Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އަނދިރިފަރާތް (14 ވަނަ ބައި)

Liaa
March 2, 2017
8 Mins Read
54 Views
17 Comments

“އޭ. ޓީ. ޑީ. ޕީ. 7؟” އަހަރެން ގިޓާގައިވާ އަކުރުތައް ވަކިވަކިން ކިޔާލީމެވެ. އެއީ ކޯއްޗެއްކަން ނޭނގުމުން އަހަރެން ދެކޮނޑު އަރުވާލުމަށްފަހު ގިޓާ ހިފައިގެން ގޭތެރެއަށް ވަންނަން ހިނގައިގަތީމެވެ. ދޮންބެ އާ ރޫޝިން އުޅޭ ކޮޓަރިއާ ދިމާއަށް ދިޔައިރު ދެބުމަ ގޮށްޖަހައިގެން ހުރެ އަހަރެންގެ ދޮންބެ ކޮޓަރިން ނިކުތް ތަން ފެނުނެވެ.

“ބަލާއެއް ކަހަލަ އިންސާނަކު މިކޮޓަރިއަށް ވައްދައިފި ބައްޕަވެސް!” ނިކުމެގެން އަންނަމުން ދޮންބެ ދަތްކުނޑި ވިކައިގެން ހުރެ ބުނެލިއެވެ. އޭނާ އެހާ ރުޅިއައިސްފައި ހުއްޓަކާ އަދިއެއް ނުދެކެމެވެ.

“ދޮންބެ ވެސް ދެން ތި ރުޅި މަޑުކުރަން ވެއްޖެއްނު ދޯ.. އެއީ މެހެމާނެކޭ.. އޭނަ ނުލާހިކު ކޫލް.. އައި ލައިކް ހިމް..” އަހަރެން ތުން އަނބުރާލަމުން ބުނެލީމެވެ. އެއާއެކު ދޮންބެ ހުރި ފިޔަވަޅު މަތީގައި ހުއްޓި އަހަންނާ ދިމާއަށް ބަލާލީ އަލިފާނުގެ ނަޒަރަކުންނެވެ.

“ދެން ޝުބާއަށް އޭނަ އެހާ ކަމުދަންޏާ ދާންވީނު އޭނައާ އިންނަން! ބައްޕަ ކައިރީ މަ ބުނެފާނަމޭ ޝުބާ އޭނައާ ދެވާށޭ! އޭރަށް އޭނަ އުޅޭނީ ޝުބާގެ ކޮޓަރީގައެއްނު؟؟” ދޮންބެ ރުޅިވެރިކަމާއެކު އެހެން ބުނެފައި ބާރުބާރަށް ގޮސް ގެއިން ނިކުމެގެން ހިނގައްޖެއެވެ. އޭރު ބައްޕަމެން ކޮޓަރި ދޮރުކައިރީގައި ހުރި މަންމަ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ނަމާދު ދޮޅި އަޅައިގެން މަންމަ ހުރިއިރު އެ ނިކުތީ ދޮންބެ އަޑުގަދަކުރާވަރުންކަން އަހަންނަށް އެނގުނެވެ.

“ޝިބާން އެހެން އެއުޅެނީ ކީއްވެތަ އަޅެ؟” މަންމަ ދެރަވެލާފައި މަޑުމަޑުން އަހާލިއެވެ. މަންމައަކީ ގެއަށް އަންނަ މެހެމާނުންނަށް ވަރަށް ހެޔޮކޮށް ހިތާ މީހެކެވެ. ދެން ދޮންބެ އެފާޑަށް އުޅެންޏާމު މަންމަވެސް ލަދުގަންނާނެެއްނޫން ހެއްޔެވެ؟

“އަހަންނަށް ހީވަނީ ރޫޝިން އައީމަ ދޮންބެއަށް އޭނާގެ ބިޓާ އެހާ ފްރީކޮށް ވާހަކަ ނުދެއްކޭނެތީހެން..” އަހަރެން ހީވާ އެއްޗެއް ބުނެލީމެވެ. މަންމަ ދެފަރާތަށް ބޯހޫރާލަމުން ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. އަހަރެންވެސް ރޫޝިންގެ ގިޓާ އެކޮޓަރިއަށް ލުމަށްފަހު އަވަސްއަވަހަށް ނިކުތީމެވެ.

** **

ސާދަ ވިލޭރޭގެ ހަނދުގެ ވަށައިގެން އެތުރިފައިވާ ރިހި ތަރިތަކުން މުޅި އުޑުމަތި ޖަރީކުރެވިފައިވިއެވެ. އިރުއިރުކޮޅާ ތަރިތައް ފިޔަޖަހަމުން ދިޔައިރު ހީވަނީ އެއް ތަރި އަނެއް ތަރިއަށް ވާދަކުރާހެންނެވެ. ފަޒާތެރޭގައި ތެތްފިނިކަން ހިފާލާފައިވީއިރު ދޭތެރެއިން ކާޅެއް ގޮވާލާ އަޑު އިވެމުން ދިޔައެވެ. ގޭ ބޭރުގައި ބަހައްޓާފައިވާ ޖޯލިފަތީގައި އަހަރެން އިނީ އަތުގައިވާ ފޯނަށް ބަލަހައްޓައިގެންނެވެ. މަގުމަތިން ދޭތެރެދޭތެރެއިން މީހެއްގެ ހިލަމެއް ވިޔަސް ގިނައީ އެ މަގު ފަޅަށް އޮންނަ ވަގުތުތަކެވެ.

ފޯނު ރިންގުވާން ފެށުމުން އަހަރެންގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ސްކްރީނަށް ބޮޑު އަކުރުން އެއޮތީ ޝާކިންގެ ނަން އަރާފައިވިއްޔާއެވެ.

