ވީމޭ އިންތިޒާރުގައި 13 ވަނަ ބައި
“އެދެމީހުން އެކަނި ގެއެއްގަ އުޅޭއިރު ނުތިބޭނެ ދުރުގައެއް! މަށަށް ޔަގީން ރައްޓެހިނުވިޔަސް ހުރިހާކަމެއް ކޮށްފަ ތިބޭނީ މިހާރު!” ރިޒުނާ އެހެން ބުނީ އަމީންއަށް އެކަނި އަޑުއިވޭވަރަށް ސިއްރުންނެވެ.
“ނޫރާ އަކީ ރިޒޫ ތިހީކުރާކަހަލަ ކުއްޖެއްނޫން! ނޫރާއަކީ މާ މާތް ކުއްޖެއް!” އަމީން ވެސް ސިއްރުން ރިޒޫކައިރީ ބުނެލިއެވެ.
“ކަލޭ ނޫރާއާ ހެދި އުޅޭތީ ތިހެން ތިބުނަނީ! މަޑުން ތިބޭގުރާ ބާރަށް ދައިގަންނާނެ!” ރިޒޫ ބުންޏެވެ.
އެންމެން ހަމަވުމާއެކު ފެންގަނޑު ކައިރިއަށްގޮސް ކުޅެން ހަމަޖެއްސި ކުޅިވަރުތައް ފެއްޓިއެވެ. ރަތްޓީމުން ކުޅެން ހަމަޖެއްސީ އަމީންއާއި މޫސައެވެ. ނޫ ޓީމުން ކުޅެން ހަމަޖެއްސީ ނާއިފްއާއި ޒީނާއެވެ. ދެޓީމުގެ ބައިވެރިން ޕޫލަށް އެރިއްޖެއެވެ. ކަށިގަނޑުފުމެން ބަހަށްޓާފަ ހުރީ މިންހޯއެވެ.
ކަށިގަނޑު ފުމެލުމާއިއެކު އަމީން އާއި މޫސަ އަނެއްކޮޅުގަ ތިބި ދެބައިވެރިންނަށް ފުއްޕާހަންތަން އެއްލަން ފަށައިފިއެވެ. ދެންތިބިމީހުން އެމީހެއްގެ ޓީމު މެމްބަރުންނަށް ސަޕޯރޓްކުރަން ފެށިއެވެ. ނޫރާވެސް މޫސައާއި އަމީން އަށް ސަޕޯރޓް ކުރަމުން ދެއެވެ.
“ކަމޯން އަމީން! އަމީން! އަމީން!” ނޫރާ އިރުކޮޅަކާ ގޮވާއަޑު އާޔަންއަށް އިވެއެވެ. އާޔަންއަށް މިހާރު ކުޅިވަރަކަށް ސަމާލުކަމެއް ނުދެވެއެވެ. އުނދަގޫވަނީއެވެ. ނޫރާ އަމީންއަށް ތަރުހީބުދޭތީއެވެ. އާޔަންއަށް ނުވެސް އެނގި އިންދާ ގޭމް ނިމިއްޖެއެވެ. ދެޓީމުގެ ބާލިދި ގުނިއިރު ރަތްޓީމުގެ ބާލިދީގައި އޮތީ ދިހަ ހަމެވެ. ނޫ ޓީމުގެ ބާލިދީގައި އޮތީ އެންމެ ހަ ހަމެވެ. އެގޭމުން މޮޅުވީ ރަތްޓީމެވެ. އާޔަން ހަންތައް ގުނަމުން ދިޔައިރު އާޔަން އިނީ ހިތްހަމަނުޖެހިފަހެން ނޫރާއަށް ހީވިއެވެ. އަނެއްކާ ކިހިނެއްވީބާއެވެ. އަނެއްކާ މަންމަ ގުޅީބާއެވެ. ނޫރާ ހިތައް ތަފާތު ހިޔާލުތައް އަރަމުން ދިޔައެވެ.
އެންމެން އައިސް ދިގު ގޮނޑިތަކުގައި އިށީނީ ވަރުބަލި ފިލުވާށެވެ. އާޔަންވެސް އައިސް ނޫރާ އިން ގޮނޑީގެ އެއްފަރާތުގައި އިށީނެވެ.
