ވީމޭ އިންތިޒާރުގައި 12 ވަނަ ބައި
އެހުރިހައިރު އާޔަން ހުރީ ނޫރާގެ ހަރަކާތްތަކަށް ބަލާށެވެ. ނުރާ ކުރާކޮންމެ ހަރަކާތެއްވެސް އާޔަންއަށް ވަރަށް ކަމުދެއެވެ. ފައި ފެންގަނޑުތެރޭ ތަޅުވަމުން ދާގޮތާއި ނޫރާ އިށީނދެލައިގެން އިންގޮތްވެސް ވަރަށް ހިތްގައިމެވެ. ނޫރާ އެތަނުން ދިއުމުން އާޔަންވެސް ކޮޓަރިއަށް ވަނެވެ.
ނޫރާ ފަތިހު ހޭލީ ފަތިސް ނަމާދަށެވެ. ނަމާދުކޮށްގެން ފޮށީގައި ހުރި އެއްޗިހި ރީތިކޮން އަލަމާރިގައި އަޅުވާލިއެވެ. ނޫރާ މާގިނަ އެއްޗެއް ނުގެނެއެވެ. ނިދަންލާ ހެދުމަކާއި ގޭތެރޭގައި ލާނެ ދެ ހެދުމަކާއި އަދި ޔުނީއަށް ދާނެ ހެދުމެއް ފިޔަވާ އިތުރު ހެދުމެއް ނޫރާ ނުގެނެއެވެ. ޒޫނާ ފަހުން ގެންނާނީއޭ ބުނީމަ ނޫރާވެސް އެގޮތަށް އޭރު ވިސްނީއެވެ. ރީތިވާސާމާނުތަށް ލޯގަނޑު ކައިރީގައި ހުރި ކަބަޑުމަތީ އަތުރާލުމަށް ފަހު ތުވާލި ހިފައިގެން ނޫރާ ވަނީ ފާހާނާއަށެވެ. ބިލިގާއަށް ފެންފުރާލުމަށް ފަހު އެއަށް ބާތު އަޅާލިއެވެ. ނޫރާ ބިލިގާއަކަށް މީގެކުރިން ދުވަހަކުވެސް ނޭރެއެވެ. ނަމަވެސް ފިލުމު ތަކުގައި މިގޮތަށް ކަންތައް ކުރާތަން ނޫރާއަށް ފެނެއެވެ. ނޫރާ ބިލިގާ ތެރޭ އެތައް އިރަކު އޮތެވެ. މުއްސަނދިން އުޅެނީ ހާދަ އަރާމަކާއި ހިތްހަމަ ޖެހުމެއްގައޭ ނޫރާ ހިތަށް އަރަމުން ދިޔައެވެ.
އާޔަން ތިރިއަށް ފޭބިއިރު ނޫރާ އިނީ މޭޒުކައިރީ ނާސްތާކުރާށެވެ. އާޔަން އައިސް ނޫރާއާށް ސަލާމް ގޮވާލުމާއިއެކު އިށީނެވެ.
“ރޭގަ ރަގަޅަށް ނިދުނުތަ؟” އާޔަން ނޫރާ ކުރެން އަހައިލިއެވެ.
“އާން! ޖާވިދު ވެސް ތިހެން އެހި ދެންމެ ކާންހަދަމުން. އެއީ ކީއްވެ އެހެން އަހަނީ އެންމެން؟” ނޫރާ އެއީ އާކަމަކަށް ވެގެން އާޔަން ކައިރީއަހާލިއެވެ.
“އެއީ ހެދުނުގެ ސަލާމާއި އެކު އާނމުކޮން ކޮރެއާމީހުން އަހާލާއެއްޗެއް! ރީތި އާދައެއް އެއީ އެހެންވެ އެ އަހާލަނީ! އާޔަންވެސް ކުޑައިރު ކޮރެއާގަ އުޅުނީމަ އެކަހަލަ ކަންތަކުގަ ހިފިފަ ހުރީ.” އާޔަން ޕާންފޮތި ނަގަމުން ބުނެލިއެވެ.
“އެހެންދޯ! އެހެން ވިއްޔާ އެމީހުން ކޮންމެ މީހަކާ ދިމާއަށް ބޯގުދުކޮށްލަނީ އެއީ ސަލާމެއްތަ؟” ނޫރާ ސައި ކޯވަރެއް ބޯލިއެވެ.
“އާން! ބައެއް ފަހަރު ސަލާމް ކުރުމުގެ ގޮތުން ނޫނީ އަނެކާއަށް އިޙްތިރާމް ކުރުމުގެ ގޮތުން އެމީހުން ކުރާކަމެއް އެއީ! އާޔަން ވެސް ކޮރެއާއަށް ގޮސް އުޅެނީ އެހެން.” އާޔަން ޕާންފޮތިން އެތިކޮޅެއް ކާލިއެވެ.
“އާޔަންގެ ޕްރެސެންޓޭޝަން ރޭގަ ނިމުންތަ؟” އާޔަންއަށް ބަލައިލަމުން ނޫރާ އަހާލިއެވެ. ނޫރާގެ މިއަދު ހާދަ ސުވާލު ގިނައޭ އާޔަން ހިތައް އެރިއެވެ.
“އާން ނިމުނު. މިއަދު ހުށައަޅަން ޖެހޭ!” އާޔަން ސައިތަށި ބޯލިއެވެ. އޭރު ނޫރާ ކައިނިމިގެން އާޔަން ނިމެންދެން އިނީ މަޑުކޮށް ލައިގެންނެވެ.
“ބެސްޓް އޮފް ލަކް!” އާޔަން ތެދުވުމުން ނޫރާ ވެސް ތެދުވަމުން ބުންޏެވެ. އާޔަން ނޫރާއަށް ހިނިތުން ވެލިއެވެ.
އާޔަން ފަހަތުން ނޫރާ ހިގައިގަތީ ގޮނޑީގައި އަޅުވަފައި އިން ދަބަސް ނަގާ ކޮނޑުގައި އަޅުވައިގެންނެވެ. އެވަގުތު ނޫރާގެ ފޯނު ރިންގު ވާން ފެށިއެވެ. އެއީ ސައީދާއެވެ.
“މަންމާ!” ނޫރާގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. ނޫރާ ކާރަށް އެރިއިރުވެސް ސައީދާއާއި ވާހަކަ ދައްކަނީއެވެ. އެތައް އިރަކު ވާހަކަ ދެއްކުމަށް ފަހު ފޯނުކަންފަތުން ތިރިކޮށްލީ މަޑުމައިތިރި ކަމާއެކުއެވެ. ނޫރާގެ ލޮލަށް ކަރުނަ ގިނަވަމުން ދިޔަ މަންޒަރު ކާރު ދުއްވަން އިން އާޔަންއަށް ފެނުނެވެ.
“ކިހިނެއްވީ؟” އާޔަން ނޫރާއަށް ބަލައިލިއެވެ. “ނޫރާ! އޭ!” އާޔަން ކަންތައް ބޮޑުވީ ނޫރާ ޖަވާބު ނުދިނީމައެވެ. އެންމެފަހުން މަގުގެ އެއްކައިރިއަށް އާޔަން ކާރު މަޑުކޮށްލިއެވެ.
“ނޫރާ! ކިހިނެއްތަވީ؟ ކީކޭތަ މަންމަ ބުނީ؟ ނޫރާ!” ނޫރާއާއި ދިމާއަށް އެނބުރި ނޫރާގެ އަތުގައި ހިފާލަމުން އޯގާތެރިކަމާއިއެކު އަނެއްކާވެސް އާޔަން އަހާލިއެވެ. ނޫރާއަށް ނުހިފެއްޓިގެން ބާރަށް ރޯންފެށުނެވެ. ނޫރާއަށް ވާހަކަ ދެއްކޭވަރެއް ނުވިއެވެ.
“ނޫރާ! ޕްލީޒް ބުނެބަލަ ވީގޮތެއް! ނޫރާ!” ނޫރާ އަދިވެސް އަގައަކުން ނުބުނެއެވެ. އާޔަން އަހާއަހާވެސް ނުރާއަށް ވީގޮތެއް ނުބުނެވުނެވެ. އެންމެފަހުން އާޔަން ހާސްވެގެން ފޯނުނަގާ ޒޫނާއަށް ގުޅާލިއެވެ. ޒޫނާ ފޯނުނެގުމުން ނޫރާ ރޯވާހަކައާއި ކިހިނެއްތޯވީ އާޔަން އެހިއެވެ.
“މިތަނުން ފާރޫޤުގެ ފައި ޖެހޭނީ ބުރިކޮށްލާށޭ ބުނެފި. ސައީދާވެސް ވަރަށް ރޮއެފި އެކަމާ. ދެން އެކަމު މަންމަމެން މިބަލަނީ ވީހާވެސް އަވަހަށް އިންޑިއާއަށް ގެންދެވޭތޯ! އާޔަން ޑެޑްވެސް އެބަހުރި މިކޮޅުގަ މިވަގުތު. އާޔަން ނޫރާއަށް ވިސްނައިދީބަލަ. އަދި ރަގަޅުވެސް ވެދާނެނު! ބޭރަށް ގެންދިޔައިމަ އިނގޭނީ!” އާޔަންއަށް ފޯނުން ޒޫނާ ކިޔައިދިނެވެ. “ނޫރާ އަށް ނުގުޅަ ފުރަތަމަ އާޔަން ކައިރީ ބުނެވުނުނަމަދޯ! ސައީދާ ނުހުންނާނެ ނުބުނެއެއް. އިނގޭނު ސައީދާގެ ގޮތް. މަންމަ ދެން ގުޅާނަން ސައީދާއަށް ވުރެން ކުރީގަ އިނގޭ! ޓޭކްކެއަރ!” އާޔަން ފޯނު ބާއްވާފަ ނޫރާއަށް ބަލައިލިއެވެ. ނޫރާއަދިވެސް ރޮނީއެވެ. އާޔަންއަށް އެތަންބަލަން ކެތްނުވެގެން އާޔަންއާއި ކައިރިއަށް ނޫރާދަމާލިއެވެ. އަދި އަތުތެރެއަށްލާ ބޮނޑިކޮށްލިއެވެ.
