Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހުވަފެން (7)

Saandy
March 3, 2017
8 Mins Read
57 Views
15 Comments

“ރިޒޫ! އޭނަ ކައިރިން ވަރިވޭ! އަނިޔާކުރާ ފިރިއަކާއެކު އުޅުމަކީ ރައްކާތެރިކަމެއް ނޫން. އަދި އެއީ ދީނީ ގޮތުން ހުއްދަކަމެއްވެސް ނޫން.” ހުޒާމް އެހެން ބުނެލުމުން ރިޒްނާ ހުޒާމްއާ ދުރުވެލަމުން ހުޒާމްއަށް ބަލާލިއެވެ.

“އަހަރެންވެސް ބޭނުން. އެކަމަކު އޭނަ ކައިރިން ވަރިއެއް ނުވެވޭނެ.” ރިޒްނާ އެކަމަށް ކިތަންމެ އެދުނަސް އޭނާގެ އަޑުން އެކަމުގައި އޭނާގެ އެއްވެސް އުއްމީދެއް ނެތްކަން އެނގެއެވެ.

“އެކީއްވެ؟” ހުޒާމް ބޭނުންވީ އެކަމުގައި ރިޒްނާގެ ވިސްނުން ހުރިގޮތެއް ބަލާށެވެ.

“އޭނަ އަހަރެން ވަރިއެއް ނުކުރާނެ.” ރިޒްނާ ޔަޤީންކަމާއެކު ބުނެލިއެވެ. ހުޒާމް ގާތަށް ހިނިއައި ނަމަވެސް އޭނާ ހިނިގަނޑު ހިންދާލިއެވެ.

“ރިޒޫ ހާދަ މޮޔައޭ ދޯ؟ އޭނަ ވަރިނުކުރަން ހުއްޓަސް، ރިޒޫ މަޤުބޫލު އުޒުރެއް ދައްކައިފިއްޔާ ކޯޓުން ވަރިކޮށްދޭނެ.” ހުޒާމް އެހެން ބުނެލުމުން ރިޒްނާ ހުޒާމްއަށް ބަލާލިއެވެ.

“ތިކަން އަހަރެންނަށްވެސް އެނގޭ. އަހަރެން މިބުނި އެއްޗެއް ޒާމްއަކަށް ނުވިސްނޭ ދޯ އަދިވެސް. އޭނައަކީ މަހުޖަނެއް. ކޯޓުގަ އެމީހުންނާ ދެކޮޅަށް ހިނގާ މައްސަލަތައް އެމީހުންގެ ކޮޅަށް އަނބުރާލުމަކީ އެމީހުންނަކަށް އެއްވެސް ކަމެއްނޫން. އެހެންވެ މިބުނީ އޭނަ ކައިރިން ވަރިއެއް ނުވެވޭނެޔޭ.” ރިޒްނާ އޭނާ ބުނި އެއްޗެއް ހުޒާމްއަށް ސާފުކޮށްދިނެވެ.

“ދެން މައްސަލައެއް ނެތް. އެވާހަކަ މިވަގުތަށް ބާއްވަމާ ހިނގާ. އަނެއްކާވެސް އެހެން ފަހަރަކުން ތިކަމާ ވާހަކަދައްކާނީ.” ހުޒާމް ބޭނުންވީ އިހަށް އެވާހަކަ ހުއްޓާލާށެވެ.

“ޒާމް! މީތަ ޒާމް ބުނި ކުއްޖަކީ؟” ސާރާ ފެނުމުން ރިޒްނާ ހުޒާމް ގާތުގައި އަހާލިއެވެ. ހުޒާމް ބޯޖަހާލިއެވެ.

“ކޮން ނަމެއްތަ ކިޔަނީ؟” ސަލާމަށް އަތް ދިއްކޮށްލަމުން ރިޒްނާ އަހާލިއެވެ.

“ސާރާ!” ސަލާމްކޮށްލަމުން ސާރާ ބުނެލިއެވެ.

“ސާރާ! މީ ރިޒްނާ. އަހަރެންގެ ބެސްޓް ފްރެންޑް.” ހުޒާމް، ސާރާއަށް ރިޒްނާ ތަޢާރަފް ކޮށްދިނެވެ.

ރިޒްނާ، ސާރާއަށް ވަރަށް ފުންކޮށް ބަލާލިއެވެ. ސާރާގެ ފުރިހަމަކަމާއި ސާދާކަން އޭނާއަށް ފުރިހަމަކުރެވުނެވެ. އެއްވެސް ފޮނިކަމެއް ދެއްކުންތެރިކަމެއް ނެތެވެ. ސާރާގެ ރިތި ދެލޮލަށް ބަލާލެވުނު ވަގުތު އޭނާގެ ހިތުގައި ހަސަދައިގެ އޮއިވަރެއް ހިނގާލިއެވެ. އެއީ މީގެ ކުރިން އޭނާއަށް ރާއްޖެއިން ފެނިފައިވާ ކަހަލަ ލޮލެއް ނޫނެވެ. އެއީ އަޅިފެހި ކުލައިގެ ކަޅިއެއްގެ ވެރި އަންހެންކުއްޖެކެވެ. އޭނާއަށް ސާރާގެ ދެލޮލުން ފެނުނީ މުޅިން ތަފާތު އަސަރެކެވެ. އޭނާ ވަގުތުން ހިތުގެ މައްޗަށް ބާރު ފޯރުވިއެވެ. އެއީ އޭނާއަށް ކުރެވުނު ކުށްހީއެކެވެ. ސާރާ ހުޒާމްދެކެ ލޯތްބެއް ނުވާނެއެވެ. ސާރާ ލޯބިވިޔަސް އޭނާ ނޫން މީހަކަށް ހުޒާމް ލިބިގެން ނުވާނެއެވެ.

