ޝަހުދު ބޭރަށް ނިކުމެ ދެފަރާތް ބަލާލުމަށްފަހު އެތެރެއަށް ވަދެ ދޮރުޖެހި އަޑަށް ގަސްތަކާއި ނިވާވެގެން ހުރި އީރާ ނިކުތެވެ. ލޮލަށް ފެނުނު މަންޒަރުގެ ސަބަބުން ހިތަށް ކުރި އަސަރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ގަދަ މުށިކުލައިގެ ކަޅީގެ ވިދުން ގަދަވަމުން ދިޔައީ ގިނަވަމުން ދިޔަ ކަރުނައިގެ ސަބަބުންނެވެ. ސިއްރުން ދެލޯ ފޮހެލަމުން މަގުމައްޗަށް ނިކުތްއިރު މަގުމަތިވަނީ ހަލަބޮލިވެފައެވެ.

އިރު ނިވާވަމުން ދިޔަކަން އުދަރެހުން ފާޅުވަމުން ދިޔައެވެ. ރަންކުލައިގެ ވިލާތަކުން އުދަރެސް ޖަރީކުރަމުން ދިޔައެވެ. މަންޒަރުބަލަން ބައެއް ލޯބިވެރިން އަތު ގުޅުވާލައިގެން ހެދި ގޮނޑުދޮށުގައި ތިއްބެވެ. އީރާ ގޮސް އިށީނީ ވަކިން ހުރި ސިމެންތި ގޮނޑިއެއްގައެވެ. އުނގުމަތީގައި ފޮތްތައް ބަހައްޓައިގެން އިނުމަށްފަހު އިސްޖަހާލާ ފޮތްތައް ހުޅުވަންފެށިއެވެ. ޝަހުދުގެ އަވައިގައި ޖެހި އޭނާއަށް ނަގާލެވުނު ދުވަސްތައް މަތިން ހަނދާން އާވީ އެހިސާބުންނެވެ. ކިޔެވުން ދޫކޮށްފައި އޭނާއަށް ދުވެވުނީ ހަޤީޤީ ލޯބި ވާކަމުގެ ކުލަ ދެއްކި ބޭވަފާތެރިއެއްގެ ފަހަތުގައެވެ. އެތަނުގައި އިދެ އީރާއަށް ނަގާލެވުނު ދުވަސްތައްމަތިން ހަނދާންކުރިއެވެ.

”ޝަހުދު، އަހަރެންގެ އޮތީ ކޮންކުށެއް؟ އަހަރެން ޝަހުދުއަށްޓަކައި ޤުރުބާންވީ، އޭގެ ބަދަލުގައި މަށަށް މި ލިބުނީ…” އީރާ ހިތާއި ހިތުން ބުނަމުން ދިޔައެވެ. އެވަގުތު އޭނާގެ ޟަމީރު އޭނާއަށް ވިސްނައިދިނީ ދެވަނަ ފަހަރަށް ޝަހުދުގެ ކުރިމައްޗަށް ގޮސް އޭނާއަށް އެހެން ހެދި ސަބަބު ހޯދާށެވެ.

އިރުއޮއްސި އަނދިރިވީއިރު އީރާ އެތަނުގައި އިނެވެ. އެތަނުގައި ތިބި މީހުންތައް ގެއަށް ގޮސް އެތަނުގައި އީނީ އީރާ އެކަނިކަން އެނގުމުން އަވަހަށް ފޮތްތައް ހިފައިގެން ތެދުވިއެވެ. ގެއަށް ދެވުނު އިރު ކުރިއަށްވުރެ އަނދިރިވެއްޖެއެވެ. ގޭދޮރު ހުޅުވާލިއިރު ގޭތެރެ އޮތީ އަނދިރިކޮންނެވެ. މި ނޫނީ ގޭތެރެ އަނދިރިކޮން އޮތް ރެއެއް އޭނާ ނުދެކެއެވެ. އިރުއޮއްސުމުގެ ކުލަތައް ދުނިޔެމަތިން ފެންނަން ފެށުމާއި އެކު މަންމަ ގޭތެރެ ދިއްލާނެއެވެ. އަނދިރިކޮން އޮތުމުން ކުޑަކޮން ހައިރާންވިއެވެ. މަންމަ ގޭގައި ނޫޅެނީބާއޭވެސް ހިތަށް އެރިއެވެ. ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު އީރާގެ ކަންފަތުގައި ޖެހުނީ ގިސްލުމުގެ އަޑެވެ. ސްވިޗު ބޯޑުތައް ކައިރިއަށް ޖެހި ގޭތެރެ ދިއްލުމާއި އެކު އީރާއަށް ފެނުނީ ސިޓިންރޫމްގެ ތެރެއަށް އުކާލެވިފައިވާ ފޮޓޯތަކެވެ. އަދި މަންމަގެ ކޮޓަރި ދޮރުގައި ލެނގިލައިގެން އިން ޝާޔާއެވެ.

