ވީމޭ އިންތިޒާރުގައި 11 ވަނަ ބައި
“އަދިކިރިޔާ މިއަދު ނޫރާއަށް އިނގުނީ އާޔަން ނޫރާދެކެ މާކުރީންސުރެ ލޯބިވާކަން!” ސައީދާ އާޔަން ފެންބޯން އިންދާ އެހެން ބުނުމުން އާޔަންކޮށިއަރައި ގަތެވެ.
“ތަންކޮޅެއް ލަސްލަހުން ތި ބޮއެބަލަ.” ޒޫނާ އާޔަންގެ ބުރަކަށީ ފިރުމާލަމުން ބުންޏޭވެ.
އާޔަން ނޭވާ ހަމައަކަށް އަޅުވަމުން ނޫރާއާއި ދިމާއަށް ބަލައިލިއެވެ. އާޔަން އިނީ ހާސްވާގޮތް ވެފައެވެ. އާޔަންއަށް ހިވީ ހުރިހާދިމާއަކުން އާޔަން ފިއްތާލިހެންނެވެ.
ނޫރާ ހުރީ އާޔަންއަށް ވަމުންދިޔަގޮތް ރަގަޅަށް ބަލާށެވެ. އާޔަން އެއުޅެނީ ލަދުންކަމެއް ބިރުންކަމެއް ނޫރާއަކަށް ނޭގެއެވެ. އެވާހަކަ ސިއްރުކުރަންވީ ކީއްވެ ހެއްޔެވެ. ނޫރާ ލޯބިވާކަން އިނގޭއިރު ދެކޮޅުހަދަނީ ކީއްވެހެއްޔެވެ.
ސައީދާ ޒޫނާ ގޮވައިގެން އައިސް ކާން އިށީނީ އާޔަންއާއި ނޫރާއަށްވެސް ގޮވާފައެވެ. ނޫރާ މޭޒުކައިރިއަށް އައިސް ޒޫނަ ކައިރީ އިށީނެވެ. އާޔަން ސޮފާއިން ތެދުވެ މަޑުމަޑުން އައިސް ނޫރާ ކުރިމަތީ އިން ގޮނޑީގައި އިސްޖަހައިގެން އިށީނެވެ. އާޔަން ނޫރާއާއި ދިމާއަށް ނުބަލަ ވޭތޯ މަސައްކަތް ކުރަމުން ދެއެވެ.
“ހާދަ މީރޭ ކުކުޅު ހަދާފަ ހުރިލެއް!” ޒޫނާ ބުންޏެވެ. ‘”އަޅެ ކުކުޅު ކޮޅެއް ރަހަބަލައިލަބަލަ!” ޒޫނާ އާޔަން ތައްޓަށް ކުކުޅު ކޮޅެއް ލަމުން ބުންޏެވެ.
“ތީ ނޫރާ ހަދާފަ! ވަރަށް މީރުވާނެ ނޫރާ ކައްކާ އެއްޗިހި!” ސައީދާ ފަހުރުވެރިވެލާފަ ބުންޏެވެ. އާޔަންއާއި ނޫރާގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. މިއަދު އާދަޔާ ހިލާފަށް ދެމީހުންގެ ހިތްވެސް މާބާރަށް ތެޅެމުން ދެއެވެ.
“އެހެންތަ! ވާނެ އެއްދުވަހަކުން މަންމަމެންގެއަށް ގޮއްސަ ކައްކަން އިނގޭ!” ޒޫނާ ބުންޏެވެ.
ކައިނިމިގެން ނޫރާ ތަށިތައްނަގަން އުޅުނެވެ. ސައީދާވެސް ބައެއްތަށި ނެގުމަށްފަހު އައިސް ޒޫނާ ކައިރީ ސޯފާގައި ފޯއްޕެކެޓެއް ހިފައިގެން ޖައްސާލިއެވެ. އާޔަން ދިޔައީ ނޫރާކޮޓަރި ފާހާނާއަށެވެ.
އާޔަން ފާހާނާއަށް ވަދެފަނިކުމެ ނަމާދިކޮށްގެން ފޯނުނެގިއެވެ. އަދި ނޫރާގެ އެނދުގައި އިށީނދެ މޫސައަށް ގުޅާލިއެވެ.
“ހެލޯ” މޫސަގެ އަޑު ޖެހުމާއިއެކު އާޔަން ވާހަކަދައްކަން ފަށިއެވެ.
“އޭ! ސަމްތިން ބޭޑް ހެޕަން!” އާޔަން މޫސަކައިރީ ބުންޏެވެ. “ނޫރާއަށް އެގިއްޖެ އާޔަން ނޫރާދެކެ ލޯބިވާކަން. ދެން ކިހިނެއް ހަދާނީ؟”
“ދެން ހެދޭނެ ގޮތެއް ނެތެއްނު!” މޫސަ ބުންޏެވެ. “ދެޓްސް ނޮޓް ބޭޑް! ދެން ކިޔައިދީ ނޫރާއަށް ހުރިހާ ވާހަކައެއް. މޫސައަށް ފެންނަނީ ދެން ތިދެމީހުން ރައްޓެހިވާން. އެކަމު އާޔަންއަށް އިނގޭނީ ހަދާނެ ގޮތެއް!”
ތަށިދޮވެ ނިމިގެން ނޫރާ ކޮޓަރިއަށް ވަނީ އާޔަން ކުރަނީ ކީއްތޯ ބަލާށެވެ. ނޫރާ ވަންއިރު އާޔަން ހަމަ އެނދުގަ އިށީދެގެން އިނީއެވެ. އާޔަންގެ ފޯނު އާޔަން އަތުގައި އޮތެވެ. ނޫރާފެނުމުން ސިހޭގޮތަކަށް ނޫރާއާއި ދިމާއަށް ބަލައިލިއެވެ. އަދި ތެދުވިއެވެ.
“އާޔަން!…. އާޔަން ލަންކާގަ …. މަންމަ އެބުނީ ތެދެއްތަ؟” ނޫރާ ކޮޓަރިއަށް ވަދެ އެނދުގައި އިށީނެވެ. އަދި އިސްޖަހައިގެން އިން އާޔަން އަށް ބަލައިލިއެވެ. އާޔަން ބޯޖަހާލަމުން ވާހަކަދައްކަން ފެށިއެވެ.
