އަހަރެންނަކީ، ރަމީޝާއެވެ. އުތުރު އިންޑިޔާގެ ދޮންކުލަ އަހަރެންގެ ހަށިގަނޑުގައި ހުރެއެވެ. އަހަރެންނަކީ، ހުތުރު އަންހެން ކުއްޖެކޭ މީހަކު ބުނާއަޑެއް ނާހަމެވެ. އަހަރެން ތަޢުލީމު ޙާޞިލް ކުރަމުން ދިޔަ ސުކޫލުގެ ފިރިހެންކުދިން އަހަރެންނަށް ތަޢުރީފްކޮށް ބަސްބަސް ބުނެއުޅެއެވެ. އަހަރެންނަކީ، އުމުރުން އެންމެ ސަތާރަ އަހަރުގެ އަންހެން ކުއްޖަކީމެވެ. އަހަރެން މިހާރު މީނީ ބަލިވެއެވެ. ބަނޑަށް އަދިވީ އެންމެ 7 މަހެވެ. ނަހަލާލަށެވެ. މިއީ، އަހަރެންނަށް މީހަކު ދިން އަނިޔާއެކެވެ. އަހަރެން ހަނދާންވާން ފެށީންސުރެ އަހަރެންގެ މަންމަ ވަރަށް ބައްޔެވެ. އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓާ، އަހަރެންނަށް ޚަރަދު ބަރަދު ދީ ބަލަހައްޓަމުން އައީ، އަހަރެންގެ ލޮބުވެތި ބޭބެއެވެ. ބޭބެ، މަސައްކަތްކުރާ އޮފީހެއް، ވަޒީފާގެ ފެންވަރެއް އަދި މުސާރައެއްވެސް އަހަރެންނަކަށް ނޭންގެއެވެ.

ބޭބެގެ އުމުރުން މިހާރު 28 އަހަރެވެ. އަދިވެސް ބޭބެ މީހަކާ އިންނާކަށް ނޫޅެއެވެ. މަންމަ އެއްދުވަހެއްގައި ބޭބެގެ ކައިރީގައި އެފަދަ ވާހަކައެއް ދެއްކި އަޑުވެސް އަހަރެން އެހީމެވެ. ނަމަވެސް، އެކަމަށް ބޭބެ އެއްބަސްވެ އަދި ދެކޮޅުވެގެންވެސް އެއްޗެއް ބުނިއަޑެއް ނާހަމެވެ. މަންމަ އާއި އަހަރެންނަށް އަދި ގޭތެރޭގެ އެހެނިހެން ކަންތައްތަކަށް ޚަރަދު ކުރަމުން ދިޔައީ، ބޭބެ ހޯދާ ފައިސާ އިންނެވެ. ދުވަހަކުވެސް އަތްމަތި ދަތިވެގެން ޝަކުވާއެއް ކުރާކަށް ނުޖެހެއެވެ. ނަމަވެސް، ބޭބެ ގެއަށް ގެންނަ ފައިސާ އިން ރައްކާކުރެވެނީ ވަރަށް މަދު ފައިސާ ކޮޅެކެވެ.

އަހަރެންގެ އުމުރުން އެއިރު ސޯޅަ އަހަރެވެ. އެއްދުވަހެއްގެ ހަވީރު އަހަރެންގެ ގެޔަށް ފޯނުކޯލެއް އައެވެ. ފޯނު ނެގީ އަހަރެންގެ މަންމައެވެ. މަންމަ އޭރުވެސް ވަރަށް ބައްޔެވެ. ނަމަވެސް، އަމިއްލަ ހާލަށް ތެދުވެލާ އުޅެއެވެ. މަންމަ ފޯނު ނެގުމާއެކުގައި އެކޮޅުން ވާހަކައެއް ބުންޏެވެ. އެއާއުކު އަހަރެންނަށް ފެނުނީ ފޯނު ބިންމައްޗަށް ވެއްޓުނުތަނެވެ. އަދި މަންމަ އެނދުމަތީގައި އިށީއިން ތަނެވެ.