“ހެލޯ.. ލަވް.. އަހަރެން މިދަނީ ތިގޭ ދޮށަށް އިނގޭ ލަވްއަށް ހަދިޔާއެއް ހިފައިގެން.. ބާތް ޑޭ ވީމަ ޕްރެސެންޓެއް އޮންނަންވާނެއްނު ދޯ..؟” ޝާކިން ލޯތްބާއެކު އެހެން ބުނުމުން އަހަރެން އަވަސް އަވަހަށް އާއެކޭ ބުނީމެވެ. އޭނާ ފޯނު ބޭެއްވުމުން އަހަރެން ޖޯލީގައި އޮވެލީމެވެ. އަދި ޝާކިންގެ އިންތިޒާރުގައި އޮތީމެވެ.

ގޭގެ ދޮރާށި ހުޅުވުނު އަޑަށް އަހަރެން ބޯ ހިއްލާލައި ބަލާލީމެވެ. އޭރު ދެޖީބަށް އަތް ޖަހައިގެން އަހަންނާ ދިމާ ބަލަހައްޓައިގެން ރޫޝިން ހުއްޓެވެ. އަޅި ކުލައިގެ ހުޑީއެއް ލައިގެން ހުރިއިރު އާދައިގެ މަތިން އެ އިސްތަށިގަނޑުން ބައެއް ނިތްކުރި މައްޗަށް ވައްޓާލެވިފައިވިއެވެ. އަަހަރެން ބަލާލަމުން ހިނިތުންވެ ހުރެ އޭނާ އައިސް އަހަންނާ ޖެހިގެން އިން ޖޯލީގައި އިށީނެވެ.

“މިގަޑީގަ މިތާ ކީއްކުރަނީ؟ އަންހެން ކުދިން ނުވާނެ ރޭގަނޑު ތިހެން އެކަނި ބޭރުގަ ހުންނާކަށް…” ރޫޝިން ސަމާސާ ރާގަކަށް ބުނެލިއެވެ.

“އަދި ލަހެއް ނުވެއެއްނު؟ އަދި ކިރިޔާ އަށް ގަޑި ބައި ވީއޭ.. އެންޑް އަހަރެން މިހުރީ މީހެއްގެ އިންތިޒާރުގަ އަސްލު…” އަހަރެން ވެސް މަޖާ ގޮތަކަށް ބުނެލީމެވެ. މިރޭ ޝާކިންގެ ސޫރަ ފެންނާތީ އަހަރެންގެ މޫޑު ހުރީ ރަނގަޅުވެފައެވެ.

“އަނެއްކާ ކާކު؟ ބޯއިފްރެންޑު ދޯ؟” ރޫޝިން ދިމާކުރާ ރާގެއްގައި އެހެން އަހާލުމުން އަހަންނަށް ދެކޯތާފަތް ހޫނުވާ ކަމުގެ އިހުސާސްކުރެވުނެވެ. ތިރީ ތުންފަތުގައި ދައިގަންނަމުން އަހަރެން ބޯ ޖަހާލީމެވެ.

“އޯކޭ.. މިރޭ އަހަރެންވެސް މީޓުކުރަން ބޭނުން ތި ކުއްޖާއާ.. އިންޓްރޮޑިއުސް ކޮށްދޭނަން ދޯ؟” ރޫޝިން ހެވިފައި އެހެން ބުނުމުން އަހަރެން ބޯ ޖަހާލީމެވެ.

އަހަރެން ޖޯލީގައި އޮވެ އިންތިޒާރުގެ ވަގުތުތައް ގުނަމުން ދަނިކޮށް އެންމެފަހުން މަގުގެ ކޮޅުން ބައިސްކަލެއް ދައްކާލާފިއެވެ. އަނދިރީގެ ތެރެއިންވެސް އެއީ ޝާކިންކަން އަހަންނަށް ފާހަގަވިއެވެ. ބުރަކަށި ތެދުކޮށްލަމުން އަހަރެން ބޮލުގެ އިސްތަށިގަނޑު ކުޑަކޮށް ރަނގަޅުކޮށްލީމެވެ. އަހަރެންގެ ހަރަކާތްތަކަށް ބަލަން ހެވިފައި ރޫޝިން އިނެވެ.

ޝާކިން އައިސް އަހަރެމެން ތިބި ޖޯލީގެ ގާތުގައި މަޑުކޮަށްލިއެވެ. އަދި ބައިސްކަލުން ފައިބައި ހަރުޖެއްސުމަށްފަހު އައިސް އަހަރެންގެ ގާތަށް ހުއްޓުނެވެ. އޭރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ އަހަރެންގެ ގާތުގައި އިން ރޫޝިންއަށެވެ. އެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވާން ހުއްޓެވެ. އަނެއްކާ އަހަރެން އެހެން ފިރިހެން ކުއްޖެއް ގާތު އެގޮތަށް އިނުމުން ޝާކިން ރުޅިއައީ ހެއްޔެވެ؟

އަހަންނަށް ބަހެއް ނުބުނެވެނީސް ޝާކިން އަހަރެންގެ އަނެއް ފަރާތުގައިވާ ޖޯލީގައި އަހަންނާ ޖެހިގެން އިށީނެވެ.

“ޝާކިން.. މީ ރޫޝިން.. މިގޭގަ ހުންނަން އައި ކުއްޖެއް.. ކޮލެޖަށް ވަންނަން ވެގެން މިރަށަށް އޭނަ އައީ..” ޝާކިން ސުވާލު ނުކުރަނީސް އަހަރެން އަވަސްއަވަހަށް ރޫޝިންއަށް އިޝާރާތްކޮށްލަމުން ބުނެލީމެވެ. ޝާކިން ރޫޝިންއަށް ބަލާލަމުން އެހެންދޯއޭ ބުނެލިއެވެ.

