![](https://live.staticflickr.com/4367/37065657206_c3a8a1bc56_b.jpg)
ވީމޭ އިންތިޒާރުގައި 21 ވަނަ ބައި
ހުރިހާކަމެއް ނިމިގެން އެންމެން ގެއަށް ދިއުމަށް ތެދުވިވަގުތު އެގޭ ތެރެއަށް ވަދެގެން އައި އަންހެން ކުއްޖެއް ފެނިފައި މޫސައާއި އާޔަން ހައިރާން ވިއެވެ. ދެމީހުން އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލީ ސުވާލު އުފެދިގެނެވެ. އެ އަންހެން ކުއްޖާއަކީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ނާޒިމާއެވެ. އެއް އިރެއްގައި މޫސަ އަޅައިގަނެގެން އުޅުނު އަންހެން ކުއްޖާއެވެ.
“ނާޒް! ތިއައީ ހުރިހާ ކަމެއް ނިމުނު ފަހުން! އާދެބަލަ އިންޓްރޮޑިއުސް ކޮށްދޭނަން!” ޝައިލާ ނާޒްގެ އަތުގަ ހިފައިގެން އާޔަންމެން ކައިރިއަށް ގެނައެވެ. ނާޒްއަށް މޫސަ ފެނުމުން މޫނުމަތީ ހުރި ތާޒާކަން ގެއްލިގެން ހިގައްޖެއެވެ. ނަމަވެސް ދެނަހުރިކަމަށް ނަހަދާ ޝައިލާ ކިޔާއެއްޗެއް ކިޔަންދެން މަޑުކޮށްލައިގެން ހުރީއެވެ.
“އާޔަން! މީ ނާޒް! މީ އަހަރެންގެ ބެސްޓް ފްރެންޑް! އަހަރުމެން ދެމީހުން އަބަދުވެސް އުޅެނީ ވަރަށް އެއްކޮން!” ފަޚުރު ވެރިކަމާއި އެކު ޝައިލާ ބުންޏެވެ.
އާޔަން ނާޒުއަށް ހީލިއެވެ. އަދި ދަނީ ކަމަށްބުނެ މޫސައާއި ޒޫނާ ގޮވައިގެން އެގެއިން ނުކުތެވެ. ޓެކްސީއެއް ހުއްޓުވާ ޒޫނާ އެއަށް އެރުވުމަށްފަހު އާޔަން ދިޔައީ މޫސައާއި އެކު މޫސަގެ ސައިކަލުގައެވެ. ލޮނުޒިޔާރަތްކޮޅަށްގޮސް ތޮށިގަނޑުމަތީ ޖައްސާލައިގެން ތިބެ ދެމީހުން ހިޔާލުފާޅުކުރަމުން ގެންދަންފެށިއެވެ.
“އާޔަން! ޝައިލާ އަކީ ނާޒުގެ ބެސްޓް ފްރެންޑޯ! އެނގޭތަ އޭގެމާނަ؟” މޫސަ ބުންޏެވެ. “އޭގެ މާނައަކީ ޝައިލާވެސް ރަގަޅެއް ނުވާނެޔޭ! މޫސަ ހަމަ ވަރަށް ޔަގީން ކަމައެކު މިބުނަނީ. އާޔަން ތި ކައިވެނި ކުރާކަށް މޫސައަކަށް ނުފެނެ. އެއްގޮތަކަށްވެސް ނުފެނެ.”
“އާޔަންއަށް މާކުރިންވެސް އެނގޭ ޝައިލާ ވަރަށް ކޫޑިވާނެކަން! ޝައިލާ އަބަދުވެސް އުޅޭގޮތް އެއީ!” އާޔަން ބުންޏެވެ.
މޫސަ ހުރީ ހައިރާންވެފައެވެ. ޝައިލާގެ ގޮތް އެގޭ އިރުވެސް އާޔަން އެހެރީ އޭނައާއި ކައިވެނިކުރަން ނިންމައިގެނެވެ. އާޔަންއަށް ވިސްނައިދޭން އެތައް ގޮތަކަށް މޫސަ މަސައްކަތްކުރިއެވެ. ނަމަވެސް އެކަންތައްވީ ބޭކާރެވެ.
“މޫސާ އާޔަން މިކައިވެނި މިކުރަނީ ކޮންމެހެން ޝައިލާ ބޭނުންވެގެނެއްނޫނޭ! މޫސައަށްވެސް އެނގޭނެ! އާޔަން މިކައިވެނި މިކުރަނީ ހަމައެކަނި އަރީއަށް ޓަކާ! އަރީގެ މުސްތަޤްބަލަށް ޓަކާ! އާޔަން ކައިވެނި ކުރިއަސް ޝައިލާއަކަށް އަންބެއްގެ ގަދަރެއް އަދި އަންބެއްގެ ދަރަޖައެއްވެސް ނުދެވޭނެ! އާޔަން ކުޑަކޮންވެސް ޝައިލާދެކެ ލޯތްބެއްނުވޭ!” އާޔަން ބުންޏޭވެ.
ދެމީހުން ސައިކަލަށް އަރައިގެން ދުއްވާލީ ވަރަށްވެސް ލަސްވިފަހުންނެވެ.
އާޔަން ގެއަށް އައިސް ނޫރާއަށް ގުޅިއެވެ. ކޮންމެރެއަކުވެސް ނިދުމުގެ ކުރިން އެތައްދަމެއް ވަންދެން އާޔަން ނޫރާއާއި ފޯނުން ވާހަކަދައްކައެވެ.
މެލޭޝިޔާގައި ނޫރާއާއި ސައީދާ ދިރިއުޅެނީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. ފާއިތުވެގެން ދިޔަ ދުވަސްކޮޅު ތާއަބަދު ޒޫނާއާއި އެކު ވަގުތު ހޭދަކުރަމުންދިޔަ ސައީދާއަށް ޒޫނާ ކައިރީގައި ނެތުމުން ފަޅުކަމެއް އިޙްސާސް ކުރެވެއެވެ. އަދި ނޫރާއަށްވެސް އާޔަން ނެތުމުން އެކަނި ވެރިކަން ތާއަބަދު އިހްސާސްކުރެވެއެވެ. އެކަނިވެރިވާ ކޮންމެ ފަހަރަކު އާޔަންގެ ހަދާންތައް އާދެއެވެ. ނޫރާ ގިނަވަގުތު ލައިއާއި އެކު ހޭދަކުރަންފެށީ ގެއަށް އައިސް ކޮޓަރިއަށް ވަނުމުން އާޔަންމަތިން ހަދާންވާތީއެވެ. ނޫރާ ގެއަށް އަންނަނީ ރޭގަނޑު އަދިރިވާފަހުންނެވެ. ނޫރާ އަބަދު އުޅެނީ އާޔަން ނޫރާއަށް ދީފައިވާ ރަތްކުލައިގެ ބީ.އެމް.ޑަބްލިއު ކާރުގައެވެ. ސައީދާއަށް ނޫރާ އުޅޭގޮތުން އަދި މާބޮޑަށް ފިކުރު ކުރެވެން ފެށިއެވެ. ނޫރާ އެހެން ގޭގައި މަޑުނުވެ އެއުޅެނީ އެކަނިވެރިވާނެތީކަން ސައީދާއަށް ރަގަޅަށްވެސް އެނގެއެވެ. ނޫރާގެ އިހުސާސްތަކާއި ވިސްނުންތައްވެސް ސައީދާއަށް އެނގޭކަހަލައެވެ. އަޅާނުލާ ސައީދާއަށްވެސް ހުރެވެނީ ނޫރާ އުފަލުގައި ހުރުމަށް އެދޭތީއެވެ.
އާޔަން ޝައިލާއާއި ކައިވެނި ކުރި ދުވަހު ކޮރެއާއަށް ބަދަލުވިއެވެ. ޒޫނާވެސް ކޮރެއާއަށް ދިޔައީ ޝައިލާއަށް އެތަން ދަސްވެލަންދެން މަޑުކޮށްލާށެވެ. ދިޔަދުވަހު އާޔަންގެ މާމަ އަމީނާ އޮތީ ގަނޑުވަރުގައި ހަފްލާއެއް ބާއްވާފައެވެ. އަމީނާ ހުރީ ހިނއައިސް ފެޅިފައެވެ. އަމީނާ އެންމެ ލޯބިވާ މާމަދަރިފުޅަށް ކުއްޖަކު ލިބިފައި ހުރިވާހަކަ އިވުނީންސުރެ އަމީނާ ހުންނަނީ އެކުއްޖާ ދެކިލާހިތުންނެވެ. އެކުއްޖާ ލިބުނުގޮތް އަމީނާއަށް ސިއްރުވެފައި ނެތްކަމުން އަމީނާ މިހާރު ޒޫނާއާއި ދޭތެރޭ ދެކޭގޮތްވެސް ތަފާތުވަމުން ދާން ފެށިއެވެ. އަމީނާ މިހާރު ދެކޭ ގޮތުގައި ޒޫނާއަކީވެސް އަރީނާފަދަ ކުއްޖެކެވެ. އަރީނާއަށް ނަސީބަކުން ބައްޕަ ލިބިއްޖެއެވެ. ޒޫނާގެ ބަދުނަސީބުން ޒޫނާއަށް ބައްޕަ ނޭގެނީއެވެ.
