Skip to content
އެސްފިޔަ

އަނދިރިފަރާތް (13 ވަނަ ބައި)

“ޝުބް.. އަހަރެމެންގެ ހައްޔަރުގައި އެބަ ހުރި ރާޖް ސާރ އާ ޝާކިންއާ ދެމީހުން ވެސް.. ޝުބް ކަންބޮޑުވެދާބެތީ ނުބުނީ..” އަރޫންގެ އެ ބަސްތަކާއެކު އަހަރެން ސިހިފައި އޭނާއަށް ބަލާލީމެވެ. ޝަކުވާގެ ނަޒަރުން އޭނާއަށް ބަލަން ހުރިއިރު އަހަރެންގެ ދެލޯ ފެންކަޅިވެ، މަޑުމަޑުން ފުސްވަމުން ދިޔައެވެ. ކޯތާފަތް މައްޗަށް ކަރުނަތައް އޮހިގަތް އިރުވެސް އަރޫން ފާޑަކަށް އަހަންނާ ދިމާ ބަލަން ހުއްޓެވެ. އަހަރެން މި ދެރަވަނީ ކީއްވެ ހެއްޔެވެ؟ ރާޖް ސާރ އާއި ޝާކިން އަތުލައިގަނެވުމުން އަހަރެން ވާންވީ އުފަލެއް ނޫން ހެއްޔެވެ؟

އަހަރެން އެ ހުރި ގޮތަށް ހުއްޓާ އަރޫން އަހަރެންގެ ގާތަށް ޖެހިލުމަށްފަހު ދެއަތުން އަހަރެންގެ ދެލޯ ފުހެލައިދިނެވެ.

“ސޯ… ޝުބް އަދިވެސް އޭނަ ދެކެ ލޯބިވޭދޯ؟ އޭނާ އަހަރެމެން ހައްޔަރު ކުރިޔަސް ޝުބް އެހާ ދެރަވޭ ދޯ؟” އަރޫން ފުންނޭވައެއް އެތެރެކޮށްލަމުން އަހާލިއެވެ.

“އަރޫން.. ތި ހީކުރާހާ ފަސޭހައެއް ނޫނޭ އޭނަ ދެކެ ލޯބިވުން ހުއްޓާލާކަށް.. ވަރަށް އުނދަގޫ.. އޭނައާއެކު އެހެން އުޅެން ވަރަށް ވަރަށް އުނދަގޫ.. އެކަމަކު އެޖެންސީއަށްޓަކާ.. މި ގައުމަށްޓަކައޭ އަހަރެން މި ކެތްކުރަނީ.. މި ގައުމަށް ދެރަގޮތެއް ވާން ބޭނުން ނުވާތީއޭ..” އަހަރެން އަޑަށް ބާރުލާފައި ބުނެލީމެވެ. އޭރު އަހަރެން މަސައްކަތްކުރަމުން ދިޔައީ ޝާކިންގެ ޚިޔާލުތަކާ ދުރުވެވޭތޯއެވެ.

“އައި ސީ.. ޝުބް އަށް ވާ ގޮތެއް ބަލައިލަން އަހަރެން ބުނި އެއްޗެއް އަސްލު އެއީ.. އެމީހުން ހައްޔަރެއް ނުކުރެވޭ އަސްލު… ޝުބް ދެރަކުރެވުނު ކަމަށްޓަކާ ސޮރީ ވަރަށް ބޮޑަށް..” އަރޫން ދުރު ބަލާލަމުން ބުނެލިއެވެ. އެމޫނުމައްޗަށް މާޔޫސްކަން ވެރިވެފައިވީތަން އަހަންނަށް ފެނުނެވެ.

“އިޓްސް އޯކޭ.. އެއީ އަރޫން މާފަށް އެދެންވީ ވަރުގެ ކަމެއް ނޫން.. ޝާކިން ހައްޔަރުކުރެވުނަސް ހަގީގަތުގައި އަހަރެން ދެރަވާކަށް ނުޖެހޭ.. އައިމް ސޮރީ..” އަހަރެން މަޑުމަޑުން ބުނެލީމެވެ. އަރޫން ދެތިން ފަހަރަކު މޫނުގައި ފިރުމާލަމުން ހަމަޖެހޭގޮތް ދައްކަން މަސައްކަތްކުރިއެވެ.

