“އަހަރެން ވިސްނާލަން ބޭނުން.” ސާރާ އިތުރަށް އެތާނގައި މަޑުނުކޮށް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އޭނާ އެކަނިވީ ވަގުތު ޝައިޠާނާ އޭނާގެ ސިކުނޑިއަށް ވެރިވެގަތެވެ.
“ސާރާ! ކަލޭ އޭނާއާ އެކީ ނުދާތި! އޭނާ އެއުޅެނީ ކަލޭގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ނަގަން. އޭނާއަކީ މުއްސަންޖެއް. ދުވަހަކުވެސް ނިކަމެތިންނަކަށް މުއްސަނދިންގެ ހިތްހެވެއް ނުވާނެ. އޭނާގެ ނޯކަރަކަށް ނޫނީ ކަލޭ ނުގެންގުޅޭނެ. ކަލޭ އޭނާއާއެކު ނުދާތި!” ސާރާގެ ބޮލުގައި ރިއްސައިގަތީ ވަކިވަރަކަށް ނޫނެވެ. އޭނާ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އޭނާ ތުވާލި ހިފައިގެން ފާޚާނާއަށް ވަނީ ފެންވަރާލާށެވެ. ބޮލަށް ލުއިކަމެއް ލިބޭނީ އޭރުންކަން އޭނާއަށް އެނގެއެވެ.
ފެންވަރައިގެން ނުކުމެ ސާރާ އެނދުގައި އޮށޯވެލިއެވެ. އޭނާގެ ލޮލަށް ނިދި ސަވާރުވާކަށް ގިނައިރެއް ނުނެގިއެވެ. ދެބަދޭތެރޭގައި އޮއްވާ އޭނާއަށް ފެނުނީ ހުޒާމްއެވެ. ސިހިފައި އޭނާ ލޯހުޅުވާލިއެވެ. އޭނާ މަޑުމަޑުން ބޮލުގައި ޖަހައިލިއެވެ.
“ސާރާ! ކަލޭގެ ނަސީބު އެހާ ދެރައެއް ނޫން. ހުޒާމްއަކީ ކަލޭގެ ނަސީބު. ނަސީބު އަތުގައި ހިފާނީ މަދު ފަހަރަކު. ނަސީބު އަތުގައި ހިފުމުން އެކަމަށް ފުރަގަސްނުދީ. ކަލޭ އެކަނިވީ ދުވަހު އެހީތެރިވީ ހުޒާމް. މިދުނިޔޭގައި އޭނާއަށްވުރެ ބޮޑަށް ކަލޭއާ ދޭތެރޭ ވިސްނާ މީހަކު ނެތް. ހުޒާމް ދިއްކުރި އަތުގައި ހިފާ. އެހެންނޫނީ ފަހުން ހިތާމަކުރާނެ.” ސާރާގެ ސިކުނޑީގެ ކަނަކުން ވިސްނައިދެމުން ދިޔައެވެ. ތެދެކެވެ. ހުޒާމްއަށްވުރެ އޭނާއަށް ހެޔޮއެދޭ އިންސާނަކު މިއުޑުދަށުގައި ނެތެވެ. ހުޒާމް އޭނާ ވަރަށް ރަނގަޅަށް ބަލަހައްޓާނެކަން ޔަޤީނެވެ.
“އަހަރެން ހުޒާމްއާއެކީ މާލެ ދާނަން.” ސާރާ ހިތާހިތުން ކިޔާލިއެވެ. އެންމެފަހުން ސާރާ ގޮތެއް ނިންމީއެވެ. އޭނާ އަވަސްއަވަހަށް ދަބަހަށް އަންނައުނުތައް އަޅާލިއެވެ. އަދި ހުޒާމްގެ ގާތުގައި އެވާހަކަ ބުނަން ބޭރަށް ނުކުތެވެ.
“ހުޒާމް ނިދީބާ؟” މަޑުމަޑުން ސާރާއަށް ބުނެވުނެވެ. އޭނާ އަވަސްއަވަހަށް ކޮޓަރިއަށް ވަދެ ގަޑި ބަލާލިއެވެ. ގަޑިން އެގާރަ ގަޑި ބައިވެއްޖެއެވެ. ދެން ނުކުމެ ހުޒާމްގެ ކޮޓަރި ދޮރުމަތި ބަލާލިއިރު އޭނާގެ ބޫޓެއް ނެތެވެ. އެހެންކަމުން އޭނާ އަދި ގެއަށް ނާންނަނީކަން ސާރާއަށް ޔަޤީންވިއެވެ. އެހެންކަމުން އޭނާ ނުކުމެ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ޖައްސާލައިގެން އޮތީ ހުޒާމް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.
ހުޒާމް ގެއަށް އައީ އޭގެ ފަނަރަ ވަރަކަށް މިނެޓު ފަހުންނެވެ. ޖޯލިފަތީގައި އޮތް ސާރާ ފެނުމުން އޭނާގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ރޯވިއެވެ. ހުޒާމް ފެނުމާއެކު ސާރާ ޖޯލިން ތެދުވިއެވެ.
“ކޮބާ ވިސްނައިފިންތަ؟” ހުޒާމް އަހާލިއެވެ. ސާރާ ބޯޖަހާލިއެވެ.
“ކޮބާ ޖަވާބަކީ؟” ސާރާގެ މޫނަށް ބަލައިލަމުން ހުޒާމް އަހާލިއެވެ.
