މައި ނޭމް އިޒް ޚާން (ހަތަރުވަނަބައި)
“..މި ސޮރަށް ގޮތެއް ނަހަދާތި..” މަންމަ ގިސްލަމުން ރޮމުން ބުންޏެވެ. “..ހުވާކުރަން އަހްމަދުފުޅާ ދެންދުވަހަކުވެސް އަނގަޔަކުން ނުބުނާނަން..” އަހަރެން ރޮމުން މަންމަގެ ގައިގާ އޮޅުލައިގަތީމެވެ. ބައްޕައާ ދިމާލަށް ބަލަން ނުކެރިގެން މޫނު ފޮރުވާލީމެވެ.
“..ހަނދާންކުރާތި އެގެޔަށް ވަނަސް ދުވަސް ދުއްވާލާނަން..” ބައްޕަ ބުނި އަޑު އިވުނެވެ.
“..ދަރިފުޅާ ހުއްޓާލާ ނުރޮއެ.. ހުއްޓާލާ..” މަންމަ އަހަރެންގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެދެމުން ދިޔައެވެ. އަހަރެންނަކަށް ހުއްޓައެއް ނުލެވުނެވެ. ބާރަށް ރޮވެނީއެވެ. ގިސްލެވެނީއެވެ. ތުރުތުރު އަޅަނީއެވެ.
“..މަންމަވެސް ނުރޮމެއްނުން..” މަންމަ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެލަމުން ބުނެލިއެވެ. އަދި އަހަރެން އުރާލައިގެން ގެންގޮސް ގޮނޑީގައި ބޭންދިއެވެ.
އަހަރެންގެ ރުއިން ހުއްޓެންދެން މަންމަ އަހަރެންގެ ބުރަކަށީގައި ފިރުމާލަ ފިރުމާލާ އިނެވެ. ތަން ހިމޭންވިއެވެ. ދެން އިވެންފެށީ ކުއްޖެއްގެ މަޑުމަޑު ގިސްލުމެއްގެ އަޑެވެ. އަހަރެންނެއް ނޫނެވެ. މަންމައެއްވެސް ނޫނެވެ.
“..ދަރިފުޅާ ވިމްލާ..” މަންމަ އަށް އަޑު އިވުމާއެކު ކޮއްކޮ ކަން އެނގުނެވެ. ކޮޓަރިއާ ދިމާލަށް މަންމަ ދުއްވާގަތެވެ. އަހަރެންވެސް ފަހަތުން ދިޔައީމެވެ.
ކޮޓަރިއަށް ވަދެ ފެންނަން ނެތުމުން އަޑު އަންނަ ދިމާލަށް މަންމަ ހިނގައި ގަތްއިރު އަހަރެން ހުރީ މަންމަގެ ފަސްބައިގަ ހިފަހައްޓާގެންނެވެ. އަޑު އަންނަނީ ފާރުގައި ލައްކޮށްލައިފައި ހުރި ގޮދަޑި ފުރަގަހުންނެވެ. މަންމަ ގޮދަޑީގެ އެއްކޮޅު ފާރާ ދުރުކޮށްލިއެވެ. ވިމްލާ އިނީ އުޑުފައިން އިށީދެ ދެއަތް މުއްކަވާ ބާރުކޮށްގެން އަނގަމަތީ ޖައްސައިގެން މަޑުމަޑުން ގިސްލަމުން ރޯށެވެ. ހީވަނީ ބިރެއްފެނިގެން ފިލަންވަދެ އިންހެންނެވެ.
“..ދަރިފުޅާ ވިމްލާ..” މަންމަ އިށީނދެ ވިމްލާ ބޮލުގައި ފިރުމާލިއެވެ. 05 އަހަރުގެ ކުޑަކުޑަ ވިމްލާ ދިޔައީ ސިހިގެންނެވެ. ހަޅޭލަވާ ގަންނަމުން ބާރަށް ރޮއެގަތެވެ. އަހަރެންނަށްވެސް ވީ ވިމްލާއަށް ވީވަރެވެ. ރޮއެ ގަންނަމުން މަންމަ ގައިގައި އޮޅުލާގަނެވުނެވެ. ވިމްލާވެސް އޮޅުލައިގަތެވެ.
“..ދަރިފުޅާ ކިހިނެއްވީ؟.. ކީއްވެ ފިލާ ތީނީ.. ހުވަފެނެއް ފެނުނީތަ..” މަންމަ އެހިއެވެ.
“..ގޯސް ބައްޕިއެއް..” ވިމްލާ ތުންކޮޅު އޫކޮށްލާފައި ބާރަށް ރޮއެ ގަންނަމުން ބުނެލިއެވެ.
“..ދަރިފުޅާ ތިހެން ނުބުނޭ..” މަންމަ ބުނި އަޑުއިވުނެވެ. އަދި އަހަރުމެން ދެބޭން އެނދުމަތީ ބާންދަމުން ކަރުނަތައް ފޮހެލަދިނެވެ.
“..ދަރިފުޅާ މަންމަ ބުނީމެއްނުން ބައްޕަ އެއީ ބަލިމީހެކޭ.. ބައްޕަ ބޭސް ނުކާތީ ވާގޮތެއް އެއީ..” މަންމަ ވަރަށް ލޯތްބާއެކު ބުނެލިއެވެ.
އެއީ މަންމަ އަހަރުމެން ހިތް ރުއްސަން އަބަދުވެސް ދައްކާ ބަހަނާއެވެ. އެކަމް އަހަރެންނަށް އޭރުވެސް ބައްޕަ ބަލިނޫންކަން ވިސްނެއެވެ. މަންމަ ސިއްރުން ރޯ ތަން ކިތަންމެ ދުވަހަކު ވަނީ ފެނިފައެވެ. މަންމަގެ އެކުވެރި މަރީނާ ދައްތަ ގާތު ރޮއެފަ ވާހަކަ ދައްކަނިކޮށްވެސް ވަނީ އިވިފައެވެ. ދަރިންނަށްޓަކައި މިނޫން ގޮތެއް ނެތްކަމަށް މަންމަ ބުނިއަޑުވެސް އެހީމެވެ. މަންމަ އަށް ކޮންމެ ގޮތެއް ހެދިޔަސް ދަރިންނަށް އަނިޔާ ނުކުރާތީ ކެތްތެރިވަނީކަމަށް ބުންޏެވެ.
