Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހުވަފެން (3)

Saandy
February 27, 2017
8 Mins Read
64 Views
19 Comments

މެންދަމުގެ ވަގުތެވެ. ހުޒާމް އޮތީ ލޮލަށް ނިދީގެ އަސަރު ވެރިނުވާތީއެވެ. އެހެން ރޭރޭ އޭނާއަށް ނުނިދިފައި އޮންނަނީ މާޒީގެ ހަނދާންތައް އުނދަގޫކުރާވަރުންނެވެ. އެހެނަސް މިރޭ އޭނާގެ ޚިޔާލުތައް ގުޅިފައިވަނީ މިއަދު ހަވީރު ފެނުނު އަންހެންކުއްޖާއާއެވެ. މީގެ ކުރިން ދުވަހަކުވެސް އަންހެންކުއްޖަކު ފެނިގެން އޭނާއަކަށް އެފަދަ ގޮތެއް ނުވެއެވެ. ނަމަވެސް މިއަދު އެފެނުނު ކުއްޖާގެ ސަބަބުން އޭނާގެ ހިތަށް ލޮޅުމެއް އަރައިފިއެވެ.

ޤަބޫލުކުރަން ބޭނުންނުވިޔަސް ހަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ. ޕަރީއެއްފަދަ އެރީތި އަންހެންކުއްޖާ ހުޒާމްގެ ސިކުނޑިން ވަގުތުކޮޅެއް ހޯދައިފިއެވެ. އޭނާއަށް އެނގުމަކާއިނުލާ އޭނާގެ ހިތުން ޖާގައެއް ހޯދައިފިއެވެ. އެހާ ރީތި އަންހެންކުއްޖެއް މިބިންމަތިން އަދި މިނޫނީ އޭނާއެއް ނުދެކެއެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހުޒާމްގެ ޝައުޤުވެރިކަން އެއަންހެންކުއްޖާއަށް ހުއްޓުނު ސަބަބަކީ އެއީއެވެ. އެކުއްޖާގެ އެމައުސޫމު ބަލާލުމާއި އެފަރި ހިނިތުންވުން ފެނުމުން ހުޒާމްއަށް ތަފާތު އިހުސާސެއް ކުރެވުނުކަން ގައިމެވެ. ވިދާހާ އެއްޗަކީ ރަން ނޫންކަމަށް ހިތަށް ވިސްނައިދެމުން ހުޒާމް އޭނާގެ ދެލޯ މަރާލިއެވެ.

ހުޒާމަށް ހޭލެވުނީ މެންދުރު ނަމާދަށް ބަންޤިވެސް ގޮވި ފަހުންނެވެ. އޭނާ ކަންނެތް ގޮތަކަށް ތެދުވެ މޯޅިއަކަށް ދެމިލިއެވެ. މިއަދު އޭނާގެ ޠަބީޢަތު ވަނީ ޚަރާބުވެފައެވެ. މިއީ ދުވަހަކުވެސް އޭނާ ހޭލި ގަޑިއެއް ނޫނެވެ. އިރުއެރުމަށްފަހު ނިދަން އޮތުމަކީ އޭނާ ކުރިކަމެއް ނޫނެވެ. ނަމަވެސް އިއްޔެ ހަވީރު ފެނުނު އަންހެންކުއްޖާގެ ސަބަބުން ރޭގައި އޭނާގެ ނިދި ވަނީ އޭނާއާ ރުޅި ހަދާފައެވެ. އެއަންހެންކުއްޖާއާއިމެދު ވިސްނަން އޮއްވައި ނިދުނީ ކޮންއިރަކު ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ.

ހުޒާމް ފެންވަރައި ނަމާދުކޮށްލައިގެން ބޭރަށް ނުކުތެވެ. އޭނާ ނުކުމެ ފެންޑާގައި ހުރި އުނދޯލީގައި ޖައްސާލިއެވެ. މެންދުރުގެ އަވިބާރު ގަޑީގައި އެތަނަށް ވަރަށް ފިނިވެއެވެ. ގޯތިތެރޭގައި ހައްދާފައިވާ ހިޔާދޭ ބޮޑެތި ގަސްތަކުގެ ސަބަބުން މުޅި ގޯތިތެރެއަށް ވަނީ ހިޔާ އަޅާފައެވެ. އެހެންކަމުން ޖެހެމުންދިޔަ ފިނި ވައިރޯޅިއާއިއެކު ހޫނުގެ އަސަރު މަޑުވެފައިވެއެވެ. އެހެން އޮވެފައި ހުޒާމް، އަޒީމްއަށް ގުޅާލީ ބަނޑުހައިވެފައި ހުރިވަރުންނެވެ. ދެތިންފަހަރު ގުޅުމުންވެސް އޭނާ ފޯނެއް ނުނެގިއެވެ. އެހެންކަމުން އޭނާ ނިންމީ އަޒީމްގެ ގެއަށްދާށެވެ. އޭނާ މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން އެރަށަށް އައިސްފައިވާތީ އޭނާއަށް އެރަށުގައި ހިނގާބިނގާވެ އުޅެން އެނގެއެވެ.

ހުޒާމް އަޒީމްގެ ގެއަށް ދިއުމަށްޓަކައި ނުކުމެ ހިނގައިގަތެވެ. ޖެހިގެން ހުރި ގޭ ދޮރުމައްޗަށް އެރުނުތަނާ ވަރަށް ބާރަށް މީހަކު ޖެހިގަތެވެ. ކޮއްޕާލުމުން ޖެހޭ ކަހަލަ ގޮތަކަށެވެ. އެއާއިއެކު ދެމީހުން އެކީގައި ވެއްޓުނީއެވެ. ހުޒާމްއަށް ކުއްލިއަކަށް ބަލާލެވުނީ އޭނާގެ ގައިމަތީ އޮތް ކުއްޖާއަށެވެ. އޭނާގެ ގައިމަތީ އޮތް އަންހެންކުއްޖާ ފެނިފައި އޭނާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައީ ކީއްވެކަމެއް ނޭނގެއެވެ. އެކުއްޖާގެ ދިގު ފަން އިސްތަށިގަނޑުން އެކުއްޖާގެ މޫނު ވަނީ ފޮރުވިފައެވެ. އެކުއްޖާ ހުޒާމްގެ ގައިމަތިން ތެދުވަމުން އިސްތަށިގަނޑު ރީތިކޮށްލިއެވެ.

