އެނދުމަތީގައި ހުޅުވާފައި ހުރި ފޮއްޓަށް ރިއުމާން ހެދުންތައް އަޅަމުން ދިޔައިރު ހާޖަރާ ކައިރީގައި ބައެއް އެއްޗެހި ފަތްޖަހަން އިނެވެ. ކޮތަޅުތަކުގައި ހުރި ސާމާނުތަށް ފޮށިގަނޑުތަކަށް އަޅައި ނިމިފައި ވީއިރު އަދިވެސް ބައެއް އެއްޗެހި ނޭޅި ހުއްޓެވެ. “ދަރިފުޅު އެ ކޮތަޅުގައި ހުރި އެއްޗެހި ފޮށިގަނޑަށް އަޅައި ހުރިހާ ފޮށިގަނޑުތަކެއް ބަންދު ކުރަން އުޅޭ.. މަންމަ ހެދުންތައް އަޅާލަ ފާނަން.” ހާޖާރާ އަތުގައި އޮތް ހެދުން ފޮށިތެރެއަށް ލަމުން ބުނެލިއެވެ.
ރިއުމާން ފަރިތަކަމާއި އެކު ކޮތަޅުގައި ހުރި އެއްޗެހިތައް ހުސްކޮށްލުމަށްފަހު ނަދާ ކައިރީގައި ޓޭޕް ރޯލު ގެނައުމަށް ބުންޏެވެ. ފޮށިގަނޑުގެ ދެފަރާތުގައި ނަދާ ހިފެއްޓުމުން އެއްކޮޅުން އަނެއްކޮޅަށް ޓޭޕް ރޯލު ދަމާލުމަށްފަހު ދަތުން އޭތި ކަނޑާލުމަށްފަހު ރިއުމާން ތެދުވެ ހިން ދެމިލިއެވެ. “ނިމުނީ.. އަދި ނަމެއް ނޭޅޭ.” މޭޒުމަތީގައި އޮތް މާކަރު ނަގައި ބޮޑު އަކުރުން ހާޖަރާގެ ނަމާއި ރަށް ޖަހާލުމަށްފަހު ހިނިތުންވެލިއެވެ. “ވަރަށް ހަނދާން ވާނެ ދެން މަންމަ ދިޔައީމަ..” ހަޖާރާ ކޮނޑުގައި ބޯ އަޅާލަމުން ރިއުމާން ބުނެލިއެވެ. އޭރު ފޮށީގެ ޒިބު ދަމާލަމުން ހިނިތުންވެލާފައި ހާޖަރާ އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.
“އެހެންވެ އެއްނުން މި ކިޔަނީ ހިނގާށޭ މަންމައާއި އެކީ ރަށަށް ގޮސްލަން.. ނަދާ މެން ވެސް ގޮވައިގެން ގޮސް މޫދަށް އެރިލާ ދަތުރު ދާން ކިހައި މަޖާވާނެ. ރިއުމާން ނެތީމަ މިހާރު ދަރިފުޅުގެ ކޮޓަރި ވެސް ހުންނަނީ ހުހަށް.” ހާޖަރާ އެންމެފަހުން އެބުނި ޖުމްލައިން ރިއުމާންގެ ތުންފަތުގައި ވީ ހިނިތުންވުން ފޭދުނެވެ. އެކޮޓަރީގެ ހަނދާން އާވުމުން ދެލޯ ކަރުނުން ފުސްވެ ހިންދިރުވާލަން އުނދަގޫވިއެވެ. އޭނާ ދެން ދުވަހަކު ވެސް އެކޮޓަރިއަށް ވަންނާކަށް ނޭދެއެވެ.
“އަހާ.. ރޮނީތަ ތި ދެން..” ރިއުމާން ފެން ކަޅިވެފައި އިން މަންޒަރު ފެނުމުން ހާޖަރާ އޭނާ ގެނެސް ގަޔާއި ކައިރިކޮށްލިއެވެ. “ދަރިފުޅު ބޭނުން އިރަކުން ހަމަ އަންނަންވީ.. އިނގޭ. އަދި މަންމަ ވެސް އަންނާނަމޭ.” ރިއުމާންގެ ލޯ ފޮހެލަ ދެމުން ހާޖަރާ ބުނެލިއެވެ. “ކޮބާ ހިނގާ ނިކުންނަށް.. ޕިކަޕަކަށް ގުޅައިފިން..” އެވަގުތު ޒުބޭރު ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ.
ހާޖަރާގެ ކޮނޑުގައި ބޯ އަޅައިގެން އިން ރިއުމާން ފެނި އޭނާ ގޮސް ކައިރީގައި ހުއްޓިލަމުން ރިއުމާންގެ ބޮލުގައި ފިރުމާލިއެވެ. ޒުބޭރު އޭނާގެ ބޮލުގައި އަތްލި ތަނާހެން ރިއުމާން އިންތަނުން ފުންމައިގެން ތެދުވިއެވެ. އޭރު ކައިރީގައި ހުރި ނަދާ ފޮށިގަނޑުތައް ކޮޓަރިން ބޭރު ކުރަން އުޅެއެވެ. “ނަދާ ތި ބަހައްޓާ.. ބައްޕަ ތިއެއްޗެހި ބޭރަށް ލާދޭނެ.” ޒުބޭރަށް ލޯ އަޅާލަމުން ރިއުމާން ބުނެލިއެވެ. އެތަނުގައި ނަދާ ހުރުމުން ޒުބޭރު އިތުރު އެއްޗެކޭ ނުބުނެ ހިނިތުންވެލާފައި ފޮށިގަނޑު ނަގައި އަތަށް ހެޔޮވަރު ކޮށްލަމުން އެކޮޓަރިން ނިކުތެވެ.
ހުރިހާ އެއްޗެއްސެއް މަގުމައްޗަށް ނެރެވުނު އިރު ފޮށިގަނޑުތައް ކައިރީގައި ހާޖަރާއާއި އެކު ރިއުމާން ޕިކަޕުގެ އިންތިޒާރުގައި ތިއްބެވެ. ނަދާ އެމީހުންނާއި އެކު ތިރިއަށް ފޭބިއިރު އަދި ފާތުމަ ނާދެއެވެ. ރިއުމާން ލައިގެން ހުރި ޖިންސުގެ ޖީބުގައި އަތްލަމުން ފޯނު ކޮބައިތޯ ބަލައިލިއިރު ފޯނެއް ނެތެވެ.
“ފޯނު ބާއްވާފައި މި އާދެވުނީ.. އެބަ އަންނަން.” އަވަސް ފިޔަވަޅު ތަކެއްގައި ގޯޅިގަނޑު ތެރެއަށް ވަދެގެން ދަމުން ރިއުމާން ބުނެލިއެވެ. ސިޑީގެ ހަރުފަތްތައް ގިރާ ކުރަމުން ރިއުމާން މައްޗަށް އެރި ވަގުތާއި ޒުބޭރު ތިރިއަށް ފައިބައިގެން އައި ވަގުތާއި ދިމާވިއެވެ. ކުއްލިއަކަށް ކުރިމައްޗަށް ޒުބޭރު ހުރަސް އެޅުމުން އޭނާ އެއްފަރާތަށް ޖެހިލައި ޒުބޭރަށް ދާން ތަންދެއްކިއެވެ. އޭރު އެދެމީހުން ފިޔަވާ ސިޑިބަރީގައި އިތުރު ބަޔަކު ނެތެވެ.
