
ވީމޭ އިންތިޒާރުގައި 20 ވަނަ ބައި
“ނޫރާ! …. ރިޕޯރޓް ލިބިއްޖެ.” ޒޫނާ ބުނިގޮތާއި ބުނި ރާގުން ނޫރާގެ ހިތް ނެގިނެގިފައި ޖެހެންފަށައިފިއެވެ.
“ކިހިނެއްވީ ނަތީޖާ؟ އާޔަން ބައްޕަތަ ދެންމެ ގުޅީ؟” ބަދިގޭގައި އުޅުން ސައީދާ ނުކުމެގެން އައީ އިވުނު ވާހަކައިން އަޑުއެހުމަށެވެ.
“އާން. އާޔަން ބައްޕަ ގުޅީ.” ޒޫނާ ބޯޖަހާލަމުން ބުންޏެވެ. އަދި ނޫރާއަށް ބަލައިލީ ހާސްވެފައި ހުރެއެވެ.
“ނޫރާ. ޑީ އެން އޭ މެޗު ވެއްޖެ. އަރީނާ އިޒް މައި ޑޯޓަރ.” އާޔަން ނޫރާގެ އަތުގައި ހިފާލަމުން އާޔަން ނޫރާކައިރީ ބުނި ޖުމްލައިން ނޫރާގެ ކަންފަތަށް ހީވީ ހޮނުގުގުރިއެއް ޖެހި ހެނެވެ. އާޔަންއަށް ކުރި އަސަރު ތަކެއް އާޔަންއަށް ބުނެދޭންވެސް ނޭގެއެވެ. އާޔަން ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއްވެސް އާޔަންއަކަށް ނޭގެއެވެ. މިވަގުތު އާޔަންއަށް ވިސްނެނީ ނޫރާއާއި ދޭތެރޭ އެވެ. ނޫރާގެ ހިތަށް ކުރާނެ އަސަރު އާޔަންއަށް އިހްސާން ކުރެވެއެވެ.
ސައީދާއަށްވެސް ސޯފާގައި އިށީންދެވުނީ ގަބޫލުކުރަން ދަތިވެފައި އިން ހާލުގައެވެ.
ހެދުނު ނާސްތާކުރިއިރުވެސް މޭޒުކައިރީ އެންމެން ތިބީ ހަމަހިމޭން ކަމުގެ ފަރުދާ އޮޅައިލައިގެނެވެ. އެކަކު އަނެކަކަށް ބަލައިވެސް ނުލައެވެ. އަމިއްލަ ހިޔާލެއްގައި ތިބެ ސައިބޮއެ ނިންމާލިއެވެ. ނޫރާއަށް ރަގަޅަކަށް ނުވެސް ކެވުނެވެ. ނަމަވެސް ހިތްވަރުކޮށްފައި އެތަނުގައި އިނދެ އެހެންމީހުންގެ ކުރިމަތީ ކަމުންދާކަމަށް ހަދައިގެން އިނެވެ.
“ނޫރާ. ކިހިނެއް މިވީ…… ޕްލީސް ހެލްޕް މީ ނޫރާ.” ހެދުނުގެ ނާސްތާއަށްފަހު ކޮޓަރިއަށް ވަދެ އާޔަން ބުނެޏެވެ. އޭރު ނޫރާ އުޅެނީ ކޮޓަރިތެރެ ކުޑަކޮން ސާފުކޮށްލާށެވެ. އާޔަން ދައްކާ ވާހަކަ ނޫރާއަށް އަޑުއިވުނު ކަމަކު އެއްޗެއް ނުބުނެ ނޫރާ އުޅެއެވެ.
“ނޫރާ. އާޔަންއަށް އިނގެޔޭ ނޫރާ ހާރޓް ވާނެވަރު. އެކަމަކު ދެން ކިހިނެއް ހަދާނީވެސް. އާޔަންއަކަށް ނޭގެ އާޔަންދެން ހަދާނެ ގޮތެއް. ދެން…” އާޔަން ބުނަން އުޅުން ޖުމްލަ ފުރިހަމަ ނުވީ ނޫރާ ވާހަކަ ދައްކަން ފެށުމުންނެވެ.
“އާޔަން. ނޫރާއަކަށް ނޭގެ އާޔަންއަށް ހެލްޕް ވާނެ ގޮތެއް. މިހާރު އެއޮތީ ރިޕޯރޓް މެޗްވެފަ. ދެން އާޔަން ވަޢުދުވެފަ އޮތީ މެޗްވެއްޖެނަމަ ޝައިލާގެ ޝަރުތު ގަބޫލު ކުރާނެކަމަށް. އަދި އެ ޝަރުތު ގަބޫލު ކޮށްފިނަމަ އާޔަން ކުރި ކުށުގެ މާފުވެސް ލިބިގެން ދާނެ. އެހެންވީމަ ތިކަމުގަ ނޫރާއަށް ބުނެވޭނެ އެއްޗެއް ނެތެއްނު. އާޔަން ބުނެދީބަލަ ދެން ނޫރާ ހަދަންވީ ގޮތެއް. ނޫރާ އަކަށްވެސް ނޭގެ ނޫރާ ހަދަންވީ ގޮތެއް. އާޔަން ކޮންމެ ޑިޒިޝަނެއް ނެގިއަސް އާޔަންފަހަތުން ނޫރާ ކުރިއަށް ދާނަން.” ނޫރާ އެނދުގައި އިށީނެވެ. އާޔަންއައިސް ނޫރާ ކައިރީ އިށީނެވެ. އަދި ނޫރާގެ އަތުގައި ހިފާލިއެވެ.
“ނޫރާ. އާޔަން ނޫރާދެކެ ވަރަށް ލޯބިވޭ. ނޫރާއާ ވަކިވާކަށް އާޔަން ބޭނުނެއްނޫން. އާޔަން ކޮންމެގޮތަކަށް ކަންތައް ކުރިއަސް ނޫރާ ހަދާން ބަހަށްޓަންވީ އާޔަން އަބަދުވެސް ނޫރާދެކެ ލޯބިވާކަން. އަދި މި ލޯތްބައް ބަދަލެއްވެސް ނާންނާނެކަން.” އާޔަން ނޫރާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އަދި މޫނު ކައިރި ކޮށްލަމުން ނިތްކުރިއަށް ބޮސްދިނެވެ. އެވަގުތު ނޫރާ ހިފަހަށްޓައިގެން ހުރި ކަރުނަތަށް ފޭދިގެން ކޯތާފަތްމައްޗަށް ފާބައިގެން ދިޔައެވެ. އާޔަންގެ އަތުން ނޫރާގެ ކަރުނަތަށް ފޮހެލަދިނެވެ. އެއަށްފަހު ނޫރާ އެނދުގައި ބާއްވާ ލޯބިކުރަން ފެށިއެވެ. އާޔަންގެ ޓީޝާރޓް ބޭލިގެން ދިޔައީ ބޭއިހްތިޔާރުގައެވެ. ދޮން ދޮން ކަސްރަތީ ހަށިގަނޑުގެ ހޫނުކަން ނޫރާއަށް ކުރަމުން ދިޔައެވެ. ދެމީހުންގެ ލޯބީގެ ހަމަހިމޭން ވަގުތު ކޮޅެއް ވޭތުވެގެން ދަނިކޮން އެނދު ކައިރީ ހުރި ކަބަޑުމަތީ އޮތް އާޔަންގެ ފޯނު ރިންގުވާން ފެށިއެވެ. އާޔަން ފޯނުނަގައި ބަލައިލިއިރު ގުޅަނީ ޝައިލާއެވެ. ފޯނާދިމާއަށް ބަލަން އާޔަންއޮތީ ދެހިޔާލެއްގައެވެ.
