ވީމޭ އިންތިޒާރުގައި 22 ވަނަ ބައި
އެދުވަހު މަންމައައީ އިރުއޮއްސެން އުޅެނިކޮންނެވެ. އާޔަން ދާ ވާހަކަ ބުނުމުން ސައީދާވެސް ނުހަނު ދެރަވިއެވެ. އާޔަން ސައީދާއާއި ސަލާމް ކޮށްފައި ނޫރާއާއި ވަކިވެގެން ދިޔައީ ނޫރާގެ ހިތް ރޮށްވާފައެވެ.
އާޔަން އައުމާއިއެކު އަރީނާ އުފަލުން ފުމެން ފެށިއެވެ. އާޔަންއަށް ޝައިލާ ފެނުމުން ބަސް ހުއްޓުނެވެ. އެހާމަދު ދުވަސް ކޮޅެއްގެ ތެރޭ ޝައިލާގެ މޫނުމަތިވަނީ މުޅިން ބަދަލުވެފައެވެ. މޫނުމަތީވަނީ ކުދި ބިހިތަކެއް ނެގުމުގެ ސަބަބުން ހަންގަނޑުމުޅިން ރާޅުވެފައެވެ. ލޯކައިރި ކަޅުވަފައިވާއިރު މުޅިމީހާ ވަރަށް ބަލިވެފައި ވާކަން އިނގެއެވެ. ހާދަ ނިކަމެތި ވެއްޖެއެވެ. ޝައިލާގެ ހަށިގަނޑާދިމާއަށް އާޔަންއަށް ބަލައިލެވުނީ ދެރަވެފައި ހުރެއެވެ.
“ޝައިލާ؟” އާޔަންއަށް ގޮވާލެވުނީ ހަމްދަރުދީއާއެކުއެވެ. “ތިވަރުވެފަ ހުރިއިރު ކީއްވެތަ މަންމަ ބުނީމަ ޑޮކްޓަރަށް ދައްކަން ނުދިޔައީ؟” އާޔަންއަށް ބޭ އިހްތިޔާރުގައި ޝައިލާކައިރިއަށް އާދެވުނެވެ. އަދި ޝައިލާގެ އަތުގައިވެސް ހިފާލެވުނީ ބޭއިހުތިޔަރުގައެވެ.
“ޝައިލާ. ހިނގާ ޑޮކްޓަރަށް ދައްކަންދާން. ވަރަށް ބޮޑުވަރުވެފަނު ތިހިރީ. އަދި ތިވާގޮތެއްވެސް އިނގޭނީ އޭރުންނެއްނު.” އާޔަން ނުހަނު އޯގާތެރިކޮން ވާހަކަދައްކަން ފެށިއެވެ. ޝައިލާގެ ހިތަށް އުފާވެރިކަން ލިބިގެން ދިޔައީ ފުރަތަމަ ފަހަރަށް އާޔަން ޝައިލާގެ އަތުގައި ހިފާލުމުންނެވެ. އަދި އެހާ އޯގާތެރިކޮން ވާހަކަ ދެއްކުމުން އުފަލުން ޝައިލާގެ ލޮލުން ކަރުނަ ނިރާލާފައިވެއެވެ. އަނގަމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވެފައިވާ ޝައިލާގެ މޫނުގައި އާޔަންގެ ފިނިވެފައިވާ އަތް ބީހިގެން ދިޔައެވެ.
“ޝައިލާ. ދޭ އަވަހަށް ތައްޔާރުވެގެން އަންނަން. މިހާރު ޑޮކްޓަރަށް ދައްކަން ދާން.” އާޔަން ނުހަނު ލޯބިން ބުންޏޭވެ. ހުދު އާޔަންއަށްވެސް އެހާލޯބިން ޝައިލާއާއި ވާހަކަ ދެއްކޭތީ ހައިރާން ކަމެއް ލިބުނެވެ. އަނެއްކާ އޭނަ ޝައިލާދެކެ ލޯބިވަނީ ހެއްޔެވެ. އެހެންވިއަސް އެއީ މައްސަލައެއް ނޫނެއްނޫން ހެއްޔެވެ. އެއީވެސް އޭނާގެ އަންބެކެވެ. އެ އަނބިމީހާއަށްވެސް ލޯތްބާ އަޅާލުން ލިބެންވާނެ ނޫންހެއްޔެވެ. ޝައިލާ ރީތިވާން ދިއުމުން ތަފާތު ހިޔާލުތަކެއް އާޔަންގެ ހިތަށް ވަދެގެން ދާން ފެށިއެވެ.
“އާޔަން. ދަރިފުޅު އައީ ކޮންއިރަކު؟” ބޭރުން އައިސް ގެއަށް ވަން ޒޫނާ ބުންޏެވެ. އޭރު އަރީނާއާއިއެކު ސޯފާގައި އިށީނދެލައިގެން އާޔަން އިނެވެ.
“ދާދި ދެންމެ މިއައީ. މިހާރު މިއުޅެނީ ޝައިލާ ގޮވައިގެން ހޮސްޕިޓަލަށް ދާންވެގެން.” އާޔަން އެއިންގޮތަށް އިނދެ ބުންޏޭވެ.
“އާޔަންއަށް ފެނިއްޖެނު ޝައިލާއަށް ވެފައި ހުރިވަރު. މަންމަ ނުބުނާނަން އެއީ އާދައިގެ ބައްޔެކޭ. މަންމަ އާދޭސް ކޮށްކޮށްވެސް ޝައިލާ ޑޮކްޓަރަށް ދައްކާކަށް ނުދިޔައޭ. އެންމެފަހުން ޑޮކްޓަރު ގެންނަން މަންމަ އުޅުނީމަވެސް އެކަމަށްވެސް އިންކާރުކޮށްލައިގެން އޭނަ އެ ހުރީ.” ޒޫނާ އައިސް އާޔަންކައިރީ ސޯފާގައި އިށީނެވެ. “މަންމަ ބިރުން ހަލާކުވާވަރުވެފަ މިހުންނަނީ.”
އެވަގުތު ޝައިލާ ރީތިވެގެން އައެވެ. ޝައިލާހުރީ ކަޅު ހެދުމެއް ލައިގެން ނޫކުލައިގެ ބުރުގާއެއް އަޅައިގެންނެވެ. އެއީ އާޔަންއަށް އަންހެނުން ލުމަށް އެންމެ ކަމުދާ ޒާތުގެ ހެދުމެކެވެ. އާޔަންގެ ހިތުގައި ޝައިލާއަށް ޓަކައި އެވަގުތު ކުޑަ ގަދަރެއް އުފުލިގެން ދިޔައެވެ.
އާޔަން ޝައިލާ އާއި އެކު ހޮސްޕިޓަލަށް ދިޔައެވެ. އަދި ޑޮކްޓަރަށް ދެއްކުމުން އެތައް ބައިވަރު ޓެސްޓުތަކެއް ހަދަން ދިނެވެ. ބޭސް ދިނުމަށް ފަހު އިތުރު ފަރުވާއެއް ދޭން އިނގޭނީ ރިޕޯރޓް ލިބުނީމަ ކަމަށް ޑޮކްޓަރު އެންގިއެވެ. ރިޕޯރޓް ލިބޭނީ ދެދުވަސް ފަހުން ކަމަށް ވަނީ އަންގާފައެވެ.
އެދުވަހު ހޮސަޕިޓަލު ނިމިގެން ޝައިލާ ގޮވައިގެން އާޔަން ވަނީ އެތާކައިރީ ހުރި ހަތްތަރީގެ ރެސްޓޯރެންޓަކަށެވެ. އެއީ އާޔަންއާއި އެކު އެކަހަލަ ތަނަކަށް ޝައިލާއައި ފުރަތަމަ ފަހަރެވެ. އާޔަން އެތެރެއަށް ވަދެގެން ދިޔައީ ޝައިލާގެ އުނަގަނޑުގައި އަތްއަޅުވައިލައިގެންނެވެ. ހީވަނީ ޒަމާންވީ ދެލޯބިވެރިން ހެނެވެ.