ލޯ އަޅައިގެން ރިއުމާންއާއި ދިމާއަށް ބަލަން ހުރެފައި ޒުބޭރު ކުއްލިއަކަށް ރިއުމާންގެ ގަޔާއި ދިމާއަށް ޖެހިގަތެވެ. ރިއުމާން ނުވިސްނާ ހުއްޓާ ޒުބޭރުގެ އެ ބާރު އަތް ތިލައިން އޭނާގެ ކޮލަށް ފިތާލުމުން އަނގައިގައި ލޭރަހަ ލިއެވެ. “މިއަގައިން ނިކަން އެއްޗެހި ކިއީމެއްނުން އެދުވަހު! ލަދު ކުޑަވެގެން އަމިއްލަ ބައްޕައާއި ދިމާއަށް އަތް އިސް ކުރިއަސް، ހީނުކުރައްޗޭ ކަލޭއަށް ސަލާމަތް ވެވުނީއޭ ތި. އަހަރެން އަންނާނަން އަދި.. އެދުވަހަކުން ހުވާ މިބުނީ ހަމަ ނޮޅާލާނަން! ހަނދާން ކުރާތި މިބުނި ވާހަކަ!” ޒުބޭރު ދަތް ކުޑިވިކާލަމުން އިންޒާރެއް ދިން އިރު ރިއުމާން ހުރީ އޭނާ އަނގައިގައި ހިފާފައި ހުރިލެއް ބާރުކަމުން އެއްޗެކޭ ބުނަން ދޫ ވެސް ހަރަކާތް ނުކުރެވިފައެވެ.
މަތީ ސިޑި ބަރިން މީހަކު ފައިބައި އަޑަށް ޒުބޭރު އަވަސް އަވަހަށް އޭނާގެ އަނގަމަތިން އަތް ދޫކޮށްލަމުން ތިރިއަށް ހިނގައިގަތެވެ. އޭރު ފާތުމަ އެމީހުންނަށް ފެންނަ ހިސާބަށް ތިރިއަށް ފައިބައިފިއެވެ. “ރިއުމާން ކިހިނެތްވީ މައްޗަށް ތިއައީ؟” ސިޑިން ފައިބައިގެން އައިސް ރިއުމާން އާއި އަރައި ހަމަ ކުރަމުން ފާތުމަ ބުނެލިއެވެ.
އޭރު އެތެރެއިން ކޮލުގައި ދަތް އަޅައިގެން ހުރި ރިއުމާންއަށް ވާހަކަ ދައްކަން ވެސް އުނދަގޫވީ ތަދުވިލެއް ބޮޑުކަމުންނެވެ. “ފޯނު ބަލާ..” އޭނާ މިހެން ބުނެފައި އަވަސް ފިޔަވަޅު ތަކެއްގައި މައްޗަށް އަރައިގެން ދިޔައެވެ. ގޭތެރެއަށް ވަދެވުމާއި އެކު ރިއުމާން އަނގަމަތީގައި އަތް އަޅަމުންގޮސް އައިސް އަލަމާރިން ފިނި ފެން ފުޅިއެއް ނަގައި ބޯލިއެވެ.
‘އަހަރެން އަންނާން އަދި! ހަނދާން ކުރާތި..! އެދުވަހުން ނޮޅާލާނަން. އަންނާނަން އަދި!’ ރިއުމާންގެ ޚިޔާލުގައި އެނބުރެމުން ދިޔައީ ޒުބޭރުގެ އެބަސްތަކެވެ. ހީވަނީ ކަންފަތް ދޮށުގައި ހުއްޓުމެއް ނެތި އެއަޑު އިވޭ ހެންނެވެ. ފެން ފުޅި ހުސްކޮސްލަމުން ރިއުމާން އައި ރުޅީގައި އަތުގެ ކޮޅަށް ފެން ފުޅި ހޫރުވާލިއެވެ. ޒުބޭރު އޭނާ ހިފެއްޓި ވަގުތު ކުރީގެ ނިކަމެތިކަން ހަނދާން ވިކަހަލައެވެ.
އަނގައިން އެއްވެސް އެއްޗެކޭ ނުބުނެވުނު އިރު ހަރަކާތެއް ކޮށްލަން ވެސް ނުކެރުނީ އޭނާ ސިހިފައި ހުރި ވަރުންނެވެ. ދެން ދުވަހަކު ވެސް ޒުބޭރުއަށް އެފަދަ ފުރުސަތެއް ނުދޭން ރިއުމާން ހިތަށް އެރި އިރު އެ އަތް މުށްކެވުނެވެ. އެވަގުތު ކޮޓަރި ތެރެއިން އޭނާގެ ފޯނު ރިންގުވާ އަޑު އިވުމުން ގޮސް ބަލާލިއިރު ގުޅަނީ އައްޔާދްއެވެ.
މިވަގުތު އޭނާ އެކަކާ ވެސް ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. މިކަންތައް ދުވަހަކު ވެސް އޭނާ އައްޔާދްއާއި ހިއްސާ ކުރާނެބާއޭ ހިތަށް އެރިއެވެ. އޭނާގެ އަނދިރި މާޒީ ހާމަކުރަން ޖެހިލުންވަނީ އައްޔާދް އޭނައާއި ދެކޭގޮތް ބަދަލު ވެދާނެތިއެވެ. އަދި އެންމެ ހަފްތާއަކު ވާހަކަ ދައްކާލައިގެން އޭނާ ޚަޔާތުގެ ފޮރުވިފައިވާ ޞޮފްހާތަކެއް ހާމައެއް ނުކުރެވޭނެއެވެ. އެދެމެދުގައި އޮތް ގުޅުން ދާނީ ކިހާ ހިސާބަކަށް ކަމެއް ވެސް އަދި ނޭނގެއެވެ.
****
އަވަސް ފިޔަވަޅުތަކެއްގައި ރިއުމާން ޕޭމަންޓު މަތިން ހިނގާފައި ދިޔައިރު އަތުގައި އޮތް ދަބަހުގައި ބާރަށް ހިފައްޓާލެވިފައި ވެއެވެ. އަޅައިގެން ހުރި ގަދަ ރަތް ކުލައިގެ ޝޯލްގެ ތެރެއިން އެ ދޮން މޫނަށް އަވި އެޅިފައި ވިއިރު އެ ލޯވަނީ ބޮޑު އައިނަކުން ފޮރުވާލެވިފައެވެ. ލައިގެން ހުރި ދިގު ހުދު ގަމީސް ކަކުލާއި ހަމައަށް އަރާއިރު އޭގައިވީ ރަން ކުލައިގެން ގޮށް ބަރިން އެހެދުން އިތުރަށް ރީތި ކޮށްދެއެވެ. މަޑު ނޫކުލައިގެން ‘ޑެނިމް’ ޖިންސެއްގައި ހުރިއިރު އޭގެން އޭނާގެ ދިގުކަމާއި ބައްޓަން ފުރިހަމަ ކޮށްދެއެވެ.
ރިއުމާން އޭނާގެ މަންޒިލަށް ދެވުމާއި އެކު އެ އިމާރާތުގެ އެތެރެއަށް ވަދެނެ ގޮސް ދެވަނަ ފަންގިފިލާއަށް ލިފްޓުން އެރިއެވެ. އޭނާ ފެނުމުން ތަނުގެ މުވައްޒަފުން ހިނިތުން ވެލިއިރު އޭނާ ވެސް ޖަވާބުގައި ހީލައެވެ.
