އީމަން އަވަސްފިޔަވަޅުތަކެއްގައި ހޮސްޕިޓަލަށް ވަދެގެން ދިޔައެވެ.
ރީމްއާއި އިޔާނާވަނީ ރޫމަކަށް ބަދަލުކޮށްފައެވެ. އީމަންއަށް އެންމެ ފުރަތަމަވެސް ބަލާލެވުނީ އިޔާނާއަށެވެ. ލޯމެރިފައި އޮތް އިތު ހީވަނީ ފުން ނިންޖެއްގައި އޮތީހެނެވެ. ކުރިއަށް ހިނގަމުން ގޮސް އިޔާނާކައިރީގައި ހުއްޓުނެވެ. އެމޫނަށް ފުން ނަޒަރަކުން ބަލާލިއެވެ. މިއީ އޭނާގެ ޔާނާކަން ޘާބިތުކޮށްދޭނީ ކިހިނެތް ހެއްޔެވެ؟ އެންމެ ބޮޑު ކަމަކީ ޚުދު ޔާނާ އެކަން ހަނދާން ތނައްތާލާފައި ވުމެވެ. އަޅެ ކުޑަ ހަނދާނެއްވެސް ނުވަނީ ހެއްޔެވެ؟ އޭނާގެ އީމަން ފެނުމުން އެހިތަށް ކުޑަ ނަމަވެސް ބަދަލެއް ނާދޭ ހެއްޔެވެ؟
ފުންވިސްނުމެއްގައި އީމަން އަށް އިރުކޮޅަކު ހުރެވުނެވެ. ސިހުމެއް ލިބިގެން ދިޔައީ އިޔާނާ މަޑުމަޑުން ހަރަކާތްކުރަން ފެށުމުންނެވެ. ހޭލެވެން އުޅެނީކަން އެނގުމުން އަވަސް އަވަހަށް ގޮސް ޖެހިގެން ހުރި އެނދުގައި އޮތް ރީމް ކައިރީގައި މަޑުކޮށްލިއެވެ.
އިޔާނާއަށް ހޭލެވުނެވެ. އީމަން އިނީ ރީމްގެ އެނދުކައިރީގައެވެ. ރީމްއަށް އަދި ހޭނުލެވެއެވެ. ރީމްގެ އަތްތިލަ އީމަންގެ އަތުތެރެއަށް ލައިގެން ރީމްގެ މޫނަށް ގެއްލިފައި ހުރި އީމަންއަށް އެތަނުގައިވާ އެހެންކަމެއް ފާހަގަ ނުކުރެވޭ ފަދައެވެ. އިޔާނާއަށް ބަލަން އޮވެވުނީ އީމަންގެ މޫނަށެވެ. ރީމްއަށް ބަލަން ހުރިއިރު އެދެލޮލުން ކަންބޮޑުވުން އިންތިހާއަށް ފެންނަމުން ދިޔައެވެ. އެވަގުތު ހަނދާންވީ ޒާން މަތިންނެވެ. ޒާން މިތަނުގައި ހުރިނަމައެވެ. އީމަން އެއަޅާލާ ގޮތަށް ޒާންވެސް އަޅާލަން މިތަނުގައި ހުންނާނެ ނަމައެވެ.
އީމަން އިޔާނާއަށް ބަލައިލިތަން ފެނުމާއެކީ އިޔާނާގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އީމަން ތެދުވެގެން އައިސް އިޔާނާ ކައިރިން ކަންތައް ވީ ގޮތް އޮޅުން ފިލުވިއެވެ. އީމަންގެ ވާހަކައިން ރީމްއާ މެދު ކަންބޮޑުވެފައިވާކަން އިޔާނާއަށް އެނގިގެން ދިޔައެވެ.