“އަހަރެން މާލެ ދާން އެއްބަސް.” ސާރާ ބުނެލިއެވެ.
“ދަބަހަށް އެއްޗެހި އަޅާފަ ބަހައްޓައްޗޭ. ހައެއް ޖަހާއިރު ލޯންޗު ނައްޓާލާނެ. އެންމެ މިނެޓެއްވެސް ލަހެއް ނުކުރެވޭނެ.” ސާރާ ބޯޖަހާލިއެވެ. މިކަމުން ހުޒާމްއަކީ ވަރަށް ވަގުތަށް ސަމާލުކަންދޭ މީހެއްކަން ސާރާއަށް އެނގުނެވެ.
ފަސްގަޑި ބައިވީއިރު ސާރާ ހުރީ ދަބަސް ހިފައިގެން ގޯތިތެރެއަށް ނުކުމެއެވެ. އޭރު ހުޒާމްވެސް ހޭލާ އުޅެއެވެ. އޭނާ ދަބަސް ހިފައިގެން ނުކުތީ އޭގެ އިރުކޮޅެއް ފަހުންނެވެ.
“ގެނޭ ދަބަސް.” ހުޒާމް ސާރާ ގާތުގައި ބުނެލިއެވެ. ސާރާވެސް ދެބަހެއް ނެތި ހުޒާމް އަތަށް ދަބަސް ދިނީ އެ ބަރުކަމުން އޭނާއަށް އެ ހިފައިގެން ދިއުން ދަތިވެގެންނެވެ.
ލޯންޗަށް އެރިއިރު ސާރާ އިނީ ބިރުންނެވެ. އޭނާ އަދި ލޯންޗުގައި އެ ދަތުރުކުރަނީ އަލަށެވެ. ލޯންޗު ނެރުން ނުކުމެ އޭގެ ހަލުވި ދުވެލީގައި ދުއްވާލުމާއިއެކު ސާރާއަށް ބާރަށް ހުޒާމްގެ އަތުގައި ހިފަހައްޓާލެވުނެވެ. އޭނާ އެއިނީ ބިރުންކަން ހުޒާމްއަށް އެނގުނެވެ. އެހެންކަމުން އޭނާ ސާރާގެ އަތް ނައްޓުވާލާކަށްވެސް ނޫޅެއެވެ.
“ހާދަ ބިރުން ތިއިނީ. ސާރާ އަދި އަލަށް ދޯ ލޯންޗުގައި ތި ދަތުރުކުރަނީ؟” ހުޒާމް އެހެން ބުނެލުމުން ސާރާ ބޯޖަހާލިއެވެ. އޭނާ އިނީ ބޮލަށް އެނބުރުން އަރާފައެވެ. ހުޒާމްއަށް އެކަން އެނގުނީ ކަންނޭނގެއެވެ. ސާރާ އޭނާގެ ކޮނޑުގައި ބާއްވާލަދިނެވެ.
މާކަނޑުގެ މެދަށް ނުކުތުމާއި އެކުހެން ކުއްލިއަކަށް ވައި ބާރުވެ ކަނޑު ގަދަވެއްޖެއެވެ. އެންމެ ވިލާ ރޮއްޖެއްވެސް ނެތް ސާފު އުޑު، ކަޅު ބޯވިލާތަކުން ބައްދާލައިފިއެވެ. ހުޒާމްއަށް ވީގޮތްވެސް ނޭނގުނެވެ. ވިހި އަހަރު ކުރީގެ ހަނދާންތަކެއް އާވެގެން ދިޔައެވެ. އެއީވެސް ހަމަ މިފަދަ ދުވަހެކެވެ. އޭނާގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދިޔަ ދުވަހެވެ. އަނެއްކާވެސް މާޒީ ތަކުރާރުވަނީބާއޭ އޭނާގެ ހިތަށް އެރުމުން ބިރުވެރިކަމެއް ހިތަށް ވަނެވެ. ނަމަވެސް އޭނާއަށް އެކަން ފޮރުވަން މަޖުބޫރުވީ ކައިރީގައި އިން ސާރާ ފެނުމުންނެވެ. ސާރާ އިނީ ބިރުން ވިރިވިރިއެވެ.
“ސާރާ! ބިރުނުގަނޭ. އިރާދަކުރެއްވިއްޔާ އަހަރެން އިންދާ ސާރާއަށް އެއްވެސް ކަމެއް ނުވާނެ.” ސާރާގެ ބޮލުގައި ފިރުމާލަމުން ހުޒާމް ބުނެލިއެވެ. އެވަގުތު ހުޒާމްގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް ސާރާ އޯކާދެމިގަތެވެ. ހުޒާމްގެ ކޮނޑުން ބޯ ހިއްލާލައި ދުރަށް ނޭނބުރެވެނީސް ސާރާއަށް ހޮޑު ލެވިއްޖެއެވެ. ހުޒާމް ލައިގެން އިން ހުދު ފަޓުލޫނު ހޮޑުން ފޯވިއިރު އޭނާ އިނީ ފަކުރުންނެވެ. ތެމުމުގެ ސަބަބުން ގައި އެނގޭތީ އޭނާ ވަގުތުން އެއްޗެހި ބަދަލުކުރަން ބޭނުންވި ނަމަވެސް މިވަގުތު ސާރާ ދޫކޮށްލާފައި އެއްޗެހި ބަދަލުކުރަން ދެވޭކަށްވެސް ނެތެވެ. އެއަށްވުރެ ސާރާގެ ހާލު މާބޮޑެވެ. އެހެންކަމުން އޭނާ ފެންފުޅިއެއް ނަގައި ހޮޑު ހުރިތަން ސާފުކޮށްލިއެވެ.
