އިޒްޔާންގެ ހިތް ރޮމުންދަނީއެވެ. އެހިތުގައި ވަނީ ރިހުމާއި ވޭނެވެ. މިއަދު އެހިތް އިތުރަށް ރޮއްވާލީ މަލަކާ އޭނާއާ ބެހޭގޮތުން ލިޔެފައިވާ އިބާރާތްތަކުންނެވެ. މަލަކާ ގައިގައި ޖެހުނީތީ މިހާރު އިޒްޔާން ވަރަށް ދެރަވެއްޖެއެވެ. އަނިޔާ ލިބިފައިވާ ކުއްޖަކަށް އިތުރު އަނިޔާއެއް ދެވުނީތީ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އެއީ އެވަގުތު ރުޅީގެ މައްޗަށް ބުއްދި އިސްނުކުރެވުމުން ވީގޮތެވެ. ފަތިސްވީވެސް އިޒްޔާން އެހާލުގައި ކުޑަދޮރު ކައިރީގައި ހުއްޓައެވެ. އިރުގެ ދޯދިތައް ލޮލަށް އެޅެން ފެށުމުން އިޒްޔާން ކުޑަދޮރު ކައިރިން ދުރަށް ޖެހިލިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް އެނދުގައި އިށީނެވެ. އަނެއްކާވެސް ފޮތްނަގާ މަލަކާ އެންމެފަހުން ލިޔެފައިވާ ޞަފުހާ ކިޔަންފެށިއެވެ. މިގޮތަށް ތަކުރާރުކޮށް އިޒްޔާން އެޞަފުހާ ކިޔާފައި ރުޔެވެ. ލޯބީގައި އޭނާއަށް މިކުރެވުނީ ހީވެސް ނުކުރާ ކަހަލަ ތަޖުރިބާއެކެވެ.
“އިޒް! އިޒް!” ދޮރުގައި ޓަކިޖަހަމުން ލޫތު ގޮވާއަޑަށް އިޒްޔާންއަށް ލޯހުޅުވާލެވުނެވެ. އިޒްޔާން އެއޮތްގޮތަށް އޮވެ ވިސްނާލިއެވެ. ރޭގައި ނުނިދާ ހުރުމުން ހެނދުނު ނިދުނުގޮތަށް އެހޭލެވުނީ ލޫތު ގޮވާއަޑަށެވެ. އިޒްޔާން ތެދުވެގެން ގޮސް ދޮރު ހުޅުވިއެވެ.
“އިޒް! ކޯއްޗެއް ތިހަދަނީ؟ ހާދަ އިރެއް ވެއްޖެއޭ ގޮވާތާ. ގުޅާގުޅާ ފޯނު ނުނެގީމަ މިއައީވެސް.” ލޫތު ބުނެލިއެވެ.
“ނިދިފަ އޮތީމަ ނޭނގުނީ. ކަމަކުތަ ތިއައީ؟” އިޒްޔާން ވަރުބަލި ގޮތަކަށް ގޮސް އެނދުގައި ޖައްސާލިތަން ބަލަން ލޫތު ހުއްޓެވެ.
“އިޒް ރަނގަޅުތަ؟ ހާދަ ބަލި ވައްތަރު ޖަހައޭ.” ލޫތު އަހާލިއެވެ.
“ނޫން. ބައްޔެއް ނޫން. އެއީ ރޭގަ ނުނިދާ އުޅުނީމަ ހީވާގޮތް.” އިޒްޔާން އަވަސްއަވަހަށް ބުންޏެވެ.
“ނުނިދާ ކީއްކުރީ؟ އަނެއްކާ ކަމެއް އުޅެނީތަ؟ އަންގާލައިގެން އުޅުނިއްޔާ އެހީއެއްވެސް ވެވޭނީ.” ލޫތު ބުނެލިއެވެ.
“ތިހީކުރާ ކަހަލަ ކަމެއްނުވޭ. އެއީ ރޭގަ ފޮތެއް ކިޔަންވެގެން ނުނިދާ އޮތީ.” އެހެން ބުނެފައި އިޒްޔާންއަށް ބަލާލެވުނީ ލޫތުގެ މޫނަށެވެ. ކުއްލިއަކަށް އިޒްޔާން އަނެއް ފަރާތުގައި އޮތް ފޮތް ބާލީސްދަށަށް ކޮއްޕާލިއެވެ. މިތަން ލޫތުއަށް ފެނުނުނަމަވެސް ނުފެންނަކަމަށް ހަދާލީ ގަސްތުގައެވެ. އިޒްޔާންގެ ހަރަކާތްތައް ހުރިގޮތުން އެވާހަކަދައްކަން އޭނާ ބޭނުންނުވާކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެއެވެ. އިޒްޔާން ބަލާ އައީ ޕާޓީ ބާއްވާނެ ރަނގަޅު ތަނެއް ހަމަޖެއްސުމަށްކަމަށް ލޫތު ބުންޏެވެ. އިޒްޔާން ދާން ކިތަންމެ ބޭނުންނުވިޔަސް ރަހުމަތްތެރިކަމަށްޓަކައި ދާންވެސް ޖެހެއެވެ.