“އާންސަރ އިޓް އާޔަން.” އާޔަންގެ މޭމަތީ ބޯއަޅާލައިގެން އޮތް ނޫރާ ބުންޏެވެ. އާޔަން ނޫރާގެ ހާމަވެފައިވާ ބުރަކަށީގައި ފިރުމާލިއެވެ. އަދިވެސް ދެފިކުރެއްގައި އާޔަން އޮތީއެވެ. އެހެން އޮއްވާ ފޯނު ކެނޑިއްޖެއެވެ. އާޔަން އަވަހަށް ފޯނު ނިވާލިއެވެ. އަދި ނޫރާއާއެކު އެވަގުތުކޮޅުގެ ބޭނުން އެންމެ އެދެވޭގޮތުގައި ކޮށް ނިއްމާލިއެވެ.
* * * * * * *
ހަވީރުގެ ވަގުތެވެ. އާޔަން ސޯފާގައި ފިކުރެއްގައި އިނެވެ. ސައީދާ ކޮޓަރިން ނިކުމެގެން އައީ އާޔަން ސޯފާގައި އެކަނިމާއެކަނި އިންތަން ފެނިގެންނެވެ.
“ދަރިފުޅާ. ހާދަ ފިކުރު ބޮޑުވެފަ. އެހާވަރަށް ނުވިސްނާ.” ސައީދާއައިސް އާޔަން ކައިރީ ސޯފާގައި އިށީނެވެ.
“މަންމާ. މިހަރު ކިހިނެއް ފިކުރު ނުކޮށް އިންނާނީ. މީ ކޮންފަދަ ބޮޑު އިމްތިހާނެއް. އާޔަންގެ ސަބަބުން ކުރިމަތި ވެގެން އުޅޭ މިކަންތަށްގަނޑުން ހުރިހާ ދެރައެއް މިވަނީ ނޫރާ. އާޔަން ބޭނުމެއްނޫން އެހެން ވާކަށް. މަންމާ. އާޔަން ކިހިނެއް ހަދާނީ. އާޔަންގެ ދަރިއެއް ހުރިކަން ކުރިން އާޔަންއަށް އިނގުނުނަމަ އާޔަން ނޫރާއާ ކައިވެނިވެސް ނުކުރީމުސް. މަންމާ ކިހިނެއް ހަދާނީ؟” އާޔަން ބޮލުގައި އަތްއަޅާ އަމިއްލަވއިސްތަށިގަޑު ތެރެއަށް އިނގިލިތައް ވައްދާލިއެވެ.
“ދަރިފުޅާ. ތިހާ ފިކުރު ނުކުރޭ. ކެތްތެރިވޭ. އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަގަޅުވާނެ.” ސައީދާ ބުންޏެވެ.
“މަންމާ. މިހާރު ނޫރާގެ ކިޔެވުންވެސް މިއޮއް ފެށެނީ. މަންމަ ނޫރާއާ އެއްކޮން މެލޭޝިއާއަށް ދާންވީނު. އާޔަން މިކަންތައް ކޮންމެސް އެއްކޮޅެއްގަ ޖައްސާފަ ނޫރާކައިރިއަށް ދާނަން. ކޮންމެގޮތެއްވިއަސް މިކަންތަކާ ކުރިމަތިލާން ޖެހޭނެނު.” ހަމަހިމޭން އިރުކޮޅަކަށްފަހު އާޔަން ބުންޏެވެ.
“މަންމައަށް މައްސަލައެއްނެތް. ތިގޮތްކަންނޭގެ އެންމެ ރަގަޅުވެސް ވާނީ. ދެދުވަސް ތެރޭ ފުރަންޖެހޭނެނު. ނޫރާއާ ތިވާހަކަ ދައްކައިފިންތަ؟” ސައީދާ އަހާލިއެވެ.
“ނޫނޭ. އެކަމަކު މިއަދު ދައްކާނަން.” އާޔަން ބުންޏެވެ.
އެރޭ ނިދަންތިބެ އާޔަން ނޫރާކައިރީ އެވާހަކަ ދެއްކިއެވެ. އަދި ޝައިލާއާއި އިންނަން ގަސްތުކުރާވާހަކަވެސް އެރޭ އާޔަން ނޫރާކައިރީ ބުނީ ނޫރާ ދެރަވާނެވަރު އިނގިހުރެއެވެ. ނަމަވެސް އާޔަންއަށް މިއަދު އެހެންހަދަން ޖެހެއެވެ. އާޔަންގެ ދަރިފުޅަށް ޓަކައެވެ. އެކަން ނޫރާއަށް ވިސްނެއެވެ.
ނޫރާ އޮތީ ވިސްނުމެއްގައެވެ. އޭރު ގަޑިން ދެގަޑި ބައިވަނީއެވެ. އާޔަން ކުޑަކުދިންދެކެ ލޯބިވާވަރު ނޫރާއަށް އެނގެއެވެ. އަދި އަމިއްލަ ދަރިއަކުދެކެ ކިހާ ލޯތްބެއްވާނެހެއްޔެވެ. ނޫރާ ކިތަންމެ ނުރުހުނަސް ހިތްދަތިވިއަސް މިއަދު ނޫރާއަށް އޮތީ ކެތްތެރިކަމާއެކު އާޔަން ފަހަތުން ދިއުމެވެ. އާޔަން ހިގަމުންދާ މަގުން އާޔަންގެ ފިޔަވަޅު ތަކަށް އިޖާބަ ދިނުމެވެ. އެތަކެއް އިރު ނޫރާ ވިސްނަން އޮތެވެ. ބައެއްފަހަރު ލޮލުން ކަރުނަ ނިރާލާފައި ހުރެއެވެ. ނުނިދިފައި އެހެން އޮއްވާ ފަތިސް ނަމާދަށް ބަންގިގޮވާއަޑު އިވެންފެށިއެވެ. ނޫރާ ތެދުވެ އަވަހަށް ފާހާނާއަށް ވަދެފައައިސް ނަމާދަށް އެރިއެވެ. ނަމާދުނިމިގެން އެތަކެއް އިރު ދުޢާ ކުރަން ނޫރާ އިނެވެ. ނޫރާއަށް ކެތްތެރިކަން ދެއްވާތޯއެވެ. ހިތްވަރު ދެއްވާތޯއެވެ. އާޔަންއަށް ބާއްޖަވެރިކަން ދެއްވާތޯއެވެ. އާޔަންއަށް ހުރިހާ އުފަލެއް ދެއްވާތޯއެވެ. އާޔަންގެ ފާފަ ފުއްސެވުމަށް އެދިވެސް މެއެވެ. ނޫރާ އެގޮތަށް ދުޢާ ކުރަން އިންދާ އާޔަންވެސް ހޭލައިގެން ނަމާދު ކުރިއެވެ.