ޒާންއަށް ގުޅައިދިނުމަށް އިޔާނާ އީމަންގެ ކައިރިން އެދުނެވެ. އީމަން ޒާންއަށް ގުޅައިދިނެވެ. އަދި އިޔާނާއަތަށް ދިނުމަށްފަހު ގޮސް ރީމް ކައިރީގައި ހުއްޓުނެވެ. ޒާންއާ އިޔާނާ ވާހަކަ ދައްކަމުން ދިޔައިރު އީމަން އިނީ ރީމް ކައިރީގައެވެ. ރީމްގެ ބޮލުގައި މަޑުމަޑުން ފިރުމަމުން ދިޔައިރު އިޔާނާއަށް ބެލެމުން ދިޔައީ އީމަންއަށެވެ. އޭނާގެ ހިތަށް ތަދުވަމުން މިދަނީ ކީއްވެ ހެއްޔެވެ؟
ކިތަންމެ ނޫންކަމުގަވެގެން އިނަސް އީމަންގެވިސްނުމާއި ފިކުރު ހުރީ އިޔާނާ ދެއްކި ވާހަކަ ތަކަށެވެ. ޒާން ކައިރީ އަވަހަށް އައުމަށް އެދެމުން ދިޔައެވެ.
އިޔާނާއާ ވާހަކަ ދެއްކުމަށްފަހު ޒާން އެދުނީ އީމަންއަތަށް ފޯނު ދިނުމަށެވެ. އިޔާނާ އީމަންއަށް ގޮވާލިއެވެ. ނަމަވެސް އީމަން ހަމަ ރީމްއަށް ގެއްލިފައި ހުރިކަހަލައެވެ. އިޔާނާ އަނެއްކާވެސް ގޮވާލުމުއީމަން ކުޑަކޮށް ސިހޭ ގޮތް ވެފައި އައިސް ފޯނު ހޯދިއެވެ. އަދި ޒާން އާ ވާހަކަ ދައްކަން ފެށިއެވެ.
ޒާންގެ ވާހަކަ ތަކުން އޭނާއަށް އަވަހަށް މިކޮޅަށް އާދެވޭނެ ހަމަ އެއްވެސް ގޮތެއް ނެތްކަން އެނގުނެވެ. އަދި އިޔާނާ ރަނގަޅަށް ބަލައި ދިނުމަށް އެދުނެވެ.
“ރީމްއަށް ކިހިނެތްތަ ވީ؟” އީމަން ފޯނު ބޭއްވުމުން އިޔާނާ ސުވާލުކޮށްލިއެވެ.
“ހައި ފީވަރ!” އީމަން ބުނެލިއެވެ.
ރީމްއާ އިޔާނާ ގެއަށް ގެންދެވުނެވެ. ރީމް އަދިވެސް ވަރަށް ހުންގަދައެވެ. އެހެންކަމުން ހާއްސަ ނަރުހެއް ކަނޑައަޅާފައި ގޭގައި ފަރުވާ ދިނުން ކުރިއަށް ގެންދިޔައެވެ. އިޔާނާއަށްވެސް އަރާމު ކުރަން އަނގާފައިވާތީ މުޅިން ހެން އޮންނަނީ ކޮޓަރީގައެވެ.
ފްލައިޓް ތެރޭގައި ޖާހަތުއާއި ހުމާމު ހޭދަކުރި ވަގުތު ތަކުގައި ޖާހަތު އެއްވެސް އެއްޗެކޭ ނުބުނެއެވެ. ކުޑަމިނުން ދަނީ ކޮންތަނަކަށްތޯވެސް އަހާނުލައެވެ.
“ކީއްވެ އެއްޗެކޭ ނުބުނެ ތި އިންނަނީ؟” ހުމާމު ސުވާލުކޮށްލިއެވެ. “ހިތްހަމަ ނުޖެހެނީތަ؟”
“އަހަރެން ހިތްހަމަ ޖެހޭތޯ ނުވަތަ ނޫންތޯ ބެލުމަށްފަހުގަތަ ހުމާމު ކަންތައް ކުރަނީ؟” ޖާހަތު އިސް ޖަހައިގެން ހުރެ ބުނެލިއެވެ.
“އަހަރެން މިހުރިހާ ކަމެއްވެސް ކުރަނީ ހަމަ ޖާހަތުއަށް ރަނގަޅަކަށް. އަހަރެން ބޭނުން ޖާހަތު އުފަލުގަ އުޅެން. އެއުފާ ހޯދަދެވޭނީ ހަމައެކަނި އަހަރެންނަށް. މިހިސާބުން އަހަރުމެން ދިރިއުޅުމުގެ އާ ސަފުހާއެއް ފަށާނީ.” ހުމާމު އޯގާތެރިކަމާއެކީގައި ބުނެލިއެވެ. ޖާހަތު އެއްވެސް އެއްޗެކޭ ނުބުންޏެވެ.
