތަށް އެނބުރި ބަަލައިލިއިރު ދެތިން އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން އަތޫފް ކައިރީ ތިއްބެވެ. އަންހެންކުދިންގެ ތެރެއިން ދެކުދިން ތިބީ ކުރުކުރު ސޯޓުލައިގެންނެވެ. ތުނި ޓީޝާރޓުން އެތެރެއިން ލައިފައިވާ ކުލަގަދަ ބިކިނީ ހުރީ އަރާފައެވެ. އެތަނުން އެއް އަންހެން ކުއްޖަކު ބުރުގާ އަޅާފައި ހުއްޓަސް ހުރީ ތުނި ހެދުމެއް ލައިގެންނެވެ. ބުނުގާވެސް ހުރީ ކިރިޔާ ކަރު ފޮރުވޭވަރަށެވެ. ދެން ހުރި އެއް ފިރިހެން ކުއްޖެއް ހުރީ އިސްތަށިގަނޑު ދިއްގުކޮށްލާފަ ފަހަތަށް ގެންގޮސް ގަތާލާފައެވެ.
” އެއީ އާތުގެ ފްރެންޑްސްއުން؟” އާޔަން ހަމައެކަނި އަރީނާއަށް އިވޭވަރަށް މަޑިމަޑުން ބުނެލިއެވެ. ” އައިއޭމް ނޮޓް ޖަޖިންދެމް. ބަޓް ޖަސްޓް….” އާޔަން ނޭވާއެއް ދޫކޮށްލިއެވެ. ” އައި ޓްރަސްޓް ޔޫ އަރީ. އީމާން ތެރިކަން އަބަދުވެސް ހިތުގަ ބާއްވާތި.” އާޔަންއަށް އަތޫފް ކައިރީ ތިބި ގުރޫޕު ފެނުމުން އާޔަން ހުރީ ކުޑަކޮން އަރީނާ ފޮނުވަން ޖެހިލުންވެފައެވެ. “އައި ވިލް ބީ ގުޑް ޑެޑީ. ޑޯންޓް ވޮރީ.” އަރީނާ އާޔަންއާ ސަލާމް ކޮށްލަމުން ބުންޏޭވެ.
އާޔަން ދިއުމުން އަތޫފް އަރީނާ ގޮވައިގެން އައިސް އަރީނާއަށް އަތޫފްގެ ރައްޓެހި ކުދިންނަށް އަރީނާ ތައާރަފް ކޮށްދިނެވެ. ކަރަމްއާއި ކަރަމްގެ ލޯބިވެރިޔާ ސުޖުނާ އެވެ. ސުޖުނާ ބުރުގާ އަޅާފައިހުރިއިރު ކަރަމްގެ އިސްތަށިގަނޑުވަނީ ދިގުކޮށްލާފައެވެ. ދެން ތިބީ ޖިލާއާއި ހަޝްމާ އެވެ. އަރީނާއަކީ އަތޫފްގެ ރައްޓިއްސެއްކަން އިނގުމުން ޖިލާ އާއި ހަޝްމާ ހުރީ ކުޑަކޮށް މޫޑު ހަދައިގެނެވެ. ހަގީގަތުގައި ޖިލާ ހުންނަނީ ފާޑަކަށް އަތޫފްއާ އަޅައި ގަނެފައެވެ. އަދި ހަޝްމާއަށްވެސް އޮންނަނީ ޖިލާ އަތޫފްއާ ހެދި އުޅޭކަން އިނގިފައެވެ. ހަޝްމާގެ އެންމެ ގާތް އެކުވެރިއަކީ ޖިލާއެވެ. ދެން ހުރީ ދާވިޝްއެވެ. ދާވިޝްގެ ކުޑަކޮން އެކުވެރިގޮތެއް ހުއްޓެވެ. ދާވިޝް ހުރީ އަހުލާގީ މިންގަޑަކަށް ފެތޭ ގޮތަކަށެވެ.
“އާތޫ. އައި އޭމް ރިއަލީ އެކްސައިޓެޑް.” އަރީނާ އެންމެނާއެއްކޮން ފެރީ ގިމަތަ ތެރެއަށް ވަންނަމުން ބުންޏެވެ. އެކަކަށްވެސް އަދި އަރީނާއަކީ ދިވެއްސެއްކަމެއް ނޭގެއެވެ. އެންމެން އަރީނާއާ ވާހަކަ ދައްކަނީ އިނގިރޭސިންނެވެ. އެހެންކަމުން އަރީނާވެސް ކޮންމެހެން ދިވެހިން ވާހަކަ ދައްކާކަށް ނޫޅެއެވެ. ފެރީއަށް އަރާ ގޮނޑީގައި އިށީންނަން އަރީނާ ދިޔައީ އަތޫފްގެ ފަހަތުންނެވެ. ނަމަވެސް އަރީނާގެ ފަހަތުން އައި ޖިލާ އައި ގޮތަށްއައިސް އަތޫފް އާ އެއްވަރުކޮށް އަރީނާގައިގައި ޖެހިގަނެފައި ގޮސް އަތޫފް އިށީންނަނިކޮން އެތާ ޖެހިގެން އިށީނެވެ. އަރީނާއަށް އިށީންނަން ޖެހުނީ ފަހަތު ގޮނޑީގައެވެ. އެއީ ޖިލާ ގަސްތުގައި ކުރިކަމެއް ކަމެއް އަރީނާއަކަށް ނޭގެއެވެ.
“އޭ، އަރީ. އާދޭ މިތަނަށް. މިތާ އަދި ޖާގަ އެބައޮތޭ.” އަތޫފް އަރީނާ އެކަނި ފަހަތުގައި އިނުމުން ކަމަކު ނުދިޔައެވެ. އެވަގުތު ފެރީ ނައްޓާލިއެވެ.