ޝާޔާ އިނީ ދެކަކޫ ގެނެސް މޭގައި ޖައްސާ، ކަކޫމަތީ މޫނުއަޅައިގެންނެވެ. ބުޅި އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ޝާޔާ ގިސްލުމުގެ އަޑު ދޭތެރެއަކުން އިވެއެވެ.

”ދޮންތާ.” އީރާއަށް އެދިމާލަށް ދެވުނެވެ. އަތުގައި ހުރި ފޮތްތައް ސިޓިންރޫމްގެ މޭޒުގައި ބެހެއްޓުމަށްފަހު ޝާޔާގެ ކައިރިއަށް ދެކަކޫ ޖަހައި ތިރިވަމުން ދެއަތުން ޝާޔާގެ ކޮނޑުގައި ހިފާ އޭނާ އާއި ދިމާލަށް އަނބުރާލިއެވެ. ޝާޔާ އިސްއުފުލާ ބަލާލިއިރު އޭނާގެ ހާލަތު އެނގުމުން ބަލާ ކޮންމެ މީހެއްގެ ހިތުގައި ހަމްދަރުދީ އުފެދޭނެކަން ޔަޤީނެވެ. ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. މޫނުމަތީގެ ތާޒާކަން ގެއްލި ހީވަނީ އެތައް ދުވަހެއް ވަންދެން ބޮޑު ހިތާމައެއްގައި އުޅުނު މީހެއް ހެންނެވެ.

”އީރާ، މަންމަ ކޮޓަރީގައި.” ޝާޔާއަށް އަނެއްކާވެސް ރޮވުނީއެވެ. އީރާ ޝާޔާގެ އަތުން ދޫކޮށްލުމަށްފަހު މަންމަގެ ކޮޓަރީގެ ދޮރުގައި ތަޅަމުން ގޮވަން ފެށިއެވެ. އެތެރެއިން ދޮރު ތަޅުލާފައިވުމުން އީރާ ތަޅަށް އަނބުރާ ހެދިއަސް ހުޅުވޭ ގޮތެއް ނުވިއެވެ.

”ޑަބަލް ތަޅުދަނޑި އޮންނާނީ ކޮންތާކު؟” އީރާ ހާސްވެފައި އަހާލުމުން އެ ތަޅުދަނޑީގެ މަތިން ހަނދާންވީ ދެނެވެ. މިއޮއް ހުރިހާ އިރު ރޮއި ރޮއިފައި މަންމަގެ ކޮޓަރީގެ ދޮރުގައި ތަޅަން އިނދެވުނީއެވެ. ސިކުނޑިއަށް ލިބުނު ހާސްކަމާއި ދެރައަށްފަހު އިތުރު ކަމަކާއި ވިސްނާ ފިކުރު ކުރާވަރެއް ނުވިއެވެ. އީރާ ދުވެފައި ޝާޔާ ކޮޓަރިއަށް ވަދެ ވަރަށް އަވަހަށް ތަޅުދަނޑިން ތަޅު ހުޅުވިއެވެ.

