Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވީ ލޯބިން (3)

Eyeminath
January 17, 2017
5 Mins Read
35 Views
6 Comments

އަހަރެންގެ ހިތް ކުދިކުދި ވީއެވެ. މާޔޫސީ ކަމާއެކު އަހަރެން ރޮވިފައިހުރެ އޭނަ ބުނިގޮތައް ކަންތައް ކޮށްދެވޭތޯ ބަލާނަން ކަމުގައި ބުނެ ފޯނު ބޭއްވީމެވެ. އެހެނަސް، އަހަންނަކަށް ކެތެއް ނުކުރެވުނެވެ. މެސެޖަކަށް ފަހު މެސެޖެއް އަހަރެން ފޮނުވަމުން ދިޔައީމެވެ. އޭނަދެކެ ވާ ލޯބި ހާމަކޮށްދެމުން އަހަރެން ދިޔައީމެވެ. ލޯބީގައި އާވާރާ ވެފައިވާ މީހެއް ފަދައިންނެވެ. ލޯބިވާ ވާހަކަ ނުބުނާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. އޭނާގެ ހިތް މަޑުވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އަހަރެންގެ ކައިވެނި ރޫޅުނުތާ މަސްދުވަސްވީ އަހަރެން މިފަދަ ހާލެއްގައި އުޅެނިކޮށެވެ.

އަހަރެންގެ އެކުވެރިޔާގެ މަންމަ އަހަރެން އެގޭގައި އުޅޭތީ ކަންތައްބޮޑުވާކަން އަހަންނަށް އެނގުނު ދުވަހު އަހަރެން އެ އެކުވެރިޔާ ކައިރީ ނުބުނެ އެގެއިން ނުކުތީމެވެ. ދާނެ ވަކި މަންޒިލެއް އޮވެގެނެއް ނޫނެވެ. އެހެންހުރެ އަހަންނަށް ދެވުނީ ބަނދަރު މައްޗަށެވެ. އޭރު މާލެ ފުރުމައްޓަކައި ރަށުގެ ބޮޑު ދޯނީީގެ ވާތައް މޮހަމުން ދިޔައެވެ. އަހަރެން ފެނުމާއެކު އަހަރެންގެ އަތުގައި އޮތް ދަބަސް ދިނުމަށް  އަތްދިއްކޮށްލިއެވެ. އަހަރެން ދަބަސް ދިނުމައްފަހު ދޯންޏަށްއެރީ އެއްވެސް އެއްޗެއް ވިސްނާފައެއް ނޫނެވެ.

މާލެ ދެވުމާއެކު އެހެން މީހުންނެކޭ އެއްގޮތަށް އަހަރެންވެސް ދޯނިން ފޭބީމެވެ. ދާނީ ވަކި ކޮންތާކަށް ކަމެއް އަހަރެންނަކަށް ނޭނގުނެވެ. އަހަރެން މާލެ އައީ ކީއްވެގެންތޯ ހިތާ ހިތާ ސުވާލުކުރަމުން ހިނގައިގަތްތަނާ އަހަރެންގެ ކަންފަތުގައި މީހަކު ގެއެއްގައި ކުޑަ ކުއްޖަކު ބަލައިދޭނެ ކުއްޖަކު ހޯދަދޭށޭ ބުނާތީ އިވުނެވެ. އަހަރެން ފަސް އެނބުރި ބަލައިލީމެވެ.