އަހަރެންނަށް އޭރު މަންމަ ދެރަވާނެވަރާއި ވޭން އަޅާނެވަރު އިޙްސާސް ނުކުރެވުނަސް މިއަދު އެހަނދާންތައް އައުމުން ދެލޯ ކަރުނުން ފުރެއެވެ. މަންމަ ހާދަ ކެތްގަދައެވެ. ދަރިންނަށްޓަކައި މަންމަގެ ދިރިއުޅުން ހަލާކުގެ ތެރެއަށް އެއްލާލީއެވެ. ދަރިންނަށް ބައްޕަގެ ލޯބި ހޯދައި ދިނުމަށާއި ދަރިންގެ މުސްތަޤުބަލަށްޓަކައި މަންމަގެ ދިރިއުޅުން އަލިފާންގަނޑުގައި އަނދަން ދޫކޮށްލީއެވެ. ނަމަވެސް މަންމަގެ އެ ޤުރުބާނީގެ ސަބަބުން އަހަރެންނަށް ވީ ފައިދާއެއް ނެތެވެ. ވީ ގެއްލުމެވެ. މަންމަ ވިސްނާނުލާ ނިންމި ނުބައި ނިންމުމުގެ ސަބަބުން އަހަރެންގެ ހަޔާތް ވީ ބަރުބާދެވެ.
މަންމަ އަނދަމުން ދިޔަ އަލިފާން ގަނޑުގެ ގިނިން އަހަރެންނަށްވެސް ހޫނު އަރާކަން މަންމައަށް ނުވިސްނީއެވެ. އެ ހޫނުކަމުގެ ސަބަބުން އަހަރެން މަޑުމަޑުން ފިހެވެމުން ދިޔަކަން މަންމައަކަށް ނޭގުނީއެވެ.
އަހަރެން އުމުރުން 10 އަހަރު ފުރުނުއިރު ހަމަ ރަނގަޅަށްވެސް ބައްޕަ ދެކެ ބިރު ގަންނަ ކުއްޖަކަށްވިއެވެ. ބައްޕައާ ކުރިމަތިލާ އަނގައިން އެއްޗެއް ބުނެލަންވެސް ޖެހިލުންވެއެވެ. ބައްޕަ ފެނުނަސް ހީވާނީ މޭ ފަޅާފައި ހިތްވެސް ނުކުމެދާނެހެންނެވެ. އެހެންކަމުން އަހަރެން ބަލަނީ ބައްޕަ ފެންނަ ހިސާބުގައިވެސް ނޫޅެވޭތޯއެވެ. ބައްޕަކަމެއްކުރުމަށް ބުނެލާއިރު އޮންނާނީ އެކަމެއް ކޮށް ނިންމާލާފައެވެ. ބައްޕަ ރުޅި އަންނަފަދަ ކަމެއް ނުކޮށްވޭތޯ ބަލަމެވެ. އެހާވެސް ބިރު ގަނެއެވެ.
މިކަހަލަ ނަފްސާނީ ބޮޑު ބިރުވެރިކަމެއްގައި އުޅެނިކޮށް ދެން އަހަރެންނާ ކުރިމަތިލާން ޖެހުނީ އަހަރެންގެ ހަޔާތް އެފުށް މިފުށަށް ޖަހާލި ހާދިޡާއާއެވެ. އުމުރުން 10 އަހަރުގައި ބައްޕަ ފަރާތުން ޖިސްމާނީ ގޮތުންވެސް އަހަރެންނަށް އަނިޔާ ލިބެންފެށީއެވެ. ބައްޕަ ޖިންސީ ގޯނާ ކުރަން ފެށީއެވެ. ބައްޕަގެ އެދުންތައް ފުއްދަދޭން މަޖުބޫރު ކުރުވަން ފެށީއެވެ. ޤަބޫލްކުރަން އުދަގޫ ދޯއެވެ؟ ނަމަވެސް މީ ހަޤީޤަތެކެވެ. އެންމެނަށްވެސް ހީވެފައި އޮންނަނީ އެކަހަލަ ކަންތައް ދިމާވަނީ އަންހެން ކުދިންނަށް އެކަނިކަމަށެވެ. އެހެންކަމުން އެންމެންވެސް ފަރުވާތެރިވަނީ އަންހެން ކުދިންނަށެވެ. ފިރިހެން ކުދިންތައް ވަނީ އަޅާނުލާ ދޫކޮށްލެވިފައެވެ.
އަހަރެންނަށް އެ ބިރުވެރިކަމާ ކުރިމަތިލާން ޖެހުނީ ގޭގައި އިތުރު ކޮޓަރިއެއް ހެދި ހިސާބުންނެވެ. އަހަރެން އެކޮޓަރިއަށް ނިދަން ބަދަލުކުރި ހިސާބުންނެވެ. ބައްޕަ ބޭނުންވީ އަހަރެންނާއެކު އެ ކޮޓަރީގައި ނިދާށެވެ. އަހަރެން ބިރު ގަންނާތީ ކަމަށް ބުނެ އެ ބަހަނާގައެވެ.
އަހަރެން އެންމެ ބިރު ގަންނަމީހަކީ ބައްޕަކަން މަންމައަށް ހަމަ ރަނގަޅަށް އިނގޭނެއެވެ. އެކަން އެނގިހުރެވެސް އެކަމާ ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެންކަމުން އެކަމާ އަހަރެން ޝަކުވާ ކުރީމެވެ. އަހަރެން ބިރު ފިލުވަން ކައިރީގައި ފުރޭތައެއް ބާއްވަން މަންމައަށް ރުހެވުނީ ކީއްވެ ހެއްޔެވެ؟ ބައްޕަ އާއެކު ކޮޓަރީގައި ނޯންނާނެ ކަމަށާއި ބިރުގަންނަ ކަމަށް ބުނީމެވެ.
