Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވީމޭ އިންތިޒާރުގައި 10 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
October 18, 2013 8 Mins Read
2 Comments

ހުކުރު ދުވަސް ކަމުން ހުކުރަށްދާ ކުދިންތައް ޔުނީ ތެރޭގައި އަޑުގަދަ ކޮށްލާފައި އުޅެއެވެ. އޭރު ގަޑިން އެގާރަގަޑި ބައިވެ ބޮޑުވެއްޖެއެވެ. ނޫރާގެ ކްލާހެއް އެދުވަހު ނެތުމުން ނޫރާވެސް އެގަޑީގައި ނުކުތީ އަވަހަށް ގެއަށްދާށެވެ. ނޫރާ ޝެގީ ޔުނިވަރސިޓީ ދޮރުމައްޗަށް އެރިތަނާ ފިރިހެން ކުއްޖެއް ނޫރާއަށް ގޮވާލިއެވެ. ނޫރާ އަށް ފުރަތަމަ އެއީ ކާކުކަމެއް ނޭގުނެވެ. ނަމަވެސް ކައިރިއަށް އައުމުން އެއީ ކާކުކަން ނޫރާއަށް އިނގުނެވެ. އެއީ އަމީން އެވެ. އަމީންއަކީ ޓޭލާރސް ޔުނިވަރސިޓީގައި ނޫރާއާއި އެއްކުލާހުގައި އުޅުނު ކުއްޖެކެވެ. އެއީ ރާއްޖޭގެ ދެކުނު ކޮންމެސް ރަށެއްގެ ކުއްޖެކެވެ.
“ނޫރާ! ނޫރާ މިތާތަ އުޅެނީ؟ ކުރިއަކުން ނޫރާއެއް ނުދެކެން.” އަމީން ބުންޏެވެ.
“ނޫރާ މިތާ އުޅޭތާ މިހާރު އިއަރ އެއްވަނީ! އަމީން ކޮންއިރަކު މިތަނަށްވަނީ؟” ނޫރާ އެހިއެވެ.
“މި ސެމިސްޓަރ ފެށުނުއިރު ވަނީ! އަހަރެންގެ ކޮއްކޮ މިކޮޅަށް ބަދަލުވީމަ އަހަރެންވެސް ބަދަލުވީ.” އަމީން ބުންޏެވެ.
ނޫރާ އާއި އަމީންއާ ވާހަކަދައްކަން ތިބިތަން ބަލަން ތަންކޮޅެއް ދުރުގައި އާޔަންއާއި މޫސައާއި ނާއިފްތިއްބެވެ.
“އެއީ ދަންނަކުއްޖެއްތަ؟” އާޔަން މޫސައާއި ނާއިފްއަށް ބަލައިލަމުން އަހާލިއެވެ.
“ނޫނޭ. ނޭގެ އެއީ ކޮންކުއްޖެއްކަމެއް. އަދިމި ފެނުނީ. ދިވެއްސަކާ ވައްތަރީ ދޯ!” މޫސަ ބުންޏެވެ.
“ނޫރާގެ ރައްޓިއްސަކަށް އެވާނީ!” ނާއިފް ބުންޏެވެ.
“ނޫރާގެ މާގިނަ ރައްޓެހިން ތިބޭތަ؟” އާޔަން ބުންޏެވެ.
“ދެން ވެދާނެނު ތިމާގެ ކުއްޖަކަށްވެސް!” މޫސަ ބުންޏެވެ.
“ގައިމުވެސް ތިމާގެކުއްޖަކަށް ނުވާނެ!” އާޔަން ބުންޏެވެ.
“އާޔަންއަށް އިނގޭދޯ ނޫރާގެ ހުރިހާ ތިމާގެ މީހުން!” ނާއިފް ބުންޏެވެ.
“ހިނގާދާން! މިހާރު ބާރަޖަހަން އެއުޅެނީ!” އާޔަން އަތުގަ ހިފާ ދަމައިގަންނަމުން މޫސަ ބުންޏެވެ.
އޭރު ނޫރާވެސް އަދި ފެންނާނެކަމަށް ބުނެ އަމީންއާ ސަލާމް ކޮށްލިއެވެ. އަދި އަވަހަށް ހިނގައިގަތީ ނޫރާމެންގެ ކޮންޑޯއާ ދިމާއަށެވެ. ނޫރާމެންގެ ކޮންޑޯ ހުންނަނީ ޝެގީއާ އެއްމަގެއްގައި ކަމުން ފަސްވަރަކަށް މިނިޓުން ހިނގާލާފައި ދެވެއެވެ.
އެރޭ އެންމެން ކާންދިއުމަށް ހަމަޖައްސާފައި އޮތީ އާމުކޮން ބައްދަލުކުރާ ސަމިޓްގައި ހުންނަ މިޑް ސަމަރ ރެސްޓޯރެންޓަށެވެ. އެތަނުން ކައިގެން ބޯލިންއަށް ދާންވެސް އޮތީނިންމާފައެވެ. އެއީ ޖެހިގެން އޮތީ ހަފްތާބަންދުކަމަށް ވާތީއެވެ.
