ރަޝީދާ އިންގޮތަށް އިންދާ ބެލް ޖެހި އަޑު އިވުނެވެ. އެވަގުތު ނޯކަރެއް ފެންނަން ނެތީތީ ރަޝީދާ އަމިއްލައަށް ތެދުވެގެން ގޮސް އެ ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނަ ހުއްޓުން އެރިއެވެ. އޭނަގެ ކުރިމަތީގައި ކުޑަ ކުއްޖަކު އުރާލައިގެން ހެދުން ފޮށްޓަކާއެކީ ހުރީ ކާކުކަން ޤަބޫލުކުރަން ވެސް ރަޝީދާއަށް ދަތިވިއެވެ.
“ވިސާމް….” ރަޝީދާގެ އަނގައިން ނިކުތީ ވައި އަޑެކެވެ. ހަމަ އިސާހިތަކު އެލޮލަށް ޖަމާވެގަތް ކަރުނަތަކާއެކީ ރަޝީދާއަށް އޭނަގެ އަނގަމަތީގައި ދެއަތް އަޅާލެވުނެވެ. އެވަގުތު ވިސާމްގެ މޫނުމައްޗަށް ވެސް ވެރިވެފައިވީ ހިތާމަވެރިކަމެވެ. މި ދުނިޔޭގައި އޭނަދެކެ ލޯބިވާ އެކަކު އެބަހުރިކަން އިޙްޞާޞް ކުރެވުމުން އޭނަގެ ލޮލަށް ވެސް ކަރުނަތައް ޖަމާވިއެވެ. އޭނަ ބަލަބަލާހުއްޓާ މަންމަ އޭނަގެ ގައިގައި ބައްދާލުމުން ވިސާމްގެ ޒަޚަމްތަކުން ފުރިގެންވި ހިތަށް ފިނިކަމެއް ލިބުނެވެ. އެހެނަސް މަންމަގެ ގިސްލުމުގެ އަޑު ނުހަނު ގާތުން އިވިފައި އޭނަގެ ހިތް ރޫރޫއެޅިއެވެ.
“ވިސާމް ކޮންތާކުތަ މިހާ ދުވަހު ހުރީ މަންމަ ދޫކޮށްލާފަ ގޮސް؟ ނޭނގެނީތަ މަންމަ ވިސާމްމަތިން ހަނދާންވާނެކަން؟ ނޭނގެނީތަ ވިސާމް ކެކުޅުމުގަ އުޅޭއިރު މަންމަ ނިދި ނާންނާނެކަން؟ ބުނެބަލަ!” ރަޝީދާ ރޮވިފައިވާ އަޑަކުން އެތައް ސުވާލެއް އެއްފަހަރާ ކުރުމުން ވިސާމްގެ ލޮލުން ވެސް ކަރުނަތައް ފައިބައިގެން އައެވެ. އޭނައަށް މިފަދަ ލޯތްބެއް މި އިޙްޞާޞް ކުރެވެނީ އެތައް ދުވަހެއްފަހުންކަން އެނގުންވުމުން ވިސާމް އެ ވަގުތުކޮޅުގައި އެގޮތަށް ހުންނަން ބޭނުންވިއެވެ. އޭނައަށް މި މަންމަ ދޫކޮށްފައި ދެވުނީވެސް ކީއްވެބާއޭ އެވަގުތު ހިތަށްއެރިއެވެ. ވިސާމް އެއްއަތުން މަންމަގެ ގައިގައި ބައްދާލަމުން ދެލޯ މަރާލިއިރު އޭނަގެ އަނެއް އަތް މަތީގައި މިޝްކާ ރަޝީދާއަށް ބަލަން ހުއްޓެވެ. މާ ގިނައިރެއްނުވެ މިޝްކާ ރަޝީދާގެ ބޮލުގައި އަތް އަޅައި ކޮއްޕަން ފެށުމުން ރަޝީދާގެ ރުއިން ހުއްޓުނެވެ.
“އެއީ ކޮން ކުޑަކުޑަ އަތެއްތަ މާމަގެ ބޮލުގަ އެ ޖެހެނީ؟” ރަޝީދާ ވިސާމްގެ ގައިން ދުރުވެލަމުން ރާގަކަށް އަހާލިއިރު އެ މޫނުމަތީގައި ހިނިތުންވުމެއްވިއެވެ. ވިސާމްވެސް ހިނިތުންވުމަކާއެކީ މިޝްކާއަށް ބަލާލިތަނާހެން މިޝްކާ އޭނަގެ ކަރުގައި އޮޅުލައިގަތެވެ.
“ހެހެ…..ބައްޕި ގައިގަ މިޝީ ނޫން މީހަކު ބައްދައިގެން ނުވޭދޯ؟” ވިސާމް ހެވިފައިހުރެ އެހެން ބުނެލުމުން ރަޝީދާއަށް ވެސް ކަރުނަތައް ފޮހެމުން ހީލެވުނެވެ.
“ހޫނ…….އަދި އަންނާނެ މާމަ ކައިރިއަށް ދުވެފަ. ބައްޕި މަތިން ފަހުން ހަނދާނެއްވެސް ނުހުންނާނެ. ދޯ ދަރިފުޅު؟” ރަޝީދާ މިޝްކާގެ ބުރަކަށީގެ ފިރުމާލަމުން ދޯ ދިނެވެ. ވިސާމް މިޝްކާ އޭނަގެ ގައިން ދުރުކޮށް މިހިރީ މާމައޭ ބުނަން އުޅުނު ވަގުތު ސިޓިންގް ރޫމަށް ނިކުތް ޚާލިދަށް އެމީހުން ފެނުނެވެ.