އަމީނާ ޒޫނާއާ މާއޯގާތެރިކޮން ވާހަކަ ދައްކާތީ ފުރަތަމަ ޒޫނާވެސް ހުރީ ހައިރާންވެފައެވެ. ކޮންމެ ވާހަކައެއްވެސް ދައްކަނީ ނިކަން ލޯބިންނެވެ. ދަރިފުޅު ކިޔައިގެންނެވެ. އަދި މިހާރު އިސްމާޙްވެސް ޒޫނާކައިރިއަށް އަމީނާ ފޮނުވައެވެ. ކަމަކު ކަމަށް ހަދާފައި ޒޫނާކައިރިއަށް އަމީނާ އިސްމާޙް ފޮނުވަނީ ގަސްތުގައިކަން އިސްމާޙްއަށްވެސް އެނގެއެވެ. އަދި އިސްމާޙް ކައިރީ އަލުން ޒޫނާއާ އިނުމަށްވެސް ލަފާދޭން ފެށިއެވެ. އަމީނާއަށް އަދިވެސް ވަނީ އެދެމީހުންގެ ކައިވެނި ސިއްރުވެފައެވެ. ނަމަވެސް އިސްމާޙް އަޅާނުލާ ހުންނަނީ އިސްމާޙްގެ މަންމަގެ ޙިޔާލު ބަދަލުވެދާނެތީއެވެ. ޒޫނާއާއި އިސްމާޙްއަށް ހިތްހަމަ ޖެހުން ލިބިގެން ދިޔައީ އެކަންތައް އެގޮތަށް ދެމިގެން ދާންފެށުމުންނެވެ.
އިސްމާޙް އަމީނާއަށް ދެމީހުންގެ ކައިވެނީގެ ހުރިހާވާހަކައެއް ކިޔައިދިނެވެ. ވަރަށް ޖެހިލުންވެ ހުރެވެސް އިސްމާޙް ވާހަކަތައް ކިޔައިދިނީ އިތުރަށް މަންމައަށް ސިއްރުކުރަން ބޭނުންނުވާތީއެވެ. ކަންދިމާކުރިގޮތުން އަމީނާވެސް ރުޅިއެއް ނާދެއެވެ. އޭގެބަދަލުގައި ޒޫނާއާއި އިސްމާޙްއަށް ހެޔޮދުޢާކުރިއެވެ. އަދި އިސްމާޙްއަށް ދެއަނބިންނަށް ހަމަހަމަ ކުރަންވާނޭކަމަށް ބުނެ ނަސޭހަތްތެރިވިއެވެ.
އާޔަންމެން ކޮރެއާގައި ދިރިއުޅެމުން ދަނީ އިސްމާޙް ޒޫނާއަށް ހަދައިދީފައިވާ ގަނޑުވަރެއްފަދަ ގޭގައެވެ. ޝައިލާއަށް އެގެ ފެނުމުން ހައިރާންވިއެވެ. އަދި އާޔަންމެންގެ ހުރި ތަނަވަސްކަމާއި މުއްސަނދިކަން ޝައިލާއަށް ތަސައްވަރު ކުރެވިގެން ދިޔައެވެ. އެހާބޮޑު މަހުޖަނަކާ ކައިވެނި ވެވުމުން ޝައިލާގެ ހިތައް އުފާވެރިކަން ވެރިވެފައި ވެއެވެ. ބޭނުން ހުރިހާއެއްޗެއްވެސް ލިބެއެވެ. ނަމަވެސް އާޔަންގެ ލޯބި އަދިވެސް ޝައިލާއަކަށް ނުލިބެއެވެ.
އާޔަންގެ އެދުމުގެ މަތިން ޝައިލާއަށްވެސް ވަކިކޮޓަރިއެއް ހަމަޖެއްސިއެވެ. ޝައިލާއާއި އެއްކޮޓަރީގައި އުޅޭކަށް އާޔަން ބޭނުމެއް ނޫނެވެ. ޝައިލާއާއި އާޔަންގެ ކޮޓަރިން އަރީނާ ކޮޓަރިއަށް ވަދެވޭގޮތަށް ވަނީ ހަދާފައެވެ. އަރީނާކޮޓަރިއަކީ އެގޭގައިވާ އެންމެ ބޮޑު ކޮޓަރިއެވެ. ކޮޓަރީގެ އެއްބައި އެއްކޮން ހުރީ ކުޅޭއެއްޗެއްސައް ހާއްސަކޮށްފައެވެ. ފިޔާތޮށި ކުލައާއި ހުދުކުލައިން ފަރުމާކޮށްފައިވާ އެކޮޓަރި ހީވަނީ ރަސްދައިކަނބަލެއްގެ ކޮޓަރިއެއް ހެނެވެ. ވަރަށްވެސް ފުރިހަމަ އެވެ. ކޮންމެރެއަކު އާޔަން އަރީނާ ނިދާގަޑީގައި އެކޮޓަރިއަށްވަދެ އަރީނާ އާއިއެކު ވަގުތު ހޭދަކުރެއެވެ. އަރީނާއާއި އެކު ކުޅެއެވެ. ވާހަކަ ކިޔައިދެއެވެ. ނަމާދު ކުރާތަކެތި އަރީނާއަށް ދަސްކޮށް ދެއެވެ. ޤުރުއާން ކިޔަވައި ދެއެވެ. އަރީނާ ދައްކާ ލޯބިލޯބި ވާހަކަތައް ފޫހިކަމެއްނެތި އަޑުއަހަން އިނދެއެވެ. ބައްޕައެއްގެ ހުރިހާ ވާޖިބެއް އަދާކޮށްދެއެވެ. މިހުރިހާ ކަންތަކެއް ބަލަން ކޮންމެރެއަކުވެސް އެކޮޓަރީގައި ޝައިލާ އިނދެއެވެ. އާޔަން އަރީނާދެކެ ވާލޯބި ވަރަށްކައިރިން ޝައިލާއަށް ފެންނަމުން ދިޔައެވެ. އެހެނަސް އެލޯބިން ކުޑަ މިންވަރެއްވެސް ޝައިލާއަކަށް ނުލިބެއެވެ. ކޮންމެ ރެއަކުވެސް އަރީނާ ނިދުމުން ޝައިލާގެ ޝަކުވާތައް ފެށެއެވެ. އާޔަން ޝައިލާއަށް ލޯބިނުދޭ ވާހަކައެވެ. ޝައިލާގެ ހިތުގެ އާދޭސްތައް އަޑުނާހާ ވާހަކައެވެ. އެހުރިހާ ސުވާލަކަށްވެސް އާޔަން ދެނީ އެއްޖަވާބެކެވެ. އާޔަން ޝައިލާދެކެ ލޯބިނުވާ ވާހަކަ އާޔަން ތަކުރާރުކޮށް ޝައިލާކައިރީ ބުނެއެވެ. އަދި ޝައިލާއާއި އާޔަން ކައިރިވާނީވެސް ޝައިލާދެކެ ލޯބިނުވިއަސް ގަދަރުކުރެވޭފަދަ އިންސާނަކަށް ޝައިލާވުމުން ކަމަށް އާޔަން ބުނެއެވެ. ޝައިލާ ކައިރީ ނަމާދުކުރުމަށާއި ޝަކުވާތައް މަދުކުރުމަށް އާޔަން އެދެމުން ދެއެވެ. ކެތްތެރިވުމަށް ނަސޭހަތްތެރިވެއެވެ. އަދި އާޔަންގެ ލޯބި ނުލިބުނު ކަމުގައިވިއަސް އާޔަންގެ އަޅާލުމާއި ޝައިލާ ބޭނުން ކޮންމެ އެއްޗެއްވެސް ޝައިލާއާއި އަރީނާއަށް ލިބޭނެކަމަށް އާޔަން ބުންޏެވެ.
އާޔަން ކޮންމެރެއަކު ނޫރާއަށް ގުޅައެވެ. އެހެން ގުޅާއިރު ޝައިލާއަށް ފަޅާއަރާފާނެތީ އެކަމާވެސް އާޔަން ވަރަށް ވިސްނައެވެ.
ދުވަސްތަކެއް ފާއިތުވެގެން ހިގައްޖެއެވެ. މިހާރު ނޫރާމެންގެ އެންމެ ފަހު އިމްތިހާނުތައް ކުރިއަށް ދަނީއެވެ. ނޫރާ މިފަހަރު ހުރީ އެކަމަށްގޮސް ހުސްވެފައެވެ. އިތުރު އެހެންކަމެއް ނުކުރެއެވެ. ރޭގަނޑުވެސް ގިނަވަގުތު އެސައިންމެންޓްތައް ހެދުމާއި ޕްރެސެންޓޭޝަނަށް ފަރިތަކުރުމާއި މިކަހަލަ ކަންތައް ތަކެއްގައި އަވަދިނެތި އުޅެއެވެ. ލައި، ޒީނާއާއި ނާއިފްވެސް އެހާބިޒީއެވެ. އެކަކު އަނެކަކަށް ފެނިނުލާތާވެސް ހަފްތާއެއްވެގެން ދަނީއެވެ. ސައީދާގެ ކަމަކީ އަބަދު ނޫރާކައިފިތޯ ހަމައަށް ނިދާތޯ ބެލުމެވެ. މާބުރަކޮން އުޅޭތީވެ ނޫރާގެ ސިއްޙަތައް އަންނަމުންދާ ބަދަލުން ސައީދާ ހުންނަނީ ފިކުރުބޮޑުވެފައެވެ. މާބޮޑަށްވެސް ނޫރާ ހިކިއްޖެއެވެ. ބުރަކޮން އުޅެމުން ރަގަޅަށް ނުކެވޭތީއެވެ.
