ވީމޭ އިންތިޒާރުގައި 23 ވަނަ ބައި
“ޔޫ ލަވް ހަރ ރައިޓް؟” މޫސަ ޖީބަށް އަތްޖަހާލަމުން ބުންޏެވެ.
“ކީކޭ ތި ކިޔަނީ؟” އާޔަން ބުންޏެވެ.
“މިކިޔަނީ އާޔަން ޝައިލާދެކެ ލޯބިވެޔޭ. ދުވަހަކުވެސް ޝައިލާދެކެ ލޯބިނުވާނަންކަމަށް ބުނި މީހާ މިހާރު ތިއުޅެނީ ކިހިނެއް؟” މޫސަ ބުންޏެވެ.
“މޫސާ. މޫސައަށް ހަގީގަތް އިނގޭނަމަ ތިހެންނެއް ނުބުނާނެ.” އާޔަން ހުރީ މޫސައަށް ހުރިހާވާހަކައެއްވެސް ކިޔާދޭން ތައްޔާރަށެވެ. އެންމެންގެ ތެރެއިން އާޔަން އެންމެ އިތުބާރު ކުރަނީ މޫސައަށެވެ.
“ކިހިނެއްތަ ވެގެން ތި އުޅެނީ؟ މޫސަ އެންމެ ދެރަވަނީ ނޫރާއަށް އާޔަންގެ ފަރާތުން ހިތާމައެއް ލިބިދާނެތީ.” މޫސަ ބުންޏެވެ.
“ނޫރާ އެއީ ހަސަދަވާނެ ކުއްޖެއްނޫން. ޝީ އަންޑަރސްޓޭންޑް މޯރ.” އާޔަން ބުނެލިއެވެ. އަދި ދެޖީބަށް އަތްޖަހާލަމުން މަޑުމަޑުން ހިގަން ފެށިއެވެ. މޫސަވެސް އާޔަން ފަހަތުން ހިގާފައި ދެއެވެ.
“މޫސާ! ޝައިލާއަކީ ހަމަ މޫސަ އޭރުބުނި ގޮތަށް އުޅުނު ކުއްޖެއް. ޝީ ވޯސް އަ ޕްރޮސްޓިޓިއުޓް.” އާޔަންގެ ހިގުން ހުއްޓުނެވެ. އަދި މޫސައަށް ބަލައިލިއެވެ.
“އެކަން އެނގި ހުރެނު އާޔަން އޭނައާ މެރީކުރީވެސް. ނައު ވަޓް؟” މޫސަ ހުރީ ހިތްހަމަ ނުޖެހޭގޮތް ވެފައެވެ.
“މިހާރު އެކަމުގެ ހިތިރަހަ އޭނަގެ ކަރުބުޑުގަ ލައިގެން އުޅެނީ. އެކަމަކު އޭނަ ތައުބާވެ ރަގަޅުވީފަހުން. އާޔަން ވަރަށް ދެރަވޭ އޭނަ އުޅޭގޮތުން.” އާޔަން ހިތާމަވެރި ގޮތަކަށް މޫސައަށް ބަލައިލިއެވެ. މޫސަ އަނގައިން ނުބުނެ ހުރީ އަދިވެސް އިތުރަށް އާޔަން ކިޔާދެން ދެނެވެ.
“މޫސާ. .. ޝީ އިޒް ހެވިން އެޗް އައި ވީ. އިހަކަށްދުވަހަކު އިނގުނީ. ކުއްލިއަކަށް ބޮޑުވަރު ވާންފެށީވެސް.” އާޔަން އެތާހުރި ބެންޗު ގޮދިއެއްގައި އިށީނެވެ.
“ކީކޭ ތިބުނީ؟ ދެން އަރީނާޔޯ އެމަންޖެ ޓެސްޓް ކުރީތަ؟” މޫސަ އަހާލިއެވެ.
“އާން. އަރީ ޓެސްޓް ކުރިން ނޯމަލް.” އާޔަން ބޯޖަހާލިަމުން ބުންޏެވެ.
“ދެން ނޫރާވެސް ޓެސްޓު ކުރަން ޖެހޭނެނު.” މޫސަ ހުރީ ހާސްވާގޮތް ވެފައެވެ.
“އޭ. ހަމަޖެހިބަލަ. ޝައިލާގެ އެއިޑްސް ހުއްޓަސް އޭގެމާނައަކީ އާޔަންގެ ހުރީއެކޭ ނޫން އިނގޭ.” އާޔަން މޫސަގެ އަތުގަހިފާ އެގޮޑިއާ ދިމާއަށް ތިރިކޮށްލިއެވެ.
“އަސްލުތަ. އޭގެ މާނައަކީ މިވީހާދުވަހު އާޔަންއާއި ޝައިލާއާ ދޭތެރޭ އެކަހަލަ ގުޅުމެއް ނެތޭތަ؟” މޫސަ ގޮނޑީގައި އިށީންނަމުން ބުނެލިއެވެ. އާޔަން ބޯޖަހާލިއެވެ.
“އާހް… އިޓްސް އަ ރިލީފް.” އާޔަން ބުރަކަށީ މަޑުމަޑުން ޖަހާލަމުން މޫސަ ބުންޏެވެ. އަދި ތެދުވަމުން ހިންދެމިލިއެވެ. “އެހެންވީމަ ޝައިލާއާ އެއްކޮން ތިއުޅެނީ އޭނަ އުފާ ކޮށްލަދޭން ދޯ. އާން ރަގަޅު އެހެން މީހުންނަށްވެސް ތިކަން އަންގަން ވީނު. އެންމެން އެތިބެނީ އާޔަން ޝައިލާއާ އެއްކޮން ގިނަވަގުތު ހޭދަކުރާތީ ފޫހިވެފަ.” މޫސަ ބުންޏެވެ.
“ނޫން މޫސާ. އެންމެން ކައިރީ ބުނާނެކަމެއްނެތް. އެހެންނޫނަސް ޝައިލާ އިޒް މައި ވައިފް ޓޫ. އެހެންވީމަ އޭނައާ އެއްކޮން ވަގުތު ހޭދަކުރަން ޖެހޭނެނު. އެމީހުނަށް އަނޑަރސްޓޭންޑް ވާން ޖެހޭނެނު. ” އާޔަން ގޮނޑިން ތެދުވިއެވެ. އާޔަން ހުރީ ނުރުހިފައެވެ.
“ތީވެސް ތެދެއް.” އާޔަން ކޮނޑަށް އަތްވައްޓާލަމުން މޫސަ ބުންޏޭވެ. “ހިނގާދާން.” މޫސަ އާޔަން ގޮވައިގެން އެތަނުން ބޭރަށް ނުކުތްއިރު ސޯފާގައިތިބީ ނޫރާއާއި ލައި އާއި އެކަންޏޭވެ.