“އަނހަ ސޭމް! އަނބުރާ އައީތަ އެއްކޮށް؟” ޚާލިދު އެ ދިމާލަށް އަންނަމުން އުޖާލާވި ހިނިތުންވުމަކާއެކީ އަހާލިއެވެ. ވިސާމް ބޯޖަހާލަމުން އާނއެކޭ ބުނެލީ ސުވާލުގެ އެއްބަޔަށެވެ. އޭނަ އަނބުރާ އަޔަސް މުޅި ޢުމުރަށް އޭނައަށް މަންސޫރާއި އެއްފުރާޅެއްގެ ދަށުގައި އުޅެވޭނެހެނެއް ހިއެއްނުވެއެވެ. އޭނަގެ ހިތުގައިވި ވާހަކަތައް ނޭނގުނު ޚާލިދު ވަގުތުން އެތެރެއަށް އަންނާށޭ ބުނެ ވިސާމްގެ ފޮށި އެތެރެއަށް ވެއްދުމުގައި އޭނައަށް އެހީވެދިނެވެ. އެތެރެއަށް ވަތް މަގުމަތީގައި ރަޝީދާ ވިސާމްގެ އަތުން މިޝްކާ އުރާލީ ވިސާމް ހުންނާނީ ވަރުބަލިވެފައިކަން އެނގިގެންނެވެ. ރަޝީދާ ނެގުމުން މިޝްކާ ވަކި މައްސަލައެއް ނުޖައްސައެވެ. ތިން މީހުން ގޮސް ސިޓިންގް ރޫމުގެ ސޯފާގައި ޖައްސާލިތަނާހެން ހަފްސާއަށް ވެސް އެތަނަށް އާދެވުނެވެ. ހަމަ އެއާއެކު ހަފްސާ ވެސް އައިސް ސޭމް ކިހިނެއްތޯ އަހައި ސޯފާއެއްގައި އިށީނެވެ. އެވަގުތު މަންސޫރު ކޮބައިތޯ ވިސާމްގެ ހިތަށްއެރިއެއްކަމަކު އެ ސުވާލު މަތިން ހަނދާން ނައްތާލީ އެ ނަމުން އެތާތިބި އެންމެންގެ ތަބީޢަތް ގޯކުރަން ބޭނުމެއްނުވީތީވެއެވެ. އޭނަ ސުވާލެއް ނުކުރިއެއްކަމަކު މާ ގިނައިރެއްނުވެ އޭނައަށް އަމާޒުވާން ފެށި އެތައް ސުވާލެއްގެ ސަބަބުން ވިސާމް ފުން ނޭވައެއް ދޫކޮށް ހުރިހާ ވާހަކައެއް ކިޔައިދޭން ޖެހުނެވެ. އޭނަ މާލެއަށް ގޮސް މެހެނާޒާއި ދިމާވި ގޮތުން ފެށިގެން އައްޑޫއަށް އަނބުރާ އަންނަން ޖެހުނު ގޮތާއި ހަމައަށް ވިސާމް ތަފްޞީލުކޮށް ކިޔައިދިނެވެ. އޭނަގެ ވާހަކަ ނިމުނުއިރު އެތާތިބި އެންމެންގެ ހިތުގައި މެހެނާޒަށްޓަކައި ނަފްރަތެއްވިއެވެ.
“ރަނގަޅު އޭނަ މަރުވިކަން ވެސް! ސޭމް ޔޫ ޑިޑްންޑް ޑިޒާވް ހާރ. ސޭމްއަށް ލިބިދާނެ އެއަށްވުރެ މާ ރަނގަޅު ކުއްޖެއް.” ހަފްސާ ފުސްމޫނު ހަދައިގެން އިނދެ ބުނެލިއެވެ. އެ ހިނދު ވިސާމް އިސްޖެހިފައި އިނެވެ.
“ހަފިއްތަ އެބުނީ ރަނގަޅަށް. ބޭބެއަށް ދެން ފެންނަނީ ސޭމް އެ ހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތާލަން. އަދި އަނެއްކާވެސް ސޭމްގެ ކަރިއާރ ބިލްޑްކުރަން ފަށަން. ސޭމްގެ ޓެލެންޓް އަދިވެސް ހުންނާނެކަން ބޭބެއަށް ޔަޤީން.” ޚާލިދު ވިސާމްގެ ކޮނޑުން އަތް ވައްޓާލަމުން ދިން ނަޞޭޙަތުން ރަޝީދާ ނުރުހުންވިއެވެ. މި މީހުން އަދިވެސް ބޭނުންވަނީ އޭނަގެ ދަރިފުޅު ހަލާކުގެ ތެރެއަށް އުކާލަންތޯ އޭނަގެ ހިތަށްއެރިއެވެ. އޭނަ ވަރުގަދަ ޖަވާބެއް ދޭން އުޅުނު ވަގުތު ވިސާމް މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ.
“ނޫން ޚާލިދުބެ. އަހަރެން ދެން އެ ފީލްޑަށް އަނބުރާ ދާހިތެއްނުވޭ. އެ ދާއިރާއިން އަހަންނަށް ކުރެވުނީ ވަރަށް ހިތި ތަޖުރިބާތަކެއް. ބޭނުމެއްނޫން އަނބުރާ އެ ދުނިޔެއަށް ދާކަށް.” ވިސާމް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލި ވާހަކައިން މިފަހަރު ރަޝީދާގެ ހިތަށް ވެރިވީ ބަޔާންކުރަންދަތި ހަމަޖެހުމެކެވެ. އޭނަގެ ލޮލަށް ޖަމާވެގަތް އުފާވެރިކަމުގެ ކަރުނަތަކާއެކީ އޭނައަށް ހިތާހިތުން ޙަމްދުކުރެވުނެވެ.
“އެކަމަކު…..” ޚާލިދުގެ ވާހަކަ ރަޝީދާ މެދުކަނޑާލިއެވެ.
“ވަރަށް ރަނގަޅު ނިންމުމެއް ތި ނިންމީ ދަރިފުޅު. ދަރިފުޅަށް ވަރަށް ފަސޭހައިން އެހެން ވަޒީފާއެއް ލިބިދާނެ އިން ޝާ ﷲ. މަންމަ ދަރިފުޅަށްޓަކައި ދުޢާކޮށްދޭނަން.” ރަޝީދާ ބުނެލިއެވެ. އޭނަގެ އެވާހަކައިން ވިސާމް އޭނައަށް ބަލާލަމުން ލުއި ހިނިތުންވުމެއް ދައްކާލިއެވެ. އެއަށްފަހު ޚާލިދާއި ހަފްސާ ވެސް އިތުރު އެއްޗެކޭ ނުބުންޏެވެ.