“..ދަރިފުޅާ ބައްޕަ އެއީ ގޯސް މީހެއް ނޫނޭ.. ދަރިފުޅަށް އަނިޔާ އެއް ނުކުރާނެ ބައްޕައެއް..އެއް އިރަކުވެސް ބައްޕައެއް ދަރިފުޅު ގަޔަކު ނުޖަހައެއްނުން.. ދެން ކީއްވެ ބައްޕަދެކެ ތިހާ ބިރު ގަންނަންވީ..” މަންމަ ދިން ޖަވާބަކީ އެއީއެވެ. މަންމަ ބުނިހެން ބައްޕަ މިވީހާތާކަށް އަހަރެންގައިގަ ތަޅާ އަނިޔާ ކޮށްފައެއް ނުވެއެވެ. އަސްލު ހަޤީޤަތަކީ އަހަރެން ބައްޕަ ބުނާގޮތް ހަދާތީ ތަޅާ އަނިޔާކޮށްލާނެ ފުރުޞަތެއް ނުލިބުމެވެ.
އަނިޔާ އަކީ ހަމައެކަނި ޖަހައިގެން ކުރެވޭ އަނިޔާތަކެއް ނޫނެވެ. މަންމައަށް އެވަރެއް ނުވިސްނެއެވެ. އަހަރެންނަށް ނިދީގައި ކުއްލި ކުއްލިއަށް ހޭލެވި ނަފްސާނީ ގޮތުން ބޮޑު ބިރުވެރި ކަމެއްގައި އުޅެން ޖެހުން އެއީ ކުޑަ ކުޑަ އަނިޔާއެއް ހެއްޔެވެ؟ އެހުރިހާ ކަމެއް އިނގޭއިރު މަންމަ އަހަރެންނަށް އެހީ ނުވީތީ މިއަދު އަހަރެން ދެރަވަމެވެ.
އަހަރެން އެ ކޮޓަރީގައި ނިދި ފުރަތަމަ ރެޔެވެ. ބައްޕަ ނިދަން ވަނުމުގެ ކުރިން އަހަރެން ކޮޓަރިއަށް ވަދެ ނިދީ ބައްޕަޔާ ކުރިމަތިލާން ބޭނުން ނުވާތީއެވެ. ބައްޕަ އޮތުމުން ނުނިދިފައި އޮންނަން ޖެހިދާނެތީއެވެ.
އަހަރެންނަށް ހޭލެވުނީ ފިނިކަމެއް އިޙްސާސްކުރެވިގެންނެވެ. ދެލޯ އުގުޅާލަމުން ލޯ ހުޅުވާލުމާއެކު ދިޔައީ ސިހިގެންނެވެ. އެނދުގެ އެއްކަނަކަށް ކުއްލިއަކަށް ދެމިގަނެވުނީ ތިރިކޮށްލެވިފައިވާ ސޯޓް މައްޗަށް އަރުވާލަމުންނެވެ. އަހަރެންގެ ހިތުގެ ތެޅުންވެސް އަވަސްވިއެވެ. މިފެންނަނީ ހުވަފެނެއް ހެއްޔެވެ؟ ބޮޑުވެފައިވާ ދެލޮލުން ބައްޕައާ ދިމާލަށް ބަލަމުން ގެންދެވުނީ ޤަބޫލްކުރަން އުނދަގޫވިވަރުންނެވެ.
އަހަރެންނަށް ގަބުވެ ހުއްޓުން އަރާފަ އިނދެވުނީއެވެ. ހޭވެރިކަމެއްވީ ބައްޕަ އަހަރެންގެ ފައިގާ ހިފާ ގާތަށް ދަމާލުމުންނެވެ. އެޔާއެކު މަންމައަށް ގޮވާލަމުން ބާރަށް ރޮއެގަތީމެވެ. އެނދުން ތެދުވެ ދުއްވާ ގަންނަން އުޅުނީމެވެ. ބައްޕަ ހުށިޔާރުކަމާއެކު އަހަރެން އަނގަ މަތީ އަތްއެޅިއެވެ. އަދި އެނދުމަތީ ބާއްވަމުން ދެލޯ ބޮޑުކޮށްލީ ރުޅިވެރިކަމާއެކުއެވެ. އަހަރެންނަށް އެގަޑީގައި ކުރެވިގެންދިޔަ އިޙްސާސްތައް ބުނެދޭންވެސް ނޭގެއެވެ. ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. އަހަރެން ހަޔާތުގައިވެސް އެހާ ބޮޑަށް ބިރުގަތް ދުވަހެއް އައިސް ފައެއް ނުވެއެވެ. ގަތް ބިރެއްގެ ސަބަބުން ވަގުތުން ރުއިން ހުއްޓާލީމެވެ. ނަމަވެސް ލޮލުން އޮހެމުން ދިޔަ ކަރުނަތަކެއް ކޮންޓްރޯލެއް ނުކުރެވުނެވެ.
“..ބުނާ ގޮތްހަދާ.. އެންމެ އަޑެއް އިއްވާލިޔަސް ނިމުނީ..” ބައްޕަ ހަރުކަށި ކަމާއެކު ބުނެލަމުން އަނގަމަތީން އަތް ނެގިއެވެ. އަހަރެންނަށް އޮވެވުނީ ބިރުން ފަރާތަކަށް ގުޑިލަންވެސް ނުކެރިފައެވެ. އަޑެއް ބޭރުވެދާނެތީ އޮވެވުނީ ދެތުންފަތްވެސް ފިއްތާ ބާރުކޮށްލައިގެންނެވެ. ބައްޕަ އަހަރެންނާ ގާތަށް ޖެހިލާ މުންޑު ކޮށި ކޮށްލިތަން ދެކުނީމެވެ. އަހަރެން ދެލޯ މަރާބާރުކޮށްލީމެވެ.