މިއޮއް ހުރިހާ ދުވަހު ހިތުގައި ފޮރުވައިގެން އުޅުނު ލޯބި އަވަހަށް ހުޒާމްއަށް އަންގަންވީއެވެ. ނޫނީ އޭނާގެ އަތުން ހުޒާމްގެ ލޯބި ބީވެގެން ހިނގައިދާނެއެވެ. މިހެން ހިތަށް އެރުމާއެކު އޭނާ ފިނިވިއެވެ. ހަމަ އެވަގުތު އޭނާގެ ހިތަށް ވަތް އެއްޗަކުން އަނެއްކާވެސް އޭނާ ހާސްވިއެވެ. އަދި ހުޒާމްއަށް އެކަން އަންގައިގެން ވާނެ ފައިދާއެއް ނޯންނާނެއެވެ. އޭނާއަކީ މީހެއްގެ އަނތްބެކެވެ. ޝަމްސު އަދި އޭނާ ވަރިއެއް ނުކުރެއެވެ. ނުވެސް ކުރާނެއެވެ. އޭނާ އެންމެ ފުރަތަމަ ޖެހޭނީ ޝަމްސުގެ ކިބައިން ސަލާމަތްވާށެވެ. ޝަމްސު ކައިރިން ވަރިވެ އޭނާ އަދި އިއްދައިގައިވެސް އިންނަން ޖެހޭނެއެވެ. އެހާ ދުވަސް އޭނާއަށް ވާނީ ހާދަ ދިގު މުއްދަތަކަށެވެ. އޭނާއަށް ހުޒާމްގެ ލޯބި ނުލިބިދާނެކަމުގެ ބިރު މިހާރު އޭނާއަށް އެބައޮތެވެ. އަދިވެސް އޭނާ ވިސްނަންޖެހޭ އެހެން ކަމެއްވެސް އެބައޮތެވެ. އޭނާ ހުޒާމްއަށް ލޯބި ހުށަހެޅުމުން ވާނެގޮތެވެ. ހުޒާމް އެހުށަހެޅުން ޤަބޫލުކޮށްފިނަމަ އުފަލުގެ ކޮޅެއްވެސް ނެތެވެ. ނޫންނަމަ އެހިސާބުން އެދެމީހުންގެ އެކުވެރިކަމުގެ ގުޅުންވެސް ކެނޑުނީއެވެ. ގުޅުން ނުކެނޑުނުނަމަވެސް އެގުޅުމަށް ބުރުލެއް އަރާނެކަން ގައިމެވެ. ކުރިންވެސް އޭނާ އެކަން ސިއްރުކުރީ އެދެމީހުންގެ އެކުވެރިކަމަށް ބުރޫ އަރާފާނެތީއެވެ. އޭރު ހުޒާމް ހުރީވެސް ހުސްކޮށެވެ. އޭރު އޭނާގެ އެފަދަ ޚިޔާލެއްވެސް ހުރިހެނެއް ހިއެއްނުވެއެވެ. އޭނާ ރޫނާއާ ކައިވެނިކުރީވެސް އޭގެފަހުން ހަމަ ކުއްލިއަކަށެވެ. ހަމައެކަނި ދުނިޔޭގެ ލޯމައްޗަށެވެ.

ރިޒްނާއަށް ސިހިފައި ޚިޔާލުތަކުން ނުކުމެވުނީ ހުޒާމް އޭނާގެ ކޮނޑުގައި ކޮއްޓާލުމުންނެވެ. ސާރާވެސް އިނީ ރިޒްނާއަށް ވީގޮތުން ހައިރާންވެގެން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ރިޒްނާ އަވަސްއަވަހަށް އެތަނުން ދާން ތެދުވީ އޭނާ އިތުރަށް އެތާނގައި މަޑުކޮށްފިނަމަ އޭނާގެ ހިތް ބޭޒާރުވެދާނެހެން ހީވުމުންނެވެ. އޭނާ އަވަސްއަވަހަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ގޭގެ ބެލްއަޅާލި އަޑަށް ހުޒާމް ގޮސް ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ތިބި ފުލުހުންގެ ދެތިން މީހުން ފެނުމުން އޭނާ ހައިރާންވިއެވެ. އެގެއަށް ފުލުހުން އަންނަން ޖެހުނީ ކީއްވެބާއޭ އޭނާގެ ހިތަށްއެރިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި އޭނާ ހަނދާންވީ ރިޒްނާގެ މަތިންނެވެ.

“ކިހިނެއްތޯ ވީ؟” ހުޒާމް އަދަބުވެރިކަމާއެކު އަހާލިއެވެ. ހަޤީޤަތުގައި، ފުލުހުން އެގެއަށް އައި ސަބަބު އޭނާއަށް އެނގެއެވެ. ނަމަވެސް އޭނާ ގަސްތުގައި އެނގޭކަމަށް ނުހެދީއެވެ.

“އަޅުގަނޑުމެން މިއައީ އަޅުގަނޑުމެންނަށް ކޮށްފައިވާ ރިޕޯޓަކާ ގުޅިގެން.” ފުލުސް އޮފިސަރ އާމިރު ބުނެލިއެވެ.

“ކޮންކަހަލަ ރިޕޯޓެއްތޯ؟” ހުޒާމް ހަމަޖެހިލާފައި އަހާލިއެވެ. އޭނާގެ ކިބައިން އެއްވެސް ހާސްކަމެއް ނުފެނުނީތީ އައި ދެތިން ފުލުހުންވެސް ތިބީ ހައިރާންވެފައެވެ. އެހެންނޫނީ ކުށްވެރިއެއްކަމަށް ތުހުމަތު ކުރެވުމުންވެސް އެމީހަކު އުޅޭނީ އެކަމަކުން ސަލާމަތްވާނެ ގޮތެއް ނުހޯދިގެންނެވެ. ނަމަވެސް ހުޒާމްގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ނުފެނެއެވެ. އާނއެކެވެ. ހުޒާމްއަކީ ހަމަ އާދަޔާ ޚިލާފު މީހަކީއެވެ.

“މީހަކު މެރިކަމަށް އަދި މީހެއްގެ އަނތްބެއް އޭނާގެ ހުއްދައަކާނުލާ ގެނައިކަމަށް.” ފުލުސް އޮފިސަރ އާމިރު ބުނެލިއެވެ.

“ވަޓް؟” ހުޒާމްއަށް ލިބުނީ ކުއްލި ސިހުމެކެވެ. އިސާހިތަކު އޭނާ ގާތަށް ރުޅިއައީ ކޮންޓްރޯލް ނުވާހާ ބޮޑަށެވެ. ނަމަވެސް ވަރަށް މަސައްކަތުން އޭނާ ރުޅިގަނޑު ކޮންޓްރޯލުކުރިއެވެ.