މެދު އުމުރުގެ ބިޔަ ހަށިގަނޑެއް ލިބިފައިވާ ފިރިހެނެކެވެ. އަހަރެން އެމީހާގެ ފަސްފަހަތުން ގޮސް ވާހަކަ ދެއްކީމެވެ. އަހަރެންގެ ނަސީބުވެސް ރަނގަޅީކަންނޭގެއެވެ. ހުންނާނެ ތަނެއް ލިބުމުން އަހަރެން އުފާވިއެވެ. އުފަލުން ހުރެ ﷲއަށް އަހަރެން ޙަމްދު ކުރީމެވެ. އަހަރެން ގޮވައިގެން އެމީހާ ދިޔައީ ބޮޑު އިމާރާތަކަށެވެ. އެ އިމާރާތުގެ ފަސްވަނަ ފަންގިފިލާއަށް ދެވުމާއެކު ދޮރު ހުޅުވާލީ ރީތި އަންހެނެކެވެ. އެ ފިރިހެން މީހާ އަހަރެން ތަޢާރަފް ކޮށްދިނެވެ. އެހާ އަވަހަށް ދަރިފުޅު ބަލާދޭނޭ މީހަކު ވުމުން އެ އަންހެން މީހާވެސް ހުރީ ވަރަށް އުފަލުންނެވެ. ހަތަރު އަހަރުުގެ ކުޑަކުޑަ ލަޔާ ފެނުމުން އަހަރެންގެ ހިތުގައި އެ ތުއްތު ކުއްޖާއާ މެދު ލޯބި އުފެދުނެވެ. ފުއްގަނޑެއް ފަދަ ދޮން ލޯބި ކުއްޖެކެވެ.

އަހަރެން މާލެ އައި ބޭނުން އެމީހުން އެހިއެވެ. ޖަވާބުގައި އަހަންނަށް ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު އިދެވުނެވެ. އެހެނަސް، މާލެއައީ ފިރިމީހާ ވަރިކޮށްލުމުން ކަމުގައި އަހަރެންގެ ދޫ ޖަވާބު ދިނެވެ. އަހަރެންގެ މަސައްކަތާމެދު އެ ދެމަފިރިންވެސް ތިބެނީ ވަރަށް ހިތްހަމަ ޖެހިފައެވެ. ކިތަންމެ ބުރަކޮށް އުޅެމުންވެސް އަހަރެން އޭނައަށް އޭނަދެކެ އިންތިހާއަށް ލޯބިވާ ކަމުގައި ބުނެ މެސެޖް ކުރަމުން ދިޔައީމެވެ. އަހަރެންގެ އެންމެ މެސެޖަކަށްވެސް އޭނަ ޖަވާބެއް ނުދެއެވެ.

އަހަރެންގެ ހަޔާތަށް އައި ބަހާރުމޫސުން ނިމި ވޭނާއި ހިތާމަ އުފުލަމުން ދިޔައީމެވެ. ލިބޭ ހުސްވަގުތު ތަކުގައި  އޭނަގެ ހަނދާންތައް އާވެއެވެ. މޫނުމަތީ ބާލިސް އަޅައިގެންއޮވެ އަޑުންއަޑުނަގާ ބާރަށް ރޮވެއެވެ. ހިތާމަޔާ ހިތްދަތި ކަމުގައެވެ. އަހަންނަށް ޖެހެނީ ރޯލާފައި ހުންނާށެވެ. ގޮތްހުސްވެފައިވާ މީހެއް ފަދައިންނެވެ. މިއީ ކޮންމެ ރެއެއްގެވެސް އާދައެވެ. ކުރާނީ ކީއްހެއްޔެވެ؟ މިއީވެސް އިމްތިޙާނެކެވެ.

އަހަރެންގެ ހަޔާތުން މުޅިން އާ ބާބެއް ފެށުނީ ދެނެވެ. އަހަރެންގެ އަނދިރިވެފައިވާ ދިރިއުޅުން ހުޅުދާން ވެގެން ދިޔައެވެ. އާއެކެވެ. އަހަރެންނަށް ދެދަރިން ލިބެން އުޅޭކަމުގެ އުފާވެރި ހަބަރުން ހޭންވީކަމެއް ނުވަތަ ރޯން ވީކަމެއް ނޭނގިފައި ހުރީމެވެ. ދެވަނަ ސިކުންތުގައި އަހަރެންނަށް އަމިއްލަ ބަނޑުގައި ހިފަހައްޓާލައިގެން ހުރެ ހެމުން ރުއީމެވެ. އަހަރެންގެ ބަނޑަށް ތިން މަސް ވަނީއެވެ. އަހަރެންގެ އުފާވެރިކަން ފެނި ލަޔާގެ މައިންބަފައިން އަޒޫ އާއި ސަމަދު ﷲ އަށް ހަމްދުކުރިއެވެ. އަހަރެން ބޭނުން ދުވަހެއްވަންދެން އެގޭގައި ހުރެވޭނެ ކަމަށް ބުނަމުންނެވެ. އެއީ ވަރަށް އޯގާތެރި ހިތްހެޔޮ ބައެކެވެ. އަހަރެންނަށް އުފަލުންގޮސް ރޮވުނެވެ.

