ކުށަކާނުލާ.. (7 ވަނަ ބައި)
“ވިޝާމް؟؟ މިތާ ކިއްކުރަނީ؟” ވިޝާމް ފެނުމުން އަހަރެންގެ ސިނކުޑީގައި އުފެދެން ފެށި ސުވާލުތައް ބޭރުކޮށްލީމެވެ. “ކިހިނެއްވީ؟ އަހަރެން މިތަނުން ފެނިގެން ނުވޭތަ؟ މަވެސް ކިޔަވަނީ މިތާއޭ. އެރޭ ޕާޓީން ފެނުނު ދުވަސްކޮޅު އަހަރެން ހުރީ ޗުއްޓީއަށް ގޮސް. ނިމުނީމަ ބެކް ޓު މައި ޕްލޭސް. ހެހެ.” ވިޝާމް ވާހަކަ ދެއްކި ގޮތުން ހީވަނީ ވަރަށް ޒަމާންވީ ރަހުމަތްތެރިއެއްހެންނެވެ. އެކަމަކު މިއީ އަހަރެމެން ބައްދަލުވި ދެވަނަ ފަހަރެވެ. “ނައިސް ޓު މީޓް ޔޫ. ދެން ދަނީ. އަދި ދިމާވާނެތާ.” ދަނީއޭ ބުނެ އަހަރެން ދިޔުމަށް މިސްރާބު ޖެހީމެވެ. “މިރޭ ކޮފީއަކަށް ދާންވީނު؟” ވިޝާމްގެ އަޑަށް އަހަރެން އަނެއްކާވެސް މަޑުކޮއްލީމެވެ. “އެހެންފަހަރަކުން ދޯ.” ފަނޑު ހިނިތުންވުމެއް ދިނުމަށްފަހު އަހަރެން އަވަހަށް އެތަނުން ދިޔައީމެވެ.
“ކިހިނެތް ކޮލެޖް؟” އަހަރެން ކޮޓަރިއަށް ވަނުމާއެކު ދީބާ ސުވާލު ކޮއްލިއެވެ. “ރަނގަޅު. ހިނގާ އެއްޗެއް ކައްކަމާ. އަހަރެން ވަރަށް ބަނޑުހައިވެސް ވެއްޖެ.” ކޮލެޖްގެ ފުރަތަމަ ދުވަސް ކަމުން އަހަރެން ހުރީ ވަރަށް ވަރުބަލިވެސް ވެފައެވެ. “އަހަރެން ހުންނާނެ ނޫޑްލްސް ހަދާފަ. ނީއަށާ ލައިގެން ހެދީ. ކަމުދަނަޏާ ކާލާ.” “ކީއްވެތަ ކަމުނުދާންވީ؟ ހަމަގައިމުވެސް އަހަންނަށްވުރެ މޮޅުވާނެކަން ޔަގީން.” ދީބާ ތައްޔާރުކޮއްފައިހުރި ނޫޑްލްސް ކާން ފަށަމުން އަހަރެން ބުނެލީމެވެ. “ހުމމމމ. އޯކޭ އޭ ދެން. މިރޭ ބޭރަށް ދާންވީނު. އޭރުން ތިހެން ފޫހިވެފަ ހުންނާކަށް ނުޖެހޭނު.” ދީބާގެ އެދުމަށް ފުރަގަސް ދޭން ބޭނުން ނުވި ނަމަވެސް އަހަރެން ބޭރަށްދާ ހިތެއް ނުވިއެވެ. “ދެން މިރެއަކު ނުންދޯ ދީ. އަހަރެން އެހާ ބޭރަށް ދާހިތެއް ނުވޭ” “ކިހިނެތްވެފަތަ ނީ ތި ހުންނަނީ؟ ބިޓު ކެޓީތަ؟ ހެހެހެ” ދީބާ އެހެން ބުނީ މަޖަލަކަށްކަން އަހަންނަށް އެނގެއެވެ. އެހެނަސް އެ ޖުމްލައިން އަހަރެން ހަމަހިމޭން ކޮއްލިއެވެ. ހަނދާން އާކުރަން ބޭނުންނުވި އެތައް ކަމެއް ލޯކުރިމަތީ އެނބުރެން ފެށިއެވެ.