އަހަރެންގެ އުމުރުން ހަގު ނަމަވެސް، އަހަރެންނަށް ވިސްނެއެވެ. ކޮންމެވެސް ގޯހެއް ވީކަން އެނގުނެވެ. އަވަހަށް އަހަރެން ދުވެފައި ދިޔައީ، މަންމަގެ ގާތަށެވެ. އޭރު އެކޮޅުން ފޯނުން ހަލޯ ހަލޯ ކިޔައެވެ. އަހަރެން ފޯނުނަގާ ހަލޯ އޭ ބުންޏެވެ. އަދި ހޮސްޕިޓަލުގެ ނަން ބުނުމަށް ފަހު ބޭބެގެ ހާލު ސީރިއަސް ކަމަށް އެކޮޅުން ވާހަކަ ދެއްކި މީހާ ބުންޏެވެ. ބޭބެ އޮތީ ވަރަށް ބޮޑަށް ޒަހަމުވެފާ ކަމުގައާއި، ބޭބެ ޖެހުނީ ބަހެއްގައި ކަންވެސް އެނގުނެވެ.

އަހަރެން ފޯނު ބޭއްވުމަށް ފަހު، މަންމަ އާ ދިމާލަށް އެނބުރި ލީމެވެ. އޭރުވެސް މަންމަ އެދުމަތީގައި އިށީންގޮތަށް އިނެވެ. އަހަރެން މަންމަ އަށް ގޮވާލީ ކޮނޑުގައި އަތްލަމުންނެވެ. އެއާއެކުގައި މަންމަ އެދުމައްޗަށް ވެއްޓުނެވެ. އަހަރެން ހަޅޭ ލަވަމުން ނުކުތީ ބޭރަށެވެ. އަވަށްޓެރި ބައެއް މީހުން އަހަރެންގެ ގެއަށް އައެވެ. އެމްބިޔުލައިންސަށް ގުޅައިގެން މަންމަ ޑޮކުޓަރަށް ގެންދިޔުމުގެ ކަންތައްތައް އިންތިޒާމު ކުރަމުން ދިޔައެވެ.

ލަސްތަކެއްނުވެ މަންމަ ޑޮކުޓަރަށް ގެންދިޔައީމެވެ. ޑޮކުޓަރު ބެއްލެވުމަށްފަހު މާޔޫސްވެފައިވާ ހާލެއްގައި އަހަރެންގެ ކޮޑުގައި އަތްއެޅުމަށްފަހު މަންމަ މިދުނިޔެއާ ވަކިވެފައިވަނީ، ހާރޓް އެޓޭކެއް ޖެހިގެންކަމަށް ބުންޏެވެ.

މަންމަގެ ކަމާކެމީގެ ކަންތައްތައް އަވަޓެރިންކުރަމުން ދިޔައީ، ނުހަނަ ހިތްހެޔޮކަމާއެކު، މުސްލިމުވަންތައް ކަމެއްގައެވެ. އަނެއްކޮޅުން އަހަރެންނަށް ކުރިމަތިވެފައި ވަނީ ދެ ހިތާމަ އެއްފަހަރާއެވެ. އަހަރެން ބޭބެގެ ގާތަށް ހޮސްޕިޓަލަށް ދިޔައީމެވެ. ބޭބެގެ ވާހަކަ އޮޅުން ފިލުވި ބައެއް އަވަށްޓެރިން އޭރު ހޮސްޕިޓަލުގައި ތިއްބެވެ. މަންމަގެ މަރުގެ ޚަބަރު އެމީހުންގެ ކިބައިން ބޭބެއަށްވަނީ ލިބިފައެވެ.

