
“ވަރަށް ރީތި. ހިނގާ ދަމާ.” ހުޒާމް އެހެން ބުނުމުން ސާރާ އޭނާއާއެކު ހިނގައިގަތެވެ. އެވަގުތު ހުޒާމްގެ ފޯނު ރިންގުވިއެވެ. ފޯނު ނަގާ ބަލާލިއިރު ރިޒްނާގެ ކޯލެއްކަމުން ހައިރާންވެފައި ހުރެވެސް އޭނާ އަވަސްއަވަހަށް ފޯނު ނެގިއެވެ.
“ޒާމް ޕްލީޒް! އަހަރެން ސަލާމަތްކޮށްދީ. އެ ނުލަފާ މީހާ އަހަރެން މަރާލަފާނެ.” ކުއްލިއަކަށް އެގޮތަށް ރިޒްނާގެ އަޑު އިވުމުން ހުޒާމްއަށް ހުއްޓެވުނެވެ. ރިޒްނާގެ އަޑުންވެސް އޭނާ ބިރުގެންފައިވާވަރު އެނގެއެވެ. އެވަގުތު ދޮރެއްގައި ކަހަލަ އެއްޗެއްގައި ތަޅާ ކަހަލަ އަޑެއް ހުޒާމްއަށް އިވުނެވެ.
“ރިޒޫ! ކިހިނެއްވީ؟ ކޮންތާކު ތިހުރީ؟” ހާސްވެފައި ހުޒާމް އެހިއެވެ. ކުއްލިއަކަށް ރިޒްނާގެ ނަން އަޑު އިވުމުން ސާރާގެ މޫނުމަތީގައިވީ ހިނިތުންވުން ފިލައިގެން ދިޔައެވެ.
“ގޭގައި. ޒާމް ޕްލީޒް. އަހަރެން ސަލާމަތްކޮށްދީ.” ރިޒްނާ އެހެން ބުނުމާއެކު އިވުނީ އެއްޗެއް ވިއްސާލުމުން ކިޔާފަދަ ގަދަ އަޑެކެވެ. އެއަޑާއި އެކުވެގެން އިވުނީ ރިޒްނާގެ ހަޅޭކުގެ އަޑެވެ. އެއާއިއެކު ފޯނުވެސް ކެނޑިއްޖެއެވެ. ހުޒާމް އަވަސްއަވަހަށް ގުޅާލިއިރު ފޯނު އޮތީ ނިއްވާލާފައެވެ.
“ސާރާ! އަހަރެން އެބަ އަންނަން.” އެހެން ބުނެ ފޯނު ސޯފާ މައްޗަށް އެއްލާލާފައި ހުޒާމް ދުވެފައި ބޭރަށް ނުކުތެވެ. ހުޒާމް ދުވެފައި ބޭރަށް ނުކުންނަތަން ފެނިގެން ޝަރީފާ ދެފަހަރަކު ގޮވާވެސްލިއެވެ. ނަމަވެސް އެއަޑު ހުޒާމްއަށް އިވުނުހެނެއް ހިއެއްނުވެއެވެ. ނޫނީ ވަގުތުގެ ނާޒުކުކަމުން މަޑުކުރެވެން ނެތީތީ އަޑުއިވުނުކަމަށް ނުހެދީއެވެ. އޭނާ ދިޔަގޮތަށް ނުކުމެގެން ދިޔައީއެވެ.
“ކޮންތާކަށް އެދިޔައީ؟” ޝަރީފާ ސާރާ ގާތު އަހާލިއެވެ.
“ނޭނގެ ދިޔަތަނެއް. ރިޒްނާ ގުޅީމަ. ވަރަށް ހާސްވެފައި ހުރީ.” ސާރާ އޭނާއަށް އެނގޭ މިންވަރަށް ބުނެދިނެވެ.
ހުޒާމް ބޭރަށް ނުކުތްއިރު ކުރިމަތީ ހުރި އިމާރާތުގެ ގޭޓު ކައިރީގައި ފޯރިމަރަން ދެ ދޮރުވާނުން ތިބިތަން ފެނި އޭނާގެ ފިޔަވަޅުތަކެއް ހުއްޓުމެއް އައެވެ. ދާގޮތަށް ގޮސް ވަންނަން ދިމާކޮށްފިނަމަ އޭނާއަކަށް ރިޒްނާ ސަލާމަތެއްވެސް ނުކުރެވޭނެއެވެ. ބަދަލުގައި އޭނާއަށްވެސް ލިބޭނީ އަނިޔާތަކެކެވެ. ހުޒާމް ވިސްނާލިއެވެ. އެވަގުތު އޭނާގެ ސިކުނޑިއަށް ވެރިވި މޮޅު ޚިޔާލަކުން އަވަސް ފިޔަވަޅުތަކެއްގައި ކުރިމަތީގައިހުރި އިމާރާތާއި ދިމާއަށް ހިނގައިގަތެވެ.
“އައްސަލާމް ޢަލައިކުމް. އަޅުގަނޑު މިއައީ މިގޭގެ ބޮޑުމީހާއާއި ބައްދަލުކޮށްލަން. މިއަދު ހަވީރު ހަތަރުގަޑި ފަނަރައަށް އަންނާށޭ ބުނުއްވާފައި އޮތީމަ.” ހުޒާމް ވަރަށް އަދަބުވެރިކަމާއެކު ބުނެލިއެވެ. އޭނާގެ ރޭވުން ކިތަންމެހާވެސް ކާމިޔާބެވެ. ދެދޮރުވާނުންކުރެ އެކަކު އޭނާ އެތެރެއަށް ވެއްދިއެވެ.
“ހިންގަވާ!” އެތަނުން އަނެކަކު ބުނެލިއެވެ.