“އެހާވަރަށް އަމީންއަށް ސަޕޯރޓް ކުރަން ޖެހޭތަ؟” އެހެން މީހުނަށް އަޑުނީވޭވަރަށް އާޔަން ނޫރާ ކައިރީ ބުންޏެވެ.
“ނޫރާގެ ޓީމަށޭ ނޫރާ ސަޕޯރޓްކުރީ!” އާޔަން ހިތްހަމަ ނުޖެހިފަ އިނީ އަމީން އަށް ސަޕޯރޓް ކުރީމަކަން ނޫރާއަށް އިނގުނެވެ.
އާޔަން ނޫރާއަށް ނަޒަރު ހުއްޓާލިއެވެ. އެއީތެދެކެވެ. ކަމަކާނުލާ އާޔަން ރުޅިއަންނަނީއެވެ. ނޫރާ އަމީންއަށް ސަޕޯރޓް ކުރިއަސް އޭގެމާނައަކީ ނޫރާ އަމީންދެކެ ލޯބިވަނީކީ ނޫނެވެ. އާޔަން ހާދަމޮޔައޭ އާޔަންއަމިއްލައަށް ހިތައް އެރިއެވެ.
މެންދުރު އެންމެން ކެއީ ޕިއްޒާއެވެ. އެއަށްފަހު ނަމާދުކޮށްލައިގެން އައިސް ކުޑަކޮން އަރާމުކޮށްލަން އެންމެންވެސް ތިއްބެވެ. ކޮންމެމީހަކުވެސް އެބައެއްގެ އަމިއްލަ ވާހަކައިގައި ތިއްބެވެ. މޫސައާއި އާޔަން ވާހަކަ ދައްކަމުންދާއިރު އެތާކައިރީ އިށީނދެލައިގެން ރިޒުނާ އިނެވެ. ފާު، ލައި އާއި ނޫރާ ތިބެގެން ދައްކަނީ ނޫރާގެ ބައްޕަގެ ހާލަތުގެ ވާހަކައެވެ. ދާދި ދެންމެއަކުވެސް ނޫރާގެ މަންމަ ނޫރާއަށް ގުޅިއެވެ. ދާދިގާތުގައި ނާއިފްއާއި ޒީނާ އެއްގޮނޑިއެއްތެރޭ ފިތިބާރުވެގެން ދެމީހުން ތިއްބެވެ. އަމީން ހުރީ ބަގީޗާ ބަލަހައްޓާ މިންހޯއާއި ކޮންމެސް ވާހަކައެއް ދައްކާށެވެ.
އެހެންތިބެ އިރުކޮޅެއްފަހުން ނާއިފްއާއި ޒީނާ ޕޫލަށް އެރުނެވެ. އަދި އެންމެނަށް ގޮވަންފެށިއެވެ. ލައިވެސް ފުންމާލިއެވެ. އެއަށްފަހު މޫސަ އާއި އަމީންވެސް އެރިއްޖެއެވެ. ނޫރާވެސް ތެދުވީ ޕޫލަށް އެރޭށެވެ. ކުރިމަތީހުރި ރިޒޫ އޭރު ޕޫލަށް އެރެންވެގެން ޓީޝާރޓް ބާލަނީއެވެ. ނޫރާ ކައިރީހުރި ފާތުއަށް އެތަން ފެނިގެން ރުޅިއައިސްގެން ކުދިކިޔަންފެށިއެވެ.
ރިޒޫ ޓީޝާރޓް ބާލައިގެން ހަމައެކަނި ސުއިމިންސޫޓްއާއި އެކު ތުއި ގޮތަކަށް ހިނގާލާފައި އައިސް ޕޫލްގެ ސިޑިން ދެފަރާތަށް އެނބުރެމުން ކިރެމުން ކަހަލަގޮތަކަށް ޕޫލަށް އެރިއްޖެއެވެ. އެދިމާއަށް ކަޅި ހުއްޓިފައި މޫސައާއި ނާއިފް ތިއްބެވެ. މޫސަކައިރީ ހުރި ލައި މޫސަ ބޮލުގައި އެތިފަހަރެއް ޖަހާލިއެވެ. މޫސަ ދިޔައީ ސިއްސައިގެންނެވެ. ޒީނާ އައިސް ނާއިފް އާއި ދިމާއަށް ފެން ބުރުއްސާލިއެވެ. ނާއިފް ސިހިފައި ޒީނާއަށް ބަލައިލިއެވެ.