އެއަންހެންކުއްޖާގެ މޫނު ފެނުނު ވަގުތު ހުޒާމްގެ ހިތް އަނެއްކާވެސް އަމިއްލަ އިޚްތިޔާރުން ބޭރުވީއެވެ. ހުއްޓުން އަރާފައި އެއަންހެންކުއްޖާއަށް ބަލަން އޮވެވުނުއިރު އެއަންހެންކުއްޖާވެސް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ. އޭރު އެއަންހެންކުއްޖާ އެއްއަތް އިސްތަށިގަނޑުގައި ޖައްސާލައިގެން ހުރިއިރު ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފެނިފައި ހުޒާމްގެ ހިތަށް އާދަޔާ ޚިލާފު އަސަރުތަކެއް ކުރުވިއެވެ. އެއްމިޔަކަނުން ފައިބާފައިވާ ލޭގެ ރޮނގު ފެނި އެކުއްޖާއަށްޓަކައި އޭނާގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ހުޒާމް ތެދުވެ ގައިން ހިރަފުސް ފޮޅާލި ވަގުތު ގޭ ދޮރު ހުޅުވާލާފައި ދަބަހެއް ހޫރާލިއެވެ.

“ކަލޭ ދާންއުޅޭ ތަނެއް ކުއްޔަށް ހިފައިގެން ސޭލު އަޅުވައިގެން އޮންނަން. އޭރުން އިސާހިތަކު މަޝްހޫރުވެދާނެ. ހާރިތައް އޮހެން ފަށައިފާނެ.” ޒުލޭޚާ ހަޅޭއްލަވައިގަތެވެ. ޒުލޭޚާގެ ރަހުމުކުޑަ ބަސްތަކުން އެއަންހެންކުއްޖާގެ ހިތަށް ލިބުނު ވޭން އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. ގަތް ލަދެއްގެ ބޮޑުކަމުން އޭނާ ހުރީ އިސްއުފުލާ ހުޒާމަށް ބަލާލަންވެސް ނުކެރިފައެވެ.

“ހިނގާ. އަހަރެން އެހީވެދޭނަން.” ހުޒާމް އޯގާތެރިކަމާއިއެކު ބުނެލިއެވެ. މިހާރު މުއްސަންޖަކަށް ވިޔަސް އޭނާއަކީވެސް ކުރީގައި ނިކަމެއްޗެކެވެ. އަޅާލާނެ އެއްވެސް ޔާރެއް އިޔާރެއް ނެތް މީހެކެވެ. ވުމާއެކު އޭނާއަށް ނިކަމެތިންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން އޭނާއަށް ފޯރުންތެރިކަން ލިބުނު ދުވަހު ހާލުގައި ޖެހިފައިވާ ނުވަތަ ބޭނުން ޖެހިފައިވާ މީހުންނަށް އެހީވުމަކީ އޭނާގެ ވާޖިބެއްކަމުގައި ދުށްޓެވެ.

“ނޫން. އަހަރެން އެއްވެސް މީހެއްގެ އެހީތެރިކަމެއް ބޭނުމެއް ނޫން.” ރޮވިފައިހުރެ އެކުއްޖާ ބުނެލިއެވެ. އެއަޑުގައިވާ އަސަރަކުން ހުޒާމްގެ ހިތް ރޮއްވާލިއެވެ.

“އެކީއްވެ؟” ހުޒާމް އަހާލިއެވެ.

“އެއީ އަހަރެން އިތުބާރުކުރާ އެކަކުވެސް މިދުނިޔޭގައި ނެތީމަ. މިހާރު އަހަރެން ދުނިޔެ މަތިން ފޫހިވެއްޖެ. ދުނިޔޭގައި މިހުރީ ހަމައެކަނި އަހަރެންގެ ވަގުތު ހަމަނުވާތީ.” އެއަންހެންކުއްޖާއަށް މިހާރު ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

“ދުނިޔެއާއި ދޭތެރޭ އެހާ އަވަހަށް މާޔޫސްވެ އުންމީދު ކަނޑާލާކަށް ނުވާނެ. އަހަރެން އެހީވެދޭނަން. އާދޭ.” އެހެން ބުނެފައި ހުޒާމް އެކުއްޖާގެ އަތުގައި ހިފިއެވެ. އެއާއެކު އެކުއްޖާ ސިހިފައި އަތް ދަމައިގަތެވެ.

“މަޢާފް! ބިރުނުގަނޭ! އަހަރެން އެއްވެސް ކަމެއް ނުކުރާނަން. އާދޭ!” ހުޒާމް އެކުއްޖާގެ ދަބަސް ނެގިއެވެ. ގޮތް ހުސްވެފައިހުރެ އެކުއްޖާ ދާން އެއްބަސްވިއެވެ.

“ޖައްސާލާ. އެބަ އަންނަން.” ގޯތިތެރޭގައި ހުރި އުނދޯއްޔަށް އިޝާރާތްކޮށް ހުޒާމް ބުނެލިއެވެ. އެއަށްފަހު އެތެރެއަށް ވަނެވެ. އެކުއްޖާ އުނދޯލީގައި އިށީނދެލިއެވެ. އަދި އިސްތަށިގަނޑު އޮޅާލާފައި ހުޅިއެއް ޖެހިއެވެ. އޭނާގެ ދެލޮލުގައި އުންމީދުގެ އެއްވެސް އަސަރެއް ނެތެވެ. އެދެލޮލުގައި ވަނީ ވޭނާއި ކަރުނައެވެ. ނާއުންމީދާއި މާޔޫސީކަމެވެ. އިރުކޮޅެއްފަހުން ހުޒާމް ނުކުތްއިރު އޭނާގެ އަތުގައި ރުމާލެއް އޮތެވެ.