“ދެން ޝުބް ކޮން އިރަކުންތަ އެޖެންސީއާ ފުލްކޮށް ގުޅޭނީ؟ މިހާރު 18 ވެސް ވެއްޖެއްނު؟” އަރޫން މައުޟޫ ބަދަލުކޮށްލަމުން އަހާލީ ތުންފަތަށް ހިނިތުންވުމެއް ގެނުވަން މަސައްކަތްކުރަމުންނެވެ.

“ނޭނގެ އަދި.. ފެމެލީ އެއްބަސްވާނެކަމެއް ވެސް ނޭނގެ.. އެގްޒާމް ދުވަސްކޮޅު އަންނާތީ އަހަރެން މިހާރު މިއުޅެނީ މިދުވަސްކޮޅަށް އާރިފް ސާރ ގާތު ބުނެގެން ޗުއްޓީއެއް ނަގަން.. މި ނަތީޖާ ރަނގަޅުކުރަން އަހަރެން ބޭނުން.. ސާރ ވެސް އެއްބަސްވާނެހެން ހީވަނީ.. އެއީ ކުރިންވެސް އަހަރެން ސާރ ގާތު ބުނެފައި އިންނާނީ ޓެސްޓު ދުވަސްކޮޅާ ދިމާކޮށް ފްރީކޮށްދޭންވާނޭ..” އަހަރެން ބުނެލީމެވެ. ހަޤީޤަތުގައިވެސް އަހަރެން ހުރީ އެޖެންސީގެ ކަންތަކުން ބްރޭކްއެއް ނަގަން ބޭނުންވެފައެވެ.

“އޯކޭ..” އަރޫން މަޑުމަޑުން ބުނެލިއެވެ. އޭނާ އެހެން ބުނިއިރު ކުރިން އެއަޑުގައި ހުންނަ އުފާވެރިކަން ނެތްކަން އަހަންނަށް ފާހަގަކުރެވުނެވެ. އަހަރެން ސުވާލުގެ ނަޒަރުން އޭނާއާ ދިމާއަށް ބަލާލީމެވެ. ނަމަވެސް ކިހިނެއްވީތޯ އަހާލާނެ ހިތްވަރެއް ނުލިބުނީ ކީއްވެކަމެއް ނޭނގުނެވެ.

އެރޭ ގެއަށް ދިޔަގޮތަށް އަހަރެން ނިދީއެވެ. ހުރިހާ ޚިޔާލުތަކާ ފިކުރުތަކާ ދުރުވެވޭނެ ވަގުތަކީ ނިދާ ވަގުތު ކަމުގައި ވާތީ އަހަރެން ހުރީ އެކަމަށް ނުހަނު ބޭނުންވެސް ވެފައެވެ.

** **

ފޯނު ވައިބުރޭޓްވާ ކަމުގެ އިހުސާސްވުމުން އަހަރެން ކަންނެތް ގޮތަކަށް ދެލޯ ހުޅުވާލީމެވެ. އޭރު ކޮޓަރީގެ ކުޑަދޮރުން އިރުގެ ރަންދޯދިތައް އެޅިފައިވިއެވެ. ފޯނު ބަލާލިއިރު އައިސްފައި އޮތީ އުފަންދުވަހުގެ ތަހުނިޔާ ކިޔާފައި އޮތް ޝާކިންގެ ލޯބި މެސެޖެކެވެ. ފުން ހިނިތުންވުމަކާއެކު އަހަރެން އެ މެސެޖު ކިޔަން ހުރިއިރު ރޭގައިވީ އެއްވެސް ކަމެއްގެ މަތިން ހަނދާން ނެތް ކަހަލައެވެ. މެސެޖަށް ރިޕްލައިއެއް ކޮށްލުމަށްފަހު އަަހަރެން އަނެއްކާވެސް އޮތީއެވެ. ދެއަތުން މަޑު ބާލީހުގައި ބައްދާލައިގެން އޮވެ ސީލިންގުގައި ހަރުކޮށްފައިވާ ފަންކާ ބުރު ހަމަކުރަމުން ދިޔަތަން ބަލަން އަހަންނަށް އޮވެވުނެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ބޮލުގައި ރިހުމެއް އުފެދިފައިވިއެވެ.

