
ވީމޭ އިންތިޒާރުގައި 14 ވަނަ ބައި
ނޫރާ ގޮސް އަމީންމެން އުޅޭ ކޮޓަރިއަށް ވަނީޓަކި ޖެހުމަށްފަހުއެވެ. އޭރު އަމީން ދަބަހަށް އޭނަގެ ސާމާނު އަޅަނީއެވެ.
“އަމީން!……..” ކުޑަކޮން ހުއްޓުން އަރާފަހުރެފަ ހަމަޖެހިލަމުން ނޫރާ އަމީން ކައިރީ ބުންޏެވެ. “އަމީން ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވާ ވާހަކަ މެސެޖް ކުރީމެއްނު!”
“އާން…. އެއީ އެއީ….!” އަމީންގެ އަޑު ބެދިއްޖެއެވެ. އަދި ބުނަން އުޅޭ އެއްޗެއް ރަގަޅަށް ނުބުނެވިގެން އުޅެނިކޮން ނޫރާ ވަހަކަ ދައްކަން ފެށިއެވެ.
“އަމީން ތިބުނަން އުޅޭ އެއްޗަކުން އަމީންއާއި ނޫރާގެ އެކުވެރިކަމަށް ބުރޫއަރާފާނެހެން ނޫރާއަށް ވަރަށް ހީވޭ!” ނޫރާ ބުންޏެވެ.
“މީ…އެކުވެރިކަމަށް ބުރޫއެރިއަސް މިހާރު މިވާހަކަ ބުނަން ބޭނުން! ….. އަހަރެން ވަރަށް ކެތްކޮށްފިން…… އެހެންވެ މިއަދު ދެން ބުނަން ގަސްތުކުރަނީ!” އަމީން ދަބަހުގެ ޒިބު އަޅުވާލުމަށްފަހު ވަރަށް ހިތްވަރު ކޮށްފައިބުންޏެވެ. އަދި އައިސް ނޫރާއާއި ދާދި ގާތުގައި ހުއްޓިލައިފިއެވެ.
“އަހަރެން ނޫރާދެކެ ވަރަށް ލޯބިވޭ! ވަރަށް ކުރިންފެށިގެން ވެސް ލޯބިވޭ! އޭގެ ބަދަލުގަ ނޫރާ އަހަރެންދެކެ ލޯބިވާށެކޭ އަހަރެން ނުބުނާނަން. އެކަމު އަހަރެން ނޫރާއަށް އިންތިޒާރު ކުރާނަން.” އަމީން ބުންޏެވެ.
“ނޫރާ ލޯބިވަނީ އެހެން މީހެއްދެކެ!” ނޫރާ އަވަހަށް ބުންޏެވެ.
“އަހަންނަށް އިނގޭ! އަހަންނަށް އިނގޭ ނޫރާ ލޯބިވަނީ އާޔަންދެކެ ކަން. އަދި އާޔަންވެސް ނޫރާދެކެ ވަރަށް ލޯބިވާކަށް އަހަންނަށް އިނގޭ! އެހެންވެ މިބުނީ ނޫރާ ކޮންމެހެން އަހަރެންދެކެ ލޯބި ވާކަށް ނުޖެހޭނޭ!” އަމީން އެހެން ބުނެފަ ކޮޓަރިން ނިކުމެގެން ހިގައްޖެއެވެ.
ރިޒޫ އާއި އަމީން ތައްޔާރުވެގެން ދަބަސް ހިފައިގެން ނުކުތެވެ.
އަމީން ނޫރާއަށް ބަލައިލަމުން ހީލިއެވެ. އަދި އަމީންގެ ފޯނު ނޫރާއަށް ދައްކާލިއެވެ. އަމީން އެބުނީ ފޯނު ބެލުމަށްކަން ނޫރާއަށް އިނގުނެވެ. ނޫރާ ފޯނު ބަލައިލިއިރު މެސެޖެއް އޮތެވެ. “ބީ ހެޕީ! ނޫރާ އުފަލުގަ ހުރިއްޔާ އަހަރެންވެސް ވަރަށް އުފާވޭ!”
ނޫރާ އަމީންއަށް ހީލިއެވެ. އެތަން ބަލަން ތަންކޮޅެއް ދުރުގައި އާޔަން ހުއްޓެވެ. އާޔަންގެ ރުޅިގަނޑު މައިތިރިވެފައި ވިއަސް މިހާރު އެހިތަށް ތަދުކުރަމުންދަނީ ނޫރާގެ އަމަލުތަކެވެ.
އަމީން އައިސް ނޫރާއާއި ސަލާމް ކޮށްލިއެވެ. އަދިވެސް ރައްޓެހިކަން ބޭއްވިދާނެތަ؟” އަމީން އަހާލިއެވެ. ނޫރާ ބޯޖަހާލިއެވެ. އެވަގުތު އާޔަން އެދެމީހުން ކައިރިއަށް އައީގަސްތުގައެވެ.
“އާޔަން. ޔޫ އާރ ދަ ލަކިއަސްޓް ގައި.” އަމީން އާޔަންއާއި ދިމާއަށް އެނބުރިލަމުން ބުންޏެވެ. “ނޫރާއަށް ކެއަރ ކުރާތި. ޝީ ނީޑްސް އިޓް.” އަމީން އާޔަންއާއި ސަލާމް ކޮށްލިއެވެ. އަދި އެއަށްފަހު އެހެން އެންމެނާސަލާމް ކޮށްލުމަށްފަހު ރިޒޫ ގޮވައިގެން ހިގައްޖެއެވެ.
މިހާރު އިރު އޮއްސެނީއެވެ. އަދިވެސް އެކަކުވެސް ފެންވަރަން ދާކަށް ގަސްތެއްނުކުރެއެވެ. ލައި އާއި މޫސަ ގޮނޑީގައި ވާހަކަދައްކަން ތިއްބެވެ.
އާޔަން ނަމާދުކޮށްގެން އައިސް ނޫރާއާއި ފާތު ތިބި ގޮނޑީގެ އެއްފަރާތެއްގައި އިށީނެވެ.
“އާޔަން އެންމެންނަށް އަންގަން ބޭނުންވާ ވާހަކައެއް އެބައޮތް!” އާޔަން އެންމެންނަށް ގޮވާލަމުން ބުންޏެވެ. ޕޫލްގަ އޮތް ނާއިފް އާއި ޒީނާ އާޔަން މެން ތިބިދިމާއަށް އައިސް ޕޫލްގެ ކައިރިފަށުގައި އަތް އަޅުވާލައިގެން ތިއްބެވެ. ލައި އާއި މޫސަ އާއި ފާތު ވެސް އާޔަންއަށް ނަޒަރު ހުއްޓާލައިގެން ތިއްބެވެ. އާޔަން ތެދުވެގެން ގޮސް ނޫރާގެ އަތުގަ ހިފައިގެން އެންމެންނާ ކުރިމަތިވާނޭހެން ގެނެސް ހުއްޓުނެވެ. އާޔަން ބުންން އުޅޭވާހަކަ މޫސައަށް ރަގަޅަށްވެސް އެނގެއެވެ. މޫނުމައްޗަށް ހިނިތުންވުމެއް ވެރިކޮށްގެން މޫސަ އިނެވެ.
“އާޔަން މިއުޅެނީ މަންމަމެން އައިމަ ނޫރާއާއި މެރީކުރަން ވެގެން.” އާޔަން ބުންޏެވެ. އަދި އެންމެންގެ މޫނަށް ބަލައިލިއެވެ. އެންމެން ވެސް ތިބީ ގަބޫލު ނުކުރެވިފައެވެ. ފާތު އިނީ އަނގަ ހުޅުވިފައެވެ. ޒީނާ އާއި ނާއިފް އެކަކުއަނެކަކަށް ބަލައިލިއެވެ. ލައި މޫސައަށް ބަލައިލަމުން މޫސަ ހެވިފަ އިނީމަ އަދި އިތުރަށް ހައިރާން ވެފައި އިނެވެ.
“ކަމަކު ނުދޭތަ؟” އެކަކުވެސް އެއްޗެއް ނުބުނީމަ އާޔަން ބުންޏެވެ.
“ކޮން…ކޮންއިރަކުން ފެށިގެން…. ކޮންއިރަކު ރައްޓެހިވީ؟” ފާތު އަށް ރަގަޅަށް ވާހަކަވެސް ނުދެއްކެއެވެ.
“ތީ…ކިހިނެއްވީކަމެއް؟ ކޮންއިރަކު؟ ކިހާދުވަހެއް؟” ލައި ވެސް އުޅެނީ ގަބޫލު ނުކުރެވިގެންނެވެ.
“ނާއިފްއަށް އިނގޭ ތިކަންތައް ވާނެކަން! ނާއިފް ވަރަށް އުއްމީދު ކޮށްގެން ހުރިކަމެއްތީ!” ނާއިފް ބުންޏެވެ.
“އާޔަން ނޫރާދެކެ ލޯބިވާތާ ފަސްއަހަރު ވެއްޖެ!” އާޔަން ބުންޏެވެ.
“ކީކޭ؟” ލައި އާއި ފާތުއަށް އެއްފަހަރާ ބުނެވުނެވެ. މޫސަ ފިޔަވާ އެންމެން ތިބީ ހައިރާން ވެފައެވެ.
“ނޫރާއަކީތަ އާޔަން ލައިކްވެގެން އުޅުން ކުއްޖާ؟” ޒީނާ އެހިއެވެ.
“އާނ! އެއީ އެކުއްޖާ!” އާޔަން ބޯޖަހާލަމުން ބުންޏެވެ. އަދި ފެށިގެން ނިމެންދެން އެވާހަކަ އަނެއްކާވެސް އެންމެނަށް އާޔަން ކިޔައިދިނެވެ. މިފަހަރު ކިޔައިދިނީ ވަރަށް ތަފްސީލުކޮންނެވެ. އާޔަން ވާހަކަ ކިޔައިދީ ނިމުމުން އެކަކުވެސް އަނގައިން ނުބުނެ އިރުކޮޅަކު ތިބުމަށްފަހު ހަޅޭއްލަވަން ފެށިއެވެ. މުޅިތާ އަޑުބައްދާލައިފިއެވެ. އެންމެންވެސް ތިބީ ވަރަށް އުފާވެފައެވެ. ހީވަނީ މާކުރިންސުރެ ހިތުލައިގެން ތިބިކަމެއް ވީހެނެވެ.