މާލޭގެ ފަޅަށް ލޯންޗު ވަންނަން ދިޔައިރު ކުރިން ޖެހެމުންދިޔަ ގަދަ ވައި މަޑުވެ ކަނޑުވެސް މަޑުވެއްޖެއެވެ. އޭރުވެސް ސާރާ އިނީ އޭނާގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. އޭނާއަށް ހުޒާމްއަށް ބަލާލެވުނު ވަގުތު ހުޒާމްގެ އުނގު ފެނިފައި އޭނާ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. ހީވަނީ ކުޑަކަމު ދެވިފައި ހުރިހެންނެވެ. ނަމަވެސް ހަމަ އެވަގުތު ދެރަވެސްވިއެވެ. ހުޒާމް އަޑިން ލައިގެން އިން ފޭރާން އެނގެން ހުރުމުން ލަދުވެސް ގަތެވެ. އެހެންކަމުން އޭނާ އަވަސްއަވަހަށް ދުރަށް އެނބުރުނެވެ.
“ވަރަށް ބޮޑަށް ސޮރީ!” ސާރާ ބުނެލިއެވެ.
“ކޮންކަމަކާ؟” ހުޒާމް ހައިރާންވެފައި އަހާލިއެވެ.
“ހުޒާމް ގަޔަށް ހޮޑުލެވުނީމަ.” ސާރާ ލަދުން އިނދެ ބުނެލިއެވެ.
“އެއީ އެވަރު ކަމެއް ނޫން. އެހާ ކަނޑު ގަދަވީމަ އެހެންވެސް ވާނެ ބައެއް މީހުންނަށް.” ހުޒާމް ބުނެލިއެވެ.
“އެކަމު މިހާރު ހީވަނީ ހީސްލައިގެން އިންހެން ދޯ؟” ކުޑަ ހިމޭންކަމަކަށްފަހު ސަމާސާ ރާގެއްގައި ހުޒާމް އެހެން ބުނެލުމުން ސާރާއަށް ބޭއިޚްތިޔާރުގައި އެދިމާއަށް ބަލައިލެވުނެވެ. އެޔާއެކު އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހުޒާމްވެސް ހެމުން އެދިމާގައި އަތްއަޅާލަމުން އަނެއްއަތުން ސާރާގެ މޫނު ދުރަށް އަނބުރާލިއެވެ.
“މަޑުކޮށްލާ! އެބަ އަންނަން އިނގޭ އެއްޗެހި ބަދަލުކޮށްގެން.” ސާރާ ގާތު މަޑުކުރުމަށް ބުނެފައި ހުޒާމް ދަބަސް ހިފައިގެން ދިޔައީ ފާޚާނާއަށެވެ. އިރުކޮޅެއްފަހުން ހުޒާމް އައީ އެއްޗެހި ބަދަލުކޮށްގެންނެވެ. ދެން ލޯންޗަށް ލާރި ދައްކާފައި އޭނާ ސާރާ ގޮވައިގެން ލޯންޗުން ފޭބިއެވެ.
މާލޭގެ ފަސްގަނޑުގައި ފައި ޖެހުމާއެކު ސާރާއަށް ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. ހިތްއަވަސްވިއެވެ. އޭނާއަށް މިހާރު މި އާދެވުނީ މުޅިން އާ މާހައުލަކަށެވެ. ރަށްފުށުގެ ދިރިއުޅުމާއި މިތާގެ ދިރިއުޅުން ވަރަށް ތަފާތުވާނެއެވެ. މިދިރިއުޅުމަށް ހޭނެން ކިހާ ދުވަހެއް ނަގާނެބާއޭ އޭނާގެ ހިތަށް އެރިއެވެ. އަނެއްކާ އޭނާ މިތާނގައި އުޅެންޖެހޭނީ ކޮންފަދަ ހާލެއްގައިބާއޭ ހިތަށް އެރިއެވެ. ހިތަށް ވެރިވި ނުބައި ޚިޔާލަކުން މުޅި މީހާ ދާހިއްލާލިއެވެ.
“ސާރާ! ތިހާ އަވަހަށް ހިތް ގޯސްވާކަށް ނުވާނެ.” އަމިއްލަ ނަފްސަށް ބާރު ފޯރުވަމުން ސާރާ މަޑުމަޑުން ބުނެލިއެވެ.
“ކީކޭ؟” ސާރާ އެއްޗެކޭ ބުނިހެން ހީވެގެން ހުޒާމް އަހާލިއެވެ.
“އެއްޗެކޭ ނޫން.” ސިހިފައި އަވަސްއަވަހަށް ސާރާ ބުނެލިއެވެ. އޭނާގެ އަތްފައި ފިނިވެގެން ދިޔައީ ހުޒާމް އޭނާއަށް ބަލަންހުރި ގޮތުންނެވެ.