ފޯނު ރިންގްވާން ފެށި އަޑަށް އަހަރެން ސިހުނެވެ. ދީބާ ދައްކަމުން ދިޔަ ވާހަކަ ބަދަލު ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން އަހަރެން އަވަހަށް ހިފާލީމެވެ. “އެ ގުޅަނީ މަންމަ… ހަލޯ…” އަހަރެން ފޯނު ނަގާ ވާހަކަ ދައްކަން ފެށީމެވެ. މަންމަޔާ ވަހަކަ ދެއްކި ނަމަވެސް އަހަރެންގެ ހިޔާލުތައް ހުރީ މުޅިން އެހެން ދިމާއެއްގައެވެ. މަންޒިލެއް ނެތި އިންދުނު މާގަސްތަކުގެ ބަގީޗާ ތެރޭގައެވެ. މާގިނައިރު މަޑުނުކޮށް އަހަރެން ފޯނު ބޭއްވީމެވެ. އަދި ވަރުބަލި ކަމަށް ބުނެ ގޮސް އޮށޯވެލީމެވެ. ނަސީބަކުން ދީބާވެސް އިތުރު ސުވާލެއް ނުކުރެއެވެ.
އާ ދުވަހަކަށް އިރު ފެނުން ތޮޅިލިއިރު، ދީބާ އޮތީ ގަދަ ނިދީގައެވެ. ތެދުވެ އަހަރެން ދިޔައީ ފެނވަރާލާ ތައްޔާރުވުމަށެވެ. “އޭ އެޔޮއް ގަޑި ޖެހެނީ” އަހަރެން ފާހަނާއިން ނިކުތް އިރުވެސް ދީބާ އޮތީ ގަދަ ނިދީގައެވެ. އުނދަގޫ ކުރަން ފެށުމުން އެންމެފަހުން އޭނާވެސް ތެދުވެއްޖެއެވެ. އަހަރެމެން ދެމީހުން ކޮލެޖަށް ދިޔައީ އެކު އެކީގައެވެ. “ދީބާ. ހިނގާބަލަ މަށާއެކު.” ކޮލެޖަށް ވަދެވުމާއެކުހެން ދީބާގެ ރަހުމަތްތެރިއެއް އައެވެ. އަހަރެންވެސް ކުލާހަށް ދާ ގަޑި ޖެހެން ކައިރިވެފައި ހުރުމުން ދިބާމެންނާއެކު ނުދިޔައިއެވެ.
“ގުޑް މޯނިންގ.” އަހަރެންނަށް އެރުނީ އެރުނީ ވިޝާމްގެ ކުރިމައްޗަށެވެ. “ކުލާހަށް ދަނީތަ؟” “ހުމްމމ” އަހަރެން ބޯ ޖަހާލުމަށްފަހު ކުރިއަށް ހިނގައިގަތީމެވެ. ފަހަތުން ވިޝާމްވެސް އައެވެ. “ނީ އަހަރެން ދެކެ ރުޅި އަންނަނީތަ؟ އަނެއްކާ ނީ ހިތްހަމަ ނުޖެހެނީތަ އަހަރެން ވާހަކަ ދައްކާތީ؟ އަހަރެން ބޭނުމީ ނީގެ ރަހުމަތްތެރިއަކަށްވާން. އެކަމަކު އެއީ ނީގެ މައްސަލައެއް ނެތިއްޔާ” ވިޝާމް ހުއްޓުމެއްނެތި ވާހަކަ ދައްކަމުން ދިޔައެވެ. ހަގީގަތުގައި ވިޝާމްގެ އެއްވެސް މައްސަލައެއް ނެތެވެ. އޭނާއަކީ ގޯސް މީހެއްހެނެއް ހިއެއް ނުވެއެވެ. އެކަމަކު ފޮތެއްގެވެސް ބޭރުގަނޑަކުން އެއީ ކޮންކަހަލަ ފޮތެއް ކަމެއް ނޭންގޭނެތާއެވެ. “ނީ.. ކޮންމެވެސް އެއްޗެއް ބުނެބަލަ. ދާށޭ ނަމަވެސް ބުނެލާނަމަ” އަހަރެން ހުއްޓުނީމެވެ. އަދި ވިޝާމްއާ ދިމާއަށް އެނބުރި ބަލައިލީމެވެ. “އަހަރެން އެއްފަހަރުވެސް ނުބުނަމެއްނު ތީ ރައްޓެއްސެއް ނޫނެކޭ އެއް. ފިރިހެން ކުދިންނާ އެހާ ގިނައިން އަހަރެން ވަހަކަ ދައްކައެއް ނޫޅެން. އެހެންވެ ވިޝާމްވެސް އިގްނޯ ކުރެވެނީ. ސޮރީ. އަހަރެންގެ ކުލާހަށް މިއާދެވުނީ. ބާއި” އަހަރެން ކުލާހަށް ވަނުމުންވެސް ވިޝާމް ބަލަހައްޓާއިގެން ހުރީއެވެ. އިރުކޮޅަކު ހުރުމަށްފަހު އެތަނުން ހިނގައްޖެއެވެ.