“ކޮން ނަމެއް ކިޔަނީ؟” ރުމާ ދިއްކޮށްލަމުން ހުޒާމް އަހާލިއެވެ.

“ސާރާ!” ރުމާލުގައި ހިފަމުން އެކުއްޖާ ބުނެލިއެވެ.

“މީ ހުޒާމް. މިހާރު މާލޭގައި އުޅެނީ. އަސްލު ބ. ތުޅާދޫ.” ހުޒާމް އޭނާގެ ކުޑަ ތަޢާރަފެއް ދިނެވެ.

“ސާރާ މިރަށްތަ؟” ހުޒާމް އެހެން އަހާލުމުން ސާރާ ފާޑަކަށް ބަލާލިއެވެ. ހުޒާމްއަށް މިއެހުނީ ކިހާ މޮޔަ ސުވާލެއްކަން އެނގުނީ ދެނެވެ.

“މިހެން މި އަހާލީ އަހަރެން ކުރިންވެސް މިރަށަށް އައިސް އުޅެން ދޭތެރެއަކުން. އެކަމު މިފަހަރު ނޫނީ ދުވަހަކުވެސް ސާރާއެއް ނުދެކެން.” ވަރަށް ނޫންކަމަށް ހަދަމުން ހުޒާމް ބުނެލިއެވެ.

“ހީވަނީ މިރަށްހެން.” ސާރާގެ ޖަވާބު އިވިފައި ހުޒާމް ހައިރާންވިއެވެ.

“އޭނ! އެކީއްވެ؟” ލިބުނު ހައިރާންކަމުގައި ހުޒާމްއަށް އަހާލެވުނެވެ.

“މިހުރިހާ ދުވަހު އަހަރެން ހީކޮށްގެން މިހުރީ ޒުލޭޚާ އެއީ އަހަރެންގެ މަންމަކަމަށް. އެކަމަކު އިއްޔެ އަހަރެންނަށް އެނގުނީ އެއީ އަހަރެންނާ އެއްވެސް ގުޅުމެއް ނެތް ބައެއްކަން. އަހަރެންނަކަށް ނޭނގެ އަހަރެންގެ މައިންބަފައިންނަކީ ކޮން ބައެއްކަމެއްވެސް.” އަނެއްކާވެސް ސާރާގެ ލޮލުން ކަރުނަ އޮހިގަތެވެ.

“ނުރޮއި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި ސާރާގެ މުސްތަޤުބަލު ވަރަށް އުޖާލާވާނެ.” ހުޒާމްގެ ވާހަކައިން ސާރާއަކަށް މާބޮޑު އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ. އެއީ އޭނާއަށް ވަރަށް ގިނައިން އަޑުއިވިފައިވާ ބަސްތަކެކެވެ. ހިތްދަތިވާ ވަގުތުތަކުގައި އެންމެ ކައިރީގައި އެވަގުތު ހެޔޮއެދޭ މީހަކު ހުރިނަމަ އެމީހަކު އާދަވެ ބުނާ ބަސްތަކެކެވެ. އޭނާ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަނީ ގެއްލިފައެވެ. އެހެންކަމުން އެއީ ދުވަހަކުވެސް ވެދާނެ ގޮތެއްކަމަކަށް އޭނާ ޤަބޫލެއް ނުކުރެވެއެވެ.

“ސާރާއަށް ކިތައް އަހަރުތަ؟” ވަރަށް ޖެހިލުންވެފައި އިނދެ ހުޒާމް އަހާލިއެވެ.

“ވިހި.” ސާރާގެ ޖަވާބު ކުރެވެ.

“އެކަމު ހީވަނީ ފަންސަވީހަކަށް އަހަރުގެ ކުއްޖެއްހެން.” ހުޒާމް ހިތަށްއެރިއެވެ. ނަމަވެސް އެޖުމްލަ އޮތީ އޭނާގެ ހިތުގައެވެ.

“ކައިފިންތަ؟” ސާރާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ.

“ހިނގާ ކާން. އަހަރެންވެސް އަދި ނުކަން. އެބަ އަންނަން އިނގޭ ނޫޑްލްސް ގަނެގެން.” ހުޒާމް ހިނގައިގަތީ ފިހާރައަށް ދިއުމަށެވެ. ސާރާ އުނދޯލީގައި ހަމަ އިނީއެވެ. ހުޒާމް ނޫޑްލްސް ގަނެގެން އައިސް ގޭތެރެއަށް ވަންނަމުން ސާރާ ގާތު އައުމަށް ބުންޏެވެ. ސާރާ ކިޔަމަންތެރިކަމާއެކު އެތެރެއަށް ވަނެވެ.

“ގެނޭ އަހަރެން އަތަށް. އަހަރެން ތި ކައްކާލަފާނަން.” ޖެހިލުންވެފައި ސާރާ ބުނެލިއެވެ. ހުޒާމް އެއްވެސް ދެކޮޅު ހެދުމެއްނެތި ސާރާއާ ނޫޑްލްސް ކައްކަން ހަވާލުކުރީ އޭނާއަށް އެހާ މީރުކޮށް ކައްކަން ނޭނގޭނެތީއެވެ.

ސާރާ ނޫޑްލްސް ކައްކަމުން ދިޔައިރު ހުޒާމް އިނީ ސާރާގެ ހަރަކާތްތަކަށް ހުސްވެފައެވެ. މި ރީތި އަންހެންކުއްޖާގެ ދިރިއުޅުމުގައިވެސް އެތައް ކަމެއް ހިނގާފައިވާނެކަން ގައިމެވެ. ކުއްލިއަކަށް އެވަރުގެ ބޮޑު ހިތްދަތިކަމަކާ މިއަންހެންކުއްޖާއަށް ކުރިމަތިލާން މިޖެހުނީ ކީއްވެބާއޭ ހުޒާމްގެ ހިތަށް އަރަމުންދިޔައެވެ. އޭނާ ސާރާގެ ހަރަކާތްތަކަށް ގެއްލިފައި އިންދާ ދެތަށި ނޫޑްލްސް ގެނެސް މޭޒުމަތީގައި ބެހެއްޓުމުން އޭނާ ސިހުނެވެ. އަރައިގަތް މީރުވަހުން ހުޒާމްގެ ބަނޑުހައިކަން އެތައް ގުނައަކަށް އިތުރުވެގެން ދިޔަހެން ހީވިއެވެ.