“އާޔަންއަށް އެންމެ ފުރަތަމަ ނޫރާ ފާހަގަ ކުރެވެން ފެށީ ސްކޫލްގަ އާރޓް ކޮމްޕެޓިޝަނެއް އޮތްދުވަހަކު. އެއީ ހުރިހާ ގްރޭޑެއްގެ ކުދިން ބައިވެރިވި އާރޓް ކޮމްޕެޓިޝަނެއް. ނޫރާ ހަދާންވޭތަ އެދުވަސް؟” އާޔަން އިސްޖަހައިގެން އިނދެ ވާހަކަ ދައްކަމުން ގެންދިޔައެވެ. “އެދުވަހު އާޔަންއާ ޖަގަން އާ ޑޭވިޑް އާ ތިބީ ކުރަހާފަ ފާރުގަ ތަތްކޮށްފަ ހުރި ކުރެހުންތަކަށް ޖޯކުޖަހަން. އޭރު ނޫރާ އާއި އިތުރު ހަވަރަކަށް ކުދިން ތިބި މޭޒުކައިރީ ކުރަހަން. އާޔަންއަށް އެވަގުތު ފެންފުޅިއެއް ހިފައިގެން ދޮރުން ވަދެގެން އައި ޝައިލާއަށް ބަލައިލެވުނީ އޭނަ ވަދެގެން އައިގޮތުން. އޭނަ އެއައި ގޮތަށް އައިސް ނޫރާ ކުރަހަކުރަހަ އިން އެއްޗަށް ފެންފުޅި އެއްކޮން އަޅާލިތަން އާޔަންމެން ތިބީބަލަން. އާޔަން އަޖައިބުވީ ޝައިލާ ފެންއެތި އަޅާލާފަ ދިއުމުންވެސް ނޫރާ އަނގައިންވެސް ނުބުނެ ގޮނޑިން ތެދުވެ އެތަން ސާފުކޮށްލާފަ އާގަނޑެއް ހިފައިގެން އައިސް ނޫރާ ކުރަހަން ފެށީމަ. އެދުވަހު އާޔަންހިތައްއެރީ ނޫރާ ހާދަ ކެތްތެރިއޭ! ނޫރާ ކުރަހަން އިންދާ ފަހުން ޝައިލާއައިސް ނޫރާއާއި ދިމާއަށް ހުރިހާކުދިން ކުރިމަތީ ކީއެއްޗިހިންވެސް އެހެން ކުއްޖަކުނަމަ ދުވެފިލާނެ. ޝައިލާ ރުޅިއައިސްގެން ފުޑުފުޑުވެގެން ހަޅޭއްލަވަމުންދާއިރުވެސް ނޫރާ ހަމައިނީ ކުރަހާލަ ކުރަހާލަ. ނޫރާ އިނީ ކަންފަތައް ކަފަޖަހައިގެންތަ؟” ފުރަތަމަ ފަހަރަށް އާޔަން ނޫރާއަށް ބަލައިލިއެވެ. އަދިމާނޭވާއެއް ލިއެވެ.
“އާޔަންމެން ގުރޫޕުގަ އެންމެ ގޯސްކޮން އުޅޭ ޑޭވިޑްވެސް ހުރީ ބަސް ހުއްޓިފަ. އެދުވަހުގެ ފަހުން އޭނަވެސް ނޫރާއަށް ގަދަރުކުރަންފެށި. އާޔަންއަށް ޔަގީން އެތާ އޭރުތިބި ހުރިހާކުދިންވެސް ނޫރާއަށް ސަޕޯރޓްކުރާނެކަން. އޭގެފަހުން ވަރަށް ގިނަ ދުވަސް ދުވަހު އާޔަންއަށް ދިމާވޭ ނޫރާއާ ދިމާކޮށްލައިގެން ޝައިލާ އުޅޭތަން. އަދި ނޫރާ އަޅާވެސްނުލާ ހުންނަނީ ޝައިލާގެ ވާހަކަ އަޑުއަހަން. ޝައިލާ ހަމަ ހަޅޭއްލަވަ ލަވާފަދަނީ! ސްކޫލްގަ ޕާރޓީ އޮތްރޭ ނޫރާ އިށީދެގެން އިންދާ ޝައިލާއައިސް ނޫރާގެ ހެނދުމުން ބޮޑުބައެއް ކަފާލިއެއްނު! އެއީ އާޔަންއަށް ހަމަ ނުހުރެވުނު ރެއެއް! އެކަމު ނާއިލް އާޔަން ދިޔަނުދީ ހިފެހެއްޓީ. އެހެންނޫންނަމަ ނޭގެ ޝައިލާއަށް ހަދާލެވޭނެ ގޮތެއްވެސް. އެރޭ އާޔަންކައިރިއަށް ވަރަށް ރުޅިއައި. ޝައިލާދެކެ އަދި އެންމެރުޅިއައީ ނޫރާ ލޮބީގަ އިނދެގެން ނަދާކައިރީ ރޮމުން ދެއްކިވާހަކަ އަޑުއިވުނީމަ.” އާޔަން ހިންދިރުވާލަމުން ނޫރާއަށް ބަލައިލިއެވެ. އާޔަން އިނީ ފެންކަޅިވެފައެވެ. އެދުވަހު ނަދާކައިރީ އެހުރިހާ ވާހަކައެއްދެއްކި އިރު އާޔަން އެތާ ހުރިކަމެއް ނޫރާއަކަށް ނޭގެއެވެ.
“ނޫރާ ރޮމުން ކީމެއްނު ޝައިލާ ކީއްވެހޭ ނޫރާއަށް އެހެން އެހަދަނީ، ނޫރާކައިރީ ބުނަނިކޮން ޝައިލާ ބޭނުން ކޮންމެކަމެއްވެސް ނޫރާ ކޮށްދީފާނަމޭ، ނޫރާ މޮޅުވީމަ ކަމަށް ވަންޏާ ޝައިލާއަށް ވުރެން ދަށުންވެސް މާރކްސް ހޯދަފާނަމޭ. ނޫރާ ރީތިވީމަ ކަމަށް ވަންޏާ ނޫރާ ފެންނުވަރަވެސް ސްކޫލަށް އައިސްދާނަމޭ، ނޫރާމެންގެއަށް ގުޅައިގެންވެސް ޝައިލާ އެއްޗިހިކިޔާވާހަކަވެސް ނަދާކައިރީ ރޮމުން ކީމެއްނު.”
“ނޫރާ! އާޔަން ނޫރާދެކެ ލޯބިވާވާހަކަ ޑޭވިޑް އާއި ނާއިލް އާއި ޖަގަން އެއްކޮން ތިއްބާ ބުނީ. އޭރު އެތާ ޝައިލާ ރައްޓެހި ކުއްޖެއް ހުރިކަމެއް އާޔަންއަކަށް ނޭގެ. ފަހުން ޝައިލާއަށް އެވާހަކަ އިނގުނީމަ ޖަގަން ބުނީ އޭރު އެތާ ޝައިލާގެ ފްރެންޑެއް ހުރިވާހަކަ. އެދުވަހުގެ ފަހުން ޝައިލާ ހީވަނީ އެހެންފަދަ ކަމެއް ލައިގަނެގެން އުޅޭހެން. ޝައިލާއާ ރައްޓެހިނުވެގެން. ކޮންމެދުވަހަކު އާޔަން ކައިރީ އާދޭސް ކުރޭ! އާޔަންއަށް ފޯނުން ގުޅައިގެންވެސް އާދޭސް ކުރޭ!… އެންމެފަހުން އެއްދުވަހަކު އާޔަން އެކަނި ކްލާހުގަ އިންދާއައިސް ހެދުންވެސް ބޭލި. އެދުވަހުއޭ ބުނީ އޭނަ ނޫރާއަށް ވުރެން މާ އެކްސްޕީރިއަންސް ވާނެޔޭ! އާޔަން ބުނާ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށޭ މިހިރީ! އެދުވަހު އޭނަ ކޮށްޕާލުމުން އޭނަދިޔައީ އާޔަންއަށް އިންޒާރު ދީފަ. އެންމެފަހުން އާޔަން އޭނައާ ރައްޓެހިނުވާނެކަން އެނގުނީމަ ބުނީ އާޔަން ޝައިލާއާއި ރައްޓެހި ނުވިއްޔާ ސްކޫލްގައުޅެން އުނދަގޫވާވަރަށް ނޫރާއަށް ޖެއްސުން ކުރާނަމޯ.” އާޔަންގެ ކަރު ބެދިއްޖެއެވެ. އެނދުން ތެދުވެގެން ގޮސް މޭޒުމަތީ ހުރި ފެންފުޅިނަގާ ދެކޯވަރެއް ބޯލިއެވެ. ނޫރާ އިނީ އެނދުގައި ފެންކަޅިވެ އިސްޖަހައިގެންނެވެ.