ބޭބެގެ މޫނުމަތި ވަނީ ހިތާމައިގެ ސާލަކުން ފޮރުވާލެވިފައެވެ. ގާމަތީގައި ހުދުކުލާގެ ފޮތިގަނޑެއް އަޅާފައިވާއިރު ބޭބެއަށް ލިބިފައިވާ ޒަހަމުތައް ހިތަކަށްވެސް ނުގެނެވެއެވެ. ބޭބެގެ އެނދުކައިރީގައި ހުރި ގޮނޑީގައި އަހަރެން ގިސްލެވޭ ހާލު އިށީއިނީމެވެ. އަދި ކުއްލިއަކަށް އަހަރެންނަށް ރުއިން ހިފަހައްޓާނުލެވި، އަޑުގެ ނެތްތަނަށް ރޯންފެށުނެވެ. ބޭބެ އަހަރެންގެ ބޮލުގައި ހިފާ ތިރިކޮށްލާ މޭމަތީގައި ބޭއްވިއެވެ. އަދި ނުރުއިމަށް ހިތްވަރު ދެމުން ދިޔައެވެ. ނުރޯ ހުއްޓާލާނީ ކިހިނެއް ހެއްޔެވެ. ބޭބެވެސް ރޮނީއެވެ.

އެހެން އޮއްވާ އަހަރެންނަށް ނިދުނީއެވެ. ރޮމުން ރޮމުން ގޮހެވެ. ހޭލެވުނު އިރު އަހަރެންނަށް އޮވެވުނީ، ބޭބެގެ އެޑުމިޓް ކޮޓަރީގެ އެއްފަރާތެއްގައި ހުރި އެނދުމަތީގައެވެ. އެވަގުތު އަހަރެންނަށް ފެނުނީ ޤަބޫލުކުރަން ދަތި މަންޒަރެކެވެ.
ނަރުސް ކުއްޖާ ބޭބެގެ ފައިގާ ބޭސްއަޅަމުން ދިޔައެވެ. ބޭބެގެ ފައިވަނީ، ކަކުލާ ހަމައިން ބުރިކޮށްލާފައެވެ. އަހަރެންނަށް ބޭ އިޚްތިޔާރުގައި އަނެއްކައިވެސް ރޮއިގަނެވުނެވެ. ހޮސްޕިޓަލުގައި ބޭބެ އާއި އެކުގައި ހޭދަކުރެވުނު ހަފުތާއެއް ދުވަސް ދިޔައީ، މިގޮތަށެވެ. ނަސީބަކުން، ކޮލެޖަށްވެސް މިކަންތައްތައް އެނގިފައިވާތީ، މާބޮޑު ޝަކުވާތަކެއް ނާދެއެވެ. ނަމަވެސް، މާގިނަދުވަސްވަންދެއް ކޮލެޖަށް ނައިސް ނުހުރުމަށް ކޮލެޖުން ނަސޭހަތް ތެރިވިއެވެ.

ގެއަށް ބަދަލުވުމަށްފަހު އަހަރެން ގޭގަ ހޭދަކުރަމުން ދިޔަ ވަގުތުތައް ހޭދަކުރަމުން ދިޔައީ، ބޭބެއަށް އެހީތެރިވަމުންނެވެ. މިގޮތަށް ދުވަސްތައް ހޭދަކުރަމުން ދިޔަ ދުވަސްތަކުން ދުވަހެއްގެ ހަވީރުވަގުތުގައި ޕޯސްޓުން ސިޓީއެއް އައެވެ. ސިޓީއާ ހަވާލުވީ އަހަރެންނެވެ. އެޑުރެސް ކޮށްފައިވަނީ ބޭބެއަށެވެ. އަހަރެން އެސިޓީ ގެންގޮސް ބޭބެއާ ހަވާލުކޮށްލީމެވެ. އަދި ބޭބެގެ ކައިރީގައި އިށީނީމެވެ. ބޭބެ ސިޓީ ކަނޑާލިއެވެ. އަދި އެސިޓީ ކިޔާލިއެވެ. އަދި ބޮލުގައި ހިފަހައްޓާލާފައި “އޯހ، ނޯއޭ” ބުންޏެވެ. އަހަރެން ބޭބެއާ ސުވާލުކޮށްލީ ވީގޮތެއް އޮޅުން ފިލުވުމަށެވެ.