ނޫރާ ރީތިވެގެން ނުކުމެގެން ދިޔައިރު ޒޫނާއައިސް ވަންނަނީއެވެ. ޒޫނާއާ ސަލާމް ކުރުމުން ޒޫނާ ބުނީ ޒޫނާ އެއައީ އާޔަންގެ ބައްޕަ ޗައިނާއަށް ފުރުވާފަ ކަމަށެވެ. ޒޫނާއާއި ވާހަކަ ދައްކާލަން ހުރެފައި ނޫރާއަށް ސަމިޓަށް ދެވުނުއިރު އާޔަން ހުރީ ސަމިޓް ދޮރުމަތީއެވެ. އާޔަން ހުރީ ކަޅު ގަމީހަކާއި ކަޅު ޖީންސްއެއް ލައިގެންނެވެ. އަދި އެހެންމީހުން ނާންނަކަމަށް އާޔަން ބުންޏެވެ.
އިރުކޮޅެއްފަހުން މީހަކު ނޫރާއަށް ގޮވާލުމުން ދެމީހުން އެއްކޮން އެދިމާއަށް ބަލައިލިއެވެ. އެއީ އަމީންއެވެ. ނޫރާ ހީލަމުން އަމީންއާ ސަލާމް ކޮށްލިއެވެ. އަދި އަމީންއަށް އާޔަން ތައާރަފްކޮށްދިނެވެ. އަދި އަމީން އެތާކީއްތޯކުރަނީ އަހާލިއެވެ.
“އަހަރުމެން ތިބެނީ މީދަ މެރިޑިއަން ކޮންޑޯގަ! ބެލްކަނީގަ ހުއްޓާ ނޫރާ ފެނުނީމަ މިއައީ!” އަމީން ބުންޏެވެ. މެރީޑިއަން އަކީ ސަމިޓް ކުރިމަތިން ކަހަލަ ގޮތަކަށް އިންނަ ފްލެޓްބަރިއެކެވެ.
“އެހެންތަ!” ނޫރާ އަމީންއަށް ހީލާފަ އާޔަންއަށް ބަލައިލިއެވެ. އާޔަން ހުރީ ފާޑަކަށް ނޫރާއަށް ބަލާށެވެ، އެވަގުތު ޒީނާ އާއި ނާއިފް އެތަނަށް އައެވެ. އަދި އެމީހުން ފަހަތުން މޫސައާއި ފާތުއާއި ލައިވެސް އައެވެ. އެންމެން އައުމުން ނޫރާ އެންމެނަށް އަމީން ތައާރަފްކޮށްދިނެވެ. އަދި އެމީހުނާއެއްކޮން ކާންދިއުމަށް އަމީންއަށް ދައުވަތު އެރުވިއެވެ. އަމީން އެއްބަސް ވުމާއިއެކު އެންމެން އެތެރެއަށް ވަނެވެ.
އަމީންއަކީ ވަރަށް އެކުވެރި ސަކަ މިޒާޖެއްގެ ކުއްޖެއްކަމުން އެންމެނާވެސް ވަރަށް އަވަހަށް ރައްޓެހިވެ ގުޅިއްޖެއެވެ. އާޔަންއަށް އަމީން އެހާ ކަމުދާ މީހަކަށް ނުވީ ކީއްވެބާއޭ އާޔަންގެ ހިތައް އަރަމުން ދެއެވެ. އާޔަންއަށް އަމީންދައްކާ އެއްވެސް ވާހަކައެއް ހަމައެއްނުޖެހެއެވެ. އަމީން ޖޯކު ކިޔައިދިނުމުން އެންމެން ހިނިއައި އިރުވެސް އާޔަންކައިރިއަކަށް ހިންޏެއްވެސް ނާދެއެވެ. އެއާހިލާފަށް އަމީން ބުނާ ކޮންމެއެއްޗަކަށް ނޫރާ ހޭތީ އާޔަން ކައިރިއަށް އަންނަނީ ރުޅިއެވެ. އާޔަންގެ މޫނުމަތިން އެކަން ފާޅުނުކޮށް ވޭތޯ ކިތަންމެ ވަރަކަށް އާޔަންބެލިއަސް ނޫރާއަށް އެކަން ސިއްރެއް ނުވިއެވެ. ނޫރާގެ ކުރިމަތީ އާޔަން އިނުމުން އާޔަންއަށް ވަމުންދާގޮތް ނޫރާއަށް ފެނެއެވެ.
ނޫރާ ފޯނުނަގާ އުނގުމަތީ ބާއްވައިގެން އާޔަންއަށް މެސެޖުކުރަން ފެށިއެވެ.
“ކިހިނެއްވެފަ ތީނީ؟ އާރ ޔޫ ސިކް؟” ނޫރާ ލިޔެލާފަ ފޮނުވާލިއެވެ. އާޔަން ޖީބުން ފޯނުނަގާ ބަލައިލާފަ ނޫރާއާއި ދިމާއަށް ބަލައިލިއެވެ. ނޫރާ ބުމަ ހިއްލާލުމުން އާޔަން ބޯހޫރާލިއެވެ.
“ދެން ކިހިނެއްވެފަ؟” ނޫރާ އަނެއްކާވެސް މެސެޖު ކުރިއެވެ.
“މާ މޮޅުމީހެއް ގެނެސްގެން އެންމެން މަޖާވެގެން އުޅޭތީ މީނީ ހައިރާންވެފަ!” އާޔަންގެ މެސެޖުން ވެސް އާޔަން އިނީ ހިތްހަމަ ނުޖެހިފަކަން އެގުނެވެ. އަދި އެއީ އަމީންއާއި ހެދި ކަންވެސް އެގިއްޖެއެވެ.