އަހަރެން ފާހާނާއަށްވަދެ މޫނު ދޮވެ ހަދައިގެން ކޮޓަރިއަށް އައިއިރު ގޭތެރޭގައި އަޑުގަދަކޮށްލައިގެން އުޅޭކަން ފާހަގަވިއެވެ. އަނެއްކާ މިގަޑީގައި ގޭތެރެއަށް އައިސްގެން އުޅެނީ ކޮންބައެއްބާއޭ ހިތަށް އެރި ވަގުތު އަހަންނަށް އިވުނީ ބައްޕަ ވާހަކަ ދެއްކި އަޑެވެ. އެއާއެކު އަހަރެންގެ މޫނު ކުއްލިއަކަށް އުޖާލާވިއެވެ. އިއްޔެ އަހަރެންގެ މަންމަ ބައްޕަ މިޔަދު އަންނަ ވާހަކަ ބުނިކަން ހަނދާންވީ އަދިކިރިޔާއެވެ. އަވަސް އަވަހަށް ބޮލުގައި ފުނާ އަޅައި ރީތިވެލައިގެން އަހަރެން ކޮޓަރިން ބޭރަށް ނިކުތީމެވެ.

“ނޫން! ތީ އެއްވެސް އިންސާފެއް ނޫން! ޝުބާއަށް އެކަނި ކޮޓަރިއެއް އެބަހުރި އެކަމު އަހަންނަކަށް ނެތް؟ ގޭގަ ތަން ނެތް އިރު ކީއްކުރަން ގެނައި މީހެއްތަ ދެން؟” އަހަންނަށް ފުރަތަމަވެސް ފެނުނީ ދޮންބެ ނުރުހިފައި ވާހަކަ ދައްކަމުން ދިޔަ މަންޒަރެވެ. ވާނުވާ ނޭނގި ހުރެ އަހަރެން ގޭތެރެއަށް ރަނގަޅަށް ނަޒަރު ހިންގާލީމެވެ. ސޯފާގައި ބައްޕަ އިންއިރު ބައްޕަގެ ކައިރީގައި ޒުވާން ފުރައިގެ ފިރިހެން ކުއްޖެން އިންތަން އަހަންނަށް ފެނުނެވެ. ބަލާބެލުމަށް ހީވަނީ 19 ނުވަތަ 20 އަހަރު ވެދާނެހެންނެވެ. ނެވީ ބްލޫ ކުލައިގެ ހުޑީއެއް ލައިގެން ހުރިއިރު އޭނާގެ ނަޒަރު ދޮންބެއަށް ހުއްޓިފައިވިއެވެ. އެ ކަޅުކަން ގަދަ ދެލޮލުން އެއްވެސް އަސަރެއް ފާޅުވާން ނެތް ނަމަވެސް އެ ތުންފަތް މަތީގައި ލުއި ހިނިތުންވުމެއްވިއެވެ. ކަޅު ކުލައިގެ ފަން އިސްތަށިގަނޑުން ބައެއް ނިތްކުރި މައްޗަށް ވައްޓާލެވިފައިވިއެވެ. ހަމުގެ ކުލަ ދޮންވެފައި އަޅައިގަންނަ ކަހަލަ ގޮތެއް ހުރެއެވެ. އަނެއްކާ މިއީ މިގޭގައި ހުންނަން އައި މީހެއް ހެއްޔެވެ؟

“އަނހާ.. ދަރިފުޅާ ޝުބާ! އާދެބަލަ މިކޮޅަށް..” ބައްޕައަށް އަހަރެން ފެނުމުން ގޮވާލިއެވެ. މަޑު ހިނގުމެއްގައި ގޮސް އަހަރެން ބައްޕަގެ އަނެއްފަރާތުގައި އިށީނީމެވެ. އަދި އެއްކަލަ ޒުވާނާއަށް ވަށްކަޅިން ބަލާލީމެވެ.