“ހިނގާ ދާން. އެއޮއް އައީ ކާރު.” ހުޒާމްގެ ފަހަތުން ސާރާވެސް ހިނގައިގަތެވެ. ގެޔާއި ހަމައަށް ދިޔައިރު ސާރާ އިނީ ކާރުގެ ބިއްލޫރިގަނޑުން ބޭރު ބަލާށެވެ. ފެންނަމުންދިޔަ މަންޒަރުތަކަށް ގެއްލިފައި އިންއިރު މިއީ މުޅިންވެސް އޭނާއަށް އާ މަންޒަރުތަކެވެ. ބޮޑެތި އުސް އިމާރާތްތައް އޭނާއަށް ފެނިފައިވަނީ ޓީވީއިން އެކަންޏެވެ. ހަމަލޮލަށް މިފަދަ މަންޒަރެއް ފެނުމުން އޭނާ އިނީ ހައިރާންވެ އަނގަ ހުޅުވިފައެވެ.
ބޮޑެތި މަގުތަކުންނާއި ގޯޅިތަކުން ގޮސް އެ ޕްރައިވެޓް ކާރު މަޑުކޮށްލީ ހުޒާމްގެ ގޭ ގޯތިތެރެއަށެވެ. ކާރުން ފޭބިއިރު ފެނުނު މަންޒަރުން އޭނާގެ ހައިރާންކަން އިތުރުވިއެވެ. ހީވަނީ ހިންދީ ފިލްމުތަކުން ފެންނަ ކަހަލަ ހަވޭލީއެއްހެންނެވެ. އެ ބޮޑު ގޯތިތެރެއިންލާފައި ގޭގެ ދޮރާއި ހަމައަށް ހިމަ މަގެއް އޮވެއެވެ. އެމަގުގައި ވަނީ ގާ ޖަހާފައެވެ. މަގުގެ ދެފަރާތް ވަނީ ވިނައިން ވެލިގަނޑު ފޮރުވާލާފައެވެ. އެއްވަރަށް ކޮށާ ސާފުކޮށްފައިވާ ވިނަގަނޑު ފެނިފައިވެސް އޭނާއަށް އަޖައިބެއްފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. ގޯތިތެރޭގައިވާ އެކި ވައްތަރު ވައްތަރުގެ މާ ބަގީޗާތަކުން ހިތްތަކަށް ހަމަޖެހުން ގެނެސްދޭނެއެވެ. ސާރާއަށް ހީވީ މިއުޅެވެނީ ޚިޔާލީ ދުނިޔެއެއްގައި ހެންނެވެ.
“ދަރިފުޅާ! ތިއައީ ދޯ؟” ގޭތެރެއިން ނުކުތް މުސްކުޅި އަންހެނެއްގެ އަޑަށް ސާރާއަށް ސިހިފައި ބަލައިލެވުނެވެ. އޭނާ ހުރީ ވާނެގޮތެއް ނޭނގޭތީ ޖެހިލުންވެފައެވެ. އަނެއްކާ މި އަންހެންމީހާ އޭނާ އައުމުން ހިތްހަމަޖެހޭނެބާއެވެ. އޭނާއަށް މިގޭތެރެއިން ދިމާވާނީ ކޮންފަދަ ކަންތައްގަނޑެއްބާއެވެ. މިފަދަ ޚިޔާލުތަކެއްގައި ހުއްޓާ އޭނާއަށް ހޭވެރިކަމެއްވީ އަނެއްކާވެސް އެއަންހެންމީހާ ވާހަކަދައްކަން ފެށުމުންނެވެ.
“މިއީތަ ދަރިފުޅު ބުނި ކުއްޖަކީ؟” ހުޒާމްއަށް ބަލާލާފައި އެއަންހެންމީހާ އަހާލިއެވެ. ހުޒާމް ބޯޖަހާލިއެވެ. އެއަންހެންމީހާ ވަރަށް ފުންކޮށް ސާރާއަށް ބަލާލިއެވެ. ލައިގެންހުރި ކަޅުކުލައިގެ ހަރުވާޅު ހެދުމުގައި ސާރާ ފެންނަލެއް ވަރަށް ސާދާއެވެ. އެހެދުމުގައި އެއްވެސް ޑިޒައިނެއް ނެތްއިރު އޭނާއަކީ ނިކަމެތި ކުއްޖެއްކަން ކިތަންމެ ރަނގަޅަކަށްވެސް ދޭހަވެއެވެ.
“ހޫމް. ވަރަށް ރީތި. ދަރިފުޅު ބުނި ވަރަށްވުރެވެސް މާ ރީތި. މާޝާ ﷲ! މީ ހަޤީޤީ ރީތި ކުދިންނަކީ. އެއްވެސް ދެއްކުންތެރިކަމެއް ނެތް. މިހާރުގެ ގިނަ ކުދިން އެ އުނގުޅާ ކުލަތަކަކުން އެކުއްޖެއްގެ ހަޤީޤީ ރީތިކަމެއް ނުފެނޭ. މިކުއްޖާ ދުޝްމަނުންގެ ލޯތަކުން ސަލާމަތް ކުރައްވާށި. އާމީން.” އެއަންހެންމީހާގެ އަޑުގައިވީ އޯގާތެރިކަމުން ސާރާގެ ހިތަށް ހަމަޖެހުން ލިބުނެވެ. މިހާރަކަށް އައިސް އޭނާގެ ހިތް ނުބައިވަނީ މާ އަވަހަކަށެވެ. އޭނާއަށް ލަދުން އިސްޖަހާލެވުނެވެ.
“ކޮން ނަމެއްތަ ކިޔަނީ؟” ޝަރީފާ އަހާލިއެވެ.
“ސާރާ!” ސާރާ މަޑުމަޑުން ބުނެލިއެވެ.