“ލައި ވަރަށް ހިތަށްއެރި އާޔަން ނޫރާއާއި ރައްޓެހިވާނެ ނަމައޭ!” އެންމެންގެ ފޯރިގަނޑު ހަމައަކަށް އެޅުމުން ލައި ބުންޏެވެ.
“ފާތުވެސް!…….. ބައެއްފަހަރު ފާތުއަށް ހީވޭ ތިދެމީހުން ލޯބިވެޔޭވެސް.” ފާތު ބުންޏެވެ.
“މޫސަ ކީއްވެތަ އެއްޗެއް ނުބުނެ ތިއޮތީ؟ މޫސައަށް މާކުރިން އެގޭދޯ؟” ލައި އަހާލިއެވެ. މޫސަ ބޯޖަހާލިއެވެ.
އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. ހީވާގޮތުން އެއީ ކޮންމެމީހަކުވެސް ނުވެގެން ދުޢާ ކޮށްލަކޮށްލަ ތިބި ކަމެކެވެ.
“އާޔަން ދެން މިހާރު ޝައިލާ އާއި ދިމާވެއްޖެއްޔާ ކިހިނެއް ހަދާނީ؟” ކުއްލިއަކަށް ނާއިފް އަހާލިއެވެ.
ނާއިފް އެކުރިސުވާލުން އެންމެންގެ ސަމާލުކަން އާޔަންއާއި ދިމާއަށް ހުއްޓާލިއެވެ. އާޔަންވެސް އެސުވާލަށް ދޭނެ ޖަވާބަކާމެދު ވިސްނަން އިންކަހަލައެވެ.
“މިގަޑީގަ ތީދެން ކީއްކުރަން ކުރި ސުވާލެއް!” ލައި ނާއިފްއާއި ދިމާއަށް ބުންޏެވެ.
“ހަދާނެގޮތެއް އިނގޭނީ ޝައިލާ ފެނުނީމަ؟ ގައިމުވެސް އޭނަގެ ކިބައިން މާފަސް އެދެންޖެހޭނެނު.” އާޔަން ބުންޏެވެ.
“އާން، މާފަށް އެދެންޖެހޭނެ!” މޫސަ ބުންޏެވެ. އެހެން އެންމެންވެސް މޫސަ އާއި އެއްބަސް ވުމުން އާޔަންގެ މޫނުމަތިންވެސް ހިތްހަމަޖެހުން ފާޅުވިއެވެ.
އެދުވަހު އެންމެން ގެއަށް ދިޔައީ ދެން ކުރިއަށް އޮތް އިމްތިހާނަށް ތައްޔާރުވުމަށް އަޒުމް ކަނޑައަޅައިގެންނެވެ. މިފަހަރަކީ އާޔަން، މޫސަ އާއި ފާތުގެ ފަހު އަހަރެވެ. އެހެންކަމުން ކުރިއަށް އޮތް އިމްތިހާނަކީ މިތިންމީހުނަށް ވަރަށް މުހިންމު އިމްތިހާނެކެވެ. ދެން މިގޮތަށް އެންމެން ބައްދަލުކޮށް އުޅޭނީ ޓެސްޓުތައް ނިމުނީމަކަމަށް އެންމެންވެސް ބުންޏެވެ.
އެދުވަހުގެ ފަހުން އާޔަންވެސް ވަރަށް އަވަދިނެތި އުޅެންފެށިއެވެ. ގޭގަ ހަދަންދޭ ޕްރެޒެންޓޭޝަން ތަކާއި އެސައިންމެންޓްތައް ހެދުމުގައި އަރާމެއްނެތި އުޅެމުން ދެއެވެ. ކޮންމެދުވަހަކު ޔުނީ ނިމިގެން ކާންދިއުންވެސް މިހާރުވަނީ އިމްތިހާންތެރެ ވީމަ މަޑުޖައްސާލާފައެވެ. ވީމާ އެކަކު އަނެކަކާ ދިމާވަނީ ވަރަށްވެސް މަދުންނެވެ. ކޮންމެދުވަހަކު ޔުނީ ނިމިގެން ނޫރާގޮވައިގެން ގެއަށް އައިސް ކައިހަދަިއގެން ކޮޓަރިއަށް ވަންނަގޮތަށް އެދެމީހުންވެސް ދިމައެއްނުވެއެވެ. އާޔަން ރޭނގަނޑު ކާންދާން ބަލައިލާއިރު ނޫރާ ނިދާފަ އޮވެދާނެއެވެ. ނޫނީ އާޔަންއަށް ނިދިދާނެއެވެ. އެގޮތުގައި ދުވަސްތައް ދެއެވެ.
ނޫރާގެ މަންމަ ސައީދާ ކޮންމެ ދުވަހަކު ނޫރާއަށް ގުޅައެވެ. އަދި ޒޫނާވެސް އެކުދިންނަށް ގުޅައެވެ. އެމީހުން ދުރުގައި ތިއްބަސް އެކުދިންނާ ދޭތެރޭ ވިސްނައެވެ. ޒުވާން ދެކުދިން އެއްގެއެއްގައި އުޅޭތީ ހިނގާފާނެ ނޭދެވޭ އަމަލަކާމެދުވެސް ސައީދާއަށް ވިސްނެނީއެވެ. އެއީ އެކުދިންނަށް އިތުބާރު ނުކުރާތީއެއް ނޫނެވެ. ނަމަވެސް އެއީ ސައީދާމެން ބަލަންޖެހޭ ކަންކަމަށް ވާތީއެވެ. ކިތަންމެ ރަގަޅުމަގަކުން ދާމީހަކުވެސް މަގު ކައްސާލާކަށް މާގިނައިރެއް ނުނަގާނެއެވެ. ފާރޫޤް ވެސް މިހާރު އެތަކެއް ފަހަރު ސައީދާއާއި އެވާހަކަ ދައްކައިފިއެވެ. ޒޫނާ އާއި އިސްމާޙްވެސް އެކަމާ ވަރަށް ކަންތަށް ބޮޑުވެއެވެ. އެންމެންނަށް ވެސް މިހާރު އެއްބަސް ވެވުނީ އެކުދިންގެ ކައިވެނި ކުރުވުމެވެ. އިސްމާޙްގެ މަންމަ ކޮރެއާގައި ހުންނާތީ ކޮރެއާގައި ކައިވެނި ކުރާގޮތަށް އިސްމާޙް ރާވަންފެށިއެވެ. އެންމެފަހުން މިފަހަރު އެކުދިންގެ އިމްތިޙާން ނިމުނީމަ ލިބޭ ކުޑަޗުއްޓީގައި ކޮރެއާއަށް އެންމެން ދާން އިސްމާޙް ނިންމިއެވެ. އަދި ކޮރެއާގައި އެކުދިންގެ ކައިވެނި ކުރުމަށްފަހު ފާރޫޤްމެންވެސް ކޮރެއާއިން ބޭސްކުރުމަށް އިސްމާޙް ހަމަޖެއްސިއެވެ. އަދި ނައީމާގެ އާއިލާވެސް ކޮރެއާއަށް ގެންދަންވާނެކަމަށް އިސްމާޙް ބުންޏެވެ. މިގޮތަށް ކަންތައްތައް ހަމަޖެއްސުމަށްފަހު އެކުދިން ކައިރީ އެވާހަކަ ބުނާނީ އިމްތިޙާންނިމުނީމަ ކަމަށް އެންމެން އެއްބަސްވިއެވެ.
ނޫރާ ލައި އަދި ޒީނާއަށް އިމްތިހާނުތައް ނިމުނީ އެއްކޮންނެވެ. އެތިންމީހުން އެދުވަހު ސަމިޓްއަށް ދިޔައީ ޒީނާކޮންމެވެސް އެއްޗެއް ގަންނަން އުޅޭތީއެވެ. އެތަނުން ޒީނާ އެބޭނުންވެގެން އުޅޭ އެއްޗެއް ގަނެގެން މިޑްސަމަރ ރެސްޓޯރެންޓަށް ވަނީ އެއްޗެއް ބޯލާށެވެ. އާމުކޮން ގޮސްތިބޭ މޭޒުކައިރީއެންމެން އިށީނދެގެން ތިއްބެވެ. އެންމެންވެސް ދައްކަނީ ކައިވެނީގެ ވާހަކައެވެ. ޒީނާމެންވެސް ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭވާހަކަ ޒީނާ ބުންޏެވެ.
“އެންމެކުރިން މެރީ ކުރާނީ ނޫރާ ކަންނޭގެ!” ލައި ބުންޏެވެ.
“ޒީނާމެން ވެސް މިއަހަރުތެރޭ މެރީކުރަން މިކިޔަނީ!” ޒީނާ ބުންޏެވެ. “ލައިމެންވެސް ދޯ؟”
“ނޭގެ ލައިއަކަށް! މޫސަ ނުދައްކަ މެރީކުރާ ވާހަކައެއް އަދިއެއް! އެހެންނޫނަސް ލައި ހިތަކަށްނާރަ އެހާކުރިން މެރީކުރާކަށްވެސް!” ލައި ބުންޏެވެ.
“ނޫރާއަކަށް ހިޔެއްނުވެ މޫސަވެސް އެހާއަވަހަށް މެރީކުރާނެ ހެނެއް!” ނޫރާ ބުންޏެވެ.
“އެކަމު ދޮންބެ ބުނި ޒީނާމެންނާއެއްކޮން ނިންމާލަންވީޔޭ! އޭގެމާނައަކީކޮބާ؟” ޒީނާ ބުންޏެވެ. “އެޔޮއް އަންނަނީ އަމީން!” އެވަގުތު ދޮރުންވަދެގެން އައި އަމީންއަށް އިޝާރާތްކޮށްލަމުން ޒީނާ ބުންޏެވެ.
“އޭ! ނިމުނީތަ އެއްކޮން؟” އަމީން އައިސް އެތަނުން ގޮނޑިއެއްގައި އިށީންނަމުން އަހާލިއެވެ. އެދުވަހު އާޔަންމެންގެއިން އައިފަހުން އެއީ އަމީންއާއި އެމީހުން ދިމާވި ފުރަތަމަ ފަހަރެވެ.