“ލޫއްޕެ މަޑުކޮށްލާ. އަހަރެން ރެޑިވެލައިގެން ދެވޭނީ.” އިޒްޔާން ބުނެލިއެވެ. “އޯކޭ”އޭ ބުނެފައި ލޫތު ސޯފާގައި ލެނގިލިއެވެ. އަދި އިޒްޔާން ނުކުންނަންދެން މަޑުކޮށްލިއެވެ. އިޒްޔާން ފާޚާނާއަށް ދަމުން ދިޔައީ އެފޮތް ނަގާ ދަބަހަށްލާ ތަޅުލާފައެވެ. އެއީ މަލަކާގެ އަމާނާތެކެވެ. އޭނާ ފުރާނައިން ޤުރުބާންވެގެންވެސް އެއަމާނާތް ހިމާޔަތްކުރަން ޖެހޭނެއެވެ.
އިޒްޔާންއާ ލޫތު ދިޔައީ ލޫތުގެ ގެއަށެވެ. ޕާޓީގެ ހުރިހާ ކަމެއްގައި އިޒްޔާންގެ އެހީތެރިކަން ލޫތު ބޭނުންވެއެވެ. އިޒްޔާންއަށް ގެއަށް އާދެވުނުއިރު މެންދަމު ބާރަ ޖަހައިފިއެވެ. އިޒްޔާން މޯޅިއަކަށް ދެމިލިއެވެ. ވަރުބަލިވެފައިވާތީ އިޒްޔާން ބޭނުންވީ އަވަހަށް ނިދާލާށެވެ. ކައިވެނީގެ ކާޑްތައް ތައްޔާރުކުރަން މާދަމާވެސް ލޫތުގެ ގެއަށް ދާން ޖެހޭތީއެވެ. އިޒްޔާންއަށް ވަރަށް އަވަހަށް ނިދިއްޖެއެވެ. ފަތިހު ފަތިހާ ތެދުވެގެން އިޒްޔާން ދިޔައީ މިސްކިތަށެވެ. މިސްކިތުން އައިސް އަނެއްކާވެސް ޖައްސާލީ ނިދާލެވޭތޯއެވެ. ނަމަވެސް ލޫތު ގުޅާފައި ކޮފީއަކަށް އައުމަށް ބުނުމުން ނިދޭގޮތެއް ނުވިއެވެ.
ދުވަސްތައް ފާއިތުވަމުންގޮސް ލޫތުގެ ކައިވެނިކުރެވޭ ދުވަސް އައިސް ޖެހިއްޖެއެވެ. މިއަދަކީ ލޫތުއާ މިލީގެ އަލަތު ކައިވެނިކުރެވޭ ދުވަހެވެ. މިލީވެސް މިހާރު ހުރީ ކައިވެންޏަށް ތައްޔާރުވެގެންނެވެ. ކައިވެނީގެ ކަންތައް އެންމެ ފުރިހަމަ ގޮތުގައި ކޮށް ނިންމާލެވުނީތީ އިޒްޔާންއާ ލޫތު ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. ޕާޓީ ނިންމާފައި އެންމެން ދިއުމުން އިޒްޔާންވެސް ގެއަށް ދާން ހިނގައިގަތެވެ.
“އިޒް ދަނީތަ؟ އަދި ނުވެސް ކައެއްނު ތިއުޅެނީ. އާދޭ އަހަރެމެންނާއެކު ކައިގެން ދާން.” ލޫތު ބުނެލިއެވެ.
“ނޫން. މިހާރު މާބޮޑަށްވެސް ލަސްވެއްޖެ. އެކޮޅަށް ގޮސް ގޮތެއް ހަދާލާނީ. މިރޭ ފަތިހު ފުރަން ޖެހޭއިރު ނިދާލަންވެސް ޖެހޭނެއެއްނު. އޯކޭ ބާއި. ޓޭކް ކެއަރ. ދެކުދިންނަށްވެސް ބާއްޖަވެރި ރެއަކަށް އަދި ދުވަސްތަކަކަށް އެދެން.” އިޒްޔާން ބުންޏެވެ.
“އިޒް! އޯލް ދި ބެސްޓް. އެކޮޅަށް ގޮއްސަ ވާނުވާ އަންގާތި. އަސްލު އަހަރެން މިހުރީ ވަރަށް އުފާވެފަ. އިޒް އިތުރަށް ކިޔަވަން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް.” ލޫތު އުފާވެފައި ބުނެލިއެވެ.
“ދެން މަވެސް ވާނެތާ ކޮންމެވެސް ރަނގަޅުކަމެއް ކުރަން. ކިޔެވުމުގެ އެއްބައި ނިންމާފަ އޮތީމަ ނުވެއެއްނު އެއްޗަކަށް. އަނެއްކޮޅުން ޑޭޑްގެ ހުވަފެނެއް އަހަރެން ބިޒިނަސްއިން މާސްޓަރސް ހެދުން.” އިޒްޔާންއާ ލޫތު ވާހަކައިގައި ތިއްބާ އެތަނަށް މިލީ އައެވެ. އަދި ވަރަށް ބަނޑުހައިކަމަށް ބުންޏެވެ. ލޫތުއާ ވަކިވުމުގެ ސަލާމްކޮށްލާފައި އިޒްޔާން ގެއަށްދާން ނުކުތެވެ.