“ހާދަ ލަދުންނޭ ތި ހުންނަނީ. ލަދު ނުގަންނައްޗޭ. މިގޭގަ ނޫޅޭނެ މާގިނަ މީހުންނެއް. ޝަރީފާއްތައާއި ހުޒާމްއާއި ދެން އުޅޭނީ ދެތިން މަސައްކަތު މީހުން. މީ ހަމަ ސާރާގެ އަމިއްލަ ގެޔޭ ހީކޮށްލައިގެން އުޅުނީމަ ހުންނާނީ ރަނގަޅަށް. އެހެންނު ހުޒާމް.” ޝަރީފާގެ ބަހަށް ހުޒާމް ބޯޖަހާލިއެވެ.
“ދެން މިތާ ނުތިބެ ހިނގާ އެތެރެއަށް ދަމާ.” ޝަރީފާ އުފަލުން ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ހުޒާމް ސާރާގެ ވާހަކަ ދެއްކީއްސުރެ އޭނާގެ ހިތް ބުނަމުން ދިޔައީ އެއީ ހުޒާމްގެ ހިތް ދެވިފައިވާ ކުއްޖެއް ކަމަށެވެ.
“ސުހާނާ! ސައި ހަދާބަލަ އަވަހަށް.” ގޭތެރެއަށް ވަންނަމުން ޝަރީފާ ގޮވާލިއެވެ. އިރުކޮޅެއް ފަހުން ސައި ހެދިއްޖެކަމަށް ސުހާނާ ބުނެލިއެވެ. ސުހާނާއަކީ އެގޭގައި ކައްކާ ކާންދޭން ގެންގުޅޭ އިންޑިޔާ މީހާއެވެ.
“ދެން ދޭ އަރާމުކޮށްލަން. ވަރަށް ވަރުބަލިވެސް ވެފައެއްނު ހުންނާނީ.” ސައި ބޮއިގެން ނުކުމެފައި ޝަރީފާ ބުންޏެވެ.
“ދަރިފުޅާ ހުޒާމް. ދޭ އަވަހަށް ސާރާއަށް ކޮޓަރި ދައްކަން.” ހިނިތުންވެލާފައި ޝަރީފާ އެހެން ބުނުމުން ހުޒާމް ސާރާގެ ދަބަސް ހިފައިގެން ދަމުން ސާރާ ގާތުގައި އައުމަށް ބުންޏެވެ. ސާރާގެ ދަބަސް ކޮޓަރިއަކަށް ވައްދާފައި ހުޒާމް ނުކުމެގެން ދިޔައީ އަރާމުކޮށްލުމަށް ބުނެފައެވެ.
ކޮޓަރިއަކީ ބޮޑު ކޮޓަރިއެކެވެ. ކޮޓަރީގެ ސީދާ މެދުގައި ކަހަލަ ގޮތަކަށް ބޮޑު އެނދެއް ހުރިއިރު ކޮޓަރީގެ އެއްފަރާތެއްގައި ސޯފާއެއް ހުއްޓެވެ. ބައްތިރީސް އިންޗީގެ ފަތި ޓީވީއެއް ފާރުގައި ހަރުކޮށްފައި ހުރިއިރު “ގްރީ” ބްރޭންޑްގެ އޭސީއެއް ހުއްޓެވެ. ތިންބައި ހުރި ބޮޑު އަލަމާރިއެއް ހުރިއިރު ކޮޓަރީގައިވަނީ ހުދު ކުލައިން ފަރުމާ ކުރެވިފައިވާ އެންމެ ޒަމާނީ ފަރުނީޗަރެވެ. ފާރުގައިވާ ހުދުކުލައެވެ. ބެލްކަންޏަށް ނުކުންނަން ހުރީ ބިއްލޫރި ކެހޭ ދޮރެކެވެ. ހުދުކުލައިގެ ބެޑްޝީޓާއި ހުދު ކުލައިގެ ދޮރު ފޮތިތަކުން ކޮޓަރީގެ ޝާހީކަން އިތުރުކޮށްދެއެވެ.
ހުޒާމް ނުކުތުމުން ސާރާ ގޮސް ކޮޓަރި ތަޅުލާފައި އައިސް އެނދުގައި އިށީނދެލިއެވެ. ކަނޑު ދަތުރުކުރުމުގެ ސަބަބުން އޭނާ ވަނީ ވަރުބަލިވެފައެވެ. ބޮލަށް ބަރުވެފައެވެ. ނަމަވެސް ކޮޓަރިތެރެ ހަމައަކަށް އަޅުވާލަން އޭނާ ބޭނުންވިއެވެ. އޭނާ ގޮސް އަލަމާރީގެ ދޮރުފަތް ހުޅުވާލިއިރު އަލަމާރި ހުރީ ހުސްކޮށެވެ. އަލަމާރިއަށް އެއްޗެހިތައް ލުމަށްފަހު ސާރާ ވަނީ ފާޚާނާއަށެވެ. ފެންވަރާލައި ތާޒާވެލައިގެން ނުކުމެ އެނދުގައި ޖައްސާލިއިރަށް އޭނާ ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައީ ބަސްބުނާހާ ހިނދުންނެވެ.
“މަންމާ! އަހަރެން އެކޮޅަށް ދިޔަފަހުން ރިޒްނާގެ ޚަބަރެއްވިތަ؟ އެކޮޅަށް ދިޔަފަހުން އޭނަގެ އެއްވެސް ޚަބަރެއް ނުވޭ.” މެންދުރުގެ ކެއުމުގެ ވަގުތުގައި ހުޒާމް ޝަރީފާގެ ގާތުގައި އެހިއެވެ.