“ދުވަހަކުވެސް އަންހެނެއް ނުފެންނަނީތަ؟” ޒީނާ ވަރަށް ރުޅިއައިސްގެން ނާއިފް އާއި ދިމާއަށް ބުންޏެވެ. ނޫރާ ބަލައިލީ އާޔަންއަށެވެ. ނޫރާ ހީކުރީ އާޔަންވެސް ހުންނާނީ ރިޒޫއާއި ދިމާއަށް ބަލަން ކަމަށެވެ. ނަމަވެސް އާޔަން އުޅެނީ އަމީންއާއިއެކު ފެތުމުގެ ރޭހެއްގައެވެ. ކުޑައިރުކޮޅަކުން ރިޒުނާ ޕޫލުން އެރިއެވެ.
އެކިކަހަލަ ކުޅިވަރުކުޅެ މަޖާނަގަން އެންމެން އުޅުނެވެ. މުޅި މާހައުލަށް އޮތީ އުފާވެރިކަން ވެރިވެފައެވެ. އެތައްއިރަކު ކުޅުމަށްފަހު ޒީނާއާއި ނާއިފް ފެންގަނޑުން އެރިއެވެ. އަދި އައިސް ގޮނޑީގައި އިށީނދެ ގައިހިއްކާލިއެވެ. ލައި އައިސް ލައިގެ ސްކާރފް އުނަގަނޑުގައި އޮޅާލުމަށްފަހު ފާތުއަށް ފާތުގެ ތުވާލި އެއްލިއެވެ. ފާތު ގައި ހިއްކަން ހުއްޓާ ނޫރާއެތަނަށް އައެވެ. އާޔަންހުރީ އާޔަންގެތުވާލިން ބޯހިއްކާށެވެ. ނޫރާ އައިސް އާޔަންބޯހިއްކާތަން ބަލަން ހުއްޓެވެ.
“ކިހިނެއްވީ؟” އާޔަންބޯހިއްކަމުން ނޫރާއަށް ބަލައިލަމުން އަހާލިއެވެ.
” ރިޒޫ އެއޮތީ ނޫރާގެ ތުވާލި އޮޅައިގެން!” ނޫރާރިޒޫ އޮތްދިމާލަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. އާޔަން އެދިމާއަށް ބަލައިލިއެވެ. ރިޒޫ ތަންކޮޅެއް ދުރުގަ އޮތް ގޮނޑިއެއްގައި އައިނުއަޅައިގެން ކަންފަތަށް އިއަރފޯނު ޖަހައިގެން ފައި ހަލުވާލަހަލުވާލަ އޮތެވެ. އަމީންވެސް ރިޒޫކައިރީ ގައިހިއްކަން ހުއްޓެވެ.
“އަން! ނޫރާ މީތި ޔޫސްކޮށްލާ!” އާޔަން އާޔަންގެ ތުވާލި ނޫރާއަށް ދިއްކޮށްލަމުން ބުންޏެވެ.
ނޫރާ އާޔަންގެ ތުވާލިން މޫނު ފޮހެލުމަށްފަހު އުނަގަނޑުގައި ތުވާލި ބަނދެލިއެވެ.
“ވަރަށް ވަރުބަލި ވެއްޖެ!” ލައި ގޮޑިއަކަށް ވެއްޓިގަންނަމުން ބުންޏެވެ.
“ވަރަށް ބަނޑުހައިވެސްވެއްޖެ! އަސްލުވެސް!” މޫސަ ބުނެލިއެވެ.
އާޔަން ގަޑި ބަލައިލިއެވެ. އޭރު ހަތަރެއްޖަހަން އުޅެނީއެވެ. އާޔަން އެތާހުރި ޝިންބީއަށް ގޮވާލުމަށްފަހު ކޮރެއާބަހުން ވާހަކަތަކެއް ދެއްކިއެވެ. ޝިންބީ އެތެރެއަށް ވަދެގެން ހިގައްޖެއެވެ.