“އާޔަން އަސްލު ނޫރާދެކެ ލޯބިވިއަސް ނޫރާއާ ގުޅެން ބޭނުން ނުވަނީ ފަހުން ނޫރާއަށް ދެރައެއްދޭން ޖެހިދާނެތީވެ. އޭރުން އެދުވަހުން އާޔަން މާދެރަވާނެ. އެދުވަހުން ނޫރާވެސް މާދެރަވާނެ. ރައްޓެހިންގެގޮތުގައި މިހެންތިބުން މާރަގަޅުކަމަށް އާޔަންއަށް ފެންނަނީ!” އާޔަން ނޫރާ ކައިރިއަށް އައިސް އަނެއްކާވެސް އެނދުގަ އިށީނެވެ.
“ކިހިނެއްތަ ފަހުންވާނެގޮތެއް އިނގެނީ؟” އަތުން ލޯފޮހެލަމުން ނޫރާ ބުންޏެވެ. “މިހާރު ވިސްނަން ޖެހޭނީ މިހާރަށް! ކިހިނެއްތަ އިނގެނީ އެހާދުވަސް ވަންދެން ދުނިޔޭގަ ހުންނާނެކަމެއްވެސް؟ އަނެއްކާ އާޔަން ތިބުނަނީ އަޔަން ލޯބިވާވާހަކަ، އަދި އާޔަންއަށް އެގޭނުނޫރާވެސް ލޯވިވަނީ އާޔަން ދެކެ ކަން. ދެން ކީއްވެތަ؟” ނޫރާގެ ލޮލުން އޭރު ކަރުނަތައް ފައިބަމުން ދެއެވެ.
އެވަގުތު ޒޫނާ ނޫރާއަށް ގޮވަމުން އައިސް ކޮޓަރިއަށް ވަނެވެ. ޒޫނާ ހުރީ ވަރަށް ހާސްވެފައެވެ. ޒޫނާގެ މޫނުމަތިން އެކަން ފެނެއެވެ. ޒޫނާ ހުރިގޮތުން އާޔަންއަށް ތެދުވެވުނެވެ. ނޫރާވެސް އަވަހަށް ކަރުނަތައް ފޮހެލާ ހިނިތުން ވެލަން މަސައްކަތް ކުރިއެވެ.
“ނޫރާ، ވަރަށް އަވަހަށް ނައީމާއަށް ގުޅާލަބަލާށޯ! އާޔަން އާދެބަލަ ބޭރަށް!” ޒޫނާ އެހެން ބުނެފަ ބޭރަށް ނިކުތެވެ. އާޔަންވެސް ޒޫނާފަހަތުން ބޭރަށް ނިކުތެވެ.
“އާޔަން! ނޫރާގެ ބައްޕަ…. ފާރޫޤް އެކްސިޑެންޓްވެގެން މާލެއިން ދެންމެ ގުޅީ. ދޭބަލަ ނުރާ ކައިރިއަށް މިހާރު ނައީމާ ކިޔައިދީފާނެ ނޫރާއަށް. މަންމަ މިދަނީ ސައީދާ ކައިރިއަށް.” ޒޫނާ ހުރީ ހާސްވެފައެވެ.
އާޔަން ނޫރާގެ ކޮޓަރިއަށް ވަންއިރު ނޫރާ ނައީމާއާއި ފޯނުން ވާހަކަ ދައްކަނީއެވެ.
“ޑޮކްޓަރުން ބުނީ ކީކޭތަ؟” ނޫރާ ހުރީ ހާސްވެފައެވެ. “ބައްޕަ ހޭ އެރީމަޔޭ އިނގޭނީ؟ ދެން ފަޔައް ކިހިނެއްތަ ހަދަނީ؟ އެވެސް ހޭ އެރީމަތަ އިނގޭނީ؟” ނޫރާއަށް ރޮވެން ފެށިއެވެ. އާޔަން ގޮސް ނޫރާ ކައިރީ ހުއްޓުނެވެ. ނޫރާ ފޯނު ކަނޑާލިއެވެ. އަދި ފެންކަޅިވެފައި ހުރެ އާޔަންއަށް ބަލައިލިއެވެ. ނޫރާ ނުރޯން މަސައްކަތް ކުރަމުން ދަނިކޮންވެސް ލޮލުން ފެންތައް ފައިބަންފެށިއެވެ.
އާޔަންއަށް ނޫރާއާއި ދިމާއަށް ބަލަން ހުރެވުނީ އިރުކޮޅަކުއެވެ. ނޫރާގެ އަތުގައި ހިފާގެނެސް އާޔަންގެ މޭގައި ނޫރާގެ ބޯ ޖައްސާލިއެވެ. އަދި ނޫރާވަށާލާ އާޔަން ބައްދާލިއެވެ. ނޫރާގިސްލަމުން ރޯންފެށިއެވެ. ބާރަށެވެ. އާޔަންގެ ހިމާޔަތުގައި ހުރެގެނެވެ. އާޔަން ލައިގެން ހުރި ޓީ-ޝާރޓްގެ މޭމަތި އެއްކޮން ތެމިއްޖެއެވެ. އަދިވެސް ނޫރާ ރޮމުން ދިޔައެވެ. އާޔަން ނޫރާގެ އޮމާން އިސްތަށިގަނޑުގައި ފިރުމާލިއެވެ. ނޫރާ ވާނެދެރަ އާޔަންއަށް އިޙްސާން ކުރެވޭކަހަލައެވެ. އާޔަންގެ ލޮލުންވެސް ކަރުނަ ނިރާލާފައި ހުއްޓެވެ. އިރުކޮޅަކުން އާޔަންގެ މޭމަތިން ނޫރާބޯނަގާ ދުރަށްޖެހިލަމުން ކަރުނަތައް ފޮހެލިއެވެ.
“ބައްޕަ…… ނޫރާގެ ބައްޕަ…. އެކްސިޑެންޓް ވީޔޯ! ކަނާތުފައި އެއްކޮން އޮތީ ޗަސްވެފަޔޯ!……. ބައްޕަ އޮތީ ކޯމާއެއްގަޔޯ!……. ބައްޕަ……..” ނޫރާ ނޭވާ ހަމައަކަށް އަޅުވަމުން ބުނަން އުޅުނުވާހަކަ ހުއްޓާލީ އާޔަންގެ ޝަހާދަތް އިނގިލި ނޫރާގެ މަޑުމަޑު ތުންފަތުގައި ޖައްސާލަމުން ވާހަކަ ނުދައްކާށޭ ބުނުމުންނެވެ.