ބޭބެގެ ވަޒީފާއިން ބޭބެ ވަކިކުރީކަމަށް ބުންޏެވެ. އަނެއްކާވެސް ހިތާމައެކެވެ. މިއީ، ކޮންކަހަލަ އިމްތިހާނެއް ހެއްޔެވެ؟ ބޭބެ އަހަރެންގެ ގާތުގައި ހާސްނުވުމަށް ބުންޏެވެ. އަދި ކިޔެވުން ކުރިއަށް ގެންގޮސް ނަރުސް ކޯސް ނިންމާލުމަށާ، ފައިސާއާ ދޭތެރޭގައި ހާސްނުވުމަށް ބުންޏެވެ.

ނަމަވެސް، އަހަރެންނަށް ވެސް އެނގެއެވެ. ގޭގެ އަލަމާރީގައި ރައްކާކުރެވިފައިވާ ފައިސާ އިން އަހަރެންގެ ކޯހުގެ އަށްމަހުގެ ފީ ދެއްކިދާނެއެވެ. ނަމަވެސް ކޯސްނިމެން އަދި ބާކީ، 2 އަހަރު ދުވަސް އެބައޮތެވެ. ޑިގުރީ ފެންވަރަށް ކިޔަވާނަމަ، 4 އަހަރު އެބައޮތެވެ. އެހެންވީމާ އަހަރެން ހާސްނުވާންވީ ކީއްވެގެން ހެއްޔެވެ؟

ބޭބެއެވެ. އެއީ އަހަރެންގެ ހުރި ހަމައެކަނި މީހާއެވެ. އެހެންކަމުން ބޭބެގެ އެދުމަށް ދެކޮޅު ހަދާކަށްވެސް ނުކެރުނެވެ. އެހެންކަމުން ކޯސް ކުރިއަށް ގެންދިޔައީމެވެ. ދެން އަހަރެންނަށް ފެންނަންފެށީ މުޅިން އެހެން މަންޒަރެކެވެ. ގޭގެ ކުރިމަތިން މަގުމައްޗަށް ވާގޮތަށް ބޮޑުގަހެއް ހުރެއެވެ. އެގަހުގެ ވަށައިގެން ބުރެއް ރާނާފައި ވެއެވެ. ބޭބެ އެތަނުގައި ކޮންމެ ދުވަހަކުވެސް އިނދެއެވެ. ސަލާންޖަހާށެވެ. އަހަރެންނަކަށް މިމަންޒަރު ބަލާކަށް ކެތެއް ނުވެއެވެ. ނަމަވެސް، އަހަރެން ސަލާންޖަހަން ނިކުންނަން ބޭބެ ބޭނުން ނުވާނެކަން ވެސް އެނގެއެވެ.

އެހެންކަމުން އަހަރެން މޮޅުގޮތެއް ވިސްނީމެވެ. ކިޔެވުންވެސް ކުރިއަށް ގެންދިޔައީމެވެ. ފައިސާ މަދުވާނެތީ ބޭބެ އާ ޝަކުވާއެއްވެސް ނުކުރަމެވެ. އަހަރެން ކުރަންފެށިކަމަކީ، ބޭބެ ނިދުމުން އަހަރެން ގެއިން ނުކުމެގެން އެކިއެކި ގޭގެއަށް ގޮސް ދޮރުގައި ޓަކިޖަހާ ފައިސާ އަށް އެދެނީއެވެ. ގިނަމީހުން ނުލާހިކު ހެވެވެ. އެހާ ދަންވަރު އުނދަގޫ ކުރުމުންވެސް އެއްޗެކޭ ނުބުނެއެވެ. ރެއަކު 150 އެއްހާ ރުޕީސް އާއްމުކޮށް ލިބެއެވެ. ދެރެއަކު އެއްގެއަކަށް ނުދަމެވެ.

