އަނދިރިފަރާތް (16 ވަނަ ބައި)
“ހިނގާ މީނަ ގަޔަށް ލައި ޑިޓެކްޓާރ ގުޅަން..” އަހަރެން އަރޫންއަށް ބަލާލަމުން ބުނެލީމެވެ. އެއާއެކު ރޫޝިންގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވާންފެށިއެވެ. އެއޮށް ފިނިތަނުގައި ހުރިއިރުވެސް އެ ނިތްކުރިމަތިން އޮށްދާ ހިއްލަމުން ދިޔަތަން އަހަންނަށް ފެނުނެވެ. ރޫޝިން އެހާ ވަރުން އެ ސިއްރުކުރަނީ ކޮންކަމެއް ހެއްޔެވެ؟
“އެ.. އެ ކީއްކުރަން؟” ރޫޝިން ހާސްކަމާއެކު އަހާލިއެވެ. އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުރެ އެއްމިޔަކުން ހިނިތުންވެލީމެވެ.
“ޝިން ތެދަށް ޖަވާބުދޭތޯ..” އަހަރެން ބުނެލީމެވެ. “ޝިން ތިހުރީ އަހަންނަށް ވަރަށް ގިނަ ދޮގުތަކެއް ހަދައިފައެއްނު؟ ޝިންގެ މަންމައާއި ބައްޕަ ދިރިއުޅެނީ އިންޑިޔާގަ.. އެކަމަކު ޝިން އަހަރެން ގާތު ބުނީ ބައްޕަވީ ނިޔާވެފައޭ.. އެހެންނު؟ ދެން އަހަރެން ޝިން ތި ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުކުރާނީ ކިހިނެއް؟” އަހަރެން އެހެން ބުނުމަށްފަހު ކައިރީގައިވާ ޝެލްފުން ރިމޯޓް ނަގައި ސްވިޗަކަށް ފިތާލީމެވެ. އެއާއެކު މަޑު އަޑަކާއެކު އަހަންނާ ރޫޝިންއާ ދެމެދުގައިވީ ބިއްލޫރިގަނޑު ކެހިގެން ދިޔައެވެެ.
“ކިހިނެއް ޝުބީއަށް ތި ހުރިހާ އެއްޗެއް އެނގެނީ؟” ރޫޝިން ހައިރާންވެހުރެ ސުވާލުކޮށްލިއެވެ.
“އަހަރެންނަށް ޝިން ހީކުރާވަރަށްވުރެ ގިނަ އެއްޗެހި އެނގޭ.. ހީނުކުރާތި އަހަރެންމީ އާދައިގެ މީހެކޭ..” ސާބިތުކަމާއެކު އަހަރެން ބުނެލީމެވެ. އަދި ރޫޝިންގެ އަތުގެ މުލައްދަނޑީގައި ބާރަކަށް ހިފެހެއްޓީމެވެ. އެއާއެކު ތަދުވެގެން އޭނާ ކުޑަކޮށް ހަޅޭއްލަވައިގަތެވެ.
“ތީ ނިންޖާއެއްތަ؟ ހާދަ ވަރުގަދައޭ…” ތަދުވެގެން މޫނަށް ފާޑެއްގެ ގޮތެއް ހަދާލަމުން ރޫޝިން ބުނެލިއެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ.
“ހިނގާ އަހަންނާއެކު..” ރޫޝިންގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް އަހަރެން ގެންދިޔައީމެވެ. ފަހަތުން އަރޫންވެސް އާދެއެވެ.
