ވީމޭ އިންތިޒާރުގައި 26 ވަނަ ބައި
“އަރީ. ކީއްކުރަންތަ މިތަނަށް ތި ގެނައީ؟” އަރީނާގެ ފަހަތަށް އައިސް ހުއްޓެމުން އަތޫފް ބުންޏެވެ.
“މިތަނުން ކައިގެން އަރީއާ އެއްކޮން ހިނގާބަލަ މުޅި މާލެ ދައްކާލަން. މާލޭގެ އެކި ތަންތަން ކިޔައިދޭން. ޕްލީސް.” އަރީނާ ތެދުވަމުން ބުނެލިއެވެ.
” އޯކޭ. ހިނގާ. އެކަމަކު އާތު އަތަކުނެތް މިކަހަލަ ތަންތަނުން ކާނެހާ ލާއިރެއް އިނގޭ.” އަތޫފް ހުރީ އަތޫފްއަށް ބިލްދައްކަން ޖެހިދާނެތީ ކަންތައް ބޮޑުވެފައެވެ.
” ނޯ ވޮރީސް. އެކަމާ ހާސްނުވޭ. އަރީއޭ އެކަން ހަމަޖައްސާނީ.” އަރީނާ ބުންޏެވެ.
ދެމީހުން ކައިގެން އެންމެ ފުރަތަމަ ދެމީހުން މިސްރާބު ޖެހީ ސުނާމީ ބިނާއާ ދިމާއަށެވެ. އެދުވަހު މުޅި މާލޭގައި އަރީނާ ގޮވައިގެން އަތޫފް ހިނގިއެވެ. އެހާ ގިނަތަންތަނަށް އެއްދުވަހުން އަތޫފް ނުދެއެވެ. އަދި އެވެސް ހިނގަމުން ހިނގަމުން ނެވެ. އަތޫފް ހުރީ ވަރަށް ވަރުބަލި ވެފައެވެ. ދެމީހުން ސީގަލް ރެސްޓޯރެންޓަށް ވަނީ ފިނި އެއްޗެއް ބޯލާށެވެ. އަތޫފް އާއި އަރީނާ މިހާރު ވަނީ ވަރަށް ގާތް ރައްޓެހިންނަށް ވެފައެވެ. ވޭތިވެގެން ދިޔަ ދެ ގަޑި އިރުތެރޭ އެތަކެއް ވާހަކަ ދެމީހުން ދެމީހުނަށް ހިއްސާކޮށްފައިވެއެވެ.
“މިތަނުން ނިމިގެން އަރީމެންގެއަށް ދޯ ދާނީ. ދެން މިއަދު ނުބެލި ހުރި ތަންތަނަށް މާދަމާ އަންނާނީ.” އަރީނާ ބުންޏެވެ.
“ކީއްކުރަން އަރީ މެންގެއަށް. އަނެއްކާ އަރީގެ ޑެޑީ ރުޅިއެއް ނާންނާނެތަ؟” އަތޫފް އެހިއެވެ.
“އާން. ޑެޑީ އިޒް ދަ މޯސްޓް ކޫލަސްޓް ގައި އައި އެވަރ ނޯ.” އަރީނާ ބުންޏެވެ. “އަރީ ޑެޑީއާ ހުރިހާ ވާހަކައެއްވެސް ޝެއަރ ކުރަމޭ. ޑެޑީ މާ ބޮޑަށްވެސް އަރީއަށް ޓްރަސްޓްކުރާނެ.” އަރީނާ ބުނެލިއެވެ.
އަރީނާ އަތޫފްއާއި އެކު ގެއަށްއައިސް އަރީނާމެން އުޅޭ އެޕާރޓްމެންޓަށް އަރަންވެގެން ލިފްޓް ތިރިވަންދެން މަޑުކޮށްލައިގެން ތިއްބެވެ. ލިފްޓުގެ ދޮރު ހުޅުވުމުން އޭގެން ނިކުތް މޫސައަށް އަރީނާފެނި އަރީނާއާއި ދިމާއަށް ހީލިއެވެ. ކައިރީ ހުރި އަތޫފް ފެނިފައި ކޮންކުއްޖެއްތޯ މޫސައަށް އަހާލެވުނެވެ.
” އަތޫފް! މީ އަތޫފް އަރީގެ ފްރެންޑެއް. މީ މޫސަބޭ ޑެޑީގެ ބެސްޓް ފަރެންޑް. ” އަރީނާ މޫސައަށް އަތޫފް ތަޢާރަފުކޮށްދިނެވެ.
ތާކަށްދާން ލަސްވެފައި މޫސަ ހުރުމުން އަތޫފް އާއި ސަލާމް ކޮށްލުމަށްފަހު އަވަހަށް ނުކުމެގެން ދިޔައީއެވެ. އަރީނާ އަތޫފް ގޮވައިގެން އަރީނާއާއި އާޔަން ދިރިއުޅޭ އެޕާރޓްމެންޓަށް ވަނުމުން އަތޫފް ހައިރާންވެފައި އެކިދިމަދިމާ ބަލަން ފެށިއެވެ. ވަރަށް ބޮޑު ތަނަވަސް ހޯލެކެވެ. މެދުގައި މުށިކުލައިގެ ބޮޑު ސޯފާސެޓެއް ބަހަށްޓާފައިވާއިރު ބިންމަތީ އަޅާލާފައިވަނީ ކުކުޅުބިސް ކުލައާއި މުށިކުލައިގެ ޑިޒައިނެއް އަޅާލާފައިވާ ބޮޑު ކާރޕެޓެކެވެ. އެދިމާ ކުރިމަތީ ބޮޑު 51 އިންޗީގެ އެލްއީޑީ ޓީވީ އެއް ބަހަށްޓާފައި ހުއްޓެވެ. ބޮޑު ބެލްކަންޏެއް ބޭރަށްވާގޮތަށް ހުރިއިރު ދެތިން ގަސްވެސް އެދިމާ ގައި ވެއެވެ.
“ވާއު. މީ އަރީމެންގެ ގެ؟” އަތޫފް އަހާލިއެވެ.
“އާން. މީ ދެން ވަގުތީގޮތުން ޑެޑީ އުޅެން ހަދާލައިގެން އުޅޭ ތަންކޮޅެއް. މި ބައިގެ ތިރީގަ ހުންނާނީ ޑެޑީމެންގެ އޮފީސް.” އަރީނާ އައިސް ސޯފާގައި އިށީނެވެ.