ވިސާމް ފެންވަރައި ތާޒާވެލައިގެން ނިކުތްއިރު ރަޝީދާ މިޝްކާއަށް ކާންދީފައި ނިންދަވަންވެގެން އެ ކޮޓަރިއަށް ގެންނަނީއެވެ. ވިސާމް މަންމައަށް ފުރުޞަތު ދީފައި ކޮޓަރިން ނިކުތެވެ. ހަމަ އެއާއެކު ސިޓިންގް ރޫމުގައި ތިބި 10 އަހަރުގެ އައިމަނާއި އަޒާން ފެނިފައި ވިސާމްވީ އުފަލާއެކީ އެ ދެމީހުންނަށް ވަކިވަކިން ގޮވާލިއެވެ. އެމީހުން ވެސް އެމީހުންގެ ތިއްތިބެ ފެނިފައި އުފަލުން ގޮސް ވަގުތުން ވިސާމާއި ވާހަކަ ދައްކަން ފެށިއެވެ. ވިސާމް އެ ދެބެއިންނާއެކީ ކެއުމަށްފަހު ޓީވީ ބަލަން ފެށީ އެމީހުން އެދުނު ވަރުންނެވެ. އައިމަންމެން ބަލަމުން ދިޔައީ އޭނަ ވެސް އެ ޢުމުރުގައި ބަލަމުން ދިޔަ ފަދަ އިޝްޤީ ލަވަތައްކަން ވިސާމަށް ފާހަގަވިއެވެ. މިއީ މި ޒަމާނުގެ ކުދިން ބޮޑުވާ ގޮތީތާއޭ އޭނަގެ ހިތަށްއެރިއެވެ. މަންމަ ކަހަލަ މީހުން ކިތަންމެ ބޭނުންވިޔަސް އެކަން ކޮންޓްރޯލް ކުރެވޭނީ ފަހެ ކޮން ބާރަކަށް ހެއްޔެވެ؟ ލަދުކުޑަ ކަންތައްތައް މިވަނީ ދުވަހަކުވެސް ނުފެތުރޭ ވަރަށް މުޖުތަމަޢަށް ފެތުރިފައެވެ. ވީއިރު މިފަދަ ޙާލަތެއްގައި ޒުވާން ކުދިން “ޞާލިޙު” އުޅުމެއް އުޅެން ދީނީ މީހުން އުއްމީދު ކުރަނީ ކިހިނެއްހެއްޔެވެ؟ އެ ސުވާލުތަކަކާއެކީ ވިސާމްގެ ހަނދާނަށް އައީ ރާއިފެވެ. ތުނބުޅި ދިގު މީހުން ދައްކަނީ ހުސް ބޯދާ ވާހަކަތަކެއްކަމަށް އޭނަ ބުނެލި ވާހަކައެވެ. ވިސާމަށް އެވާހަކަ މިއަދު ޤަބޫލު ކުރެވެއެވެ. އެމީހުން މީހުންގެ ފަރާތުން އުއްމީދު ކުރަނީ ނާދިރު ކަންތައްތަކަށެވެ. އޭނަ ފަދައިން އައިމަންމެނަށް ވެސް ދެން ދުވަހަކުވެސް އެފަދަ ލަވަތަކާއި ދުރެއް ނުވެވޭނެކަން ވިސާމަށް ޔަޤީން ކުރެވުނެވެ. އެ މީހުން ނަމާދުވެސް ނުކުރާނެކަމަށް ނިންމުނުތަނާ މާ ގިނައިރެއްނުވެ އެކަން ޔަޤީންވެސް ކުރެވުނެވެ. އެދުވަހުގެ ޢަޞްރު ނަމާދަށް ބަންގި ގޮވަން ފެށުމުން ވެސް އައިމަންމެން ތިބީ ޓީވީ ބަލާށެވެ. ނަމާދު ގަޑިއަށް ޓީވީގެ ޗެނަލްތައް ކެނޑުމުން ވެސް އައިމަން ޝަކުވާ ކުރިއެވެ. އަޒާން އެއްޗެކޭ ނުބުނެ އިނީ އޭނައަކީ މަޑުމައިތިރި ޒާތެއްގެ ކުއްޖަކަށްވުމުން ކަމަށް ވިސާމަށް ނިންމުނެވެ. ބަންގީގެ އަޑު ކެނޑުނުތަނާހެން ރަޝީދާ އައިސް އެ ތިން މީހުންނަށް ވާ ގޮތަށް ނަމާދަށް ދިޔުމަށް އަންގައިފިއެވެ. ހަމަ އެއާއެކު އައިމަން ޗޮއްކަނޑާލި އަޑުއިވުނެވެ. އެކަން ރަޝީދާއަށް ސިއްރެއް ނުވިއެވެ.
“އައްމު! އައްމުއަށް ރަނގަޅަކަށޭ ދައްތަ މިހެން މި ބުނަނީ. ދެންމެ ބަންގީގަ އެ އެންގީ ކާމިޔާބު ލިބިގަންނަން އަންނާށޭ. އައްމު ކާމިޔާބުވާން ބޭނުން ނުވަނީތަ؟” ރަޝީދާ މަޑުމައިތިރި އަޑަކުން އަހާލިއެވެ. އައިމަން ދެންވެސް ރުޅި މޫނު ހަދައިގެން އިންދާ އަޒާން ކުއްލިއަކަށް ތެދުވެގެން ކޮޓަރިއަށްދާން ހިނގައިގަތްތަން ފެނުނެވެ. އެ މަންޒަރު ފެނިފައި ރަޝީދާ ހިނިތުންވެލިއެވެ.
“ބަސްއަހާ ކުދިން އެބަ ފެނޭތަ؟ އައިމަންއާ ވިސާމްވެސް ދޭ ދެން އަވަހަށް.” ރަޝީދާ ބުނެލިއެވެ. އޭނަ ދޫނުކުރާނެކަން އެނގިގެން އައިމަން ފުން ނޭވައެއް ދޫކޮށް ނުރުހުންތެރިކަމާއެކީ ތެދުވެގެން ދިޔައެވެ. ވިސާމް ދެންވެސް އިންގޮތަށް އިންނަން ފެށުމުން ރަޝީދާ ގޮސް އޭނަގެ ކައިރީގައި އިށީނެވެ. ރަޝީދާ އެއްޗެކޭ ބުނަން އުޅުނު ވަގުތު ވިސާމް ލުއިގޮތަކަށް ހީލިއެވެ.
“މަންމަ އަހަންނަށް ވެސް ވިސްނައިދޭނީ ކުޑަކުއްޖަކަށް ވިސްނައިދޭ ގޮތައްތަ؟” ވިސާމް އަހާލިއެވެ.
“ނޫން……..މަންމަ ބޭނުމީ ވިސާމްއާ ސުވާލެއްކޮށްލަން. އެއީ….ތި ހުރިހާ ހިތާމަތަކެއްގެ ތެރޭގަ އެކަނި އުޅުނުއިރު ވިސާމް ﷲ މަތިން ހަނދުމައެއްނުވޭހޭ.” ރަޝީދާ ނޭނގޭ ކަމަށް ހަދައި ސުވާލުކުރިއެވެ. އޭނަގެ ބައްޕަ އެހާވަރަށް އޭނައަށް ﷲ މަތިން ހަނދާންކޮށްދީފައިވަނިކޮށް އެފަދަ ޙާލަތެއްގައި ވިސާމްގެ ޚިޔާލު ހުންނާނެގޮތް ރަޝީދާއަށް އަންދާޒާ ކުރެވޭތީވެއެވެ. އޭނަ ހީކުރި ގޮތަށް ވިސާމް ހިނދުކޮޅަކަށް ހުއްޓުން އަރާފައި އިނެވެ. އެއަށްފަހު އޭނަ ދުރަށް ނަޒަރު ހިންގާލަމުން ވާހަކަ ދެއްކިއެވެ.
“ބައްޕަ މަތިން ހަނދާންވީ. ދެރަކަމެއް ދިމާވީމަވެސް ބައްޕަ ހިނިތުންވެފައި ހުންނަ ގޮތް. ބައްޕަ ބުނީ ތިމަންނަ އުފާވަނީ ނަމާދުކުރީމައޭ. އެކަމަކު އެއީ ދޮގެއް. ބައްޕައަކީ ހިތްވަރުގަދަ އަދި ހިތްހެޔޮ މީހަކަށްވީމަ އެހާ ބޮޑަށް ހިނިތުންވެފަ ހުންނަން އެނގުނީ. ނަމާދާއި ބެހޭ ގޮތުން އެންމެ ރަނގަޅަށް އެނގޭ މީހުން އެހެން އުޅޭތަނެއް ނުފެނޭ.” ވިސާމްގެ އެންމެ ފަހު ޖުމްލައިގައި ނުރުހުންތެރިކަމެއް އެކުލެވިގެން ދިޔައެވެ. ހަމަ އެއާއެކު ރަޝީދާގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅު ބާންޏެއް ނެގިއެވެ. އަދިވެސް މަންސޫރުގެ ގޯސް މިސާލު ވިސާމްގެ ހިތުގައި ބިންވަޅު ނެގިފައިވާކަން އޭނައަށް އެނގުންވިއެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު ވިސާމް ދެންވެސް ވާހަކަ ދެއްކިއެވެ.