އިޒްޔާން ކިޔަވަން ފުރާތީ އަޒްފާއާއި ފަޔާޒް ތިބީ ވަރަށް އުފާވެފައެވެ. އިޒްޔާން ބިޒިނަސްއިން ޑިގްރީ ނަގައިގެން އައިސްފައި ދެން ނުދާން އުޅުމުން ފަޔާޒް ހުރީ ވަރަށް ދެރަވެފައެވެ. އޭނާގެ އުންމީދުތައް ގުޅިފައިވަނީ އިޒްޔާންއާއެވެ. މިއަދު އޭނާ މުސްކުޅިވެ ގައިބާރު ދެރަވާއިރު، މިއޮއްބޮޑު ވިޔަފާރި ބެލެހެއްޓޭވަރުގެ ކުއްޖަކު އޭނާގެ ނެތުމުން އެކަމާ ފަޔާޒް ވަރަށް ހިތާމަކުރެއެވެ. އޭނާ އެދެނީ ކިޔަވާ ނިންމައިގެން އައިސް އިޒްޔާން އޭނާގެ ވިޔަފާރިއާ ހަވާލުވާށެވެ.
“ދަރިފުޅާ ޔާން! އެކޮޅަށް ގޮއްސަ މަންމައަށް ގުޅާތި.” އިޒްޔާން ސިޑިން ފައިބައިގެން އައިސް އަޒްފާ ގާތަށް ހުއްޓުމުން އަޒްފާ ވަރަށް ލޯބިން ބުނެލިއެވެ. އޭނާގެ ހިތަށް ހަމަޖެހުން ލިބޭނީ އިޒްޔާން އެކޮޅަށް ގޮސްފައި އޭނާއަށް ގުޅީމައެވެ.
“ލައްބަ މޯމް. ގުޅާނަން.” އިޒްޔާން އަޒްފާގެ ދެކޮނޑުގައި ހިފާ ގާތްވެލަމުން ބުނެލިއެވެ. އެވަގުތު ސިޑިން ފައިބައިގެން އައި ދާއިންގެ އަޑަށް ދެމީހުންވެސް ބަލާލިއެވެ.
“ދޮންބެ ދިޔައިމަ ހާދަ ފަޅުވާނެއޭ ދޯ މޯމް. މަވެސް ދާންވީ ދެން ކޮންމެވެސް ކޯހެއް ހަދަން. މަ ނުކިޔަވާ ހުއްޓާ އެންމެން ކިޔެވީމަ މަށަށް އެލިބެނީ ހާދަ ބޮޑު ހުތުރެކޭ. އެހެންވީމަ މިއަދު ޑޭޑް ގާތު ބުނާނަން މަވެސް ބޭނުމޭ ކިޔަވަން.” ދާއިން ބުނެލިއެވެ.
“ދެން މަންމަގެ ދެކުދިން އެއްފަހަރާ ފުރީމަ މަންމަ ހާދަ ފޫހިވާނެއޭ. ޔާން ޗުއްޓީގަ އަންނާނެއެއްނު. އޭރަކުން ފޫއްސެއް ނުވާނެއެއްނު.” އަޒްފާ ދާއިންއަށް ބުނެލިއެވެ.
“ނޫން މޮމް. އިޒް ބޭނުންވަނީ އެއްކޮށް ނިންމާފަ އަންނަން. ދެން އިޒް ނުފެނި ލަސްވަންޏާ މޮމްމެން އާދޭ އެކޮޅަށް.” އިޒްޔާން އޭނާ ނިންމާފައިވާ ގޮތް ކިޔައިދިނެވެ. އިޒްޔާންގެ ނިންމުން އަޑުއިވިފައި އަޒްފާއަށް ބަލާލެވުނީ ދާއިންގެ މޫނަށެވެ. ދާއިންވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިޒްޔާންއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެންމެނަށްވެސް އެނގެއެވެ. އެއީ ކުރީގެ އިޒްޔާންބާއޭވެސް އަޒްފާގެ ހިތަށްއެރިއެވެ. ކުރީގައި ކިޔަވަން ގޮސް ހުރިއިރު އެންމެ ދުވަހެއް ލިބުނަސް އަންނާނެއެވެ. އަޒްފާ އޭނާގެ ހިތަށް ވިސްނައިދިނީ އެކޮޅަށް ދިއުމުން އިޒްޔާންގެ ޚިޔާލު ބަދަލުވާނެކަމަށެވެ. އެވަގުތު ފަޔާޒް އައިސް ދާން ބުނުމުން އެންމެން އެކުގައި ހިނގައިގަތެވެ. އިޒްޔާން ފުރުވަން އޭނާގެ ބައެއް ރައްޓެހިންވެސް ހުޅުލެއަށް ދިޔައެވެ.
**********
ފަސް އަހަރު ފަސް
އިޒްޔާން އިނީ ފްލައިޓްގައެވެ. މާލެ އާދެވޭތީ ހިތުގައިވާ ހިތްހަމަޖެހުމާއެކު ނުތަނަވަސްކަމެއްވެސް ވިއެވެ. މަލަކާއާމެދު އަދިވެސް އޭނާއަށް ވިސްނެއެވެ. ފަސްއަހަރު ވޭތުވެ ދިޔައިރުވެސް މަލަކާގެ މަތިން ހަނދާނެއް ނުނެތުނެވެ. ކިޔެވުމައިގެން އެހާ ބުރަކޮށް އުޅުނީވެސް އެހަނދާންތަކާ ދުރުވެވޭނެ ކަމަށެވެ. ނަމަވެސް އެކަމެއް ނުވިއެވެ. އިޒްޔާން އިނީ ގެއަށްދެވުން ލަސްވެފައެވެ. ލޯބިވާ މަންމައާއި ބައްޕަ ދެކިލާހިތުންނެވެ. ފަސްއަހަރު ވޭތުވެދިޔައިރު އެއްފަހަރުވެސް އިޒްޔާންއަށް އޭނާގެ މަންމައާ ބައްދަލުވެފައެއް ނުވެއެވެ. ފޯނުން ގުޅައިގެން ވާހަކަދެއްކެނީވެސް މަދު ފަހަރަކުއެވެ. ވޭތުވެދިޔަ ފަސްއަހަރުގައި އެތައްކަމެއް ވަނީ ބަދަލުވެފައެވެ. މަންމައަށް ހާޓް އެޓޭކެއްޖެހި އެކަމުގައި ދެއަހަރު ހޭދަކުރަން ޖެހުނެވެ. އަޒްފާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު މިދުނިޔެ ދޫކުރި ޚަބަރު ލިބުމުން އަޒްފާގެ ހިތަށް ކެތްނުވީއެވެ.
