އޭ… ޔޫ؟ އަހަރެންނަށް މި ހީވީ ރަނގަޅަށް ދޯ؟ ޒައިކް މާލޭގަ؟ އަހަރެން ހީކުރީ ދެން ދުވަހަކުވެސް އަހަރެމެން ބައްދަލެއް ނުވާނެކަމަށް. ވަރަށް އުފާވެއްޖެ ޒައިކް ފެނުނީމަ. އެނގޭ ޒައިކް އުފަލެއް ނުވާނެކަން. ކީއްވެކަންވެސް އެނގޭ.” ޝިފާންގެ އަޑަށް ރަސްފަންނުގައި ހުރި ޖިމްގައި ކަސްރަތުކުރަން ހުރި ޒައިކް ސިހިފައި ބަލާލިއެވެ. އެއީ ޝިފާންކަން އެނގުމުން ވީ ފޫއްސެއްގެ ބޮޑުކަމުން ދާން ބޭނުންވިއެވެ.
“ހާދަ އަވަހަކަށް ދާން ތިއުޅެނީ. އިހަށް މަޑުކޮށްބަލަ. އަހަރުތަކަކަށްފަހު ދިމާވީމަ ލައްކަ ވާހަކަ ދައްކާލަންވެފަ.” ޒައިކްގެ ކުރި ބައްދަމުން ޝިފާން ބުނެލިއެވެ.
“އަހަރެން ދާން ތަން ދައްކާ! ޝިފާންގެ ތި ވާހަކަތައް އަޑުއަހާކަށް އަހަރެންގެ އެއްވެސް ޝައުޤުވެރިކަމެއް ނެތް. ސޯ ޕްލީޒް ލީވް އިޓް!” ޒައިކް އޭނާގެ ރުޅި ކޮންޓްރޯލްކުރަމުން ދަތްތަކަށް ބާރުލާފައި ބުންޏެވެ.
“ހަހަހަ… ޒައިކް އަޑުއަހަން ބޭނުން ނުވިޔަސް އަހަރެން ވަރަށް ކިޔައިދޭ ހިތުން މިހިރީ. ޒައިކްއަށް އެނގޭތަ މިހާރު ރޭޝަމް އުޅެނީ އަހަރެންނާ އެކުގަކަން؟” ޝިފާންގެ މި ޖުމްލައިން ޒައިކް ޝިފާންއަށް ބަލާލީ އެދެލޮލުގެ ހޫނުން ޝިފާން އަންދާ އަޅިއަށް ހަދާލާފަދަ ބެލުމަކުންނެވެ.
“އޯހ. ހާދަ ރުޅިއެއް ތިއައީ. އަދި ރުޅިއަންނާކަށް ނުވޭ. ޒައިކް ހަނދާންވޭތަ އެއްއިރެއްގަ އަހަރެން ރޭޝަމްއާ އަނގައިން ބުނެފާނެތީ އޭނަގެ ބޮޑީގާޑަކަށް ވެގެން އުޅުނު ދުވަސްތައް؟ މިއަދު މިއޮތީ އެދުވަސް ބަދަލުވެފަ. މިއަދު އަހަރެން ބޭނުން ގޮތަކަށް ބޭނުން އިރަކު ރޭޝަމްއާ ވާހަކަދެއްކޭ. އެކަމު ޒައިކް މިއަދު ތިހިރީ ރޭޝަމްގެ ހިޔަނިވެސް ނުފެންނަހާ ދުރުގަ.” އެހެން ބުނެފައި ޝިފާން ޒައިކް ދާން ތަން ދެއްކިއެވެ. މިވަގުތު އެއްވެސް އެއްޗެއް ނުބުނެ ދާކަށް ޒައިކްވެސް ބޭނުމެއްނުވިއެވެ.
“އަދި ތިހާ އުފާވާކަށް ނުވެޔޭ. ޝިފާންއަށްވެސް އެނގޭނެ ރޭޝަމް އަދިވެސް ލޯބިވަނީ ހަމަ މި ޒައިކްދެކެކަން. ހަޤީޤަތް އެނގޭ ދުވަހަކުން ރޭޝަމް ދުވެފަ އަންނާނީ ހަމަ މިއަތުގެ ތެރެއަށް. މިކަން ޝިފާންގެ ހަނދާނުގަ ހަރުލެއްވިއްޔާ ޝިފާންއަށް ރަނގަޅުވާނީ.” އެހެން ބުނެފައި ޒައިކް ދުރުދުރުގައި ފިޔަވަޅު އަޅަމުން ނުކުމެގެންދިޔަ މަންޒަރު ބަލަންހުރި ޝިފާންއަށް ބޯކަހާލެވުނެވެ. ޒައިކްގެ ވާހަކައިން މިއަދު އޭނާއަށް ވިސްނާލަން ޖެހިއްޖެކަން ޤަބޫލުކުރެވުނެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ރަސްމިއްޔާތު ފެށެން ހަފްތާއަކަށްވީއިރު ގިނަ ކަންތައްތައް ހުރީ ނިމިފައެވެ.
“ޒައިކް!” އޮފީހުން ބޭރަށް ނުކުތް ޒައިކްގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ރޭޝަމްގެ އަޑު ދާދި ގާތުން އިވިފައެވެ.
“ވަރަށް ދުވަސްވެއްޖެ ޒައިކްއާ ދިމާކުރަން އުޅޭތާ. އަހަރެންނަށް އެނގޭ ޒައިކް އަހަރެންނާ ދުރުން އުޅޭކަން. އެއީ ކީއްވެކަންވެސް އެނގޭ.” ރޭޝަމްގެ ބަހަށް އެއްވެސް އެއްޗެކޭ ނުބުނެ ޒައިކް ހިމޭނުން ހުރިތަން ފެނުމުން ރޭޝަމް ގޮސް ޒައިކްގެ ކުރިމައްޗަށް ހުއްޓުނެވެ.
“އަހަރެންނަކަށް ހިއެއްނުވޭ ރޭޝަމްއާ އަހަރެން ދައްކަންޖެހޭ ވާހަކައެއް އޮތްހެނެއް. އެހެންނޫނަސް ރޭޝަމްއެއްނު ބުނީ މިދެމެދުގަ އިތުރު ގުޅުމެއް ޤާއިމްކުރަން ނޫޅޭށޭ. އަހަރެންނަށް މިހާރު ވިސްނިއްޖެ މިދެމެދުގަ އިތުރު ގުޅުމަކަށް ޖާގައެއް ނެތްކަން.” ޒައިކް އޭނާ އަޅައިގެން ހުރި އަވި އައިނުގެ ތެރެއިން ރޭޝަމްގެ ދެލޮލަށް ބަލަންހުރެ ބުންޏެވެ. ރޭޝަމްއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒައިކްގެ އަޅައިގެންހުރި އަވި އައިނުން އެދެލޯ ފޮރުވިފައިވާއިރު އެމޫނުމަތިން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.
“ޒައިކް!” ރޭޝަމް އެއްޗެއް ބުނަން އުޅުނު ވަގުތު ޒައިކް އޭނާގެ އަތުން އިޝާރާތްކޮށްލަމުން އިތުރު ވާހަކައެއް ދައްކަން ބޭނުންނުވާކަމަށް ބުނެލިއެވެ. އެއަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކާރަށް އަރާ ދުއްވާލިއެވެ. ޒައިކް ދިޔަ މަންޒަރު ބަލަން ކަރުނުން ފުރިގެންވާ ހާލު ރޭޝަމްއަށް ހުރެވުނެވެ. ކުއްލިއަކަށް ޒައިކްއަށް އައި ބަދަލުން އޭނާއަށް ހައިރާންކަމެއްވެސް ލިބުނެވެ.
“ރޭޝަމް! އާރ ޔޫ އޯކޭ؟” ދުރުގައި މަންޒަރު ބަލަންހުރި ދިމްނާއާއި ލާރާ އައިސް ރޭޝަމްގެ ގާތުގައި ހުއްޓިލަމުން އަހާލިއެވެ. ދިމްނާ މަޑުމަޑުން ރޭޝަމްގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
“ރޭޝަމް ރޮނީތަ؟ ޒައިކް ސަރ ކީކޭ ކިޔާފަތަ އެދިޔައީ؟ ރޭޝަމް ބުނެބަލަ. ކިހިނެއްތަ ވެގެން ތިއުޅެނީ؟” ރޭޝަމް ރޯތަން ފެނި ލާރާއާއި ދިމްނާ ހައިރާންވިއެވެ. އެއާއެކު ދެމީހުންގެ ހިތުގައި ގިނަވި ސުވާލުތައް ކުރަންފެށިއެވެ. އެމީހުންގެ އެއްވސް ސުވާލަކަށް ޖަވާބުދިނުން ރޭޝަމްއަށް މުހިންމެއް ނުވިއެވެ. އޭނާ ދެކޭގޮތުގައި އޭނާއާއި ޒައިކްގެ އެއްވެސް ކަމެއް އެއްވެސް މީހަކަށް އެނގިގެން ނުވާނެއެވެ.
“މާބޮޑުކަމެއް ނުވޭ. ހިނގާ ގެއަށް ދާން.” ރޭޝަމް މޫނު ފޮހެލަމުން ނޭފަތް ދަމާލިއެވެ. ދިމްނާއާއި ލާރާ މިފަހަރު ގޮތްދޫކުރާކަށް ބޭނުމެއްނުވިއެވެ.
“ދެން ތިމީހުންނަށްވެސް އެނގެއެއްނު އަހަރެމެންގެ ސަރގެ ގޮތް. އަހަރެންނަށް ނުބައިކޮށް ލިޔުންތަކެއް ތައްޔާރުކުރެވިގެން އެކަމާ ރުޅިގަދަވެގެން އެދިޔައީ. އެއީ ވީގޮތަކީ.” ރޭޝަމް ބުނެލިއެވެ.