މަޑުމަޑުން ދޮރުފަތް ހުޅުވާލުމާއި އެކު ދެމީހުންގެ މޫނުމަތިން ފެނުނީ ބިރުވެރިކަމެވެ. ދެލޯ ބޮޑުކޮށްލެވުމާއި އެކު މަންމާއޭ ކިޔައި ގޮވާލެވުނީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. އީރާއަށް ވުރެ ކުރިން ޝާޔާ ވަދެ ޓައިލްސްމަތީ ވެއްޓިފައި އޮތް އަނީސާގެ މަގަތުގައި އިށީދެ ގޮވަމުން ދިޔައެވެ. އަނީސާ ދެލޯމަރައިގެން އޮތްއިރު ހީވަނީ ދުވަހަކުވެސް ދެލޯ ހުޅުވުމެއް ނެތްހެންނެވެ. އީރާ އަވަހަށް އެމްބިއުލެންސަށް ގުޅާ އެގެއަށް އެމްބިއުލެންސް ގެނުވިއެވެ.

ސުދާ އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އިން އިރު ނަޒަރު ހުއްޓިފައިވަނީ އޭނާގެ އުނގުމަތީގައި ބަހައްޓާފައި ހުރި ލެޕްޓޮޕަށެވެ. ފޭސްބުކު ހުޅުވައިގެން އިނދެ ލިބިފައި ހުރި ކޮމެންޓްތަކަށް ރައްދު ދެމުން ދިޔައިރު މޫނުމަތީގައި ނުފިލާ ހިނިތުންވުމެއްވިއެވެ. ފެންވަރާލައިގެން ނިކުތް ޒަވީން އަނދެގެން ހުރި ތުވާލި ނައްޓާ އެނދުމަތީގައި ބޭއްވިއެވެ. ދެން އެއްޗެހިލައި ރީތިވެ ނިމިގެން ބަލާލިއިރު ތުވާލި އޮތްގޮތަށް ބާއްވާފައި ސުދާ އިނީ ލެޕްޓޮޕަށް ސަމާލުކަން ދީގެންނެވެ.

”އަހަރެން ހީކުރީ ތުވާލި އަޅުވާނެކަމަށް މިހާއިރު ވީއިރު.” ޒަވީން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. ސުދާ އެއްފަހަރު ތުވާއްޔަށް އަނެއްފަހަރު ޒަވީންއަށް ބަލާލުމަށްފަހު ލެޕްޓޮޕަށް ބަލަން ފެށިއެވެ.

”އެއީ ޒަވީންއަށްވެސް ކުރެވޭ ވަރުގެ ކަމެއްނު.” ސުދާގެ އަޑާއި ރާގުގައިވަނީ ފޫހިކަމެވެ.

”ދެން ތިބުނަނީ އަހަރެން ތުވާލި ނަގާށޭތަ؟” ޒަވީން ފަހަތަށް ނުބަލާ ހުރެ އަހާލިއެވެ.

”ޒަވީންއަށް އެއްފަހަރު ތުވާލި އަޅުވާލެވިދާނެއެއްނު. ނޫނީ އަހަރެން ގޮވާފާނަން ނޫރީންއަށް.” ސުދާ ތެދުވާ ޚިޔާލެއް ނެތެވެ. އެކަހަލަ ކުޑަ ކަމެއްވެސް ކުރަނީ ނޫރީން ލައްވައެވެ.

”އަހަރެންގެ އަނބިމީހާގެ ހައިސިއްޔަތުން މިކަން ކުރަންޖެހޭނީ ސުދާއަށް، ސުދާ ކޮށްދެންޖެހޭ ހުރިހާ ކަމެއް ނޫރީން ލައްވާ ކުރުވަން ވެއްޖެއްޔާ ފަހުން ނަތީޖާ ރަނގަޅެއް ނުވާނެ، އަހަރެން ހީކުރީ ސުދާ ކައިވެންޏަށްފަހު ބަދަލުވާނެ ކަމަށް، މިގޭގައި އަތަށް ފަޔަށް މަސައްކަތު މީހުން ތިއްބަސް އަހަރެން ހިތްހަމަޖެހެނީ ސުދާ އަހަންނަށް ހުރިހާ ކަމެއްވެސް ކޮށްދިނީމައި، ތެދުވެބަލަ ތި ބަހައްޓާފައި، އަހަރެން ވަރަށް ބަނޑުހައިވެއްޖެ.” ޒަވީން ސުދާގެ އަތުގައި ހިފާ ނަގަން މަސައްކަތް ކުރިއެވެ.

