” ދެންހެވޭ.. ތިކަން އެނގޭ އަހަންނަށްވެސް.. ބޭނުންވީ އެއައިޝާ ލަދުގަންނަވާލަން.. އެކަން ބަރާބަރަށްވެއްޖެ.. ކަލޭމެންނަށް ވަރަށް ޝުކުރު.. ދެން ހިނގާދާން ކާން.. މިހާރު އޭނަ ގޮސްދާނެ” ހަބީބާ އޭނާގެ ރައްޓެހިން ގޮވައިގެން އަނެއްކާވެސް ކާމޭޒު ކައިރިއަށް ދިޔައެވެ. އަދި މާޝައަށް ގޮވާލަމުން ރިހަ އެޅިފަހުރިތަން ސާފުކުރުމަށް ބުނެލިއެވެ.
ގެއަށް ވަދެވުމާއެކު އައިޝާއަށް ބާރަށް ރޮވެން ފެށުނެވެ. އަަބދުވެސް އައިޝާ ހީކުރަމުން ދިޔައީ މަންމައެއްގެ ފަރާތުން ނުލިބުނު ލޯބި މައިދައިތަގެ ފަރާތުން ލިބޭނެ ކަމަށެވެ. ނަމަވެސް ހަބީބާ އާއި ސޮފިއްޔާގެ އޮތީ ކޮން ތަފާތެއް ހެއްޔެވެ. މައެއްގެ ލޯބި ލިބުމުގެ ނަސީބު ހަމަ ނެތީހެއްޔެވެ. އެވަގުތު އައިޝާ ހަނދާނަށް އައީ ސޮފިއްޔާ ހަމަ މިގޮތަށް އައިޝާއާއި ދޭތެރޭ ކަންތައްކުރި ދުވަހެކެވެ.
އޭރު އައިޝާގެ އުމުރުން ބާރަ އަހަރެވެ. ސައިފުއާއި އޭނާގެ އަންހެނުން މަރީނާ މާލެ އައިސްގެން އުޅުނު ދުވަހެކެވެ. ސޮފިއްޔާ އެދުވަހު އައިޝާ ކައިރީގައި މީރުކޮށް ރިހަ ކައްކަން ބުނީވެސް އައިޝާ ހުންއައިސްގެން އޮއްވައެވެ. ސޮފިއްޔާގެ އަމުރަށް ނުކިޔަމަންވެއްޖެނަމަ ހަދާނެ ގޮތް އެނގޭތީ އެހާލުގައި ހުރެގެން ވެސް އައިޝާ ރިހަ ކެއްކިއެވެ. ނަމަވެސް އައިޝާގެ ނަސީބު ހުރި ގޮތުން އެދުވަހު ރިހައިގާ ތަންކޮޅެއް ލޮނުގަދަވީއެވެ. ރުޅިއައިސްގެން އެހޫނު ރިހަބޯތަށި އައިޝާ ބޮލަށް އަޅާލިއިރު ރަހުމުގެ ކަންފުޅެއްވެސް ނެތެވެ. ހޫނުކަމުން ބާރަށް ރޮއެ ގަންނަމުން އައިޝާއަށް ތިރިވެވުނީ ކެތްނުވެގެންނެވެ. އެދުވަހު މަރީނާގެ އެހީތެރިކަން ނުލިބުނު ނަމަ އައިޝާއަށް ވާނެ ގޮތެއްވެސް ނޭނގެއެވެ.
މާޒީގެ ވިހަގަދަ ހަނދާން ތަކަށް ގެއްލިފައިން އައިޝާ ސިހުނީ އަތުތެރޭގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. ހުޝާމް ގެ ނަން އަރާ އޮތްތަން ފެނުމުން އިތުރަށް ހިތުޖެހޭގޮތްވިއެވެ. ފޯނު ނަގާ ހަލޯއޭ ބުނެލިއިރު އެއަޑުގައި މަޑު މަޑު ތުރުތުރެއްވެއެވެ. ހުޝާމް ރޮވިފައިވާ އަޑު ޖެހުމާއެކު އައިޝާ ހާސްވާގޮތްވިއެވެ. ކިހިނެއްވީތޯ ސުވާލުކުރީ އަމިއްލަ ހިތަށް ލިބިފައިވާ ޒަހަމްތައް ހަނދާން ނައްތާލަމުންނެވެ. ލޫޝާގެ ހާލު މާބޮޑަށް ދެރަވެ އައި ސީ ޔޫ އަށް ލީ ވާހަކަ ބުނުމުއާއެކު އައިޝާވެސް އެހާ ދެރަވިއެވެ. އެތައްް ގޮތަކުން ހުޝާމްއަށް ވިސްނައިދިނުމަށް ފަހު ފޯނު ބޭއްވީ ހުޝާމް ދާންޖެހިގެންނެވެ.