ނޫރާ އާޔަންއަށް ބަލައިލިއެވެ. އަދި ބުމަ ކައިރި ކޮށްލަމުން ބޯހޫރާލިއެވެ. އާޔަން ހަށަން ބަނދެލުމަށްފަހު މޫނު އަނެއްފަރާތައް އަނބުރާލިއެވެ.
އާޔަން އެހިތައްއަރާ އެއްޗެއް ނޫރާއަކަށް ނޭގެއެވެ. އާޔަން ދުވަހަކުވެސް އަދި އެހެން އުޅޭތަނެއް ނޫރާއަކަށް ނުފެނެއެވެ. އަދި އެހެން މީހަކާ ހެދި އެގޮތަށް އަމަލުކުރާ ތަނެއް ނުފެނެއެވެ.
އެންމެން ކައިނިމިގެން ތެދުވީ ބޯލިން އަށް ދާށެވެ. ނާއިފް އަމީންއާއި ވާހަކަ ދައްކަމުން ތެދުވިއެވެ. ޒީނާއާއި ލައި ވެސް އެއްކޮން ތެދުވެގެން ހިނގައިގަތެވެ. ފާތު ނޫރާއަތުގަހިފާ ދަމައިގަތެވެ. މޫސަ އާޔަންއަށް ބަލައިލަމުން ހީލިއެވެ. އަދި ހިނގާށޭ ބުނެ އާޔަން ނެގިއެވެ.
އާޔަންއަށް ވެގެން އުޅޭގޮތެއް މޫސައަށް ކުޑަކޮން ޝައްކުވެއެވެ. އަދި އަޅާނުލުމަށް ބުނަމުން އާޔަން ހިތްހަމަ ޖައްސަދޭންވެސް އުޅުނެވެ. ނަމަވެސް އާޔަންގެ މޫޑު ބަދަލެއްނުވިއެވެ. އާޔަން ބޭނުންވީ އެހެންތާކަށް ދާށެވެ. އެހެންކަމުން އެހެންމީހުން ކައިރީ ކުޅޭށޭ އެބަ އަންނަމޭކިޔާ އާޔަންގޮވައިގެން މޫސަދިޔައީ ތިރިއަށެވެ. އަދި ތިރީގައިހުރި ބެންޗުތަކުން ބެންޗެއްގައި އާޔަން ބައިންދާފައި ވެގެން އުޅޭގޮތް އެހިއެވެ.
އާޔަން އަގައިން ނުބުނެ އިނުމުން މޫސަ ވާހަކަދައްކަން ފެށިއެވެ.
“އަމީން ނޫރާއާއި މާގާތްކޮން ވާހަކަދައްކާތީނު އާޔަންތިއުޅެނީ ހިތްހަމަ ނުޖެހިގެން.” މޫސައަށް ހީވާއެއްޗެއް މޫސަ ބުންޏެވެ.
“ދެން ވަކި އެހެންވެގެންނެއް ނޫން!” އާޔަންއަށްވެސް އާޔަންއަށް މިވަނީ ކީއްކަމެއްނޭގެއެވެ.
“ދެން އެކަމާ މާބޮޑަށް ހިތްބުރަ ނުކޮށްބަލަ! އާޔަންއަށް އިނގޭ ނޫރާވެސް އާޔަންދެކެ ލޯބިވާކަން. ދެން ރައްޓިއްސެއްގެ ގޮތަށް އަމީންއާއި ނޫރާ ވާހަކަދައްކާ ހެދުމަކުން އާޔަން ހިތްހަމަނުޖެހިގެން އުޅެންވީ ސަބަބެއް މޫސައަކަށް ނޭގެ.” މޫސަ ބުންޏެވެ.
“އަމީން ކިޔާ ކޮންމެ އެއްޗަކަށް ނޫރާ ހޭންޖެހޭތަ؟ އަމީން ހަމަ ގޮތެއް ހަދާލާއިރަށްވެސް ނޫރާ ހެނީ!” އާޔަން ރުޅިވެރިކަމާއެކު ބުންޏެވެ.
މޫސަ ކައިރިއަށް ހިނިއައެވެ. އަދި އާޔަންގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.
“ނޫރާދެކެ އާޔަން ލޯބިވާކަން އިނގޭ! އެކަމު ލޯބިވާވަރު މިއަދު މިއިނގުނީ! ޒީނާ އާއި ފާތުއާއި ލައިވެސް އެތާތިބެގެން ހޭތަން މޫސައަށް ފެނުނު. އެކަމު އާޔަންއަށް ތިފެނުނީ ނޫރާ އެކަނި ހޭތަން!” މޫސަ ހެވިފަހުރެގެން އާޔަންއަށް ބަލައިލިއެވެ. “އާޔަން އަކަށް ތިހެން ނޫރާއާއި ދުރުދުރުން އުޅެން އުޅުނަސް މޫސަ ނުބުނާނަން އާޔަންއަކަށް އުޅެވޭނެއެކޭ! ތިބުނާ ޝައިލާއެއް ނުފެންނަނީސް އާޔަން ނޫރާއާއި އިންނާނޭ މޫސަގެ ހިތް ބުނަނީ!” މޫސަ ބުންޏެވެ.