“އެވަރު ކަމަކާ ތިރޮނީ؟” ލާރާ އައިސް ރޭޝަމްގެ ކުރިމައްޗަށް ހުއްޓުނެވެ. އޭރު އޭނާ ހުރީ ޤަބޫލުނުކުރެވިފައިކަން އަނގައިދޭ ނަޒަރަކުން ރޭޝަމްއަށް ބަލަހައްޓައިގެންނެވެ.
“ލާރާއަށްވެސް އެނގެއެއްނު އަހަރެންނަކީ ތިމީހުންހެން މާމޮޅަށް ކިޔަވައިގެންހުރި މީހެއް ނޫންކަން. މި ވަޒީފާ ގެއްލިއްޖެއްޔާ އަހަރެންނާ އަހަރެންގެ ކުޑަކުޑަ އާއިލާއަށް ވާނެގޮތް ވިސްނާލަންވެސް ދަތި.” ރޭޗަމް އެހެން ބުނިއިރު އެދެލޮލުން ކަރުނަ ވިދަވިދާ ހުއްޓެވެ. މިފަހަރުވެސް ލާރާމެންނަށް އޮޅުވާލުމުގައި ރޭޝަމްއަށް ކާމިޔާބުވެއްޖެއެވެ.
ރޭގަނޑުގެ ހިމޭން ވަގުތެވެ. މުޅި ގެ ވަނީ އަރާމު ނިންޖަކުން ނިދާފައެވެ. ޝިފާން ގަޑި ބަލާލިއެވެ. ބާރަގަޑި ބައިވެއްޖެއެވެ. އަދިވެސް ރޭޝަމް ގެއަކަށް ނާދެއެވެ. ޝިފާން އިންތިޒާރުގެ ގަޑިތައް ގުނަމުންދާތާ އެތައްއިރެއް ވެއްޖެއެވެ. މިހާރު ދެތިން ފަހަރު ގުޅައިވެސްފިއެވެ. ނަމަވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ.
“ރޭޝަމް!
ހާދަ ލަސްވީ.” ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ރޭޝަމްއަށް ލިބުނީ ކުއްލި ސިހުމެކެވެ.
“ޝިފާން! މެޔަށް އެދިޔައީ ފިނި އަރައިގެން. މިރޭ ނުނިދާ ކީއްތިކުރަނީ؟” ރޭޝަމް އަތްދަބަސް ސިޓިންގރޫމްގައި ހުރި ކަބަޑުމަތީގައި ބޭއްވުމަށްފަހު އައިސްއަލަމާރިން ފެންފުޅިއެއް ނެގިއެވެ.
“ރޭޝަމް އަންނަންދެން އިންތިޒާރުގަ ނުނިދިފަ.” ޝިފާންގެ މި ޖުމްލައިން ރޭޝަމްގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. ޝިފާންގެ އެދުމަށް ރޭޝަމް އައިސް ސޯފާގައި އިށީނދެލިއެވެ.
“އަހަރެންނަށް އެނގޭ އަހަރެން މިވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްކަން. ރޭޝަމްގެ ޖަވާބަކީ ހަމަ އެއްޖަވާބެއްކަން. އަދި އަހަރެންނާމެދު ރޭޝަމް ދެކޭގޮތް ބަދަލެއް ނުވާނެކަންވެސް. އެކަމަކުވެސް މިއަދު އަހަރެން މިވާހަކަ މިދައްކަނީ ހެޔޮއެދޭ ރައްޓެއްސެއްގެ ހައިސިއްޔަތުން.” ރޭޝަމް އިސްއޮބާލައިގެން ހަމަ އެއިންގޮތަށް އިނެވެ. އޭނާ އެއްޗެކޭ ބުނަން ބޭނުންވި ނަމަވެސް، ބުނެވޭ އެއްޗަކުން އިތުރަށް ޝިފާން ދެރަކޮށްލަން ބޭނުންނުވާތީ އެއްޗެކޭ ނުބުނީއެވެ.
“ރޭޝަމްއަށްވެސް އެނގޭނެ އަހަރެން ރޭޝަމްދެކެ ލޯބިވާވަރު. ރޭޝަމްއަށް އެދޭވަރު. އެކަމަކު ދުވަހަކުވެސް ރޭޝަމްގެ ގައިގަ އެފަދަ ގޮތަކަށް ބީހިލާފައެއްވެސް ނޯންނާނެ. އަދި އެފަދަ ގޮތަކަށް ވާހަކަ ދައްކާފައެއްވެސް ނޯންނާނެކަން އެނގޭނެ. މިއަދު އަހަރެން މިވާހަކަ މި ދައްކަނީ ރޭޝަމްއާ ދިމާއަށް މީހުން އިނގިލި ދިއްކުރަން ފެށުމުން.” ޝިފާން އެންމެފަހު ގޮތް ބޭނުންކުރިއެވެ. އެތައް ގޮތަކުންވެސް ރޭޝަމްގެ ހިތް އަތުނުލެވުމުން މިގޮތް އިޚްތިޔާރުކުރަން އޭނާއަށް މަޖުބޫރުވީއެވެ. ކޮންމެ ގޮތަކުންވެސް ޒައިކް އެބުނާ ހަޤީޤަތް ރޭޝަމްއަށް އެނގުމުގެ ކުރިން އޭނާ ރޭޝަމް މިލްކުކުރަން ޖެހޭނެއެވެ. ޝިފާން ދެއްކި ވާހަކައިން ރޭޝަމްއަށް ލިބުނު ހައިރާންކަމުގައި ޝިފާންއަށް ބަލަން އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ރޭޝަމްއަށް އެނގޭނެ މިގެއަށް ޚަރަދުކުރަނީ އަހަރެންކަން. ތި އާއިލާ ބަލަހައްޓަނީ އަހަރެންނަށް ލިބޭ ލާރިންކަން. ރޭޝަމްއަށް ލިބޭ މަދު ލާރިކޮޅުން މި އާއިލާއަށް ނޫޅެވޭނެކަން އެންމެންނަށްވެސް އެނގޭ. އެހެންވީމަ އެންމެންވެސް އެވާހަކަ ދައްކާނެ. އަހަރެން ބޭނުމެއްނޫން އެންމެން އެކިޔާ ހަޑިހުތުރު ބަސްތަކުން ރޭޝަމްގެ ފަސްބައި ހަޑިވާކަށް. އެހެންނޫނަސް ރޭޝަމް އަހަރެންނާ ކައިވެނިކުރިޔަސް އިތުރު ބަދަލެއް އަންނާނީއެއް ނޫން. ހަމަ މިހާރުވެސް ރޭޝަމް ތިއުޅޭ ގޮތަށް އުޅެވޭނެ. އެކަމަކު އޭރުން އެމީހުންގެ ދޫތައް ބަންދުވާނެ. އަހަރެން މިކައިވެނި ކުރަން ބޭނުންވަނީވެސް އެހެންވެ. މަޖުބޫރުން ރޭޝަމްއާ އެއްވެސް ގުޅުމެއް ބާއްވާކަށް އަހަރެން ބޭނުމެއްނޫން.” ޝިފާން އޭނާ ކައިވެނިކުރަން ބޭނުންވާ މަޤުސަދު ކިޔައިދިނެވެ. ނަމަވެސް ޝިފާން އެދެއްކި ވާހަކަ ރޭޝަމްއަކަށް ޤަބޫލެއް ނުކުރެވެއެވެ. އެފަދަ ވާހަކައެއް މީހަކު ދައްކާނަމަ އޭނާއަށްވެސް އަޑު އިވުނީސްކަން ޔަޤީނެވެ.
“އަހަރެން ވިސްނާލާފަ ޖަވާބެއް ދޭނަން.” ރޭޝަމް ހިމޭން އަޑަކުން ބުނެލިއެވެ. ޝިފާން އޭނާގެ އާއިލާއަށް ކުރަމުންދާ ޚަރަދު ހުއްޓާލައިފިނަމަ އޭނާގެ އާއިލާ މަގުމަތިވާނެކަން ރޭޝަމްއަށްވެސް އެނގެއެވެ.
“މާދަމާ އަހަރެން ބޭރަށް ފުރަން. އަހަރެން އެނބުރި މިކޮޅަށް އަންނައިރު ރޭޝަމްގެ ޖަވާބު ލިބޭނެކަމަށް އުއްމީދުކުރަން.” ޝިފާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ. ރޭޝަމްވެސް ރައްދުގައި ހިނިތުންވެލިއެވެ. ރޭޝަމް މަޑުމަޑުން ތެދުވެގެން ކޮޓަރިއަށް ދަމުން ދިޔައީ އޭނާ ބޭއްވި އަތްދަބަހާއި އޭނާ ބެހެއްޓި ފެންފުޅި ހިފައިގެންނެވެ. ރޭޝަމް ދާ މަންޒަރު ބަލަން އިން ޝިފާންގެ ތުންފަތުގައި ކާމިޔާބީގެ ހިނިތުންވުމެއް ދުވެލަ ދުވެލާ ހުއްޓެވެ.
އިރުގެ ރަން ދޯދިތަކުން ދުނިޔެ އަލިވެގެން ދިޔައިރުވެސް ރޭޝަމް އޮތީ ނިދިން މަޙުރޫމްވެފައެވެ. އޭނާގެ ލޮލާއި ނިދި ވަނީ ރުޅިވެފައެވެ. އޭނާގެ ހަމަޖެހުން ގެއްލި މުޅި މީހާ ފިކުރުގެ ކަނޑަކަށް ގެނބެމުން ދަނީއެވެ.