“ކޯޗެއް ގެންނާނީ؟” އާޔަން ޝައިލާ ކައިރީ އަހާލީ މޭޒުކައިރިއަށް ވެއިޓަރ މެނޫ ހިފައިގެން އައުމުންނެވެ.
“ޝައިލާއަކަށް ނުވެސް އިނގޭ މި މެނޫގަ ލިޔެފަ މިހިރަ އެއްޗިހި މީ ކޮންކޮން އެއްޗެއްކަމެއްވެސް. މުޅިން އާ ނަންނަން މީގަ މިހިރީ.” ޝައިލާ ބުންޏެވެ. “އާޔަންއަށް ފެންނަ އެއްޗެއް ގެނައިމަ އޯކޭ ވާނެ.” ޝައިލާ ބުންޏެވެ.
އާޔަން އޯޑަރު ދިނުމަށްފަހު ޝައިލާއާއި ދިމާއަށް ބަލައިލިއެވެ. އަދި މޭޒުމަތީ ބާއްވާފައި އޮތް ޝައިލާގެ އަތުގައި އާޔަން ހިފާލިއެވެ.
“ޝައިލާ. އާޔަން އެބައޮތް ޝައިލާ ކައިރީ ވަރަށް މުހިންމު ވާހަކައެއް ބުނަންވެފަ. އެކަމަކު ކައިނިމިގެން ހަމަޖެހިލައިގެން ބުނާނަން އިނގޭ.” އާޔަން ޝައިލާގެ ލޮލަށް ބަލައިލިއެވެ. “އާޔަންއަށް މާފުކުރޭ ޝައިލާ. އާޔަން އަށް ޝައިލާއާއި ދޭތެރޭ މިވީހާތަނަށް ކަންތައް ކުރެވިފައި ވާގޮތުން ވަރަށް ދެރަވޭ.” އާޔަން ވަރަށް ދެރަވެފައި ބުންޏެވެ.
“އާޔަން…. ޝައިލާވެސް ވަރަށް ދެރަވޭ އާޔަން ޝައިލާއަށް އަންބެއްގެ މަގާމު ނުދޭތީ. އައި ރިއަލީ ލަވް ޔޫ އާޔަން.” ޝައިލާގެލޮލުން ކަރުނަ ނިރާލިތަން އާޔަންއަށް ފެނުނެވެ. “އާޔަން …. އާޔަން އަހަންނާ ދުރުން އުޅޭތީ އަރީނާއަށްވެސް އެކަމުގެ އަސަރު ކުރެޔޭ. އަރީނާ ވަރަށް ސުވާލުކުރޭ. ޑެޑީ ކީއްވެހޯ މަންމިދެކެ ރުޅި އަންނަނީ ބުނީ. އަހަރެން ބުނިން ޑެޑީ ރުޅިއެއް ނާދެޔޭ. އެކަމަކު އޭނައަށް އިހުސާސް ކުރެވޭތީތާ ބުނާނީ.” ޝައިލާ ބުންޏެވެ.
އެހެން ތިއްބާ ކާތަކެތި ގެނައެވެ. ޝައިިލާއަށް ވަރަށް ރަގަޅަށް ކެވުނެވެ. މީން ދުވަހަކު ނުކެވޭހާ ރަގަޅަށް ޝައިލާއަށް ކެވުނެވެ. ކައިނިމުމުން އާޔަން ވާހަކަދައްކަން ފެށިއެވެ. އޭރު ވައިޓަރު އައިސް މޭޒުމަތިން ތަށިތައް ގެންގޮސްފިއެވެ.
“ޝައިލާ. އަސްލު އާޔަން މިވާހަކަ ކުރިން ބުނަންޖެހޭނެ ކަންނޭގެ. އެކަމަކު ދެން ކުރިން ނުބުނެވުނީ ޝައިލާ ހިތްހަމަ ނުޖެހޭނެތީ. އެކަމަކު ކޮންމެސް ދުވަހަކުން މިވާހަކަ ޝައިލާއަށް އިގެންޖެހޭނެތީ މިބުނަނީ.” އާޔަން ޝައިލާގެ އަތުގައި ހިފާލިއެވެ. އާޔަންގެ އަތް ވަނީ ފިނިވެފައެވެ.
“އާޔަން އެހެން މީހެއްދެކެ ލޯބިވަނީ ދޯ.” ޝައިލާ އިނދެފައި ބުންޏެވެ. އާޔަން ޝައިލާގެ ލޮލަށް ބަލައިލިއެވެ. އެލޮލުގައި އެތަކެއް ޖަޒުބާތުތަށް ވެއެވެ.
“އަހަންނަށް އިނގޭ އާޔަން ކޮންމެސް މީހެއްދެކެ ލޯބިވާތީކަން ޝައިލާއާއި ތިހާ ދުރުން ތި އުޅެނީ. އައި އަންޑަރސްޓެންޑް އާޔަން.” ޝައިލާ ވާހަކަދެއްކީ މަޑުމައިތިރިކޮންނެވެ.
“ޝައިލާ. އާޔަންގެ ވައިފްއަކީ ހަމައެކަނި ޝައިލާއެއް ނޫން. އާޔަން ޝައިލާއާ މެރީކުރި އިރުވެސް އައި ވޯސް އޯލްރެޑީ މެރިޑް.” އާޔަން ޝައިލަގެ މޫނަށް ބަލަންއިނދެ ބުނެ ނިންމާލި ޖުމްލައިން ޝައިލާގެ މޫނަށް އެރި ކުލަތަކުން އާޔަންއަށް ދުރަށް ބަލައިލެވުނެވެ.
“ކީކޭ؟” ޝައިލާ އަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ. “އާޔަން…. ކާކާ މެރީ ކޮށްގެން އުޅެނީ؟ ކިހާދުވަހެއް ވެއްޖެ؟” ޝައިލާ އިނީ ގަބޫލު ކުރަން ދަތިވެފައެވެ.
“އެއީ… އެއީ…. ޔޫ ނޯ ހަރ.” އާޔަން އަށް ބުނަން އުނދަގޫވިއެވެ. ފަހަރެއްގައި އަދިވެސް ނޫރާދެކެ ޝައިލާ ރުޅި އަންނާނެހެން އާޔަންއަށް ހީވަނީއެވެ.
“ނޫރާތަ؟ އިޒް ދެޓް ނޫރާ؟” ޝައިލާއަށް މަޑުމަޑުން އަހާލެވުނެވެ. އެނޫން އަންހެން ކުއްޖެއް ޝައިލާގެ ހިތަކަށް އެވަގުތަކު ނުވަނެވެ. އާޔަން ބޯޖަހާލިވަގުތު ޝައިލާއަށް ހީވީ ދުނިޔެ މާބާރަށް އެނބުރެން ފެށިހެނެވެ.
“އާޔަން ނޫރާއާ މެރީކޮށްގެން އުޅޭތާ މިހާރު އެއްއަހަރާ ބައިވެއްޖެ. އާޔަންއަށް އެންމެކުރިން ޝައިލާގެ ދަރިއަކު ހުންނަވާހަކަވެސް އިނގުނީ ނޫރާގެ ފަރާތުން. އާޔަން ގަބޫލުކުރުމުގެ ކުރިން ނޫރާއަށް ގަބޫލުކުރެވުނު އަރީއަކީ އާޔަންގެ ދަރިއެއްކަންވެސް.” އާޔަން އިތުރަށް ކިޔައިދޭން ފެށިއެވެ.
“ނޫރާގެ ކިތައް ކުދިން ތިބޭ؟ ކޮންތާކު ނޫރާ އުޅެނީ؟” ޝައިލާ އިނީ ހާސްވާގޮތް ވެފައެވެ.