“ބައްލަވާ! އަޅުގަނޑަށް އޭނާގެ ރޫމް ބުނެދެއްވާ. އަޅުގަނޑު އެކަނި ގޮސްލަފާނަން. ތިބޭފުޅާ މިތަނުން ދާތަނުން މިގެއަށް ވަދެގަންނަން ބަޔަކު ދިމާކޮށްފިނަމަ ކިހިނެއްތޯ ހައްދަވާނީ؟” ހުޒާމް ވަރަށް މޮޅަށް އެ ދޮރުވާނުގެ ބޮލަށް ސަވާރުވެގަތެވެ. ދޮރުވާނަށްވެސް އެއީ ކަންވެދާނެ ގޮތެއްކަމަށް ޤަބޫލުކުރެވުނީ ކަންނޭނގެއެވެ. އޭނާ ހުޒާމްއަށް ޝަމްސުގެ ރޫމް ނަމްބަރު ބުނެދިނެވެ.
“ބޮސްގެ ރޫމަކީ ތިންވަނަ ފްލޯރގެ ހަވަނަ ރޫމް.” ދޮރުވާނަށް ޝުކުރު އަދާކޮށްފައި ހުޒާމް އެތެރެއަށް ވަންނަން ހިނގައިގަތީ ދޮރުވާނުގެ މޮޔަކަމާއިމެދު ހިތާހިތުން މަލާމާތްކުރަމުންނެވެ. އެތެރެއަށް ވަންނަން ހިނގައިގަތްއިރު ހުޒާމްގެ ހިތް ތެޅޭވަރުން ހީވަނީ މޭ ފަޅާލާފައި ނުކުންނަން އުޅޭހެންނެވެ. ގޭތެރެއަށް ވަތްތަނާ ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ހުޒާމް ސިޑިއާއި ދިމާއަށް ދުއްވައިގަތެވެ. ރިޒްނާވެސް އެބުނާ ބޮސްގެ ކޮޓަރިކަމަށް ދޮރުވާނު ބުނި ރޫމް ނަމްބަރެވެ. އަނެއްކާ އެމީހާ ރިޒްނާއަށް ގޮތެއް ހަދަނީބާއެވެ.
ތިންވަނަ ފްލޯރއަށް އެރުނުއިރު ހުޒާމް ހުރީ ވަރުބަލިވެފައެވެ. ހާސްވެ ކަންބޮޑުވެފައި ހުރިއިރު މުޅިމީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ކުރިމަތީގައި އޮތީ ހިމަ ގޯޅިއެކެވެ. ހަވީރުގެ ވަގުތަށްވެފައި ހޮޅިބުރިތައް ނުދިއްލާ ހުރުމުން ފުދޭވަރަކަށް އަނދިރިއެވެ. އެއީ ހުޒާމް އައިކަން އެނގިގެން ކޮށްފައިވާ ކަމެއްހެން ހީވެއެވެ. އަނެއްކާ އޭނާގެ ހަޤީޤަތް އެމީހުންނަށް އެނގުނީބާއެވެ. އެހެން ހިތަށް އެރުމުން އޭނާ ހާސްވިއެވެ. އަވަހަށް ރިޒްނާ ސަލާމަތްކޮށްގެން އެތަނުން ނުކުމެވޭތޯ ބަލަންވީއެވެ. އެވަގުތު އޭނާއަށް އަނެއްކާވެސް ހުޒާމްއަށް ރިޒްނާގެ ވޭނީ ހަޅޭކުގެ އަޑު އިވިގެން ދިޔައެވެ. އަޑު އަންނަނީ އެ ގޯޅިގަނޑުގެ އެންމެ ކޮޅުގައި ހުރި ކޮޓަރިންނެވެ. އޭނާ ގައިގައި ނެތް ހިތްވަރުލައި ދުއްވައިގަތެވެ. އެކޮޓަރިއާއި ހަމައަށް ދެވުނުއިރު އޭނާއަށް މާނޭވާ ލެވެއެވެ. ނަމަވެސް ވަގުތުގެ ނާޒުކުކަމުން އެންމެ މިނެޓެއްވެސް ލަސްނުކޮށް އޭނާ ތަޅުގައި ހިފާލިއެވެ.
ދޮރު ހުރީ ތަޅުނުލައެވެ. ދޮރު ހުޅުވާލުމާއިއެކު ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވިއެވެ. އޭނާ ހިއްސުތައްވެސް ގަނޑުވި ކަހަލައެވެ. ސަހަރޯއެވެ. މިއާދެވުނީ ކޮންފަދަ ތަނަކަށް ހެއްޔެވެ؟ ބޮޑު ސިންގާ ފިރިހެނަކު އެއޮތީ ބަރަހަނާ ހާލުގައި ރިޒްނާގެ ގައިމަތީގައެވެ. ރިޒްނާ ސަލާމަތްވާން ތެޅިފޮޅެމުން ދިޔައިރު އެކޮޓަރީގައި ހިނގަމުން އެދަނީ އާދައިގެ ކަމެއް ނޫނެވެ. އެއީ އެއަށްވުރެ މުޑުދާރު ޢަމަލެކެވެ. ކުށެއްނެތް އަންހެންކުއްޖެއްގެ ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ދަނީއެވެ.
“އޭތް…!” ހުޒާމް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. އެއާއިއެކު އެމީހާ ސިހިފައި ތެދުވިއެވެ. އެވަގުތު ރިޒްނާގެ އަނގައިން ބޭރުވީ “އާހް”ގެ އަޑެވެ. ރިޒްނާ އަވަސްއަވަހަށް ބެޑްޝީޓް ނަގާ ގައިގައި އޮޅާލިއިރު އެމީހާ އަވަހަށް ގޮސް ތުވާލި އޮޅާލިއެވެ. އެއަށްފަހު ހުޒާމްއާއި ކުރިމަތިލިއެވެ.