ކެބިންގެ ދޮރުގައި ޓަކި ޖަހާލުމަށްފަހު އެތެރެއަށް ވައިން އިރު ލައިބާ އިނީ އޭނާގެ އިންތިޒާރުގައެވެ. ލޮލުގައިވީ އަވި އައިނު ނަގަމުން ރިއުމާން ހިނިތުން ވެލާފައި ލައިބާއާއި ސަލާމްކޮށްލިއެވެ. ލައިބާ އޭނައަށް ވުރެން އިސްކޮޅުން ކުރު ނަމަވެސް އަރައިގެން ހުރި އުސްފައިވާނުން އެކަން އެހައި ފާޅެއް ނުވެއެވެ.
“އިށީނދެ.. ސޯ. ކޮބާ ޖަވާބަކީ؟” ސޯފާގައި އިށީނދެލަމުން ލައިބާ އަހާލިއެވެ. އޭރު އޭނާ އިނީ ރިއުމާންގެ ޖަވާބު އަހަން ކެތްމަދު ވެފައެވެ. “ޔެސް..” އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ރިއުމާން ހިނިތުންވެލާފައި އެކަމަށް އެއްބަސް ވުމުން ލައިބާ އުފަލުން އޭނައާއި ސަލާމް ކޮށްލިއެވެ. “ވެލްކަމް އެބޯޑް. ވަރަށް އުފާވެއްޖެ ރިއުމާން މިކަމާއި އެއްބަސް ވީމަ.. އެހެންވީމަ އެބަހުރި ވަރަށް ގިނަ ކަންތައް ޑިސްކަސް ކުރަންވެފައި. އަޅުގަނޑުގެ ޓީމް އެތިބީ ކޮންފަރެންސް ރޫމްގައި ތައްޔާރަށް ރިއުމާން އަންނަން ވާއިރަށް.” ލައިބާ އުފަލުން ހުރެ ބުނެލިއެވެ.
“އޯކޭ.. ހިނގާ މިކަން ފަށަމާ.” ރިއުމާން މިހެން ބުނެފައި ލައިބާގެ ފަހަތުން އޭނާ ބޭރަށް ނިކުތެވެ. ކޮންފަރެންސް ރޫމްތެރޭގައި ތިބި އެންމެން އޭނާ ވަނުމުން މަރުޚަބާ ކިޔައި ކުރިއަށް ކުރަން ޖެހޭ ކަންތައް އޮޅުން ފިލުވައި ދޭން ފެށިއެވެ. ދެގަޑި އިރެއްހާއި އިރު ދެމިގެން ދިޔަ މި ބައްދަލުވުން ނިމުނު އިރު ރިއުމާން އިނީ އެމީހުން ކިޔާދިން ކަންތައްތަކާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. “ވަރަށް ފުރިހަމަ މި ކޮންސެޕްޓް.. އައި އެމް ގްލޭޑް ޓު ބީ އަ ޕާޓް އޮފް އިޓް.” ރިއުމާން ހިނިތުން ވެލާފައި ލައިބާއާއި ދިމާއަށް ގޮނޑި އަނބުރާލަމުން ބުނެލިއެވެ.
“ތެންކިޔު.. މިހަފްތާ ތެރޭގައި މކަން ފެށޭނެ އެހެންވީމަ ރިއުމާން ޝެޑިއުލް ފްރީ ކޮށްލަ ދެން ވާނެ. އައި ނޯ ވެބްސައިޓް މަސައްކަތްތައް ވެސް ހުންނާނެކަން. އެހެންވީމަ ކުރިން ބުނެލީމި.” ލައިބާ އޭނާ އަތުގައި އޮތް ފައިލް ލައްޕާލަމުން ބުނެލިއެވެ. “ޔެސް ޝުއާ.” ރިއުމާން އެއްބަސް ވެލިއެވެ. އެވަގުތު އެތަނަށް ދެތިން މީހަކު ޖޫހާއި ކޭކުފަދަ އެއްޗެހި ގެނައުމުން އެންމެން މޭޒުމަތި ހުސްކޮށްލިއެވެ. “ކުޑަގޮތެއް ހަދާލައިގެން ދާން ވާނީ އިނގޭ..” ތަބަކުން ޖޫސް ތައްޓެއް ނަގައި ދިއްކޮށްލަމުން ލައިބާ ބުނެލިއެވެ.
ބައްދަލުވުން ނިމުމުން ރިއުމާން އިމާރާތުން ތިރިއަށް ފޭބީ އާދިލް ކައިރީގައި އޭނާ ބަލާ އައުމަށް ބުނެފައެވެ. އެހާ ދުރުން ހިނގާފައި އެހިސާބަށް އައިކަން އެނގުމުން ވެސް އާދިލް ހުރީ ހިތްހަމަ ނުޖެހިފައެވެ. ބޭރަށް ނިކުމެ އޭނާ މަގުގެ ދެކޮޅަށް ބަލާލަމުން ޖީބުން ފޯނު ނަގައި އައްޔާދްގެ ނަމްބަރަށް ގުޅާލިއިރު އެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ.
****
ސަޖިދައަށް ގޮސް ތެދުވެ އިށީނދެލަމުން އައްޔާދް އައްތަހިޔާތް ކިޔާލުމަށްފަހު ސަލާމްދީ ނިމިގެން ތެދުވިއެވެ. ކައިރީގައި އޮތް ފުލުސް ތޮފިނަގައި އޭނާ މިސްކިތުން ނިކުންނަމުން ފޯނު ބަލާލިއިރު ހަވީރު ހަތަރެއް ޖަހަނީއެވެ.
ދުރުގައި ބަހައްޓާފައި ހުރި ބޫޓުން އިސްޓާކީނު ނެގުމަށްފަހު އައްޔާދް އެތަނުގައި އިށީނދެލަމުން ފަޔަށް ދެ އިސްޓާކީނު މަހާލި އިރު ހަވީރުގެ ފިނި ވައިރޯޅިތައް އެހިސާބުގައި ހުރި ބޯ ގަސްތަކުން ޖެހެމުން ދިޔައިރު އަރާމު އަތްވެއް ދިއްލާލާފައި ވިއެވެ. އެތަން ހިމޭންވެފައި މަޑުމައިތިރި އިރު ދުރުން ދުއްވާ އެއްޗެހީގެ އަޑު ފަނޑުކޮން އިވެމުން ދިޔައެވެ.
އަތުގައި އޮތް ތޮފި ނަގައި ބޮލަށް ހޭވަރު ކޮށްލަމުން އައްޔާދް ހުކުރު މިސްކިތުގެ ސިޑިބަރި ގިރާ ކުރަމުން ތިރިއަށް ފޭބި އެވަގުތު ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވުމުން ނަގައި ބަލާލި އިރު ގުޅަނީ ރިއުމާންއެވެ. “ހަލޯ..” އައްޔާދް ހިނިތުންވެލަމުން ވާހަކަދެއްކިއެވެ. “ބިޒީތަ؟” ރިއުމާން އަހާލިއެވެ.