“ވަރަށް މީރު. އަދި މިހާ މީރު ނޫޑްލީހެއް ނުކަން ދުވަހަކުވެސް.” ހުޒާމް ސާރާގެ ކެއްކުމަށް ތަޢުރީފުކޮށްލިއެވެ.

“ޝުކުރިއްޔާ!” ހިނިތުންވެލަމުން ސާރާ ބުނެލިއެވެ. އެވަގުތު އޭނާގެ ކޮލަށް އެޅިގެން ދިޔަ އަޑިކޮޅު ފެނިފައި ހުޒާމްގެ ގައިން ހީބިހި ނަގައިގަތެވެ.

ކައި ނިމުނުއިރު ސާރާ އިނީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ. އެދެމެދުގައި މާގިނަ ވާހަކައެއް ނުދެކެވެއެވެ. އަޒީމް އެގެއަށް އައީ އެދެމީހުން ކައިގެން ނުކުތްތަނާއެވެ. އަޒީމް ބަލަން ހުރިގޮތުން ސާރާ ލަދުގަތެވެ. އަޒީމްގެ އެބެލުމުގެ މާނަ އޭނާއަށް ވަރަށް ފަސޭހައިން ނަގައިގަނެވުނެވެ. އޭނާ ލަދުގަތީ އޭނާއާއި އުމުރުގެ ގޮތުން އެހާ ތަފާތު މީހަކާ އަޅުވާ ކީމައެވެ.

ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް ހުޒާމްއާއި ސާރާގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. އުމުރުގައި ކިތަންމެ ބޮޑު ފަރަޤެއް ހުރިނަމަވެސް އެދެމެދުގައި އެކުވެރިކަމެއް އުފެދިއްޖެއެވެ. މަދުމަދުން ދެމީހުން އެކުގައި ތަންތަނަށް ދާން ފެށިއެވެ. އެގޮތަށް ދެމީހުން އެކުގައި ފެނުމުން މީހުން ފާޑުފާޑުގެ ވާހަކަދައްކައެވެ. ސާރާގެ ނަސީބާއިމެދު ހަސަދަވެރިވާ އަންހެންކުދިންވެސް މަދެއް ނޫނެވެ. އަދި އެދެމީހުންގެ މެދުގައި އޮތީ ވިޔާނުދާ ގުޅުމެއް ނޫންކަމަށް ބުނާ މީހުންވެސް ބައިވަރެވެ.

މެންދުރުގެ ވަގުތެވެ. ޒުވާން އަންހެންކުދިންތަކެއް މަގުމަތީ ޖޯލިފަތީގައި ތިބެގެން އެކިއެކި ވާހަކަދައްކަމުން ދިޔައެވެ. އެމީހުން ތިބީ ނަތާޝާމެންގޭ މަގުމަތީގައެވެ. ގޯތިތެރޭގައި ހުރި ބޮޑު އަނބުގަހުން މުޅި އެހިސާބަށް ހިޔާ އަޅާފައިވެއެވެ.

“އޭތް. ބަލާބަލަ. އެހެރަ ދަނީ އެއްކަލަ ސާރާ.” ޒުވާން އަންހެންކުދިންތަކެއްގެ މެދުގައި އިން ނަތާޝާ ބުނެލިއެވެ.

“މިހާރު އެ ސާރާ އެއުޅެނީ މާލޭގެ މުއްސަނދި މީހަކާ ގުޅާލައިގެންނު. އަދި އެވެސް އޭނައާ ބަލާއިރު މުސްކުޅިއެއް.” ނިޝާ ބުނެލިއެވެ.

“މާ މަޑުމަޑުން އިންނަ މީހަކަށް ހެދިގެން އުޅެއެއްނު. މީހުން ބުނަނީ ހަމަ ތެދެއް. ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެ.” ހުދާ ބުނެލިއެވެ.

“މަ ބުނީތީވެސް ކަލޭމެން ބަލަން ތިބޭތި. ރީތި ބޮނޑިއެއް ބޯނެ އަންހެނެއް އެއީ.” ނިޝާ ބުނެލިއެވެ. ވާހަކަ މިހާ ހިސާބަށް ދިއުމުން އެތާނގައި އިން ހަސްނާއަކަށް މަޑަކުން ނީނދެވުނެވެ. އޭނާއަކީ ސާރާއާ ކޮންމެވެސް ވަރެއްގެ އެކުވެރިކަމެއް އޮންނަ ކުއްޖެކެވެ.

“ބަލަ ކަލޭމެންނަށް ކޮން ވަރެއްތަ ތިއަރަނީ؟ ސާރާ ބޭނުން މީހަކާއެކު އޭނަ އުޅެފާނެއެއްނު. އެހެންނޫނަސް ކޮބާ މައްސަލައަކީ؟ އަންހެނަކާ ފިރިހެނެއް ވިއްޔަ. އަނެއްކޮޅުން އަންހެނަކާ ފިރިހެނަކު އެއްކޮށް ފެންނައިރަށް އެއީ ހިތާވެގެން އުޅޭ ދެމީހުންނަށް ވޭތަ؟ އިއްޔެވެސް މަ ދެކުނިން މީނދަ ނަތާޝާ އެހެރަ އުޅޭ ޝިމާލްއާއެކު ސައިކަލުގައި ދިޔަތަން. ދެން އެވާނެތަ އެދެމީހުން ރައްޓެހިވެގެން އުޅެނީކަމަށް. އަސްލު ވާގޮތަކީ އަހަރެމެން ބައެއް ދިވެހިންގެ ވިސްނުން މާ ހަނީ.” ހަސްނާ ބުނެލިއެވެ. އޭނާގެ ވާހަކައަށް ހައެއްކަ އަންހެންކުދިން އެއްބަސްވީއިރު ބާކީ ތިބި އަންހެންކުދިން އޭނާގެ ބަހަށް ދެކޮޅެވެ.