“ދަރިފުޅާ.. މީ ރޫޝިން.. މީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެެއްގެ ދަރިއެކޭ.. މިރަށުގައި ހުންނަ ކޮލެޖަށް ވަންނަން ވެގެން އޭނާ އެއައީ.. ދެން ބައްޕަ ބުނީ މިގޭގައި ހުރެވިދާނެއޭ.. ޝިބާން އާ ދެމީހުން އެއް ކޮޓަރިއެއްގައި ހަމަ ހުރެވޭނެއްނު ދޯ ދަރިފުޅާ؟ އެކަމަކު ޝިބާން އެއްބަހެއް ނުވޭ ވިއްޔަ..” އަހަރެން ރޫޝިންއަށް ބަލާކަން ފާހަވެގެން ބައްޕަ ބުނެލިއެވެ. އަހަރެން ވަގުތުން ބަލާލީ ދޮންބެ، ޝިބާންއާ ދިމާއަށެވެ. ދެބުމަ ގޮށް ޖަހައިގެން އޭނާގެ ކޮޓަރި ދޮރުމަތީގައި ދޮންބެ ހުރިގޮތުން އަހަންނަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ދޮންބެ ވެސް ދެން މެހެމާނުން ކުރިމަތީގައި އުޅޭ ވައްތަރު ވިއްޔާއެވެ.

“ޝިބާން ދެން ތި ރުޅިގަނޑު މައިތިރިކޮށްފަ ރޫޝިންގެ ފޮށިތައް ކޮޓަރިއަށް ވައްދަދީބަލަ.. ތިހެން އުޅޭކަށް ނުވާނެއެއްނު؟ ރޫޝިން އައީމަ ޝިބާންއަށް އާ އެކުވެރިޔަކުވެސް ލިބުނީއެއްނު؟ ދެކުދިން ދާނީ އެއްކޮލެޖަކަށް.. ދެން ކިހާ ފަސޭހަވާނެތަ؟” ބައްޕަ އެހެން ބުނުމުން ދޮންބެ ދެއަތް މުއްކަވާލި މަންޒަރު އަހަންނަށް ރީތިކޮށް ފެނުނެވެ. އޭނާ ފިޔަވަޅުތަކަށް ބާރުލަމުން ހިނގާފައިގޮސް ރޫޝިންގެ ކައިރީގައި ހުރި ފޮށި ހިފައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

“ރޫޝިން ވެސް ދެން ދޭ ފެންވަރައި ހަދައިގެން އަރާމުކޮށްލަން..” ބައްޕަ ރޫޝިންއަށް ބަލާލަމުން އެހެން ބުނުމުން އޭނާ ވެސް މަޑުމަޑުން ދޮންބެގެ ފަހަތުން ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ.

“ކޮބާ ބައްޕަ އަހަންނަށް ގެނައި ހަދިޔާ؟” ރޫޝިން ދިޔުމުން ތުންކޮޅު އޫކޮށްފައި އަހަރެން ބައްޕަ ގާތު އަހާލީމެވެ. ކިތަންމެ ބޮޑު ވިޔަސް އަހަރެން ބައްޕަ ގާތު އުޅެނީ ކުޑަކުއްޖެއް ހެންނެވެ. ބައްޕަވެސް އަހަންނާމެދު ކަންތައް ކޮށްދޭނީ ވަރަށް ލޯބިންނެވެ.

“އޮންނާނޭ… ހިނގާބަލަ ބަލަން ދޯ؟..” އަހަރެންގެ ކޮލުގައި ހިފާލުމަށްފަހު ފޮށި ހުޅުވަމުން ބައްޕަ ލޯތްބާއެކު ބުނެލިއެވެ.