“އާން! އަމީންމެނަށްވެސް ނިމުނީދޯ؟” ލައި އަހާލިއެވެ.
“އަމީން. ކުރީދުވަހު ރިޒޫގޮވައިގެން އަމީން ދިޔައީނު. އެދުވަހު ފަހުން ދެން ރިޒޫ ނުދައްކާތަ އެއްވެސް ވާހަކައެއް؟ މިބުނީ އެކަންތަކާމެދު. އެދުވަހު ވީގޮތާމެދު!” ޒީނާ އެހިއެވެ.
“ރިޒޫ ނުދައްކަ އަހަރެން ކައިރީގައެއް. އެކަމު އަހަންނަށް އިނގޭ ރިޒޫގެ ގޮތް. ރިޒޫ ކުރަންއުޅުނު ކަންތައްވެސް އަހަންނަށް އިނގޭ! އަސްލު އަހަރެން ހުރީ ރިޒޫގޮވައިގެން ދެވުނު މޮޔަ ހިތަށްއަރާފަ އެދުވަހު. އަހަރެން ހިތަށްއެރި ރިޒޫ އެވަރަށް ކީމަވެސް ނުލާދެވުނު ނަމައޭ!” އަމީން ބުންޏެވެ.
“ރިޒޫ އަބަދުވެސް އުޅެނީ އެހެންތަ؟” ޒީނާ އެހިއެވެ.
“ދެން އެވާހަކަ ނިމުނީނު. ދެން އަޅާނުލާބަލަ!” ނޫރާ ބުންޏެވެ. ނޫރާއަށް އެހެންމީހުންގެ ފީކަޅާ ވާހަކަ ދެއްކުމަކީ މާކަމުދާ ކަމަކަށް ނުވެއެވެ.
“ރިޒޫގެ ގޮތް އެއީ! އާން ދެން އެކަން ނިމިފަ އެއޮތީ. މިއަދުވެސް އެގްޒޭމަށް ވެސް ނާދޭ! ނިދާފައޮތީ! ޓޭލާރސްގަވެސް އެހެން އޭނަ އުޅުނީ. އެންމެފަހުން ތިއްތައްތަ ހީކުރީ އެތަން ސަކަރާތީކަމަށް ހީކޮށް މިތަނަށް ބަދަލުކުރީ! މިހާރު ތިއްތައްތައަށް އިނގޭ އޭނަގެ ގޮތް!” އަމީން ބުންޏެވެ.
އެވަގުތު ނޫރާގެފޯނު ރިންގުވާން ފެށިއެވެ. ނޫރާ ފޯނުބަލައިލިއެވެ. އެއީ އާޔަންއެވެ. އާޔަން އެގްޒޭމް ނިމިގެން ނޫރާއަށް އެގުޅީ ގެއަށްދާންކަން ނޫރާއަށް އިނގުނެވެ.
“ހެލޯ! ދާންވީދޯ؟” ނޫރާ ފޯނު ނެގުމާއެކު އަހާލިއެވެ.
“ކޮންތާކު ތިހިރީ؟” އާޔަން އެހިއެވެ.
“ލައި އާއި ޒީނާއާއި އެއްކޮން މިޑްސަމަރގަ. މިތާ އެބައިން އަމީންވެސް.” ނޫރާ ބުންޏެވެ.
“އެހެންތަ! އާޔަން ބޭނުން ވަރަށް އަވަހަށް ގެއަށްދާން!” އާޔަން ބުންޏެވެ.
“އާން! އާޔަންދޭ! ނޫރާ ދާނަން ލައިއާ އެއްކޮން.” ނޫރާ އެހެން ބުނުމުން އާޔަން އެއްބަސްވުމުން ނޫރާ ފޯނު ކަނޑާލިއެވެ.
“ނޫރާ! ނޫރާއާ ނުލާ އާޔަންއަށް ގެއަކަށް ނުދެވޭނެ!” ލައި ބުންޏެވެ.
“އެއީ ކީއްވެ؟ އޭނަމިހާރު ވަރަށް ހާރޑް ވާރކިންނޭ! އެހެންވެ އޭނަ އަވަހަށްދާން ބޭނުންވާނެނު!” ނޫރާ ބުންޏެވެ.
“އެކަމުވެސް ހަމަ ނޫރާ ނުލާ ގެއަށްދާނޭ ލައިއެއްނުބުނާނަން!” ލައި ޔަގީން ކަމާއެކު ބުންޏެވެ.
“އާޔަން ނޫރާނުލާ ގެއަށްދާނެހެނެއް އަހަންނަކަށްވެސް ހިޔެއްނުވޭ!” އަމީން ވެސް ބުންޏެވެ.
އެންމެން އެހެން އެކިޔަނީ ކީއްވެ ހެއްޔެވެ. އާޔަން ގެއަށް ނުދާންވީ ކީއްވެހެއްޔެވެ. ނޫރާއަށް ވުރެބޮޑަށް އެމީހުނަށް އާޔަން އެގޭހެއްޔެވެ. އެކަހަލަ ހިޔާލެއްގައި ނޫރާއިނެވެ. ލައި އެހެން ވާހަކައެއް ދައްކަން ފެށިއެވެ. އެންމެންވެސް ތިބީ ލައިގެ ވާހަކައަށް ސަމާލުވެގެންނެވެ.
“ކިހާއިރަކު ގެއަށްދާނީ؟” އެވަގުތު ކުއްލިއަކަށް މީހަކުއައިސް އެހެން އަހާލުމުން އެންމެން އެއްފަހަރާ ބަލައިލިއެވެ. އެއީ އާޔަންއެވެ. ލައިއާއި ޒީނާ ހިނިގަނޑެއް ޖަހާލިއެވެ. އަމީންވެސް ހިނިއައެވެ.
“ހަމަ ބުނިގޮތެއްނު އެވީ!” އަމީން ބުންޏެވެ.
“ކިހިނެއްތަވީ؟” އާޔަން އެހިއެވެ.
“ލައިމެން މިކިޔަނީ ނޫރާ ނުލައެއް އާޔަންއަށް ގެއަކަށް ނުދެވޭނޭ.” ލައި ބުންޏެވެ.
“އާން. ތިކަމާ އާޔަން އެއްބަހޭ. އާޔަންގެ ހަވާލުގަ ހުންނަންޏާ އާޔަން ޖެހޭނެނު ނޫރާ ބަލަން. އެހެންވީމަ އެނަގޮވައިގެންތާ ދާންވާނީ.” އާޔަން ރަކުވެފަ ހުރެ ބުންޏެވެ.
“ކޮންމެހެން ބަލަން ޖެހިގެނެއް ނޫންތީކީ ހަމަ ނުލާނުދެވެނީ.” އެވަގުތު ލައިއާއި ޒީނާ އެއްފަހަރާ އާޔަންއާއި ދިމާކޮށްގަތެވެ. ލައިމެން ބުނީމެއްނޫންހޭކިޔާ އަޑުގަދަކުރަން ފެށިއެވެ. އަމީންވެސް ހިނިއައިސްފައި އިނެވެ.
“އޯކޭ! އާޔަންއަށް މިހާރު ވަރަށް އުނދަގޫ ނޫރާއާއިނުލާ އުޅެން. އާޔަންއަށް ހީވަނީ އާޔަންގެ އެއްބައި މަދުހެން! އާޔަން ދެންމެވެސް ގެއަށްދާން ކާރަށް އަރާފަވެސް ހަމަނުދެވިގެން މިއައީ.” އާޔަން އެންމެފަހުން ޖެހިލުމެއްނެތި ބުންޏެވެ.
އޭގެ ދެދުވަސް ފަހެވެ. އެދުވަހު ނޫރާ ޔުނީއަކަށް ނާދެއެވެ. މިހާރު ނޫރާއަށް އޮތީ ޗުއްޓީ ވެފައެވެ. މިއަދުން ފެށިގެން އާޔަންއަށްވެސް ޗުއްޓީ ވީއެވެ. އެދުވަހު ފާތުގޮވައިގެން އާޔަންދިޔައީ ނޫރާއަށް ހަދިޔާއެއް ގަންނާށެވެ. ނޫރާއަށް ދިނުމަށް އާޔަން ހޮވި ތަކެތި ފާތުއަށްވެސް ރީތިވިއެވެ. އާޔަން ނެގި ހުރިހާ އެއްޗެއްވެސް ނޫރާއާއި ވަރަށް ގުޅޭނެކަމަށް ފާތު ބުންޏެވެ.
އާޔަން އެދުވަހު ދިޔަގޮތަށްގޮސް ނޫރާއަށް އެތަކެތި ދިނެވެ. އަދި ވަރަށްރީތިވެގެން އާޔަންއާއިއެކު ބޭރަށްދާން ތައްޔާރުވުމަށް އާޔަން އެދުނެވެ. ނޫރާގޮވައިގެން އާޔަންދާން މިއުޅެނީ ކޮންތާކަށް ކަމެއް ނޫރާއަކަށް ކުޑަކޮންވެސް ނޭގެއެވެ.
އެރޭ ހަތެއްޖެހިއިރު އާޔަންތައްޔާރުވެގެން ނޫރާގެ އިންތިޒާރުގައި ކާރުކައިރީ މަޑުކޮށްލައިގެން ހުއްޓެވެ. އެވަގުތު ޒޫނާ އާޔަންއަށް ގުޅިއެވެ. އާޔަން އަދަބުވެރި ކަމާއިއެކު ފޯނަށް ޖަވާބުދިނެވެ. ޒޫނާ ބުނިއެއްޗަކުން އާޔަންހުރީ ހިތްނުތަނަވަސް ވެފައެވެ.
“ކީކޭ؟ އެއީކީއްކުރަން ކޮރެއާއަށް؟”
“މަންމައާ ޑޭޑް އާވެސް މިހާރު މިތިބީ ކޮރެއާގަ. މިރޭ މިއައީ. ސައީދާއާ ފާރޫޤްވެސް ގޮވައިގެން މިއައީ. ދަރިފުޅުމެންވެސް މާދަމާ ޓީކެޓް ނަގައިގެން އާދޭ. އިތުރުވާހަކަ ދައްކާނެ ކަމެއްނެތް. މިކޮޅަށްއައިމަ އެނގޭނެ.” ޒޫނާ އެހެން ބުނުމާއިއެކު ފޯނު ކަނޑާލިއެވެ.