މޫސަ އެބުނި އެއްޗަކާމެދު އާޔަން ވިސްނަން އިނެވެ. އެއީ ތެދެކެވެ. އާޔަންއަށް ނޫރާއާއި ދުރަށް ދާވަރަކަށް އާޔަންގެ ހިތް އަންނަނީ ނޫރާއާއި ކައިރިއަށެވެ. އެހެންވިޔަ ދީގެން ނުވާނެއެވެ. އަދި ނޫރާއަށް ޝައްކު ވިޔަދީގެންވެސް ނުވާނެއެވެ. އާޔަން ކުއްލިއަކަށް ތެދުވިއެވެ. އަދި މޫސަގެ އަތުގަ ހިފައިގެން އެހެންމީހުން ކައިރިއަށް ދާން ހިނގައިގަތެވެ.
މޫސަމެންނަށް ދެވުނުއިރު އެމީހުން ގޭމް ފަށައިފިއެވެ. މޫސައާއި އާޔަންއަށް ޖެހުނީ އެގޭމް ނިމެންދެން ބަލަން ތިބޭށެވެ. އެގޭމް ނިމުމާއިއެކު އާޔަންއާއި މޫސަ ބައިވެރިވެގެން އަލުން އާގޭމްއެއް ފެށިއެވެ. އެންމެން ކުޅެނިމިގެން ދިޔައީ ކާރުދުއްވާށެވެ. އެންމެން އެއްކާރަށް އަރަން ބޭނުންވިއެވެ. އެހެންކަމުން އެންމެން އެރީ މޫސަގެ ކާރަށެވެ. އެއީ އެކާރު ބޮޑުވުމުން އެކާރަށް ގިނަމީހުނަށް އެރޭތީއެވެ. މޫސަ ކާރު ދުއްވަން އެރުމުން ލައި އެރީ ކުރިއަށެވެ. އެންމެ ފަހަތަށް އެރީ އާޔަން، ނޫރާ، ފާތު އެވެ. ދެވަނަ ބަރިއަށް އެރީ ޒީނާ ނާއިފް އަދި އަމީން އެވެ. ކާރުތެރޭގައި ނާއިފްގެ ޖޯކު ކިއުމުގެ ކަންތައް ފަށައިފިއެވެ. ފަހަތުގަ އިން ފާތު ހީހީގޮސް ހަލާކުވަނީއެވެ. އިރުކޮޅަކާ ނޫރާގައިމައްޗަށް ވެއްޓިގަނެއެވެ. ފާތު އުޅޭ ގޮތުން ނޫރާއަށް އިރުކޮޅަކާގޮސް ޖެހެވެނީ އާޔަން ގައިގައެވެ. އެކަމާ ނޫރާ އިނީ ކަންތައް ބޮޑުވެފައެވެ. ނޫރާ ކައިރިއަށް ހިންޏެއްވެސް ނާދެއެވެ. އާޔަންގައިގައި ޖެހިލެވޭ ކޮންމެފަހަރަކު ނޫރާއަށް އާޔަންއާއި ދިމާއަށް ބަލާލެވެއެވެ. ނަމަވެސް ކޮންމެފަހަރަކުވެސް އާޔަން އިންނަނީ ބޭރު ބަލާށެވެ.
“ތިއެންމެން އަބަދުވެސް އުޅޭގޮތްތަ މީ؟” އަމީން އިނދެފަ އަހާލިއެވެ.
“އާން! މިގުރޫޕު ކުދިން އުޅޭގޮތްމީ!” ނާއިފް ބުންޏެވެ.
“ވަރަށް މަޖާދޯ. ނާއިފް އާ ޒީނާއާ މީ ކަޕްލްސް ދޯ.” އަމީން އަހާލިއެވެ.
“އާން ތިކަމުގަ ޝައްކެއްވެސް ނެތެއްނު.” ފާތު ބުންޏެވެ.
“މޫސައާއި ލައިއާވެސްތަ؟” އަމީން އަހާލިއެވެ. އެންމެން އެކި މީހުންގެ މޫނަށް ބަލައިލިއެވެ. “ސޮރީ އިނގޭ އަހަރެން ހަމަ ގެސް ކޮށްލީ!” އަމީން ބުންޏެވެ.
“ގުޅޭދޯ އެދެމީހުން. ފާތުއަށް ވަރަށް ގުޅޭ އާޔަންއާ ނޫރާއާވެސް.” ފާތު އިނދެފަ ބުންޏެވެ. ނޫރާ ފާތުއާދިމާއަށް ބަލައިލިއެވެ. އަދި ލޯއަޅާލިއެވެ. “އަސްލުވެސް!” ފާތު ނޫރާއާ ދިމާއަށް ބުންޏެވެ. ނޫރާ ފާތުގައިގާ ވިކައިގަތެވެ. ފާތުއަށް ތަދުވެގެން ހަޅޭއްލަވައިގަތެވެ.
އާޔަން ނޫރާއަށް އެވަގުތު ބަލައިލިއެވެ. ނޫރާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. ފާތު ބުނި އެއްޗަކުން ނޫރާ ލަދުން ހަލާކުވެއްޖެއެވެ.