“އޭނައަށް ދިވެހި އިނގޭތަ؟” އަތޫފް އަރީނާއާ ދިވެހިން ވާހަކަ ދެއްކުމުން ޖިލާ އިނީ ހައިރާން ވެފައެވެ. “އޭނަ ކީއްކުރަން މިތަނަށް ތި ގެންނަނީ؟” ޖިލާއިނީ ހިތްހަމަވެސް ނުޖެހިފައެވެ.
“އޭނަ ދުރުގަ އިނީމަނު.” އަތޫފް ބުންޏެވެ. “އަރީ އާދެބަލަ މިތަނަށް.” އަތޫފް އަނެއްކާވެސް ބުންޏެވެ. އަރީނާ ތެދުވިވަގުތު ކައިރިން ލޯންޗެއް ދިއުމުގެ ސަބަބުން އުފެދުނު ބާނިތަކުގެ އަސަރުން ދޯންޏަށް ލޮޅުންއަރައިގެން ދިޔައެވެ. އެވަގުތު ކޮޅަށް ތެދުވެގެން އަތޫފް ކައިރީ އިށީންނަށް އައި އަރީނާ އަރިއަޅާލައިގެން ގޮސް ވެއްޓުނީ އަތޫފްގެ އުނގަށެވެ. އަތޫފްއަށް އަވަހަށް އަރީނާ ގައިގައި ހިފަހަށްޓާލެވުނު ވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ބުނަން ނޭގޭ އިހުސާސެއް ދެމީހުނަށްވެސް ކުރެވުނެވެ. އެ ކުޑަ ވަގުތުކޮޅު ތެރޭ ދެމީހުންގެ ހިތްވެސް ތަފާތު ރާގަކަށް ނަށަން ފެށި ކަހަލައެވެ. އަރީނާ އަވަހަށް ތެދުވެ އަތޫފް ކައިރީ އިށީން އިރު ދޮން ކޯތާފަތަށް ވަނީ ފިޔާތޮށި ކުލަ އަރާލާފައެވެ. މީހާ ލަދުންގޮސް އިނީ ރަކިވެފައެވެ. އެކަން އަތޫފްއަށްވެސް ފާހަގަ ކުރެވުނެވެ. އަތޫފް ލާނެތް ގޮތަކަށް ހީލަމުން ދުރުބަލަން އިނީ ނޭގޭ ކަމަށް ހަދައިގެނެވެ. ޖެހިގެން އިން ޖިލާއަށް ވީގޮތް ފެނުމުން އިނީީ ރުޅިއައިސްގެން ފަޅައިގެންދާން ކައިރިވެފައެވެ.
ވިލިގިއްޔަށް ފެރީ ލެފުމުން އަރީނާ އަތުގައި ހިފައިގެން އަތޫފް ފޭބީ ހަމަ ގަސްތުގައެވެ. އަތޫފްއާއި އެއްކޮން ފޭބި ޖިލާއަށް ޖެހުނީ އެކަނި ފައިބާށެވެ. އެކަމާވެސް ޖިލާ ހުރީ ހިތްހަމަ ނުޖެހޭގޮތް ވެފައެވެ. އެންމެން އެއްކޮން މޫދަށް އެރޭ ދިމާއަށްގޮސް ބޮޑު ހިރުނދު ގަހެއްގެ ދަށުގައި ކުނާ އަޅާލީ އެގަހުގެ ގޮފި ގަނޑުގަނޑުތަކުގައި ދަބަސްތައް އަޅުވާލަމުންނެވެ. ކުނާމަތީ ޖިލާއާއި ހަޝްމާ އިށީނެވެ. ކަރަމް އަތުގަ ހިފައިގެން ސުޖުނާ ދިޔައީ ދުރަށެވެ.
“ހިންގާ ފެނާ ޑްރިންކްސް އާ ގަނެގެން އަންނަން. ކޮންމެސް ކަހަލަ ކާލާނެ ލުއި އެއްޗެއްވެސް ގަންނަން ވާނެ.” އަރީނާ ހަދާނެގޮތެއް ނޭގިފައި ހުއްޓާ ދާވިޝް އަތޫފް ކައިރީ ބުންޏެވެ.
“އަރީ މިތާ ކުނާމަތީ އިށީންދެލައިގެން އިނދޭ. އާތު އަންނާނަން ދާވިޝްއާ އެއްކޮން ގޮސް އެއްޗިހި ގަނެގެން.” އަތޫފް އަރީނާއަށް ބަލައިލަމުން ބުންޏެވެ.
“އަރީވެސް ބޭނުން ޑްރިންކެއް. އަރީ ލާރިދޭނަން.” އަރީނާ ދިވެހިން ފަރިތަކަމާއެކު ވާހަކަ ދެއްކުމުން ދާވިޝްއާއި ދެންތިބި މީހުން ތިބީ ހައިރާން ވެފައެވެ.
“ތިހާ ރީތިކޮން ދިވެހި ދަސްކުރީ ކިހިނެއް؟” ދާވިޝްއަށް އަހާލެވުނެވެ.
“އެއީ ދިވެއްސެކޭ. އަރީ ލާރި ދޭނެކަމެއްނެތް. ވީ ހޭވް މަނީ.” އަތޫފް ބުންޏެވެ. އަރީ ބޯޖަހާލިއެވެ.
އަތޫފް ދާވިޝްއާއި އެކު ފިހާރައަށް ދިއުމުން އެދިމާ ބަލަން އަރީ ހުރެލާފައި ކުނާމަތީ އިށީންނަން އުޅެނިކޮން ކުނާމަތީ އިން ޖިލާ ފުއްމައިގެން ތެދުވިއެވެ. އަދި އަރީނާއާއި ދިމާއަށް ލޯ އަޅާލަމުން ބަލަން ހުއްޓެވެ.