“ރޭޝަމް! އޮފީހަށް ނުދާ ދުވަހެއްތަ؟ މިހާރު އެއޮށް އަށެއް ޖަހާ ބޮޑުވީ. ޝިފާންވެސް ފުރަން ދިއުމުގެ ކުރިން ދަރިފުޅާ ބައްދަލުކުރަން ކަންނޭނގެ އެހާ ލަސްވަންދެން އެހުރީ.” ރޭޝަމްގެ މަންމަ ހައްވަ އަތްމަތި އަވަސްކޮށްލައިގެން އުޅުނީ ރިމްޝާ ރީތިކުރުމުގައެވެ.
ރޭޝަމް ކަންނެތް ގޮތަކަށް އެނދުން ތެދުވިއެވެ. ފާޚާނާއަށް ވަދެފައި ނުކުތްއިރު ދިމްނާ އެތައްފަހަރަކު ގުޅާފައި އޮތްތަން ފެނުނެވެ. ތައްޔާރުވެގެން ބޭރަށް ނުކުންނަމުން އެހާވަރަށް ގުޅީ ކީއްކުރަންތޯ ބަލަން ރޭޝަމް ދިމްނާއަށް ގުޅާލިއެވެ.
“ރޭޝަމް އޮފީހަށް ނައިސް ލަސްވީމަ ބަލީތޯ ބަލާލަންވެގެން.” ގުޅީ ކީއްކުރަންތޯ ރޭޝަމް އެހުމުން ދިމްނާ ބުނެލިއެވެ.
“މިއަދު ނުހޭލެވުނީ. މިހާރު މި ނުކުތީ ގެއިން.” ރޭޝަމް ދިމްނާއަށް ދޮގެއް ހަދާލީ ހަޤީޤަތް ފޮރުވަން އޭނާއަށް މަޖުބޫރުވެފައިވާތީއެވެ. ފޯނު ބޭއްވުމަށްފަހު ޓެކްސީއަކަށް އަރައިގެން އަވަސްއަވަހަށް އޮފީހަށް ދިއުމަށް މިސްރާބުޖެހިއެވެ.
ރޭޝަމްއަށް އޮފީހަށް ދެވުނުއިރު އެންމެން މަސައްކަތައިގެން ކުރިއަށް ދަނީއެވެ. އޭނާވެސް އޭނާއާ ހަވާލުކުރެވިފައިވާ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ނަމަވެސް އޭނާގެ ޚިޔާލާއި ވިސްނުން ގޮސް ހުއްޓިފައިވަނީ ރޭގައި ޝިފާން ދެއްކި ވާހަކަތަކަށެވެ. ކިތަންމެ ވިސްނިޔަސް އިތުރު ގޮތެއް ނެތްކަން އޭނާއަށް އެނގެއެވެ.
“ޒައިކްއާ ވާހަކަ ދެއްކިގެންތާ އިތުރު ގޮތެއްވެސް ވާނީ. އެ ހާދިސާގެ ހަޤީޤަތް އެނގިއްޖެއްޔާ މި ހުރިހާ ކަމެއް ހައްލުވާނެ. ޒައިކް އަހަރެންނާ އަނގައިން ނުބުންޏަސް އަހަރެން ދައްކާ ވާހަކަ އަޑުއަހާލަން އެންމެ ރަނގަޅެއްނު. މިއަދު އަހަރެން މިހުރި ހާލަށް އެހީވެދޭން ޒައިކް އަންނާނެނަމަ.” ވިސްނާ ވިސްނާ ބޮލުގައި ރިއްސަން ފެށުމުން މޭޒުގައި ބޯ އަޅާލައިގެން ރޭޝަމްއަށް އޮވެވުނެވެ. އޮފީސް ނިމިގެން އެންމެން ދިޔައިރުވެސް ރޭޝަމް ގެއަށްދާ ޚިޔާލެއް ނުކުރިއެވެ. ދިމްނާމެން ދާން ބުނުމުންވެސް ރޭޝަމް ނުގޮސް މަޑުކުރީ މިއަދުވެސް ޒައިކްއާ ވާހަކަދައްކަން އޭނާ ނިންމާފައިވާތީއެވެ.
“ޒައިކް!” ގެއަށް ދިއުމަށް ގޮނޑިން ތެދުވި ޒައިކްއަށް ދޮރުން އެތެރެއަށް ވަތް ރޭޝަމް ފެނި ހުއްޓުން އެރިކަން ޔަޤީނެވެ. އެމޫނުގައި އެއްވެސް ދިރުމެއް ނުވެއެވެ. މާޔޫސްކަމާއި ހިތާމައިގެ ތަސްވީރެކޭ އެއްގޮތެވެ. ރޭޝަމް ހުރި ހާލު ފެނި ޒައިކްގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ބޭއިޚްތިޔާރުގައި ކުރިއަށް ދެތިން ފިޔަވަޅެއް އެޅުނުނަމަވެސް އެވަގުތު އޭނާއަށް ކުރެވެން މިއުޅެނީ ކީއްކަން ވިސްނުމުން އެހުރި ހިސާބުގައި ހުއްޓުނެވެ.
“ކަމަކުތަ؟” ޒައިކް ލެފްޓޮޕް ދަބަސް ނަގައި ކޮނޑުގައި އަޅުވާލުމަށްފަހު ދާން ހިނގައިގަތެވެ.
“ޒައިކް ކީއްވެތަ އަހަރެންނަށް ތިހެން ތި ހަދަނީ؟”
“އަހަރެންނަށް ގޮތެއް ހެދިފަ އޮތްނަމަ ވަރަށް ބޮޑަށް ސޮރީ. ރޭޝަމް! އަހަރެންނަށް ރަނގަޅީ ދެން ރޭޝަމް އަހަރެންނަށް އުނދަގޫނުކޮށް އުޅުނިއްޔާ.” ރޭޝަމް ދޮރުމަތީ ހުއްޓި ހުރިގޮތަށް ގުޑިވެސްނުލާ ހުއްޓެވެ. ޒައިކް އޭނާއާ ވާހަކަ ނުދައްކަން އުޅޭ ސަބަބު ހޯދައިގެން ނޫނީ މިއަދު އޭނާއެއް ނުދާނެއެވެ. ޒައިކް ދާން ތަން ދައްކަން ބުނުމުންވެސް ރޭޝަމް އެހުރި ފިޔަވަޅުމަތިން ގުޑިވެސް ނުލިއެވެ. ރޭޝަމް މިއުޅެނީ ކީއްވެގެންބާއޭ ޒައިކްގެ ހިތަށް އެރިއެވެ. އޭނާ ވާހަކަދައްކަން އުޅުނުއިރު ހަޅޭއްލަވަމުން އޭނާއާ ދުރަށް ދުވި އަންހެންކުއްޖާ މިއަދު އައިސް އެހުރީ އޭނާގެ ކުރިމަތީގައެވެ.
“އަހަރެން ބޭނުންވަނީ ހަމަ އެންމެ ފަސްމިނެޓް. ޕްލީޒް!” ރޭޝަމް އައިސް ގޮނޑީގައި އިށީނެވެ. އޭނާގެ ހިތުގައި އަޅާ ވޭން ކިޔައިދޭނެ އިތުރު މީހަކު ނެތެވެ. އޭނާ އެއައީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް އެހިތުގެ ހާލު އަންގައިދޭށެވެ.
“ރޭޝަމް! އަހަރެން ކުރިންވެސް ބުނިން ދޯ އަހަރެންނާ ރޭޝަމް ދައްކަންޖެހޭ ވާހަކައެއް ނޯންނާނެޔޭ.” ޒައިކްގެ ހިތް ވޭނުން ވިރެމުން ދިޔައިރު ކެތްކުރަން ކިތަންމެހާވެސް އުނދަގޫވިއެވެ. ނަމަވެސް އޭނާއަށް ކެތްކުރެވުނު އެންމެ މައްޗަކަށް ކެތްކުރަމުން ދިޔައެވެ. ރޭޝަމްއަކީ ޝިފާންގެ ޙައްޤެއްކަން އެނގުނުފަހުން އޭނާ އެއްގޮތަކަށްވެސް ރޭޝަމްއާ ވާހަކަދައްކާކަށް ބޭނުމެއްނުވެއެވެ. ރޭޝަމްއަށް ލިބުނީ ހައިރާންކަމެކެވެ. ޒައިކް ހަމަ އެހާ ބަދަލުވީ ހެއްޔެވެ؟ އިރެއްގައި އޭނާގެ ހިޔަނިހެން އުޅުނު ޒައިކްއަށް މިއަދު އޭނާއާ ވާހަކަދައްކާލުންވެސް ބޮޑު ކަމަކަށްވީ ހެއްޔެވެ؟
“އޯކޭ. އަހަރެންގެ މޮޔަކަމުން މި އާދެވުނީ. އަހަރެން ހީކުރީ އެހާދިސާގެ ހަޤީޤަތް ޒައިކް އަހަރެންނަށް އަންގައިދޭން ބޭނުންވާނެކަމަށް. އެކަމަކު އާހް. އަހަރެންގެ ޔަޤީންކަން ދެވަނަ ފަހަރަށްވެސް ޒައިކް ގެއްލުވާލައިފި.” އެހެން ބުނެފައި ރޭޝަމް ދާން ހިނގައިގަތެވެ. ނަމަވެސް އެވަގުތު ޒައިކް ވާހަކަދައްކަން ފެށުމުން އޭނާއަށް ހުއްޓެވުނެވެ.