ނޫރާ އާޔަންއަށް ބަލައިލިއެވެ. އާޔަން ގެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަމުން ނޫރާ މާޔޫސް ކުރުވިއެވެ. ނޫރާދެކެ އާޔަން ފޫހިވަނީއޭ ނޫރާ ހިތަށްއަރަމުން ދިޔައެވެ.
“ހިނގާ ގެއަށްދާން މޫސާ! މާލަސްވެއްޖެ!” ނޫރާ ބުންޏެވެ. ނޫރާ އިނީ މުޅިން މޫޑު އޯފްވެފައެވެ،
“ނާއިފް ގަޑި ބަލައިލިއެވެ. ކޮންލަހެއް؟ އަދި ބާރަވެސް ނުޖަހަ.” ނާއިފް ޒީނާކޮނޑަށް އަތްވައްޓާލަމުން ބުންޏެވެ.
“އެކަމުވެސް ނޫރާ ބޭނުންވަނީ ގެއަށްދާން. ނޫރާ ނިދިވެސް އައިސްފި.” ނޫރާ ކިޔަންފެށިއެވެ. އެންމެފަހުން އެންމެންވެސް ގެއަށްދާން ނިންމިއެވެ.
އެރެއަށްފަހު އަމީންވެސް އެގުރޫޕް ކުއްޖަކަށް ވެއްޖެއެވެ. އާޔަން އަދިވެސް އަމީންއާ އެހާ ގަބޫލެއްނޫނެވެ. ނަމަވެސް އެކަމެއް އަމީންއަށް ނުދައްކައެވެ. އަދި މޫސަ ފިޔަވާ އެކަކަށްވެސް އެކަމެއްނޭގެއެވެ.
ހޯމަ ދުވަހު ޔުނީ ނިމިގެން އާޔަންހުރީ ސިޑީގެ ތިރީގައި ކުއްޖަކާ ވާހަކަދައްކާށެވެ. އޭރު ނޫރާ ސިޑިން ފައިބައިގެން އަންނަތަން އާޔަންއަށް ފެނުނެވެ. އަދި ނޫރާފަހަތުން އަމީންވެސް އާދެއެވެ. ނޫރާ ފައިބައިގެން އައިއިރުއައީ އާޔަންއާދިމާއަށް ބަލަމުންނެވެ. އިރުކޮޅަކުން ފެނުނީ ނޫރާގެ ފައި ފުރޮޅާލައިގެން ވެއްޓެނިކޮންނެވެ. އާޔަން އަށް އެދިމާއަށް ދުއްވައިގަނެވުނެވެ. ނަމަވެސް އާޔަން އެހިސާބަށް ދެވުމުގެކުރިން ނޫރާ ފަހަތުގައި ހުރި އަމީން ނޫރާ ހިފެހެއްޓިއެވެ. އަދި ސިޑިމަތީ ބެއިންދިއެވެ. އާޔަންއަށް ހުރި ފިޔަވަޅުމަތީ ހުއްޓިގެން ހުރެވުނީއެވެ.
ނޫރާ ފަޔަށް ބަލައިލިއެވެ. އަދި ފަޔައް ގޮތްގޮތް ހަދާލުމަށްފަހު ދާންވެގެން ތެދުވި ކަމެއްނޭގެ އަރިއަޅާލިއެވެ. މިފަހަރުވެސް ހިފެހެއްޓުނީ އަމީންއަށެވެ. އާޔަން ހަވަރަކަށް ހަރުފަތް ތިރީގައި އެތަން ބަލަން ހުއްޓެވެ. ނޫރާ އުޅެނީ ފައި އަޅަން ނުކެރިގެންނެވެ. ފައި އަޅާއިރަށް ތަދުވަނީއެވެ. އާޔަންއަށް އެކަން އެގުމާއިއެކު ދުވެފައައިސް ނޫރާ އަތްދަނޑިމައަޗަށް އުފުއްލާލައިފިއެވެ. ނޫރާ ލަދުން ބަހައްޓާށޭ އެކަނި ދެވޭނެޔޭ ބުނީމަވެސް ނޫރާ ކިޔާހާއެއްޗަކަށް އާޔަންއެއް ނުބަލައެވެ. އެދިޔަގޮތަށް ގެންގޮސް އާޔަންގެ ކާރުގެ ފަހަތު ސީޓަށް ނޫރާ އެރުވިއެވެ. އެމީހުން ފަހަތުން އައި އަމީން އައިސް އާޔަންކާރުގެ ކުރިސީޓަށް އެރިއެވެ. ނުރުހުމުގެ ނަޒަރަކުން އާޔަންއަމީންއަށް ބަލައިލިއެވެ. ނަމަވެސް އެއްޗެއްނުބުނީ ހާލަތުގެ ގޮތުންނެވެ.
ހޮސްޕިޓަލަށް ކާރު މަޑުކޮށްލުމާއިއެކު އަމީން ފައިބައިގެން ދިޔައެވެ. އާޔަން ނޫރާ ކާރުން ބޭލިއިރު އަމީންހުރީ ފުރޮޅުލީ ގޮނޑިއެއް ހިފައިގެން އައިހެވެ. ނޫރާ ގޮނޑިއަށް ލައިގެން ދެމީހުން ގޮސް ހޮސްޕިޓަލަށް ވަނުމާއިއެކު ނަރުސް ކުއްޖަކު އައިސް ނޫރާއާއި ހަވާލު ވިއެވެ. އަދި ނޫރާ ގޮވައިގެން އެކުއްޖާ އެތެރެއަށް ވަނެވެ. އާޔަންމެން ކައިރީ ބޭރުގައި މަޑުކުރުމަށް ބުނަމުންނެވެ.
އާޔަން މޫސައަށް ގުޅާފަ އެހަބަރު ދިނެވެ. އަދި ކައިގެން އެންމެން ނޫރާމެންގެއަށް ދާށޭ އާޔަން ބުންޏެވެ.
އިރުކޮޅެއް ފަހުން ނޫރާ ނެރެފިއެވެ. ނޫރާގެ ފުންނާބާ ދިމާ ފައިތިލައިގައި ބޮޑު ބެންޑޭޖެއް އޮޅާފައި އޮތެވެ. ނަރުސް ކުއްޖާ އާޔަންއާއި ބޭސް ކޮތަޅަކާއިއެކު ބިލް ހަވާލު ކުރިއެވެ. އަދި ބޭސް ކާންވީ ގޮތާއި ބޭސް އުނގުޅަންވީ ގޮތް އާޔަންއަށް ކިޔައިދިނެވެ. އަމީން ކައިރީ ނޫރާގޮވައިގެން ކާރަށް އަރަން ދިއުމަށް ބުނެފަ އާޔަން ދިޔައީ ބިލްދައްކާށެވެ.