“ނޫން.. މިސްކިތުން މިފޭބީ. ހެނދުނު ބިޒީ ގަޑިއެއްގައި ދޯ އަހަންނަށް ގުޅާލެވުނީ.” ހުކުރު މިސްކިތުން ފައިބައިގެން ހިޔަލުގައި މަޑުކޮށްލި އައްޔާދް ވާހަކަ ދެއްކިއެވެ. “އޯ ޔެސް. އެނީ ވޭސް ވާހަކައެއް ބުނަން ވެގެން މިގުޅީ. ސޯ އައި އެގްރީޑް މި ވެބްސައިޓްގެ މާކެޓިން ފޭސްއަށް ވާން.” ރިއުމާން އެކޮޅުން ވާހަކަ ދެއްކުމުން އައްޔާދް ގާތަށް ހިނިއައެވެ.
“ދެން ދާ ކޮންމެތާކުން ރިއުމާންގެ މޫނު ދޯ ފެންނާނީ.. ދެޓްސް ޖަސްޓް ޕެއިންފުލް.” އައްޔާދް ޖެއްސުމަށް މިހެން ބުނެފައި ހިނިގަނޑެއް ޖަހާލިއެވެ. “ވެރީ ފަނީ..” ރިއުމާން ރުޅިއައި ކަމަށް ހަދައި ބުނެލިއެވެ. “ކޮންގްރޭޓްސް.. އެހެންވީމަ ސެލެބްރޭޓް ކުރަން މީޓް ކޮށްލަން ވީނުން.” އައްޔާދް އޭނާގެ ސައިކަލާއި ދިމާއަށް ދާން ހިނގައިގަންނަމުން ބުނެލިއެވެ.
“ޝެޑިއުލް ވަރަށް ބިޒީކޮން އޮތީ ކުރިއަށް އޮތް ދެތިން ހަފްތާއަށް.. އޭގެ ފަހުން މީޓް ކޮށްލެވިދާނެ. މޭބީ..” ރިއުމާން ވިސްނާލުމަށްފަހި އެކޮޅުން ޖަވާބުގައި ބުނެލިއެވެ. “އެހެންވީމަ މީޓް ކުރާނަމޭ ދޯ ތިބުނީ. ޑަޒް ދިސް މީން އިޓްސް އަ ޑޭޓް؟” އައްޔާދް އޭނާގެ ސައިކަލަށް އަރައި ހަމަޖެހިލަމުން އަހާލިއެވެ.
“އައި ޑޯންޓް އީވެން ނޯ ޔޫ.. މޭބީ.” ރިއުމާން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “މޭބީ.. އޯކޭ ތިގޮތް ވެސް.” އައްޔާދް މިހެން ބުނެފައި ފޯނު ކަނޑާލިއެވެ. އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލައިގެން އިން އިރު އައްޔާދްގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. ރިއުމާންގެ އެހުންނަ ލަދުވެތިގޮތް އޭނާއަށް ވަރަށް ކަމުދެއެވެ. އެންމެ ފުރަތަމަ ރިއުމާންއާއި ދިމާވި އިރުވެސް އޭނާއަށް އެންމެ ކަމުދިޔަ ސިފައަކީ އެއީއެވެ. ފޯނު ޖީބަށް ލުމަށްފަހު އޭނާ ސައިކަލު ސްޓާޓް ކޮށްލަމުން އެތަނުން ދުއްވާލިއިރު އެޚިޔާލުގައި ވަނީ ރިއުމާންއެވެ.
****
ދުވަސްތައް ވޭތުވަމުން ދިޔައިރު ރިއުމާން އުޅުނީ ލައިބާއާއި އެކީ އެމީހުންގެ އެ ޕްރޮޖެކްޓްގެ ކަންކަމާއި އަވަދި ނެތިއެވެ. އޭނައާއި އައްޔާދްގެ ދެމެދުގައި އޮތް ގުޅުން ބަދަހި ވަމުން އައިރު އެގުޅުމަށް އަދި ދޭނެ ވަކި ނަމައް ނޭނގެއެވެ. ރަޚުމަތްތެރިކަން އަދި ފުދެއެވެ. އޭރު ލައިބާގެ ޚިޔާލުގައި އަބަދުމެ ރަސްކަން ކުރަނީ އައްޔާދްއެވެ. އަނާއާއި އެކު އެގެއަށް ގޮސްލާ ބައެއް ފަހަރު އައްޔާދް ފެނުމުން ބަލަން ނޫޅުނަސް އެދިމާއަށް ބެލެއެވެ. ގިނަފަހަރަށް ގޭގެ ބޮޑު ބެލްކަނީގައި ހުންނަ ޖޯލީގައި އައްޔާދް އެކަނިމައި އެކަނި އޮވެއެވެ.
މިއަދު ވެސް ލައިބާ އޮފީސް މަސައްކަތް ނިންމާލާފައި އެގެއަށް ދާން ޖެހުނީ އަނާ ގުޅާފައި ބޭރަށް ދާން ކިޔާވަރުންނެވެ. ލިފްޓަށް އެރުމަށްފަހު އޭގައި ހުރި ބޮޑު ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. އެފަން އިސްތަށި ކޮޅު މަތިން ތިރިއަށް އެއްކޮން ގަތާ ލެވިފައި ވީއިރު ކަނދުރާއާއި ހަމައަށް އަރައެވެ.
މަޑު ފިޔާތޮށު ކުލައެއް ތުންފަތުގައި ޖައްސާލެވިފައި ވީއިރު ލައިގެން ހުރި ބާރު އަތް ދިގު ޓީޝާޓުން އޭނާގެ ހަށިގަނޑުގެ ފުރިހަމަކަން ހާމަވެއެވެ. މާބޮޑު މޭކަޕެއް ކޮށްފައި ނެތުމުން އެދޮން މޫނު ވަނީ ރީތިކޮށެވެ. މިހެން ހުރެފައި އޭނާ އަވަސް އަވަހަށް ދަބަހުން އަނދުން ނަގައި ކަޅު ކުލައިން އެލޮލުގައި ފަވާލުމުން އިތުރަށް އެލޮލުގެ ރީތިކަން ފާޅުވިއެވެ. ކަންފަތް ދޮށުގައި އިސްތަށި ކޮޅު އަޅުވާލަމުން އޭނާ ފުންނޭވާއެއްލީ ގޭގައި އައްޔާދް އުޅޭނެ ކަމުގެ އުއްމީދުގައެވެ.
ލިފްޓުގެ ދޮރު ހުޅުވުމުން އޭނާ ބޭރަށް ނިކުމެ ގޭގެ ރަނގަބީލު ޖަހާލުމުން މާ ގިނައިރެއް ނުވެ އަނާ ދޮރު ހުޅުވާލިއެވެ. “ހޭއި.. އާދެ.” ލައިބާ ވަންނަން ތަން ދައްކަމުން އަނާ ބުނެލިއެވެ. އެތެރެއަށް ވައިން ލައިބާގެ ލޯ ހޯދަމުން ދިޔައީ އައްޔާދްއެވެ. “ޖައްސާލަ ސޯފާގައި. އެބަ އަންނަން ޗޭންޖެ ކޮއްލައިގެން.. އޯކޭ ބެލްކަންޏަށް ނިކުމެލިއަސް. ދޮންބެ އެބައިން” އަނާ މިހެން ބުނުމުން ލައިބާގެ ހިތް އެދިމާއަށް ދާން އެދުނެވެ. އޭނާ ހިނިތުން ވެލާފައި ބެލްކަންޏަށް ނިކުއިން އިރު އުނގަށް ލެޕްޓޮޕް ލައިގެން އައްޔާދް ޖޯލީގައި އޮތެވެ.
