ކުށަކާނުލާ.. (8 ވަނަ ބައި)
ޖެހިގެން އައި ދުވަހެވެ. އަހަރެން އިނީ ލައިބްރަރީގައި ފޮތެއް ކިޔާށެވެ. “އޯކޭތަ މަ މިތާ އިށީނަސް؟” ފަހަތުން ހުއްދަޔަކަށް އެދުނީ ކާކުތޯ ބަލާލުމަށް އަހަރެން އެބުރިލީމެވެ. “ހޫމް. އެންމެ ރަނގަޅު” ބޭނުން ނުވި ނަމަވެސް ވިޝާމްއަށް ނޫނެކޭ ބުނާކަށް އަހަންނަކަށް ނުކެރުނެވެ. އަހަރެން މަސައްކަތް ކުރީ ފޮތް ކިޔޭތޯއެވެ. ނަމަވެސް ވިޝާމް ކައިރީ އިނިމުން އަހަންނަށް އުނދަގޫވިއެވެ. އަހަރެން ދިޔުމަށްޓަކައި ތެދުވަން އުޅުނީމެވެ. “ނީ މަޑުކޮއްފާނަންތަ؟ އަހަރެން ކުޑަ ވަހަކައެއް ދައްކަވެގެން. ޕްލީސް” ވިޝާމްގެ އެދުމަށް އަހަރެން މަޑުކުރީމެވެ. “ނީ ކީއްވެތަ އަހަންނަށް ތި ފިލަނީ؟ އަހަންނަށް އެނގޭ އިއްޔެ ކާންވެސް ނުދިޔައީ މަ ދާތީކަން. ދެންމެވެސް ހަމަ ދާކަށްނު އުޅުނީ. އަހަރެން ނީ ހިތްހަމަ ނުޖެހޭ ކަމެއް ކުރީތަ؟ ނީ ބުނިއްޔާ އަހަރެން ދެން ދުވަހަކުވެސް ވާހަކަ ނުދައްކާ ހުރެދާނަން. އެކަމަކު ސަބަބެއް ބުނަންވާނެ” އަހަންނަށް ދޭނެ ޖަވާބެއް ނުވިސްނުނެވެ. ވިޝާމްގެ އެއްވެސް ކުށެއް ނެތެވެ. މައްސަލައަކީ އަހަންނެވެ. އެކަމަކު އެކަން އަހަރެން ވިޝާމްއަށް ވިސްނައިދޭނީ ކިހިނެތް ހެއްޔެވެ. “ނީ ތިހެން އެއްޗެކޭ ނުބުނެ ނީދެބަލަ. ޖަވާބު ދީބަލަ.” ވިޝާމްގެ އަޑު ބާރުވާން ފެށިއެވެ. “އެސްކިޔުޒް. ބީ ކުއައިޓް” ފަހަތުން ލައިބްރަރިއަން ބުނެލިއެވެ. އަހަންނަކަށް އިތުރަކަށް ނީދެވުނެވެ. ދުވެފައި އެތަނުން ނިކުތީއެވެ.
“ވިޝާމް ބުނީ ނީގެ ނަންބަރު ލިބިދާނެ ހެއްޔޯ؟ ދޭންވީތަ؟ ކޮންމެވެސް ވަހަކައެއް ބުނަންވެގެންނޭ ބުނީ.” ދީބާ ގެއަށް ވަންނަމުން ބުނެލިއެވެ. “އޭނަ ބުނަން ބޭނުން އެއްޗެއް ކޮލެޖުންވެސް ބުނެވޭނު.” ދީބާ ދެއްކި ވާހަކައަކަށް އަހަރެންގެ ޝާއުގެއް ނެތެވެ. “ދެގަޑިއިރާ ފަޅި ކިޔާފަ ގެއަށް އައިމަ ކިހިނެތްތަ ވާހަކަ ދައްކާނީ. ކީއްވެތަ މިއަދު އެހާ އަވަހަށް ތި އައީ؟” ދިބާ ސުވާލު ކުރަން ފެށުމުން އަހަންނަށް އުނދަގޫވިއެވެ. “ބޮލުގަ ރިއްސާތީ މިއޮތީ. ދީބާވެސް ދެން އުނދަގޫ ނުކޮއްބަ. އަހަރެން ނިދަނީ.” މޫނު މަތީގައި ބާލިސް އަޅައިގެން އޮވެ އޮވެވެސް އަހަރެންނަކަށް ނުނިދުނެވެ. ވިޝާމްއާއި ދޭތެރޭ ވިސްނެނީއެވެ.
