ވީމޭ އިންތިޒާރުގައި 9 ވަނަ ބައި
މިހާރު ނޫރާގެހިތް ތެޅެނީ އާޔަންއަށްވެސް އަޑުއިވޭހާ ބާރަށް ކަމުގައި ނޫރާއަށް އިހްސާސްވިއެވެ. އާޔަންގެ ބާރުގަދަ ދެއަތުން ނޫރާގެ ލޫޅާފަތި އުނަގަނޑުގައި ހިފާ އާޔަންއާއި ކައިރިއަށް ދަމާލެވުނެވެ. މިހާރު އާޔަންގެ ނޭވާގެ ހޫނުކަން ނޫރާގެ ނިއްކުރިއަށް އެޅޭހާކައިރި ވެވިއްޖެއެވެ. އާޔަންގެ މޫނު މަޑުމަޑުން ނޫރާގެ މޫނާ ކައިރިވަމުން ދިޔައެވެ. ނޫރާގެ ހިތް ބާރަށް ތެޅެމުންދިއުމާއެކުވެސް ނޫރާއަށް އިސްއުފުލާލާ ލޯމަރާލެވުނެވެ.
“އާޔަން! ނޫރާ! ދެންދޭބަލަ ރީތިވެގެން ކާން އަންނަން!” ޒޫނާގެ އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ދެމީހުނަށްވެސް ދުރަށް ޖެހިލެވުނެވެ. ނޫރާ ލަދުން އަވަހަށް ފެންގަނޑުން އަރައިފިއެވެ. ޒޫނާ ހީލަމުން އަނެއްކާވެސް އެތެރެއަށް ވަދެގެން ދިޔައީއެވެ.
އާޔަންއަށް ކުރެވެން އުޅުނު ކަންތަކުގެ އިޙްސާސްވެފައި އެކަމާވިސްނަން އާޔަންއަށް ހުރެވުނީއެވެ. އާޔަންއަށް ވިސްނާނުލާ ކުރެވެން އެއުޅުނީ ފަހުން ދެރަވާންޖެހޭވަރު ކަމެކެވެ. އެއީވެގެން ވާނެގޮތެއް ނޫނެވެ. ދެން އާޔަން އުޅޭނީ ވަރަށް ވިސްނައިގެން ކަމުގައި އަމިއްލަ ނަފްސައް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އާޔަންއަށް މިހާރު ނޫރާއާ މާގާތްކޮން އުޅޭވޭކަމުގެ އިހްސާސްވެސް ކުރެވެންފެށީ ދެނެވެ. ނޫރާއާއި ވީހާވެސް ދުރުގައި އުޅުމަށް އާޔަން އަޒުމު ކަނޑައެޅިއެވެ.
ނޫރާ ޒޫނާ ކޮޓަރި ފާހާނާގައި ފެންވަރަން ހުރިއިރު ނޫރާއަށް ސިފަވަމުން ދިޔައީ ދާދި ދެންމެ ދިމާވާންއުޅުނު ހާދިސާއެވެ. ނޫރާކައިރިއަށް ހިނިއައެވެ. އަދި އުފާވެރިކަން ހިތުތެރެއަށް ވަދެގެންދިޔައެވެ. ކުޑަވަގުތުކޮޅެއް ކުރިން ނައީމާ ދެއްކިވާހަކަތައް ހަދާނަށްއައެވެ. އަސްލުވެސް އާޔަން ނޫރާދެކެ ލޯބިވެއެވެ. ނޫރާއަށް މިއަދު އެކަން އެގިއްޖެއެވެ. އަނެއްކާއެއީ އޮޅުމެއްބާއެވެ. އާޔަންއަށް ނޭގި ކުރެވެން އުޅުންކަމެއް ބާއެވެ.
“ނޫރާ! ނޫރާ!” ނައީމާ ނޫރާއަށް ގޮވަމުން ޒޫނާގެ ކޮޓަރިއަށް ވަނީ ޒޫނާދިން ޓީޝާރޓް އަކާއި ހަރުވާޅެއް ހިފައިގެންނެވެ.
“އޯއި!” ނޫރާ ފާހާނާތެރޭ ހުރެފަ ޖަވާބުދިނެވެ. ނައީމާ އެ އެއްޗިހި ފާހާނާކައިރީ ހުރި ހަރުގަނޑުމަތީ ބޭއްވިއެވެ. އަދި ނޫރާކައިރީ އެވާހަކަ ބުނެފައި ނިކުމެގެން ހިގައްޖެއެވެ.
ނޫރާ އެޓީޝާރޓް އާއި ހަރުވާޅު ލިއެވެ. ދޭތިވެސް ނޫރާއަށް ވަރަށް ދުލެވެ. އެވަގުތު ނޫރާ ބޭނުންވީވެސް ވަރަށްދޫއެއްޗެއް ލާށެވެ. ނޫރާގެ ތެތް އެއްޗިހި ހިފައިގެން ނޫރާބޭރަށް ނުކުތުމުން އެގޭގެންގުޅޭ ކުއްޖެއް އައިސް އޭއްޗިހި ހިފައިގެން ހިގައްޖެއެވެ.