ކުރު ސޯޓު ބުރިއެއް ލައިގެން އިންއިރު އަތް ކުރު ޓީޝާޓް ވަނީ އިށީނދެ އިނުމުން މައްޗަށް އަރާފައެވެ. ލައިބާ ލަސް ފިޔަވަޅު ތަކެއްގައި ގޮސް އެތަނުގައި މަޑުކޮށްލި ނަމަވެސް އައްޔާދްއަށް އޭނާ އައި ކަމެއް ނޭނގެއެވެ. ކުރިމަތީގައި ހުރި ކުޑަ މޭޒެއްގައި ކޮފީ ތައްޓެއް ހުރިއިރު އޭނާގެ ފޯނާއި ހެޑްސެޓް ކައިރީގައި އޮތެވެ. “ހާއި..” ލައިބާގެ އަޑަށް އައްޔާދް ސިހިފައި އިސް އުފުލާލިއެވެ.
“ހޭއި.” އައްޔާދް ހިނިތުންވެލިއެވެ. އޭރު ލައިބާ އައިސް އައްޔާދްއާއި ޖެހިގެން އިން ޖޯލީގައި އިންނަނީއެވެ. “އަނާ ގެނައި ދޯ އަނެއްފަހަރު.. ކީއްކުރާނީ.” ދެފާރަތައް ބޯ ހޫރާލަމުން އައްޔާދް ހިނިތުންވެލާފައި ބުނެލިއެވެ. “ކީއްވެ މިތާ އަބަދު އެކަނި އިންނަނީ؟” ލައިބާ ޖޯލީގައި އޮށޯވެލަމުން އަހާލިއެވެ. އޭރު އައްޔާދް ވެސް ލެޕްޓޮޕް ކުޑަކޮން ލައްޕާލުމަށްފަހު ޖޯލީގައި ލެނގިލަމުން އުޑަށް ނަޒަރު ހުއްޓާލައިގެން އޮތެވެ. “މިތަން ހިތްގައިމު ވީމަ.. ވަރަށް އަރާމު ވައިރޯޅި ޖެހޭނެ.. ދުއްވާ އެއްޗޭހީގެ އަޑެއް އެހައި ނީވޭނެ. ދެން މިވަރަކަށް މާލޭގައި ހިތްހަމަޖެހޭ ތަންކޮޅެއް ހޯދާލެވޭނީ” އައްޔާދް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
އޭރުވެސް ލައިބާގެ ނަޒަރު އައްޔާދްގެ މޫނުން ވަތްކެއް ނުވެއެވެ. “ތެދެއް ތިބުނީ.. ވަރަށް ހިތްގައިމު. ދެން ބޭރަށް ގޮހެއް ނުލަންތަ؟” ލައިބާ އޭނާ ބޭނުންވާ މަންޒިލަށް ދިއުމަށް ވާހަކަ ފެށިއެވެ. “އެހައި ގިނައިން ނުދަން މިހާރު. ދޭތެރެއަކުން ރައްޓެހިންނާއި އެކީ ކޮފީއަކަށް ޖައްސާލަން. އެހެން ނޫނަސް ދެން އަބަދު ފުލުސް ޔުނީފޯމުގައި ބޭރުގައި މިއުޅެނީ” އައްޔާދް ވާހަކަ ދައްކަމުން ކޮފީތަށި ނަގައި އެއިން ކޯވަރެއް ބޯލިއެވެ.
ލައިބާ ހިތްވަރުކޮށްފައި އެތަށް ދުވަހެއް ވަންދެން އަހަން ނުކެރިފައި ހުރ ވާހަކަ އެހުމަށް ނިންމިއެވެ. “އައްޔާދް..” ލައިބާ މިހިސާބަށް ބުނިތަނާ އައްޔާދް ތެދުވި ވަގުތު ޖީބުން ސިނގިރޭޓު ފޮއްޓެއް ވެއްޓުނެވެ. އޭނާ ތިރިވެފައި އެނަގައި ލައިބާއަށް ނަޒަރު ހުއްޓާލިއެވެ. “ކީކޭ؟” އައްޔާދް އެހުމުން ލައިބާއަށް އިތުރަށް އެވާހަކަ ކުރިއަށް ގެންދާކަށް ނުކެރުނެވެ. “އައްޔާދް ސިނގިރޭޓު ވެސް ބޮންތަ؟” ލައިބާ ވާހަކަ ބަދަލު ކޮށްލަމުން އަހާލިއެވެ.
“އާނ.. ވަރަށް ސިއްރުން. އެކަކަށް ވެސް ނޭނގޭނެ. ނުބުނައްޗޭ އަނެއްކާ.. ދުންފަތުގެ އިސްތިޢުމާލް ކުރުމަކީ ޞިއްހަތަށް ގެއްލުން ހުރި ކަމެއް.” އައްޔާދް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އެހެން ބުނުމުން ލައިބާގާތަށް ވެސް ހިނިއައެވެ. “އެހެންތަ؟ އަދި ނޭނގެ ތިކަމެއް..” ދެމީހުން އެކަމާއި ހޭން ތިއްބާ އެތަނަށް އަނާ ތައްޔާރު ވެލައިގެން ނިކުތެވެ. “މާ މަޖާ ކަމެއް ވީތަ ތި ހެނީ؟” އަނާ މިހެން އެހުމުން އައްޔާދް އޭނައަށް ނަޒަރު ހުއްޓާލިއެވެ.
އަނާ ލައިގެން ހުރި ހެދުމުގެ ފަހަތް އެއްބައި ލޭޒް ފޮތިން ހުރިއިރު ބުރަކަށި އޮތީ ހާމައަށް ފެންނާށެވެ. ހެދުމުގެ ފަސްބައި ކަކުލަށް ވުރެ ތަންކޮޅެއް މައްޗަށް އަރާއިރު ބާރުކަމުން ގައިގައި ހިފާފައި ވިއެވެ. “ކޯއްޗެއް ލައިގެން ތިއައީ؟ ދޭ ބަދަލު ކުރަން.” އައްޔާދް ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ. “އެކިހިނެތްވީ؟ މީތި ހަޑިއެއްނޫނޭ.” އަނާ ދެފަރާތަށް އެނބުރިލަމުން ބުނެލިއެވެ.
“އުހުން.. މާކުރު ތީތި. ދެން ބުރަކަށި ވެސް ފެންނަނީ ތިހިރަ. ތިކަހަލަ ހެދުން ލަންޏާ މަގުމަތީގައި ތިބޭ މީހުން ވެސް ފޮށޭނެ. ދޮންބެއަށް ކަމަކު ނުދޭ ތިގޮތެއް.. ނިއްނި ވެސް ނުލައި ތިކަހަލަ ހެދުމެއް.” އައްޔާދް މިހެން ބުނުމުން ލައިބާގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. އައްޔާދް އެބުނީ އޭނާ ވާހަކަބާއޭ ހިތަށް އެރިއެވެ. “އޯ ޕްލީޒް..” އަނާ ފޫހި ގޮތަކަށް ބުނެލިއެވެ. “ކޮން އޯ ޕުލީޒް އެއް.. ނިއްނިވީ އަނާއަށް ހެދުން އަޅަން ދަސްކޮށްދޭން. އައި ލައިކް ހައު ޔޫ ޑްރެސް.” އައްޔާދް އާދައިގެ ގޮތަކަށް މިހެން ބުނެފައި ކޮފީތަށި ހިފައިގެން އެތަނުން ދިޔައެވެ. ނަމަވެސް އޭގެން ލައިބާއަށް ދޭހަވީ އެހެން ފުން މާނައެކެވެ.