ފްލައިޓް ޖައްސައި މާގިނައިރުތަކެއްނުވެ ޖާހަތުމެން ތިބީ ކާރެއްގައެވެ. އައްޑުއަތޮޅަށް އައި ފުރަތަމަ ފަހަރު ކަމުން މުޅި މާހައުލު ފެންނަނީ ބީރަށްޓެހިކޮށެވެ.
ވަގުތުތަކެއްގެ ދުއްވުމަކަށްފަހު ކާރުމަޑުކޮށްލިއެވެ. ހުމާމު ކާރުން ފޭބުމުން ޖާހަތުވެސް ފައިބައިފައި ވަށައިގެން ހޯދާލިއެވެ. އިރުއައްސި އަނދިރިވެފައި ވުމުން މުޅި މާހައުލު ފެންނަނީ މަގުގެ މެދުގައި ޖަހާފައިވާ ހޮޅިބުރިތަކުގެ އެހީގައެވެ. އާދައިގެ ގޮތަކަށް ހަދާފައިވާ ގެއަކާ ދިމާއަށް ހުމާމު ހިނގައިގަތެވެ. ޖާހަތުވެސް ފަހަތުގައި ހުރެގެން ހިގައިގަތެވެ. މަޑުމަޑުންނެވެ.
އިންފާރެއްގެ ގޮތުގައި ހުރި ފާރުބުރި ހުރަސްކޮށްލުމަށްފަހު އެތެރެއަށް ވަދެގެން ގޮސް ދޮރުކުރިމަތީގައި ހުއްޓި ޓަކި ޖަހައިލިއެވެ. ދެތިން ފަހަރަކު ޓަކި ދެވުނުތަނާ ދޮރުހުޅުވުނެވެ.
މުސްކުޅި އަންހެނެކެވެ. ދުވަސްވުމުގެ ސަބަބުން މޫނުގައި ރޫތަށް ގިނަވެފައިވެއެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން ބޮލުގައި އޮތް ބުރުގާ ރަނގަޅުކޮށްލަމުން އެއްޗެކޭ ބުނެލިއެވެ. ޖާހަތުއަށް އެކީ އެއްވެސް އެއްޗެއް ނޭނގުނު ނަމަވެސް އެބުނީ ‘ކިހިނެތް ހަދަންވީ’ ހެއްޔޭ ހެން ހީވިއެވެ.
“ޝިފާ އެބައުޅޭތަ؟” ހުމާމު ސުވާލުކޮށްލިއެވެ.
ޖާހަތު ހުރީ ވާނުވާ ނޭނގިފައެވެ. މިއީ ކޮން ގެއެއް ހެއްޔެވެ؟ ހުމާމު މިއީ އައްޑޫ މީހެއް ހެއްޔެވެ؟ މިއަންހެން މީހާ ހުމާމު ދަންނަނީ ކިހިނެތް ހެއްޔެވެ؟ ޝިފާ އަކީ ކާކު ހެއްޔެވެ؟
އެ އަންހެން މީހާ ބާރުބާރަށް ޝިފާއަށް ގޮވަމުން އެތެރެއަށް މަޑުމަޑުން ހިނގައިގަތެވެ. އެއަންހެން މީހާގެ އަޑަށް އެތެރެއިން ޖަވާބުދާރީވި އަޑު އިވުމާއެކީ ދޮރެއް ލެއްޕުނު އަޑުވެސް އިވުނެވެ. ހީވާ ގޮތުން ޝިފާ އެއަންނަނީ އެވެ.
ޒުވާން އަންހެން ކުއްޖެއް ދޮރުކައިރީގައި އައިސް ހުއްޓުނެވެ. ބަލާބެލުމަށް 23 24 އަހަރު ވެދާނެހެން ހީވެއެވެ. ހަށިގަނޑު ފަލަވެފައި ބިޔައެވެ. ލައިގެން ހުރި ގަމީހުން ގައިގެ ބައްޓަން ރީއްޗަށް ހާމަވަމުން ދިޔައިރު ލައިގެން ހުރި ބާރު ޓައިޓްއިން ފައި ފެންނަ ފަދައެވެ. ބޮލުގައި އޮޅާލާފައި އޮތް ޝޯލް އުސްވެފައި މޫނުން ފެންނަމުން ދިޔައީ ކުޑަ ތަންކޮޅެކެވެ. ޖާހަތުއަށް ހިން ދިރުވާ ލެވުނެވެ.