އެދުވަހު ސައީދާ ބަދިގޭގައި އުޅެނީ ޖާވިދުއާއިއެކު ނޫރާއަށް އެންމެމީރު އެއްޗެހި ހެދޭތޯއެވެ. ސައީދާބުނާގޮތަކަށް ޖާވިދު ކައްކަމުން ދެއެވެ. އެވަގުތު ކޮންމެސް މީހަކު ދޮރުން ވަދެގެން އައުމުން ސައީދާހީކުރީ ނޫރާއައީކަމަށެވެ. ނަމަވެސް ގަޑި ބަލައިލިއިރު އަދިމާ އަވަހެވެ. އެހެންކަމުން ބަދިގެއިން ބޭރަށް ނިކުތީ ކާކުތޯ ބަލައިލާށޭވެ. އެއީ ދެވަނަ އެހެން މީހެއްނޫނެވެ. އެއީ އިސްމާޙްއެވެ. އަންގާވެސް ނުލާ އިސްމާޙް އައިސް ހުރުމުން ހައިރާންކަމެއް ލިބިފައި ސައީދާ ހުއްޓެވެ.
ނޫރާ ގެއަށްއައިއިރު އާޔަންގެ ބައްޕަ ގޭގަ އުޅޭތީ ހިސާބަކަށް ހައިރާންވެހުރެވެސް ނޫރާ ހިތްހެޔޮކަމާއެކު އާޔަން ބައްޕައާއި ސަލާމް ކޮށްލިއެވެ. އާޔަންބައްޕަ އައީ ކީއްކުރަން ކަމެއް ނޫރާއަކަށް ނޭގެއެވެ. އަދި ސައީދާއަކަށްވެސް ނޭގެއެވެ.
“ކައިފިންތަ؟” އޯގާތެރިކަމާއިއެކު އާޔަން ނޫރާ ކައިރީ އެރޭ ގުޅާފައި އެހިއެވެ. ނޫރާ ހޫން ލައްވާލިއެވެ.
“އާޔަން. ޑެޑް އެބައުޅޭ މިކޮޅުގަ. ބިޒްނަސް ކަމަކުހެން ހިޔެއްނުވޭ އައިސް އެއުޅެނީ. ބޭރަކަށްވެސް ނުދޭ. ހަތަރުދަމު ގޭގަ އެބަ އިނދޭ.” ނޫރާ އާޔަން ކައިރީ ބުންޏެވެ.
“ކީކޭ! ޑެޑްވީ މެލޭގަތަ. އެކަމަކު ބުނި ދުބާއީއަށް ދާވާހަކަ.” އާޔަން ހުރީ ހައިރާންވެފައެވެ.
“އަނެއްކާ ކަމެއް ގޯސްވީތަ؟” ނޫރާ ހުރީ ބިރުގަންނަގޮތް ވެފައެވެ.
“އިނގިފައެއް ނެތް. ބަޓް….. އިރުކޮޅަކުން އެބަ ގުޅަން.” އެހެން ބުނެ އާޔަން ފޯނު ބޭއްވިއެވެ. އާޔަން ބައްޕައަށް ގުޅަން ފޯނު ކަނޑާލީކަން ނޫރާއަށް އިނގުނެވެ.
“ޖަސްޓް ނަތިން ސީރިއަސް. ޑެޑް މާދަމާ ދުބާއީއަށް ދާނެ. ހަމަ ނޫރާމެންގެ ހާލުބަލައިލަން މަޑުކޮށްލީކަމަށް ޑެޑް ބުނީ.” އާޔަން ބުންޏެވެ.
ޖެހިގެން އައިދުވަހު އިސްމާޙްގެ އެދުމުގެ މަތިން އިސްމާޙްއާއި އެކު ކާރުގައި ނޫރާއާއި ސައީދާ ތިއްބެވެ. ގެންދަނީ ކޮންތަނަކަށް ކަމެއް ނޭގެއެވެ.
“ވިލް ސީ!” ކޮންތާކަށްތޯ ގެންދަނީ އަހާލުމުން އިސްމާޙް ބުންޏެވެ. ކާރުގޮސް ހުއްޓީ ބޮޑު ގޭޓެއްގެ ކުރިމަތީއެވެ. އިސްމާޙް އަތުގައި އޮތް ރިމޯރޓަށް ފިތާލުމުން އޮޓަމެޓިކުން ގޭޓުގެ ދޮރު ހުޅުވިގެން ދިޔައެވެ. ކާރު އެތެރެއަށް ވަދެގެން ދިޔައީ ރީތި ބަގީޗާއެއްގެ ތެރެއިން ލާފައެވެ. މާތަކުގެ މީރުވަސް ފަޒާގައި ފެތުރިފައިވެއެވެ. ކާރުގޮސް ހުއްޓީ ބޮޑު ހުދުކުލައިގެ ގަނޑުވަރެއްފަދަ ގެއެއްގެ ކުރިމަތީއެވެ. ނޫރާ ހައިރާންވެ އިނދެ ސައީދާއަށް ބަލައިލިއެވެ.
އިސްމާޙްގެ އެދުމުގެ މަތިން ނޫރާ އާއި ސައީދާ ކާރުން ފޭބިއެވެ. ދެމީހުންވެސް ތިބީ ހައިރާންވެގެން ގޮސް ބުނާނެ އެއްޗެއް ނޭގިފައެވެ. އެގޭދޮރުމަތީ ފައްޗަކަށް އެތުރިލައިގެން އެގޭ ނޯކަރުންތައް ތިއްބެވެ. އެތެރެއަށް ވަނުމަށް އިސްމާޙް އިޝާރާތްކުރުމުން ނޫރާއާއި ސައީދާ އެތެރެއަށްވަނީ ސުވާލުން ފުރިގެންވާ ނަޒަރެއް ދެމީހުނަށް ބަދަލު ކޮށްލަމުންނެވެ. ނޫރާއަށް އިތުރު ހައިރާން ކަމެއް ލިބުނީ ބޮޑު ލިޔެކިއުމެއްގައި ސޮއިކުރުމަށް އިސްމާޙް ބުނުމުންނެވެ. ސުވާލު އުފެދިފައި ބަލަން ހުރުމުން އިސްމާޙް ހީލިއެވެ. އަދި އެލިޔުމުގައިވާ އެއްޗެއް ނޫރާއަށް އޮޅުން ފިލުވައިދިނެވެ. ނޫރާހުރީ ގަބޫލުކުރަން ދަތިވެފައެވެ. ސައީދާގެ އަނގަ ހުޅުވުނު ގޮތަށް ލަށްޕަންވެސް ނޭގިފައި ސައީދާ ހުއްޓެވެ.
“ވައި؟ ވައި ޑެޑް؟ ވައި އާރ ޔޫ ޑުއިން ދިސް.” ނޫރާ ހުރީ ކުޑަކޮން ހިތްހަމަ ނުޖެހޭގޮތްވެފައެވެ.
އާޔަންގެ ބައްޕަ ނޫރާއަށް ބޮޑު ގަނޑުވަރެއްފަދަ ގެއެއް ހިބަކޮށްދިނީއެވެ. އެހާއަގުހުރި އެހާ ފެންވަރު ރަގަޅު ތަނެއް ނޫރާގެ ނަންމައްޗަށް ގެނެސް އެވަނީ ނިމިފައެވެ. ނޫރާއަށް ޓަކައި އާޔަންގެ ބައްޕަ އަޅާދީފައިވާ ގަނޑުވަރު ކިތަންމެހާވެސް ފުރިހަމަވެފައި ރީއްޗެވެ. އެތެރޭގައި އެތައްބައިވަރު ކޮޓަރިތަކެއް ވާއިރު އިންޑޯ ޕޫލެއްވެސް އެގަނޑުވަރުގައި ވެއެވެ.
އަގުބޮޑު ފަރުނީޗަރު ތަކުން ޒީނަތްތެރިކޮށްފައިވާއިރު މުޅިގޭގައި ވަނީ ސަންގުމަރުމަރު ހިލައިން އޮފުއަރާފައިވެއެވެ. އެތަކެއްފަހަރު އެހަދިޔާ ގަބޫލު ނުކުރަން ނޫރާ މަސައްކަތް ކުރުމުންވެސް އެންމެފަހުން އެހަދިޔާ ގަބޫލުކުރަން މަޖުބޫރުވީ އާޔަން ނޫރާއަށް ގުޅުމުންނެވެ. އެވަގުތު އާޔަން ނޫރާއަށް ގުޅީ މަރުހަބާ ކިޔާށެވެ. އެހުރިހާކަމެއް އާޔަންއަށްވެސް އިނގޭކަން އިނގުނީ އާޔަން ގުޅައިގެން ދެއްކިވާހަކައިން ނެވެ.