އޭއްޗިހި ލައިގެން ނޫރާ ހުރީ ތިރިއަށްދާން ނުކެރިފައެވެ. އެތާއެހެން ހުއްޓާ އާޔަން ކޮޓަރިން ނުކުމެގެން އަންނަތަން ފެނުނެވެ. އެވަގުތު އާޔަންއާއި ކުރިމަތިލާކަށް ނޫރާއަކަށް ނުކެރުނެވެ. އަވަހަށް ދުވެފަގޮސް ޒޫނާގެ ކޮޓަރިއަށް ނޫރާ ވަނެވެ. އާޔަންއަށް ނޫރާ ދުވެފަގޮސް ވަންތަން ފެނުނެވެ. ނަމަވެސް އެކަމަކަށް މާބޮޑު އަޅާލުމެއްނުދީ އާޔަން ދިޔަގޮތަށް ދިޔައީއެވެ.
ޒޫނާކޮޓަރިއަށް އައިއިރު ކޮޓަރީގައި ހުރި އެކަކަށް އިނދެވޭކަހަލަ ސޯފާއެއްގައި ނޫރާ އިށީދެގެން އިނެވެ. ނޫރާއަށް އިނީ ނިދިފައެވެ. ޒޫނާ އައީ ނޫރާގެ ހެދުމާ އެއްޗިހި އިސްތިރިކޮށްގެން އެ ހިފައިގެންނެވެ. ނޫރާ ނިދާފަ އިނުމުން ނޫރާއަށް ނުގޮވަ އެނދުމަތީ ހެދުން ބޭއްވިއެވެ. އަދި ނިކުމެގެން ހިގައްޖެއެވެ.
ނޫރާއަށް ހޭލެވުނީ ޒޫނާ ދަމުން ދޮރުލެއްޕި އަޑަށެވެ. ނޫރާއަށް އޭނަގެ ހެދުމާއެއްޗިހި އެނދުމަތީ އޮއްވާފެނުމުން އަވަހަށް އެލައިގެން ރިތިވާން ފެށިއެވެ. ނޫރާ ހުރީ ބަނޑުހައި ވެފައެވެ. އެކޮޓަރި ފާރުގައި އިންގަޑިއަށް ނޫރާ ބަލައިލިއިރު ތިނެއްޖަހާބޮޑުވެއްޖެއެވެ. ނޫރާ އަވަސްކޮށްލައިގެން ތިރިއަށް ފޭބިއެވެ. އޭރު އެންމެން ތިބީ ސޯފާތަކުގައި އިށީދެ އޮލަވާހަކައިގައެވެ. އާޔަންއެއް އެތާކުނެތެވެ. ނޫރާ އައުމުން ޒޫނާ އަވަހަށް ނޫރާކައިރީ ކާންދިއުމަށް ބުންޏެވެ. ނޫރާއަށް ކާންޖެހުނީ އެކަންޏެވެ. އެހެން އެންމެން ކައިނިމިއްޖެއެވެ. ނޫރާ ކައިނިމިގެން ތެދުވުމާއިއެކު އެގޭ ނޯކަރުކުދިން ކޮޅު އައިސް ތަށިތައްނަގާ ސައިހަދަން ފަށައިފިއެވެ. ނޫރާއަށް މިކެވުނީ ސައިގަޑީގައެވެ.
ނޫރާ އެންމެން ތިބިތަނަށް ދިޔައިރު އެންމެން ހަމަ މަޖާވާހަކަ ދައްކާފަ ހެނީއެވެ. ކާޕެޓް މަތީ ޒައު އިނީ އޭނަގެ ބުދު ހިފައިގެން ކުޅޭށެވެ. އާޔަންއެއް ފެންނާކަށް ނެތެވެ. ނޫރާ ދިމަދިމާ ހޯދާލިއެވެ. އާޔަން ކޮބައިބާއެވެ. ނޫރާ އައިސް ޒައު ކައިރީ އިށީނެވެ. ޒައު ނޫރާއަށް ބަލައިލިއެވެ.
“އާޔަންބެ ބުނީ ނޫތަ ކައިރީ ސީކްރެޓްކޮން ބުނާށޯ ސޮރީޔޭ!” ޒައު ނޫރާގެ ކަންފަތް ދޮށުގަ ވަރަށް ސިއްރުން ބުންޏެވެ.
“ކޮބާމިހާރު އާޔަންބެ؟” ނޫރާވެސް ވަރަށް ސިއްރުން ޒައުކައިރިއަށް ގުދުވެލަމުން އަހާލިއެވެ.
“ބޭރަށް ނިކުތީ!” ޒައު ބުންޏެވެ.
ނޫރާ ތެދުވެ އެންމެގެންގެ މޫނަށް ބަލައިލިއެވެ. އެންމެން ތިބީ އެމީހުން އަމިއްލަ ވާހަކައިގައެވެ. އެހެންކަމުން ނޫރާ މަޑުމަޑުން ބޭރަށް ނިކުތެވެ. އާޔަންއެއް ފެންނާކަށް ނެތެވެ. އާޔަންގެ ކާރެއްވެސް ނެތެވެ. ނޫރާ ވަރަށް ކަންބޮޑުވިއެވެ. އާޔަން އެއުޅެނީ ނޫރާ ހިތައް އަރާފާނެ އެއްޗަކާމެދު ކަންތައް ބޮޑު ވެގެންނޭ ނޫރާ ހިތައް އެރިއެވެ. ނޫރާގެ ހިތް އާޔަންއަށް އިނގޭނެ ނަމައެވެ.