“ހުމާމު! އައީ ދޯ! އާދޭ އެތެރެއަށް. ކޮޓަރި ހަމަ ރެޑީ.” ޝިފާ ވާހަކަ ދައްކަމުން އެތެރެއަށް އައުމަށް އިޝާރާތްކޮށްލަމުން ހިނގައިގަތެވެ. ހުމާމާއި ޖާހަތުވެސް ހިނގައިގަތެވެ. ހިތްހަމަ ނުޖެހުމާއި ހިތް ބިރުގަތުމާ އެކީވެސް ޖާހަތު ދިޔައީ ދެން ކަންތައް ކުރަންވީ ގޮތް ހިތުގެ އަޑިން ރާވަމުންނެވެ. ހުމާމާ އެކީ މިހިސާބަށް އައި ނަމަވެސް އޭނާ ބޭނުންހާ ގޮތަކަށް ކަންތައް ވިޔަކަ ނުދޭނަމެވެ. މިރޭ ކޮންމެވެސް އެއްކޮޅެއްގައި މިކަންތައް ޖައްސާނަމެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމުން ހުމާމު އެތެރެއަށް ފޮށި ވެއްދިއެވެ. ޖާހަތު އެތެރެއަށް ވަނެވެ. އާދައިގެ ބޮޑު މިނެއްގެ ކޮޓަރިއެކެވެ. އެންމެ މީހަކަށް ނިދާލެވޭނެ ފެންވަރުގެ އެނދެއް ކޮޓަރީގެ މެދުގައި ހުރިއިރު ކައިރީގައި ސްޓޭންޑް ފަންކާއެއް ހުއްޓެވެ. ޑްރެސިން ޓޭބަލެއް ނެތަސް ކޮޓަރީގެ އެއްކަނުގައި މޭޒެއް ބަހައްޓާފައި އެމޭޒާ ދިމާއަށް ފާރުގައި ލޯގަނޑެއް ހަރުކޮށްފައި ހުއްޓެވެ. ތަރަފާލު އަޅާފައިވާ އެކޮޓަރީގެ ބަންދުކަން ވަރަށް ބޮޑެވެ.
ހުމާމުއާ އެކީގައި ޝިފާ ނިކުތީ ބޭރަށެވެ. ޖާހަތު އަވަސް އަވަހަށް އައިސް ދޮރު ލެއްޕިއެވެ. ހުމާމު އެދިޔައީ ދެވަނަ ފޮށި ބަލާކަން ޔަޤީނެވެ. ރަނގަޅަށް ތައްޔާރުވެލައިގެން ނޫނީ ދެން ދޮރެއް ނުހުޅުވާނަމެވެ. ތެޅިތެޅި އޮތް ހިތަކާއިގެން ދެން ޖާހަތު ބަލައިލީ ގެނެވިފައިވަނީ ކާކުގެ ފޮށްޓެއްތޯއެވެ. ނަސީބު ރަނގަޅުކަމުން އެއީ ޖާހަތުގެ ފޮށްޓެވެ. ޝުކުރުވެރި ހިތަކާއެކީ ޖާހަތު ފޮށީގެ އަޑި ހާވާލިއެވެ. ފޮށިން ނެގީ ލައްޕާލެވޭ ގޮތަށް އޮތް ފިޔޮހި ވަޅިއެކެވެ. ވަޅި ލީ ޖީބަށެވެ. ދެން އަނެއްކާވެސް ހާވާލިއެވެ. ކަމުދާ ކަހަލަ އެއް ޗެއް ނުފެނުނެވެ. ބުރުގާގައި ޖަހަން ގެންގުޅޭ ޕިން ދަޅު ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ވިސްނާލުމަށްފަހު ޕިން ދަޅުގެ މަތި ނެގިއެވެ. އަދި އެއަށްފަހު