ނަމަވެސް އާޔަންގެއަތް ފޮޅުވާލާފަ ނޫރާ ކޮރުޖަހަމަުން ބާރަކަށް ކޮޓަރިން ނިކުންނަށް އުޅުމުން އަނެއްކާވެސް އާޔަން ނޫރާ ހިފެހެއްޓިއެވެ.
“ނޫރާ، ހަމަޖެހިލައިގެން ބޭރަށް ދާނީ. ނޫރާ މަންމަވެސް މިހާރު އިންނާނީވަރަށް ދެރަވެފަ. އެހެންވެ ނޫރާވަރަށް ހިތްވަރުކުރަން ޖެހޭނެ.” ނޫރާއާއި ދިމާއަށް އާޔަން ބަލަންހުރީ އަސަރުން ފުރިފައިވާ ގޮތަކަށެވެ.
ނޫރާ ފުންނޭވާއެއްލިއެވެ. އާޔަންއެބުނަނީ ތެދެކެވެ. ނޫރާ ހިތްވަރުކުރަން ޖެހޭނެއެވެ. އެހެންނޫނީ މަންމަ މާބޮޑަށް މާޔޫސް ވެދާނެއެވެ. ނޫރާ ކުޑަކޮން ހަމަޖެހިލިއެވެ. އަދި ކޮޓަރިން ބޭރަށް ނުކުތީ ހިތްވަރާއެކުއެވެ. އާޔަންވެސްް ނޫރާ ފަހަތުން ނުކުތެވެ. އޭރު ސައީދާ ސޯފާގައި އިސްޖަހައިގެން އިނެވެ. ޒޫނާ ސައީދާ ކައިރީ އިނެވެ.
“މަންމާ!……” ނޫރާއޭނަ މަންމައަށް ގޮވާލިއެވެ. އެވަގުތު ސައީދާ ތެދުވެ ނޫރާ ގައިގަ ބައްދާލިއެވެ. އަދިބާރަކަށް ރޯންފެށީއެވެ.
“އަދި ރޯކަށް ނުވޭ މަންމާ! ހިތްވަރުކުރޭ! މަންމަތިހެން ރޮންޏާ ނޫރާގެ ހިތްވަރު އެލޭގޮތްވާނީ. މަންމަ ތިހެން ރޮންޏާ ނޫރާ މާބޮޑަށް ދެރަވާނެ. މީ ހިތްވަރު ކޮށްގެން ދެން ހަދާނެ ގޮތަކާމެދު ވިސްނަންވީ ވަގުތު.” ކެތްތެރިކަމާއެކު ނޫރާ އޭނަގެ މަންމައަށް ދެމުންދިޔަ ހިތްވަރުގެ ބަސްތަށް އަޑުއަހަން ޒޫނާއާއި އާޔަން ތިއްބެވެ.
“ނޫރާ އެބުނީ ތެދެއް ސައީ. ދެން ހިނގާ ގޮތެއް ވިސްނަމާ އަވަހަށް.” ޒޫނާ ސައީދާގެ ކޮނޑުގައި ހިފާލަމުން ގެނެސް ސޯފާގައި ބައިންދަމުން ބުންޏެވެ.
އިރުކޮޅަކުން އެންމެން ހަމައަކަށް އެޅިއްޖެއެވެ. އަދި ދެން ހަދާނެ ގޮތަކާމެދު ވާހަކަދައްކަން ފެށިއެވެ.
“ނޫރާ އަދި މާލެ ދާނެ ކަމެއްނެތް! ނޫރާގެ އިމްތިޙާން މިހާ ކައިރިވެފައޮއްވާ ދިޔުން ރަގަޅެއްނުވާނެ!” ޒޫނާ ބުންޏެވެ. “އަހަރެން ސައީދާއާއި އެކު މާލެ ދާނީ…. ދެން ނޫރާ ކޮންމެހެން ދާންޖެހިއްޖެއްޔާ ފަހުން ދާނީ!”.
“ނޫރާ އެކަނި އޭރުން މިތާ އުޅޭނީ! އަހަރެން އެހާ ހިތްހަމައެއް ނުޖެހޭ!” ޒޫނާބުނި ގޮތާއި ސައީދާ ކުޑަކޮން ދެބަސްވިއެވެ. މީގެ ކުރިން ނޫރާ އެކަނިއުޅެން ސައީދާ ދުލެއްނުކޮށްލައެވެ.
“މިތާ ނޫރާ ހުންނާނެކަމެއްނެތޭ! ނޫރާ ގެންދާނީ އަހަރުމެންގެއަށް. އޭރުން ކޮންމެދުވަހަކު އާޔަންއާއި އެއްކޮން ޔުނީއަށް އާދެވޭނެ. ގޭގަ އުޅޭނެ ބައިވަރު މެއިޑުން. ނޫރާވަރުގެ ކުދިން ހަމައެއީ. ނޫރާ އެކަނިވެގެން އުޅޭކަށް ނުޖެހޭނެނު. ކައްކާ ހަދާކަށްވެސް ނޫރާއަކަށް ނުޖެހޭނެ. ފިލާވަޅު ދަސްކުރަން ވަގުތު އޮންނާނެނު. އަނެއްކާ އާޔަންވެސް ހުންނާނެނު ނޫރާ ކައިރީގަ!” ޒޫނާ އެހެން ބުނުމުން ސައީދާ ހިތްހަމަ ޖެހުނެވެ. އެގޮތާ ސައީދާ ގަބޫލުވެއްޖެއެވެ.
ޒޫނާ އަވަހަށް ތެދުވިއެވެ. އަދި އަވަހަށް ގެއަށް ދިއުމަށް އުޅެންފެށިއެވެ.
“އާޔަން ހިނގާ މަންމައާއި އެއްކޮން ގެއަށް އޭރުން ޕެކްކޮށްލައިގެން އަންނާނީ އަވަހަށް. ސައީދާވެސް އަވަހަށް ޕެކްކުރޭ. އާޔަން ބަލާބަލަ މިރޭގެ ފްލައިޓުން ދެޓިކެޓް ލިބޭތޯ.” ޒޫނާ އަވަސް އަރުވާލައިފިއެވެ. އާޔަން ފޯނުން ޓިކެޓްގެ ކަންތަކާ އުޅުނެވެ. ޓިކެޓް ލިބިއްޖެއްޔާ ހަޔެއްޖަހާއިރަށް އެއަރޕޯރޓަށް ދާންޖެހޭނެއެވެ.
“ނޫރާވެސް ޕެކްކުރޭ! އޭރުން މަންމަމެން އެއަރޕޯރޓަށް ލާފައައިސް އާޔަންއާއެއްކޮން ދާގޮތަށް އެގެއަށް ދެވޭނީ!” ޒޫނާ ނޫރާކައިރި ބުންޏެވެ. “ފޮތްތައްވެސް ޕެކްކޮށްލާތި. މިހާރަށް ވާވަރަށް އެހަށް ޕެކްކޮށްލާ. ދެން ފަހުން ބޭނުންވާ ވަރަކަށް ގެންދާނީ!” ޒޫނަ ނޫރާ ކައިރީ ބުނެޏެވެ.