“ކަލޭ ހީކުރަނީ އާތު އުޅެނީ ކަލެއާ ހެދި މޮޔަވެގެން ކަމަށްތަ؟ އަމުދަކުން އާތު ނޫޅެޔޭ ތަނެއްގަ ހުރި ފަރަންޖީ އަކާ ހިތާ ނުވެވިގެނެއް. ކަލޭދެން މާވެފަ އާތު ގައިގަ ތަތްކޮށްލައިގެން ތިއުޅެނީ.” ޖިލާ އައިސްސަ ހުރި ރުޅިތަށް ބަސްތަކެއްގެ ސިފައިގައި ބޭރުކުރަން ފެށިއެވެ. އަރީނާ ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައި ހައިރާން ވެފައެވެ. އެފަދަ ގޮތަކަށް މީހަކު އަރީނާއާއި ދިމާއަށް އެއްޗެހި ކިޔާފާނެ ކަމަކަށް އަރީނާ ހިތަކަށްވެސް ނާރައެވެ.
“މަށާ ދިމާއަށް ބަލަން ހުންނާނެ ކަމެއްނެތް. ކަލޭ ހީކުރީދޯ މާރީތި ޗައިނާފާޑު ލޮލެއް ލިބިފަ ފަރަންޖީ ދޮންކަމެއް ހުރީމަ ހުރިހާ ފިރިހެނުން ކަލެއާހެދި މޮޔަވާނެޔޭ. ބަލަ ކަލޭތީ މާރީތި މީހެކޭ އަމިއްލައަށް ހީކޮށްގެން ތި އުޅެނީ ކީއްވެތަ. އާތު އާ މަށާ ރައްޓެހިވެގެން އުޅޭތާ މިހާރުއަހަރަކަށް ވުރެ ބޮޑުވަނީ. އަހަރުމެން ދެމީހުންނަށް މިހާރު ވަކިން ނޫޅެވޭނެކަން މިހިރަ ހަޝްމާއަށްވެސް އިނގޭނެ. އެންމެފަހުން ވެސް އަހަރުމެން އެކަހެރިވެ ބައްދަލުކުރީ ހަޝްމާމެންގޭ ކޮޓަރީގަވިއްޔަ. ކަލޭ ކޮންމެހެން މިދޭތެރެއަށް ވަންނަން އުޅޭނެކަމެއް ނެތް އިނގޭ.” ޖިލާ ލޯއަޅާލަމުން ތަންކޮޅެއް ބާރަށް ބުނެލިއެވެ.
އެއީ ތެދެއް. އެދެމީހުން އެރޭ ނިދީވެސް އަހަރެން ކޮޓަރީގަ. ފަތިސްވީފަހުން ގެއަށްވެސް ދިޔައީ. އާތު އެހާ ނައިސްކޮން ކަލެއާ ދޭތެރޭ ވާހަކަ ދެއްކިއަސް އޭގެމާނައަކީ އާތު ކަލޭދެކެ ލޯބިވެއެކޭނޫނެއްނު ދޯ. ކަލޭ މައިތިރި ވެގެން ނުހުރެވެންޏާ އަހަރުމެނަކަށްވެސް ނުތިބެވޭނެ އިނގޭ.” ހަޝްމާވެސް ޖިލާއާ އެއްބައިވެލިއެވެ.
“ކަލޭ މީގެފަހުން އާތުއާ ވާހަކަ ދައްކައިގެންވެސް ނުވާނެ.” ޖިލާ ކުއްލިއަކަށް އަރީނާ ކޮށްޕާލިއެވެ. އަރީނާ ނުވިސްނަ ހުރުމުން އަރީނާ އަރިއަޅާލިއެވެ. ނަމަވެސް ނުއެއް ވެއްޓުނެވެ. އަރީނާގެ ލޮލުން ކަރުނަ ނިރާލިއެވެ. އަރީނާ ވަނީ ވަރަށް ހިތުގައި ޖެހިފައެވެ.
“އާތު ޒައުޝާން އާ ރައްޓެހިވެގެން އުޅުން އިރުވެސް އާތު ބުނޭ މަގޭ ދެކެ އާތު ލޯބިވާ ވާހަކަ. ދެން ޒައުޝާނާ ރުޅިވީވެސް މަށާ ރައްޓެހިވާންވެގެން ކަމެއް ކަލެއަކަށް ނޭގޭނު.” ޖިލާ އަރީނާ ކައިރިއަށް އަނެއްކާވެސް ޖެހިލިއެވެ. އަރީނާއަށް ދެފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ.
“ބުނަން ރަގަޅު ވާހަކައެއް. އަތޫފްއާ ދުރަށްދޭ. އޭނައާ ވާހަކަ ދައްކައިގެން ނުވާނެ. އިނގިއްޖެތަ. އަތޫފްއާ ޖިލާއާ ދޭތެރެއަށް ކަލޭ ވަދެގެން ނުވާނެ. އެދެމީހުންއެހާ ކްލޯސްކޮން އެހާ ލޯބިން އުޅެނިކޮން ކަލެއާހެދި ވަކިވެވިއްޖެއްޔާ ކަލެއަކަށްވެސް އުފަލުގައެއް ނޫޅެވޭނެ. އިގިއްޖެތަ.” ހަޝްމާ ވެސް އަރީނާއާއި ކައިރި ވެލިއެވެ. އަދި ޖިލާ އަނެއްކާވެސް އަރީނާ ކޮށްޕާލަން އުޅުނެވެ. ނަމަވެސް މިފަހަރު އަރީނާ ފަހަތަށް ޖެހިލިއެވެ. އަދި ގަހުގައި އަޅުވާފައި އިން އަރީނާގެ ދަބަސް ނަގައިގެން ދުއްވައިގަތެވެ. އަރީނާއަށް ރޮވެމުންދިޔައެވެ. އަތޫފް އެހާބޮޑު ވާހަކައެއް ސިއްރުކޮށްފާނެ ހެއްޔެވެ. އަތޫފްއަކީ އެގޮތަށް އުޅޭ މީހެއް ހެއްޔެވެ. އަރީނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަން ފެށުމުން އަރީނާމަޑުކޮށްލިއެވެ. އަދި ގަހެއްގައި ލެގިލައިގެން ހުރެ ބާރަށް ރޮމުން ދިޔައެވެ. ކައިރިން ދާމީސްމީހުން އަރީނާއަށް ބަލައެވެ.