“ޑެޑް އެންމެކުރިން ތިގެ ހަދާވާހަކަ ދެއްކީ މަންމަ ނޫރާއާއި ދިމާވި ދުވަހު. ތިތަން ހަދަން ފަށައިފި އާޔަންއާ ނޫރާއާ ރައްޓެހިވެސް ނުވަނީސް. އޭރު ޑެޑްއަކަށް ނުވެސް އިނގެ އާޔަންއަށް ނޫރާއާ މެރީ ކުރެވޭނެކަމެއްވެސް. އެކަމަކު އޭރުންފެށިގެން ނޫރާއަށް ޑެޑް ހަދައިދިން ގެއެއްތީ ސޯ އެކްސެޕްޓް އިޓް ނޫރާ. ހީ ލަވްސްޔޫ އޭސް ހިޒް އޯން ޑޯޓަރ.” އާޔަން އެންމެ ފަހުން ބުނި ޖުމްލައިން ނޫރާގެ ލޮލުން ކަރުނަ ނިރާލިއެވެ. ނޫރާގެ އަމިއްލަ ބައްޕަ މަތިން ހަދާންވެގެން ދިޔައެވެ. އެފަދަ ދެވަނަ ބައްޕައަކު ލިބުނީކަމުގެ އުފާވެސް ނޫރާހިތަށް ވަދެގެން ދިޔައެވެ.
ސައީދާ ހުރީ ނުހަނު އުފާވެފައެވެ. ކޮރެއާގައި ނޫރާއަށް ހާއްސަ ކޮށްފައިވާ ކޮޓަރި ހުރިގޮތަށް ހުރީ މިހާރު އެގަނޑުވަރުގައެވެ. ނޫރާގެ އަގުބޮޑު ހެދުންތަކާ ގަހަނާއާއި ފައިވާންތަކެވެ. ދަބަސްތަކާ އެހެނިހެން ސާމާނު ތަކެވެ. އިސްމާޙްގެ އެދުމުގެ މަތިން ނޫރާމެން އެގެއަށް ބަދަލުވީ ނޫރާގެ ޔުނިވަރސިޓީއާވެސް އެގެ ކައިރިވީމައެވެ.
އަނެއްކާވެސް ދުވަސްތަށް ހަލުވިކަމާއެކު ދެއެވެ. މިހާރު ކިޔެވުން ވަނީ ނިމިފައެވެ. ގުރެޖުއޭޝަން އޮތީ ދެތިންމަސް ފަހުންނެވެ. ލައިއާއި ޒީނާއާއި ނާއިފްވެސް އެދުވަސްކޮޅު މާލެދިޔައީ ގުރެޖުއޭޝަންއަށް އަލުން އަންނާނީކަމަށް ބުނެފައެވެ. މިހާރު ނޫރާގެ އެކަނިވެރިކަން އިންތިހާއަށް ހިގައްޖެއެވެ. ނޫރާ މިހާރު އެއްގޮތަކަށްވެސް ބޭރަކަށް ނުނިކުމެއެވެ. ތާ އަބަދު ގޭތެރޭ އިންނަނީއެވެ. ސައީދާ އެކަމާ އެއްޗެއް ބުނުމުންވެސް ބޭރަށް ދާހިތް ނުވަނީކަމަށް ބުނެއެވެ. ނޫރާގެ އެކަނިވެރިކަން އެންމެގާތުން ފެންނަމުން ދަނީ ސައީދާއަށެވެ. އެކަމާ ސައީދާ ހުންނަނީ ނުހަނު ފިކުރު ބޮޑުވެފައެވެ. ސައީދާއަށް އަބަދު އެކަމާ ވިސްނެނީއެވެ.
އރިުގެ ދޯދިތައް ފަޒާއަށް އެޅިގެން އައިވަގުތު ނޫރާ އެކަނިމާއެކަނި އެބޮޑުގޭގެ ބަގީޗާގައި މާތަކުން ވަސްބަލަމުން މަޑު ފިޔަވަޅެއް އަޅަމުން ހިގަމުން ދެއެވެ. އެމަންޒަރު ބަލަން ގޭގެ ބެލްކަނީގައި ސައީދާ ހުއްޓެވެ. ސައީދާ މިހާރު ނޫރާ ކައިރީ މާލެދާން ކިޔާތާވެސް އެތަކެއް ދުވަސް ވެއްޖެއެވެ. މާލެގޮސް ވަކި ކުރާނީ ކީއްހޭ ނޫރާ ބުނަމުން އެކަމަށް އިޖާބައެއް ނުދިނެވެ. ނޫރާ މިހާރު ވަނީ ވަރަށް ހިކިފައެވެ. އަބަދު ގޭގައި އުޅުމުގެ ސަބަބުން މީހާވަނީ އިތުރަށް ދޮންވެފައެވެ. ނަމަވެސް އެމޫނުމަތީގެ ތާޒާކަން ވަނީ ގެއްލިފައެވެ. ސައީދާ ނޫރާއާއި މެދު ވިސްނަން ހުއްޓެވެ.
އިރުކޮޅަކުން ފޯނެއް ރިންގުވާއަޑު އިވުމުން ސައީދާ އެތެރެއަށް ވަނެވެ. ރިންގުވަނީ ސައީދާގެ ފޯނެއް ނޫނެވެ. ސައީދާ ހޯދާލިއެވެ. އެނދުމަތީ އޮތް ނޫރާގެފޯނު ފެނުމުން ސައީދާ ގޮސް އެފޯނު ބަލައިލިއެވެ. އޭރު ރިންގުވަނީ ކެނޑިފައެވެ. ތިން މިސްކޯލު އައިސްފައި ވެއެވެ. އަނެއްކާވެސް ރިންގުވާން ފެށިއެވެ. އެއީ އާޔަންއެވެ. ސައީދާ ފޯނުނެގިއެވެ. އަދި އާޔަން ނޫރާގެ ވާހަކަ އެހުމުން ސައީދާގެ ހިތުގައި ނޫރާއާއިމެދު އުފެދިފައިވާ ހުރިހާ ޝަކުވާއެއް ފައްޗަކަށް އާޔަންއަށް ކިޔައިދިނެވެ. ނޫރާ ގިނައިން ނުކާވާހަކައެވެ. ހަމައަށް ނުނިދާވާހަކައެވެ. މީހާ ހިކެމުން އަންނަވާހަކައެވެ. މިހުރިހާ ވާހަކައެއް އަޑުއަހަން އާޔަންހުރީ މަޑުމައިތިރިކަމާއެކުއެވެ. ސައީދާގެ ވާހަކަ ނިމުނުއިރު އާޔަންއަށް ހުރީވަރަށް އަސަރުކޮށްފައެވެ. ތެދެކެވެ. ނޫރާއާއި ދުރުގައި އުޅޭތާ މިހާރު ދިހަމަސް ވެގެން ދަނީއެވެ. އަރީނާ ކައިރީ އާޔަން އުޅޭތީ ނޫރާއަށް ކުރާނެ އަސަރަކާމެދު އާޔަންއަށް ވިސްނާނުލެވުނީއެވެ. ނަމަވެސް ނޫރާ އަށް ކޮންމެދުވަހަކު ބަރާބަރަށް އާޔަން ގުޅާ އިރުވެސް ނޫރާ ހުންނަނީ ނިކަން ހިތްހަމަޖެހިފަހެން އާޔަންއަށް އިހުސާސްވަނީ ނޫރާވެސް ހަމަޖެހިލައިގެން ހީހީފައި އާޔަންއާއި ވާހަކަ ދައްކާތީއެވެ.
އާޔަން އެނދުގައި އޮތީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އާޔަންގެ ކޮޓަރިއަށް އެވަގުތު ޝައިލާ އައިކަމެއްވެސް އާޔަންއަކަށް ނޭގެއެވެ. ޝައިލާއައިސް އާޔަންއަށް ބަލަން އެތަކެއް އިރު ހުރުމަށްފަހު މަޑުމަޑުން އާޔަންގެ އެނދާ ކައިރިއަށް ޖެހިލިއެވެ.
“އާޔަން، އާޔަން،” ޝައިލާއަށް މީގެކުރިން އާޔަން އެހާފިކުރުބޮޑުވެފައި އޮއްވާ ފެނިފައެއް ނުވެއެވެ.
“ހޫމް.” އާޔަން އެއޮތްގޮތަށް އޮވެ ބުންޏޭވެ.
“ކެން ވީ ޓޯލކް” ޝައިލާ އެނދުކައިރީ ހުރި އެކަކަށް އިށީނދެވޭ ސޯފާގައި އިށީންނަމުން އަހާލިއެވެ.
އާޔަން ތެދުވެ އެނދުގައި އިށީނެވެ. މިހާރަކަށްއައިސް ޝައިލާއާއި އާޔަން ވާހަކަދައްކާލާ އުޅެއެވެ. ޝައިލާގެ އުޅުން ބަދަލުވަމުން އަންނަހެން އާޔަންއަށް ހީވާތީއެވެ. މިހާރު އަރީނާ ގޮވައިގެން ޝައިލާ ނަމާދަށް އަރާތަންވެސް އާޔަންއަށް ފެނެއެވެ. އެހެންކަމުން އެކުވެރިކޮން އާޔަން ޝައިލާއާއި ވާހަކަދައްކާލާ އުޅެނީއެވެ.
“ކިހިނެއްވީ ޝައިލާ. އިޒް ސަމްތިންގް ރޯންގް؟” މަޑުމައިތިރި ކަމާއެކު އާޔަންއަހާލިއެވެ.