“އާނ. ދަރިފުޅު ދިޔަފަހުންވެސް އެއްރޭ އައި. ދަރިފުޅުގެ ވާހަކަ ވަރަށް ދެއްކި. ދަރިފުޅު އަންނަނީ ކޮން އިރަކުންތޯވެސް އެހި.” ޝަރީފާ ހީލާފައި ބުންޏެވެ.
“އެހެންތަ؟ އަހަރެން އެކޮޅަށް ދިޔަފަހުން ޚަބަރެއް ނުވޭ. ފޯނުވެސް އޮންނަނީ ނިއްވާލާފައި. އަހަރެން ވަރަށް ކަންބޮޑުވޭ އެބަ އެކަމާ.” ހުޒާމް ބުނެލިއެވެ. ކައި ނިމިގެން ސާރާ ދިޔައީ ކޮޓަރިއަށެވެ. ޝަރީފާއާއި ހުޒާމް ސިޓިންގރޫމުގައި ތިބީއެވެ.
“ރިޒްނާއަކީ ކާކުބާ؟ އެއީ އަނެއްކާ ހުޒާމްގެ ލޯބިވެރިޔާބާ؟ ނޫން. ޔަޤީން އެވާނީ އޭނަގެ އަންހެނުންނަށް. އަޅެ ކީއްވެތަ އަހަރެންނަށް މިހެން މިވީ؟ ކީއްވެތަ އަހަރެންނަށް މީހެއްގެ ފިރިއެއްދެކެ މި ލޯބިވެވުނީ؟” ކުއްލިއަކަށް ހިތަށް ވެރިވެގަތް ޚިޔާލުތަކަކުން ސާރާގެ ހިތަށް ތަދުވިއެވެ. ހުޒާމް ފުރަތަމަ ފެނުނު ވަގުތުން ފެށިގެންވެސް އޭނާގެ ހިތުގައި ހުޒާމްއަށްޓަކައި ވަނީ އާ ވިންދެއް ޖަހަން ފަށާފައެވެ. ނަމަވެސް ދެން ހުޒާމް އޭނާއަށް ލިބުމަކީ ނެތް ގޮތެކޭ އޭނާގެ ހިތަށް އެރިއެވެ.
ހަވީރުގެ ސައިގެ ވަގުތު ނިމިގެން ޝަރީފާ ދިޔައީ އޭނާގެ ރައްޓެއްސެއްގެ ގެއަށެވެ. ހުޒާމްއާއި ސާރާ ތިބީ ގޭގައެވެ. ދެމީހުން ސިޓިންގރޫމުގައި ތިބި ނަމަވެސް އެއްވެސް ވާހަކައެއް ނުދައްކާ ތިބީ ދެ ބީރައްޓެހިން ފަދައިންނެވެ. ތަނަށް ވެރިވެފައިވާ ހިމޭންކަން ފޫދުއްވާލީ ހުޒާމްއެވެ.
“ސާރާ! އަހަރެން ވާހަކައެއް އަހާލަންތަ؟ ފަހަރެއްގައި މިސުވާލަށް ޖަވާބުދޭން ސާރާ ބޭނުން ނުވެދާނެ. ބޭނުން ނެތިއްޔާ މައްސަލައެއް ނެތް ޖަވާބު ނުދިނަސް. އެކަމު އަހަރެން ވަރަށް ބޭނުން މިސުވާލުގެ ޖަވާބު.” ހުޒާމް އެހެން ބުނެލުމުން ސާރާ ބޯޖަހާލިއެވެ. ހުޒާމް އެ އަހަން އުޅެނީ ކޮން ސުވާލެއްކަން އޭނާއަށް އެނގޭ ކަހަލައެވެ. އޭނާގެ ހިތް ނުތަނަވަސްވިއެވެ.
“ސާރާއަށް އެރޭ އެހެން ހެދީ ކާކު؟ ސާރާއަށް އެނގޭތަ އެއީ ކާކުކަން؟” ހުޒާމް އެހެން އަހާލުމުން ސާރާ ވިސްނާލިއެވެ. އޭނާއަށް އެމީހަކު އެނގެއެވެ. އެކަމަކު އެވާހަކަ ހުޒާމް ގާތުގައި ބުނަންވީ ހެއްޔެވެ؟ މީ އިހަކަށް ދުވަހު ދިމާވި މީހެކެވެ. ވީއިރު މިމީހާއަށް އިތުބާރު ކުރަންވީ ހެއްޔެވެ؟ ހުޒާމް އެސުވާލުގެ ޖަވާބު އެހާ ބޭނުންވަނީ ކީއްވެ ހެއްޔެވެ؟
“ސާރާ ޖަވާބުދޭން ބޭނުން ނެތިއްޔާ މައްސަލައެއް ނެތް. އަހަރެން މަޖުބޫރެއް ނުކުރާނަން. އެކަމަކު އަހަރެން ސާރާއާ ހަވާލުވެގެން އުޅޭތީ އަހަރެން ބޭނުން ސާރާއަށް އެފަދަ އަނިޔާއެއް ދިނީ ކާކުތޯ އޮޅުންފިލުވަން.” ހިތުގެ އުދާސްތައް ފޮރުވަމުން ހުޒާމް ބުނެލިއެވެ. ދެންވެސް ސާރާ އެއްވެސް އެއްޗެއް ނުބުންޏެވެ.