** **

ހަވީރުގެ ހިތްގައިމު ވަގުތު ގޯތިތެރޭގައި މަންމަ ހައްދާފައިވާ ފިނިފެންމާތަކަށް އިރުގެ ދޯދިތައް އެޅިފައިވާ ގޮތުން ވަރަށް ވެސް ހިތްގައިމެވެ. އެ ހިސާބުގަނޑުގައި ހުވަނދުމަލުގެ މީރުވަސް ފެތުރިފައިވީއިރު އެކަމުގެ ސަބަބުން އަހަރެންގެ ސިކުނޑި ތާޒާވެގެން ދިޔައެވެ. ގޯތިތެރޭގައިވާ ޖޯލިފަތީގައި އަހަރެން އިނީ ހިތްހަމަޖައްސާލުމުގެ ބޭނުމުގައެވެ. ހަވީރުގެ ވަގުތަކީ އާންމު ގޮތެއްގައި އަހަރެން ޝާކިންއާ ބައްދަލުކުރަންދާ ވުގުތުކަމުން އިރުއިރުކޮޅާ ޝާކިންގެ ހަނދާންތައް އާވަމުން ދިޔައެވެ.

“އެދެމޭ ކަލާޔާ ގާތުގާ ވުމަށް، ފެންނާތީ ޔާރާގެ މޫން..

ތެދެކޭ ތިއީއޭ ހުވަފެނުގެ ރާނީ، ފެނުނީއެ ޖާދޫވި މޫން..”

ގިޓާގެ ލުއި ލުއި މިޔުޒިކާއެކު ކުއްލިއަކަށް އިވެން ފެށި ހިތްގައިމު ލަވައިގެ އަޑާއެކު އަހަންނަށް ދެބުމަ ކައިރިކޮށްލަމުން އެކި ފަރާތް ފަރާތް ހޯދާލެވުނެވެ. އަޑު އަންނަނީ ގޯތިތެރޭގެ ބިއްދޮށް ފަރާތުގައި ހަދާފައި ހުންނަ އުނދޯލިގެއިންކަމުން އަހަރެން އެދިމާއަށް ދާން ހިނގައިގަތީ ހައިރާންވެހުރެއެވެ. މިގަޑީގައި އެތަނުގައި އުޅެނީ ކާކުބާއޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ.

“ފަރި ހިނގުމެއްގައި މިތުރާ ދާއިރު، ފަރިމިތުރާ އުފަލުން ދާއިރު..

މަރިޔާދު ހިނގުން ހިތް ކަތިލާވަރު ހައިރާންވޭ..”

އެ އަސަރުގަދަ އަޑުގެ ވެރިޔަކީ ކާކުތޯ ބަލާހިތުން ކެތްމަދުވެފައި ހުރެ އަހަރެން ގޮސް އުނދޯލިގޭގެ ވަށައިގެން ރާނާފައިވާ ކުޑަ ފާރުކޮޅުގެ ކައިރީގައި މަޑުކޮށްލީމެވެ. އޭރު އެލުވާފައިވާ ބޮޑު އުނދޯލީގައި ގިޓައެއް ހިފައިގެން އިން ރޫޝިން ފެނި އަހަންނަށް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އޭނާއަށް އަހަންނާ ދިމާއަށް ބަލާލެވުނީވެސް އެވަގުތެވެ. އޭނާ ކިތަންމެ ފޮރުވަން އުޅުނަސް އެދެލޮލުގައިވާ ކަރުނަތައް އަހަންނަކަށް ސިއްރެއް ނުވިއެވެ. ގިޓާ ކުޅުން ހުއްޓާލުމަށްފަހު އޭނާ އަަވަސް އަވަހަށް ލައިގެން ހުރި ކަޅުކުލައިގެ އަތްދިގު ޓީޝާޓުގެ އަތުން ދެލޯ ފުހެލިއެވެ. އަދި އަހަންނާ ދިމާ ބަލާލަމުން ހީލިއެެވެ.

އަހަރެން މަޑު ހިނގުމެއްގައި ގޮސް އުނދޯލިގެއަށް ވަނީމެވެ. އަދި ރޫޝިން ގެ ގާތުގައި ގޮސް އިށީނީމެވެ.

“ރޫޝިން ގިޓާ ވެސް ކުޅެންތަ؟” އަހަރެން އަހާލީމެވެ. އޭނާ ހީލަމުން ބޯ ޖަހާލިއެވެ.