“ކަލޭ ކީއްކު…”
“ޔޫ ބަސްޓާޑް!!” ހުޒާމް ހަޅޭއްލަވައިގެންފައި ގޮސް ހިފީ އެމީހާގެ ކަރުގައެވެ. އެމީހާގެ ހަށިގަނޑު ކިތަންމެ ބިޔަނަމަވެސް އޭނާ ހުޒާމްއަށްވުރެ ބާރު ދެރައެވެ. ހުޒާމް އެމީހާ ގެންގޮސް ފާރުގައި ލައްކޮށްލާފައި މޫނުގައި ވަރުހުރި ދެތިން ބޮނޑި އެޅިއެވެ. އެއަށްފަހު އަނގަމަތީގައިވެސް ބޮނޑިއެއް އެޅިއެވެ. އެއާއިއެކު އޭނާގެ އަނގަމަތި ފަޅައިގެން ގޮސް އަނގައިން ލޭތައް އޮހިގަތެވެ. ބަނޑުގައި ފައިން ބޮނޑިއެއް އެޅުމާއެކު ހަޅޭކަކާއިއެކު އޭނާ ވެއްޓިއްޖެއެވެ. އެންމެފަހު ހަމަލާ ދިނީ ވަހުޝީކަން ހިތަށް ވަދެފައިވާ އެފިރިހެނާގެ އެފަދަ ވަގުތެއްގައި ޖެހުމަށް އެންމެ އެކަށީގެންވާ ތަނަށެވެ. އެއާއިއެކު ވޭނީ ހަޅޭކަކާއިއެކު އޭނާ ޚަބަރު ހުސްވެއްޖެއެވެ. އޭރު އޭނާގެ އަނގައިން ލޭތައް އޮހެމުން ދިޔައެވެ. މޫނުގައި ޖެހިތަން ވަނީ ނޫފައިގެންފައެވެ.
ހުޒާމްއަށް ރިޒްނާ އިންގޮތް ފެނުމުން ހަމްދަރުދީއިން ފުރުނެވެ. އެމީހާއަށް ކޮށްލެވުނުވަރު އަދިވެސް ކުޑަކަމަށް ހުޒާމްއަށް ފެނުނެވެ. އެހެންކަމުން އޭނާ އަނެއްކާވެސް އެމީހާއާއި ދިމާއަށް ހިނގައިގަތެވެ. ނަމަވެސް އޭނާއަށް ހުއްޓެން މަޖުބޫރުވީ ރިޒްނާގެ އަޑުންނެވެ.
“ނޫން ޒާމް. ދެން ހުއްޓާލާ. އަހަރެންނަކީ ރައްޓެއްސެއްކަމަށް ޤަބޫލުކުރަންޏާ ދެން އޭނައަށް އެއްވެސް ގޮތެއް ނުހަދާތި.” ހުޒާމްއަށް ރިޒްނާއަށް ބަލާލެވުނީ ޤަބޫލުނުކުރެވިފައެވެ.
“ރިޒޫ!” ހުޒާމްއަށް ގޮވާލެވުނީވެސް ތަންކޮޅެއް ބާރަށެވެ. އެހާ ހިސާބުން ރިޒްނާގެ ކެތްތެރިކަން ކޮޅުންލީއެވެ. ކުރިއަށް ދިޔުމަށް ލީހާ ހިތްވަރެއް ދޫވީއެވެ. އޭނާއަށް ބާރަށް ރޮއިގަނެވުނެވެ. އޭނާއަށް ހުޒާމްގެ ގައިގައި ބައްދައިގަނެވުނެވެ.
“ރިޒޫ! ހުއްޓާލާ.” ރިޒްނާގެ ބުރަކަށީގައި ފިރުމަމުން ހުޒާމް ބުނެލިއެވެ. ނަމަވެސް ރިޒްނާގެ ރުއިމަކަށް ބަދަލެއްނައެވެ. ހިތްދަތިވާ ވަގުތު އެހެން މީހެއްގެ އޯގާތެރިކަން ދެނީ ހިތްވަރުދިނުމުގެ ގޮތުންނެވެ. ނަމަވެސް އެފަދަ ވަގުތުގައި އެފަދަ އޯގާތެރިކަމެއް ލިބުމުން ވާގޮތަކީ މާބޮޑަށް ހިތްދަތިވެ ރޮވެނީއެވެ. ރިޒްނާއަށްވެސްވީ އެހެންނެވެ. އެތައް މަސައްކަތަކުން ރިޒްނާއަށް ރުއިން ހުއްޓާލެވުނެވެ. އެއާއިއެކު އޭނާ ހިނގައިގަތީ އަލަމާރިއާއި ދިމާއަށެވެ. އަލަމާރިން ހެދުމެއް ހިފައިގެން އޭނާ ވަނީ ފާޚާނާއަށެވެ. އޭރުވެސް އޭނާގެ ގިސްލެވެމުން ދިޔައެވެ. ހެދުން ލައިގެން ނުކުމެ ދަބަހަށް ދެތިން ހެދުންލިއެވެ.
“ހިނގާ އަވަހަށް މިތަނުން ދާން. ޝަމްސު ހޭއަރައިފިއްޔާ އަނެއްކާ ހުރިހާ ކަމެއް ގޯހުން ގޯހަށް ދާނީ.” ރިޒްނާ އެހެން ބުނެލުމުން ހުޒާމްއަށް ލިބުނު ހައިރާންކަމުގައި އަނގައިން އަޑެއް ލައްވާލެވުނެވެ.
“ޝަމްސުއޭ!؟ އޭނައަކީ ދިވެއްސެއް ނޫންތަ؟” ބަލާބެލުމަށް ޝަމްސުއްދީން ދިވެއްސަކާ ތަފާތެއް ނެތެވެ. ހުޒާމްއަށްވެސް ނޭނގުނީ އެހެންވެއެވެ. ރިޒްނާ ބޯޖަހާލިއެވެ.
“ދެން ކިހިނެއް؟ އޭނައާ ކޮން ގުޅުމެއް އޮތީ؟” ހުޒާމް ސުވާލު އުފެދިފައިވާވަރުން އަހާލިއެވެ. ރިޒްނާ ހުޒާމްއަށް ފުރަގަސްދިނެވެ. އެވާހަކަ ބުނާކަށް އޭނާއަކަށް ފަސޭހައެއް ނޫނެވެ.
“އެއީ… އެއީ…” ރިޒްނާއަކަށް ނުބުނެވުނެވެ.
“އެއީ ކާކުތަ؟” ކެތްތެރިކަން ކުޑަވެފައި ހުޒާމްއަށް އަހާލެވުނީވެސް ތަންކޮޅެއް ބާރަށެވެ.
“އެއީ… އެއީ އަހަރެންގެ ފިރިމީހާ.” ރިޒްނާ އެހެން ބުނުމުން ހުޒާމްއަށް ލިބުނު ސިހުމާއި ހައިރާންކަން އިތުރުވިއެވެ.