އަހަރެން އެރޭ ކުރި ހުރިހާކަމެއް ކުރީ ބައްޕަދެކެ ގަންނަ ބިރެއްގެ ސަބަބުންނެވެ. އެކަން ނުކޮށްފިނަމަ ބައްޕަ ކޮންމެ ފަދަ ގޮތެއްވެސް ހަދާފާނޭ ސިކުނޑި ބުނެދިނީތީއެވެ. އެހެންވެ ބައްޕަ ބުނި ކޮންމެ ގޮތެއް އަހަރެން ހެދީމެވެ. އަހަރެންނަށް ކުރެވުނީ ކިހާބޮޑު ފާފައެއް ކަމެއް ކުޑަކޮށްވެސް އިޙްސާސެއް ނުކުރެވެއެވެ. އެގެނީ އެކުރަންޖެހުނު ކަމަކީ ގޯސްކަމެއްކަމެވެ. އަހަރެންގެ ޅަ ސިނކުޑި ވިސްނާދިންވަރަކީ އެއީއެވެ.
**************
އަހަރެން ހުރީ އެނދުން ތެދުވެގެންގޮސް ކުޑަދޮރުކައިރީ ހުއްޓިލައިގެންނެވެ. ހަށިގަނޑުގައި މަޑުމަޑު ތުރުތުރުލުމެއް އެކުލެވިފައިވާއިރު ލޮލަށް ވަނީ ކަރުނަޖަމާވެފައެވެ.
“..އައި ކާންޓް ބިލީވް ދިސް..” ޝާންޓޭ ބުނެލި އަޑު އިވުނެވެ. އަހަރެންނަށް ޝާންޓޭއާ ދިމާލަށް އެނބުރޭކަށް ނުކެރުނެވެ. ލަދުންނެވެ. އެހެން ހުއްޓާ ސިހުނީ ޝާންޓޭ އަހަރެން ކޮނޑުމަތީ އަތް ބާއްވާލުމުންނެވެ. ކަރުނަތައް ހިންދާލަމުން ޝާންޓޭއާ ދިމާލަށް އެނބުރެމުން އިސްޖަހާލީމެވެ.
“..އެކަމުގަ ޚާންގެ އެއްވެސް ކުށެއް ނެތް..” ޝާންޓޭ އަހަރެންގައިގަ ބައްދާލިއެވެ. އެ ހަރަކާތުގެ ސަބަބުން ޝާންޓޭވެސް އެކަމާ ދެރަވެއްޖެކަން ދެނެގަނެވުނެވެ. އަހަރެންގެ ހިތަށް ހިތްހަމަ ޖެހުމެއް ލިބުނެވެ. އޭނާއަށް އަހަރެންގެ އިޙްސާސްތައް ދެނެގަނެވުނީ މައެވެ. އަހަރެންގެ ކުށެއް ނެތްކަން ޤަބޫލްކުރީތީއެވެ.
“..އަދިވެސްތަ؟..” ޝާންޓޭ އެހިއެވެ.
“..ނޫން..” އަހަރެން ޝާންޓޭ ގަޔާ ދުރުކޮށްލަމުން ބުނީމެވެ.
“..ކިހިނެއް އެކަމުން ސަލާމަތްވީ..” ޝާންޓޭ ވަގުތުން އެހިއެވެ.
އަހަރެން ބޮޑުވަމުން އައިއިރު ބައްޕަ މަންމައާ ދިމާލަށް ބުނެލާ ރަޙްމެއްނެތް އެތަކެއް ބަސްތަކެއް ދިޔައީ އަޑު އިވެމުންނެވެ. މަންމައަށް ކުރެވެމުން ދިޔަ އެތަކެއް އަނިޔާތަކެއް ދިޔައީ ލޮލަށް ފެންނަމުންނެވެ.
އަދި އެހެންމެ ބައްޕަ ދިޔައީ އެނުބައި ފާހިޝް ޢަމަލު އަހަރެން ލައްވާ ކުރުވަމުންނެވެ. އަހަރެން ބައްޕަދެކެ ގަންނަ ބިރެއްގެ ސަބަބުން މަންމައަށް އަދި އެހެންމީހަކަށްވެސް އެއްވެސް ވާހަކައެއް ކިޔައެއްނުދެމެވެ. ބައްޕަ އޮންނަނީ އެއްވެސް ވާހަކަ ނުދެއްކުމަށްބުނެ ބިރު ދައްކާފައެވެ. ފުރަތަމަ ކޮޅުގައި ބައްޕަ އެކަންކުރުވަމުން އައީ މަޖުބޫރުކޮށްގެންނެވެ. އަނގަ ނުހުޅުވަން އުޅެފިނަމަ އަނގަޔަށް ފިތާ ތަދުކޮށްލާގެން ނަމަވެސް އަނގަ ހުޅުވާ ވަރުކުރާނެއެވެ. ކައިރި ނުވާން އުޅެފިނަމަ ކޮންމެސް އަނިޔާއެއް ދޭނެއެވެ. އަހަރެން ރޯ ރުއިމަކަށް ލޮލުން އޮހޭކަރުނައަކަށް ބައްޕަ ސަމާލުކަމެއް ނުދޭނެއެވެ. ބައްޕަގެ އެދުން ފުދުނީމައި ދުރަށްދާނީއެވެ. އެހެންކަމުން ފަހުންފަހުން އައިސް އަހަރެން ދެކޮޅު ހަދާކަށް ނޫޅެމެވެ. އަވަހަށް ބަލަނީ އެކަންކޮށް ނިންމާލެވޭތޯއެވެ. އެކަމުން ސަލާމަތްވާނީ އޭރުންކަމުގައިވާތީއެވެ.