އެދުވަހަށްފަހު އަހަރެން އޭނައަށް މެސެޖް ކުރުން ހުއްޓާލީމެވެ. އަހަރެންގެ ފޯނު ނަންބަރުވެސް ބަދަލު ކުރީމެވެ. އެއީ އޭނަ އަހަންނަށް ގުޅާފާނެތީކީ ނޫނެވެ. ކުރިން ނުގުޅި މީހެއް މިހާރު ވަކި ގުޅާނެހެއްޔެވެ؟ އަހަރެން ބަނޑު ބޮޑުކަން އެނގިއްޖެނަމަ އެބޯރޓް ކޮއްލަން ބުނެފާނެ ކަމުގެ ބިރަށްޓަކައެވެ. ކޮންމެ ކަހަލަ ކުއްޖަކަސް އަހަރެން ބޭނުމެވެެ. އަހަރެންގެ ހުރިހާ ހިތާމައެއް ފިލާ ދިޔަކަހަލައެވެ. ދިރި ހުރުމުގެ މަގުސަދު ކަމުގައި އެ ދަރިން ވެގެން ދިޔައެވެ. ދުވަސްތައް ފާއިތު ވަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތުގައި އޭނައާ މެދު ރުޅިވެރިކަން  އުފެދެން ފެށުނެވެ. ހިތަށް އަރާ ފައިބަމުންދާ ހިޔާލުތަކުންނެވެ. ކޮންމެ ހާލަކާއިގެންވެސް އަހަރެން ހުރީ އޭނާއާއެކީ އުޅޭށެވެ. އަހަރެން ހީކުރީ އަހަރެން ލޯބިވީވަރަށް އޭނަވެސް އަހަރެންދެކެ ލޯބިވާކަމަށެވެ. އެކަމަކު ވަރި ކުރިފަހުން އެންމެ ފަހަރަކުވެސް އޭނާ އަހަރެން އުޅޭ ހާލު ބަލާވެސް ނުލިއެވެ. އެމީހަކަށްޓަކައި އަހަރެން ބަނޑުއަޅައިވިހޭ މަންމަ ދޫކޮށް ދެވުނީތީ އެހިތާމަ މިހާރު އަހަންނަށް ކުރެވެއެވެ. ނުކުމެގެންދާށޭ ބުނިއިރު އަހަރެން ދާނެ ތަނެއް ނުހުންނާނެކަން އެންމެ ރަނގަޅަށް އެނގޭނީވެސް  ހަމަ އޭނައަށެވެ.

އަހަރެން ގަބޫލު ކުރަމެވެ. އަހަންނަށް ހެދުނީ ވަރަށް ބޮޑު ގޯހެކެވެ. އެކަމަކު އެ ގޯސް އަހަންނަށް ހެދުނީ އޭނަ ދެކެ އަހަންނަށް ވެވުނު ލޯތްބެއްގެ ބޮޑުކަމުންނެވެ. އެކަމަކު ދެންހެވެ. މިހާރު އަހަރެންވެސް ބޭނުމީ އެކަނި ދިރިއުޅޭށެވެ. އަހަރެންގެ ލޯބި ލޯބި ދެދަރިންނާ އެކީއެވެ. އަހަރެން އަދިވެސް އޭނަ ދެކެ އިންތިހާ ލޯބިވެއެވެ. މުޅި އުމުރަށްވެސް ލޯބި ވާނަމެވެ.