“އަހަރެމެންނަށްތަ މި ވަރެއްވަނީ؟ ސާރާއާއި ދިމާލަށް އެއްޗެއް ބުނާއިރަށް މި ހަސްނާއަށް ހާދަ ވަރެއްވެޔޭ ދޯ ނިޝާ؟” ހުދާ ބުނެލިއެވެ.

“އާނ. އެއީ އޭނަގެ ޕާޓެކޭ. އެހެންވީމަ ވަރުވާނެއެއްނު.” ނިޝާ ތުންއަނބުރާލިއެވެ.

“މަށަށް ވަރުވަނީކީ ނޫން. އެކަމަކު ތިދެން ތަންކޮޅެއް ބޮޑުވަރު މީހަކާ ހަސަދަލިޔަސް. ތިމީހުންވެސް އެމީހާއާ ގުޅެން ބޭނުންވެއްޖެއްޔާ ގޮސް އެމީހާ ގާތު ބުނަންވީނު. ކޮންމެހެން ސާރާއާ ދިމާލަށް އެތިވަރު ނުގޮވިޔަކަސް.” ހަސްނާ ބުނެލިއެވެ.

“ޗީ. މަ އެބައުޅެންތަ ފިރިހެނުންނާ ހެދި ހޭ ކެނޑިގެން.” ހުދާ ބުނެލިއެވެ.

“ހޫނ. ދެން މީ ކޮން ވާހަކައެއްތަ؟ ހިނގާބަލަ މިއަދު ހަވީރު ބަށިކުޅެން ދަމާ.” ޒުވާބު މާ ހޫނުވާހެން ހީވެގެން ނަތާޝާ އަވަސްއަވަހަށް ވާހަކަ ބަދަލުކޮށްލިއެވެ.

“ކުޅެން ދެވިދާނެ. އެކަމަކު ކުޅެން ދާނެ މީހުން ނުވާތީނު މައްސަލައަކީ. މިއުޅޭ އަންހެނުންތައް ޑްރާމާ ބެލުމުގައި ހީވަނީ އެހެންފަދަ ކަމެއްހެން. އެމީހުންނަށް ހީވަނީ ކަންނޭނގެ އެ ފަރަންޖީން ދައްކާ ޑްރާމާތަކާ އެއްޗެހި ބެލީމަ މާ މޮޅުތަކެއް ވާނެޔޭ. ގައިމު ކީއްވާނީ ކޮންމެ ދުވަހަކު ހަވީރު ބަށިކުޅެލަން ނުކުތިއްޔާ. ގައިމު ކަސްރަތުވެސް ލިބޭނެއެއްނު.” ހަސްނާ ބުނެލިއެވެ.

“ތިބުނީ ރަނގަޅު ވާހަކައެއް. އެހެރަ އުޅޭ ހަމްނާވެސް އެއީ ނުލާހިކު މޮޅަށް ބަށިކުޅޭ މީހެއް. އެކަމަކު އެ ޑްރާމާގަނޑެއްގައި ޖެހިއްޖެއްޔާ އޭނައަށް ނޭނގޭނެ އެގޭ ތަނެއްގަ ރޯވިޔަސް.” ނިޝާ ބުންޏެވެ.

“ތިހެން ބުނީމައޭ މި ހަނދާންވީ. މިއަދުވެސް ހެނދުނު އަހަރެން ކުނިކަހަން އޮއްވާ އިވިއްޖެ އެ ހަމްނާގެ ފިރިސޮރު ހަލީމް ހަޅޭއްލަވާ އަޑު. އޭރު އޭނަގެ ހާނިމް ސްކޫލަށް ދާންވެގެން އުޅޭ. ހަލީމް ބުނި އަޑު އިވިއްޖެ ދޭބަލާށޭ އެސޮރަށް ސައިދޭން. ބުނާއިރަށް ބުނެފި މިދަނީއޭ. އަތަރްވް ކިރިޔާއޭ މަރުނުވެ އޮތީ. އިސްތިހާރު އައިމަ ދާނަމޭ.” ނަތާޝާ ހީގެންފައި ބުނެލިއެވެ.

“އެހެރީ މިހާރު މީހުންގެ ކަންތައް ހުންނަ ވަރަކީ. ދަރި ބަނޑަށް މަރުވިޔަސް، ކިޔެވިޔަސް ނުކިޔެވިޔަސް ޑްރާމާ ބެލެނިކޮށް އެނިމުނީ.” ހަސްނާ ބުނެލިއެވެ.

ހަވީރުގެ ވަގުތެވެ. ނަތާޝާމެންގެ ގުރޫޕް ކުދިން ބަށިކޯޓުގައި ކުޅެން ތިއްބެވެ. ސާރާ ހިނގަމުން ހިނގަމުން ދަނިކޮށް ހަސްނާމެން ކުޅެން ތިބިތަން ފެނިފައި އެތަން ބަލަން މަޑުކޮށްލިއެވެ. އެވަގުތު ހަސްނާއަށް ސާރާ ފެނުނެވެ. ސާރާ ހުރީ ވަރަށް ކުޅޭހިތުންކަން އޭނާއަށް އެނގެއެވެ. އޭނާވެސް ސާރާ ކުޅުމުގައި ބައިވެރިކުރަން ބޭނުންވިއެވެ. ނަމަވެސް އެމީހުން ސާރާ ނުލަވާނެކަން އެނގޭތީ އޭނާ އެމީހުން ގާތުގައި ނުބުނީއެވެ.

“ކުޅޭކަށް ނުދަންތަ؟” ކުއްލިއަކަށް ހުޒާމްގެ އަޑުއިވިފައި ސާރާ ސިހިފައި ފަހަތް ބަލާލިއެވެ.