“ނޫރާގެ އަދި ކިޑްއެއް ނުހުރެ. އަދި ނޫރާ ކިޔަވާ ނިމުނީ އެހެންވެ ކިޑެއް ނުހޯދަން. ނޫރާ އުޅެނީ މެލޭޝިޔާގަ. އާޔަންއަށް މާފުކުރޭ. މިހުރިހާދުވަހު މިކަންތަށް ޝައިލާއަށް ސިއްރުކޮށްފައި ބޭއްވުނީތީ ވަރަށް ދެރަވޭ.” އާޔަން ހަގީގަތުގައިވެސް ވަނީ ހިތުގެ އަޑިން ދެރަވެފައެވެ. ޝައިލާއަށް މިކަންތައްތައް ކުރިން އިގެންޖެހޭނެކަން އާޔަންއަށް މިހާރު ގަބޫލުކުރެވެއެވެ.
“ނޫރާއަށް ހުރިހާކަމެއް އިނގޭ؟ އިނގިހުރެ އާޔަންއާ އިނދެގެން އެއުޅެނީ؟ ކޮންކަހަލަ އަންހެނެއް އެއީ؟ އަދިވެސް އޭނަ ހަމަ އެގޮތުގަ އެހުންނަނީ. އަހަރެން ހާދަ ގޯސްކޮންނޭ އޭނައާ ދޭތެރޭ ކަންތައް ކުރީ. އާޔަންއަށް އިނގޭތަ އަހަރެން އެހާ ނަފްރަތު ކުރި އަންހެނެއް މިދުނިޔެއަކު ނުހުންނާނެ. ހުދު އަހަރެންވެސް މިހާރު ލަދުގަނޭ އެކަމާ.” ޝައިިލާ އާޔަންއަށް ބަލަން އިނދެފައި އިސްޖަހާލީ ލޮލުގައި ކަރުނަތަށް ގިނަވުމުންނެވެ.
“ނޫރާއަކީ މާތް ކުއްޖެއް. ވަރަށް ރަގަޅު ބަސްމަދު ހަރުދަނާ ވަރަށް ސްމާރޓް ކުއްޖެއް. އަހަރެން އޭރު އޭނަދެކެ ރުޅިއަންނަނީ ހުރިހާކުދިން އޭނަޔާހެދި އުޅޭތީ. އެންމެން އުޅޭނީ އޭނަ ރަގަޅުވެގެން އޭނަ އެންމެ މޮޅުވެސް ވާނީ. އޭނަކުރާ ކޮންމެކަމެއް ކާމިޔާބުވާނެ. އެއީ ކިހާބޮޑު ހަސަދަވެރިކަމެއް. އަހަރެން އޭނަ ލަދުގަންނަވާލީ ކިތައްދުވަހު. އެތައް ކުދިންނެއް ކުރިމަތީ ފަލީހަތްކޮށްލިން. އެތަކެއް ގޯނާކުރިން. އެކަމަކު އޭނަ އެއްވެސް އެއްޗެއް އަހަންނާދިމާއަކަށް ނުބުނެ. ކޮންފަދަ މާތް ކުއްޖެއް އެއީ” ޝައިލާއަށް ރީއްޗަށްވެސް ރޮވުނެވެ.
“ޝައިލާ… ޕްލީސް ސްޓޮޕް ކްރައިން. ނޫރާ ހިތުގައި ޝައިލާއާއިމެދު އެއްވެސް ބުރަކަމެއް ނެތޭ. ތިވަރަށް ނުރޮއެބަލަ. މީހުންވެސް އެބަބަލާ.” އާޔަން ޓިޝޫއެއް ޝައިލާއަށް ދިއްކޮށްލަމުން ބުންޏޭވެ.
“އާޔަން… އެހެންވެޔޭ އަހަރެން ދެރަވަނީ. ނޫރާގެ ހިތުގައި އަހަންނާއިމެދު އެއްވެސް ބުރަކަމެއް ނުބާއްވާތީ. ކޮންފަދަ ރަގަޅު އިންސާނެއް އެއީ. އަހަރެން ތިދެމީހުން ދޭތެރެއަށް ވެއްދީ ކީއްކުރަން. ތިދެމީހުނަށް ކިހާ އުފަލުގައި އުޅެވުނީސް. އަހަރެންގެ ހާލަށް އަހަރެން ދޫކޮށްލިނަމަ. ކުރިން ބުނިނަމަ އާޔަން މީހަކާ އިނދެގެން އުޅޭވާހަކަ. އޭރުން އަހަރެން އާޔަންއާ ނީނީމުސް.” ޝައިލާގެ ލޮލުން އަދިވެސް ދިޔައީ ކަރުނަ އަންނަމުންނެވެ.
“އާޔަން ޝައިލާއާ އިނީ އަރީނާއަށް ޓަކާ. އަރީނާއަށް ބައްޕަގެ ލޯބި ދޭންވެގެން.” އާޔަންގެ ވާހަކަ ޝައިލާ މެދުކަނޑާލިއެވެ.
“އަހަންނާ ނިނދެވެސް އާޔަންއަށް އަރީނާއަށް ބައްޕައެއްގެ ލޯބި ދެވުނީހެއްނު. އަހަރެން އާޔަންއާ އިނދެގެން އުޅުމެކޭ ނީނދެ އުޅުމެކޭ ތަފާތެެއް ކޮބައިތަ. އަހަރެންގައިގަ އާޔަން ބީހިލީވެސް މިއަދު. އާޔަންއަށް އިގޭތަ އެވަގުތު އަހަރެން އުފާވިވަރު.” ޝައިލާއަށް އަނެއްކާވެސް ރޮވެން ފެށިއެވެ.
“ދެން އެހެނެއް ނުވާނެ. އިރާދަކުރެއްވިއްޔާ ޝައިލާގެ ބަލި ރަގަޅުވީމަ ޝައިލާ ބޭނުންވެގެން ތިއުޅޭ ހުރިހާކަމެއް އާޔަން ކޮށްދޭނަން. ޓްރަސްޓްމީ ޝައިލާ.” އާޔަން ޝައިލާގެ އަތުގައި ފިރުމާލިއެވެ. އިރުގަޑަކު އެތާތިބުމަށްފަހު ބިލްދެއްކުމަށްފަހު އެމީހުނަށް ގެއަށް ދެވުނީ ވަރަށް ލަސްވިފަހުންނެވެ. އޭރު އަރީނާވެސް ވީ ޓިއުޝަނަށް ގޮހެވެ.
އެރޭ އާޔަން އަރީނާއާއި އެކު ވަގުތު ހޭދަކުރުމަށްފަހު ޝައިލާއާއި ވާހަކަދައަކަން އިރުކޮޅަކު އިނެވެ. ޝައިލާއައިސް އާޔަންގެ މޭގައި ބޯއަޅާލުމުންވެސް އާޔަން މިއަދު ދުރަކަށްވެސް ނުދިޔައެވެ. އާޔަންހުރީ ޝައިލާއަށް އާޔަންއަސް ވެވުނު ވަރަކަުން ލޯބިދޭން ތައްޔާރަށެވެ.
ދެދުވަސް ފަހުން އަނެއްކާވެސް ޝައިލާގޮވައިގެން އާޔަން ހޮސްޕިޓަލަށް ދިޔައެވެ. އަދިވެސް ޝައިލާ ރަގަޅުވާއަތަކަށް ނުޖަހައެވެ. އެއީ ރިޕޯޓުތަށްވެސް ލިބެދުވަހެވެ. އާޔަން ޝައިލާއާއި އެކު ޑޮކްޓަރާއި ބައްދަލު ކުރަން ވަނުމުން ޑޮކްޓަރ އެންމެކުރިންވެސް ބޭނުންވީ އާރޖެންޓްކޮން އާޔަންގެ ޓެސްޓެއް ހަދާށެވެ. ކިހިނެއްވެގެން ކަމެއް ޑޮކްޓަރެއް ނުބުނެވެ.
ވަގުތުން ޓެސްޓުހަދާ ރިޕޯރޓް ލިބުމުން ޑޮކްޓަރ ވަހަކަ ދައްކަން ފެށީ ވަރަށްވެސް މަޑުމައިތިރި ކަމާއެކުއެވެ.