އިނަޓަވަލް ގަޑި ޖެހުމާއެކު އަހަރެން ދިޔައީ ކެންޓީނަށެވެ. ދުރުނޫން މޭޒެއްގައި ދީބާ އިންތަން ފެނުމުން އަހަރެން ހަނާއަޅާލީމެވެ. ދީބާއިނީ ފިރިހެން ކުއަޖަކާއެކު ކަމުން އަހަރެން އުލުނީ އެހެން މޭޒެއްގައި އިށިންނާށެވެ. އަހަރެން މިސްރާބު ބަދަލްކޮއްލީ ދީބާ ގޮވާލުމުންނެވެ. ދީބާއާއި ޖެހިގެން އިން ގޮނޑީގައި އިށީނުމަށްފަހު އަހަރެން ހިނިތުންވެލިމެވެ. ޖެހިގެން އިން ކުއަޖާއަށް ހިނިތުންވެލުމަށް ބަލައިލި ވަގުތު އަހަރެން ގަނޑުވި ކަހަލައެވެ. އަނެއްކާވެސް ވިޝާމްއާ ކުރިމަތިލާން ޖެހުނީއެވެ. “ނީ، ދީބާ ދަންނަންތަ؟” ވިޝާމް ވަހަކަ ދައްކަން ފެށިއެވެ. “ތި ސުވާލު ކުރަން ޖެހޭނީ އަހަރެން ކަންނެގެ ދޯ. ނީއަކީއޭ އަހަރެންގެ ރޫމް މޭޓް. ދެން ދަންނާނު. ކިހިނެތް ޝާމްއަށް ނީ އެނގެނީ؟” ވިޝާމްއަށް ޖަވާބު ދިނީ ދީބާއެވެ. “އަހަރެން ނީއާ ދިމާވީ މާލޭން.. މިފަހަރު ޗުއްޓީއަށް ގޮސް ހުއްޓަ. ދޯ ނީ” ވިޝާމް އަހަންނަށް ދޯ ދިނެވެ. އަހަރެން އެއްޗެކޭ ނުބުނެ އިނީއެވެ. “ނީ ހީވަނީ ނުދަންނަ މީހަކު އިނީމަ އަނގަ ހުޅުވަން ނުކެރިފަ އިންހެން. ތިހާ ބީރައްޓެހި ނުވެބަލަ” އަހަރެން މަޑުން އިނުމުން ދީބާ ބުނެލިއެވެ. ވިޝާމްއަށް ވިސްނުނީ ކަންނޭގެއެވެ. ބަހަނާއެއް ދެއްކުމަށްފަހު އޭނާ ދިޔައީއެވެ.
