ހިތް ނުރޮއްވާ… (14)
…………..ރިހާމެން ދާ ތަން ބަލަން ހުރެފަ އެތަނުން އެކަކު ބުންޏެވެ. “އޭ ބްރޯ، ކިހިނެތް ތިހެދީ؟ އެމަންޖެ އެދިޔައީ އަހަރެމެންގެ ފޮޓޯވެސް ނަގާފަ.” އެވަގުތު އެތަނުން އެކަކު ކަމަށްވާ މިހާދު ބުންޏެވެ. “ހާސް ނުވޭ… އަދި އެ މަންޖެއަށް ރަނގަޅު ލަނޑެއް ދޭނަން. ހިތުން ފިލުވާ ނުލެވޭނެ ވަރުގެ ހަދިޔާއެއް ދޭނަން” އެހެން ބުނުމަށް ފަހު ނުލަފާ ގޮތަކަށް މިހާދު ހީލިއެވެ. އޭނާގެ ކައިރީ ތިބި ދެމިހުން ކަމަށްވާ ހުޝާމާއި ހާނިމް ވެސް އެގޮތަށް ހީލިއެވެ.
ގެއަށް އާދެވުމާއިއެކު ކާރު ޕާކް ކޮށްލުމަށް ފަހު ރިހާ ކާރުން ފައިބާ ބާރުބާރަށް ކާރުގެ ދޮރު ޖެހުމަށް ފަހު ގޭތެރެއަށް ވަނުމަށް ހިނގައިގަތެވެ. ރިހާގެ އެ އަމަލުން ވެ ދިޔަ ކަންތަކާ ރިހާ ހިތްހަމަ ނުޖެހިފަ ހުރިވަރު ރިހާއާއި އެކު އައި ޒީޝާން އާއި މާހީއަށް ހާމަވިއެވެ. ހިތްހަމަ ނުޖެހިފަ ހުރީ ރިހާ އެކަންޏެއް ނޫނެވެ. މިހާދުމެން ރިހާއާއި ދިމާ ކޮށްލި ގޮތުން ޒީޝާންވެސް ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އަދި ވެ ދިޔަ ކަންތަކާ މާހީ ހުރީ ދެރަވެ ލަދުގަނެފައެވެ. ދެރަވީ މާހީގެ ސަބަބުން ރިހާއަށް އެފަދަ ދަށުދަރަޖައިގެ ބޭއަދަބީ ބަސްތަކެއް އަމާޒުވުމުންނެވެ. މާހީ ލަދުގަތީ މިއަދު މާހީގެ ސަލާމަތަށް އައީ މިއޮށްހާ ދުވަހު އެމީހަކަށް މަލާމާތް ކޮށް ނަފްރަތުކުރި އަދި އެމީހަކަށް އަބަދުވެސް ދެރަގޮތް ވުމަށް އެދިއެދި ހުރި މީހާ ކަމަށް ވުމުންނެވެ.
“ރިހާ” ސިޓިންގ ރޫމްގެ ބޮޑު ހޯލް ހުރަސްކޮށް ސިޑިން މައްޗަށް އަރަން ދިޔަ ރިހާއަށް ހުއްޓުމެއް ގެނުވީ ނަސީމާގެ ހަރުކަށި އަޑުންނެވެ. ނަސީމާގެ އަޑުއިވުމުން ރިހާގެ ރުޅި މަޑުވިނަމަވެސް އެވަގުތު ރިހާވީ ފޫއްސެވެ. ނަސީމާއާއި ދިމާލަށް މަޑުމަޑުން ފަރުވާކުޑް ފޫހި ގޮތަކަށް އެނބުރިލަމުން ފަރުވާކުޑަ އަދި ފޫހިވެފަ ހުރި ފަދަ ރާގެއްގައި ރިހާ ނަސީމާއަށް ބުންޏެވެ. “ކިހިނެއްވީ؟ މިހާރު އަހަންނަށް ކޮންފަދަ މޮޅުކަމެއް ކުރެވުނީ؟” ރިހާގެ އެ ފަރުވާކުޑަކަމުން އަދި ވާހަކަ ދެއްކި އިރު ހުރި ޖެއްސުމުގެ ގޮތުން ނަސީމާއަށް ހީވީ މީހަކު ނަސީމާގެ މޫނުމަތީގައި ބާރު އެތިފަހަރެއް ޖެހިހެންނެވެ. ވާނީވެސް އެހެންތާއެވެ. ނަސީމާ ކޮންމެ ގޮތަކަށް ރިހާއާއި ވާހަކަ ދެއްކި ނަމަވެސް މިފަދަ ގޮތަކަށް ރިހާ ނަސީމާއާއި ވާހަކަ ދެއްކި މީ ފުރަތަމަ ފަހަރެވެ. ރިހާގެ އެއަމަލުން ހައިރާންވެ ބަސްހުއްޓުނީ ހަމައެކަނި ނަސީމާއެއް ނޫނެވެ. ސޯފާގައި ޒުބޭރުގެ ޢާއިލާ އާއިއެކު ވާހަކަ ދައްކާލަން އިން ނަސީރަށްވެސް ބޭއިޙްތިޔާރުގައި ކޮޅަށް ތެދުވެވުނީ ހަމަ ރިހާގެ ސަބަބުންނެވެ.