“ވަރަށް ސަޅި ލަވަކިޔާލެއް ވެސް..” އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.

“ތޭންކްސް.. ބެރުވެސް ޖަހައި އުޅެން.. ބޮޑުބެރު ގުރޫޕެއްގައޭ އަހަރެން އުޅެނީ..” ރޫޝިން ހީލަމުން ބުނެލިއެވެ.

“އެހެންދޯ؟” އަހަރެން ބުނެލީމެވެ. ދައްކާނެ އިތުރު ވާހަކައެއް ހިތަށް ނައުމުން ދެން އަހަރެމެން ދެމީހުންގެ ދެމެދަށް ވެރިވީ ހަމަހިމޭންކަމެވެ. އުނދޯލި މަޑުމަޑުން ހެއްލެމުން ދިޔައަޑު މަޑުމަޑުން އެ ހަމަހިމޭންކަން ފޫ ދުއްވަމުން ދިޔައެވެ.

“ދޮންބެ ކިޔާ އެއްޗަކަށް އަޅާ ނުލައްޗޭ.. ދޮންބެގެ ވައްތަރު އެއީ..” މިޔަދު ހެނދުނު ދޮންބެ ކަންތައް ކުރި ގޮތް ހިތަށް ސިފަވުމުން އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.

“ހެހެ.. ޔެއާރ… އޭނަ އެއްވެސް ވަރަކަށް އަހަންނަކާ ވާހަކައެއް ނުދައްކަ..” ރޫޝިން ކުޑަކޮށް ހީލަމުން ބުނެލިއެވެ.

“ރޫޝިންގެ އޭޖް؟” އަހަރެން އަހާލީމެވެ.

“ޓްވެންޓީ.. ޝުބީގެ އުމުރޯ؟” ރޫޝިން އަހަންނަށް ‘ޝުބީ’ އޭ ކިޔައި މުޚާތަބުކުރުމުން އަހަރެން ފާޑަކަށް އޭނާއަށް ބަލާލީމެވެ.

“އައި މީން.. އޯކޭތަ ޝުބީ ކިޔަސް.. ހިތްހަމަ ނުޖެހެންޏަކާ ނުކިޔާނަން..” ރޫޝިން ތަންކޮޅެއް ޖެހިލުންވެފައި ބުނެލިއެވެ.

“އޯކޭ ކިޔަސް.. އެންޑް އައި އޭމް 18.. މިޔަދު 18 ފުރުނީ ވެސް..” އަހަރެން ހިނިގަނޑެއް ޖަހާލަމުން ބުނެލީމެވެ. ރޫޝިންވެސް ހީލިއެވެ.

“އުފާވެރި އުފަންދުވަހަކަށް އެދެން..” އޭނާ ބުނެލިއެވެ. އަދި އަނެއްކާވެސް ގިޓާގެ ނަރުތަކާ ކުޅެން ފެށިއެވެ. މަޑުމަޑު ރާގެއް ކުޅެމުން ދިޔުމާއެކު އަހަންނަށް ދެލޯ މަރާލެވުނެވެ.

“ބޭނުމީ މަޖާކޮށްލާށޭ، ބޭނުމީ އުފާކޮށްލާށޭ..

މީ ނަޔާ އުފަންވީޑޭ މީ ކިޔައިދޭ ރާގެކޭ…

ހެޕީ ބާތްޑޭ ޓޫ ޔޫ.. ހެޕީ ބާތް ޑޭ ޓޫ ޔޫ..

ހެޕީ ބާތް ޑޭ މީ އުފާވާ، ހެޕީ ބާތް ޑޭ ޓޫ ޔޫ..”

ރޫޝިން ކިޔަންފެށި ލަވަޔަކުން އަހަންނަށް ހިނިތުންވެލެވުނީ އިޚްތިޔާރަކާ ނުލައެވެ. އޭނާ ލަވަ ކިޔަމުން ދިޔައިރު ހެވިފައި އިނދެ އަހަރެން އޭނާގެ ހަރަކާތްތަކަށް ބަލަމުން ދިޔައީމެވެ. ލަވަ ނިމުމާއެކު އަހަރެން ކުޑަކުއްޖެއް ފަދައިން އަތްބަޑި ޖަހަން ފެށުމުން އޭނާ ހިނިގަނޑެއް ޖަހާލިއެވެ.