ޑޮކްޓަރު ބުނިއެއްޗެއް ގަބޫލުނުކުރެވިގެން އެތަކެއް ފަހަރު އާޔަން އެސުވާލު ޑޯކްޓަރާ ކުރިއެވެ. އަދި އެތަކެއް ފަހަރު ރިޕޯރޓުތައް ބެލިއެވެ. ޝައިލާއަށް އެވާހަކަ އަޑުއިވުމުން ގަނޑުވެފައި އިނދެވުނީއެވެ. އެތަކެއްއިރު ގަނޑުވެފައި އިނދެވުނެވެ. އާޔަންއާއި ޝައިލާ ގެއަށް އައިއިރު މޫނުމަތިން ފެންނަން ހުރީ މާޔޫސްކަމެވެ. ޝައިލާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައީ ހުއްޓުމެއް ނެތިއެވެ. އެމަންޒަރު ފެނި ޒޫނާގެ ހިތަށް އެތަކެއް ސުވާލު އަރާފައިބަމުން ދިޔައެވެ.
“ކިހިނެއްވީތަ؟ ކީކޭތަ ޑޮކްޓަރު ބުނީ؟” ޒޫނާ ހުރީ ކެތްމަދުވެފައެވެ.
އާޔަން އެއްފަހަރު ޝައިލާއަށް ބަލައިލާފައި ޒޫނާއަށް ބަލަިއލައެވެ. އާޔަން ހުރީ ދެހިޔާލެއްގައެވެ. މަންމައަށް ސިއްރުކުރަންވީ ބާއެވެ. ނޫނީ ބުނަންވީބާއެވެ. ކޮންމެގޮތެއް ވިއަސް އާއިލާ މީހުނަށް އިނގެން ޖެހޭނެތާއޭ އާޔަން ހިތަށް އަރަމުން ދިޔައެވެ.
“މަންމާ…. މަންމާ…. ޝައިލާއަށް ހުރީ އެއިޑްސް ޖެހިފަ. އެޗްއައިވީ ވައިރަސް ހަށިގަނޑުގައި އުޅޭތާ އެތަކެއް ދުވަސްވެފައިވާކަމަށް ޑޮކްޓަރ ބުނަނީ.” އާޔަން ޒޫނާއާއި ދިމާއަށް މާޔޫސްވެފައިހުރެ ބުންޏެވެ. ޝައިލާ ސޯފާމައްޗަށް ވެއްޓިގަތެވެ. އަދި މޫނުގައި އަތްއަޅާ ރޯންފެށިއެވެ. ޒޫނާ ޝައިލާ ކައިރީ އިށީނދެ ޝައިލާގެ ބުރަކަށީގައި ފިރުމަން ފެށިއެވެ.
“އާޔަން. ދަރިފުޅު ޓެސްޓު ކުރިންތަ؟” ޒޫނާގެ ހިތަށް ބިރުވެރިކަން ވަދެގެން ދިއުމުން ޒޫނާ އަހާލިއެވެ.
“އާން މަންމާ. މާޝާﷲ އާޔަންގެ ނެތް….. މާތްﷲ އާޔަން މިބަލިން ސަލާމަތް ކުރައްވައިފި މަންމާ. އަރީވެސް ޓެސްޓު ހަދަން ޖެހޭނެކަމަށް ޑޮކްޓަރ ބުނީ.” އާޔަން ސޯފާގައި އިށީންނަމުން ބުންޏޭވެ. ޒޫނާއަށް ހަމްދުއަޅާލެވުނެވެ. އެފަދަ ބޮޑު ބައްޔަކުން އޭނާގެ ދަރިފުޅު ސަލާމަތް ކުރެއްވީތީއެވެ. ކޮންފަދަ ބޮޑުނަސީބެއް ހެއްޔެވެ. އެހެންނޫންނަމަ ނޫރާއާއި ހަމައަށްވެސް ބަލި ފެތުރިގެން ހިގައިދިޔައީހެވެ.
“ޝައިލާ މަންމަމެން ކައިރީވެސް ބުނަން ވާނެނު.” ޒޫނާ އެހެން ބުނުމުން ޝައިލާއަށް ތެޅިގަނެވުނެވެ.
“ނޫން ނޫން. މަންމަމެނަށް އަންގާނެ ކަމެއްނެތް. ކޮންމެފަހަރަކު އަހަރެންގެ ސަބަބުން މަންމަމެނަށް ހިތްދަތިކަން ނޫންކަމެއް ނުލިބޭ. އާޔަންވެސް އަދި މަންމަވެސް އަހަރެންގެ ފެމިލީ އެކަކު ކައިރީވެސް އަހަރެންގެ ބަލީގެ ވާހަކަ ނުބުނާތި. އެއީ އަހަރެން އެދޭގޮތަކީ.” ޝައިލާ ރޮމުން ރޮމުން ވާހަކަ ދައްކަމުން ގެންދިޔައެވެ.
އެރޭ އަރީނާ ނިދުމުން އާޔަން ޝައިލާ ކޮޓަރިއަށް ފުރަތަމަ ފަހަރަށް ވަނެވެ. އޭރު ޝައިލާ އެނދުގެ ބޯލާކޮޅުގައި ލެނގިލައިގެން އިށީނދެގެން އިނީ ފުންވިސްނުމެއްގައެވެ. އާޔަންވަނުމުން ޝައިލާ ކުޑަކޮން ތެދުވެލިއެވެ. އާޔަން އަތުގެ އިޝާރާތުން ނުތެދުވުމަށް ބުންޏެވެ. އާޔަންއައިސް ޝައިލާކައިރީ އެނދުގައި އިށީނެވެ. ޝައިލާގެ ތެމިފައިވާ އެސްފިޔަތަށް ފެނުމުން ޝައިލާ ދާދިދެންމެވެސް ރޮއެފަ ހުރިކަން އިނގެއެވެ.
“ޝައިލާ. ދެންމާބޮޑަށް ނުވިސްނާ. ވިސްނާވަރަކަށް ހައްތަހާ ދެރަވާނީ. އޭރުން ބަލި ބޮޑުވާނީ.” އާޔަން ޝައިލާގެ އަތުގައި ހިފާލިއެވެ.
“އާޔަން. އާޔަންއަކަށް ނޭގޭނެ އަހަރެން އުޅުނުގޮތެއް. އަހަރެން މީ ހަށިވިއްކަމުން އައި މީހެއް. އަހަރެން އަރީނާ ބަލަން ލާރިހޯދަނީ އެމުޑުދާރު އަމަލުކޮށްގެން. އަހަރެންގެ މަންމަ އަހަންނަށް ނަސޭހަތްދިން ވަޒީފާއަށް ދިއުމަށް. ނުލަހިކު ރަގަޅު ވަޒީފާއެއްވެސް އަހަންނަށް ލިބުން. އެކަމަކު އަހަރެން އޭރު ބޭނުންވީ އެންމެ ގިނަލާރި ލިބޭނެގޮތެއް. އޭރު އަހަރެންގެ ވިސްނުން އެހެން ނައިނަމަ ކިހާރަގަޅުވީސް.” ޝައިލާއަށް އަނެއްކާވެސް ރޯންފެށުނެވެ. އާޔަންއަށް ޝައިލާ ރޯތަން ފެނުމުން ހިތަށް ވަރަށް އަސަރުކުރިކުރިއެވެ. އާޔަން ޝައިލާއާއި ކައިރިވެލާފައި ޝައިލާގެނެސް އާޔަންގެ މޭގައި ޖައްސާލިއެވެ. އެފަދަ ލޮބުވެތި ގޮތަކަށް އާޔަން އުޅެން ފެށުމުން އިތުރަށް ޝައިލާއަށް ރޮވެން ފެށިއެވެ.