އެދުވަހު ހައެއްޖެހިއިރު އެންމެން ގެއަށްދާންވެގެން ނުކުތެވެ. އޭރުވެސް އާޔަންއެއް ނާދެއެވެ.
“އާޔަން ކޮންތާކަށްތަ އެދިޔައީ؟” ޒޫނާ ކިޔަންފެށިއެވެ. ނައީމާމެން އޭރު ކާރަށް އަރައިފިއެވެ. ނޫރާ ޒައު އަތުގަ ހިފައިގެން ގެއިންނުކުންނަނިކޮން އާޔަންގެ ކާރު އައިސް މަޑުކޮށްލިއެވެ. އާޔަން ކާރުން ފޭބިތަނުން ޒައު ދުވެފަ އާޔަން ކައިރިއަށް ދިޔައެވެ.
“އާޔަންބޭ! އާޔަންބެ ދިޔަތަނެއް ނޭގިގެން ނޫތަ އުޅުނީ!” ޒައު ބުންޏެވެ.
“އެހެންތަ!” އާޔަން ޒައު އުރާލަމުން ބުންޏެވެ. ނޫރާއަށް އޭރު އެމީހުން ކިޔާއެއްޗެއް އަޑުއިވޭ ހިސާބަށް އާދެވިއްޖެއެވެ.
“ޒައު ވަރަށް ސީކްރެޓްކޮން ނޫތަ ކައިރީ ބުނެފިން އާޔަންބެ ސޮރީ ބުނިވާހަކަ!” ޒައު ބުނާއަޑު ނޫރާއަށް އިވުނެވެ.
“ނޫތަ ކީކޯބުނީ؟ ނޫތަ ހުރީ ދެރަވެފަތަ؟” އާޔަން އެހެން ބުނަމުން ނޫރާއަށް ބަލައިލިއެވެ. ނޫރާހުރީ އެމީހުނާ ދާދި ކައިރީގައެވެ.
“ނޫތަ ދެރަވާ ކަމެއް އާޔަންބެއަށް ކުރެވުނީތަ؟” ޒައު އަހާލިއެވެ.
“އާނ! ނޫތަ ހީލައިފިއްޔާ އާޔަންބެއަށް ދެން ކެރޭނީ ނޫތައާ ވާހަކަދައްކަންވެސް” އާޔަން ޒައު ކައިރީ ބުންޏެވެ.
“ނޫތަ ހީލަބަލަ!” ޒައު ބުންޏެވެ. ޒައު ބުނި ގޮތުންވެސް ނޫރާ ކައިރިއަށް ހިނިއައެވެ. “އެ ހީލީނު. މިހާރު ޓޫކުދިން ރައްޓެހިވީނު ދޯ!” ޒައު ބުންޏެވެ.
“އާނ! ދެން އަވަހަށްދޭ އިނގޭ! އާޔަންބެ މާދަމާ ދާނަން ޒައުމެން ފުރާގަޑިއަށް އިނގޭ!” ޒައު ބިންމަތީ ބަހައްޓަމުން އާޔަން ބުންޏެވެ.
ނޫރާ އާޔަންއާއި ދިމާއަށް ހީލަމުން ޒައު ފަހަތުން ގޮސް ކާރަށް އެރިއެވެ. ޒޫނާ ޢާއި އިސްމާޙް ދިއައީ އެމީހުން ލާފަ އަންނާށެވެ. އާޔަން އެންމެން ދާތަން ބަލަން ޖީންސްގެ ޖީބަށް އަތްޖަހާލައިގެން ހުއްޓެވެ. އާޔަން އަދިވެސް ހުރީ ކުރެވެން އުޅުނު ކަންތަކާމެދު ހިތް ނުތަނަވަސް ވެފައެވެ.
ނޫރާއަށް އެރޭ ނުވެސް ނިދުނެވެ. އާޔަންގެ އަމަލުތައް ހުރިގޮތުން އެކަމާ ވިސްނެނީއެވެ. އާޔަން އަސްލުގަވެސް ނޫރާދެކެ ލޯތްބެއްނުވެއެވެ. އެއްވެސް ހަގީގަތެއް ވާކަމެއް ނޫނެވެ. އެތައްދަމެއްވީއިރުވެސް ލޮލަށް ނިދިއަންނަގޮތެއް ނުވިއެވެ. އެންމެފަހުން ވުޟޫކޮށްލައިގެން އައިސް ފަތިސްވަންދެން އިނީ ޤުރުއާން ކިޔަވާށެވެ. ނަމާދުވަގުތު ޖެހުމުން ނަމާދުކޮށްގެން ޖައްސާލުމާއިއެކު ނޫރާއަށް ނިދިއްޖެއެވެ.
