Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހުވަފެން (14)

Saandy
March 10, 2017
8 Mins Read
63 Views
24 Comments

ގަޑިން ރޭގަނޑު ދިހަގަޑި ބައިވަނީއެވެ. ސްޓާރ ޕްލަސްއިން ދައްކަމުން ދިޔަ “ދިލް ބޯލޭ އޮބެރޯއި” ނަމަކަށް ކިޔާ ހިންދީ ޑްރާމާ ސީރީޒަށް ހުރިހާ ޝައުޤުވެރިކަމެއް ދޫކޮށްލައިގެން އިންއިރު ރިޒްނާގެ ހަނދާނުގައި އެހެން އެއްވެސް ކަމެއް ހުރިހެނެއް ހިއެއްނުވެއެވެ. އާއިލާއެއްގެ ކިބައިން ބަދަލު ހިފަން އެހެން އާއިލާއަކުން ކުރަމުންދާ މަސައްކަތް ދައްކުވައިދޭ މި ސީރީޒަށް އޭނާގެ ހިތް ދޫވީ ގެނެސްދީފައިވާ ގޮތް ޝައުޤުވެރިކަމުންނެވެ. އެންމެ ހިތް ތެޅިގަތް ހިސާބުން އެރޭގެ ބައި ނިމުމުން ފޫހިކަމާއެކު ޗެނަލް ބަދަލުކުރަމުން ގެންދިޔައެވެ. ޗެނަލް ބަދަލުކުރަމުން ގޮސް ޒޫމް ޓީވީއަށް ލެވުނުތަނާ ފެނުނު މަންޒަރަކުން އޭނާއަށް ހުއްޓުން އެރިއެވެ. އޭނާއަކަށް އެމަންޒަރު ޤަބޫލެއް ނުކުރެވުނެވެ. އެއީ ސާރާ ނޫން ދެވަނަ މީހެއް ނޫނެވެ. އެކަން ޔަޤީންވަނީ ތިރިއަށް އަރުވާފައިވާ ނަމުންނެވެ. އިނގިރޭސި އަކުރުން ސާރާގެ ނަން އަރާފައިވާއިރު އޭނާގެ ފުރަތަމަ ފިލްމުގެ ޝޫޓިންގ ފެށިގެން ކުރިއަށްދާ ވާހަކަ ކިޔަމުން ދިޔައެވެ.

“ސާރާ!” ހުޒާމް އެހެން ބުނެލި އަޑަށް ރިޒްނާ ސިހިފައި އަވަހަށް ޗެނަލް ބަދަލުކޮށްލިއެވެ.

“ތި ލާބަލަ އިހަށް އެޔަށް!” ހުޒާމްއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ރިޒްނާ އަވަސްއަވަހަށް ޒޫމް ޓީވީއަށް ލީ ހުޒާމް ރުޅި އައިސްދާނެތީއެވެ. އޭނާ މިހާރު ހުޒާމް ރުޅިއައިސްފާނެތީ ކަންބޮޑުވެ ބިރުގަނެއެވެ.

“އޭގެ މާނައަކީ ސާރާ ވީ އިންޑިއާގައޭ.” ހުޒާމްއަށް ހިތާހިތާ ކިޔާލެވުނެވެ. އޭނާ ހިތާހިތުން ގޮތެއް ރާވާލިއެވެ. އޭނާ ސާރާ ހޯދަން އިންޑިއާއަށް ދާނީއެވެ.

ޖެހިގެން އައި ހަފްތާގައި ހުޒާމް އިންޑިއާއަށް ފުރިއެވެ. ރިޒްނާ ސުވާލު ކުރުމުން އޭނާ ބުނީ ވިޔަފާރި ދަތުރެއްގައި މެލޭޝިއާއަށް ދާން ޖެހުނީ ކަމަށެވެ. އޭނާ ރިޒްނާއަށް އޮޅުވާލީ ކުރިން ދުވަހު ރިޒްނާގެ ޢަމަލުތައް ހުރިގޮތުން ރިޒްނާ ސާރާއާ ނުރުހޭކަން އޭނާއަށް ފާހަގަ ކުރެވުމުންނެވެ.

**********

ފިލްމުގެ ޝޫޓިންގ ފެށިގެން ވަރަށް ބާރަށް ކުރިއަށްދެއެވެ. ފުރަތަމަ ފަހަރަށް ކެމެރާ ކުރިމައްޗަށް އަރަން ޖެހުމުން ކުޑަކޮށް ނުތަނަވަސްވެ ހިތް ތެޅޭގޮތްވިއެވެ. އެހެނަސް ޝާހިދުއާއި ސަލީމްއާއި ކްރޫ މެންބަރުންގެ ހިތްވަރާއި އެހީއާއެކު ސާރާއަކަށް މާބޮޑު އުނދަގުލަކަށް އެކަން ނުވިއެވެ. ޝާހިދު ހިތްހަމަޖެހޭ ފެންވަރަށް މަންޒަރު ނެގެންދެން ފޫހިކަމެއްނެތި އޭނާ މަސައްކަތް ކޮށްދެއެވެ. އެތަނުން އޭނާއަށް އެތައް ކަމެއް ދަސްވިއެވެ. ޝޫޓިންގގެ ތެރޭ އުޅޭއިރު ބައެއްފަހަރު، ހުޒާމް އޭނާ ހޯދަން އުޅޭކަމުގެ އިހުސާސް ކުރެވެއެވެ. ނަމަވެސް އެއީ އޭނާއަށް މާބޮޑަށް ހުޒާމްގެ ޚިޔާލުތައް ކުރެވޭތީ ހީވާގޮތްކަމަށް ނިންމާ އޭނާ އެކަން އޮއްބާލަނީއެވެ.