“ހަނދާން ނައްތާލާ.” ހުޒާމް ބުނެލިއެވެ.
“ހިތްހަމަނުޖެހުނީތަ؟” ސާރާ ވަރަށް ދެރަވެލާފައި އެހިއެވެ.
“ނޫން. ސާރާއަށް ތިވާހަކަ ކިޔައިދޭން ފެނުނު ދުވަހަކުން ކިޔައިދީ. އޭރުން ރަނގަޅުވާނެ. ސާރާ ދައްކަން ބޭނުން ކޮންމެ ވާހަކައެއްވެސް އަޑުއަހަން އަހަރެން ފޫހިނުވެ އަބަދުވެސް ހުންނާނަން.” ހުޒާމް ހީލާފައި ބުނެލިއެވެ. ސާރާވެސް ހިނިތުންވެލިއެވެ.
މެންދަމު ބާރަ ޖެހިތަނާ ގޭގެ ބެލް އަޅާލި އަޑު އިވުނެވެ. ދޮރު ހުޅުވީ ސީދާ ހުޒާމްއެވެ. އޭރު ޝަރީފާއާއި ސާރާ ނިދަން ވަދެއްޖެއެވެ.
“ރިޒޫ! އަވަހަށް އާދޭ އެތެރެއަށް.” ހުޒާމް ރިޒްނާ ވަންނަން ތަން ދައްކަމުން ބުނެލިއެވެ.
“ޒާމް ކޮންއިރަކު އައީ؟” ރިޒްނާ އެތެރެއަށް ވަދެ ސޯފާގައި އިށީންނަމުން އަހާލިއެވެ.
“މިއަދު ހެނދުނު އައީ. އެކޮޅުގައި ހުރެފައިވެސް ރިޒޫއަށް ގުޅޭތޯ ހާދަ މަސައްކަތް ކުރީމޭ ކަމަކާ މަޝްވަރާކޮށްލަންވެގެން. ފޯނު ނިއްވާލާފައި އޮންނަނީ.” ހުޒާމް ބުނެލިއެވެ.
“އާނ. ފޯނު ހަލާކުވެގެން މިއުޅެނީ. ހޫމް ދެން ބުނެބަލަ. އެއީ އަނެއްކާ ކޮންކަމަކާ މަޝްވަރާކުރާށޯ އެވަރަކަށް ގުޅީ؟ ރިޒްނާ އަހާލިއެވެ. ހުޒާމް ވީގޮތް އޮޅުންފިލުވައިދިނެވެ. ސާރާގެ ވާހަކަ ބުނުމުން ރިޒްނާގެ މޫނުމަތި މިލައިގެން ދިޔަނަމަވެސް ހުޒާމްއަށް އެކަން ފާހަގަނުވަނީސް އޭނާ މޫނުމަތި ހަމައަކަށް އަޅުވާލިއެވެ.
“އެހެންތަ؟ ކޮބައިތަ ތިބުނާ ކުއްޖާ؟” ދެކޮޅު ހޯދާލަމުން ރިޒްނާ އަހާލިއެވެ.
“ނިދަން ވަދެއްޖެ.” ހުޒާމް ބުނެލިއެވެ.
“ދެން ރިޒޫވެސް އާދެބަލަ ނިކަން ތިގެއިން ނުކުމެގެން އަހަރެންނާއެކު މިގޭގައި އުޅެން. އޭރުންނެއްނު ކުރިންހެން އުޅެވޭނީ. އޭރު ކިހާ މަޖާ.” ހުޒާމް އެހެން ބުނެލުމުން ރިޒްނާ ހިމޭންވިއެވެ. އޭނާވެސް އަންނަން ބޭނުމެވެ. ނަމަވެސް އޭނާއަށް އާދެވޭކަށްވެސް ނެތެވެ. ޝަމްސުއްދީން ދުނިޔޭގައި ހުރިހާ ދުވަހަކު އޭނާ ހުންނަން ޖެހޭނީ އެ ގައިދުޚާނާގައި ބަންދުވެފައެވެ. އެހެނީ ދުވަހެއްގެ ކޮޅުންވެސް ޝަމްސުއްދީން އޭނާ ވަރިއެއް ނުކުރާނެއެވެ. ހުޒާމް އެހެން އެބުނަނީ އޭނާއަށް އަދި އެހަޤީޤަތް ނޭނގޭތީއެވެ. އޭނާ ހުޒާމް ގާތު އެވާހަކަ ބުނަންވެސް ބޭނުމެވެ. ނަމަވެސް އޭނާއަށް ހުޒާމް ގާތު އެވާހަކަ ބުނާކަށް ނުކެރުނެވެ.
“ކިތަންމެ ބޭނުންވިޔަސް އެތަނަކުން ނުނުކުމެވޭނެ.” ރިޒްނާ ބުންޏެވެ. އެއަޑުގައިވަނީ ނާއުއްމީދެވެ. އެމޫނުގައިވަނީ މާޔޫސްކަމެވެ.