“ކޮބައިތަ އޭނަ؟!” ވިސާމް ދެދަތްޕިލަ ޖައްސައިގެން ހުރެ އެ ސުވާލު ކޮށްލިއިރު ރުޅިން މުޅި މީހާ ރޫރޫއެޅިއެވެ.
“މީހުން ޙައްޖަށާއި ޢުމްރާއަށް ފޮނުވާ ކުންފުންޏެއް ހުޅުވައިގެން އުޅެނީ. ޢުމްރާއަށް ގޮއްސަހުރީ. 2 ހަފްތާއެއްހާ ދުވަހުން އަންނާނެ ވާހަކަ ބުނި.” ރަޝީދާ ކިޔައިދިނެވެ.
“ރަނގަޅަށްވިއްޔާ އެންމެންގެ ފައިސާ ކާލާފަ އަންނާނީ.” ވިސާމް އެހެން ބުނެލިތަނާހެން ރަޝީދާ ވިސާމްގެ ނަމުން ގޮވާލިއެވެ. ވިސާމް އިތުރަށް މަޑުކުރުމެއްނެތި ސޯފާއިން ތެދުވެގެން ދާން ހިނގައިގަތެވެ. ރަޝީދާއަށް މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
ރަޝީދާ އޭގެ ފަހުން ވިސާމް ނަމާދު ކުރުވުމަށްޓަކައި ކުރި ހުރިހާ މަސައްކަތެއް ދިޔައީ ފަންފުލުންނެވެ. އޭނަ އެކި ގޮތްގޮތަށް ބުނެބުނެ ވިސާމް އަޅައެއް ވެސް ނުލިއެވެ. ނަމާދު ކުރުމަށް ބުނާ ވަގުތު ވިސާމް އޭނައަށް ބަލާވެސް ނުލަނީއެވެ. ކޮންމެއަކަސް ވިސާމް ފުރަތަމަ ދުވަހުއްސުރެ ކުރި ބުރަ މަސައްކަތުން އޭނައަށް ވަޒީފާއެއް ލިބުނު ދުވަހު ރަޝީދާއަށް އޭނަގެ ސަމާލުކަން ލިބޭ ގޮތްވިއެވެ. އެދުވަހު ވިސާމް ހުރީ އެ ވަޒީފާ ލިބުމުން އެކަން ޤަބޫލުކުރަން ވެސް ދަތިވެފައެވެ. އޭނައަށްވުރެ މާ މޮޅެތި ސެޓްފިކެޓްތައް ހުރި ކުދިން ވެސް އިންޓަވިއުއަށް ގޮސްފައިވިތަން އޭނައަށް ފެނިފައިވާތީވެއެވެ. އެ ވާހަކަ ވިސާމް ޚާލިދުމެންނަށް ކިޔައިދިން އަޑު އިވިފައި ރަޝީދާ އެރޭ އެގޭގެ ސިޓިންގް ރޫމް ހިމޭންވި ވަގުތު ވިސާމާއި ވާހަކަ ދެއްކިއެވެ.
“ވިސާމް އަޖައިބެއްނުވޭތަ؟” ރަޝީދާ އަހާލިއެވެ.
“ކޮން ކަމަކާ؟” ސޯފާއަށް ލެނގިގެން އޮތް ވިސާމް ޓީވީގެ އަޑުމަޑުކޮށްލަމުން ޙައިރާންކަމާއެކީ އަހާލިއެވެ.
“މި ހުރިހާ ދުވަހު ވިސާމަށް ވަޒީފާއެއް ނުލިބި ހުރެ ހަމަ މިހާރު ލިބުނީމަ.” ރަޝީދާ ބުނެލިއެވެ. ވިސާމަށް ހީލެވުނެވެ.
“މާ ބޮޑު އެއްޗެކޭ ހިތަކަށްނާރާ.” ވިސާމް މާބޮޑު ފަރުވާލެއްނެތި ބުނެލިއެވެ. އަދި ޗެނަލް ބަދަލު ކުރަން ފެށިއެވެ. ރަޝީދާ ވިސާމަށް ބަލަން އިނދެ ސޯފާ މަތީގައި އޮތް ވިސާމްގެ އަތް ނަގައި އެ އަތުގައި ދެއަތުން ހިފަހައްޓާލިއެވެ. އެ ޙަރަކާތުން ވިސާމް ރަޝީދާއަށް ބަލަން މަޖުބޫރުވިއެވެ.
“ވިސާމް……..ވިސާމް ވިސްނާލަބަލަ ﷲ ގެ ރަޙްމަތާމެދު. މި ހުރިހާ ދުވަހު އެކަލާނގެއަށް އުރެދޭފަދަ ކަންތައްތައް ވިސާމަށް ނުކުރެވޭތަ؟ އެކަލާނގެ އެއްގޮތަކަށް ވެސް ހަނދުމަނުކޮށް އެތައް ދުވަހެއް ވޭތުނުވޭތަ؟ އެކަމަކުވެސް އެކަލާނގެ މިއަދުވެސް ވިސާމަށް ނިޢުމަތްތައް އެބަދެއްވާ. ވިސާމް ދަތި ޙާލެއްގައި ވަނިކޮށް އެ ދަތި ޙާލުން މިއަދު އެކަލާނގެ ވިސާމް މިންޖު ކުރެއްވީ. އެއީ ކޯޓު ފަޓުލޫނު ލައިގެން ހުރި މީހެއްގެ ނިންމުމެއްނޫން. އެއީ ﷲ ގެ ނިންމުން.” ރަޝީދާ ބުނެލިއެވެ. ވިސާމަށް ބަލަހައްޓައިގެން އިނުން ނޫންކަމެއް ނުކުރެވުނެވެ. އޭނަ އެއްޗެކޭ ނުބުނުމުން ރަޝީދާ އިތުރަށް ވާހަކަ ދެއްކިއެވެ.
“ﷲ އިރާދަކުރެއްވިނަމަ ވިސާމް ފާފައެއް ކުރާ ކޮންމެ ފަހަރަކު އެކަލާނގެ ޢަޒާބެއް ފޮނުއްވައި ވިސާމް ހަލާކު ކުރެއްވީސް. އެކަމަކު އެހެންވިތަ؟ ވިސާމްގެ ނޭވާ އެއްފަހަރުވެސް ހުއްޓުނުތަ؟ ހިތުގެ ތެޅުން ހިނދުކޮޅަކަށް ވެސް ހުއްޓުނުތަ؟ ނޫން! ވިސްނާލަބަލަ މިކަމާމެދު ވިސާމް. ވިސާމް ޝުކުރުކުރަން ނުޖެހޭތަ ﷲ އަށް؟” ރަޝީދާ އަހާލިއެވެ. އެ ސުވާލުތަކާމެދު ވިސާމަށް ވިސްނެން ފެށިކަން އެ މޫނުމަތީގެ ކުލަވަރުން ރަޝީދާއަށް އެނގުންވިއެވެ. ވިސާމަށް ރަނގަޅު ނިންމުންތަކާއި ހަމައަށް ދެވޭނެގޮތެއް ހައްދަވައި ދެއްވުމަށް އެދި ރަޝީދާގެ ހިތް ދުޢާކޮށްކޮށް އޮތްވާ ކުއްލިއަކަށް ފިރިހެނެއްގެ އަޑު އިވުނެވެ.