ކޮރެއާއަށް އައުމަށް އާޔަންއަށް ޒޫނާ އެންގީ ކީއްވެކަމެއް އާޔަންއަކަށް ނޭގެއެވެ. އެވެސް އަދި ނޫރާގޮވައިގެންނެވެ. ނޫރާގެ މަންމައާއި ބައްޕަވެސް ކޮރެއާއަށް ގެންދިޔަ ވާހަކަ މަންމަ އެބުނީ ކީއްވެ ހެއްޔެވެ. އެމީހުން ކޮރެއާއަށް ބަދަލުވީ ކީއްވެ ހެއްޔެވެ. އަނެއްކާ ނޫރާ ބައްޕަ ސަކަރާތްވީ ބާއެވެ. އާޔަންއަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. ނޫރާ ތައްޔާރުވެގެން އައިއިރު އާޔަންހުރީ ހިޔާލެއްގައެވެ.
“ދެންމެ ނޫރާއަށް މަންމަގުޅި!” ނޫރާގެ އަޑު އިވުމުން އާޔަން ނޫރާއަށް ބަލައިލިއެވެ. އާޔަންއަށް ނޫރާއާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރެވުނީއެވެ. އެވަގުތު އެހެން ހުރިހާކަމެއް ހަދާންނެތިގެން ހިގައްޖެއެވެ. އެހެރަރީތިކަމެކެވެ. ކަޅުކުލަގަދަ ދިގު އެސްފިޔަތަކެކެވެ. އަސަރުގަދަ ބޮޑުދެލޮލެވެ. އެލޮލުގައިވާ ރީތިކަމުގެ ތެރެއަށް އާޔަންގެބެމުން ދެއެވެ. ފިޔާތޮށިކުލައިގެ ތުންފަތެކެވެ. ލައިގެންހުރީ އާޔަންނޫރާއަށް ގެނެސްދިން ހަދިޔާއެވެ. ހުދުކުލައިގެ އަލިމަސްކޮޅުތަކެއް ޖަހާފައިވާ ރަތްކުލައިގެ މެކްސީއެކެވެ. އަދި އެއާގުޅޭގޮތުން ކަންފަތުގައި ލައިފައިވަނީ ޖަވާހިރު މުތީތަކަކުން ޖަރީކޮށްފައިވާ އެއްޗެކެވެ. ހިފައިގެން ހުރިދަބަހަކީވެސް އާޔަން ދިން ރަތާ ހުދުގެ ދަބަހެވެ. އަދި އަރައިގެން ހުރި އުސްފައިވާނުގައިވެސް ވަނީ ޖަވާހިރު ޖަހާފައެވެ. ނޫރާގެ މުޅި އުމުރުގައިވެސް މިހާއަގުބޮޑު އެއްޗެއްލީ މިއީ ފުރަތަމަ ފަހަރެވެ. އެހާ އަގުބޮޑު ގަހަނާއާއި ފައިވާނަކަށް ވެސް މީގެކުރިން ނޫރާ އަރާފައެއް ނުވެއެވެ. ނޫރާގެ ރީތިކަމަށް ހިތާހިތުން ތަޢުރީފްކުރަމުން މަތިން ފެށިގެން ތިރިއަށް ބަލައިލަ ބަލައިލަ އާޔަން އިނެވެ. އާޔަން ބޭނުންވަނީ ނޫރާ އާޔަންގެ އަތުތެރެއަށް ލާބޮނޑިކޮށްލާށެވެ. އެރީތި މޫނާ ތުންފަތުގައި ބޮސްދިނުމަށް އާޔަންގެ ހިތް އެދެމުން ދާންފެށިއެވެ.
“އޭތް!” ނޫރާ ގޮވާލި އަޑަށް އާޔަންދިޔައީ ސިހިގެންނެވެ. ” މަންމަ ގުޅި ދެންމެ! މަންމަމެން މިހާރު ކޮރެއާގަޔޯ މިތިބީ! ނޫރާމެންވެސް ކޮރެއާއަށް އަންނާށޯ މަންމަބުނެފި!” ނޫރާ ބުނެޏެވެ.
އާޔަންއަށް ވެސް އެކަންތައް ހަދާންވީ ނޫރާ ބުނުމުންނެވެ. އާޔަންއަށް ނޫރާފެނުމުން ހުރިހާކަމެއް އިރުކޮޅަކަށް ނަމަވެސް ހަދާންނެތުނީއެވެ. އާޔަން އަމިއްލަނަފްސައް މަލާމާތް ކޮށްލިއެވެ. އަމިއްލަ ނަފްސުވެސް ކޮންޓުރޯލެއް ނުވެއެވެ. ކީއްކުރާ މީހެއްހެއްޔެވެ.
“ކީއްވެޔޯތަ އެންމެން ކޮރެއާއަށް މިދިޔައީ؟” އާޔަން ނޫރާއެރުމަށް ކާރުގެ ދޮރު ހުޅުވިއެވެ.
“ނޭގެ ނޫރާއަކަށްވެސް. ނޫރާމަންމަ ވާހަކަ ދައްކަދައްކަ ހުއްޓާ އާޔަންމަންމަ ފޯނު އަތުލައިގެން އާޔަންމަންމަ ދެންވާހަކަދެއްކީ! ހީވަނީ ކޮންމެސް ކަމެއް ރާވައިގެން އުޅޭހެން. ނޫރާމަންމައަށް ކިޔައިދެވިދާނެތީކަންނޭގެ އާޔަންމަންމަ ފޯނު އަތުލީ!” އާޔަން ކާރަށް އެރުމުން ނޫރާ ބުންޏެވެ.
“އާން! އާޔަންއަށްވެސް ހީވަނީ އެހެން!” އާޔަން ކާރު އިސްޓާޓުކޮށްލިއެވެ. “މާދަމާރޭ ފުރަން ހަމަޖައްސަންވީތަ؟ މަންމަބުނި ވީހާވެސް އަވަހަކަށް އަންނާށޭ!” އާޔަން ބުންޏެވެ.
“ނޫރާއަށް އޯކޭ! ނޫރާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ނޫރާގެ ބައްޕަ ދެކިލަން!” ނޫރާ ބުންޏެވެ.
އާޔަން ނޫރާގޮވައިގެން ދިޔައީ މިނާރާ ކޭ. އެލް ޓާވަރ މަތީގައި ހުރި ސެރި އަންގކާސާ ރިވޯލްވިން ރެސްޓޯރެންޓަށެވެ. އެތަނަށް އާޔަން އެތަށްފަހަރަކު އައިސްފިއެވެ. ގިނައިން އައީ އާޔަންގެ މަންމައާއި އެކުއެވެ. އެއްފަހަރު މޫސަގޮވައިގެން އާޔަންއެތަނަށް އައެވެ. އެތަނަށް ވަދެ އެއްފަރާތެއްގައި ހުރި މޭޒެއްކައިރީ އިށީނެވެ. އެތާތިބޭއިރު މެލޭޝިޔާގެ ބޮޑުބައެއް އޮންނަނީ ފެންނާށެވެ. އަބަދުވެސް މަންޒަރު ބަދަލުވަމުން ދެއެވެ. އެއީވަރަށް ހިތްގައިމު މަންޒަރެކެވެ. ނޫރާއިނީ އާޝޯޙް ވެފައެވެ. އާވެފައެވެ. ދުވަހަކުވެސް އެކަހަލަ ތަނެއް ނޫރާއަށް ފެނިފައެއް ނުވެއެވެ. ނޫރާ ތަންތަނަށް ބަލަން އިންގޮތުން އާޔަންކައިރިއަށް ހިނިއައެވެ. ނަމަވެސް އާޔަންއެކަން ފާޅެއްނުކުރެއެވެ.
ނޫރާއަތަށް މެނޫ ލިބުމުން ނޫރާދިޔައީ ސިހިގެންނެވެ. ކޮންމެ ކެއުމެއްވެސް ވަނީ އެތައްސަތޭކަ ޑޮލަރަކަށް އަރާފައެވެ. އެހާވެސް އަގުބޮޑެވެ. އާޔަންމެންނަށް މިކަހަލަ ތަނަކުން ކެއުމަކީ މާބޮޑުކަމަކަށް ނުވެއެވެ. މުޅިއުމުރުވެސް މިތަނުންކައި ހެދުމަކުން އާޔަންމެންގެ ފައިސާއެއް ހުހެއްނުވާނެއެވެ. ނަމަވެސް ނޫރާގެ ބައްޕަގެ އާމްދަނީއަށް ލިބޭ އެތައްމަހެއްގެ ފައިސާއާއި މިތަންނުން ލިބޭ އެންމެ ކެއުމަކާއެއްވަރެވެ. ނޫރާއަށް ނަގާނެ އެއްޗެއްވެސް ނޭގިފައި އިނދެވެނީއެވެ. އެންމެފަހުން ނޫރާއަށްވެސް އޯޑަރުދިނީ އާޔަންއެވެ.
“ނޫރާ! ނޫރާއަށް އިނގޭތަ އާޔަން މިތަނަށް ނޫރާ މިގެނައީ ކީއްވެކަން؟” އާޔަން ނޫރާގެ ދެއަތުގައި ހިފާލިއެވެ. ނޫރާ ބޯހޫރާލިއެވެ.
“އާޔަން އަސްލު ބޭނުންވަނީ ވަރަށް ރޮމެންޓިކް ގޮތަކަށް ޕްރޮޕޯރސް ކުރަން. އެހެންވެ މިގެނައީ.” އާޔަން ބުންޏެވެ.
ނޫރާ ފާޑަކަށް މޫނު ހަދައިގެން އިނެވެ. އާޔަން އެކިޔަނީ ކީކޭ ހެއްޔެވެ. މިހާރު އެންމެން ކައިރީ އާޔަންނޫރާއާއި ކައިވެނިކުރަން އުޅޭވާހަކަ ދައްކާ ނިމިއްޖެއެވެ. އަނެއްފަހަރު މިއުޅެނީ ކީއްކުރަން ހެއްޔެވެ. ނޫރާ ކުޑަކޮން ހިތްހަމަ ނުޖެހޭގޮތް ވިއެވެ.