ހެދުނު ތެދުވެ ޒޫނާ އާއި ސައީދާ ކައިރީ އާޔަން ނިންމާފައިވާގޮތް ބުނުމުން ސައީދާ އެއްޗެއް ނުބުނި ކަމުގައިވިއަސް ހުރީ ދެރަވެފައެވެ. ނޫރާގެ ހިތަށް ކުރާނެ އަސްރު ސައީދާއަށް އިނގެއެވެ.
“ދެން ތިހެންވިއްޔާ ކައިވެނި ކުރެވޭނީ ނޫރާމެން މެލޭޝިޔާއަށް ދިޔައިމަދޯ. މިހާރު ޝައިލާ ކައިރީ ބުނެފިންތަ؟” ޒޫނާ އާޔަން ކައިރީ އަހާލިއެވެ.
“އަދި ނުބުނަން. މިއަދު އެކަމު ދާނަން އެގެއަށް.”
“ޝައިލާ އާއި އިނދެފަ އާޔަންއާއި ޝައިލާ ދާނީ ކޮރެއާއަށް. ނޫރާ ކިޔަވާ ނިމެންދެން އާޔަންމެން ކޮރެއާގަ އުޅޭނީ. އަދި ޝައިލާ ކައިރީ ނޫރާއާއި އިނދެގެން އުޅޭ ވާހަކަވެސް ބުނާނެކަމެއް ނެތް. ނޫރާ ކިޔަވާ ނިމެންދެން މަޑުކޮށްލާ. އެއީ މަންމަގެ ހިޔާލަކީ.” ސައީދާ ބުންޏެވެ.
“މަންމާ، އާޔަން ވެސް ބޭނުންވަނީ ޝައިލާއަށް ނޫރާގެ ވާހަކަ ނާންގަ ހުންނަން. ޝައިލާ ނޫރާދެކެ ވަރަށް ރުޅިއަންނާނެ.” އާޔަން ބުންޏެވެ.
މެންދުރުފަހު އާޔަން ޝައިލާ މެންގެއަށް ދިއުމުން ނޫރާ ދިޔައީ ލައިއާއި ޒީނާ ގޮވައިގެން ބާޒާރަށެވެ. މެލޭޝިއާއަށް ދިއުމުގެ ކުރިން ކުޑަކޮން ބާޒާރުކޮށްލުމަށެވެ.
އާޔަން ޝައިލާމެންގެއަށް ދިޔައީ ބޮޑު ޕާރުސަލެއް ހިފައިގެނެވެ. އާޔަން އެގެއަށް ވަނުމުން ޝައިލާ އާޔަން ކައިރިއަށް އައީ ހިނިތުން ވެލައިގެން ހުރެއެވެ. އާޔަންވެސް ގަދަކަމުން ހީލާކަހަލަ ގޮތަކަށް ޝައިލާއަށް ހިނިތުން ވެލިއެވެ.
“ކޮބާ އަރީ؟” އާޔަންއަށް އެންމެ ކުރިންވެސް އަހާލެވުނީ އެހެނެވެ.
“އަރީ ދިޔައީ ސްކޫލަށް. އިރުކޮޅަކުން ނިމިގެން އަންނާނެ.” ޝައިލާ އާޔަންއަށް އިށީނުމަށް އިށާރާތް ކޮށްލިއެވެ.
“ޝައިލާ، ޑީ އެން އޭ މެޗް ވެއްޖެ. އަރީނާ އިޒް މައި ޑޯޓަރ.” އާޔަން މަޑުމަޑުން އިނދެ ބުންޏެވެ. އާޔަން ކުރިމަތީ އިން ޝައިލާ އިނީ ހިނިއައިސް ފެޅިފައެވެ.
“އަހަރެން ބުނީމެއްނު. ދެން އާޔަން ކިހިނެއް ހަދަން ތި ގަސްތުކުރަނީ؟ އަހަރެން އަތުން އަރީއެއް އަތެއްނުލެވޭނެ އިނގޭ.” ޝައިލާ ބިރުގަންނަނީ އޭނަ އަތުން އާޔަން މެން އަރީނާ އަތުލައިގެން ގެންގޮސްދާނެތީއެވެ.
“ޝައިލާ، ތިގޮތަށް ކަންތަށް ކުރަން އާޔަން ހިތަކަށްވެސް ނާރަ.” އާޔަން ޝައިލާއަށް ބަލައިލަމުން ބުންޏޭވެ. “އާޔަން ޝައިލާގެ ޝަރުތު ގަބޫލު ކޮށްފިން. އައިވިލް މެރީ ޔޫ.” ހިތުގައި ހިލަގަނޑެއް ބާއްވަމުން ބުނާފަދައިން އާޔަން އެހެން ބުނެލިއެވެ.
“އަސްލުތަ، އޯ އާޔަން. އައި އޭމް ސޯ ހެޕީ. އާޔަން ތިނެގީ ރަގަޅު ޑިޒިޝަނެއް.” ޝައިލާ އިނީ ވަރަށް އުފަލުންނެވެ. ނުފެންނާކަށް ދަތެއްވެސް ނެތެވެ. އިންތަނުން ތެދުވެގެން ގޮސް އާޔަން ކައިރީ އިށީނދެވުނެވެ. އަދި އާޔަންގެ އަތުގައިވެސް ހިފާލިއެވެ. ޝައިލާގެ އެ ހަރަކާތްތަކުން އާޔަންއިނީ ހިތްހަމަ ނުޖެހިފައެވެ.
“މަންމީ،” އެވަގުތު ދޮރުން ވަދެގެން ދުވަފައި އަރީނާއައެވެ. އަރީނާގެ ކޮނޑުގައި އަޅުވާފައިވާ ކުޑަދަބަސް ސޯފާމައްޗަށް އެއްލަމުންއައިސް ޝައިލާ ގައިގާ ބައްދާލިއެވެ. އަދި ޝައިލާއަށް ދޮނެއް ދިނެވެ. މިމަންޒަރު ބަލަން އިން އާޔަންގެެ ހިތް ލޯބިން ފުރިގެން ދިޔައެވެ. އެއީ އަޔަންގެ ދަރިއެކެވެ. އާޔަންއަށް ނޭގި އެހެރީ ލޯބިލޯބި ކުއްޖެއް ލިބިފައެވެ. އާޔަންގެ ލޮލުން ކަރުނަ ނިރާލިއެވެ.
“އަރީ، ބޭބީ، މީނީ ކޮންކުއްޖެއްކަން އިނގޭތަ؟” ޝައިލާ އަރީނާ އުނގުގައި ބައިންދާފައި އަރީނާ އަށް އާޔަން ދައްކާލަމުން އެހިއެވެ.