** **
މުޅިތަނުގައި ހިފާލާފައިވަނީ ހިރަފުސްވަހެވެ. މީހަކު އެތަނަށް ނުވަންނަތާ ގިނަ ދުވަސްވެފައިވާތީ ކަންނޭނގެއެވެ. އަހަރެން އޭސީ އޮންކޮށްލުމަށްފަހު މޭޒުމަތީގައިވާ އެޕަލް އެއާރ ފްރެޝްނާ ފުޅިން މުޅިތަނަށް ޖަހާލީމެވެ. އެއާއެކު އާފަލުގެ ފަނޑު ވަސް މުޅިތަނަށް ފެތުރިގެން ދިޔައެވެ. މޭޒުކައިރީގައި އިން ރޫޝިންއަށް އަހަރެން ބަލާލީމެވެ. އިރުއިރުކޮޅާ އޭނާ ހިންދިރުވާލާއިރު އޭނާ ހާސްވެފައިހުރިވަރު ހާމަވެއެވެ. އަވަސް އަވަހަށް ފައިތަޅުވަމުން ދިޔައިރު އޭނާ އަހަންނަށް ހަތަރުކަޅި ހަމަނުކޮށް ވޭތޯ މަސައްކަތްކުރަމުން ދިޔައެވެ.
“މިތަނަށް މީހަކު ނުވަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެދޯ؟” ބިތުގައިވާ ކަބަޑު ހާވަމުން ދިޔަ އަރޫންއަށް ބަލާލަމުން އަހަރެން އަހާލީމެވެ. އެވަގުތު އޭނާ ފޮށިގަނޑެއް ނަގައިގެން އައިސް ރޫޝިން ގާތުގައިވާ މޭޒުގައި ބަހައްޓާލިއެވެ.
“އާނ.. އެންމެފަހުން މިތަނަށް ގެނައީ ޝުބް ކަންނޭނގެ..” އަރޫން މަޖާ ރާގަކަށް ބުނެލިއެވެ. އެވަގުތު އަހަރެންގެ ހަނދާނަށް އައީ އެންމެ ފުރަތަމަ އަހަރެން މި އެޖެންސީއާ ގުޅުނު ދުވަހެވެ. އެދުވަހު އަރޫން އަހަރެން ގަޔަށް ލައި ޑިޓެކްޓަރު ގުޅީ ހަމަ މި ރޫމަށް ގެނެސްފައެވެ. އަހަރެންވެސް ރޫޝިން ފަދައިން އެދުވަހު ހުރީ ހާސްވެފައެވެ. އެވަގުތު އަހަރެންގެ މޫނަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
އަރޫން ރޫޝިންގެ އަތަށް ލައިޑިޓެކްޓާރ ގުޅިއިރު އަހަރެން ފަރުވާތެރިކަމާއެކު ރޫޝިންގެ ހަރަކާތްތަކަށް ބަލަމުން ގެންދިޔައީމެވެ. އޭނާ ހާސްކަން ފިލުވުމަށްޓަކާ އެކި ދިމަދިމާއަށް ނަޒަރު ހިންގަމުން ދިޔަކަން އަހަންނަށް ފާހަގަކުރެވުނެވެ. އޭނާ އެއުޅެނީ އަހަންނަށް ކޮންކަމެއް އެނގިދާނެތީ ހެއްޔެވެ؟
“ޝުބް ސުވާލުކުރަންވީނު؟” އަރޫން އަހާލިއެވެ. އޭރު ރޫޝިންގެ އަތަށް ނަރުތައް ގުޅާފައިވިއެވެ. އެނަރުތައް ގުޅިފައިވާ ޑިޓެކްޓަރު ހިފަހައްޓައިގެން ހުރީ އަރޫންއެވެ. އަހަރެން ބޯ ޖަހާލުމަށްފަހު ރޫޝިންއަށް ބަލާލީ އެއްމިޔަކުން ހިނިތުންވެ ހުރެއެވެ.
“މިރޭ އަތިރިމައްޗާ ދިމާލުން އައިސް އަހަރެންގެ ގޭ ފުރާޅަށް އެރި މީހަކީ އަހަރެންކަން ޝިންއަށް އެނގުނީ ކިހިނެއްހޭ؟” އަހަރެން ދެއަތް އުރާލަމުން އަހާލީމެވެ. ރޫޝިންގެ މޫނުމަތިން ހާސްކަމާ ކަންބޮޑުވުމުން އެންމެ ހިނދުކޮޅަކަށްވެސް ފިލައިގެން ނުދެއެވެ.