“ޝައިޠާނާ އަނެއްކާވެސް އައިއްސިދޯ މިގެއަށް؟” އެ އަޑަށް ވިސާމަށާއި ރަޝީދާއަށް އެކުއެކީގައި ގޭގެ ހުޅުވާލެވިފައިވާ ދޮރާއި ދިމާލަށް ބަލާލެވުނެވެ. ހަމަ އެއާއެކު ވިސާމްގެ މޫނު ރުޅިން ރަތްވީ ހިނދު ރަޝީދާގެ މޫނުމައްޗަށް ވެސް ނުރުހުންތެރިކަން ވެރިވިއެވެ. ދެމީހުންނަށް ތެދުވެވުނީ އެކުއެކީގައެވެ. އެވަގުތު ނޯކަރަކު މަންސޫރުގެ ފޮށި އެތެރެ ކުރަން ފެށުމުން އޭނަ އޭނަގެ ރުޅި މޫނާއެކީ ގޭތެރެއަށް ވަންނަން ފެށިއެވެ.
“ކޮބާ ކިހިނެއްތަވީ މަ ނުކުރާށޭ ބުނި ކަންތައްކުރީމަ؟ މަޝްހޫރުކަން ވެސް ގެއްލުނީ. ފައިސާވެސް ގެއްލުނީ. ނުވިތާކަށް……އަނބިމީހާވެސް ގެއްލުނީ.” މަންސޫރު އެންމެ ފަހު ވާހަކަ ބުނަމުން ވިސާމްގެ ކުރިމަތީގައި ހުއްޓިލަމުން މަލާމާތުގެ ރާގަކަށް ހޭންފެށިއެވެ. އެ ހިނދު ވިސާމްގެ ދަތްކުނޑި ވިކުނެވެ. އޭނަ ބަލަބަލާ ހުއްޓާ މަންސޫރު އޭނަގެ ހުނުން ހުއްޓާލިއެވެ.
“އަމިއްލަ ޙަރާމް ދަރި ވެސް ހިފައިގެންތަ ތިއައީ މިގެއަށް؟” މަންސޫރު އެހެން ބުނެލިތަނާހެން ރަޝީދާ ކެތްނުވެގެން ހަރުއަޑުން މަންސޫރޭ ކިޔައި ގޮވާލިއެވެ.
“ކިތަންމެ ބާރަށް ގޮވިޔަސް ޙަޤީޤަތް ބަދަލެއްނުވާނެއެއްނު ދޯ ރަޝީދާ؟ ޕިސް ޕިސް…..ލަދުވެސް ގަނޭ އެކުއްޖާއަކީ އަހަރެންގެ ކާފަ ދަރިއޭ ބުނަން.” މަންސޫރު ދެންވެސް ވާހަކަ ދެއްކީ ރާގަކަށެވެ. އޭނަގެ އެ ވާހަކަ ނިމުނުތަނާހެން ވިސާމް ވާހަކަ ދެއްކިއެވެ.
“އެއީ ކަލޭގެ ކާފަ ދަރިއެއްނޫން. އެއީ ކަލެއާއިބެހޭ ކުއްޖެއްވެސް ނޫން. މަގޭ ދަރިފުޅަށް ކަލޭގެ ހިޔަނިވެސް އެޅޭ ހިސާބުގަ ކަލޭ ހުރެގެން ނުވާނެ. ހަނދާން ކުރާތި!” ވިސާމް މަންސޫރަށް ލޯ އަޅާލަމުން އެހެން ބުނެ ދާން ހިނގައިގަތެވެ. ރަޝީދާއަށް މާޔޫސްކަމާއެކީ އެ މަންޒަރު ބަލަން ހުރުން ނޫންކަމެއް ނުކުރެވުނެވެ. ވިސާމަށް ހެޔޮ ވިސްނޭނެ ފުރުޞަތެއް ލިބޭނީ ކޮން ދުވަހަކުންތޯ އޭނަގެ ހިތަށްއަރަމުން ދިޔައެވެ.
އެދުވަސްފަހުން ކަންތައް ބަދަލުވަމުން ދިޔައީ ގޯހުން ގޯހަށެވެ. މަންސޫރު ވިސާމްގެ ކުރިމަތީގައި މިޝްކާއާއި ބެހޭގޮތުން ދައްކަން ފެށީ އެއަށްވުރެ ވެސް ހުތުރު ވާހަކަތަކެވެ. އެ މައުސޫމް ކުއްޖާވެސް ބޮޑުވެގެން ކުރާނެ ލަދުކުޑަ ކަންތައް ގޭގެ ކާމޭޒުދޮށުގައި ވެސް ދައްކަމުން ދިޔަ ގޮތުން ވިސާމްގެ މޫނުމަތިން ނުރުހުންތެރިކަން ފިލާ ގޮތެއްނުވެއެވެ. އެހެނަސް ވިސާމް ކެތްކުރެވޭތޯ ބެލީ އެފަދަ ޙާލަތެއްގައި ވެސް ބައްޕަ ކަންތައް ކުރާނެ ގޮތުގެ މަތިން ހަނދާން ކޮށްފައެވެ.