“އާން. އެއްކަލަ އަރީގެ ޑެޑީއާ ވައްތަރު ބޭބެދޯ. އެބޭބެ ކައިރީ އެއޮތީ ހާދަ ބިގް ޕްރެސެންޓެކޭ.” އަރީނާގެ ލޯބިއަޑުން ބުންޏެވެ.
“ދޫނީ. އެއީ ދަރިފުޅުގެ ޑެޑީއޭ. ޑެޑީ އެއައީ ދަރިފުޅަށް ޕްރެސެންޓެއް ހިފައިގެން.” ޝައިލާ އަރީނާ ކައިރީ ބުންޏެވެ. އަރީނާ ގަބޫލު ނުކުރެވިފައި ބަލަން އިނެވެ. ބީރައްޓެހި ގޮތަކަށް އަރީނާ އިންއިރު ހާދަ މައުސޫމެވެ. ހަދަ ލޯތްބެވެ. އާޔަންއަށް އިތުރަކަށް ކެތެއް ނުވިއެވެ. ޝައިލާގެ އުނގުން އަރީނާ ނެގިއެވެ. އަދި އަރީނާގައިގަ ބައްދާލިއެވެ. ލޯބިން ފުރިގެންވާ ބައްދާލުމެކެވެ. އާޔަންގެ ލޮލުން ފައިބައިފައިވާ ކަރުނަތަކުން ޝައިލާއަށްވެސް ރޮވުނެވެ. އާޔަން އަރީނާދެކެ ވާލޯބި ފެނުމުން ޝައިލާއަށްވެސް މަޑަކުން ނުހުރެވުނެވެ.
“އައި އޭމް ސޮރީ. އައި އޭމް ސޮރީ.” އަރީނާ ގައިގަ އޮޅުލަމުން އާޔަންބުނަމުން ގެންދިޔައެވެ.
“ޑެޑީ. ޑެޑީ ރޮނީތަ.” އާޔަންގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް އަރީނާ އަހާލިގޮތުން އާޔަންއަށް އަނެއްކާވެސް ރޮވުނެވެ.
“ޑެޑީ. އިޓްސް އޯކޭ. އަރީއަށް ގެނައި ޕްރެސެންޓެއްތަ މިއޮތީ؟” އަރީނާއަށް އާޔަން ކައިރީ އޮތް ޕާރސަލް ދައްކާލަމުން އެހިއެވެ.
“އާން. މީ އަރީއަށް ޑެޑީ ގެނައި ހަދިޔާއެއް.” އާޔަން އަދިވެސް އަރީނާއަށް ލޯބިކޮށްލަމުން ބުންޏެވެ. އަރީނާ އުފާވެލާފައި އިނދެ ހަދިޔާ ކަނޑާލިއެވެ. އޭގައި ވަނީ ކުޅޭކުޅޭ ގެއެކެވެ.
“ވާއު. ޑޯލް ހައުސްއެއް. ތެންކްޔޫ ޑެޑީ.” އަރީނާ ވަރަށް އުފަލުން ބުންޏެވެ.
“ދެން މަންމިއަށް ގެނައީ ކޯޗެއް؟” އަރީނާ އަހާލިއެވެ.
“އޮއޯ. އައި ފޮގޮޓް.” އާޔަން ބުންޏެވެ.
“ދެން ފަހަރަކުން މަންމިއަށްވެސް ގެންނަންވާނެ އިނގޭ. މަންމި އުފާވާނީ އޭރުން.” އަރީނާ ބުންޏެވެ.
އާޔަން ޝައިލާއަށް ބަލައިލިއެވެ. “އާން. ނެކްސްޓް ޓައިމް ދޯ.” ހިނިތުން ވެލަމުން އާޔަން ބުންޏެވެ.
* * * * * * *
“ބަލައިލަ. އެހެރީ ފާޒިލް.” ފިހާރައިން ނިކުތް ތަނުން މީހަކާ ވާހަކަ ދައްކަން ހުރި ފާޒިލް ފެނުމުން ޒީނާ ބުންޏެވެ.
“އޭނަ އަދިވެސް ރިސޯޓަކަށް ނުދޭތަ. އޭނަ ބުނި ރިސޯރޓަކުން ވަޒީފާ ލިބުނީޔޭ!” ލައި ބުންޏެވެ.
“ރިސޯޓެއްގައޭ އުޅެނީ. މިހާރު އެކަމު އެހެރީ މާލޭގަނު. ހިނގާބަލަ އޭނަ ކައިރިއަށް.” ޒީނާ އެދިމާއަށް ހިގައި ގަތެވެ. ނޫރާއާއި ލައިވެސް ޒޫނާގެ ފަސްފަހަތުން ހިގަން ފެށިއެވެ.
ފާޒިލް ވާހަކަ ދައްކަން ހުރިމީހާ ދިއުމުން ފާޒިލްވެސް ސައިކަލަށް އަރަން އުޅެނިކޮން ލައި، ޒީނާއާއި ނޫރާ ފެނިގެން މަޑުކޮށްލިއެވެ.
“ފާޒިލް. ރިސޯޓަކު ނޫންތަ މިހާރު އުޅެނީ؟” ޒީނާ އަހާލިއެވެ.
“ނޫނޭ. މިއަދު އޯފް ދުވަހެއް.” ފާޒިލް އަރިވެލާފައި ނޫރާއަށް ބަލައިލިއެވެ.
“ނޫރާ، ކިހިނެތްތަ؟” ފާޒިލް އަހާލިއެވެ.
“އައްދޭ، ލައިއާ ޒީނާއާ ތިއްބާ ހަމަ ނޫރަކައިރީ އެކަނިދޯ ކިހިނެއްހޭވެސް އަހާލަނީ. ނޮޓް ފެއަރ އިންގޭ.” ލައި ބުންޏެވެ.
“ދެން އެހެނެއްނޫން. އެއްކަލަ ކަންތައް ކިހިނެއްތަވީ މިހާރު؟ އައިމީން އާޔަންގެ ކަންތައް.” ފާޒިލް އަހާލިއެވެ. ނޫރާއާއި ދިމާއަށް ޒީނާއާއި ލައި ބަލައިލިއެވެ. ހަމަހިމޭން ކަން ވެރިވެއްޖެއެވެ. ކަމެއް ގޯސްވެއްޖެކަން ފާޒިލްއަށް ހީވެއްޖެއެވެ.
“ހިނގާ ކާންދާން. ފާޒިލްގެ ހަރަދުގަ. ޕްލީސް.” ފާޒިލް އެހެން ބުނުމުން ހަމަހިމޭންކަން ފިލައިގެން ހިގައްޖެއެވެ.
“އާން. ހިނގާ. ލައި މިހިރީ ވަރަށް ބަނޑުހައިވެފަ.” ލައި ބުންޏެވެ.