“އަހަރެންނަށްވެސް ތިހެން ބުނެވިދާނެ ދޯ؟ އެންމެ ފުރަތަމަ ދުވަހުވެސް އަހަރެން އުޅުނިން ހަޤީޤަތް އަންގައިދޭން. އެކަމަކު އެދުވަހުވެސް ރޭޝަމް އަހަރެންގެ އަޑެއް ނޭހި. ފަހުންވެސް އަހަރެން މަސައްކަތްކުރިން. އެކަމަކު ފަހުންވެސް… ދެން ޔަޤީންކަން ގެއްލުވާލީއޭ ބުނާއިރު، އަހަރެން ހިތަށް އަރާ ކޮންއިރަކުބާއޭ ރޭޝަމް އަހަރެންނަށް އިތުބާރުކުރީ؟ މިދެމެދުގައި ޔަޤީންކަމެއްވީނަމަ އެޔަޤީންކަން ގެއްލުވާލި މީހަކީވެސް ހަމަ ރޭޝަމް. ދެން އިތުރު ވާހަކައެއް ދައްކާނެ ޖާގައެއް މީގައެއް ނެތެއްނު.” ރޭޝަމް އެނބުރި ޒައިކްއަށް ބަލާލެވުނެވެ. އޭނާއަށް ޒައިކްދެކެ ރުޅި އާދެވުނީ، ޒައިކް އެހުރިހާ ކަމެއްގައި އޭނާ ކުށްވެރިކުރީމައެވެ.
“ޒައިކް ތިހެން ބުނީމަ ހީވަނީ މިހުރިހާ ކަމެއް ކުރީ އަހަރެންހެން.” ރޭޝަމް އެހެން ބުނެލުމުން ޒައިކް އައިސް ރޭޝަމް ގައިގައި ޖެހޭނުޖެހޭހާ ގާތަށް ހުއްޓިލިއެވެ. އެއަށްފަހު ރޭޝަމްގެ މޫނާއި މޫނު ގާތްކޮށްލަމުން އިންޒާރެއް ދޭފަދަ ގޮތަކަށް ބަލާލިއެވެ. އެދެލޮލަށް ބަލަން ރޭޝަމްއަށް ހުރެވުނުއިރު ބިރުހީވެ ކުޑަކޮށް ފަހަތަށް ޖެހިލެވުނެވެ. މަޑުމަޑުން ފަހަތަށް ދަމުން ގޮސް ރޭޝަމްއަށް ފާރުގައި ލައްވެވުނުއިރު ޒައިކް ހުރީ އޭނާއާ އެހާ ގާތުގައެވެ. ވާން މިއުޅެނީ ކިހިނެއްކަން ނޭނގުނަސް ހިތުގައި ގޮތް ނޭނގޭ މަޑުމަޑު ތެޅުމެއްވިއެވެ. އޭނާގެ އަތްފައި ފިނިވެ ހިތުގެ ހިނގުން އަވަސްވަމުން ދިޔައެވެ.
ޒައިކްގެ ނޭވާގެ ހޫނުކަން ރޭޝަމްއަށް އިހުސާސްވާހާ ގާތަށް ޒައިކް ޖެހިލިއެވެ. އެއަށްފަހު ދަތްތަކަށް ބާރުލަމުން ބުނެލި ދެތިން ލަފުޒުން ރޭޝަމްގެ ހިތް ރޫރޫއަޅައިގަތެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ. އެއާއެކު ދެލޮލުން ހޫނު ކަރުނަ އޮހިގަތެވެ.
“އާނ. މިހުރިހާ ކަމެއްވެސް މިވީ ރޭޝަމްއާ ހެދި. އަޑު އިވިއްޖެތަ؟ އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލީ ރޭޝަމް. އެދުވަހު ރޭޝަމްއެއް ނޫންތަ އަހަރެން ޖަލުގެ ތޭރިތަކުގެ ތެރެއަށްލީ؟” ޒައިކް ދަތްތަކަށް ބާރުލާފައި ހަޅޭއްލަވައިގަތްއިރު ހީވީ ބިރުވެރި ސިންގާއެއްހެންނެވެ. ދުވަހަކުވެސް ޒައިކް އެހާ ރުޅި އައިހެނެއް ހިއެއްނުވެއެވެ. މިއަދު އޭނާގެ ރުޅިވެރިކަންވެސް ރޭޝަމްއަށް ފެނުނީއެވެ.
“އައިމް ސޮރީ. އައިމް ރިއަލީ ވެރީ ސޮރީ. އަހަރެންނަށް ނުވިސްނުނީ. އަހަރެން އެކަންކުރީ އެއްގޮތަކަށްވެސް ޒައިކްއަށް ދެރައެއް ދޭކަށް ނޫން. އަހަރެންގެ ކޮއްކޮއަށް އިންސާފު ހޯދައިދޭން.” ރޭޝަމް ރޮމުން އެރޭގެ ހާދިސާ ކިޔައިދޭން މަސައްކަތްކުރިއެވެ. އޭރު ޒައިކް ހުރީ ރޭޝަމްއަށް ފުރަގަސްދީގެން ބޮލުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ. ރޭޝަމްގެ އަޑަށް ޒައިކް އެނބުރިލިއިރު އެދެލޮލުގައި ތާޒާ ކަރުނަ ވިދަވިދާ ހުއްޓެވެ.
ރޭޝަމް ރޯމަންޒަރު ފެނުމުން ޒައިކްގެ ހިތަށް އިތުރު ވޭނެއް ލިބިގެންދިޔައެވެ. އޭނާގެ ހިތް ޝަކުވާއިން ފުރެމުންދާއިރު ކެތްކުރަން އޭނާއަށްވެސް ދަތިވަމުން ދަނީއެވެ. ޒައިކް އެރޭގެ ހާދިސާއާއި ބެހޭގޮތުން ސުވާލުކުރަން ބޭނުމެވެ. ރޭޝަމް އެގޮތަށް ކަންތައްކުރީ ކީއްވެތޯ އަހަން ބޭނުމެވެ. ރޭޝަމް އޭނާދެކެ ލޯބިނުވަނީތޯ އަހަން ބޭނުމެވެ. އެންމެ ނަފުރަތުކުރާ ޝިފާންއާ ކައިވެނިކުރީ އޭނާއަށް ކޮން ކުށެއް ކުރެވިގެންތޯ އަހަން ބޭނުމެވެ. ނަމަވެސް މިއިން އެއްވެސް ސުވާލެއް ކުރާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. މިއޮއްހާ ދުވަހުވެސް އޭނާ މަސައްކަތްކުރަމުން އައީ ރޭޝަމްއަށް ހަޤީޤަތް އަންގައިދެވޭތޯއެވެ. މިއަދުވެސް އޭނާ ބޭނުންވަނީ ފޮރުވިފައިވާ އެހަޤީޤަތް އެނގޭށެވެ.
ރޭޝަމް ގިސްލެވިފައިވާ އަޑަކުން އެރޭގެ ހާދިސާތައް ކިޔައިދޭން ފެށިއެވެ. ޒައިކްގެ ސަމާލުކަން އެވާހަކައަށް ހުއްޓުނެވެ. ކުރިމަތީ އިން ރޭޝަމްގެ ގާތަށް ޖެހިލިއެވެ.
“ޒައިކް! އެރޭ އަހަރެން ޒައިކްއާ ވާހަކަދައްކާފައި ފޯނު ބޭއްވިތަނާހެން ކޮއްކޮ އައިސް އެދުނީ ގެއަށް ދާން. އަހަރެން ޒައިކްއަށް ގުޅީ ކޮއްކޮ ގެއަށް ލައިދޭން އަންނަން ބުނަން. އެވަރަށް ގުޅުމުންވެސް ޒައިކް ފޯނެއް ނުނެގި. އަހަރެން އެކަމާ އައި ރުޅިން ދެން ދުވަހަކުވެސް ނުގުޅަން ނިންމާފަ ނިދީ. އެއްގޮތަކަށްވެސް ހިއެއްނުކުރަން ކޮއްކޮއަށް އެފަދަ ކަމެއް ދިމާވާނެއެކޭ. ޒައިކްއަށް އެނގޭތަ؟ އެރޭ ފަތިސްވުމުން އެނގުނީ ކޮއްކޮ މާމަ ގޭގަ ނެތްކަން. އަހަރެން ދުވެފަ ގެއަށް ދިޔައިން. ގެއަށް ދިއުމުން އެނގުނީ ކޮއްކޮ ގެއަކުވެސް ނޫޅޭކަން.” ރޭޝަމް ރޮމުން ރޮމުން ފާރު ކައިރީގައި ބިތްޖެހިފައި އިނދެ ކިޔައިދެމުން ދިޔައެވެ. ރޭޝަމް ހިތްވަރުކޮށްފައި އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. ޒައިކް އެހުރިގޮތަށް ހުރެ ރޭޝަމްގެ ވާހަކަ އަޑުއަހަމުން ދިޔައެވެ.