“ލިބިއްޖެ ދެޓިކެޓް….” އާޔަން ފޯނު ޖީބަށް ލަމުން ބުންޏެވެ. “ހިނގާ މަންމަދާން އޭރުން އަވަސްވާނީ!” އާޔަން ދޮރާދިމާއަށް ދަމުން ބުންޏެވެ.
ޒޫނާ އާޔަންފަހަތުން ހިގައިގަތީ ސައީދާ ކައިރީ އަވަސްކުރުމަށް އަދިވެސް އެއްފަހަރު ބުނަމުންނެވެ.
ޒޫނާ ގެއަށްގޮސް ޒޫނާ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރި ސާފުކުރުމަށް އެގޭ ގެންގުޅޭ ކުދިންނަށް އެންގިއެވެ. އަދި އެއީ ނޫރާ އަންނަންވާއިރަށް އެކޮޓަރި ތައްޔަރުކުރުމަށް ޓަކައެވެ. އަދި ތައްޔާރު ކުރަންވީ ގޮތާއި ގަންނަންވީ ތަކެތި ކިޔައިދިނެވެ. ވީހާވެސް އަވަހަށް ތައްޔާރު ކުރުމަށް އެމީހުނަށް އެންގުމަށްފަހު ދިޔައީ ކޮޓަރިއަށެވެ. ޒޫނާ އަވަހަށް ކުޑަ ފޮށްޓަކަށް އެއްޗިހި އަޅާ ތައްޔާރުވެލިއެވެ. އަދި ނަމާދުކޮށްލައިގެން ރީތިވެލައިގެން ނުކުތެވެ. އެވީވަގުތު ކޮޅުގައިވެސް ނޫރާއަށް ތައްޔާރު ކުރަމުންދާ ކޮޓަރިއަށް ވަދެ އެމީހުން ކަންތައްކުރަމުންދާގޮތް ބަލައިލިއެވެ. އަދި އެތާއަޅާނެ ކާޕެޓަކާއި ފަރުނީޗަރު ގަންނަން ސުންޖީ އަތަށް ލާރި ދިނެވެ. ސުންޖީއަކީ އެގޭގައި ބާޒާރުކުރަން ހާއްސަކޮށް ގެންގުޅޭ ކޮރެއާގެ ރައްޔިތެކެވެ. ސުންޖީއަކީ މެދުއުމުރުގެ މީހެކެވެ. އިސްމާޙްގެ އެކިއެކި ވަޒީފާތަކުގައި އުޅޭތާ ދުވަސްވެފައިވާ މީހެކެވެ. ކޮޓަރި ތައްޔާރު ކުރަނީ ރަތާއި ހުދުން ކަމަށް ވާތީ ރަތާއި ހުދުން ފަރުނީޗަރާއި ކާޕެޓްވެސް ގަތުމަށް ސުންޖީއަށް އެންގިއެވެ.
“މަންމާ އަވަސް ކުރޭ! މިހާރު އެއޮށް ހަތަރުގަޑި ބައިވީ.!” އާޔަން އައިސް އެކޮޓަރިއަށް ވަންނަމުން ބުނެޏެވެ.
“ހިނގާދަމާ! މަންމަ ރެޑީ!” އާޔަން އެހެން ބުނުމާއިއެކު ޒޫނާ އަވަހަށް އާޔަންއަށް ޖަވާބުދެމުން ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ.
އާޔަންގެ ކާރު ކަސަސުބާންގްގެ ގޭޓަށް ހުއްޓި އިރު ނުރާ އާއި ސައީދާ ތިބީ ގޭޓް ކައިރީއެވެ. ދެމީހުން ވެސް ތިބި ކުޑަދެފޮށި ބިންމަތީ ބަހަށްޓައިގެން ޒޫނާމެންގެ އިންތިޒާރުގައެވެ. ކާރު އައުމާއިއެކު އާޔަން ކާރުން ފައިބައިގެން އައިސް ޑިކީއަށް ދެފޮށިލިއެވެ. އެވަގުތު ނޫރާއާއި ސައީދާ ގޮސް ކާރަށް އަރައިފިއެވެ.
ހައިވޭގައި ބާރު ދުވެލީގައި އާޔަން ކާރުދުއްވަމުން ދެއެވެ. ކާރުތެރެއަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އެކަކުވެސް ވާހަކަދައްކަން ބޭނުންނުވަނީ ކަންނޭގެއެވެ. ނޫރާ އިނީ މިއަދު އާޔަން ނޫރާކައިރީ ދެއްކި ވަހަކަތަކާއި މެދު ވިސްނާށެވެ. އާޔަން ނޫރާދެކެ ލޯބިވާކަން އެނގުނީންސުރެ ނޫރާގެ ހިތް އާދަޔާ ހިލާފަށް ތެޅޭހެން ނޫރާއަށް އިހްސާސް ކުރެވެމުން ދެއެވެ. އާޔަން ނޫރާއަށްޓަކާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން ނޫރާއަށް މިއަދު އެގިއްޖެއެވެ.
ހަމަހިމޭންކަން ފޫދުއްވާލީ ސައީދާގެ ފޯނު ރިންގުވާއަޑެވެ. ސައީދާ އަވަހަށް ދަބަހުން ފޯނުނަގާ ބަލައިލިއެވެ. އެއީ މާލޭން ނައީމާއެވެ. ސައީދާ އަވަހަށް ފޯނަށް ޖަވާބުދިނެވެ.
“އަލްހަމްދުﷲ” ސައީދާ ބުނާއަޑު އިވުނެވެ. “ދެން ފައި އޮޕަރޭށަން ކުރަން ވައްދަނީ ކިހާއިރަކު؟…. އެހެންތަ…. އާން ނޫރާ ޒޫންތަ މެންގޭގަ ބަހަށްޓަފަ ދަނީ! ޒޫންތަވެސް ދޭ ދޮންތަޔާއެކު! …..އާން….. އޯކޭ!” ސައީދާ ފޯނު ކަނޑާލިއިރު މޫނުމަތިން ހިތްހަމަޖެހުމެއް ފެންނަން ހުއްޓެވެ. އެންމެން ވެސްތިބީ ސައީދާބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.
“ނައީމާ ބުނީ މިހާރު ފާރޫޤް ހޭއަރައިފި ކަމަށް! އެހެންތަނަކަށް ގެއްލުން ލިބިފަ ނުވާކަމަށްވެސް ބުނި. ދެން ފައި އޮޕަރޭޝަން ކުރަން ވައްދާށޯ މިހާރު އުޅެނީ!” ސައީދާ އެންމެނަށް ނައީމާދެއްކި ވާހަކަ ހިއްސާ ކުރިއެވެ.
“ނަސީބެއްނު ފުރާނައަށް ގެއްލުން ނުވިކަންދޯ! އަހަރެން ވަރަށް ބިރުން ހުރީ!” ޒޫނާ ބުންޏެވެ.