އެންމެން ވަނީ ކައިރީގައި ހުރި ރެސްޓޯރެންޓަކަށެވެ. އެތަނުން އެއްކަނެއްގައި ހުރި ވަށްމޭޒެއް ކައިރީ އެންމެން އިށީނެވެ. އެވަގުތު ވައިޓަރު އައުމުން އޯޑަރުދީފައި އެކިމީހުން އެކިވަހަކަ ދައްކަން ފެށިއެވެ. ފާޒިލް ނޫރާއަށް ބަލައިލިއެވެ. ނޫރާގެ މޫނުމަތިން ފެންނަމުން ދިޔަ މޮޅިވެރިކަމަކުން ފާޒިލްއިނީ ސުވާލު އުފެދިފައެވެ. އަނެއްކާ އާޔަން ނޫރާއަށް ދެރައެއް ދިނީ ނޫންބާވައޭ ފާޒިލް ހިތަށް އަރަމުން ދިޔައެވެ.
“ކިޔައިދީބަލަ އެދުވަހުގެ ފަހުން ކަންތަށް ވީގޮތް.” ނޫރާއަށް ބަލަން އިނދެ ފާޒިލް އެހިއެވެ.
“އެވާހަކަދޯ. ފަޒިލް ކީއްކުރަންތަ އެވަހަކަ ހޯދަނީ؟ ދެޓްސް އަ ވެރީ ޕާރސްނަލް ސްޓޯރީއެކޭ.” ލައި އިނދެފަ ބުންޏެވެ.
“ދެން ފާޒިލް މީ މިހަރު ދުރު މީހެއް ނޫނެއްނު. ނޫރާގެ މޫނުމަތިން ވަރަށް ދެރަވެފައިވާ ވައްތަރު ޖަހަނީ. އަސްލު ވެގެން އުޅޭގޮތް ކިޔައިދެވޭކަށް ނެތްތަ؟” ފާޒިލް އެހިއެވެ.
ލައިއާއި ޒީނާ ދެމީހުން ދެމީހުނަށް ނަޒަރު ބަދަލު ކޮށްލިއެވެ. ނޫރާ ފާޒިލްއަށް ބަލައިލިއެވެ. ނޫރާގެ ހިތުގައިވާ އުދާސްތައް ކޮންމެސް ގޮތަކުން ބޭރުކޮށްލަން ނޫރާވެސް ބޭނުންވެއެވެ.
“ނޫރާ އަސްލު ދެރަވަނީ އާޔަން ޝައިލާއާ އިންނާތީ. އެއީ ޝައިލާ ނޫން އެހެންމީހެއް ނަމަ ނޫރާ މިހާ ދެރަވާނެހެނެއް ހިއެއްނުވޭ.” ނޫރާ އިސްޖަހާލަމުން ބުންޏެވެ.
“އާޔަން އިންނަނީޔޭ! އެކަމަކު ކީއްވެ؟ ތީ އެއްވެސް ގޮތަކަށް ގަބޫލު ކުރެވޭ ކަމެއްނޫން.” ފާޒިލްއަށް ލިބުނީ ހައިރާން ކަމެކެވެ.
ލައިއާއި ޒީނާއާއި ވެގެން އެވާހަކަތައް ފާޒިލްއަށް ކިޔައިދިނެވެ. އެވާހަކަ އަޑު އިވުމުން ފާޒިލްގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ނޫރާއާއިމެދު އިތުރަށް ހަމްދަރުދީ ވެވުނެވެ. ނޫރާއަށް ޓަކައި ފާޒިލްގެ ހިތުގައި އޮތް ގަދަރު އިތުރު ވިއެވެ. އަދި އާޔަންއާއި ދޭތެރޭ ނުރުހުން ވެވުނެވެ. ފާޒިލް އާއި ވާހަކަތައް ހިއްސާ ކުރެވުމުން ނޫރާގެ ހިތަށްވެސް ކުޑަނަމަވެސް ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. އަދި ބީރައްޓެހިކަން ފިލާގޮސް ކުރިއަށް ވުރެ އެކުވެރިކަން ބަދަހިވެގެން ދިޔައެވެ. އެދުވަހު ލައިއާއި ޒީނާ ގެއަށް ދިއުމުން ނޫރާގެއަށް ލައިދޭންވެސް ފާޒިލް އައެވެ.
އެރޭ އަރީނާއާއި އެކު ހޭދަވެގެން ދިޔަވަގުތުކޮޅުވީ އާޔަންގެ ހިތަށް ދިރުމެއް ގެނުވި ވަގުތު ކޮޅަކަށެވެ. އެރޭ އާޔަން ގެއަށް އައިއިރު ހުރީ ވަރަށް ލަސްފައެވެ. އާޔަން އެތެރެއަށް ވަންއިރު ނޫރާއޮތީ ބޭރު ސޯފައިގައި ނިދާފައެވެ. އާޔަން އާދޭތޯ އިންތިޒާރުގައި އިނދެއިނދެ ލަސްވެގެން އެންމެފަހުން ނިދުނީއެވެ. އާޔަން އައިސް މަޑުމަޑުން ނިދާފަ އޮތް ނޫރާ އަތްދަނޑި މައްޗަށް އުފުއްލާލައިގެން ކޮޓަރިއަށް ގެންދިޔައެވެ. އެވަގުތު ކޮޓަރިން ނިކުތް ސައީދާއަށް އެމަންޒަރު ވަރަށް ރީއްޗަށް ފެނުނެވެ. އާޔަން ނޫރާދެކެ ވާ ލޯބި ސައީދާއަށް ތަސައްރަވު ކުރެވުނެވެ. އަދި އެމަންޒަރުން ސައީދާގެ ހިތަށް އުފާވެރިކަމެއް ގެނެސް ދިނެވެ.
އަނެއްދުވަހު ޒޫނާ ކައިރީވެސް އާޔަން އަރީނާގެ ވާހަކަ ދެއްކީ ވަރަށް ހިތްހަމަޖެހިފައި އިނދެއެވެ. ޒޫނާވެސް އަރީނާ ދެކިލާހިތްވާ ވާހަކަ ބުނީ އެއީ ޒޫނާގެ މާމަ ދަރިއަކަށް ވީމައެވެ.