ޔާނާގެ މަރުގެ ޚަބަރުވީ މުޅި އާއިލާއަށް ލިބިގެންދިޔަ ފުން ހިތާމައަކަށެވެ. އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިނދެ ވިހަންވަންދެން ޔާނާ އުޅުނީ އަޒްފާ ގާތުގައެވެ. ދެކުދިންވީމަ ޖެހުނީ އޮޕަރޭޝަން ކުރާށެވެ. އޮޕަރޭޝަން ކޮށްގެން ނެރުނުތާ މާގިނައިރެއް ނުވެ ޔާނާގެ ހާލު ސީރިއަސްވެގެން އައިސީޔޫއަށް ގެންދެވުނެވެ. ޑޮކްޓަރުން ކިތަންމެ މަސައްކަތްކުރިނަމަވެސް ކާމިޔާބެއްނުވިއެވެ. ޔާނާ މިދުނިޔެ ދޫކޮށް ދިޔައީއެވެ.
އަޒްފާއާއި ފަޔާޒް އެދުނީ އެދެކުދިން އެމީހުންނާ ހަވާލުކޮށްދިނުމަށެވެ. އެކަމާ ދެއާއިލާ ދޭތެރޭގައި ކުޑަ ދެބަސްވުމެއްވެސް ހިނގިއެވެ. އަޒްފާ އޮތް ހާލުން ކުޑަ ދެކުދިން ނުބެލޭނެކަމަށް އެމިހުން ބުނަމުންދިޔައެވެ. ފަޔާޒް އެތައް އާދޭހެއް ކުރުމުން އެންމެފަހުން އެއާއިލާއިން އެއްބަސްވީއެވެ. މިހުރިހާ ކަމެއް ހިނގިއިރު އިޒްޔާން ހުރީ އާއިލާއާ ވަރަށް ދުރުގައެވެ. ކިޔެވުން މެދުކަނޑާލާފައި އަންނަން އިޒްޔާން ބޭނުންވިއެވެ. ނަމަވެސް ފަޔާޒް ގުޅާފައި އެތައް ގޮތަކުން ވިސްނައިދިނުމުން އިޒްޔާން އެޚިޔާލު ދޫކޮށްލީއެވެ.
އިޒްޔާންއަށް ގެއަށް އާދެވުނުއިރު ގަޑިން ރޭގަނޑު އެގާރަވެސް ޖަހައިފިއެވެ. އިޒްޔާން ތަޅުދަނޑި ނަގާ ގޭގެ ބޮޑުދޮރު ހުޅުވާލިއެވެ. މިހާރު ގޭގެ އެންމެން ތިބޭނީ ނިދާފައިކަން އިޒްޔާންއަށް އެނގެއެވެ. އިޒްޔާން އެއައީ އެއްވެސް މީހަކަށް ނާންގައެވެ. އޭނާ ބޭނުންވީ ގޭމީހުންނަށް ސަޕްރައިޒެއްދޭށެވެ. މަޑުމަޑުން އެތެރެއަށްވަދެ ދޮރު ލެއްޕިއެވެ. އެއަށްފަހު ސިޓިންގރޫމުގައި ފޮށިތައް ބަހައްޓާފައި އޭނާ ދިޔައީ ބަދިގެއަށެވެ. އޭނާ އެހުރީ މެންދުރު ކެއި އެއްޗަކާއެކުއެވެ. މިހާރު ބަނޑުހައިވެގެން މަރުވާވަރު ވެއްޖެއެވެ. އަވަސް ފިޔަވަޅުތަކެއްގައި ބަދިގެއާ ދިމާލަށްދިޔަ އިޒްޔާން ސިހުނީ ބަދިގެ ދިއްލާފައި ހުރުމުންނެވެ. އަދިވެސް މަންމަ ނުނިދަނީތާއޭ އިޒްޔާންގެ ހިތަށްއެރިއެވެ. އެވަގުތު މޮޅު ޚިޔާލެއް އޭނާގެ ވިސްނުމަށް އައެވެ.
މަންމަ ސިއްސުވާލަން ރާވައިގެން ގޮސް ބަދިގެ ދޮރުމައްޗަށް އެރި އިޒްޔާންއަށް ލިބުނީ ކުއްލި ސިހުމެކެވެ. ކުރިމަތިން ފެންނަންހުރީ ޒުވާން އަންހެންކުއްޖެކެވެ. ގަޔަށްދޫ މަތިކޮޅަކާއި ދޫ ހަރުވާޅެއްގައި ހުރިއިރު އިސްތަށިގަނޑު ވަނީ މިނިވަންކަމާއެކު ދޫކޮށްލާފައެވެ. އެއަންހެންކުއްޖާ ހުރީ ދޮރަށް ފުރަގަސްދީގެން ފުރިޖުން ފެންފުޅިއެއް ނަގާށެވެ. އެހެންކަމުން އެއަންހެންކުއްޖާގެ މޫނެއް ނުފެނެއެވެ.