ވިސާމަށް ނޭނގުނު ކަމަކީ އޭނަގެ ތުއްތު ދަރިފުޅަށް އަމާޒުވަމުން ދިޔައީ ހަމައެކަނި ބަހުގެ ޙަމަލާތަކެއް ނޫންކަމެވެ. ވިސާމް ވަޒީފާގައި ގިނަ ވަގުތުތައް ހޭދަކުރަން ފެށިފަހުން މަންސޫރު މިޝްކާގެ މައްޗަށް އަތްވެސް އިސްކުރަން ފެށިއެވެ. މިޝްކާއަށް ލަސްލަހުން ހިނގެން ފެށިފަހުން އޭނަ މަންސޫރުގެ ކޮޓަރިއަށް ވެސް ދާންފެށިއެވެ. އެއްދުވަހު މަންސޫރު ނަމާދަށް ހުއްޓާ މިޝްކާ އޭނަގެ ކުރިމައްޗަށް އެރިކަމަށްޓަކައި ނަމާދު ނިމުމާއެކު މުޅި ގޭގެ ތެރޭގައި މިޝްކާގެ ރުއިމުގެ އަޑު ހަރުލިއެވެ. ގޭގެ އެންމެންގެ ގޮސް ބަލާލިއިރު މަންސޫރު އެ ކުޑަކުޑަ ދަރިފުޅާއި ދިމާލަށް ވެސް އެއްޗެހި ގޮވަނީއެވެ. ރަޝީދާ ގޮސް މިޝްކާ އުރާލުމުން ވެސް އޭނަ ޙަރާމް ދަރިއެކޭ ކިޔާފައި ކުދިކިޔަމުން ދިޔައެވެ. އޭގެ ފަހުން ދުވަހަކުވެސް ވިސާމް އޮފީހުގައި ހުއްޓާ މިޝްކާ ފެންބޯށޭ ކިޔާފައި ހުއްޓާލުމެއް ނެތި ރޯން ފެށުމުން މަންސޫރު އައި ރުޅީގައި ބޮޑު ފެންތަށްޓެއްގެ ފުރައި ފެންއަޅައިގެން ގޮސް މިޝްކާގެ ތުނބުގައި ޖެއްސިއެވެ. އަދި މިޝްކާ ބޯންފެށިތަނާހެން އެ ތަށި ވަރަށް ބޮޑުތަން އަހިކޮށްލިއެވެ. ހަމަ އެއާއެކު އެ ހުރިހާ ފެން އެކީގައި އަންނަން ފެށުމުން މިޝްކާ ކޮށިއަރައި ނިކަން ގަދައަށް ކެއްސަން ފެށިއެވެ. އެއަޑަށް ރަޝީދާ އައިސް ވަގުތުން މިޝްކާ ނަގައި ބުރަކަށީގައި ފިރުމައި ނޭވާގައި ހިފަހައްޓާފައި ރަނގަޅު ކުރުވިއެވެ. އެއަށްފަހު މަންސޫރާއި ދިމާލަށް އެއްޗެހި ކިޔަންފެށިއެވެ. އެއްޗެހި ކިޔުމުން އޭނައަށް ލިބޭނެ އަނިޔާ ގިނަވާނެކަން އެނގި ހުރެއެވެ. އެހެނަސް އޭނައަށް ރުޅި އިސްނުކޮށް ހުރެވޭނީ ކިހިނެއް ހެއްޔެވެ؟ މިހާރު ވެސް މަންސޫރުގެ މި ޢަމަލުތައް ވިސާމަށް ސިއްރުކުރެވެނީ ކިރިޔަ ކިރިޔާއެވެ. ވިސާމަށް މި ކަންތައް އެނގޭ ދުވަހަކުން އޭނަ ދުވަހަކުވެސް ދީނާއި ދުރުނުވާވަރަށް ދީނާއި ދުރުވެގެން ދާނެ ކަމުގެ ބިރު ރަޝީދާއަށް ހީވެފައިވެއެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ އެ ބިރު ޙަޤީޤަތަކަށްވިއެވެ.
އެއްދުވަހަކު މަންސޫރު އޭނަގެ ބައެއް އެކުވެރިންނާއެކީ ގޭގެ ތެރޭގައި ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި މަންސޫރު ހުރީ އާދަޔާ ޚިލާފަށް ހެވިފައެވެ. އެ ބައްދަލުވުމުގައި އޭނަ ލައިގެން ހުރީ އޭނަ މައްކާއިން ގަތް ވަރަށް އަގުބޮޑު އާ ހުދުކުލައިގެ ކުރުތާއެކެވެ. އެވާހަކަ ވެސް އެކި އެކި ވާހަކަތަކުގެ ތެރެއިން އޭނަ އެކުވެރިންގާތު ބުނެވޭތޯ މަންސޫރު ޔަޤީންކުރިއެވެ. 2 ގަޑިއިރެއްހާއިރުގެ އެ ބައްދަލުވުން ނިމިގެން ދިޔައީ އިރު އޮއްސެން ގާތްވެފައިވަނިކޮށެވެ. 6 ޖެހިއިރު އޭނަގެ ހުރިހާ އެކުވެރިންނަށް އަލްވަދާޢު ކިޔުމަށްޓަކައި މަންސޫރު މައިދޮރު ކައިރިއަށް ދިޔައެވެ. އެންމެ ފަހު އެކުވެރިޔާ ނިކުމެގެން ދިޔުމުން މަންސޫރު ފުން ނޭވައެއް ދޫކޮށް ދޮރު ލައްޕާލިއެވެ. އެއަށްފަހު އޭނަ އަނެއްފަރާތަށް އެނބުރިލީތަނާހެން އައިމަންމެން އަތުގަ ނުޖެހެން ދުވަމުން ދިޔަ މިޝްކާ އައިސް މަންސޫރުގެ ގައިގައި ޖެހުނެވެ. މިޝްކާ ގަތް ބިރާއެކީ ވަގުތުން މަންސޫރާއި ދުރަށް ޖެހިލީ އޭނަގެ ދެއަތް މައްޗަށް ހިއްލައިގެން ހުރެއެވެ. އެވަގުތު އެ ދެއަތުގައި ކަޅުކުލައިގެ ފެންކުލަ ހުރިތަން ފެނިފައި މަންސޫރު ދެލޯ ބޮޑުކޮށްފައި އޭނަގެ ކުރުތާއަށް ބަލާލިއެވެ. އެވަގުތު އެ ކުރުތާގައި ކަޅުކުލައިގެ ދެއަތް ހުރިތަން ފެނިފައި އެ މޫނު ރުޅިން ރަތްވެގެން ދިޔައެވެ. އޭނަ ކުއްލިއަކަށް މިޝްކާ ނަގައި ހިއްލާލިއެވެ. މިޝްކާ ބާރަށް ރޯން ފެށި ވަގުތު އެހާ ހިސާބަށް އައިމަނާއި އަޒާން ވެސް އައިއްސިއެވެ.