މިހުރިހާ ކަމެއްގެ ސަބަބުން އަހަރެން ނަފްސާނީ ބަލީގެ ޝިކާރައަކަށް އަހަރެން ވިއެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުނެވެ. ކަންކަން ކުރަން ޖެހިލުންވެ ބިރު ގަންނަން ފެށިއެވެ. ނެގިމަޑުވެ ވާހަކަ މަދުވާންފެށިއެވެ. ދުނިޔެމަތިން ފޫހިވާންފެށިއެވެ. އަދި ދުވަހެއް ދުވަހަކަށް ދިޔައީ މޫނުމަތިން ހިނިތުންވުން ވެސް ގެއްލެމުންނެވެ. ގެއިން ބޭރަށް ނުކުންނަންވެސް ފޫހިވާންފެށިއެވެ. ކޮޓަރީގެ ހަތަރުފާރު އަހަރެންގެ އެކުވެރިއަކަށް ވިއެވެ. އަދި އެހެންމެ އަހަރެންގެ ހިތުގައި ދިޔައީ ބައްޕައާ މެދު ނަފްރަތުގެ ހުޅުގަނޑު ރޯވަމުންނެވެ. ދުވަހެއް ދުވަހަކަށް އެ ހުޅުގަނޑު ދިޔައީ ބޮޑުވަމުންނެވެ.
މީހުންނަށް އަހަރެން ފެންނާނީ ބަސްއަހާ ބަސްމަދު ކިޔަމަންތެރި ކުއްޖެއް ގޮތުގައެވެ. އަހަރެންގެ އަސްލު މައްސަލައެއް އެކަކަށްވެސް ނޭގެއެވެ. އެކަކުވެސް އަސްލު ސަބަބު ދެނެ ގަންނާކަށް މަސައްކަތެއްވެސް ނުކުރިއެވެ. ސުވާލެއްވެސް ކޮށް ނުލައެވެ.
އެންމެ ގާތުގައި އުޅުނު މަންމައަށްވެސް ނޭގުނެވެ. މަންމަ އަހަރެންގެ އުޅުމަށް އަންނަމުން ދިޔަ ބަދަލްތަކާމެދު ވިސްނާލިނަމަ ހުރިހާ އެއްޗެއް މަންމައަށް ދެނެގަނެވުނީސް ކަންނޭގެއެވެ. ނަމަވެސް މަންމައަށް އަހަރެންގެ އުޅުމަށް އަންނަމުން ދިޔަ ބަދަލްތައް ޤަބޫލްކުރެވުނީ އަހަރެންގެ މިޒާޖުގެ ގޮތުގައެވެ.
އަހަރެން ބައްޕަދެކެ ވާ ފޫއްސާއި، އަންނަ ރުޅި އޮންނަނީ ހިތުތެރޭގައެވެ. ކިތަންމެ ރުޅި އަޔަސް ފާޅުކުރާކަށް ނުކެރެއެވެ. ބައްޕަ ބުނާ އެއްޗަކަށް ރައްދުގައި އެއްޗެއް ބުނެލަންވެސް ޖެހިލުންވެއެވެ.
ދުވަސްތައް މާޒީއާއެކު އެކުވަމުން ގޮސް އަހަރެންގެ އުމުރުން ސާދަ އަހަރު ފުރިގެން ހިނގައްޖެއެވެ. ދެންއައީ އެރެޔެވެ. އާކަމެއް ތަޖުރިބާ ކުރަންޖެހުނު ރެޔެވެ. އެރޭ ބައްޕައަށް އަހަރެން ފެނުނީ އަންހެނެއްގެ ސިފައިގައެވެ. އެރެޔަކީ އަހަރެންނަށް އެތަކެއް ވޭނަކާއި ރިހުމެއް ތަހައްމަލް ކުރަންޖެހުނު ރެޔެކެވެ. އަހަރެންނަށް ހީވީ ހަށިގަނޑުގައިވާ ހުރިހާ ކަށިތަކެއް އެކީ މުގުރާލިހެންނެވެ. އަހަރެން އެކަމާ ދެކޮޅު ހެދީމެވެ. ރުއީމެވެ. ނަމަވެސް އެ ޖައްބާރު ހިތަށް އެއްވެސް ރަހުމެއް ނުވަނެވެ. ދެން ފެށީ އަހަރެންނަށް އަނިޔާކުރާށެވެ. މޫނުމަތީ އެތައް ފަހަރަކު ޖެހިއެވެ. ތުންފަތް ފަޅާގެން ގޮސް ލޭވެސް އަޔެވެ. އެންމެފަހުން އަހަރެންނަށް ޖެހުނީ ބައްޕަގެ އެދުމަށް އާބަސް ބުނާށެވެ. އަހަރެން އެރޭ ރޮއެ ރޮއެ އޮއްވާ ބައްޕަ ބޭނުން ހުރިހާކަމެއް ކޮށްލީއެވެ.
ހެނދުނު ހޭލެވުނު އިރުވެސް އަޅަމުން ދިޔަ ވޭނެއް ކުޑަކޮށްވެސް ލުޔެއް ނުލިބެއެވެ. އެނދުން ތެދުވެ ރަނގަޅަށް ހިނގައިވެސް ނުލެވުނެވެ. ފާރުގައި އަތްލައިގެންހުރެ މަޑު ފިޔަވަޅުތަކެއް އަޅަމުން ގޮސް ކޮޓަރި ދޮރު ހުޅުވާލީމެވެ. މަންމަ ފެންނަ ހިސާބެއްގައި ހުރިތޯ ބަލާލުމަށްފަހު ފެންނަން ނެތުމުން ކޮޓަރިން ނިކުތީ ފާހާނާ ކޮށްލުމުގެ ބޭނުމުގައެވެ. ފާހާނާ (ގިފިލި) ހުންނަނީ ގެޔާވަކިންނެވެ. އެތަނަށް ދެވޭނީ ގެއިން ބޭރަށް ނުކުމެ މަގުމައްޗާ ވީ ފަޅިންނެވެ. މަގުމަތީ މީހަކު ފެންނަން ހުރިތޯ ބަލާލީމެވެ. މީހަކު ފެންނަން ނެތުމުން 03 ފޫޓަށް ރާނާފައިވާ ގޭގެ ވަށާފާރުމަތީ އަތް އަޅަމުން މަޑުމަޑުން ހިނގައިގަތީމެވެ. ދެވުނީ ވަކި ހިސާބަކަށެވެ. މަންމަ އަންނަތަން ފެނުމުން ހުއްޓެމުން އަނގަމަތީ އަތް އަޅާލީ އަނގަކައިރިން ދުޅަވެފައިވާތަން ފޮރުވުމުގެ ބޭނުމުގައެވެ. އެއީ ރޭގައި ބައްޕަ ބޭނުންވާ ކަންތަކާ ދެކޮޅު ހެދުމުން ކޮށްފައިވާ އަނިޔާއެވެ.