“ލަދުކުޑަ ކުއްޖާ!” ރިހާ ވާހަކަ ދެއްކި ގޮތުން ނަސީމާގެ ރުޅިގަނޑު ދެގުނަ އިތުރުވި ކަހަލައެވެ. “ތީތަ މިހާރު ރިހާ ބޮޑެތި މީހުންނާއި ވާހަކަ ދައްކާ ގޮތަކީ؟ ތީތަ އަހަރެން ދިން ތަރުބިޔަތަކީ؟” ނަސީމާ ރުޅިވެރިކަމާއެކު ވާހަކަ ދައްކަމުން ދިޔަނަމަވެސް އަޑު ހުރީ އާދައިގެ ވަރަކަށް މަޑުންނެވެ. ޒުބޭރުމެން އޭރު އެތާ ތިބުމުން ކަމަށްވެސް ވެދާނެއެވެ. އަނެއްކޮޅުން ރިހާ ހުރީ ކަހާތަން ހިރުވާވެސް ނުލާ ހަށަން ބަދެލައިން އަޅާލުން ކުޑަ ގޮތަކަށް ނަސީމާއަށް ބަލާށެވެ. ހީވާ ކަހަލައެވެ. ރިހާ އެއް ކަންފަތުން ނަސީމާގެ ވާހަކަތަށް އަޑުއަހާފަ އަނެއް ކަންފަތުން އެވާހަކަތައް ނެރެލަނީއެވެ. “މިހާރު ރިހާއާ ހެދި އަހަރެންނަށް މިތާ ގޭގަ އިންނަންވެސް އުނދަގު. އެހެންނު ވާނީ، އެކި މީހުން އެކި ފަހަރު ގުޅާފަ އެ ބުނަނީ ނަސީމާ ގޯތި ރިހާ އެވެނި މިއަނި މީހެއް ގައިގަ ތަޅައިގެންފިއޭ… ކިހާ ދެރަކަމެއް ދެންމި. އަދި އެވަރުން ނުފުދިގެން އައިސް އަހަރެންނާ ދިމާއަށް ހަޅޭތިލަވަނީ، ބަލަ މީ ރިހާގެ މަންމަ އޭ. ބަނޑުއަޅާ ވިހޭ މައިމީހާ…” ނަސީމާ އެހިސާބަށް ބުނި އިރު ވެގެން އުޅޭ ގޮތް ރިހާގެ އިތުރުން ރިހާގެ ފަހަތުން ވަދެގެން އައި މާހީއާއި ޒީޝާނަށްވެސް އެނގުނެވެ. ކޮންމެވެސް މީހަކު ނަސީމާގާތު ދެންމެ ވެދިޔަ ކަންތަކުގެ ވާހަކަ ދެއްކީއެވެ.