“ތޭންކްސް ރޫޝިން..” އަހަރެން ބުނެލީމެވެ.

“ޝިން ކިޔާބަ.. އަހަަރެންގެ ހުރިހާ އެކުވެރިންވެސް ކިޔަނީ އެހެން..” ރޫޝިން އޭނާގެ އިސްތަށިގަނޑުގައި އަތް ހާކާލަމުން ބުނެލިއެވެ.

“އެހެންތަ؟ އެހެންވިއްޔާ އަހަރެންވެސް ކިޔާނީ ޝިން..” އަހަރެން ބުނެލީމެވެ. ރޫޝިންއާ ވާހަކަ ދައްކާ ހެދުންވީ އަހަރެން ހީކުރިވަރަަށް ވުރެ ފަސޭހަ ކަމަކަށެވެ. ހީކުރިވަރަށްވުރެ އޭނާ މީހުންނާ އެކުވެރިވާލެއް އަވަސްކަން އަހަންނަށް ފާހަގަވިއެވެ.

“އަހަންނަށް ރޫޝިން ކިޔަސް ވަރަށް ގިނަ އަންހެންކުދިން ބުނޭ އަހަރެން ވައްތަރީ ‘ހާޓްސްރިންގްސް’ ގަ އުޅޭ ލީ ޝިން އާއޭ..” ރޫޝިން ހީލަމުން ބުނެލިއެވެ. އަހަރެން ނިތްކުރިއަށް ރުލެއް އަރުވާލަމުން ރޫޝިންގެ މޫނަށް ތަންކޮޅެއް ކައިރިން ބަލާލީމެވެ. ތެދެކެވެ. ކޮރެއަން ޑްރާމާ އެއް ކަމުގައިވާ ‘ހާޓްސްޓްރިންގްސް’ ގަ އުޅޭ ލީ ޝިން އާ ވައްތަރު ގޮތެއް އޭނާގެ އެބަހުއްޓެވެ. ލީ ޝިން ހާ ދޮން ނުވިޔަސް ރޫޝިންގެ ހަންގަނޑުވެސް ވަކި ކަޅެއް ނޫނެވެ. ފަން އިސްތަށިގަނޑުން ބައެއް ނިތްކުރިމައްޗަށް ވެއްޓާލެވިފައިވީއިރު އެ ހީލުންވެސް ލީ ޝިންއާ ނުލާހިކު ވައްތަރެވެ.

” އޭ އަސްލުވެސް ވައްތަރޭ އިނގޭ..” އަހަރެން ހީލަމުން ބުނެލީ އެއީ ތެދަކަށް ވާތީއެވެ.

“އަދި އޭނަ ގޮތަށް ގިޓާއެއްވެސް ހިފައިގެންނޭ ދޯ ތިއުޅެނީ؟ ދެން ވައްތަރުވާނެއްނު؟” އަހަރެން ބުނެލީމެވެ.

“ނޫން.. އޭނައާ ވައްތަރު ވާންވެގެން ގެންގުޅޭ ގިޓާއެއް ނޫން މިއީކީ.. ބައްޕަ ދިން އެއްޗެއް މީ.. އެހެންވެ އަބަދު ހިފައިގެން އުޅެވެނީ.. ބައްޕަގެ އެންމެ ފަހުގެ ހަނދާން..” ރޫޝިން އެހެން ބުނިއިރު އެމޫނުމަތިން ހިތާމައިގެ އަސަރު ފާޅުވާން ހުއްޓެވެ. އަނެއްކާ އޭނާގެ ބައްޕަ މި ދުނިޔޭގައި ނެތީ ހެއްޔެވެ؟

“އޯ.. ޝިންގެ ބައްޕަ ދުނިޔޭގަ ނެތީތަ؟ އައިމް ސޮރީ..” އަހަރެން ދެރަވެފައި ބުނެލީމެވެ. އެއާއެކު އޭނާ އަނެއްކާވެސް އޭނާ ހިތާމަވެރިކަން ފޮރުވަމުން ހިނިތުންވެލިއެވެ.