“އާޔަންއާ ނޫރާ އެންމެފުރަތަމަ ދިމާވީ ކޮންތާކުން؟” ނޫރާ ގޮވައިގެން ކާރާ ހަމައަށް އާދެވުމުން އަމީން އެހިއެވެ.
“ނޫރާ ލަންކާގަ ކިޔަވަން އުޅުނުއިރު އެއީ މީގެ ފަސްއަހަރު ކުރިން!” ނޫރާ ބުންޏެވެ.
“އެހެންތަ! ވަރަށް ކުޑަވާނެދޯއޭރު. އެހެންވެދޯ އެހާ ކްލޯސްކޮން އާޔަން އެއުޅެނީ!” އަމީން އަހާލިއެވެ.
“އާޔަން އެންމެނާއެއްކޮންވެސް އެހެން އުޅޭނީ!” ނޫރާ ބުންޏެވެ.
“އާޔަން ނޫރާދެކެ ލޯބިވާހެން އަމީންއަށް ހީވަނީ.” އަމީން ބުނެލިއެވެ.
“ތީ އަމީންއަށް ހީވާގޮތް. އެކަހަލަ ކަމެއް ނުވާނެނު އާޔަން ލޯބިވާ ކުއްޖެއް ހުރޭ. އެހިތުގައި އެހެން މީހަކަށްދޭނެ ޖާގައެއް ނެތް.” ނޫރާއަށް އެހެން ބުނެވުނީ ވަރަށް އަސަރާއެކުއެވެ.
“ނޫރާ ވަރަށް ލޯބިވޭދޯ އާޔަން ދެކެ.” އަމީން އަހާލިއެވެ. އަމީން އެހެން އެހުމުން ނޫރާއަށް ތެޅިގަނެވުނެވެ.
“ނޫން ދެން. ނޫރާ ދެކެނީ އެއީ ހަމަ ކްލޯސް ފްރެންޑެއް ގޮތަށް.” އަވަހަށް ހާސްކަން ފިލުވާލަމުން ނޫރާ ބުންޏެވެ.
އެވަގުތު އާޔަން އެދިމާއަށް އަންނަތަން ފެނުނެވެ. އާޔަން އައިސް ކާރު ހުޅުވުމުން އަމީން ނޫރާ ކާރަށް އެރުވިއެވެ. އަދި އަމީންވެސް ކާރަށް އެރިއެވެ.
ނޫރާއުޅޭ ކަސަސުބާންގް އަށް ދެވުމުން އަމީން ނޫރާގެ އަތުގަ ހިފައިގެން ކާރުން ބޭލުވިއެވެ. އަދި ނޫރާގެ އަތުގަ ހިފައިގެން ވަރަށް ހާލުން ނޫރާއަށް ފިޔަވަޅު އެޅުނެވެ. އާޔަން އެތަން ބަލާކަށް ނުހުރެ އައިސް އަނެއްކާވެސް ނޫރާ އުފުއްލައިލައިގެން ގޮސް ލިފްޓަށް ލައިފިއެވެ.
“ދެން ކޮންމެފަހަރަކު ތި އުފުލަނީ! ނޫރާ ބަރެއްނޫންތަ؟” ނޫރާ އާޔަން ކައިރީ އަހައިލިއެވެ.
“އައުޗް! ބެކްބޯންއަށް ތަދެއްވެސް އަރައިފި ނޫރާ އުފުލާ އުފުލާ!” އާޔަން ގުދުވެލަމުން ބުންޏެވެ. “ކަމޯން، ނޫރާ! ނޫރާ ހީކުރަނީ ތީ މާބަރު މީހެއްކަމަށްދޯ! ދޫނިފަތަކަށް ވުރެންވެސް ނޫރާ ލުއި.” ލިފްޓުގެ ދޮރުހުޅުވުމާއިއެކު އަނެއްކާވެސް އާޔަން ނޫރާ އުރާލިއެވެ. އަމީން ދުވެފަގޮސް ނޫރާގެ އެޕާރޓްމެންޓްގެ ރަގަބީލަށް ފިތާލިއެވެ. ސައީދާ ދޮރުހުޅުވިއެވެ. އާޔަން ނޫރާގެނެސް ސޯފާ މަތީ ބޭންދިއެވެ. އޭރު އެހެން އެންމެންވެސް ނޫރާމެންގެއަށް އައިސް ތިއްބެވެ.
“މާބޮޑުކަމެއް ނޫން! ދެދުވަހު ރެސްޓް ކުރާށޭ ބުނީ!” އާޔަން ސައީދާއަށް ނޫރާގެ ހާލަތު އޮޅުންފިލުވައިދިނެވެ. އަދި ބޭސްކޮތަޅު ދިނުމަށްފަހު ބޭސް ކާންދޭން ޖެހޭ ވަގުތުތަކާއި ބޭސް އުނގުޅާނެ ގޮތުގެ ތަފްސީލުވެސް ކިޔައިދިނެވެ.
“އަހަން…. މިހިރީ އަދި ނުފެންނަ ކުއްޖެއް. މީކޮން ކުއްޖެއް؟” ސައީދާއަށް އަމީން ފެނިގެން ސުވާލުކުރިއެވެ.
“އެއީ އަމީން. މިގުރޫޕަށް އަލަށް ވެއްދި ކުއްޖެއް!” ނާއިފް ސައީދާއަށް އަމީން ތައާރަފް ކޮށްދިނެވެ.
“އާޔަން ހިނގާ ކާން. އެހެންކުދިން ބުނެފި އެކުދިން ކައިގެނޭ އެއައީ!” ސައީދާ ބުންޏެވެ.
“ސޮރީ ނޫރާ މަންމާ. މިއަދު އާޔަން ކާނީ ގެއިން. މަންމަ ބުނެފަ އޮތީ މިއަދު ގެއަށް އަންނައްޗޭ ކާން.” އެހެން ބުނުމާއި އެކު އެންމެނާ ސަލާމް ކޮށްފަ އާޔަން ނިކުމެގެން ހިގައްޖެއެވެ.
“އާޔަން ނޫރާ އުފުއްލާލާއިގެން އައިއިރު ހިޔެއްނުވޭ މާބަރުހެނެއްވެސް. ހާދަ ބާރުގަދަ މީހެކޭ އެއީ ދޯ؟” ފާތު ބުންޏެވެ.
“ރަގަޅެއްނު އާޔަން ކަހަލަ ކުއްޖެއް ނޫރާއަށް ލިބުނުކަން.” ސައީދާ އެހެން ބުނުމުން އަމީން ހައިރާންވެފައި އިނދެ ނޫރާއަށް ބަލައިލިއެވެ. ނޫރާ އިސްޖަހާލިއެވެ.
“އަމީންވެސް އާދޭ ކާން!” ސައީދާ އަމީންއަށް ބުންޏެވެ.