ނަމަވެސް އެއްރެއަކު އަހަރެންގެ މުޅި ދިރިއުޅުން އެކޮޅު ކޮޅުން ޖެހުނެވެ. އާދައިގެމަތިން އެރޭވެސް އަހަރެން ކޮޓަރިން ނުކުތީ ސިއްރު ސިއްރުންނެވެ. ބޭބެއަށް ހޭލެވިދާނެތީ މަޑުމަޑުން ގޭގެ ދޮރު ލައްޕާފައި އަހަރެން ބޭރަށް ނުކުތީމެވެ. ކުރިން ރޭރެއާ ހިލާފަށް މިރޭ އަހަރެން މިޝްރާބު ޖެހީ ދެކުނަށެވެ. މުޅި ސަރަހައްދުގެ އެންމެން ވަނީ ނިދާފައެވެ. މީހެއްގެ އަޑެއް ބަޑެއް ނީވެއެވެ. ނަމަވެސް، ދުރުދުރުން ކުއްތާ ވައްވައް ޖަހާއަޑު އިވެއެވެ. އެހެން ހިނގަމުންދަނިކޮށް ގެއެއްގެ ކުޑަދޮރުން އަލިކަމެއް ވާތީ ފެނުނެވެ.

އެގޭގެ މީހުން ހޭލާ އުޅެނީކަމަށް ބަލާ އަހަރެން އެގޭގެ ދޮރުގައި ޓަކިޖަހާލީމެވެ. ދޮރުހުޅުވީ ބޮޑު ފިރިހެނެކެވެ. އަހަރެން ފައިސާއަށް އެދުމުން އޭނާ އެތެރެއަށް ވަންނަން އެދުނެވެ. ބިރެއްކަމެއްނެތި އަހަރެން އެތެރެއަށް ވަނީ، ދެހަފުތާވީއިރުވެސް ކަމެއް ހިނގާފައި ނެތީމައެވެ. ފައިސާ ލިބޭނީ އޭނާ ބުނާކަމެއް ކުރީމާކަމަށް އޭނާ ބުންޏެވެ. އޭނާހުރީ މަސްތުވެގެންކަން އޭނާގެ އަނގައިން ދުވި ވަހާއެކުގައި އެނގުނެވެ. އަހަރެން ބިރު ގަންނަގޮތްވިއެވެ.
އަދި އަވަސްއަވަހަށް އަހަރެން އެގެއިން ނުކުތުމަށް ހިނގާގަތީމެވެ. ނަމަވެސް، އޭނާ މާވަރުގަދައެވެ. އަހަރެން ހިފެހެއްޓިއެވެ. އެ ދަންވަރު އަހަރެންގެ އަޑުއަހާނޭ މީހެއް އެސަރަހައްދުގައި ނެތެވެ. އެންމެފަހުން އަހަރެން އޭނާގެ ޝިކާރައަކަށްވެ ނިމުނީއެވެ. އޭނާ އަހަރެންނަށް ފައިސާވެސް ދިނެވެ. ނަމަވެސް އަހަރެން އެއެއް ނުހިފަމެވެ.
އަހަރެން އަވަސްއަވަހަށް އެތަނުން ސަލާމަތްވެގެން ނިކުތީމެވެ. އަހަރެންގެ މުޅި ހަށިގަނޑުގައި ރިއްސައެވެ. ކުރިއަށް ދާނޭ ހިތްވަރެއް ނުލިބުނެވެ. އެންމެފަހުން މަގުމަތީ ހޮޅިދަނޑިއެއްގެ ކައިރީގައި އަހަރެން އިށީނީމެވެ. އަހަރެންނަށް ރޮވެން ފެށުނެވެ.

އަހަރެންނަށް އެހޮޅިދަނޑި ކައިރީގައި ހޭދަކުރެވުނީ ކިހާ ވަގުތެއް ކަމެއްވެސް ނޭނގެއެވެ. ހޭވެރިކަންވީ، މީހަކަ އަހަރެންނަށް ގޮވާތީއެވެ. އޭރު އަހަރެންނަށް ފެނުނީ މުސްކުޅި ބޭބެއެކެވެ. އެއީ އަހަރެންދަންނަ އަހަރެންގެ އަވައްޓެރިއެކެވެ. އެބޭބެ އަހަރެންނާ ސުވާލުކުރިއެވެ. އަހަރެންނަށް އިތުރު ވާހަކައެއް ނުދެއްކުނެވެ. އަޑުގެ ނެތްތަނަށް ރޯންފެށުނެވެ.