“އާނ. ޝަމްސުއްދީން މަރާލިކަމަށް އަދި އޭނާގެ އަނބިމީހާ އޭނާގެ ނުރުހުމުގައި ގެނައިކަމަށް.” އާމިރު އޮޅުންފިލުވައިދިނެވެ.

“ތީ ހަމަ ކަނޑައެޅިގެން ދޮގެއް. އެކަމަކު އަހަރެން އެގެއަށް ދިޔައިން. އަދި އޭނާގެ އަންހެނުންވެސް ގެނައިން. އެކަމަކު އަހަރެން އެގެއަށް ދިޔައީ އޭނަގެ އަންހެނުން ފޯނުކޮށްފައި ދާން ބުނެގެން. އަދި އަހަރެން ކުރީކީ ކުށެއްވެސް ނޫން. އަނބިމީހާ ކަމަށްވިޔަސް އަނިޔާކުރުމަކީ އެއްވެސް ޤާނޫނަކުންވެސް ހުއްދަ ލިބިދޭކަމެއް ނޫން.” ހުޒާމް މަޑުން ބުނިނަމަވެސް އޭނާ ރުޅިއައިސްފައިވާވަރު އޭނާގެ އަޑުން ހާމަވެއެވެ.

“އެކުއްޖާ ގޮވައިގެން އާދޭ! އަޅުގަނޑުމެން މިތިބީ މިތާ ބޭރުގަ.” އާމިރު އެހެން ބުނެލުމުން ހުޒާމް ބޯޖަހާލިއެވެ. އޭނާ އެކަމަށް ދެކޮޅު ހަދައިފިނަމަ މާ ގޯސްވާނެކަން އޭނާއަށް އެނގެއެވެ. އޭނާ އެމީހުންގެ އަމުރަށް ނުކިޔަމަންވެއްޖެނަމަ އޭނާއަށް އެކަމުގެ އަދަބުވެސް ލިބޭނެއެވެ.

“ރިޒޫ! ރިޒޫ!” ދޮރުގައި ޓަކިދެމުން ދެފަހަރަކު ގޮވާލުމާއެކު ރިޒްނާ ދޮރު ހުޅުވާލިއެވެ.

“ހިނގާ ފުލުސް އޮފީހަށް.” ހުޒާމް އާދައިގެ ގޮތަކަށް ބުނެލިއެވެ.

“ފުލުސް އޮފީހަށް؟ އެކީއްކުރަން؟” ރިޒްނާ ހައިރާންވެފައި އަހާލިއެވެ.

“ތަޙުޤީޤަށް. އިތުރު ސުވާލުނުކޮށް އާދޭ! ދިޔައިމަ އެނގޭނެ.” ރުންކުރު ގޮތަކަށް ހުޒާމް އެހެން ބުނެލުމުން ރިޒްނާވެސް ނުކުތެވެ. ރިޒްނާ ގޮވައިގެން ހުޒާމް ނުކުތްއިރު ބޭރުގައި ތިބި ދެތިން ފުލުހުން ފެނިފައި ރިޒްނާގެ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ.

މައްސަލައިގެ ތަޙުޤީޤުގައި ފުލުހުން ދިޔައީ ހުޒާމްއާ އެތައް ސުވާލެއް ކުރަމުންނެވެ. އެމީހުންނަށް ކުރެވުނު ރިޕޯޓަކާއި ގުޅިގެން އެމީހުން އެގެއަށް ދިޔައިރު ޝަމްސުއްދީން ހުރީ ކޮޓަރީގައި ދަންޖެހިފައެވެ. އެގެއިން ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއި ރާފުޅިވެސް އަތުލައިގަތެވެ. އަދި އެގެއިން އެތައް މުވައްޒަފުންނެއް ހާޒިރުކުރެވި ޓެސްޓް ކުރެވުނުއިރު ގިނަ މީހުން މަސްތުވާ ތަކެއްޗަށް ޕޮސިޓިވްއެވެ. އެހެންކަމުން އެމީހުން ހައްޔަރުކުރެވުނެވެ. އަނެއްބައި މީހުން ދޫކޮށްލެވުނެވެ.

“އަހަރެމެންނަށް ފެނުނު ހެކިތަކަށް ބަލާއިރު ޝަމްސު މަރާލިކަމަށް ބެލެވެނީ ހުޒާމް. އެކޮޓަރިއަށް އެންމެފަހުން ވަދެފަ ހުރީ ހުޒާމް. އޭނަގެ ގައިން ނެގި ފިންގަރ ޕްރިންޓްސް މެޗްވަނީ ހުޒާމްއާ. އެކަމަކުވެސް ތިބުނަނީ ޝަމްސުއްދީން މަރާލީ ހުޒާމްއެއް ނޫނޭ.” ތަޙުޤީޤާއި ހަވާލުވެގެން ހުރި އޮފިސަރ އާދިލް ބުނެލިއެވެ.

“ކިހާ ދެރަކަމެއްތަ؟ އަހަރެން މިބުނީނު އަހަރެން ޝަމްސު މަރައެއް ނުލަމޭ. އަހަރެމެން ގެއަށް ދިޔައިރުވެސް އޭނާ ނޭވާލާ. ހަމަ ބަރާބަރު. އަނެއްކާ ތިބުނަނީ އޭނަ ހުރީ ދަންޖެހިފައޭ. އަހަރެމެން ދިޔައިރު އޭނަ އޮތީވެސް ތަޅުންމަތީގަ. ޤަބޫލުނުކުރަންޏާ ނިކަން އޭނަގެ އަންހެނުން ގާތު އަހާބަލަ. އޭނަ މަރުވި ފަހުން އަލުން ދިރިގެން ގޮސް ދަންޖެހޭނެތަ؟ ފުލުހުންނަކަސް ބޯހަމަޖެހޭ ވާހަކަ ދައްކަބަލަ.” ހުޒާމް ރުޅިއައިސްފައި ހަޅޭއްލަވައިގަތެވެ.

“އަހަރެމެން އަދި ރިޒްނާގެ ބަޔާންވެސް ނަގާނަން. އެކަމަކު މިހާރު ހުޒާމްއާ ދެކޮޅަށް ދެތިން މީހުން ހެކިބަސްވެސް ދީފި.” އާދިލް ބުންޏެވެ.