“މިހާރު ހެދުން ޑިސައިޑް ކުރެވިއްޖެތަ؟” މޫސައައިސް ލައިކައިރީ އިށީންނަމުން އަހާލިއެވެ.
“ނޫރާގެ ހެދުމެއް ލައި ލަނީ. ލައިއަށް ވަރަށް ހެޔޮވަރު ދޯ ނޫރާ.” ލައި ބުންޏެވެ.
އެވަގުތު އާޔަންވެސް އައިސް ނޫރާ ކައިރީ އިށީނެވެ.
“ދެން ޒީނާޔޯ؟ އޭނަ ލަނީ ކޯޗެއް؟” މޫސަ އެހިއެވެ.
“އޭނަވެސް އުޅުނީ ނޫރާގެ ހެދުމެއް ލާން އެކަމަކު އޭނައަށް މާބާރު އެހެންވީމަ ނޫރާ މަންމައާ އެއްކޮން ގޮއްސި ހެދުމެއް ގަންނަން. ފަހަތުން ދިޔަ ޒީނާ މަންމައާ ބައްޕަވެސް.” ލައި ބުންޏެވެ.
“އެހެން މީހުން ކޮބާ؟” އާޔަން އަހާލިއެވެ.
“ލައި މަންމައާ ކޮއްކޮއާ ވީ ކޮޓަރީގަ. ނާއިފް ބަދިގެއަށް ވަނީ ދެންމެ މިތާ އިނދެފަ.” ލައި ބުންޏޭވެ.
“ނާއިފް ލަނީ ކޯޗެއް؟” މޫސަ އަހާލިއެވެ.
“ނާއިފް ލާނީ މޫސަ ގުރެޖުއޭޝަން އަށް ލީއެތި.” އެތަނަށް ޖޫސްތައްޓެއް ހިފައިގެން ނާއިފް އަންނަމުން ބުންޏޭވެ. “ޒީނާ މަންމަ ދިނީމަ ނާއިފް އައީ އޭތި ހިފައިގެން.” ނާއިފް އައިސް އެކަކަށް އިނދެވޭ ސޯފާ ގޮނޑީގައި އިށީނެވެ.
“އާޔަން އަހަރުމެންވެސް ރީތިވެލަން ވާނެނު.” މޫސަ އާޔަންއަށް ބުންޏެވެ. އާޔަން ހީލިއެވެ.
އެތަށް އިރަކު އެތާ ވާހަކަ ދައްކަން އެންމެން ތިއްބެވެ. ބާޒާރަށް ދިޔަމީހުން އައިސް އެމީހުން ގެނައި އެއްޗިހި ދައްކަންފެށިއެވެ. ޒީނާ ގެނައީ ވައިލެޓް ކުލައިގެ ނުހަނު ރީތި ހެދުމެކެވެ. އަދި އެއާއެއްކޮން އަޅަން ޒީނާ ގެނައީ ނުހަނު އަގުބޮޑު ރީތި ޝޯލް އެކެވެ. އެރޭ އެންމެންވެސް ނިދަންދިޔައީ ވަރަށް ލަސްވިފަހުންނެވެ.
ޖެހިގެން އައިދުވަހު ފަތިހު ފަތިހާ އާޔަން ދިޔައީ އާޔަންއަށް ފޯނެއް އައުމުންނެވެ. އާޔަންދިޔައީ ކުރިން އާޔަންމެން އުޅުނުގެއަށެވެ. އާޔަންގޮސް ކުރިން ނޫރާނިދި ކޮޓަރިއަށް ވަންއިރު އަރީ އެނދުކައިރީ ރޯން އިނެވެ. ޝިންބީ ފެންތައްޓެއް ހިފައިގެން އައިސް ޝައިލާގެ މޫނަށް ފެންވިއްސަން ހުއްޓެވެ.
“އަރީ!” އާޔަން އަރީ ކައިރިއަށް އަންނަމުން ބުންޏެވެ.
“ޑެޑީ، މަންމި ނަމާދަށް ހުރެފަ ވެއްޓުނީ. މަންމިއަށް އަރީ ގޮވާގޮވާ އަނގައަކުން ނުބުނި.” އާޔަން ފެނުމުން އަރީނާ ބުންޏެވެ. އާޔަން އަރީނާގެ ބޮލުގައި ފިރުމާލަމުން ޝިންބީއާ ކޮރެއާބަހުން ވާހަކަ ދެއްކިއެވެ. ޝިންބީ ބުނިގޮތުން ވިއްޔާ އަނބުރައިގަތީއެވެ.
އާޔަން ޝައިލާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ އަރީނާ އެގޭ މެއިޑުންނާ ހަވާލު ކޮށްފައެވެ. ހޮސްޕިޓަލަށް ދިއުމުން އިނގުނީ ޝައިލާގެ ބަލި ބޮޑުވެފައިވާކަމެވެ. ޝައިލާއަށް މިހާރުވަނީ ނިއުމޯނިއާވެސް ޖެހިފައެވެ.
ނޫރާއަށް ހޭލެވުނުއިރު އާޔަންއެއް ނެތެވެ. ނޫރާ އާޔަންގެ ނަންބަރަށް ދެތިން ފަހަރު ގުޅުމުންވެސް ހަބަރެއް ނުވިއެވެ. އާޔަންއެދިޔައީ ޝައިލާ ކައިރިއަށް ހެއްޔެވެ. ދަނީއޭ ބުނެލާފައި ދިޔަނަމައެވެ. އާޔަން ޝައިލާދެކެ ވަރަށް ލޯބިވާހެން ނޫރާއަށް ހީވިއެވެ. އާޔަން ޝައިލާގެ ވާހަކަ ނޫރާކައިރީ ނުދައްކަނީވެސް ޝައިލާދެކެ ލޯބިވާވަރު އިގިއްޖެނަމަ ނޫރާ ދެރަވެދާނެތީ ކަންނޭގެއެވެ. އެކަހަލަ ހިޔާލެއްގައި ހުރެ ނޫރާ ނަމާދަށް އެރިއެވެ. ނަމާދުނިމިގެން އެތަކެއްއިރު ދުޢާކުރަން ނޫރާ އިނެވެ.
އެދުވަހު ގުރެޖުއޭޝަނަށްދާން އެންމެން ތައްޔާރުވަމުން ދިޔައެވެ. ސައީދާވެސް ނުހަނު ފޯރީގައި ހެދިލާފައި ހުއްޓެވެ. އެއީ ސައީދާގެ ހުރި ހަމައެކަނި ދަރިފުޅުގެ ބޮޑުދުވަހެއް ވިއްޔާއެވެ. އެންމެން ތައްޔާރުވެގެން އެންމެން އެއްކޮން ޔުނީއަށް ދިޔައީ ބޮޑު ވޭނެއްގައެވެ. ނޫރާ އަނެއްކާވެސް އާޔަންއަށް ގުޅާލިއެވެ. އަދިވެސް އާޔަން ފޯނު ނުގައެވެ. ނޫރާ ކަންބޮޑުވެފައިހުރެ ދެތިން ފަހަރު އާޔަންއަށް ގުޅާލިއެވެ.