“..ދަރިފުޅާ..ހާދަލަހުން ހޭލި ދުވަހެއް..” މަންމަ ބުނި އަޑު އިވުނެވެ. އަހަރެން އަނގަޔަކުން ނުބުނަމެވެ. އަހަރެން އޮތީ ފާރުމަތީ އުޅަނބޮށި ވިއްދާލައިގެން ގުދަށްކަހަލަ ގޮތަކަށެވެ. ޖަވާބެއް ނުދިނުމުން ސައިބޯން އައުމަށް ބުނަމުން މަންމަ ވަނީ އެތެރެއަށެވެ. އަހަރެން ފުން ނޭވާ އެއްލަމުން މަޑުމަޑުން ހިނގައިގަތީމެވެ.
“..ވިޚާން.. ތަނަކަށްތަދުވަނީތަ؟..” އަހަރެންގެ ހަށިގަނޑު ގުނަވަންތައް ގަނޑުވިކަހަލައެވެ. ފަހަތުން އެއިވުނީ މަންމަގެ އަޑެއް ނޫނެވެ. ފިރިހެނެއްގެ އަޑެކެވެ. ގައިމުވެސް ބައްޕަގެ އަޑެއް ނޫނެވެ. ފާރުގައި ލެގިލަމުން ދޭނެ ޖަވާބަކާމެދު ވިސްނަމުން ކާކުތޯ ބަލާލީމެވެ. އެއީ ބައްޕަ ފަރާތު ބޮޑުބޭބެއެވެ.
“..ބޮޑުބެ ކޮންއިރަކު ރަށަށް އައީ..” އަހަރެން ވާހަކަ އޮޅުވާލަން ބުނީމެވެ. ބޮޑުބޭބެގެ އާއިލާ ދިރިއުޅެނީ ހއ.ދިއްދޫގައެވެ.
“..ކިހިނެއް ތި ހިނގަނީ..” ބޮޑުބޭބެ އަހަރެންކުރި ސުވާލަށް ޖަވާބު ދޭކަށް ނޫޅުނެވެ. ފާޑަކަށް ބަލަހައްޓާގެން ހުރީއެވެ. ޝައްކުވީ ކަންނޭގެއެވެ. އަހަރެން ހާސްވާންފެށިއެވެ.
“..އަނގަމައްޗަށް ކިހިނެއް ހަދާފަ..” ދޭނެ ޖަވާބެއް ނޭގިފައި ހުއްޓާ ބޮޑުބޭބެ އަނެއްކާވެސް ބުންޏެވެ.
“..ވެއްޓުނީ.. މިއުޅެނީ ބަނޑުގަ ރިހޭތީ..” އަހަރެން ދޮގެއް ހަދާލީމެވެ. އަދި ހަމަޖެހޭގޮތް ދައްކަމުން ކައިރީ ހުރި ޖޯއްޔަށް ޖެހިގަތީމެވެ. އެޔާއެކު ހީވީ ހަށިގަނޑުގައި މީހަކު ވަކި ދަމާލިހެންނެވެ. ދެލޯ މަރާ ބާރުކޮށްލަމުން ޖޯލިން ފޫ ހިއްލާލެވުނީ އެޅި ވޭނެއްގެ ސަބަބުންނެވެ. ކުޑަވަގުތު ކޮޅަކަށް ބޮޑުބޭބެ މަތިންވެސް ހަނދާންނެތުނެވެ. ދެލޯ މަރާ ބާރުކޮށްގެން އިނދެވުނީއެވެ.
“..ވިޚާން..ދަރިފުޅާ..” އަހަރެން ލޯ ހުޅުވާލީ މަންމަ ގޮވާލިއަޑު އިވުމުންނެވެ.
“..ވިޚާން އެނދުމަތީ ކޮންލެޔެއް އެހުރީ.. ނަޖިސްވެސް…” މަންމައަށް ބުނެވުނީ އެހިސާބަށެވެ. އަހަރެން އަނގަމަތި ފެނުމުން ހުއްޓުން އެރީއެވެ. ބޮޑުބޭބެ ހުރި ފިޔަވަޅު މަތީ ހުއްޓެވެ. މަންމަގެ ސުވާލުތައް އަމާޒުވާން ފެށިއެވެ. އަހަރެންނަށް ދޭނެ ޖަވާބެއް ނޭގިފައި ހުރެވުނީއެވެ. އެހެންހުއްޓާ ބޮޑުބޭބެ މަންމަ އަތުގައި ހިފަހައްޓައިގެން ގޭތެރެއްޔަށްވަނެވެ.
އެދުވަހަކީ މަންމައާއި ބޮޑުބޭބެއަށް ބައްޕަގެ ހަޤީޤީ ސިފަ އެނގުނުދުވަހެވެ. އަހަރެން އެއްވެސް ވާހަކައެއް ނުބުނަމެވެ. ބޮޑުބޭބެއަށް ހުރިހާކަމެއް ވިސްނުނީއެވެ. އަހަރެން ކައިރީ ތެދެއްތޯ އެހުމުން ރޮވުނީއެވެ. މަންމަވެސް ވަރަށް ރުޔެވެ. އަހަރެންގައިގަ އޮޅު އޮޅުލަ އޮޅުލާފައެވެ. މާފަށްވެސް އެދުނެވެ.