“ހައި.. ނައިސް ޓު މީޓް ޔޫ ޝާކިން..” ރޫޝިން ތެދުވެ ޝާކިންއަށް ސަލާމަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ. ޝާކިން އެއްޗެކޭ ނުބުނި ނަމަވެސް އެއަތުގައި ހިފައި ސަލާމްކޮށްލިއެވެ. އެއަށްފަހު ރޫޝިން ގޭތެރެއަށް ވަދެގެން ދިޔައެވެ. އަހަރެމެން ދެމީހުންނަށް އުނދަގޫކުރަން ބޭނުންނުވީ ކަންނޭނގެއެވެ. އޭނާ ދިއުމުންވެސް ޝާކިން އިނީ ޚިޔާލަކަށް ގެއްލިފައިކަން އަހަންނަށް އެނގުނެވެ. މަޑުމަޑުން އަހަރެން ޝާކިންގެ އަތުގައި ކޮށްޓާލި ވަގުތު އޭނާ ދިޔައީ ސިހިގެންނެވެ.

“އޭނައާ މާގިނައިން ވާހަކަ ނުދައްކާތި އިނގޭ.. އެގޮތަށް އައިސް އުޅޭ ފިރިހެނުންގެ ވައްތަރު އަހަންނަށް އެނގޭ..” ޝާކިން ހަރުކަށިކަމާއެކު ބުނެލިއެވެ. އަހަރެން އޭނާގެ ބަހާ ދެކޮޅު ނުހަދަންވެގެން އާއެކޭ ބުނެލީމެވެ. އެއަށްފަހު ޝާކިން މޫނުމައްޗަށް ހިނިތުންވުމެއް ގެނެވޭތޯ މަސައްކަތްކުރިއެވެ. ލައިގެން ހުރި ގަމީހުގެ ޖީބަށް އަތް ލުމަށްފަހު ޝާކިން ކޮންމެވެސް އެއްޗެއް ނެގިއެވެ.

“ލޯމަރާލަބަ..” ޝާކިން ލޯތްބާއެކު އެހެން ބުނުމުން އަހަރެން ދެކޮޅު ހެދުމެއްނެތި ދެލޯ މަރާލީމެވެ. އޭރު ޝާކިން އަހަންނާ ކައިރިވެލަމުން އަހަރެންގެ ކަރުގައި ކޮންމެވެސް އެއްޗެއް އަޅުވައިދިން ކަމުގެ އިހުސާސް ކުރެވިގެން ދިޔައެވެ.

“ދެން އޯކޭ ހުޅުވިޔަސް..” ޝާކިން އެހެން ބުނުމުން އަހަރެން އެސްފިޔަތައް ދުރުކޮށްލީމެވެ. ކަރުގައި އަޅުވާފައިވާ ރިހިކުލައިގެ ފަށް ފެނި އަހަރެން ހިނިތުންވެލީމެވެ. އެ ފަށުގެ ފޫ ހިތެއްގެ ބައްޓަމަށް ވީއިރު އޭގައި ކަނޑާ ނަގާފައިވަނީ ދެ އެސް އަކުރެވެ.

“ވަރަށް ރީތި..” އަހަރެން ފުލުގައި އަތް ހާކާލަމުން ބުނެލީމެވެ. އަހަންނަށް އޭނާގެ ހަދިޔާ ކަމުދިޔުމުން ޝާކިންވެސް ހުރީ އުފާވެފައިކަން އަހަންނަށް އެނގުނެވެ. މަޑުމަޑުން އޭނާގެ މޫނު އަހަރެންގެ މޫނާ ކައިރިކުރަމުން ދިޔަ ވަގުތު އަހަރެންގެ ހިތުގެ ތެޅުން މަޑުމަޑުން އަވަސްވަމުން ދިޔައެވެ. އޭނާގެ ހޫނު ނޭވާ އަހަރެންގެ މޫނަށް އެޅެން ފެށުމުން އަހަންނަށް ދެލޯ މަރައިލެވުނީ އިޚްތިޔާރުން ބޭރުގައެވެ.

“މިހާރު މަގުމައްޗެއް އެހެން ތަނެއް ނޯވޭ ދޯ މާ ފޮޅުވާކަށް!” ކުއްލިއަކަށް ސިހިފައި އަހަންނަށް ޝާކިންއާ ދުރުވެލެވުނީ ދޮންބެގެ ރުޅިވެރި އަޑަށެވެ. އޭރު ގޭގެ ދޮރުމަތީގައި އަހަރެމެންނާ ދިމާއަށް ރުޅިވެރިކަމާއެކު ބަލަން ދޮންބެ ހުއްޓެވެ. އަހަރެން ޝާކިންގެ މޫނަށް ބަލާލީމެވެ. އޭނާވެސް ހުރީ ލަދުގަނެފައިކަން އަހަންނަށް އެނގުނެވެ.