އެއަންހެންކުއްޖާ ފުރިޖުގެ ދޮރު ލައްޕާލުމުން އިޒްޔާންއަށް ނޭވާ ހިފަހައްޓާލެވުނެވެ. އެކުއްޖާ ދޮރު ލައްޕާލާފައި އެނބުރުނު ވަގުތު ކުއްލިއަކަށް ފަހަތުން މީހަކު ގޮވާލި އަޑަށް އިޒްޔާން ފަސްއެނބުރި ބަލާލިއެވެ. އެހެންކަމުން އެއަންހެންކުއްޖާގެ މޫނެއް އިޒްޔާންއަކަށް ނުފެނުނެވެ. ފަހަތުގައި ހުރީ އޭނާގެ މަންމަ އަޒްފާއެވެ. އެތައް އަހަރަކަށްފަހު މަންމަ ފެނުމުން އުފަލުން ގޮސް އިޒްޔާން އަޒްފާ ގައިގައި ބައްދާލިއެވެ. އަޒްފާ ބަލިވެ އުޅޭތީ ވަރަށް ހިއްކެވެ. އެރީތި މޫނުމަތިވަނީ މިލާ މޯޅިވެފައެވެ. ޔާނާ ވަކިވެދިޔައިރު ދެން ތިބި ދެދަރިންވެސް ތިބީ އެހާ ދުރުގައެވެ. އެދުވަސްވަރު ދާއިންވެސް ހުރީ ޓްރެއިނިންގއެއްގައި ރާއްޖޭން ބޭރުގައެވެ.
“މޯމް ކިހިނެއްތަ؟” އިޒްޔާން އަހާލިއެވެ.
“މަންމަ ރަނގަޅު. އަންގާވެސްނުލާ ތިއައީ ކީއްވެ؟” އަޒްފާ ޝަކުވާކުރިއެވެ.
އެއީ މޮމްއަށް ސަޕްރައިޒެއް ދޭންވެގެން. ވަރަށް ބަނޑުހައިވެއްޖެ. ނެތްތަ ކާއެއްޗެއް؟” އިޒްޔާން ބަނޑުގައި އަތް ހާކާލަމުން އަހާލިއެވެ.
“ޔާން އަންނަ ވާހަކަ ބުނިނަމައެއްނު މަންމައަށް ރަނގަޅު ކާއެއްޗެއްވެސް ހެދޭނީ. ދެން މިގަޑީ ނޫޑްލްސްއެއް ހަދާލީމަ ރަނގަޅުވާނެ ދޯ؟ ދޭ އަވަހަށް ފްރެޝްވެލައިގެން އަންނަން. ޔާން އަންނަންވާއިރަށް މަންމަ ނޫޑްލްސް ތައްޔާރުކޮށްލާނަން.” އިޒްޔާން ހީލަމުން ފޮށިތައް ހިފައިގެން ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އަޒްފާ ބަދިގެއަށް ވަތް ވަގުތު ފާރު ކައިރީ ލެނގިލައިގެންހުރި އާޝިޔާ ފެނުނެވެ.
“އާޝިޔާ! ކިހިނެއްވީ؟ ކީއްވެ ބުރުގާ ނާޅާ ތިހުރީ؟” އާޝިޔާ ސިހުނީ އަޒްފާގެ އަޑަށެވެ. އަދި އަވަސްއަވަހަށް ބޯދިއްކޮށްލީ އެޒުވާނާ ހުރިތޯއެވެ.
“އެއީ ދައްތަގެ ދަރިފުޅުތަ؟ ނަސީބެއް ދައްތަ އައިކަން. އެހެންނޫންނަމަ އޭނައަށް އަހަރެން ފެނުނީސް. ނޭނގޭނެއެއްނު މިގަޑީ މީހަކު އަންނާނެކަމެއް. އަހަރެން އަންނާނަން އެއްޗެހި ބަދަލުކޮށްލައިގެން.” އާޝިޔާ މޭގައި އަތްއަޅާލަމުން ބުނެލިއެވެ.
“އާޝިޔާ ނަޔަސް އެންމެ ރަނގަޅު. ދައްތަ މިކަން ކޮށްލަފާނަން. ވަރަށް ދުވަސްވެއްޖެ ޔާންއަށް ދައްތަ އަތުން އެއްޗެއް ކައްކާފަ ކާންނުދޭތާ.” އަޒްފާ އެހެން ބުނުމުން އާޝިޔާ އަވަހަށް ގޮސް ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ.
އިޒްޔާން ތައްޔާރުވެލައިގެން އައިއިރު އަޒްފާ ހުރީ ނޫޑްލްސް ކައްކާ ނިންމާފައެވެ. އިޒްޔާން އައިސް ގޮނޑީގައި އިށީނުމުން އަޒްފާ ތަށި ގާތްކޮށްލައިދީފައި ކައިރީ ހުރި ގޮނޑީގައި އިށީނެވެ. އޭނާގެ ދަރިފުޅަށް ބަލަހައްޓައިގެން އިނެވެ. އެތައް ދުވަހަކަށްފަހު ލޯބިވާ ދަރިފުޅު ފެނުމުން ކޮންމެ މަޔަކަށްވެސް ވާގޮތަކީ މިއެވެ.