“އެންމެންވެގެން ވަރަށް ހޯދި. އެކަމަކު އެއްތާކުންވެސް ނުފެނުނު. މެންދުރު ވަނިކޮށް ފެނުނީ ފަޅު ގެއެއްގަ އޮއްވާ. ކޮއްކޮ އޮތް ހާލު ފެނިފަ އަހަރެން މޮޔަނުވީ ކިރިޔާ. ޒައިކްއަކަށް ނޭނގޭނެ އެވަގުތު މިހިތަށް ކުރި އަސަރެއް. އަހަރެންނަށް އެތަނުން ޒައިކްގެ ވޮލެޓާ ފޯނުގެ އިތުރުން ޒައިކްގެ ގަޑި ފެނުނީ. އަހަރެން އުޅުނިން އެ ހިފައިގެން ޒައިކްގެ ގާތަށް ދާން. އެކަމަކު ފޯނު ހުޅުވާލެވުނު ވަގުތު އޭގަ ހުރި މެސެޖްތައް ފެނިފަ އަހަރެންނަކަށް ޤަބޫލެއް ނުކުރެވުނު.” ރޭޝަމްގެ ވާހަކަ މިހިސާބަށް ދިއުމުން ޒައިކް ހައިރާންވިއެވެ. ރޭޝަމް އެބުނީ ކޮން އެއްޗެއް ފެނުނު ވާހަކައެއްބާއޭ ހިތަށް އެރިއެވެ. ރޭޝަމް ވާހަކަ މެދުކަނޑާލާފައި ޒައިކްއަށް ބަލާލިއެވެ. އޭރު ކަރުނައިން ރޭޝަމްގެ މުޅި މޫނު ތެންމާލާފައިވެއެވެ.
“ޒައިކްއަށް އެނގޭތަ އޭގެން އަހަރެންނަށް ފެނުނީ ކޮން އެއްޗެއްކަން؟ ޒައިކް ފޮނުވާފަ ހުރި މެސެޖްތައް. ކޮއްކޮ ބަލާ އަންނަން ބުނީމަ ބޭރަށް ނުކުންނަން ބުނެފަ އިން. އިރުކޮޅަކުން މިދަނީއޭ… ބޭރަށް ނުކުންނާށޭ… ކޮބާހޭ… މިހުރީ ދޮރުމަތީގައޭ… ދެން ޒޒައިކް ބުނެބަލަ އެ މެސެޖްތަކުން އަހަރެންނަށް ވިސްނޭނީ ކޮން ގޮތަކަށްކަން. އެ މެސެޖް ކޮއްކޮ އޮތް ހާލާ އަޅާކިޔާލުމުން އަހަރެންނަށް ކެތްނުވެގެން ހޭވެސް ނެތުނު. އެވަރުވި މިހިތަށް.” ރޭޝަމް ގިސްލަމުން އަޑުން އަޑުނަގާ ރޮއިގަތެވެ. އެތައްއިރަކު މިގޮތުގައި ރޮމުން ދިޔައެވެ.
ޒައިކްގެ ލޮލުންވެސް ކަރުނަ އޮހިގަތެވެ. އެ ވޭނީ ގިސްލުން އަޑިއިވި އެހިތް ފިތެމުން ދަނީއެވެ. ހިތް އެދުނީ ރޭޝަމް ގެނެސް އަތުގެ ތެރެއަށްލާ ބޮނޑިކޮށްލާށެވެ. ދެން ނުރޯށޭ ބުނެ އެދެލޯ ފޮހެލަދޭށެވެ. ނަމަވެސް އޭނާގެ ދެފައި ވަނީ ކަސްތޮޅު އެޅި ބަންދުވެފައެވެ. ރޭޝަމްއަކީ ޝިފާންގެ އަނތްބެއްކަން އޭނާ ހަނދާން ނައްތާލައިގެން ނުވާނެކަން އޭނާއަށް ވިސްނެއެވެ.
އިރުގަނޑަކު ރުއިމަށްފަހު ދެއަތުން މޫނު ފޮހެލަމުން އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ. މިހާރު އޭނާގެ އަޑު ވަނީ ކުރެހި ހިނދޭގޮތްވެފައެވެ. އެކަމަކުވެސް ހުއްޓާލާކަށް ރޭޝަމް ބޭނުމެއްނުވިއެވެ.
“އަހަރެން ހޭއެރުމުން ޕޮލިހުން ފުރަތަމަވެސް އެހީ އެއީ ކާކުގެ އެއްޗިއްސެއްތޯ. އަހަރެންނަކަށް ނުބުނެވުނު އެއީ ޒައިކްގެ އެއްޗިއްސެކޭ. އެކަމަކު މަންމަ އެތައް ފަހަރަކު އެހުމުން އަހަރެންނަށް މަޖުބޫރުވީ ބުނަން. ކޮއްކޮއަށްޓަކާ. ކޮއްކޮއަށް އިންސާފު ހޯދަދޭން ބޭނުންވީ. ޒައިކް އެކަން ކުރިކަން އެދުވަހުވެސް މިހިތް ޤަބޫލެއް ނުކުރޭ. މިއަދުވެސް މިހިތެއް ޤަބޫލެއް ނުކުރޭ. އެކަމަކު އެ މެސެޖްތައް އަހަރެން ދޮގުކުރާނީ ކިހިނެއް؟ ޒައިކް ބުނެބަލަ. މީގަ އަހަރެންގެ އޮތީ ކޮން ކުށެއް؟” ރޭޝަމް ބާރުބާރަށް ރޮމުން ދެފައި މެޔާއި ގާތްކޮށްލަމުން މޫނު ފޮރުވާލިއެވެ. އެއަށްފަހު މޫނު ނަގާކަށް ނޫޅުނެވެ. މޫނު ޖަހައިގެން އިނދެ ރޭޝަމް ވާހަކަދައްކަން ފެށުމުން ޒައިކްއަށް އޭނާގެ އަޑު އިވެނީ ކިރިޔަ ކިރިޔާއެވެ.
“އަހަރެންނަށްވެސް ހާދަ އަސަރެއް ކުރިޔޭ. ކޮއްކޮ ރެޔާއި ދުވާލު އުޅުނު ހާލު އަހަރެން ދުށިން. ނިދާ އިންޖެކްޝަންގެ އެހީގަ އެތައް ދުވަހަކު ގެންގުޅުނުފަހުން އެނގުނީ ކޮއްކޮ ބަނޑުބޮޑުކަން.” ރޭޝަމް އިސްއުފުލާލީ ޒައިކް އައިސް އޭނާގެ މޫނުގައި ހިފާ އުފުލާލުމުންނެވެ. ޝިފާންގެ އަނތްބަކަށް ވީތީ ގާތްނުވާން އިން ޒައިކް މިހާރު އެއިނީ ރޭޝަމްގެ ގާތުގައެވެ. އޭނާއަށް ކެތްނުވީއިރު ކެތްތެރިކަން ކޮޅުންލީއެވެ. ޒައިކް ބޯ ހޫރާލުމުން ރޭޝަމް ބުނީ މިއަދު އޭނާ ނުހުއްޓުވުމަށެވެ. އެހިތުގައިވާ ހުރިހާ އެއްޗެއް ބޭރުކޮށްލަން ބޭނުންވަނީއެވެ.
“ޒައިކް ބުނެބަލަ އެހާލަތުގަ އަހަރެންނަށް ވާނެގޮތް. ޒައިކް ޖަލުގަ. އަހަރެންގެ ހިތުގަ އަޅާ ވޭން ހިއްސާކޮށްލާނެ އެކަކުވެސް ނެތް. އެޚަބަރާއެކު ބައްޕައަށް ހާޓް އެޓޭކެއް ޖެހި މިދުނިޔެ ދޫކުރީ. ކޮއްކޮގެ ހާލާއިމެދު އަބަދާއި އަބަދު ކަރުނަ އޮއްސައޮއްސާ އިން މަންމައަށް މިކަމުން ފުން އަސަރުތަކެއް ކުރި. މަންމަ ދުނިޔެއިން މޮޔަނުވިކަން އެއީ އަހަރެންގެ ނަސީބު ކަންނޭނގެ. އެހެންނޫނީ އަހަރެން މިހާލުގަވެސް ނުހުރީސް. އަހަރެންވެސް މަރުވީސް.” ރޭޝަމް އެހެން ބުނުމުން ޒައިކްއަށް ރޭޝަމްގެ ތުންފަތުގައި އިނގިލި ޖައްސާލެވުނެވެ. އަދި ތިހެން ނުބުނާށޭ ބުންޏެވެ.
ޒައިކްގެ އިނގިލި ދުރަށް ޖައްސާލަމުން ރޭޝަމް އިރުކޮޅަކު އެއަތުގައި ހިފަހައްޓައިގެން އިނދެ ރޮއި ހެދިއެވެ. ޒައިކް އެދެލޯ އިރުއިރުކޮޅާ ފޮހެލަދެއެވެ. އަދި ނުރުއިމަށް އެދެމުން ދިޔައެވެ. ޒައިކް އަމިއްލައަށް އޭނާގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލިއެވެ.
“މިހުރިހާ ކަމަކުން އަހަރެންގެ ހިތްވަރު އެލޭގޮތްވި. ކޮއްކޮއަށް ކިރިޔާ ހޭވެރިކަމެއްވިޔަސް ރޮމުން ހޭރެމުން ދުވަނީ މަރުވާން. ގޮވަނީ ދޫކޮށްލާށޭ. ޒައިކް އަހަރެން ދޫކޮށްލާ. ޒައިކް! ޒައިކްގެ ނަން ކޮއްކޮ ކިޔަނީ ކީއްވެކަމެއް އަހަރެންނަކަށް ނޭނގެ. އަހަރެންވެސް ހަޤީޤަތް އެނގެން ބޭނުންވި. ޒައިކްއާ ސުވާލުކުރަންވެސް ބޭނުންވި. އެކަމަކު ހާލަތު ތަނެއް ނުދިން. ކޮއްކޮ ގޮވައިގެން މާލެ އަންނަން ޖެހުނީ ރަށުގައި ކޮއްކޮ ވިއްސެން ނެތް ވާހަކަ ބުނުމުން. މާލެ އައުމުން ކޮއްކޮގެ އެންމެ ގާތް ރަޙުމަތްތެރިޔާ އޭނަގެ ގޭގަ ތިބެވޭނެގޮތް ހަމަޖައްސައިދިން. ޒައިކް ޖަލުން ސަލާމަތްވެގެން ރާއްޖޭން ބޭރަށް ފުރިއިރު ކޮއްކޮ ވަނީ ކުޑަކުޑަ ފުރާނައެއް މިދުނިޔެއަށް ދޫކޮށް އަހަރެމެން އެންމެން ދޫކޮށް ގޮސްފަ. މިބޮޑު ދުނިޔެއިން އެހީވާނެ މީހަކު ނެތި މިބޮޑު މާލޭގަ އުޅޭނެ ގޮތެއްނެތް. އެވަގުތު އެހީގެ އަތެއް ދިއްކޮށްލީ ޝިފާން.”