“ނޫރާ! ނޫރާ ދެރަވާނެވަރު އާޔަންއަށް އިނގޭ! އެކަމު ވަރަށް ހިތްވަރު ކުރަންވާނެނު! ނޫރާގެ ބުރަކަށީ ފިރުމާލަމުން އާޔަން ބުންޏެވެ. އަދި ނޫރާއަށް އެތައް ގޮތަކަށް ވިސްނާދެމުން ގެންދިޔައެވެ. އަދި ހިތްވަރު ކުރުމަށް ބުނަމުން ނޫރާގެ ބޮލުގައިވެސް ފިރުމާލިއެވެ. އާޔަންގެ އޯގާތެރިކަމާއި ހިތްހެޔޮކަން ނޫރާއަށް ފެނިގެންމިދަނީ މިއަދުއެވެ. އެކޮނޑުގައި އުމުރުދުވަހަށް މިގޮތަށް ބޯއަޅައިލައިގެން އޮންނަނަން ނޫރާ ބޭނުންވިއެވެ.
ނޫރާގެ ބައްޕަގެ ފައި ބުރިކޮށްލުމުން ބައްޕައަށް ވާނެގޮތާއި މެދު ނޫރާ ވިސްނިވަރަކަށް ނޫރާއަށް ރޮވެނީއެވެ. އެތައްއިރަކު ރުއިމަށްފަހު އާޔަންގެ އެތައް މަސައްކަތަކުން ނޫރާ ރުއިން ހުއްޓާލިއެވެ.
އާޔަން މެންނަށް އެދުވަހު ޔުނީއަށް ދެވުނީ ވަރަށް ލަހުންނެވެ. އާޔަންގެވެސް އަދި ނޫރާގެވެސް ފުރަތަމަ ގަޑި އޭރު ނިމިއްޖެއެވެ. އާޔަންއަށް ޖެހުނީ ދިޔަގޮތައް ގޮސް ޕްރެސެންޓޭޝަން ހުށައަޅާށެވެ. އެއަށްފަހު އާޔަންއަށް އިތުރު ކްލާހެއް އެދުވަހު ނެތެވެ. އާޔަން ބެލީ ނޫރާ ކޮބައިތޯއެވެ. ނޫރާ އަކީ ވަރަށް ހިތްވަރު ގަދަ ކުއްޖެއްކަން އާޔަންއަށް އިނގެއެވެ. މީހުންގެތެރޭ ވަރަށް ދެރަވީމަ ނޫނީ ނުރޯނެކަންވެސް އާޔަންއަށް އިނގެއެވެ. އެހެންނަމަވެސް އާޔަން ބޭނުންވަނީ އެދުވަހުގެ ހުރިހާވަގުތަކުވެސް ނޫރާ ކައިރީ ހުރުމަށެވެ.
އާޔަންއަށް ނޫރާ ފެނުނީ ކޮރިޑޯ ތެރެއިންގޮސް ލައިބްރަރީއަށް ވަންނަނިކޮންނެވެ. އާޔަން ނޫރާ ފަހަތުން ގޮސް ނޫރާއަތުގަހިފިއެވެ. ނޫރާ ސިހިގެން ފަހަތައް ބަލައިލިއެވެ.
“އަދި މިއަދު ކްލާސް އެބައޮތްތަ؟” އާޔަން ނޫރާ ކައިރީ އަހާލުމުން ނޫރާ ބޯހޫރާލިއެވެ. ނޫރާގެ ލޯމަތިން އަދިވެސް ރޮއެފަ ހުރިކަމުގެ އަސަރު ކޮންމެސް ވަރަކަށް ފާޅުވާން ހުއްޓެވެ. “އާޔަންގެ ކްލާހެއްވެސް ދެން ނެތް. ހިނގާދާން.!” ނޫރާއަތުގައި ހިފައިގެން ހިގައި ގަންނަމުން އާޔަން ބުންޏެވެ.
“ޕްރެސެންޓޭޝަން ކިހިނެއްވީ؟ ދިޔަގޮތް ރަގަޅުތަ؟” ނޫރާ އާޔަންއާއި އެކު ހިނގަމުން އަހާލިއެވެ. އޭރުވެސް އާޔަން ހުރީ ނޫރާގެ އަތުގައި ހިފައިގެންނެވެ. ނޫރާގެ ހިތަށް ހިތްހަމަޖެހުމެއް ވަނީ ވެރިވެފައެވެ. އާޔަން ކައިރީ ހުރުމުންނެވެ.
“އާން! އެކަންތައް ދިޔަލެއް ވަރަށް ބަރާބަރު.” އާޔަން އެހެން ބުނެ ކުރިމަތި ބަލައިލިއިރު ކުރިމަތީ މޫސަ ހިނިއައިސްފައި ހުއްޓެވެ. މޫސަ އެހެން ހުރުމުން އާޔަން އަވަހަށް ނޫރާގެ އަތުން ދޫކޮށްލިއެވެ. އަދި ހާސްކަމާއިއެކު ނޫރާއަށް ބަލައިލިއެވެ.
“ތީ މައްސަލައެއްނޫނޭ! އެކަމު ތިދަނީ ކޮންތާކަށް މާސިއްރުން؟” މޫސަ ލާނެތް ގޮތަކަށް ބުންޏެވެ. ނޫރާ ލަދުން އިސްޖަހާލިއެވެ.
“ކްލާސް ނެތީމަ ދާންވެގެން އުޅުނީ. ހީވަގޮތުން އެކަކަށްވެސް އިތުރު ކްލާހެއް ނެތީ ކަންނޭގެ.” ތަންކޮޅެއް ދުރުގަ ތިބި ލައި އާއި ފާތު ދައްކަމުން އާޔަން ބުންޏެވެ.
ފާތުއާއި ލައި ތިބި ދިމާލަށް މޫސައާއިއެކު ދެމީހުން ހިގައި ގަންތަނާ އެތަނަށް އަމީން އައިސްފިއެވެ.
“ނޫރާ! ފައި މިހާރު ކިހިނެއް؟ ރަގަޅުތަ؟” އަމީން ނޫރާގެ ފަޔަށް ބަލައިލަމުން ބުންޏެވެ. ނޫރާ ބޯޖަހާލަމުން ރަގަޅު ކަމަށް ބުނެލިއެވެ.
“މިވީގޮތުން ދެން ޖެހޭނީ މިޑް ސަމަރ އަށްދާން!” އާޔަން ނޫރާއަށް ބަލައިލަމުން ބުންޏެވެ. ނޫރާ އެކަމު ހުރީ ދާހިތަކުން ނޫންކަންވެސް އާޔަންއަށް އިނގެއެވެ.
މޫސައާއި ލައި އަދި ފާތު މިޑްސަމަރ އަށް ދާން ހިގައިގަތެވެ. އެމީހުން ފަހަތުން އަމީން ވެސް ދިޔައެވެ. ނޫރާ ހިގައި ގަންނާކަށް ހިޔާލެއް ނުކުރިއެވެ. ނޫރާ ހުރީ ހުއްޓުންއަރާފައެވެ. ނޫރާ އެހެން ހުރުމުން އާޔަންވެސް ނޫރާކައިރީ ހުރީއެވެ. އާޔަން އެންމެންގެ ފޯނަށް މެސެޖު ފޮނުވިއެވެ. ނޫރާ ބައްޕަގެ ވާހަކަ ކިޔައިދީފައެވެ. އަދި ނޫރާ ހިތްހަމަ ޖެއްސުމަށް ކޮންމެސް ކަމެއް ރާވަން ހިގާށޭ ކިޔާފައެވެ.
“އާޔަން. ނޫރާ ގެއަށްދާން ބޭނުންވަނީ! ޕްލީޒް!” އާދޭހުގެ ރާގަކަށް ނޫރާ ބުންޏެވެ. އެހެން ބުނުމުން އާޔަންއަށް ނޫރާއާއި ދެކޮޅު ހަދާކަށް ނުކެރުނެވެ. އެންމެފަހުން ނޫރާ ގޮވައިގެން އާޔަން ކާރަށް އެރީ ގެއަށް ދިއުމަށެވެ.
“ނޫރާ މެންގެއަށް ވަދެފަ ނޫރާގެ ހެނދުންކޮޅެއް ހިފައިގެން ދާނީ!” ނޫރާ ކާރަށް އަރާފައި ބުންޏެވެ.
ނޫރާއާއި އެކު އާޔަން ނޫރާމެންގެ އެޕާރޓްމެންޓަށް ވަނެވެ. “ނޫރާ! ތިގޮތަށް ގަބުވެފަ ނުހުރެބަލަ! އާޔަންއަށް އިނގޭ ނޫރާ ދެރަވެފަކަން ތިހިރީ! އެކަމު ތިހެން ނުހުރޭ! އިރާދަކުރެއްވިއްޔާ ރަގަޅުވާނެ!” އާޔަން ނޫރާގެ އަތުގައި ހިފާ އާޔަންގެ ކައިރިއަށް ދަމާލިއެވެ. “ނޫރާ އަށްކުރާ އަސަރު އާޔަންއަށް އިނގޭ! އާޔަންވެސް ވަރަށް ދެރަވޭ!” ނޫރާގައިގާ އާޔަން ބައްދާލިއެވެ. ނޫރާގެ މުޅިހަށިގަނޑަށް ކަރަންޓް އައިހެން ނޫރާއަށް ހީވިއެވެ. އެގަޑީގަ ނޫރާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.