****
ކެމެރާގެ ފްލެޝް ކަނޑާލުމާއި އެކު ރިއުމާން ހިނިތުންވެލާފައި މޭމައްޗަށް އަތް ހުރަސް ކޮށްލަމުން އެހެން ގޮތަކަށް ހުއްޓެލިއެވެ. އެކިފަހަރު އެކިގޮތަށް ފޮޓޯއަށް ހުއްޓެމުން ދިޔައިރު އޭނާ ލައިގެން ހުރި ކޯޓު ފަޓުލޫނުގައި ވަރަށް ހިތްގައިމެވެ. ފޮޓޯގްރާފާ ނިމުނީކަމަށް އިޝާރާތް ކޮށްލުމުން ރިއުމާން އައިސް އޭނާގެ ފަހަތުގައި ފޮޓޯތައް ބަލައިލަން ހުއްޓެލިއިރު ކައިރީގައި ލައިބާ ވެސް އެ ފޮޓޯތަކަށް ބަލަމުން ދިޔައެވެ.
“މީތި ވަރަށް ސަޅި..” އެތަނުން އެއްފޮޓޯއަށް އިޝާރާތް ކުރަމުން ލައިބާ ބުނެލިއެވެ. އިރުކޮޅަކު ފޮޓޯތައް ބަލަން ތިބުމަށްފަހު ރިއުމާން ގޮސް ދުރުގައި ހުރި ގޮނޑިއެއްގައި އިށީނދެލުމުން ލައިބާ ވެސް ގޮސް އޭނާ ކައިރީގައި އިށީނދެލިއެވެ. “ދެޓް ވޮޒް ވެރީ ނައިސް..” ލައިބާ ހިނިތުންވެލަމުން ބުނެލިއެވެ. “ތެންކިޔު.. ފައިނަލީ މިކަން ވެސް މި ނިމުނީނުން” ރިއުމާން ހިތްހަމަޖެހިފައި އިނދެ ބުނެލިއެވެ. ދެމީހުން އެކި ވާހަކަތައް ދައްކަމުން ގޮސް ލައިބާގެ ކުޑައިރުގެ ވާހަކަ ވެސް ދެކެވުނެވެ. އަދި އޭނަ ކިޔަވަން ދިޔައިރުގެ ކަންތައްތައް ކިޔާ ދީ ދެމީހުން އެކީގައި ސަކަރާތްޖެހިއެވެ.
ފާއިތުވެ ދިޔަ ހަފްތާތައް ތެރޭގައި އެކުގައި މަސައްކަތް ކުރުމުން ދެމީހުންގެ މެދުގައި ރަޚުމަތްތެރި ކަމުގެ ގުޅުން ވަނީ ބަދަހި ވެފައެވެ. “އޯ.. އެންޑް ދެއާ ވޮޒް ދިސް ގައި.. ސްކޫލްގައި އުޅުން އިރު ކްލާސްމޭޓަކާއި އެކީ އެގެއަށް ވަރަށް ދަން.. އޭނަގެ ބޭބެ އެއީ. ވަރަށް ލައިކް ވޭ އޭރުވެސް.” ލައިބާ ޚިޔާލަށް ގެއްލި އިނދެފައި ބުނެލިއެވެ.
“މިހާރު ކޮބާ އޭނަ؟” ރިއުމާންގެ ސުވާލުން ލައިބާ ވިސްނާލިއެވެ. އައްޔާދްގެ ނަން ހާމަކޮއްފިއްޔާ ފަހަރެއްގައި ރިއުމާންއަށް އެދުވަސްތައް މަތިން ހަނދާން ވެދާނެއޭ އޭނާ ހިތަށްއެރިއެވެ. އެކީގައި ވާހަކަ ދައްކާލާ ހެދުމުން ރިއުމާންއަށް އެދުވަހު ދިމާވި ކަންތަކާއި މެދު އޭނާއަށް އަސްލު ބޮޑު އަސަރެއް ކޮށްފައި ވާކަން އިނގުމުން އޭނާ ސަލާމަތް ކޮށްދިން އައްޔާދް ވާހަކަ ބުނެގެން އަނެއްކާ ވެސް އިތުރަށް އުނދަގޫ ވެދާނެތީ ނަން ހާމަ ނުކުރާން އޭނަ ނިންމިއެވެ.
“އެބަ އުޅޭ.. އެގެއަށް ގޮސްލަން ދޭތެރެއަކުން.. ވި އާ ފްރެންޑްސް.. އެކަމު އަސްލު ނުކެރޭ ބުނާކަށް.” ލައިބާ ޖެހިލުންވެފައި އިނދެ ބުނެލިއެވެ. “ޔޫ ލައިކް ހިމް؟” ރިއުމާން ޝައުޤުވެރިފައި އިނދެ އަހާލިއެވެ. “ނޫން.. އައި ލަވް ހިމް.” ލައިބާ ރަކިވެފައި އިނދެ މިހެން ބުނުމުން ރިއުމާން ހެމުން އޭނާގެ ކޮނޑުގައި އަތް އަޅުވާލިއެވެ. “އޯ.. ހާދަ ލަދުން ތިބުނީ.. ދެން އަދި އޭނަ ކައިރި ބުނާނީ ކިހިނެތް؟” ރިއުމާން ހެވިފައި އިނދެ އަހާލިއެވެ.
“ތިއީއެއްނުން މައްސަލައަކީ.. އައި ތިންކް ހީ ފީލްސް ދަ ސޭމް. އެކަމު ބުނަން ނުކެރެނީ.. އަހަރެން ބައެއް ފަހަރަށް ޓަރައި ކުރަން އަހާލެވޭތޯ ވެސް. ލައިކް ބޭރަށް ގޮސްލާ އެކުގައި ޓައިމް ސްޕެންޑް ކޮށްލަން. އޭރުން ފަހަރެއްގައި ބުނެފާނުން.. އޯ އައި ކެން ސޭ ޓޫ.. އެކަމަކު ނޭނގެ އޭނަ ފެންނަ އިރަށް ވާގޮތެއް. ހަމަ ޓީނޭޖް ކުއްޖެއްހެން މުޅި މިހާ ފިނިވެދާނެ..” ލައިބާ ދެއަތް ދެއަތާއި މޮޑެމުން ވާހަކަ ދެއްކިއެވެ.
“އަޅޭ.. ޔޫ އާ ސޯ ކިއުޓް.. ތިވާ ގޮތުން ވާނެ އަހަން.. އަހައިގެން ދޯ ކުރިއަށް ދެވޭނީ. ކުރިމައްޗަށް އަރާފައި އަހަން ނުކުރެންޏާ ގުޅާލަބަ..” ރިއުމާން ދިން ޚިޔާލުން ލައިބާ އެކަމާއި ވިސްނާލިއެވެ. “ގުޅަންވީ؟ އޯކޭ ވާނެތަ؟” ލައިބާ ޔަޤީން ނުވެ އިނދެފައި އަހާލިއެވެ. “ހޫމް.. ގުޅާބަ މިހާރު.. އަހަރެން ވެސް މިއިނީނުން..” ރިއުމާން ޔަޤީންކަން ދިނުމުން ލައިބާ އެކަމަށް އެއްބަސްވެ އައްޔާދްގެ ނަމްބަރަށް ގުޅާލިއިރު އެހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ.