“ޝުބާގެ ކަންތަކޭ ބޮޑީ! އެކަމަކު މަންމަ ބުނާނެ މަގޭ ކަންތަކޭ ބޮޑީ.. ޝުބާ ކޮންމެ ކަމެއް ކުރިޔަސް މަންމަމެންނަށް ގޯހެއް ނުވާނެ.. އެކަމު އަހަރެން އަލިފޭވެސް ކިޔާލަބަލަ.. މަންމަމެން ހީވާނީ ފޫކޮޅަށް ކަށްޓެއް ހެރިގެން އުޅޭހެން.. ޝުބާއަކީ ވިއްޔަ މިގޭ ރަންދަރި! އަހަރެންމީ މިގޭގައި އެއްވެސް މީހެއް ނޫން.. ޝުބާ ކުރާކަމެއް ކުރަން ހުރެބަލަ.. އަހަރެން މިދަނީ މިތަނުން ރައްކާވާން!” ދޮންބެ އަހަރެން ދެރަވާގޮތަށް އެއްޗެހި ކިޔުމަށްފަހު ގެއިން ނިކުމެގެން ދާން ފެށިއެވެ. އެމަގުން ސީދަލަށް ގޮސް އޭނާ އަނެއް މަގަށް އަޅަންދެން އަހަންނަށް އެދިމާ ބަލަހައްޓައިގެން ހުރެވުނެވެ. މިހާރަކަށް އައިސް ދޮންބެ އެއުޅެނީ ވަރަށް އެހެންކަހަލަ ގޮތަކަށެވެ. ވާހަކަ ދައްކަނީވެސް ވަރަށް ރުޅިވެރި ގޮތަކަށެވެ. އެއީ ހަމަ ރޫޝިން ދޮންބެގެ ކޮޓަރީގައި އުޅޭތީ ދޮންބެ ގާތަށް އަންނަ ރުޅި ހެއްޔެވެ؟

“ލަވް.. އެއީ ލަވްގެ ދޮންބެ ދޯ؟” ޝާކިން އެހެން އަހާލުމުން އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ. އޭނާ އިރުކޮޅެއް ވަންދެން އަހަރެންގެ މޫނަށް ބަލަން ހުރެފައި ކޮޅަށް ތެދުވިއެވެ.

“އަހަރެން މި ދަނީ އިނގޭ ދެން ލަވް.. އަހަރެން ދިން ހަދިޔާ ރަނގަޅަށް ބަލަހައްޓާތި.. ދެން އަހަރެމެން ދިމާވާނީ ޓެސްޓުތަކަށް ފަހު.. އެހެންނު؟” ޝާކިން އެހެން ބުނުމުން އަހަރެން ފަނޑު ހިނިތުންވުމަކާއެކު ބޯ ޖަހާލީމެވެ. އެއަށްފަހު އޭނާ އަހަރެންގެ އަތަށް ބޮސް ދިނުމަށްފަހު ކައިރީގައި ބަހައްޓާފައިވާ ބައިސްކަލަށް އަަރައިގެން ދުއްވާލިއެވެ. އަހަރެން އޭނާ ދިޔަ ދިމާއަށް ބަލަން ހުރި އިރުވެސް ހިތުގައި ވަނީ ދޮންބެ އަހަންނާ ދިމާއަށް ކީ އެއްޗެއްސެވެ.

އަހަރެން ޖޯލީގައި އިންދައި ކުއްލިއަކަށް ހިމަ ފޮދު ވާރޭގެ ތިކިތައް ވެހެން ފަށައިފިއެވެ. ގެއަށް ވަންނަ ހިތް ނުވެފައި އިނދެވުނު ނަމަވެސް ވާރޭ ބޯކޮށްލުމާއެކު އަހަރެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގޭ ދޮރާށި ހުޅުވާލާފައި ވަނީމެވެ. ގޭތެރެއަށް ވަދެވުނުއިރު އަހަރެން ލައިގެން ހުރި ނޫކުލައިގެ ކަކުލާ ހަމައަށް އަރާ އަތް ދިގުހެދުމުގެ ބޮޑުބައެއް ތެމި، އަހަރެންގެ ގައިގައި ތަތްލަވާފައިވިއެވެ. އިސްތަށިގަނޑުވެސް ތެމިފައިވުމާއެކު އަހަރެންގެ ނިތްކުރިމަތީގައި ތަތްލަވާފައިވިއެވެ. އަހަރެން މަޑު ހިނގުމެއްގައި ކޮޓަރިއަށް ވަންނަން ހިނގައިގަތް ވަގުތު ދޮންބެގެ ކޮޓަރި ދޮރުމަތީގައި އަހަންނާ ދިމާއަށް ނަޒަރު ހުއްޓާލައިގެން ރޫޝިން ހުރިތަން ފެނުނެވެ. އަހަރެން ބަލާލުމާއެކު އޭނާ އަހަންނަށް ހިނިތުންވެލިއެވެ. އަހަރެންވެސް ލުއި ހިނިތުންވުމަކާއެކު ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލީމެވެ.

** **

ފަންކާ އޭގެ ބުރުހަމަކުރަމުން ދިޔައިރު ކޮޓަރީގައި ތެތް ފިނިކަމެއް ހިފާލާފައިވިއެވެ. ފަންކާގެ އަޑު ފިޔަވައި ދެން ކޮޓަރިއަށް އިވެމުން ދިޔައީ ބޯ ވާރޭ ތިކިތައް ފުރާޅަށް ހަމަލާ ދެމުން ދިޔައަޑެވެ. ނިދާހެދުމާއެކު ތެތް އިސްތަށިގަނޑު އެނދުގައި ފަތުރާލައިގެން އަހަރެން އޮތީމެވެ. އަތުގައި އޮތް ވާހަކަ ފޮތަށް ނަޒަރު ހުއްޓާލައިގެން އޮތް އިރު އަހަރެން ބޭނުންވީ އެހެން ހުރިހާ ޚިޔާލުތަކާ އެއްކޮށް ދުރުވާށެވެ.

އެހެން އޮންނަތާ އިރުކޮޅެއް ފަހުން އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ އަރޫންކަމުން އަހަރެން އަވަސްއަވަހަށް ފޯނު ނެގީމެވެ.