ނަސީބަކުން އެވަގުތު އާޔަންގެ ފޯނު ރިންގުވާން ފެށިއެވެ. އާޔަން ނޫރާއާއި ދުރުވެލިއެވެ. ނޫރާ އަވަހަށް ނޫރާގެ ކޮޓަރިއާއި ދިމާއަށް ހިގައިގަތެވެ. އޭރުވެސް ނޫރާގެ ހިތް ބާރަށް ތެޅެއެވެ.
އާޔަން ފޯނު ނެގިއެވެ. އެއީ މޫސައެވެ. މޫސަ ބެނުންވީ ވެގެން އުޅޭގޮތް ތަފްސީލިކޮން ކިޔައިދޭށެވެ. އެހެންކަމުން އާޔަން ދިގުކޮން ނޫރާ ބައްޕަގެ ވާހަކަ ކިޔައިދިނެވެ.
“މޫސަމެން ކަމެއް ރާވައިފިން!” މޫސަ ބުނާއަޑު އިވުނެވެ.
“ކޮންކަމެއް؟ ކޮންތާކު؟” އާޔަން މޫސައާއި ވާހަކަދައްކަމުން ނޫރާ ކޮޓަރިއާއި ދިމާއަށް މަޑުމަޑުން ހިގަން ފެށިއެވެ.
“އާޔަންމެންގޭގަ މާދަމާ ޕޫލް ޕާރޓީއެއް ބާއްވަން ވެގެން. އާޔަން ޖެހޭނެ ހުރިހާ ކެއުމަކާ ކަންތައް ހަމަޖައްސަން. އަދި އަންހެން ކުދިންނާ ފިރިހެން ކުދިންނަށް ކޮޓަރިވެސް ހަމަޖައްސަން ޖެހޭނެ. ފެންވަރާހަދަން.” މޫސަމެން ރާވާފައިވާގޮތް އެއްނޭވައިން އާޔަންއަށް ކިޔާލަ ދިނެވެ.
“އާން ރަގަޅު ކަމެއްތީ! އޯވަރ ނައިޓަށްތަ؟” އާޔަން އެހެން ބުނީ ސަމާސާއަކަށެވެ.
“އޯވަރ ނައިޓަށް ބައްޕައެއް ނުފޮނުވާނެނު. އާޔަން ދައްކާވާހަކަ!” މޫސަ ބުންޏެވެ.
“އާން އާދޭ މާދަމާ ޓެން ހާއިރު އިނގޭ! ސީ ޔޫ އޯލް!” އާޔަން ފޯނު ކަޑާލިއެވެ.
އާޔަން ނޫރާ ކޮޓަރިއަށް ވަންއިރު ނޫރާ ހެދުންތައް ފަތްޖަހަމުން ދަބަހަކަށް އަޅަމުން ގެންދެއެވެ. ހެދުންތަކުތެރެއިން އާޔަންއަށް ނޫރާގެ ފަތާއިރު ލާހެދުން ފެނިއްޖެއެވެ. އާޔަން އެހެދުން ނެގިއެވެ. އެއީ ކުޑަ އަތްކޮޅަކާއި ޓައިޓަކާއި އެއްކޮން އިން ރަތާއި ކަޅުންވާ ސޫޓެކެވެ. އާޔަން އެނަގާ ނޫރާގެ ދަބަހަށް ލުމުން ނޫރާ އެ ނެގިއެވެ.
“ކީއްކުރަން މީތި؟” ނޫރާ ބުނެލިއެވެ.
“އެއީ މާދަމާ ޕޫލްސައިޑް ޕާރޓީއެއް ބާއްވަން މިއުޅެނީ. އެހެންވެ.” އާޔަން އަނެއްކާވެސް އެނަގާ ނޫރާގެ ދަބަހަށް ކޮށްޕާލިއެވެ. މިފަހަރު ނޫރާވެސް އަޅައެއްނުލިއެވެ. އެއްޗިހި އަޅާނިމިގެން ކޮޓަރިން ނިކުންނަނިކޮން އާޔަންގެލޯ ނޫރާގެ ނޯޓްފޮތުގައި އަޅައިގަތެވެ. އާޔަން އެފޮތް ނަގައިފިއެވެ. އަދި ނޫރާއަށް އެފޮތް ދައްކާލިއެވެ. ނޫރާ އަވަހަށް އައިސް އެފޮތް އާޔަންއަތުން އަތުލަން މަސައްކަތްކުރިއެވެ. އާޔަން އެފޮތް މައްޗައްނަގައިގެން ހެވިފަ ހުއްޓެވެ.
“އާޔަންއަށް މިފޮތް ފެނިއްޖެ އާޔަން އެންމެ ފުރަތަމަ މިގެއަށް އައި ދުވަހު!” އާޔަން އެހެން ބުނުމުން ނޫރާ ހުއްޓިއްޖެއެވެ.
“މީހުންގެ ހުއްދަ ނެތިސް މީހުންގެ އެއްޗިއްސާވެސް އާޔަން ކުޅެންދޯ!” އާޔަން އާއި ދިމާއަށް ލޯއަޅައިަގެން ހުރެ ނޫރާ ބުންޏެވެ.
“ތީ މީހެއްތަ؟” އާޔަން ނޫރާއާއި ސަމާސާކޮށްލިއެވެ. “އެންމެރަގަޅު. މިފޮތުގަ މީނދަ އާޔަންގެ ފޮޓޯ ނޫރާއަށް ލިބުނީ ކިހިނެއް؟” އާޔަން އަފޮތް ހުޅުވާލަމުން އާޔަންގެ ވަރަށް ކުރީގެ ފޮޓޮއެއް ދައްކާލަމުން އާޔަން އެހިއެވެ.
“ތީ ލަންކާގެ ނޯޓިސް ބޯޑުގައި އޭރު އަރުވާފައިން އާޔަންގެފޮޓޯ! ފަހުންް ތިފޮޓޯ އޮތީވެއްޓިފަ. ނަދާ ތިފޮޓޯ ނޫރާއަށް ގެނެސްދިނީ!” ނޫރާ ބުންޏެވެ.
“ދެން މީގަ ލިޔެފަ މިއޮތް ޕޮއެމްއަކީ ނޫރާ އަމިއްލައަށް ލިޔުނު އެއްޗެއްތަ؟” އޭގެން އެހެން ގަޑެއް އެއްލަމުން އާޔަން އަހާލިއެވެ.
“އާން. ކިހިނެއްވީ؟” ނޫރާ ރަކިވެފައި ހުރެ ބުންޏެވެ.
“އިޒް ދިސް ވަޓް ޔުއަރ ހާރޓް ސޭސް؟ އާޔަންއަށް ނޫރާގެ ހިތް ގޮވަނީ؟ އަސްލު އާޔަންއަށް އިނގުނީ މިޕޮއެމް ކިޔައިގެނެއްނޫން އެކަމަކު މިފޮޓޯ ފެނިފަ މިގަނޑު ފެނުނީމަ މި އިނގުނީ!” އާޔަން ނޫރާއަށް އެހެން ގަޑެއް ދައްކާލިއެވެ. އެ ގަނޑުގެ ތަންތަން ކޮޅުގައި ކުލަކުލައިގެ ހިތް ކުރަހާފަ އެކި ކުލަކުލައިން ”އާޔަން އައި ލަވްޔޫ” ޖަހާ ފަވާފަ ހުއްޓެވެ. ނޫރާ ލަދުން މޫނު ރަތްވެގެން ދިޔައެވެ. އަނެއްކާވެސް އެފޮތް އަތުލަން އުޅުމުން އާޔަން އެފޮތް އާޔަންގެ ދަބަހަށް ލާފޮރުވައިފިއެވެ.
“ދެން ނުލިބޭނެ! އެއީ މިހާރު އާޔަންގެ އެއްޗެއް!” އާޔަން ބުންޏެވެ. ނޫރާ އާޔަންއާއި ދިމާއަށް ރުޅިވެރި ގޮތަކަށް ބަލައިލަމުން ތުން އަނބުރާލިއެވެ.
“ބައެއްފަހަރު ވަރަށް ރީތިވާނެ ރުޅިއައިމަ އެއްބައިކުދިން!” އާޔަން ނޫރާގެ ކޮލުގަ ހިފާލަމުން ބުންޏެވެ.
ނޫރާ އަނގައިންވެސް ނުބުނެ ހެދުންތައް އަޅާފަހުރި ދަބަސް ނަގާ ބުރަކަށީގައި އަޅުވަން އުޅެނިކޮން އާޔަން އެދަބަސް އަތުލިއެވެ. އަދި އެ ހިފައިގެން ނިކުންނަން ހިގައިގަތެވެ. ނޫރާ އާޔަން ފަހަތުން ނުކުމެގެން ދަމުން އެޕާރޓްމެންޓް ރަގަޅަށް ތަޅުލިއެވެ.