“އަހަރެން ދޮގު ހަދައިފިއްޔާ… އަ.. އަހަރެން މަރާލާނީތަ؟” ރޫޝިން ޖެހިލުންވެ އިނދެ އަހާލިއެވެ. އެއާއެކު އަހަރެން ގާތަށް ހިނިއައެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކާވޭތޯ އަހަރެން ބެލީމެވެ. މިފަހަރު ރޫޝިން ބިރުގަންނަވާލަންވާނެއޭ ހިތައި އަހަރެން އެތާ ހުރި ކަބަޑުތައް ކައިރިއަށް ގޮސް އޭގެ ތެރެއިން ކުޑަވަރެއްގެ ފިސްތޯލައެއް ނަގައި އަތަށް ހެޔޮވަރުކޮށްލީމެވެ. އެވަގުތު އަހަރެން އުޅުނު ގޮތުން ހިތްހަމަނުޖެހިގެން އަރޫން ދެބުމަ ކައިރިކޮށްލިތަން ފެނުނު ނަމަވެސް އަހަރެން އެކަމަށް ފަރުވާލެއް ނުބަހައްޓަމެވެ.
“ނޫން.. އަހަރެން ބުނެފާނަމޭ..” އަހަރެންގެ ހަރަކާތުން ސިހިފައި ރޫޝިން އަވަސް އަވަހަށް ބުނެލިއެވެ. އަހަރެން ފިސްތޯލަ ތިރިކޮށްލަމުން ހަމަޖެހެލީމެވެ.
“ބުނެބަލަ އެހެންވިއްޔާ..” އަހަރެން ހަރަން ބަނދެލަމުން ބުނެލީމެވެ. އެވަގުތު ރޫޝިން އިސްޖަހާލިއެވެ. އޭނާގެ މޫނު އަހަންނަށް ދައްކަން ބޭނުންނުވާ ކަހަލައެވެ. އެހެން އިނދެ ފުންކޮށް ދެތިން ނޭވާ ލަމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.
“އަހަންނަށް އެއީ ޝުބީކަން ނޭނގެންވީ ކީއްވެ؟ ފުރަތަމަ ތިގެއަށް ދިޔަ ދުވަހުއްސުރެ އަހަންނަށް ޝުބީގެ ހަރަކާތްތަކަށް ބެލޭ.. ޝުބީގެ ކޮންމެ ހަރަކާތަކަށް ވަކިވަކިން ބެލޭ… އެހެންވެ އަހަންނަށް އެނގޭނެ ދޯ މޫނު ނިވާކޮށްފަ ހުއްޓަސް ޝުބީގެ ހަރަކާތްތައް ދެނެގަންނަން… އަހަންނަށް ޝުބީ ކަމުދޭ.. އަހަންނަށް ޝުބީ ރީތި.. އެހެންވެ ކަންނޭނގެ އެވަރަށް ބެލެނީ.. އެރޭ އަހަރެން ގެއިން ބޭރަށް ނިކުމެލިތަނާ ފެނުނީ އަތިރިމައްޗާ ދިމާލުން މީހަކު އަންނަތަން.. ހިނގާފައި އައި ގޮތުން، ހިނގުން ހުރި ގޮތުން އަހަރެން ހަމަ ހިތަށް އެރީ އެއީ ޝުބީއޭ… ދެން ވެސް އަހަރެން ފިލާ ހުރީ އެމީހާގެ ހަރަކާތްތަކަށް ބަލަން.. ގޭގެ ފުރާޅަށް އެމީހާ އެރިތަން އަހަންނަށް ފެނުނު… އެކަމަކު ދެން އެމީހާ ދިޔަތަނެއް ނޭނގުނު.. އެހެންވެ އަހަރެން ފުރާޅަށް އަަރައި އެމީހާ ފެނޭތޯ ހޯދީ.. އެހެން ހޯދަނިކޮށް އަހަންނަށް ފެނުނީ ޝުބީގެ ކޮޓަރި އާ ދިމާލު ފުރާޅުގައި ދޮރެއް ކަނޑާފައި ހުރިކަން.. އެހެންވެ އަހަންނަށް އެނގުނު ޔަޤީނާ ގާތަށް އެއީ ޝުބީ ކަން..” އިސްޖަހައިގެން ހުރެ ރޫޝިން ދައްކަމުން ދިޔަ ވާހަކައަށް އަހަރެން ހުރީ ސަމާލުކަން ދީގެންނެވެ. އޭރު ރޫޝިންގެ ދެކޯތާފަތް ރަތް ވެފައިވާތަން ފެނުމުން އަހަރެން ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. ފިރިހެނަކަށްވެހުރެ ހަމަ އެހާ ލަދުގަންނަން ޖެހޭ ހެއްޔެވެ؟ އަހަރެން ދެން ބަލާލީ ޑިޓެކްޓަރު ހިފަހައްޓައިގެން ހުރި އަރޫންއަށެވެ. އޭނާ އަހަންނަށް ބަލަހައްޓައިގެން ހުރެ ބޯ ޖަހާލި ގޮތުން އަހަންނަށް ރޫޝިން އެހެދީ ތެދެއްކަން އެނގުނެވެ.