މާލޭގައި އުޅެމުން ދިޔައިރު އަހަރެން ވަރަށް މަދު ފަހަރަކު ނޫނީ ބޭރަށް ނުކުމެ ނޫޅެމެވެ. އެއީވެސް ވަރަށް ބޮޑު ކަމެއް ޖެހުމުންނެވެ. ބޭނުންވާ ހުރިހާ އެއްޗެއް އަޒޫމެންް ހޯދާދެއެވެ. އަހަރެންގެ ބޮޑު ބަނޑާއިގެންވެސް ލަޔާ ބަލަމުންދާލެއް ފުރިހަމަކަމުން ކަމައްވެސް ވެދާނެއެވެ. އެއްރެއެއްގެ ވަގުތެވެ. އަހަރެން ބޭރަށް ނުކުތީ ވިހަންވާއިރަށް ހޯދަން ޖެހޭ ބައެއް ސާމާނު ގަންނަން ފިހާރަޔަށް ދާށެވެ. ކުޑަކުދިންގެ އެއްޗެހި ވިއްކާ ފިހާރަތަކަށް އަހަރެމެން ވަންނަމުން ދިޔައީމެވެ.

” އިފާ… ސުބްޙާނަﷲ… މީ އަޔާޒްގެ ތަ..”

އަހަރެން ސިހުނީ ފުރަގަހުން އަހަރެންގެ ކޮޑުމަތީ އަތްބާއްވާލި އަޔާޒްގެ އެންމެ ގާތް އެކުވެރިޔާ ގެ އަޑު އިވިފައެވެ. އަހަރެން ބޯ ޖަހާލަމުން ދުރު ބަލަން ފެށީމެވެ.

” އޯ މައި ގޯޑް. އަޔާ އަށް އެނގޭތަ. ހާދަ ބޮޑޭ. ކިތައް މަންތް ”

އަހަރެން ބޯހޫރާލީމެވެ. އަހަރެންގެ ލޮލުން ފޭބި ކަރުނަ ތިކި  އަހަރެންގެ ކޯތާފަތުގައި ބޮސްދިނެވެ.

” ނަައިން ވަނީ. ޓްވިންސް…އަޔާއަށް އެނގޭކަށް ބޭނުމެއްނޫން.. ދަނީ ” އަހަރެން އަވަސް އަވަހަށް އެފިހާރައިން ނުކުތީމެވެ. އަޒޫ ކައިރީ ބުނެގެން އަހަރެން އެރޭ ގެއަށް އައީ ކުރަން ހުރި ވިޔަފާރި ފަހަށް ބަހައްޓާފައެވެ. އަނެއްކާވެސް އަހަރެންގެ ހިތުގައި ފޮރުވިފައިވާ ލޯބި އަހަންނަށް އުނދަގޫ ކުރަންފެށިއެވެ.

ދުވަހަކީ ހަމަހިމޭން ދުވަހެކެވެ. އެހެންދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް އަހަރެން އުޅުނީ އަވަދިނެތި ލަޔާގެ އެކި ކަންކަމުގައެވެ. ލަޔާ ބެލުމުގެ ޒިންމާއާ އަހަރެން ހަވާލުވީއްސުރެ އަހަރެންގެ ހިތުގައި އަޒޫއާ މެދު ސުވާލު އުފެދިފައިވެއެވެ. ދޭތެރެ ދޭތެރޭން އަޒޫ ހޮޑުލާ އަޑު އިވޭނެއެވެ. ބައެއް ދުވަސް ދުވަހު ބޯ އަނބުރާތީ ނުވެސް ތެދުވާނެއެވެ. ފުރަތަމަ އަހަރެން ހީކުރީ އަޒޫ ބަލިވެެއިނީ ކަމަށެވެ. ނަމަވެސް ދުވަސް ވީ ވަރަކަށް އަހަންނަށް ކުރެވުނީ ގޯސް ހީއެއްކަން ޔަގީންވިއެވެ. މިއަދަކީވެސް އެފަދަ ދުވަހެކެވެ. އެކޮޓަރިން އިވެމުންދިޔައީ  އަޒޫ އޯކާ ދެމޭއަޑެވެ. ލަޔާ އަތަށް ކުލަޖައްސާ ފޮތާ ކުލަ ދީފައި އަހަރެން އަޒޫގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލީމެވެ. ދޮރު ހުޅުވީ ސަމަދެވެ.