ނޫރާ ކާރަށް އެރިއިރު ހުރީ ވަރަށް ބޮޑަށްވެސް ހިތަހަމަޖެހިފައެވެ. ނޫރާ ބައްޕަގެ ކަންތައް ހަދާން ނެތިފައެވެ. އާޔަންއަށް މާނޭވާއެއް ލެވުނީ ނޫރާ ހީލާފައި އިންތަން ފެނުމުންނެވެ.
“މިޑް ސަމަރ އަށް ވަދެލާފަތަ ގެއަށްދާނީ؟” އާޔަން އަހާލުމުން ނޫރާ އެންމެ ރަގަޅޭ ބުންޏެވެ.
އާޔަން ސަމިޓް ތެރޭ ކާރު ޕާރކްކޮށްފަ ރެސްޓޯރެންޓާއި ހަމައަށް ދިޔައިރު ނާއިފް އާއި ޒީނާވެސް އެތަނަށް ވަންނަނީއެވެ. އާޔަން ނޫރާ ގޮވައިގެން ގޮސް ވަނުމުން އެންމެން އެއްފަހަރާ ވާހަކަދައްކަން ފެށިއެވެ. މުޅިތާ އަޑުބައްދާލާފައެވެ. އެތާތިބި މީހުންވެސް އެދިމާއަށް ނަޒަރު ހުއްޓާލައިގެން ތިއްބެވެ.
“ސްޓޮޕް!” އާޔަން ބާރަށް ގޮވާލިއެވެ. އެންމެން ވަގުތުން އަޑުމަޑުކުރިއެވެ. އާޔަން އާއި ނޫރާއަށް އިށީނދެވޭވަރުވީވެސް ދެނެވެ. “ފަހަރަކު މީހެއް ވަހަކަދައްކަބަލަ!” އާޔަން ބުންޏެވެ.
“ކޯޗެއް ޒީނާމެން ގެންދަން ޖެހޭނީ މާދަމާ ތިގެއަށް ދާއިރު؟” ޒީނާ އަތް މައްޗަށްނަގާފަ އަހާލިއެވެ.
” ޕޫލަށް އެރޭގޮތަށް ތައްޔާރުވެގެން ދިޔައިމަ ރަގަޅުވާނެ! އިތުރު އެއްޗެއް ގެންދާނެކަމެއްނެތް!” އާޔަން ބުންޏެވެ.
“ނޫރާ މިހާރު އުޅެނީ އާޔަން މެންގޭގަޔޯ! އެއީ ތެދެއްތަ؟” އަމީން ފާޑަކަށް އަހާލިއެވެ. އެސުވާލު ކުރި ގޮތުންވެސް އާޔަން އިނީ އެސުވާލަށް ޖަވާބުދޭން ބޭނުން ނުވެފައެވެ.
“އާން! ނޫރާގެ ބައްޕަ ބަލިވެގެން ނޫރާ މަންމަ މާލެދާން ޖެހުނީމަ އާޔަންމެންގެއަށް ނޫރާ ބަދަލުވީ!” އެންމެފަހުން މޫސަ އެސުވާލަށް ޖަވާބުދިނެވެ.
“ކީއްވެ އާޔަންމެންގެއަށް ބަދަލުވީ؟ ކީއްވެ ޒީނާ ނޫނީ ލައިޝާ މެންގެއަށް ބަދަލުނުވީ؟” އަމީން އެހިއެވެ. އަމީން އިނީ ހިތްހަމަ ނުޖެހިފަކަން މޫނުމަތިން ފެނެއެވެ. އަމީން ކުރާ ސުވާލުތަކުން އާޔަން އިނީ ފޫހިވެފައެވެ. އާޔަންމެންގެއަށް ނޫރާ ބަދަލުވިއަސް އަމީންއަށް ކޮންކަމެއްހޭ އާޔަން ހިތައްއެރިއެވެ.
“އެއީ އާޔަން މަންމައަކީ ނޫރާގެމަންމަގެ ބެސްޓް ފްރެންޑް! އެހެންވެ.” މިފަހަރުވެސް ޖަވާބު ދިނީ މޫސައެވެ.
“ނޫރާ! ނޫރާ ބައްޕަ އޯކޭވާނެ އަދި!” ލައި ނޫރާގެ އަތުގައި ހިފާލަމުން ބުންޏެވެ. “ދެރަނުވޭ ނޫރާ! ލައިމެން ދުޢާކުރާނަން!”
“އާޔަން މެންގެއަށް ކީއްވެދަނީ؟ މެރީޑިއަން ޕޫލްވެސް ވަރަށް ބޮޑުވާނެ. އަނެއްކާ އަމީން މެންގޭގަ މާދަމާ ނޫޅޭނެ އެކަކުވެސް. އެންމެން ގެންޓިންއަށް ދާން އުޅެނީ!” އަމީން ބުންޏެވެ.
އަމީން އެހެން ބުނުމުން އާޔަން އިނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އަދި އެއްޗެއް ބުނަން އަނގަހުޅުވާލިވަގުތު ފާތު ވާހަކަދައްކަން ފެށުމުން އާޔަން މަޑުން އިނީއެވެ.
“އެތަން ޕްރައިވެޓެއް ނުވާނެނު!” ފާތު ބުންޏެވެ. “އަމީން ނުދަންތަ އަދި އާޔަންމެންގެއަކަށް؟” ފާތު އަހާލިއެވެ.
“އާން އަދި ނުދެވެ.” ހިތްހަމަ ނުޖެހިފަ އިންގޮތަކަށް އިނދެ އަމީން ބުންޏެވެ.
“މޫސަގެ ސުވާލެއް އެބައޮތް!” މޫސަ އާޔަންއަށް ބަލައިލަމުން ބުންޏެވެ. އާޔަން ބޯހޫރާލިއެވެ. “އަދި ނެތް އެސުވާލު ކުރެވޭކަށް!” މޫސަ ވަޅޯވެލާފަ ބުންޏެވެ. މޫސަ ހަދާލިގޮތުން އެންމެން ހޭންފަށިއެވެ.
އަނެއްދުވަހަށް ތައްޔާރުވުމަށްޓަކައި ކުޑަކޮން ބާޒާރުކޮށްލައިގެން އާޔަންއާއި ނޫރާއަށް ގެއަށް ދެވުނު އިރު ހުރީ އިރުއޮއްސެން ކައިރިވެފައެވެ. އާޔަން ވެސް ނޫރާވެސް އަވަހަށް ދިޔައީ ކޮޓަރިއަށެވެ. ގޮސް ފެންވަރާ ހަދައިގެން ނަމާދުކޮށް ހެދިއެވެ. ނޫރާ އިށީނީ އެދުވަހު ނޫރާއަށް ދީފައޮތް އެސައިންމެންޓެއް ހަދާލާށެވެ. ނޫރާކޮޓަރިން ނިކުތީ ދިހައެއްވެސް ޖެހިފަހުންނެވެ. އެއީ ބަނޑުހައިވެގެންނެވެ. ނޫރާ ތިރިއަށް ދިޔައިރު އާޔަން ތިރީ ސޯފާގައި ޓީވީ ހުޅުވައިގެން އިނެވެ.
ނޫރާ ފެނުމުން ޓީވީ ނިވާލުމަށްފަހު ކާންދިއުމަށް ޓަކައި ތެދުވިއެވެ. ދެމީހުން ކައި ހަދައިގެން އައިސް އަނެއްކާވެސް ސޯފާގައި ޖައްސާލިއެވެ. އާޔަންއަށް އެވަގުތު ފޯނެއް އައެވެ. އެއީ ޒޫނާކަމުން އާޔަން ތަންކޮޅެއް ދުރަށް ޖެހިލީ އާޔަން ދައްކާ ވާހަކަ ނޫރާއަށް އަޑުއިވިދާނެތީއެވެ. ޒޫނާ ބުނިގޮތުން މިހާރު އިންޑިއާއަށް ގޮސް ހޮސްޕިޓަލުގައި ފާރޫޤު އެޑްމިޓު ކުރެވިއްޖެއެވެ. އަދި ހަމަ ފައި ބުރިކޮށްލުން ނޫން ގޮތެއް ނެތްކަމަށް ޑޮކްޓަރުން ބުނެފިކަމަށްވެސް ޒޫނާ ބުންޏެވެ. އަދި އާޔަން ބައްޕަގެ އެހީތެރިކަމާއި އެކު މަސްނޫވީ ފަޔެއް ޖަހާގޮތަށް ވެސް ވާހަކަ ދެކެވި ފާރޫޤްވެސް އެކަމާ އެއްބަސްވެ މިހާރު ހުރިހާކަމެއް ނިމިއްޖެއެވެ. ނޫރާއަށް ސައީދާ ގުޅާނެކަމަށް އާޔަން ކައިރީ ޒޫނާ ބުންޏެވެ. އަދި ނޫރާއަށް ވިސްނައިދިނުމަށް ބުނަމުން ޒޫނާ ފޯނު ކަނޑާލިއެވެ.
އާޔަން އެނބުރި ސޯފާކައިރިއަށް އައިއިރު ނޫރާ އިނީ ފެންކަޅިވެފައެވެ. އަތުގައި ފޯނު އޮތެވެ. ސައީދާ ގުޅިކަން އާޔަންއަށް އިނގުނެވެ. އާޔަންއައިސް ނޫރާއާއި ނުހަނު ކައިރީގައި އިށީނެވެ. އަދި އާޔަންއާއި ކައިރިކޮށްލިއެވެ. އާޔަންގެ އޯގާތެރި ފިރުމުންތަކުން ނޫރާއަށް ހިތްހަމަޖެހުން ލިބިގެން ދިޔަސް ކަރުނަތަށް ހިފަހަށްޓައިގެން ނީދެވުނެވެ. ރޮވެންފެށިއެވެ. މާބޮޑަށް ނޫރާއަށް ރޮވެން ފެށުމުން އާޔަން އެދުނީ ނޫރާ ކޮޓަރިއަށް ދިއުމަށެވެ. އަދި ނޫރާގެ އަތުގަ ހިފައިގެން މަޑުމަޑުން ހިގައިގަތެވެ. އޭރުވެސް ނޫރާގެ ލޮލުން ކަރުނަތައް ފައިބަމުން ދެއެވެ. ނޫރާ ނުރޯން މަސައްކަތް ކުރަމުންދެއެވެ.