“ސާރ ބުނީ މިކޮޅަށް އައިސް ދީބަލާށޯ..” އަރޫން އެހެން ބުނުމުން އަހަރެންގެ މޫނަށް ފޫހިކަން ވެރިވިއެވެ. އެ ހުރިހާ ކަމެއް ހަނދާން ނައްތާލަން ބޭނުންވެފައި ހުއްޓާ އަނެއްކާވެސް އަހަރެންވީ އެޖެންސީއަށް ދާން ހެއްޔެވެ؟

“އެކަމަކު އަހަރެން ސާރ ގާތު ބުނީމޭ ދެން ދެވެނީ އެގްޒާމް ނިންމާފައޭ..” އަހަރެން ފަރުވާކުޑަ ގޮތަކަށް ބުނެލީމެވެ. އޭރު އަހަރެންގެ ރުޅިވެސް ގަދަވާން ފަށައިފިއެވެ.

“ޔޭސް.. އެކަމަކު އެޖެންސީގެ ސެކުއިރިޓީ ވަރުގަދަކުރަން  އާ ސެކުއިރިޓީ ސިސްޓަމެއް ހަރުކުރަން އުޅޭތީ ސާރ އެބުނީ އައިސްދޭށޭ.. ހަމައެކަނި އޭގައި ފިންގާރޕްރިންޓް ޖަހާލާށޭ.. އޯކޭ ޝުބް ބޭނުންނެތިއްޔާ ނަޔަސް.. އެކަމު އޭރުން ދެނެއް ޝުބްއަށް މިތަނަކަށް ނުވަދެވޭނެ އިނގޭ..” އެންމެ ފަހު ޖުމްލަ ބުނެލުމަށްފަހު އަރޫން ހިނިގަނޑެއް ޖަހާލީއެވެ. އަހަރެން ފުންނޭވައެއް ދޫކޮށްލުމަށްފަހު އޯކޭއޭ ބުނެ ފޯނު ބޭއްވީމެވެ. ގަޑި ބަލާލިއިރު ބާރަ ޖަހަން ކައިރިވެއްޖެވެ. ނަމަވެސް އޭރުވެސް ވެހެމުން ދިޔަ ވާރެއަކަށް ހުއްޓުމެއް ނާދެއެވެ. ވާރޭ ތެރޭ ތެމިގެން އަހަރެން ދާންވީ ހެއްޔެވެ؟ ވާރޭ ހުއްޓާލާތޯ އަހަރެން ފަނަރަވަރަކަށް މިނެޓު މަޑުކުރިން ނަމަވެސް ވެހެމުން ދިޔަ ވާރޭ ހީވަނީ އިތުރަށް ބޯކުރަމުން ދިޔަހެންނެވެ. މިރޭ ވާރޭވެސް އެއުޅެނީ އަހަންނަށް ޖެއްސުމަށެވެ.

ސުއިޓު ލައިގެން އަހަރެން ފުރާޅު މައްޗަށް ނިކުންނައިރަށް ވާރޭގެ ބޮޑެތި ތިކިތައް އަހަރެންގެ ގަޔަށް އަރަމުން ދިޔައެވެ. ނަސީބަކުން އަހަރެން ލައިގެން ހުރި ސުއިޓަކީ ‘ވޯޓާ ޕްރޫފް’ އެއްޗެކެވެ. ފުރާޅުމަތީގައި އުޅެނިކޮށް ފައިކައްސާލައިގެން ނުވެއްޓުނީވެސް ކިރިޔާއެވެ.

ކަޅުވިލާތަކުން މުޅި އުޑުމަތި ފުރިފައިވީއިރު އެންމެ މަގެއްގެ މަތިންވެސް މީހަކު ފެންނާކަށް ނެތެވެ. ހިނގާފައި ގޮސް އަތިރިމައްޗަށް ފޭބިއިރު ކަނޑުގެ ރާޅުތައް ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. އެއް ރާޅު އަނެއް ރާޅާ ތަޅާ ފޮޅަމުން، ފޮނު އަރުވަމުން ދިޔައިރު އަހަންނަށް ހިންދިރުވާލެވުނެވެ. މި ގަދަ ވަޔާ ވިއްސާރައިގެ ތެރޭގައި ކަނޑު ހުރަސްކޮށް އަހަރެން ވިނަދޫއަށް ދާންވީ ހެއްޔެވެ؟

ވީ.ބީ ބޯޑު ނަގައި އަތަށް ހެޔޮވަރުކޮށްލިއިރުވެސް އަހަރެންގެ ހިތުގައި ބިރުވެރިކަމެއް އުފެދިފައިވިއެވެ. ނަމަވެސް ބިރު ކަނޑުވާލާފައި އަހަރެން ބޯޑުގައި ދުއްވާލީމެވެ. ބިޔަ ރާޅުތައް އައިސް އަހަރެންގެ ބޯޑުގައި ޖެހިގަންނަ ކޮންމެ ފަހަރަކު އަހަރެން އަރި އަޅާލައެވެ. ބެލެންސުކޮށްލެވެނީވެސް ކިރިޔާއެވެ. ކުއްލިއަކަށް އަޑުފައްގަނޑެއް އިވިގެން އަހަރެން މަތި ބަލާލީމެވެ. ވެހެމުން ދިޔަ ވާރޭގެ ތެރެއިން އަހަރެންގެ ބޯމަތީގައި ހަރަކާތްތެރިވަމުން ދިޔަ ހެލިކޮޕްޓަރު ފެނުނު ވަގުތު އަހަރެންގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. އޭގެ ތެރޭގައި އިންމީހަކު އަހަންނާ ދިމާއަށް ބަޑި ދިއްކޮށްގެން ހުރިތަން ފެނުމުން އަހަރެންގެ ގޮތް ހުސްވި ކަހަލައެވެ. ނަމަވެސް އޭރުވެސް އަހަރެން ދިޔައީ ބޯޑު ވިނަދޫއާ ދިމާއަށް ދުއްވަމުންނެވެ.