ނޫރާއަށް ހޭލެވުނީ ސައީދާ ގޮވާއަޑަށެވެ. ނޫރާ ގަޑި ބަލައިލިއިރު ދިހައެއް ޖަހަނީއެވެ. ނޫރާ ހޭލުމުން ޒައު ބަލައްޗޭ ކިޔާފަ އެންމެން ދިޔައީ އެންމެ ފަހުގެ ބާޒާރު ކޮށްގެން އަންނާނަމޭ ކިޔާފައެވެ. ޒައު ހޭލުމުން ޒައުއަށް ކާންދީ ފެންވަރުވާ ރީތިކޮށް ހެދިއެވެ. ޒައު އިނީ ޒައުގެ ބުދުގެ އަތް ބިންދިފަ އޮތީމަ އެކަމާ ދެރަވެފައެވެ.
މެންދުރު ބާރަޖެހުމުން ނޫރާވަނީ ފެންވަރާށެވެ. ޒައު ގޮވައިގެން ކައިރި ތާކަށް ކާންދާންވެގެން ނެވެ. ނޫރާ ފެންވަރަން ހުއްޓާ ދޮރުގެ ރަނގަބީލު ޖެހިއަޑު އިވުނެވެ. ނޫރާއަށް އެއީ ކާކުކަމެއް ނޭގެއެވެ. ޒޫނާ މެންކަމަށް ހީކޮށް ނޫރާ ވަރަށް އަވަސް ކޮށްލައިގެން ނުކުތެވެ. އޭރު އާޔަން ޒައު ކައިރީ ޒައުގެ ބުދު ހަދަން އިނެވެ. ނޫރާ ނުކުތުމުން އެބަ އަންނަމޭކިޔާފަ އާޔަން ބޭރަށް ނިކުމެގެން ދިޔައީ ނޫރާއަށް އެއްވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮންނެވެ.
މިހާރު އާޔަން ނޫރާ އާއި ހާދަ ދުރުވެއްޖެއެވެ. އަދި ކަމެއްވީ އެއްވެސް ނޫނެވެ. އެހާ ދުރުވެގެން އެއުޅެނީ ކީއްވެހެއްޔެވެ. ނޫރާދެކެ އާޔަން އެއްގޮތަކަށްވެސް ލޯބިނުވަނީ ހެއްޔެވެ. ނޫރާ ހިޔާލަކަށް ގެއްލިފައި އިނެވެ.
ބައިގަޑި އިރެއްހާފަހުން އާޔަން އައީ ބޮޑު ބުދެއް ހިފައިގެންނެވެ. އެ ބުދާއިއެކު ނެޕީ ބޮނޑިއަކާއި ބުއްފުޅިއެއްވެސް ގެނައެވެ. އެއަށް ބަލައިލުމުންވެސް އެއީ ވަރަށް އަގުބޮޑު އެއްޗެއްކަން އިނގެއެވެ.
“ޒައުއަށް އިނގޭތަ؟ މިޑޯލްއަށް ބުއްފުޅި ދިނީމަ ހީސްލާނެ!” ޒައުއަށް އެބުދު ދެމުން އާޔަން ބުންޏެވެ. “އަދި މީގެ އަތަށް ފިތާލީމަ ވާހަކަވެސް ދައްކާނެ!” އާޔަން އެބުދުގެ އަތަށް ފިތާލިއެވެ. ފިތާލުމާއެކު މަންމާ ޕައްޕާ އޭ ކިޔަންފެށިއެވެ. ޒައުއަށް ވަރަށް މަޖާ ވެއްޖެއެވެ. އަދި އާޔަންއަށް ތެންކްޔޫ ބުނަމުން އެބުދާ ކުޅެން ފަށިއެވެ. އާޔަން ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ. ނޫރާ އެތާ ހުރިމީހެއް ކަމަށްވެސް އާޔަން ނަހަދައެވެ. ވާހަކަނުދައްކާތާ ބަލައިވެސް ނުލައެވެ.
“ނޫރާމެން މިއުޅެނީ ކާން ބޭރަށް ދާންވެގެން! އާޔަން ބޭނުމިއަޔާ އާދެވިދާނެ!” އެންމެފަހުން ނޫރާ އިސްވެ ވާހަކަދެއްކިއެވެ. އަދި ޒައު ގޮވައިގެން ބޭރަށް ނިކުންނަން ހިނގައިގަތެވެ. އާޔަންވެސް ނޫރާފަހަތުން ނިކުތެވެ.
ކާންތިބިއިރު ޒައު އާޔަންއަށް ލަވަ ކިޔައިދެމުން ދެއެވެ. އާޔަން ހިނިއައިސްފައި އިނެވެ. ޒައު މަޖާކަމުން ނޫރާވެސް އިނީ ވަރަށް މަޖާވެފައެވެ.
“ޒައު ދިޔައިމަ ނޫތަ ވަރަށް ދެރަވާނެ! ވަރަށް މިސްވާނެ!” ނޫރާ ޒައުކައިރީ ބުންޏެވެ.
“ދެރަނުވޭ ނޫތާ! ކޮންމެދުވަހަކު ސްކައިޕް ވަމެއްނު!” ޒައު ބުންޏެވެ.
“ޒައު ދިޔައިމަ އާޔަންބެގެ ގާރލްފްރެންޑެއް ނުހުންނާނެ!” އާޔަން ބުންޏެވެ.
“ދެން ނޫތަ ހަދަންވީނު އާޔަންބެގެ ގާރލްފްރެންޑަކަށް؟” ޒައު ބުންޏެވެ.