“ޝިފާން!” ޝިފާންގެ ނަން އަޑުއިވުމުން ޒައިކްގެ ހިތަށް ތަދުވިއެވެ. ރޭޝަމް މިހާރު ކިޔައިދޭން އެއުޅެނީ އޭނާއާއި ޝިފާންގެ ކައިވެނި ކުރެވުނު ވާހަކަކަން ޔަޤީނޭ ޒައިކްގެ ހިތަށް އެރިއެވެ. ރޭޝަމް ބޯޖަހާލަމުން ޒައިކްގެ އަތަށް ފިތާލިއެވެ.
“އާނ. ޝިފާން. އެއްއިރެއްގަ އަހަރެން އެންމެ ނަފުރަތުކުރި އިންސާނާ. އެކަމަކު އެވަގުތު އިތުރު އެހެން ގޮތެއްނެތް. ޝިފާންގެ އަތުގަ ހިފީ މަންމައާއި ކޮއްކޮގެ އެންމެފަހުގެ ހަނދާނަށްޓަކާ. ޒައިކް! މިއަދުވެސް އަހަރެން މިއުޅެނީ ޝިފާންގެ އެހީގަ. އޭނަ އަހަރެންނަށް ވަރަށް އެހީވި. ބަދަލުގަ އެއްވެސް އެއްޗެއް ނޭދޭ. އެކަމަކު…”
“އެކަމަކުއޭ!؟” ޒައިކްއަށް އަހާލެވުނެވެ.
“އެކަމަކު މިހާރު ޝިފާން އެދެނީ އަހަރެންގެ ކައިވެންޏަށް. ޒައިކްއަށްވެސް އެނގެއެއްނު ޝިފާން ކުރިންވެސް ވަނީ އަހަރެންނަށް ލޯބި ހުށަހަޅާފަކަން. މިއަދުވެސް އޭނަ އަހަރެންދެކެ ވަރަށް ލޯބިވާކަމަށް ބުނި.” ޒައިކްއަށް ކުއްލިއަކަށް ދެލޯ ބޮޑުކޮށްލެވުނެވެ. މީގެކުރިން އޭނާއަށް އެނގިފައި އޮތީ ހަޤީޤަތެއް ނޫންކަން އެނގުމުން އުފާވެސްވިއެވެ. ނަމަވެސް ރޭޝަމްގެ ދުލުން ބުނާ އަޑުއަހާލާ ހިތްވިއެވެ. މަޑުމަޑުން ރޭޝަމްގެ މޫނުގައި ހިފަހައްޓާލަމުން ލޯބިން ފުރިގެންވާ ބެލުމަކުން އެމޫނަށް ބަލަމުން ގެންދިޔައެވެ.
“ތީގެ މާނައަކީ ރޭޝަމްއާ ޝިފާންގެ ކައިވެނި އަދި ނުކުރެވެއޭތަ؟” ރޭޝަމް ބޯޖަހާލުމުން ޒައިކް އެއީ ކީއްވެހޭ އަހާލިއެވެ.
“އަހަރެން ޝިފާންއާ މެރީކުރުމުން ޒައިކް ދެރަވެދާނެތީ. ޒައިކްއަށްޓަކާ.” ރޭޝަމް ޒައިކްގެ ދެލޮލަށް ބަލަން އިނދެ މަޑުމަޑުން ބުނެލިއެވެ. ޒައިކް ޤަބޫލުނުކުރެވިފައި އަދި އެއްފަހަރު ބުނެލުމަށް އެދުނެވެ.
“އާނ ޒައިކް. ޒައިކްއަށްޓަކާ. އަހަރެންނަށް އެހެން މީހަކާ ނީނދެވޭނެ.” ޒައިކްއަށް އުފަލުން ހީލެވުނެވެ. ރޭޝަމްގެ ދެއަތްތިލައިގައާއި މޫނުގައި ބޮސްދެމުން ދިޔައީ އޭނާގެ ލޯބި އޭނާއަށް ލިބުނީތީ އުފަލުންނެވެ. މިވަގުތު އުފަލުން ގޮސް ޒައިކްއަށް ހެދޭނުހެދޭއެއް ނޭނގުނެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ރޮއިރޮއި އިން ރޭޝަމްގެ މޫނުމަތިންވެސް މިހާރު ފެންނަންހުރީ ލަދުވެތިކަމެވެ. މިއަދު އޭނާގެ ހިތުގައި އޮތް ވަރަށް ބޮޑު ބުރައެއް ލުއިވެގެން ދިޔައީތީ އުފާވެސްވިއެވެ. އަދި ޚާއްސަކޮށް ޒައިކްއަށް އެހުރިހާ ވާހަކައެއް ކިޔައިދެވުނީތީ މާބޮޑަށް އުފާވިއެވެ.
ތަނުގެ ހިމޭންކަން ދެހިތާއި ކުޅެލީ ހީވެސް ނުކުރާހާ ހަލުވިކަމާއެކުގައެވެ. ޒައިކްއަށް މި ކުރެވެނީ ކީއްކަން ނޭނގުނީ ރޭޝަމްގެ މަސްތުގައި ޖެހެވިގެން ދިޔަލެއް ބޮޑުކަމުންނެވެ. ޒައިކް ދެއަތުން ހިފަހައްޓާލާފައިވާ ރޭޝަމްގެ ކުޑަކުޑަ މޫނުގައި ބީހިލެވުނީ އެއްވެސް އިޚްތިޔާރަކާނުލައެވެ. ރޭޝަމްދެކެ އިންތިހާއަށް ލޯބިވާއިރު ޒައިކްއަށް އޭނާގެ ހިތުގައިވާ ޖަޒުބާތުތަކަށް ކެތްނުކުރެވުނީއެވެ. މަސްތުކަން ދެޖިސްމަށް ވެރިވެގަތެވެ. އެއިން ސަލާމަތް ނުވެވޭވަރަށެވެ.
“ޒައިކް! ނޫން.” ރޭޝަމް ޒައިކް ހުއްޓުވިއެވެ.
“ސޮރީ!” ޒައިކް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވަމުން ދުރަށް ޖެހިލިއެވެ. އެއަޑުގައި އަދިވެސް ވަނީ މަސްތުކަމެވެ. އެކަމުން ރޭޝަމްއަށްވެސް ލަދުވެތިކަމެއް އިހުސާސްވިއެވެ. މީގެކުރިން ޒައިކްގެ ފަރާތުން އެފަދަ ލޯތްބެއް ލިބިފައެއް ނުވެއެވެ.
“ޒައިކް! އަހަރެން ބޭނުން ޒައިކްގެ ބޮލުގަ އެޅިފަ ތިވާ ބަދުނާމުން ޒައިކް ސަލާމަތްކޮށްދޭން. އެކަމަކު ކިހިނެއްކަމެއް ނޭނގެ.” ޒައިކް ހީލަމުން ރޭޝަމްގެ އަތަށް ފިތާލަމުން ދެލޯ މަރާލީ ދެން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށޭ ބުނާފަދައަކުންނެވެ.
ކުއްލިއަކަށް ރޭޝަމްގެ ފޯނު ރިންގުވާ އަޑު އިވުނެވެ. ޒައިކް ރޭޝަމްއަށް އަތް ދިއްކޮށްލިއެވެ. ލުއި ހިނިތުންވުމަކާއެކު ޒައިކް ދިއްކޮށްލި އަތުގައި ހިފަމުން މޭޒާއި ދިމާއަށް ހިނގައިގަތެވެ. އޭރުވެސް ދެމީހުންގެ ދެލޯ ވަނީ ގުޅި ލާމެހިފައެވެ. ޒައިކް އަތުގެ އިޝާރާތުން ކުރިއަށް ދިއުމަށް އެދުމުން ރޭޝަމް ހިނގައިގަތެވެ.
“ހެލޯ މަންމާ. ކިހިނެއްވީ؟ ހާދަ ހާސްވެފަ.” ރޭޝަމްއަށް ފޯނު ނެގުނީ ހައްވަ އެތައްފަހަރަކު ގުޅިފަހުންނެވެ.
“މަންމަ ދޭ ހޮސްޕިޓަލަށް. އަހަރެން މިދަނީ ހޮސްޕިޓަލަށް.”
“މަންމި ދޫނީ. މަންމި މި ދަނީއޭ. ދެން ނުރޮއި.” ރޭޝަމް ހައްވައާ ވާހަކަދެއްކުމަށްފަހު ރިމްޝާއާވެސް ވާހަކަދެއްކިއެވެ. އެކުއްޖާފުޅު ހުމާއި ފިހޭ ވާހަކަ ބުނުމުން ރޭޝަމް ހާސްވިވަރުން އޭނާގެ ނިތްމަތިން ދާތިކިތައް ފާޅުވިއެވެ. ރޭޝަމް ފޯނު ބޭއްވުމުން ޒައިކް ވީ ކީއްތޯ އަހާލިއެވެ.