ކޮޓަރިއަށް ވަދެވުމާއިއެކު ނޫރާ އެނދުގައި ބޭއްވުމަށް ފަހު ނޫރާ ކައިރީ އާޔަން އިށީނެވެ. އޭރު ވެސް ނޫރާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަމުން ދެއެވެ.
“ނޫރާ! ތިހެން ރޮވެންޏާ ހިފަހައްޓާކަށް ނުވާނެ. ނޫރާ ބޭނުން ވަރަކަށް ރޯލާ! އާޔަން އިންނާނަން ނޫރާ ކައިރީ!” އާޔަން ނޫރާއާއި ދިމާއަށް އޯގާތެރިކަމާއިއެކު ބުންޏެވެ.
“ދެރަވީމަ ރޯންވާނެ. އޭރުން ހިތްހަމަޖެހުން ލިބޭނެ! ނޫރާ ދެރަވާވަރު އާޔަންއަށް އިހްސާސް ކުރެވޭ!” އާޔަން ނޫރާ ގައިމަތީ ރަޖާގަނޑު އެޅުވިއެވެ. “ނުހިފާއްޓަ ބާރަށް ރޯލާ ނޫރާ!”
ނޫރާ ކަރުނަ ފޮހެލަމުން އާޔަންއަށް ބަލައިލިއެވެ. އަނެއްކާވެސް ނޫރާއަށް ރޮވެން ފެށިއެވެ. އާޔަންގެ އޯގާތެރިކަމާއި ހިތްހެޔޮކަން ފެނުމުން ކިތަންމެ ވަރަކަށް ނުރޯން ހިފޭއްޓިއަސް ނޫރާއަށް ރޮވެނީއެވެ. އެންމެފަހުން ބާރަށް ވެސް ރޮވެން ފެށިއެވެ. އެތައް އިރަކު ރުޔެވެ. މުޅިލޯ އެއްކޮން ރަތްވެ ދުޅަވާވަރަށް ނޫރާ ރުޔެވެ. ނޫރާގެ ރުއިން ތަންކޮޅެއް މަޑު ވެލުމުން އާޔަން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
“ނޫރާ! ފައި ނެތްމީހުންނަށްވެސް މިޒަމާނުގައި ނޯމަލް ލައިފްއެއް އުޅެވޭނެޔޭ!” އާޔަން މިހާރު ބަލަމުން ދަނީ ނޫރާއަށް ވިސްނައިދެވޭތޯއެވެ. “ނޫރާއަށް އިނގޭތަ ޓޯނީ ކްރިސްޓިއަންސެން؟ އޭނާއަކީ ރޭލު އެކްސިޑެންޓެއްގައި ދެފައި ބުރިވެފައިވާ މީހެއް. އެހެންނަމަވެސް އޭނާއަކީ ވަރަށް މޮޅު ފެތުންތެރިއެއް. އޭނާ ކުޑައިރު އޭނަގެ ފައި ބުރިވުމުން އޭނަ ފެތުމުގެ ރޮގުން ކުރިއަށްދާންފެށީ އެއްވެސް ކަހަލަ ނާއުއްމީދެއްނެތި ވަރަށް ހިތްވަރާއެކު. މިހާރު އެއީ ލައިފް ސޭވަރ އެއް. ސާރފް ކުރާމީހުންގެ ލައިފް ގާޑެއް.” އާޔަން ނޫރާގެ އަތުގައި ހިފާލިއެވެ. ނޫރާ މިހާރު އޮތީ ރުއިން ހުއްޓާލައިގެން އާޔަންގެ ވާހަކަ އަޑުއަހާށެވެ.
“ބެން މައިންޒާ އަކީ ހަގުރާމައިގައި ދެފައި ގެއްލުނު މިހެއް. އޭނަ މެރަތޯން އެއްގައި ބައިވެރިވެގެން ވަނީ ވަނަ ހޯދާފަ. އެގޮތަށް އެތައް ބަޔަކު ނޯމަލް ލައިފް އުޅެމުން ގެންދޭ! ގައިމުވެސް ނޫރާގެ ބައްޕައަކީ ވަރަށް ހިތްވަރުގަދަ މީހެއް. އާޔަން ޑެޑް މިހާރު ބުނެފި އާރޓިފިޝަލް ފަޔެއް ނޫރާބައްޕަގެ ޖަހައިދޭނަމޭ! އެހެންވީމަޔާ އެއްކޮން ނޫރާގެ ބައްޕަ ރަގަޅުވީމަ ގައިމުވެސް މަސައްކަތާއި ކަންތައްތަކުގައި ގައިމުވެސް ނޫރާމެން ބެލެހެއްޓޭ ވަރު ފެންވަރަކަށް ބައްޕަ ހިތްވަރު ކުރާނެކަން އާޔަންއަށް ޔަގީން. ނޫރާ ބައްޕަ އެކަންޏެއް ނޫނެއްނު ދުނިޔޭގަ ފައި ނެތް މީހުންނަށް އުޅޭނީކީ!” އާޔަން މާނޭވާއެއް ލިއެވެ. އަދި ތެދުވެ ނޫރާގެ ބޯލާކޮޅުން ނޫރާކައިރީ އެނދުގައި އިށީނދެ ނޫރާގެ ބޮލުގައި ފިރުމާލިއެވެ.
ނޫރާއޮތީ ވިސްނުމެއްގެ ތެރޭގައެވެ. އާޔަން އެދެއްކި ވާހަކަތަކަކީ ހަގީގަތެއްކަން ނޫރާއަށް އިނގެއެވެ. ނޫރާގެ ބައްޕައަކީ ވަރަށް ހިތްވަރު ގަދަ އަދި ހިތްވަރު ކުރާނެ މީހެއްކަންވެސް ނޫރާއަށް އިނގެއެވެ. އާޔަން ދެއްކި ވާހަކައިން ނޫރާއަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އާޔަން ނޫރާގެ ބޮލުގަ ފިރުމާލަ ފިރުމާލަ ނޫރާއާއި ދިމާއަށް ބަލަން އިނެވެ. އަދި އާޔަން ޤުރުއާން ކިޔަވަން ފެށިއެވެ. ނޫރާއަށް ނިދޭތޯއެވެ. ނޫރާއަށް އެހެން އޮވެ ނިދުނީ ކޮން އިރަކު ކަމެއްވެސް ނޫރާއަކަށް ނޭގެއެވެ. އާޔަން ނޫރާއަށް ނިދެންދެން ޤުރުއާން ކިޔަވަން އެތާއިނެވެ. ނޫރާ ނިދުމުން ފޮތިގަނޑު ރަގަޅު ކޮށްލާފަ ބޮކިނިވާލާފަ އާޔަން ނިކުތީއެވެ.
ހެދުނުގެ ސައިގަޑި ޖެހުމުގެ ކުރިން ނޫރާ ހަދަން ފަށާފައިވާ އެސައިންމެންޓުން ބައެއް ހެދޭތޯ މަސައްކަތް ކުރަމުން ދެއެވެ. ނޫރާގެ ހިތުގައި މާޔޫސްކަން އެކުލެވިފައިވިއަސް ނޫރާ އިނީ ހަމަޖެހިލައިގެންނެވެ. އެހެން އިންދާ ކޮންމެސް މީހަކު ކޮޓަރި ދޮރުގައި ޓަކިދިނުމުން ނޫރާ ދޮރުހުޅުވަން ތެދުވިއެވެ. ރޭގައި އާޔަންދަމުން ދޮރުތަޅު ނުލާކަން ހުރީ އިނގުނީ އެމީހަކު ދޮރު ހުޅުވުމުންނެވެ. އެއީ އާޔަންއެވެ. އާޔަން ނޫރާއަށް ހިނިތުންވެލަމުން ކޮޓަރިއަށް ވަދެގެން އައެވެ.
“ނޫރާ ކިހިނެއްތޯ ބަލައިލަން ވެގެން މިވަނީ! ރަގަޅަށް ނިދުނުތަ؟” އާޔަން އަހާލިއެވެ.
“އާން!” ނޫރާ އިނީ ވަރަށް ހިތަހަމަޖެހިފައެވެ. ނޫރާ އާޔަންއަށް ބަލައިލަމުން ހިނިތުންވެލިއެވެ. “ތޭންކްސް އާޔަން! އާޔަން ދެއްކިވާހަކަ ތަކުން ނޫރާއަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނު. އަދި ނޫރާއަށް ނިދެންދެން ކައިރީ އިނީމަ….”
“ނޫރާއަށް ދިމާވާ ކޮންމެ ހިތްދަތި ކަމަކީ އާޔަންގެވެސް ހިތައް ތަދުވާކަމެއް. އާޔަން އާޔަންގެ ހިތްހަމަޖައްސާދިނުމުން ނޫރާ ތި ޝުކުރުވެރިވަނީ!” ނޫރާގެ ވާހަކަ މެދުކަނޑާލަމުން އާޔަން ވާހަކަ ދައްކަން ފެށިއެވެ. “ހިނގާ ޓެރެސް މައްޗަށް ކޮފީއެއް ބޯލަން ދާން!” އާޔަން ބުންޏެވެ.