“ކީކޭ!!؟ ފިރިމީހާއޭ!!؟ އެކަމަކު ކިހިނެއް؟ ކޮންއިރަކު ކިހިނެއް ހިނގި ކަމެއް އެއީ؟” ހުޒާމް އޮޅުންފިލުވަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލިއެވެ.
“އަހަރެން ހުރިހާ ވާހަކައެއްވެސް ކިޔައިދޭނަން. އިހަށް ހިނގާ މިތަނުން ދާން. ޕްލީޒް!” ރިޒްނާ ކުރުނުކޮށް ކިޔަންފެށުމުން ހުޒާމްއަށް ޖެހުނީ އެވަގުތު އެތަނުން ދާށެވެ. އޭނާ ދަމުންވެސް ދިޔައީ ޝަމްސުއަށް ފައިން ހަމަލާއެއްދީފައެވެ. މިއަދު ރިޒްނާ އޭނާ ނުހުއްޓުވިނަމަ އޭނާ އަތުން ޝަމްސު މަރުވީހެވެ. އޭރުން އަނެއްކާވެސް އޭނާގެ ދިރިއުޅުން އެފުށްމިފުށަށް ޖެހުނީއެވެ.
ހުޒާމް ރިޒްނާ ގޮވައިގެން ގެއަށް ވަތްއިރު ސިޓިންގރޫމު ސޯފާގައި ޝަރީފާ ތިއްބެވެ. ވީގޮތެއް ނޭނގޭތީ ދެމީހުންވެސް ތިބީ ކަންބޮޑުވެފައެވެ. ހުޒާމް ދިޔަގޮތުންވެސް އެމީހުން ބިރުގަތެވެ. ކުއްލިއަކަށް ރިޒްނާ ގޮވައިގެން ހުޒާމް އައިސް ވަނުމުން ދެމީހުންނަށް އެއްފަހަރާ ބަލާލެވުނެވެ. ރިޒްނާގެ މޫނު ފެނުމުން ސާރާއަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. އޭނާއަށް ފުރަތަމަ ފަހަރަށް އެފަދަ ގޮތަކަށް މީހަކު ފެނުމުން ބިރުގަތީއެވެ. ޝަރީފާ ގޮސް ރިޒްނާގެ އަތުގައި ހިފައިގެން ގެނެސް ސޯފާގައި ބޭންދިއެވެ. އަދި ވަރަށް ރަނގަޅަށް ރިޒްނާއަށް ބަލާލިއެވެ. އޭނާގެ ނިތްކުރިން ފަޅައިގެން ގޮސްފައިވާ ތަނާއި، މޫނުގެ ރަނގަޅަށް ހުރި ފަޅިން ނޫފައިގެންފައިވާ ތަނާއި ދެއަތުގެ ކުޑަހުޅު ކައިރި ރަތްވެފައި ހުރިތަން ފެނުމުން ޝަރީފާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. އަނެއްކާ މީހަކު ރިޒްނާގެ ޢިއްފަތަށް އަރައިގަތީބާއޭ ޝަރީފާގެ ހިތަށްއެރިއެވެ.
“ދަރިފުޅާ ހުޒާމް! ދޭބަލަ ބޭސްފޮށި ހިފައިގެން އަންނަން.” ޝަރީފާ ބުނެލިއެވެ.
“މަންމާ! އިހަށް މަޑުކުރޭ. ރިޒޫ! ދޭ ގޮސް ފެންވަރާލައިގެން އަންނަން.” ހުޒާމް އެހެން ބުނެލުމުން ޝަރީފާގެ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް އިތުރަށް އެއްޗެކޭ ނުބުނީ ހުޒާމްގެ ގޮތް އޭނާއަށް އެނގޭތީއެވެ. އޭނާ ސުވާލެއް ކޮށްލާއިރަށް ކުއްލިއަކަށް ރުޅިއައިސްގެން ހަޅޭއްލަވައިގެންފާނެއެވެ.
ގާތްގަނޑަކަށް ތިރީހަކަށް މިނެޓް ފަހުން ރިޒްނާ އައީ ފެންވަރައި ރީތިވެލައިގެންނެވެ. އޭރު އޭނާގެ ނިތްކުރިން ފަޅައިގެން ގޮސްފައިވާ ތަނުގައި ހުރީ ބޭސް އުނގުޅާ މަލަންކޮޅެއް އަޅާފައެވެ. އޭރު ސާރާވެސް ޝަރީފާގެ ގާތުގައި އިނެވެ. އެދެމީހުންވެސް ތިބީ ރިޒްނާގެ އިންތިޒާރުގައިހެން ހީވެއެވެ.
“ރިޒޫ! ދެން ކިޔައިދީބަލަ.” ރިޒްނާ އައިސް ސޯފާގައި އިށީނުމާއެކު ހުޒާމް ކެތްތެރިކަން ކުޑަވެފައި އިނދެ ބުނެލިއެވެ.
“ކީއްވެ އެމީހާޔާ އިނީ؟ މީ ކޮންއިރަކު ކިހިނެއް ދިމާވި ކަމެއް؟” ތަޙުޤީޤުކުރާ މީހެއްފަދައިން ހުޒާމް އެހިއެވެ. އޭރު ރިޒްނާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާ އެވާހަކަ ކިޔައިދޭން ކިތަންމެ ބޭނުންވިޔަސް އެވާހަކަ ފަށާނެ ހިސާބެއް އޭނާއަކަށް ނޭނގެއެވެ. އޭނާ އެއްޗެކޭ ނުބުނެ އިންނަން ފެށުމުން ހުޒާމް އޭނާއަށް ގޮވާލިއެވެ.
“ކީކޭ؟” ސިހިފައި ރިޒްނާ އަހާލިއެވެ.
“މަބުނީ ދެން އެވާހަކަ ކިޔައިދީބަލާށޭ. އޭރުންނެއްނު އަހަރެންނަށް އެހީއެއް ވެވޭނީވެސް.” ހުޒާމް ބުނެލިއެވެ.