މާހައުލަށް ވެރިވެފައިވާ ހަމަހިމޭންކަން ނައްތާލުމުގެ ގޮތުން އަހަރެން ކަރުކެހެލީމެވެ. އަހަރެންގެ އަޑަށް ރޫޝިން ކުޑަކޮށް ސިހިނު ނަމަވެސް އޭނާއަކަށް އިސް އުފުލާ ބަލާލާކަށް ނުކެރުނެވެ. އަހަރެން ދެކެ ލޯބިވާކަން އެފަދަ ގޮތަކަށް ހާމަކުރަން ޖެހުމުން އޭނާ ހުރީ ހަމަ ރަނގަޅަށްވެސް ރަކިވެފައެވެ. އެވަގުތު އަހަރެން އަރޫންގެ އަތުގައި ހިފައިގެން ތަންކޮޅެއް ދުރަށް ޖެހެލީމެވެ.
“ދެން ކިހިނެއް ހަދާނީ؟ އޭނަ ދޫކޮށްލަންވީތަ؟ އެކަމަކު އޭނައަށް އަހަރެންގެ އައިޑެންޓިޓީ އެނގެއެއްނު؟” ރޫޝިންއަށް އަޑު ނީވޭ ވަރަށް އަހަރެން އަރޫން އާ ވާހަކަދެއްކީމެވެ.
“ހޫމްމް.. އެކަމަކު އޭނައަކަށް ނޭނގޭ ދޯ އަހަރެމެންމީ ކޮން ބައެއް ކަަމެއް، މީ ކޮންތަނެއްކަމެއް؟ އެ ސުވާލުތަކުގެ ޖަވާބު ލިބެންދެން އޭނާ ޝުބްއާ ސުވާލުކުރާނެކަން ޔަގީން..” އަރޫން ބުނެލިއެވެ. އެއީވެސް ތެދެކެވެ. ރޫޝިންގެ ސުވާލުތަކުން ސަލާމަތްވެވޭނެ ގޮތެއް ވެސް އަހަންނަކަށް ނެތެވެ.
“ދެން ކިހިނެއް ހަދާނީ؟ އަޅެ އަހަރެން ހާދަ މޮޔައޭ ދޯ.. އަހަންނާހެދި މިހެން މިވީ.. އަހަރެން ނުޖެހެ ހިނގާފަ ދާކަށް.. އެކަމަކު ސިކުނޑި ހާސްވެފަ ހުރީމަ ދެވުނީ.. ” އަހަރެންނަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފުސެވެ. ހުރިހާވެސް މައްސަލައަކީ އަހަންނަށް ހިނގާފައި ދެވުނީމައެވެ. ރޫޝިންއަށް އަހަރެންގެ ހިނގުން ފާހަގަކުރެވުނީ ހިނގާފައި ދިއުމުން ނޫން ހެއްޔެވެ؟
“އައިޑިޔާއެއް އެބައިން.. އެކަމަކު އާރިފް ސާރ އެންޑް ބޮސް އޯކޭ ވިއްޔާ މިކަން ކުރެވޭނީ..” އަރޫން ވިސްނާލުމަށްފަހު ބުނެލިއެވެ.