“އާޔަން. އާޔަން އަހަންނަށް ތިގޮތަށް ދެން ލޯބިދޭން އުޅޭނެކަމެއްނެތް. އަހަންނާ އާޔަންކައިރިނުވީ އެއީ އާޔަންގެ ނަސީބު. މާތްﷲ ތިވަނީ އާޔަން ސަލާމަތްކޮށްފަ. ތިފަދަ މާތް ރަގަޅު މީހުންނަށް އަބަދުވެސް އެކަލާނގެ ހެޔޮއެދޭނެ. އަހަރެން ކޮށްފައިވާ ފާފަތަކުގެ އަޒާބު މިހަރު ދުނިޔެމަތީގައިވެސް ދައްކަވަމުން އެދަނީ.” ޝައިލާ ރޮމުން ގެންދިޔައެވެ. އާޔަންގެ ޓީޝާރޓް ތެމެމުން ދިޔައެވެ.
ޝައިލާ. ދެން އޮތީ މާތްﷲއަށް ދުޢާކުރުން. ދެން ތިގޮތަށް ރުއިމަކުން އެއްވެސް ހައްލެއް ނުފެންނާނެ. ކެތްތެރިވާންވާނެ.” އާޔަން ޝައިލާގެ ބުރަކަށީ ފިރުމާލަމުން ވާހަކަ ދައްކަމުން ދިޔައީ ނުހަނު އޯގާތެރިކަމާއެކުއެވެ.
އާޔަން ޝައިލާއަސް ލޯބިދެމުން ދިޔައެވެ. ޝައިލާއަށް އަޅާލަމުން ދިޔައެވެ. އަރީނާއަށް އެމަންޒަރު ފެނުމުން އަރީނާވެސް ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައެވެ. ޑެޑީގެ އަޅާލުން މަންމިއަށް ލިބޭތީ އަރީނާ އުފާވެއެވެ. އަރީނާގެ އުމުރުން މިހާރު ހަ އަހަރުވެ ހަތް އަހަރަށް މިއޮތީ އަޅާފައެވެ. އެހެންކަމަުން މިހާރު އޭނައަށްވެސް ކޮންމެސްވަރަކަށް ވިސްނޭނެ ނޫންހެއްޔެވެ.
އެގޮތުގައި ދުވަސްތަށް ފާއިތުވަމުން ދެއެވެ. ޝައިލާގެ ބަލިހާލަތު ބައެއް ފަހަރު ވަރަށް ބޮޑުވެއެވެ. އަނެއްބައިފަހަރު އާދައިގެ ގޮތެކެވެ. ހުރިހާ އިރަކުވެސް އާޔަންގެ އަޅާލުން ލިބެމުންދިޔައެވެ. ޒޫނާވެސް އެހާ ހެޔޮވެފައި އަޅާލައެވެ.
“އާޔަން. އަހަރެން ބޭނުން ނޫރާއާ ބައްދަލުކޮށްލަން. އެންމެ ފަހަރަކު އަހަންނަށް އެކަންތަށް ކޮށްދީ.” އަރީނާ ކޮޓަރީގައި އަރީނާ ނިދާތާއިން ޝައިލާ އެހެން ބުނުމުން އެނދުގައި އަރީނާ ނިދަންދެން އޮށޯވެލައިގެން އޮތް އާޔަން ތެދުވިއެވެ. އަރީނާގެ ގައިމަތީ އޮތް ބޯރަޖާގަނޑު ރަގަޅުކޮށްލިއެވެ.
“އެއީ ކީއްކުރަން. ޝައިލާ ކީއްވެ ނޫރާއާ ބައްދަލުކުރަން ތިއުޅެނީ؟” އާޔަން ކުޑަކޮން ހިތްހަމަ ނުޖެހޭގޮތްވިއެވެ. އެދެމީހުން ދިމާވާކަށް އާޔަން ބޭނުމެއް ނުވެއެވެ.
“އެއީ ޝައިލާ ނޫރާގެ ކިބައިން މާފަށް އެދެންވެގެން. އެއީ ނޫރާގެ ރަގަޅުކަމުން ނޫރާއަށް އެކަން އަންގަންވެގެން. އަދި އަހަރެން ގައިމުވެސް މާގިނަދުވަހަކު ދުނިޔޭގައި ނުހުންނާނެތީ އަހަރެންގެ ދަރިފުޅު ރަގަޅަށް ބަލައިދޭށޭ ބުނަންވެގެން. އަހަންނަށް އިނގޭ އަހަރެންދުނިޔެ ދޫކުރުމުން އާޔަން އަރީނާ ގޮވައިގެން އެއްކޮން ނޫރާކައިރިއަށް ބަދަލުވާނެކަން. އެހެންވެ އަހަރެން ނޫރާއާއި ބައްދަލުކުރަން ބޭނުންވަނީ.” ޝައިލާ ވަރަށް އަސަރާއިއެކު ވާހަކަދެއްކިއެވެ.
މިފަހަރު އާޔަންވެސް ދެކޮޅުހަދާކަށް ގަސްތެއްނުކުރިއެވެ. މާފަށް އެދޭވާހަކަ ބުނުމުން އާޔަންވެސް ހުރީ ޝައިލާގޮވައިގެން ނޫރާކައިރީއަށް ދާން ބޭނުންވެފައެވެ.
* * * * * * * * * *
ޒީނާއާއި ނާއިފް އާއި ލައިގެ ގުރެޖުއޭޝަނަށް އެންމެން މެލޭޝިއާއަށް އައިއިރު މޫސަގެ ފެމިލީއާއި ލައިގެ މަންމައާއި ކޮއްކޮވެސް މެލޭޝިޔާއަށް އައެވެ. ނޫރާގެ އެދުމުގެ މަތިން އެންމެން ތިބެނީ ނޫރާމެންގޭގައެވެ. އެމީހުން އެހެންނޫނީ ޖެހޭނީ ތަނެއް ހިފާށެވެ.
މުޅިގޭތެރެއަށް ވަނީ ހަލަބޮލިކަން އައިސްފައެވެ. އެންމެން އެއްފަހަރާ ވާހަކަދައްކަމުން ދެއެވެ. ލައިގެ މަންމަ ޝާއިރާ އާއި މޫސަގެ މަންމަ ޖަމީލާ ސޯފާގައި ތިބެ މަޖާވާހަކަ ދައްކަމުން ދިޔައިރު ސައީދާވެސް އެތާއިނެވެ. ޖަމީލާއާއި ޝައިރާގެ ވާހަކަމަޖާވެފައި ސައީދާވެސް އަޑުއަހަންއިނެވެ. މޫސަގެ ބައްޕަ އަބދުއް ސަމަދު ތަންކޮޅެއް ދުރުގައި މަޖައްލާއެއް ހިފައިގެން އިނެވެ. ދެންތިބި ޒުވާން ގުރޫޕު އުޅެނީ ޕޫލަށް އެރިލަން ތައްޔާރުވުމުގައެވެ. ނޫރާވެސް އެމީހުނާއެކު މަޖާނަގަން ހުއްޓެވެ. އާޔަންމަތިން ނޫރާ ކިތަންމެ ހަދާންވި ނަމަވެސް ކެތްތެރި ކަމާއެކު ވަގުތު ހޭދަކުރަމުން ދެއެވެ.
ޖެހިގެން އައި ދުވަހު ހުރިހާ ޒުވާނުން ދިޔައީ މިޑް ސަމަރ އަށް ކާށެވެ. ޒީނާއާއި ނާއިފްއެވެ. މޫސައާއި ލައި އެވެ. ދެންހުރީ ލައިގެ ކޮށްކޮ މައިޝާއާއި ނޫރާއެވެ. އެންމެން ކައިނިމިގެން ނިކުތްވަގުތު ފެނުނު މަންޒަރުން އެންމެނަށްވެސް ހުއްޓުންއެރިއެވެ. ތަންކޮޅެއް ދުރުގައި ޝައިލާ އާއި އަރީ ފޮޓޯއަކަށް ހުއްޓިލައިގެން ތިބިއިރު އާޔަން އެމީހުންގެ ފޮޓޯ ނަގަނީއެވެ. އާޔަން މެލޭޝިއާއަށް އައިވާހަކަ ނޫރާ ކައިރީ ނުވެސް ބުނެއެވެ. ނޫރާއަށް ހައިރާންކަން ލިބުނީ އެހެންވެއެވެ.