ބޮޑުބޭބެ ހުރީ ރުޅި ގަދަވެފައެވެ. އެއާ ރުޅީގައި އަހަރެން ދިއްދޫއަށް ގެންދިޔައީއެވެ. އަދި ރަށު ސުކޫލުން ކަނޑާލައި އެރަށު ސުކޫލަށް ބަދަލުކުރީއެވެ. އެއް ހަފްތާފަހުން މަންމަ އާއި ކޮއްކޮ އެރަށަށް ގެނެވުނެވެ. ބައްޕައަށް ވީނުވީގޮތެއް ނޭގުނެވެ. ފަހުން އެނގުންގޮތުގައި އާއިލާގެ ލަދަށްޓަކައި ބައްޕަގެ އެ މުޑުދާރު ޢަމަލުތައް މަންމަމެން ސިއްރުކުރީއެވެ. އެސިއްރު ފަސްލާ ފޮރުވާލީއެވެ. ބޮޑުބޭބެ ބައްޕައަށް އިންޒާރު ދީ ކައިރި ރިޒޯޓަކަށް ވަޒީފާއަށް ފޮނުވާލީއެވެ.
ބޮޑުބޭބެއަށް އެދުވަހު މުހިންމު ވީ އާއިލާގެ އިއްޒަތާ އަބުރެވެ. ބައްޕަ އަކީ ބޮޑުބޭބެގެ ކޮއްކޮއަށް ވުމުން ބޮޑުބޭބެގެ އެދުމަށް މަންމަވެސް އެކަން ސިއްރުކުރީއެވެ. އަހަރެންނަށް 04 އަހަރު ވަންދެން ލިބުނު އަނިޔާތަކާމެދު ކުޑަކޮށްވެސް ވިސްނާނުލިއެވެ.
މުޖުތަމަޢުން އެކަހަލަ ކަންތައް މަދުކުރެވޭނީ ކުށްވެރިންނަށް ހައްޤު އަދަބު ލިބިގެންކަން މަންމައަކަށް ނުވިސްނުނެވެ. އެގޮތަށް ކުށްވެރިން ކުރާ ކުށްތައް ސިއްރުކޮށް މުޖުތަމަޢު ތެރެއަށް އުޅެން ދޫކޮށްފައި ބޭތިއްބުމުން މާދަމާ ހަލާކުކޮށްލާނީ ކޮންމެވެސް އެހެންމީހެއްގެ ދަރިއެއްގެ ދިރިއުޅުމެއްކަން ބޮޑުބޭބެއަކަށްވެސް ނުވިސްނުނެވެ.
ބައްޕަ ރިޒޯޓަށް ދިޔަފަހުން ދޭތެރެއަކުން އައިސް އަހަރުމެން ކައިރީ އުޅެއެވެ. ބައްޕަގެ މިޒާޖަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ރުޅި އައިސް ޒުވާބުކޮށް ހަދައެވެ. ހުއްޓުނީ މަންމައަށް ކުރެވެމުންދިޔަ އަނިޔާތަކެވެ. އަހަރެންނަށް ކުރެވެމުން ދިޔަ ޖިސްމާނީ ހާނިކަތަކެވެ. ނަމަވެސް ކުރިޔަށް އޮތްތަނުގައިވެސް އެކަހަލަ ކަމެއް ނުވާނޭ ކަމުގެ އެއްވެސް ޔަޤީންކަމެއްނެތެވެ. އެހެންކަމުން އަހަރެން ހުންނަނީ ބިރުން ސިހިސިހި އެވެ.
ބައްޕަ އެއްވެސް ލަދެއްނެތި ބިރެއްނެތި އަހަރެންނާއި އެއްފުރާޅެއްގެ ދަށުގައި އުޅެއެވެ. ލަދުގަންނަނީވެސް ބިރުގަންނަނީވެސް އަހަރެންނެވެ. ބައްޕަ އަހަރެން އުޅެންވީގޮތާ ނޫޅެންވީ ގޮތް ބުނެ އަމުރުކޮށްވެސް ހަދައެވެ. އަހަރެން ހިތުން ވަރަށް އެއްޗެހިކިޔަމެވެ. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީބާއޭ ހިތަށްއަރައެވެ.
***********************
“..އަހަރެން އެ ވާފިރުއަށް ނަފުރަތު ކުރަން ނަފްރަތުކުރަން..” އަހަރެން އިނީ ގޮދަޑި މަތީ އިށީދެގެންނެވެ. ދެދަތްޕިލަ ޖައްސާބާރުކޮށްގެން އިންއިރު ދެއަތުން ގޮދަޑީގައި ވަނީ ބާރަށް ހިފަހައްޓާ ލެވިފައެވެ. ކުރިމަތީ ހުރި ގޮނޑީގައި ޝާންޓޭ އިނެވެ.
“..މަންމަ ދެކެ ރުޅިއެއް ނާދޭތަ؟..” ޝާންޓޭއާ ދިމާލަށް އަހަރެން ބަލާލީމެވެ. އެއްވެސް ޖަވާބެއް ނުދީ އިރުކޮޅަކު މަޑުކޮށްލީ ހަމަޖެހުމުގެ ބޭނުމުގައެވެ.
“.. އެއީ މަންމަމެންނަށް ނުވިސްނުންކަން.. މަންމައަކީވެސް އަނިޔާތަކެއް ލިބުނު މީހެއް.. މަންމަ އާ މެދު އެއްވެސް ޝަކުވާއެއް ނެތް.. ރުޅިއެއްވެސްނާދޭ.. އެންމެ ކުޑައިރުންސުރެ މަންމަ އަކާއި ބައްޕައެއްގެ ލޯބި ދިނީވެސް އެ މަންމަ..” އަހަރެން ބުނީމެވެ. “..މިހާރު މަންމަ ބައްޕަ އައިސް އުޅޭއިރު ފާރަލާނެ.. އެކަހަލަ ކަމެއް ވެދާނެތީ.. މިއަދު މަންމަގެ ލޯ އެ ވަނީ ހުޅުވިފަ.. އައި އޭމް ހެޕީ ފޯ ދެޓް..” ވެނިމިފައިވާ ކަމެއް ބަދަލެއް ނުކުރެވޭނެއެވެ.