“އާހް!! ކިހިނެއް ކިޔައިދޭނީ؟ އަހަރެންނަކަށް ނޭނގެ މިވާހަކަ ފަށާނެ ހިސާބެއް.” ދެލޯ މަރާލަމުން ރިޒްނާ ބުނެލިއެވެ. އޭނާގެ ހިތަށް ކޮށްފައިވާ އަސަރު އެއަޑުން ދޭހަވެއެވެ.
“ލޯމަރާލާފަ ސީދާ ޕޮއިންޓް ބުނޭ.” ރިޒްނާއަށް އެވާހަކަ ކިޔައިދޭން ފަސޭހަ ނުވާނެކަން ހުޒާމްއަށްވެސް އެނގެއެވެ. އެހެންކަމުން އޭނާ އެންމެ ފަސޭހަވާނެ ގޮތް ބުނެދިނެވެ.
“ކީއްކުރާނީ؟ އަހަރެންނަށް މަޖުބޫރުވީ.” ރިޒްނާގެ އަޑު ބެދޭގޮތްވިއެވެ.
“ކިހިނެއް؟ ކީއްވެ؟” ހުޒާމް އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ. ރިޒްނާއަށް އެހީއެއް ވެދެވެން އޮތީ އެކަން ހިނގި ގޮތް ރަނގަޅަށް އޮޅުންފިލައިގެންނެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ ރިޒްނާއަށް އެހީވެ އިންސާފު ހޯދައިދޭން ބޭނުންވެއެވެ. ދުވަސްވީ ރަޙުމަތްތެރިކަމަށްޓަކައެވެ. އިންސާނިއްޔަތަށްޓަކައެވެ.
“މި ހުރިހާ ކަމަކީވެސް އެނުލަފާ ޖަލީލުގެ ކަންތައް. އޭނަ…”
“ތިބުނީ ރިޒޫގެ ބޮޑުބޭބެ ޖަލީލުގެ ވާހަކަތަ؟” ހައިރާންވެފައި ހުޒާމް އަހާލިއެވެ.
“އޭނަ އެއީ އަހަރެންގެ ބޮޑުބޭބެ ކަމަކަށް އަހަރެން ދުވަހަކުވެސް ޤަބޫލެއް ނުކުރާނަން. އޭނަ އެއީ އިންސާނުންގެ ތެރޭގައި ބަހައްޓަން ހެޔޮވާވަރުގެ މީހެއްވެސް ނޫން.” ރިޒްނާ ބުނެލިއެވެ. އޭނާގެ ހިތަށް ކޮށްފައިވާ އަސަރާއެކު ރުޅިވެރިކަންވެސް ބޭރުވިއެވެ. ޖަލީލްއާމެދު އެހިތުގައިވަނީ ނަފުރަތެވެ. ހަމައެކަނި ނަފުރަތެވެ.
“ހޫމް. ދެން ކިޔައިދީބަލަ ވީގޮތް.” ހުޒާމް އެދުނެވެ.
“ޒާމްމެން މަރުވިފަހުން.. މިބުނީ ގެއްލުނުފަހުންވެސް އަހަރެމެން އުޅެމުން އައީ ތަނަވަސް ދިރިއުޅުމެއް. އެކަމަކު ޖެހުނު ގަދަ ހުމެއްގައި ބައްޕަ މިދުނިޔެ ދޫކުރީ. ބައްޕަގެ މަރުމަތީގައި ޖަލީލްއަށް ވަސިއްޔަތްކުރީ އަހަރެންނާ މަންމަ ރަނގަޅަށް ބަލައިދިނުމަށް. އޭނާ އެކަމަށް އެއްބަސްވީމަ ބައްޕަގެ މިލްކިއްޔާތުގަ ހުރި މުދަލާއި ފައިސާގެ ފަންސާސް ޕަސެންޓް އޭނައަށް ދިން. އޭނާއަކީ އަބަދުވެސް އަހަރެމެންގެ ތަނަވަސްކަމަށް ފެންބޮވައިގެންފައި ހުންނަ މީހެއް. އޭނާ އޭގެ ނާޖާއިޒް ފައިދާ ނެގީ. އޭނަ ބޭނުންވީ އަހަރެމެންގެ ހުރިހާ މުދަލަކާއި ފައިސާއެއް އޭނަގެ ނަންމަތީ ހުންނަން. އަހަރެމެންގެ އަތުގައި ޒައްރެއްގެ މިންވަރުވެސް ހުންނާކަށް އޭނާ ބޭނުމެއްނުވި. މަންމަ އެކަމާ ދެކޮޅު ހެދީމަ އެންމެފަހުން އޭނާ ކަންތައްކުރީ ހަމަހޭގައި ހުރެ އެއްވެސް އިންސާނަކު ކަންތައް ނުކުރާނެހާ ރަޙުމުކުޑަކޮށް. އެއްރޭ ދަންވަރު އޭނާ މަންމަގެ ކޮޓަރިއަށް ވަދެ މަންމައަށް ބިރުދެއްކީ. އަހަރެމެންގެ އަތުގައިހުރި ހުރިހާ މުދަލަކާއި ފައިސާއެއް އޭނަގެ ނަންމައްޗަށް ބަދަލުކޮށްދިނުމަށް. އެހެންނޫނީ މަންމައާއި އަހަރެންގެ…” ރިޒްނާއަށް އިތުރަށް ކުރިއަށް ނުގެންދެވިގެން ހުއްޓާލިއެވެ. ނަމަވެސް ހިތްވަރުކޮށްފައި އަނެއްކާވެސް ކިޔައިދޭންފެށީ ހިތުގައިވާ ހުރިހާ އުދާހެއް ބޭރުކޮށްލަން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ.