“ހިނގާ ކާން. މިހާރު ފޮޓޯ ނެގިއްޖެނު.” އާޔަން އެހެން ބުނެ އަރީނާ އަތުގަ ހިފާލަމުން ޝައިލާގެ ކޮނޑުމަތީ އަތްބާއްވާލައިގެން ހިގައިގަތެވެ. އެގޮތަށް ދާއިރު ހީވަނީ ވަރަށް ލޯބިން އުޅޭ އާއިލާއެއް ހެނެވެ. އެމަންޒަރު ބަލަން ދުރުގައި ހުރި ނޫރާގެ ހިތަށް އެތަކެއް އަސަރުތަށް ކުރުވިއެވެ. އާޔަން ޝައިލާދެކެ ލޯބިނުވާކަމުގައި އާޔަން ބުންޏަސް ފެނިގެން އެދާ މަންޒަރުން ނޫރާއަށް އެތަށް ވާހަކައެއް ކިޔައިދީފިއެވެ. ކިތަންމެ ލޯބިނުވާން ހުއްޓަސް އާޔަންގެ ދަރިފުޅުގެ މަންމައަކީ ޝައިލާއެވެ. އެހެންކަމުން ކޮންމެސްކަހަލަ ކުލުނެއް އުފެދި ލޯބިވެސް ވެވޭނެ ނޫންހެއްޔެވެ. އާޔަންމެން ނޫރާމެނާ ކައިރިން ލާފައި ދިޔައިރުވެސް އެމީހުނަށް ނޫރާމެން ނުފެނެއެވެ. މޫސަވެސް ހުރީ ހައިރާން ވެފައެވެ. ފެނުނު މަންޒަރު ގަބޫލު ކުރަން ބޭނުން ނުވެފައެވެ.
“އެއީ ހަގީގަތެއް ނޫން. ހީ ހޭޓްސް ހަރ.” މޫސައަށް ބުނެވުނެވުނެވެ. ނޫރާ މޫސައާއި ދިމާއަށް ބަލައިލިއެވެ. އެންމެނަށްވެސް ތިބީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. އާޔަންވަނީ ޝައިލާއަށް އެއިޑްސް ޖެހިފައިވާ ވާހަކަ އެންމެނަށް ސިއްރުކޮށްފައެވެ. ނޫރާކައިރީވެސް އެވާހަކައެއް ނުބުނެއެވެ. ހަމައެކަނި ޝައިލާ ބަލިވާހަކަ ނޫރާކައިރީ ބުނެފައިވިއަސް އެއީ ކިހާވަރެއްގެ ބައްޔެއް ކަމެއްވެސް ނޫރާއަކަށް ނޭގެއެވެ. އެތަނުން އެންމެން ދިޔައީ ނޫރާމެންގެއަށެވެ.
“އެކަމަކު ކީއްވެބާ އެހާ ކްލޯސްކޮން އެއުޅެނީ؟ މޫސަ ހަމަ މި އިންނަނީ ގަބޫލު ނުކުރެވިފަ.” ނޫރާމެންގޭ ސޯފަގައިތިބެ އެންމެން ވާހަކަދައްކަމުން ދިޔައީ އެކަމާ ބެހޭގޮތުންނެވެ.
“އެއީވެސް އާޔަންގެ ވައިފްއެކޭ. ދެން އެއްކޮން އަބަދު އުޅެންޏާ ކޮންމެސް ކަހަލަ ލޯތްބެއް އުފެދޭނެނު.” ނާއިފް ބުންޏެވެ.
ނޫރާ އަދިވެސް އިނީ އާޔަން މެލޭޝިޔާގައި އުޅޭވާހަކަ ނޫރާކައިރީ ނުބުނީތީ ދެރަވެފައެވެ. އެރޭ އެންމެން ކައިނިމިގެން ބޮޑެތި މީހުން ކޮޓަރިއަށް ވަނީ މާއަވަހަށެވެ. އެމީހުން ކޮޓަރިއަށް ވަނުމުން އަނެއްކާވެސް އާޔަންގެވާހަކަ އެންމެން އެންމެނަށް ދައްކަން ފެށިއެވެ. ދޮރުގެ ރަގަބީލުވުމުން ކަކުތޯބަލަން އެގޭ ނޯކަރަކު ދިޔައެވެ. އެތެރޭގައި އިންނަ ޓީވީއަކުން ބޭރު ދޮރުކަައިރީ ހުންނަމީހާ ހުންނަނީ ފެންނާށެވެ. އެނޯކަރު ކުއްޖާއައިސް ނޫރާކައިރީ އައީ އާޔަން ކަމުގައި ބުނުމުން ނޫރާ އަވަހަށް ނުކުމެ ދޮރު ހުޅުވިއެވެ. އާޔަން ކުޑަ ދަބަހެއް ކޮނޑުގައި އަޅުވައިގެން ހުއްޓެވެ. ނޫރާ ފެނުމުން އައިސް ނޫރާއުފުލާލިއެވެ. ނޫރާ ފެނުމުން އާޔަންއަށް ބުނަންވެސް ނޭގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ނޫރާގެ ނިތްކުރިއަށް އާޔަން ބޮސްދެމުން ނޫރާގެ އުނަގަނޑުގައި ހިފާލައިގެން އެތެރެއަށް ވަންއިރު މޫސައާއި އެންމެން ތިބުމުން އާޔަންއަށް ހައިރާން ކަމެއް ލިބިގެން ދިޔައެވެ.
“އާޔަން ރަގަޅު އިނގޭ. މެލޭގަ އުޅޭ ވާހަކައެއް ނުވެސް ބުނަމެއްނު.” މޫސަ ތެދުވެ އާޔަންއާ ސަލާމްކޮށްލަމުން ބުންޏެވެ.
“އާޔަން މިއަދު އަދި މި އައީ. އަރީ އަންނަން ވެގެން އުޅޭތީ އަރީއާ ޝައިލާވެސް ގޮވައިގެން އަންނަން ޖެހުނީ. އެހެންވީމަ އެމީހުން ކައިރިން ސަލާމަތްވެވުނީ ދެންމެ. އާޔަން ނޫރާ ކައިރީ ނުބުނީ ނޫރާއަށް ސަރޕްރައިސްއެއް ދޭންވެގެން. އާޔަން ނޫރާ ކައިރިއަށް ނާދެވިގެން އާޔަން ކެތްކޮށްލައިގެން ހުންނަތާ ކޮން އިރެއް މިހާރު.” އާޔަން އައިސް އިށީންނަމުން ބުންޏެވެ.
“ސަރޕްރައިސް އެއް ނުދެވުނެއްނު. މިއަދު މެންދުރު އާޔަންގެ ފެމިލީ ސަމިޓަށް ވަންނަނިކޮން މޫސަމެން އެންމެނަށް ފެނުން. ނޫރާއަށްވެސް ފެނުން. ނޫރާހުރީ ނުލާހިކު ދެރަވެފަ އާޔަން އައިސް އުޅޭވާހަކަ ނުބުނީމަ.” މޫސަ ބުންޏެވެ. އާޔަން ނޫރާއަށް ބަލައިލިއެވެ. އާޔަން ހީކޮށްގެން ހުރިގޮތެއް ނުވިއެވެ. ނޫރާއަށް މިއޮތީ މާކުރިން އާޔަން އައިކަން އިނގިފައެވެ.
“ހާދަ ދެރަގޮތެކޭ ތިވީ. ޕްލޭން މުޅިން ފްލޮޕްވީނު.” އާޔަން ނޫރާއަށް އެއްލޯމަރާލިއެވެ. މޫސަމެންނާއި ވާހަކަ ދައްކަން އާޔަންއާއި ނޫރާ އެތައް ދަމެއް ވަންދެން ތިއްބެވެ. އެމީހުން ކޮޓަރިއަށް ދިއުމުން އާޔަން އާއި ނޫރާވެސް މާގިނައިރެއް ނުކޮށް ކޮޓަރިއަށް ދިޔައެވެ.