ޝާންޓޭ ހިނިތުންވެލިއެވެ. އެވަގުތު ދޮރުގައި ޓަކިޖެހި އަޑުއިވުނެވެ. ޝާންޓޭ ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. އަހަރެންނަށް ދޮރުމަތީ ހުރި ރީމް ފެނުނެވެ. ރީމް ކާން އައުމަށް ބުނުމަށްފަހު ދިޔައީއެވެ.
“..ސޯ ރީމް އާ ރައްޓެހިވާންވީނުން.. ބައްޕަގެ ކިބައިން ސަލާމަތްވެފަނުން ތިހުރީ..” ޝާންޓޭ އައިސް އަހަރެން ކައިރީ އިށީނެވެ.
“..އެއްވެސް ޔަޤީންކަމެއް ނެތް.. މަ އަދިވެސް ޖެހިލުންވެ ބިރު ގަނޭ.. ރައްޓެހިވާތަނުން ބައްޕައަށް އެނގި ކަންތައް ގޯހުން ގޯހަށް ހިނގައިދާނެތީ..” އަހަރެން އަދިވެސް ފިނޑީއެވެ. ޖެހިލުންވަނީއެވެ. އެހުރިހާ ވޭނެއްގައި އެންމެ ކުޑައިރުންސުރެ އުޅެންޖެހުމުން އަހަރެންވެފައި ވަނީ ކަންކަމާ ކުރިމަތިލާ ކަންކަން ކުރަން ޖެހިލުންވާ ފިނޑިކުއްޖަކަށެވެ.
“.. ބައްޕައަށް ސިއްރުން ތި ގުޅުން ކުރިޔަށް ގެންދަންވީނުން.. އެކަމް އަބަދަކު ސިއްރުކޮށްގެންނެއްވެސް ނޫޅެވޭނެ..” ޝާންޓޭ ހިޔާލެއް ދިނެވެ. އެއީ އަހަރެންގެ ވިސްނުމަށްވެސް އައިސްފައިވާ ޚިޔާލެކެވެ. އެކަމް ސިއްރު ގުޅުމެއްކުރިޔަށް ގެންދަން ބޭނުންވާނަމަ ޖެހޭނީ އެންމެނަށްވެސް އެކަން ސިއްރުކުރާށެވެ. މައްސަލައަކީ އެއީއެވެ. ރީމް އެކަމާ ޤަބޫލްވެދާނެބާއެވެ.
“..ރީމް އޯކޭ ވާނެކަން ޔަޤީން..” ޝާންޓޭ ވަރަށް ޔަޤީންކަމާއެކު ބުންޏެވެ. އަހަރެން ހިނިތުންވެލީމެވެ.
ރީމް ހުރީ ކޮންމެ ގޮތަކަށް ކަންތައްކޮށްގެންވެސް އަހަރެންނާ ގުޅޭގޮތަށެވެ. އެހެންކަމުން އަހަރެން އޭނާއަށް އާ ބަސް ބުނީމެވެ. އެއީ 2004 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހެވެ.
އަހަރެންނާއި ރީމް ތިބީ ޝާންޓޭ ކޮޓަރީގައެވެ. ޝާންޓޭ ދޮރުމަތީ މީހަކު އާދޭތޯ ބަލަން ހުއްޓެވެ. ދޮރުހުރީ ކުޑަކޮށް ހުޅުވާލެވިފައެވެ. އަހަރެން އާ ބަސް ބުނުމުން ރީމްގެ މޫނު އުޖާލަވެގެން ދިޔަތަން ފެނުނެވެ. އޭނާ އުފަލުންގޮސް ފެންކަޅިވިތަން ދެކުނީމެވެ. ރީމް އުފާވުމުން އަހަރެންނަށް ބުނެދޭން ނޭގޭ ކަހަލަ އިޙްސާސެއް ކުރެވުނެވެ. ފުރަތަމަ ފަހަރަށް ހަޔާތުގައި އުފާވެރި ފޮނި އިޙްސާސެއް ކުރެވުން ކަހަލައެވެ.
އެނދުގައި އިށީދެގެން އިން ރީމް ތެދުވެ ދެކޮޅަށް ހިނގަންފެށިއެވެ. ހީވަނީ ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން އުޅެނީހެންނެވެ. ދެން ފެނުނީ ކުއްލިއަކަށް އައިސް އަހަރެންގައިގާ އޮޅުލާ ގަތްތަނެވެ.
ރީމްގެ މި ޚަރާކާތުގެ ސަބަބުން އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަހަރެންނަށް ހީވީ ބައްޕަ އަހަރެންގައިގާ ތަތް ވެގަތް ހެންނެވެ. އަހަރެންގެ ހަށިގަނޑުގައި ބީހެން ފެށިހެންނެވެ. އެހެންކަމުން މޫނުމަތީގެ އުފާވެރިކަން ގެއްލި މުޅި މީހާ ހާސްކޮށްލީ ދާދިއަވަހަށެވެ. ހަނދާންކުރަން ބޭނުންނުވާ އެ ހިތި މާޒީ ލޯކުރިމައްޗަށް ސިފަވާންފެށިއެވެ. އަހަރެންގެ ނުރުހުމުގައި ކުރި އަނިޔާތައް ހަނދާނަށް އަންނަން ފެށިއެވެ. އެޔާއެކު ހިތުގައި ނޭގޭ ބިރުވެރިކަމެއް އުފެދި އުނދަގޫތަކެއް ކުރިމަތިވާން ފެށިއެވެ. އެތެރެހަށިން ހޫނު އަރާ ދާހިއްލަންފެށިއެވެ. އެހިނދު އެއްވެސް އިޚްތިޔާރަކާނުލާ ރީމް ދުރައްކޮށްޕާލެވުނެވެ.
(ނުނިމޭ)