“ބުނެބަލަ..” އަހަރެން އަވަސް އަވަހަށް ބުނެލީމެވެ. އަރޫން އޭނާއަށް ފެންނަގޮތް ބުނުމުން އަހަންނަށް ހިނިތުންވެލެވުނެވެ. ހަދަން އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައި ވަގުތުން އަހަރެންގެ ސިކުނޑި އެއްބަސްވިއެވެ.
** **
މަޝްވަރާ ރޫމުގެ މޭޒު ދޮށުގައި އަހަންނާ އަރޫން ގެ އިތުރުން އާރިފް ސާރ އިނީމެވެ. ނޫހުދު އަލިން މުޅިތަން ދިއްލިފައިވިއެވެ. އަހަރެންނާ އަރޫންގެ ނަޒަރު ހުއްޓިފައިވީ އާރިފް ސާރގެ މޫނަށެވެ. އެ މޫނުމަތިން އޭނާ ވަރަށް ގަދައަށް ވިސްނަމުން ދާކަން އެނގި ހާމަވާން ހުއްޓެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ސާރ ފުންނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އަހަންނާ ދިމާއަށް އެނބުރުނެވެ.
“ޔަގީންތަ ތީތި ވޯކް ކުރާނެކަން؟ އޭނަ މި އެޖެންސީއަށް ބިޓްރޭކޮށްފިއްޔާ އޭގެ ޒިންމާ ނަގާނީ ކާކު؟” އާރިފް ސާރ އަހަންނާ ދިމާއަށް ބުނެލިއެވެ.
“އަޅުގަނޑު އެކަމުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި ނަގާނަން ސާރ..” އަހަރެން ކުޑަކޮށް ވިސްނާލުމަށްފަހު ބުނެލީމެވެ. އެއާއެކު އާރިފް ސާރ މަޑުމަޑުން ބޯ ޖަހާލިއެވެ.
އާރިފް ސާރ އެއްބަސްވުމާއެކު އަހަންނާ އަރޫން މިސްރާބުޖެހީ ރޫޝިން ބަހައްޓާފައިވާ ކޮޓަރިއަށް ދިއުމަށެވެ. އެތެރެއަށް ވަނުމުގެ ކުރިން އަރޫން ބޮލަށް މާސްކު މަހައިލި ނަމަވެސް އަހަރެން މާސްކު ނޭޅީ ރޫޝިންއަށް އަހަރެންމީ ކާކުކަން ރަނގަޅަށް އެނގޭތީއެވެ. އަހަރެމެން އެތެރެއަށް ވަތް އިރު ކުރިންވެސް އިން ގޮނޑީގައި ރޫޝިން އިނެވެ. ކައިރީގައި ހުރި މޭޒުގައި ބޯ އަޅައިގެން އޮތް އިރު އެ ލޮލުގައި ނިދީގެ އަސަރު ފެންނަން ހުއްޓެވެ. އަހަރެމެން އައިސް ވަންނައިރަށް އޭނާ ފުންމައިގެން ތެދުވެއްޖެއެވެ.
“ޝުބީ.. ނުވޭތަ އަހަރެން މިތަނުން ފޮނުވާލާކަށް.. ޕްލީސް.. އަހަރެން މިތަނުން ފޮނުވާލާ.. އަހަރެން ނުބުނާނަމޭ އެއްވެސް މީހަކު ގާތު ޝުބީގެ ވާހަކައެއް..” އަހަރެން އަންނައިރަށް ރޫޝިން އާދޭސްކުރަން ފެށިއެވެ. އެވަގުތު އަހަރެން ގާތަށް އައީ ލާނެތް ހިންޏެކެވެ.
“ބަޓް ވީ ކާންޓް ޓޭކް އެނީ ރިސްކްސް ދޯ؟” ނުލަފާ ގޮތަކަށް ހީލަމުން އަހަރެން އެހެން ބުނެލި ގަޑީގައި ރޫޝިންގެ މޫނަށް ބިރުވެރިކަމުގެ ކުލަ އަރައިގެން ދިޔައެވެ.