އެވަގުތު ގޮނޑިމަތީއޮތް ނޫރާގެ ފޯނު ރިންގުވާންފެށިއެވެ. ނޫރާފޯނުނަގާ ބަލައިލިއެވެ. ގުޅަނީ ނައީމާއެވެ. ނޫރާ ބަލައިލީ އާޔަންކޮބައިތޯއެވެ. އޭރު އާޔަން ގޭތެރެއަށް ވަނުމަށްޓަކައި ދެއެވެ.
“ހެލޯ! ތުއްތާ،” ނޫރާ އެންމެނާ ދުރަށް ޖެހިލަމުން ޖަވާބުދިނެވެ.
އެވަގުތު ސައި ހިފައިގެން ޝިންބީ އައެވެ. އަދި ޝިންބީ ފަހަތުން ޖަންދީއައީ ހެދިކާ ހިފައިގެނެވެ. އެތާހުރި މޭޒުމަތީ އެއްޗިހި އަތުރާ ދާދިއަވަހަށް ތައްޔާރު ކޮށްލައިފިއެވެ.
“ކޮބާ! ބަންޑުހައިވެގެން އުޅޭމީހުން ކާންވީ އިންގޭ!” އެދިމާއަށް އައި އާޔަން ބުންޏެވެ.
އެންމެން ކެއުމާއިގެން އުޅެންފެށިއެވެ. އެންމެންވެސް ތިބީ ވަރަށް ބަނޑުހައިވެފައެވެ. ނޫރާ ތައްޓަށް އެއްޗިހި އެޅުމަށްފަހު ލައި ކައިރީހުރި ގޮނޑިއެއްގައި އިށީނދެ ކާންފެށިއެވެ.
ދުރުގަ އޮށޯވެގެން އޮތް ރިޒޫ ތެދުވެއްޖެއެވެ. ތެދުވެ އެންމެން ސައިބޯން ތިބިތަން ފެނިގެން އަވަހަށް ކަންފަތަށް ޖަހާފައިން އިއަރފޯން ނަގައިފިއެވެ. ލައިގެން ހުރި ސޫޓު ރަގަޅުކޮށްލުމަށްފަހު ފަރިގޮތަކަށް ހިގާލާފައައިސް ތައްޓަކަށް އެއްޗިހިއަޅައިގެން އެތަނުން ގޮނޑިއެއްގައި އިށީނެވެ.
ނޫރާ ކައިނިމިގެން ކޮޓަރިއަށް ދިޔައީ ނަމާދުކޮށް ހަދާލާށެވެ.
އެންމެން ކައިނިމިގެން އެކިމީހުން އެކިދިމާލަށް ޖެހިފައި ތިއްބެވެ. މޫސަ ނިދާފަ އޮތް ގޮނޑީގެ އަރިމަތީގައި ލައި އާއި ފާތު އިށީނދެގެން ތިބެ އޮލަވާހަކައެއް ދައްކަމުންދެއެވެ. ޒީނާއާއި ނާއިފް އެއްގޮނޑިތެރޭ ފިތިބާރުވެގެން ތިއްބެވެ. ރިޒޫ އޮށޯވެގެން އޮތްގޮނޑީގެ ފައިލާކޮޅުގައި އަމީން ފޯނާކުޅެން އިނެވެ. ހުރިހާ ފޯނުތަކާއި ތުވާލިތަކެއް އަތުރާފައި ހުރިގޮނޑީގައި އާޔަން ފޯނު ހިފައިގެން އިނެވެ. އާޔަން ނޫރާއަށް ގުޅަނީއެވެ. ނޫރާގެފޯނު އެތަނުން ރިންގުވާއަޑު އިވުމުން ފޯނު ކަނޑާލުމަށްފަހު ނޫރާގެފޯނު ނެގިއެވެ. ނޫރާގެފޯނަށް އޭރު މެސެޖެއް އައިސްފައި އިނުމުން އާޔަން ފޯނުނަގާ ބަލައިލިއެވެ. އެއީ ނޫރާމަންމަމެން މީހަކު ކަމަށް ހީކޮށެވެ. ނަމަވެސް އެއީ އަމީން ފޮނުވާފައި އޮތް މެސެޖެކެވެ. އެ މެސެޖުގައި “ނޫރާ! ޔޫލުކް ވެރީ ޕްރިޓީ ޓުޑޭ! އައި ތިންކް އައި އޭމް ފޯލިން ފޮޔޫ! އައި ނީޑް ޓު ޓޯލކް!” މިހެން ލިޔެފައޮތެވެ.