“އާޔަން ކޮބާ؟” ވޭނުން ފައިބައިފައި ލައިއަށް އަހާލެވުނެވެ.
“ނޭނގެ. މޫސަ އާޔަންއަށް ގުޅައިފިން ދެތިން ފަހަރު. އެކަމަކު ފޯނު އޮތީ ނިވާލާފަ.” މޫސަވެސް ހުރީ ކަންބޮޑުވެފައެވެ.
“އެ ޝައިލާ ކައިރިން ސަލާމަތް ވެވުނީމަނު އޭނައަށް އާދެވޭނީ.” ނާއިފް ބުންޏެވެ.
“ބޮޑު ކަމެއް ދިމާވީ ކަންނޭގެ.” ނޫރާ ހުރެފައި އެވަގުތުވެސް ބެލީ އާޔަން ދިފާއު ކުރެވޭތޯއެވެ.
“މެސެޖެއް އެއްޗެއް ފޮނުވި ނަމަނު” ޒީނާ ބުނެލިއެވެ.
އެންމެން އެތެރެއަށް ވަދެގެން ދިޔައިރު ހުރިހާ ކިޔަވާކުދިން ވަންނަން ޖެހުނީ އެހެން ދޮރަކުންނެވެ. އެހެން މީހުން ވަނީ އެހެން ދޮރަކުންނެވެ.
“އަޅޭ އައިއޭމް ވެރީ ނާވަސް.” ޒީނާ ނާއިފްގެ އަތުގައި ހިފާލަމުން ބުންޏެވެ. “މީ ޓޫ.” ނާއިފްވެސް ބުނެލިއެވެ.
ނޫރާ ފޯނު ނިވާލުމުގެ ކުރިން އެންމެ ފަހުފަހަރުވެސް އާޔަންއަށް ގުޅާލިއެވެ. އަދިވެސް އާޔަން ފޯނު ނިވާލާފައެވެ.
ޝަައިލާ ހޭ އެރުމުން ޝައިލާ ކައިރީ ނޫރާ ގުރެޖުއޭޝަންއަށް ދާންޖެހޭވާހަކަ އާޔަން ބުނުމުން އަވަހަށް ދާށޭ ޝައިލާބުނީ ނުހަނު ހިތްހަމަ ޖެހިފައި އޮވެއެވެ.
“ނަރުސް ކުދިންނާ ހަވާލުކޮށްފައި ދޭ. ބޮޑުކަމެއް ވިއްޔާ އެކުދިން އާޔަންއަށް ގުޅާނެ. މިހާރު އަހަރެން ކުޑަކޮން ރަގަޅޭ.” ޝައިލާ ބޭނުންވީ އާޔަން އަވަހަށް ފޮނުވާލާށެވެ. ނޫރާ އުފާވާނީ އާޔަން އޭނަގެ ގުރެޖުއޭޝަންއަށް ދިޔައިމަކަން ޝައިލާއަށް އިނގެއެވެ. ނޫރާއަށް ކޮށްފައިވާ އުނދަގޫތަކާއި ޖެއްސުންތަކުން މާފަށް އެދެން ހިތުގެ އަޑިންވެސް ޝައިލާ މިހާރުވަނީ ބޭނުންވެފައެވެ. ނޫރާ ދެރަވާކަމެއް އިތުރަށް ކުރާކަށް ޝައިލާ ބޭނުމެއްނޫނެވެ.
އާޔަން ޝައިލާ ނަރުސްކުއްޖަކާ ހަވާލުކޮށްފައި ނިކުމެ ފޯނު ބަލައިލިއެވެ. ފޯނުއޮތީ ޗާޖުގޮސްގެން ނިވިފައެވެ. އާޔަން ކާރަށްއަރައި ފޯނު ޗާޖަރ ޖަހާލުމަށްފަހު ފޯނު ހުޅުވާލިއިރު އެތަކެއް ބައިވަރު މިސްކޯލު އައިސްފައި ހުއްޓެވެ. އާޔަން އެންމެ ކުރިންވެސް ގުޅާލީ ނޫރާއަށެވެ. ނޫރާ ފޯނު ނިވާލައިފައި އޮތުމުން ދެން ގުޅީ މޫސައަށެވެ.
“އެމީހުން ވަދެއްޖެ. މިހާރު ފަށްޓަން އުޅެނީ. އާދޭ އަވަހަށް.” މޫސަ އާއި ވާހަކަ ދައްކާލުމުން މޫސަ ބުންޏެވެ.
ނޫރާމެން އެތެރެއަށް ވަދެގެން އައިއިރު އެންމެންގެ ލޯތަށްވަނީ އެދިމާއަށް އެނބުރިފައެވެ. އޭރު ފަހަރަކު ކުއްޖެއްގެ ނަންގޮވަމުން ސެޓްފިކެޓް ދެމުން ދެއެވެ. ނޫރާވެސް ސަފުގައިހުރެ ކުރިއަށް އަންނަމުން އޭނާގެލޯ ދިމަދިމާއަށް ހިންގާލިއިރު ފެނުނު މަންޒަރުން މޫނުމައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ނޫރާ މަންމަ ކައިރީ އިށީނދެގެން އިނީ އާޔަންއެވެ.
ނޫރާއަށް ސެޓްފިކެޓް ލިބުނުވަގުތު ނޫރާގެ ބައްޕަމަތިން ހަދާންވެގެން ދިޔައެވެ. ލޮލުން ކަރުނަ ނިރާލިއެވެ. ބައްޕަ އެދުވަސް ދެކެން ހުރިނަމަ ހާދައުފާވީހެވެ. މުޅި ބެޗުން ރަންވަނައެއް ނޫރާއަށް ލިބިގެން ދިއުމުން ސައީދާވެސް އިނީ ނުހަނު އުފާވެފައެވެ. ސައީދާވެސް ހިތުގައި އޮތީ އެދުވަހު ފާރޫޤް ހުރިނަމައެވެ. ފާރޫޤް ކުރަމުންއައި ފޮނި އުއްމީދު ފުރިހަމަ ވީއެވެ. ސައީދާ ހެވިލާފައި އިނުމުން އާޔަންވެސް ވަނީ ވަރަށް ބޮޑަށް އުފާވެފައެވެ.
ފޮޓޯނަގާނިމުމުން އާޔަން އައިސް ނޫރާއާ ކައިރިވެލިއެވެ. އަދި ނޫރާގެ އަތުގައި ހިފާލިއެވެ.