“އާނ! މަވެސް އިނީ ތިކަމާ ބިރުން.” ސައީދާވެސް ބުންޏެވެ. “ނޫރާ މަންމަ ނެތަސް ބަސްއަހައިގެން އުޅޭތި. ކިޔަވާތި. މާބޮޑަށް ނުވިސްނާތި. ކަމެއްދަމެއް ބޮޑުވަންޏާ އާޔަން ކައިރީ ބުނާތި. މަންމަމެންނަށް އަބަދުވެސް ގުޅޭނެ.” ސައީދާ ހުއްޓާނުލާ ނޫރާއަށް ނަސޭހަތް ދެމުން ގެންދަންފެށިއެވެ. “ޓެސްޓު ދުވަސްވަރު މާގިނައިން ބެރަށް ނުދާތި. ރަގަޅަށް ފިލަވަޅުދަސްކުރާތި. އަޅުކަން ކުރާތި!” ސައީދާ އަދިވެސް ހުއްޓައެއް ނުލައެވެ. އެންމެފަހުން ނޫރާ އޭނަމަންމައާއި ދިމާއަށް ބަލައިލަމުން އާއެކޭ މަންމަ ބުނާގޮތަށޭ އުޅޭނީ މަޑުމަޑުން ބުނެލިއެވެ.
“މަންމައަށް އިނގޭ ދަރިފުޅު މަންމަ ދެރަވާގޮތަކަށް ނޫޅޭނެކަން. އަދި މަންމަ ލަދުގަންނަން ޖެހޭފަދަ ކަމެއްވެސް ނުކުރާނެކަންވެސް އިނގޭ! އެކަމު މަންމަ އަބަދުވެސް ޖެހޭނެނު ދަރިފުޅަށް މިކަންތައްތައް ކިޔައިދޭން! މަންމަ ދަރިފުޅަށް އަބަދުވެސް އިތުބާރުކުރަން!” ސައީދާ ބުންޏެވެ.
“އަހަރެން މިއިންނަނީ ހަމަ ބުނާނެއެއްޗެއްވެސް ނޭގިފަ. ނޫރާގެ އަޙްލާގާއި މަޑުމައިތިރިކަމަކީ ސައީދާގެ ނަސޭހަތުގައި ނޫރާ ހިފާތީވެ އޭނާގެހުންނަ މާތް ސިފަތައް. އެކަހަލަ އަންހެން ކުދިން މިޒަމާނުގަ ނުވެސް އުޅޭނެ. އަލްހަމްދުﷲ ސައީދާއަށް ތިފަދަ ރަގަޅު ދަރިއަކު މާތްﷲ ދެއްވާފަ ހުރީތީ!” ޒޫނާ ބުންޏެވެ.
“އަދި މާބޮޑަށް އަހަރެން ހަމްދުކުރަން އަހަރެންގެ ދަރިފުޅަށް އާޔަން ފަދަ ރަގަޅު ބައިވެރިއަކު ލިބުނީތީ!” ސައީދާ ހީލަމުން ބުންޏެވެ. “ދަރިފުޅާ އާޔަން! މަގޭ މީންދަ ނޫރާ އާޔަންއާއި ހަވާލު ކޮށްފަ މިއަދު މިދަނީ އާޔަންއަށް ވަރަށްބޮޑަށް އިތުބާރު ކޮށްފަ! މަގޭ ދަރިފުޅު ރަގަޅަށް ބަލައިދޭތި އިނގޭ!” ސައީދާ އާޔަންގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.
“ހާސްނުވޭ ނޫރާ މަންމާ! އިންޝާﷲ އާޔަން ނޫރާ ބަލާނަން. އަމާނާތެއްގެ ގޮތުގައި ރައްކާތެރިވާނަން. ނޫރާ އުފަލުގަ ބަހަށްޓަން ކުރެވެން ހުރި ހުރިހާމަސައްކަތެއް އާޔަން ކުރާނަން.” އާޔަން ކާރުގެ ލޯގަނޑުން ފަހަތުގައި އިން ނޫރާއަށް ބަލައިލަމުން ބުންޏެވެ.
“ސައީދާ! އަހަރެން ވަރަށް އުފާވެއްޖެ. ސައީދާ މިއޮއް ހުރިހާދުވަހު ކުރިމަސައްކަތް މިއަދު މިއުޅެނީ އަހަންނަށް ލިބެން!” ޒޫނާ ހިނިތުންވެލަމުން ބުންޏެވެ. ހަގީގަތުގަވެސް ޒޫނާ އިނީވަރަށް އުފަލުންނެވެ. ނޫރާ ކަހަލަ ރަގަޅު ކުއްޖެއް އާޔަންއަށް ލިބުނީތީއެވެ. “މިދެމީހުންގެ ކައިވެނި ނިކަން ކުލަގަދަކޮން ޖެހޭނެ ބާއްވަން. އެއީ އަހަރެންގެ ހުވަފެނަކީ!”
ކައިވެނީގެ ވާހަކަ ބުނުމުން ނޫރާ ލަދުން މޫނު ރަތްވެގެން ދިޔައެވެ. އާޔަން އިނީ ލޯގަޑުން ނޫރާއަށް ބަލާށެވެ. ނޫރާއަށް ވީގޮތް އާޔަންއަށް ފެނުނެވެ. އާޔަން ހީލިއެވެ.
ސައީދާ އާއި ޒޫނާ ޓާމިނަލްތެރެއަށް ވަނުމުން އާޔަން ނޫރާ ގޮވައިގެން އައިސް ކާރަށް އެރިއެވެ. ކާރަށް އަރާ ހަމަޖެހިލައިގެން ނޫރާ އިނެވެ. އާޔަންވެސް އިތުރު ވާހަކައެއް ނުދައްކަ ކާރު ދުއްވަމުން ގެންދެއެވެ. އެހެން އިންދާ ނޫރާއަށް ނިދުނީއެވެ. އާޔަން ނޫރާއަށް ގޮވީ ކާރުއައިސް އާޔަންމެންގޭ ދޮރުމަތީ ޕާރކްކުރުމަށް ފަހުއެވެ.
“ނޫރާ ކާރުން ފޭބުމުން އާޔަން ނޫރާގެ ފޮށި ހިފައިގެން ގެއަށްވަދެ މައްޗަށް އެރިއެވެ. ނޫރާ އާޔަން ފަހަތުން ދިޔައެވެ. “މީ ނޫރާ ކޮޓަރި!” ޒޫނާ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރީގެ ދޮރު ހުޅުވާލަމުން އާޔަން ބުންޏެވެ. “ތާޒާވެލާ ނަމާދުކޮށް ހަދާލާ! ދެމީހުން އެއްކޮން ތިރިއަށް ކާން ދާނީ!” އާޔަން ފޮށި އެތެރޭ ބަހަށްޓަފައި ނުކުތެވެ.