ކޮޓަރީގެ އެކި ތަންތަނުގައި ޕިންތައް ބަހައްޓަން ފެށިއެވެ. ކޮންމެ ދަނޑިވަޅެއްގައިވެސް ނެގޭނޭ ގޮތަކަށެވެ. ހުމާމުގެ ހަމަލާއިން ރެކެން ކޮންމެ ދިމާއަކަށް ދެވުނުކަމުގައި ވިޔަސް އަތުގައި ޖެހެވޭނެ ގޮތަކަށެވެ. އެނދުގެ ވަށައިގެން ގޮދަޑިއަށްވެސް ޕިންތައް ކޮއްޕާލިއެވެ.
ދެން އަވަސް ވެގަތީ ނަމާދު ކުރުމަށެވެ. ނަމާދުކޮށް އަވަދިވިއިރު ޖާހަތުގެ ހިތަށް ބަޔާން ކުރަން ދަތި ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ޖާހަތު ރައްކާތެރި ކަމާ ރަޙްމަތަށް އެދުނީ އެންމެ އޯގާވަންތަ އިލާހުގެ ހަޟްރަތުންނެވެ.
ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޖާހަތުއަށް އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް ބަލާލެވެއެވެ. ހުމާމުގެ ހަބަރެއް އަދިވެސް ނުވެއެވެ. ފޯނުވެސް ވީ އޭނާގެ އަތުގައެވެ.
ގަޑިން ދިހައެއް ޖަހަން ކައިރިވަނީއެވެ. ޖާހަތު ހުރީ ހަމަ އެގޮތުގައެވެ. ދޮރުގައި ޓަކި ދިން އަޑު ކުއްލިއަކަށް އިވިގެން ދިޔައެވެ. ސިހިގެން ދިޔުމާއެކު ކުޅު ދިރުވާލެވުނެވެ. ހުމާމު އެއައީއެވެ. ޖީބުގައި އޮތް ވަޅި ޗެކްކޮށްލިއެވެ. އަދި އެއަށްފަހު މަޑުމަޑުން ގޮސް ދޮރު ހުޅުވާލިއެވެ.

56

4 Comments

 1. hazu

  October 23, 2013 at 2:58 pm

  v ufaavehje avahah up kureema.dhn humaamge kibain jaahathu salaamay kohbala..alhey yaanage memory vx alun anburaa aisbala…v reethi mi part vx

 2. niha

  October 23, 2013 at 11:27 pm

  varah bodah shukuriyya ehaa avahah upload kohadhineethee:) vaahaka haadha reechey , alhey Humam GE oi win Jaahathu salaamai vaane baa? mihaaru anehbai kiyaalaahih vejje 🙂 whey wives avaskohladhehchey 🙂

 3. niha

  October 23, 2013 at 11:30 pm

  mihaaru anehbai maabodah kiyaalaahih vejje, anehbaives avaskohladhehchey dhechey:)

 4. Sara

  October 26, 2013 at 12:24 pm

  Haadha kurukoh thi genesdhinee…e. Varah reethi mi part ves..waiting for the other part. 🙂

Comments are closed.