އެމީހާ ބަޑި ގޮއްވާލި އަޑާއެކު އަހަންނަށް ބޯ މަތީގައި އަތް އަޅާލެވުނެވެ. ނަސީބު ދިމާކުރި ގޮތުން އަހަރެންގެ ގަޔަށް އެވަޒަނެއް ނާރައެވެ. ނަމަވެސް އެވަގުތު ބޯޑު ވަރަށް ބޮޑަށް އަރިއަޅާލިއެވެ. ހަށިގަނޑު ބެލެންސު ނުކުރެވުމުގެ ސަބަބުން ކަނޑުގެ ގަދަ ރާޅާއި ފޮނު ތަކުގެ ތެރެއަށް އަހަރެން ގެނބިގެން ދިޔައެވެ. ފަތަން އެނގުނު ނަމަވެސް އެވަގުތު ކަނޑުގެ ގަދަ އޮޔާއި، ޖެހެމުން ދިޔަ ތޫފާނީ ވަޔާ ހެދި އަހަރެންގެ ބޮލަށް އެނބުރުން އަރާ ކަހަލަ އިހުސާސެއް ކުރެވިގެން ދިޔައެވެ. އެއްކަލަ މީހާ އަނެއްކާވެސް ދެފަރަހަކު ބަޑި ގޮއްވާލި އަޑު އިވުނެވެ.

** **

ވަރުބަލި ގޮތަކަށް އަހަރެން ދެލޯ ހުޅުވާލީމެވެ. ނޫހުދު އަލިން މުޅިތަން ދިއްލިފައިވީއިރު އެއްފަހަރުން ލޯ ހުޅުވުން އަހަންނަށް ވީ ދަތިކަމަކަށެވެ. ދެތިން ފަހަރަކު އެސްފިޔަތައް ތަޅުވާލުމަށްފަހު ލޯ ހުޅުވައި ވަށައިގެން ނަޒަރު ހިންގާލީމެވެ. އެންމެ ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ކަންބޮޑުވެފައިވާ ނަޒަރަކުން އަހަންނާ ދިމާއަށް ބަލަހައްޓައިގެން އިން އަރޫންއެވެ. އިރުކޮޅެއް ވަންދެން އަރޫންއަށް ބަލަން ހުރުމަށްފަހު އަހަރެން ކެއްސައިގަތެވެ. އެއާއެކު އަހަރެންގެ އަނގައިން ފެންތަކެއް ބޭރުވާންފެށިއެވެ. ފުއްޕާމެއަށް ވާންވާ ކަހަލަ އިހުސާސެއްވެސް ކުރެވެމުން ދިޔައެވެ. އަރޫން އަވަަސް އަވަހަށް އައިސް އަހަރެންގެ ނިތްކުރިއާއެއްކޮށް ބޮލުގައި ހިފަހައްޓާލިއެވެ.

އިރުކޮޅަކުން ޑޮކްޓަރުވެސް އެތަނަށް އަތުވެއްޖެއެވެ. އަހަރެންނަށް އޮވެވުނީ ހެލްތު ރޫމްގައިކަން ރޭކާލީ އެވަގުތެކެވެ. އޭސީގެ ފިނިން އަހަރެންގެ މުޅި ހަށިގަނޑު ފިނިވަމުން ދިޔައެވެ. ޑޮކްޓަރު އައިސް އެކި ގޮތްގޮތަށް އަހަރެން ޗެކް ކުރުމަށްފަހު ދިޔައީ އެއްވެސް މައްސަލައެއް ނެތްކަމަށް ބުނެފައެވެ.

އަހަރެން އަރޫންއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ކުރިންވީ އެއްވެސް ކަމެއް އަހަރެންގެ ހަނދާނަކަށް އެވަގުތު ނައެވެ.

“އަރޫން.. އަހަންނަށް ކިހިނެއްތަ ވީ؟ ކީއްވެ އަހަރެން މިތާ މިއޮތީ؟” އަހަރެން ބަލި އަޑަކުން އަހާލީ އެނދުން ތެދުވަމުންނެވެ. ނަމަވެސް އަރޫން އަހަންނަށް ނުތެދުވުމަށް އިޝާރާތް ކުރިއެވެ. އަހަރެން އޮށޯތުމާއެކު އޭނާ އައިސް ހުދުކުލައިގެ ރަޖާއެއް އަހަރެންގެ ގައިގައި އަޅައިދިނެވެ.

“ޝުބާ ހަމަ ހަނދާން ނެއްތަ މިރޭގައިވީ އެއްވެސް ކަމެއް؟” އަރޫން ނިތްކުރިއަށް ރޫ އަރުވާލަމުން އަހާލިއެވެ. އަހަރެން ބޮލުގައި ދެއަތުން ހިފަހައްޓަމުން މިރޭވީ ކަންތައްތައް ހަނދާންކުރަން މަސައްކަތްކުރިއެވެ. އެއާއެކު ބޮލުގައި ތޫނު ރިހުމެއް އުފެދުނެވެ. އަހަރެންގެ އަނގައިން ވޭނީ އާހެއް ބޭރުވުމާއެކު އަރޫން އަހަރެންގެ އަތުގައި ހިފަހައްޓާލިއެވެ.

“އިޓްސް އޯކޭ ޝުބް.. ހަނދާން ނުވަންޏާ ޑޯންޓް ފޯސް ޔުއާރ ސެލްފް..” އަރޫން އޯގާތެރިކަމާއެކު ބުނެލިއެވެ.