“އާޔަންދޭ! ނޫރާ އެއްޗިހިބަދަލުކޮށް ލައިގެން ދާނަން!” ނޫރާ ބުންޏެވެ.
“އޯކޭވާނެ ފަހުން އެއްޗިހި ބަދަލުކުރާނީ!” އާޔަން ނޫރާގެ އަތުގައި ހިފާ ދަމައިގަންނަމުން ބުންޏެވެ.
ނޫރާ އާޔަންއާއި އެކު ޓެރެސް މައްޗައް އެރިއިރު ދުނިޔެމަތި އޮތީ އެއްކޮން އަލިނުވެއެވެ. އެތާ ހުރި މޭޒުމަތީ ކޮފީ ޖަގަކާއި ދެ ޖޯޑު ބަހައްޓާފައި ހުއްޓެވެ. އާޔަން އައިސް އެތަނުން ދެޖޯޑަށް ކޮފީއަޅާލިއެވެ. އަދި ނޫރާއަށް އެއްޖޯޑު ދީފައި އައިސް އެތާހުރި ދެމީހަކަށް އިށީނދެވޭވަރުގެ އުނދޯއްޔެއްގައި އާޔަން އިށީނެވެ. ނޫރާ ކޮފީ ފޮދެއް ބޯލަމުން ފަތިހުގެ ފިނިކަން އިހުސާސް ވާނޭހެން ބޮޑުނޭވާއެއް އެތެރެއަށް ދަމާލުމަށް ފަހު ބޭރުކޮށްލިއެވެ. އާޔަން ނޫރާގެ އެ ހަރަކާތަށް ބަލަން އިނދެފައި އިށީންނަން އައުމަށް އިށާރާތުން އާޔަން ނޫރާއަށް އަނގާލިއެވެ.
ނޫރާއައިސް އާޔަންއިން އުނދޯލީގައި އިށީނުމުން ނޫރާ އިންނަން ޖެހުނީ އާޔަންގައިގައި ޖެހި ފިތިފައެވެ. އެކަކުވެސް ވާހަކަ ނުދައްކާތިބެ ކޮފީތަށިން އެތިފޮދުން ބޮމުންގެންދެއެވެ.
އެގެއަށް ނޫރާ އެންމެފުރަތަމަ އައި ދުވަހު އެތާކޮފީބޯވާހަކަ އާޔަން އޮތީބުނެފައެވެ. އާޔަން ބުނިފަދައިން އެތާތިބެގެން ކޮފިބޯލުމުން އިތުރު ހިތްހަމަ ޖެހުމެއް ލިބިގެންދެއެވެ. ނޫރާގެ ކޮނޑުގައި އިރުކޮޅަކާ އާޔަންގެ ކޮނޑު ޖެހިލުމުން ނޫރާގެ މުޅިގަޔަށް ކަރަންޓު އަންނަކަހަލަ އިހްސާސްއެއް ކުރެވެމުން ދިޔައެވެ.
ދުނިޔެ މައްޗަށް މަޑުމަޑުން އަލިވަމުން ދެއެވެ. އުޑުމަތީ ދޫނިތައް އުދުހެމުން އެކިރާގުރާގަށް ގޮވަމުން ދެއެވެ. ފަތިހުގެ ފިނިކަން މަޑުމަޑުން ފިލަމުން އާދެއެވެ. މާދުރުން ފެންނަމުން ދާ އިމާރާތްތަކާދިމާލުން އުދަރެހަށް ރަންކުލަ އަރަމުން އާދެއެވެ. މިނިޓަކަށް ފަހު މިނިޓެއް ކުލަ ގަދަވަމުން ދެއެވެ.
“އިރުއަރާ މަންޒަރު ކިހާރީތި!” ތަނުގެ ހިމޭންކަން ފޫދުއްވާލީ އާޔަންއެވެ.
“އަސްލުވެސް! މިތަން މިގަޑީގަ މިހާރީތި ވާނެކަމަކަށް ނޫރާއަށް ކުރިއަކުން ނޭގެ! ވަރަށް ފުރިހަމަ! މާތްﷲއީ އެންމެ މޮޅު އާރޓިސްޓް! ކިހާރީތި!” ނޫރާގެ މޫނުމަތިން ހިނިތުންވުމާއި ހިތަހަމަޖެހުން ފެނަނަމުން ދިޔައެވެ. އާޔަންއަށް ނޫރާގެ ހިނިތުންވުން ފެނިފައި ހިތް ފުރިގެން އެރިކަހަލައެވެ. އާޔަން ބޭނުންވީ ނޫރާ އާޔަންކައިރިއަށް ގެނެސްގައިތެރޭ ބޮނޑިކޮށްލާށެވެ. ނަމަވެސް އެއްވެސް ކަމަކާނުލާ އެހެން ހެދުމަކީ މާހަމަޖެހޭ ކަމަކަށް އާޔަންއަކަށް ނުވިއެވެ. އާޔަންގެ މިލްކަކަށް ނޫރާވާދުވަހަކުން ނޫނީ މާބޮޑަށް ނޫރާއާއި ކައިރިވެއުޅުމަށް އާޔަން ބިރުގަނެއެވެ. ގޯހެއްވެދާނެތީއެވެ. ފާފައަކަށް އަރައިގަނެވިދާނެތީ އެވެ.
މިހާރު އިރުއަރާ މުޅިތަނަށް އަވިއަރަން ފަށައިފިއެވެ. މުޅިމާހައުލަށް ހޫނުކަން ވެރިވެއްޖެއެވެ. އާޔަން ތިރިއަށް ފޭބީ ނާސްތާކުރުމަށެވެ. އޭރު ޖާވިދު ދެމީހުންގެ ނާސްތާ ހޫނުކަންމަތީ ގެނެސް މޭޒުމަތީ ބަހަށްޓަނީއެވެ. އޭރު އަދި ނޫރާ ތިރިއަކަށް ނާދެއެވެ. ރީތިވެގެން އަންނަން އޭނާ ވަނީ ކޮޓަރިއަށެވެ. ނޫރާ އައުމުން ދެމީހުންގޮސް ހެނދުނުގެ ސައިގެ ކަންތައް ނިންމާލިއެވެ.
ކައިނިމިގެން ނޫރާދިޔައީ މައްޗަށެވެ. އޭނާގެ ކޮޓަރިއަށެވެ. ދެންވެސް އަވަހަށް އެ އެސައިންމެންޓު ހަދާ ނިންމާލެވޭތޯއެވެ. އާޔަން އެގޭ ގެންގުޅޭމީހުން ލައްވާ ޕޫލް ޕާރޓީ ތައްޔާރުކުރުމުގައި އުޅެންފެށިއެވެ. ޕިއްޒާއަށް އޯޑަރު ދިނުމަށްފަހު ތިރީބުރިން ދެކޮޓަރިއެއް ޝިންބީމެން ލައްވާ ސާފުކުރުވިއެވެ. އަދި ފުއްޕާހަންތަކެއް ދިނުމަށް ފަހު ހުރިހާ އެންމެން ކައިރީ އެހުރިހާ ހަމަކަށް ފެންއަޅަން އެންގިއެވެ. މިން ހޯ އާއި ޔުންގްޝީ ލައްވާ ފެންގަނޑު އެއްކޮން ހިއްކާ ސާފުކުރުމަށް ފަހު އަލުން ފެން އެޅުމަށް އެންގިއެވެ. ހުރިހާ ކަމެއް ތައްޔާރު ވުމުން އާޔަންގޮސް އާޔަން ކޮޓަރިއަށް ވަދެ ފެންވަރާ ރީތިވެލިއެވެ. އޭރު ގަޑިން ދިހައެއްޖަހާ ބޮޑުވެއްޖެއެވެ.
އާޔަން ނޫރާ ކޮޓަރިއަށް އައިސް ދޮރުގައި ޓަކި ޖަހާލުމާއި އެކު ހުޅުވާލިއެވެ. ނޫރާ އިނީ މޭޒުކައިރީ އެސައިންމެންޓް ހަދާށެވެ. އާޔަން ވަދެފަ ނޫރާ ހަދާއެއްޗެއް ބަލަން މަޑުކޮށްލައިގެން ހުރީއެވެ.
“ނިމެނީ މިހާރު!” އާޔަންއާއި ދިމާއަށް ބަލައިލަމުން ނުރާ ބުންޏެވެ.
“އާޔަން މިދަނީ ތިރިއަށް! އިރުކޮޅަކުން އެންމެން އަންނާނެ. ނޫރާތި ނިންމާލާފަ އާދޭ ތިރިއަށް އިނގޭ!” އާޔަން ބުންޏެވެ. ނޫރާ ބޯޖަހާލުމުން އާޔަން ކޮޓަރިން ނިކުމެގެން ހިގައްޖެއެވެ.
ބަރާބަރު ދިހައެއް ޖަހާ ދިހަމިނިޓް ހިނަގާފަ ހުއްޓާ އާޔަންމެންގެ ދޮރުކައިރިއަށް ކާރެއް މަޑުކޮށްލިއަޑު އިވުނެވެ. އާޔަން ބޭރަށް ނިކުތްއިރު ކާރުން މޫސަ، ނާއިފް އާއި ޒީނާ ފައިބަނީއެވެ.
“ކޮބާ އެހެން މީހުން؟” އެމީހުން ކައިރިއަށް އައުމުން އާޔަން އަހާލިއެވެ.