އާޔަން އަމީންއަށް ބަލައިލިއެވެ. އަމީން އިނީ ފޯނާކުޅޭށެވެ. އާޔަން ނޫރާގެ ފޯނު ގޮނޑިމަތީ ބޭއްވިއެވެ. އަދި އެހެން މީހުނަށް ބަލައިލިއެވެ. ލައިއާއި ފާތު އެތަނުން ތެދުވެގެން ގޮސްގޭތެރެއަށް ވަންނަނީއެވެ. އަމީންވެސް އެމީހުން ފަހަތުން ދާތަން އާޔަންއަށް ފެނުނެވެ. ދެންތިބިއެންމެންވެސް ތިބީ ރެސްޓު މޫޑުގައެވެ. އާޔަން އެގޮނޑިން ތެދުވެ ނޫރާގެ ފޯނު ހިފައިގެން ޖެހިގެން އިންގޮނޑީގައި ޖައްސާލިއެވެ. އާޔަން ވިސްނަމުން ދަނީ އެމެސެޖަށް ނޫރާ ޖަވާބުދޭނެ ގޮތަކާމެދުއެވެ.
އާޔަން ލޯމަރާލައިގެން އޮއްވާ ކޮންމެސް މީހަކުއައިސް އާޔަންގެ މޫނާ މޫނު ކައިރިކޮށްލުމުން އާޔަން ކުއްލިއަކަށް ލޯހުޅުވާލިއެވެ. އަދި އެއީ ރިޒޫކަން އިނގުމުން ރިޒޫކޮށްޕާލުމަށްފަހު ފުންމައިގެން ތެދުވިއެވެ. ރިޒޫ ކޮށްޕާލުމުން އޭނަގޮސް ބިންމައްޗަށް ގުޅައަކަށް ޖެހިފައޮތެވެ. އާޔަން ހުރީ ވަރަށް ރުޅިއައިސްފައެވެ.
ރިޒޫ ރޯންފެށިއެވެ. އެއަޑަށް ނިދާފަތިބި ޒީނާއާއި ނާއިފް ހޭލިއެވެ. އަދި މޫސަވެސް ތެދުވެގެން އާޔަން ކައިރިއަށް އައެވެ.
“ކިހިނެއްވީ؟” މޫސަ އެހިއެވެ. އެތާތިބި އެކަކަށްވެސް ވީކިހިނެއްކަމެއް ނޭގެއެވެ.
“އަހަރެން އަސްލު ބަލައިލީ އާޔަން އޮތީ ނިދާފަތޯ!” ތިރިއަށް ވެއްޓިފައި އިން ރިޒޫ ރޮމުން ބުންޏެވެ.
“އެހާ ކައިރިވެގެންތަ ނިދާފަ އޮތްތޯ ބެލެނީ؟ އެހެންނޫނަސް ކީއްކުރަން އާޔަން ނިދާފަ އޮތްތޯ ބަލަންވީ؟” އާޔަން އަދި މާގަދައަށް ރުޅިއައިސްފިއެވެ. މޫސަ އަށް ކޮންމެސް ވަރަކަށް ވެގެން އުޅޭގޮތް ނަގައިގަނެވުމުން މޫސަ އައިސް އާޔަން ކައިރީ ހުއްޓުނެވެ.
“ރިލެކްސް! އާޔަން ރިލެކްސް!” މޫސަ ބުންޏެވެ.
“ރިލެކްސް ވެވޭނެތަ؟” އާޔަން ބުންޏެވެ. އެވަގުތު އެތަނަށް ނޫރާ އައެވެ. ނޫރާއައި އިރުވެސް ރިޒޫ އިނީ ބިންމަތީއެވެ. ނޫރާހުރީ ވެގެން އުޅެނީ ކީއްކަމެއް ނޭގިފައެވެ. އާޔަންހުރީ ވަރަށް ރުޅިއައިސްފަކަން ނޫރާއަށް އިނގުނެވެ. އާޔަން އެހާ ރުޅިއައިސްފަ ހުއްޓާ ނޫރާ ނުދެކެއެވެ.