އަރީނާ އެތަނުން ދިޔަވަގުތު އަތޫފްމެނަށް އެތަނަށް އާދެވިއްޖެއެވެ.
“ސުޕާރީއެއް ނުގަނެ އެވަރުންވެސް މި އާދެވުނީ.” ދާވިޝް އައިސް ގަނެގެން ގެނައި އެއްޗިހި ކުނާމަތީ ބަހަށްޓަމުން ބުންެޏެވެ. އަތޫފްއަށް އަރީނާ އެތާ ނެތީމަ ދިމަދިމާ ހޯދާލެވުނެވެ.
“ކޮބާ އަރީ؟” އަތޫފް ޖިލާމެން ކައިރީ އަހާލިއެވެ.
“ނޭގެ! ދާދި ދެންމެވެސް މިތާހުރި. މިހާރު ކޮބައިކަމެއް ނޭގެ.” ޖިލާ ބުނެލިއެވެ. އަތޫފް ދިމަދިމާ ހޯދާލިއެވެ.
“ވެދާނެ މިތާ ގޮނޑުދޮށް ކައިރިން ހިނގާލަން ދިޔައީ ކަމަށް.” ދާވިޝްވެސް ދިމަދިމާ ހޯދާލަމުން ބުންޏެވެ.
އަތޫފް ސޯޓު ޖީބުން ފޯނުނަގާ އަރީނާއަށް ގުޅާލިއެވެ. އަރީނާ ފޯނެއް ނުނަގައެވެ. އަތޫފްއަށް ދެން އަޅައިގަތީ ގަހުގައި އަރީނާގެ ދަބަސް ނެތްތަނެވެ. އަރީނާ ދަބަސް އެޅުވީ އަތޫފްގެ ދަބަސް ކައިރީގައެވެ. އަތޫފް ޖިލާމެންނާ ދިމާއަށް ބަލައިލިއެވެ. އެމީހުން ތިބީ ވަރަށް ހަމަޖެހިލައިގެންނެވެ.
“ޖިލާ. ކޮންމެސް ކަމެއް ވީތަ؟ އަރީނާގެ ދަބަހެއްވެސް ނެތެއްނު؟” އަތޫފް ޖިލާއާއި ދިމާއަށް ބުނީ ނުރުހިފައި ހުރެއެވެ. ޖިލާ ކޮނޑު އަރުވާލިއެވެ. އެއްވެސް އެއްޗެއް ނޭގޭކަމަށް ހަދާލައިގެން ޖިލާ އަނެއްކާވެސް ހަމަޖެހިލިއެވެ. އަތޫފްއަށް ޖިލާގެ ގޮތް ރަގަޅަށް އިނގެއެވެ. އަތޫފްއަށް އެއްޗެއް ވިސްނިގެން އަތޫފްގެ ދަބަސް ނަގާ ކޮނޑުގައި އަޅުވާލަމުން ދުއްވައި ގަތެވެ.
އަތޫފް ފެރީ ގިމަތައަށް ވަދެވުނުއިރު އަރީނާ ފެރީއަށް އަރަނީއެވެ. އަތޫފް ވަރަށް އަވަސް އަވަހަށް ޓިކެޓް ގަނެގެން ދިޔަކަމުން ކިރިޔާ ފެރީއަށް އެރުނެވެ. އަތޫފް އެރުމާއެކު ފެރީ ނައްޓާލިއެވެ. އަތޫފް އަރީނާ ކޮބައިތޯ ހޯދާލިއިރު ތަންކޮޅެއް ފަހަތުގައި އެކަނިމާއެކަނި އިނެވެ. އަތޫފް ގޮސް އަރީނާ ކައިރީ އިށީނެވެ. އަރީނާގެ ލޮލުން އޭރުވެސް ވަނީ ކަރުނަ އައިސްފައެވެ. އަރީނާ މޫދަށް ބަލަން އިނދެފައި އަތޫފް އިށީނުމުން އަތޫފް އާދިމާއަށް އެނބުރުނު ވަގުތު އަތޫފް ފެނުމުން އަރީނާ ހައިރާން ވިއެވެ.
“އަރީ.. ވަޓް ހެޕަން؟” އަތޫފް އެހިއެވެ. އަރީނާއަށް އަނެއްކާވެސް ބޮޑަށް ރޮވެން ފެށިއެވެ.
“އާތު…. އާތު ކީއްވެ ކުރިން… ކުރިން ނުބުނީ..” އަރީނާއަށް ރޮވޭތީ ރަގަޅަށް ވާހަކަވެސް ނުދެއްކެއެވެ.
“ކޮންވާހަކައެއްތަ؟ އެހަށް ނުރޮއެ ހުއްޓާލަބަލަ.” އަތޫފް އަރީނާގެ ކަރުނަ ފޮހެލަދޭން އުޅުމުން އަރީނާ މޫނު ދުރަށް ޖައްސާލަމުން އަމިއްލައަށް ކަރުނަ ފޮހެލިއެވެ.