“ކޮން ތަނަކަށް ތި ކުއްޖާ ތި ގެންދަނީ؟ އެނ؟” ދުރުގައި މަންޒަރު ބަލަން ހުރި ރަޝީދާ މަންސޫރު އޭނައާއި ހަމަ ވުމާއެކު އަހާލިއެވެ. އެހެނަސް މަންސޫރު މަޑު ކުރުމެއްނެތި އޭނަގެ ކޮޓަރިއަށްވަނެވެ. ރަޝީދާ ވެސް އޭނަގެ ހިނގުން އަވަސް ކުރެވޭތޯ ބަލަމުން ދިޔައެވެ. މަންސޫރު މިޝްކާ ގޮވައިގެން ވަނީ އެ ކޮޓަރީގައި ހުންނަ ބޮޑު ފާޚާނާއަށެވެ. ފާޚާނާއަށް ވަތްގޮތަށް މަންސޫރު އެ ކުޑަ ކުއްޖާ ބާތް ޓަބް ގެ ތެރެއަށް ތިރިކޮށްފައި ވައްޓާލިއެވެ. ޖެހުނު އަޑު އިވުނު ގޮތުން މިޝްކާގެ ބޮލަށް ތަދުވާނެކަން ޔަޤީނެވެ. މިޝްކާގެ ރުއިމުގެ އަޑު ގަދަވުމުން ވެސް މަންސޫރު އެ އަޑަކަށް ވިސްނުމެއް ނެތި މިޝްކާގެ ގައި މައްޗަށް ފެން އަޅަން ފެށިއެވެ. ރަޝީދާ އަޑުގެ ކޮޅަށް މަންސޫރަށް ގޮވަމުން ފާޚާނާގެ ތެރެއަށް ވަދެ އޭނަ ހުއްޓުވޭތޯ ބެލިއެވެ. އެހެނަސް މަންސޫރު ރަޝީދާގެ އަތް ފޮޅުވަމުން ދިޔައެވެ. އެވަގުތު ޚާލިދާއި ހަފްސާއާއި އައިމަންމެން ވެސް އެކޮޓަރިއަށް އައިއްސިއެވެ. މާ ގިނައިރެއްނުވެ ޓަބްގައި ފެން ގިނަވެގެން ގޮސް މިޝްކާ މުޅިން އަޑިއަށް ގޮސް ތެޅެން ފެށުމުން މަންސޫރު އެ ކުޑަ މޫނުމަތީގައި އެއްއަތް އަޅާލިއެވެ. އެވަގުތު ރަޝީދާގެ ރުއިމުގެ އަޑުގެ މައްޗަށް ވިސާމް ހަޅޭއްލަވައިގަތް އަޑުއިވުނެވެ. އެވަގުތު ޓަބްގެ ކައިރީގައި ތިބި ރަޝީދާއާއި މަންސޫރަށް އެކުއެކީގައި ވިސާމަށް ބަލާލެވުނެވެ. ވިސާމް ހުރީ ރުޅިނެއްކަމަކު އޭނަ ހުރީ ރޮވެން ކައިރިވެފައެވެ. އޭނަ ދިގު ފިޔަވަޅުތަކެއް އަޅާފައި ގޮސް ރަޝީދާ ކޮއްޕާލުމަށްފަހު މަންސޫރުގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލައި އޭނަ ވައްޓާލިއެވެ. އެއަށްފަހު ލަސްތަކެއް ނުކޮށް ފެނު އަޑީގައި އޮތް އޭނަގެ ދަރިފުޅު އަތްމައްޗަށް ނެގިއެވެ. އެވަގުތު ވެސް އެ ދަރިފުޅު ނޭވާލާކަން އެނގުމުން ވިސާމަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އެހެނަސް އޭނަގެ ރުޅިވެރިކަމަށް އެއްވެސް ބަދަލެއްނައެވެ. އޭނަ އެންމެ ފުރަތަމަ ވެސް ބަލާލީ ރަޝީދާއަށެވެ.
“ތިއީ މަގޭ މަންމައެއްނޫން! މަންމަނަމަ މަގޭ ދަރިފުޅަށް މިހެން ހެދުމުގަ މި ޖަނަވާރަށް އެހީނުވީސް. ހީނުކުރާތި މަށަށް ނޭނގޭ ކަމަށް ކަލޭމެން ކުރާކަންތައް! މަށަށް ކިތަންމެ ސިއްރުކުރަން އުޅުނަސް މަށަށް އެނގޭ މަގޭ ދަރިފުޅުގެ ހަށިގަނޑުގަ ހުންނަ ޒަޚަމްތަކުގެ ފަހަތުގައިވި ސިއްރު. ދެން ކަލޭމެން……..ތިތިބީ މަންޒަރު ބަލާހިތުން ދޯ؟ ޗި! ނުހުންނާނަން ދެން އެންމެ ސިކުންތަކަށް ވެސް މިގޭގަ. މަގޭ ދަރިފުޅަށް ޤަދަރެއް ނުކުރެވޭނީ މަށަށް ވެސް ޤަދަރު ނުކުރެވޭ ބަޔަކަށް.” ވިސާމް ހަރުއަޑުން ވާހަކަ ދެއްކި އިރު އައިސްފައި ހުރި ރުޅިއެއްގެ ސަބަބުން އޭނަގެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ. އޭނަ އެރޭ ހަމަ އެވަގުތު ކޮޓަރިން ނިކުތް ގޮތަށް ގެއިން ވެސް ނިކުންނަން ދިޔައެވެ.
“ވިސާމް!!!” ވިސާމް މައިދޮރުން ނިކުމެގެން ދިޔަ ވަގުތު މުޅި އެ ޞަރަޙައްދުގައި ރަޝީދާގެ އަޑު ގުގުމާލިއެވެ.
**
ރަޝީދާގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާހެން އޭނައަށް ގިސްލެވެން ފެށިއެވެ. ރަޝީދާގެ ޙާލަތު ފެނިފައި އޭނައަށް އިތުރަށް ކިޔައެއް ނުދެވޭނެކަން ޝަފަޤަށް އެނގުންވިއެވެ. މިހާތަނަށް އައިއިރު ޚުދު ޝަފަޤް ވެސް ހުރީ އެ ކަރުނަ އަޅަމުން ގޮސް ވަރުބަލިވެފައެވެ. ރަޝީދާ ކިޔައިނުދިނަސް ވިސާމަށް މިހާ ހިސާބަށް އާދެވިފަ އޮންނާނެ ގޮތް ޝަފަޤަށް އަންދާޒާކޮށްލެވުނެވެ. ވިސާމް އަނެއްކާވެސް ލަވަ ކިޔުންތެރިއަކަށްވީ މަންސޫރުގެ ކިބައިން ބަދަލު ހިފުމުގެ ގޮތުންކަން ޔަޤީނެވެ. އެކަމުގެ ތެރެއިން އަލުން މުއްސަނދިވެގެން ދާނީ އެ ބަދަލު ހިފުމުގެ ރޫޙު ހާދަ ވަރަކަށް ގަދަވީމައެވެ. އެހެނަސް އެހެން ވެސް ކަންތައް ވީ ދެންމެ މަންމަ ބުނި ފަދައިން ވިސާމަށް ދިމާވި ޙާލަތްތަކެއްގެ ސަބަބުންނެވެ. މިއަދަށްފަހު އޭނައަށް ވިސާމް ފެންނާނީ މުޅިން އެހެން ނަޒަރިއްޔާތަކުންކަން ޔަޤީނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.







Masha Allah???
😀 <3 <3 <3
Masha Allah so nice. jazaakilllah kharan mifdha vaahaka eh genesdheythi.
Alhamdhulillah! (All praise and thanks belong to Allah) 😀 Barakallah Laka! 🙂
Masha Allah so nice. jazaakilllah khairan mifdha vaahaka eh genesdheythi.
Varah varah varah varah reethi koniraun nest part varah avaskohdheythi
Alhamdhulillah! 😀 Next part saturday ga In Sha Allah. mifaharu dhan nukoh up kureveytho balaanan In Sha Allah 🙂
Masha allah v reethi mibai ves, hama hageegathuga ves dheenee fikuru maa mahchah gossa thibey meehunthibey dho, maves dhushin ekahala meehaku, ekam aslu ehaa harukashi vaakah nuvaanedho, ehenmeehunah ekan negeynee kihaa goas koh dho! Dhen janakokki ge baheh ves miadhaku neh viyya, kokki mihaaru varah busy koh dho thiulheny, busy koh ulhemun ves mifadha ibraiy theri salhi vaahaka eh genesdheythee jazakallah khairan..