“މޯމް! އެއީ ކޮން ކުއްޖެއްތަ؟” އިޒްޔާން އަހާލިއެވެ.
“ކޮބާ؟” އަޒްފާ ނޭނގޭކަމަށް ހަދާފައި އަހާލިއެވެ.
“ދެންމެ ބަދިގޭގަ ހުއްޓެއްނު.” އިޒްޔާން އޮޅުންފިލުވައިދިނެވެ.
“އެއީ އާޝިޔާ. ޔާނާގެ ދެކުދިން ބަލަން ގެނެސްގެން އުޅޭ ކުއްޖެއް. ވަރަށް ރަނގަޅު ކުއްޖެއް.” އަޒްފާ ބުނެލިއެވެ.
“މޯމް! މިހާރުގެ ކުދިން ތިބޭ ގޮތަކުން ނޭނގޭނެ. ފެންނަ ފެނުމާ ހަޤީޤަތާ މީ ދެއެއްޗެއް.” އިޒްޔާން ކަމުން ބުނެލިއެވެ.
“ތިބުނީ ރަނގަޅު ވާހަކައެއް. އެކަމަކު އާޝިޔާއަކީ އެއަށްވުރެ މާރަނގަޅު ކުއްޖެއް. މަންމަ ޓެސްޓްތައް ހަދަން ބޭރަށް ދާއިރުވެސް މިދަނީ ހުރިހާ ކަމެއް އާޝިޔާއާ ހަވާލުކޮށްފަ.” އަޒްފާ ވާހަކަދެއްކީ އާޝިޔާއާ އެއްކޮޅަށެވެ.
“ދެން މޯމްއަށް އިތުބާރު އޮތިއްޔާ ރަނގަޅު.” އިޒްޔާން ކައި ނިމިގެން ތެދުވެ ނޫޑްލްސް މީރުކަމަށް ބުނެ ތަޢުރީފުކޮށްލިއެވެ. އިޒްޔާން ނިދަން ދަމުން މަންމައާ ރޭގަނޑުގެ ސަލާމްކޮށްލިއެވެ.
އިޒްޔާން ތެދުވެ މޯޅިއަކަށް ދެމިލާފައި ގަޑި ބަލާލިއެވެ. ގަޑިން އަށެއް ޖަހަނީއެވެ. އިޒްޔާން ފުންމައިގެން ތެދުވިއެވެ. އަވަސްއަވަހަށް ތައްޔާރުވެގެން ތިރިއަށް ދިޔައިރު ހުރީ ސައި ތައްޔާރުކޮށްފައެވެ. ކާގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތުމުން އިޒްޔާން އަޒްފާއަށް ގޮވާލަން އުޅުނުވަގުތު ކަޅުކުލައިގެ ބޮޑު ހެދުމެއްގައިހުރި އަންހެންކުއްޖެއް އިޒްޔާންގެ ލޮލުގައި އަޅައިގަތެވެ. އޭނާ ހުރީ ޒިންކު ކައިރީގައި ދޮރަށް ފުރަގަސްދީގެންނެވެ. އިޒްޔާން ވިސްނާލަން ހުރެފައި ވަރަށް ބާރަށް އާޝިޔާއޭ ކިޔާ ގޮވާލިއެވެ. އެއްވެސް މީހަކު ނެތް ހަމަހިމޭން ކާގޭތެރޭގައި އެކަނިމާއެކަނި ހުރި އާޝިޔާ ސިހުނުވަރުން އަތުގައި ހުރި ތަށި ވެއްޓި ތެޅުނެވެ. އާޝިޔާ ހުރީ ހަދާނެގޮތެއް ނޭނގި އިޒްޔާންއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އިޒްޔާންވެސް ކުޑަކޮށް ހާސްވިއެވެ.
“އަނެއްކާ ފައިމައްޗަށްތަ ތަށި ވެއްޓުނީ؟ ސޮރީ ސިއްސުވާލެވުނީމަ.” އިޒްޔާން މާފަށް އެދިފައި ގަޑި ބަލާލިއެވެ. ގަޑި ޖެހޭތީ އިޒްޔާން ބެލީ އަވަހަށް އޮފީހަށް ދެވޭތޯއެވެ. މިހާރުވެސް މާބޮޑަށް ލަސްވެއްޖެއެވެ. އިޒްޔާން އޮފީހަށް ދިޔައިރު އޭނާގެ މެނޭޖަރަކަށްހުރި އާތިފް އޭނާ ލަސްވެގެން ގުޅަނީއެވެ. މިއަދަކީ އިޒްޔާންއަށް ވަރަށް ޚާއްސަ ދުވަހެކެވެ. އޭނާގެ ބައްޕަގެ ވިޔަފާރީގައި އިތުރު ބޮޅެއް އެޅިގެންދާނެ ދުވަހެކެވެ. މިއަދަކީ މެލޭޝިއާގައި ފައިވް ސްޓާރ ހޮޓެލްއެއް އެޅުމަށް މެލޭޝިއާގެ ބިޒިނަސް ޓީމްއަކާއެކު ސޮއިކުރެވޭ ދުވަހެވެ. ސޮއިކޮށް ނިންމާލާފައި އިޒްޔާން އޭނާގެ ބައްޕަ ފަޔާޒްއަށް ގުޅާލިއެވެ. މިހާރުވެސް ފަޔާޒް ހުރީ މެލޭޝިއާގައެވެ. މިއަދު ފަޔާޒް އުފާވެފައިވާވަރު އޭނާގެ އަޑުންވެސް އެނގިގެންދެއެވެ. މިކަމާ އިޒްޔާން ވަރަށް ހިތްހަމަޖެހުނެވެ.