“އާތު … ކުރިން ނުބުނަމެއްނު.. އާތުގެ ގާރލްފެރެންޑެއް ހުންނަ ވާހަކައެއް.” ވަރަށް ހިތްވަރު ކުރަމުން އަރީނާ ބުންޏެވެ.
” އާތުގެ ގާރލް ފްރެންޑެއް ހުރީ މީގެ އަހަރެއް ކުރިން. މިހާރު ނެތޭ ގާރލްފްރެންޑެއް؟” އަތޫފް ބުންޏޭވެ.
” އާތު ދޮގު ނުހަދާ ރަގަޅަށް ބުނާތި. ޖިލާއަކީ ކާކު؟” އަރީނާ އެހިއެވެ.
“ޖިލާ، ޝީ އިޒް ޖަސްޓް އަ ފްރެންޑް. ޖިލާ އެއްޗެކޭ ކީތަ؟ ޖިލާއަކީ ވަރަށް ކަންތައް ހުންނަ ކުއްޖެއް. އޭނަ ދައްކާވާހަކައާ އެހާ އަޅާލާނެ ކަމެއްނެތް.” އަތޫފް ބުންޏެވެ.
“އެކަމަކު ޖިލާ އެގޮތަށް އެވާހަކަ ދައްކާނީ ކޮންމެސް ކަމެއްވީމަނު. އާތު އަރީއަށް ކަމެއް ސިއްރުކުރަނީތަ.” އަރީނާ މިހާރު ރުއިން ހުއްޓާލައިފިއެވެ.
“އަރީ. އާތު އަކަށްނޭގެ ޖިލާ އަރީ ކައިރީ ދެއްކީ ކޮންވާހަކައެއް ކަމެއް. އެކަމަކު އާތުއެއް ނޫޅެން ކޮންމެހެން އަރީއަށް އެއްވެސް ކަމެއް އޮޅުވާލާކަށް.” އަތޫފް ބުންޏެވެ.
“އާތު ރައްޓެހިވީން ޒައުޝަން ކިޔާ ކުއްޖަކާ. އެއީ އާތުމެން ލަންކާގަ އުޅެމުން ރައްޓެހިވީ. އާތު ލަންކާއިން މާލެ އައިސްގެން މާގިނަ ދުވަހެއް ނުވެ ޒައުޝަން އާތުއާ ރުޅުވީ ޒައުޝަން އާތު ދެކެ ލޯތްބެއް ނުވެއޭ ކިޔާފަ. އޭގެ ފަހުން ޒައުޝަންއެއް ނުވެސް ފެނޭ. އަނެއްކާ ދެން އޭގެ ފަހުން އެކަކާވެސް އަދިއެއް އާތުއެއް ރައްޓިއްސެއްނުވަން.” އަތޫފް އަރީނާގެ ލޮލަށް ބަލައިލިއެވެ.
އަރީނާ އަތޫފްއާއި ދިމާއަށް ބަލައިލިއެވެ. އެހެންވިއްޔާ ޖިލާއެދެއްކީ ހުސް ދޮގު ވާހަކަ ތަކެއް ހެއްޔެވެ. އަތޫފް އެބުނަނީ ތެދު ހެއްޔެވެ. އަރީ ގަބޫލު ކުރަންވީ އެތަނުން ކާކު ދައްކާ ވާހަކަ ހެއްޔެވެ. އަރީނާ އިނީހަދާނެ ގޮތެއް ނޭގިފައެވެ. ކޮންމެގޮތެއް ވިއަސް އަރީނާ މިހާރު އަތޫފް ދެކެ ލޯބިވެއެވެ. އަތޫފް ދައްކާ ވާހަކަ ގަބޫލު ކުރަން ބޭނުން ވެއެވެ. ނަމަވެސް ހަގީގަތަކީ ކޮބައިތޯވެސް އަރީނާ ބަލަން ޖެހޭނެ ނޫން ހެއްޔެވެ.
“ޖިލާ އާ ރައްޓިއްސެއް ނުވަންތަ؟” އަރީނާ އެންމެ ފަހުން އަހާލިއެވެ.
“ވަޓް؟ ޖިލާއާއޭ؟ އާތު ޖިލާއާ ރައްޓިހިވާން ހިތަށްވެސް ނާރަ. ޖިލާ އަކީ ބޮޑު ކޫޑިއެއް. އާތު ހިތަކަށްވެސް ނާރަން ޖިލާއާ ރައްޓެހިވާކަށް.” އަތޫފް ބުންޏެވެ. “ޖިލާ ކީކޭ ކިއައިގެންތަ ތި އުޅެނީ؟ ޖިލާ ހާދަ ވަރުގަދަ އެއްޗެއް ކީމައޭދޯ އަރީއަށް ރޮވޭނީ.” އަތޫފް ހިތްހަމަ ނުޖެހޭގޮތް ވިއެވެ.
އަރީނާ އިނީ މިހާރު ލަދުގަންނަ ގޮތް ވެފައެވެ. އާތު ކޮންމެ މީހަކާ ރައްޓެހިވިއަސް އަރީނާއަށް ކޮން ކަމެއް ހެއްޔެވެ. އަރީނާއަށް އެކަމަކާ ނުވެސް ބެހެވޭނެ ނޫން ހެއްޔެވެ. އެކަމަކު ޖިލާ އެއްޗިހި ކީގޮތުންވެސް މީހަކަށް ރޮވޭނެ ނޫން ހެއްޔެވެ. އެފަދަ ބޭއަދަބީ ގޮތަކަށް ދުވަހަކުވެސް މީގެކުރިން އަރީނާއާއި ދިމާއަށް މީހަކު އެއްޗެއް ބުނެފައެއް ނެތެވެ.