“އެހެންނޫނީ އޭނާ މަންމައާއި އަހަރެންގެ އަބުރާ ޢިއްޒަތް ވެއްޔާ މޮޑެލާނެކަމަށް ބުނެ ބިރުދެއްކީ. މަންމައަށް ކޮންމެ ގޮތެއްވިޔަސް، އަހަރެންނަށް ދެރަގޮތެއް ވެދާނެތީ އެކަމާ ވިސްނާފައި މަންމަ އޭނާއަށް ހުރިހާ އެއްޗެއް ދިނީ. އެކަމަކުވެސް އެ ނުލަފާ އަނިޔާވެރިޔާ މަންމަގެ ޢިއްޒަތާ އަބުރަށް އަރައިގަތީ. އޭނާގެ އެދުން ފުރިހަމަވީމަ އޭނަ އަހަރެމެން ދެމައިން ގެއިން ނެރެ އެއްލާލީ. މަންމަ އޭނަޔާ ހިތާވެގެން އާދޭސްކުރަނީކަމަށް ބުނެ މުޅި ރަށުގައި ވާހަކަދައްކާ މަންމަ ފަޟީހަތްކުރި. އެހެންވެ ރަށުގެ މީހުން އަހަރެމެންނަކަށް އަޅައެއްނުލި. ކާއެތިކޮޅެއްވެސް ލިބުނީ ގޭގޭގައި މަސައްކަތް ކޮށްދީގެން. އެކަމަކު އެވާހަކަތަކުގެ ސަބަބުން އަހަރެމެންނަށް މަސައްކަތް ކޮށްލާނެ ގެއެއްވެސް ނުވި. އެހެންވެ ލިބޭ ފަހަރަށްވުރެ ގިނައީ ނުލިބޭ ފަހަރު. ބޯހިޔާކޮށްލާނެ ތަންކޮޅެއް ނެތް.”
“އަހަރެމެން ބޯހިޔާކޮށްލަން ވަންނަނީ ބާވެފައި ހުންނަ ފަޅު ގޭގެއަށް. އެކަމަކު އެކަހަލަ ތަނެއްގަ ނިދޭނީވެސް ކިހިނެއް؟ ހީވަނީ ހަމަ ދެންމެ ދެންމެ ގެގަނޑު ބޮލަށް ވެއްޓިދާނެހެން. އަހަރެމެން އެހާ ހާލުގަ އުޅުނުއިރުވެސް ރަށު މީހުން އެހާ ގޯނާކުރި. ފުރާޅު މައްޗަށް ގާއުކާ ހެދި. އެހެން އުޅެނިކޮށް ދެން ދިމާވީ މާދެރަގޮތެއް. މަންމަ ބަލިވެ އިނީ އެނުލަފާ އަނިޔާވެރިޔާގެ ދަރިއަކަށް. މުޅި ރަށުގައި އިތުރަށް ފަޟީހަތްވީ. އެކަމުގެ ހިތާމައިގައި ގޮސް އެންމެފަހުން މަންމަ ދުނިޔޭން މޮޔަވީ. ޖަލީލް މަންމަ ގުރައިދޫއަށް ފޮނުވަން އުޅެން ފެށީމަ އަހަރެން އެކަމާ ދެކޮޅު ހެދިން. އަހަރެންނަށް މަންމަ ބެލޭނެކަމަށް ބުނިން. އެކަމަކު މަންމަގެ ފަރާތުން ރަށު މީހުންނަށް އަނިޔާތައް ލިބެން ފެށީމަ ގުރައިދޫއަށް ފޮނުވީ. އެތަނަށް ގެންދިޔަތާ މާގިނަ ދުވަހެއްނުވެ މަންމަވެސް ނިޔާވީ.” އޭރު ރިޒްނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ހުޒާމްގެ ހާލަކީވެސް އެޔެވެ. ޝަރީފާއާއި ސާރާވެސް ތިބީ ރޮވިފައެވެ.
“ދެން ކިހިނެއް ޝަމްސުއާ އިންނަން ޖެހުނީ؟” އިތުރަށް އޮޅުންފިލުވަން ބޭނުންވެފައި އިނުމުން ހުޒާމް ސުވާލުކުރިއެވެ. ރިޒްނާވެސް ހުޒާމްގެ ކޮންމެ ސުވާލަކަށް ޖަވާބުދޭން ބޭނުންވާތީ ނޭފަތް ދަމާލާ ހަމަޖެހިލަން މަސައްކަތްކުރަމުން ކިޔައިދޭން ފެށިއެވެ.
“ދުވަހަކުވެސް ނުދާން ނިންމައިގެން ހުއްޓަސް މަންމަ ނިޔާވުމުން އަހަރެން ދިޔައީ ޖަލީލްގެ ގާތަށް. އެހާލުގަ ޖެހުނީމަ އޭނާ އަހަރެންނަށް އެހީއެއް ވެދީފާނެކަމަށް ހީކުރެވުން އެއީ އަހަރެންނަށް އޭނަޔާ އިންނަން ޖެހުނު ސަބަބަކީ. އަހަރެމެންގެ ހުރިހާ މުދަލަކާއި ފައިސާއެއް ދިނީމަވެސް އެ ހިލަ ހިތުގެ ވެރިޔާގެ ހިތެއް ނުފުރުނު. އަހަރެން ވަރަށް މަސައްކަތްކުރިން އޭނަޔާ ނީންނަން. އެކަމަކު ކީއްކުރާނީ؟ އަހަރެންގެ ތަޤުދީރުގަ މިނޫން ގޮތެއް ނެތީ. ގޯތް ހުސްވީ. ސަލާމަތް ވެވޭނެ ހުރިހާ މަގެއް ބަންދުވީ. އެއަނިޔާވެރިޔާ އަހަރެން ޝަމްސުއަށް ވިއްކާލީ އަހަރެންގެ އުމުރުން އެންމެ އަށާރަ އަހަރުގަ. ހަމައެކަނި ފައިސާގެ ދަހިވެތިކަމުގަ.” ރިޒްނާ އޮޅުންފިލުވައިދިނެވެ.
“ދެން ރިޒޫ ކީއްވެ އަހަރެންނަށް ނޭންގީ؟” ހުޒާމް ދެރަވެލާފައި އަހާލިއެވެ.