“ހަހަހަހަ! ” އާޔަން ހޭން ފެށިއެވެ. ނޫރާ ހައިރާންވެ އިނދެ އާޔަންއާއި ދިމާއަށް ބަލައިލިއެވެ.
“ދެން ނޫޅެމޭ ޕްރޮޕޯސް ކުރާކަށް. މީ ފިލްމެއްނޫނެއްނު. ތީނީ ވަރަށް ކަންތައް ބޮޑުވެފަދޯ؟” އާޔަން ނޫރާގެ ކޮލުގައި މަޑުމަޑުން ޖަހާލިއެވެ.
“ދެން ކީއްކުރަން މިތަނަށް ތިގެނައީ.” ނޫރާ އެހިއެވެ.
“އާޔަން ހަމަ ބޭނުންވީ މިތަނަށް ނޫރާ ގެންނަން. ނަތިން ސްޕެޝަލް. ހަމަ ޑޭޓްއަކަށް.” އާޔަން ބުނެލިއެވެ.
އޭރު ކާއެއްޗިހި ގެނެއްސްފިއެވެ. ނޫރާ ކާންވެގެން އުލާއި ސަމުސާާނެގިއެވެ.
“ނޫރާ! ނޫރާ އަދި ޖެހޭނެ ޗޮޕްސްޓިކުން ވެސް ކާން ދަސްކުރަން. އެއީ ކޮރެއާ އެންމެންވެސް ކާނީ އޭގެން. ދެން އަނެއްކާ ރޯޔަން ފަންކްޝަން ތަކުގަ ހަމަ ޔަގީނުންވެސް ކާންޖެހޭނީ އޭގެން. އެހެންވެ ދަސްކޮށްފަ ބަހަށްޓަން ޖެހޭނީ! ހަލްމޮނީ ބޭނުންވާނެ ނޫރާ އެކަހަލަ ތަންތަނަށް ގެންދަން. ހަލްމޮނީ ބޭނުންވާނެ ނޫރާ ހަލްމޮނީގެ މިސްމީހުނަށް ދައްކަން.” އާޔަން އެތަނުން ދެދަނޑިކޮޅު ނަގަމުން ބުންޏެވެ. އަދި ނޫރާއަށް ދައްކައިގެން އޭގެން އާޔަން ކާންފެށިއެވެ. އަދި ހިފަހައްޓާނެގޮތާއި އޭގެން ކާނެގޮތް ކިޔާދިނެވެ. ނޫރާއަށް އޭގެން ކާން ވަރަށްވެސް އުނދަގުލެވެ. ނަމަވެސް ވަރަށް ވިސްނައިގެން މަޑުމަޑުން ކަމުން ގެންދެއެވެ.
“ނޫރާދާން ތިއުޅެނީ ކޮރެއާއަށް ! ވަރަށް ރޯޔަލްވާނެ އިނގޭ! އާޔަންއަށްވެސް ކޮރެއާގަ މިހިނެއް ނޫޅެވޭނެ. ހަލްމޮނީ ވަރަށް ބޭފުޅުވާނެ. އާޔަންމަންމަ މެންގޭގަ އުޅެވިދާނެ ބޭނުންގޮތަކަށް އެކަމު ހަލްމޮނީމެންގޭގަ އުޅެންޖެހޭނީ ވަރަށް ރޯޔަލްކޮން!” އާޔަން ބުންޏެވެ.
ނޫރާ އިނީ ކުޑަކޮން ހިތްނުތަނަވަސް ވެފައެވެ. އެމީހުންތެރޭ ނޫރާއަށް އުޅެން ނޭގިދާނެތީއެވެ.
“މާދަމާ ނޫރާޖެހޭނެ ތަންކޮޅެއް ރޯޔަލް ދެތިން ހެދުން ގަންނަން. ހަލްމޮނީއަށް ކަމަކުނުދާނެ ކޮންމެކޮންމެ އެއްޗެއް ލައިގެން ހުރީމައެއް!” އާޔަން ބުންޏެވެ.
ހަލްމޮނީއަކީ ހާދަ ކަންތަކެއް ހުންނަމީހެއްތާއެވެ. ނޫރާ ހިތަށް އެރިއެވެ.
“ދެން ގޭތެރޭވެސް އަބަދުވެސް އުޅެންޖެހޭނީ އެކަހަލަ އެއްޗިހި ލައިގެން؟” ނޫރާ ފޫހިވެފައި އިނދެ އަހާލިއެވެ.
“ނޫނޭ! އެހެންމީހުނަށް ފެންނަހިސާބަށް އަންނައިރު އެކަނި. ނޫރާއަށް އުޅެވިދާނެ އެކަކަށް ނުފެނި އެތައްދުވަހެއްވިޔަސް. ނޫރާ ހިތައްވެސް ނާރާހާ ބޮޑުވާނެ މަންމަމެންގެހެޕީ ޕެލެސް ވެސް އަދި ހަލްމޮނީގެ ޕެލެސްވެސް!” އާޔަން ބުންޏެވެ. “ދެން ނޫރާއަށް ފެންނާނެތާ ދިޔައިމަ!” އާޔަންބުންޏެވެ.
އާޔަން ކިޔައިދިން ކަންތައްތަކާއި މެދު ނޫރާ އިނީ ހާސްވެފައެވެ. ދުވަހަކުވެސް އެހާ މޮޅެތި ގޮތްގޮތަކަށް ނޫރާއެއް ނޫޅެއެވެ. އެހާޝާޙީ ގޮތް ގޮތަށް އުޅޭކަށް ނޫރާއަށް ނުވެސް އިނގޭނެއެވެ. ނޫރާ އެކަމާ ވިސްނިވަރަކަށް ކަންތައް ބޮޑުވަމުން ދިޔައެވެ. އާޔަންއަށް އެކަން ފާހަގަ ކުރެވުނެވެ.
“އެކަމާ ނުވިސްނާ! މިހާރުވެސް ނޫރާ ވަރަށް ރޯޔަލްއޭ! ނޫރާގެ އުޅުމުގައި ހުރޭ އެކަހަލަ ގޮތެއް!” އާޔަން ނޫރާ ހާސްވެފައި އިނުމުން ބުންޏެވެ. އެއީ މުޅިއަކުން ދޮގެއްވެސް ނޫނެވެ. ނޫރާއަކީ ބަސްމަދު މަޑުމައިތިރި މިޒާޖެއްގެ ކުއްޖަކަށްވާތީ ޝާހީ ގޮތެއް ނޫރާގެ ހުރެއެވެ.
އެދުވަހު އެތަނުން ކައިނިމިގެން ނޫރާގޮވައިގެން އާޔަންދިޔައީ ގެއަށެވެ. އަނެއްދުވަހު ބާޒާރުކޮށް ކޮރެއާއަށްދިއުމަށް ތައްޔާރުވާން ޖެހޭނެތީއެވެ.
އެރޭ ނޫރާ ނިދަންވެގެން އުޅެނިކޮން ނޫރާމަންމަ ގުޅިއެވެ. ސައީދާ އާއި ވާހަކަ ދައްކަން ފެއްޓިތަނާހެން ޒޫނާ ފޯނުއަތުލިއެވެ. ނޫރާމަންމަ ކޮންމެސް އެއްޗެކޭބުނަން އުޅޭހެން ނޫރާއަށް ހީވިއެވެ. ނަމަވެސް ޒޫނާއާއި ހެދި ނުބުނެވިގެން އުޅެނީކަން ނޫރާއަށް އިނގުނެވެ. އެވާނީ ކޮންމެސް ސަރޕްރައިސްއެއް ރާވައިގެން އުޅެނީކަމަށެވެ. ނޫރާގެ މަންމައަށް އެއްކަމެއްވެސް ސިއްރެއްނުކުރެވޭނެކަން ނޫރާއަށް އިނގެއެވެ. ޒޫނާ އެއުޅެނީ ކޮންމެސް ވާހަކައެއް ނޫރާމަންމަ ނޫރާމެން ކައިރީ ބުނެފާނެތީކަން ނޫރާއަށް ޔަގީންވެއްޖެއެވެ.
ޖެހިގެންއައި ދުވަހު ހެދުނާ ނާސްތާކޮށްގެން އާޔަން ނޫރާގޮވައިގެން ދިޔައީ ވަރަށް ޝާހީ އެއްޗިހި ވިއްކާ މޯލްއަކަށެވެ. އެތަނުން ނުރާއަށް ދެތިން ހެދުމާއި ފައިވާނާ ދަބަސް އާޔަން ގަތެވެ. އަދި ކޮރެއާއިންވެސް ގަންނަންވާނެކަމަށް އާޔަން ބުންޏެވެ. އެދުވަހު ހަވީރަށް މޫސަމެން އެންމެން ގޮވައިގެން ނަންޑޯސްއަށް ދިއުމަށް އާޔަން ދައުވަތު ދިނެވެ. އާޔަން ދައުވަތުދިނީ އާޔަންމެން ފުރަންއުޅޭކަން އެމީހުނަށް އަދި ނޭގޭތީއެންމެން ކައިރީއެވާހަކަ ބުނާށާއެއްކޮނެވެ.
ހަވީރު ނޫރާއާއިއެކު އާޔަން ދިޔައީ ނަންޑޯސް ރެސްޓޯރެންޓަށެވެ. އެއީ ނޫރާއަށް އެންމެމީރު އެއްޗިހި ހުންނަތަނެވެ. އެތަނަށް ދިޔައިރު ލައި އާއި ފާތު ތިބީ އެތާއެވެ. އޭރު އަދި މޫސައާއި ޒީނާއާއި ނާއިފްއެއް ނާދެއެވެ. އެމީހުން އައިސް ވަންނާނެތީވެ އެންމެން އެތަނަށް ވަނެވެ.
“ފާތު ދަނީކޮންއިރަކު؟” ލައި ފާތުކައިރީ އަހާލިއެވެ.