“ދެން ކޮންތާކަށް ދާނީ؟ ގެއަށްތަ؟” ފެރީ ލެފުމުން ދެމީހުން ފެރީއިން ފައިބައިގެން ދަމުން އަތޫފް އަރީނާ ކައިރީ އަހާލިއެވެ.
“ގެއަށް ދިއައިމަ ޑެޑީގެ ސުވާލުބޮނޑި އަންނާނެ. ޑެޑީ ދެރަވާނެ އަރީނާ ރުއިވާހަކަ ބުނެފިއްޔާ. އެހެންވީމަ އަތޫފް މެންގެއަށް ހިނގާދާން.” އަރީނާ ބުންޏެވެ. އަތޫފް އަރީނާއާއި ދިމާއަށް ބަލަން ހުއްޓެވެ. އަތޫފް މެންގެއަށް އަރީނާ ގެންގޮސްފިނަމަ މަންމަ ބުނާނީ ކީކޭ ހެއްޔެވެ. އަތޫފް ކުޑަކޮން ވިސްނާލިއެވެ.
“ތީ އެހާ ގުޑް އައިޑިއަރ އެއްނޫން. އާތު މެންގެ ވަރަށް ކުޑަވާނެ.” އަތޫފް ބުންޏެވެ.
“އެއީ މައްސަލައެއްނޫނޭ. މާލޭގަ މާބޮޑެތި ގޭގެ ހުރޭތަ؟ އާތު މެންގެއަށް ނުގެންދަން ވެގެން ކިޔާއެއްޗިހި ތީ. އަނެއްކާ އާތުގެ މަންމަ ރުޅި އަންނާނެތަ؟” އަރީނާ އަތޫފްގެ ލޮލަށް ބަލައިލަމުން އެހިއެވެ.
“ނޫނޭ. އެހެންވެއެއްނޫން. ހަމަ އަރީއަށް ޑިސްކޮމްފޮރޓަބަލް ވާނެހެން އަތޫއަށް ހީވާތީ.” އަތޫފް ބުނެލިއެވެ. “ދެން އެކަމު ދާނީ ދޯ.” އަތޫފް ކާރެއް ހުއްޓުވަމުން ބުނެލިއެވެ. ދެމީހުން ކާރަށް އަރައިގެން އަތޫފް މެންގެއަށް ދިއުމަށް ދަތުރު ފެށިއެވެ. އަތޫފްމެންގެ ހުންނަނީ ހެންވޭރުގައި ކަމުން އިރުކޮޅަކު ކާރުގައި ތިބެން ޖެހުނެވެ. ހުކުރު ދުވަސް ކަމުން އެގަޑީގައި އެހާ ދުއްވާއެއްޗިހި ގިނައެއް ނޫނެވެ. އަރީނާ ފޯނުނަގާ ގަަޑި ބަލައިލިއެވެ. އޭރު ގަޑިން އެގާރަ ޖަހަން އުޅެނީއެވެ. އެވަގުތު އަތޫފްއަށް ފޯނެއް އައެވެ. އެއީ ދާވިޝްއެވެ. އަތޫފް ދިޔަތަނެއް ނޭގުމުން ގުޅީއެވެ.
“މިހާރު މާލޭގަ މިއުޅެނީ. ގެއަށްދިއުމުގެ މަގުމަތީ. ދެން މިއަދަކު ތިކޮޅަކަށް ނުދާނަން. ފަހުން ގުޅާނަން އިނގޭ.” އަތޫފް އެހެން ބުނަމުން ފޯނު ކަނޑާލިއެވެ.
ކާރު އައިސް މަޑުކޮށްލުމުން އަތޫފް ފޭބީ ކާރަށް ފީދައްކާފައެވެ. އަރީނާ ފޭބުމުން އަރީނާ ކައިރީ އަތޫފްއާ އެއްކޮން އައުމަށް ބުނަމުން ކުރިމަތީހުރި ގެއަށް ވަނެވެ. އެގޭތެރެއަށް ވަންއިރު ކުރިމަތީހުރި ސޯފާގައި އިށީނދެގެން އަލިޔާއިނީ ކެރެޓުތަކެއް ކޮށާށެވެ. ރިޔާޒާ ބަދިގޭގައި ހުރެފައި މީހަކު ދޮރުން ވަންހެން ހީވެގެން ބޭރަށް ނިކުތެވެ. ރިޔާޒާއާއި އަލްޔާ ތިބީ ހައިރާންވެފައެވެ. މީގެ ކުރިން ދުވަހަކުވެސް އަތޫފް އަންހެން ކުއްޖެއް ގެއަށް ގެނެސްފައެއް ނުވެއެވެ. އަދި ގެނައިއިރު ގެނައީވެސް ބިދޭސީ ކުއްޖެއްކެވެ. ދެމީހުންނަށް ވާހަކަ ނުދެއްކިފައި ބަލަހަށްޓައިގެން ތިއްބެވެ.
“މަންމާ މީ އަރީ. އަރީ މީ މަންމަ ދެން މީނީ ކޮއްކޮ އަލްޔާ.” އަތޫފް އަރީނާއަށް އޭނަ މަންމައާއި ކޮއްކޮ ދައްކާލިއެވެ. ރިޔާޒާއާއި އަލްޔާ ހިނި އައިސްފައި ތިއްބެވެ.