“ލައިއާ އެއްކޮން އެބައާދެ!” މޫސަ ބުންޏެވެ. “ކޮބާ ނޫރާ؟” މޫސަ އަހާލިއެވެ.
“މިހިރީ!” އާޔަން އަނގަ ހުޅުވާލިތަނުން ދޮރުން ނުކުމެގެން އައި ނޫރާ ގޮވާލިއެވެ.
އެވަގުތު ލައިގެ ކާރުއައިސް މޫސަގެ ކާރު ކައިރީ މަޑު ކޮށްލިއެވެ. އެންމެން އެދިމާލަށް ސަމާލުވެލިއެވެ. ކާރުން ލައިޝާ އާއި އަމީން އާއި ފާތުއާއި އަދި އިތުރު އަންހެއް ކުއްޖެއް ފޭބިއެވެ. އެއީ ވަރަށް ދިގު އަދި ރީތިވެސް ކުއްޖެކެވެ. ލައިގެން ހުރީ ކަކުލާ ހަމައަށް އަންނަވަރުގެ ޖީންސް ބުރިއަކާއި ކިރިޔާ އަތްކޮޅެއް އިންނަވަރުގެ ނޫކުލައިގެ ޓޮޕެކެވެ. ކޮނޑާ ހަމައަށް އަރާ އިސްތަށިގަނޑު ގައި ވަނީ ރަތްކުލަ ޖައްސާފައެވެ. ކަންފަތުގައި ރިހިކުލައިގެ ދެބޮޅު އަޅުވާފައި ހުއްޓެވެ. އާޔަންއަށް އެކުއްޖާފެނުމުން ކުޑައިރުކޮޅަކު ބަލަން ހުރެފައި އެދިމައަށް ހިގައްޖެއެވެ.
“ރިޒޫ؟ ރިޒޫ ކީއްވެ؟” އާޔަން ހުރީ ހައިރާން ވެފައެވެ. އެއީ އާޔަންމެންގެ ކްލާހަށް މިފެށުނު ސެމިސްޓަރގަ އައި ރިޒުނާއެވެ. އެއީ ރާއްޖޭ ކުއްޖެކެވެ. ކުރިން އެހެން ޔުނިވަރސިޓީއެއްގައި ކިޔެވުމަށްފަހު ބަދަލުވި ކުއްޖެކެވެ. އާޔަން ހުރީ ކުއްލިއަކަށް ރިޒޫ އައިމަ ހައިރާން ވެފައެވެ.
“އާޔަން ރިޒޫ ދަންނަންތަ؟” އަމީން އަހާލީ ހައިރާންވެހުރެއެވެ. “ރިޒޫއަކީ އަހަރެންގެ ކަޒިންއެއް!” އަމީން ބުންޏެވެ. އޭރު ރިޒޫއަށް ހުރެގެން ފުމެވެނީއެވެ. އާޔަން ފެނުމުން ރިޒޫހުރީ ވަރަށް އުފާވެފައެވެ.
“މިގޮތަށް އާޔަންއާއި މީޓްވާނެކަމަކަށް އަހަރެން ހިތަކަށްވެސް ނާރަ!” ރިޒޫ ވަރަށް ތުއި ގޮތަކަށް ބުނެލިއެވެ. އަދި ކޮނޑުގައި އޮތް ދަބަސް ބޭލިއެވެ. “އަހަރުމެންގޭ މީހުން ގެންޓިންއަށް މިއަދު ދިޔައީ ދެން އަމީން މިތަނަށް އަންނާތީ އަމީން ކައިރީ ކިޔަކިޔައިގެން އަމީން އެގެނައީ!” ރިޒޫ ބުންޏެވެ.
“އަހަން! އަހަންނަށް ކިހިނެއް އިނގޭނީ އާޔަންއާ ރިޒޫ ފްރެންޑު ވާނެކަމެއް!” އަމީން ބުންޏެވެ.
“އެއީ ކާކު؟” ދުރުގަ ހުރި މޫސަ ނާއިފްކައިރީ އަހާލިއެވެ. ނާއިފް ނެގެއޭ ބުނަން ކޮނޑު އަރުވާލިއެވެ.
“ޒީނާއަށް ހީވަނީ އާޔަން ދަންނަ ކުއްޖެއްހެން!” ޒީނާ ބުންޏެވެ.
“އާޔަން ދަންނަ ކުއްޖެކޭ؟” ނޫރާވެސް ހުރީ ސުވާލު އެފެދިފައެވެ.
އެތަނަށް އެވަގުތު ފާތުއާއި ލައިޝާ އައިސްފިއެވެ. މޫސަ އެމީހުން ކައިރިން އެއީ ކާކުތޯ އެހިއެވެ.
“އަމީންގެ ކަޒިންއެއް! ދެން މިހާރު މިވީ އާޔަންގެވެސް ކްލާސްމޭޓަކަށް!” ލައި ބުންޏެވެ.
“ބުނަންތަ! ވަރަށް ތުއިވާ މަންޖެއެއް އެއީ!” ފާތު ބުންޏެވެ. “ކާރުތެރޭވެސް އިރުކޮޅަކާ މޭކަޕްކޮށްލާ. ހެދުން ރަގަޅު ކޮށްކޮށް އަބަދު އިނީ. ދެން ނޭގެ ފާތުއަކަށް! އަދި ވާހަކަ ދައްކަނީވެސް އެހާތުއިކޮން.”
އާޔަން އައިސް އެންމެނަށް ރިޒޫ ތަޢާރަފް ކޮށްދިނެވެ. އަދި ރިޒޫއަކީ އާޔަންގެ ކްލާސްމޭޓެއް ކަމަށް ބުންޏެވެ.
“ވާއޮ!” ރިޒޫ ބުންޏެވެ. “މީ އާޔަންގެ ގެ؟ ހާދަ ރީއްޗޭ! ހާދަބޮޑޭ! މިގޭގަ އާޔަން އެކަނި އުޅެނީ؟” އެންމެން ގޭތެރެއަށް ވަނުމުން ރިޒޫ އެހިއެވެ.
“އާޔަން އާ ނޫރާއާ މިގޭގަ އުޅެނީ!” ފާތު ބުންޏެވެ. ފާތު ހުރީ ކުރިންވެސް ރިޒޫ އުޅޭގޮތުން ހިތްހަމަ ނުޖެހިފައެވެ. އެހެންވެ ފާތުއަށް އެހެން ބުނެވުނީވެސް ހަރުކަށި ރާގެއްގައެވެ. ރިޒޫއަށް އެކަމެއް އިހްސާސް ވީހެނެއް ހިޔެއްނުވެއެވެ.
“ނޫރާޔޭ! އެއީ މިކުއްޖާތަ؟” ޒީނާއާއި ދިމާއަށް އިޝާރާތް ކޮށްލަމުން ރިޒޫ ބުންޏެވެ.
“އެއީ މިކުއްޖާ!” އާޔަން ނޫރާގެ އަތުގައި ހިފާލަމުން ބުންޏެވެ. ރިޒޫ ވަރަށް މާނަފުން ބެލުމަކުން ނޫރާއަށް ބަލައިލިއެވެ. އަދި ތުއި ގޮތަކަށް ހިނިތުން ވެލިއެވެ. “ހާދަ ރީތި އިސްތަށި ކޮޅެކޭ ނޫރާގެ ތިއޮތީ! ތީ އޮރިޖިނަލްތަ؟” ރިޒޫ އަހާލިއެވެ.
“ރިޒޫ! ނޫރާއަކީ ވަރަށް ސިމްޕަލް ކުއްޖެއް! ނޫރާއަކީ ފުލް އޮރިޖިނަލް ކުއްޖެއް!” އަމީން ބުނެލިއެވެ.
އަމީން އެހެން ބުނުމުން އަދިވެސް ނޫރާގެ އަތުގަ ހިފައިގެން ހުރި އާޔަން ނޫރާއަށް ބަލައިލިއެވެ. އަދި ހީލަމުން ނޫރާގެއަތަށް ބާރުކޮށްލިއެވެ. ނޫރާ ދެބުމަ ކައިރިކޮށްލަމުން އާޔަން އަށް ބަލައިލިއެވެ. ތަދުވެގެންނެވެ. އާޔަން އަވަހަށް އަތުން ދޫކޮށްލިއެވެ.
ފާތު އާއި ޒީނާއަށް އެއްގޮތަކަށްވެސް ރިޒޫ ކަމަކު ނުދެއެވެ. ރިޒޫ ވާހަކަ ދައްކާގޮތާއި އުޅޭގޮތުން އެދެމީހުން ތިބީ ފޫހިވެފައެވެ. ލައި އަކީ މީހުންގެ އެކަހަލަ ކަންތައްތަކާ މާއަޅާލާ ކުއްޖެއް ނޫނެވެ. ލައި އަކީ ކޮންމެކުއްޖަކާވެސް ވަރަށް ހިތްހެޔޮކަމާއެކު ވާހަކަދައްކާ ކުއްޖެކެވެ. ނޫރާގެ ހިތަށް އަރަމުން ދަނީ ތަފާތު ހިޔާލެކެވެ. އެއީ އާޔަންއަ ކިހާވަރެއްގެ ރައްޓިއްސެއްބާއެވެ. ރައްޓެހިކަން އޮތީ ކިހާ މިންވަރަކަށް ބާއެވެ.
“ހިނގާބަލަ ނޫރާ ކޮޓަރި ދައްކާލަން!” އާޔަން އެމީހުނަށް އެމީހުން އުޅެންވީ ކޮޓަރިތައް ދެއްކުމަށްފަހު އެނބުރުނުވަގުތު އަމީން ބުންޏެވެ.