ޒައު އެހެން ބުނުމުން އާޔަންއަށް ނޫރާއާއި ދިމާއަށް ބަލައިލެވުނެވެ. “އެހެން ހަދައިގެން މިއުޅެނީ!” އާޔަން މާނަވީ ގޮތަކަށް ބަލައިލަމުން ނޫރާއަށް ހީލަމުން ބުންޏެވެ.
އެވަގުތު ނޫރާގެ ފޯނަށް މެސެޖެއް އައުމުން ނޫރާ ފޯނު ބަލައިލިއެވެ. އެއީ ނައީމާއެވެ. ނޫރާމެން ލަސްވެގެން މެސެޖުކުރީއެވެ. ނޫރާ ގަޑި ބަލައިލިއިރު ތިނެއްޖަހަނީއެވެ. ގަޑިދިޔަގޮތްވެސް ނޭގުނެވެ. އަވަސް އަވަސް ކޮށްލައިގެން ގެއަށް ދިޔައިރު ޒޫނާއާއި އިސްމާޙްވެސް ތިބީ ނޫރާމެންގެއަށް އައިހެވެ. ނައީމާމެން ފުރާތީއެވެ.
“މިއޮތީ އާޔަންބެ ޒައުއަށް ދިން ހަދިޔާއެއް!” ޒައުއަށް ލިބުނު އާ ބުދު ނައީމާއަށް ދައްކާލަމުންބުންޏެވެ.
“އާޔަންބެ ހާދަ ރަގަޅޭދޯ!” ނައީމާ ބުންޏެވެ. “ތެންކްޔޫ ބުނިންތަ؟” ނައީމާ ޒައު ކައިރީ އެހިއެވެ. ޒައު ބޯޖަހާލިއެވެ.
އެންމެންވެސް އުޅެނީ ދަތުރަށް ތައްޔާރުވާށެވެ. ފާރޫގް އާއި ޝަކީބާއި ދެމީހުން ވެގެން ފޮށިތައް ބަންދު ކުރަނީއެވެ. ސައީދާ ބަދިގޭގައި ކޮފީ ގިރަނީއެވެ. ޒޫނާ އާއި އިސްމާޙް ފޮށިތައް ބަންދުކުރާ މީހުނަށް ފާޑުކިޔަން ތިއްބެވެ. ޒައު ރީތިކުރަން ނައީމާ އުޅެއެވެ. ނޫރާވެސް ވަނީ ކޮޓަރިއަށެވެ. ތައްޔާރުވާށެވެ. އާޔަން ސޯފާގައި އެހެން މީހުން ކުރާކަންތަކައް ބަލަން އިނެވެ. ޒައު ރީތިވެގެން އާޔަން ކައިރިއަށް އައެވެ. އަދި އާޔަންގެ އުނގުގައި އިށީނެވެ.
“ޒައު މަތިން އާޔަންބެ ހަދާންވީމަ ނޫތައަށް ބަލަން ހުރޭ! ނޫތަޔާ ޒައުއާ ވަރަށް ވައްތަރުވާނެ!” ޒައު ބުންޏެވެ. އާޔަން ހިނިއައެވެ. އަދި ޒައުގެ ކޮލަށް ދޮނެއްދިނެވެ.
“އާޔަންބެ އަށް މިހާރު ވަރަށް އުނދަގޫކަމެއް ތީ!” ޒައުއާ ދިމާއަށް ހީލަމުން އާޔަން ބުންޏެވެ. “އެކަމު ދެން ޒައުމަތިން ހަދާންވާއިރަށް އެހެން ހަދާނީ އިނގޭ!”
އެއަރޕޯރޓަށް ދާން އެންމެން ނިކުތީ ވަރަށް ލަސްވިފަހުންނެވެ. އާޔަންގެ ކާރަށް އެރީ ހުރިހާ ފިރިހެނުންނެވެ. އޭގައި ގިނަ ލަގެޖް ހުރީމައެވެ. ދެކާރަށްވެސް އެއަރޕޯރޓަށް އާދެވުނީ ދާދި އެއްފަހަރާއެވެ. ލަސްނުކޮށް އަވަހަށް ވަދެގެން ދިޔައީ ކައުންޓަރު ބަންދުކޮށްފާނެތީއެވެ. ލައްވާލީ ކިރިޔާއެވެ. ޗެކިންނިމި އެތެރެއަށް ވަދެގެން ދިއުމުން ގެއަށްދާން އެންމެން ނިކުތްއިރު އާޔަންއެއް ނެތެވެ. އާޔަންގެ ކާރެއްވެސް ނެތެވެ.
“އާޔަންއަށް ކޮންމެސް ކަމެއްވެގެން އެއުޅެނީ!” ޒޫނާ ނޫރާއަށް ބަލައިލިއެވެ. “ނޫރާ! އާޔަންއަށް ކިހިނެއްވެގެން އެ އުޅެނީ؟ ތިދެމީހުން އަނެއްކާ މައްސަލަޖެހުނީތަ؟” ޒޫނާ ނޫރާ ކައިރީ އަހާލިއެވެ.