އޭނައާ މެދު އަހަރެން ކަންތައް ކުރީ ރަނގަޅަކަށް ނޫންކަން ހުދު އަހަންނަށްވެސް ވިސްނެއެވެ. އެކަމަކު އަހަރެން އޭނައާ ކުރިމަތިލާކަށް ބޭނުމެއް ނޫނެވެ. ފިރިހެނުނަށް އަހަރެން ނަފްރަތު ކުރަމެވެ. އަހަރެން ދެކޭ ގޮތުގައި އެންމެންވެސް ވާނީ ހަމަ އެއްގޮތެވެ. ބޭނުންވީމާ ނަގާފައި ބޭނުން ކޮށް ނިމުމުން އެއްލާލަނީއެވެ. ވިޝާމްވެސް ވާނީ ހަމަ އެހެންނެވެ. ވިޝާމްއާ ދެތެރޭ ވިސްނި ވަރަކަށް އަހަރެން ރުޅި ގަދަވަމުން ދިޔައެވެ. އަޔާންގެ ހަނދާންތައް އާވާންފެށުމުންނެވެ. އެނުލަފާ ސޫރަ ހިތަށްވެރިވާން ފެށުމުންނެވެ. ބޮލަށް އުނދަގޫވާން ފެށުމުން ދެއަތުން ބޮލުގައި ހިފާ ބާރުކޮއްލެވުނެވެ. ދަތްކުނޑިވިކައިގެން އޮވެ ތެޅެން ފެށުނެވެ. “ނީ.. މާ ބޮޑަށް ރިއްސަނީތަ؟ ބޭސް ކާންވީނު” ދީބާގެ އަޑަށް އަހަރެން ލޯ ހުޅުވާލީމެވެ. އޭރު މުޅި މީހާވަނީ ދަހިތްލާ ފޯވެފައެވެ. އާނއެކޭ ބުނުމުގެ ގޮތުން އަހަރެން ބޯ ޖަހާލީމެވެ. އަދި ދީބާ ދިއްކޮއްލި ބޭސްގުޅަ ނަގާ ކާލީމެވެ.
ހެނދުނުގެ އެލާމަށް ހޭލެވުމާއެކު މޯޅިއަކަށް ދެމިލީމެވެ. ބޮލަށް ލުއިވެފައި ވީނަމަވެސް ވިޝާމް ފެންނާނޭ ހިތަށް އެރުމާއެކު ރިހޭގޮތްވިއެވެ. “ނީ އަދިވެސް ރަނގަޅު ނުވަނީތަ؟ އެހެންވިއްޔާ މިއަދު މަޑުކޮއްލާ. އަރާމު ކޮއްލަނިކޮން އޯކޭ ވެދާނެ.” ބޮލުގައި އަތް އަލާލައިގެން އޮންނަން ހެދުމުން ދީބާ ބުނެލިއެވެ. “އާން. ދީބާ ދޭ” އަހަރެން ލޯ މަރާލީ ދީބާ އިތުރު ވަހަކައެއް ދައްކަފާނެތީއެވެ. ދޮރު ޖެހުނު އަޑު އިވުމާއެކު ލޯ ހުޅުވާލާ ބަލާލީމެވެ. އެހިނދު ފުން ނޭވާއެއް ބޭރު ކޮއްލެވުނެވެ. ތެދުވެ ލެޕްޓޮޕް ހުޅުވާލީ ރިޝާގެ މެއިލްއެއް އިންތޯ ބެލުމަށެވެ. ރިޝާގެ މެއިލަށް ޖަވާބު ލިޔުމަށްފަހު ވިޝާމްގެ ވާހަކަވެސް އަހަރެން ލިޔެލީމެވެ. “އެއްކަލަ ވިޝާމް އެބައުޅޭ މިތާ. ޕާޓީއިން ދިމާވިއެއްނު. އަބަދުހެން އަހަރެން ފަހަތުގަ. އޭނައާ ފިލަންވެގެން މަ ނުދަން މިއަދު ކޮލެޖަށްވެސް. ބޮޑު އުނދަގުލެއް ދެން.” މެއިލް ފޮނުވުމަށްފަހު އަހަރެން އިނީ ފިލްމެއް ބަލާށެވެ. އިރުކޮޅެއް ފަހުން ބެލް އަޅަން ފެށި އަޑު އިވުނެވެ. ދީބާ އެހާ އަވަހަށް އައުމުން އަހަރެން ހައިރާންވިއެވެ. ދީބާ އަތުގައި ތަޅުދަނޑިވެސް އޮންނާނެއެވެ. އެކަމަކު ކެނޑިނޭޅި ބެލް އަޅަން ހެދުމުން އަހަރެން ހީކުރީ ހަނދާނެ ނެތިގެން ބާއްވާފައި ދެވުނީ ކަމަށެވެ.