“ޕްލީސް.. އަހަރެން މަރާނުލާތި..” ތުރުތުރު އަޅާ އަޑަކުން ރޫޝިން އެހެން ބުނުމާއެކު އަހަންނަށް ހެވުނެވެ. އަހަރެން މިއުޅެނީ އޭނާ މަރާލާކަށް ނޫން ވިއްޔާއެވެ.
“އެންމެ ފުރަތަމަ.. ރޫޝިންއަށް މިއީ ކޮން ތަނެއްކަން އަހަރެން ބުނެދެން ބޭނުން..” ދެކޮޅު ދެކޮޅަށް ހިނގަމުން އަހަރެން ވާހަކަ ދައްކަން ފެށީމެވެ. ރޫޝިން އަހަރެން ދައްކާ ވާހަކަ ކަނުލާ އަޑުއަހަން އިނެވެ. “މިއީ މޯލްޑިވްސް ސީކްރެޓް އެޖެންސީ..” އަހަރެން އެހެން ބުނުމާއެކު ރޫޝިންގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާން ކަމުގެ އަސަރުތަކެވެ.
“ވަޓް؟ މިއީ؟ އެއީ އަސްލު ތަނެއްތަ؟ އެއީ ހިޔާލީ ތަނެއް ނޫންތަ؟” ރޫޝިން ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލަމުން ފައްޗަކަށް ސުވާލުތައް އަމުނާލިއެވެ. އޭނާ ހުރީ އަހަރެން ބުނި ވާހަކަ ޤަބޫލުކުރަން ދަތިވެފައެވެ.
“ޔެސް! ޝިން ބޭނުންތަ މިތަނާ ޖޮއިން ވާން..؟” އަހަރެން އަހާލީމެވެ.
“ކީކޭ؟” އަހަރެން އެހި އެއްޗަކާމެދު ޔަޤީންނުވާ ކަހަލަ ގޮތަކަށް ރޫޝިން އަހާލިއެވެ.
“އަހަރެން ފަދައިން މިތަނުގެ އޭޖެންޓަކަށް ވާން ބޭނުންހޭ؟” އަހަރެން އަނެއްކާވެސް އަހާލީމެވެ. އެއާއެކު ރޫޝިން ހޭންފެށިއެވެ. އަހަރެން ދެބުމަ ކައިރިކޮށްލީމެވެ. އަހަރެން މިކިޔަނީ ޖޯކެއް ނޫން ވިއްޔާއެވެ.
“އަހަންނަށް މިއީ އޮންނަ ތަނެއްކަން ވެސް މި އެނގުނީ ދެންމެ.. އަނެއްކާ ތި ބުނީ މިތަނުގެ އެޖެންޓަކަށް ވާން ބޭނުންހޭ.. އަހަންނަކަށް ނޭނގެ މިތަނުގެ މީހުން ކުރާ ކަމެއް ވެސް..” ރޫޝިން ބުނެލިއެވެ.
“މިތަނަށް ޖޮއިން ކުރީމަ ޝިންއަށް އެނގޭނެ މިތަނުގެ މީހުން ކުރާ މަސައްކަތް.. ހަމަ ގައިމުވެސް އަހަރެން ދެކޭ ގޮތުގައި އަހަންނަށް ލިބިފައި މިވާ ޖޮބަކީ ވަރަށް ކޫލް ޖޮބެއް..” އަހަރެން ދެއަތް އުރާލަމުން ބުނެލީމެވެ. އޭރު ރޫޝިންގެ މޫނުމަތިން އޭނާ ވަރަށް ގަދައަށް ވިސްނަމުންދާކަން ހާމަވެއެވެ.
“އެންމެ ރަނގަޅު..” އެންމެ ފަހުން ރޫޝިން ބުނެލިއެވެ. އެއާއެކު އަހަރެންގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. އަހަރެން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ދާނެ ކަމުގެ ފެހި ސިގްނަލް ލިބިގެން ދިޔައެވެ.