“އާދޭ އިށީންނަން.” އަރީނާ އަތޫފްއާއި ދިމާއަށް ބުންޏެވެ. އަސްލުގެ ހުންނާނީ ކޮރެއާގަ. މިހާރު އެންމެން އުޅެނީ މެލޭޝިއާގަ. ޑެޑީ އެކަނި މިކޮޅުގަ އެއުޅެނީ.” އަރީނާ ބުންޏެވެ.
” އަރީ އަދި ނުބުނަމެއްނު އަރީ ޑެޑީ ކުރާ މަސައްކަތެއް؟” އަތޫފް އައިސް ސޯފާގައި އިށީނީ އަރީނާއާއި ކުޑަތަންކޮޅެއް ދުރުގައެވެ.
” ޑެޑީއަކީ މަލްޓި މިލިއަނަރެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު. ޑެޑީމެންގެ އޮންނަނީ ފެމިލީ ބިޒްނަސްއެއް. އެކި ކަހަލަ ކޮމްޕެނީސްތަކާ ހޮޓާތަކާ ފެކްޓަރީސްތައް ހިންގާނެ. މަލްޓި ވޯރކްސް ކޮމްޕެނީއެއް އެއީ.” އަރީނާ ބުންޏެވެ.
އަތޫފް އިނީ ގަބޫލު ނުކުރެވިފައެވެ. އޭނައަށް އަލަށް ލިބުނު އެކުވެރިއަކީ އެހާ މުއްސަދި އާއިލާއެއްގެ ކުއްޖެއްކަން އިނގުމުންނެވެ. އަރީނާ ފެންނަ މީހަކަށް އެއީ އެހާ މުއްސަދި އާއިލާއެއްގެ ކުއްޖެއްކަމެއް ނޭގޭނެއެވެ. ހުންނަލެއް އެހާވެސް ސީދާސާދާއެވެ. ބޮޑާކަމެއް ދެއްކުން ތެރިކަމެއް ނެތެވެ. އަރީނާއަތުގައި ފުދޭވަރަކަށް ފައިސާ ހުންނަކަން އަތޫފްއަށް އިނގެއެވެ. އެކަމަކު އެހާ މުއްސަދިކަން މިއިނގުނީ އަދިކިރިޔާއެވެ.
“އަރީ ފެންނައިރު އެކަމު ހިޔެއްނުވޭ ތިހާ ރިޗްހެނެއް. ޔޫ އާރ ސޯ ސިމްޕަލް.” އަތޫފް ބުންޏެވެ.
” ރިޗްވީމަ ނިއްކުރިމަތީ އެވާހަކަ ޖަހައިގެންތަ ހުންނަންޖެހޭނީ؟” އަރީނާ ސަމާސާ ރާގަކަށް ބުނެލިއެވެ.
” ދެން އެހެނެއްނޫން. ހަމަ….” އަތޫފް ޖުމްލަ ފުރިހަމަނުކުރެވިގެން އުޅެނިކޮން އެހެން ކަމެއް ހަދާންވެއްޖެއެވެ. ” އަރީ…. ފާހާނާއެއް ކޮބައިތަ؟ އާތު އަދި މިހިރީ ޕްރޭ ނުކޮށް.” އަތޫފް ކުއްލިއަކަށް ތެދުވަމުން ބުންޏެވެ. އެވަގުތު އަރީނާވެސް ނަމާދުނުކޮށް ހުރިކަން ހަނދާންވިއެވެ.
އަރީނާ އަތޫފް ގެންގޮސް އަރީނާކޮޓަރިއަށް ވެއްދިއެވެ. އަދިނަމާދުކުރަން މުސައްލަވެސް ދެއްކުމަށްފަހު އަރީނާ އަވަހަށް އާޔަންކޮޓަރިއަށް އައިސް ވުޟޫކޮށްލައިގެން ނަމާދަށް އެރިއެވެ.
އެދުވަހު އެތަށްއިރެއް ވަންދެން އެގޭގައި އަތޫފް އިނެވެ. އިރުއޮއްސެން އުޅެނިކޮން އަތޫފް މަންމަ ރިއާޒާ ގުޅިއެވެ. އަތޫފް ޖީބުން ނޮކިއާ ފޯނެއްނަގާ ހަލުވިކަމާއެކު ޖަވާބުދިނެވެ.
” ކީކޭ މަންމާ؟” އަތޫފް އެހިއެވެ.
“މިވަގުތު މީނީ ރައްޓިއްސެއްގެ ގޭގަ. އެކަމު ދެން މިހާރު މިދަނީ. އާން ނަމާދު ކުރިން. މަޣްރިބް ކޮށްގެން ދާނަން ގެއަށް.” އަތޫފް ބުންޏެވެ. އަދި ފޯނު ކަނޑާލަމުން އަރީނާއަށް ބަލައިލިއެވެ. “މަންމަ ކަންބޮޑުވެގެން އެއުޅެނީ އާތު މާގިނައިރު ބޭރުގަ އުޅުނީމަ” އަތޫފް ބުންޏެވެ.
“މަންމަ ވަރަށް ލޯބިވޭދޯ އާތުދެކެ.” އަރީނާ އަހާލިއެވެ.
“މަންމަ ވަރަށް ބިރުގަންނާނެ. އާތުމެން ކުރިން ބައްޕަ ދުނިޔޭގަ ހުރިއިރު އުޅުނީ ލަންކާގަ ކިޔަވަން. އާތުއާ ދޮންބެއާ އަލްޔާއާ. ދެން މަންމަވެސް ހުރީ އެކޮޅުގަ. ބައްޕަ ކުއްލިއަކަށް އެކްސިޑެންޓް ވެގެން ނިޔާވުމުން އެންމެން ކިޔެވުން ދޫކޮށްލާފަ މިކޮޅަށް އަންނަން ޖެހުނީ. އޭރު ދެން ދޮންބެގެ ބާކީ އޮތީ އެއްމަސް ވީމަ ދޮންބެ އައީ ނިންމާލާފަ. ދެން މަންމަ އައިސް އަލްޔާ ސްކޫލަށް ވެއްދީ. އާތު ވަނީ ކޮލެޖަށް. ދޮންބެ ނިމިގެން އައިސް ވަޒީފާއަށް ވަނީ. އެދުވަސްކޮޅު ވަރަށް ހާލުގަ އާތުމެން އުޅުނީ. މާލޭގެ މަންމަގެ ގެ ބަހައިގެން ވަރަށް ކުޑަ ތަންކޮޅެއް މަންމައަށް ލިބުނީ. އެހެންވެ އެތަނުގަ އަދިވެސް މި އުޅެނީ. ލާރިލިބޭނެ ގޮތެއް ނެތުމުން މަންމަ އެކިދުވަހު އެކި ގޭގެއަށް ކައްކަދޭން ދާންފެށީ. ދެން ފަހުން ދޮންބެ ނިމިގެން އައިސް ވަޒީފާއަށް ވަނުމުން އަދި މި ހަމަޖެހިލެވުނީ.” އަތޫފްގެ އާއިލާގެ ވާހަކަ ފުރަތަމަ ފަހަރަށް އަރީނާއާއި އަތޫފް ހިއްސާކޮށްލިއެވެ.