“މަންމާ…” ނަސީމާގެ ކުށްހީ ދުރުކޮށްދީ ކަންހިނގާދިޔަ ގޮތް ކިޔައިދިނުމަށް އަނގަ ހުޅުވާލި މާހީގެ ޖުމްލަ މެދުކަނޑާލަން ޖެހުނީ ރިހާ ކުއްލިއަކަށް ބުނެލި ދެތިން ޖުމްލައިންނެވެ. “އުފާވެއްޖެ… އުފާވެއްޖެ ތީ އަހަރެންގެ މަންމަކަން ހަނދާން ހުންނަކަން އެނގުނީތީ” ރިހާ އެހެން ބުނި އިރު އެ އަޑުން މަޑުރިހުމެއްފާޅުވިއެވެ. އަދި ތުންފަތަށް ހިތްދަތި ހިނިތުންވުމެއް ވެރިކުރުވިއެވެ. ރިހާގެ އެ ޖުމްލައިން އެތާ ތިބި އެންމެނަށްހެން ރިހާގެ ހިތުގެ ހާލު ކޮންމެވެސް ވަރަކަށް ބަޔާންވެގެން ދިޔައެވެ. ފުރަތަމަ ފަހަރަށް ނަސީމާއަށްވެސް ރިހާގެ ހިތުގައި ރިހުމެއް ވާކަން އެނގުނެވެ. މިއަދު ފުރަތަމަ ފަހަރަށް ރިހާ ނަސީމާގެ ކުރިމަތީގައި އަމިއްލަ ހިތުގަ އަޅަމުން ދިޔަ ވޭނުގެ ކުޑް މިންވަރެއް ހާމަކޮށްލީ އެ ހިތް މައިވަންތަކުގެ ލޮތްބާއި ކުލުނަށް އެދި ރޮމުންދާތާ އެތަށް ދުވަހެއް އަދި އަހަރުތަކަކަށްވެސް ފަހުއެވެ. ނަސީމާއަށް ރިހާގެ އަޑުން ރިހުމެއް ފާހަގަވިނަމަވެސް ރިހާގެ ލޮލުގައިވި އާދޭސް ނަސީމާއަށް ނަގައެއް ނުގަނެވުނެވެ. އެއަށްވުރެ ކުރިން ރިހާ ސިޑިއާއި ދިމާ ފަހަތަށް ފިޔަވަޅު އަޅަން ފަށައިފިއެވެ. އަދި ކުރިން ރިހާގެ އަޑުގައިވި ހިތާމަވެރިގޮތް ކަނޑުވާލަމުން އިތުރަށް ބުނެލިއެވެ. “ދެން ތިބުނީ ޖެހީއޭ، ތަޅައިގަތީއޭ. އެފާޑަށް އުޅެންޏާ ޖަހަންވެސް ޖަހާނަން. އަހަރެން ނޫޅެން މީހަކު އަހަރެންގެ އަބުރާ ބެހެންދެން ބަލަން ހުންނާކަށް. ނޫނީ އެހެން މީހެއްގެވެސް އަބުރާ ބެހޭތަން ބަލަން ހުންނާކަށް. އެމީހަކު ހުއްޓުވަން ޖަހަން ޖެހުނަސް ނޫނީ އެމީހާ މަރާލަން ޖެހުނަސް ވަރިހަމަ.” ރިހާ ދިނީ އިންޒާރެއް ފަދައެވެ. އެއަޑުގައިވި ނުރައްކާތެރިކަމަކުން މުޅިތަނަށް ހަމަހިމޭންކަން ވެރިވެގެންދިޔައެވެ. އެހެން ބުނުމަށް ފަހު ފަހަތަށް ޖެހެމުން ދިޔަ ރިހާ އިތުރަށް އެތާ މަޑުކުރުމެއް ނެތި އެނބުރި ދުވެފަ ކަހަލަ ގޮތަކަށް ވަރަށް ބާރަށް ސިޑިން އަރައިގެން ދިޔައީއެވެ.
ރިހާ ސިޑިން އަރައިގެން ދިޔަ މަންޒަރު ބަލަން ހުއްޓުން އަރާފަ ނަސީމާ ހުއްޓެވެ. ތަނަށް ވެރިވެފައިވި ހަމަހިމޭންކަން ނަގާލީ މާހީގެ އަޑުންނެވެ. “މަންމާ. ކަންތައްވީ މަންމަ ތި ހީކުރާ ގޮތަކަށް ނޫނޭ. އެމީހުން ހަމަ ރީތިކޮށް ތިއްބަ އެއް ނޫނޭ ދޮންތަ ގޮސް އެމީހުން ގައިގަ ޖެހީކީ. އެމީހުން އުޅުނީ…” މާހީ ބުނަން ކިތަންމެ ބޭނުންވި ނަމަވެސް މާހީއަށް ބުނެވޭ ގޮތެއްނުވިއެވެ. މާހީގެ ކުށެއް އެކަމުގައި ނެތްނަމަވެސް އެންމެންގެ ކުރިމަތީގައި އެހެން ބުނަން މާހީއަށް ނުކެރުނީއެވެ. ނަސީމާ ގާތު އެކަނިނަމަ މާހީ ފަހެއްނުޖެހުނީހެވެ. މާހީގެ ޙާލަތު ޒީޝާނަށް ވިސްނުނީ ކަންނޭނގެއެވެ. މާހީ ދައްކަން ފެށި ވާހަކަ ފުރިހަމަ ކޮށްދިނީ ޒީޝާނެވެ.