“ހޫމް. ހިނގާ ދާން.” ސާރާ ގެއަށްދާން ހިނގައިގަތެވެ.

“ކީއްވެ ކުޅެން ނޫޅެ ތިދަނީ؟ އަހަރެންނަށް އެނގޭ ސާރާ ތިހުރީ ވަރަށް ކުޅޭހިތުންކަން.” ހުޒާމް އަހާލިއެވެ.

“އަހަރެން ބޭނުންވިޔަސް އެމީހުން އަހަރެންނެއް ނުލަވާނެ. އެހެންވީމަ ބުނުމުގެ ބޭނުމެއްނެތް.” ސާރާ މަޑުވެސްކޮށްނުލާ ހިނގަމުންދިޔައެވެ.

ޖެހިގެން އައި ދުވަހެވެ. ހެނދުނު ނުވައެއް ޖެހިއިރުވެސް ސާރާ ނުނިކުތުމުން ހުޒާމް ކަންބޮޑުވިއެވެ. އެހެންނޫނީ ކޮންމެ ދުވަހަކުވެސް ހެނދުނު ހައެއް ޖެހުމުގެ ކުރިން ސާރާ ތެދުވެއެވެ. ސާރާއަކީ ފޯނުވެސް ގެންގުޅޭ ކުއްޖެއް ނޫނެވެ. އެހެންކަމުން ހުޒާމް ސާރާގެ ކޮޓަރި ދޮރުގައި ދެފަހަރަކު ޓަކި ޖަހާލިއެވެ. ނަމަވެސް ޚަބަރެއް ނުވިއެވެ. އެހެންކަމުން އޭނާ އަޒީމްއަށް ގުޅައިގެން އެކޮޓަރީގެ ޑަބަލް ތަޅުދަނޑި ހޯދިއެވެ. އެގެއަކީ އަޒީމްގެ މަންމަގެ ގެއެވެ. އެގެ ހުންނަނީ ކުއްޔަށް ދީފައެވެ. އަޒީމްމެން އުޅެނީ އޭނާގެ ބައްޕަ ގޭގައެވެ.

ދިހައެއް ޖެހިއިރުވެސް ސާރާގެ ޚަބަރެއް ނުވިއެވެ. އެހެންކަމުން ހުޒާމް އެކޮޓަރި ދޮރު ހުޅުވިއެވެ. އެޔާއިއެކު ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވިއެވެ. ސާރާގެ ދެއަތާއި ދެފައި ވަނީ އެނދުގައި ބަނދެފައެވެ. ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތްއިރު އަނގައިގައިވެސް ވަނީ ފޮތިގަނޑެއް އައްސާފައެވެ. ވަގުތުން ހުޒާމް ކޮޓަރި ދޮރުލައްޕާ ތަޅުލިއެވެ. އަދި އަޒީމްއަށް ގުޅާފައި އޭނާގެ އަންހެނުން ގޮވައިގެން ވަގުތުން އެގެއަށް އައުމަށް އެދުނެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި އަޒީމް އައީ އޭނާގެ ދޮށީ އަނބި ނަޒްލާ ގޮވައިގެންނެވެ. އޭރު ހުޒާމްއެކޭ އެއްފަދައިން އެދެމީހުންގެ މޫނުމަތިންވެސް ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ.

“ކިހިނެއްވީތަ؟ އަހަރެން ހީކުރީ ވަރަށް ބޮޑުކަމެއް ވީކަމަށް.” އަޒީމް އަހާލިއެވެ.

“އާނ. ވީ ކުޑަކަމެއް ނޫނޭ.” އެހެން ބުނެފައި ހުޒާމް އޭނާއަށް ފެނުނު މަންޒަރުގެ ވާހަކަ ކިޔައިދިނެވެ.

“ކާކުބާ ތިވަރުގެ ކަމެއް ކުރާނީ؟” އަޒީމްއަށް ބުނެވުނެވެ.

“ކިހިނެއް އެނގޭނީ؟ ބައެއް ފިރިހެނުންގެ ކަންތައް ހުންނަގޮތުން ހުރިހާ ފިރިހެނުންނަށްވެސް ހުތުރު.” ހުޒާމް ބުނެލިއެވެ.

“އެހެންވީމަ ނަޒޫ ކޮށްދޭންވީ ކަމަކީ އެކޮޓަރިއަށް ވަދެ ސާރާގެ ހެދުން ލައްވާލަދޭންވީ.” ހުޒާމް ބުނެލިއެވެ.

“އެކަމަކު އެކަނި ކިހިނެއް އެކަހަލަ ކަމެއް ކުރާނީ؟ އަދި އެކަކު ބޭނުންވާނެ. އަހަރެން އެބަ އަންނަން.” ނަޒްލާ އެހެން ބުނެފައި ގޮސް އައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ހީނާ ގޮވައިގެންނެވެ. އެއަށްފަހު ހުޒާމްގެ އަތުން ތަޅުދަނޑި ހިފައިގެން ގޮސް އެކޮޓަރިއަށް ވަނެވެ. ފަނަރަ ވަރަކަށް މިނެޓް ފަހުން އެދެމީހުން ނުކުތެވެ.

“އޭނައަށް ވަރަށް އަނިޔާކޮށްފަ ހުރީވެސް. އޭނަ އަދިވެސް ހެއެއް ނާރާ.” ކަންބޮޑުވެފައި ނަޒްލާ ބުންޏެވެ. ހީނާވެސް ހުރީ ކަންބޮޑުވެފައެވެ.

“ޞިއްޙީ މަރުކަޒަށް ގެންދަންވީނު.” ހީނާ ލަފާދިނެވެ.

“އޭރުންނޯ؟ އޭރުން އޭނަ މުޅި ދުނިޔެއަށް ފަޟީހަތްވާނީ. މިހާރުވެސް އޭނައޭ ކިޔައިގެން ދައްކާ ވާހަކަތައް މަދެއް ނޫން. އެކަމަކު އޭނައަކީ އެގޮތަށް އުޅޭ ކުއްޖެއް ނޫން.” އަޒީމް ބުންޏެވެ.