“އާތު މަންމާ. ކޯޗެއް ތި ހަދާލަނީ މިއަދު. މިއަދު އަރީ ދާނީ މިގެއިން ކައިގެން.” އަރީނާ އެހާ ފަރިތަކަމާއެކު ދިވެހިން ވަހަކަ ދެއްކުމުން ދެމީހުންތިބީ ހައިރާން ވެފައެވެ. އެކަން އަތޫފްއަށް ވިސްނިގެން އަރީނާއާއި ބެހޭގޮތުން އިތުރަށް އޮޅުން ފިލުވާލަ ދިނެވެ.
އަރީނާ ސޯފާގައި އިށީނުމަށް ބުނެފައި ރިޔާޒާ އަނެއްކާވެސް ވަނީ ބަދިގެއަށެވެ. އަތޫފްވެސް ދިޔައީ ކޮޓަރިއަށެވެ. އަރީނާ އިށީނީ އަލިޔާ ކައިރީއެވެ. އޭރު އަލިޔާ ކެރެޓު ކޮށަމުން ދެއެވެ. އަރީނާ ކުއްލިއަކަށް އަލިޔާގެ ވަޅި އަތުލުމަށްފަހު އަލިޔާ އަތުގައި އޮތް ކެރެޓުވެސް އަތުލައިގެން އަލިޔާގެ އުނގުގައި އިން ތައްޓަށް ކެރެޓު ކޮށަން ފެށިއެވެ.
“މިގޮތަށް ކޮށަންތަ ފަސޭހައީ؟ ކަޓިން ބޯޑުގަ އީޒީވާނެނު.” އަރީނާ ކެރެޓު ކޮށަމުން ބުންޏެވެ.
“މިގޭ ބަދިގޭގަ ދެމީހުން އުޅެން ވަރަށް ދަތިވާނެ. އެހެންވެ ކަޓިންބޯޑު ބަހަށްޓާނެ ތަނެއް ނެތީމަ މިގޮތަށް މި ކޮށާލަނީ.” އަލްޔާ ބުންޏެވެ.
އަރީނާ އިނީ އެހެން އެހުނީމަ ދެރަވެފައެވެ. ކޮންފަދަ ނިކަމެތި ބައެއް ހެއްޔެވެ.
“އައްދެ. ގެއަށްއައިސް ތިބޭ މެހެމާނުން ނުވާނެ ތިކަހަލަ ކަންތައް ކުރާކަށް. އަލްޔާ ކީއްކުރަން އޭނަ އަތަށް ތި ދިނީ؟” ރިޔާޒާ ހުރީ އަރީނާ ކެރެޓް ކޮށަން އިންތަން ފެނުމުން ހިތްހަމަ ނުޖެހިފައެވެ.
“އާތު މަންމާ، އޯކޭ ވާނެޔޭ. މިހާރު އާތު މަންމައަށްވެސް މި އިނގުނީނު އަރީ. އެހެންވީމަ މެހެމާނަކަށް ނުވާނެނު.” އަރީނާ ވަރަށް އެކުވެރިކޮން ވާހަކަ ދެއްކިއެވެ.
“އެކަމަކުވެސް ތީ އަހަރެން އެހާ ހިތްހަމަ ޖެހޭ ގޮތެއްނޫން. އަލްޔާ އަތުލާ. މިގެއަށް އައި ފުރަތަމަ ދުވަހު ތިގޮތަށް އުޅޭކަށް އެހާބޭނުމެއް ނޫން.” ރިޔާޒާ ހިތްހަމަ ނުޖެހިފައި ހުރެ ބުންޏެވެ.
އެވަގުތު ކޮޓަރިން އަލީފް ނިކުތީ ހުކުރަށްދާން ތައްޔާރު ވެލައިގެނެވެ. އަލީފް ނިކުތްތަނުން އަލީފްއަށް އަރީނާ ފެނިފަ ބަލަން ހުރެވުނީއެވެ. އަރީނާގެ ރީތިކަމާމެދު އެތަކެއް އެއްޗެއް ހިތަށް ވަދެގެން ދިޔައެވެ.
“ދޮންބޭ. މީ އަރީ. މީ ކުޑަބެގެ ފްރެންޑެއް.” އަލްޔާއަށް އަލީފް ބަލަން ހުރިތަން ފެނުމުން ބުންޏެވެ. އަރީނާވެސް އަލީފްއަށް ހީލިއެވެ.
އަލީފް ކުއްލިއަކަށް އަނެއްކާވެސް ކޮޓަރިއަށް ވަނެވެ. އޭރު އަތޫފް ފެންވަރައިގެން ނިކުމެ ތައްޔާރުވަނީއެވެ.
“އާތު. ހޫ އިޒް ދެޓް؟” އަލީފް އައިސް އަތޫފް ކައިރީ އޮޅުންފިލުވަން ބޭނުންވީ އެތަކެއް ސުވާލުގެ ޖަވާބެވެ.
“ކިހިނެއްވީތަ؟ އެއީ އާތުގެ ފްރެންޑެއް.” އަތޫފް ގަޔަށް ބޮޑީ ސްޕްރޭ ޖަހާލިއެވެ.
“ދޮންބެއަށްވެސް އިނގިއްޖެޔޭ. އެކަމު ކިހާވަރެއްގެ ފްރެންޑެއްތަ އެއީ؟ އައިމީން އޮންލީ ފްރެންޑެއްހޭ ނޫނީ އެއަށްވުރެން ބޮޑުކޮން ރިލޭޝަން އޮވޭހޭ؟” އަލީފް ހުރީ ވަރަށް ސީރިއަސް ވެފައެވެ.
“ދޮންބެއަށް ކިހިނެއް ހީވަނީ؟” އަތޫފް ވެސް ކޮށްލީ ސުވާލެކެވެ. އަތޫފް އެނދުގެ މަތީބައިގައި އަޅުވާލާފައި އިން ޓީޝާރޓް ނަގާ ގަޔަށް މަހާލިއެވެ. އަދި ލޯގަނޑު ކައިރީ ހުއްޓިލައިގެން ހުރެ ބޮލުގައި ޖެލް ކޮޅެއް ލަމުން އަތުން ބޯމާން ކޮށްލިއެވެ.