“ކިހާ ދުވަހެއް ވެއްޖެ އާތުގެ ބައްޕަ ނިޔާވިފަހުން؟” އަރީނާ އަހާލިއެވެ.
“އަދި މީ ދެވަނަ އަހަރު.” އަތޫފް ބުންޏެވެ. “މި އަންނައަހަރު ނިމުނީމަ އާތުވެސް ޖޮބަށްދާން ފެށީމަ މަންމައަށް ވަރަށް ފަސޭހަވާނެ. އޭރުން ދޮންބެއާ އާތުއާ ދެމީހުންވެގެން އަލްޔާއަށް ކިޔަވަދޭނީ. އަލްޔާ ބޭނުންވަނީ ޑޮކްޓަރަކަށްވާން. އިރާދަކުރެއްވިއްޔާ އަލްޔާ ބޭނުންވާ ވަރަކަށް ކިޔަވަން އާތު ލާރި ހޯދާނަން.” އަތޫފް ބުންޏެވެ.
އަރީނާމެން ކިތަންމެ އުފަލާ އަރާމުގައި އުޅުނަސް ދަތިހާލުގައި އުޅޭ ކިތައްމީހުން ދުނިޔޭގައި އުޅޭ ހެއްޔެވެ. އަތޫފްގެ އާއިލާވެސް އެއުޅެނީ ކިހާދަތިހާލުގަ ހެއްޔެވެ. އަރީނާ ވިސްނާލަން އިރުކޮޅަކު އިނެވެ.
“އާތޫ. ދެން ދޭ ގެއަށް. މާދަމާވެސް ވާނެ އަރީ ގޮވައިގެން މާލޭގެ އަނެއްބައި ބަލަންދާން އިނގޭ.” އަރީނާ ބުންޏެވެ.
” އާން. ކިހާއިރަކު؟” އަތޫފް އެހިއެވެ.
“މާދަމާ ހެދުނު ނުވައެއް ޖަހާއިރު އާދޭ މިގެއަށް. އޭރުން ދެން ދެމީހުން އެއްކޮން ދާނީ.” އަރީނާ ބުންޏެވެ. އަތޫފްވެސް ތެދުވެގެން ދަމުން ނުވައެއް ޖަހާއިރު އަންނާނަން ކަމަށް ބުނަމުން ނިކުމެގެން ދިޔައެވެ.
އަތޫފް ދިޔަތާ އިރުކޮޅެއް ފަހުން އާޔަން އައިސް ވަނެވެ. އާޔަންއައިއިރު އަރީ އަދިވެސް އިނީ ސޯފާގައެވެ. އަރީ ހިޔާލަކަށް ގެއްލިފައި އިނުމުން ދާދި ދެންމެ މޫސަ އާޔަންކައިރީ ބުނިިވާހަކަ ހިޔާލަށް އައެވެ.
” އަރީ؟” އާޔަން ގޮވާލުމުން އަރީނާ ސިހިފައި އާޔަންއަށް ބަލައިލިއެވެ. ” އަތޫފްގެ ހިޔާލުގަ ދޯ ތީނީ.” އާޔަން ލާނެތްގޮތަކަށް އަރީނާ ކައިރިއަށް ޖެހިލަމުން އަހާލިއެވެ.
” ޑެޑީ. ކިހިނެއް ޑެޑީއަށް އިނގުނީ؟” އަރީނާއަށް އާޔަން މާނަ ނެގިގޮތެއް ނޭގެއެވެެ. ” ޑެޑީއަށް އިނގޭތަ އަތޫފް އަކީ ވަރަށް ޕުއަރ ކުއްޖެއް. އަތޫފްގެ ބައްޕަ ނިޔާވުމުން ވަރަށް ދަތިހާލުގަ އެފެމިލީ އެއުޅެނީ.” އަތޫފްގެ ވާހަކަ އާޔަންއަށް އަރީނާ ކިޔައިދިނެވެ. އަދި މުޅި ދުވަހު އަރީނާ ކުރި ހުރިހާކަމެއް އާޔަންއަށް އަރީނާ ކިޔައިދިނެވެ. އަރީނާ ހުރިހާ ވާހަކައެއް ކިޔައިނިމެންދެން އާޔަން ކަނުލާ އަޑުއަހަން އިނެވެ. އަރީނާއަށް އޭނަގެ ބައްްޕަގެ އެންމެ ކަމުދާ އެއްސިފައަކީ އެއީއެވެ. އެއްވެސް އިރަކު ބިޒީވެގެންނޭ ކިޔާފަވެސް އަރިނާ ދައްކާވާހަކަ އަޑު ނާހައެއް ނުހުރެއެވެ. އަދި އަރީނާ ވާހަކަ ދައްކަ ދައްކަ ހުއްޓާ މެދުކަޑާލުމަށްފަހު ވާހަކަ ދައްކައެއްވެސް ނުހަދައެވެ. މާ ބޮޑަށް ބިޒީވެގެން އަޑު ނޭހިއްޖެއްޔާ ފަހުންއައިސް އެވާހަކަ އަހާ އޮޅުންފިލުވައެވެ.
އެރޭ ދެބަފައިން ކެއީ މޫސަގެ މަންމަގެ ދައުވަތަކަށް އެބަޔައް ގޮހެވެ. އެރޭ ދިހައެއް ޖެހިއިރު އަރީނާ އިނީ އައިޕެޑުން ފޭސްބުކްއަށް ވަދެއެވެ. އަރީނާ ދެފައި ވަށްކޮށްލައިގެން ސޯފާގައި އިށީނދެލައިގެން އައިޕެޑާ ދިމާއަށް ބަލަން އިނެވެ. އާޔަން އިނީ ޓީވީން އަންނަ ޑޮކިއުމެންޓަރީ ޕްރޮގްރާމެއް ބަލާށެވެ. މީހަކު ދޮރުގެ ރަގަބީލު ޖެހިއަޑަށް އާޔަން ތެދުވީ ދޮރުހުޅުވުމަށެވެ. އާޔަންގޮސް ދޮރުހުޅުވިއިރު ދޮރުމަތީ ތިބި ދެމީހުން ފެނިފައި އާޔަން ހައިރާން ވިއެވެ.