” އަޒޫއަށް ކިހިނެއްވަނީތަ.. ޑޮކަޓަރަށް ދާންވީނު.. ”

އެދުމަތީގައި ދެމިފައި އޮތް އަޒޫ ކައިރީ އަހަރެން ހުއްޓުނީމެވެ. އެވަގުތު ބަލި ގޮތަކަށް އަޒޫ ބޯ ހޫރާލިއެވެ.

” ޑޮކްޓަރަށްވެސް ހުރިހާ ބައްޔަކަށް ޝިފާއެއް ނުދެވޭނު. އިފާ އަށް މިހާރު މިކަން އެގެން ޖެހޭ ވަގުތު އައިއްސި ކަންނޭނގެ.”

އަހަރެން އަޒޫ ކައިރީ އިށީނީމެވެ. ކުއްލިއަކަށް އަހަރެން ސިހުނީ އަޒޫ އޭނާގެ ބޮލުގައި އަޅައިގެން އޮތް ބުރުގާ ނެގުމުންނެވެ. އަހަރެން އެނޫނީ ދުވަހަކުވެސް އަޒޫ ބުރުގާ ނަގައިގެން ހުއްޓާ ނުދެކެމެވެ. އަޒޫގެ އެ ސިފަ ފެނުމުން އަހަންނަށް އަމިއްލަ އަނގަމަތީ އަތްއެޅުނެވެ.

” ޔެސް.. މީ ކެންސަރ ގެ ސަބަބުން ވެފަ ހުރި ގޮތް. އިފާ ގެންނަން ޖެހުނީ މިސަބަބާހުރެ. އަހަރެން މަރުވަނީ އިފާ. ބޭބީ ލިބުނު ފަހުން ގޮތް ގޮތް ވާތީ ދެއްކީމަ އެނގުނީވެސް…ބޭބީވެސް ޓެސްޓް ކުރިން.. ބަޓް އަލްހަމްދު ލިﷲ . އަހަރެންގެ ދަރިފުޅު ރަނގަޅު. ބައްޔައް ފަރުވާވެސް އެބަ ކުރަން … އެކަމަކު އަހަރެންގެ ހާލު ދުވަހެއް ދުވަހަކަށް ދައްވަނީ..”

އަޒޫގެ ހާލު އަހަންނަށް ވަރަށް ރަނގަޅަށް އިޙުސާސް ކުރެވުނެވެ. އަހަރެންގެ ލޮލުންވެސް ހޯސްލާފައި ކަރުނަތައް ފައިބާގަތެވެ.

” އަހަރެން ބޭނުން އިފާ ކައިރީ ވަރަށް ބޮޑު ކަމަކު ކިޔަން. އިފާ އަހަންނަށް އެކަން ކޮއްދޭނަންތަ. ”

އަހަރެން އަވަސް އަވަހަށް ބޯ ޖަހާލީމެވެ. އަވަހަށް ބުނާށޭ ބުނުމުގެ ގޮތުންނެވެ.

” އިފާގެ ދަރިންނާ އެއްވަރަށް އަހަރެންގެ ލަޔާއަށްވެސް މައެއްގެ ލޯބި އަބަދަށް ދީފާނަންތަ.. ލަޔާ ވަރަށް ލޯބިވޭ އިފާ ދެކެ.. އަޒޫ ބޭނުމީ އެ ޔަގީންކަން. އަބަދަށް ލަޔާގެ ގާތުގައި އިފާ ހުންނަން. އަހަރެންނަށް ކަމެއް ވެއްޖެނަމަ އިފާ ސަމަދް އާ ކައިވެނިކޮއްފާނަންތަ… ޕްލީޒް…”

އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަޒޫ އެ އެދުނީ އަހަރެން ކައިރީ ހާދަހާވާ ބޮޑު ކަމަކަށެވެ. އަހަރެން ހާސްވިއެވެ.