“ރީމް މާބޮޑަށް ހުން ގަދަވީ. މަންމަ އެދަނީ ރީމް ގޮވައިގެން ހޮސްޕިޓަލަށް.” ރޭޝަމް އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ވީގޮތް އޮޅުންފިލުވައިދިނެވެ.
“އަހަރެންނާއެކު ދާންވީނު.” ޒައިކް ބުނެލިއެވެ.
“ނޫން. ޒައިކްއަށް އެނގެއެއްނު މަންމައަށް ފެނިއްޖެއްޔާ ވާނެގޮތް.” ރޭޝަމް ހިނގައިގަންނަމުން ބުނެލިއެވެ.
“އަހަރެން އެތެރެއަކަށް ނުވަންނާނަމޭ. އެހެންނޫނަސް ޓެކްސީއެއް ހޯދަންވެސް ވަގުތު ނަގާނެއެއްނު.” ޒައިކް ކިޔަންފެށިގޮތަށް ހުއްޓައެއް ނުލިއެވެ. ދޮރުން ބޭރަށް ނުކުމެވުނުއިރުވެސް ޒައިކް އެދެމުންދިޔައީ އޭނައާއެކު ދިއުމަށެވެ. އެންމެފަހުން ޒައިކްގެ އެދުން ޤަބޫލުކޮށް ރޭޝަމް ކާރަށް އަރާ ކުރީ ސީޓުގައި ހަމަޖެހިލިއެވެ. ކާރު އައިޖީއެމްއެޗްގެ ދޮރުމައްޗަށް މަޑުކޮށްލުމާއެކު ރޭޝަމް ފޭބިއެވެ.
“ރޭޝަމް! އަހަރެން ވަރަށް ދެކިލަން ބޭނުންވޭ ރައިޝާގެ ދަރިފުޅު.” ޒައިކް ބުނެލިއެވެ.
“ފަހުން ދޯ.” އެހެން ބުނެފައި ރޭޝަމް ދުވެލާފައި ގޮސް ޒައިކްގެ ލޯމަތިން ގެއްލުނެވެ. ޒައިކް ކާރު ދުއްވާލީ ގެއަށް ދިއުމަށްޓަކައެވެ. މިއަދު އޭނާގެ ހިތަށް ވަނީ ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ލޯބީގެ އިހުސާސުން ފޮނިމީރުކަން ލިއްބައިދިނެވެ. ކާރުގައި އިންއިރުވެސް މީގެ ކުޑައިރުކޮޅެއް ކުރިން ހިނގާދިޔަ ހާދިސާ ހަނދާންވެ ލުއި ހިނިތުންވުމެއް ތުންފަތްމަތީގައި ދުވެލަ ދުވެލާ ހުއްޓެވެ.
ޒައިކް ގެއަށް ވަތްއިރު ބުނެދޭން ނޭނގެފަދަ އުފާވެރިކަމެއް އެމޫނުމަތިން ފެންނަން ހުއްޓެވެ. އެތެރެއަށް ވަދެގެން ދިޔައިރު ޒައިކްއަށް ގޭ ސިޓިންގރޫމްގައި އިތުރު ބަޔަކު ތިބިކަންވެސް ނޭނގެއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ވިސްނުމުގައިވަނީ ރޭޝަމްގެ ޚިޔާލުތަކެވެ. ރޭޝަމްއާއެކު އޭނާ ދެކެމުންދާ އުފާވެރި ހުވަފެންތަކެވެ.
“އޭތް ޒައިކް. ކޮން ދުނިޔެއެއްގަ. އަހަރެމެން ތިބިކަންވެސް ނޭނގޭ ދޯ؟” ޒައިކް ސިހުނީ ޒީނަތުގެ އަޑަށެވެ. ދެއުކުޅުގައި އަތް ވިދެލައިގެން ޒީނަތު ހުރީ ރުޅިއައިސްފައިކަން ދައްކާލައިގެންނެވެ.
“ޒީން! ކޮންއިރަކު އައީ؟”
“ކޮންއިރަކުހޭ އައީ؟ ޒައިކް ތީވާ ރަނގަޅު މީހެއް. ރެއިން ފެށިގެން ގުޅާގުޅާ ޚަބަރެއްނުވި. ހެނދުނު މިކޮޅަށް އައިސްފަ ގުޅީމަވެސް ފޯނެއް ނުނަގާ. އެންމެފަހުން އަންނަން މިޖެހުނީ ދުނިޔޭގަ ހުރިތޯ ބަލަން.” ޒީނަތު ޝަކުވާކުރަން ފެށިގޮތަށް ހުއްޓައެއް ނުލިއެވެ. ޒައިކް ހުރީ އޭނާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިކޮށްގެންނެވެ. ޒީނަތުގެ ޝަކުވާތަކުން މިއަދު އޭނާއަކަށް އެއްވެސް އުނދަގުލެއް ނުވެއެވެ.
“އަހަރެންނަށް މި ފެންނަނީ ހުވަފެނެއްތަ؟ ތީ ހަމަ ޒައިކްތަ؟ އޯހ މައި ގޯޑް! ޒައިކްއަށް ހޭންވެސް އެނގޭ ދޯ؟ އައިމް ސަޕްރައިޒްޑް.” ޒީނަތު އުފަލުން އަނގަމަތީ އަތްއެޅިއެވެ. މީގެކުރިން ދުވަހަކުވެސް ޒައިކް ހިނިތުންވެލިތަން ފެނިފައިނުވާ ޒީނަތަށް މިކަމުން ލިބުނީ ބަޔާންކުރަންދަތި އުފަލެކެވެ.
ޒައިކްއަށް ލިބިފައިވާ އުފާވެރިކަން ފެނި ޒީނަތުގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ޒީނަތު އެދުނީ އޭނާ ގޮވައިގެން ދުއްވާލަން ދިއުމަށެވެ.
“މިހާރަކު ނޫން ދޯ. ވަރަށް ވަރުބަލި. ބޭނުންވަނީ ކުޑަކޮށް ޖައްސާލަން.” ޒައިކް މިވަގުތު ބޭނުންވީ އެކަނިވެލާށެވެ. އެ ފޮނިފޮނި އިހުސާސްތަކުން ހިތް އުފާކޮށްލާށެވެ.
“އަޅެ ޕްލީޒް! ޕްލީޒް! އެހާ ގިނައިރެއް ނުވާނަމޭ.” ޒީނަތު ކުރުނުކޮށް ކިޔަން ފެށުމުން ޒައިކްގެ މަންމައާއި ބައްޕަވެސް އެދުނީ ޒީނަތު ގޮވައިގެން ދުއްވާލަން ދިއުމަށެވެ.
“ޒައިކް! ކާރުގައެއް ނޫން ދާނީ. ސައިކުގަ ދާނީ. އޭރުން މަޖާވާނީ.” ޒައިކްއަށް ބޯހޫރާލިއެވެ.
“ޒީން!” ޒައިކް އެހެން ބުނެލުމުން ޒީނަތު ހީލާފައި “ޕްލީޒް”އޭ ބުނެލިއެވެ. ޒީނަތު ގޮވައިގެން ދުއްވާލަންދިޔަ ޒައިކްއަށް އެންމެފަހުން ރޭގަނޑުގެ ކެއުންވެސް ކާން ޖެހުނީ ޒީނަތުއާއެކު ރެސްޓޯރެންޓަކުންނެވެ. ކިތަންމެ ބޭނުންވިޔަސް ޒައިކްއަކަށް ދެކޮޅު ހެދޭކަށް ނެތެވެ.
“މިހާރު ހިތްހަމަޖެހިއްޖެ ދޯ؟” ޒައިކް ސައިކަލު މަޑުކޮށްލީ ޒީނަތުގެ ގޭ ދޮރުމައްޗަށެވެ. އޭރު ޒީނަތު ހުރީ އުފަލުން ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލައިގެންނެވެ.
“އާނ. މިއަދު ވަރަށް އުފާވެއްޖެ. ބޭނުންވަނީ މިގޮތަށް ކޮންމެ ރެއެއްވެސް ހޭދަކޮށްލަން.” މާނަވީ ގޮތަކަށް ޒައިކްގެ ލޮލަށް ބަލަންހުރެ ޒީނަތު ބުނެލިއެވެ. އެއަށްފަހު “ބާއި”އޭ ބުނެލާފައި ގެއަށް ވަންނަން ދިޔައެވެ. ގެއަށް ވަންނަމުން ޒީނަތު ފަސްއެނބުރި ބަލާލިއިރު ޒައިކް ސައިކަލު ދުއްވާލައިފިއެވެ.
“އަސްލުވެސް މިރޭ އަހަރެން ވަރަށް އުފާވެއްޖެ. ޒައިކްއަކަށް ނޭނގޭނެ މިރޭ ޒައިކް މިހިތަށް ތި ހޯދައިދިނީ ކިހާ ފޮނިފޮނި އިހުސާސެއްކަމެއް. ހިތް އެދެނީ އަބަދުގެ އަބަދަށް ޒައިކްގެ ސައިކަލު ފަހަތުގަ އިންނަން.” ޒީނަތު އުފާވެރި ހިނިތުންވުމެއްގައި ހުރެ ގޭތެރެއަށް ވަދެގެން ދިޔައިރު އޭނާގެ ވިސްނުންތަކާ ގުޅިފައިވަނީ ޒައިކްއެވެ.