” ޑޭޑް؟” އާޔަންއަށް ގޮވާލެވުނެވެ. އާޔަން ގޮވާލި އަޑަށް އަރީނާ އައިޕެޑް ސޯފާމަތީ ބާއްވަފައި އަވަހަށްއައީ ކާފަ އައުމުން އުފާވެލާފައެވެ. ނަމަވެސް އަރީނާގެ މޫނުމައްޗަށް ވެރިކުރުވައިގެން އައި ހިނިތުންވުން ފަނޑުވެގެން ދިޔައީ ކާފައާއި އެކު އައިސްހުރި ލަމްހާ ފެނުމުންނެވެ.
” ހޭ އަރީ. މައި ލަވް.” އިސްމާޙް އެތެރެއަށް ވަންނަމުން އަރީނާއާ ދިމާއަށް އަތްދިއްކޮލަމުން ބުންޏެވެ. އަދި އައިސް އަރީނާ ގައިގައި ބައްދާލުމަށްފަހު ނިތްކުރިއަށް ބޮސްދިނެވެ.
ދެން ވާހަކަ ދައްކަން ފެށީ ކޮރެއާ ބަހުންނެވެ. ލަމްހާ ގެނައީ ހަލްމޮނީ ކިޔާވަރުންކަމަށް އިސްމާޙް ބުންޏެވެ. އަދި އަނެއްދުވަހު އިސްމާޙް ދުބާއީއަށް ފުރާވާހަކައާއި ލަމްހާ އެގޭގައި ބަހައްޓާ ވާހަކަ ބުނުމުން އަރީނާ ކައިރިއަށް އައި ރުޅިން ގޮސް ކޮޓަރިއަށްވަދެ ދޮރުލެއްޕިއެވެ.
އެރޭ އާޔަންއާއި އިސްމާޙް ނިދީ އާޔަން ކޮޓަރީގައެވެ. އެގޭގައި ހުރީ ތިންކޮޓަރިކަމުން ބާކީހުރި ކޮޓަރި ދިނީ ލަމްހާއަށެވެ. އާޔަން ލަމްހާ ފޫހިވާނެކަމަށް އިސްމާޙް ކައިރީ ތަކުރާރުކޮން ބުނުމުން އިސްމާޙް ބުނީ ލަމްހާ މާބޮޑަށް ފޫހިވަންޏާ އަރީނާ ދާއިރު މެލޭޝިޔާއަށް ފޮނުވާލާނީ ކަމުގައެވެ.
ޖެހިގެން އައިދުވަހު އަށެއްް ޖެހިއިރު އަރީނާ ހޭލައިގެން އައިސް ބަދިގެއަށްވަނީ ކޮފީއެއް ހަދާލާށެވެ. އޭރު ލަމްހާ އުޅެނީ ސައިހަދާށެވެ. އަރީނާ ފެނުމުން ސައި ބޯންވީ ނޫންހޭ ލަމްހާ ބުނީ ކޮރެއާ ބަހުންނެވެ. އަރީނާ ވީ ފޫހިން ކޮފީވެސް ބޯހިތް ކެނޑުނެވެ. ބަދިގެއިން ނިކުމެގެން ގޮސް ކޮޓަރިއަށް ވަނީ ރުޅިިއައިސްފައި ހުރެއެވެ.
ލަމްހާގެ އޮތީކޮން ކުށެއްހެއްޔެވެ. އަރީނާއަށް ލަމްހާދެކެ ރުޅި އާދެވެނީ ކީއްވެ ހެއްޔެވެ. ލަމްހާވެސް އަރީނާގެ ޑެޑީއާ މެރީކުރަން އެއްބަސް ވީ ކީއްކުރަން ހެއްޔެވެ. ޑެޑީ ލަމްހާދެކެ ލޯބި ނުވާކަމަށް އަރީނާ މިހާރު އެތައް ފަހަރަކު ލަމްހާ ކައިރީ ބުނެފައި ވެއެވެ. އަރީނާގެ އެއްވެސް ވާހަކައެއް ލަމްހާ އަޑެއްނާހައެވެ. އަރީނާ އެތަށްއިރެެއް ވަންދެން ލަމްހާގެ ހިޔާލުގައި ހުއްޓެވެ.
އަރީނާ ރީތިވެލައިގެން ކޮޓަރިން ނިކުތްއިރު އާޔަން ލަމްހާއާއި ވާހަކަދައްކަން ސޯފާގައި އިންތަން ފެނުމުން އަރީނާ އަނެއްކާވެސް ރުޅިގަދަވާން ފެށިއެވެ. އަދި އަނގައިންވެސް ނުބުނެ ނިކުމެގެން ދިޔައީ އެހާ ހަލުވިކޮންނެވެ. އާޔަން ހައިރާންވެފައި އިނީ އެއީ އަރީނާ މީގެ ކުރިން ދުވަހަކުވެސް އަމަލުކުރި ގޮތެއްނޫނެވެ.
އާޔަންގެ ފޯނަށް މެސެޖެއް އައުމުން އާޔަން ބަލައިލިއިރު އެއީ އަރީނާކޮށްފައި އޮތް މެސެޖެކެވެ.
“ޑެޑީ. އަރީ މިދަނީ އަތޫފް އާއެއްކޮން ބޭރަށް. އަރީ އަދިވެސް ވަރަށް ފޫހިވޭ ލަމްހާދެކެ. އައި ޑޯންޓް ނޯ ވައި. އެކަމަކު ހަމަ ފޫހިވަނީ. ސީ ޔޫ އިންދަ އީވްނިން.” އަރީނާގެ މެސެޖު ކިޔާލުމަށްފަހު އާޔަން މާނޭވާއެއް ބޭރުކޮށްލިއެވެ.
” ލަމްހާ! ލަމްހާ ކީއްވެ އާޔަންއާ މެރީކުރަން ތިއުޅެނީ؟ އާޔަން ލަމްހާދެކެ ލޯތްބެއް ނުވަމޭ ބުނީމަވެސް ތިބުނަނީ އޯކޭއޭ.” އާޔަން ލަމްހާއާއި ވާހަކަ ދައްކަމުން ދިޔައީ ކޮރެއާ ބަހުންނެވެ.