އެރޭ ނިދުމުގެ ކުރިން އައިޝާ ދެރަކުއަތުގެ ނަމާދެއްކޮށް ލޫޝާއަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ﷲ ގެ ހަޟްރަތުގައި ދުއާ ކުރިއެވެ. ލޫޝާއާއި އެކު ހޭދަވި ކުޑަދުވަސްކޮޅުގެ ތެރޭގައި އެއީ ކިހާ މާތް އަންހެނެއްކަން އައިޝާއަށް ވަނީ އެނގިފައެވެ. ނަމާދުކޮށް ނިމި އޮށޯވެލީ ޒިކުރުކުރަމުންނެވެ. އެހެން އޮއްވައި ލޮލަށް ނިދިބަރުވެ ނިދުނީ ވެފައިވާ ވަރުބައްޔެއްގެ ބޮޑުކަމުންނެވެ.
ހެނދުނު އައިޝާއަށް ހޭލެވުނީ ހައެއް ޖަހާ ބޮޑުވިފަހުންނެވެ. ފަތިސް ނަމާދަށް ނުހޭލެވުމުން އައިޝާ ހުރީ އެކަމާ ވަރަށް ދެރަވެފައެވެ. ބޮލަށް ބަރުވެފައި ހުރުމުން އައިޝާ އިރުކޮޅަކު މަޑުކޮށްލަން ބޭނުންވިއެވެ. އެހެންނަމަވެސް ފަތިސް ނަމާދުނުކޮށް ގިނައިރުވަމުން ދިޔަވަރަކަށް އައިޝާގެ ހިތަށް ދިޔައީ ނުތަނަވަސްކަންވެރިވަމުންނެވެ.
ހިތްވަރުކޮށްލާފައި އެނދުން ތެދުވެވުމާއެކު މޭނުބައިކުރި ގޮތަކުން ދެންމެ ދެންމެ ހޮޑުލެވިދާނެހެން ހީވުމުން އަނގަމަތީގައި އަތް އަޅަމުން ތެދުވެގެން ފާހާނައަށް ދުއްވައިގަތެވެ. ބައިވަރު ހޮޑުތަކެއް ލުމަށްފަހު ރިތިކޮށް ދަތް އުނގުޅާ އަނގަދޮވެލިއެވެ. ގައިގާ ވަރެއް ނެތުމުން ކޮޅަށް ހުރެވެނީވެސް ކިރިޔާއެވެ. ވުލޫކޮށްލައިގެން ނިކުމެ ފަތިސް ނަމާދުކޮށްގެން އަނެއްކާވެސް އޮށޯވެލީ ބޮލަށް އެނބުރުން އަރާފައި ހުންނަވަރުންނެވެ.