“ވަރަށް އުފާވެފަ މިހިރީ. އެކަމަކު އާޔަންއަށް ދާން ޖެހިއްޖެ. މިއުޅެނީ ޝައިލާ ހޮސްޕިޓަލުގައި ބާއްވައިގެން. އަރީވެސް ޝިންބީއާ ހަވާލުކޮށްފަ މިއުޅެނީ. ޝައިލާ ދޫކޮށްލީމަ ދާނަން އިނގޭ.” އާޔަން ދިއުމުގެ ކުރިން ނޫރާގެ ނިތްކުރިއަށް ބޮސްދިނެވެ. އެތަން ބަލަން މޫސައާއި ލައި ތިއްބެވެ.
“ޝައިލާ ބަލިވެ އުޅޭތީ ދޯ އާޔަން އެހާ ކެއަރިންގޮތަކަށް ޝައިލާއާއި ދޭތެރޭ ކަންތަށް ބަހަށްޓަނީ.” އެވަގުތު ލައިގެ ހިތަށް އެރިއެއްޗެއް ލައި ބުނެލިއެވެ.
މޫސަ ބޯޖަހާލިއެވެ. އާޔަންއާއި ދޭތެރޭ ލައިގެ ހިތުގައި އުފެދިފައިވާ ނުރުހުން ފިލައިގެންދާން މިނިޓެއްވެސް ނުނެގިއެވެ.
އެނެމެން ވޭނަށްއަރާ ހަމަޖެހިލިއެވެ. އެންމެން އެންމެނަށް އެއްފަހަރާ ވާހަކަދައްކަމުންދާތީ ވޭންތެރެ ވަރަށްވެސް އަޑުގަދައެވެ.
” އާޔަން…އާޔަން އެދިޔައީ ކޮންތާކަށް؟” ސައީދާ ވަރަށް އުދަގުލުން އެހެންބުނުމުން ނޫރާއަށް ސައީދާއާއި ދިމާއަށް ބަލައިލެވުނެވެ. އޭރު ސައީދާގެ އަނގަވަނީ އެއްފަޅިއަށް އޮރިދަމައިގަނެފައެވެ. ކިތަންމެ ހިނިއައިސްފައި ވީނަމަވެސް ކޮންމެވެސް ގޮތެއް ވާކަން މޫނުމަތިން ފާޅުވާން ހުއްޓެވެ.
“މަންމާ. މަންމަގެ މޫނަށް ކިހިނެއްތިވަނީ؟” ނޫރާއަށް ތެޅިގަނެވުނެވެ. ސައީދާގެ މޫނުގައި ހިފަހައްޓާލެވުނެވެ.
“ނޭނގެ މަންމައަކަށް. ފާޑަކަށް ވާންވެފަ ހުންނަނީ.” ސައީދާ ބުންޏެވެ.
“ހިނގާ ޑޮކްޓަރަށްދައްކަން ދާން. މަންމައަށް ކޮންމެސް ގޮތެއް ތިއޮއްގެން ވަނީނު.” ނޫރާ ހާސްވާގޮތް ވިއެވެ. ނޫރާކައިރީ އިން ޝާއިރާވެސް އެވަގުތު ސައީދާއަށް ބަލައިލިއެވެ. ޝާއިރާއަކީ ނަރުސްކަން ކިޔަވައިގެންހުރި ކުރީގެ މޮޅު ނަރުހެކެވެ. ޝާއިރާއަށް ސައީދާ ފެނުމާއިއެކު ވެފައިވާގޮތް އެގިއްޖެއެވެ.
“އަސްތާ ނޫރާ. އަވަހަށް ހޮސްޕިޓަލަށް ހިނގާ. ގެއަށް ނުގޮސް އަވަހަށް ހޮސްޕިޓަލަށް ދާންވީ. ސައީދާއަށް އެހެރީ ސްޓްރޯކެއް ޖެހިފަ. އަވަސްކުރޭ.” ޝާއިރާ ތެޅިގަނެފައި ބުންޏޭވެ. ނޫރާއަވަހަށް ވޭން ޑްރައިވަރުކައިރީ ހޮސްޕިޓަލަށްދާ ވާހަކަ ބުނުމުން އެހެން އެންމެންގެ ސަމާލުކަންވެސް އެދިމާއަށް އައެވެ.
“ނޫރާ. މަންމަގެ ފެމިލީ މީހުނަށްވެސް ގުޅާ. ބުނޭ ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލަށް ގެންދާވާހަކަ. ކިހާވަރެއްގެ ސްޓްރޯކެއްކަމެއް އިނގޭނީ ޑޮކްޓަރ ބަލާފައޭ ބުނޭ.” ޝާއިރާ ނޫރާ ކައިރީ ކިޔަންވީ އެއްޗިއްސަށްދަންދެން ބުނެލިއެވެ.
ނޫރާ އަވަހަށް ނައީމާއަށް ގުޅިއެވެ. އަދި ޝާއިރާ ބުނިގޮތަށް ބުނުމުން ނައީމާ އެރޭގެ ފްލައިޓުން މެލޭޝިއާއަށް އަންނަން ތައްޔާރުވާނަން ކަމަށް ބުންޏޭވެ. ދެންގުޅީ އާޔަން މަންމައަށެވެ. އާޔަން މަންމަ ހުރީ ވަގުތުން މެލޭޝިއާއަށް އަންނަގޮތަށެވެ.
ހޮސްޕިޓަލަށް ހުއްޓުމާއިއެކު މޫސަ ފައިބައިގެންގޮސް ފުރޮޅުލީ ގޮނޑިއެއް ހިފައިގެން އައެވެ. ނޫރާ ވޭނުން ފައިބައިފައި އާޔަންއަށްވެސް ގުޅާލަން ހިތަށް އަރާފައިވެސް ނުގުޅީ ޝައިލާވެސް ބަލިވެ އުޅޭތީ އާޔަން އަންނަން ކިތަންމެ ބޭނުންވިއަސް ނާދެވޭ ހާލަތެއްގައި ހުރެދާނެތީއެވެ.
ސައީދާ ޑޮކްޓަރަށް ދެއްކުމުން ސީޓީ ސްކޭން ހަދާ އެތަކެއް ޓެސްޓުތަކެއް ހެދުމަށްފަހު ޑޮކްޓަރ އެންގީ ވީހާވެސް އަވަހަކަށް އޮޕަރޭޝަން ކުރުމަށެވެ. ސިކުނޑީގެ ނާރެއް ފަޅައިގެން ދިއުމުގެ ސަބަބުން ސިކުނޑިއަށް ލޭއެޅެމުން ދާކަމަށް ޑޮކްޓަރ ބުންޏެވެ. ފޯރމުގައި ސޮއިކުރަންވެސް ޖެހުނީ ނޫރާއަށެވެ. ނޫރާ އެވަގުތު ހާސްވާން ފެށިއެވެ. ޝާއިރާ ނޫރާ ކައިރީހުރެ ހިތްވަރު ލައިދެމުން ގެންދިޔައެވެ. އަދި މޫސަގެ މަންމަވެސް ނޫރާއަށް ވަރަށް ހިތްވަރު ދިނެވެ. ނޫރާވެސް ކެތްތެރިކަމާއެކު ހިތަވަރުކުރަމުން ދިޔަކަމުގައިވިއަސް އިރުކޮޅަކާ ލޮލުން ކަރުނަ އާދެއެވެ.