” ލަމްހާ އާޔަންދެކެ ލޯބިވެޔޭ. ކުޑައިރުން ފެށިގެންވެސް ލޯބިވޭ އާޔަންދެކެ.” ލަމްހާ ބުންޏެވެ.
“އާޔަން އަކީ މީހެއްގެ ފިރިއެއްކަންވެސް ލަމްހާއަށް އިނގޭނު. އަދި ލަމްހާއަށް އެއްވެސް އުފަލެއްވެސް ނުލިބޭނެ މި ކައިވެނިކޮށްގެނެއް. އެކަމަކުވެސް ހެޔޮތަ؟” އާޔަން އެހިއެވެ.
“އާޔަންގެ އަންހެނުން އާޔަން ކައިރީގައެއް ނޫނެއްނު އުޅެނީ. ލަމްހާއަށް ހުރިހާ ވާހަކައެއްވެސް އިނގެޔޭ.” ލަމްހާ ބުނެލިއެވެ. އާޔަން އިނީ ހިސާބަކަސް ހިތް ނުތަނަވަސް ވެފައެވެ.
” އާޔަންގެ އަންހެނުން އާޔަން ކައިރިއަށް އައިސްފިނަމަ އާޔަންއަކަށް މި ކައިވެންޏެއް ނުކުރެވޭނެ. އަދިވެސް އަބަދަުވެސް އާޔަން އޭނަދެކެ ލޯބިވާނަން. އޭރުން ލަމްހާ ކިހިނެއް ހަދާނީ؟” އާޔަން އެދެނީ ލަމްހާ ކައިވެންޏާ ދެކޮޅުހަދާށޭވެ. އާޔަންއަށް އެކަން ކުރަން އުނދަގޫވީމައެވެ.
* * * * * * * * * * * * *
” އާތޫ! އާތުގެ ބާރތްޑޭ އަކީ ކޮންދުވަހެއް؟” އަރީނާ އަހާލިއެވެ. ހިނގާ ހިނގާ ވަރުބަލިވެގެން އެތާހުރި ރެސްޓޯރެންޓަކަށްވަދެ އަތޫފްއާއި އަރީނާ މޭޒެއްކައިރީ އިށީނދެލައިގެން ތިއްބެވެ.
” މިއަންނަ މަހު. އަރީގެ އަންނަނީ ކޮންމަހަކު؟” އަތޫފް އެހިއެވެ.
“އަރީގެ އަންނަނީ މިމަހު. އަރީ ފުރަން ހަމަޖައްސާފަ އޮތީ ބާރތްޑޭ ނިމިގެން.” އަރީނާ ބުންޏެވެ.
” ކޯޗެއް ބާރތްޑޭ ދުވަހު އެންމެ ބޭނުންވަނީ؟” އަތޫފް އަހާލިއެވެ.
” އެކަކަށްވެސް ނުދެވޭނެ އަރީ ބޭނުންވާ އެއްޗެއް.” އަރީނާ ބުންޏެވެ.
” ދެން އަރީ ޑެޑީއަށް ދެވޭނެނު.” އަތޫފް ބުންޏެވެ.
” ޑެޑީ އަކަށްވެސް ނުދެވޭނެ. އާތު ހީކުރަނީ ފައިސާ ހުރީމަ ހުރިހާއެއްޗެއްވެސް ލިބޭނެ ކަމަށްތަ؟ ނުލިބޭނެ. ކިތަންމެ އެއްޗެއް ފައިސާއަށް ނުލިބޭނެ.”
” އާތުއަށް އިނގެޔޭ. އެކަމަކުވެސް ބުނެލަބަލަ.” އަތޫފް ބުންޏެވެ.
” އަރީ ބޭނުންވަނީ ނޫރާ.” އަތޫފް އާއި ދިމާއަށް ބަލައިލަމުން އަރީނާ ބުންޏޭވެ. ” އަރީ ބޭނުންވަނީ ޑެޑީއަށް ނޫރާ ލިބެން. އަރީ ބޭނުންވަނީ ނޫރާ އަރީމެންގެ ފެމިލީއަށް އަންނަން.” އަރީނާ ބުންޏެވެ.
” އަތޫފް ހައިރާން ވެފައި އަރީނާއަށް ބަލަން އިނެވެ. “ކާކު ނޫރާއަކީ؟” އަތޫފް އެންމެފަހުން އަހާލީ އަރީނާ އިތުރު އެއްޗެއް ނުބުނެ އިނީމައެވެ.
އަރީނާ އަތޫފްއަށް ނޫރާއާއި އަރީނާ ބައްޕަގެ ލޯބީގެ ވާހަކަ ކިޔައިދިނީ ފެށިގެން ނިމެންދެނެވެ. އަރީނާއަށް އޭނަ މަންމައާއި މާމަ ކިޔައިދީފައިވާ ގޮތަށެވެ. އެވާހަކަ ނިމުމުން އަތޫފް އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެހާ ލޯބިވާމީހުން މިދުނިޔޭގައި އަދިވެސް އުޅޭހެއްޔެވެ. އަތޫފް ހިތަށް އަރަމުން ދިޔައެވެ.
” އަރީ މަންމަ އާ ދެން މެރީ ކުރީ ކީއްވެ.” އަތޫފް އަށް އޮޅުންއެރީ އެހިސާބެވެ. އަރީނާއަށް އެހިސާބުވެސް އިނގެއެވެ. ނަމަވެސް އަރީނާއަށް އިނގޭކަމަށް ނަހަދާ އެހުރިހާދުވަހު ހުރީ އަރީނާ މަންމައާއި ބައްޕައަށް ކުރާ ގަދަރުންނެވެ. އެމީހުން ކޮށްފައިވާ ވިޔާނުދާ އަމަލުގެ ވާހަކަ ދެއްކުމަކީ ކިހާ ހުތުރު ކަމެއްކަން އަރީނާއަށް ވިސްނެއެވެ. ނަމަވެސް މިއަދު އަތޫފްއަށް އަރީނާ ހުރިހާ ވާހަކައެއް ކިޔައިދޭން ގަސްތުކޮށްފައި ވާކަހަލައެވެ.