ޝޫޓިންގގެ ތެރެއިން ލިބުނު ހުސްވަގުތުކޮޅެކެވެ. ސާރާއަށް އޭނާގެ ދިރިއުޅުމާމެދު ވިސްނާލެވުނެވެ. އޭނާ ހުޒާމްގެ ހިމާޔަތުގެ ދަށުގައި ހުރެފައި މިތަނަށް އަންނަން ޖެހުނު ގޮތެވެ. ހުޒާމްގެ އެ އެހީތެރިކަން އޭނާ އަބަދުވެސް ހަނދާން ބަހައްޓާނެއެވެ. އިންޑިއާގައި މިވީ ދެތިން މަސްދުވަހުން ބޮޑުބައެއް އޭނާ އެ ހޭދަކުރީ ހުޒާމް އޭނާއަށް ހުޅުވައިދިން އެކައުންޓަށް ހުޒާމް ޖަމާކޮށްދިން ފައިސާގެ އެހީގައެވެ. އެ އެކައުންޓަކީ އޭނާގެ އުފަންދުވަހު ހުޒާމް އޭނާއަށް ދިން ސަޕްރައިޒެކެވެ. އެ އެކައުންޓްގެ ކަންތައް ރިޒްނާއަށް ނޭނގި އޮތުން އެއީ އޭނާގެ ނަސީބުކަމުގައި ސާރާ ދުށްޓެވެ. ނޫންނަމަ ރިޒްނާ އޭނާ އަތުން އެ އެކައުންޓް އަތުލީހެވެ. އެހެން އެކަންވީނަމަ މިހާރު އޭނާ ހާލުގައި ޖެހޭނެތާ ކިތަންމެ ދުވަހެކެވެ.

ފާއިތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި ސާރާއާއި ސަލީމްގެ ގުޅުންވެސް ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. ހުރިހާ ކަމެއްގައިވެސް ސަލީމްގެ ފަރާތުން ސާރާއަށް އެހީތެރިކަން ލިބެމުން ދިޔައެވެ. ފިލްމުގެ މަސައްކަތް ފެށީއްސުރެ ސާރާ ގިނަ ވަގުތު ސަލީމްއާއެކު ހޭދަކުރަމުން ދިޔައީ ހިންދީ ބަސް ދަސްކުރުންފަދަ އެކި ކަންކަމުގައެވެ. އެގޮތަށް ވަގުތު ހޭދަކުރަމުން ދިޔައިރު ދޭތެރެ ދޭތެރެއިން އަމިއްލަ ދިރިއުޅުމުގެ ވާހަކަތައްވެސް ދެކެވެއެވެ. އެގޮތުން ދެކެވުނު ވާހަކައެއްގެ ތެރެއިން ސަލީމްއަށް މިދާއިރާއަށް ވަދެވުނު ގޮތް ސާރާއަށް އޮޅުންފިލުވައިދިނެވެ.

ސަލީމްއަކީ އާއިލާގެ އެންމެ ދޮށީ ކުއްޖާއަށްވެފައި އޭނާގެ ހަގަށް އަންހެންކުއްޖަކާއި ފިރިހެންކުއްޖެއް ހުރެއެވެ. އޭނާގެ ބައްޕަ މިދުނިޔެ ދޫކުރީ އޭނާ ޕްރައިމެރީ ސްކޫލް ނިންމިތަނާއެވެ. ދެން އޭނާގެ އާއިލާގެ ޚަރަދުތައް ހަމަޖައްސަމުން ދިޔައީ މަންމަ ގޭގެއަށް ގޮސް މަސައްކަތް ކޮށްދީގެން ލިބޭ ލާރިކޮޅުންނެވެ. އެހެން އުޅެގެން ލިބޭ ލާރިކޮޅުން ގިނަ ފަހަރު އޮންނަނީ އަނގަޔާ އަތާ ދިމާނުވެފައެވެ. އެހެންކަމުން އޭނާއަށް މަޖުބޫރުވީ ކިޔެވުން ހުއްޓާލާފައި އާމްދަނީ ހޯދަން މަސައްކަތް ކުރާށެވެ. އޭނާ ރާއްޖެ އައީ އެގޮތުގެ މަތިން އާމްދަނީ ހޯދުމަށެވެ. އޭނާ ރާއްޖެ ޚިޔާރުކުރީ ރާއްޖޭގައި މަސައްކަތް ކޮށްގެން ބޮޑު އާމްދަނީއެއް ލިބޭކަމަށް އޭނާއަށް އަޑުއިވިފައި އޮތުމުންނެވެ.

ރާއްޖޭގައި ބުރަ މަސައްކަތްކޮށް އޭނާ ރަށަށް ފައިސާ ފޮނުވާފައި ބޮޑުބައެއް ރައްކާކުރިއެވެ. އެގޮތަށް ރާއްޖޭގައި ގިނަ ދުވަހު އުޅުމުގެ ސަބަބުން އޭނާ ވަނީ ރާއްޖެއަށް ކުލުނު ޖެހިފައެވެ. ބައެއް މީހުން ބިދޭސީންނާމެދު ވަރަށް އިހާނެތިކޮށް ކަންތައްކުރި ނަމަވެސް ރަނގަޅު މީހަކުނަމަ އެހާ ހެވެވެ. މިކަންކަމުގެ ސަބަބުން އޭނާ އެނބުރި ރަށަށް އަންނަ ހިތެއް ނުވިއެވެ. ނަމަވެސް އެނބުރި އަންނަން ޖެހުނީ މަންމަ މާބޮޑަށް ބަލިވުމުގެ ސަބަބުންނެވެ. އޭނާގެ މަންމައާއި ބައްޕަ ކައިވެނިކުރީ ދެފަރާތުގެ އާއިލާގެ ނުރުހުމުގައި ކަމަށްވުމުން އެމީހުން ވަނީ އެއާއިލާއާ ގުޅުން ކަނޑާލާފައެވެ. އެހެންކަމުން ކޮއްކޮމެންނަށް އެހީތެރިވާނެ ބަޔަކު ނެތުމުން އޭނާއަށް އެނބުރި ޤައުމަށް އަންނަން މަޖުބޫރުވީއެވެ.