“އާޔަން. އާޔަން ބުނީމެއްނު އަހަރެން ރަގަޅު މީހަކަށްވެ ހަރުދަނާ ވުމުން އާޔަންގެ އަންބެއްގެ މަގާމު އަހަންނަށް ދޭނަމޭ. އަހަރެން ވަރަށް މަސައްކަތް ކޮށްފިން މިހާރު އެމަގާމު ހޯދަން. އަހަރެން ވަރަށްގިނަ ކަންތަށް އިސްލާޙް ކޮށްފިން. ކުރިން ކުރެވުނު ހުރިހާ ފާފަތަކަކަށް އަހަރެން ތައުބާ ވެއްޖައިން. ލާ ހެދުންތައްވެސް ބަދަލުކޮށްފިން. ގީބަބުނުމާ މީހުންގެ ވާހަކަ ދެއްކުމުން ވެސް ދުރުވެއްޖައިން. އާޔަން އަހަރެންނަށް އައިސްފައިވާ ބަދަލު އާޔަންއަކަށް އަދިވެސް ނުފެނޭތަ؟ އަހަންނަކީވެސް އިންސާނެއް. އަންހެނެއް. މީހެއްގެ އަނބެއް. އަހަރެންގެވެސް ވަނީ ހިތެއް. އަހަރެން ހިތައް އަރާނެ އެއްޗަކާމެދު އާޔަން އެއްފަހަރުވެސް ވިސްނާލީމުތަ؟ އަހަންނަށްވެސް އިނގޭ އަހަރެން ކުރިން އުޅުނީ ރަގަޅަށް ނޫންކަން. މިހާރު އަހަރެން އެކަމާ ހިތާމަވެސް ކުރަން. އަހަރެން އާޔަންދެކެ ވަރަށް ލޯބިވޭ. މިހާރު އަދިވަކިން ލޯބިވޭ. އާޔަންގެ ރަގަޅުކަމާ ހިތްހެޔޮކަން އަހަންނަށް ފާހަގަ ކުރެވޭ. ޕްލީސް އާޔަން. އެކްސެޕްޓްމީ އޭސް ޔުއަރ ވައިފް އާޔަން.” ޝައިލާއަށް ރޮވެން ފެށިއެވެ. މިވީހާދުވަހު އެކަހަލަ ޝަކުވާއެއް ޝައިލާ ނުކުރެއެވެ. ނަމަވެސް މިއަދު އެގޮތަށް ޝައިލާ ޝަކުވާކުރަމުން ދާތީ އާޔަންވެސް ދެރަވިއެވެ. ޝައިލާއާއި މެދު ވިސްނާލެވުނެވެ. ތެދެކެވެ. ޝައިލާވަނީ ވަރަށް ގިނަ ކަންތައްތައް ރަގަޅުކޮށްފައެވެ. އާޔަންއަށް ބޭއިހުތިޔާރުގައި ޝައިލާއާއި ދިމާއަށް ބަލއިލެވުނެވެ. ޝައިލާގެ ހަށިގަނޑުވަނީ ހިކިފައެވެ. ކުރިން ހުރި މަސްތައް މިހާރަކު ނެތެވެ. މިހާރު ލައިގެން ހުންނަނީވެސް ގަޔަށްދޫ ހެދުމެވެ. އަދި ބޭރަށްދަމުން ބުރުގާވެސް އަޅައެވެ. އާޔަންއަށް އެހުރިހާކަމެއް ފެނެއެވެ. ނަމަވެސް އެކަންތައްތައް ފާހަގަ ނުވަނީ ކީއްވެހެއްޔެވެ. ގައިމު ޝައިލާއަކީވެސް އާޔަންގެ އަންބެކެވެ. އަންބެއްގެ ދަރަޖަ ނުދެވެންޏާ އާޔަން ފާފަވެރިވާނެ ނޫންހެއްޔެވެ.
“ޝައިލާ…. އާޔަންއަކަށް ޝައިލާދެކެ ލޯތްބެއް ނުވެވުނު. އަރީއަށް ޓަކައިވެސް ޝައިލާދެކެ ލޯބިވެވޭތޯ އާޔަން މަސައްކަތްކޮށްފިން. އެކަމަކު އެކަމެއް ނުވި. އައި އޭމް ސޮރީ ޝައިލާ. ފޮރ އެވްރިތިން.” އާޔަން ޝައިލާއަށް އަސަރުން ފުރިފައިވާ ގޮތަކަށް ބަލައިލިއެވެ. “އާޔަން ވަރަށް މަސައްކަތް ކުރާނަން ޝައިލާއަށް ވައިފްއެއްގެ ދަރަޖަ ދެވޭތޯ. ބަޓް ގިވްމީ ސަމްޓައިމް.” އާޔަން ބުންޏެވެ.
“ކިހާވަގުތެއް އާޔަން. އަދިވެސް ވަގުތު ދެވިދާނެ. އެކަމަކު އާޔަން އައި ރިއަލީ ނީޑް ޔޫ.” ޝައިލާ ކުއްލިއަކަށް ގޮޑިން ތެދުވިއެވެ. އަދި އާޔަން ކައިރިއަށް އައިސް އީށީނދެ އާޔަންގައިގައި އޮޅުލައިގަތެވެ. އާޔަންއަށް ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ. އަދި ޝައިލާގެ އަތް ގަދަކަމުން ނައްޓާލުމަށް ފަހު އެނދުން ތެދުވިއެވެ.
“ޝައިލާ… ޕްލީޒް ނޮޓް ނައު. ކެތްތެރިވެބަލަ. އާޔަންއަދި ތިކަމަކަށް ތައްޔާރެއްނޫން.” އާޔަން ހުރީ ކުޑަކޮން ނުރުހިފައެވެ. ޝައިލާއަށް ރޮވެން ފެށިއެވެ. އަދި އާޔަންގެ ކޮޓަރިން ނުކުމެގެން އަރީނާކޮޓަރިތެރެއިން ލައިގެން ޝައިލާގެ ކޮޓައިއަށް ޝައިލާގޮސް ވަނެވެ. އެމަންޒަރު އަރީނާއަށް ފެނުމުން އެތަކެއް ސުވާލު އަރީނާގެ ޅަހިތުގައި ހިގައިގަނެގެން ދިޔުމުން ދުވެފައި އާޔަން ކޮޓަރިއަށް ވަނެވެ.
“ޑެޑީ! ޑެޑީ! މަންމި ރޮމުން ރޮމުން އެދިޔައީ ކީއްވެ.” އަރީނާ އައިސް އާޔަން ކައިރީ އެހިއެވެ. ދޭނެ ޖަވާބެއް ނޭގިފައި އާޔަން ހުއްޓެވެ.
“ޑެޑީ! ޑެޑީތަ މަންމި ރޮއްވީ؟ މަންމި މިހާރު ވަރަށް ރޯތަން ފެނޭ އަރީއަށް. މަންމި ހެޕީ ކޮށްދޭން ހަދާނެ ގޮތެއްވެސް އަރީއަކަށް ނޭގެ. ޑެޑީއަށް އެގޭތަ؟” އަރީނާ ބުނަމުން ދިޔައެވެ. އަރީނާގެ ވާހަކައިން އާޔަންގެ ހިތަށް އިތުރަށް އުނދަގޫވަމުން ދިޔައެވެ. އަރީނާ އުފަލުގައި ބަހަށްޓަން ބޭނުންނަމަ އޭނަގެ މަންމަވެސް އުފަލުގައި ބަހަށްޓަން ޖެހޭނެ ނޫން ހެއްޔެވެ. އާޔަންގެ ހިތަށް އަރަމުން ދިޔައެވެ.
ޖެހިގެން އައި ހަފްތާގައި އާޔަން މެލޭޝިއާއަށް ފުރައިގެން ދިޔައީ ޝައިލާ ކައިރީ މާފަށް އެދުމަށްފަހުއެވެ. އަދި މެލޭޝިޔާއިން އައިސް ޝައިލާ ބޭނުންވާކަންތައް ކޮށްދެވޭތޯ ބަލާނަން ކަމަށް ބުނެފައެވެ. ނަމަވެސް މެލޭޝިޔާއަށް އާޔަން ދިޔައީ ޝައިލާކައިރީ ވިޔަފާރި ދަތުރެއްކަމަށް ބުނެފައެވެ. އާޔަން މިފަހަރު މެލޭޝިޔާއިން އައިސް ޝައިލާއަށް ހުރިހާ ވާހަކައެއް ކިޔާދޭން ހުރީ ނިންމައިގެނެވެ.
ނޫރާ އެކަނިމާއެކަނި ފަތާ ފެންގަނޑަށް ދެފައި ލައިގެން ތަޅުވާލަ ތަޅުވާލަ އިނީ އަމިއްލަ ހިޔާލީ ދުނިޔެއެއްގައެވެ. އޭރު ސައީދާ ބަދިގޭގައި އުޅޭ ނޯކަރުންނަށް އެދުވަހުގެ ކެއުމަށް ހަދަންވީ ތަކެތި ކިޔާދޭން އުޅެއެވެ. އެގޭ ސެކިއުރިޓީ ވަރުގަދަ ކަމުން އެގޭ ބޮޑުމީހަކަށް ނޭގި އެކަކަށްވެސް އެގެއަކަށް ނުވަދެވޭނެއެވެ. ބެލްޖަހާއިރު ކެމެރާއިން ކާކުކަން ފެންނަން ހުރެއެވެ. އާޔަންއައިސް ބެލްޖެހުމުން ސައީދާއަށް އާޔަން ފެނުނެވެ. އަވަހަށް ސައީދާ ދޮރުހުޅުވީ ވަރަށްވެސް އުފާވެފައި ހުރެއެވެ. އާޔަންވަދެ ސައީދައާއި ސަލާމް ކޮށްލީ ކޮލާކޯ ޖައްސާލަމުންނެވެ. އާޔަން އަވަސްވެގަތީ ނޫރާ ހޯދާށެވެ. ނޫރާ ވީތަން ސައީދާބުނުމުން އާޔަން އެދިމާއަށް ދިޔައީ ނުހަނު ބާރަށެވެ.