**********
ޒައިކް ގެއަށް އައިއިރު އެންމެން ނިދަން ވަދެއްޖެއެވެ. ގަޑި ބަލާލިއިރު އެކެއް ޖަހަނީއެވެ. ޒައިކް އައިސް އެނދަށް ވެއްޓިގަތްއިރު ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ނިދީގެ ތެރެއަށް ގެނބިގެން ދިޔައިރު ހުވަފެނީ އާލަމުންވެސް ބައްދަލުވީ ރޭޝަމްއާއެވެ. ރޭޝަމްއާއެކު ވާ އުފާވެރި ހުވަފެންތަކަކީ ޒައިކް އަބަދުވެސް ދެކެމުން އަންނަ ރީތި ހުވަފެންތަކެކެވެ.
ޒައިކްއަށް ހޭލެވުނީ ގަޑިން އަށެއް ޖަހަން ވިއްސަކަށް މިނެޓަށްވެފައި ވަނިކޮށެވެ. ހޭލެވުމާއެކު އަވަސްއަވަހަށް ތައްޔާރުވަމުން ދިޔައީ އޮފީހަށް ދާށެވެ.
“ޒީން! މިގަޑީ!؟ ހާދަ ހެނދުނަކާ ހޭލައިގެން!؟ ކޮންކަމެއް!؟” ޒައިކް ލޯގަނޑު ކުރިމަތީ ބޮލުގައި ޖެލް ލާން ހުއްޓާ ޒީނަތު އައިސް ވަތްތަން ފެނުމުން ހައިރާންކަމާއެކު ސުވާލުތައް ކުރެވުނެވެ.
“މިއަދު ޒައިކްއާއެކު އޮފީހަށް ދާންކަމަށް މިއައީ.” ޒައިކްއަށް ލިބުނީ ހައިރާންކަމެކެވެ. ޒީނަތު އޭނާއާއެކު އޮފީހަށް ދާން ބޭނުންވުމުން ސުވާލު އުފެދޭގޮތްވިއެވެ.
**********
ރޭޝަމް އަވަދިނެތި އުޅެމުން ދިޔައީ ހެނދުނު ސައި ބޯނެ އެއްޗެއް ތައްޔާރުކުރެވޭތޯއެވެ. އެވަގުތު ފޯނު ރިންގުވާ އަޑު އިވުނެވެ.
“މިގަޑީ ކާކުބާ؟” ރޭޝަމް ޖޭމް ޖަހަން އިން ޕާންފޮތި ބޭއްވުމަށްފަހު ފޯނު ނެގިއެވެ. ގުޅީ އޮފީސް ނަންބަރަކުންނެވެ.
“ހެލޯ.” ރޭޝަމް މަޑުމަޑުން ބުނެލިއެވެ.
“ރޭޝަމް އޮފީހަށް ނާންނަ ދުވަހެއްތަ؟ ކޮބާ ރީމް ރަނގަޅުތަ؟” ޒައިކްގެ އަޑު އިވުމުން ރޭޝަމްއަށް ތެޅިގަނެވުނެވެ.
“ސޮރީ ޒައިކް. އަސްލު ވާގޮތަކީ ރީމް ބަލިވީމަ މަންމައަށް ގެންގުޅެން ވަރަށް އުނދަގޫވާނެ. އޭނަ ބޭނުމެއްނުވާނެ އެއްގޮތަކަށްވެސް އަހަރެންނާ ވަކިވާކަށް.” ރޭޝަމް ކުޑަކޮށް ޖެހިލުންވެފައި ބުނެލިއެވެ.
“ރޭޝަމްއަށް އެނގެއެއްނު މިދުވަސްކޮޅު އެއްވެސް މީހަކަށް ޗުއްޓީއެއް ނުދެވޭނެކަން. ރޭޝަމްއަށް ދީފިއްޔާ އެހެން މީހުންނަށްވެސް ދޭންޖެހޭނެ. އަހަރެން ބޭނުން ރޭޝަމްއަށް ޗުއްޓީ ދޭންވެސް. އެކަމަކު މިބުނި މައްސަލަ އަންނާނެތީ.” ޒައިކްގެ ވާހަކަ ހުރިގޮތުން ރޭޝަމް ކުޑަކޮށް ހިތްހަމަނުޖެހި ހުރެ މާދަމާ އޮފީހަށް ނުކުންނާނެކަމަށް ބުނެ ފޯނު ބޭއްވިއެވެ. ފޯނަށް އިރުކޮޅަކު ބަލަން ހުރެފައި ކާން ތައްޔާރުކުރަން ނެގި އެއްޗެހި އަލަމާރިއަށްލާފައި ފެންތަށްޓެއް ބޯލައިގެން ދާން ހިނގައިގަތެވެ. ޒައިކްގެ ވާހަކައިން އޭނާ ކާހިތް ކެނޑި މާބޮޑަށް ފޫހިވީއެވެ.
ޒައިކް މެންދުރުފަހުން ގުޅަން ފެށިގޮތަށް ރޭގަނޑުވީއިރުވެސް ރޭޝަމް ފޯނު ނުނެގުމުން ޒައިކް ހާސްވިއެވެ.
“އަނެއްކާ ރީމްއަށް ކަމެއްވީބާ؟” ޒައިކްއަށް ހިތާހިތާ ކިޔާލެވުނެވެ.
“ޒައިކް! ކިހިނެއްވީ؟ ހާދަ ހާސްވެފަ. ކާކަށްތަ މާވަރަކަށް ތި ގުޅަނީ؟” ޒައިކްގެ ހާސްކަން ފެނި ޒީނަތު ސުވާލުކުރިއެވެ. ޒީނަތުގެ ސުވާލަށް ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން ތިބި ޒައިކްއާއި ޒީނަތުގެ އާއިލާގެ އެންމެންގެ ސަމާލުކަން ހުއްޓުނެވެ. ޒައިކްއަށް ބަލާލެވުނީ އޭނާގެ މަންމަގެ މޫނަށެވެ. އެއަށްފަހު ވަކިވަކިން އެންމެންގެ މޫނަށް ބަލާލިއިރު އެންމެންވެސް ތިބީ އެސުވާލުގެ ޖަވާބު ބޭނުންވެފައިކަން އެނގުނެވެ. އެވަގުތު ޒައިކްގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީންއަށް އަރާފައި އޮތް ނަން ފެނުމުން ޒީނަތު މަޑުމަޑުން އެނަން ކިޔާލިއެވެ.
(ނުނިމޭ)
32 Comments
Comments are closed.
Assalaam A’laikum!! Miothy “REYSHAM” vaahakaige 6 vana bai… Mibai alun mi up kolly kurin up kuri iru mibaige medhu therein v bodu baeh univefai vaathy… Ekamahtakai hurihaa kiyuntheringe kibainves v bodah ma’aafah edhen… Kuriyah oiythaa ekahala kameh dhimaa nuvaane kamuge yaqeenkan dhen… Nainge fan ah v khaassa shukureh rahdhukollan ethankolhu buneladhineethy… Hurihaa kudhinnahves baajjaveri dhuvahakah edhen… Love u all 🙂
Mibai miadhu hedhunuves up vi
Afy Saandyge comment kiyaeh nulan dhw… Alun up kuri sababu bunelaafa onnaane Saandyge commentga 🙂
thanks saandy
Wc Mysterious girl 🙂
Asluves dhw vaahaka vreethi
ThanQ dhooni 🙂
Saandy!!vvvvvvv bodah shukuriyyaa.
Thiya kuraa bura masakkathah fah fashun shukuriyyaa!!
ThanQ Nainge fan 🙂
Wow alhe mi part kee iru v dher vehje anehkka kaakutha e aee zeen eko huh
ThanQ Appy… V avahah en’gigen dhaane Zeen aky kaakukan… Hmm dhw… Keehkuran ai Zeen ehtha? Huh… Hehehe 🙂
Miss vefahuribai v salhi me miharu mi site ga in emery thi vaahaka
ThanQ Any 🙂
vvvv reethi
ThanQ Maree 🙂
Oh my god !Its awesome.. I love it❤..The best story ever ..
ThanQ Lujju 🙂
Thanks saandy
ThanQ & Welcom Afy 🙂
Story v v v nice… konirakun next part…???? Can’t wait to read it..
ThanQ Azza… Maadhamaa hen’dhunu… Insha Allah!! 🙂
Furathama up kuri bai kiyaafa hithah eri ey baeh madhey.. bt mihaaru v ufaavejje ehkoh kiyaaalevunyma.. thnkxx saandy.. luv it..
ThanQ Saamy… Aslu Saandyves mi liyamun dhiyairu ehisaabun hithah eri baeh madhubaaey… Ekam eyge hurihaa baeh copy paste jahaaleema hithah ery eheneh nuvaaneyey… Dhen miadhu kujjaku buneema balaalaigenves faahagaeh nuvi… Dhen ekujjaa bunedhiny madhuvefa inbai… Dhen avahah remove kollaafa ebai laigen alun mi up kolladhiny… Aslu balanvaa varah Saandy ah nubeluneema ehen mi dhimaavy mifaharu… Insha Allah!! Dhen nuvaane eheneh 🙂
alheyyy….. haadhahaa reehcheyyy… mee mi site ga mihaaru up kuraa emme reethi story… waitng for next part.
Oh ThanQ Naz Nax… Insha Allah!! Maadhamaa hen’dhunu up kolladheynan 🙂
WOW!! It’s awesome.. V salhi sifakurunthaka basmagu.. Waiting for the next part.. Love u dear ??
ThanQ Kiyaa Meehaa… Love u too dear 🙂
Aslu vx v rythi.. Nain kairy bunahchey v reehchey mi stry.hehe..thanxx saandy mi stry genes dhey kamah takaa .☺
ThanQ Ithoo… Mihaaru Nain ah thi msg rahdhu vedhaane kamah mi balany 🙂
Thanks ithoo
Wow Its so beautiful ❤️
Waiting waiting waiting ?
ThanQ Mimmi 🙂