“އަހަރެންނަށް ވަރިހަމަ ކޮންމެ މީހަކު ކޮންމެ ގޮތަކަށް ބަޔާން ދިނަސް. އަހަރެންނަށް އެނގޭހާވެސް އެއްޗަކީ އަހަރެމެން އެގެއިން ނުކުތްއިރު އޭނާ މަރުނުވާކަން. އަދި އޭނާ އޮތީ ތަޅުންމަތީގައިކަން.” ހުޒާމް ފާޅުގައި ދެކޮޅު ހެދިއެވެ.

“އަހަރެންނަށް ހީވަނީ ތިއުޅެނީ ކޮންމެވެސް ގޮތަކުން އަހަރެންގެ ބޮލުގަ ތިކަން އަޅުވަންހެން.” ހުޒާމް އެހެން ބުނެލުމުން އާދިލް އޭނާއަށް ބަލާލީ ލޯއަޅާލަމުންނެވެ.

“އަހަރެމެން މި މަސައްކަތްކުރަނީ ކުށެއް ނުކުރާ މީހަކަށް…”

“އަދަބުދޭން. އަދި އެއީ ތިމާއަށް ލިބެން އޮތް ބޮޑު ފައިދާގަނޑެއްގެ ބޭނުމުގަ. އެހެންނު.” އާދިލްގެ ވާހަކަ މެދުކަނޑާލަމުން ހުޒާމް ބުނެލިއެވެ. އެއާއެކު އާދިލްގެ ދެއަތް މުށްކެވިގެން ދިޔައެވެ. އޭނާ ހުޒާމްއާ ދިމާއަށް އައީ ހަލުވި ފިޔަވަޅުތަކެއްގައެވެ. އޭނާ އުޅުނީ ހުޒާމްގެ ގައިގައި ޖަހާށެވެ. ނަމަވެސް އަތް ހިއްލާލި ވަގުތު އޭނާއަށް ހުއްޓުމެއް އައީ އެތާނގައި ކެމެރާ ހުންނާނެކަން ހަނދާންވުމުންނެވެ.

“ކިހިނެއްވީ؟ ތެދަށް ބުނީމަ އެކަން ހަޖަމެއްނުވި ދޯ؟” ހުޒާމް މަލާމާތުގެ ރާގެއްގައި ބުނެލިއެވެ.

“އެންމެ ރަނގަޅު. ހުޒާމް ތިބުނަނީތާ ހުޒާމްއެއް ނޫނޭ އޭނަ މަރާލީކީ. އެހެންވިއްޔާ އެކަން ސާބިތުކޮށްދީބަލަ.” އާދިލް އެހެން ބުނެލުމުން ހުޒާމްއަށް ގޮތްހުސްވި ކަހަލައެވެ. އޭނާ ހިމޭންވިއެވެ.

ހުޒާމް އިނީ ގޮޅީގައި ބަންދުކޮށްފައެވެ. އޭނާ އިނީ އިސްޖަހައިގެންނެވެ. އެމޫނަކުން މާބޮޑު އަސަރެއް ފާޅެއްނުވެއެވެ. އޭނާ އެހެން އިންދާ އޭނާއާ ބައްދަލުކުރަން ރިޒްނާ އައެވެ. އޭނާ ހުރީ އިންތިހާއަށް ދެރަވެފައެވެ. އޭނާގެ ސަބަބުން ކުށެއްނެތް އިންސާނަކު ޖަލުގައި ހައްޔަރުވާން ޖެހުމުންނެވެ.

“ޒާމް! އަހަރެން ވަރަށް ދެރަވެއްޖެ އަހަރެންގެ ސަބަ…”

“ނޫން ރިޒޫ. ތިހެން ނުބުނޭ. މިއީ ރިޒޫއާހެދި ވީގޮތެއް ނޫން.” ރިޒްނާގެ ވާހަކަ މެދުކަނޑާލަމުން ހުޒާމް ބުނެލިއެވެ.

“ނޫން. ތިއީ އަހަރެންނާހެދި ވީގޮތެއް. އަހަރެން ހުޒާމްއަށް ނުގުޅިނަމަ މިހެނެއް ނުވީސް.” ރިޒްނާއަށް ހުރީ ރޮވިފައެވެ. ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. ދައްކާނެ މާގިނަ ވާހަކައެއްވެސް ނެތީއެވެ. ގަޑި ހަމަވި ވާހަކަ ބުނުމުން ރިޒްނާ ދާން ތެދުވިއެވެ.

“ޒާމް! އިރާދަކުރެއްވިއްޔާ އަހަރެން ވަރަށް އަވަހަށް ޒާމް މިތަނުން ސަލާމަތްކޮށްދޭނަން. ހިތްވަރުކުރާތި!” ރިޒްނާ ދަންދެން ހުޒާމް ބަލަން ހުއްޓެވެ.

ހަފްތާއެއް ފަހެވެ. މިއަދަކީ ހުޒާމްގެ މައްސަލަ ވަކި ކޮޅެއްގައި ޖެހޭނެ ދުވަހެވެ. އެއްގޮތަކުން ވިއްޔާ އުމުރަށް ޖަލު ހުކުމެވެ. އަނެއްގޮތަކުން ވިއްޔާ އުމުރަށް މިނިވަންވީއެވެ. މެންދުރުފަހު ދޭއް ޖެހިއިރަށް ސާރާއާއި ޝަރީފާވެސް ކޯޓަށް ދިޔައީ އެމައްސަލަ ނިމޭނެ ގޮތެއް ބަލަން ބޭނުންވާތީއެވެ. އެމީހުންގެ ހެޔޮދުޢާ ވަނީ ހުޒާމްއާއެކުގައެވެ. ރިޒްނާ އިރުކޮޅެއްފަހުން ދާނެކަމަށް ބުނެ އެމީހުން ފޮނުވާލިއެވެ. އެމީހުން ދިއުމުން ރިޒްނާ ވަނީ ކޮޓަރިއަށެވެ.