** **
ކަނޑުގެ ރާޅުތައް ގޮނޑުދޮަށަށް ބީއްސަމުން ދިޔައިރު، ހަނދުގެ ރިހި އަލި ލޮނުގަނޑަށް އެޅިފައިވާ ގޮތުން މާހައުލު ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ދޭތެރެ ދޭތެރެއިން ކޮވެއްޔެއް ގޮވާލާ އަޑު އިވެމުން ދިޔައެވެ. ރާޅުޖަހާ ހިސާބުގައި އަހަރެން ހުއްޓިގެން ހުރެ ރަށުތެރެއާ ވީ ދިމާއަށް ބަލައިލާއިރު ހޭޅިފަށުގައި ހެދިފައިވާ ގަސްތައް ފެންނަމުން ދިޔައީ ނާމާން ގޮތަކަށެވެ. އަހަރެން ލައިގެން ހުރި ޓައިޓު ހަރުވާޅު ކުޑަކޮށް އޮޅާލުމަށްފަހު މޫދަށް އެރެލީމެވެ. ފިނިފިނި ފެންގަނޑު އަހަރެންގެ ތަނބިކައްޓާ ހަމައަށް ފޮރުވާލިއިރު އަހަންނަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި އުފަލެކެވެ.
އަހަރެންނާ ދާދި ކައިރީގައި ހުއްޓިގެން ހުރި ރޫޝިންގެ މޫނުމަތިން ނިދީގެ އަސަރު ފާޅުވާން ހުއްޓެވެ. ދެއަތުން ދޮށި ހިފަހައްޓައިގެން ހުރިއިރު މަހެއް ބޭނުމަށް އެއްވެސް ޝަޢުޤުވެރިކަމެއް އޭނާގެ ކިބައިގައި ހުރި ހެނެއް ހިޔެއް ނުވެއެވެ. އިރުއިރުކޮޅާ އާފުރެލާ ގޮތުންވެސް އޭނާ ނިންޖަށް ބޭނުންވެފައިވާ މިންވަރު އެނގި ހާމަވަމުން ދިޔައެވެ.
“އަދިވެސް މަހެއް ނުގަނެ؟” އަހަރެން ރޫޝިންގެ ގާތަށް ޖެހިލަމުން އަހާލީމެވެ. އޭނާ ފޫހި ކަމާއެކު ބޯ ޖަހާލިގޮތުން އަހަރެން ގާތަށް ހިނިއައެވެ. މާގިނަ އިރުތަކެއް ނުވެ އިރުގެ ރަން ދޯދިތައް މުޅި ފަޒާއަށް އަލިކަން ފަތުރާލައިފިއެވެ. ކޮވެލީގެ ގޮވުންވެސް އިހުނަށްވުރެ ބާރުވާން ފަށައިފިއެވެ.
“އަޅޭ ޝިން.. ތި އަވަހަށް މަހެއް ބާނަން އުޅެބަލަދޯ..” އަހަރެން އަތުގައި އަޅާފައިވާ ގަޑިއަށް ބަލާލަމުން ބުނެލީމެވެ. އަހަރެމެންނަށް ރޭ އެޖެންސީގެ ކަންތައްތައް ނިންމާފައި އާދެވުނުއިރު 5 ޖަހައި ބޮޑުވެއްޖެއެވެ. އެ ގަޑިއަކީ އަހަރެންގެ މަންމަ ހޭލައި އުޅޭ ގަޑިއަށްވުމުން އަހަންނާ ރޫޝިން އެގަޑީގައި ގެއަށް ދިއުން އެންމެ ރަނގަޅުނުވާނެކަން އަހަންނަށް ވިސްނުނެވެ. އަހަރެންގެ ދަބަހުގައި ކުރުކޮށްލެވޭ ކަހަލަ ދޮއްޓެއް އޮތުމާއެކު އަހަރެން ހަދަން ޖެހޭނެ ގޮތް ރާވާލީމެވެ. އެގޮތުން އިރުއަރީމައި ގެއަށް ގޮސްފައި މަންމަމެން ގާތު އަހަރެމެން ދެމީހުން ދިޔައީ މަސްބާނާށޭ ބުނީމައި ނިމުނީއެއް ނޫން ހެއްޔެވެ؟
“ގަނެއްޖެ! ގަނެއްޖެ!” ރޫޝިން ހަޅޭލަވައިގަތް އަޑަށް އަހަރެން އެދިމާ ބަލާލީމެވެ. އޭރު އޭނާ ގެންދިޔައީ ގައިގައި ހުރި ބާރެއްލާފައި ދޮށީގައި ހިފައި ދަމަމުންނެވެ. ހީވާގޮތުން ވަރަށް ބޮޑު މަހެއް ދޮށީގައި ގަނެއްޖެއެވެ. އަހަރެން އަވަސްކޮށްލާފައި ރޫޝިންއަށް އެހީވާން އުޅުނީމެވެ. ދެމީހުންގެ ހިތްވަރާއެކު އެ މަސް އެއްގަމަށް ގެނެވުނެވެ. އެއީ ވަރަށް ބޮޑު ރަތް މަހެކެވެ. އަހަރެން އެއްމިޔަކުން ހިނިތުންވެލީމެވެ. މަހެން ބޭނުމުން މަންމަމެންނަށް އަހަރެމެން ދައްކާ ވާހަކަ ޤަބޫލުކުރަންވެސް ފަސޭހަވާނެއެއް ނޫން ހެއްޔެވެ؟