“ވިޝާމް؟؟؟!!!” ދޯރު ހުޅުވާލުމާއެކު ވިޝާމް އެތެރެއަށް ދެމިގަތެވެ. “ނީ އާދޭސްކޮއްފަ މިއަހަނީ. ކީއްވެތަ ތިހެން ތި ކަންތައް ކުރަނީ؟ އަހަންނާ ފިލަންވެގެން މިއަދު ކޮލެޖަށް ވެސް ނުދިޔައީ. މާދަން މިރަށުން ދާންތަ ތިއުޅެނީ؟ އަހަރެން ނީއަށް ކޮން އުނދަގުލެއް ކުރީތަ؟ ތިހެން ނުހަދަބަލަ.” ވިޝާމްގެ އަޑު އަހަރެންގެ ކަންފަތުގައި ގުގުމަން ފެށިއެވެ. “ވިޝާމްއަށް ކިހިނެތް ވެގެންތަ ތިއުޅެނީ؟ 24 ގަޑި އިރު އަހަރެންގެ ފޫބުޑޫން ނުނެއްޓިގެން. އަހަންނަށް އުނދަގުވެޔޭ. އެހެންވެ އަހަރެން ކޮލެޖަށް ނުދިޔައީ. މިދާ ވަރުން ދަންޔާ މިރަށުންވެސް ދާނަން. ކޮލެޖަށް ނުދިޔައިމަ މިހާރު ގެއަށްވެސް އަންނަން ފެށީ. ޕްލީސް ވިޝާމް. އަހަރެން ފަހަތުން ނޫޅެބަލަ. ކޯއްޗެއް ބޭނުންވެގެންތަ ތިއުޅެނީ؟ މިތަނުން ދާން އުޅޭ.” އަހަންނަށް ރޮވެން ފެށުނެވެ. “ނީއަށް ކީއްވެތަ ނުވިސްނެނީ އަހަރެން މިވަރުން މިއުޅެނީ ނީ ދެކެ ލޯބިވާތީ ކަމެއް. އަހަރެން ނީއަށް އަނިޔާއެއް ކުރާކަށް ނޫޅެމޭ. އަހަރެން ބޭނުންވަނީ ނީ އުފަލުގަ ބަހައްޓަން. އައި ލަވް ޔޫ ނީ. އައި ލަވް ޔޫ.” ވިޝާމްގެ އެޖުމްލައިން އަހަރެންނަށް އިތުރަށް އުނދަގޫވާން ފެށިއެވެ. “އަހަރެން ދެކެ ލޯބިވަންޔާ މިތަނުން ދޭ. އަދި އަހަރެން އުފަލުގަ ބަހައްޓަން ބޭނުމިއްޔާ ދެން އަހަރެން ކުރިމައްޗަށް ނާންނާތި!” ވިޝާމް އެތަނުގައި ހުންނާކަށް އަހަރެން ބޭނުމެއްނުވިއެވެ. ލޯބީގެ އަވާމެންދުރަކީ އަހަރެން ވަރަށް ރަނގަޅަށް ދަންނަ އެއްޗެކެވެ.