Alhamdhulillah! 😀
hmm kudakamana, ekahala meehun ulhey. Ekamaku emme rangalhu gothaky aharumen abadhuves amilla nafsah belun. Aharumen amilla ah deenai dhuru meehunnah dhakkuvai midheveny kon kahala misaalakaa medhu visnan jeheyny 🙂 mee jana ah emme furathama handhaan kohdhinumeh.
hiy haru vany dheeny fikuru mahchah dhiyaeemaey jana nubunaanan. hiy haruvany Allah ge handhumain dhuruvegen dhiyaeema. Namaadhu kuriyas adhi Quran kiyeviyas adhi deen ungenen masakkaiy kuriyas aharumen aslu Allah handhuma kuran jehey gothah handhuma nukurevidhaane. Iman therikamaky abadhuves mahchah gossa thiriah dhaa ehcheh. Faafathah kurevey varakah e iman therikan dhahvvaane. Iman therikan hifehettumattakai faafathah kurevey komme faharaku aharumen tawba ve eyge badhalugai rangalhu kameh kuran handhaan bahattan vaane. Ehen noony iman therikan dhavvamun dhavvamun gos hiy haruvedhaane. Dhen eyge asaruthah beyru fushun fennan fashaany….mansoor gothah. Ekamaku eyna amilla ah tawba vaan jeheyne heneh eyna ah hieh nuvaane. Ey eyna hithun eyna aky adhives “deenveri” meeheh. mee hama ekani Mansoor ge vaahaka eh noon. mee aharumenge therein komme meehakavves vedhaane gotheh. Jana ahves, kudakamana ahves. Ehenveema aharumen abadhuves vaanvaane gina ginain tawba vaa meehunnah. Maai Allah alhamen emmenge imantherikan rakaatheri kuravvai e iman therikan varugadha kuravvaashi. Ameen!
hehe kudakamana, jana ay kokki kiyaavaruge kuda kujje noon kanneynge dho? 😛 komme akas mihaaru kudakoh busy filaifi ingey. kuree baige comment thakahves reply kuran vegen mihiry In Sha Allah. 🙂 Barakallah Laki! 😀
MashaAllah! Varah reethi!
Alhamdhulillah! 🙂
Assalam’alaikum. 27 vana bayahfahu rasmeekoh fb post thah hissaa nukurevi hurythy jana mihaaru page gai ebayaai gulhey fb post thah ves laafai hunnaane vaahaka bunelameve. mi page ah hurihaa kiyuntherin ziyaairay kollun edhemeve. 🙂 fb gai noolhuvva kiyuntherinnattakai comment thakuge thereygai fb post thah hissaa kureveyne eve In Sha Allah.
https://www.facebook.com/Asr-1445208739121696/
FB Post: (related to part 27)
If we can’t be so sure about our own fate in the Hereafter, then who are we to pass a judgment about the ultimate fate of our muslim brothers and sisters on that Day? It maybe that they would turn towards Allah one day and they will end up doing more good than we can ever do. We don’t know. We just don’t know. So let’s speak to them with kindness, and hope that the good that is hidden deep inside of them comes out one day by the Will of Allah. Because they have seen enough of hatred from us. And it never brought any change. Hence its about time we showed love. May Allah grant us a deeper understanding. Ameen!
FB Post: (related to part 27)
A sincere repentance leads to barakah in rizq. 🙂
Fa qulthusthaghfiroo rabbakum innahoo kaana ghaffaaraa. Yursili samaa-a ‘alaikum midhraaraa. Wa yumdhidhkum bi amwaalin wa baneena wa yaj’allakum jannaathin wa yaj’allakum anhaaraa.
“And said, ‘Ask forgiveness of your Lord. Indeed, He is ever a Perpetual Forgiver. He will send [rain from] the sky upon you in [continuing] showers.And give you increase in wealth and children and provide for you gardens and provide for you rivers.” Surah Nuh, ayat 10-12
https://www.youtube.com/watch?v=8YW8iAn9I4o
FB Post: (related to part 28)
“So by mercy from Allah, [O Muhammad], you were lenient with them. And if you had been rude [in speech] and harsh in heart, they would have disbanded from about you.” Surah Ale Imran, ayah 159
So as followers of Muhammad (SAW), if we become rude in speech and harsh in heart, what would be the state of the ummah?
https://www.youtube.com/watch?v=RWAswSCy6Uk
v reethi masha Allah 🙂
Alhamdhulillah! 🙂
Ma Sha Allah v ibraiytheri vahaka eh. Dua aky Jana thikura masahkathugai Allah barakaaiy levvun adhi saabithukan dhehvun.. aameen.
Ameen! Maai Allah Sha kuraa komme heyo kameggai ves barakaaiy lavvai saabithukan dhevvaashi. Ameen! 🙂 Alhamdhulillah! 😀
masha allah….. jana ya ah hama rangalhah ves rovijje… ya akee ethah masakkathakun ves adhi dharieh ge ufaa nulibi huri nikamechakymu…. mishka ge bai kiyaafa v hiydhathi vehjje…. 🙁 🙁 🙁 …… ekamaku dhn wisham ulhunu goi balaalahiy vany… mibuny mishka govaigen dhn dhaany konthaakah baaey hithah arany… kaaku baaey e dhebafainnah ehee vee…. dhn in bai ge inthizaaruga mihury….. baajjaveri reygandakah edhen jana 🙂
dhen oiy bain engeyne ingey ya thi balan beynun vaa kanthah In Sha Allah 😀 ya….ya ge thi hithaama attakai jana ah hama kiyavaaleveyny jana matheega hissaa koffa oiy Surah Nuh ge e ayah. 🙂 Allah swt e vany yageenkan dhevvaafa ginaginain faafa fussevumah edhi dua koh ekamattkai masakkaiy kuraa meehunge rizq Allah thanavas kohdhevvaanekan. vakin khaassakoh kudhinnaai mudhaluge gothun 🙂 ya ummeedhu kandaalunahchey. ummeedhu kandaalumaky aharumen muslimun kuraakameh noon. Allah ah dua dhennevumugai saabithuve hurey. ya ah niumatheh liben emme rangalhu vaguthu dhenevodigen vany ekalaange. ehenveema abadhuves rangalhah visnan vaany. Subhanallah ya ah engeytha? Zakariyya (AS) muskulhi umurufulhah dhiyaee dharikalaku nulibi. Ekamaku ekaleyge faanu dua kurumugai dhemi hunnevi. aharumen nama ethah ahareh vandhen dua kurumun ves ijaaba nuveema dheravaane dho? Ekamaku Zakariyya (AS) ekaleyge faanu mulhi umuru dhuvahu kurevvihaa dua thakaamedhu vidhaalhuvany keekeykan engeytha ya? 🙂 amilla ah balaalahchey 😉
http://tanzil.net/#trans/en.sahih/19:4