އަނެއްދުވަހު ނޫރާއަށް ޔުނީއަކަށް ނުދެވުނެވެ. މާބޮޑަށް ފަޔަށް ތަދުވާތީއެވެ. ސައީދާ ހެދުނު ނޫރާފައިގަ ބޭސް އުނގުޅަދިން އިރު ނޫރާ އޮތީ ނިދާފައެވެ. އެހެންކަމުން ނޫރާއަށް ގޮވަން ނަހަދާ ސައީދާ ވަނީ ބަދިގެއަށެވެ.
ކޮރުޖަހަމުން ނޫރާއައިސް ކާމޭޒުކައިރީ އިށީނީ ހެދުނުގެ ނާސްތާކުރާށެވެ. އޭރު ސައީދާ ހުރީ ނޫރާއަށް ސައި ތައްޓަކާ އެއްޗިހި ތައްޔާރުކޮށްފައެވެ. ސައީދާ މެންދުރަށް ކައްކަން ބަދިގޭގައި އުޅެއެވެ. ސައީދާ ނޫރާދެކެ ނުހަނު ލޯބިވެއެވެ. ސައީދާގެ ހުރި ހަމައެކަނި ދަރިއަކީ އެއީއެވެ. އަދި އާޔަންފަދަ ރަގަޅު އާއިލާއެއްގެ ކުއްޖަކާ ނޫރާ ގުޅުނީތީ ސައީދާ ހުންނަނީ ނުހަނު ހިތްހަމަޖެހިފައެވެ. ޒޫނާއަކީވެސް އެހާރަގަޅު ހިތްހެޔޮ މީހެކެވެ. ވީމާ ނޫރާ ޒޫނާއާއި ހަވާލުކޮށް ޒޫނާމެންގޭގަ އުޅެން ފޮނުވާކަށް ސައީދާ ކުޑަކޮންވެސް ޖެހިލުމެއް ނުވެއެވެ. ސައީދާ ބޭނުންވަނީވެސް ކައިވެނީގެފަހުން ނޫރާއަށް ތަނަވަސްކޮން ދިރިއުޅެވޭނެ ގޮތެކެވެ.
“އާޔަން މިހަރު ހާދަ ނާދެޔޭދޯ!” ސައީދާ ފެންތައްޓެއް ހިފައިގެން އައިސް ނޫރާކައިރީ ބަހަށްޓަމުން ބުންޏެވެ. “މިހާރު ޓެސްޓު ކައިރިވާތީވެދޯ އެނާންނަނީ؟” ސައީދާ ނޫރާ ކައިރީ އަހާލިއެވެ.
“ނޭގެ! ވެދާނެ ތިހެންކަމަށްވެސް!” ނޫރާ ފަރުވާކުޑަ ގޮތަކަށް ބުންޏެވެ.
“އާޔަން ލަންކާގައި އުޅުނު ގޮތުގެ ވާހަކަ ކުރީދުވަހު ޒޫނާ ކިޔައިދިން. އާޔަންއަށް ކުރެވުނު ކަމަކާހެދި އާޔަން އެހުންނަނީ ނުހަނު ދެރަވެފަޔޯ. އަނެއްކާ އަނެއްކޮޅުން އާޔަން އޭރުންސުރެ ނޫރާދެކެ ލޯބިވާވާހަކަ ބުނުމުން މަންމަ މިހުންނަނީ ހައިރާންވެފަ. އާޔަން ނޫރާދެކެ އޭރުވެސް ލޯބިވެޔޯ.” ސައީދާ ގޮނޑިއެއް ދަމާލަމުން އިށީނެވެ. ސައީދާ އެބުނި އެއްޗަކުން ނޫރާއިނީ ގަބޫލު ނުކުރެވިފައެވެ.
“ކީކޭ؟” ހައިރާންކަމާއެކު ނޫރާއަށް އަހާލެވުނެވެ.
“ނޫރާއަކަށްވެސް ނޭގެދޯ! އެހެންވީމަ ދެމީހުންވެސް އެކަކު އަނެކަކުދެކެ މާކުރިންފެށިގެންވެސް ލޯބިވޭތާ. އެކަމު ދެމީހުނަށްވެސް އެކަކު އަނެކެއްގެ ހިތެއް ނޭގެދޯ. އެހާކުޑައިރުން ފަށިގެން ނޫރާދެކެ އާޔަން ލޯބިވާ ވާހަކަ ކުރީދުވަހު ޒޫނާބުނީ.”
“އޭން! ތީހަމަ އާޔަން މަންމަ ބުނިވާހަކައެއް؟” ނޫރާ ކާންއިން ޕާންފޮތި ތަށީގައި ބާއްވާފައި ސައީދާ އެބުނި އެއްޗެއް އަޑުއިވުނީ ރަގަޅައްބާއޭ ނޫރާ ހިތައްއެރިއެވެ.
“އާޔަން ލަންކާގަ އުޅުނު އިރުން ފެށިގެން ޒޫނާއަށް ނޫރާ އެގެޔޯ! އެހެނެއްނު ވާނީ އާޔަން އޭރުން ފަށިގެންވެސް އަބަދު ނޫރާގެ ވާހަކަޔޯ ދައްކަނީ. ސައީދާހީލަމުން ބުންޏެވެ. “ނޫރާވެސް އޭރުންފެށިގެން އާޔަންއާ އަޅައިގަނެގެންނު އުޅުނީ. ތީ މާކުރިންސުރެ ނިމިފަ އޮތް ލޯތްބެއްނު.”
ސައީދާ އެދައްކާވާހަކަތަށް ނޫރާއިނީ ގަބޫލު ނުކުރެވިފައެވެ. އަދި ކާންއިން ތަށި ދުރަށް ޖައްސާލާފައި ފެންތަށި ބޯލައިގެން ތެދުވެއްޖެއެވެ. ސައީދާއިނީ ހައިރާންވެފައެވެ. ނޫރާ ކަންތައްބޮޑުވާވަރުގެ އެއްޗެއް ސައީދައަށް ބުނެވުނީހެއްޔެވެ.
“ކިހިނެއްވީތަ؟ ނުކައި ތި ތެދުވީޔޯ؟” ސައީދާ ވެސް ތެދުވެއްޖެއެވެ.
“ކަމެއްނުވޭ!….. އެސައިންމެންޓެއް ނިންމަންޖެހިފަ އޮތީމަ….” ނޫރާއަވަހަށް ބުންޏެވެ. ސައީދާ ބަލަންހުރިގޮތުން ކޮށްފާނެ ސުވާލުތަކުން ސަލާމަތްވުމަށް އެންމެރަގަޅު ޖަވަބަކީ އެއީ ކަމުގައި ނޫރާއަށް ފެނުނެވެ.