ކަންދިމާވިގޮތުން ސައީދާ އޮޕަރޭޝަން ކުރަމުންދަނީ ޝައިލާވެސް ބާއްވާފައި އޮތް ހޮސްޕިޓަލުގައެވެ. އެހެންކަމުން އާޔަންއަށް އެކަންއިނގޭކަށް މާގިނައިރުތަކެއް ނުނެގިއެވެ. އާޔަން އަރީނާ ބަލާދާންވެގެން ބޭރަށް ނިކުތްވަގުތު ނާއިފްއާއި ޒީނާ ބޭރުގައި އެއްޗެއްބޯލަން ތިބިތަން ފެނުނެވެ.
ނާއިފް އާޔަންއަށް ވެގެންއުޅޭގޮތް ކިޔާދިނުމުން އާޔަންއަށް ކުރިއަސަރު ބަޔާންކުރަންވެސް ނޭގެއެވެ. ނޫރާ އާޔަންއަށް ނޭންގީމަ އެތަކެއް ޝަކުވާ ހިތަށް އަރަމުން ދިޔައެވެ. އާޔަން މިހާރު މާދުރުމީހަކަށް ނޫރާ ހެދީ ހެއްޔެވެ. ނޫނީ ޝައިލާ ބާއްވާފައިވާތީ ނޫރާ އާޔަން ކައިރީ ނުބުނީ ހެއްޔެވެ. އާޔަން އޮޕަރޭޝަން ތިއޭޓަރ ކައިރިއަށް ދިޔައިރު ނޫރާ ގޮނޑީގައި އިނެވެ. ނޫރާގެ ދެފަރާތުގައި ލައި މަންމައާއި މޫސަ މަންމަ ތިއްބެވެ. މޫސަ ބައްޕައާއި މޫސަ ދުރުގައި އިށީނދެގެން ތިބިއިރު ލައިއާއި ލައިގެ ކޮއްކޮވެސް އެތާ ތިއްބެވެ.
އާޔަންއައިސް ނޫރާކައިރިއަށް ހުއްޓުމުން ނޫރާ އިސްއުފުލާ ބަލައިލިއެވެ. އާޔަން ފެނުމުން ނޫރާ ހިފަހަށްޓައިގެން އިން ހުރިހާ ކަރުނަތަކެއް އެއްފަހަރާ ބޭރުވާންފެށިއެވެ. އާޔަން އައުމުން މޫސަ މަންމައާއި ލައިމަންމަ އެތަނުން ތެދުވިއެވެ. އާޔަންއައިސް ނޫރާ ކައިރީ އިށީނެވެ.
“އާޔަން!” ނޫރާއަށް ބުނެވުނީ ހަމައެކަނި އެހެނެވެ.
“ނޫރާ. ހިތްވަރު ކުރޭ. ބީ ޕޭޝަންޓް.” އާޔަން ނޫރާގެ ގައިގައި ފިރުމާލަމުން ބުންޏެވެ. “ކޮބާ.. ކޮބާ ޝައިލާ؟ ރަގަޅުތަ މިހާރު؟” ނޫރާ އަހާލިއެވެ.
“އާން މިހާރު ކުޑަކޮން ރަގަޅު. ނޫރާ ތިހާބޮޑަށް ނުރޮއެބަލަ. ނޫރާތީ ކުރިން މާވަރަކަށް ރޯކުއްޖެއް ނޫނެއްނު.” އާޔަން ނޫރާގެ ކަރުނަތަށް ފޮހެލަދިނެވެ. ނޫރާ ކިތަންމެ ނުރޯން މަސައްކަތެއްކުރިއަސް ރޮވެނީއެވެ.
އާޔަން އެތާ އިނދެފަ އަރީނާ ހޮސްޕިޓަލަށް ގެނެސްދިނުމަށް ޝިންބީއަށް ގުޅާލާފައި ބުނެލިއެވެ. ނޫރާ ދޫކޮށްލާފައި އެވަގުތު އަރީނާ ބަލާ އާޔަން ނުދިޔައީއެވެ.
އިރުކޮޅެއްފަހުން ޑޮކްޓަރ ނިކުމެއްޖެއެވެ. ޑޮކްޓަރުގެ މޫނުމަތިން ފެންނަން ހުރީ އެހާ ހިތްހަމަޖެހިފައި ވާގޮތެއް ނޫނެވެ. އާޔަން ގޮސް ޑޮކްޓަރާ ވާހަކަދެއްކިއިރު ނޫރާވެސް ހުރީ ކައިރީގައެވެ. ޑޮކްޓަރ ބުނީ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. ނަމަވެސް ސައީދާ ވަނީ ކޯމާއަކަށް ގޮއްސައެވެ. ސައީދާ ރަގަޅުކަމެއްވެސް ގޯސްކަމެއްވެސް އިނގޭނީ ހޭއެރުމުން ކަމަށެވެ. އަދި އެއްފަހަރު ސީޓީ ސްކޭންއެއް ހަދަން ޖެހޭނެ ކަމުގައިވެސް ޑޮކްޓަރ ބުންޏެވެ.
ސައީދާ ކޮޓަރިއަށް ގެންދިޔައެވެ. ނޫރާއާއި މޫސަ ފިޔަވާ އެހެން މީހުން ގެއަށް ދިޔައީއެވެ. މޫސަ މަޑުކުރީ އާޔަން ޝައިލާކައިރިއަށް ދާންޖެހޭތީ އެވާހަކަ ބުނުމުން ނޫރާ ސައީދާކައިރީ އެކަނި އިންނަން ޖެހޭތީއެވެ.
އިރުއޮއްސެން އުޅެނިކޮން ޒޫނާ އައިސްފިއެވެ. ޒޫނާ އެއަރޕޯރޓުން އައިގޮތަށް އައީ ހޮސްޕިޓަލަށެވެ. ސައީދާގެ ހާލަތު ފެނުމުން ޒޫނާއަށް މަޑަކުން ނުހުރެވުނެވެ. ޒޫނާއަށް ރޮވެންފެށިއެވެ. ސައީދާއަކީ ޒޫނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެކުވެރިއަކަށްވުރެ ބޮޑަށް އެއީ އެއްބަޑު މީހެއްކަމަށް ޒޫނާ ބަލައެވެ. ޒޫނާއަށް ރޮވެންފެށުމުން ނޫރާއައިސް ޒޫނާގައިގައި ފިރުމާލިއެވެ. އަދި ހިތްވަރު ކުރުމަށް ބުނަމުން ގެންދިޔައެވެ. އެހެންނަމަވެސް ނޫރާއަށްވެސް ހިތްވަރު ކުރެވެނީއެއް ނޫނެވެ.