“ފާތުއަށް ދެވޭނީއަދި ގްރެޖުއޭޓްވެގެން. މިހާރު އަދި ގޮއްސަ އިހަކަށްދުވަހުނު މިއައީ ދެން އެހާއަވަސް އަވަހަށް ދާކަށް މަންމަމެން ގަބޫލެއްނުވާނެ. ނޯމަނީ!” ފާތުބުންޏެވެ.
“ތިހެންވިއްޔާ މިއަހަރުގެ ޑިސެމްބަރގަ ދޯ އެއްކޮން ދާނީ؟” އާޔަންއެހިއެވެ.
“އާން! ދެން އެހެން ހަދަން ޖެހޭނީ އަދި އެބައޮތްދޯ އަށެއްކަމަސް ބާކީ! ހާދަ ފޫއްސެއްވާނެޔޭ. އަސްލު ނާއިފްއާ ހެދި މި މަޑުކުރަން ޖެހެނީ. ނާއިފްވެސް މިފަހަރު ނިމުނުނަމަ އޭރުން ދެވުނީސްމާލެ.” ފާތު ބުންޏެވެ. “ނާއިފްއަށް ނާއިފް ބައްޕަ ޓިކެޓް ނަގައިދޭއިރު ފާތުއަށްވެސް ނަގައިދޭނެވިއްޔަ!”
އެންމެން އައިސް ރެސްޓޯރެންޓަށް ވަދެ އިށީންތަނުން މޫސަމެން އައިސް ވަނެވެ.
“އޯޑަރ ދިނީތަ؟” މޫސައަހާލިއެވެ.
“ނޫނޭ! އަދި މިއައީ!” އާޔަން ބުންޏެވެ.
އެންމެން ކައިހަދައިގެން އެންމެންކައިރީ އާޔަންމެން ކުއްލިއަކަށް ކޮރެއާއަށްދާން ޖެހުނުވާހަކަ ބުނުމުން އެންމެންވެސް ތިބީ ފޫހިވެފައެވެ. އާޔަންމެން ދިޔައީމަ ވަރަށް ފޫހިވާނެކަމަށް އެންމެން ބުންޏެވެ.
“ތިމީހުންވެސް ދިޔައީނު އާޔަންމެން ތިއްބާ ކުރިންފަހަރު! މިފަހަރު މިދަނީ އާޔަންމެން!” އާޔަން ބުންޏެވެ.
އެދުވަހު އެންމެން ކައިނިމިގެން ދިޔައީ އާޔަންމެންގެ ގެއަށެވެ. އަދި އާޔަންމެން ފުރުވަން އެންމެން އެއަރޕޯރޓަށްވެސް ދިޔައެވެ. އާޔަންމެން ދިޔައީ މޫސަގެ ކާރުގައެވެ. އާޔަންމެން ޓާމިނަލް ތެރެއަށް ވަންނަންދެން އެންމެން ތިއްބެވެ.
ކޮރެއާގެ އެއަރޕޯރޓުން ނިކުމެގެން ނޫރާ ގޮވައިގެން އާޔަން ބޭރަށް ނިކުތްއިރު ލިމޯ ކަޅުކުލައިގެ ދެކާރު އައިސްއޮތެވެ. ކާރުތައްކައިރީ ތިބި ކަޅު ކޯޓުފަޓުލޫނުގައި ތިބި ހަތަރު މީހަކު އައިސް ބޯގުދުކޮށް އާޔަންއާއި ސަލާމް ކުރިއެވެ. އަދި ނޫރާއާއި ދިމާއަށްވެސް ބޯގުދު ކޮށްލިއެވެ. ނޫރާވެސް ބޯގުދުކޮށްލީ އާޔަންވެސް އެހެން ހެދީމައެވެ.
“ޗޮއް!” އާޔަން ހިތްހަމަ ނުޖެހިގެން ޗޮކެއް ކަޑާލިއެވެ. “އެވަރަށް އާޔަން ބުނިން އެއްކާރު ފޮނުވައްޗޭ!” އެއީ ނޫރާމެން ބަލައިއައިސް އޮތް ދެކާރުކަން ނޫރާއަށް އިންގުނީވެސް އާޔަންއެހެން ބުނުމުންނެވެ. ދެކާރުވެސް އެހާދިގުވެފައި އޮފްކަން ގަދައެވެ. އެތަނުން ފުރަތަމައަށް އޮތް ކާރަށް އެރުމަށް އާޔަން ނޫރާކައިރީ ބުންޏެވެ. އަދި އެތާހުރި ޑްރައިވަރާ ކޮރެއަބަހުން ވަހަކަތަކެއް ދެއްކުމަށްފަހު އާޔަންވެސް އައިސް ނޫރާއެރި ކާރަށް އެރިއެވެ. ކާރުތެރެ ހީވަނީ ހަމަ ކުޑަ ކޮޓަރިއެއް ހެނެވެ. ނޫރާގެ ކުރިމަތިން އިން ސީޓުގައި އާޔަން އިށީނެވެ. އަދި ނޫރާއަށް ބަލައިލަމުން ހިނިތުންވެލިއެވެ.
“މިތަނުން ބިއުޓީޕާރލަރ އަކަށް މަޑުކޮށްފަ އިނގޭ ދާނީ! މިހެން ތިއްބާ ހަލްމޮނީއަށް ފެނިއްޖެއްޔާ ހަލްމޮނީ އަނބުރައި ގަނެދާނެ.” އާޔަން ބުންޏެވެ. އަދި އާޔަންގެ އާއިލާމީހުނަށް ޙާއްސަކޮށްފައިވާ ޕާރލާރއަށް ވަދެ ވީހާވެސް ރީތިވެގެން އައުމަށް ޒޫނާވެސް ވަނީ އާޔަންއަށް އަންގާފައެވެ. އެއީ ހަލްމޮނީ އެވަގުތު ޙަފުލާއެއް ބާއްވައިގެން އުޅޭތީ ކަމުގައި ޒޫނާ ބުންޏެވެ.
ބާރު ސްޕީޑުގައި ކާރު ދުވަމުން ދެއެވެ. ނޫރާއަށް ބޭރުވެސް ފެންނަވަރެއް ނުވެއެވެ. ހީވަނީ ދުވާ ކޮޓަރިއެއްގައި އިނދެވޭހެނެވެ. އިރުކޮޅަކު ދުއްވުމަށްފަހު ކާރު ހުއްޓިއެވެ. އަދި ދޮރު ހުޅުވުމުން އާޔަންއާއި ނޫރާ ކާރުން ފޭބިއެވެ. އޭރު ގަޑިން ހެދުނު ނުވައެއްޖަހައިފިއެވެ. ނޫރާ ވަށައިގެން ހޯދާލިއެވެ. ކުރިމަތީހުރީ ބޮޑު އިމާރާތެކެވެ. ނަމަކަށް އިނީ ޖެނީ ހައުސް ބިއުޓީސެލޫން ވީ އައި ޕީ އެވެ. އެތަނަށް ނޫރާ ގޮވައިގެން އާޔަން ވަނެވެ. އެއީވަރަށް ތަނަވަސް ބޮޑު ތަނެކެވެ. އެތަނަށް ވަންތަނުން އެއައި މީހަކީ އަންހެނެއް ކަމެއް ފިރިހެނެއްކަމެއް ނޫރާއަކަށް ނޭގެއެވެ. ލައިގެން ހުރި އެތިންނާއި ބޮލާ ތަންތަން ހަދާފަ ހުރިގޮތުން ހީވަނީ އަންހެނެއް ހެނެވެ. ނަމަވެސް ކައިރިއަށް އައިސް އާޔަންއާއި ދިމާއަށް ބޯތިރިކޮށްލުމާއި އެކު ވާހަކަދައްކަން ފެށުމުން އެމީހާގެ ބަރު އަޑުން ފިރިހެނެއްހެން ހީވިއެވެ. އާޔަން އެއީ ޖެނީ ކަމުގައި ބުންޏެވެ. ނޫރާއަށް އެއީ އަންހެނެއްކަން ޔަގީންވީ ދެނެވެ. އެތައް އިރަކު ވާހަކަދެއްކުމަށްފަހު އެމީހާއައިސް ނޫރާއާއި ދިމާއަށް ބަލައިލިއެވެ. އަދި އިސްތަށިގަނޑުގައި އަތް ކާތާލުމަށްފަހު ނޫރާއާއި ދިމާއަށް ރަނޑުގޮތަކަށް ހީލިއެވެ. އެއަށްފަހު އެތަނުން އެހެން މީހަކަށް އިށާރާތްކޮށްލުމާއިއެކު އެމީހާއައިސް ނޫރާގެ ގައިން މިންތަކެއް ނެގިއެވެ. ދެން ނޫރާ ގެންގޮސް އެތަނުން ލޯގަނޑެއްގެ ކުރިމަތީއިން ގޮނޑިއެއްގައި ބޭންދިއެވެ. ނޫރާކައިރީ ލޯމެރުމަށް ބުންޏެވެ. އެމީހުން ނޫރާގެ މޫނުގައި އެއްޗެއް އުނގުޅަން ފެށިއެވެ. އިރުކޮޅަކުން މޫނު ދޮވުނެވެ. އަނެއްކާ އެހެން އެއްޗެއް އުނގުޅިއެވެ. ނޫރާއެހާލެއްގައި އުޅެނިކޮން ނޫރާއަށް އާޔަންވެސް ގެއްލިއްޖެއެވެ. ނޫރާ ކުޑަކޮން ޖެހިލުންވިއެވެ. ނަމަވެސް އާޔަން ނޫރާ އެކަނިކޮށްނުލާނެކަން ނޫރާއަށް އިނގެއެވެ.
އިރުކޮޅަކުން ބޯދޮއްވާފައި ބޮލުގައި އެއްޗިހިތަކެއް އުނގުޅަން ފެށިއެވެ. އެހެން ކުއްޖަކު އައިސް އަތުގައާއި ފައިގެ ނިޔަފަތިތައް އޮފްކުރަން ފެށިއެވެ. ދެން އެހެން މީހަކު ހަޔެއްކަ ހެދުން ހިފައިގެން އައިސް ނޫރާ ކައިރީ ހުރި ގޮނޑީގައި އަތުރާލިއެވެ. އެތަނުން ނޫރާ އެންމެ ބޭނުންވާހެދުމެއް ލުމަށް އެމީހުން ބުނީ އިނގިރޭސިންނެވެ. ނޫރާ އެތަނުން ފިޔާތޮށްޓާއި ހުދު ހުރި ހެދުމެއް ނަގައިގެންގޮސް އެހެދުން ލައިގެން އައުމުން އެންމެން އެންމެނަށް އެމީހުންގެބަހުން އެއްޗިހިތަކެއް ކިއުމަށްފަހު އެހެދުމާއި ގުޅޭ ފައިވާނަކާ ދަބަހެއް ގެނެސް ނޫރާއަތަށް ދިނެވެ. އަދި ގޮނޑީގައި ބައިންދާފައި އިސްތަށިގަނޑު އަޔަން ކުރަންފެށިއެވެ.