ތެދުވެވޭ ވަރުވުމުން ތެދުވެ ބަދިގެއަށް ވަދެ ރަނގަޅު ކާއެއްޗެއް ތައްޔާރުކޮށްލިއެވެ. އަދި ސައިބުއިމަށްފަހު ތައްޔާރުވެލަައިގެން އަމިއްލަ ގެއަށް ދިޔައީ ސޮފިއްޔާގެ ހަބަރެއްވޭތޯއެވެ. ދެތިން ފަހަރަކު ޓަކި ޖަހާލުމައެކު ހުޅުވީ ނީމާއެވެ. ނީމާގެ މޫނު ހުރިގޮތުންވެސް ކަންތައްތައް އެހާ ރަނގަޅެއް ނޫންކަން އައިޝާއަށް އެނގުނެވެ. ނީމާ އީޝަލްގެ ކޮޓަރިއަށް ބަލާލުމުން އީޝަލްވީ ކޮޓަރީގަކަން އައިޝާއަށް އެނގުނެވެ. ސޯފާގައި އިން ހާރޫނު ބޮލުގައި ހިފަހައްޓާލައިގެން އިންގޮތުންވެސް ހާރޫނު ފިކުރު ބޮޑުވެފައިވާވަރު އައިޝާއަށް އެނގުނެވެ. އީޝަލްގެ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހި ވަގުތު އެކޮޓަރިން ނިކުތް ހިބާ ފެނި އައިޝާ ހައިރާންވެ އަންތަރީސްވިއެވެ. ހިބާ ރިޒްވާން އާއިއެކު މެލޭޝިޔާއާ އަށް ގޮސްފައި އައިފަހުން އަދި މިފެނުނީއެވެ. ބޮޑު އަބާޔާ ހެދުމެއް ލާފައި ހުރިއިރު ހިބާހެންވެސް ހީނުވެއެވެ. ރިޒްވާން ހިބާއަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގެނައި ބަދަލުން އައިޝާ ރިޒްވާނާއި މެދު ފަހުރުވެރިވިއެވެ. ހިބާ ހީލާފައި ދޮންތާއޭ ކިޔާ ގޮވާލުމުން އައިޝާވެސް ހީލަމުން ހިބާ ގައިގާ ބައްދާލީ ” މާޝާﷲ ވަރަށް ރީއްޗޭ” ބުނަމުންނެވެ.
ހިބާއާއި ރިޒްވާންގެ ކައިވެންޏަށް ފަހު ހިބާއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިހާރު ހިބާއަކީ ކުރީގެ ހިބާއޭ ބުނާހާވެސް ނުވާނެއެވެ. ރިޒްވާންއާއިއެކު މެލޭޝިޔާގައި ހޭދަކުރި ދުވަސްތަކަށް ފަހު ހިބާއަށް ވަނީ ހެޔޮގޮތް ދަސްވެފައެވެ. ކޮންމެ ރެއަކު މަގްރިބް ނަމާދާ އިޝާ ނަމާދާ ދެމެދު ރިޒްވާން ހިބާއަށް ކީރިތި ގުރުއާނުގެ ތަރުޖަމާ ކިޔައިދޭންފެށިއެވެ. އަދި އޭގެ ތަފްސީރުވެސް ކިޔައިދެއެވެ. އެންމެ ފުރަތަމަ ދުވަހުވެސް ގުރުއާނާމެދު ހިބާގެ ހިތުގައި ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. ގުރުއާނާއި އޭގައިވާ އާޔަތްތަކާ މެދު އިތުރަށް އުނގެނެން ބޭނުންވާފެށިއެވެ. ދަރުސްތަކާ އަދި އެހެނިހެން އިސްލާމިކް ވިޑިއޯތައް ބަލަންފެށިއެވެ. މިހުރިހާ ކަމެއް ކުރަމުން ދިޔައިރު އުޅެވުނު ގޮތް ހިތަށް ވަނުމުން އެކަމާ ދެރަވެ ހިތާމަކުރެވުނެވެ.
ކަށްވަޅުގެ އެ ފިއްތާލުމާއި ނަރަކައިގެ އަޒާބުގެ ބޮޑުކަން އެނގުމުން ލަސްނުކޮށް ތައުބާވެ ފާފަ ފުއްސެވުމަށް އެދި ދުއާ ކުރެވެން ފެށުނެވެ. ބަރާބަރަށް ނަމާދުކޮށް ގުރުއާން ކިޔަވައި ގިނަގިނަިއިން ޒިކުރު ކުރަން ފެށުމުން ހިބާގެ ޑިޕްރެޝަންވެސް ރަނގަޅުވަމުބް ދިޔައެވެ. ރިޒްވާން ކަހަލަ ފިރިއަކު މިންވަރު ކުރެްވީތީ އެކަމާ ﷲގެ ކިބައަށް ޝުކުރު ދެންނެވުނު ވަރެއްވެސް ނޭނގެއެވެ.