“ހެލިކޮޕްޓަރު.. ކޮބާ.. ކޮބާ އެމީހުން؟” އަހަރެން ފުންނޭވާތަކެއް ބޭރުކުރަމުން އަހާލީމެވެ. އޭރު ކަނޑުގެ ބިޔަ ރާޅުތައް ފޮނު އަރުވަމުންދާ މަންޒަރު އަހަރެންގެ ކުރިމަތީގައި ސިފަވަމުން ދިޔަ ކަހަލައެވެ. މަތީގައިވާ ހެލިކޮޕްޓަރުގައި އިން މީހާ އަހަރެންނާ ދިމާއަށް ބަޑި އަމާޒުކޮށްގެން ހުރިތަން ސިފަވުމާއެކު އަހަރެންގެ ނިތްކުރިމަތިން އޮށްދާ ހިއްލަން ފެށިއެވެ.

“ނޫން..!” އެމީހާ ބަޑި ގޮއްވާލި ހަނދާންވުމުން އަހަންނަށް ބާރަކަށް ދެކަންފަތުގައި އަތް އަޅައި ނޫނެކޭ ބުނެލެވުނެވެ.

“އިޓްސް އޯކޭ ޝުބް.. މިހާރު އެމީހުން ގޮސްފިއޭ..” ކުޑަކުއްޖަކަށް ވާހަކަދައްކާ ބީދައިން އަރޫން އަހަރެންގެ ބުރަކަށީގައި ފިރުމަމުން ވާހަކަދެއްކިއެވެ. އަހަރެން ހަމައަކަށް އެޅޭވަރުވީ އަރޫން އެތަށް ވާހަކައެއް ދެއްކުމުންނެވެ.

އަހަރެން އެނބުރި ރަށަށް ދިޔައީ އަރޫންއާ އެކުގައި، އޭނާގެ މޫދު ސައިކަލުގައެވެ. ކަނޑު ފެނުމުން އަނެއްކާވެސް އަހަރެންގެ ހިތަށް ބިރުވެރިކަން ވަތް ނަމަވެސް އަހަރެން އެކަމާމެދު މާބޮޑަށް ނުވިސްނޭތޯ މަސައްކަތްކުރީމެވެ. ވެހެމުންދިޔަ ވާރޭވެސް ހުއްޓާލާފައިވުމާއެކު ކަނޑު މިހާރު ފެންނަލެއް ކުރިއަށްވުރެ މަޑެވެ.

ރަށަށް ދެވުމާއެކު އަހަރެން މަޑުކުރުމެއްނެތި ގެއާ ދިމާއަށް މިސްރާބުޖެހީމެވެ. އަރޫން އަހަންނާއެކު އަންނަން އުޅުނު ނަމަވެސް އަހަރެން އެކަމަށް ހުރަސްއެޅީމެވެ. އަހަރެން ބޭނުންވީ އަވަހަށް ގެއަށް ގޮސް ނިދާލާށެވެ. އެ ހެލިކޮޕްޓަރުގައި ތިބީ ކޮންބައެއްތޯ އޮޅުން ފިލުވާކަށްވެސް އަހަރެން ފަހުން ނޫޅެމެވެ. އެއަށްވުރެ ބޮޑަށް އަހަރެންގެ ސިކުނޑިވީ ވަރުބަލިވެފައެވެ. ހެނދުނުވުމުން އަރޫންއަށް ގުޅައި، އެކަންވީގޮތް އޮޅުން ފިލުވާނެކަމަށް އާރިފް ސާރ ގާތު ބުނެލުމަށްފަހު އަހަރެން އައީއެވެ.

ކޮޓަރިއަށ ވަތް ގޮތަށް އަހަރެން ފާހާނާއަށްވަދެ ފެންވަރާލީއެވެ. ފިނިފިނި ފެންތިކިތައް އަހަރެންގެ ހަށިގަނޑަށް ބޮސްދެމުން ދިޔައިރު ހީކަރުވައިގެން މުޅި މީހާ ތުރުތުރު އަޅައެވެ. އިސްތަށިގަނޑުން ފެން ހިއްކަމުން އަހަރެން ނިކުމެ އަމިއްލަ ސޫރައަށް ލޯގަނޑުން ބަލާލީމެވެ. އަހަރެންގެ ދޮން މޫނުމަތިން ވަރުބަލި ކަމުގެ އަސަރު ފާޅުވާން ހުއްޓެވެ.

ކަކުލާ ހަމައަށް އަރާ ނިދާހެދުން ލައިގެން އަހަރެން ކޮޓަރިން ނިކުމެ ބަދިގެއާ ދިމާއަށް މިސްރާބުޖެހީ ފެންފުޅިއެއް ނެގުމުގެ ބޭނުމުގައެވެ. ނަމަވެސް އޭރު ސިޓިންގރޫމުގައި ދިއްލާފައިވާ މަޑު އޮރެންޖު ކުލައިގެ ނިދާ ބޮކީގެ ފަނޑު އަލީގެ ތެރެއިން، ކޮންމެވެސް މީހަކު ސޯފާގައި އިންތަން ފެނުމުން އަހަރެންގެ ފިޔަވަޅުތައް މަޑު ޖައްސާލީމެވެ. އެމީހަކު ތެދުވެގެން އައިސް އަހަރެންނާ ތަންކޮޅެއްް ކައިރިއަށް އައިސް ހުއްޓެލިހިނދު އަހަންނަށް އޭނާގެ މޫނު ފެނުނެވެ.

“ރޫޝިން؟ މިގަޑީގަ ނުނިދާ ތިއުޅެނީ ކީއްވެއޯ؟” އަހަރެން ހަމަޖެހެން މަސައްކަތްކުރަމުން އަހާލީ ސިޓިންގރޫމުގައިވާ ބޮޑު ގަޑިއަށް ނަޒަރު ހިންގާލަމުންނެވެ. އޭރު ގަޑިން 1 ގަޑި ބައިވެ ބޮޑު ވެއްޖެއެވެ.