އާޔަން އައިސް ނޫރާ ފަހަތުގައި ހުއްޓުނުމުން ނޫރާ ފަހަތް ބަލައިލީ މީހަކު ހުރިހެން ހީވެގެންނެވެ. އާޔަން ފެނުމުން ނޫރާއަށް ފުންމައިގެން ތެދުވެވުނެވެ. އަދި ވަގުތުން އާޔަން ގައިގައި ބައްދާލެވުނެވެ. އާޔަންއަށްވެސް ވީ އުފަލެއް ބުނަންވެސް ނޭގެއެވެ. ނޫރާގެ އުނަގަނޑުގައި ހިފާ އުފުއްލާވެސް ލެވުނެވެ. ނޫރާވަރަށްވެސް ލުޔެވެ. ނޫރާގައިން އާޔަން ދޫކޮށްލަމުން ނޫރާއާއި ދިމާއަށް ފުންކޮން އާޔަން ބަލައިލިއެވެ. ނޫރާވަނީ ވަރަށް ބޮޑަށް ހިކިފައެވެ. މޫނުމަތިން ދޮންވެލަފައިވާއިރުވެސް ލޯކައިރިވަނީ ކޮންމެވެސް ވަރަކަށް ކަޅުވެފައެވެ. ހަމައަށް ނުނިދެނީ ހެއްޔެވެ. އާޔަންއަށް ނޫރާގެ މޫނުގައި ފިރުމާލެވުނެވެ. ހާދަ ވަރަކަށް ނިކަމެތި ވެއްޖެއެވެ. އެހާދުވަސް ކޮށްފައި ފެނުމުން ނޫރާއަށްވެސް އުޅެނީ އާޔަންއާއި ދުރަށް ނުދެވިގެނެންނެވެ. އަނެއްކާވެސް ދެމީހުނަށް އޮޅުލައިގަނެވުނެވެ. ދިހަމަސް ވަންދެން ނޫރާ އާޔަންއަށް އިންތިޒާރު ކޮށްފިއެވެ. ދެން އިތުރަށް އިންތިޒާރެއް ނުކުރެވޭނެއެވެ. އާޔަން ނޫރާއާއި އެކުގޮސް ނޫރާގެ ކޮޓަރިއަށް ވަނެވެ.
“ވާއު. ޑެޑްވެސް މީ ހާދަ ގަދަ މީހެކޭ.” އާޔަންއަށް ބުނެވުނެވެ. “ދިސް ހޯލް ހައުސް އިޒް އޯލް ޔުއަރސް.” އާޔަން ނޫރާގެނެސް އާޔަންގެ މޭގައި ޖައްސާލިއެވެ.
“އާޔަން. އާޔަންއަށް އިނގޭތަ މިހުރިހާ ދުވަސްތަށް ނޫރާ ވޭތުކުރަމުން ދިޔަގޮތް.” އާޔަންގެ މޭގައި ބޯއަޅާލައިގެން ހުރި ނޫރާ ބުންޏެވެ. އާޔަން ނޫރާގެ އޮމާން މަޑުމަޑު އިސްތަށިގަނޑުގައި ފިރުމަމުން ދެއެވެ.
“އައި އޭމް ސޮރީ ނޫރާ. އެހާ ގިނަ ދުވަހު ނޫރާ އިންތިޒާރުކުރަން ޖެހުނީމަ ވަރަށް ބޮޑަށް ސޮރީ” އާޔަން ނޫރާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭރު ނޫރާގެ ކޯތާފަތް މައްޗަށް ކަރުނަތިއްކެއް ފައިބައިގެން ދެއެވެ.
“އާޔަންގެ ލޯބި ނޫރާ.” އާޔަން ނޫރާގެ އެ ކަރުނަ ތިއްކަށް ބޮސްދިނެވެ. “ނުރޮއެބަލަ. މިހާރު އާޔަން މިހިރީ ކައިރީގައެއްނު. މައި ބްރޭވް ގާރލް މިހާރު ހާދަ ފިނޑިވެސް ވެއްޖެޔޭދޯ.” އާޔަން ބުންޏެވެ.
“މި ރޮނީކީ ނޫނޭ. އައި އޭމް ސޯ ހެޕީ އާޔަން. އައި ކޭންޓް ކޮންޓްރޯލް މައިސެލްފް.” ނޫރާ ބުންޏެވެ. އާޔަން ލޯބިން ނޫރާގެ މޫނުގެ އެތަން މިތަނަށް ބޮސްދެމުން ދާންފެށިއެވެ. ހަމަހިމޭން ލޯބީގެ ވަގުތުކޮޅެއް ދެމިގެން ދިޔައެވެ. ދޮރުގައި ޓަކި ޖަހާލުމުން އާޔަން ނޫރާ ގައިން ދޫކޮށްލަމުން ނޭވާހަމައަކަށް އަޅުވާލަމުން ގޮސް ދޮރުހުޅުވިއެވެ. ނޫރާވެސް ނޫރާގެ ހޭވިފައިވާ އިސްތަށިގަނޑު ރަގަޅުކޮށްލިއެވެ. ބޭރުގައި ހުރި ނޯކަރުކުއްޖާ ބުނީ ސައީދާ ގޮވާ ކަމަށެވެ. ދެމީހުން ކުޑަކޮން މަތިހަދާލައިގެން ސައީދާ ކައިރިއަށް ދިޔައިރު ސައީދާ އިނީ ކާން ހަދައިގެން އެމީހުން ނައިސްގެނެވެ. މީން ދުވަހަކު ނުކާވަރަށް ނޫރާއަށް އެދުވަހު ކެވުނެވެ. ނޫރާ އެދުވަހު ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އާޔަން ނޫރާއާއި ސައީދާއަށް އަރީނާގެ ވާހަކަ ކިޔައިދިނެވެ. އަރީނާ ކޮށްފަހުންނަ މަޖާ ކަންތައް ތަކުގެ ވާހަކައެވެ. އަދި ހަލްމޮނީ އާއި އާޔަންގެ މަންމަގެ ތަރައްގީވަމުން އަންނަ ގުޅުމުގެ ވާހަކަވެސް ކިޔައިދިނެވެ. އާޔަންގެ ވާހަކަތަށް އަޑުއަހަށް ސައީދާއާއި ނޫރާ އެތައް އިރަކު ތިއްބެވެ. އެންމެފަހުން އާޔަން ނަމާދުކޮށްލާ އަރާމު ކޮށްލަން ކޮޓަރިއަށް ދިއުމުން ސައީދާވެސް ވަނީ ކޮޓަރިއަށެވެ.
ދެންއަނެއްކާވެސް އައީ ނޫރާއަށް އުފާވެރި ދުވަސްކޮޅެކެވެ. މިހާރު ނޫރާގެ މޫނުމަތި ރީތިވެ ތާޒާކަންވެސް އެދޮން މޫނަށް އަންނަން ފަށައިފިއެވެ. ކޮންމެދުވަހަކު އާޔަންއާއި އެކު ނޫރާ ބޭރަށްދަމުން ދަނީ ސައީދާވެސް ގޮވައިގެނެވެ. ސައީދާ އެކަނި ގޭގައި ނުބަހަށްޓަން ވެގެނެވެ. އާޔަން ނޫރާއާއި އެއްކޮން އުޅޭއިރު އަރީނާއަށް ބައެއްފަހަރު ގުޅާލައެވެ. ބައެއްފަހަރު އަރީނާ ވާހަކަދައްކާއިރު އާޔަން އިންނަނީ ނޫރާއަށްވެސް އަޑުއިވޭގޮތް ހަދައިގެނެވެ. އާޔަން އުޅޭގޮތުން އަރީނާދެކެ އާޔަންވާލޯބި ނޫރާއަށް ތަސައްވަރު ކުރެވެއެވެ. އެހެން އުޅޭއިރު ދުވަހަކުވެސް ޝައިލާގެ ވާހަކައެއް ނޫރާކައިރީ އާޔަން ނުދައްކައެވެ. އަދި ޝައިލާގެ ވާހަކަ ދައްކާކަށް ނޫރާވެސް ބޭނުމެއް ނޫނެވެ. އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދެއެވެ.
އާޔަންއަށް ދަންވަރު ހޭލެވުނީ އާޔަންގެ ފޯނު ރިންގުވާ އަޑަށެވެ. އާޔަންގެ މޭމަތީ ބޯއަޅައިގެން އަރާމުގައި ނިދާފައިވާ ނޫރާ އެއްކައިރި ކޮށްލަމުން އާޔަން އަރިއަކަށް ޖެހިލާފައި އެނދުކައިރީ ހުރި ކުޑަ ކަބަޑުމަތީ އޮތް އާޔަންގެ ފޯނުނަގާ ބަލައިލިއެވެ. ގުޅަނީ ޒޫނާއެވެ. އެހާ ދަންގަޑިއެއްގައި ގުޅާތީހައިރާންވެ އޮވެއާޔަން ފޯނަށް ޖަވާބުދިނެވެ.