އީޝަލްކޮޓަރިއަށް އައިޝާ ވަންއިރު ކުޑަދޮރު ކައިރީ ހުއްޓިގެން ބޭރު ބަލަން އީޝަލް ހުއްޓެވެ. އައިޝާ ގޮވާލުމާއެކު އަވަސްއަވަހަށް ބަލާލިއެވެ. ދެވަނަ ސިކުންތުގައި ދުވެފައި ގޮސް އައިޝާގައިގަ ބައްދާ ރޯންފެށިއެވެ. ސޮފިއްޔާއަށް ވީނުވީއެއް ނޭނގި ގެއްލުމުން އީޝަލްއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. މިހާތަނަށް ފުލުހުން ކުރި މަސައްކަތުންވެސް އެދެވޭ ކަހަލަ ނަތީޖާއެއްވަނީ ނުލިބިފައެވެ. ބޮޑަށް ދެރަވަނީވެސް ބޯހަމަނުޖެހޭ މީހަކު އެގޮތަށް ގެއްލުމުންނެވެ. އައިޝާ އާއި އީޝަލް އެތައް އިރަކު ކޮޓަރީގައި ވާހަކަދައްކަން ތިއްބެވެ. އައިޝާގެ އެތައް ނަސޭހަތަކުން އީޝަލް ހަމައަކަށް އެޅުނެވެ.
އައިޝާ އެދުވަހު ގެއަށް ދާން ނިކުތީ ގޭމީހުންނާއެކު މެންދުރުގެ ކެއުމަށް އިންސާފުކުރުމަށް ފަހުގައެވެ. އައިޝާ އާއި އެކު ހިބާވެސް ދާން ނިކުތީ ހަބީބާ ކައިރިއަށް ދިއުމަށްޓަކައެވެ.
ހަބީބާ އުޅޭ އެޕާޓްމެންޓާ އަރާ ހަމުވުމާއެކު އޭނައާއި އެކު އެތެރެއަށް ވަންނަން ހިބާ ދައުވަތުދިނެވެ. އައިޝާ އެވަރަށް މަނާ ކުރުމުންވެސް ހިބާ ވަނީ ގަދަކަމުން އައިޝާވެސް ގޮވައިގެންނެވެ. ހިބާ ފެނުމުން ހަބީބާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ދެވަނަ ސިކުންތުގައި އައިޝާ ފެނުމުން މޫނުމައްޗަށް ފޫހިކަން ވެރިވިއެވެ. އައިޝާ އިސްޖަހާލައިގެން ހުރީ ހަބީބާ ރުޅިވެރި މޫނަށް ނުބަލަން ވެގެންނެވެ.
” އައިޝާ ދާންވީނު އަހަރުމެން ދެމީހުންނަށް ކޮފީ ހިފައިގެން އަންނަން” ހަބީބާ މިހެން ބުނެލި އަޑަށް އައިޝާ އިސްއުފުލާލާފައި ބަލާލިއެވެ. ހަބީބާގެ މޫނުމަތިން ރުޅިވެރިކަމެއް ފެންނަން ނެތުމުން އައިޝާ ހައިރާން ވިއެވެ.
“އިޓްސް އޯކޭ މަންމާ.. ހިބާ ކޮފީ ހަދާލަފާނަމޭ.. ދޮންތަ މިތާ އިނދޭ ހިބާ އަންނާނަން ކޮފީ ހިފައިގެން” މިހެން ބުނެ ހިބާ ތެދުވަން އުޅުނު ވަގުތު އައިޝާ ހުއްޓުވިއެވެ. އަދި ކޮފީ ހަދާނީ އައިޝާ ކަމަށް ބުނެ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.
ބަދިގެއަށް ވަދެ މަތީ ހަރުކޮށްފައި ހުރި ކަބަޑުން ކޮފީފުޅި ނަގައި އަށިގަނޑު މަތީގައި ބެހެއްޓިވަގުތު އައިޝާގެ ބޮލަށް އެނބުރުން އެރިއެވެ. މިއަދު ހަތަރުދަމު މިހެން މިވަނީ ކީއްވެ ބާއޭ އައިޝާ ހިތަށް އެރިއެވެ. އެތައް ހިތްވަރަކާއެކު ކޮފީ ދެތަށި ގިރާލުމަށްފަހު އެހިފައިގެން ގޮސް ހަބީބާއަދި ހިބާއަށް ދިނެވެ.