އޭނާ އެނބުރި އިންޑިއާއަށް އައިސް ދުވަސްކޮޅެއްވީތަނާ އަތްމަތި ދަތިވާން ފަށައިފިއެވެ. އެހެންކަމުން އޭނާ އަނެއްކާވެސް މަސައްކަތަށް ނުކުންނަން މަޖުބޫރުވިއެވެ. އެއީ އޭނާގެ ހަގަށް ތިބި ދެކުދިން އޯލެވެލް ހަދާ އަހަރުކަމުން އޭނާ ނެތް ހިތްވަރުލައި އެކިއެކި މަސައްކަތް ކުރަމުން ދިޔައެވެ. އެގޮތަށް މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި އޭނާއާ ޝާހިދުއާ ދިމާވީއެވެ. އޭނާގެ ނަސީބު އަތުގައި ހިފީ ޝާހިދުގެ ފިލްމު ސްޓޫޑިއޯގައި މަސައްކަތްކުރަން ލިބުނު ހިސާބުންނެވެ. އޭގެ ފަހުން މިހާރު ފަސް އަހަރު ވީއެވެ. އޭނާ ވެފައިވަނީ ޝާހިދުގެ އެންމެ ވަފާތެރި މުވައްޒަފަށެވެ.

ސަލީމްގެ ވާހަކަތަކުން ސާރާއަށް ވަރަށް އަސަރުކުރިއެވެ. އޭނާގެ ދިރިއުޅުން ފެށިގެން އައީ ނިކަން އުފާވެރިކޮށް ނަމަވެސް އެދިރިއުޅުމުން މިދިރިއުޅުމަށް އާދެވުނީ ވަރަށް ހިތްދަތިކަން ތަހައްމަލު ކުރުމަށްފަހުގައެވެ. އެކަމަކު މިއަދު އޭނާ އުފާވާ އެއްކަމެއް އެބައޮތެވެ. ހަސަދަވެރިންނާއި އަނިޔާވެރިންގެ ލޯތަކުން އޭނާ ސަލާމަތްވުމެވެ. ނަމަވެސް އޭނާގެ ނާޒުކު ހިތަށް ލިބެމުންދާ އަނިޔާއިން ހިތްހަމަޖެހުމަށް ހުރަސް އެޅިގެންދެއެވެ. އޭނާވެސް ސަލީމްއާ ބައެއް ކަންކަން ހިއްސާކުރިއެވެ.

ހުޒާމް ސާރާ ހޯދަން ހަދާނެ ގޮތަކާއިމެދު ވިސްނަމުން ދިޔައެވެ. ހުޒާމްގެ ހިތަށް އެރިއެވެ. މިއޮއް ބޮޑު އިންޑިއާއިން ސާރާ ހޯދާނީވެސް ކިހިނެއް ހެއްޔެވެ؟ ސާރާ ހުރީ ކޮން ތަނެއްގައިބާއެވެ؟ އެވަގުތު އޭނާއަށް މޮޅު ޚިޔާލެއް އައެވެ. ސާރާ ހަރަކާތްތެރިވާ ފިލްމުގެ ޝޫޓިންގ ކުރިއަށްދާ ތަނެއް ބަލާނީއެވެ. ނަމަވެސް އޭނާ އުޅެއުޅެ އެފިލްމުގެ ނަމެއް ހަނދާނެއް ނުވިއެވެ. ނުވިތާކަށް އެފިލްމުގެ އެހެން އެކްޓަރެއް އަދި ޑައިރެކްޓަރގެ ނަމެއްވެސް ހަނދާނެއް ނުވިއެވެ. އެންމެފަހުން އޭނާ ދިވެހި ނޫހެއްގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ބަޔަށް ވަދެލީ އެތަނުގައި އެފިލްމާ ބެހޭ މަޢުލޫމާތެއް އޮވެދާނެ ކަމަށެވެ. ކަންވީވެސް އެހެންނެވެ. ސާރާގެ ފޮޓޯ ޖަހާފައިވާ އެޚަބަރު ކިޔާލާ އެއިން އެފިލްމުގެ ޝޫޓިންގ ކުރިއަށް ގެންދާ ތަންތަން ބެލިއެވެ. އަދި އެފިލްމުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިހާރު ފިލްމުގެ ޝޫޓިންގ ހިނގަމުންދާ ތަން ބެލިއެވެ.

**********

ރިޒްނާއަށް ހުޒާމް ދިޔައީ އިންޑިއާއަށްކަން އެނގުނީ ހުޒާމް ދިޔަތާ ހަފްތާއެއް ފަހުން ޝަރީފާގެ ފަރާތުންނެވެ. އެއީވެސް ޝަރީފާ ބުނީއެއް ނޫނެވެ. ދައްކަމުން ދިޔަ ވާހަކައެއްގެ ތެރެއިން ޝަރީފާއަށް ބުނެވުނީއެވެ. ނަމަވެސް ހުޒާމް ދިޔައީ ސާރާ ހޯދަންކަމަކަށް އޭނާއެއް ނުބުނެއެވެ. ނަމަވެސް ރިޒްނާއަށް އެކަން އެނގުނެވެ. އޭނާއަށް ގޮތް ހުސްވިއެވެ. ސާރާއާއި ހުޒާމް ދިމާވެއްޖެނަމަ ޔަޤީނުންވެސް އޭނާގެ ކަންތައް ފަޅާއަރާނެއެވެ. އެހެން މީހެއްގެ ފުށުން ހުޒާމްއަށް އެކަން އެނގޭކަށް އޭނާ ބޭނުމެއްނުވެއެވެ. އޭނާ ވިސްނަމުން ދިޔައީ ހުޒާމްއަށް ހަޤީޤަތް ކިޔައިދޭނެ ގޮތަކާމެދުގައެވެ.

**********

“ސާރާ!” ހޮޓަލަށް ވަދެވަދެ ހުއްޓާ ސާރާއަށް ހުއްޓެވުނީ އެއިވުނު އަޑުންނެވެ. އާނއެކެވެ. އެއީ ހަމަ އެ ފިރިހެންވަންތަ އަޑެވެ. އޭނާގެ ދެލޯ ބޭޤަރާރުކަމާއެކު ހޯދަމުންދާ، އަދި އެއަޑެއް އެހުމަށް ކެތްމަދުވެފައިވާ ހުޒާމްގެ އަޑެވެ. އޭނާ އެނބުރި ބަލާލިއިރު އެހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އާނއެކެވެ. ހުޒާމް ހަމަ އައީއެވެ.