ނޫރާ ކޮޓަރިއަށް ވަނެވެ. ކޮޓަރި ތައްޔާރު ކޮށްލާފައި ހުރީ ވަރަށް ރީތިކޮންނެވެ. ހުދާއި ރަތުންނެވެ. ދޮރުފޮތިތަކާއި އެނދުގައި އަޅާފައިވާ ބެޑްޝީޓް ވަނީ ގުޅުވާލާފައެވެ. ބިންމަތީ އެނދުކައިރީ ވަނީ ހުދާއި ރަތުން އޮތް ކާޕެޓެއް އަޅާފައެވެ. ހުރިހާ ފަރުނީޗަރެއްވެސް ވަނީހުދު ކުލައިންނެވެ. ކޮޓަރިން ދުވަނީ އާވަހެވެ. އެކޮޓަރި ނޫރާއަށް ވަރަށް ކަމުދިޔައެވެ. އަދި އެއީ ނޫރާއަށް ހާއްސަކޮން ތައްޔާރު ކޮށްފައިވާ ކޮޓަރިއެއްކަން އިނގުނީ ރަތްކުލަ ހުރީތީއެވެ. ކުރީދުވަހަކު ޒޫނާ ނޫރާއަށް އެންމެރީތި ކުލަ އަކީ ކޮބައިތޯ އަހާ އޮޅުންފިލުވިއެވެ.
ނޫރާ ގަސްތުކުރީ ފެންވަރާށެވެ. އެއީއެދުވަހު އަވަސްކުރަންވެގެން ނޫރާ ހުރީ ފެންނުވަރައެވެ. ނޫރާ އެއްޗިހިބާލައިގެން ތުވާލި ގައިގައި އޮޅައިގެން ފާހާނާއަށް ވަނެވެ. ބޮޑު ފާހާނާއެކެވެ. އެފާހާނާ ނޫރާ މިހާރު ނިދާ ކޮޓަރިއާއި އެއްވަރުވާނެއެވެ. އެފާހާނާގައި ބޮޑު ބިލިގާއެއްވެސް ހުއްޓެވެ. ނޫރާ ދުވަހަކުވެސް އަދި ބިލިގާއަށް އެރިގެން ފެނެއްނުވަރައެވެ. ނޫރާ ބިލިގާއަށް ފެންއަޅަން އުޅުނެވެ. ނަމަވެސް އޭރުން މާލަސްވެދާނޭ ހިތައްއަރާ މާގަޑުން ރީތިކޮަން ފެންވަރައިލައިގެން ނުކުންނަމުން ވުޝޫވެސް ކޮށްލިއެވެ.
ނޫރާ ފޮށި ހުޅުވާލުމަށްފަހު ގޭތެރޭ ލައިގެން އުޅުމަށް އަރާމު ޓީޝާޓަކާއި ކަށިމައްޗާ ހަމައަށް އަރާވަރުގެ ހަރުވާޅެއް ނެގިއެވެ. ނޫރާ ނަމާދު ކުރަން ލަނީ އެއްކޮން ދިގު ހެދުމެއްކަމުން ފުރަތަމަ އެހެދުން ލައިގެން ނަމާދު ކޮށްލައިގެން އެއްޗިހި ބަދަލު ކުރިއެވެ. ނުރާ ފުނާއަޅަން ހުއްޓާ ދޮރުގައި ޓަކިޖެހިއަޑު އިވުނެވެ. ނޫރާ ދޮރު ހުޅުވިއިރު ދޮރުމަތީ ހުރީ އެގޭގައި ގެންގުޅޭ ނޫރާ ވަރުގެ އަންހެން ކުއްޖެއްކަމަށްވާ ޝިންބީއެވެ. އެއީ ކޮރެއާ ކުއްޖެކެވެ. އެގޭގައި ގިނައިން އުޅެނީ ކޮރެއާކުދިންނެވެ.
އާޔަން ތިރީގައި މަޑުކޮށްގެން އިންވާހަކަ ޝިންބީ ބުންޏެވެ. ނޫރާ އަވަސް ކޮށްލައިގެން ތިރިއަށް ދިޔައިރު އާޔަން ސޯފާގައި އިނެވެ. އާޔަން ފެނުމުން ނޫރާގެ ހިތް ތެޅެންފަށިއެވެ. ކޮންމެދުވަހަކު ގިނަވަގުތު އާޔަންއާއި ކުރިމަތިލާންޖެހޭނެތީ ނޫރާ ޖެހިލުންވެއެވެ. އާޔަންދެކެ ލަދުންނެވެ.
“ހިނގާ ކާން!” ނޫރާ ފެނުމުން އާޔަން ތެދުވިއެވެ. އަދި ކާމޭޒު ހުރި ދިމާއަށް ހިނގައިގަތެވެ. “އާޔަން އަދި ޖެހޭ މާދަމައަށް ޕްރެސެންޓޭޝަނެއް ނިންމަން. އެހެންވެ އަވަހަށް ކާން ވެގެން ނޫރާއަށް މިގޮވީ!” އާޔަން ގޮޑީގައި އިށީންނަމުން ބުންޏެވެ. އާޔަންއާއި ޖެހިގެން އިން ގޮޑީގައި ނޫރާވެސް އިށީނެވެ.
ދެމީހުންވެސް ކެއީ އަގައިންނުބުނެ ތިބެއެވެ. އާޔަން ވަހަކަ ދައްކަ ފާނެތީ ނޫރާ އިނީ ކަންތަށް ބޮޑުވެފައެވެ. ކައިނިމުމުން އާޔަން އަދި މޭޒުކައިރިން ތެދުވާކަށް ގަސްތެއް ނުކުރިއެވެ. އާޔަން ނުތެދުވާތީ ނޫރައަށް ތެދުވަން ނުކެރިފައި އިނެވެ.
“ނޫރާ! މިގޭގަ އަމިއްލަ ގޭގަ އުޅޭގޮތަށް އުޅޭ! އޭރުން ނޫރާއަށް ފަސޭހަވާނީ މިގޭގަ އުޅެން.” އާޔަން ބުނެޏްވެ. މިއަދު ދެއްކި ވާހަކަތަކާއި މެދު ވާހަކަ ދައްކާކަށް އާޔަން ބޭނުމެއް ނުވިއެވެ. އާޔަން ހުރިހާ ގެންގުޅޭ މީހުންނަށް ގޮވިއެވެ. އަދި ކޮންމެ މީހަކު ވަކިވަކިން ނޫރާއަށް ތައާރަފް ކޮށްދިނެވެ. އަދި އެމިހުންގެ މަސައްކަތްތައްވެސް ނޫރާއަށް ކިޔައިދިނެވެ.