” ދޮންބެދައްތާ ހައިވެސް ބޭނުން ކޮފީއެއް.. ހައި އަށް ހަދައިދީބާ ޕްލީޒް” ހަބީބާގެ އަނެއްފަރާތުން އިށީން ހައިފާ ވަރަށް ލޯބިން ބުނެލިއެވެ.
” ހައި އަމިއްލައަށް ހަދާބަ ދޯ.. ދޮންތަވެސް ޓަޔަޑް ވާނެއްނު” ހިބާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
” ނޫނޭ ހިބާ.. ހައިފާ އެންމެ ފުރަތަމަ ފަހަރު ކަމަކުކިއުމުން ވާނެ ކޮށްދެން” މިހެން ބުނެ ހީލަމުން އައިޝާ އެހެން ކޮފީތައްޓެއް ހިފައިގެން އައިސް ހައިފާއަށް ދިނެވެ. އެވަގުތު ހަބީބާ އޭނަގެ ކޮފީ މާފޮނިގަދަކަމަށް ބުނުމުން އަނެއްކާވެސް އައިޝާ އެހެން ކޮފީތައްޓެއް ހިފައިގެން އައިސް ހަބީބާއަށް ދިނެވެ. މިފަހަރު ހަބީބާ ބުނީ ހިތިރަހަ މާގަދަކަމަށެވެ. ކުޑަ ހަކުރުކޮޅެއް އަޅައިދޭން ބުނުމުން އައިޝާ އެކަންވެސް ކޮށްދިނެވެ. ހަބީބާގެ މަގްސަދަކީ ކިބައިކަން ހިބާއަށް އެނގުންވީ އެހިސާބުންނެވެ. ކޮފީތަށި ހަބީބާއަށް ދިއްކޮށްލުމާއެކު ގަސްދުގައި ހަބީބާ އޭގެއިން ދޫކޮށްލިއެވެ. ޖޯޑު ތަށިމުށިތައްމަތީގައި ޖެހުމާއެކު އޭގައި ހުރި ޖޯޑު ތަޅައިގެން ގޮސް އޭގައިހުރި ކޮފީތައް މުޅިތަނަށް ބުރައިގެން ދިޔައެވެ.
” ކިހިނެއްވެފަތަ ތިހިރީ .. ކަނުވިޔަސް ފުކެއް ބޮޑުވަރު” ހަބީބާ ހަޅޭއްލަވައިގަނެފައި ބުނި އެއްޗަކުން އަނެއްކާވެސް އައިޝަގެ ހިތަށް އެތަކެއް އަސަރެއް ކުރިއެވެ.
“މަންމާ.. ދޮންތައަކީ ދޮންބެގެ ވައިފް.. މަންމަ ނުޖެހޭނެ ކަންނޭނގެ ދޮންތައާ ތިގޮތަށް މުހާތަބުކުރާކަށް.. ” ކޮފީތަށި ބަހައްޓަމުން ހިބާ ތެދުވޫ ހިތްހަމަ ނުޖެހިގެންނެވެ.
” އަހަރެން ކުރަންވީ ކަމެއް ހިބާއަކަށް ނޭނގޭނެ.. އެހެން ނޫނަސް އަހަންނަށް އެނގޭ މިހާރު ހިބާއަށް މުހިންމު ވާނީ އެގޭ މީހުންކަން” ހަބީބާވެސް ދޫކުރާގޮތެއްނުވިއެވެ. އައިޝާއާއި ދިމާއަށް ތުންއަނބުރާލުމަށްފަހު ހަބީބާ އޭނާގެ ކޮޓަރިއާއި ދިމާއަށް ދިޔައެވެ. ހަބީބާ ފަހަތުން ހައިފާވެސް ދިއުމުން ހިބާ ބަލާލީ އައިޝާއަށެވެ.