“އަތޫފް. ބުނެބަލަ.” އަލީފް އަނެއްކާވެސް ބުނެލިއެވެ. އަތޫފްއަށް ނޭގެނީ އަލީފްއަށް އަރީނާ ރީތިވެގެން ކަމުގޮސްގެން އުޅޭ ކަމެވެ.
“އަދި އެއީ ހަމަ ފްރެންޑެއް. އެކަމަކު އާތުގެ ހިތުގެ އަޑިން އާތު އަރީދެކެ ވަރަށް ލޯބިވޭ. އައި ލަވް ހަރ ވެރީ މަޗް.” އަތޫފް ބުންޏެވެ.
“އޯ. އަރީވެސް ލޯބިވޭތަ؟” އަލީފް އަހާލިއެވެ.
“ނޭގެ. ހީވަނީ ވާހެން. އަދި ނާހަން.” އަތޫފް ބުންޏެވެ.
“އެހެންތަ. އަވަހަށް އަހަންވީނު. ތިކަހަލަ ކަންތަކުގަ މާ ގިނަދުވަސް ކުރަނިކޮން އެހެން މީހަކު އަތުލައިގަނެގެން ގެންގޮސްދާނެ. ” އަލީފް ބުންޏެވެ. ދެން އަލީފްއެއް އަރީނާއާއި މެދަކު ނުވިސްނާނެއެވެ. އަލީފްއަށް އަރީނާ ރީތިވިއަސް އަދިއެއް ލޯތްބެއް ނުވެއެވެ. އަތޫފްއަށް އަބަދުވެސް ހެޔޮއެދޭ އަލީފް ކޮޓަރިން ނިކުމެގެން ދިޔަގޮތަށް ދިޔައީއެވެ. އަތޫފް ކޮޓަރިގައި ކުޑަކޮން ވިސްނާލަން ހުއްޓެވެ. އެނަ ދޮންބެ އެބުނި އެއްޗަކާމެދުއެވެ. އަރީނާ ކައިރީ އޭނަ ލޯބިވާ ވާހަކަ ބުނަން އަދި މާ އަވަސް ނޫން ހެއްޔެވެ. އަތޫފްއަށް އަށާރަ އަހަރު ފުރިފައިވިއަސް އަރީނާއަށް އަދި ސޯޅައަހަރުވެސް ނުވެއެވެ. ނަމަވެސް ސޯޅަ އަހަރު ވާކަށް މާގިނަ ދުވަހެއް ނެތެވެ. މި ފެށޭ ހަފްތާގައި އަރީނާގެ އުފަންދުވަސް އާދެއެވެ. އެދުވަހު އަރީނާ އެބުނާ ނޫރާއެއް ފެންނަނަމައެވެ. އަތޫފް ހިޔާލެއްގައި ހުރެ ކޮޓަރިން ނިކުތެވެ. އަދި އަރީނާއަށް ހީލަމުން ނިކުމެގެން މިސްކިތަށް ހިގައްޖެއެވެ.
އެދުވަހު ކާމޭޒު ކައިރީ ތިބެ އެންމެން އެންމެނަށް ވާހަކަދައްކަމުން ދާއިރު އަރީނާވެސް ހީވަނީ އެތަކެއް ދުވަހު އެގޭގައި އުޅެ ފަރިތަވެފައިވާ ކުއްޖެއް ހެނެވެ. އެއްވެސް ބީރައްޓެހިކަމެއް ނެތެވެ. އަރީނާ އިނީ ވަރަށް އުފާވެފައެވެ. ކިތަންމެ ނިކަމެތި ފަގީރު އާއިލާއެއްވިއަސް އުފަލުގައި އުޅެވިދާނެކަން އަރީނާއަށް ފެންނަމުން ދިޔައެވެ. ހުރިހާވެސް އެއްޗަކީ އެކަކު އަނެކަކަށްވާ ލޯތްބާއި އަޅާލުމެވެ.
އެދުވަހު އަރީނާ ގެއަށް ދިޔައީ ހަވީރުވަނިކޮންނެވެ. އަރީނާ ހުރީ ނުހަނު ހިތްހަމަ ޖެހިފައެވެ. އަރީނާ ގެއަށް ވަންއިރު އާޔަން އިނީ ސޯފާގައި ލެޕްޓޮޕުން ކޮންމެސް އެއްޗެެއް ހަދާށެވެ.
“ޑެޑީ. އައި އޭމް ސޯ ހެޕީ ޓުޑޭ.” އަރީނާ ވަދެގެން އައި ގޮތަށްއައިސް އާޔަންގައިގައި އޮޅުލައިގަތެވެ.
“ވާއޮ. އަނެއްކާ ކިހިނެއްވީ؟ ޑެޑީ ވެސް ވަރަށް އުފާވެއްޖެ އަރީ ތިހާ އުފަލުން އިނީމަ.” އަރީނާ ގައިން އާޔަން ދޫކޮށްލަމުން ބުންޏެވެ.
“ޑެޑީ. އައި އޭމް އިން ލަވް.” އަރީނާ ގޮޑިން ތެދުވެ ބުނެލިއެވެ. “ޑެޑީ ގަބޫލު ކުރެވޭތަ؟” އަރީނާ އާޔަންއާއި ދިމާއަށް އެނބުރިލަމުން ބުންޏޭވެ.
“ވަޓް؟” އާޔަން އިނީ ގަބޫލު ނުކުރެވިފައެވެ.