“ކިހިނެއް އަންގާނީ؟ އެންމެންވެސް ޤަބޫލުކުރީ ކަނޑުވި ހާދިސާގަ ޒާމްވެސް ނިޔާވީކަމަށް. އެކަމަކު ފުރަތަމަ އަހަރެންނެއް ޤަބޫލެއް ނުކުރަން އެކަމެއް. އެކަމަކު ފަނަރަ އަހަރުވީއިރުވެސް ޚަބަރެއް ނުވީމަ އަހަރެންވެސް ޤަބޫލުކުރީ. އޭރު އަހަރެން ވަރަށް ބޭނުންވި ޒާމްއަށް އަންގަން. އެކަމަކު ކިހިނެއް އަންގާނީ؟ އެންމެންގެ ނަޒަރުގަ ޒާމް ވީ މަރުވެފަ. އެންމެފަހުން އަހަރެންނަށް ގޮތްހުސްވީ. އެނޫން އެއްވެސް ގޮތެއް ނެތީމަ އަހަރެން އޭނަޔާ އިނީ ރަނގަޅު ގޮތެއް ވެދާނެކަމަށް އުއްމީދުކޮށްގެން. އެކަމަކު އަނިޔާ ނޫން އެއްޗެއް ނުލިބުނު.” ރިޒްނާ އަސަރާއެކު ކިޔައިދިނެވެ.
“މިއީވެސް އޭނާ ކޮށްފަ ހުރި އަނިޔާގެ ނިޝާނެއް ދޯ؟” ރިޒްނާގެ މޫނުގެ ފިހިފައިވާ ފަޅީގައި އަތް ޖައްސާލަމުން ހުޒާމް އަހާލިއެވެ.
“ނޫން. މިއީ އޭނަގެ ދޮށީ އަނބި އަހަރެންނަށް ދިން ވަރަށް އަގުހުރި ހަދިޔާއެއް. އެހެންނޫންނަމް މިއަދު ހުޒާމްއަށް އަހަރެން ފެންނާނެކަމެއްވެސް ނޭނގެ.” ރިޒްނާ އެހެން ބުނުމުން ހުޒާމްގެ ހިތުގައި ސުވާލު އުފެދުނެވެ. އެރީތި ދޮން މޫނު ފިއްސާލުމުންވެސް އެއީ އަގުހުރި ހަދިޔާއެއްކަމަށް އޭނާ އެވިސްނީ ކީއްވެބާއޭ ހުޒާމްގެ ހިތަށްއެރިއެވެ.
“އޭނ! އެކީއްވެ ތިހެން ތިބުނީ؟” ހައިރާންކަމާއެކު ހުޒާމް އަހާލިއެވެ.
“އަހަރެން އެގެއަށް ދިޔަ ފުރަތަމަ ދުވަހުވެސް އޭނާ އަހަރެން އެކަނިވި ވަގުތު ފުރަތަމަވެސް ބުނީ ތި އާދެވުނީ ނަރަކައެއްފަދަ ތަނަކަށޭ. އަހަރެން އެކީއްވެތޯ އެހީމަވެސް އޭނަ ސަބަބެއް ނުބުނި. ދެން އޭގެ އަނެއްދުވަހު އަހަރެން އިސްތިރިކުރަން ހުއްޓާ އިވުނީ ޝަމްސުމެން ކޮންމެވެސް ވާހަކައެއް ދައްކާއަޑު. އަހަރެން ސިއްރުސިއްރުން ގޮސް އަޑު އެހިއިރު އެމީހުން ދެއްކީ ވަރަށް އަގުބޮޑުކޮށް ވިއްކާލެވޭނެ ވާހަކަ. ކޯއްޗެއްކަމެއް ނޭނގުނު. އަހަރެން އެކަމާ ވިސްނަމުން އިސްތިރިކުރަން ހުއްޓާ އެއަންހެންމީހާ އައިސްފަ ބުނީ އެމީހުން އަހަރެން ބޭރު ބަޔަކަށް ވިއްކާލަން އުޅޭ ވާހަކަ. ފުރުން އޮތީ އެރޭ އަށެއް ޖަހާއިރު ކަމަށް. އަދި ހަތެއް ޖަހާއިރު ހުޅުލެއަށް ދާންޖެހޭކަމަށް. އޭގެކުރިން އަހަރެން ފިލައިގެން ދިއުމަށް އޭނަ ބުނި. އޭރަށް ނުފިލިއްޖެއްޔާ ކަލޭ މުޅި އުމުރަށްވެސް އަހަރެންމަތިން ހަނދާން ނުނެތޭވަރުގެ ހަދިޔާއެއް ކަލެއަށް ދޭނަމޭ. އެހަދިޔާގެ ސަބަބުން ކަލޭ މުޅި އުމުރަށްވެސް އަހަރެންނަށް ޝުކުރުވެރިވާނެޔޭ. އެހެން ކިޔާފަ އޭނަ ދިޔައީ.
އަހަރެން ފިލައިގެން ދާން އުޅުނިން. އަހަރެން ފޮށްޓަށް އެއްޗެހި އަޅައިގެން ދާން ނުކުންނަނިކޮށް އެމީހުންނަށް އަހަރެން ފެނިގެން ހިފެހެއްޓީ. ދެން ހަތެއް ޖަހަން ފަނަރައަށް ވަންދެން އަހަރެން ބެހެއްޓީ ކޮޓަރިއެއްގަ ބަންދުކޮށްފަ. އެއީ އިމާރާތުގެ އެންމެ މަތީބުރި ވީމަ ކުޑަދޮރުން ނުކުމެގެންވެސް ފިލޭކަށް ނެތް. ދެން އަހަރެން އެތާ ހުއްޓާ އެމީހުން އަހަރެން ގޮވައިގެން ދާން ނުކުތްއިރު އެއަންހެންމީހާ ހުރީ ސިޓިންގރޫމުގައި އިސްތިރިކުރަން. އަހަރެން އޭނާ ކައިރިއަށް ދިޔަތަނާ ކުއްލިއަކަށް އޭނާ ދޮންވެފައިހުރި އިސްތިރި ޖެއްސީ އަހަރެންގެ މޫނުގަ. މިއީ އެލަކުނަކީ. އަހަރެންނަށް ވީތަދުން ހަޅޭއްލަވައިގަނެވުނު. ދިލަނަގާވަރުން ނޭނގެ ވާނުވާއެއް. އަހަރެން ހޮސްޕިޓަލަށް ގެންގޮސް ވޭން ކަނޑުވާ އިންޖެކްޝަނެއް ޖެހިފަހުން ވާނުވާ އެނގެންފެށީ. ދެން އެމީހުން ދިން ބޭސް އަޅާ ހެދީމަ ލަކުނަށްވެފަ މިހުރީ.” ރިޒްނާ އޮޅުންފިލުވައިދިނެވެ.