ނޫރާ ކޮޓަރިއަށް ވަނުމުން އާޔަން ނޫރާފަހަތުން އައިސްް ނޫރާގެ ގައިގައި ބައްދާލިއެވެ. އެހާދުވަހަށްފަހު ނޫރާކައިރިއަށް އާދެވުމުން އާޔަން ހުރީ ކެތްތެރިކަން ކޮޅުންލާފައެވެ. އާޔަން އެތެރޭން ލޯބީގެ ޖަޒުބާތުތަށް އުތުރި އަރަމުން ދެއެވެ. އާޔަންއާއި ދިމާއަށް ނޫރާ އަނބުރާލިއެވެ. އަދި ނޫރާގެ މޫނާ މޫން ކައިރި ކޮށްލުމަށްފަހު ނޫރަގެ މޫނުގައި ބޮސްދޭން ފެށިއެވެ. އެވަގުތު ނޫރާގެ މުޅިގަޔަށް ކަރަންޓު އައިކަހަލައެވެ. ގައިން ހީބިހި ނަގައިގެން ދިޔައެވެ. އާޔަން ލައިގެން ހުރި ޓީޝާރޓް ބާލާ އެނދުމަތީ ބޭއްވިއެވެ. އަދި ލަދުން ހުރި ނޫރާއަތުގައި ހިފާ އާޔަން ކައިރިއަށް ދަމާލިއެވެ. މަޑުމަޑުން އާޔަންގެ ނޭވާ ނޫރާގެ މޫނަށް އެޅެން ފެށިއެވެ. ނޫރާއަށް ލޯމަރާލެވުނެވެ. އާޔަން ނޫރާގެ ތުންފަތަށް ބޮސްދިނެވެ. ދެމީހުންގެ ހިތް އަވަސްވަމުންދިޔައެވެ. ޖަޒުބާތުތަށް ހޫނުވަމުން ދިޔައެވެ. އެންމެފަހުން މުޅި ކޮޓަރިތެރެއަށް ލޯބީގެ ޒަލްޒަލާއެއް އައެވެ. އެވަގުތުކޮޅު ވޭތުވެގެން ދިޔައިރު ވަނީ ފަތިސްވެފައެވެ. އެހެންކަމުން ދެމީހުން ފެންވަރައިގެން އައިސް ނަމާދުކޮށްލިއެވެ. ނަމާދުން ނިމުމާއިއެކު އަނެއްކާވެސް ދެމީހުންގެ ލޯބީގެ ވަގުތުކޮޅެއް ވޭތިވެގެން ގޮސް ނިދުނުއިރު އާދުވަހަކަށް އިރުއަރައިފިއެވެ.
ނޫރާއަށް ހޭލެވުނީ ދިހައެއްވެސް ޖަހާބޮޑުވިފަހުންނެވެ. ނޫރާ ހޭލައިގެން ކައިރީގައި ނިދާފައި އޮތް އާޔަންއަށް ބަލަން އޮތެވެ. އެތަކެއް ހިޔާލުތަކެއް ނޫރާގެ ހިތަށް ވެރިވެގެން ދިޔައެވެ. ޝައިލާއާއި އާޔަން ވަރަށް އެއްކޮން އުޅޭހެން ނޫރާއަށް އިހުސާސް ކުރެވުނެވެ. އަނެއްކާ ޝައިލާދެކެ އާޔަން ލޯބިވަނީ ބާއެވެ. އެހެންވިއަޔާ ނޫރާ އެދޭތެރޭ ފާރަކަށް ވެފައި ހުންނާކަށް ނުވާނެއެވެ. ކޮންމެވެސް ގޮތަކުން އާޔަންކައިރިން ދުރަށް ދާންވީއެވެ. އާޔަން ކިތަންމެ ލޯބިވީކަމުގައި ވިއަސް ޝައިލާއަށް ނޫރާއަކީ އާޔަންގެ އަނބެއްކަން އެގިްޖެއްޔާ ޝައިލާއާއި އަރީނާއަށް އުފަލެއް ނުލިބޭނެއެވެ. އޭރުން މައްސަލަޖެހި އާޔަންއާއި އެމީހުން ދުރުވެދާނެއެވެ. އޭރުން އާޔަން ކިހާދެރަވާނެ ހެއްޔެވެ. ތަފާތު ހިޔާލުތަކުގައި އޮއްވައި އާޔަން މޯޅިއަކަށް ދެމިލަމުން އެއްލޯ ހުޅުވާލާ ނޫރާއަށް ބަލައިލިއެވެ. އާޔަން ނޫރާގެނެސް އާޔަންގެ ގައިމަތީ ބޭއްވިއެވެ.
“ނޫރާ. ނޫރާއަށް އިނގޭތަ އާޔަން މިހާރު ވިސްނަމުންދާކަމެއް.” އާޔަން އަދިވެސް ބޮޑށް ނޫރާ ގައިގައި ބައްދާލިއެވެ. އާޔަންމެން މިއުޅެނީ މާލޭގަ ކޮމްޕެނީއެއް ހުޅުވަންވެގެން. ބަލިކުދިންނަށް އެހީވާކޮންޕެނީއެއް. ނޫރާގެ ނަމުގަ އެތަން ހުޅުވާނީވެސް. ޑެޑް މިހާރު ދަނީ އެތަން ހުޅުވުމުގެ ހުރިހާކަމެއް ކުރަމުން. ދެން އޮތީ ތަނެއް ހޯދުން. މޫސަބުނި މޫސަ ބައްޕައާ ވާހަކަ ދައްކާލުމަށް. ފަހަރެއްގައި މޫސަމެންގެ ގެ އާޔަންމެން ހަދައިދީފިއްޔާ މޫސަ ބައްޕަ ދީފާނެޔޯ އާޔަންމެނަށް އެގެއިން ދެތިން ބުރި. އޭރުން އެތާ އޮފީސް ހެދޭނެ.” އާޔަން ބުންޏެވެ.
“ނޫރާގެ ނަމުގަ ކީއްވެ. އަރީނާގެ ނަމުގަ ހަދަން ވީނު؟” ނޫރާއަށް ނޫރާގެ ނަމުގައޭ ބުނުމުން ހިތްހަމައެއް ނުޖެހުނެވެ.
“އަރީގެ ނަންމައްޗަށް މިހާރު އެހެރީ ކެނަޑާގެ އެންމެބޮޑު ކާރު ކުންފުނި ގެނެސްފަ. އެހެންވެ ދެން ކީއްކުރަން އަރީނާގެ ނަން ޔޫސް ކުރަނީ. ޑެޑް ނޫރާދެކެ ވަރަށް ލޯބިވާނެ. ޑެޑްގެ ތިންވަނަ ޑޯޓަރ ޔޯ ނޫރާއަކީ އެއްދުވަހަކު ބުނި.” އާޔަން ބުންޏެވެ.
“އާޔަން. ދެން ތެދުވަން ވީނު. އަރީނާމެން ކައިރިއަށް އާޔަން ދާންޖެހޭނެނު.” ނޫރާ އެހެން ބުނުމުން އާޔަންއަށްވެސް އެކަން ހަދާންވިއެވެ. އަވަހަށް ތެދުވެ އެނދުކައިރީ އަޅުވާފައިއިން ރޯބް ގަޔަށް މަހާލައިގެން ގޮސް ފާހާނާއަށް ވަނެވެ. ނޫރާވެސް ތެދުވެ އެނދުކައިރީ ބިންމަތީ ހުރި ދެމީހުންގެ އަންނައުނުތައް ހޮވާލިއެވެ. އަދި ތުވާލި އޮޅާލައިގެން އެނދު ތަންމަތީ އަޅާ ކޮޓަރިތެރެ ކުޑަކުން ރީތިކޮށްލިއެވެ.
އާޔަން ފެންވަރައިގެން ނުކުމެ ހުރީ ވަރަށް އަވަސް އަރުވާލަފައެވެ. އާޔަން އުޅޭގޮތް ބަލަން ނޫރާހުއްޓެވެ.