އަރީނާގެ މަންމަ ރޭޕްކުރި ހިސާބުން އަރީނާ އަތޫފްއަށް އެވާހަކަ ކިޔައިދިނުމުން އަތޫފް އިނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. އަރީނާގެ މަންމައަކީ ހަށިވިއްކި މީހެއްކަންވެސް އަތޫފްއަށް އަރީނާ ކިޔައިދިނީ އަރީނާގެ މަންމަ ނިމިދިޔަގޮތް އަތޫފް ކައިރީ ބުނެވުނީމައެވެ.
“އަރީއަށް އެެންމެ ރަގަޅު މީހަކީ ނޫރާ. ޝީ އިޒް އިނޯސެންޓް. އާތުއަށް އިނގޭތަ މާމަ އަރީއަށް ހުރިހާ ވާހަކައެއް ކިޔައިދިނީންސުރެ އަރީ ކޮޕީކުރަން ފެށީ ނޫރާގެ އުޅުން. މާމަ ނޫރާގެ އުޅުން ސިފަކުރިގޮތަށް އަރީ އުޅެވޭތޯ ބެލިން. އަރީ އެކަމަކު ދުވަހަކުވެސް އަދި ނޫރާއާއި ބައްދަލެއްނުވޭ. ނޫރާގެ ފޮޓޯ ވަރަށް ގިނައިން އަރީ ބަލަން. ވަރަށް ރީތި އެހާމެ ހިތްހެޔޮ ހީލުމެއް ނޫރާގެ ހުންނަނީ. ފޮޓޯ ބަލާބަލާވެސް އަރީ ނޫރާދެކެ މަންމައަކު ފަދައިން ލޯބިވަން.” އަރީނާ އިނީ ފެންކަޅި ވެފައެވެ.
އެދުވަހަށްފަހު އަރިނާއާއި އަތޫފުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔައެވެ. އެދުވަހަށްފަހު ދެމީހުން އެކަކު އަނެކަކަށް ފޯނުންވެސް މާގިނައިން ވާހަކަ ދެއްކެން ފެށިއެވެ. ފޭސް ބުކްއުންވެސް މިހާރު އަރީނާ އަށް ޗެޓް ކުރެވެނީ އަތޫފްއާ އެކަންޏެވެ. ވަނީ ކީއްކަމެއް އަރީނާއަކަށް ނޭގެއެވެ.
އެރޭ އިސްމާޙް ވެސް ދުބާޢީއަށް ދާން ފުރިއެވެ. އަދި އެރޭ އާޔަން އޮފީހުންއައީ ވަރަށް ލަހުންނެވެ. އޭރު ލަމްހާ ހުރީ އާޔަންގެ އިންތިޒާރުގައެވެ. ލަމްހާ ހުރީ ކާންވެސް ހަދައިގެނެވެ. އާޔަންއައުމުން ލަމްހާގޮސް އާޔަންގެ ބޫޓު ބާލަދޭން އުޅުނެވެ. އެކަމާ އާޔަން ހިތްހަމަނުޖެހިގެން އެހެން ނޫޅުމަށް ލަމްހާކައިރީ ބުނަމުން އެތެރެއަށް ވަނެވެ. ލަމްހާ އާޔަންއާ ގައިގޯޅިވާ ގޮތަކަށް އެދުވަހު އުޅެން ފެށުމުން އާޔަން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ލަމްހާއަކީ މަޑުމަޑުން ހުންނަ މީހަކަށްވެފައި އެފަދަ ގޮތަކަށް އުޅެންފެށުމުން އާޔަންހުރީ ހައިރާންވެސް ވެފައެވެ. ލަމްހާ އައިސް އާޔަންގެ އަތުގައި ހިފާލަމުން ކާންހިގާށޭ ބުނެލީވެސް އަންބަކު ފިރިއެއްކައިރީ ބުނެލާފަދަ ގޮތަކަށެވެ. އާޔަން ލަމްހާގެ އަތް ފޮޅުވާލަމުން ދުރަށް ޖެހެލީ އާޔަންއަށް އެގޮތަށް ލަމްހާ އުޅޭތީ އުނދަގޫވެގެންނެވެ.
ކައި ނިމިގެން އާޔަން ސޯފާގައި ޖައްސާލީ ލެޕްޓޮޕް ހިފައިގެން އަދިވެސް އޮފީހުގެ ލިޔެކިއުންތަކެއް ނުނިމި ހުރީތީއެވެ. އެހެން އިންދާ ލަމްހާއައިސް އާޔަންއާ ޖެހި ފިތިގެން އިށީނެވެ. އާޔަންކުޑަކޮން ދުރުވެލުމުންވެސް ލަމްހާ ދުރަށްދާކަށް ގަސްތެއް ނުކުރިއެވެ. އާޔަން އިންގޮތަށްއިނީ އިތުރު ހަރަކާތެއް ލަމްހާ ނުގެނައުމުންނެވެ. އިރުކޮޅަކުން ލަމްހާ އާޔަންގެ ކޮންޑުގައި ބޯއަޅާލިއެވެ. އާޔަން ލަމްހާއަށް ބަލައިލިއިރު ލަމްހާ ނިދިތާއްޔާ ޖެހެނީއެވެ. އާޔަން ކުރަން ހުރި މަސައްކަތް ކުރަމުން ދެއެވެ. ލަމްހާ އާޔަންގެ ކޮނޑުގައި ބޯ އަޅާލައިގެން ނިދާލާފައި އޮތެވެ.
އަރީނާ އަތޫފްއާއި ފޭސްބުކްއިން ޗެޓްކުރަން އޮންނަތާ އެތަށްއިރެެއް ވެއްޖެއެވެ. އަރީނާ ކޮޓަރިން ނިކުތީ ފެންފޮދެއްބޯށެވެ. އަރީނާ ހީކުރީ އެންމެން މިހާރު ނިދާފާނެކަމަށެވެ. ނަމަވެސް ކޮޓަރިން ނިކުތްވަގުތު ފެނުނު މަންޒަރުން އަރީނާ އަނެއްކާވެސް ކޮޓަރިއަށްވަނީއެވެ. އާޔަންއާއި ލަމްހާ ތިބިގޮތް ފެނުމުން ވީ ފޫހިން އެވާހަކަ އަތޫފްއަށްވެސް ކިޔާދެވުނެވެ. މިހާރަކަށްއައިސް އަރީނާއަށް ދިމާވާ ހުރިހާ ވާހަކައެއް އަތޫފްއަށް އަރީނާ ކިޔައިދެއެވެ.