ނޫރާ ބޯހޫރާލިއެވެ. ވެގެން އުޅޭގޮތެއް ނޭގޭކަމަށް ބުނަމުންނެވެ. ޒޫނާ އާޔަންއަށް ގުޅީ ކާރަށް އަރާފައެވެ.
އާޔަން ފޯނުނެގުމުން މާއަވަހަށް ތި ދަނީ ކީއްވެތޯ ޒޫނާ އެހިއެވެ.
“އާޔަން ކުޑަކޮން ބޮލުގަ ރިއްސާތީ އަވަހަށް ގެއަށް މިދަނީ!” އާޔަން ދޮގުހެދީ ޒޫނާގެ ސުވާލުތަކުން ސަލާމަތްވާށެވެ.
“އެއުޅެނީ ހުންއަންނަން ކަންނޭގެ! ބޭސްކައިގެން ނިދާތި! އިއްޔެގަ މާގިނައިރު ތެމިގެން އުޅުނީމަ ކަމަށް ތިވާނީ!” ޒޫނާ ބުންޏެވެ.
“އަހަރެން ބުނީމެއްނު އޭރުވެސް އާޔަން އަށް ކަމެއްވެއްޖެޔޭ! އޭނަ ބަލިވާން އެއުޅެނީ!” ޒޫނާ ފޯނު ކަނޑާލަމުން ބުންޏެވެ.
އެރޭ ނޫރާމެން ގެއަށް ދިޔައީ އިސްމާޙްގެ ރެސްޓޯރެންޓަކުން ކައިގެން ނެވެ. ޒޫނާ އެގޮތަށް ރާވައިގެންނެވެ. ސައީދާމެންނަށް ފަސޭހަވާނެޔޭ ކިޔާފައެވެ.
އެރޭވެސް ނޫރާއަށް ނިދޭގޮތެއް ނުވެއެވެ. މިހާރު ކޮންމެރެއެއްގެ އާދައަކަށް އެކަންތަށް ވެއްޖެއެވެ. ނޫރާ ލެޕްޓޮޕް ނަގައިގެން ފެސްބުކްއަށް ވަންއިރު އާޔަން އިނީ އޮންލައިންގައެވެ. ނަމަވެސް އާޔަންއާއި އިސްވެ ޗެޓްކުރާކަށް ނުކެރުނެވެ. މޫސަ އޮންލައިންވީ އެވަގުތުއެވެ.
މޫސަނޫރާއަށް ގޮވާލިއެވެ. މޫސައާއި ވާހަކަ ދައްކަން ފެށިއެވެ. މޫސައަށް އާޔަން ހުރިހާވާހަކައެއް ކިޔައިދޭކަން ނޫރާއަށް އޮތީ އެނގިފައެވެ. މޫސަ ގޮވާލީމަވެސް އެއީ އެކަހަލަ ވާހަކައެއް ދައްކަންކަން ނޫރާއަށް ހީވިއެވެ.
އާޔަންގެ ފޭކް ގާރލްފްރެންޑް ހޭ މޫސައެހީ މޫސައަށް އެވާހަކަ އިނގޭކަން ނޫރާއަށް އަންގާލަން ކަން ނޫރާއަށް އެނގުނެވެ. ނޫރާވެސް އާނއެކޭ ބުނީ މަޖާވެލާށެވެ. މޫސައާއި މަޖާވާހަކަ ދައްކަން އިންދާ ނޫރާއަށް ނިދުނީ ކޮންއިރަކުކަމެއްވެސް ނޭގެއެވެ.
ނޫރާއަށް ހޭލެވުނީ ފަތިހުއެވެ. ނޫރާ ހޭލާ ގަޑި ބަލައިލިއިރު ފަހެއް ޖަހައިފިއެވެ. ލެޕްޓޮޕް އެނދުމަތީ އޮތެވެ. މޫސަގެ މެސެޖުތައް ބައިވަރު އޮތެވެ. މެސެޖުތައް ކިޔާލުމަށްފަހު ހިނިއައެވެ. ނިދުނީކަން މޫސައަށް އެނގޭތީ ނާނާ ކިޔައިދީފަވެސް ހުރީމައެވެ. ލެޕްޓޮޕްނިވާލާފައި ފާހާނާއަށް ވަދެ ރީތިވެގެން އައިސް ނަމާދުކޮށްލިއެވެ. ނަމާދުކޮށްގެން ކޮޓަރިތެރެ ސާފުކުރަން ފެށިއެވެ. އެވަގުތު ނޫރާގެ ފޯނު ރިންގުވާންފެށިއެވެ. މިގަޑީގަ ގުޅާނީ ކާކު ހެއްޔެވެ. ނޫރާފޯނުނަގާ ބަލައިލިއިރު އެއީ އާޔަންއެވެ. ހައިރާންވެހުރެ ފޯނަށް ޖަވާބުދިނީ ބާރަށް ތެޅިތެޅި އޮތް ހިތަކާއެކުއެވެ.
“ނޫރާ! މިއުޅެނީ ލައިބަލާ ދާންވެގެން! ލައި ބުނީ ނޫރާވެސް ގޮވައިގެން އަންނައްޗޯ. ދާނަންތަ؟” އާޔަން ބުންޏެވެ.
“ކޮންއިރަކު ދަނީ؟ ކޮންތާކު ތިހިރީ؟” ނޫރާ އަށް އަހާލެ ވުނެވެ.