ޝަރީއަތުގެ މަޖިލީސް ފެށުނުއިރުވެސް ރިޒްނާއެއް ނާދެއެވެ. އަނެއްކާ އޭނާއަށް ކަމެއްވީބާއޭ ސާރާގެ ހިތަށްއެރިއެވެ. އެމީހުން ތިބީ ހުޒާމްއާ ދޭތެރޭ ކަންބޮޑުވެފައެވެ. އެކަން ހުޒާމްއަށް ސާބިތުކޮށް ނުދެވިއްޖެނަމަ ޔަޤީނުންވެސް ފަންސަވީސް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޝަމްސުއްދީން މަރާލީ އޭނާ ނޫންކަމަށް ހުޒާމް ފާޅުގައި ބުނަމުން ދިޔަނަމަވެސް ހުރިހާ ހެއްކެއް ހުރީ އޭނާއާ ދެކޮޅަށެވެ. ސީސީ ކެމެރާ ފުޓޭޖްތަކަށް ބެލިޔަސް އެންމެފަހުން އެކޮޓަރިއަށް ވަނީ ހުޒާމްކަން އޮތީ ފެންނާށެވެ. އަނެއްކޮޅުން ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ދިން ދެތިން މީހުންވެސް ހެކިބަސް ދީފައިވަނީ ހުޒާމްއާ ދެކޮޅަށެވެ.

“ޝަމްސުއްދީން މަރާލީ ހުޒާމް ނޫންކަމަށް އޭނާއަށް ޝަރީއަތުގެ މަޖިލީހުގައި ސާބިތުކޮށް ނުދެވުމުގެ ސަބަބުން…”

“އަހަރެން ސާބިތުކޮށްދީފާނަން.” ކުއްލިއަކަށް ރިޒްނާގެ އަޑު އިވިފައި އެންމެނަށް އެއްފަހަރާ ދޮރާއި ދިމާއަށް ބަލާލިއެވެ. ދޮރުމަތީގައި ހުއްޓިލައިގެން ހުރި ރިޒްނާ ފެނިފައި ޝަރީފާއަށް ސާރާގެ އަތުގައި ހިފަހައްޓާލެވުނެވެ. ރިޒްނާ އެހާ ޔަޤީންކަމާއެކު ބުނެލުމުން ހުޒާމްގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ރޯވިއެވެ.

“ތީ ކޮން ބޭފުޅެއްތޯ؟” ޣާޒީ ސުވާލުކުރިއެވެ.

“މިއީ ޝަމްސުއްދީންގެ ދެވަނަ އަނބި ރިޒްނާ.” ރިޒްނާ އެހެން ބުނެލުމުން ޣާޒީ އޭނާ އެތެރެއަށް ވަންނަން ހުއްދަދިނެވެ.

“ޝަމްސުއްދީންގެ މަރާއި ބެހޭގޮތުން ސުވާލުކުރުމުގެ އިޒުނަ ދީފިން.”

“ޝަމްސުއްދީން މަރާލީ ކާކުކަން ރިޒްނާއަށް އެނގޭތަ؟” ޣާޒީގެ އިޒުނަ ލިބުމާއެކު ޝަމްސުއްދީންގެ ފަރާތުން ވަކީލަކަށް ހުރި ނިޒާރު ރިޒްނާއާ ސުވާލުކުރިއެވެ.

“ނޭނގެ. އެކަމަކު ހުޒާމްއެއް ނޫން.” ރިޒްނާ ކެރިހުރެ ބުންޏެވެ.

“ކިހިނެއް ރިޒްނާއަށް އެނގެނީ ހުޒާމް ނޫންކަމެއް ބުނަން؟” ނިޒާމްގެ ސުވާލުތައް ހުރިގޮތުން ރިޒްނާ ވަރަށް ހިތްހަމަނުޖެހުނެވެ. ކޮންމެ ގޮތަކުންވެސް ހުޒާމްގެ ބޮލުގައި އެކަން އަޅުވަން އުޅޭކަން ރިޒްނާއަށް ޔަޤީންވިއެވެ. އޭނާ ހަމަހޭގައިހުރެ ހަމަހިލާ އެހެން އެކަން ވިޔަކަ ނުދޭނެއެވެ.

“އެއީ އަހަރެމެން އެގެއިން ނުކުތްއިރު ޝަމްސު މަރެއްނުވޭ. އޭނަ ނޭވާވެސްލާ. އޭނަ އޮތީވެސް ތަޅުންމަތީގަ. ހުޒާމް އެގެއިން ނުކުތީ އަހަރެންނާއެކު. އެގެއިން ނުކުތްގޮތަށް އަހަރެމެން ދިޔައީ ސީދާ ހުޒާމްގެ ގެއަށް. އޭގެފަހުން ފުލުސް އޮފީހަށް ހާޒިރުކުރަންދެން ހުޒާމްއެއް ގެއިން ބޭރަކަށް ނުނިކުމޭ. އެހެންވެ އަހަރެންނަށް އެހެން ބުނަން އެނގެނީ.” ރިޒްނާ ސަބިތުކަމާއެކު ޖަވާބުދިނެވެ.

“އެހެންވިއްޔާ ރިޒްނާއަށް ދެއްކިދާނެތަ އެކަންކުރީ ހުޒާމް ނޫންކަން ސާބިތުކޮށްދެވިދާނެ ހެއްކެއް؟” ނިޒާމްގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ރިޒްނާވެސް ކޮށްލީ ސުވާލެކެވެ.

“އެންމެ ރަނގަޅު. ތިދައްކާ ސީސީ ޓީވީ ފުޓޭޖްގަ ހުރި އެއްޗިއްސަކީ ޞައްޙަ އެއްޗެހިކަން ނިޒާމްއަށް ސާބިތުކޮށްދެވިދާނެތަ؟” ރިޒްނާގެ ސުވާލުން ނިޒާމްގެ ދޫ ބަންދުވިއެވެ. އޭނާ އެއްޗެކޭ ނުބުނެ ހުރުމުން ދެންވެސް ވާހަކަދެއްކީ ރިޒްނާއެވެ.