އަތޫފްވެސް އަރީނާގެ ކޮންމެ ވާހަކައެއް އަހަނީ ސިއްރު ހިފާއްޓަން އަޒުމުގައި ހުރެއެވެ. އަތޫފްއަށް އަރީނާދެކެ ހަގީގަތުގައިވެސް ލޯބި ވެވިއްޖެއެވެ. ނަމަވެސް ބުނާނީ ކިހިނެއް ހެއްޔެވެ. އަރީނާއަކީ ކުޑަދުވަސްކޮޅަކު ރާއްޖޭގައި ހުންނާނެ މީހެކެވެ. ރާއްޖެ ދޫކޮށް ދިއުމުން އަރީނާ އަތޫފް މަތިން ހަދާން ނެތޭނެއެވެ. އޭރުން އަނެއްކާވެސް ދެރަލިބޭނީ އަތޫފްއަށެވެ. މިހާރުވެސް އެއްފަހަރު ވަނީ ލޯބީގައި ނާކާމިޔާބު ވެފައެވެ.
އާޔަން މަސައްކަތް ނިމިގެން ތެދުވަން ބަލައިލިއިރު ލަމްހާ އިނީ ހަމަ ގަދައަށް ނިދާފައެވެ. އާޔަން ލަމްހާއަށް ދެތިން ފަހަރު ގޮވާލުމުންވެސް ލަމްހާއަކަށް ހެޔެއްނުލެވުނެވެ. އާޔަން މަޑުމަޑުން ލަމްހާގެ ބޯ އާޔަންގެ ކޮނޑުން ނެގިއެވެ. އަދިސޯފާގައި ލައްގާލުމަށްފަހު އާޔަން ތެދުވެ ހިންދެމިލިތަނާ ލަމްހާއަށް ވެސް ހޭލެވިއްޖެއެވެ. ލަމްހާ ތެދުވެ އާޔަން ގައިގައި ފަހަތުން ބައްދާލިއެވެ. އާޔަންއަށް ހައިރާން ކަމެއްލިބުނީ ލަމްހާ ރޯން ފެށުމުންނެވެ.
“ކީއްވެތަ ތި ރޮނީ؟” އާޔަން ލަމްހާގެ އަތް ނައްޓާލަމުން ލަމްހާއާ ކުރިމަތި ލަމުން ކޮރެއާބަހުން އެހިއެވެ.
” އާޔަން. ލަމްހާ އާޔަންދެކެ ވަރަށް ލޯބިވޭ. އާޔަން އެއްފަހަރުވެސް ލަމްހާއަށް ލޯބި ދީބަލަ. އާޔަން އެއްފަހަރުވެސް އާޔަންއަށް ލޯބި ކޮށްލަން ދައްކަބަލަ. ލަމްހާ އާޔަންއަށް ހުރިހާ އަރާމަކާ އުފަލެއް ހޯދަދޭން މިހިރީ ތައްޔާރަށޭ. ކައިވެނީގެ ކުރިން އާޔަން އެކަމަށް ފުރުސަތު ދީފިނަމަ އާޔަންއަށް ލަމްހާދެކެ ލޯބިވެވޭނެ. އާޔަން އައި ލަވް ޔޫ.” ލަމްހާ އަނެއްކާވެސް އާޔަން ގައިގައި އޮޅުލައިގަތެވެ.
“ލަމްހާ. ތީކީ ރަގަޅު ގޮތެއްނޫން. ކައިވެނީގެ ކުރިން ތިކަހަލަ ކަންތައް ކުރުން ދީނުގައި ހަރާމެއްނު. ލަމްހާއަށް އެކަން އިނގޭނު. އިނގިހުރެ ފާފައަކަށް އަރައިގަންނަންތަ ތި ގަސްތުކުރަނީ؟” އާޔަންގެ ގައިގައި ތަތްކޮށްލާފައި އޮތް ލަމްހާގެ އަތް އާޔަނ ނައްޓާލީ ގަދަކަމުންނެވެ. “ދެން ދޭ ނިދަން. މިހާރު ވަރަށް ދަން ވެއްޖެ.” އާޔަން ލަމްހާއާ ދުރަށް ޖެހިލަމުން ބުންޏެވެ.
އާޔަން ނިދަން އޮށޯވެ އޮތަސް ނިދޭގޮތެއް ނުވިއެވެ. ވަރަށް ފުން ވިސްނުމެއްގައި އާޔަން އޮތެވެ. ނޫރާގެ ހަދާން ވަނީ މާބޮޑަށެވެ. ނޫރާ ހޯދަން އުޅެންވީޔޭވެސް ހިތަށް އަރައެވެ. ގައިމުވެސް މިދުވަސްކޮޅު ނޫރާ މާލޭގައި އުޅޭކަން އާޔަންއަށް އެވަނީ ކަށަވަރު ވެފައެވެ. އަނެއްދުވަހަކީ ހުކުރުދުވަސް ކަމުން އަރީނާއާއެކު ކޮންމެސް ތާކަށް ދިއުމަށް އާޔަން ނިންމިއެވެ. ނަމަވެސް ލަމްހާ އެކަނި ބަހަށްޓާފައި ދެވޭކަށްވެސް ނޯންނާނެއެވެ. ލަމްހާ ގޮވައިގެން ދަންޏާ އަރީނާ ހިތްހަމައެއް ނުޖެހޭނެއެވެ. ހަދާނީ ކިހިނެއް ހެއްޔެވެ. އާޔަން ފުން ވިސްނުމުގައި އެކި ހިޔާލުގައި އެތަކެއް އިރު ނުނިދިފައި އޮތެވެ.
އަރީނާ ހޭލައިގެން ބަދިގެއަށް ވަދެ ދެފޮތި ޕާން ޓޯސްޓްކޮށްލައިގެން ބިސްގަނޑެއް އަޅާލައިގެން ނިކުމެ ކާމޭޒުކައިރީ ޖައްސާލައިގެން އިނީ މެޒުމަތީ އޮތް ފޯނަށް އައިސްފައިވާ އަތޫފްގެ މެސެޖުތައް ކިޔާށެވެ.
” ޑެޑީ ގުޑް މޯނިން. ރަގަޅަށް ނިދުނުތަ؟” ކާގެއަށް ވަދެގެން އައި އާޔަން ފެނުމުން އަރީނާ އަހާލިއެވެ.
” މޯނިން އަރީ. ޑެޑީއަށް ކޮފީއެއް ހަދާލަދީބަލަ. އަރީގެ އަތުން ހަދާ ކޮފީ ނުބޯތާ ހާދަ ދުވަހެއް ވެއްޖެޔޭ.” އާ އަރީނާ އަހާލިއެވެ.