އެދުވަހު މެންދުރު ފަހު ސައީދާ މެލޭޝިޔާއަށް ދާން ތައްޔާރުވާން ފެށިއެވެ. ރިހާކުރު ތެއްލާ ވަސްގަނޑު ގޭތެރޭ ހިފާލާފައި ހުއްޓެވެ. ނޫރާވެސްް އުޅެނީ އެއްޗިހި ފޮށްޓަށް އަޅާ ބަންދުކުރުމުގައެވެ. އާޔަން ދިޔައީ އަރީނާ ބަލައެވެ. ޒޫނާ ކިޔާވަރުން އަރީނާ އެގެއަށް ގެންނާށެވެ. ނައީމާވެސް އައިސް ސައީދާއަށް އެހީތެރިވުމުގައި އުޅެއެވެ. ޒައު ސޯފާގައި ކާޓޫނު ބަލަން އިނެވެ. މުށިތައްމަތީ ޒައުގެ ކުޅޭއެއްޗިހިތަށް އުކާލާފައި އޮތެވެ. އެވަގުތު ޝަކީބުވެސް އެއްޗިހި ތަކެއް ގަނެގެން ގެއަށްއައިސް ވަނެވެ. ކަންތައްތަށް ނިންމާލަފައި ނޫރާއައިސް ޒައު ކައިރީ އިށީނީ ޒައުއާ އެއްކޮން ކާޓޫނު ބަލާށެވެ. އެވަގުތު ދޮރުގެ ރަނގަބީލު ވާންފެށިއެވެ. ޒޫނާގޮސް ދޮރު ހުޅުވިއިރު އާޔަން ހުރީ އަރީނާގެ އަތުގަ ހިފާލައިގެނެވެ. ޒޫނާއަށް އަރީނާ ފެނުމުން ބަލަހައްޓައިގެން ހުރެވުނީއެވެ. އެއީ އާޔަން ކުޑައިރުގެ ތައްގަޑެކެވެ. އިސްތަށިގަނޑު ކޮށާލައިފިނަމަ ހީވާނީ އާޔަން ކުޑައިރުގެ ފޮޓޯއެއްހެނެވެ. އެހާވެސް ވައްތަރެވެ.
ޒޫނާއަށް އަރީނާއާއި ދިމާއަށް ގުދުވެވުނެވެ. އަލަތު މާމަ ދަރިފުޅު ފެނުނު ފުރަތަމަ ފަހަރެވެ. ހިތުތެރޭގައިވާ ލޯބި އުތުރި ގަތެވެ. އަވަހަށް އައިސް އާޔަންއަތުން އެކުއްޖާ އަތުލާ އުރާލަމުން ކޮލަށް ބޮސްދިނެވެ. އަދި އަރީނާގެ ކޮލުގައި ފިރުމާލެވުނީވެސް އިހުތިޔާރަކާ ނުލައެވެ. ޒޫނާގެ ހިތް ލޯބިންފުރިގެން ދިޔައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އެއީ އަލަތު މާމަ ދަރިފުޅު ވިއްޔާއެވެ.
“މީ އަރީގެ މާމަ. އަރީ ގޮވާލަބަލަ މާމައަށް.” ލޯބިން ފުރިގެންވާ ގޮތަކަށް ޒޫނާ ބުންޏެވެ.
އަރީނާ ބީރައްޓެހި ވެފައި ޒޫނާއަށް ބަލަހަށްޓައިގެން އިނެވެ. ޒޫނާ އަރީނާ އުރާލައިގެން އެތެރެއަށްވަނެވެ. ނޫރާއަށް ޒޫނާ އަރީނާ އުރާލައިގެން އައި މަންޒަރުފެނުމުން ތެދުވީ ހިނިތުން ވެލަމުންނެވެ.
“އަރީގެ ބޯޅަދިން ދައްތަ އެއީ.” ނޫރާއާއި ދިމާއަށް ހީލަމުން އަރީނާ ބުންޏެވެ.
“ހަދާންވެސް ގަދައޭދޯ. އަރީ މިއަދު ހާދަ ލޯތްބޭ.” އަރީނާ ގޮވައިގެން ޒޫނާއައިސް ނޫރާމެންކައިރީ ސޯފާގައި އިށީނުމުން ނޫރާ ވެސް އިށީންނަމުން ބުންޏެވެ. “މީނީ ޒައު. އަރީއާ އެއްވަރުގެ ކުއްޖެއް.” ޒައު ދައްކާލަމުން އަރީނާ ކައިރީ ނޫރާ ބުންޏެވެ. ނޫރާ އެހާ އެކުވެރިކޮން އަރީނާއާއި ވާހަކަ ދައްކާތީ އާޔަން ހުރީ ވަރަށް އުފަލުންނެވެ. ނޫރާގެ ހިތުގައި އަރީއާ ދޭތެރޭ ނަފްރަތުނެތީމައެވެ. އާޔަންވެސް އައިސް ނޫރާއާއި ޖެހިގެން ސޯފާގައި އިށީނެވެ.
“ޑެޑީ. އަރީ އަތުގަވެސް މިކަހަލަ ޑޯލް ހައުސް އެއް އޮންނާނެދޯ. ޑެޑީ އަރީއަށް ދިނީ” މުށިމަތީ އޮތް ޒައުގެ ކުޅޭ ގެ ދައްކަމުން އަރީނާ ބުންޏެވެ.
“އާޔަންބެ އެއީ ޑެޑީތަ؟ އާޔަންބެގެ ދަރިފުޅުތަ ތީ؟” ޒައު އިނދެފަ އަހާލިއެވެ.
“އާ. މީއަޔަންބެގެ ދަރިފުޅު. ޒައުވާނެ ރައްޓެހިވާން.” އާޔަން ޒައު ކައިރީ ބުންޏެވެ.
“ދެން ނޫތައަކީ މަމީތަ؟” ޒައު އަހާލިއެވެ. ނޫރާއަށް އާޔަންއާއި ދިމާއަށް ބަލައިލެވުނެވެ. އާޔަންވެސް ނޫރާއަށް ބަަލަިއލއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައިރު އެތަކެއް ޖަޒުބާތުތަކެއް ފޮރުވިފައި ދެމީހުންގެ ލޮލު ތެރޭގައި ވިއެވެ.
“އަރީގެ މަންމި އަކީ ޝައިލާ. އަރީ މަންމި ވަރަށް ލޯބިވާނެ އަރީދެކެ.” އަރީނާ ބުންޏެވެ.
“ނޫން. އަރީގެ ޑެޑީ އަކީ އާޔަންބެ ވިއްޔާ މަންމަ އަކީ ނޫތައޭ. އެގޮތަށްށޭ ވާނީ ދޯ ނޫތާ.” ޒައު ބުންޏެވެ. ޒައު ދައްކާ ވާހަކައިން އާޔަންއާއި ނޫރާ ތިބީ ނުތަނަވަސް ވެފައެވެ. އަނެއްކާ އަރީނާގޮސް ނޫރާގެ ވާހަކަ ޝައިލާ ކައިރީ ދައްކައި މައްސަލައަކަށް އެކަންވެގެން ހިގައިދާނެތީއެވެ.
އެދުވަހު ސައީދާވެސް ވަރަށް ލޯބިން އަރީނާއާއި ވާހަކަ ދެއްކިއެވެ. އެކުއްޖާ އެގެއަށް ގެނައިތީ ހިތްހަމަ ނުޖެހިފައި ހުއްޓަސް އެކުއްޖާފުޅުގެ އޮތީ ކޮން ކުށެއް ހެއްޔެވެ. އެ މައުސޫމު ކުއްޖާކުރީވެސް ކޮން ކުށެއްހެއްޔެވެ. ސައީދާ ހިތްހަމަ ނުޖެހުނީ ނޫރާގެ ހިތަށް ކުރާނެ އަސަރު ހިތަށް އަރާފައެވެ. ނަމަވެސް ނޫރާވެސް އެހާލޯބިން ހިތްހެޔޮ ކަމާއެކު އެކުއްޖާއާއި މުހާތަބުކުރުމުން ސައީދާވެސް ހިތްހަމަ ޖައްސާލީއެވެ. ނައީމާއަށް އެކުއްޖާ ފެނުމުންވެސް އެއީ އާޔަންގެ ދަރިއެއްކަން ގަބޫލުކުރެވިގެން ދިޔައެވެ.