****
ޓްރެޑްމިލަގައި ދުވަމުން ދިޔަ އައްޔާދްގެ ގައިން ހިއްލަމުން ދިޔަ ދަލުން ލައިގެން ހުރި ޓީޝާޓުގެ ކަރުވަޅު ވަނީ ތެމިފައެވެ. ފޯނުން ލަވަޖަހައިގެން ހެޑްސެޓް ޖަހައިގެން ހުރިއިރު އޭނާގެ ނޭވާ ވަނީ އަވަސްވެފައެވެ. އޭރު އެތަނުގައި ކަސްރަތު ކުރަމުން ދިޔަ އެހެން މީހުން ވެސް އެކަމުގައި އަވަދި ނެތި އުޅެއެވެ.
ކުއްލިއަކަށް ފޯނު ރިންގުވުމުން އެނަގައި ބަލާލިއިރު ގުޅަނީ ލައިބާއެވެ. އޭނާގެ ނަމްބަރު އޮތެއް ކަމަކު އަދި ގުޅާ ނުލާތީ އައްޔާދް ޓްރެޑްމިލް ހުއްޓާލުމަށްފަހު ހެޑްސެޓް ނައްޓާލަމުން ފޯނު ނަގައި ކަންފަތުގައި ޖެހިއެވެ.”ހަލޯ..” ކައިރީގައި އޮތް ކުޑަ ތުވާލި ނަގައި ނިއްކުރީގައި ހުރި ދާތަށް ފޮހެލަމުން އައްޔާދް ބުނެލިއެވެ. އެކޮޅުން ވާހަކަދެއްކީ ލައިބާއެވެ. “ހޫމް..” ފޯނުން ވާހަކަ ދައްކަމުން އައްޔާދް އޭނާގެ ފެންފުޅި ނަގައި ފެންފޮދެއް ބޯލަމުން ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ.
“ބިޒީއެއް ނޫން.. ޖިމްގައި މިއުޅެނީ. ކިހިނެތްވީ؟” ޓްރެޑްމިލް މަތީގައި އިށީނދެލަމުން އައްޔާދް ވާހަކަދެއްލިއެވެ. “މިރޭ ނެތްކަމެއް.. ޔާ އޯކޭ. ކިހާއިރަކު ދާންވީ ބަލާ؟ އޯކޭ ސީ ޔޫ ޓުނައިޓް.” އައްޔާދް މިހެން ބުނެފައި ފޯނު ބޭއްވިއެވެ.ލައިބާއާއި އެކު ބޭރަށް ގޮސްލަން ބުނުމުން އައްޔާދްއަށް ނޫނެކޭ ބުނަން ނުކެރުނީ އެހެންނޫނީ އެކަހަލަ ކަމަކު ނުބުނާތީއެވެ. އޭނާ އަނެއްކާވެސް ޓްރެޑްމިލްއަށް އަރައި ދުވަންފެށިއެވެ. ގަޑިއިރެއް ފަހުން އައްޔާދް ޖިމުން ނިކުއިން އިރު އިރުއޮއްސޭން ކައިރިވެފައި ވީއިރު ރަތްވިލާގެ ދަޅައިން ވިލާތައް ވަނީ ފަވާލެވިފައެވެ.
އަތުގައި އޮތް ފެންފުޅިން މޫނަށް ފެން އަޅާލަމުން ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ސައިކަލާއި ދިމާއަށް މިސްރާބުޖެހިއެވެ. ބޯވެފައިވާ ތުބުޅީގައި ފެންތިކިތައް ހަރުލާފައި ވީއިރު އެހައި ގިނައިރު ކަސްރަތު ކުރުމުގެ ސަބަބުން އެ މޫނަށް ލޭއަރައި ކޮންމެވެސް ވަރަށް ރަތްވެފައި ވެއެވެ.
ސައިކަލަށް އަރައި ސްޓާޓް ކޮށްލިތަނާ ހެން އަނެއްކާ ވެސް ޖީބުގައި އޮތް ފޯނު ރިންގު ވުމުން އޭނާ ފޫހި ގޮތަކަށް އެނަގައި ބަލާލި އިރު ގުޅަނީ ރިއުމާންއެވެ. އެނަން ފެނި ވަގުތުން މޫނުމަތިން ފޫހިކަން ފިލައި ގޮސް އެއް މިޔަނަކަނުން އޭނާ ހީލިއެވެ. “ހޭއި..” އައްޔާދް ވާހަކަދެއްކިއެވެ. “ކީއްކުރަނީ؟” ރިއުމާންގެ އަޑުޖެހުމުން އައްޔާދްގެ ހިތަށް ފިނިކަމެއް ލިބުނެވެ. “މިނިކުތީ ޖިމްއިން.. ގެއަށް ދާން މިއުޅެނީ.” އައްޔާދް ޖަވާބުގައި ބުނެލިއެވެ. “އޯ. ޖިމަށް ވެސް ދަންތަ؟” ރިއުމާންގެ ސުވާލުން އައްޔާދް ގާތަށް ހިނިއައެވެ.
“ހިއެއްނުވޭތަ ބަލާލާފައެއް.. އޯކޭއޭ. ދެރަވެއްޖެ.” އައްޔާދް ހިނިގަނޑެއް ޖަހާލިއެވެ. “އަހަރެން ފްރީ މިރޭ.. ދެންމެ ޝޫޓް ނިންމާލީ މި.” ރިއުމާންގެ އެކޮޅުން ވާހަކަދެއްކިއެވެ. “ސޯ އާ ޔޫ ޓެލިން މީ ޓު އާސްކް ޔޫ އައުޓް؟” އައްޔާދް ލާނަތް ގޮތަކަށް އަހާލިއެވެ. “މޭބީ..” އާދައިގެ މަތިން ރިއުމާން އެހެން ބުނެލުމުން އައްޔާދް ގާތަށް ހިނިއައެވެ.
“އެކަމު މިރޭ ނެތޭ ދެވޭކަށް.. ފްރެންޑައަކާއި އެކު މިރޭ ބޭރަށް ގޮސްލަން ކުރިން ޕްލޭންކޮށްފައި އޮތީ. ސޮރީ.. އެކަމު އަދި އަހާނަން އިނގޭ.” އައްޔާދް މިހެން ބުނުމުން ރިއުމާން އެކަމާއި އެއްބަސްވެ ފޯނު ކަނޑާލިއެވެ. ލައިބާ ކައިރި ދާން އެއްބަސް ވެފައި ދެން ނުދެވޭނެއޭ ބުނާކަށް އައްޔާދްއަށް ނުކެރޭނެއެވެ. އެހެން ފަހަރަކުން އަދި ރިއުމާން ގޮވައިގެން ދާން ހިތުލައިގެން ހުރެ އައްޔާދް ގެއާއި ދިމާއަށް ދާން މިސްރާބުޖެހިއެވެ.
****
އިރުއޮއްސި އަނދިރިވަމުން ދިޔައިރު ރިއުމާން ޕޭމަންޓު ކައިރީ މަޑުކޮށްލައިގެން ހުރީ އާދިލްގެ އިންތިޒާރުގައެވެ. އެތަނަށް އެކަނި ހިނގާފައި އައިކަން އިނގުމުން ވެސް އާދިލް ހުރީ ހިތްހަމަނުޖެހިފައެވެ. އޭރު އަތުގައި އޮތް ފޯނު ޖީބަށް ލަމުން އައްޔާދްއާއި އަދި ދިމާވާނެ ކަމުގެ އުއްމީދުގައި ހުރެ ހިނިތުންވެލިއެވެ. އޭރު ފަހަތުގައި ހުރި އިމާރާތުން ލައިބާއާއި އެކު އެހެން މީހުން ނިކުއިން އިރު އޭނާ ގޮސް މަޑުކޮށްލީ ރިއުމާން ކައިރީގައެވެ.