“ތައްޔާރުވެގެން ތިރިއަށް ފައިބާ އިންގޭ. މިދަނީ ތިގެއަށް!” އާޔަން އެހެން ބުނެފަ ފޯނު ކަނޑާލިއެވެ.
ނޫރާ އަވަހަށް ތައްޔާރުވެލިއެވެ. އަދި ސައީދާ ކޮޓަރީގަ ޓަކިޖަހާލިއެވެ. ސައީދާވެސް އެގަޑީގަ އުޅެނީ ހޭލައެވެ. ސައީދާ ކައިރީ ދަނީ އެއަރޕޯރޓަށް ކަމަށް ބުނެފައި ނޫރާތިރިއަށް ފޭބިއެވެ. އެވަގުތު އާޔަންގެ ކާރުވެސް އައިސް މަޑުކޮށްލީއެވެ. ނޫރާ ކާރަށް އަރާ ހަމަޖެހިލަމުން އާޔަންއަށް ބަލައިލިއެވެ.
އާޔަން ނޫރާއާ ދިމާއަށް ހީލީ ވަރަށް ބީރައްޓެހިގޮތަކަށެވެ.
ނޫރާވެސް އާޔަންއަށް ހީލިއެވެ. ދެމީހުންވެސް އިތުރުވާހަކައެއް ނުދައްކައެވެ. ހަމަހިމޭންކަން ވަނީ ވެރިވެފައެވެ.
އެއަރޕޯރޓް ކައިރީ ކާރު މަޑުކޮށްލިއިރު ލައި ހުރީ ނުކުމެ ޕާރކިންއޭރިޔާގައެވެ.
“ހާދަ ލަސްވެއްޖެޔޭ!” އާޔަން ކާރުން ފޭބުމުން ލައި ބުންޏެވެ.
“އެހެނޭ ވާނީ ބޯޓު ޖެއްސީމަވިއްޔަ ގުޅީ އަންނާށޭ ބަލާ ކިޔާފަ!” އާޔަން ޑިކީ ހުޅުވަމުން ބުންޏެވެ.
“ނޫރާ! ހައު ވޯސްދަ ހޮލިޑޭ؟ މަޖާތަ؟” އެވަގުތު ނޫރާ ކާރުން ފޭބުމުން ލައި އަހާލި އެވެ.
“އާނ! އިޓް ވޯސް ފަން.” އާޔަން އާއި ދިމާއަށް ބަލައިލަމުން ނޫރާ ބުންޏެވެ.
“އާން އެގުނޭ، ފޭކް ގާރލް ފްރެންޑެއްނު ތީ.” ލައި އެހެން ބުނުމުން ނޫރާއަށް ތެޅިގަނެވުނެވެ. އަދި އާޔަންއާއި ދިމާއަށް ބަލައިލުމަށްފަހު ލައި އާއި ދިމާއަށް ހީލިއެވެ. މޫސަ ލައިކައިރީ އެވަހަކަ ބުނީކަން ހިތައް އެރުމުންނެވެ.
އާޔަންގެ އަގައިން ބަހެއް ނުނިކުމެއެވެ. އެވާނީ މިއަދު ވަހަކަ ނުދައްކަން ހައްޕުކިޔައިގެން ހުރީ ކަމަށެވެ.
އެންމެން ކާރަށް އަރުމުން އާޔަން ކާރު ދުއްވާލިއެވެ.
“ހަދިޔާ ގެނައިންތަ؟” އާޔަން ފުރަތަމަ ފަހަރަށް ވަހަކަ ދެއްކިއެވެ،.
“ނުގެނެވުނޭ!” ލައި ދެރަވެލާފައި ބުންޏެވެ.
“މޫސައަށް ގެނައިމެއްނު!” އާޔަން ސަމާސާ ރާގަކަށް ބުންޏެވެ.
“ހޫން އާޔަންގެ ކަންތައް ފެށުނީ!” ލައި ބުންޏެވެ.
“އޯކޭ! ދެން ނުކިޔާނަން މޫސައެކޭ!” އާޔަން ހެމުން ބުންޏެވެ.
“އަސްލު ލައި ހުރީ ހަދިޔާ ނުގަންނަން. އެކަމު ދެން ޑިއުޓީ ފްރީ އަށް ވަދެވުނީތީ މޫސައަށް އެއްޗެއް ގަތީ! ލައި ބުންޏެވެ.
“އާމީން! ލައިއަށް ޑިއުޓީ ފްރީއަށް ވަދެވުނީތީ!” އާޔަން ބުންޏެވެ.
އެކި ގޮތްގޮތުން ލައިއާ ދިމާކުރަމުން އާޔަން ގެންދެއެވެ. ބައެއްފަހަރު ރުޅިއަންނަމުން ލައިވެސް އާޔަންއާއި ވާހަކަ ދައްކައެވެ. ނޫރާ އެމީހުންގެ ވާހަކަ އަޑުއަހަން މަޑުން އިނީއެވެ.
“ފޮށިތައް އެޕާރޓްމަންޓާހަމައަށް ގެންގޮސްދީފަ އާޔަންއަށް ދެވޭނީ!” ލައި އުޅޭ ކޮންޑޯއަށް ކާރު މަޑުކޮށް ލުމުން އާޔަން ބުންޏެވެ.