“ޒާމް!” ސާރާއަށް މަޑުމަޑުން ގޮވާލެވުނެވެ.

“ސާރާ!” ހުޒާމް މަޑު ހިނގުމެއްގައި އައިސް ސާރާގެ ގާތުގައި ހުއްޓުނެވެ.

“އަހަރެން ކިހާ ދުވަހެއް ސާރާ ހޯދާތާ؟ ކީއްވެ އަހަރެންނަށް އަންގާވެސްނުލާ ސާރާ ތިހެން ތި ކަންތައްކުރީ؟ ސާރާއަކަށް ނޭނގޭތަ އެކަމުގެ ސަބަބުން އަހަރެންނަށް ކުރާނެ އަސަރެއް؟ އަހަރެން ސާރާދެކެ ލޯބިވާވަރު އިހުސާސެއް ނުކުރެވޭތަ؟” ހުޒާމް އޭނާގެ ހުރިހާ ޝަކުވާއެއް ސާރާގެ ކުރިމަތީ ބަންޑުންކޮށްލިއެވެ.

“ޒާމް! ކީއްކުރާނީ؟ މީ އަހަރެންގެ ތަޤުދީރުގަ ހުރިގޮތް. އަހަރެންގެ ތަޤުދީރުގަ އަހަރެންނަށް އުފަލެއް ލިބުން ލިޔެވިފައެއް ނުވޭ ކަންނޭނގެ. ނޫންނަމަ އަހަރެންގެ އާއިލާ ކަމުގަ ދުށް މީހުންނާ ވަކިވާކަށް ނުޖެހުނީސް. ޢިއްޒަތާ އަބުރު ވެއްޔާ މޮޑެވި، ޒާމްއާ ވަކިވާކަށް ނުޖެހުނީސް. އަދި އަމިއްލަ ވަޒަން ދޫކޮށް ނުވެސް ދަންނަ ބައެއްގެ ތެރެއަށް އަންނާކަށްވެސް ނުޖެހުނީސް.” ސާރާގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން އޭނާއަށް ރޮވިއްޖެއެވެ.

“ނޫން. ތިހެން ނުބުނޭ. އިރާދަކުރެއްވިއްޔާ ސާރާއަށް ދެރަގޮތެއް ނުވާނެ.” ހުޒާމް ސާރާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“ޒާމް! ކީއްވެތަ ކޮންމެ މީހަކު އަބަދުވެސް ތިހެން ބުނަނީ؟ އަހަރެން މިހާރު ވަރުބަލިވެއްޖެ ތިވާހަކަ އަހާއަހާ. ކޮންމެ މީހަކުވެސް ބުނާނެ އަހަރެންނަށް ދެރަގޮތެއް ނުވާނެޔޭ. އެކަމަކު އަހަރެންނަށް ރަނގަޅު ގޮތެއް ވެފަ ކޮބާ؟ އަހަރެން ވަރަށް މައްޗަށް ކިޔަވަން ބޭނުންވި. ޢިއްފަތްތެރި އަންހެނެއްގެ ގޮތުގަ ހުންނަން ބޭނުންވި. ޒާމްގެ އަނތްބެއްގެ މަޤާމުގަ ހުންނަން ބޭނުންވި. އެކަމް މިއިން އެއްވެސް ކަމެއް ނުވި. ދެން ޒާމް ބުނެބަލަ. އަހަރެން ކުރަންވީ ކޮން އުއްމީދެއް؟” ސާރަގެ އަޑު ބެދޭގޮތްވިއެވެ.

“ތިހެން ނުބުނޭ. އެއްވެސް އިންސާނެއްގެ ތަޤުދީރުގަ އަބަދު ހިތާމަ ލިޔެވިފައެއް ނުވާނެ.” ހުޒާމް އެހެން ބުނެލަމުން ސާރާ ގެނެސް ގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ.

“ދެން އަހަރެން ގާތު ބުނެބަލަ. ކީއްވެ ސާރާ އެގޮތަށް ކަންތައްކުރީ؟” ހުޒާމް އަހާލިއެވެ.

“ޒާމްއަށް ދެރަގޮތެއް ވާން ނޭދޭތީ. އަހަރެންނަށް ޒާމްއާ ދުރަށް ދިޔުން ނޫން އެއްވެސް ގޮތެއް ނެތީ. އަހަރެންނަށް މަޖުބޫރުވީ. އަހަރެންނަށް ކިރިޔާވެސް ގޮތެއް އޮތްނަމަ އަހަރެން ޒާމް ދޫކޮށެއް ނުލާނަން.” ސާރާ ބުނެލިއެވެ.

“ކޮން މަޖުބޫރެއް؟ ކާކު ކުރި މަޖުބޫރެއް؟” ހުޒާމް އެހެން އަހާލުމުން ސާރާ ހިމޭންވިއެވެ. އޭނާ އެވާހަކަ އިތުރަށް ދައްކާކަށް ބޭނުމެއް ނޫނެވެ. އޭނާ އަދިވެސް ރިޒްނާ ދިން އިންޒާރުގެ މަތިން ހަނދާން އެބަހުއްޓެވެ.