އިޒްޔާން ގެއަށް އައިސް ވަތްއިރު އަޒްފާއާއި އާޝިޔާ ތިބީ ޓީވީ ބަލާށެވެ. އިޒްޔާން ބަލާލިއިރު އާޝިޔާ އިނީ މޫނު ބުރުގާ އަޅައިގެންނެވެ. އެހެންކަމުން އިޒްޔާންއަށް އޭނާގެ މޫނެއް ނުފެނެއެވެ. އިޒްޔާންއަށް އެގޮތަށް ނިވާވެގެން ތިބޭ ކުދިން ވަރަށް ކަމުދެއެވެ. އިޒްޔާން އައިސް ވަތްތަން ފެނުމުން އަޒްފާ އާޝިޔާ ގާތުގައި ކާންހަދަން ބުންޏެވެ.
“ނޫން މޯމް. މިއައީ ބޭރުން ކައިގެން.” އިޒްޔާން ބުނެލިއެވެ.
“ޔާންއަށް އެނގެއެއްނު ބޭރުން ކެއުމަކީ މަންމަ ހިތްހަމަޖެހޭ ކަމެއް ނޫންކަން.” އަޒްފާ ހިތްހަމަނުޖެހިފައި ބުންޏެވެ.
“މޯމް! އެނގެއޭ. އެކަމަކު މޮމްވެސް ވިސްނާލަބަލަ. އިޒްއަށް އާދެވޭއިރު ހުންނަނީ އެހާ ލަސްވެފަ. ދެން މޮމްއަށް ގޮވައިގެން ކާންހެދުން އެއީ އިޒް ބޭނުންވާ ގޮތެއްނޫން. އެހެންވެ އިޒް ނިންމީ ރޭގަނޑު ލަހުން އާދެވޭ ރޭރޭ ބޭރުން ކައިގެން އަންނަން.” އިޒްޔާން އައިސް އަޒްފާގެ ގާތުގައި އިށީންނަމުން ވާހަކަދެއްކިއެވެ. ދެން ކުރިމަތީ އިން އާޝިޔާއަށް ބަލާލަމުން ހީލިއެވެ. އިޒްޔާން އަޒްފާގެ އުނގުގައި ބޯއަޅާލުމުން އަޒްފާ ލޯތްބާއެކު އިޒްޔާންގެ ފަން އިސްތަށިގަނޑާއި ކުޅެލިއެވެ. އިޒްޔާން ލޯމަރާލީ ބޮލުގައި ރިއްސާފައި ހުރުމުންނެވެ. މަންމަގެ އުނގުގައި ބޯއަޅާލުމުން ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަން ފިލައިގެންދިޔައެވެ.
“ޔާން! ތިއޮއް ނިދެނީ. އަވަހަށް ދޭ ކޮޓަރިއަށް.” އިޒްޔާން ލޯހުޅުވާލަމުން ހިނިތުންވެލިއެވެ.
“މޯމްގެ އުނގުގަ އޮވެ ނިދާލަން ބޭނުމީ. ހާދަ ދުވަހެއްވެއްޖެއޭ މަންމަގެ އުނގުގަ އޮށޯވެނުލެވޭތާ.” އިޒްޔާން ބުނެލިއެވެ.
“މިއަދު ބައްޕަ ގުޅި. ޔާންއަށް ވަރަށް ތަޢުރީފުކުރި. ބައްޕަ ހުރީ ވަރަށް އުފާވެފަ. މަންމަގެ ދުޢާއަކީ ދަރިފުޅަށް ހުރިހާ ކަމެއްގަވެސް ކާމިޔާބު ދެއްވުން.” އަޒްފާ އިޒްޔާންގެ ބޮލުގައި ފިރުމަމުން ބުނެލިއެވެ.
“މޯމް! މިއަދު އިޒްވެސް ވަރަށް އުފާވެފަ މިހުރީ. އިޒް ބޭނުންވަނީ ބައްޕަގެ ވިޔަފާރި ދުނިޔޭގެ ފެންވަރުގަ ގުނާލެވޭވަރަށް ތަރައްޤީކުރަން.” އިޒްޔާން އޭނާ އުންމީދުކުރާގޮތް އަޒްފާއަށް ކިޔައިދިނެވެ.
“މަންމަ ދުޢާކުރާނަން.” އިޒްޔާން ދެލޯ މަރައިގެން އެއޮތްގޮތަށް އޮތީއެވެ. ތެދުވާކަށް ނޫޅުނެވެ. އެހެން އޮއްވާ އެންމެފަހުން އިޒްޔާންއަށް ނިދުނީއެވެ. އަޒްފާވެސް އިޒްޔާންއަށް ނުގޮވަންވެގެން ބޯދަށަށް ބާލީހެއް ލައްވާފައި ތެދުވިއެވެ. ކޮޓަރިއަށް ދަމުން އާޝިޔާ ގާތުގައިވެސް ނިދަން ދާން ބުންޏެވެ.