“އެމީހުން އުޅުނީ މާހީއާއި ބެހެން. މަގުމަތިން ދިމާކޮށްލައިގެން އުޅެނިކޮށް ރިހާއަށް ފެނުނީ. ފުރަތަމަ ރިހާ ގޮސް އުޅުނީ އެއްވެސް ކަމެއްނުކޮށް އަދި އެއްވެސް އެއްޗެކޭ އެމީހުނާއި ދިމާއަށް ނުބުނެ ހަމައެކަނި މާހީ ރިހާއާއި އެކު ގެންނަން. އެކަމު އެމީހުނަށް މަޑުން ނުތިބެވިގެން ރިހާއާއިވެސް ފޮށެން ފެށީ. ސޯ، ޝީ ހިޓް ދެމް. އެންޑް، އަހަރެންނަށް ހީވަނީ ރިހާ އެކަންތައްކުރީ ހަމަ ރަނގަޅަށްހެން.” ކަންވީގޮތް ކިޔައިދީނިމުމުން ޒީޝާންވެސް އިތުރަށް އެތަނުގަ މަޑުނުކޮށް ސިޑިން އަރައިގެން ދިޔައީ ކުޑަކޮށް ހިތްހަމަ ނުޖެހިފަ ހުރުމުންނެވެ. ޒީޝާން ހިތްހަމަނުޖެހުނީ މިއަދު ކަންތައްތައް ވަމުން ދިޔަގޮތުންނެވެ. ފުރަތަމަ ރާޝިދުގެ ކޯލް އައުމުން ރިހާ ކަންތައް ކުރި ގޮތުންނެވެ. އެއަށްފަހު މިހާދުމެން ރިހާއަށް ކުރި ފުރައްސާރައިނެވެ. އަދި ދެންމެ ނަސީމާ ކަންތައްކުރި ގޮތުން ޒީޝާން ހުރީ ހިތްހަމަނުޖެހިފައެވެ. އަދި ޒީޝާން ފުރާނަފަދައިން ލޯބިވާ އަންހެންކުއްޖާގެ ދިރިއުޅުމުގައި ކޮންމެ ދުވަހަކުހެން މިކަހަލަ ކަންކަމާއި ކުރިތިލާންޖެހޭތީ އެކަމާއި ދެރަވެސްވެފައެވެ.
ނަސީމާ ކަންތައް ކުރި ގޮތުން ހިތްހަމަނުޖެހުނީ ހަމައެކަނި ޒީޝާނެއް ނޫނެވެ. ނަސީރުވެސް ހުރީ ކަމުގެ ދެކޮޅުނުބަލަ ނަސީމާ އެގޮތަށް ކަންތައް ކުރުމުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ހަމައެހެންމެ ރިހާގެ ހިތުގައި ޝަކުވާތަކެއް ވާކަން އެނގުމުން އެކަމާއި ދެރަވެސް ވެފައެވެ. ނަމަވެސް ވަގުތާއި ތަނުގެ ގޮތުން ނަސީރު އެއްޗެކޭ ނުބުނެ ހުރީއެވެ. އަނެއްކޮޅުން ނަސީމާ ހުރީ ކަންހިނގާ ދިޔަ ގޮތް އެނގުމުން ދެރަވެފައެވެ. އެއީ ރިހާއަށް އެއަޗެހި ކިއުމުން ނަސީމާ ދެރަވި ފުރަތަމަ ފަހަރު ކަމަށްވެސް ވެދާނެއެވެ. ކޮންމެގޮތެއްވިއަސް މިއަދު ރިހާ އެވަގުތު މާހީ ގާތަށް ނުދިޔަނަމަ ކުރިމަތިލާން ޖެހުނީހީ މާބޮޑު ހިތަމައަކާ ކަމަށް ނަސީމާގެ ހިތް ބުނަމުންދިޔައެވެ.