ޖެހިގެން އައި ދުވަހުގެރޭ ނޫރާ އޭނާގެ މަންމައާއި އެކު މެލޭޝިއާއަށް ފުރައިގެން ދިޔައީ އާޔަންގެ ހިތް ރޮއްވާފައެވެ. ނޫރާގެ ހިތްވެސް ވަނީ މުޅިން ކުދިކުދިވާހާލެއްގައެވެ. ދެމީހުން އެންމެފަހުވަގުތު ކޮޅުވެސް ބޭނުންކުރީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާކަމަށް ބުނަމުންނެވެ.
* * * * * *
ޝައިލާއާއި ބައްދަލުކޮށްލާ ހިތުން ޒޫނާ އެގޭގައި އެމީހުނަށް ސައެއްދޭން ރާވާލިއެވެ. އެދުވަހު ހަވީރު ޝައިލާއައީ ޓެކްސީއެއްގައެވެ. އެމީހުން އަންނަންދެން އާޔަން ތިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. ޝައިލާ އަރީ ގޮވައިގެން ކާރުން ފޭބުމުން އާޔަން އަރީ އުރާލައިގެން މައްޗަށްއެރިއެވެ.
“މީ އާޔަން މަންމަގެ ގެތަ؟” ޝައިލާ އާޔަން ފަހަތުން މައްޗަށް އަރަމުން އަހާލިއެވެ.
“ނޫނޭ! މީ މަންމަގެ ވަރަށް ގާތް ގާތްގަޑަކަށް އާއިލާ މީހެއްގެ ގެއެއް!” އާޔަން ބުނެލިއެވެ.
އާޔަން އަރީ ގޮވައިގެން އެތެރެއަށް ވަނެވެ. ފަހަތުން ޝައިލާވެސް އައިސް ވަނެވެ. ޒޫނާ އަރީ އުރާލިއެވެ.
“އަނެއްކާވެސް މާމަ ކައިރިއަށް އައީއޭދޯ” އަރީނާގެ ކޮލަށް ބޮސްދެމުން ޒޫނާ ބުންޏެވެ. އަދި ޝައިލާއަށް ބަލައިލަމުން ހިތްހެޔޮކަމާއި އެކު ހިނިތުން ވެލިއެވެ. އަދި އެތެރެއަށް ވަނުމަށް ބުންޏެވެ.
“މިކުއްޖާ ދުނިޔެއަށް އުފަންކުރީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ! ކުރިން އަހަރުމެންނަށް އެނގުނުނަމަ ހުރިހާ އެހީއެއް ވީމުސް.” ޝައިލާއާއި އެކު ސޯފާގައި އިށީން ނަމުން ޒޫނާ ބުންޏެވެ. އަރީނާވެސް ޒޫނާކައިރީ ސޯފާގައި ބޭންދިއެވެ.
“ޑެޑީ! މިއަދުކޮބާ ޒައު؟” އާޔަން ކައިރީ އަރީނާ އަހާލިއެވެ.
“ޒައު އުޅެނީ ތިރީބައިގަ. މިގަޑީގަ ގެއަކު ނޫޅޭކަންނޭގެ.” އާޔަން އަރީނާ ކައިރީ ބުންޏެވެ. ޝައިލާވެސް އިނީ އެޒައުއެއް ދެކިލާ ހިތުންނެވެ. އަރީނާ ގެއަށް ދިޔައިން ސުރެން ޒައުގެ ވާހަކަ ދައްކާތީއެވެ.
“ޒައު އެއީ ތިރީބައިގަ އުޅޭ ކުއްޖެއް.” އާޔަން ޝައިލާ ކައިރީ ބުންޏެވެ. ނޫރާގެ އާއިލާމީހުންގެ ވާހަކަ ޝައިލާއަށް ކިޔާދިނުމަށް އާޔަން ބޭނުމެއް ނޫނެވެ.
އެންމެން ސައިބޮއެ ނިމިގެން ދުފަންތިބީ ސޯފާގައި އިށީނދެގެންނެވެ. އެވަގުތު އެތަނަށް ނައީމާވެސް އައިސް ވަނެވެ. ނޭގޭކަމަށް ހަދާފަ ނައީމާއައީ ޝައިލާ ބަލައިލާށެވެ. ނައީމާއަށްވެސް އެއީ އާޔަންގެ ދަރިއެއްކަން ބަލައިލުމުންވެސް ކުރީދުވަހު ވަނީ ގަބޫލު ކުރެވިފަައެވެ.
“އެއައީ ނައީމާ! އެއީ ވެސް އަހަރެންގެ ކޮއްކޮއެއްފަދަ ކުއްޖެއް! އެއީ ޒައުގެ މަންމަ.” ޒޫނާ ޝައިލާއަށް ނައީމާ ތަޢާރަފުކޮށް ދިނެވެ.
ޝައިލާ ނައީމާއަށް ހީލިއެވެ. ޝައިލާއަށް އެއީ ނޫރާއާއި ގުޅުމެއް އޮންނަ ބައެއްކަން ނާންގަވޭތޯ ޒޫނާއާއި އާޔަން މަސައްކަތް ކުރަމުން ދިޔައެވެ.
“ރާވާފަ އޮތްގޮތް އާޔަން ކިޔައިދިންތަ ޝައިލާއަށް؟” ޒޫނާ އަހާލިއެވެ. ޝައިލާ ބޯހޫރާލިއެވެ. ޝައިލާ އާޔަންއަށް ބަލައިލިއެވެ. އާޔަން އިނީ ޓީވީން އަންނަ އެއްޗަކަށް ސަމާލުކަން ދީގެނެވެ.
އާޔަން އާއި ޝައިލާ ބައްދަލުވެ ކައިވެނި ކުރުމަށް އެއްބަސްވީ ފަހުން ހަފްތާއެއް ވެގެން ދިޔައިރުވެސް އާޔަން ޝައިލާއާ މާގިނަ ވާހަކައެއް ނުދައްކައެވެ. އާޔަން ކޮންމެދުވަހަކު ހަވީރު ޝައިލާމެންގެއަށްގޮސް އަރީއާއި ސަކަރާތްޖަހާ އަރީއާއެކު ވަގުތު ހޭދަކުރުމަށްފަހު އިރު އޮއްސުމުން އަންނަނީ ގެއަށެވެ. ޝައިލާ ކޮންމެދުވަހަކުވެސް ހުންނަނީ އާޔަންއާއި އެކު ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ބޭނުންވެފައެވެ. ނަމަވެސް އާޔަން ޝައިލާއަށް ސަމާލުކަމެއް ނުދޭތާގައި ވާހަކަވެސް ދައްކަނީ ވަރަށް މަދުންނެވެ. މުޅިންވެސް ދައްކަނީ އަރީއާއި ބެހޭވާހަކައެކެވެ.