“މިހާރުވެސް ތި އަންނަނީނު. ރިޒޫ ނިކަން އަހަރެން ބުނާ ގޮތެއް ހަދާބަލަ. ބޭނުންވާ މުހިންމު އެއްޗެހި ހިފައިގެން މާދަމާރޭ މިގަޑީގައި މިގެއަށް އާދޭ. ހީވެސް ނުކުރާހާ ފަސޭހައިން އެތަނުން ސަލާމަތްވެވޭނެ. ރިޒޫ ހަމަ އަންނައިރަށް އަހަރެން ރިޒޫ ބޭރަށް ފޮނުވާލައިގެން މޫނުގެ ސާޖަރީއެއް ހައްދައިދޭނަން. ހުރިހާ ކަމެއް ވަގުތުން ހަމަޖެހޭނެ. އޭރުން އެއްވެސް މީހަކަށް ޝައްކެއްވެސް ނުވާވަރަށް ބަދަލުވެވޭނެ.” ހުޒާމް ބެލީ ރިޒްނާއަށް ވިސްނައިދެވޭތޯއެވެ.
“އެކަމަކު އެމީހުން އަހަރެން ހޯދާނެ. އެމީހުންނަށް އެނގިއްޖެއްޔާޔޯ؟” ރިޒްނާއަކަށް އަދިވެސް ހުޒާމް އެދައްކާ ވާހަކަ ޤަބޫލެއް ނުކުރެވެއެވެ.
“އެކަކަށްވެސް ނޭނގޭނެ. އެކަކަށްވެސް ނުހޯދޭނެ.” ހުޒާމް ބުނެލިއެވެ.
“އެކަމަކު އަހަރެން އެބަ ވަރަށް ބިރުގަނޭ.” ހަޤީޤަތުގައިވެސް ރިޒްނާ އިނީ ބިރުންނެވެ.
“އަހަރެން ދަނީ. އަހަރެން ނެތްކަން އެމީހުންނަށް އެނގިދާނެ.” ރިޒްނާ ކުއްލިއަކަށް ތެދުވިއެވެ.
“އަހަރެން ބުނާގޮތް ނުހަދަންޏާ ކީއްކުރަން ތި އަންނަނީ؟” ކުއްލިއަކަށް ހުޒާމްގެ ގާތަށް ރުޅިއައެވެ.
“މާދަމާރޭ މިގަޑިއަށް އާދޭ. އެހެންނޫނީ ދުވަހަކުވެސް ތިތަނަކުން ސަލާމަތެއް ނުވެވޭނެ.” ހުޒާމް ބުންޏެވެ. ރިޒްނާއަށް އެއަޑު އިވުނުކަމެއް ނޭނގެއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ރިޒްނާ ދުވެފައި ދިޔައީއެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރެވެ. ސާރާ އުޅެނީ ކޮޓަރީގައެވެ. އޭނާ އޮތީ އޭނާގެ މުސްތަޤުބަލާއިމެދު ވިސްނާށެވެ. ހުޒާމް ނުލިބުނަސް އޭނާ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނުގައި ކުލަޖެއްސުމުގެ މަގު މިހާރު މިއޮތީ ތަނަވަސްވެފައެވެ. ވިސްނުމުގައި އޮއްވާ އޭނާ ސިހުނީ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. އޭނާ އަވަސްއަވަހަށް ގޮސް ދޮރު ހުޅުވާލިއިރު ހުޒާމް ހުރުމުން ހިނިތުންވެލިއެވެ.
“އަބަދު ކޮޓަރީގައިތަ އޮންނަނީ؟ މީހުން ތެރެއަށް ނުކުމެލާ އުޅެބަލަ. އޭރުންނެއްނު މިތަނަށް ހޭނޭނީވެސް.” ހުޒާމް އޯގާތެރިކަމާއެކު އެހެން ބުނެލުމުން ސާރާ ބޯޖަހާލިއެވެ.
“ހިނގާ ބޭރަށް ގޮސްލަން. ރީތިވެލައިގެން އާދެބަލަ.” ހުޒާމް އެހެން ބުނެލުމުން ސާރާއަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ ބޯޖަހާލިއެވެ. ހުޒާމް ދިޔުމުން އޭނާ ކޮޓަރި ތަޅުލާފައި ވަނީ ފެންވަރާށެވެ. ފެންވަރައިގެން ނުކުމެ އޭނާގެ އަތުގައި އޮތް އެންމެ އާ ހެދުންލައި ރީތިވިއެވެ. ރީތިވެގެން ނުކުތްއިރު ހުޒާމް ސޯފާގައި އިނީ އޭނާގެ އިންތިޒާރުގައެވެ.
“ވަރަށް ރީތި. ހިނގާ ދަމާ.” ހުޒާމް އެހެން ބުނުމުން ސާރާ އޭނާއާއެކު ހިނގައިގަތެވެ. އެވަގުތު ހުޒާމްގެ ފޯނު ރިންގުވިއެވެ. ފޯނު ނަގާ ބަލާލިއިރު ރިޒްނާގެ ކޯލެއްކަމުން ހައިރާންވެފައި ހުރެވެސް އޭނާ އަވަސްއަވަހަށް ފޯނު ނެގިއެވެ.
(ނުނިމޭ)
13 Comments!
Comments are closed.
V ves reethi
Wow awesome…dhn vaany kihinebbaa???when next eps???waiting for the next ep…?
Awsome
reethi….
V reethi
It’s awesome. Waiting. ???
ekm baeh thanthankolhu ei eeram vaahakaaige baithah..heyo nuvaane mee alhe fahe copy season tha
Nice
Nyc
Saandy ?
My god ?
Sòooo beautiful ❤
Your the best ????
ހުރިހާ ކުދިންގެ ކޮމެންޓަތަކަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ
vvvv salhi… dhn vaane gotheh hoadhenyy..
mihaaru eba anehkaa wes salhi wey..