ރޭގަނޑު އަށެއް ޖަހާއެހާކަންހާއިރެވެ. ރިހާ ހަވީރު ގޮސް ކޮޓަރިއަށް ވަތް ގޮތަށް ނުނިކުމެ އުޅުމަށް ފަހު، ކޮޓަރިން ނުކުމެލީ ފޫހިވެގެންނެވެ. ގޭގަ ކަމެއް ނުކޮށް ހުރެއްޖެ ނަމަ ރިހާގެ ހާލަކީ އެއީއެވެ. ރިހާގެ އެޕާޓްމަންޓް އިންނަ ބައިން ގޭގެ ފުރަތަމަ ފަންގިފިލައަށް ފޭބިއިރުވެސް ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެހެންކަމުން ވަށައިގެން ހޯދަމުން ރިހާ ގޭގެ އެންމެ ތިރީ ބަޔަށް ފޭބިއެވެ. އަދި ހައްވައްތަ އަށް ގޮވާލާފައި ގޭގަ މީހަކު ނެތީތޯ ސުވާލުކޮށްލިއެވެ. ހައްވައްތަ ފަރާތުން އެނގުނު ގޮތުގައި ނަސީތުމެންގެ ދެމަފިރިންނާއި ޒުބޭރުމެންގެ ދެމަފިރިންވީ ބޭރަށް ކާން ގޮހެވެ. އަދި ދެ ޢާއިލާގެ ކުދިންވެސް ގެއިން ނުކުތީ އެކުގަ ކަމަށާއި ބޮޑަށް ހީވަނީ އެމީހުން ދިޔައީ ރަށުތެރޭ ބަލާލާ މަޖާ ކޮށްލުމަށް ދުއްވާލަން ކަމަށްވެސް ހައްވައްތަ ބުންޏެވެ. ރިހާ އެންމެ ރަނގަޅޭ ބުނުމަށްފަހު ހައްވައްތަ ފޮނުވާލިއެވެ. އަދި ސިޓިން ރޫމުން ބޭރަށް ނުކުންނަން ދަމުން ގޮސް އެނބުރި ސިޑިން އަރައިގެން ނަސީރުމެންގެ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހީ ކުއްލިއަކަށް އެއްޗެއް ހަނދާންވީ ފަދަ ގޮތަކަށެވެ.
ރިހާ މަޑުމަޑުން ގޮސް ނަސީރުމެންގެ ކޮޓަރި ދޮރުމައްޗަށް މަޑުކޮށްލިއެވެ. އަދި ތަޅުގަ ހިފާ މަޑުމަޑުން އަނބުރާލިއިރު އެއްވެސް އަޑެއްބަޑެއް ނީއްވަން އުޅުނު ގޮތުންނާއި ފެންނަ ހިސާބުގަ އެއްވެސް މީހަކު ހުރިތޯ ބަލާލިއިރު ހީވަނީ ވަގަކު ވައްކަން ކުރަން ވަންނަން އުޅޭ ހެންނެވެ. ރިހާ މަޑުމަޑުން ދޮރު ހުޅުވާލުމަށް ފަހު ކޮޓަރިއަށް ވަދެ އަލަމާރިއާއި ކަބަޑްތައް ހުރި ދިމާލަށް ދިޔައެވެ. އަދި ފަހަރަކު ދޮރެއް ހުޅުވަމުން އަލަމާރި ތެރެ ހާވަން ފެށިއެވެ. ރިހާ ފަރުވާތެރިކަމާއިއެކު ހުރިހާ ފައިލްތަކަކާއި އެއްޗެހި ބަލަމުން ދިޔައިރު ރިހާގެ ހަރަކާތް އަވަހެވެ. ރިހާ ނަސީރުމެންގެ ކޮޓަރިއަށް ވަތް އިރު ދޮރު ލައްޕާލަން ހަނދާން ނެތުމުން، އެވަގުތު އެ ކޮޓަރި ދޮރުމަތިން ހުރަސްކުރި ޒީޝާނަށް ރިހާ ފެނުނެވެ. ރިހާ އެކިފަހަރު އެކި ކަބަޑް ހާވަމުން ފައިލްތަށް ބަލާތަން ބަލަން ހުރެފަ ޒީޝާން “ރިހާ” އޭ ކިޔާފަ ގޮވާލިއެވެ. ޒީޝާންގެ އަޑު އިވުމުން ހާސްވިވަރުން ރިހާގެ އަތުގަ އޮތްފައިލް ރިހާގެ އަތުން ދޫވެގެން ވެއްޓުނުއިރު ރިހާގެ ދެލޯ ބޮޑުވެގެން ދިޔައީ ރިހާ ކުރަން ހުރި ކަންތައް ޒީޝާންއަށް ފެނުމުންނެވެ. ޒީޝާންއާޢި ދިމާލަށް އެނބުރި އެއްފަހަރު ޒީޝާނަށް އަނެއްފަހަރު ޓައިލްސްތައްމަތީގައި ވެއްޓިފައިވާ ފައިލަށް ރިހާ ބަލަމުންދިޔައިރު ރިހާ ހުރީ ދެން ހަދާނެގޮތެއް ނޫނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.
===(ނުނިމޭ)===
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