ކޮރުޖަހަމުން ނޫރާގޮސް ކޮޓަރިއަށްވަނީ ސައީދާ ދެންމެ އެދެއްކި ވާހަކައާއިމެދު ވިސްނަމުންނެވެ. އާޔަން ނޫރާދެކެ މާކުރިންވެސް ލޯބިވާވާހަކަ މަންމަ އެބުނީ އާޔަންމަންމަ އެވާހަކަ ދެއްކީމައެވެ. އާޔަންމަންމަވެސް ދޮގުހަދައިގެން ވާހަކައެއް ނުދައްކާނެނޫން ހެއްޔެވެ. އާޔަން ބުނެފަ ހުރި ބައެއް އެއްޗިހި ނޫރާގެ ހިތައް އަރަމުން ދާންފެށިއެވެ. “އާޔަން ވަރަށް ލައިކްވާ ކުއްޖެއް ހުރޭ! ޝައިލާ އެކުއްޖާއަށް ވަރަށް އުނދަގޫކުރާނެ.” އާޔަން ބުނެފަ ހުރި ތަންތަން ކޮޅު ނޫރާއަށް ނަގައި ގަނެވެން ފެށިއެވެ. “އަދި އެއީ ކޮން ކުއްޖެއްކަމެއް ބުނެވޭކަށްނެތް!” ނޫރާ އެނދުގައި އިށީނެވެ. އާޔަން މިހުރިހާދުވަހުވެސް އެދެއްކީ ނޫރާގެ ވާހަކަހެއްޔެވެ. ނޫރާ އާޔަންދެކެ ލޯބިވާކަން އާޔަންއަށް އިގެޔޭވެސް އާޔަން އޭރު ބުންޏެވެ. ނޫރާ ލޯބިވާކަން އާޔަންއަށް އިނގުނީ ކިހިނެއްހެއްޔެވެ. ނޫރާ މަންމަގެ އަނގަގަދަ ކަމުންކަން ހަދާންވެއްޖެއެވެ. ޝައިލާ އާޔަން އެހެން ހެދީވެސް ނޫރާއަށް ޓަކައި ހެއްޔެވެ. ނޫރާގެ ހިތުގައި އެތައް ސުވާލެއް އުފެދި އެސުވާލުތަކުގެ ޖަވާބުތައްވެސް ލިބެމުން ދިޔައީ އާޔަން ދައްކާފަ ހުރި ވާހަކައިންނެވެ. އެތައްއިރެއް ވަންދެން ނޫރާ ވިސްނަން އިނެވެ. އެނދުގައި މަޑުމަޑުން ނޫރާ އޮށޯވެލިއެވެ. އަދި ބާލީސް ނަގާ ގަޔާ ކައިރި ކޮށްލިއެވެ. ނޫރާ ވާންވީ އުފާކަމެއް ދެރަކަމެއްވެސް ނޫރާއަކަށް ނޭގެއެވެ. ނޫރާއަށް ރޮވެންފެށިއެވެ. އެތައްއިރަކު ރުއިމަށްފަހު ނޫރާއަށް ނިދުނީއެވެ.
ނޫރާއަށް ހޭލެވުނީ ސައީދާ ކޮޓަރިއަށް ވަންއަޑަށެވެ. ސައީދާއައީ ދޮވެފަހުރި އެއްޗިހި ހިފައިގެނެނެވެ.
“ތީ އެސައިންމެނޓް ހަދާ ގޮތަކީ؟” ނޫރާ އެނދުގަ އޮތްތަން ފެނިގެން ސައީދާ ބުންޏެވެ. “ޒޫނާ އެބައަންނަމޯ މިގެއިން ކާން! މަންމަ އެހެރީ ބަތާއެއްކޮން ކާން ކިރުގަރުދިޔައާއި ބަށިހަދާފަ. ހިނގާބަލަ ކުކުޅު ކޮޅެއްވެސް ހަދާލަމާ!” ސައީދާ އެހެންބުނީ ނޫރާ ހަދާ ކުކުޅު މީރުވީމައެވެ.
ނޫރާ ގަޑި ބަލައިލިއިރު ބާރަޖަހަން އުޅެނީއެވެ. ނޫރާ އަވަހަށް ތެދުވެ ފާހާނާ ކޮށްލައިގެން ބަދިގެއަށް ދިޔައިރު ސައީދާ ހުރީ ކުކުޅުކޮށާ ހަދާފައެވެ. އަދި ބޭނުންވާ އެހެންތަކެތިވެސް ސައީދާ ހުރީ ތައްޔާރު ކޮށްދީފައެވެ. ނޫރާއަށް ހަމައެކަނި ޖެހުނީ އެ ކައްކާލާށެވެ.
ކައްކާ ސާފުކޮށް ހަދާލާފަ ކޮރުޖަހަމުން ނޫރާ ދިޔައީ ނަމާދުކުރާށެވެ. ނަމާދު ނިމިގެން މުސައްލަނެގިތަނާ ދޮރުގެ ރަގަބީލުވާއަޑު އިވުނެވެ. އެއައީ ކާކުތޯ ބަލަން ނުކުތްއިރު ސައީދާ ޒޫނާއާއި އާޔަން ގެއަށް ވައްދަނީއެވެ. ޒޫނާއައިސް ނޫރާގައިގަ ބައްދާލިއެވެ.
“މިހާރު ފައި ރަގަޅުތަ؟” ޒޫނާ ނޫރާގެ ފަޔައް ބަލައިލަމުން އެހިއެވެ. ނޫރާ ފައި މިހާރު ރަގަޅު ކަމުގައި ނޫރާ ބުންޏެވެ. އެކަމު އަދިވެސް ކޮރެއްޖެހޭ ކަމަށް ނޫރާ ބުންޏެވެ.
އާޔަން އައިސް ސޯފާގައި އިށީނެވެ. ސައީދާ އާޔަންއަށް ފެންތައްޓެއް ގެނެސް ދިނެވެ.
“އަދިކިރިޔާ މިއަދު ނޫރާއަށް އިނގުނީ އާޔަން ނޫރާދެކެ މާކުރީންސުރެ ލޯބިވާކަން!” ސައީދާ އާޔަން ފެންބޯން އިންދާ އެހެން ބުނުމުން އާޔަންކޮށިއަރައި ގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ވީމޭ އިންތިޒާރުގައި 9 ވަނަ ބައި

Next

ވީމޭ އިންތިޒާރުގައި 11 ވަނަ ބައި

Next
October 19, 2013

ވީމޭ އިންތިޒާރުގައި 11 ވަނަ ބައި

Previews
October 17, 2013

ވީމޭ އިންތިޒާރުގައި 9 ވަނަ ބައި

2 Comments!

  1. lai says:
    October 18, 2013 at 12:20 pm

    wow…………..beautiful

  2. Anonymous says:
    October 19, 2013 at 3:21 pm

    its a nice and a long story

Comments are closed.

Next Episodeވީމޭ އިންތިޒާރުގައި 11 ވަނަ ބައި←


All Right Reserved!