“ދެން ރަނގަޅުވާނީ އަހަރެމެން އިތުރަށް މިވާހަކަ ނުދެއްކިއްޔާ.” ސާރާ އެހެން ބުނެލީ އަވަހަށް އެވާހަކަ އޮއްބާލުމަށް ނަމަވެސް ހުޒާމް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

“ބުނެބަލަ. ކާކުތަ؟ އެއްވެސް އިންސާނަކަށް އަނެކާގެ ފުރާނަޔާ ކުޅެލުމުގެ ބާރު މާތްﷲ ދެއްވާފަ ވާކަމެއް އަހަރެން ނުދެނަހުރިން. އެހެންވީމަ ބިރުގަންނަންވީ ކޮންކަމަކާ؟ ބުނެބަލަ.” ހުޒާމް އެހެން ބުނެލުމުން ސާރާ ބަލާލިއެވެ. ހުޒާމް އެސުވާލުގެ ޖަވާބު ނުލިބެނީސް ހުއްޓާނުލާނެކަން އެނގުމުން ސާރާ ހުރިހާ ވާހަކައެއް ތެދަށް ކިޔައިދިނެވެ. ނަމަވެސް ރިޒްނާދެކެ ރުޅި ނައުމަށާއި ހުޒާމްއަށް އެކަން އެނގުނުކަން ސިއްރުކުރުމަށް ވަޢުދު ކުރުވިއެވެ.

“އަހަރެން މިއައީ ސާރާ ބަލާ.” ހުޒާމް އެހެން ބުނެލުމުން ސާރާ ބަލާލިއެވެ.

“ޒާމް! އަހަރެން ޒާމްއާއެކު ދާން ބޭނުން އެކަމަކު މިދުވަސްކޮޅު އަހަރެންނަށް ދެވޭކަށް ނެތް. އެތައް ދުވަހަކަށްފަހު އަހަރެންނަށް މިވަނީ އަހަރެން ކުޑައިރުއްސުރެ ކުރަން އެންމެ ބޭނުންވި ކަންތައް ކުރަން ފުރުސަތު ލިބިފަ. މިހާރު އަހަރެންގެ ފިލްމުގެ ޝޫޓިންގ ފެށިގެން ކުރިއަށްދަނީ. އަދި އިތުރު އެއް ފިލްމަށް ސޮއިވެސް ކުރެވިއްޖެ. ޒާމް ބޭނުމިއްޔާ އެދެފިލްމު ނިމުނީމަ އަހަރެން ޒާމްއާއެކު ގޮސްދާނަން. އަދި ޒާމް ބޭނުމިއްޔާ އިތުރު ފިލްމެއް ނުވެސް ކުޅޭނަން. އެންމެ ރަނގަޅުތަ؟” ސާރާ އެހެން ބުނެލުމުން ހުޒާމް އުފަލުން ބޯޖަހާލިއެވެ.

“އެންމެ ރަނގަޅުތަ އަހަރެން މިރޫމްގަ މަޑުކުރިޔަސް؟ އަހަރެންނަށް ސާރާ ނުފެންނަ ހިސާބުގަ ދެނެއް ނޫޅެވޭނެ.” ހުޒާމް އެހެން އަހާލުމުން ސާރާ ކުޑަކޮށް ޖެހިލުންވިއެވެ. ކޮންމެ ގޮތެއްވިޔަސް ހުޒާމްއަކީ އަދި ހިލޭ ފިރިހެނެކެވެ. އެހެންވީއިރު އޭނާއާ އެއްކޮޓަރީގައި ހުޒާމް ބެހެއްޓުމުން ވާނީ ކިހިނެއްބާއެވެ؟ އަދިވެސް މާޒީގެ ހިތިކަން އޭނާގެ ހިތަކުން ފިލައިގެނެއް ނުދެއެވެ. ނަމަވެސް އޭނާ ހުޒާމްއަށް ފުރިހަމައަށް އިތުބާރު ކުރެއެވެ.

“އަހަރެންނަށް އެނގޭ ސާރާ ތި ވިސްނަނީ ކޯއްޗެއްކަން. އެކަމާ ކަންބޮޑުނުވޭ. އަހަރެން ސާރާގެ ނުރުހުމުގަ ސާރާ ގައިގަ އިނގިލި ކުރިވެސް ޖައްސާނުލާނަން.” ހުޒާމް ބުނެލިއެވެ.

“އެކަމަކު…” ސާރާ ބުނަން އުޅުނު ޖުމްލަ މެދުކަނޑާލަމުން ހުޒާމްއަށް ބަލާލިއެވެ.

“އެކަމަކު ކީއްވީ؟ އަހަރެންނަށް އެހާ އިތުބާރު ނެތީތަ؟” ހުޒާމް އެހެން އަހާލުމުން ސާރާ ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

“އޭރުން މީހުން ކިޔާނީ ކީކޭ؟” ސާރާ ވިސްނާގޮތް ހާމަކުރިއެވެ.

“އެހެންވިއްޔާ ހިނގާ މެރީކުރަން. އޭރަކުން ދެން އިތުރަށް މީހަކު ކިޔާނެ އެއްޗެއް ނޯންނާނެއެއްނު.” ހުޒާމް އެހެން ބުނެލުމުން ސާރާ ހިނިތުންވެލާފައި ބޯޖަހާލިއެވެ.

“އެކަމް މިފިލްމުގެ ޝޫޓިންގ ނިމުނީމަ ދޯ؟ އަހަރެން ބޭނުން މެރީކުރާ ދުވަސްކޮޅު ޗުއްޓީއެއް ނަގަން.” ސާރާ އެހެން ބުނެލުމުން ހުޒާމްވެސް އެއްބަސްވިއެވެ.

ހުޒާމް ދެމަސް ވަންދެން އިންޑިއާގައި މަޑުކުރިއެވެ. އޭނާ ބޭނުންވީ ސާރާ އޭނާގެ މީހަކަށް ހެދުމަށްފަހު އެނބުރި މާލެ ދާށެވެ. ދެވަނަ ފަހަރަށް ސާރާ އޭނާގެ އަތުން ބީވެދާކަށް އޭނާ ބޭނުން ނުވާތީއެވެ. ފިލްމުން ސާރާގެ ބައި ނިމުނީ ހުޒާމް އައިތާ އެއްމަސް ފަހުންނެވެ. އޭނާގެ ބައިގެ ޝޫޓިންގއަށް ދެމަސްދުވަސް އޮތްނަމަވެސް އޭނާ ޝާހިދު ގާތުގައި އެދިގެން ފުރަތަމަ އޭނާގެ މަންޒަރުތައް ނެގޭނެގޮތް ހެދީއެވެ. ހުޒާމް އެހާ ގިނަ ދުވަހު އިންޑިއާގައި މަޑުކުރަން އޭނާ ބޭނުންނުވީއެވެ. އޭނާ ބުނެފިނަމަ ހުޒާމް މަޑުކުރާނެކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް މަސައްކަތް ދޫކޮށްލާފައި އައިސް އެގޮތަށް ހުޒާމް ހުންނަން އޭނާ ބޭނުންނުވީއެވެ.