އޯގާތެރި ކަމާއެކުގައި އޭނާ އަހަރެން ބޮލުގައި ފިރުމާލިއެވެ. އަދި ކޮޅަށް ނެގިއެވެ. އަހަރެންވެސް، ހަށިގަނޑަށް ބާރުލާފައި ތެދުވީމެވެ. އަދި އެބޭބެ އަހަރެންނާ އެކުގައި ގެޔަށް ދިއައެވެ. އޭނާ އަހަރެންނަށް އެހީތެރިވިއެވެ.
ގެއަށް ގޮސް ވަދެވުނު އިރު ބޭބެ ހޭލާގެން އުޅެއެވެ. ބޭބެގެ ފުރޮޅުލީ ގޮނޑީގައި އެއްދިމާލަށް ދުއްވާލާފައި އަނެއް ދިމާލަށް ދުއްވާލާފައި އުޅެއެވެ. އަހަރެންނަށް ގޮވަމުން އަހަރެން ހޯދަމުން ދިޔައެވެ. ބޭބެއަށް އަހަރެން ފެނުމާއެކުގައި، އަހަރެންނަށް އަނެއްކާވެސް ރޮވެން ފެށުނެވެ.

މުސްކުޅި މީހާ، އޭނާ ފަތިސް ނަމާދަށް ދާން ދިޔަ މަގުމަތީގައި އަހަރެން ފެނުނު ވާހަކަ ކިޔާދިނެވެ. ބޭބެ އަހަރެންނާ ސުވާލުތައް ކުރަމުން ދިޔައެވެ. ބޭރަށް ދިޔައީ، ކިހިނެއް ވެގެންތޯއާ، ރޮނީ ކިހިނެއްވެގެންތޯ ސުވާލުކުރަމުން ދިޔައެވެ.
ވަރަށް މަސައްކަތުން އަހަރެން، އަހަރެންނަށް ދިމާވި ކަންތައްތައް ކިޔާދިނީމެވެ. އެއާ، އެކުގައި ބޭބެ އަހަރެންގެ ކޯތާފަތްމަތީގައި ވަރަށް ބާރަށް ޖެހިއެވެ. އަދި ރޯންފެށިއެވެ. މުސްކުޅިމީހާވެސް، ފެންކަޅިވެފައިވާ ހާލު އަހަރެންގެ ބޭބެކައިރިއަށް އައެވެ. އަދި ބޭބެގެ ބޮލުގައި ފިރުމާލިއެވެ. ބޭބެ އެމުސްކުޅިމީހާގެ ގައިގާ ބައްދާގަތެވެ. އަދި ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ.

“އަހަރެންނަކީ، ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރެއްގެ މަޤާމުގައި މަސައްކަތްކުރިމީހެއް. އެއީ އަހަރެންގެ ރައްޓައްސެއްގެ ކުންފުންޏެއް. ނުލާހިކު ބޮޑު މުސާރަ އަހަރެންނަށް ލިބޭ. އޭގެތެރެއިން އަހަރެން ގެއަށް ގެންނަނީ، 3 ބައިކުޅަ 1 ބައި. އަނެއްބައި އަހަރެން ބޭންކު އެކައުންޓެއްގައި ރައްކާކުރަނީ. ފައިސާއަކީ، އަހަރެންނަށް މަދު އެއްޗެއްނޫން. އެވާހަކަ އަހަރެން ކޮއްކޮ ގާތުގައި ނުވެއްބުނަން. އެހެންނަމަވެސް، ފައިސާއާއި ދޭތެރޭގައި ހާސްނުވުމަށާ ކިޔެވުން ކުރިއަށް ގެންދަން ބުނިން. މިއަދު އަހަރެންގެ މިލްކިއްޔާތުގައި 10 މިލިޔަނަށްވުރެ ގިނަ ރުޕީސް އެބަހުރި. އެކަމަކު، އަހަރެންގެ ހުރިހާ އެއްޗެއް ގެއްލިއްޖެ. ހުރިހާ އުފަލެއް ގެއްލިއްޖެ. ޔާ ﷲ މީ ކޮންކަހަލަ އިމްތިޙާނެއްތަ؟ މީކޮންކަހަލަ އިމްތިޙާނެއްތަ؟”