“މަޑުކުރޭ އެހަށް. އާޔަން ގޭމްސްތަކާ އެއްޗިހި ރާވާފަ އޮތްގޮތް ކިޔައިދިނީމަ ދެވޭނީ އިނގޭ!” އާޔަން ބުންޏެވެ. އަދި އެންމެން ގޮވައިގެން ސޯފާއަށް އައިސް އެންމެނާއެކު އިށީނެވެ.
ދެޓީމަށް ބަހާލީ ގުރުއަތުންނެވެ. ކަންދިމާވިގޮތުން ނޫރާއާއި އަމީންއާއި ފާތު ދިޔައީ މޫސަ ޓީމަށެވެ. ނާއިފް ޓީމަށް ދިޔައީ ޒީނާއާއި ލައިއާއި ރިޒޫ އެވެ. އާޔަން ހުރީ ފަންޑިޔާރަކަށެވެ.
އެންމެން ތެދުވީ ތައްޔާރުވާން ދިއުމަށެވެ. ނޫރާވެސް އަވަހަށް މައްޗަށް އަރަން ފެށިއެވެ. ނޫރާ ފަހަތުން އަމީން އަރަންފެށީ ނޫރާ ކޮޓަރިބަލާލާށޭ ކިޔާފައެވެ. އެވަގުތު ރިޒުނާވެސް އެމީހުން ފަހަތުން ހިގައިގަތީ ފުރުސަތުގެ ބޭނުންކޮށްގެން އެގެ ބަލައިލާށެވެ. އެމީހުން ފަހަތުން އާޔަންވެސް އެރިއެވެ.
ނޫރާ އާއި އަމީން އައިސް ނޫރާގެ ކޮޓަރިއަށްވަނެވެ. ފަހަތުން އާޔަންއާއި ރިޒުނާވެސް ވަނެވެ.
“މީ ނޫރާގެ ކޮޓަރި. ރީތިދޯ.” ނޫރާ ކޮޓަރީގައި އެނބުރިލަމުން ބުންޏެވެ.
“އާން. ވަރަށްރީތި.” އަމީން ދިމަދިމާ ހޯދާލަމުން ބުންޏެވެ.
“އަސްލު އެހާ ރީއްޗެއްނޫން. ރޫމްސް ޑެކަރޭޝަންއަށް ރެޑް އެހާ ރީއްޗެއްނޫން. އެހެން ނޫނަސް ރިޒޫއަށް ވަރަށް ހަޑި ކުލައެއް ރެޑް އަކީ.” ރިޒުނާ އެހެން ބުނީ މޫނަށް ވައްތަރެއް ޖައްސާލަމުންނެވެ. ހަގީގަތުގައި ހިތާހިތުން ރިޒުނާއަށް އެކޮޓަރި އަށް ތަޢުރީފްކުރެވެމުން ދިޔައެވެ. ނަމަވެސް ހިތުގައިވާ ހަސަދަވެރިކަމަކުން އެކަން އަންގަން ބޭނުމެއް ނުވިއެވެ.
“އެއީ ރިޒޫއަށް ރެޑްކުލަ ހަޑިވީމަ ކޮޓަރިވެސް ތި ހަޑިވީ. ހަގީގަތުގަ ވަރަށް ރީތި.” އަމީން އަވަހަށް ރިޒޫ ބުނި އެއްޗާވިއްދައިގެން އެހެން ބުނީ ނޫރާ ދެރަވެދާނެތީއެވެ.
“ހިނގާދެން އާޔަން ކޮޓަރި ދައްކާލަން.” ރިޒޫ އާޔަންގެ އަތުގައި ހިފާ ދަމަމުން ކޮޓަރިން ނެރެން މަސައްކަތް ކުރަމުން ބުންޏެވެ. އާޔަންހުރީ ނޫރާއާއި އަމީން އެކަނި ބަހަށްޓާފައި ނުދާންވެގެންނެވެ.
“އަމީންވެސް ހިނގާ އާޔަން ކޮޓަރި ބަލައިލަން.” އާޔަން އެންމެފަހުން އަމީން ގޮވައިގެން ދާން ނިންމިއެވެ.
“އޯކޭވާނެ. ދޭރިޒޫއަށް ދައްކާލާ. ރިޒޫ އަންނަންދެން އަހަރެން އިންނާނަން މިތާ!” އަމީން އެމީހުނާ އެއްކޮން ދާހިޔާލެއް ނުކުރިއެވެ. އެކަމާ ހިތްހަމަ ނެޖެހިފައިހުރެ އާޔަން ރިޒޫއާއި އެކު ނޫރާގެ ކޮޓަރިން ނުކުމެއްޖެއެވެ.
އާޔަން ރިޒޫ ގޮވައިގެން ކޮޓަރިއަށް ދިޔައިރު ކޮޓަރީގެ ހުރިހާ ދޮރުތަކެއް ހުރީ ހުޅުވާލާފައެވެ. އެހެންކަމުން މާބޮޑަކަށް އާޔަން ކޮޓަރީގެ ކަންތައް ކިޔައިދޭކަށް ނުޖެހުނެވެ.
“މިކޮޓަރި މާސަޅި. ރިޒޫދެން މިތާ އިންނާނީ. ރިޒޫ ބޭރަށް ދާހިތެއްވެސް ނުވޭ!” ރިޒޫ އެހެން ބުނީ އާޔަންއާއި ކައިރިވެލަމުންނެވެ. ރިޒުނާގެ އުޅުންހުރި ގޮތުން އާޔަން ހުރީ ހިތްހަމަ ނުޖެހިފައެވެ. އާޔަންއާއި ގައިގޯޅިވާން މަސައްކަތް ކުރަމުން ރިޒުނާ ދާތީ އާޔަން ކައިރިއަށް ރުޅިއަންނަގޮތް ވިއެވެ.
“ރިޒޫ. ދެން ހިނގާ އަވަސްކުރަން އުޅެމާ. ރިޒޫވެސް އަވަހަށް ގޮސް އެއްޗިހި ބަދަލުކޮށް ތައްޔާރުވާންވީނު.” އާޔަން އާޔަންގެ އަލަމާރި ހުޅުވާލަމުން ބުންޏެވެ. އެވަގުތު ރިޒުނާއައިސް އާޔަންގެ އަލަމާރި ބަލައިލިއެވެ.
“ވާއޮ… މިހާގިނަ އެއްޗިހި ފިހާރައެއްގަ ވިއްކަންވެސް ނުހުންނާނެ.” ރިޒުނާ އާޔަންގެ ޓީޝާރޓް ތަކުގައި އަތްކާތާލަމުން ބުންޏެވެ. “މިއަދު އާޔަން ލާނީ މީތި އިނގޭ.” އެތަނުން ނޫކުލައިގެ ޓީ-ޝާރޓެއް ނަގަމުން ރިޒުނާ ބުންޏެވެ.
“ތީތި ކަމަކު ނުދޭ. ތި އެހާ ކޮމްފޮރޓަބަލްއެއް ނުވާނެ. އެހެން ނޫނަސް އާޔަން ބޭނުން އެއްޗެއް އާޔަން ލާނީ. ރިޒޫ ދެން އެހަށްދޭ. އާޔަންދާނަން ތައްޔާރުވެގެން.” އާޔަން އަލަމާރި ލައްޕަމުން ރިޒޫގެ އަތުގަ ހިފައިގެން ދޮރާދިމާއަށް ގެންދަމުން ބުންޏެވެ. ރިޒުނާ ނުދާން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ނިކުމެގެން ހިގައްޖެއެވެ.
އާޔަން ތައްޔާރުވެގެން ކޮޓަރިން ނިކުތްއިރު ނޫރާވެސް ކޮޓަރިން ނުކުންނަނީއެވެ. އާޔަން ނޫރާއަށް ހީލިއެވެ. ނޫރާ ލައިގެން ހުރީ މަޑު ފެހިކުލައެއްގެ ޓީޝާޓެކެވެ. ޓީޝާރޓްގެ އަޑިން ރަތްކުލައިގެ ސޫޓު އަރާފައި ހުއްޓެވެ. ދެމީހުން އެއްކޮން ސިޑިން ފައިބައިގެން އައި އިރު އަމީންއާއި ރިޒުނާ ތަންކޮޅެއް ދުރުގައި އެމީހުނަށް ބަލަން ތިއްބެވ އެހެންމީހުންވެސް ތައްޔާރުވެގެންެ ސޯފާގައިތިއްބެވެ.
“އެދެމީހުން އެކަނި ގެއެއްގަ އުޅޭއިރު ނުތިބޭނެ ދުރުގައެއް! މަށަށް ޔަގީން ރައްޓެހިނުވިޔަސް ހުރިހާކަމެއް ކޮށްފަ ތިބޭނީ މިހާރު!” ރިޒުނާ އެހެން ބުނީ އަމީންއަށް އެކަނި އަޑުއިވޭވަރަށް ސިއްރުންނެވެ.
“ނޫރާ އަކީ ރިޒޫ ތިހީކުރާކަހަލަ ކުއްޖެއްނޫން! ނޫރާއަކީ މާ މާތް ކުއްޖެއް!” އަމީން ވެސް ސިއްރުން ރިޒޫކައިރީ ބުނެލިއެވެ.
“ކަލޭ ނޫރާއާ ހެދި އުޅޭތީ ތިހެން ތިބުނަނީ! މަޑުން ތިބޭގުރާ ބާރަށް ދައިގަންނާނެ!” ރިޒޫ ބުންޏެވެ.