“އާޔަންއަށް ވަރަށް ލަސްވޭއެބެ. މިހާރު އަރީނާއާއި ޝައިލާ ތިބޭނެ އާޔަން ނައިސްގެން. އާޔަން އެހެންވެ މިދަނީ ދާން އިނގޭ. މަންމައާއިވެސް ބައްދަލެއް ނުވޭދޯ. ހަވީރު އަންނާނަން އިނގޭ.” އާޔަން އަވަސް އަވަހަށް އާޔަންގެ ދަބަސް ނަގާ ކޮނޑުގައި އަޅުވާލިއެވެ.
“ސައިވެސް ނުބޮއެތަ ދަނީ؟” ނޫރާ އަހާލިއެވެ.
“އާން. ޝައިލާމެންވެސް ނޭގެ ސައިބުއީކަމެއް. އެހެންވެ މިދަނީ. ޝައިލާއަތުގަ ފޯނެއްވެސް ނޯންނާނެ. ދެން ކިހިނެއް ގުޅާނީވެސް.” އާޔަން އަވަސް ދޮނެއް ނޫރާގެ ނިތްކުރިއަށް ދިނުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ.
އެދުވަހު މެންދުރު އެންމެން ކައިގެން ބޭރަށް ދިޔައެވެ. ފިލްމެއް ބަލާނިމިގެން ނިކުތްވަގުތު އަނެއްކާވެސް އާޔަންއާއި ޝައިލާ އަރީނާގޮވައިގެން އެތާހުރި ތާކު ކާން ތިއްބާ ފެނުނެވެ. އެދިމާއަށް ބަލަން އެންމެނަށް ތިބެވުނެވެ. ޝައިލާގެ އަނގަ ކައިރީ ހޭކިފައިއިން އެތިކޮޅެއް އާޔަންގެ އަތުން ސާފުކޮށްލަދިން މަންޒަރު ފެނިގެން ދިޔައެވެ. އިރުކޮޅަކުން އަރީނާގެ ތައްޓަށް ކޮންމެސް އެއްޗެއް އާޔަން ލިޔެވެ. އަރީނާ ނުކާން އުޅުމުން އެތިކޮޅެއް ނައްޓާފައި އާޔަންގެ އަތުން ކާންދިނެވެ. އެހާލޯބިން އުޅޭ އާއިލާއެއް މީގެކުރިން ނުފެނިފައި ތިބި ބައެއްހެން އެންމެން އެދިމާ ބަލަހައްޓައިގެން ތިއްބެވެ.
“އާޔަން ޝައިލާދެކެ ލޯބިވޭތާ އެހެންވީމަ. އަހަރުމެން ކައިރީ އެއްބަސް ނުވާން އެއުޅެނީ.” ނާއިފް ހުރެފަ ބުންޏެވެ. އެވަގުތު އެތާ ނޫރާ ހުރުމުން ޒީނާ ނާއިފްގެ ގައިގަ މަޑުމަޑުން ކޮށްޓާލިއެވެ.
“އައި ކޭންޓް ބިލީވް ދިސް.” މޫސަ ބުންޏެވެ. “އެއީ ހަމަ އާޔަން ތަ؟” މޫސަ ހުރީ ގަބޫލު ނުކުރެވިފައެވެ. ޝައިލާގެ ލޮލުން ކަރުނަ ނިރާލާފައި ވެއެވެ. އެއީ ހަސަދަވެރިކަމުގެ އަސަރެއްނޫނެވެ. ނަމަވެސް ނޫރާއަށް އިހުސާސް ކުރެވެމުން ދިޔަ ތަފާތު ހިޔާލެއްގެ ކަރުނައެވެ. އާޔަންއާއި ދުރުން ނޫރާ އުޅެންވީ ކަމަށް ނޫރާގެ ސިކުނޑި ނޫރާއަށް ވިސްނަދެމުން ދިޔައެވެ. އާޔަންގެ އެއުފާވެރި ކުޑަކުޑަ އާއިލާތެރެއަށް ނޫރާ ވަންނަން ވީ ކީއްކުރަން ހެއްޔެވެ. އެހާ ލޯބިން އެހާ ގުޅިގެން އެމީހުންތިބިއިރު ކިހާ ހިތްގައިމު ހެއްޔެވެ. ނޫރާގެ ހިތަށް އެކި އެއްޗިހި އަރަމުން ދިޔައެވެ. އެވަގުތު މޫސައަށް ނޫރާއާއި ދިމާއަށް ބަލައިލެވުނެވެ. ނޫރާއަށް ވެފައިހުރިގޮތް ފެނުމުން މޫސައަށް ވަރަށް އަސަރު ކުރިއެވެ.
“އޭ. ދެން މިތާ ތިބެނީތަ. ހިނގާ ބޯލިންއަށްދާން.” މޫސަ އަވަހަށް އެތަނުން އެންމެން ގެންދަންވެގެން ބުންޏެވެ. އަދި އެންމެން ހިގައިވެސް ގަތެވެ. ނޫރާ ގޮސްގޮސް ހުރެފައި ވެސް ފަހަތަށް ބަލައިލިއެވެ. އޭރު އާޔަން ޝައިލާއަށް ފެންތަށްޓެއް ދިއްކޮށްލަނީއެވެ.
އެދުވަހުގެ އިރުއޮއްސިގެން ދިޔަވަގުތު އެންމެން އުޅެނީ އަނެއްދުވަހު ގުރެޖުއޭޝަނަށް ދާން ލާހެދުން އެކަކު އަނެކަކަށް ދެއްކުމުގައެވެ.
“މަންމާ. މަންމަ ވެސް ލާންވާނީ ލައިއާ އެއްކުލައިގެ ހެދުމެއް އިނގޭ.” ލައި އޭނާގެ މަންމަ ޝާއިރާއާއި ދިމާއަށް ބުންޏެވެ.
“މަންމަމެންވެސް ވަރަށް ރީތިވެލައިގެން ދާންވާނީ.” ޒީނާ ބުންޏޭވެ.
އެވަގުތު އާޔަން އެގެއަށް އައިސްފިއެވެ. އެންމެން ހަމަހިމޭންވިއެވެ. މާހައުލަށް ވެރިވެގެން ދިޔައީ ބީރައްޓެހި ކަމެކެވެ. މޫސަވެސް އާޔަންއަށް ބަލައިލީ ފާޑަކަށެވެ. އާޔަން އަށްވެސް އެކަން އިހުސާސްކުރެވި ހައިރާންވެފައި ހުއްޓެވެ.
“ކިހިނެއްވީ، އެންމެން މާހާސްވެފަ ތިތިބީ ؟” އާޔަންއަށް އަހާލެވުނެވެ.
އެވަގުތު މޫސައައިސް އާޔަންގެ ކޮނޑަށް އަތްވައްޓާލައިގެން އެގޭ ޕޫލް އޮންނަދިމާއަށް ދިޔައެވެ. އަދި އެހެންމީހަކު ނެތްކަން އިނގުމުން މޫސަ ފުންނޭވާއެއް ލަމުން ވާހަކަ ދައްކަން ފެށިއެވެ.
“ޔޫ ލަވް ހަރ ރައިޓް.” މޫސަ ޖީބަށް އަތްޖަހާލަމުން ބުންޏެވެ.
“ކީކޭ ތި ކިޔަނީ؟” އާޔަން އެހިއެވެ.
“މިކިޔަނީ އާޔަން ޝައިލާދެކެ ލޯބިވެޔޭ. ދުވަހަކުވެސް ޝައިލާދެކެ ލޯބިނުވާނަންކަމަށް ބުނި މީހާ މިހާރު ތިއުޅެނީ ކިހިނެއް؟” މޫސަ ބުންޏެވެ.
2 Comments
Comments are closed.
haadha las vey eba.. knme dhuvahaku inthizaaruga indheveny… avahah up koh dhyba.. plz.. plz
balivytha aaaasi nidhytha nony .
avaha up kodhybala ..plz………balivejiyaa shifa aka edhen…