އަހަރެންގެ ބޭބެ މޮޔައަކު ފަދައިން ވާހަކަ ގޮވަމުން ދިޔައިރު އަހަރެން ހިތާހިތާ ސުވާލުކުރަމުން ދިޔައީމެވެ. “އެހުރިހާ ފައިސާއެއް ހުރި އިރު ބޭބެ ސަލާންޖަހަން އެއިންނަނީ ކީއްކުރަން ހެއްޔެވެ؟” އެންމެ ފަހުން އަހަރެން ބޭބެއާ އެސުވާލުކުރީމެވެ.

ބޭބެ އަހަރެންނަށް ބަލައިލިއެވެ. އޯގާތެރި އެހެނަސް ކަރުނައިން ފޯވެފައިވާ ލޮލަކުންނެވެ. “އަހަރެންގެ ލޯބިވާ ކޮއްކޯ! އެއީ ބޭބެ ދުވަހަކުވެސް ނުކުރާނެކަމެއް. ސަލާންޖަހަން އަހަރެން އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ނުދާނަން. އަހަރެން އެގަސްދަށުގައި އިންނަނީ ސަލާން ޖަހާކަށް ނޫން. ތިއީ ކޮއްކޮއަށް ކުރެވޭ ކުއްހީއެއް. އެހެން އިންނަ އިނުމުން އަހަރެންނަށް ހިތްހަމަޖެހުންލިބޭ. އަދި ބައެއް މީހުން އައިސް އަހަރެންނަށް ފައިސާވެސް ދިއްކުރޭ. ނަމަވެސް، އަހަރެންނަކީ ތަނަވަސް މީހެއްކަމުގައި ބުނެ، ކޮންމެ މީހަކުވެސް ފޮނުވާލަނީ.” ބޭބެގެ ވާހަކަތައް އިވުމުން އަހަރެން ކުރިއަށްވުރެ ބޮޑަށް ހިތުގައި ޖެހުނެވެ. އަދި ބޭބެގެ ގައިގާ އޮޅުލައިގަތީމެވެ. ގިސްލެވޭ ހާލުގައެވެ.
ބޭބެ އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އަދި ބުންޏެވެ. “ލޯބިވާ ކޮއްކޯ! ކޮއްކޮއަށް މިބޮޑު ހިތާމަ މިލިބުނީ ބޭބެގެ ސަބަބުން. ކުޑަކުޑަ އެހެންނަމަވެސް، ބޮޑު ވާހަކައެއް ސިއްރުކޮށް ނުބުނެވުނީމަ. ބޭބެއަށް މާފުކުރޭ…!”

– ނިމުނީ –
– ލިޔުނީ: އިންމަ –

12

7 Comments

  1. liu

    September 22, 2013 at 3:53 pm

    rythi

  2. ihu

    September 23, 2013 at 11:57 pm

    reethi vaahaka eh…. ibaraiyy therii vaahaka eh..thnkxx

  3. Milli Adam

    September 24, 2013 at 1:47 pm

    ވަރަށް އިބުރަތްތެރި ވާހަކަ އެއް

  4. Aju

    September 30, 2013 at 12:52 am

    Mi vaahaka varaves reethi

  5. sahpi

    January 4, 2014 at 12:44 am

    v salhi vaahaka…..obinoavey

  6. Anonymous

    December 2, 2014 at 2:42 pm

    copy eh mives..aneh vaahakaiga ulheni ekujjaage bappa..thimeehun edit kohgen vaahaka nuliyas ok vaane.varah salaan

  7. pooleena

    September 25, 2015 at 2:21 am

    Varah reethi vaahaka eh!!!

Comments are closed.