“ޝިން.. ކީއްވެތަ އަހަރެން ގާތު ބުނީ ޝިންގެ ބައްޕަވީ މަރުވެފައޭ އަސްލު؟” ގެއަށް ދިޔަ މަގުމަތީގައި އަހަރެން ރޫޝިން ގާތު ނާހަން ހުރެފައިވެސް އަހާލީމެވެ. އެއާއެކު އެ މޫނުމަތިން ހިތާމަވެރިކަމުގެ އަސަރު ފާޅުވާން ފެށިއެވެ.
(ނުނިމޭ)
20 Comments
Comments are closed.
Hi guys.. Liaa balive ulhuneema up nukurevunii.. Ingey readers bunaanii mi ee bahanaa ekey kan ves.. Okay Liaa dhakkaa vaahaka ekaku gabool nukuriyas.
And mi dhuvaskoLhu raajjeege eki kankolHu thakugai thafaathu balithah fethuremun eba dhey.. Hurihaa kudhin ves balaigen ulhehchey..
Loves <3
Yayy
At last
Varah kiyaahithun indha thi nimmaalee
Adhi eh part upkohadheeba liaa ❤
mirey adhi 1 part up kureveythw v eba massaiykaiy kuran 🙂
Haadha kurey mi part.. Anyways vrh salhi.. Dhn kn dhuhukun aneh part?
asluvx haadha kurey liaa. mirey genesdheyn vaane aneh part. puweess 🙁
Vrhh wait kurin mi story ah.. Thnxx liaa ?? Vrhh reethi mi bai ves ❤Dhn kn dhuvahakun aneh bai genes dhryny???
thankss all.. Mirey genas dheveythw v eba try kuran guys
Dhonbeybe daily koh up kohdheeba please:)
Dhen daily koh up kohdheeba please:)
thanks liaaa…
cant wait for the next part..
we really love this story.
Thnk u liaa…V salhi.
V salhi…. bt than kolheh kuree
liaa mihaar kihineh tha,,? v salhi mi part.. story nimendhen up kurahchey.. nxt part ah inthixaar kuran inge
Now kuriyah vure rangaLhu.. But muLhi eku rangaLheh nuvey 🙁
V interesting… Alhe Liaa!! Thankolheh dhigukoh genesdheebala dhen genesdhey bai… V kiyaa hiyyvaa vaahakaeh mee 🙂
V salhi
At last varah dhigu inthixaarakah fahu…reethi mi part ves… Can’t Wait for the next episode
Thankyou hurihaa kudhin <3
Vaahaka v v reethi..ushaa gabool kura liaa dhehki vaahaka thah. Eiy bahanaa eh noonehnu..btw komme dhuvahakuves balan mi story up vefa indheytho..GWS Liaa..
Finally. I thought u wouldnt complete the story.
Thank you very much