“އިޓްސް އޯކޭ…” އޭނާ މަޑުމަޑުން ބުނެލިއެވެ. އިރުކޮޅަކުން މަޣުރިބު ނަމާދު ބަންގީގެ އަޑު ފަޒާގައި ގުގުމާލިއެވެ. ބަންގި ނިމެންދެން ރޫޝިން އެއްޗެކޭ ނުބުނެ ހިމޭނުން އިނެވެ.

“މި ގިޓާ ގެންގޮސް ގެއަށް ލައިދީބަލަ އިނގޭ.. އަހަރެން މިދަނީ މިސްކިތައް..” އަހަރެންނަށް ގިޓާ ދިއްކޮށްލަމުން ރޫޝިން ބުނެލިއެވެ. އަހަރެން ބޯ ޖަހާލަމުން އޭގައި ހިފީމެވެ. ހީކުރިވަރަށް ވުރެ އޭތި ބަރެވެ. އެއަށްފަހު ރޫޝިން ތެދުވެގެން ގޮސް ގޭ ދޮރާށިން ބޭރަށް ނިކުންނަންދެން އަހަރެން އެތާ އިނީމެވެ.

އަހަރެން ރޫޝިންގެ ގިޓާގެ ނަރުތަކާ ކުޑަކޮށް ކުޅެލީމެވެ. އަޅި ކުލައިގައިވާ އެ ގިޓާގެ ފުރަގަހުގައި ކަނޑައި ނަގައިގެން ލިޔެފައިވާ ލިޔުންގަނޑެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ނިއްކުރިއަށް ދެތިން ރޫ އަރުވާލަމުން އަހަރެން އެ ކިޔަން މަސައްކަތް ކުރީމެވެ.

“އޭ. ޓީ. ޑީ. ޕީ. 7؟” އަހަރެން އޭގައިވާ އަކުރުތައް ވަކިވަކިން ކިޔާލީމެވެ. އެއީ ކޯއްޗެއްކަން ނޭނގުމުން އަހަރެން ދެކޮނޑު އަރުވާލުމަށްފަހު ގިޓާ ހިފައިގެން ގޭތެރެއަށް ވަންނަން ހިނގައިގަތީމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (14)

  1. Liaa

    hii guys .. hope u like this part too…
    Next part up kuraanan asap

    1. Liaa
      Liaa

      And March 12 ah 100 parts hama kurun eiy kujjaku dheefa in hiyaaleh… And Liaa masaikaiy kuraanan March 12 ah 100 eps hama kureveythw… i cant promise… But i ll try <3

  2. 404 Error!

    wow salhi ?? 100 parts indhey tha mi story ga??

    1. Liaa
      404 Error!

      404 Error… Ur mistaken… Liaa mihaathanah liyunu hurihaa ep ekkollaigen 100 parts hama kuraa vaahaka mi bunii… Now innaanee 93 ep total Liaa up koffa.. 7 more episodes to go..

  3. Lillyanne

    Varah interesting vaahakaeh
    Avahah up kohdheyne kamah unmeedhu kuran

  4. Lovely girl

    Like it I love it

  5. Naa

    Asap ge meaning bunela dhyba… Plx..

    1. mimi
      Naa

      As soon as possible

  6. Mary-Anne

    ATDP 7
    hm
    aneh kaahen secret agencey eh tha

  7. Prettiest

    Ei shaakin ge kokko kanneyge. Name vas kihaa vahtharu. Shaakin.. Raashin

  8. Naa

    Thanks mimi..

  9. Musli

    93 ap up kuree ey… mivaahakaigetha hama.. noonee liyefa huri hurihaa vaahakaeh ekkohlaigentha

    1. Eleesha
      Musli

      Ajaibeh.. Eyothy bunefa dhoa liyefa oie hurihaa vaahaka akun ey.

  10. Shuba

    Koba haadha lahey dhw up vaan…dhn kn irakun baa up vaany.

Comments are closed.