“އަހަރެންނަށް ހެކިވެސް ދެއްކިދާނެ. އަދި އިތުރު މައްސަލަތަކެއްވެސް ޖެއްސިދާނެ. އޭރުން ތިކަހަލަ މީހުންގެ އިތުބާރު ގެއްލި ވަޒީފާ ގެއްލުން ނޫންކަމެއް ނުވާނެ. އެކަމަކު ކަލޭމެންނަށް ކޯއްޗެއް ދެއްކޭނީ؟ ތިހެން ހަޤީޤަތް އޮޅުވާލާ ގިރިޓީކޮށްފަ ދެއްކުން ނޫންކަމެއް ތިކަހަލަ ހަރާންކޯރު މީހުންނަކަށް ނުކުރެވޭނެ.” ރިޒްނާ އެހެން ބުނެލުމުން ނިޒާމްއަށް ސިހިފައި ބަލާލެވުނެވެ. ރިޒްނާ އޭނާގެ ޖީބުން ނެގި ސިޓީ އުރައެއް ނަގާ ދައްކާލިއެވެ.

“މިއޮތީ ހެކި. މިއޮތީ ޝަމްސު އޭނާ މަރުވުމުގެ ކުރިން އޭނަގެ އަތުން ލިޔެ ފިންގަރ ޕްރިންޓް ޖަހާފައި އޮތް ސިޓީއެއް. އޭނާ މަރުވީ އަމިއްލައަށް. މީގަ އެބައޮތް އޭނާ މަރުވީ ސަބަބު ވަރަށް ތަފްސީލުކޮށް ލިޔެފަ. މިސިޓީ އަހަރެންނަށް ލިބުނީ އިއްޔެ ޕޯސްޓުން.” ރިޒްނާ އޭނާގެ ޖީބުން ނެގި ސިޓީ އުރަ ދައްކާލަމުން ބުނެލިއެވެ.

“އަދި މީގައި ލ؛ޔެފައި އެބައޮތް އެކޮޓަރީގައި މީގެ އަނެއް ކޮޕީ ވާނެކަމަށް ލިޔެފައި. މިއޮތީ އެވެސް. މީތި އަހަރެންނަށް ލިބުނީ މީގެ ދެދުވަސް ކުރިން އެގެއަށް އަހަރެންގެ ބައެއް ސާމާނުތައް ބަލާ ގޮސް އުޅުމުގެ ތެރޭގަ.” ރިޒްނާގެ ޖީބުން ނެގި ކަރުދާސްގަނޑެއް ދައްކާލަމުން ބުނެލިއެވެ. އޭރު އޭނާގެ ތުންފަތްމަތީގައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނާއަށް ހުޒާމް ސަލާމަތްކުރެވޭނެކަން ޔަޤީންވާތީއެވެ.

ނިޒާމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝަމްސުއްދީންގެ ބޭބެގެ އެދުމަށް އޭނާއަށް މި ނެގުނީ، އޭނާ ކަހަލަ ތަޖުރިބާކާރު ވަކީލަކު ނަގައިގެން ނުވާނެކަހަލަ ރިސްކެކެވެ. އޭނާއަށް މިކަހަލަ ރިސްކެއް ނަގަން މަޖުބޫރުކުރުވީ ޝަމްސުއްދީންގެ ބޭބެއާމެދު އޮންނަ ގާތް ރަޙުމަތްތެރިކަމެވެ. އަނެއްކޮޅުން އެޝަރީއަތުން ޝަމްސުއްދީންގެ ކޮޅަށް ކާމިޔާބުވެއްޖެނަމަ ނިޒާމްއަށް ވަރަށް ރަނގަޅު ފައިސާގެ އިނާމެއް ދޭނެކަމަށް ބުނުންވެސް ވެގެންދިޔައީ ނިޒާމް އެކަމާ ރުހުނު ސަބަބަކަށެވެ. ފައިސާއަކީ އިންސާނާ މޮޔަކޮށްލާ އެއްޗެއްކަމުން އޭނާއަށްވެސް އޭގެ ދަޅައިގައި ޖެހެވުނީއެވެ. އެއްވެސް ހެއްކެއްނެތި އޭނާއަށް މިކަމާ ކުރިމަތިލުމަކީ އޭނާއަށް އެޅުނު ވަރަށް ބޮޑު ޅައެއްޗެކެވެ. އޭނާ މިހާތަނަށް ކޮށްފައިވާ އެއްވެސް ވަކާލާތަކުން ބަލިވެފައި ނުވިނަމަވެސް މިފަހަރު އަންހެނެއްގެ ކުރިމަތީ އޭނާ އެވަނީ ކުރާނެކަމެއް ނެތި އިނދަޖެހިފައެވެ. އޭނާއަށް ލަދުން އިސްޖަހާލެވުނެވެ.

ރިޒްނާ އޭނާގެ އަތުގައި އޮތް ސިޓީ އުރައާއި ވަކިން އޮތް ސިޓީ ޣާޒީއާއި ހަވާލުކުރިއެވެ. ޣާޒީ އެދުވަހުގެ ޝަރީއަތުގެ މަޖިލީސް ނިންމާލީ ވަކި ކޮޅަކަށް ނުނިންމައެވެ. މިހާރު މި ކުރިމަތިވި މައްސަލައިގެ ސަބަބުން ތާވަލް ބަދަލުވީއެވެ. އެ ދެސިޓީ ދިރާސާކުރުމަށްފަހު ޙުކުމްކުރުން އޮތީ ޖެހިގެން އަންނަ ހަފްތާގެ ހޯމަ ދުވަހުއެވެ. އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައެ އެސިޓީ އިއްވުން އޮންނާނެއެވެ. ޝަރީއަތުގެ މަޖިލީސް ނިމުމަށްފަހު ހުޒާމްއާއި ރިޒްނާ ބައްދަލުވީ ކޯޓުގެ ދޮރުމަތިންނެވެ.

“ޒާމް! އަހަރެން ބުނީމެއްނު އަހަރެން ވަރަށް އަވަހަށް ޒާމް މިތަނުން ސަލާމަތްކޮށްދޭނަމޭ. އަަހަރެންގެ ސަބަބުން އެއްވެސް ކުށެއްނެތި ޒާމްގެ ދިރިއުޅުމުގެ ބާކީ ދުވަސްތައް ޖަލުގަ ހޭދަކުރާކަށް ނުޖެހޭނެޔޭ.” ރިޒްނާ ހިނިތުންވެލާފައި އެހެން ބުނެ ހުޒާމްއާ ސަލާމްކޮށްލާފައި ދިޔައީ ގެއަށެވެ. ސާރާއާއި ޝަރީފާ އޭރު ގެއަށް ގޮސްފިއެވެ.