” ހިބާ އެއީ އެހާވަރު ކަމެއްނޫނޭ.. ދަރިންނާ ދިމާއަށް ހަޅޭލަވާނީވެސް މަންމައެއްނު ދޯ.. ދޮންތަ ސާފުކޮށްލަފާނަމޭ” މިހެން ބުނެ އައިޝާ އެތަން ސާފުކުރިއެވެ. އަދި ހިބާ ކައިރީ ހަބީބާކައިރިން މާފަށް އެދެން ބުނުމަށް ފަހު މަތީ ބަޔަށް ދިޔައެވެ. ކޮޓަރިއަށް ވަދެވުމާއެކު އައިޝާ އެނދުމައްޗަށް ދެމުނެވެ. މިއަދު މިވާގިތަކުން އައިޝާއަށް ރަނގަޅަށް ކަމެއް ކެރެވޭ ވަރެއް ނޫނެވެ. ހުޝާމް މަތިން ހަނދާންވުމުން ދަބަސް ހުޅުވާލީ އޭގައި އޮތް ފޯނުނެގުމަށެވެ.
ދަބަހުގައި ފޯނު ނެތްކަން އެނގުމުން އައިޝާ ގޭތެރޭ އެހެން ތަންތަން ހޯދާލިއެވެ. ގޭތެރޭންވެސް ނުފެނުމުން ޭލޭންޑްލައިން ނަމްބަރުން އީޝަލް އަށް ގުޅާ އެގޭގައި އޮތްތޯބެލިއެވެ. ހިބާއަށް ގުޅައިގެން ހަބީބާމެންގެ ބައިގާއިވެސް އޮތްތޯބެލިއެވެ. ނަމަވެސް އެއްވެސް ތާކުން އައިޝާއަށް ފޯނެއް ނުފެނުނެވެ.
އެރޭ އިޝާ ނަމާދަށްފަހު އައިޝާ ހޮސްޕިަޓަލަށް ދިޔައީ އެހެންޏާ ނުވާ ކަހަލަ ގޮތްތަކެއް ވާތީއެވެ. ފޯނު ނުފެނުމުންނާއެކު ހުޝާމްއަށް އެނގޭނެ ގޮތެއްނުވިއެވެ. ހޮސްޕިޓަލަށް އައި މަގުމަތީގައި އާދައިގެ ފޯނެއް ގަތެވެ. އަދި އައިޝާ ކުރިން ބޭނުންކުރި ސިމްކާޑު ގަންނަން ދިއުމުން އެސިމްކާޑު ލިބޭގޮތްނުވީ ހުޝާމްގެ ނަންމަތީގައި އިން ސިމްއަކަށް ވީމައެވެ. އެހެން ކަމުން އައިޝާއަށް ޖެހުނީ މުޅިން އާސިމެއއް ގަންނާށެވެ. އާ ނަމްބަރުން ހުޝާމްއަށް ގުޅާގުޅާވެސް ފޯނެއް ނުނެގުމުން ނުދަންނަ ނަމްބަރަކަށް ވުމުން ނުނެގީ ކަމުގައި އައިޝާ ނިންމިއެވެ.
ހޮސްޕިޓަލުގެ ކިޔޫގައި މަޑުކޮށްގެން އިންދާ ސިހުންވީ އަންހެނަކު އައިޝާއަށް ގޮވާލުމުންނެވެ.
” ހުޝާމް އަންހެނުން އައިޝާ ދޯ” އެ އަންހެން މީހާ ކައިރީ ހުއްޓެމުން ސުވާލުކޮށްިއެވެ. އައިޝާ ބޯޖަހާލީ ހައިރާންވެ އިންދެއެވެ.
” އަހަންނަކީ ޑޮކްޓަރ ހުމެއިދާ.. ލޫޝާގެ ވަރަށް ގާތް ފްރެންޑެއްމީ” ސަލާމަށް އަތް ދިއްކޮށްލަމުން ހުމެއިދާ ބުނުމުން އައިޝާ އެއަތުގައި ހިފާ ސަލާމް ކޮށްލިއެވެ. އައިޝާ މިތާނގައި ކުރާނީ ކީއްތޯ ސުވާލުކޮށްލުމުން އައިޝާ ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. ހުމެއިދާވެސް އައިޝާއަށް ލަފާ ދިނީ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކާ ޓެސްޓްތައް ހެދުމަށެވެ.