އަހަރެން އެދުނުހެން ވިޝާމް ނިކުމެގެން ދިޔައީއެވެ. އެވަގުތު ފޯނު ރިންގުވާން ފެށިއެވެ. “އަހަރެން ބުނީމެއްނު ބޮޑު އުނދަގުލެކޭ. އޭނަ އެނމެފަހުން މިތަނަށްވެސް އައިސްފި ކޮލެޖަށް ނުދިޔައިމަ.” އެކޮޅުން ގުޅީ ރިޝާއެވެ. “ތިވާހަކަ ދައްކަން މަ މި ގުޅީވެސް. އަހަންނަށް ހީވަނީ ކަނތައް ބޮޑު ކުރަނީ ނީހެން. އޭނަ ނީއަށް އުނދަގުލެއް ކޮއްފަ ކޮބާތަ؟ ވަހަކަ ދައްކަން އުޅުމަކީ މައްސަލައެއްތަ؟” ރިޝާ ވިޝާމައާއި އެއްކޮޅަށް އަރަން ފެށުމުން އަހަރެން ރުޅިއައެވެ. ” ބަލަ ތީ މަގޭ ބެސްޓް ފްރެންޑް އޭ. ރިޝާއަކަށް ނޭނގޭނެ. އެބުނީ ދެންމެ ލޯބިވާތީ އޯ. އަހަރެން ނުކުރަން ލޯބިއެއީ ފިރިހެނުން ވާ އެއްޗެއް ކަމަކަށް. އެބުނާ ލޮއެއްބެއް ވަންޔާ އެނގިދާނެތާ. މަވެސް ބަލާނަން ކިތައް ދުވަހުތޯ މަބުނިހެނ ހުރެވެނީ.” ރިޝާވެސް ރުޅިގަދަވާން ފެށިއެވެ. “ތީ މަގޭ ބެސްޓީއަށް ވީމައޭ މި ވިސްނައިދެނީ. މަށަށް އެނގޭ ވިޝާމްއަކީ ކޮންކަހަލަ މީހެއްކަން. ނީ ތިހީކުރާ ކަހަލަ މީހެއް ނޫނޭ އެއި.” “ބަލަ މަވެސް އަޔާން އެއި ކާކުކަން އެނގިގެންނޭ ރައްޓެހިވީ. އެކަމަކު އެނގޭނު ވީގޮތް.” އަހަރެން ބުނެލީމެވެ. “އެންމެން އެއްގޮތެއް ނުވާނޭ އައިނީ. އަޔާނާ އަޅުވާ ނުކިޔަބަލަ. އެންމެ ފަހަރަކުވެސް ގޮތް ދޫކޮއްފަ ވިސްނާލަބަލަ.” އިތުރު އެއްޗެކޭ ނުބުނެ އަހަރެން ފޯނު ބޭއްވީއެވެ. ރިޝާ ކިތަންމެ ބާރުލާފައި ބުންޏަސް އަހަރެންގެ ހިތެއް އެވާހަކަތަކެއް ގަބޫލެއް ނުކުރިއެވެ. ދުނިޔެމަތީ ހުސް އަޔާނެވެ. ބޭވަފާތެރިންނެވެ. ކެހިވެރިންނެވެ.
ކޮލެޖަށް ވަދެވުމާއެކު އަހަރެން އެކި ދިމަ ދިމާ ބަލާލީމެވެ. ކުލާހާ ހަމައަށް އާދެވުނު އިރުވެސް ވިޝާމްއެއް ނުފެނެއެވެ. ހަމަ އަސްލުވެސް އަހަރެން ބުނި ބުނުމަށް ކިޔަމަންވީބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އިންޓަރވަލް ގަޑީގައިވެސް ހަބަރެއް ނުވިއެވެ. ދުވަސް ނިމިގެން ދިޔައީ ވިޝާމްގެ އެއްވެސް ހަބަރެއް ނުވެއެވެ. ކޮލެޖަށް ނާންނަނީކަމަށް ނިންމުމަށްފަހު އަހަރެން އައީ ގެއަށެވެ. އޭރު ދީބާވެސް ކޮޓަރީގައި އުޅެއެވެ. “ވިޝާމް މިއަދު ކޮލެޖަށް ނާންނަ ދުވަހަކީތަ؟” ޔަގީން ކޮއްލުމަށްޓަކައި އަހަރެން ދީބާގާތު އަހާލީމެވެ. “ނޫން. އެކަމަކު ކުލާހަށް ވަން ގޮތަށް ނުއެއް ނިކުމޭ. ކަމެއް ވެފަހެނ ހީވަނީ. ވަރަށް މަޑުން އިނީވެސް. އަހަ އަހާވެސް ނުބުނި. ކިހިނެއްވީ؟” ދީބާ ޖަވާބުދިނެވެ. “ހަމަ އަހާލީ. ނުފެންނާތީ. އެހެންޏާ ހުސް އޭނަ ވިއްޔަ ފެންނަނީ.” ވިޝާމް ހަމަ އަސްލަށްވެސް އަހަރެންގެ ވާހަކަ ސީރިއަސްކޮށް ނެގީތާއެވެ. އަނެއްކާ އޭނަ އަސްލުވެސް އަހަރެން ދެކެ ލޯބި ވަނީބާއެވެ. ވިޝާމްއާ ދޭތެރެ ވިސްނެން ފެށުމުން އަހަރެން ބޯ ހޫރާލީމެވެ. އަދި ހަދަން ހުރި ފިލާވަޅުތަކައިގެން ކުރިއަށް ދިޔައިމެވެ.
ހަފްތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. ވިޝާމްގެ އެއްވެސް އުނދަގުލެއް ނުވެއެވެ. ބައެއްފަހަރު ފެނެއެވެ. އެކަމަކު ވިޝާމަށް އަހަރެން ނުފެންނަނީ ކަމެއް ނޫނީ ނުފެންނަ ކަމަށް ހަދަނީ ކަމެއް ނޭނގެއެވެ. އަހަރެން ހުރިތާކަށް އޭނާއަށް އާދެވިއްޖެނަމަ އަނބުރާ ދަނީއެވެ. އަދި ވިޝާމް ހުރި ތާކަށް އަހަންނަށް ދެވިއްޖެނަމަ، އެތަނުންވެސް ދަނީއެވެ. ހީވަނީ އަހަރެން ދެކެ ބިރުން އުޅޭހެންނެވެ. ވިޝާމްގެ އުޅުމަށް އައި ބަދަލުން ނޭނގި ނަމަވެސް އަހަންނަށް ވިޝާމްއާ ދޭތެރޭ ވިސްނެން ފެށުނެވެ. ވިޝާމް ނުފެނުމުން ފޫހިވާން ފެށިއެވެ. ވިޝާމްއާ ވާހަކަ ދައްކާ ހިތްވާން ފެށިއެވެ.
“ދީބާ.. ހިނގާ ބޭރަށް ކާންދަމާ. ވިޝާމްވެސް ގެންދަމާ” ވިޝާމް ދެކިލުމަށް ހިތް ކިޔަން ފެށުމުން އަހަރެން ބޭރަށް ދާން ރޭވީމެވެ. “ރަނގަޅު ހިޔާލެއް. އެބަ ގުޅަން ޝާމްއަށް” ދީބާ ވިޝާމައަށް ގުޅިއެވެ. “ކީކޯ ބުނީ؟” ފޯނު ބޭއްވުމާއެކު އަހަރެން އަހާލީމެވެ. “ކޮން ބައެއްހޭ ދަނީ އަހާފަ ބުނީ ދެމީހުން ގޮސްލާށޯ. ތިމަންނަ ވަރަށް ބިޒީއޯ” ވިޝާމް ދެކޮޅު ހެދުމުން އަހަރެންވެސް ދާހިތް ކެނޑުނެވެ. “ދެން މިރޭ ނުދާނީ ދޯ. އެހާ ބަނޑުހައެއް ނުވޭ.” އަހަރެން ބުނެލީމެވެ.
ވިޝާމް އެގޮތަށް ކަންތައް ކުރާތީ އަހަރެން ދެރަވިއެވެ. އަހަރެން ހަމަ ބުނެލި ބުނުމަކަށް އުމުރު ދުވަހު ފިލައިގެން އުޅެން އޭނާ ހިޔާރު ކުރީބާއެވެ. އަހަރެން ވިޝާމްއާ ވާހަކަ ދައްކަން ނިންމީމެވެ. އެރޭ އަހަންނަކަށް ނުނިދުނެވެ. ލޯމަރާލާ ކޮންމެ ފަހަރަކު ފެންނަނީ ވިޝާމެވެ. އެ ރީތި ހިނިތުންވުމެވެ. ޖާދުވީ ދެލޮލެވެ. ބުޅި އިސްތަށިކޮޅެވެ. ވިޝާމްއާ ފުރަތަމަ ރޭ ޕާޓީއިން ބައްދަލުވިގޮތް ހަނދާންވިއެވެ. ވިޝާމްގެ އަތުތެރެއަށް ވެއްޓުނު މަންޒަރު ސިފަވުމުން ބޭއިޙްތިޔާގައި އަހަންނަށް ހިނިތުންވެވުނެވެ. ރިޝާ ދެއްކި ވާހަކާއާ މެދު ފުރަތަމަ ފަހަރަށް ވިސްނާލެވުނެވެ. އެންމެން އެއްގޮތެއް ނުވާނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


dhen konirakun dhen oyy part? can’t wait. varah reethi mibaives 🙂
haadha reeche varh reethi vaahakaeh avaha dhen oie ba ves nerebala:o