” އަޒޫ ތިކަލަ ވާހަކަ ދައްކާކަށް ނުވާނެ. އަދި އަޒޫ ރަނގަޅުވާނެ. އަހަރެން ދުޢާ ކުރާނަން. އަޒޫ ނުރޯތި. ހިތްވަރު ކުރަންވާނެ. މިހާ ދުވަހު މިގޭގައި އަހަރެން އުޅުނު އިރުވެސް އަހަންނަށް އަޒޫގެ ބަލި ނޭނގުނީމަ ވަރަށް ދެރަވޭ. ”

އެދުވަހު އަހަރެން އަޒޫއާ ވާހަކަ ދައްކަން ވަރަށް ގިނަ ވަގުތު ހޭދަކުރީމެވެ. އަޒޫ ހިތްހަމަޖެހޭ ކަހަލަ ވާހަކަތަކެވެ. ކުޑަކުޑަ ލަޔާގެ މަޖާ ވާހަކަތަކެވެ. އަޒޫ ދެއްކި ވާހަކަޔާ މެދު ފަހުން އަހަރެން ވަރަށް ވިސްނީމެވެ. އަހަރެން އެހެން މީހަކާ އިންނާނީ ކިހިނެއް ހެއްޔެވެ؟ އެއީކީ އަހަންނަށް ވާނޭ ކަމެއް ނޫނެވެ. އަހަރެން އަޒޫގެ ދަރިފުޅު އުމުރަށް ބަލާދީފާނަމެވެ. އެކަމަކު އަހަންނަކަށް އެހެން މީހަކާ ކައިވެންޏެއް ނުކުރެވޭނެއެވެ. އަހަރެން ލޯބިވަނީ އެންމެ މީހެއް ދެކެއެވެ. އެމީހަކު އަހަންނާމެދު ކަންތައްކުރީ ކިތަންމެ އިހާނެތިކޮށް ކަމުގައިވިޔަސް އަހަރެން އަބަދުވެސް އޭނަ ދެކެ ލޯބިވާނަމެވެ. އަދި އެ ލޯތްބަށް ދުވަހަކުވެސް ބަދަލެއް ނުވެސް އަންނާނެއެވެ. އަހަރެން އަދިވެސް ހަނދާން އެބަހުއްޓެވެ. މޮޔައެއްހެން އޭނަގެ ކޯލަކަށް އޭނަގެ މެސެޖަކަށް އަހަރެން އިންތިޒާރު ކުރަމުން ދިޔަ ހަނދާނެވެ. ދެރަވެގެންގޮސް ހިތް ފަޅައިގެންދިޔަ ހަނދާނެވެ. އެހާ ލޯބިވާ މީހެއްމަތިން ހަނދާން ނައްތާލާނީ ކިހިނެއްހެއްޔެވެ؟

” އަހަރެން ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެ އަހަރެން އިފާ ދެކެ ލޯބިވާވަރު…އެހެން މީހުންނަށް އެކަން އަންގާކަށް ނެތިން. ތީ މިދުނިޔެއިން އަހަރެންގެ އާއިލާ މީހުން ފިޔަވާ އަހަރެން އެންމެ ބޭނުންވި މީހާ…އަހަރެން އެންމެ ލޯބިވާ މީހާ…”

މި ބަސްތައް އަހަރެން ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟ އެއީ އަހަރެންދެކެ ލޯބިވި އަޔާގެ ލޮބުވެތި ބަސްތަކެވެ. ލޯބިވާ ވާހަކަ ބުނާ ކޮންމެ ފަހަރަކު އަހަރެންނަށް އުފަލުންގޮސް ރޮވެއެވެ. މިހާރުވެސް އަހަރެންގެ ފޯނުގައި އޭނަގެ ހަނދާންތައް ރައްކާކޮށްފައި ހުންނާނެއެވެ. ކިތަންމެ ފަހަރަކު އަހަރެން އެ މެސެޖްތައް ކިޔާހަދަމެވެ. އަހަރެންގެ ހިތުގެ ހަމަޖެހުމަކީ އެއީ ކަމުގައި ވެފައި ވާތީއެވެ.