“ތިކަން އެނގެއޭ. އެކަމު އޭނަ ޑޮކްޓަރަށް ދައްކަން ޖެހޭނެ. އަދި އޭނައަށް އިންސާފުވެސް ލިބެން ޖެހޭނެ.” ނަޒްލާ ބުނެލިއެވެ.

“ފުރަތަމަ އަހަރެމެން އޭނަ ހޭއެރުވޭތޯ ބަލަމާ. ހޭ ނާރައިފިއްޔާ ޞިއްޙީ މަރުކަޒަށް ގެންދާނީ.” ހުޒާމް ބުންޏެވެ. އެތައް މަސައްކަތަކުން ސާރާ ހޭއަރައިފިއެވެ. ސާރާ ހޭއެރުމުން އަޒީމްމެން ތިންމީހުންވެސް ގެއަށް ދިޔައީ ކަމެއް ގޯސްވެއްޖެނަމަ އެމީހުންނަށް އަންގާލަން ބުނެފައެވެ.

އަޒީމްމެން ދިއުމުން ހުޒާމް އަނެއްކާވެސް ސާރާގެ ކޮޓަރިއަށް ވަނެވެ. އޭރު ސާރާ އޮތީ ލޯހުޅުވާލައިގެންނެވެ. މަތީގައި އެނބުރެމުންދިޔަ ފަންކާއަށް ކަޅި ހުއްޓިފައިވާއިރު އެދެލޯ ވަނީ ރަތްވެފައެވެ. އޭނާގެ ވައަތު ކޯތާފަތް ވަނީ ނޫފައިގެންފައެވެ. އެރީތި ތުންފަތުން ބައެއް ވަނީ ފުފި އަރާފައެވެ. އެދޮންމޫނުން ފާޅުވަމުންދިޔަ ހިތާމައިގެ ކުލަވަރުތަކުން ހުޒާމްގެ ތެޅިތެޅި އޮތް ހިތުގެ ހިނގުން އަވަސްވިއެވެ.

“ސާރާ!” ހުޒާމް މަޑުމަޑުން ގޮވާލިއެވެ. އޭނާ ސާރާއާ އެތައް ސުވާލެއްކުރަން ބޭނުންވިއެވެ. އޭނާ ހީކުރީ ސާރާއަށް ދިމާވި ކަންތަކުގެ ވާހަކަ އޭނާއަށް ސާފުކޮށްދޭން ބޭނުންވާނެ ކަމަށެވެ. އޭނާގެ އެހީތެރިކަން ބޭނުންވާނެކަމަށެވެ. އެހެންނަމަވެސް ކަންތައްވީ ހުޒާމް ހީކުރި ގޮތަކަށް ނޫނެވެ. ސާރާ އޭނާއަށް ޖަވާބު ނުދިން ތާނގައި އޭނާއާ ދިމާލަށް ބަލާވެސްނުލިއެވެ. ހަމަ އެއޮތްގޮތަށް ކަޅިވެސް ޖަހާނުލާ މަތި ބަލަން އޮތީއެވެ.

ސާރާ ޖަވާބެއް ނުދިންނަމަވެސް އޭނާގެ ހިތަށްއަރާ ފައިބަމުންދިޔަ ޚިޔާލުތައް މަދެއްނޫނެވެ. އޭނާ ދެން އެއްވެސް މީހެއްގެ އެހީތެރިކަމެއް ބޭނުމެއް ނޫނެވެ. އެހެންމީހަކަށް ވެވޭނެ އެހީއެއްވެސް ދެނެއް ނޯންނާނެއެވެ. ހުރިހާ ކަމެއްވެ ނިމިއްޖެއެވެ. ވެދިޔަ ތަން އަނބުރައެއް ނުގެނެވޭނެއެވެ. އެންމެންގެ ތެރޭގައި ބާކީވަމުން އައިސް އަންހެންކުއްޖެއްގެ ހަޔާތުގައި ދިމާވާނެ އެންމެ ބިރުވެރި އަދި އެންމެ ހިތްދަތި ކަންތައްވެސް އޭނާއަށް އެވަނީ ކުރިމަތިވެފައެވެ. އެ ނާމާން ތަޖުރިބާގެ ލައްގަނޑު ދެން ދުވަހަކުވެސް އޭނާގެ ހަޔާތަކުން ނުފޮހެވޭނެއެވެ.

ސާރާ ގުޑިވެސްނުލާ ހަމަ އެއޮތްގޮތަށް އޮތީއެވެ. އޭނާ ހަރަކާތެއްނެތި އޮތްނަމަވެސް އޭނާގެ ހިތުގެ ހާލަތު އޭނާއަށް ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ސާރާއަށް މިޖެހުނު ހާލާއިމެދު ހުޒާމް އިންތިހާއަށް ކަންބޮޑުވިއެވެ. އޭނާގެ ހިތަށް ވަރަށް ތަދުވިއެވެ. އެކަމުގެ ޒިންމާ ނަގަންޖެހޭ މީހަކީ އޭނާކަމުގައި ހިތް ބުނަނީއެވެ. ސާރާގެ ހާލު ފެނިފައި އޭނާގެ ލޮލަށް ޖަމާވި ކަރުނަތައް ފޮހެލަމުން ސާރާގެ އަތުގައި އަތް ޖައްސާލިއެވެ. އެއާއިއެކު ސާރާއަށް ދުލުން ބަޔާންދަތިވި އިހުސާސްތައް ކަރުނައިގެ ސިފައިގައި ބަންޑުންވިއެވެ.

“ސާރާ! މީ ކާކުގެ ކަމެއް؟” ކުރަކިވެފައިވާ އަޑަކުން ހުޒާމް އަހާލިއެވެ. އޭނާގެ ހިތުގައި ރިއްސަމުން ދިޔައީ އޮބިނޯންނަ ވަރަށެވެ. ނަމަވެސް ސާރާ އެއްވެސް ޖަވާބެއް ނުދިނެވެ. ސާރާއަށް ހަމަ ރޮވެނީއެވެ. ޢިއްޒަތާއި އަބުރު ވެއްޔާއި މޮޑެވުމުން ކޮންމެ އަންހެންކުއްޖަކަށްވެސް ވާނީ މިފަދަ ގޮތެއްކަން ހުޒާމްއަށް ވިސްނެއެވެ. އެހެންކަމުން ސާރާއަށް ރޯލަން ފުރުސަތު ދިނުމަށްފަހު ހުޒާމް ބޭރަށް ނުކުތެވެ.