ކޮންމެއަކަސް ހުރިހާކަމެއް ނިމިގެން ނޫރާ ނެރުނީ އެންމެކުރިންވެސް އެތާހުރި ބޮޑު ލޯގަނޑެއްގެ ކުރިމައްޗަށެވެ. ނޫރާއަށް އެއީ ކާކުކަމެއް ނޭގިފައި ހުރެވުނީ ލޯގަނޑަށް ބަލާށެވެ. މޫނުވެސް ހުރީ އޮމާން ކޮށްލާފައެވެ. އިސްތަށިގަނޑުގައިވަނީ މުށިފާޑުކުލައެއް ޖައްސާފައެވެ. ނޫރާއަށްވެސް ނޫރާގެސޫރަ ނޭގުނެވެ.
އާޔަން ކުރިމަށްޗަށް ނޫރާގޮވައިގެން އެތާތިބި މީހުން ނިކުތެވެ. އޭރު އާޔަންހުރީ ކަޅުކުލައިގެ ކޯޓަކާއި ކަޅު ފަޓުލޫނެއްލައިގެންނެވެ. އެގޮތަށް އާޔަން ފެންނައިރު ވަރަށް ސުމާރޓު ކަމަށް ދައްކައެވެ. އާޔަންއަށް ނޫރާފެނުމުން ހުއްޓިގެން ހުރެވުނީ ކިހާއިރަކުކަމެއްވެސް ނޭގެއެވެ. ނޫރާއާއިދިމާއަށް ނަޒަރު ހުއްޓާލައިގެން އާޔަންހުރުމުން ނޫރާ ލަދުންގޮސް އިސްޖަހައިގެން ހުއްޓެވެ. އާޔަންއަށް ހޭވެރިކަންވީ ކާރު ޑްރައިވަރު އައިސް އާޔަންގައިގަ ކޮށްޓާލުމުންނެވެ.
އާޔަން ނޫރާގޮވައިގެން އައިސް ކާރަށް އެރުމާއިއެކު ކާރު ދުއްވާލިއެވެ. މިފަހަރު އާޔަންއިނީ ނޫރާއާއި ޖެހިގެންނެވެ. އާޔަން ނޫރާގެ ކޮނޑަށް އަތްވައްޓާލިއެވެ. އަދި ނޫރާގެ އުނގުމަތީއޮތް ނޫރާގެ އަތުގައި ހިފާލިއެވެ.
“މިއަދު ނޫރާ ހާދަ ރީއްޗޭ! އާޔަން ބޭނުންވަނީ އާޔަންގެ ވައިފްއަކަށް ހަމަ މިހާރު ހަދަން!” އާޔަން ނޫރާގެއަތަށް މަޑުމަޑުން ފިތާލަމުން ބުންޏެވެ.
“މިހާރު މިދަނީ ކޮންތާކަށް؟” ނޫރާ އަވަހަށް މަޢުލޫ ބަދަލުކޮށްލީ ލަދުގަނެފައި އިންވަރުންނެވެ.
“މިހާރު މިދަނީ ހަލްމޮނީގެ ޕެލެސްއަށް! އާޔަންމެން އަންނާތީ ހަލްމޮނީ އުޅެނީ ޕާރޓީއެއް ބާއްވައިގެންކަންނޭގެ. އާޔަން މަންމަ ގުޅާފަ ބުނީ ސެލޫންއަަށް ވަދެ ތައްޔާރުވެގެން އަންނަން! އާޔަންމަންމަ އާއި ނޫރާ މަންމަމެންވެސް ވީއެތާނގަ!” އާޔަން ނޫރާގެ އަތް ނަގާ އާޔަންގެ އުނގުމަށްޗަށް ލިޔެވެ. އަދި އާޔަންގެ ދެއަތުން ނޫރާގެ އަތުގައި ހިފާލައިގެން އިނެވެ. “ހަލްމޮނީގެ ޕެލެސްއަށް ކިޔަނީ ޕޮންޑް ސައިޑް ޕެލެސް! އެއީކުރީޒަމާނުގެ ވަރަށް އާސާރީ ގަނޑުވަރެއް! މިތާ ކޮރެއާގައި ވަރަށް މަޝްހޫރުވާނެ އެގަނޑުވަރު! ވަރަށް ގިނަމީހުން ބަލައިލަން ބޭނުންވެގެން އުޅޭތަނެއް އެއީ!” އާޔަން ބުންޏެވެ.
“ނޫރާ! މިތާ ކޮރެއާގަ އުޅޭއިރު ނޫރާއަށްވުރެން ބޮޑުމީހަކާ ސަލާމްކުރާއިރު ނޫރާވެސް މިގޮތަށް ޖެހޭނެ ބޯތިރިކޮށްލަން!” އާޔަން ބޯތިރިކޮށްލަމުން ނޫރާއަށް ދައްކާލިއެވެ. “އެއީ އިޙްތިރާމް ކުރުމުގެ ގޮތުން ކޮރެއާގެ އާދަކާދައިގައި ހިމެނޭކަމެއް! ދީނީކަމެއްނޫން! ކޮންމެދީނެއްގެ މީހަކުވެސް އެގޮތަށް މިތާ ކަންތައްކުރާނީ!” އާޔަން ނޫރާއާއި ކައިރިއަށް ގުދުވެލަމުން ވާހަކަދެއްކިއެވެެ. “ހަލްމޮނީ، އާޔަންގެ ޑެޑް، އާޔަންމަންމަ، ދެންގޮސް ހަނާއާންޓީ މިއެންމެނާ ސަލާމް ކުރަން ޖެހޭނީ އެގޮތަށް! ވަރަށް ވިސްނައިގެން އުޅެންވާނީ!” އާޔަން ބުންޏެވެ. “އާޔަންއަށް އިނގޭ އާޔަންމަންމަ އާއި އެގޮތަށް ސަލާމް ކުރުން ނޫރާއަށް ވަރަށް އޮޑްވާނެކަން އެހެންނަމަވެސް ހަލްމޮނީމެން ކުރިމަތީ އެހެން އުޅެން ޖެހޭނީ!” އާޔަން ނޫރާއަށް ބަލައިލީ ހިނިތުން ވެލަމުންނެވެ.
އެތަކެއްއިރު ކާރު ދުއްވުމަށްފަހު ކާރު ހުއްޓުމަކަށް އައެވެ. އިރުކޮޅަކުން ދޮރުހުޅުވިއްޖެއެވެ. އާޔަންއާއި ނޫރާ ކާރުން ފޭބުމާއިއެކު އަތްތިލަބަޑީގެ އަޑު މުޅިތަނަށް ފެތުރިގެން ދިޔައެވެ. ކާރު ހުއްޓިތަނުން ފެށިގެން ގެއާއި ހަމައަށް ދެފަރާތުގައި އަންހެނުންނާއި ކުޑަކުދިންނާއި ފިރިހެނުން އެތުރިލައިގެން ތިއްބެވެ. ކުރިމަތިން ފެންނަން ހުރި ބޮޑުއިމާރާތަކީ އެބުނާ ގަނޑުވަރެވެ. އެގަނޑުވަރުގެ ފުރާޅުހުރީ އިދިކީއްޔަށް މައްޗަށް ފޮޅިފައެވެ. ކޮންމެ ބުރިއެއްގައި ވެސް އެގޮތަށް މައްޗަށް ފޮޅިފައިވާ ފުރާޅުކޮޅެއް ހުއްޓެވެ. މުޅިއިމާރާތް ހީވަނީ ގިޑިގެއެއް ހެނެވެ. އާޔަން ނޫރާ ކައިރިއަށް ޖެހިލިއެވެ. އަދި ނޫރާއާއި އެއްވަރަށް ހިގަންފެށިއެވެ. ނޫރާއާއި އާޔަން ހިގަމުންދާވަރަކަށް ދެފަރާތުގައި ތިބިމީހުން ސަލާމްކޮށްލުމުގެ ގޮތުން ބޯގުދުކޮށްލައެވެ. އާޔަންވެސް ހަމަ އެގޮތަށް ބޯގުދުކޮށްލައެވެ. ނޫރާވެސް އާޔަންއާއި އެއްވަރަށް އެހެން ހަދައެވެ. ނޫރާއަށް އެއީވަރަށް އާކަމެކެވެ.
ދެމީހުންގޮސް ގޭގެ ދޮރާހަމައަށް އެރިއިރު އަމީނާ ހުރީ ގޭދޮރުމަތީއެވެ. އަމީނާ ކައިރީ ހަނާއާއި ހަނާގެ ދެކުދިން ތިއްބެވެ. ނޫރާއަށް އަމީނާފެނުމުން ނޫރާޖެހިލުންވިއެވެ. އެއީ އަމީނާގެމޫނުމަތިން ފެންނަންހުރީ ހަރުކަށި ގޮތެކެވެ. ހީވަނީ ރުޅިއައިސްފައި ހުރި މީހެއް ހެނެވެ. އަމީނާއަށް ނޫރާ ފެނުމުން އަޅައިގެން ހުރި ބުރުގާ ރަގަޅު ކޮށްލުމަށްފަހު މޫނު މައްޗަށް ހިނިތުންވުމެއް ގެންނަމުން ނޫރާކައިރިއަށް ޖެހިލިއެވެ. އަމީނާގެ އެހިނިތުންވުން ހީވަނީ ގަދަކަމުން ހީލައިގެން ހުރި ހެނެވެ. އަމީނާ ކައިރިއަށް އައުމުން އާޔަން އަވަހަށް ބޯބުދުކޮށްލަމުން ސަލާމް ކުރިއެވެ. ނޫރާވެސް އަވަހަށް ބޯގުދުކޮށްލިއެވެ. އަމީނާވެސް އެހެން ހަދާލަމުން އައްސަލާމް އަލައިކުމްއޭ ބުނެލިއެވެ. އަދި ނޫރާގައިގާ ބައްދާލިއެވެ. އަދި ނޫރާގެ ނިތްކުރިއަށް ބޮސްދިނެވެ. އެއަށްފަހު އާޔަން ކައިރީ ކޮރެއާބަހުން ކޮންމެސް އެއްޗެކޭބުނެލިއެވެ.