އެންމެން ކާރުން ފައިބައިގެން ފޮށިތައް ހިފައިގެން ގޮސް ލައި އުޅޭ އެޕާރޓމަންޓަށް ވަނެވެ. އެއީ ކުޑަކުޑަ ދެކޮޓަރީގެ އެޕާރޓްމެންޓެކެވެ. މުޅިތަން އޮތީ ހިރަފުސް ވެފައެވެ. ލައި ދިޔައިރު ހުރިގޮތަށް ހުރިހާއެއްޗެއްވެސް ހުއްޓެވެ.
“ނޫރާ! މިތަން ސާފުކޮށްދީފަނު އަދި ދެވޭނީ!” އާޔަން ނޫރާ ކައިރީ ބުނެލިއެވެ.
“އޮހޯން! ސާފުކުރަން ހަދާނެކަމެއްނެތް. ލައި ސާފުކުރާނީ! އެހެން ނޫނަސް އަދި ޔުނިވަރސިޓީ ހުޅުވެން އެބައޮތް ތިން ދުވަސް. ސޯ އައިކެން ޑޫ ދެޓް!” ލައި ބުންޏެވެ.
“އާޔަންމެން ކައިރީ ތި ބުނަނީ އަވަހަށް ދާށޭ ދޯ!” އާޔަން ސޯފާގައި އިށީންނަމުން ލައިއާ އަނެއްކާވެސް ދިމާކުރަން ފެށިއެވެ.
“ދެން! އެހެން ބުނެފިތަ!” ލައި ނުރުހިފައި ބުންޏެވެ.
“އާޔަން އެއޮށްވަރަށް ކޮރެއާއަށް ގޮއްސަ އަންނަމުން އެކަކަށްވެސް ނުގެނެސްދޭ ހަދިޔާއެއް. ދެން ވަކި ލައި ކީއްކުރަންތަ އާޔަންއަށް ހަދިޔާ ގެންނަންވީ!” ލައި ބުންޏެވެ. އާޔަން ފާޑަކަށް ލައިއަށް ބަލައިލިއެވެ.
އޭގެ ދެދުވަސް ފަހުން އެހެން އެންމެން ވެސް އައިސް ފިއެވެ. އަދި ޔުނިވަރސިޓީ ހުޅުވުމާއި އެކު ކުރިޔެކޭ އެއްގޮތަށް މަޖާނަގަމުން ގެންދަންފެށިއެވެ. އެންމެން އެއްކޮން ތަންތަނަށްގޮސް އުޅެން ފަށިއެވެ. މިހާރު މާބޮޑަށް ރައްޓެހިކަން ބަދަހިވެގެން އެންމެން އެންމެންގެ ގެތަކަށްވެސް ދާންފެށިއެވެ. އެގޮތުން އެންމެ މަޖާ ދުވަހަކަށްވީ އާޔަންމެންގެއަށް އެންމެން ދިޔަދުވަހެވެ. އާޔަންގެ ކޮޓަރި ފެނުމުން އެންމެނަށް ވީގޮތްތަކެވެ. ނާއިފްއަށް މަޖާވެގެން ކޮޓަރީގެ ދޮރުތައް ލައްޕަ ލައްޕާފައި ހުޅުވައެވެ. މޫސަ އާއި ލައިނޫން އެންމެނަށް އާޔަންގެ ފޭކް ގާރލްފްރެންޑަކީ ނޫރާކަންވެސް އިނގުނީ އެދުވަހުއެވެ. އާޔަންގެ މަންމަ ޒޫނާ މާގާތް ގޮތެއް ނޫރާއާއި ދޭތެރޭ ބަހައްޓާތީ އާޔަންއަށް ޖެހުނީ އެވާހަކަ އެންމެނަށް ކިޔައިދޭށެވެ. އޭގެފަހުން އެންމެންވެސް އެދެމީހުންގެ ކަންތަކާ އަޅައެއްނުލައެވެ. އެގޮތުގައި އުފަލާ މަޖަލުގައި ކިޔެވުމުގެ ދުވަސްތައް ހޭދަވަމުން ދެއެވެ.
ހުކުރު ދުވަސް ކަމުން ހުކުރަށްދާ ކުދިންތައް ޔުނީ ތެރޭގައި އަޑުގަދަ ކޮށްލާފައި އުޅެއެވެ. އޭރު ގަޑިން އެގާރަގަޑި ބައިވެ ބޮޑުވެއްޖެއެވެ. ނޫރާގެ ކްލާހެއް އެދުވަހު ނެތުމުން ނޫރާވެސް އެގަޑީގައި ނުކުތީ އަވަހަށް ގެއަށްދާށެވެ. ނޫރާ ޝެގީ ޔުނިވަރސިޓީ ދޮރުމައްޗަށް އެރިތަނާ ފިރިހެން ކުއްޖެއް ނޫރާއަށް ގޮވާލިއެވެ. ނޫރާ އަށް ފުރަތަމަ އެއީ ކާކުކަމެއް ނޭގުނެވެ. ނަމަވެސް ކައިރިއަށް އައުމުން އެއީ ކާކުކަން ނޫރާއަށް އިނގުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