“ކޮބައިތަ އެ ނުބައި ހައިވާނަކީ؟ މަށަށް އެހައިވާނު ފެންނަ ދުވަހަކީ އޭނަގެ އެންމެ ފަހު ދުވަސް.” ހުޒާމް ކައިރީގައި ހުރި ބޮޑު ޖަނބުރޯލު ގަހަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލާލިއެވެ. އޭރު އޭނާ ރުޅިއައިސްގެން ތުރުތުރުއަޅައެވެ. ސާރާއަށް އެހެން ހެދި މީހަކު އެނގިއްޖެނަމަ އޭނާ އެމީހަކު ދުލެއް ނުކުރާނެއެވެ. ސާރާއަކީ އޭނާގެ ފުރާނައަށްވުރެވެސް ލޯބިވާ ކުއްޖެކެވެ. އެހެންވީއިރު ސާރާއަށް އެފަދަ ދެރަގޮތެއްވާން އޭނާއަށް ރުހެވޭނީ ކިހިނެއް ހެއްޔެވެ؟

(ނުނިމޭ)

11
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ހިތުގެ އެދުމޭތީ (4 ވަނަބައި)

Next

ރާއްޖެ ތަރައްޤީ ވެފައިވާތީ…

Next
February 27, 2017

ރާއްޖެ ތަރައްޤީ ވެފައިވާތީ…

Previews
February 26, 2017

ހިތުގެ އެދުމޭތީ (4 ވަނަބައި)

19 Comments

  1. Miky says:
    February 27, 2017 at 7:45 am

    Vvv salhi kn iraku next part waiting for next

  2. aysh says:
    February 27, 2017 at 8:55 am

    wow…vrh rythi…

  3. Ryn says:
    February 27, 2017 at 8:56 am

    Saandy!! Daamn. Loved this part. ??? waiting for the next part.. Just b like this aaand keep going. ??❤✨

    1. Baby girl says:
      February 27, 2017 at 11:28 am

      Ryn kairy bunefeemehnu saandy ehchehsah commnt nukuraashey. keehvetha adu neeveny. theena moyavegen thiulheny saandy boy akah v ma dhw. shine menge story thakahves nuhurey commmnt kohfa eh. Ryn stay away from saandy. he is mine.. kithah faharu mihen bunaany

    2. Baby doll says:
      February 27, 2017 at 12:54 pm

      Baby girl ah saabas dhn

    3. ?? says:
      February 27, 2017 at 12:56 pm

      Joke o wot?baby girl r u mad?mithanah beyynunn meehakahh comment ei dhevidhaane..so u better be quit?konmmmwhenn nujwheyy thi baby girl kaary ahaakahh..baby girl o what ever..dude u just stay quit

    4. yaa says:
      February 27, 2017 at 2:25 pm

      baby girl ah haadha asaruves kureyey dw !!

  4. zaru says:
    February 27, 2017 at 9:58 am

    v reethi

  5. Hawwa says:
    February 27, 2017 at 1:55 pm

    So cool
    Avahah up kohba next part

  6. Baby girl says:
    February 27, 2017 at 2:35 pm

    Asaru kuraanehnu?
    Why am i afraid to lose him when he is not even mine ?

    1. 404 Error! says:
      February 27, 2017 at 3:38 pm

      baby girl! -:saandy vedhaaneh nun myhehge firieh kamah ves..???

    2. ??? says:
      February 27, 2017 at 3:45 pm

      Baby girl ulhey vahtharun ladhun boa halaaku..hahaha

    3. Baby girl says:
      February 27, 2017 at 4:17 pm

      firiyakah viyas i will wait for him.. Plx saandyge info ingey kujjeh ebaulheytha?

  7. 404 Error! says:
    February 27, 2017 at 3:35 pm

    ?varah salhi….
    waiting waiting….

  8. Shy beauty says:
    February 27, 2017 at 3:48 pm

    Wow vvv reethi..dhn vaany kihinehbaa…???when next eps???

  9. Saandy says:
    February 27, 2017 at 11:50 pm

    ޝުކުރިއްޔާ ހުރިހާ ކުދިން… ކޮންމެ ކުއްޖަކުވެސް އަނެކާގެ ޚިޔާލަށް ފުރުސަތު ދިނުން އެދެން… ކޮންމެ ދުވަހަކު ބައެއް އަޕްވާގޮތަށް ޝެޑިއުލްކޮށްފަ އިނީމަ ދެން އިތުރު ބަދަލެއް ގެނެވެން ނެތް ވާހަކަ ވަރަށް މަޢާފާއެކު ހުރިހާ ކިޔުންތެރިން ގާތު ބުނެލަން… އުއްމީދުކުރަން ވާހަކަ ކަމުދާނެކަމަށް

  10. Saandy says:
    February 27, 2017 at 11:53 pm

    ދެން ހުރި ބައިތަކަށް ލިބޭ ކޮމެންޓްތަކުން ވާހަކަޔާ ނުގުޅޭ ކޮމެންޓް އަދި ހުތުރު ބަހުން ހުންނަ ކޮމެންޓްތައް ޑިލީޓް ކޮށްލެވޭނެ ވާހަކަ ހުރިހާ ކިޔުންތެރިންގެ ސަމާލުކަމަށްޓަކާ ބުނެލަން

  11. sannu says:
    March 4, 2017 at 9:49 am

    salhi…

  12. xeyboo says:
    March 16, 2017 at 11:20 am

    abadhu rich myheh kan angaa nuliyas waane dhw ..dhen okay..

Comments are closed.

All Right Reserved!