ހަނާވެސް އައިސް ނޫރާއާއި ސަލާމް ކުރީ ހަމައެފަދައިންނެވެ. ހަނާގެ މޫނުމަތިން ނޫރާއަށް ފެނުނީ ހިތްހެޔޮކަމާއި އޯގާތެރިކަމެވެ. ހަނާއައިސް އާޔަންކައިރީ ކޮންމެވެސް އެއްޗެކޭ ބުނުމުން އާޔަން ހަނާއަށް ހީލިއެވެ. ދެން ތިބީއާޔަންގެ ދެކޮއްކޮއެވެ. އެއީ އަމާނީ އާއި ޝަމާނީއެވެ. އާޔަންމެން އެކުދިންނަށް ކިޔަނީ އައްމު އާއި ޝައްމު އެވެ. އެކުދިން އައިސް އާޔަންގައިގަ ބައްދާލިއެވެ. އަދި ކޮރެއާބަހުން އެއްޗިހިތަކެއް ކިޔައިގަތެވެ. އެއަށްފަހު ނޫރާގައިގަވެސް ހަމަ އެގޮތަށް ބައްދާލިއެވެ. އެހާމޮޔަ ފިރިހެން ކުއްޖެއް ތިހޯދީ ކީއްކުރަންހޭ އިންގިރޭސިން ނޫރާކައިރީ އެހިއެވެ. އާޔަން އެކުދިންގެ ބޮލުގައި އަތުން ޖަހާލިއެވެ. އަދި ތީ މޮޔައެއްގެ ދެކޮއްކޮ ނޫންހޭ އިންގިރޭސިން ބުނެލިއެވެ. ނޫރާއަށް އެވަގުތު އެކުދިންނާއި އާޔަންގެ ގާތްކަން ފެނިގެން ދިޔައެވެ.
އާޔަން އާއި ނޫރާ އެތެރެއަށް ވަންއިރު އެތެރޭގައިވެސް ފުދޭވަރަކަށް މީހުން ތިއްބެވެ. އާޔަންގެ މަންމައާއި ބައްޕަ އައިސް އެމީހުނާ ސަލާމް ކުރިއެވެ. ޒޫނާ ފެނުމުން ނޫރާގެ ހިތަށް ހިތްހަމަޖެހުމެއް ވެރިވެގެން ދިޔައެވެ. ޒޫނާއަށް ނޫރާގެ ހިތުގައި އޮތް އެއްޗެއް އިނގުނު ކަހަލައެވެ. ނޫރާގެ އަތުގައި ހިފައިގެން ޒޫނާ އެއްފަރާތެއްގައި ތިބި ސައީދާއާއި ފާރޫޤްކައިރިއަށް ނޫރާ ގެންދިޔައެވެ. ފަހަތުން އާޔަންވެސް ދިޔައެވެ. ނޫރާހުރީ ނޫރާގެ ބައްޕަ ދެކިލާހިތުން ކެތްމަދުވެފައެވެ. ނޫރާފެނުމުން ސައީދާ ތެދުވެގެން އައިސް ނޫރާގައިގަ އޮޅުލައިގަތެވެ. ސައީދާގެ ލޮލުން ކަރުނަހިލިގެން ދިޔައެވެ. ނޫރާއާއި ދުރުގައި ސައީދާ ދުވަހަކުވެސް މީގެކުރިން އުޅެފައެއް ނުވެއެވެ. އެހެންވެ ސައީދާއަށް ކިހާއަސަރެއް ކުރާނެހެއްޔެވެ. ފާރޫޤްވެސް އިނީ ތެދުވަން ބޭނުން ވެފައެވެ. ނަމަވެސް ފާރޫޤް ތެދުވާނީ ކިހިނެއް ހެއްޔެވެ. މީހެއްގެ އެހީއާ ނުލާ ފާރޫޤަށް މިހާރު ކޮޅަކަށް ނުހުރެވެއެވެ. އެހެންނަމަވެސް ފާރޫޤުގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު އެތައްދުވަހެއް ފަހުން ފެނުނީތީއެވެ. ފާރޫޤް ދުރުގަ ހެވިފައިންތަން އާޔަންއަށް ފެނިގެން އާޔަންގޮސް ފާރޫޤްއާއި ސަލާމް ކުރުމަށް ފަހު ފާރޫޤް އިން ފުރޮޅުލީގޮނޑި ކޮށްޕާލަމުން އާޔަން އެމީހުނާ ކައިރިއަށް ފާރޫޤް ގެންދިޔައެވެ. ނޫރާއަށް ފާރޫޤް ފެނުމުން ނޫރާއައިސް ފާރޫޤް ގައިގާ އޮޅުލައިގަތެވެ. އަދި ހިފެހެއްޓުމެއްނެތި ރޯންފެށުނެވެ. ކައިރީގައިހުރި އާޔަން ނޫރާގެ ކޮނޑުގައި ހިފާއެތަނުން ނެގިއެވެ. އެވީވަގުތުކޮޅުގައިވެސް ފާރޫޤްގެކޮނޑު ވަނީ ނޫރާގެ ކަރުނައިން ތެމިފައެވެ. ފެންކަޅިވެފައިއިން ފާރޫޤް ލޯފޮހެލަމުން މޫނުމައްޗަށް ހިނިތުންވުމެއް ގެނެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އާޔަން ގެ ކޮނޑުގައި މޫނު ޖައްސައިގެން އޮވެ ނޫރާއަދިވެސް ރޮނީއެވެ. ޒޫނާ އިޝާރާތުން އާޔަންކައިރީ ނޫރާގޮވައިގެން އެތަނުން ދިއުމަށް ބުންޏެވެ.
އާޔަން ނޫރާ ގޮވައިގެންގޮސް ވަނީ ކޮޓަރިއަކަށެވެ. ނޫރާ ގޮނޑިއެއްގައި ބައިންދާފައި އާޔަން ނޫރާއަތަށް ޓިޝޫތަކެއް ލައިދިނެވެ. އަދިއާޔަން އައިސް ނޫރާއިން ގޮނޑީގެ ކުރިމަތީ ކަކޫޖަހައިގެން އިށީނެވެ. އަދި ނޫރާގެ މޫނާދިމާއަށް ގުދުވެލަމުން ނޫރާއަށް ބަލައިލިއެވެ.
“ޔުއަރ ފޭސް އިޒް މެސް! ފާހާނާއަށް ވަދެ މޫނު ދޮވެލަން ޖެހޭނީ! ރުއީމަ ތިއޮތީ ލޯކައިރި ފޭޑްވެފަ!” އާޔަން ބުންޏެވެ. ތެދެކެވެ. މިހާރު މުޅި މޫނުމަތީ ވަނީ ލޮލުގައި އަޅާފައިވާ އަނދުނާ މަސްކަރައިގެ ކަޅުކުލައެވެ.
“އެހެންވެ ނޫރާ މޭކަޕް ކުރާހިތް ނުވަނީ!” ނޫރާ އާޔަންއަށް ބަލައިލަމުން ބުންޏެވެ.
ނޫރާ ފާހާނާއިން ނުކުތީ މޫނު ދޮވެގެންނެވެ. އެމޫނުގައި މިހާރު އެއްވެސް މެކަޕެއް ނެތެވެ. އެއީ ނޫރާ އާނމުކޮން ހުންނަގޮތެވެ. އެއީ އާޔަންއަށް ނޫރާއެންމެ ރީތިގޮތެވެ. ނޫރާއަކީ ރީތިކުއްޖެކެވެ. ހަގީގަތުގައި ގުދުރަތީ ރީތިކަމެއް ނޫރާގެ ކިބައިގައި ލައްވާފައިވެއެވެ. އާޔަން ނޫރާއާއިއެކު ނުކުތުމުން ޒޫނާއައިސް އެދެމީހުން ސްޓޭޖްމައްޗަށް އެރުވިއެވެ. އޭރު ސްޓޭޖުމަތީގައި ސައީދާއާއި ފާރޫޤްވެސް ތިއްބެވެ. އޭގެ އިތުރުން އިސްމާހް، ހަނާ، ޒޫނާއާއި އަމީނާ ވެސް އެތާތިއްބެވެ. އިސްމާހް އަތުގައި މައިކެއް އޮތެވެ. ކޮންމެސް ވާހަކައެއް ދައްކަން އުޅޭހެން ހީވެއެވެ.
އިސްމާހް ވާހަކަ ދައްކަން ފެށިއެވެ. އިސްމާހް ވާހަކަދައްކަމުން ދަނީ ކޮރެއާބަހުންނެވެ. ނޫރާއަކަށް އެކަށްޗެއްވެސް ނޭގެއެވެ. ނަމަވެސް އާޔަންހުރީ އޭނަގެ ބައްޕަ ދައްކާވާހަކަ އަޑުއަހާށެވެ.
“މިއަދަކީ ވަރަށް އުފާވެރި ދުވަހެއް! މިއާއިލާގެ އުފާވެރިކަމުގައި އާއިލާގެ ގާތްތިމާގެ އެންމެންނާއި ހުރިހާ ރައްޓެހިންނާއި އަދި މަސައްކަތްކުރާ ހުރިހާ މުއައްޒަފުން ބައިވެރިވުމަކީ އަހަރުމެންގެ ވަރަށްބޮޑު އުފަލެއް! މިއަދަކީ އަހަރެންގެ ރައްޓެހި ފާރޫޤްގެ ހަމައެކަނި ދަރިފުޅު ނޫރާއާއި އަހަރެންގެ ފިރިހެން ދަރިފުޅު އާޔަންގެ އެންގޭޖު ކުރެވޭކުރެވޭ ދުވަސް!”