އައިޝާ ގެއަށް އައިސްވެސް ހުޝާމް އަށް ގުޅަން ވަރަށް މަސައްކަތް ކުރިއެވެ. ހުޝާމްގެ ފޯނު ނިއްވާލާފައި އޮތުމުން އައިޝާ އިތުރަށް ގުޅަން މަސައްކަތް ނުކޮށް ނިދީއެވެ.
އެނދުމަތީގައި ފޮތެއް ކިޔާން އޮތް ހައިފާގެ ފޯނު ރިންގުވަމުން ދިޔައިރުވެސް އެކަމާ މާބޮޑު އަޅާލުމެއް ނެތްކަހަލައެވެ. ކޯލުތައް ހުއްޓުމަކަށް އައުމުން އެފޯނު ނަގާ ބަލާލީ ފުންނޭވާއެއް ލަމުންނެވެ. ފަންސާސް ވަރަކަށް ފަހަރު ގުޅާފައި އޮތުމުންވެސް ހައިފާގެ މާބޮޑު އަޅާލުމެއް ނެތެވެ. ޗޮކެއް ކަނޑާލާފައި ފޭސްބުކަށް ވަދެލީ ވަރަށް ހަމަޖެހިލާފައި އޮވެއެވެ. ނަމަވެސް ވަންތަނުން ފެނުނު އެއްޗަކުން މުޅި މޫޑު ހަރާބުވެގެން ދިޔައެވެ. އަވަހަށް ފޭސްބުކް ނިއްވާލުމަށްފަހު ހައިފާއަށް ގުޅި ނަމްބަރަށް ޑައިލް ކޮށްލިއެވެ. އެކޮޅުން ފޯނު ނެގުމާއެކު ހައިފާ ރުޅިގަނޑު އުތުރިއަރައިގެން ދިޔައެވެ.
“ކަލޭ ކީކޭ ހިތަށް އަރައިގެންތަ އެފް ބީ ގަ މަށައް އެއްޗެހި ޓެގް ތިކުރަނީ.. ޑިލީޓްކޮށްލާ އެހެން ނޫނީ މާ ރަނގަޅެއް ނުވާނެ” ހައިފާ ދަތްބާރުކޮށްގެން ހުރެ ވާހަކަ ދެއްކިއެވެ.
” ބުނެފީމެއްނު އެއީ މިސްޓޭކެކޭ.. މަށެއް ނޫޅެމޭ ތިކަހަލަ ނާރޑްއަކާ ހެދިގެނެއް.. ” ހައިފާ ބުނެލިއެވެ.
“ހައި ޕްލީޒް.. ޝައްމުއަށް ތިހެން ނުހަދާ.. ޝައްމު ވަރަށް ލޯބިވޭ ހައި ދެކެ” އެކޮޅުން ވާހަކަ ދެއްކި ފިރިހެން ކުއްޖާ ބުންޏެވެ.
“އެޕޯސްޓް ޑިލީޓްކޮށްލާ އެހެންނޫނީ ކުޅިދައްކާލާނަން.. އެހެން ނޫނަސް މަށައް އެއީ އާދައިގެ ކަމެއް.. ” ހައިފާ ނުލަފާ ގޮތަކަށް ހީލަމުން ވާހަކަދެއްކިއެވެ.
” ހައި.. ތިހެން އުޅެންޏާ ލަނޑެއް ލިބިދާނެ.. ޕްލީޒް އެކްސެޕްޓް މީ.. އަހަރެން މިހުރީ ހައި އާއެއްކޮށް މުޅި ލައިފް ހޭދަކުރަން ތައްޔާރަށް” އެކޮޅުން ބުނެލިއެވެ.
“ތިހެން ބުނީމަ އަހަރެން ކައިރީ ހިނިއަންނަނީ.. ޔޫ އާރ ނަތިް ބަޓް އަ ބިގް ޖޯކް ފޯރ މީ” ހައިފާ ހެމުން ބުނެލިއެވެ.