”މަންމަ އެބައުޅޭ ބަދިގޭގައި، ޒަވީން ގޮސް ބުނީމައި މަންމަ ކާން ހަދައިދޭނެ، އަހަރެން މިއިނީ ކުޑަ ކަމަކު.” ސުދާ ބުނެލިއެވެ.

”އަހަރެން ދެއްކި ވާހަކަ ސުދާއަށް އަޑު އިވުނުހެން ހިއެއް ނުވޭ.” ޒަވީން ސުދާގެ އަތުން ދޫކޮށްލިއެވެ. ހިނގައިގަންނަން އުޅެފައި ސުދާއަށް ބަލާލަމުން ޒަވީން އަހާލިއެވެ.

”އަހަރެން އެއްޗެއް އަހައިފިއްޔާ ސުދާ ތެދަށް ބުނާނަންތަ؟” ސުދާ ހޫމްއެއް ލައްވާލިއެވެ.

”ސުދާ ކީއްކުރަން ދޭތެރެ ދުރުކުރާ ބޭސްކަނީ؟” ލެޕްޓޮޕަށް ބަލަހައްޓައިގެން އިން ސުދާއަށް އިސްއުފުލާ ބަލާލެވުނީ އިޚްތިޔާރަކާއި ނުލައެވެ.

”އަހަރެން ވަރަށް ބޮޑަށް ކުއްޖަކު ބޭނުން، ސުދާއަށްވުރެ ބޮޑަށް އެކަން އެނގޭނެ އިތުރު މީހަކު ނުހުންނާނެ” ޒަވީން ވާހަކަ ދައްކަމުން ދިޔައިރު ސުދާ އިސްޖަހާލިގޮތަށް ދެން އިސްއުފުލާ ބަލާވެސް ނުލިއެވެ.

”ސުދާ އެއްޗެކޭ ބުނެބަލަ. ސުދާ ބުނިގޮތަކަށް އަހަރެން ހަދައިދެން. ކައިވެނި ކޮށްފައި ފުރަތަމަ ސުދާ ބޭނުންވީ ދެމީހުން ދަސްކުރަން. ދަސްވަންދެން ކުއްޖަކު ނުހޯދާ މަޑުކުރަން. އަހަރެން އެގޮތަށް އެއްބަސްވީން، ހަތަރު އަހަރު ކައިވެންޏަށް ވީއިރު ސުދާއަށް ހީވަނީތަ އަހަރެމެން ދެމީހުން ދަސްނުވަނީއޭ. އަދި ކިހާ ދުވަހެއް ސުދާ ބޭނުންވަނީ” ޒަވީން އަހާލިއެވެ. ސުދާގެ ފަރާތުން ޖަވާބެއް ނާންނާތީ އެކޮޓަރި ތެރޭގައިވަނީ މަރު ހިމޭންކަމެވެ.

”އަހަރެން ދުވަހަކުވެސް ކުއްޖަކު ބޭނުމެއް ނޫން.” ސުދާ މަޑުމަޑުން ބުނެލިއެވެ. އެޖަވާބުން ޒަވީންއަށް ލިބުނު ހިތާމައަށްވުރެ އައި ރުޅި އިތުރެވެ. ވަގުތުން ގޮށްމުއްކަވާފައި އެނދުމަތީ ޖަހާލެވުނުވެސް މެއެވެ. ދެވަނަ މިނެޓްގައި ޒަވީން ދެއަތުން ސުދާގެ މޫނުގައި ހިފާ އޭނަ އާއި ދިމާލަށް އުފުލާލިއެވެ.