“ދައްތަ ހިއެއްވެސް ނުކުރަން ރިޒްނާ ތީ ތިހާ ކެތްތެރި ހިތްވަރުގަދަ ކުއްޖެއްކަމަކަށް. ހުޒާމްއަކީ ދައްތަގެ ބަނޑުން އުފަންވި ދަރިއަކަށް ނުވިޔަސް އެއީ ހަމަ މިދައްތަގެ ބަނޑުން އުފަންވި ދަރިއެއްފަދަ. ދައްތައަކަށް ނޭނގެ ރިޒްނާއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް.” ޝަރީފާ ހީވަނީ އުފަލުން މޮޔަވެދާނެހެންނެވެ. އޭނާއަށް ހުޒާމް ސަލާމަތްވާނެކަން ޔަޤީންވާތީއެވެ.

“ދައްތާ! މީ އެވަރުގެ ކަމެއްނޫން. އެކުވެރިއަކަށްޓަކާ ކޮށްދެވުނު މިއީ ވަރަށް ކުޑަކަމެއް. އެއަށްވުރެ މާބޮޑުކަމެއް ކަންނޭނގެ ޒާމް އަހަރެންނަށް އެކޮށްދިނީ. އެކަހަލަ ތަނަކުން މީހަކު ސަލާމަތްކޮށްދިނުމަކީ ވަރަށް ބޮޑުކަމެއް. އަހަރެން އެތަނުން ސަލާމަތް ނުވެވިގެން އުޅޭތާ މިހާރު ފަނަރަ އަހަރުވެގެން މިދިޔައީ.” ރިޒްނާ ބުނެލިއެވެ. ސާރާ ރިޒްނާގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމަށް ސާބަސްދިނެވެ. އަދި ހާލުގައި އުޅޭ މީހަކީ އޭނާއެއް ނޫންތާއޭ ސާރާގެ ހިތަށްއެރިއެވެ.

ހަފްތާއެއް ފާއިތުވެގެންދިޔަ ގޮތްވެސް ނޭނގުނެވެ. ކޯޓަށް ހާޒިރުވެ ތިބިއިރު ރިޒްނާގެ މޫނުމަތިން ފެންނަނީ ކާމިޔާބީގެ ހިނިތުންވުމެވެ. ޝަރީފާއާއި ސާރާގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމެވެ. ހުޒާމްގެ މޫނުމަތިން ފެންނަނީ ޔަޤީންކަމެވެ. އެއްވެސް ހާސްކަމެއްނެތި އެ ހަތަރު މީހުން ތިބިއިރު ހާސްކަމުގެ ތެރޭގައި އިނީ ނިޒާމްއެވެ. އޭނާ ފުރަތަމަ ފަހަރަށް ޝަރީއަތަކުން ބަލިވުމުން، ޚާއްސަކޮށް އަންހެނެއްގެ އަތުން ބަލިވުމުން އޭނާ އިނީ އިސްއުފުލާލަން ނުކެރިފައެވެ.

ޝަމްސުއްދީންގެ ސިޓީގައިވާ ގޮތުން އޭނާ އަމިއްލައަށް މަރުވީ އޭނާ ރިޒްނާއަށާއި އެތައް އަންހެންކުދިންނަކަށް ކޮށްފައިވާ އެކިއެކި އަނިޔާތަކާއި، އެތައް ކުދިންނެއް ލައްވާ ވިޔަފާރިކުރުވަން މަސައްކަތްކުރިކަން ފަޅާއެރުމުންނެވެ. އަދި މަސްތުވާތަކެއްޗާއި ބަނގުރާ ވިއްކުމުގެ ވިޔަފާރި ކުރާކަން ފަޅާއެރުމުންނެވެ. މިކަންކަމުގެ ސަބަބުން އޭނާއަށް ލިބޭނެ އަދަބުތަކުން ސަލާމަތްވުމަށެވެ. އެއީ ތައުބާ ނެތް ފާފައަކަށް ވީނަމަވެސް ދުނިޔޭގެ ލަދަށް ކެތްކުރާނެހާ ބާރު ނެތުމުންކަމަށް ލިޔެފައިވެއެވެ.

އެސިޓީގައިވާ އިނގިލީގެ ނިޝާން ޝަމްސުއްދީންގެ އިނގިލީގެ ނިޝާނާއި ދިމާވާތީ އެއީ ޞައްޙަ ސިޓީއެއްކަމަށް ޝަރީއަތުން ނިންމިއެވެ. ހުޒާމްއަކީ ކުށްވެރިއެއް ނޫންކަމަށް ނިންމާ އޭނާ މިނިވަންކުރިއެވެ. އަދި ތަޙުޤީޤުގެ މަރުޙަލާގައި ފަރުވާކުޑަކޮށްފައިވާތީ ތަޙުޤީޤުގައި ބައިވެރިވި ފުލުހުން ސަސްޕެންޑް ކުރިއެވެ.

ކޯޓުން ނުކުތްއިރަށް ނޫސްވެރިންތައް ހުޒާމްއާއި ރިޒްނާގެ ވަށާލައި ސުވާލުތައް ކުރަންފެށިއެވެ. ނަމަވެސް އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަމަށް ބުނެ ހުޒާމް ރިޒްނާގެ އަތުގައި ހިފައިގެން އެމީހުންގެ ތެރެއިން ފުރޭނިގެން ގޮސް ކާރަށް އެރިއެވެ. ކާރާއި ހަމައަށް އަންނަންދެންވެސް ނޫސްވެރިން ހުއްޓާނުލާ ސުވާލުކުރަމުން ދިޔައެވެ. ހުރިހާ މީޑިއާއަކުން އެއްފަހަރާ ސުވާލުތައް ކުރަމުން ދިޔައިރު ހީވަނީ މުޒާހަރާއެއް ކުރަމުން ދިޔަހެންނެވެ.