މޫސަ ގެއަށް ދިއުމުން އެތާތިބީ ޒޫނާއާއި ނޫރާއެވެ. ޒޫނާ ނޫރާކައިރީ ގެއަށްގޮސް އަރާމުކޮށްލުމަށް ބުނުމުންވެސް ނޫރާ ގެއަށްދާ ހިޔާލެއް ނުކުރިއެވެ. ޒޫނާ އެހެން އިނދެފަ ދޭތެރެއަކުން ޝައިލާކައިރިއަށްވެސް ވަދެލައެވެ. ޝައިލާ މިހާރު ކުޑަކޮން ރަގަޅެވެ.
ދަންވަރުގެ ފުލައިޓުން ނައީމާއާއި ޝަކީބުއާއި ޒައު އައިއިރު ވަނި ހެދުނުވެފައެވެ. އެމީހުންވެސް އައިގޮތަށް ފުރަތަމަވެސް އައީ ހޮސްޕިޓަލަށެވެ. ނައީމާއަށް ސައީދާ ފެނުމާއިއެކު ރޯންފެށިއެވެ. އަދި ނޫރާފެނުމުން ވަކިންބޮޑަށް ދެރަވެ ރޮވުނެވެ.
މެންދުރު ވުމުން ލައިގެ މަންމަ ޝާއިރާ އައިސް އެހެން އެންމެން ގެއަށް ފޮނުވިއެވެ. ފެންވަރާ އަރާމު ކޮށްލައިގެން އައުމަށް ބުންޏެވެ. އަދި ލައިއާ ޝާއިރާ އެތާ އިރުއޮއްސެންދެން ތިބޭނެ ކަމުގައި ބުންޏެވެ. ޝާއިރާގެ އެހީތެރިކަމާ މޫސަގެ އާއިލާގެ އެހީތެރިކަންވެސް އައީ ލިބެމުންނެވެ. ޖެހިގެން އައިދުވަހު އިސްމާޙްވެސް އައެވެ. އިސްމާޙް އައިސް ނޫރާއަށް ވަރަށް ނަސޭހަތް ދިނެވެ. އިސްމާޙްއާއި ޒޫނާއަކީ ނޫރާގެ މަންމައާއި ބައްޕަކަމާ އެކަން ހަދާން ނައްތާނުލުމަށް ބުނަމުން ގެންދިޔައެވެ. އެއީވެސް ތެދެކެވެ. ނޫރާދެކެ އެމީހުން އަމިއްލަ ދަރިއަކު ފަދައިން ލޯބިވާކަން ހުދު ނޫރާއަށްވެސް އިނގެއެވެ. އާޔަންގެ ހަލްމޮނީވެސް ދޭތެރެއަކުން ނޫރާއަށް ގުޅައެވެ. އަދި ހަނާވެސް ނޫރާއަށް ގުޅައެވެ. ފާތުއަށް ހަބަރު ލިބުމުން ފާތުވެސް ނޫރާއަށް ގުޅިއެވެ. އަދި އެންމެނާއެކު ނުދެވުނީމަ ދެރަވެފައި ހުރިވާހަކަ ފާތު ބުންޏެވެ.
ސައީދާގެ ސްކޭން ހެދިއިރު އަދިވެސް އަދިވެސް މުޅިން ލޭމަނާނުވާކަމަށް ޑޮކްޓަރ ބުންޏެވެ. ދެދުވަހެއްތެރޭ ލޭމަނާވެދާނެކަމުގެ އުއްމީދު އޮތްވާހަކަވެސް ބުންޏެވެ. ސައީދާ އެހެން އޮންނަތާ ތިންދުވަސް ވެއްޖެއެވެ. އެއްވެސް ބަދަލެއް ނާދެއެވެ. މޫސަގެ ބައްޕައާއި މަންމަ މާލެދާން ފުރީ އެދުވަހުއެވެ. މޫސައާއި ނާއިފްއާއި ޒީނާ މަޑުކުރީއެވެ. ލައިގެ މަންމައާއި ކޮއްކޮވެސް ތިބީ ދާން ބޭނުންވެފައެވެ. ނަމަވެސް ލައި ދާން ބޭނުންނުވާތީ އެމީހުންމަޑުކޮށްގެން ތިބީ ލައިއާއެއްކޮން ދާށެވެ.
މޫސައާއި ލައިއާއި ނޫރާ އެވަގުތު ހޮސްޕިޓަލުގައި ސައީދާކައިރީ ތިއްބެވެ. މިހާރު އާޔަން ނުފެންނަތާ އެއްދުވަސް ވަނީ ވެފައެވެ. ޝައިލާ މާބޮޑަށް ބަލީކަމުގައި ނޫރާއަށް ހީވިއެވެ. ނޫރާ ޝައިލާ ބާއްވާފައިއޮތް ކޮޓަރިއާ ހަމައަށް އާދެވުމުން އެދިމާއަށް ބަލައިލިއެވެ. ކޮޓަރިދޮރު ހުރީ ކުޑަކޮން ހުޅުވިފަކަމުން ނޫރާމަޑުމަޑުން ކޮޓަރިތެރެއަށް އަރިވެލާފައި ބަލައިލިއެވެ. އޭރު ޝައިލާ އެނދުގައިއޮތްއިރު އާޔަން ޝައިލާކައިރީ ޝައިލާގެ އަތުގައި ހިފާލައިގެން އިނެވެ. ދައްކަމުންދާ ވާހަކަވެސް ނޫރާއަށް އަޑުއިވެމުން ދިޔައެވެ.
“އާޔަން އިއްޔެ ހަތަރުދަމު ތި އިންނަނީމިތާ. ތިހިން ހަދާކަށް ނުވާނެނު. އާޔަން ދެން ދޭބަލަ ނޫރާކައިރިއަށް. ނޫރާ މަންމަ އެހާ ބަލިވެއުޅޭއިރު ނޫރާ ހުންނާނީ ކިހާދެރަވެފަ. މިހާރު ނޫރާ އާޔަންއަށް ބޭނުންވާނެނު.” ޝައިލާ ބުންޏޭވެ.
“ޝަިއިލާ. ނޫރާކައިރީ އެބަތިއްބޭ ބައިވަރުމީހުން. ހުރިހާ ފްރެންޑްސް ވެސް އެތިބީ ނޫރާކައިރީ. ޝައިލާ ކައިރީ މި ހުންނަނީ އާޔަންއެކަނި. އެހެންވީމަ އޯކޭވާނެ ނުދިޔަސް.” އާޔަން ބޭނުންވަނީ ޝައިލާ ހިތްހަމަޖައްސާދޭށެވެ.
“އެކަމު އާޔަން. އާޔަން ނޫރާކައިރީ ހުރުމާ އެމީހުނާ ހާސްބައި ތަފާތުވާނެނު.” ޝައިލާ ބުންޏެވެ.