“އަހަރެން އެވަގުތު ހަނދާންވީ އޭނަ އަހަރެންނަށް ދޭނެކަމަށް ބުނި ހަދިޔާގެ ވާހަކަ. މިއީ ކިތަންމެ ބޮޑު އަނިޔާއަކަށްވިޔަސް މިއީ ކިހާ އަގުބޮޑު ހަދިޔާއެއްކަން އަހަރެންނަށް ވިސްނުނީ ފަހުން އޭނަ އައިސް އަހަރެން ގާތު ދެއްކި ވާހަކަތަކުން. އޭނަ ބުނީ ޝަމްސު އަހަރެން ވިއްކާލަން އުޅުނީ ބޭރުގެ ހަށިވިއްކާ ތަނަކަށޭ. ފާފައިގެ މަތީ ދެމިހުރުމަށްވުރެ މިގޮތް އަހަރެންނަށްވެސް މާ ރަނގަޅުވާނެޔޭ. ހަޤީޤަތަށް ބުނަންޏާ އެއީ ވަރަށް ރަނގަޅު މީހެއް. އޭނަ އަހަރެންނަށް ވަރަށް އެހީވެދިން. ޝަމްސު އަހަރެންނަށް އަނިޔާކުރާ ކޮންމެ ފަހަރަކު އޭނަ އަހަރެން ސަލާމަތްކޮށްދިނީ. އެންމެފަހުން ޝަމްސު އެއަންހެންމީހާވެސް ބަންދުކުރީ. އެކަމަކު ކީއްކުރާނީ؟ ހިލިހިލާ ޖަހާ އެތައް ދުވަހަކު ބައިންދާފައި ކުރި އެކި އަނިޔާތަކަށް ކެތްނުކުރެވި އެފަޤީރު ވަނީ މިދުނިޔެއިން ވަކިވެ ގޮސްފަ. މާތް ﷲ އެ މަރުޙޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އާމީން!” ރިޒްނާ އެވަގުތުވެސް އެއަންހެންމީހާއަށް ހެޔޮދުޢާ ކުރިއެވެ.
“ރިޒޫ! ހިތްވަރުކުރޭ! އިރާދަކުރެއްވިއްޔާ ދެން ރިޒޫއަކަށް ދެރަގޮތެއް ނުވާނެ. މިއަދަށްފަހު ރިޒޫ ހުންނާނީ މިގޭގަ. އަހަރެން ކައިރީގަ.” ހުޒާމް ރިޒްނާގެ ގައިގައި ބައްދާލީ ބޭބެއަކު ކޮއްކޮއަކަށް ހިމާޔަތް ދޭފަދައިންނެވެ. މިމަންޒަރުން ސާރާގެ ހިތަށް ތަދުވީ އޭނާއަށް ހަޤީޤަތް އެނގިފައި ނުވާތީއެވެ. އޭނާއަށް ހީކުރެވިފައި އޮތީ ރިޒްނާއަކީ ހުޒާމްގެ އަނބިމީހާ ކަމުގައެވެ. ނަމަވެސް މިހާރު ހަޤީޤަތް އެނގުމަށްފަހު ހިތަށް ތަދުވީ ހުޒާމް އެހެން އަންހެންކުއްޖަކާ އެހާ ގައިގޯޅިކޮށް ފެނުނީމައެވެ.
“ރިޒޫ! އޭނަ ކައިރިން ވަރިވޭ! އަނިޔާކުރާ ފިރިއަކާއެކު އުޅުމަކީ ރައްކާތެރިކަމެއް ނޫން. އަދި އެއީ ދީނީ ގޮތުން ހުއްދަކަމެއްވެސް ނޫން.” ހުޒާމް އެހެން ބުނެލުމުން ރިޒްނާ ހުޒާމްއާ ދުރުވެލަމުން ހުޒާމްއަށް ބަލާލިއެވެ.
(ނުނިމޭ)
1721 Comments
Comments are closed.
vvv reethi vaahaka eh
Varah reethi… waiting for the nxt part.. ☺
varah salhi mi partves ?
Waiting waiting waiting ?
Mi 18+ ge vaahaka ehtho
I am 10
Yap!!kudakudhinn kiyaakahh nuvaane mi vaahaka baby
lol 18 + nunas meehun kiyaenu
18+ e film tha ves balaa dhw
anyways vaahaka v nice
އަސްލު މީ 15+ ވާހަކައެއް
Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi mivaahakaa…..???????????????????????????????????
Saandyge story thakun varah faahaga kurevey mulhinves dhivehi bas use kuraakan.. saandy mulhinves commnt kurany dhivehin.. Varah ufaavey thikahala dhivehi bahah loabi kuraa zuvaanun ulheythi..
What a joke???
Lol..
Dhen baeh kudhinnah hajam nuvaaneye. Ekam visnaaleema esfiya un story kiyaa kudhinnah ingeyne saandy. Vaahaka thakuga varah nuhunnaane english word eh.. handhaaneh nuvey saandyge story akun english wordeh kiyunu heneh
Miudhu mulhinvex kiyeny guraidhoo ah fonuva vahaka.. Boa halaku
Miee Eeram vaahakaa he copy eh
Wow V chaaaaaaaLu ??? good job
hama eeram ge copy eh.
kobaa sanndy ge fb id akee???????????
ރަފް! ސާންޑީގެ އިންޓްރޯގަ އިން ފޭސްބުކް ޕޭޖަށް އިންބޮކްސް ކޮށްލާ… އެއިން ސާންޑީއާ ވާހަކަ ދެއްކޭނެ
ޝުކުރިއްޔާ ހުރިހާ ކުދިންގެ ކޮމެންޓްތަކަށްވެސް
kon thaneh ge meeheh kameh wes neyngun beyru myha ee??
vrah reethi
ThanQ Sanam 🙂