“ކީކޭ. ހަމަ ކުއްލިއަކަށްތަ؟” ޒޫނާ ދިން ހަބަރަކުން އާޔަންގެ ނިދިވެސް ފިަލއިގެން ދިޔައެވެ.
“ނޫނޭ. އާޔަން ދިޔަފަހުން ރޯގާޖެހިގެން އުޅުނީ. ބޭސް ކައިގެންވެސް ރޯގާވެސް ދުވަހަކު ރަގަޅުވާގޮތެއް ނުވި. ދެން މިއަދު ހަންގަނޑު ކަހާފަ ބިހިތަކެއް ނަގައިގެން އުޅުނީ. ދެން މިރޭ ނޭވާނުލެވިގެން އުޅޭތީ މިއައީ ހޮސްޕިޓަލަށް.” ޒޫނާ ބުންޏެވެ.
“ދެން އަރީނާ ކޮބާ؟” އާޔަން އެހިއެވެ.
“އަރީނާ ކައިރީ ޑެޑް ވީ. އަލިވީމަ ހަލްމޮނީވެސް ދާނެ އަރީނާ ކައިރިއަށް. ދަރިފުޅާ. އެބަގުޅަން އިނގޭ. ޑޮކްޓަރ އައިސްފި.” ޒޫނާ ފޯނު ކަނޑާލިއެވެ. އާޔަން ގަޑި ބަލައިލިއެވެ. އޭރު ގަޑިން ދަންވަރެވެ. ކޮރެއާއަށް މިހާރު ފަތިިސްވެދާނެއެވެ. އާޔަން ނޫރާއަށް ބަލައިލިއެވެ. ނޫރާއޮތީ ވަރަށްއަރާމުގަ ނިދާލާފައެވެ. ނޫރާގެ ހާމަވެފައިވާ ހަށިގަނޑުގައި ރަޖާ އަޅާލަމުން އާޔަންވެސް އެރަޖާގެ ތެރެއަށްވަދެ ނޫރާ އާޔަންއާ ކައިރި ކޮށްލިއެވެ. އިރުކޮޅެއްފަހުން އަނެއްކާވެސް ޒޫނާ ގުޅިއެވެ.
“އާޔަން. ހިޔެއްނުވެ މާބޮޑު ކަމެއް ހެނެއް. ކޮންމެސް އެއްޗަކަށް އެލާރޖިކްވީކަމަށް ޑޮކްޓަރ ބުނީ. އާޔަން ކޮންމެހެން ނަޔަސް އޯކޭވާނެ.” ޒޫނާ ބުންޏެވެ. އާޔަން ފޯނު ކަނޑާލަމުން ހަމަޖެހުމުގެ ނޭވާއެއް ލިއެވެ.
ހެދުނު ސައިގަޑީގައި އާޔަން ޝައިލާގެ ވާހަކަ ނޫރާއާއި ސައީދާ ކައިރީ ދެއްކިއެވެ. ސައީދާ ލަފާދިނީ އާޔަން އަވަހަށް ދިއުމަށެވެ. ނަމަވެސް އެއީ ސީރިއަސް ކަމެއް ނޫންކަމަށް ބުނެ އާޔަން ދާހިޔާލެއް ނުކުރިއެވެ. އެދުވަހު އާޔަންއާއި ނޫރާ ދިޔައީ ޔަތީމުހާނާއަކަށެވެ. އެއީ ކޮންމެ އަހަރަކުވެސް އާޔަންބައްޕަގެ ކޮމްޕެނީގެ ފަރާތުން ޔަތީމު ހާނާތަކަށް ދެމުންދާ އެހީ ހިފައިގެން އާޔަން ދާންޖެހިފައި އޮތުމުން ނޫރާވެސް އެކުދިންނާއި ބައްދަލު ކޮސްލާހިތް އޮތްލެއް ބޮޑުކަމުންނެވެ. އާޔަން ޔަތީމު ހާނާއަށް ދެނީ ފައިސާއާއި ހުރިހާކުދިންނަށް ވާވަރަށް އަންނައުނެވެ. އެތާތިބި ކުދިން ފެނުމުން ނޫރާގެ ހިތަށް އަސަރުކުރިއެވެ. ނޫރާއަށް ލިބިފައިވާ ތަނަވަސްކަމަށް ނޫރާއަށް ޝުކުރުވެރިވެވުނެވެ. އާޔަންމެން އެހާ މުއްސަނދި އިރުވެސް ބޮޑާކަމެއް ނެތީ މިފަދަ ތަންތަން ފެންނާތީކަން ކަށަވަރެވެ. ދުނިޔެގެ އެހެންމީހުން އުޅޭގޮތްވެސް ދަސްވެފައިވާތީއެވެ.
އެދުވަހު ޔަތީމު ހާނާއަށް ގޮސްފައި ގެއަށްއައިސްވަނީ ހަވީރުވަނިކޮންނެވެ. ނޫރާ ބަދިގެއާދިމާއަށް ދިޔައީ ފެންފޮދެއް ބޯލާށެވެ. އާޔަން އައިސް ސޯފާގައި އިށީނީ ނޫސްހިފައިގެން ކިޔާލާށެވެ. ކުއްލިއަކަށް ނޫރާ ހަޅޭއްލަވައިގަތް އަޑަށް އާޔަން ދުވެގައި ބަދިގެއާ ދިމާއަށް ދިޔައެވެ. އާޔަން ފަހަތުން ދެތިން ނޯކަރުންވެސް ބަދިގެއާއި ދިމާއަށް ދިޔައެވެ. އެންމެންނަށްވެސް ލިބުނީ ސިހުމެކެވެ. ބިންމަތީ ވެއްޓިފައި ސައީދާ އޮތެވެ. ސައީދާ ކައިރީ ނޫރާ އިނދެގެން ސައީދާއަށް ގޮވަމުން ގެންދެއެވެ. ނޫރާގެ ކޯތާފަތުން ލައިގެން ކަރުނަ ފައިބަމުން ދެއެވެ. އާޔަން ދުވެފަ އައިސް ސައީދާގެ ވިންދު ބަލައިލިއެވެ. އެއަށްފަހު ނެވާލާތޯ ބަލައިލުމަށްފަހު ސައީދާ ނަގައިގަނެގެން ގެންގޮސް ކާރަށް ލިޔެވެ. ނޫރާވެސް ފަހަތުންގޮސް ކާރަށް އެރިއެވެ. ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. އިމަޖެންސީގައި ފަރުވާދޭންފެށިއެވެ. އާޔަންއާއި ނޫރާއަށް ޖެހުނީ ބޭރުގައި މަޑުކޮށްލައިގެން ތިބޭށެވެ. އާޔަން ނޫރާގެ ކޮނޑުގައި އަތްބާއްވާލައިގެން ގޮޑީގައި އިށީނދެގެން ތިއްބެވެ.
“ކީއްވެބާ ކުއްލިއަކަށް ވެއްޓުނީ؟” އާޔަން އިރުކޮޅެއް ފަހުން މަޑުމަޑުން ބުނެލިއެވެ.
“ނޭގެ. މަންމަ ވަރަށް ޑޮކްޓަރަށް ނުދައްކާނެ. ކަމެއްވުމުން އަމިއްލައަށް ބޭސް ނަގައިގެން ކާލައިގެން ހުންނާނީ. އަދި ގިނަފަހަރަށް މީހަކަށް ނުވެސް އިނގޭނެ ބަލިވެ އުޅޭކަމެއްވެސް.” ނޫރާ އަދިވެސް އިނީ ފެންކަޅިވެފައެވެ.
“ނޫރާ. އިރާދަކުރެއްވިއްޔާ އެހާބޮޑުކަމަކަށް ނުވާނެ. ކެތްތެރިވޭ.” އާޔަން ބުންޏެވެ. “ތުއްތައަށް ގުޅަންވީތަ؟” އާޔަން ފޯނުނަގަމުން އަހާލިއެވެ.
“މަޑުކުރޭ ޑޮކްޓަރ އާއި ވާހަކަ ދެއްކުނީމަ ތުއްތައަށް ގުޅާނީ.” ނޫރާ ވިސްނާލަމުން ބުންޏެވެ. އާޔަން ނޫރާ ގާތްކޮށްލިއެވެ.
އެވަގުތު ޑޮކްޓަރ އަންނަތަން ފެނުމުން އާޔަންއާއި ނޫރާ ތެދުވިއެވެ. ޑޮކްޓަރ އެމީހުން ތިބިތަނަށް އައިސް ހުއްޓުނެވެ. އަދި އިނގިރޭސިން ސައީދާއަށް ވެގެން އުޅޭގޮތް ސާފުކޮށްދިނެވެ. ނަސީބަކުން މާބޮޑުގޮތެއް ނުވެއެވެ. މާބޮޑަށް ލޭމައްޗަށް ގޮސްގެން ބޮލަށް އެނބުރުން އެރީކަމަށް ޑޮކްޓަރ ބުންޏެވެ. އަދި ލޮނު މަދުކުރުމަށާއި ކޮލެސްޓްރޯލް ހުންނަތަކެތި އެއްގޮތަކަށްވެސް ނުކެއުމަށް ޑޮކްޓަރ ލަފާދިނެވެ. މީގެކުރިން ސައީދާ ލޭމައްޗަށްދާކަމެއް ނޫރާއަށް އިނގިފައެއް ނެތެވެ. މިހާރު ނޫރާއަށް އިނގުމުން ސައީދާ ކާއެއްޗިއްސައް ސަމާލުވާން ނޫރާ ނިންމިއެވެ.