ވިއްސަކަށް މިނެޓުގެ ދަތުރަކަށްފަހު ކާރު ގޮސް މަޑުކޮށްލީ ހުޒާމްގެ ގޭގެ ގޯތިތެރެއަށެވެ. ގެއަށް އާދެވެންދެންވެސް ކާރުގައި ތިބެ އެންމެން ދިޔައީ ރިޒްނާއަށް ޝުކުރު އަދާކޮށް އޭނާގެ ހިތްވަރަށް ތަޢުރީފު ކުރަމުންނެވެ. ހުއްޓާނުލާ ތަޢުރީފުކުރަމުން ދިއުމުން ރިޒްނާ އިނީ ލަދުގެންފައެވެ.

“ދެން ތިހާވަރަށް ޚުޝާމަދު ނުކޮށްބަލަ.” އެތެރެއަށް ވަންނަން ހިނގައިގަންނަމުން ރިޒްނާ ލަދުން ބުނެލިއެވެ. އެއާއިއެކު އެންމެން ހީގަތެވެ. މިއަދު ރިޒްނާއަށް ބަޔާންކުރަންދަތި އުފަލެއް ލިބިއްޖެއެވެ. ހުޒާމްގެ ހިތުން ޖާގައެއް ލިބިއްޖެކަމަށް އޭނާއަށް ހީކުރެވުނީއެވެ. ނަމަވެސް ހުޒާމްގެ ހިތުގައި ރަނިކަން ކުރަމުންދަނީ އޭނާއާ އެންމެ ގާތުގައި އުޅޭ މީހާކަން އޭނާއަށް އެނޣޭނީ ކިހިނެއް ހެއްޔެވެ؟ ޚުދު ސާރާއަށްވެސް އެކަމެއް ނޭނގެއެވެ. އެވަގުތު ރިޒްނާއަށް އޭނާގެ މުސްތަޤުބަލުގެ އުޖާލާ މަންޒަރުތައް ލޯކުރިމަތިން ސިފަވިއެވެ. ހުޒާމްއާއެކު މި ގަނޑުވަރެއްފަދަ ގޭގައި ރާނީއެއް ފަދައިން ރަނިކަން ކުރާ މަންޒަރު ސިފަވުމުން އޭނާއަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އެވަގުތު އޭނާ ސިހިގެން ދިޔައީ ހުޒާމް އޭނާގެ ކޮނޑުގައި ޖަހާލުމުންނެވެ.

“މިހާ އަވަހަށް ހުވަފެން ބަލަން ފެށީތަ؟ އަދި އެވެސް ދުވާލު ގަޑީގަ.” ހުޒާމް އެހެން ބުނެލުމުން ވަގުތުން ރިޒްނާގެ މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ޚިޔާލީ ވާފަށް މި އެއްލުނީ މާދުރަށެވެ. އަދި މިއުޅެވެނީ ހުޒާމް ގާތު އެވާހަކަ ނުވެސް ދެއްކިގެންނޭ ރިޒްނާގެ ހިތަށްއެރިއެވެ. ނަމަވެސް ހުޒާމްގެ ގާތުގައި އެވާހަކަ ދައްކާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އެވާހަކަ ބުނުމުން ހުޒާމް ކަންތައް ކުރާނެ ގޮތެއްވެސް އެނގެނީކީ ނޫނެވެ. އެންމެފަހުން އޭނާ ގޮތެއް ނިންމައިފިއެވެ. ކޮންމެ ގޮތެއްވިޔަސް ވަރިހަމައެވެ. ހުޒާމް ގާތުގައި އެވާހަކަ ދައްކާނީއެވެ. ބޮއްކުރާ ދޮށަށް އޮޑި ކަނބަނީއޭ ބުންޏަސް އޭނާގެ ފަރުވާލެއް ނެތެވެ. ކޮންމެ ގޮތަކުންވެސް ބޭނުންވަނީ ހުޒާމްއެވެ. އޭނާގެ ލޯތްބެވެ.

(ނުނިމޭ)

16
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ރޯލީމޭ (05) ފަހުބައި

Next

ނޭނގޭ ގޮތެއްވޭ 4

Next
March 3, 2017

ނޭނގޭ ގޮތެއްވޭ 4

Previews
March 2, 2017

ރޯލީމޭ (05) ފަހުބައި

15 Comments

  1. Saandy says:
    March 3, 2017 at 7:15 am

    މިއޮތީ 7ވަނަ ބައި… އުއްމީދުކުރަން ހުރިހާ ކުދިންނަށްވެސް ކަމުދާނެކަމަށް

  2. Ha v says:
    March 3, 2017 at 7:32 am

    Vvv reethi

  3. Addu manje says:
    March 3, 2017 at 7:34 am

    Varah reethi..
    ☺

  4. Fathu says:
    March 3, 2017 at 8:29 am

    Comment nukoh lius gavaaidun mi vaahaka kiyan. Vvvv rythi mi vaahaka. Shine layaa sandy my favorite writers .

  5. Baby girl says:
    March 3, 2017 at 9:13 am

    Varah reethi mi partves ❤

  6. Phiroo says:
    March 3, 2017 at 9:56 am

    Mi part ves v v v v v v reethi. ?

  7. naree says:
    March 3, 2017 at 11:43 am

    vvv reethi

  8. zay says:
    March 3, 2017 at 1:38 pm

    Vara reethi

  9. Maree says:
    March 3, 2017 at 2:48 pm

    asluves V reethi mi vaahaka dhuvaalaku baehtha up kuraanee Saandy kiyaa hivvaathee hama ahaalee

    1. Saandy says:
      March 3, 2017 at 5:38 pm

      ލައްބަ!! ދުވާލަކު ބައެއް… އެއްކޮށް ޝެޑިއުލްކޮށް ނިމިފަ އޮތީމަ

  10. Baby says:
    March 3, 2017 at 2:49 pm

    vv reethi waiting for next part.

  11. haw shia shaba shi r says:
    March 3, 2017 at 3:12 pm

    V reethi

  12. bj doll says:
    March 3, 2017 at 8:47 pm

    CHEEEEDHI… KUNI KUNI VAAHAKA EH!!!

  13. Saandy says:
    March 4, 2017 at 12:48 am

    ޝުކުރިއްޔާ ހުރިހާ ކުދިންގެ ކޮމެންޓްތަކަށްވެސް

  14. xeyboo says:
    March 16, 2017 at 2:31 pm

    wowoww

Comments are closed.

All Right Reserved!