“މިގޭގަ އެންމެ އިރުކޮޅަކުވެސް ރިޒުނާ ހުންނާކަށް އާޔަން ބޭނުމެއްނޫން!” އާޔަން ބުންޏެވެ. މޫސަ އާޔަންގެ ކޮނޑުގައި ހިފާލަމުން އެތަނުން ގޮނޑިއެއްގައި ބޭންދިއެވެ. އާޔަންގެ ރުޅި މައިތިރިކުރެވޭތޯ މޫސަ މަސައްކަތްކުރަނީއެވެ. އެވަގުތު އާޔަންއަށް ނޫރާ ފެނުނެވެ. ފެނުމާއިއެކު އާޔަންގެ މިޒާޖު މުޅިން ބަދަލު ވެގެން ހިގައްޖެއެވެ. އައިސްފަ ހުރި ރުޅި އެއްކޮން ފިލައިގެން ހިގައްޖެއެވެ.
އޭރު ނާއިފް އާއި ޒީނާ ގޮސް ވެއްޓިފައި އޮތް ރިޒޫ ނަގައިފިއެވެ. ރިޒޫގެ ނިތްކުރިން ތަންކޮޅެއް ރަތްވެފައި ހުއްޓެވެ. އޭނާ ވެއްޓުނު ވަގުތު އެތާއިން ހޮޅިއެއްގައި ނިތްކުރި ޖެހުނީއެވެ.
ނާއިފް އެތެރެއަށްގޮސް އަމީން ގޮވައިގެން އައެވެ. އަމީން ފެނުމުން އާޔަންގެ ލޭ އިތުރަށް ކެކިގަތެވެ. ނަމަވެސް އެއްޗެއްނުބުނެ އާޔަން އިނީއެވެ.
“ކިހިނެއްވީ؟” އަމީން އައިސް ބުންޏެވެ.
“އަހަރެން އާޔަން ނިދާފަތޯ އޮތީ ބަލައިލަންވެގެން އާޔަންއާއި ދިމާއަށް ގުދުވެލި ވަގުތު އާޔަން އަހަރެން ކޮށްޕާލީ” ރިޒޫ ތުއިވެފައި ބުންޏެވެ.
“ރިޒޫ ކީއްކުރަން އާޔަން ނިދާފަތޯ އޮތީ ބަލަން ގުދުވަނީ؟” އަމީން ބުންޏެވެ.
“ނިދާފަތޯ އޮތީބަލަން ގުދުވާއިރު ރިޒޫގެމޫނު ކިރިޔާ އާޔަންގެ މޫނުގަ ނުޖެހި ހުރީ! އެހާވެސް ކައިރިންތަ ރިޒޫއަށް ފެންނަނީ؟ އައިނެއް އަޅަންވީނު.” އާޔަން އަނެއްކާވެސް ރުޅިގަދަވާން ފެށިއެވެ.
“އަމީންދޭ ރިޒޫގޮވައިގެން! އާޔަން ބޭނުމެއްނޫން ރިޒޫ މިގޭގަ ބަހަށްޓާކަށް!” އާޔަން ބުންޏެވެ.
އާޔަން އެހެން ބުނުމުން ރިޒޫގޮސް ގެއަށް ވަނެވެ. އަމީން އެއްޗެއް ނުބުނެ ހުއްޓެވެ. އާޔަން ކައިރީ އިން މޫސަ ތެދުވެގެން އަމީން ކައިރިއަށް އައެވެ.
“އަމީން ދާން ބޭނުން ނޫނިއްޔާ މޫސަ ދަންތަ ރިޒޫ ގެއަށް ލައިދޭން؟” އަމީންއާއި ދިމާއަށް މޫސަ ބުންޏެވެ.
“ނޫނޭ! އަހަރެން ޓެކްސީއެއްގަ ހިގައިދާނަން!” އަމީން ބުންޏެވެ.