“އަޅެ އޭނަ ހޮޓެއް ނޫންތަ؟” ވިޝާމް ދިޔުމާއެކުހެން ދީބާ އޭނާއަށް ތައުރީފް ކުރަން ފެށިއެވެ. “ދީބާގެ ކުލާސް މޭޓެއްތަ؟” އަހަރެން ސުވާލު ކޮއްލީމެވެ. “އާން.. ކުލާހުގެ އެންމެންހެން ތިބެނީ އޭނަޔާ ހެދި މޮޔަވެފަ. އެހެންނު ވާނީވެސް. އޭނަ ނޫނީ ނެތް ވިއްޔަ ރީތި ކުއްޖެއްވެސް. ނީމެން ކުލާހުގަ ނެތްތަ ރީތި ބިޓެއް؟” ދީބާގެ ކަމަކީ އަބަދުވެސް ރީތި ފިރިހެން ކުދިންގެ ވަހަކަ ދެއްކުމެވެ. ބައެއްފަހަރު ހީވަނީ 16 އަހަރުގެ ކުޑަ ކުއްޖެއްހެނެވެ. “ނޭގެ. މަށެއް ނުބަލަން ތިއެއް. ހިނގާ ދާން ދެން. އެޔޮއް ބެލް ޖެހީ” އަހަރެން ތެދުވި ވަގުތު އަތުގައި ހުރި ފޮތްތައް ވެރުނެވެ. ފޮތްތައް ނެގުމަށްޓަކައި ތިރިވި ވަގުތު ސައިކަލެއްގެ ތަޅުދަނޑިއެއް ފެނުނެވެ. “ވީ” އަކުރެއް އިނުމުން އެއީ ވިޝާމްގެ އެއްޗެއްކަން އަހަންނަށް އިނގުނެވެ. “ދީބާ މިއޮ…” ދީބާ އަތަށް ދިނުމަށްޓަކައި އަހަރެން ބޯހިއްލާލީމެވެ. ނަމަވެސް ދީބާގެ ހިޔަނިވެސް ފެންނާކަށް ނެތެވެ. “އަވަސްވެސް އަންހެނެކޭ ދޯ. ދެން މަށަކަށްނު ވިޝާމް ކައިރިއަށްވެސް ދާން މިޖެހުނީ.” އަހަރެން ހިތާ ހިތާ ކިޔާލީމެވެ. އަދި ފޮތްތައް ނަގައިގެން އަވަހަށް ކުލާހަށް ދިޔައީމެވެ.
ގަޑިތައް ނިމުމާއެކުހެން އަހަރެން ބެލީ ވިޝާމް ފެނޭތޯއެވެ. އެކި ދިމަ ދިމާ ބެލުމަށްފަހުވެސް ވިޝާމްގެ ހަބަރެއް ނުވުމުން ދީބާއަށް ގުޅުމަށްޓަކައި ފޯނު ނެގީމެވެ. “ކާކަށްތަ ތިގުޅަނީ؟” ފަހަތުން އިވުނީ ދީބާގެ އަޑެވެ. ދީބާގެ ކައިރީ ވިޝާމަވެސް ހުއްޓެވެ. “މި.. މިއޮތީ.. ވިޝާމްގެ.. ތަޅުދަނޑި” ކެނޑި ކެނޑިގެން ކަހަލަ ގޮތަކަށް އަހަރެން ބުނީމެވެ. “ކޮން އިރެއް މިހާރު ތި ހޯދާތާ.. ތެންކްސް..” ވިޝާމް އަހަންނަށް ޝުކުރު އަދާކުރިއެވެ. މަރުހަބާއޭ ބުނުމަށްފަހު އަހަރެން ދާން ހިނގައިގަތީމެވެ. “ނީވެސް ހިނގާ އަހަރެމެންނާއެކު ކާން ދަމާ. އެހާ ދުރެއް ނުވާނެ އެތަނެއް” ދީބާ އަހަރެން ހުއްޓުވިއެވެ. ބަނޑުހައިވެފައި ހުރި ނަމަވެސް ވިޝާމް ދާތީ އަހަރެން ދާން ބޭނުމެއް ނުވިއެވެ. “އަހަރެން ބަނޑުހައެއް ނުވޭ. ދެމީހުން ގޮސްލާ” އެމޫހންގެ ޖަވާބަކަށް މަޑުނުކޮށް އަހަރެން އެތަނުން ދުރަށް ދިޔައީމެވެ
5 Comments
Comments are closed.
Haada kuru koh thi liunee. V reethi
Maa bodu kame mi paartaku nuvey dho
Haadha kurukohnay dhw mivaahaka thi up kuranee….thankolheh dhigukoh up kohlaa dheebala AAL
thanks.. ok this tym will try to make it long
good