”ތިހެން ބުނީމައި އަހަރެން ހިތަށް އަސަރު ކުރާނެވަރު އެނގޭތަ؟ އަހަރެން ފަސްވަގުތު ނަމާދުކޮށްފައި ކޮންމެ ފަހަރަކު ދުޢާކުރަނީ ހެޔޮލަފާ ޞާލިޙް ދަރިއަކު ދެއްވާތޯ، އަދި ސުދާއަށް ހެޔޮމަގު ދައްކަވާތޯ، ކައިވެނީގެ ފޮނި މޭވާއަކަށް ވާނީ ކުދިން، ސުދާ ކުޑަކުދިންދެކެ ލޯބި ނުވަނީތަ؟” ސުދާ އިސްއިފުލާ ޒަވީންގެ މޫނަށް ބަލާލިއިރު ޒަވީންގެ ދެލޯ ފޯވަމުން ދިޔަ މަންޒަރު ފެނުނެވެ. ޒަވީންގެ ލޮލުގައިވާ ރިހުމާއި ތަދު ފެނުނެވެ. އެކަމަކު އޭނާގެ ހަރު ހިތް އެކަރުނަތަކުން މަޑުވާ ގޮތެއް ނުވިއެވެ. ކަށީގައި ހިފާފައިވާ ގޮތް ދޫނުކުރުމުގެ ސިފަ ބަދަލުވާކަށް ނޫޅެއެވެ. ކައިވެނީގެ މަޤްސަދަށްވުރެ މުހިއްމީ ހަށިގަނޑުގެ ރީތިކަމެވެ.

”ސުދާ އަހަރެން ދެކެ ލޯބިވާކަން ސާބިތު ކޮށްދޭން އަހަރެން މިދެނީ އެންމެ ފަހު ފުރުޞަތު. އޭގެ ފަހުން ސުދާ އިޞްލާޙް ނުވެގެން ދޫކޮށްފައި ދިޔަޔަސް އަހަރެން ގޯސްވެގެން ނުވާނެ. ސުދާ އަހަރެން ދެކެ ލޯބިވާނަމަ ކާ ބޭސްތައް ހުއްޓާލާ” ޒަވީން ސުދާއަށް ބަލާލަމުން ތެދުވިއެވެ. ޒަވީން ނިކުމެގެން ދިއުމުން ސުދާ އެނދުގައި ލެނގިލައިގެން އިނެވެ.

ހޮސްޕިޓަލުގެ އަވަސް ފަރުވާދޭ ކޮޓަރީގައި ތިބި ޑޮކްޓަރާއި ނަރުހުންގެ ޙަރަކާތްތައް އަވަހެވެ. އެނދުގައި ހަށިފުރާ ނޭވާލަމުން ދިޔަ އަނީސާއަށް ފަރުވާ ދެވޭތޯ އެމީހުން އަވަދިނެތި އުޅެމުން ދިޔައެވެ. ބޭރުގައި ތިބި ޝާޔާ އާއި އީރާ އިންތިޒާރުކުރަމުން ދިޔައީ އަނީސާއަށް ފަރުވާ ދެމުން ގެންދާ ޑޮކްޓަރުގެ ބަހެއް ބުނެލާނެ ވަގުތަކަށެވެ. އަނީސާ މިވަގުތު އޮތް ހާލަތުން ޒިންމާވާންޖެހޭނީ ޝާޔާ ކަމުގައި އޭނާގެ އަމިއްލަ ޟަމީރު ވިސްނައިދެމުން ދިޔައެވެ.

ސަލަފްގެ ކާރު އޮފީސް ގޭޓްކުރިމަތީގައި މަޑުކޮށްލުމުން ސެކިއުރިޓީއަކަށް އިން ހަމީދު ގޮނޑިން ތެދުވެ އިޙްތިރާމް އަދާކުރިއެވެ. ސަލަފް ކާރުން ފައިބައިގެން އައިސް އެތެރެއަށް ވަންނަމުން ހަމީދުގެ މޫނަށް ބަލާލިއެވެ.

”ހަމީދު ބުނީމެއްނު ކުރު ޗުއްޓީއެއް ނަގާ ވާހަކަ. ދަރިފުޅު އަދިވެސް ރަނގަޅު ނުވަނީތަ؟” ސަލަފް އެތެރެއަށް ވަންނަމުން އަހާލިއެވެ.

”ލައްބަ. ރަނގަޅު ނުވާތީ ބޭރަށް ދާންވެގެން ޗުއްޓީއެއް ނަގަނީ. ވަރަށް އަވަހަށް އަންނާނަން” ހަމީދު ބުނެލިއެވެ. ސަލަފް ހިނިތުންވެލަމުން އެތެރެއަށް ވަންނަން ހިނގައިގެންވަގުތު ހަމީދު ސަލަފްއަށް ގޮވާލިއެވެ.