އަމީން ނޫރާއަށް ބަލައިލުމަށްފަހު ގޭތެރެއަށް ވަދެގެން ހިގައްޖެއެވެ. ނޫރާވެސް ހުރީ ބުނާނެއެއްޗެއް ނޭގިފައެވެ. އެވަގުތު އާޔަން އަތުގަ އޮތް ނޫރާގެފޯނު އާޔަން ނޫރާއަތަށް ދިނެވެ.
“ތިއަށް މެސެޖެއް އައި! އާޔަން ހީކުރީ މަންމަކަމަށް ހީކޮށް މެސެޖު ކިޔާލެވުނީ! ސޮރީ!” ރުންކުރު ގޮތަކަށް އާޔަން ބުންޏެވެ.
ނޫރާ ފޯނުބަލައިލިއެވެ. އަދި އެންމެ ފަހުން އައިސްފަ އިން މެސެޖު ކިޔާލުމާއި އެކު ނޫރާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވާން ފެށިއެވެ. އަމީންގެ ހިތުގަ ނޫރާއާއި މެދު އޮތީ ރައްޓެހިކަން ނޫންކަން ނޫރާއަށް އިނގުނެވެ. ނޫރާ އާޔަންއަށް ބަލައިލިއެވެ. ނޫރާ ފޯނުން މެސެޖު ކިޔަންފެށީންސުރެ އާޔަން އިނީ އާޔަންގެ ނަޒަރު ނޫރާއަށް ހުއްޓާލައިގެންނެވެ.
“ކިހިނެއް ހަދަނީ؟” އާޔަން ބުމަ އަރުވާލަމުން އަހާލިއެވެ.
“އަންނާނަން!” ނޫރާ ހިނގައިގަންނަމުން ބުންޏެވެ. އާޔަން ނޫރާގެ އަތުގައި ހިފިއެވެ.
“ކީކޭބުނަން ތިދަނީ؟” އާޔަންއަށް ބޭއިހްތިޔާރުގައި އަހާލެވުނެވެ.
“ދެން ކޮންމެސް ޖަވާބެއް އަމީންއަށް ދޭންވާނެތާދޯ.” ނޫރާގެ އަތް ދަމައިގަންނަމުން ނޫރާ ބުންޏެވެ.
“އާޔަންކައިރީ ބުނެފަ ދޭބަލަ އަމީން ކައިރީ ތިބުނަން އުޅޭއެއްޗެއް.” އާޔަންހުރީ ހިތްހަމަނުޖެހޭގޮތް ވެފައެވެ. ނޫރާ ބޭނުންވީ އާޔަން އިތުރަށް ރުޅިއަރުވާލާށެވެ.
“އައިސްސަ ބުނާނަން. ނޫރާއަކަށްވެސް ނޭގެ ނޫރާއަށް ބުނެވޭނީ ކީކޭކަމެއް އަމީން ފެނުނީމަ.” ނޫރާއެހެން ބުނަމުން ހިގައިގަތެވެ. އާޔަން އިތުރަށް އެއްޗެއް ނުބުނެ ބަލަން ހުރީއެވެ. ލޮލުން ފާޅުވާން ހުރީ ހިތްދަތިކަމެވެ.
ނޫރާ ގޮސް އަމީންމެން އުޅޭ ކޮޓަރިއަށް ވަނީޓަކި ޖެހުމަށްފަހުއެވެ. އޭރު އަމީން ދަބަހަށް އޭނަގެ ސާމާނު އަޅަނީއެވެ.
“އަމީން!……..” ކުޑަކޮން ހުއްޓުން އަރާފަހުރެފަ ހަމަޖެހިލަމުން ނޫރާ އަމީން ކައިރީ ބުންޏެވެ. “އަމީން ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވާ ވާހަކަ މެސެޖް ކުރީމެއްނު!”
“އާން…. އެއީ އެއީ….!” އަމީންގެ އަޑު ބެދިއްޖެއެވެ. އަދި ބުނަން އުޅޭ އެއްޗެއް ރަގަޅަށް ނުބުނެވިގެން އުޅެނިކޮން ނޫރާ ވަހަކަ ދައްކަން ފެށިއެވެ.
2 Comments!
Comments are closed.
v reethi story ye i love it…..
14 vana baya inthixaarukuran…