ފިލްމުގެ ޝޫޓިންގ ނިމުމާއެކު ސާރާ ބޭނުންވީ ޗުއްޓީއެއް ނަގާށެވެ. އޭނާ ޝާހިދު ގާތުގައި އެވާހަކަ ބުނުމުން ޝާހިދު ބުނީ އޭނާ ފިލްމުގެ ޑަބިންގ ނިންމާލަދިނުމަށްފަހު ޗުއްޓީ ނެގުމަށެވެ. އޭރުން ސާރާ ނެތްނަމަވެސް އެމީހުންނަށް ކަނޑައެޅިފައިވާ ތާރީޚުގައި ފިލްމު ރިލީޒް ކުރެވޭނެއެވެ. ސާރާ އެގޮތާ އެއްބަސްވެ އޭނާގެ ބައިގެ ޑަބިންގ ނިންމާލުމަށްފަހު ޗުއްޓީ ނެގިއެވެ.

“ދެން މެރީ ކުރަންވީ ދޯ؟ މިހާރު ދެން ކެތްވާވަރެއްވެސް ނޫން. ކިހިނެއްތަ އުމުރު ދުވަހު މިހާ ލޯބި ކުއްޖަކަށް ބަލަހައްޓައިގެން އިންނާނީ؟” ސާރާ އޭނާގެ މޭގައި ބޮނޑިކޮށްލަމުން ހުޒާމް ބުނެލިއެވެ. ސާރާ ހީލި އަޑު އިވުމުން ހުޒާމްގެ ހިތަށް ފިނިކަމެއް ލިބުނެވެ.

“ޒާމް! ކައިވެނި އަވަސްކުރަމާ ހިނގާ. ދެމީހުން ނީނދެ މިހެން އެއްތަނެއްގަ އުޅުމަކީ ރީތި ގޮތެއް ނޫން. އަދި އެއީ ރަނގަޅު ކަމެއްވެސް ނޫން.” ސާރާގެ ވާހަކައަށް ހުޒާމްވެސް އެއްބަސްވިއެވެ.

“އަހަރެން މިހިރީ ހުރިހާ ކަމެއް ރެޑީކޮށްގެން. ސާރާ އާނއެކޭ ބުނާނެ ދުވަހެއްގެ އިންތިޒާރުގަ.” ހުޒާމް އެހެން ބުނެލުމުން ސާރާ އަނެއްކާވެސް ހީލިއެވެ.

“އެހެންވީމަ މާދަމާ ތިކަމާ އުޅޭނަން.” ހުޒާމް ބުނެލިއެވެ.

ހަފްތާއެއްގެ ތެރޭގައި ސާރާއާއި ހުޒާމްގެ ކައިވެނި ވަރަށް އާދައިގެ ގޮތަކަށް ކުރެވިއްޖެއެވެ. އެހެންކަމުން އެކަން އޮތީ މީޑިއާގެ ކުރިމައްޗަށް ސިއްރުވެފައެވެ. މީޑިއާގެ ބައެއްމީހުން ހުޒާމްއާ ސާރާގެ ގުޅުމާއި ބެހޭގޮތުން ސުވާލުކުރި ނަމަވެސް ސާރާ ވަނީ އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭގޮތުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވާން އިންކާރުކޮށްފައެވެ. ހުޒާމްވެސް އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އޭނާ ކައިވެނި ކުރިކަން ޝަރީފާއަކަށްވެސް އަދި ނޭނގޭނެއެވެ. އޭނާ ބޭނުންވީ ޝަރީފާއަށްވެސް ސަޕްރައިޒެއް ދޭށެވެ.

ކައިވެންޏަށް މަހެއްވީތަނާ ހުޒާމްއާ ސާރާ ރާއްޖެ އައުމަށް ވިސްނިއެވެ. އުމުރު ދުވަހު ކައިވެނި ސިއްރުކޮށްގެން ނޫޅެވޭނެކަން ދެމީހުންނަށްވެސް އެނގެއެވެ. ހުޒާމް ހުރީ ޝަރީފާ ގާތުގައި އެވާހަކަ ބުނަން ކެތްމަދުވެފައެވެ. އަދި ރިޒްނާއާއެކު ކުރިން އުޅުނުހެން އުޅެން ޢަޒުމު ކަނޑައަޅައިގެންނެވެ.

ސާރާގެ ހިތް ނުތަނަވަސްވަމުން ދިޔައީ ރިޒްނާގެ އިންޒާރު ހަނދާންވުމުންނެވެ. އޭނާ ހުޒާމްއާއެކު ރާއްޖެ ދިއުމުން ވާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ ހުޒާމްއަށް ދެރަގޮތެއް ހަދަން ރިޒްނާ ފަސްޖެހޭނެބާއެވެ؟ ކޮންމެ ގޮތެއްވިޔަސް ހެވެވެ. މިއަދު އޭނާއަކީ ހުޒާމްގެ ހަލާލު އަނބިމީހާއެވެ. އެހެންވީއިރު ﷲއަށް އުރެދުމެއްނުވާ ކޮންމެ ކަމެއްގައި އޭނާ ހުޒާމްއަށް ކިޔަމަންވާން ޖެހޭނެއެވެ.

“ސާރާ! ނިދާކަށް ނުވޭތަ؟ ހެނދުނު ފުރަންވެސް ޖެހޭނެއެއްނު. އަނެއްކާ، ސާރާ ރާއްޖެ ދާން ބޭނުން ނުވަނީތަ؟” ހުޒާމް އެހެން އަހާލުމުން ސާރާ ބަލާލިއެވެ.