“އާޔަން ދަމޭ ނޫރާކައިރިއަށްވެސް. އެކަމު ޝައިލާ ތިހާބަލިކޮންއުޅޭއިރު ކިހިނެއް އާޔަން ދުރަށްދާނީ….” އެހިސާބަށްބުނިތަނާ ނޫރާ އެތަނުން ދުރަށްދިޔައެވެ. އެވާހަކައިގެ އަނެއްބައިވެސް އަޑުއަހާކަށް ނޫރާ ބޭނުމެއްނުވިއެވެ. ނޫރާއަށް ރޮވެނީއެވެ. އާޔަން ހަގީގަތުގަވެސް ޝައިލާދެކެ ވަރަށް ލޯބިވާކަން މިއަދު ނޫރާއަށް ކަށަވަރުވެއްޖެއެވެ. އާޔަންއަށް ޝައިލާއާއި ދުރުގައި ހުރުންވެސް މިހާރު އުނދަގޫވާނެކަން ކަށަވަރެވެ. އެދޭތެރެއަށް ނޫރާވަންނަން ހެޔޮނުވާނެއެވެ. ނޫރާ ރޮމުންގޮސް ހޮސްޕިޓަލުން ބޭރަށް ނިކުތީ އެހެންމީހަކަށް ނޫރާރޯތަން ފެނިދާނެތީއެވެ.
“ޝައިލާ ތިހާ ބަލިކޮން އުޅޭއިރު އަރީނާވެސް ކިހާދެރަވާނެ އަރީނާމަންމި ދޫކޮށްލާފަ ޑެޑީ ގޮސް އެހެންމީހެއްކައިރީ އުޅެންޏާ. ނޫރާއަށް އަނޑަރސްޓޭންޑް ވާނެ. އެކަމު އަރީނާއަށް ކިހިނެއް އާޔަން އަންޑަރސްޓޭންޑް ކޮށްދޭނީ؟” އާޔަން ޝައިލާއަތުގަ ހިފައިގެން އިނދެ އަދިވެސް އެވާހަކަ ކުރިއަށް ގެންދިޔައެވެ.
“އާޔަން އެކަމުވެސް އާޔަން އެންމެ ލޯބިވަނީ ނޫރާދެކެނު. އަހަރެންވެސް ވަރަށް ބޭނުން ނޫރާއާ ބައްދަލުކޮށްލާ މާފަށް އެދެން. އަހަރެންގެ ހިތަށް ހަމަޖެހުމެއްވެސް ލިބޭނީ އޭރުން.” ޝައިލާ ބުންޏެވެ.
ޖެހިގެން އައިދުވަހުގެ ހަވީރު ނޫރާއާއި މޫސައާއި ލައި ހޮސްޕިޓަލަށްދާން ނިކުތްއިރު އާޔަންއައިސް ވަންނަނީއެވެ. އޭރު ހޮސްޕިޓަލުގައިވީ ނައީމާއާއި ޝަކީބްއާއި ޒައުއެވެ. އާޔަންވެސް އެމީހުނާއެއްކޮން ދާން ނުކުތުމުން ނޫރާއެކަމާ ދެކޮޅުހަދައިފިއެވެ.
“އާޔަން ދާނެކަމެއްނެތް. އާޔަން އަރާމުކޮށްލަންދޭ. އާޔަންހުންނާނީ މިހާރު ވަރަށް ވަރުބަލިވެފަކަން ނޭގެ.” ނޫރާ ބުންޏޭވެ.
“އާޔަން ވަރުބައްޔެއްނޫނޭ. އާޔަން ހެދުނުންފެށިގެން ނިދަނިދާފަ މިއައީވެސް. ޝައިލާވެސް މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފި. އެހެންވެ އާޔަން މިހާރު ބިޒީއެއްވެސް ނޫނޭ.” އާޔަން ނޫރާގެ އަތުގައި ހިފާލިއެވެ.
“އާޔަން ޕްލީސް. އޯކޭޔޭ ނަޔަކަސް. އަރާމުކޮށްލަންދޭން.” ނޫރާ އާޔަންގެ އަތް ފޮޅުވާލަމުން ހިގައިގަތެވެ. އާޔަން ހައިރާންވެފައި އެމީހުން ދާތަން ބަލަން ހުއްޓެވެ. މޫސަވެސް ހުރީ ނޫރާކަންތައް ކުރިގޮތުން ހައިރާންވެފައެވެ. މީގެކުރިން ދުވަހަކުވެސް އެފަދަގޮތަކަށް ނޫރާ އަމަލުކޮށްފައި ނުވެއެވެ.
“ކީއްވެ ނޫރާ އާޔަން ނުގެންނަން ތިއުޅެނީ؟ ކަމެއްވީތަ؟” ކާރަށް އަރަމުން ލައިއަހާލިއެވެ.
“ނޫން. ހަމަ ނޫރާއަށް ހީވީ އާޔަން ވަރަށް ވަރުބަލިހެން. އެހެންވެ.” ނޫރާ ބުންޏެވެ.
“އާޔަން އެކަމު އެހެރީ ވަރަށް ދެރަވެފަ ނޫރާ އާޔަންގެ އަތްވެސް ފޮޅުވާލާފަ ވިއްޔަ ތިއައީ.” މޫސަ އާޔަން ހުރިދިމާއަށް ބަލައިލަމުން ބުންޏެވެ.
ނޫރާއަށްވެސް އެދިމާއަށް ބަލައިލެވުނެވެ. ތެދެކެވެ. އާޔަންގެ މޫނުމަތިން ދެރަވެފައި ހުރިކަން އެނގެއެވެ. ނޫރާގެ ހިތަށްވެސް އަސަރުކުރިއެވެ. ނަމަވެސް ނޫރާ ހިތްވަރު ކޮށްފައި އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. އެއްވެސްގޮތަކަށް އާޔަން ދެރަވެފައި ހުންނަތަން ދެކެން ނޫރާ ބޭނުމެއްނޫނެވެ.
އެދުވަހު ސައީދާ އައިސީޔޫއަށް ލާންޖެހުނީ ސައީދާގެ ވިންދު މާދަށަށް ދާތީއެވެ. ސައީދާގެ ހާލު ދުވަހެއް ދުވަހަކަށް ދަށަށްދާތީ އެންމެން ތިބެނީ ކަންތައްް ބޮޑުވެފައެވެ. އެރޭ ޒޫނާ ގޮވައިގެން އާޔަން ހޮސްޕިޓަލަށް އައުމުން ލައިއާއި މޫސަ ނިންމީ ކުޑަކޮން ހިތްހަމަޖައްސާލަން ނޫރާ ގޮވައިގެން ބޯލިން ކުޅެން ދާށެވެ. އެހެންވެ ޒީނާއާއި ނާއިފް ކައިރީވެސް އެވާހަކަ ބުނުމުން އެމީހުންވެސް ބޯލިން ކުޅޭތަނަށް ދިޔައެވެ.