“އަހަރުމެން ގަސްތުކޮށްގެން މިއުޅެނީ ދެދުވަސް ތެރޭ ކައިވެނިކޮށްފަ އަނެއްދުވަހު ކޮރެއާއަށް ބަދަލުވާން! އެކަމަކު އެއީ ޝައިލާ ގަބޫލުނަމަ! ޝައިލާ ބޭނުމިއްޔާ މާލޭގަވެސް ހުރެވިދާނެ!” ޒޫނާ ބުންޏެވެ.
“ދެދުވަސް ތެރޭގައޭ!” ޝައިލާއަށް ހުރީ ގަބޫލު ނުކުރެވިފައެވެ. އެހާއަވަހަށް ކައިވެނި ކުރެވޭނެ ކަމަކަށް ޝައިލާ ގަބޫލެއް ނިކުރެއެވެ. އަދި ޝައިލާގެ އަލަތު ކައިވެނި އާޔަންއާއި ކުރެވިދާނެ ކަމަކަށް އަދިވެސް ޝައިލާގެ ހިތަކަށް ޔަގީނެއް ނުވެއެވެ. ޝައިލާ ހުރީ ވަރަށް އުފަލުންނެވެ. މުޅިދުނިޔެ އެކީގައި ލިބެނީހެން ޝައިލާއަށް ހީވިއެވެ.
“އާން! އަވަހީދޯ! އާޔަންއަށް މަޑުކުރެވެން ނެތީޔޭ! އާޔަންއަކީ މިހާރު އެތައްތަނެއް ހިންގަން ޖެހޭ މީހެއް! އެހެންވެ އަވަހަށް ދާންޖެހޭތީ އަވަސް ކުރީ!” ޒޫނާ ބުންޏެވެ.
“އަހަންނަށް އޯކޭ! މަންމަ މެނަށް ފެންނަގޮތެއް ހަދާ! އަހަރެން ތައްޔާރުވާނަން!” ޝައިލާ ބުންޏެވެ.
އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް އާޔަން އަނގައިންވެސް ނުބުނެ އިނެވެ.
“މާދަމާރޭ ރަންކިޔަން މީހުންދާނެ! ތައްޔާރުވެލައިގެން ހުންނާތި އިނގޭ! އަޔަންއާއި އަހަރެންވެސް އެގަޑިއަށް ދާނަން ތިގެއަށް!” ޒޫނާ ބުންޏެވެ.
އެންމެން ވާހަކަދައްކަމުން ދިޔައިރު ކުޑަކުޑަ އަރީ ނައީމާއާއި އެކު ޓައިލްސް މަތީ އިށީނދެގެން ޒައުގެ ކުޅޭއެއްޗިއްސާ ކުޅެއް އިނެވެ.
“އާޔަން! ދޭ ޝައިލާ އާއި އަރީ ގެއަށް ލާފަ އަންނަން!” ޒޫނާ ބުންޏެވެ.
އާޔަން ޝައިލާއާއި އެކު ތިރިއަށް ފޭބީ އަރީ އުރައިގެނެވެ. އަރީއާއި ސަކަރާތްޖަހަމުންނެވެ.
“އާޔަން! އާޔަން މަންމަ އެދެއްކީ އާޔަން ދައްކަން ޖެހޭ ވާހަކަތަކެއްނު! އާޔަން ކީއްވެތަ ނުބުނީ އާޔަން އަވަހަށް ކޮރެއާއަށް ދާން ޖެހޭ ވާހަކަ؟” ޝައިލާހުރީ ހިސާބަކަސް ހިތްހަމަ ނުޖެހިފައެވެ.
“މަންމަ ދެއްކިޔަސް އާޔަން ދެއްކިޔަސް އެއްވަރެއްނު ވާނީ!” ފަރުވާކުޑަ ގޮތަކަށް އާޔަން ބުންޏެވެ. އަދި އިތުރަށް ޝައިލާ ވަހަކަ ދައްކަފާނެތީ ކާރެއް ހޯދުމަށް މަގުގެ އަނެއްފަރާތަށް ޖެހިލިއެވެ.
ޖެހިގެން އައިރޭ ޝައިލާމެންގެއަށް އާޔަން މަންމައާއިއެކު އާޔަން ދިޔައީ މޫސަވެސް ގޮވައިގެނެވެ. މޫސަ ގެންދިޔައީ އެއް ހެކިވެރިއެއްގެ ގޮތުގައެވެ. އަނެއް ހެކިވެރިއަކީ ޝައިލާމެންގޭގައި އުޅުނު މީހެކެވެ. ޝައިލާގެ ބައްޕަ ނިޔާވެފައިވުމުން ވަލީވެރިއަކަށް އައިސްހުރީ ޝައިލާގެ ބައްޕައާއި އެއްބަފާ ޒަރީރުއެވެ.
އެންމެން ސޯފާގައި އެތުރިލައިގެން ތިއްބެވެ. ލިއުންތައް ލިޔާމީހުން ލިޔަމުންގެންދެއެވެ. ވަގުތު އައިސް ޖެހުމުން ޝައިލާ އޭނަގެ މަންމައަށް ބަލައިލިއެވެ. އެދެމީހުން ރާވައިފައިވާ ގޮތަށް ކަންތައް ގެންދިއުމުގެ ގޮތުން ބޯޖަހާލިއެވެ.
ޝައިލާ ރަނަކަށްކީ ވަރަށްވެސް މަތީ އަދަދަކަށެވެ. އެއީ ޝައިލާ މަންމައާއި ވާހަކަ ދެއްކުމަށްފަހުއެވެ. އާޔަންއަކީ މުއްސަދި މީހެއްކަން ޝައިލާގެ ފަރާތުން ޝައިލާ މަންމައަށް ވަނީ އިނގިފައެވެ. އެހެންކަމުން ފައިދާގަޑެއް ނުލިބޭގޮތަށް އެއްވެސް ކަމެއް ކުރުން ވާނީ މޮޔަކަމަކަށެެވެ. ޝައިލާ ރަންކީ ފައިސާ ކައިވެނި ކުރާރޭ ލިބޭނެކަން އިނގުމުން ޝައިލާގެ ހިތަށް އުފާވެރިކަމެއް ވަދެގެން ދިޔައެވެ.
ހުރިހާކަމެއް ނިމިގެން އެންމެން ގެއަށް ދިއުމަށް ތެދުވިވަގުތު އެގޭ ތެރެއަށް ވަދެގެން އައި އަންހެން ކުއްޖެއް ފެނިފައި މޫސައާއި އާޔަން ހައިރާން ވިއެވެ. ދެމީހުން އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލީ ސުވާލު އުފެދިގެނެވެ. އެ އަންހެން ކުއްޖާއަކީ ދެވަނަ އެހެން މީހެއް ނޫނެވެ.
One Comment
Comments are closed.
Nice