“ނޫން. ނޭނގެ ވާގޮތެއް. މިއަދު ހަމަ ހޭލީއްސުރެ ފާޑެއްގެ ގޮތެއްވެފަ ހުންނަނީ. ހިތް ނުތަނަވަސްވެފަ. ހީވަނީ ކޮންމެވެސް ބޮޑު ކަމެއް ވާން އުޅޭހެން.” ސާރާ ބުނެލިއެވެ.

“އިރާދަކުރެއްވިއްޔާ އެއްވެސް ގޮތެއް ނުވާނެ. ތިވާނީ ސާރާ މާބޮޑަށް އެކަމާ ދޭތެރޭ ވިސްނާތީ އިބިލީސް ބޮލަށް ސަވާރުވަނީ ކަމަށް. ނިދާލާފަ ހޭލަނިކޮށް ތިކަން ރަނގަޅުވެދާނެ.” ހުޒާމް ބުނެލިއެވެ.

“އާދެބަލަ ތި ނުތަނަވަސްކަން ފިލުވާލާނަން.” ހުޒާމް އެހެން ބުނެލުމުން ސާރާއަށް ލަދުން އިސްޖަހާލިއެވެ.

“ހާދަ ލަދުރަކި ކުއްޖެކޭ މި ހޯދުނީ. ދެން އާދެބަލަ މަގޭ ލޯބިގަނޑާ.” ހުޒާމް އެހެން ބުނެ ސާރާގެ އަތުގައި ހިފާ އެނދުމައްޗަށް ވައްޓާލިއެވެ. ދެން ދިޔައީ އަރާމާއި ލައްޒަތުގެ ވަގުތުތަކެވެ. ދެހިތުގައިވާ އުފެދިފައިވާ މަސްތީ އިހުސާސްތަކުން ރޯވެފައިވާ ހުޅުގަނޑު ނިވެން އެތައް އިރެއް ނެގިއެވެ. އަވަސްވެފައިވާ ނޭވާތަކުގެ އަޑު ނޫން އަޑެއް އެކޮޓަރިއަކުން ނީވެއެވެ. އެންމެފަހުން ލިބުނު ލޮޑުކަމުގައި ދެމީހުންނަށް ނިދުނީއެވެ.

ހުޒާމްއާއި ސާރާއަށްވެސް ހޭލެވުނީ ދާދި އެކުއެކީގައެވެ. ގަޑި ބަލާލިއިރު ފަސްގަޑި ބައިވަނީއެވެ. ސާރާ އަވަސްއަވަހަށް ތެދުވެ ހުޒާމްއަށް ގޮވިއެވެ. އަދި ދެމީހުން އަވަސްއަވަހަށް ފާޚާނާއަށް ވަދެ ގައިން ތާހިރުވެލިއެވެ. އެއަށްފަހު ނުކުމެ ފޮށި ބަންދުކުރަން ފެށިއެވެ. ފްލައިޓް އޮތީ ހެނދުނު އަށެއް ޖަހާއިރަށް ކަމުން އެމީހުން ހަމަޖެހިލައިގެން ތިބެ އެކަން ނިންމާލާފައި ސައިބުޔެވެ. އެއަށްފަހު ހަތެއް ޖެހުމުން އެއާރޕޯޓަށް ދިއުމަށް މިސްރާބުޖެހިއެވެ.

“ޒާމް! އަހަރެން އެބަ ވަރަށް ހާސްވޭ. ވާނެގޮތެއް ނޭނގޭތީ.” ސާރާ ހުޒާމްގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ދޫންޏާ! އަހަރެން މިހިރީނު. އަހަރެންނަށް އިތުބާރުކޮށްބަލަ. އިރާދަކުރެއްވިއްޔާ އަހަރެން ހުއްޓާ ދޫންޏަކަށް އެއްވެސް ކަމެއް ނުވާނެ.” ހުޒާމް ސާރާގެ އުނަގަނޑުގައި ހިފާ ގަޔާ ގާތްކޮށްލަމުން ބުނެލިއެވެ. ސާރާ ހިނިތުންވެލިއެވެ.

ބޯޓުގައި އިންއިރު ސާރާ އިނީ އަމިއްލަ ވަޒަނަށް އާދެވޭތީ ހިތް އަވަސްވެފައެވެ. އޭނާއަށް އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބުނެވެ. އެހެނަސް ރިޒްނާއާ ކުރިމަތިލާން ޖެހޭނެކަން އެނގޭތީ އޭނާ ފިނިވިއެވެ. އަނެއްކާ އޭނާ ފެންނަ ތަނާ ރިޒްނާ އޭނާއަށް ހަމަލާއެއް ދީފާނެއެވެ. ހިތަށް ވަންނަންފެށި ނުބައި ޚިޔާލުތަކުން ސާރާ ބިރުގަންނަން ފެށިއެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ހުޒާމް އޭނާ ސަލާމަތްކޮށްދޭނެއެވެ. މިހެން ހިތަށް އެރުމާއެކު އޭނާއަށް ހިނިތުންވެލެވުނެވެ.

ބޯޓު ޖެއްސުމާއެކު ސާރާއަށް ފުން ނޭވައެއް ލެވުނީ ހިތަށް ލިބުނު ހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. އޭނާ އިންޑިއާގައި ހޭދަކުރި ދެތިން މަސްދުވަސް އޭނާއަށް ހީވީ ދެތިން އަހަރުހެންނެވެ. އެހާވެސް ބޮޑަށް އޭނާ ރާއްޖެ މަތިން ހަނދާންވިއެވެ.

“މިފަހަރު މަންމަމެންނަށް ރަނގަޅު ސަޕްރައިޒެއް ލިބޭނެ.” މާލެ އައުމަށް ފެރީއަށް އަރާފައި ހުޒާމް އެހެން ބުނެލުމުން ސާރާ ބަލައިލީ ހައިރާންވެފައެވެ.