“ހޭއި.. ސޯ އެކްސައިޓެޑް ތަ؟” ރިއުމާން ކައިރީގައި ހުއްޓެލި ލައިބާ ފެނި އަހާލިއެވެ. “ޔާ.. އެކަމު ކުޑަކޮން ނާވަސް. އަސްލު ހިއެއް ނުކުރަން އޭނަ އެހައި އަވަހަށް އެއްބަސް ވެދާނެ ކަމަކަށް.” ލައިބާ ފުންނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ. އޭނާ ހުރީ އައްޔާދް އެހައި ފަސޭހައިން އެއްބަސް ވީތީ އެކަން ޤަބޫލު ކުރަން ދަތިވެފައެވެ.
“ހެހެހެ.. އައި ޓޯލްޑު ޔޫ. އެހީމަ އެއްނުން އެ އިނގުނީ ވެސް.” ރިއުމާން މިހެން ބުނި ވަގުތު އެގޯޅިން އެޅި ސައިކަލުގައި އިން އާދިލް އެމީހުން ކައިރިއަށް ހުއްޓާލިއެވެ. “ކީއްވެ އެކަނިއައީ؟ ބުނީމެންނުން ގުޅައްޗޭ.” އާދިލް ސައިކަލު މަޑުކޮށްލަމުން ބުނެލިއެވެ. އޭރު ރިއުމާން ދެފަރާތަށް ބޯ ހޫރާލަމުން ލައިބާއަށް އާދިލް ތަޢާރަފް ކޮށްދިނެވެ. “އާދިލް މިއީ ލައިބާ.. މާކެޓިން ހެޑް.” ރިއުމާން މިހެން ބުނުމުން އާދިލް އޭނާއަށް ނަޒަރު ހުއްޓާލިއެވެ.
“ހެލޯ.. ރިއުމާން ވަރަށް ކިޔާދިން ލައިބާގެ ވާހަކަ. ވަރަށް މޮޅޯ..” އާދިލް ހިނިތުން ވެލާފައި ބުނެލުމުން ލައިބާ އޭނާއަށް ނަޒަރު ހުއްޓާލިއެވެ. އާދިލްގެ ތުނބުޅިއެއް ނެތް ނަމަވެސް ‘ޓޭން’ ވެފައިވާ އެ މޫނުން ޒުވާކަން ފާޅުވާ އިރު ހީލުމުން ކޮލަށް އެޅޭ އަޑިކޮޅުން އިތުރަށް އެ މޫނު ފުރިހަމަ ކޮށްދެއެވެ. ފަން އިސްތަށިކޮޅު ފަހަތަށް ގެންގޮސް ސްޓައިލް ކޮށްލެވިފައި ވާއިރު އޭނާ ދިގުވެފައި ރީތި ފަލަކަމެއް ލިބިފައިވެއެވެ.
“ތެންކިޔު.. ނައިސް ޓު މީޓް ޔޫ.” ލައިބާ ހިނިތުންވެލަމުން ބުނެލިއެވެ. “ދަނީ އިނގޭ.. ލެޓް މީ ނޯ ހައު ޓުނައިޓް ގޯޒް.” ރިއުމާން ހިނިތުންވެލާފައި ސައިކަލު ފަހަތަށް އެރުމުން އާދިލް ދުއްވާލިއެވެ. އެމީހުން ދިޔަތަން ބަލަން ހުރި ލައިބާ ހީކުރީ އާދިލްއަކީ ރިއުމާން ރައްޓެހިވެގެން އުޅޭ ކުއްޖާ ކަމަށްށެވެ.
ބޭރުމަގުން ލާފައި އާދިލް ސައިކަލު ދުއްވަމުން ދިޔައިރު އޮއްސެމުން ދިޔައ އިރުގެ ރަތް ދަޅަތައް ޖައްވަށް ވެރިވެފައި ވިއެވެ. ރިއުމާން އެކި ވާހަކަ ދައްކަމުން ގޮސް ލައިބާގެ ވާހަކަ ވެސް އާދިލްއަށް ކިޔާދިނެވެ. ލައިބާ ލަދުން އޭނާއަށް ކަމުދާ ކުއްޖާ ކައިރި އެވާހަކަ ބުނަން ނުކެރިގެން އެންމެފަހުން ރިއުމާން ބުނެގެން އޭނާ ގުޅާފައި އެހި ވާހަކަ ކިޔާދިނެވެ.
“ރިއުމާން ވެސް އެހައި ލަދު ގަނޭތަ ކަމުދާ މީހެއް ކައިރި އެވާހަކަ ބުނަން؟” އާދިލްގެ ސުވާލުން ރިއުމާންގެ ޚިޔާލަށް ވެރިވެގަތީ އައްޔާދްއެވެ. އާނއެކެވެ. ދެންމެ ވެސް އޭނާ ލަދުން ބޭރަށް ގޮސްލަން އަހަން ނުކެރިގެން އައްޔާދް ލައްވަ އެހުވީއެވެ. އެޚިޔާލުން އޭނާ ރަކިވި އިރު އެމޫނަށް ވެރިވި ކުލަ ކުރީގައި އިން އާދިލްއަށް ސައިކަލުގެ ލޯގަނޑުން ފެނުނެވެ. މިތަން ފެނުމުން އޭނާ ހީކުރީ ރިއުމާން އެގޮތަށް އެރަކިވީ އޭނާ ކައިރިގައި އިނުމުން ކަމަށެވެ. ނަމަވެސް ރިއުމާންގެ ޚިޔާލުތަކުގައި ވަނީ އެންމެ މީހެކެވެ. އައްޔާދްއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.



Enjoy reading. Let me know how it is.
vara interesting mi part ves…vvvv reethi mi story layaal dear.. 😀 keep up the good work..dn Next part kon irakun?? can’t wait for it..mardhan dho?? or mirey 😛 pleaseee
wow. thanks ehaa dhigu kon genes dhineema. alhe enme olhifa ehnun e thibi. and Ayyadh is just ??
Ey… komme gotheh hadhaafa ves riuman aa ayyaad aa Gulhuvaathi ingey… laiba aa adult aa ves gulhey… ekam zubeyru ah landeh dheebala…. me first..
Huriha eps ehkoh up kohba. Ehaame rythi ??
Wow nice story
layaa… riu n ayyaadh ingey… stry vrh salhi..
alheyy. haadha reechey mi vaahaka. its soooo nice. Layaa thi hama best. dhen kon iarkun tha igeyni. Ayaadh and riu gulhuvaba plxxx. ❤️❤️
Wow nice……
Ayaadh ?? heart ❤️❤️❤️ duk duk vani. Riu and Ayaa gulhachey plx. they looks so adorable like how i imagine ?
Aaw ayyadh. Vara reethi
Love love love this storyyyy. Hama hiy thelhey kiyaairu. Hurihaa kame bust v ma nikan fori hunaane. poor laibaa. Varah salhi mi vaahaka?
Wow v salhi next part avahah up kohlachey????
So interesting. Layaa varah molhu
omg omg
i lyk the way its going
no no i dont lyk it i love it????