“މަންމަ މީގެފަހުން ލޮނުއަޅައިގެން އެއްވެސް އެއްޗެއް ނުކާތި. އަދި ތެލުގެ އެއްޗިހިވެސް މަންމައަށް މުޅިން މަނާ” ނޫރާ ސައީދާ ކައިރިއަށް ވަންނަމުން އެންމެ ފުރަތަމަވެސް ބުނީ އެހެންނެވެ.
“ޑޮކްޓަރުން ބުނާނެ އެހެން. އެއީ އެހާވަރެއްގެ ކަމެއްނޫން.” ސައީދާ މޫނު ހަދާލަމުން ބުންޏެވެ.
“މަންމައަކަށް ނޭގޭނެ. މިހާރު މަންމަ ތީނީ ނޫރާގެ ބެލުމުގެ ދަށުގަ. ކުރިން މަންމަ ބުނާގޮތް ނޫރާނު ހަދަނީ. މިހާރު މަންމަ ޖެހޭނީ ނޫރާ ބުނާގޮތް ހަދަން.” ނޫރާ ސައީދާ ގައިގަ ބައްދާލިއެވެ. “އައި ލަވް ޔޫ މަންމާ.” ނޫރާ ލޯބިން ފުރިގެންވާއަޑަކުން ބުންޏޭވެ. ސައީދާގެ ލޮލުން ކަރުނަ ނިރާލިއެވެ. އޭނަގެ ދަރިފުޅު އޭނަދެކެ ކިހާ ލޯބިވޭ ހެއްޔެވެ. އެފަދަ ލޮބުވެތި ދަރިއެއް އެހެން މީހަކަށް ނުލިބޭނެއެވެ. ސައީދާ ހިތާހިތުން ﷲ އަށް ޝުކުރު އަދާކުރިއެވެ.
އެދުވަހަށްފަހު ސައީދާގެ ހުރިހާކަމެއް ވަރަށް ކައިރިން ނޫރާ ބަލަމުން ދެއެވެ. ސައީދާ ކާތަކެތިވެސް ވަކިން ތައްޔާރުކުރުމަށް އެންގިއެވެ. އަދި ބަރާބަރަށް ބޭސްކައިތޯވެސް ބަލަމުން ގެންދެއެވެ. އާޔަން ހުރީ ނޫރާގެ ޒިންމާދާރުކަން ފެނި ވަރަށް ފަހުރުވެރިވެފައެވެ. އާޔަންއަށް އެފަދަ އަންބަކު ލިބިފައި ހުރުމުން އާޔަން ހުރީ ނުހަނު އުފާވެފައެވެ.
މެންދުރު ފަހުގެ ވަގުތެކެވެ. ސައީދާގެ ދުވަސްވީ ރައްޓެހި ބަޔަކު މެލޭޝިޔާއަށް ބަދަލުވުމުން ސައީދާވީ އެމީހުނާ ބައްދަލުކުރަން ގޮހެވެ. އާޔަން އާއި ނޫރާ ޕޫލްގައި ސަކަރާތް ޖަހަމުން ގެންދެއެވެ. އެކަކު އަނެކަކަށް ކުދިގޯނާކުރަމުން ހީހީފައި އުޅެއެވެ. އެއްފަހަރު ނޫރާ އުރާލައިގެންވެސް އާޔަން އުޅެދާނެއެވެ. އަނެއްފަހަރު ނޫރާއައިސް އާޔަން ގަންބާލަފާނެއެވެ. އެތަކެއް އިރު މަޖަލުގައި އުޅުމަށްފަހު ދެމީހުން ކޮޓަރިއަށް ވަނީ ނަމާދުވަގުތު ކައިރިވެފައިވާތީއެވެ. ދެމީހުން އެއްކޮން ޖަކޫޒީގައިތިބެ ލޯބީގެ ވަގުތުކޮޅެއް ވޭތިކުރުމަށްފަހު ފެންވަރައިގެން އައިސް ދެމީހުން އެއްކޮން ނަމާދަށް އެރިއެވެ. ނަމާދު ނިމިގެން އާޔަން ފޯނުނެގީ އަރީނާއަށް ގުޅާލާށެވެ. އާޔަންގެ ފޯނުގައި ޒޫނާގެ ތެއްތިރީސް މިސްކޯލް އިންތަން ފެނުމުން އާޔަން އަވަސްވެގަތީ ޒޫނާއަށް ގުޅުމަށޭވެ.
“ކިހިނެއްވީ މަންމާ؟” ޒޫނާ ފޯނު ނެގުމުން އާޔަން އެހިއެވެ.
“ދަރިފުޅާ. މަންމައަށް ފެންނަނީ ދަރިފުޅު މިކޮޅަށް އަވަހަށް އަންނަން. ޝައިލާ އަދިވެސް ރަގަޅެއް ނުވޭ. މިހާރު ރޭގަނޑު ނިދާފަ އޮންނައިރުވެސް އޭނައަށް ގޮތްތަކެއް ވޭ. މަންމަ ވަރަށް ބިރުގަނޭ. ކިޔާކިޔާވެސް ޑޮކްޓަރަށް ދައްކާކަށްވެސް ނުދިޔަ މިފަހަރަކު. މަންމަ މި ހުންނަނީ ހަދާނެ ގޮތެއްވެސް ނޭގިފަ. އަރީނާވެސް ހުންނަނީ އެހާދެރަވެފަ. އާޔަން، ކުޑަދުވަސްކޮޅަކަށް ނަމަވެސް އާދެބަލަ.” ޒޫނާ ބުންޏެވެ. ޒޫނާގެ ވާހަކަ ހުރިގޮތުން ޝައިލާ މާބޮޑަށްވެސް ބަލީކަން އާޔަންއަށް އިނގުމުން ހިތް ނުތަނަވަސް ވިއެވެ. ނޭގޭ ރިހުމެއް ހިތުގެ ދިމާލެއްގައި އުފެދުނެވެ. އަނެއްކާ އާޔަން ޝައިލާދެކެ ލޯބިވަނީ ހެއްޔެވެ. ނޫނެކެވެ. އެއީ ހަމަ އާޔަންގެ ދަރިފުޅުގެ މަންމައަށް ވީތީ ވެވޭ ހަމްދަރުދީއެކެވެ. އާޔަން ހިތާހިތުން ކިޔާލިއެވެ.
ފޯނު ނިމިގެން އާޔަން ވިސްނުމެއްގައި ހުއްޓާ ނޫރާއައިސް ކިހިނެއްވީތޯ އެހިއެވެ.
“ނޫރާ. އާޔަން ދާން ޖެހިއްޖެ. ޝީ ނީޑްސް މީ.” އާޔަން ނޫރާ ކައިރީ ބުންޏެވެ.
“ހޫ؟” ނޫރާއަށް އަހާލެވުނެވެ.
“ނޫރާ. އައި ލަވް ޔޫ. އެކަމު މިވަގުތު ޝައިލާ ވަރަށް ބަލި. އާޔަން ދާން ޖެހިއްޖެ. މަންމަ އެކޮޅުގަ ހާސްވެގެން އުޅެނީ. އަރީ ވެސް ދެރަވެފަ ހުންނާނީ.” އާޔަން ނޫރާގައިގަ ބައްދާލިއެވެ. “އާޔަންވެސް އަސްލު ދާހިތެއް ނުވެ. އެކަމަކު….. ނޫރާއަށް އަންޑަރސްޓޭންޑްވޭދޯ.” އާޔަން ބުނުމުން ނޫރާ ބޯ ޖަހާލިއެވެ.
“އާން. ނޫރާއަށް އަންޑަރސްޓޭންވޭ. ކޮންއިރަކުން ދާނީ؟” ނޫރާ އެހިއެވެ.
“މިއަދު…. މިހާރު……ނޫރާގެ މަންމަ އައިމަ ދާނީ.” އާޔަން ބުންޏޭވެ. ނޫރާ ހުރީ ކެތްކޮށްލައިގެންނެވެ. އަނެއްކާވެސް އާޔަން ގެއްލެނީބާއެވެ. ނޫރާގެ ހިތަށް ނޭގޭ ބިރުވެރިކަމެއް ވަދެގެން ދިޔައެވެ.
“އިރާދަކުރެއްވިއްޔާ އާޔަން އަންނާނަން ނޫރާގެ ގުރެޖުއޭޝަން އަށް. އަދި މިފަހަރު ޝައިލާ ކައިރީވެސް ހުރިހާވާހަކައެއް ކިޔައިދޭން ނިންމައިގެން އާޔަން މިހުރީ.” އާޔަން ބުންޏޭވެ.
އެދުވަހު މަންމައައީ އިރުއޮއްސެން އުޅެނިކޮންނެވެ. އާޔަން ދާ ވާހަކަ ބުނުމުން ސައީދާވެސް ނުހަނު ދެރަވިއެވެ. އާޔަން ސައީދާއާއި ސަލާމް ކޮށްފައި ނޫރާއާއި ވަކިވެގެން ދިޔައީ ނޫރާގެ ހިތް ރޮށްވާފައެވެ.