ނޫރާ އުޅެނީ އާޔަންއާ ވަރަށް ދުރުންނެވެ. އާޔަން ކައިރިއަށް އައުމުން ކޮންމެސް އެއްޗެކޭކިޔާފަ ދުރަށް ޖެހިލައެވެ. އާޔަން ވާހަކަދައްކަން އުޅުމުންވެސް އަވަހަށް ވާހަކަ އޮޅުވާލާފައި އެހެންމީހުނާ ވާހަކަދައްކަން ފަށައެވެ. އާޔަންއަށް އެކަން ފާހަގަ ކުރެވިގެން އެއްފަހަރު ނޫރާގެ އަތުގަ ހިފާ މަޑުކުރުވުމުންވެސް އަތްފޮޅުވާލަމުން ދުރަށް ދިޔައެވެ. އާޔަން ހުރީ ނޫރާއަށް އައިސްފައިވާ ބަދަލުގެ ހަގީގަތް ނޭގިފައެވެ. ނޫރާއަށް ވަމުންދާގޮތާމެދު އާޔަންއަށް ވިސްނެނީއެވެ.
އެންމެން ބޯލިން ނިމިގެން ކައިރިތަނަކަށް ކާންވަނެވެ. މޫސައާއި ނާއިފްގެ މަޖާ ވާހަކަތައް އަޑުއަހަން އެންމެން ތިއްބެވެ.
“އާޔަން. ކިހިނެއްވެފަ ތީނީ؟ އާރ ޔޫ ސިކް؟” ކުއްލިއަކަށް މޫސަ އަހާލީ އާޔަން މާ މަޑުން އިނީމައެވެ. އާޔަން ބޯހޫރާލިއެވެ.
“ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟” ޒީނާވެސް އަހާލިއެވެ.
“ހަމަ ތިމީހުން ދައްކާވާހަކަ އަޑުއަހަން އިނީ. އެކަމު ދެން މިހާރު ވަރަށް ލަސްވާތީ މިދަނީ ދާން. އަރީވެސް އުޅޭނެ ނުނިދިގެން.” އާޔަން އެހެން ބުނަމުން ތެދުވިއެވެ. އަދި ނޫރާއާއި ދިމާއަށް ބަލައިލަމުން ގަދަކަމުން ހީލަމުން ނުކުމެގެން ދިޔައެވެ. އެންމެން ތިބީ ހުއްޓިފައެވެ. މާހައުލަށްވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. ސުވާލުން ފުރިފައިވާ މޫނުތަކެކެވެ.
“ނޫރާ…. ކަމެއްވެގެންތަ ތިދެމީހުން ތިއުޅެނީ؟” ލައި އަހާލިއެވެ.
“ނޫނޭ. އާޔަން ހަމަ ވަރަށް ވަރުބަލިވެގެން ނިދިއައިސްފަ ހުރީމަ އެދިޔައީ.” ނޫރާ ހަމަޖައްސާލުމުގެ ގޮތުން ބުނެލިއެވެ.
އެރޭ ގެއަށްގޮސް ނޫރާ ވަރަށް ވިސްނިއެވެ. އެގޮތަށް އާޔަންއާ ދުރުން އުޅުމުން އާޔަން ވާނެ ދެރަ ނޫރާ ހިތަށް އެރިއެވެ. ނަމަވެސް އެއީ އަދި ފެށުމެވެ. އާޔަންއާއި ވަރަށް ދުރަށް ނޫރާދާން ނޫރާ ނިންމިއެވެ. އާޔަންއަށް ނުފެންނަ ހިސާބަކަށް ނޫރާ ދާނީއެވެ. އެކަމަކު އެކަންވެސް ކުރެވެންއޮތީ ނޫރާ މަންމަ ރަގަޅުވީމައެވެ. ނޫރާގެ މަންމަ ރަގަޅުވުމުން މަންމަ ގޮވައިގެން އާޔަންއަށް ނުވެސް އިނގޭ ހިސާބަކަށް ނޫރާދާނީއެވެ. އޭރުން ޝައިލާއާ އަރީ ގޮވައިގެން ހަމަޖެހިލައިގެން އާޔަންއަށް އުޅެވޭނެއެވެ. ދެކޮޅަށް ދެކޮޅަށް ދުވެ މާބޮޑު ވިސްނުމެއް އާޔަންއަށް ވިސްނާކަށް ނުޖެހޭނެއެވެ. ފުރަތަމަކޮޅު ދެރަވިއަސް ފަހުން އެކަންތައް ހައްލުވެދާނެއެވެ. އެކިކަހަލަ ހިޔާލުގައި ނުނިދިފައި ނޫރާ އޮތެވެ.
އާޔަންވެސް އޮތީ އެފަދަ ހާލެއްގައެވެ. އާޔަން ވިސްނަމުންދަނީ ވޭތިވެދިޔަ ދެދުވަހު ނޫރާއަށް އައިސްފައިވާ ބަދަލާމެދުއެވެ. އެބަދަލު އަންނަން މެދުވެރިވީ ކީއްވެބާއެވެ. އަނެއްކާ ޝައިލާއާ ނޫރާއާ ދިމާވީބާއެވެ. އާޔަން ވިސްނާ ވިސްނާވެސް ނޭގުނެވެ. އެގޮތް މިގޮތަށް އުޅެނިކޮން އާޔަންއަށް ނިދުނީ ފަތިސްވާން އުޅެނިކޮންނެވެ. އާޔަންއަށް ނަމާދަށްވެސް ހޭނުލެވުނެވެ.
އާޔަންގެ ފޯނު ރިނގުވާއަޑަށް ހޭލެވުނުއިރު ގަޑިން ނުވައެއްޖަހާ ބޮޑުވެއްޖެއެވެ. އާޔަން ބަލައިލިއިރު ގުޅަނީ އާޔަންގެ މަންމައެވެ. އޭރު ނޫރާގެވެސް ދެ މިސްކޯލް އައިސްފައި ވެއެވެ. “ކީކޭ މަންމާ؟” ކުރެހިފައިވާ އަޑަކުން އާޔަން ބުންޏެވެ.
“ދަރިފުޅާ. އާދެބަލަ ހޮސްޕިޓަލަށް އަވަހަށް…. ސައީ…. ސައީ….” ޒޫނާއަށް ރޯންފެށުނެވެ. ބުނަން އުޅުނު އެއްޗެއް ނުވެސް ބުނެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



thankolheh avahah aneh bai genesdheefiyya varah ufaavane mihaaruves thin dhuvas vejje inthizaaru kuraatha mee varah reethi vaahakaeh thnks aasi
kihineh vee four days vee iru vaahaka nugenes dhevunee pls thankolheh avas koh dheefaanantha
mi vaahaka hazu keen araamagu.com in dhn dhivehi vaahaka site ga vx mivaahaka eba ulhey… faathu mivaahak ehkoh kiyan beynumiyyaa e dhe site balaaba