” އަދި ހައި އަށް ވިސްނޭނެ.. އެކަމަކު އެއީ ވަގުތު ފާއިތުވާ ފަހުން އެދުވަހު އަހަންނެއް ނުހުންނާނެކަން ހަނދާންކުރައްޗެ” މިހެން ބުނެފައި އެކޮޅުން ފޯނު ކަނޑާލިއެވެ. ހައިފާ ވިހަގޮތަކަށް ހީލަމުން ފޯނުން އެހެން ނަމްބަރަކަށް ގުޅާ ވާހަކަ ދައްކަންފެށިއެވެ.
ޖެހިގެން އައި ދުވަހުވެސް އައިޝާ އަށް ލުޔެއް ލިބޭގޮތެއް ނުވިއެވެ. ހޮސްޕިޓަލަށް ރިޕޯޓް ނަގަން ދިޔައާވެސް އެތަކެއް ހިތްވަރަކާ އެކުގައެވެ. ހޮސްޕިޓަލްތެރޭ ހުމެއިދާ އާއި ދިމާވެގެން އައިޝާ ރިޕޯޓް ދެއްކުމުން ހުމެއިދާ ދިން ހަބަރަކުން އައިޝާ އުފަލުންގޮސް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. އެންމެ ފުރަތަމަވެސް ބޭނުންވީ ހުޝާމްއަށް އެހަބަރު ދޭށެވެ. ނަމަވެސް އެތައް ފަހަރަކު މަސައްކަތް ކޮށްގެންވެސް ހުޝާމްއަށް ގުޅޭގޮތެއްނުވިއެވެ.
ގެއަށް ވަދެވުމާއެކު އައިޝާ ބޭނުންވީ އެހަބަރު ހަބީބާއަށް ދޭށެވެ. ދޮރުގައި ޓަކިޖަހާލުމާއެކު ހުޅުވީ މާޝާއެވެ. ހަބީބާ ކޮބައިތޯ އަހާލުމުން ކޮޓަރީގައި ކަމަށް ބުންޏެވެ. އައިޝާ އެންމެ ރަނގަޅޭ ބުނުމަށްފަހު އައިޝާ ހަބީބާ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހީ ދެހިޔާލެއްގެ މަތީގައި ހުރެއެވެ. ސިޑިން މައްޗަށް އަރައިގެން ދިޔައިރުވެސް އައިޝާ ހުރީ ފާޑަކަށް ނުކެރިފައެވެ. ހަބީބާގެ ކޮޓަރިއާއި އަރާހަމަވުމާއެކު ފެނުނީ ހަބީބާ ރޮއެގަނެފައި ކަންފަތުގައި ޖަހާފައިވާ ފޯނު ދުރުކޮށްލިތަނެވެ. އައިޝާ އަވަސްއަވަހަށް އެތެރެއަށް ވަދެ ކިހިނެއްވިތޯ ސުވާލުކުރަން ފެށިއެވެ. ނަމަވެސް ހަބީބާއަށް ރުއިން ނޫންކަމެއް ނުކުރެވުނެވެ.
-ނުިނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.




ماشاالله
Maa sha Allah very interesting..ufaaveri kamaaeku hithaamaeh dhw mi aee ?
Varah reethi mashallah… jazak allah khair.. up kohdhineema…. ?
lusha maru vi dhww??
Pls Husham ge wife( liusha dhw kiyanii?)maraanulaathi..
Maasha allhah v rythi mi baives
masha allah varah reethi .. aneh baivs avahah up khla dhehchey
Vaahaka vara kamudhey kurin hiri baithavess kiyaahiyvejje
Phone gelligen phone hoadhan eashal nd hibaa ah gulhy koahchakun…eygen husham ah vess gulheynun… Saaf kolla dhyba mi bai plzzz
Reethi..habebaa oh
vrh salhi… masha allah… anehkaa liu ah gotheh veetha???? when next part??? las nukurahcheyy…. waiting…
V salhi…..avahah up kohdhey nama adhi maa salhi vaane… adhi v reethi vaahaka eh meee..unmeedhu kuran vaahaka nimendhn genes dheynekamah…adhi avahah up kohdheyne kamah..
Lusha ge frnd ah aisha moonu alhaafa hunnairu ehaa faseyhain aisha kann inguny keeve..any ways vaahaka v salhi mashA allah
Aisha is pregnant, it seems!!! ????