ސިޓިންގރޫމުގައިވަނީ ފަނޑު އަލިކަމެކެވެ. އެއަލިކަމުގައި އިޒްޔާން ފެންނަލެއް ވަކިން ފުރިހަމައެވެ. ކުރިމަތީގައި އިން އާޝިޔާ އިނީ އިޒްޔާންގެ ރީތިކަމަށް ގެއްލި ހުސްވެފައެވެ. އިޒްޔާން އޮތް ސޯފާ ކައިރިއަށް އާޝިޔާ ގެންދިޔައީ އެދެމެދުގައިވާ ކޮންފަދަ ބާރެއްކަމެއް ނޭނގެއެވެ. އަރާމު ނިންޖެއްގައި އޮތް އިޒްޔާންއަށް ބަލަހައްޓައިގެން އޭނާއަށް އިރުކޮޅަކު ހުރެވުނެވެ. އިޒްޔާންގެ ރީތިކަމަށް ހިތާހިތުން ތަޢުރީފުކުރެވުނެވެ. އިޒްޔާން މިހާރު މާ ރީއްޗެވެ. ކުރިއަށްވުރެ ފަލަވެލާފައި އެކަސްރަތީ ހަށިގަނޑު ކުރިއަށްވުރެ މާ ފިރިހެންވަންތައެވެ. އާޝިޔާއަށް މިކުރެވެނީ ކީއްކަން އެނގުމުން އަވަސްއަވަހަށް އެތަނުން ދާން ހިނގައިގަތެވެ. އެވަގުތު އިޒްޔާންގެ އަތް ސޯފާއިން ބޭރަށް ވެއްޓިފައި އޮތްތަން ފެނުމުން އައިސް މަޑުމަޑުން އެއަތް ނަގާ އިޒްޔާންގެ މޭމަތީގައި ބޭއްވިއެވެ. އެވަގުތު އިޒްޔާން ލޯހުޅުވާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
42 Comments!
Comments are closed.






V v v reethi next part avas
ޝުކުރިއްޔާ ޒުމް
I hat aashiyaaa.. keehkuran ai myheh. Eulheny yaan katuvaalan. V foohi vey..
ހެހެހެ ހައްވޫ! ދެން އެހާ ފޫހިނުވޭ
V nice mi part
ޝުކުރިއްޔާ އަލްމާ
malaka kanneynge eulheny nan badhal koggen…
އެނގިދާނެތާ
E maahey hen heyvani, vrah salhi
ޝުކުރިއްޔާ ޝިޒް
Mirey adhi 1 part saandy vvv nice. bt aashiyaa keehkuran genaee.
ޝުކުރިއްޔާ ހައްވޫ! އިރާދަކުރެއްވިއްޔާ މާދަމާ 12ވަނަ ބައި ގެނެސްދޭނަން
V reethi mi part ves
ޝުކުރިއްޔާ ނާދީ
Ashiya a e malakaa
އެނގިދާނެތާ
Aashiya aky izz ge malakaa dhw ❤
އެނގިދާނެތާ
Heevanee malakaahen vv reethi
ޝުކުރިއްޔާ މަރީ
omg. is that malakaaaaa??!!!
މޭބީ ދޯ އިމޭޖިނޭޝަން
Aashiyaa malakaa ah vehjjeyyaa kithanme haavs rangalh. Eyrun ixx ah ufaluge kolheh nethehnnu hehehe. Ekam aharenge hithah arany ixx ge mom ah vx aee malakaa viyya engeyney dho.. waiting
އާނ ދޯ ހައްވޫ
I think aashiya aky malakaa dhow, name badhal kohfa
ޝުކުރިއްޔާ ޔަލްވީ
Aashiyaa aky izge malakaa hen hyvany..maahy moonu burugaa alhaegen miulheny meehakah eynage goih engidhaanethy dw…btw vvv reethi mi vhk….kon irakun nxt episd up vaany??
ޝުކުރިއްޔާ ޝައި ބިއުޓީ! އިރާދަކުރެއްވިއްޔާ މާދަމާ 12ވަނަ ބައި ގެނެސްދޭނަން
Wow salhi waiting hama next part ge
ޝުކުރިއްޔާ އިނޫ! އިރާދަކުރެއްވިއްޔާ މާދަމާ 12ވަނަ ބައި ގެނެސްދޭނަން
V furihama next part maadhan kiyene thr …kehmadhu vefa mihury
ޝުކުރިއްޔާ މަލަކާ! އިރާދަކުރެއްވިއްޔާ ލިބޭނެ
wow v reethi vaahaka malakaa hen heevany ehnun a e hama malakaa
ޝުކުރިއްޔާ ދޫނި
salhi… waiting 4 next part..
ޝުކުރިއްޔާ ހީލް
Warah salhi. Awahah next part genes dhehvaa cant wait ?
ޝުކުރިއްޔާ މަލް! އިރާދަކުރެއްވިއްޔާ މިރޭ 9ގެ ކުރިން ގެނެސްދޭނަން
Hama kehmadu vefa mihunnany…. Nxt part avas avas…
ޝުކުރިއްޔާ ޝިފޫ! އިރާދަކުރެއްވިއްޔާ މިރޭ 9ގެ ކުރިން ގެނެސްދޭނަން
Vahakain v hamanujehey thathah ebahuri sishaigengos balailivaguthu mishaalakah evaguhuves aashiyaa ge moonu alhaafa hurikan neygun e ee fahun geyah aivaguthu eguneee e ee moonu alhigen ulhey kujjekan hamanujeheydhw ella
ޝުކުރިއްޔާ އާސިޔާގެ ޚިޔާލަށް… އެގަޑީ އާޝިޔާ އުޅުނީ ބުރުގާ ނާޅައެއްނު ނުކުމެ… އެހެންވެ އެގަޑީ މޫނުވެސް ނާޅާ އެހުރީ