“މީ ސުން ޖީ މީ ބައްޕަގެ އެންމެ ޙާއްސަ ނޯކަރު. ސުންޖީ އަކީ މިގޭ ހުރިހާ ބާޒާރެއް ކުރާ މީހާ! ދެންމިހިރީ ޝިންބީ އާއި ޖަންދީ މިއީ މެއިޑުން ކޮޓަރިތަށް ސާފުކުރުމާއި އެއްޗިހި ދޮވުމައި އަކަހަލަ ކަންތައްތަކުގަ އުޅޭނީ އެދެކުދިން. ދެން މިންހޯ އާއި ޔުނގްޝީ އަކީ ޕޫލް ސައިޑާއި ގާޑްން ބެލެހެއްޓުމުގަ އުޅޭ މީހުން. ހުސްވަގުތު ތަކުގަ އެހެންކަންތައް ވެސް ކުރާނެ. ދެން މިހިރީ އަސްލަމް އިސްލާމް. އާޔަންމެން ކިޔަނީ އިސްލާބެ. އެއީ މިގޭ ހުރިހާ ކަމަކާ ހަވާލުވެ ހުންނަ މީހާ! ހުރިހާ ފައިސާ އަކާއި އެންމެންގެ މުސާރައާއި ކަންތައްތައް ކުރާނީ އިސްލާބެ. ދެން ޖާވިދު އެއީ ބަދިގޭ ކައްކާ، ބަދިގޭ ހުރިހާކަމެއް ކުރާނީ ޖާވިދު. ޖާވިދު އެކަނި މެލޭޝިޔާ މީހަކަށް ހުންނާނީ! ދެން އެތިބީ ހުސް ކޮރެއާ މީހުން! މީ މިގޭ މަސައްކަތު އެންމެންނަކީ.” އާޔަން އެންމެން ތައާރަފް ކޮށްދިނުމަށްފަހު އެމީހުންކައިރީ އެއީ ނޫރާ ކަމަށް ބުންޏެވެ. އަދި ނޫރާ އުޅޭނީ އެގޭގަ ކަމާއި ނޫރާ ބުނާކަންތައްތައް ކޮށްދިނުމަށް އެންމެންނަށް އަމުރު ކުރުމަށް ފަހު އެންމެން ފޮނުވާލިއެވެ.
“އެމީހުން ތިއްބަސް ދެން އަމިއްލަ ކަންތައް އެމީހުންނަށް ނުޖައްސަން އާޔަންމެނެއް. މިސާލަކަށް އަމިއްލަ ކޮޓަރި ސާފުކުރުމާއި އަމިއްލަ އެއްޗިހި ދޮވުމާއި އެކަހަލަ ކަންތައް ކުރަން ޖެހޭނީ އަމިއްލައަށް ކަމަށް މަންމަ އޮންނަނީ ބުނެފަ. ނޫރާވެސް މިހާރު މިގޭގަ އުޅެންޏާ މިގޭމީހުން އުޅޭ ގޮތަށް އުޅެން ޖެހޭނީދޯ.” އާޔަން ނޫރާއަށް ބަލައިލަމުން ބުންޏެވެ. “އެކަމު ނޫރާއަށް ނުވެގެން އުޅޭ ކަންތައް ތަކުގަ އެމިހުންގެ އެހީ ހޯދާ އިނގޭ!” އާޔަން މޭޒު ކައިރިން ތެދުވިއެވެ.
“އާޔަން މިދަނީ ޕްރެޒެންޓޭޝަން ހަދަން. ދެން ނޭގެ ކޮޓަރިން މިރޭ ނިކުމެވޭނެ ކަމެއް! ކަމެއް ބޭނުން ވެއްޖެއްޔާ އާދޭ އިނގޭ ކޮޓަރިއަށް. ނޫނީ މިތަނުން ކުއްޖެއް ކައިރީ ބުނެލާ! ގުޑް ނައިޓް” އާޔަން އެހެން ބުނެފަ އެދިޔަގޮތަށް ސިޑިން އަރައިގެން ދިޔައީ މައްޗަށެވެ.
ނޫރާ މޭޒު ކައިރިން ތެދުވެ ތަށިތައް ނަގަން ފެށިއެވެ. “ނޯ މިސް… ޕްލީސް ލީވް އިޓް!” ޖާވިދު ބަދިގެއިން ނުކުމެގެން އަންނަމުން ނޫރާއާއި ދިމާއަށް ކިޔަމުން އައިސް ނޫރާ އަތުން ތަށިތައް އަތުލިއެވެ. “މިސް! ދިސް އިޒް މައި ޖޮބް!” ޖާވިދު ނޫރާއަށް ހިތްހެޔޮ ކަމާއިއެކު ހީލަމުން ބުންޏެވެ.
ނޫރާ ޖާވިދުއަށް ހީލިއެވެ. އަދި އެކަންތައް ބަހަށްޓާފަ ގަޑި ބަލައިލިއިރު އަދި ދިހައެއްވެސް ނުޖަހައެވެ. ނޫރާ ކައިރިއަށް އަދި ނިދި ނާންނާތީ ކޮޓަރިއަށް ވަންނަން ނޫރާ ގަސްތެއް ނުކުރިއެވެ. ނޫރާ ނިކުތީ ބޭރަށެވެ. ފަތާ ފެންގަނޑާ ދިމާއިން މަޑުމަޑުން ހިގަމުން އައިސް އެތަނުން ގޮނޑިއެއްގައި ނޫރާ އިށީނެވެ. އަދި ފެންގަޑާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ނޫރާގެ ހަނދާނަށް އައީ އެދުވަހެވެ. އާޔަން ފެންގަނޑުގައި ނޫރާއާއި ކައިރިވަމުން ދިޔަގޮތެވެ. އެހިޔާލު އައުމުން ނޫރާގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. އާދަޔާހިލާފް ކަރަންޓެއް އަންނަކަހަލަ ގޮތެއް ވީހެންވެސް ނޫރާއަށް ހީވިއެވެ.
ނޫރާ ހިޔާލުތެރެއަށް ގެއްލިފައި އިންއިރު ފުރަތަމަ ބުރީގެ ބެލްކަނީގައި ނޫރާއާއި ދިމާއަށް ބަލަހައްޓައިގެން އާޔަން ހުއްޓެވެ. ނޫރާއަށް އެކަމެއް ނޭގެއެވެ. ނޫރާ އެހެން އިނދެފައި މަޑުމަޑުން އައިސް ފެންގަނޑު ކައިރީ އިށީނދެ ފެންގަނޑަށް ފައި ލިއެވެ. އަދި ފެންގަނޑު ތެރޭ ފައި ތަޅުވާލަ ތަޅުވާލަ އިނެވެ. އެހެން އެތައް އިރަކު އިނެވެ. މާބޮޑަށް ފިނިވަން ފެށުމުން އެތަނުން ތެދުވެގެންގޮސް އެތެރެއަށް ވަނެވެ. އެހުރިހައިރު އާޔަން ހުރީ ނޫރާގެ ހަރަކާތްތަކަށް ބަލާށެވެ. ނުރާ ކުރާކޮންމެ ހަރަކާތެއްވެސް އާޔަންއަށް ވަރަށް ކަމުދެއެވެ. ފައި ފެންގަނޑުތެރޭ ތަޅުވަމުން ދާގޮތާއި ނޫރާ އިށީނދެލައިގެން އިންގޮތްވެސް ވަރަށް ހިތްގައިމެވެ. ނޫރާ އެތަނުން ދިއުމުން އާޔަންވެސް ކޮޓަރިއަށް ވަނެވެ.
2 Comments!
Comments are closed.
Eh kala Aasi dho Araamagugai ulhunu………… Kieve mihaaru araamagah vaahaka nuliyany
Ey aasi ulhen dhw dhivehi vaahaka site ga vx..alhe araamagah vx v reethi vaahaka eh up kohdheeba.. keevetha mihaaru araamaguga vaahaka nuliyani…en dhivehi vaahak site ga liyaa vaahaka araamagu ga vx liyedheeba…. plxxxxxxxxxxx