” މޯނިން އަރީ. ޑެޑީއަށް ކޮފީއެއް ހަދާލަދީބަލަ. އަރީގެ އަތުން ހަދާ ކޮފީ ނުބޯތާ ހާދަ ދުވަހެއް ވެއްޖެޔޭ.” އާޔަން ކާމޭޒުކައިރީ ގޮނޑިއެއްގައި އިށީންނަމުން ބުންޏޭވެ. އަރީނާ އަވަހަށް ތެދުވެގެން ބަދިގެއަށް ވަނީ ކޮފީ ހަދާށެވެ. އަރީނާ ކޮފީޖޯޑު ހިފައިގެން އައިއިރު ލަމްހާ އާޔަންކައިރީ އިށީނދެގެން އިނެވެ. އަރީނާ ލަމްހާއަށް ނުރުހުންވެފައި ބަލައިލަމުން އައިސް އާޔަންކައިރީ ޖޯޑު ބެހެއްޓިއެވެ.
“އަރީ މިއަދު ރިސޯރޓަކަށްދަމާ ހިނގާ. މިއަދު ޑެޑީ ބޭނުމީ އަރީއާ އެއްކޮން މުޅި ދުވަސް ހޭދަކޮށްލަން.” އަރީނާއާއި މުހާތަބުކޮށް އާޔަން ރާވާލިގޮތް ބުނުމުން އަރީނާ ހުރީ ހުއްޓުން އަރާފައެވެ. މިއަދު އަރީނާވަނީ އަތޫފްއާއި އެއްކޮން ވިލިގިއްޔަށްދާން ނިންމާފައެވެ. ނަމަވެސް ޑެޑީ ނިންމާފައިވާގޮތަށް ދެކޮޅު ހަދާކަށްވެސް އަރީނާއަކަށް ނުކެރޭނެނޫން ހެއްޔެވެ. އަރީ ޑެޑީއާއި އެއްކޮން ނުގޮސްފިނަމަ ލަމްހާއަށް ލިބޭނީ ރަނުގެ ފުރުސަތެކެވެ. ހަދާނީ ކިހިނެއް ހެއްޔެވެ. އަނެއްކާ އަތޫފް ނުރުހިދާނެ ހެއްޔެވެ.
“އަރީ؟ ޔޫ ހޭވް އަދަރ ޕްލޭންސް؟” އަރީނާ މާފުން ވިސްނުމެއްގައި އިނުމުން އާޔަން ސުވާލު ކުރިއެވެ.
“ޑެޑީ އާތު އާއެއްކޮން ވިލިގިއްޔަށްދާން ރާވާފަ އޮތީމަ އަސްލު މައްސަލައަކީ.” އަރީނާ ތެދުތެދަށް އާޔަންކައިރީ ބުންޏެވެ.
“އެހެންވިއްޔާ ޑެޑީއަށްވެސް ދެވިދާނެތަ އަރީމެންނާއެއްކޮން ވިލިގިއްޔަށް؟” އާޔަން އެހެން ބުނީ އެއްގޮތަކަށްވެސް އެކަމާ އަރީނާ އެއްބަސްވާނެކަމަށް ހީކޮށްފައެއް ނޫނެވެ.
“އޮފްކޯޒް ޑެޑީ. އޭރުން ވަރަށް މަޖާވާނެ. އާތުއަށް ޑެޑީވެސް ދަސްވާނެ އަދި ޑެޑީއަށްވެސް އާތުގެ ގޮތް އިނގޭނެ.” އަރީނާ އުފަލުން ހީލަމުން ބުންޏޭވެ. ދެމީހުން ދައްކަމުންދާ ވާހަކަ ނޭގިފައި ލަމްހާ އިނެވެ. ލަމްހާއަކަށް އެއްގޮތަކަށްވެސް ދިވެއްސެއް ނޭގެއެވެ. އާޔަން ލަމްހާއަށް ބަލައިލިއެވެ.
“ދެން މީނައަށް ކިހިނެއް ހަދާނީ؟” އާޔަން ލޮލުގެ އިށާރާތުން އަރީނާއަށް ލަމްހާ ދައްކާލަމުން އެހިއެވެ.
“މޫސަބޭ މެންގެއަށް އޭނަ ލާފަ ދެވިދާނެނު. އަރީ ބޭނުމެއްނޫން އޭނަ ގެންދާކަށް.” އަރީނާ ބުނެލިއެވެ.
“އެކަމު ދެން އެހެން ހަދަން ވަނެތަ؟ ޑެޑީއަކަށް ނުކެރޭނެ އެހެން ހަދާކަށް.” އާޔަން ބުންޏެވެ.
“އަރީއަށް އިނގެޔޭ ޑެޑީ އަކަށް ނުކެރޭނެކަން. ޑެޑީ މިހާރު ލަމްހާ ދެކެ ލޯބިވޭނު. އަރީއަށް ފެނޭ އެކަހަލަ މަންޒަރު.” އަރީނާ ހުރީ ވަރަށް ނުރުހިފައެވެ.
އަރީނާ ބުނި އެއްޗަކުން އާޔަން އިނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ލަމްހާ އުޅޭގޮތުން މިހާރު އަރީނާއަށްވެސް އެމަންޒަރުތައް އެވަނީ ފެނިފައެވެ. އާޔަން ލަދުވެސް ގަތެވެ. އެންމެފަހުން އާޔަން ނިންމީ އާޔަން އެދަތުރު ނުދިއުމަށެވެ. ލަމްހާ ނުލާ ނުދެވޭނެ ކަމަށް ބުނަމުންނެވެ. އަރީނާ ހުރީ ވަރަށް ނުރުހިފައެވެ. މިހާރު ޑެޑީއަށް ލަމްހާއާއި ނުލާ އެއްކަމެއްވެސް ނުވޭ ހެއްޔެވެ. ލަމްހާގެ ކޮންސިފައެއް ހުރީހެއްޔެވެ. އަރީނާ ވިސްނާލަން އިނެވެ.
އަރީނާއަށް މެސެޖެއް އައުމުން އަރީނާ ފޯނުނަގާ ބަލައިލިއެވެ. އެއީ އަތޫފްގެ މެސެޖެކެވެ. އަރީނާ އަވަހަށް ކާގެއިން ނިކުމެގެން ދިޔައީ ތައްޔާރުވާށެވެ.