”މިރޭވެސް ކަރަންޓް މަސައްކަތް ކުރަން ބަޔަކު އަންނާނެތަ؟” ހަމީދު އެހެން އަހާލުމުން ސަލަފްއަށް ކުޑަ ހައިރާންކަމެއް ލިބުނެވެ.

”ނޫން. ހަމީދު ކުއްލިއަކަށް ތިހެން ތިއެހީ ކީއްވެ؟” ސަލަފް ޝައުޤުވެރިވިއެވެ.

”އެހެންވީމައި މިހާރު މައްސަލަ ހައްލުވީ އެހެންނު” ހަމީދު ބުނެލިއެވެ. ސަލަފް ކުރިއަށްވުރެ ބޮޑަށް ހައިރާންވިއެވެ.

”ކޮން މައްސަލައެއް. އޮފީހުގައި ކަރަންޓް މައްސަލަ ޖެހުނުކަމެއް އެނގިފައެއް ނެތް. ކޮންއިރަކު މަސައްކަތް ކުރަން އެމީހުން އައީ” ސަލަފް އަހާލިއެވެ. އޭނާއަށް ނޭނގި މައްސަލަ ދިމާވުމުން ޒަވީން ނޫނީ ސުދާ އެކަން ރަނގަޅުކުރީ ބާއޭ ހިތަށް އެރިއެވެ.

”ރޭ ނޫން ކުރީ ރޭ ހަނާ އާއިއެކު އެމީހުން އައީ، އޭރު ޝާޔާވެސް އެތެރޭގައި އުޅޭނެ. ހަނާ ހުރީ ބޭރުގައި. އެމީހުން ވަދެފައި އެހީ ކެމެރާތައް ހުންނަނީ ކޮންތަނަކު ހޭ. އަޅުގަނޑު ކިޔައި ދިނީމައި ބުނީ މެއިން ބޯޑުން ކަނޑާލަދޭށޭ. ދެން އަޅުގަނޑު ކަނޑާލަދިނީމައި އެމީހުން އެތެރެއަށް ވަނީ. ހަނާ ބުނީ އަޅުގަނޑު ކައިރީ ބޭރުގައި ހުންނާށޭ. އެމީހުން ވަދެފައ ބައިގަޑިއިރެއްހާއިރު ވީ. އެދިޔަ ފަހުން ސަލަފް ދުރުވެފައި ޝާޔާ ގޮވައިގެން ދިޔައީ.” ހަމީދު ކިޔައިދެމުން ދިޔައެވެ. ސަލަފްއަށް ހަޤީޤަތް އެނގި ހާމަވަމުން ދިޔައެވެ.

”ކެމެރާތައް އޮންކުރީ ހަމީދުތަ؟” ސަލަފް އަހާލިއެވެ.

”ލައްބަ. ދަމުން ހަނާ ބުނީ އޮންކުރާށޭ. އެކަމަކު އަޅުގަނޑު އިނީ ހަނދާންނެތިފައި. ހެނދުނު ޑިއުޓީ ނިންމާފައި ދަނިކޮން ހަނދާންވީ. އޭރު ނުވައެއް ޖަހައިފި.” ހަމީދު ބުނެލިއެވެ. ސަލަފްގެ ހަނދާނަކަށް ކުއްލިއަކަށް އައީ ހެނދުނު ޒަވީން ބުނި ގަޑިތަކެވެ.