ފަތިހުގެ ބަންގީގެ އަޑަށް އަހަރެން ހޭލީމެވެ. އޭރު އަހަރެންގެ ބަނޑުގައި މަޑު ރިހުމެއްވިއެވެ. ހިތްވަރު ކޮއްފައި އަހަރެން ތެދުވީ ފަތިސް ނަމާދު ކޮށްލުމަށެވެ. ކުޑަކުޑަ ލަޔާ ލޯބިކޮށް ނިދާލާފައި އޮތެވެ. ދެ ކޮއްކޮ ލިބެން އުޅޭތީ ލަޔާވެސް ހުންނަނީ ވަރަށް އުފާވެލާފައެވެ. ނަމާދުކޮށް ނިމިގެން އަހަރެން އަބަދުވެސް ކުރަމުން އަންނަ ދުޢާ ކުރަންފެށީމެވެ. އަހަރެންގެ ބަނޑުގައިވާ ދެކުދިން ފުރިހަމަ ސިއްޙަތެއްގައި ލައްވަވާ އެކުދިން ރައްކާތެރިކޮށް ދިނުމައް އެދިއެވެ. އަޒޫގެ ބައްޔަށް ޝިފާ ދެއްވާތޯވެސް އަހަރެން ދުޢާ ކުރީމެވެ. އެއަށްފަހު އަޒޫގެ ހާލެއް ބަލައިލުމަށް އަހަރެން ބޭރަށް ނުކުމެލީމެވެ. ސިޓިންގް ރޫމް ސޯފާގައި އަޒޫ ގުރުޢާން ކިޔަވަން އިނެވެ.

އަހަރެން ހިނިތުންވެލާފައި ކޮފީއެއް ހަދާލުމަށްޓަކައި ބަދިގެއަށް ވަނީމެވެ. ފެން ހޫނުކުރަން ގެންގުޅޭ ކަރަންޓް ޖަގަށް ފެން އަޅައި ހިފާލިތަނާ އަހަރެންގެ ބަނޑުގައި ހުރި ރިހުން ކުއްލިއަކަށް ގަދަ ވިއެވެ. ހަމައެވަގުތު އަހަރެންގެ އަތުން ޖަގު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. މަންމާއޭ ކިޔާ އަހަންނަށް ބާރަށް ހަޅޭއް ލަވައި ގަނެ ބަަނޑުގައި ހިފަހައްޓާލެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް އަޒޫ އައިސް އަހަރެންގެ ގައިގައި ހިފަހައްޓާލަމުން ސަމަދަށް ގޮވަން ފެށިއެވެ.

(ނުނިމޭ)

12
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Eyeminath

Other Articles

Previous

ޢަޞްރު (ތެއްތިރީސްވަނަ ބައި)

Next

އެވިއްސާރަ ރޭ… ފަސްވަނަބައި

Next
January 17, 2017

އެވިއްސާރަ ރޭ… ފަސްވަނަބައި

Previews
January 17, 2017

ޢަޞްރު (ތެއްތިރީސްވަނަ ބައި)

6 Comments

  1. Naadhee says:
    January 17, 2017 at 1:07 am

    Nice

  2. liyaa says:
    January 17, 2017 at 7:46 am

    salhe

  3. Koo says:
    January 17, 2017 at 11:48 am

    Masha allah vrh reethi…

  4. Anu says:
    January 17, 2017 at 12:05 pm

    V reethi. Anehbayah inthizaaru kuran. 🙂

  5. Inu says:
    January 17, 2017 at 12:26 pm

    Haadha nice ey dho

  6. Khajja says:
    January 17, 2017 at 6:23 pm

    Wow masha allah v rythi nxt prt avaskolladhybala pls

Comments are closed.

All Right Reserved!