“ޒާމް ނުބުނަންތަ އަންނަ ވާހަކައެއް؟” ސާރާ ހައިރާންކަމާއެކު އަހާލުމުން ހުޒާމް ބޯޖަހާލިއެވެ. އެހެންވިއްޔާ މީ ވަރުގަދަ ސަޕްރައިޒަކަށް ވާނެތާއޭ ސާރާގެ ހިތަށް އެރިއެވެ. އެންމެ ބޮޑު ޝޮކެއް ލިބޭނީ ހަމަ ގައިމުވެސް ރިޒްނާއަށެވެ. ރިޒްނާއަށް ވާނެގޮތް އަންދާޒާ ކޮށްލެވުމުން ސާރާ ގާތަށް ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. މާލެއަށް އާދެވުމާއެކު ކާރެއް ނަގައިގެން ހުޒާމްއާ ސާރާ މިސްރާބުޖެހީ ގެއަށް ދިއުމަށެވެ.

“ޒާމް! ރިޒޫއާ ދިމާއަށް އެއްޗެހި ނުކިޔައްޗޭ.” ސާރާ ކާރުގައި އިނދެފައި ބުނެލުމުން ހުޒާމް “ހޫމް”އެކޭ ބުނެލިއެވެ. މާދިގު ދަތުރަކާނުލާ ގެއަށް އާދެވިއްޖެއެވެ. އެ ބޮޑު ގޯތިތެރެއިން ކުރިއަށް ގޮސްގޮސް ހުރެފައި ސާރާ ހުއްޓުނެވެ. ހުޒާމްއަށް ސާރާގެ ހާލަތު ދެނެގަނެވިގެން އެއަތަށް ފިތާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް ބުނަމުންނެވެ. ދެމީހުން އެކުގައި ގޮސް ދޮރުގެ ބެލް އަޅާލިއެވެ. ސާރާ ނޭވާ ހިފަހައްޓާލީ އެއީ ރިޒްނާއަށް ވެދާނެތީއެވެ. ދެފަހަރަކު ބެލް އަޅާލުމާއެކު ދޮރު ހުޅުވާލިއެވެ.

(ނުނިމޭ)

21
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ހައްގު ލޯބި (2)

Next

ހިތުގެ އެދުމޭތީ (9 ވަނަބައި)

Next
March 10, 2017

ހިތުގެ އެދުމޭތީ (9 ވަނަބައި)

Previews
March 10, 2017

ހައްގު ލޯބި (2)

24 Comments

  1. Hmmm says:
    March 10, 2017 at 7:10 am

    Haadha kurey

    1. Saandy says:
      March 10, 2017 at 8:16 am

      ހޫމް! އެހެންތަ؟ އެކަމް ހުރިހާ ބައެއްވެސް އެއް ދިގުމިނެއްގަ މި ގެނެސްދެނީ

  2. Naxy says:
    March 10, 2017 at 7:26 am

    V salhi…. when next part

    1. Saandy says:
      March 10, 2017 at 8:16 am

      ޝުކުރިއްޔާ ނަޒީ! މާދަމާ 15ވަނަ ބައި

  3. Hhhhh says:
    March 10, 2017 at 8:09 am

    Alhey haadha kurey
    But varah intresting

    1. Saandy says:
      March 10, 2017 at 8:18 am

      ޝުކުރިއްޔާ! އެކަމް ހަމަ އެއް ދިގުމިނެއްގަ ހުރިހާ ބައެއްވެސް ހުންނާނީ

  4. shifu says:
    March 10, 2017 at 8:16 am

    Mifaharu varah kurukoh….ekamu habeys ingey

    1. Saandy says:
      March 10, 2017 at 8:19 am

      ޝުކުރިއްޔާ ޝިފޫ

  5. Unko says:
    March 10, 2017 at 8:21 am

    Pisss… Effaharun vaahaka nimmaalaba dhn… Ehaa kiyaa hithun indha vaahaka nimijje… thankolheh dhigukollaba… plzxxx avahah up kobba next… v v reethi…

    1. Saandy says:
      March 11, 2017 at 1:55 am

      ޝުކުރިއްޔާ އަންކޮ! ހެނދުނު އަޕްވާނެ… ދެން ނެތް ގިނަ ބައެއް ވާހަކަ ނިމޭކަށް

  6. Maree says:
    March 10, 2017 at 10:26 am

    VVVV REETHI

    1. Saandy says:
      March 11, 2017 at 1:57 am

      ޝުކުރިއްޔާ މަރީ

  7. Iskaa says:
    March 10, 2017 at 12:34 pm

    Wow.. Varah reethi…… Love this story

    1. Saandy says:
      March 11, 2017 at 2:00 am

      ޝުކުރިއްޔާ އިސްކާ

  8. yashmaa says:
    March 10, 2017 at 1:19 pm

    Vaahaka heevany avahah nihma ulheyhen..

    1. Saandy says:
      March 11, 2017 at 2:01 am

      ނޫނޭ ޔަޝްމާ! ހަމަ ވާހަކަ ރާވާފަ އިންގޮތަށް ލިޔެ ނިންމާފަ އޮންނާނީ… ވަކި އަވަސް އަވަސް ކޮށްލާފަ ނިންމާލަނީއެއް ނޫން… ޝުކުރިއްޔާ

  9. Aashy says:
    March 11, 2017 at 12:48 am

    Aslu eha reechey noon

    1. Saandy says:
      March 11, 2017 at 2:06 am

      ޝުކުރިއްޔާ އާޝީ

  10. who am i? says:
    March 11, 2017 at 2:46 am

    wow

    1. Saandy says:
      March 11, 2017 at 10:43 pm

      ޝުކުރިއްޔާ ހޫ އޭމް އައި

  11. who am i? says:
    March 11, 2017 at 2:48 am

    adhi kithah part indhey tha mi stwry ga??

    1. Saandy says:
      March 11, 2017 at 10:43 pm

      އަދި 3 ބައި އިންނާނެ

  12. xeyboo says:
    March 18, 2017 at 10:20 am

    wowoww

    1. Saandy says:
      March 18, 2017 at 10:21 pm

      ThanQ Xeyboo 🙂

Comments are closed.

All Right Reserved!