“ޝުބީ ކީއްކުރަނީ ނުނިދާ؟” ރޫޝިންވެސް ކޮށްލީ ސުވާލެކެވެ.

“އަހަރެންނަށް ފެންބޮވައިގެން ހޭލެވުނީ.. ދެން ފެންފުޅިއެއް ބަލައި ކަމަށް..” އަހަރެންގެ ޖުމްލަ ފުރިހަަމަ ނުކުރެވެނީސް ރޫޝިން އަހަރެންގެ ތެތް އިސްތަށިގަނޑުގައ އަތް ހާކާލިއެވެ.

“ނިދާފައި އޮތް މީހެއްގެ އިސްތަށިގަނޑު މިހާ ތެތް ވާނެތަ؟ އަންބިލީވަބަލް..” ރޫޝިން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އޭރު ބުނާނެ އެއްޗަކާމެދު ވިސްނުމަށް އަހަރެންގެ ވަރުބަލިވެފައިވާ ސިކުނޑި މަސައްކަތްކުރަމުން ދިޔައެވެ.

“އަހަރެން ފެންވަރައިގެންނޭ ނިދީ..” އަހަރެން ބުނެލީމެވެ. އެއާއެކު ރޫޝިން އެއް މިޔަކުން ހިނިތުންވެލިއެވެ. އެއާއެކު އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައީ ކީއްވެކަމެއް ޚުދު އަހަންނަށްވެސް ނޭނގުނެވެ.

“ޔޫ ކާންޓް ފޫލް މީ އިނގޭ.. އަހަރެން ދެކުނީމޭ ޝުބާ އަތިރިމައްޗާ ދިމާލުން އައިސް ގޭގެ ފުރާޅަށް އަރާތަން..” ރޫޝިން އެހެން ބުނެލުމުން ސިހިފައި އަހަންނަށް ދެތިން ފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ. އޭނާއަށް އެއީ އަހަރެން ކަމެއް އެނގުނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ހުރީވެސް މޫނު ނިވާކޮށްގެން ވިއްޔާއެވެ. ހަދާނެގޮތް ހުސްވެފައި އަހަރެން ރޫޝިންއާ ދިމާއަށް ބަލަހައްޓައިގެން ހުރީމެވެ.

(ނުނިމޭ)

27
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Liaa

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އިންތިޒާރުގައި ހުރިން.. (8)

Next

ހިތާ ފުރާނައިގެ ދިރުމޭ (10)

Next
March 2, 2017

ހިތާ ފުރާނައިގެ ދިރުމޭ (10)

Previews
March 2, 2017

އިންތިޒާރުގައި ހުރިން.. (8)

17 Comments

  1. Liaa says:
    March 2, 2017 at 2:39 pm

    Hii guys.. Mi bai ves kamudhaane kamah ummeedhu kuran…
    Loves <3

  2. Minnie says:
    March 2, 2017 at 2:52 pm

    Nice..? Ekam Thankolheh Awahah Up Nukohdheweyne Th.. ?
    Waiting For Next Part.. ❤

  3. Nain Niny says:
    March 2, 2017 at 2:54 pm

    wow.. salhi. whats happenin .. vara biruveri ..please next part avaha up koh dhenchey….

  4. rim says:
    March 2, 2017 at 3:05 pm

    V v v kammudhey v v v reethi ;’eii anehkaa kaakubaa mulhin kadaennu

  5. rim says:
    March 2, 2017 at 3:09 pm

    Kon irakuntha Ehen upvaanii plx plx plxxxxx avaskohdhiii

  6. 404 Error! says:
    March 2, 2017 at 3:17 pm

    wow ???
    varah salhi ???

  7. Liaa says:
    March 2, 2017 at 3:21 pm

    Veehaaves avahah up kohdheynan ingey guys.. Liaa mi dhuvas kolhu busy kamun… i ll try my best

  8. subbbb says:
    March 2, 2017 at 4:10 pm

    Rushin mee nubai meeheh kanneynge

  9. Lovely girl says:
    March 2, 2017 at 6:12 pm

    Vvvvvv reethi
    I love it
    Masha alha

  10. Harry says:
    March 2, 2017 at 6:48 pm

    Wowowow…. eba reethive ??

  11. Shinnu says:
    March 2, 2017 at 7:20 pm

    V salhi

  12. Toby says:
    March 3, 2017 at 7:45 am

    Best story that ive read do far….. Liaa ge stories therein emme reethee hama “ASARU” it was bootifull ?

  13. Mary says:
    March 3, 2017 at 8:01 am

    Mi rooshin mee anehkaa kon gang eh ge meeheh baa. Good tha? Bad tha? So confused. Shakin ge vaahaka huri gothun eynage gang aa vahthary dhww…. waiting…its amaxing….

  14. Golhaa says:
    March 3, 2017 at 9:14 am

    ބުއްދި ޤަބޫލު ނުކުރެވޭކަހަލަ ވާހަކައެއް. ކަމަކުނުދޭ

  15. rim says:
    March 3, 2017 at 10:34 pm

    Mulhin kadaennu emmegaathuga huregen eladudhenii eynaehabaru dhenii ehenvemulhin kada v v v reethimivaahaka

  16. rim says:
    March 3, 2017 at 10:41 pm

    Kiivegabool nukutevenii insaanunnah haadhamolhethi visnunthah dhehvaafavey kuriah oehthanuga ekahala kanthathah fenidhaa nennu

  17. Thu says:
    March 16, 2017 at 12:43 am

    Koba me vaahaka. Adhives up nukurey. Inthixaarga mehuri.. Koh dhuvahak kurani

Comments are closed.

All Right Reserved!