”ރޭގަނޑު އަށަކުން ހެނދުނު ނުވައަކަށް ކެމެރާ އިނީ އޮފްކޮށްފައި.” ޒަވީން ބުނި ޖުމްލަ ސަލަފްގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ. ސަލަފް އެއްޗެއް ނުބުނެ އެތެރެއަށް ވަދެ ވިސްނަމުން ދިޔައެވެ. ނުރަސްމީ ވަގުތެއްގައި އޭނާ އޮފީހަށް އައީ މިރޭ އޮންނަ ކޯލް ކޮންފަރެންސް އަކަށެވެ. ހަމީދުގެ ފަރާތުން އިވުނު ޚަބަރުތަކަށްފަހު އޭނާގެ ސިކުނޑި އެހެން ދިމާލަކަށް އެނބުރިގެން ދިޔައީ އޮފީހަށް އައި ބޭނުން ހަނދާންނެތިގެންނެވެ. އެންމެ ފުރަތަމަ ކަމަކަށް ސަލަފް ވިސްނީ ޝާޔާގެ ކުރިމަތީ ހަޤީޤަތް ހާމަކުރާނެ ގޮތެކެވެ. އޭރުން އޭނާގެ ކުށެއް ނެތްކަން އެނގި ހާމަވުމުން ޝާޔާގެ ވިސްނުން ބަދަލުވެގެން ހިނގައިދާނެއެވެ.

ސަލަފް ސިހުނީ އޭނާގެ ފޯނުގެ ރިންގުގެ އަޑަށެވެ. ސަލަފް ޚީޔާލުގެ ދުނިޔެއިން އެނބުރި އައިސް ފޯނު ނަގާ ކަންފަތުގައި ޖައްސާލުމުން އެކޮޅުން ހަނދާންކޮށްދިނީ ކޯލް ކޮންފަރެންސްގައި ކުންފުނީގެ އެންމެން އެބަތިބި ކަމަށާއި އެންމެން އިންތިޒާރު ކުރަމުން ގެންދަނީ ސަލަފް ބައިވަރި ވާނެ އިރަކަށްކަމަށެވެ. ސަލަފް އަވަހަށް ލެޕްޓޮޕް ހުޅުވާލުމަށްފަހު ކަނެކްޓް ވެލިއެވެ.

ރޭގަނޑު ކާން ތައްޔާރު ކުރުމަށްފަހު މާނާ ގޭތެރެއަށް ނިކުންތަނާ ފުރަތަމަ ވެސް އަޅައިގަތީ ބެލްކަނީގައި އެކަނި މާއެކަނި ހުރި ޒަވީންއަށެވެ. ޒަވީން އަކީ އެގެއަށް އައިސް ހުރި ހިލޭ މީހަކަށް ވިއަސް މާނާ ދެކެނީ އެއީވެސް އުފަންދަރިއެއްގެ ގޮތުގައެވެ. ޒަވީން އެކަނިވެފައި ހުރިތަން ފެނުމުން މާނާ އެދިމާލަށް ހިނގައިގަތެވެ. ފުރަގަހުން މާނާ ޒަވީން އާއި ކައިރިވެ ކޮނޑުގައި އަތްބާއްވާލުމާއި އެކު ޒަވީން ސިހިފައި ފަހަތް ބަލާލިއެވެ.

”މަންމާ! ކިހިނެއްވީ؟” މާނާ ކައިރިން ފެނުމުން ޒަވީން ހައިރާންވާ ގޮތްވިއެވެ.

”މަންމަ ތިޔަ ސުވާލު ޒަވީންއަށް ކޮށްފިއްޔާ ކީކޭ ބުނާނީ. ޒަވީން އެކަނި ހުންނަތާ ގަޑިއިރެއްހާއިރުވެއްޖެ” މާނާ އަހާލިއެވެ. ޒަވީން މާޔޫސްވެފައި އިސްއޮބާލިއެވެ. ދެރަވެ ހިތުގައި ޖެހިފައި ހުރި ވަގުތެއްގައި އޭނާގެ ހާލަތު އެނގި އައި ހަމައެކަނި މީހަކީ މަންމަ ކަމަށް ވުމުން ޒަވީންގެ ލޮލުން ކަރުނަ އައީ އިޚްތިޔާރަކާއި ނުލައެވެ.

(ނުނިމޭ)

6

2 Comments

  1. Admin

    February 10, 2017 at 3:57 pm

    Hi,
    Our team has been trying to contact the author of this story to discuss something. but we are unable to contact as the contact number is not in use any more. Please contact us on 7997991. Thanks -Admin-

  2. Brainless

    February 10, 2017 at 7:21 pm

    Varah reethi mi part vex..
    Hithah part tha mi story ga ihnany..

Comments are closed.